ތަޅު އަނބުރާލުމާއެކު ދާދި ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އޭނާ ވަށައިގެން ބަލާލީ ތަނުގައި ވި އަނދިރިކަމުގެ ސަބަބުންނެވެ. ލޯ ހޭނިލުމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ފޯނުގެ ލައިޓް ދިއްލާލަމުން އޭނާ ކުރިމަތީގައި ހުރި ތޭރިތަކުގެ ތެރެއަށް އަލި ކޮށްލިއެވެ.

އެ ފަނޑު އަލިކަމުގެ ތެރެއިން ޔާސިރު ހޯދާލި ސޫރަ އޭނާގެ ލޮލުގައި އަޅައިނުގަތުމާއެކު އޭނާގެ ދެ ބުމަ ގޮށް ޖެހިގެން ދިޔައެވެ. އަދިވެސް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އޭނާ ފޯނުގެ އަލި އެކި ދިމަ ދިމާލަށް އަޅުވާލިއެވެ. ޗޭނުގަނޑެއް އެއްފަރާތު ކަނުގައި އޮތެވެ. އޭގެ އިތުރުން އެއްވެސް އެއްޗެއް އެ ގޮޅިއަކު ނެތެވެ. އޭނާ ދަތްތަކަށް ބާރުކޮށްލުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. އެ ދޮލުން ބަލާލާ ކޮންމެ މީހަކު ފިއްސާލާފަދަ ބާރެއް ވާހެން ހީވެއެވެ. އެތަނުން ނުކުތުމާއެކު ފޯނުގެ ލައިޓް ނިއްވާލިއެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން އޮފީސް ބަޔާ ދިމާލަށް ހިނގައިގަތެވެ. ލާފައިވާ ސޫޓްގެ ސަބަބުންނާއި މޫނުމައްޗަށް ވެރިވެފައިވާ ރުޅިވެރިކަމުގެ ސަބަބުން އެތަނުގައިވެސް އޭނާގެ ނުފޫޒުގެ ވަރުގަދަކަން އެނގިގެން ދިޔައެވެ. ޔާސިރު ބާރަށް ހިނގާފައި ދިޔަ މަންޒަރު އެވަގުތު އެތަނުގައި ހުރި ގަސްތައް ކޮށަން ހަރާކަތްތެރިވަމުންދިޔަ މީހާގެ ލޮލުގައި އަޅައިގަތުމާއެކު އޭނާއަށް ކުޑަކޮށް ދެލޯ ބޮޑުކޮށްލެވުނެވެ. ކަތުރު ތިރިކޮށްލާ ތިރީގައި ބާއްވަމުން ދާތިކިތައް ފުހެލިއެވެ. ލާފައި ހުރި ގަދަ ފެހިކުލައިގެ ޓީޝާޓުގައި އަތް ފުހެލަމުން އެއްފަރާތަކަށް ޖެހިލާފައި މަޑުމަޑުން ފޯނު ނަގާ ނަންބަރެއް ހޯދާލުމަށްފަހު އޭނާ އެ ނަންބަރަކަށް ގުޅާލިއެވެ. މާގިނައިރެއްނުވެ ފޯނު ނެގުމާއެކު ދެންމެ އޭނާއަށް ފެނުނު މަންޒަރު މަޑުމަޑުން ކިޔައިދިނެވެ.

 

"އަހަރެން ކަލޭއަތަށް ދިން ހަތިޔާރުގެ ބޭނުން ހިފަންވީ ވަގުތު އައިސް ޖެހުނީ... އަހަރެން އެދޭ ގޮތަށް ކަލޭ ކަންތައް ކުރާނަމަ ކަލެއަށް ބޯނަހެއް މި ފަހަރު ދޭނަން..." އެކޮޅުން ބުނެލި ވާހަކައަކުން އެމީހާ އެއްމިޔަކަށް ހީލިއެވެ. އެއަށްފަހު ފޯނު ބޭއްވިއެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރުމަށްފަހު އޭނާ ފޯނުގެ ގެލެރީއިން ކޮންމެވެސް އެއްޗެއް ހޯދަން ފެށިއެވެ. އެ ހޯދާ އެއްޗެއް ފެނުމާއެކު ތުންފަތަށް ވެރިކޮށްލި ހިނިތުންވުން ފުޅާކޮށްލަމުން އޭނާ ޔާސިރުއަށް ބަލާލިއެވެ.

އޮފީސްބަޔަށް ވަނުމަށްފަހު އޭނާ ލަކްޝްގެ ކެބިންއަށް ވަދެ ވަށައިގެން ނަޒަރު ހިންގާލިއެވެ. ކުޑަދޮރުގެ ތޭރިތަކުގެ ކައިރީގައި ސިނގިރޭޓެއް ރޯ ކޮއްގެން ހުރި ލަކްޝް ފެނުމާއެކު އޭނާ އެ ދިމާލަށް ފިޔަވަޅު އަޅާލިވަގުތަކީ ލަކްޝްވެސް ބަލާލި ވަގުތެވެ. ޔާސިރު ފެނިގެން ލަކްޝްގެ އަތުގައި އޮތް ސިނގިރޭޓް ވެއްޓުނީ އޭނާ ސިހުނު ވަރުންނެވެ. ހިންދިރުވާލުމާއެކު އޭނާ ޔާސިރުއަށް ބަލާލިއެވެ. އެ މޫނުމަތިން މިހާރު ފެންނަނީ ޖެހިލުންވެފައި ހުރި ކަމުގެ އަސަރުތަކެވެ. ޔާސިރު ދެކެ ބިރުން އޭނާއަށް ބަހެއް ބުނަން ނުކެރުނުތާނގައި ގިނަ އިރު ޔާސިރުގެ ލޮލަށް ބަލަން ހުންނާކަށްވެސް ނުކެރުނެވެ. ދުރުބަލާލި ލަކްޝް ޔާސިރުއާ ސުވާލުކޮށްލިއެވެ.

"މިސްޓަރ ޔާސިރު... މި.. ވަގު... މި ވަގުތު..." އިނގިރޭސިން ވާހަކަ ދެއްކިނަމަވެސް ލަކްޝްގެ އަނގައިން ލަފުޒުތައް ނިކުތީ ބުރިބުރި ވަމުންނެވެ. މޫނުމަތި ދާ ހިއްލަން ފެށުމުން އޭނާ ހާސްވި ވަރު ދެނެގަނެވެއެވެ.

ޔާސިރު ކުރިއަށް ދެތިން ފިޔަވަޅު އަޅާލާފައި މަޑުޖެހިލިއެވެ.

"މާހިރާ ކޮބާ؟" އެ އަޑު މަޑުނަމަވެސް އެ ދެލޮލުން ލަކްޝްއަށް ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. އެ މޫނުމަތިން ފެނުނީ މީގެ ކުރިން ނުފެންނަ ފަދަ ރުޅިވެރިކަމެވެ. ލަކްޝް އެއްޗެއް ނުބުނުމާއެކު ޔާސިރު ފުންމައިގެންދިޔަ ގޮތަށް ގޮސް ލަކްޝްގެ ގިރުވާނުގައި ހިފިއެވެ.

"ކޮބާހޭ މާހިރާ؟" ޔާސިރު ސުވާލުކޮށްލިއެވެ. އަމިއްލަ ފުރާނަ ނުރައްކަލަކަށް ހުށައެޅިއްޖެކަން އެނގުމާއެކު ލަކްޝްއަށްވެސް ގޮތް ހުސްވިއެވެ. އޭނާ ވާހަކަތައް ކިޔައިދޭން އިސް އުފުލާލިއެވެ.

*****

ޓީވީން އަޅުވާފައި ހުރި އިނގިރޭސިލަވައެއްގެ އަޑު ފަނޑު ފަނޑުކޮށް އެ ގޭތެރެއިން އިވެމުން ދިޔައެވެ. އެއްކޮޓަރީގެ އެ އެޕާރޓްމެންޓަކީ ކުޑަ ކުޑަ އެޕާރޓެމެންޓެކެވެ. އެހެންނަމަވެސް ސިޓިން ރޫމުގައި ސޯފާއެއް ބަހައްޓާފައި އެއްފަރާތުގައި ކައްކާ ކެވޭ ގޮތެއް ތަންކޮޅެއް އިނދެއެވެ. ސޯފާގެ ކުރިމަތީގައި ހުރި ލަކުޑި ކުޑަ މޭޒުގައި ކޯކްތައްޓެއް ހުރިއިރު ކޯކް ތަށީގެ އެއްފަރާތުގައި ޕިއްޒާ ދެތިން ފޮއްޗެއް ތައްޓަކަށްލާފައި ބަހައްޓާފައި ހުއްޓެވެ. އެއްފަރާތުގައި ހުރި ފްރިޖް ކައިރީގައި މަޑުކޮށްލައިގެން ހުރި ޒުވާނާ ފްރިޖް ލައްޕާލާފައި އެނބުރުނުއިރު އޭނާގެ އަތުގައި ފެންފުޅިއެއް އޮތެވެ. ލާފައި ވަނީ ކަޅު ކުލައިގެ ސޯޓުކޮޅެކެވެ. ހުސްގަޔާ ހުރިއިރު އިސްތަށިގަނޑުގައި އެއްވެސް ތަރުތީބެއް ނެތެވެ. ހީވަނީ ދެންމެ ނިދާ ހޭލިހެންނެވެ. މޫނުމަތިން އަދިވެސް ވަރުބަލިވައްތަރު ޖަހައެވެ. ސިކްސް ޕެކް އަރުވާލާފައި އަތުގެ މަސްތައް އެހާ ވަރުގަދަ ކޮށްލާފައި އެވަނީ ޖިމަށް ގޮސްގެންކަން ޔަޤީނެވެ. ފެންފުޅިން ކޯވަރެއް ދަމާލުމަށްފަހު މޭޒުމަތީގައި ބެހެއްޓިއެވެ. ޕިއްޒާ ފޮއްޗެއް ނަގަމުން ސޯފާމައްޗަށް ވެއްޓިގަތުމަށްފަހު އުއްޑުން އޮށޯވެ އޮވެ ކައި ނިންމާލިއެވެ. އޭރު ސޯފާގެ އެއްފަރާތުގެ އަތްގަނޑުގައި ފައި ވަނީ ބާއްވާލެވިފައެވެ. އެ ދެފައި ކެނޑި ނޭޅި ތަޅުވަމުން ދިޔައެވެ. ތެދުވެ ކޯކް ތަށި ދަމާލުމަށްފަހު ފުން ނޭވާއެއްލަމުން އޭނާ ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު ކުރިމަތީ ފާރުގައި ހަރުކޮށްފައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އޭރުވެސް ލަވައިގެ އަޑު ގޭތެރޭގައި ހުއްޓެވެ. ރިމޯޓް ނަގާ ޓީވީ ނިއްވާލުމަށްފަހު އޭނާ ފޯނުނެގިއެވެ. އެއަށްފަހު އޭގެން ރިކޯޑިންއެއް ޕްލޭކޮށްލިއެވެ. އެ އަޑު އިވެމުން ދިޔަވަރަކަށް އޭނާގެ ދެބުމަ ގޮށްޖެހިގެން ދެއެވެ. ބައެއްފަހަރު އަތުން ފޯނަށް ބާރުކޮށްލެވޭއިރު އަނެއްބައިފަހަރު ކުރިމަތީގައި ހުރި މޭޒުގައިވެސް ޖަހާލަފާނެއެވެ. އެ ރެކޯޑިން ނިމުމާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ. އެއާއެކު އޭނާގެ ހިޔާލުގެ ލޯގަނޑަށް މީގެ އެތަކެއް އަހަރެއް ކުރީގެ ހަނދާނެއް އާވުމާއެކު ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އެވަގުތު ސޯފާތަކުގެ ކައިރިއަށް ވެއްޓިފައި އޮތް ފޮޓޯގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން އެ ފޮޓޯގަނޑު ނެގުމަށްފަހު އެއަށް ބަލާލިއެވެ. ބައްޕަގެ އިތުރުން އެ ފޮޓޯގަނޑުގައި ދެން ތިބީ ޔާސިރުއާއި ޝަކީބުއެވެ. ތިން މީހުންވެސް ތިބީ ވަރަށް ރަސްމީކޮށެވެ. މޭޒެއްގެ ދޮށުގައި ތިބިއިރު މޭޒުމަތީގައި، ހުޅުވާފައި އެތަކެއް ބައިވަރު ފައިލުތަކެއްވެސް ހުއްޓެވެ. ހީވަނީ ވަރަށް ބޮޑު ބިޒްނަސްކަމެއްގައި މަޝްވަރާ ކުރަން ތިބި ހެންނެވެ. އެ ފޮޓޯގަނޑަށް ބަލަން އިނުމަށްފަހު މޭޒުމަތީގައި ފޮޓޯގަނޑު ބޭއްވުމަށްފަހު ހިންދެމިލިއެވެ.

"އައި އެމް ގޮއިންޓް ގެޓް މައި ރިވެންޖް... ނޯ މެޓާ ވަޓް އެންޑް ހައު... ދެޓްސް މައި ޕްރޮމިސް ޓް ޔޫ ޔާސިރު... ޔޫ ހޭވްޓު ޕޭ ފޯ ޔޯ ސިންސް... " އެ ޒުވާނާ މަޑުމަޑުން ބުނެލިނަމަވެސް އޭނާ ބުނެލީ ދަތްތަކަށް ބާރުލަމުންނެވެ. މޭޒުމަތީގައި ހުރި އެއްޗެހީގައި އަތުން ޖެހުމާއެކު ކޯކްތަށި ވެއްޓި ތެޅުނެވެ. އެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ.

*****

ނަވީންއާއި އިބާގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ވަރު ކޮންމެ މީހެއްގެ ހަރަކާތަކުންވެސް ބުނެދެމުން ދިޔައެވެ. ހިތުގައި އޮތް ބިރުވެރިކަމުގެ މައްޗަށް ކުރި ހޯދަން އިބާ މަސައްކަތް ކުރިއެވެ. އަނެއްކާވެސް ޒައިދުގެ އުނދަގޫ ބޮޑުކަމުން ނަވީން ގޭގައި ހޭދަކުރާ ވަގުތު އިތުރު ވިއެވެ. ނަވީންއާއި ޒައިދުގެ ތަފާތު އިބާއަށް ކިތަންމެ ރަނގަޅަކަށްވެސް އިޙްސާސްކުރެވެއެވެ. އެހެންނަމަވެސް ދެރައީ އަދިވެސް އެފަދަ ގުޅުމަކަށް ދާން އޭނާގެ ޒަމީރު ތަން ނުދޭތީއެވެ. އޭނާގެ އަމިއްލަ ހިތް އެކަމަށް އިޖާބަ ދޭން ގޮވާއިރުވެސް ސިކުނޑީގެ ކަނެއްގައި ރައްކާކޮށްފައިވާ ބިރުވެރި ނުބައި ހިޔާލުތައް އިބާގެ ހިތުގެ އެދުންތަކަށް ހުރަސް އަޅާތީއެވެ. ނަވީން ބުނަނީ އެކުގައި އުޅެން ފެށުމުން ރަނގަޅުވާނެކަމުގައެވެ. އަދި ހާއްސަކޮށް ނަވީންއަށް ޓަކައި އިބާގެ ހިތުގައި ކޮންމެވެސް ކަހަލަ އިޙްސާސްއެއް ވާނަމަ އެކުގައި އުޅެން މާބޮޑަށްވެސް ފަސޭހަ ވާނެކަމުގައެވެ. އިބާ ބޭނުންވާ ވަރަށް އިބާއަށް ވަގުތު ދޭނެކަމުގައި ނަވީން ބުންޏެވެ. އެކަން އިބާވެސް ގަބޫލުކުރެއެވެ. އެހެންނަމަވެސް...

އަނެއްކޮޅުން ނަވީން ހުންނަނީ އިބާ އެ ބިރުވެރިކަމުން ސަލާމަތްވެ އޭނާގެ ކައިރިއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށެވެ. އިބާގެ މާޒީއާއެކު އިބާ ބަލައިގަނެ އެ މާޒީގެ ސަބަބުން އިބާގެ ހިތުގައި ލީ ޒަހަމްތަކުގައި އޯގާތެރިކަމާއެކު ފިރުމާލަދޭން ނަވީން ތައްޔާރަށް ހުރިނަމަވެސް އެކަމަށް އެޅިފައިވާ ހަމައެކަނި ހުރަހަކީ އެކަމަށް އިބާގެ އާބަސް ނުލިބުނެވެ. އިބާއަށް ކަމެއް ވެދާނެތީ ނަވީން ބިރުވެސް ގަނެއެވެ. ދެން ވެސް އެ ޒައިދެއް އިބާ ފަހަތުން އަންނާނީ ކޮން އިރަކު ކަމެއް އެނގެނީއެއްނޫނެވެ.

ނަވީން ނިދަން އޮށޯވެ ސީލިންގަށް ނަޒަރު ހުއްޓާލިއެވެ. އޭސީ އެންމެ ބާރުކޮށްފައި ހުރުމުން ކޮޓަރީގެ ތެރޭގައި އާދަޔާ ހިލާފު ފިނިކަމެއް ހުއްޓެވެ. ހީކަރުވާތީ ރަޖާގަނޑު ނަގާ އަޅާލަމުން ހަމަޖެހިލިއެވެ. އެހެން އޮތް އިރު އިބާއާއި އެންމެ ފުރަތަމަ ދިމާވި ދުވަސް މަތިން އޭނާ ހަނދާންވިއެވެ.

އެއީ އާދަޔާ ހިލާފަށް ގުގުރާ ވިދަމުންދިޔަ ރޭގަނޑެކެވެ. ނަވީން އާހިލްމެން ގޭގައި މަޑުކޮށްލައިގެން އިނެވެ. ދުވަސްކޮޅުގެ ގޮތުން އޭނާ އެހާ އަމިއްލަ ގެއަށް ވަންނަ ހިތެއްވެސް ނުވެއެވެ. އެއީ މާހިރާވެސް ގެނައި ފުރަތަމަ ދުވަސްކޮޅެވެ. އެ ދުވަހު ހަތަރު ދަމު މާހިރާ ބަހައްޓާފައި ހުރި ގޭގައި މަޑުކޮށްގެން ހުރެފައި ނަވީން އެ ގެއިން އައީ އާހިލް އޮފީސްކަމަކު ގުޅުމުންނެވެ. އޮފީހަށް ގޮސް ނިންމާލާފައި އާހިލްމެންގެއަށް ވަދެލީ އެގޭގައި އެއްވެސް މީހެއް ވެސް ނެތީތީއެވެ. މާހިރާ ބަލަން ވަގުތީ ގޮތުން ބޭރު ކުއްޖަކާ ނަވީން ހަވާލުކުރީ ދިވެހި ކުއްޖަކު ލިބެންދެނެވެ. އެ ކުއްޖާއަށް ގުޅާފައި ހަބަރު ބަލާލާފައި އޭނާ ގޭތެރެއަށް ނަޒަރެއް ދިނެވެ. އާހިލްގެ އާއިލާ އެންމެން ވީ ރާއްޖޭން ބޭރަށް ގޮސް ކަމުން އެގޭތެރޭގައި އެއްވެސް ދިރުމެއްނެތެވެ. އާހިލްވެސް ގެއަކު ނެތެވެ. އެގެއަށް އައިސް ކާރު މަޑުކޮށްލިތަނާހެން އާހިލްގެ އެކުވެރިއަކު އެކްސިޑެންޓްވެގެން ގުޅުމުން އާހިލް ދިޔައީ ހޮސްޕިޓަލަށެވެ. ވިއްސާރަވެސް ނުހުއްޓާތީ ނަވީން ފޫހިވެގެން ޓީވީ އަޅުވާލިއެވެ. ރީތި އެއްޗެއް ނާދެއެވެ. އެހެން އޮއްވާ ނަވީންގެ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.

ސިހިފައި ނަވީންއަށް ހޭލެވުނެވެ. އޭރު ފައިގައި ކޮންމެވެސް ވަރަކަށް އައްސިކަމެއް ހުއްޓެވެ. ހީވަނީ ނިދަން އޮވެވުނު ގޮތަކުން ވީ ކަމެއް ހެންނެވެ. އޭނާ ތެދުވެލަމުން ބޭރު ފެންނަ ގޮތަށް ހުރި ލޯގަނޑު ކައިރިއަށް ގޮސް ހުއްޓުނެވެ. އޭރުވެސް ކެނޑި ނޭޅި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އަނގަޔަށް ގޮތެއް ހަދާލުމާއެކު އޭނާ އަތުކުރީ އޮތް ގަޑިއަށް ނަޒަރު ހިންގާލިއެވެ. ސުބްޙާނައް ﷲ އެވެ. މިހާރު އެއޮށް ބާރަ ޖަހަނީއެވެ. އަދިވެސް އާހިލްގެއަށް ނާންނަނީހެއްޔެވެ؟ އޭނާ ދެން ހޯދާލީ ފޯނެވެ.

ނަވީންގެ ގަމީހުގައި ހުސްރުލެވެ. ބޯވެސް ހޭވިފައެވެ. އެކަމަށް ސަމާލުކަން ނުދީ ސޯފާ މަތީގައި އޮތް އޭނާގެ ފޯނު ނަގާ ބަލާލިއެވެ. އާހިލްގެ ދިހަވަރަކަށް މިސްކޯލް އޮތެވެ.

އަވަސް އަވަހަށް އާހިލްގެ ނަންބަރަށް ޑައިލް ކޮށްލުމާއެކު ފޯނު ކަންފަތުގައި ޖައްސާލިއެވެ.

"ހަލޯ ނަވީން. މިއަރަނީ މިހާރު މަޑުކުރޭ" އާހިލް އަވަސް އަވަހަށް ބުނެލާފައި ފޯނު ކަނޑާލިއެވެ. ނަވީން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އިސްތަށިގަނޑު ތަރުތީބުކޮއްލިއެވެ. އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް ގޭގެ ދޮރު ހުޅުވާލާފައި ގެއަށް ވަނީ އާހިލްއެވެ.

"ނިދީ ދޯ؟" އާހިލް ނަވީންއަށް ބަލާލާފައި ނަވީން ހުރި ގޮތުން ސުވާލުކޮށްލިއެވެ.

"ކިހިނެތްވީ ހާދަ ލަސްވީ؟" އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ނަވީން ވެސް ވާހަކަ ދެއްކިއެވެ.

"އެކުވެރިޔާ ނިޔާވީ... ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑިއަށް ލޭ އެޅުނީ... އެހެންވެ އެހާ ލަސްވީ" އާހިލް ބުނެލިއެވެ.

"އަދިވެސް ވަރަށް ބޯ ކޮށް ވާރޭ އެބަ ވެހޭ... ގެއަށް ދާކަށް ނުވޭތަ؟" އާހިލް ސުވާލުކޮށްލިއެވެ.

"ވަރަށް ފޫހިވޭ" ފުންނޭވާއެއް ލަމުން ނަވީން ބުނެލިއެވެ. އާހިލް ނަވީން އާދިމާލަށް ތަޅުދަނޑި އެއްލިއެވެ. ހުޝިއާރު ކަމާއެކު ތަޅުދަނޑީގައި ހިފަމުން ނަވީން ބުމަ އަރުވާލިއެވެ. އެއަށްފަހު އެގޭން އަވަސްއަވަހަށް ނުކުތީ ނިކަން އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. މަގުމަތީގައި ފެން ބޮޑުކަމުން ކާރު ދުއްވަން ވެސް އެހާ އުނދަގުލެވެ. ފެންގަނޑުގެ ސަބަބުން ހެދިފައިވާ ވަޅުގަނޑު ގަނޑުވެސް ފެންނަ ގޮތެއް ނުވެއެވެ. މަގުމަތީގައި އެހާ އެއްޗެހިވެސް މަދެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވިދާ ގުގުރަމުން ދެއެވެ. އާދައިގެ ވަރަށްވުރެ މަޑުން ކާރު ދުއްވަމުން ގޮސް ނަވީންއަށް މަޑުކޮށްލަން މަޖުބޫރުވީ ކޮންމެވެސް ވަރަކަށް ހިމަ ގޯޅިގަނޑެއް ތެރެއަށް ވަތް ހިސާބުންނެވެ. ދުއްވާއެއްޗެހިވެސް މަދުކަމުންނާއި އެހާ ލަސްގަޑިއަކަށްވުމުން ކޮންމެވެސް ވަރަކަށް އަނދިރިކަން ރަސްކަން ކުރަމުން ދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ވެއްޓިފައިވާ ސައިކަލެކެވެ. ސައިކަލު ކައިރީގައި ކަހަލަ ގޮތަކަށް ކޮންމެވެސް މީހަކުވެސް ވެއްޓިފައި އޮތެވެ. މަގު ހަނިކަމުން އޭނާއަށް ދެވެން އަންނަނީވެސް އެ ސައިކަލު ނެގުމަށްފަހުއެވެ. އަނެއްކޮޅުން އެހެން މީހަކު ވެއްޓިފައި އޮއްވާ އަޅާނުލާ ދާކަށްވެސް ނަވީންގެ ހިތެއް އެއްބަހެއް ނުވިއެވެ. އަނެއް ސީޓްގައި އޮތް ކޯޓް ނަގާ ލަމުން އޭނާ މަޑުމަޑުން ކާރުން ފޭބިއެވެ. އޭރުވެސް ބޯ ކޮށް ވާރޭ ވެހެމުން ދިޔައެވެ. މަޑުމަޑުން ފިޔަވަޅުތައް އަޅަމުން އޭނާ ގޮސް އެ ސައިކަލު ކައިރިއަށް މަޑުކޮށްލިއެވެ. އެއީ އަންހެންކުއްޖެކެވެ. ސައިކަލު ނަގާ ބެހެއްޓުމަށްފަހު ނަވީން މަޑުމަޑުން އެ ކުއްޖާ އާ ދާދި ގާތަށް ގުދުވެލިއެވެ. އިސްތަށިތައް މޫނުމައްޗަށް ވެރި މޫނުމަތީގައި ތަތްލާފައި ހުރުމުން އޭނާ އެ އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ. އެއަށްފަހު ދެފަހަރަކު އެ އަންހެން ކުއްޖާއަށް ގޮވާލިއެވެ. ހަބަރެއްނުވިއެވެ. ބޯ ވާރޭގެ ތެރޭންވެސް އެ ކުއްޖާގެ ރީތިކަން ނަވީންގެ ހިތުން ޖާގައެއް ހުސްކުރިފަދަ އިޙްސާސްއެއްކުރެވުނެވެ. އެހެންނަމަވެސް އޭރު ނަވީން އެކަމާ އަޅައެއްނުލައެވެ. ފުރަތަމަ ފަހަރު އަންހެން ކުއްޖަކާ އެހާ ގާތްވެވުނީމާ ކަމަށްވެސް ވެދާނެއެވެ. އެވަގުތު އޭނާއަށް ހުރެވުނީ ހޮސްޕިޓަލާވެސް މާކަ ދުރަކު ނޫނެވެ. އެ ކުއްޖާ ރީތިކޮށް އަތް ދަނޑި މައްޗަށް ނަގަމުން މަގުމަތިން އިތުރު މީހަކު ފެނޭތޯ ނަވީން ދެފަހަރަކު ހޯދާވެސް ލިޔެވެ. އެހެންނަމަވެސް ފަޅުކަން ނޫން އެއްޗެއް އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ.

އެކުއްޖާ އަތް ދަނޑި މައްޗަށް އުފުލާލައިގެން އައިސް ކާރުގެ ފަހަތު ސީޓަށް ލުމަށްފަހު އޭނާ އައިސް ކުރީ ސީޓަށް އަރާ ދުއްވާލިއެވެ. ހޮސްޕިޓަލަށް އައިސް ކާރު ޕާރކުކޮށްލާފައި އަނެއްކާވެސް އެ ކުއްޖާ އަތް ދަނޑި މައްޗަށް އުފުލާލައިގެން އޭނާ އީއާރް އާ ދިމާލަށް ދިޔައެވެ. ވަކި ހިސާބަކުން ސްޓްރެޗަރ ގެނައުމާއެކު ސްޓްރެޗަރ އަކަށް ލިޔެވެ. އަވަސް ފަރުވާދޭ ބަޔަށް އެކުއްޖާ ވެއްދުމާއެކު ނަވީން މަޑުކޮށްލިއެވެ. އިރުކޮޅަކުން ޑޮކްޓަރު ނުކުމެފައި އެ އަންހެންކުއްޖާގެ ހާލަތު ކިޔައިދިނެވެ. އީއާރު ތެރޭގައި މީހުންވެސް ގިނައެވެ. އެހެންކަމުން ނަވީން އެ ކުއްޖާ އެޑްމިޓް ކުރާ ވާހަކަ ބުނުމުން އެދުނީ ކޮޓަރިއެއް ހަމަ ޖެއްސުމަށެވެ. އެ ކުއްޖާގެ ނަމަކީ އިބާކަން ނަވީންއަށް އެނގުނީ ޑޮކްޓަރުގެ ލިޔުންތައް ފެނުމުންނެވެ. ދާދި ފަސޭހައިން ކޮޓަރި ހަމަޖެހުނެވެ. ދި ގްރޭންޑް ހޮސްޕިޓަލަކީ ސިއްޚީ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެމުން ދާ އެއް ހޮސްޕިޓަލެވެ. ނަވީން މޫނުމަތި ފުހެލިއެވެ. އެއަށްފަހު އޭނާ ފިރިހެނުންގެ ވޮޝްރޫމަށްވަނެވެ. ދެން ނުކުމެގެން އޭނާ ދިޔައީ އިބާ ރޫމަށް ގެންދެވިފައިވީތީ އެ ރޫމަށެވެ. އެނދުގެ ފައިލާ ކޮޅުގައި ނަވީން މަޑުކޮށްލިއިރު ދެ ޑޮކްޓަރަކު އިބާގެ ކައިރީގައި ހަރަކާތްތެރިވަމުން ދެއެވެ.

"ހާސްވާންޖެހޭ ވަރު ކަމެއް ނެތް... ބޮޑަށް ހީވަނީ ވާރޭގެ ތެރޭގައި ގިނަ އިރު ވީހެން އެހެން ނޫނީ ކޮންމެވެސް ކަމަކާ ބިރުން ހަބަރު ހުސްވީ ކަމަށްވެސް ވެދާނެ" ޑޮކްޓަރު ވާހަކަދެއްކިއެވެ. ނަވީން ބޯ ޖަހާލިއެވެ. އެއަށްފަހު ޑޮކްޓަރަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މަޑުމަޑުން އޭނާ ފުންނޭވާއެއް ދޫކޮށްލީ ކުޑަކޮށް ހަމަޖެހިލުމުގެ ބޭނުމުގައެވެ. ޑޮކްޓަރު ދިޔުމާއެކު އޭނާ އިބާއަށް ފުން ނަޒަރެއް ދިނެވެ. އިބާގެ މޫނުމަތި އެހާ ސާފުކޮށް އޭނާއަށް ފެނުނީ އެވަގުތެވެ. އެއްވެސް އައިބުކަމެއް އޭނާއަށް އެ މޫނުމައްޗަކުން ނުފެނުނެވެ. މައުސޫމްކަމުން ފުރިގެންވާ މޫނެކެވެ. ހަމަ ޔަގީނުންވެސް މީގެ ކުރިން އެހެން އަންހެންކުއްޖަކު ފެނިގެން ނުވާގޮތެއް އިބާ ފެނިގެން ވެގެންދިޔަކަން ނަވީންއަށްވެސް އިޙްސާސްކުރެވުނެވެ. އިބާއަށް އެހާލު ޖެހުނީ ކިހިނެތްތޯ ނަވީން ސުވާލުކުރަން ބޭނުންވިއެވެ. އެކަމަކު އޭނައަށް އެ ސުވާލު ކުރެވޭނީ އިބާ ހޭލައިގެންތާއެވެ. އިބާ ހޭލުމުން ކޮންމެވެސް އެއްޗެއް އިބާއަށް ދިނުމަށް ޑޮކްޓަރު އޮތީ ލަފާ ދީފައެވެ. އެހެންކަމުން އޭނާ ކެންޓީނަށް ގޮސް ތަންކޮޅެއް ލުއި އެއްޗެއް ގަނެގެން އައެވެ. އޭރުވެސް އިބާ އޮތީ ނިދާފައެވެ. ނަވީން އެއްފަރާތުގައި ހުރި ކަބަޑްމަތީގައި ގެނައި އެއްޗެހި ބެހެއްޓުމަށްފަހު އަނެއްކާވެސް ގޮސް ހުއްޓުނީ އެނދުގެ ފައިލާ ކޮޅުގައެވެ. އެހެން ހުއްޓާ އިބާގެ އެސްފިޔަތައް ކުޑަކޮށް ތެޅިލިތަން ފެނުނެވެ. ނަވީން ސަމާލުވެލިއެވެ. އެހެން ދެފަހަރަކު ހަދާލުމަށްފަހު އިބާ ދެލޯ ހުޅުވާލިއެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިބާ އިރުކޮޅަކު އޮތީ އޭނާއަށް އޮވެވުނު ތަނަކާ ބެހޭގޮތުން ސުވާލު އުފެދިފައި ފަދަ ގޮތަކަށެވެ. އެހެން އޮވެފައި ކުއްލިއަކަށް ތެދުވަން ވެގެން އަތަށް ހަދާލިގޮތަކުން އަތަށް ތަދުވީ އައިވީ ގުޅާފައި އޮތުމުން ކޮންމެވެސް ވަރަކަށް ވާންވީތީއެވެ. މަޑުމަޑުން އެ އަތައް ބަލަމުން ތެދުވެ ކުރިމައްޗަށް ނަޒަރު ހުއްޓާލުމާއެކު އިބާގެ ލޮލުގައި ނަވީން އަޅައިގަތެވެ.

"އަހަރެން... މިތަނުގަ..." އިބާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަވީން އިބާއަށް ބަލާލާފައި ވާހަކަ ދެއްކިއެވެ.

"މަގުމަތިން އަހަންނަށް އިބާ ފެނުނީ... " ނަވީން ކުރުޖަވާބެއް ދިނެވެ. އިބާ ދެވަނަ ފަހަރު ކިހިނެތްތޯ އެހުމުން ނަވީން ތަފްސީލުކޮށް ވީ ގޮތް ކިޔައިދިނެވެ. އެއާއެކު އިބާ ކުޑަކޮށް އޭނާގެ ބޮލުގައި ހިފައްޓާލިއެވެ.

"ޑޮކްޓަރު ބުނީ އައިވީ ހުސްވީމަ ދޫކޮށްލާނެ ކަމަށް.... " ނަވީން ބުނެލިއެވެ. އިބާ އައިވީއަށް ބަލާލާފައި އިސްޖަހާލިއެވެ.

"ކޮންތާކަށް އަހަރެން ތި ކުއްޖާ ގެންގޮސްދޭންވީ؟" ނަވީން އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ.

"އިޓްސް އޯކޭ... އަހަރެން އެކަނި... ދާނަން..." އިބާ އަޅައަޅައިގަންނަމުން ވާހަކަ ދެއްކިއެވެ. އެއާއެކު ނަވީން ކޮންމެވެސް ވަރަކަށް ލުއި ހިނިތުންވުމެއް އިބާއަށް ރައްދުކޮށްލިއެވެ. އެ ހިނިތުންވުމަށް ބަލަން އިބާ އިނީ އެއްވެސް އަސަރެއް މޫނުމަތިން ފާޅުނުކޮށެވެ. އެހެންކަމުން ނަވީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަހަރެން ތި ކުއްޖާ އަހަރެންގެ ކާރުގަ ގެންގޮސްދީފާނަމޭ... ވަރަށް ވިއްސާރަ އެއްނު. ދަންވަރު ކީ ކުރީ ވާރޭގަ؟" ނަވީން އިބާގެ ފަރާތުން ކަމެއް އޮޅުން ފިލުވޭތޯ އުޅުނެވެ.

"ތަނަކަށް ދާނީ ދާނެ ތަނެއް ހުރިނަމައެއްނު" އިސްޖަހާލަމުން އިބާ ބުނީ ކިތަންމެ މަޑުން ކަމުގައި ވިނަމަވެސް ނަވީންއަށް އެ އަޑު ރީއްޗަށް އިވުނެވެ. ހިނދުކޮޅަކަށް ބުނާނެ އެއްޗެއް ނޭނގި ނަވީންއަށް ހުރެވުނެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ކަންބޮޑުވުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. އެހެންނަމަވެސް ނިކަން އަވަހަށް އެ އަސަރު ފޮރުވާލަމުން ނަވީން ވާހަކަ ދެއްކިއެވެ.

"އައިވީ ހުސްވަންދެން އަހަރެން ހުންނާނަން....ގެއަށް ގެންގޮސްދީފަ އަހަރެން ދާނީ، ކޮން ނަމެއްތަ ކިޔަނީ؟" ނަވީން ސުވާލުކޮށްލިއެވެ. ނަވީން އެ ސުވާލުކުރީ އޭނާއަށް ކޮންމެހެން އިބާގެ ނަން ނޭނގޭތީއެއްނޫނެވެ. އެހެންނަމަވެސް އިބާގެ ފަރާތުން އިބާގެ ނަން އަޑުއަހާހިތްވީތީއެވެ.

"އިބާ" އިބާ ޖަވާބުދިނެވެ.

"އިބާ! ރީތިނަމެއް..." ނަމާއި އެއްވަރަށް އިބާވެސް ރީއްޗޭ ނަވީންގެ ހިތަށްއެރިއެވެ. އޭނާ އިބާއަށް ބަލާލާ ހިނިތުންވެލިއެވެ.

*****

އެރޭގެ ހަނދާންތައް ނަވީންގެ ހިތުގައި ރަސްކަން ކުރަމުން ދިޔުމުގެ ސަބަބުން އޭނާގެ ލޮލާ ނިދި ވަނީ އެތައް ސަތޭކަ މޭލެއް ދުރުގައެވެ. އިބާގެ އެފެނިލުމުން އިބާ އޭނާއަށް ޙާއްސަވީ މީގެ ކުރިން ދުވަހަކުވެސް އެހެން ކުއްޖަކު ޚާއްސަ ނުވާވަރަށެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ.

ހުޅުލޭ އެއާރޕޯޓުން ނުކުމެގެން ޔާސިރު އައިއިރު ޒުބައިރު އޭނާގެ އިންތިޒާރުގައި ޑްރައިވަރާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އެރައިވަލް ގޭޓުން ނުކުތްއިރުވެސް އޭނާގެ މޫނުމަތިން އޭރުވެސް ކޮންމެވެސް ކަހަލަ ހަރުކަށިކަމެއް ފެންނަމުން ދިޔައެވެ. ހީވަނީ އަދިވެސް ލަންކާގައި ވީ ކަންތަކާ ހިންހަމަ ނުޖެހިފައި ހުރިހެންނެވެ. ޑްރައިވަރު ކާރުގެ ދޮރުފަތް ހުޅުވާލަ ދިނުމާއެކު އޭނާ ކާރަށް އަރާ ބާރަކަށް ދޮރުޖެހިއެވެ. ދިޔުމުގެ ކުރިން އޭނާގެ ހިތުގައިވި ބިރުވެރިކަން ހަޤީގަތަކަށްވުމުން އޭނާގެ ނަފްސަށް ގުޑުން އަރައިގެން ހިނގައްޖެއެވެ. އެތައް އަހަރެއްގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. މުޅި މީހާގެ ހިތާ ނަފްސު ހަލަބޮލިކަމެއްގެ ތެރެއަށް ހުށައެޅިގެން ގޮސްފިއެވެ. ދުނިޔޭގެ ލޯތަކަށް އޭނާ ސިއްރުކޮށްފައިވާ ހަޤީގަތް ފަޅާ އަރާފާނެތީ އޭނާ ނުހަނު ކަންބޮޑުވެއެވެ. މުޅީ މީހާ ވަނީ ބިރުވެރިކަމުގެ ހާއްޔެއްގެ ތެރޭގައި ބަނދެވި ހައްޔަރުވެފައެވެ. އެ ބިރުވެރިކަން ޔާސިރު ދައްކަމުން ދިޔައީ ރުޅިވެރިކަމުގެ ސިފައިގައެވެ. ޔާސިރު ފުރަތަމަވެސް ދިޔައީ އޮފީހަށެވެ. ތަންކޮޅެއް ހަމަޖެހިލައިގެން އިނދެ ވިސްނާލަން އޭނާ ބޭނުމެވެ. ގެއަށް ގޮސްފިއްޔާ މަންމަ ރަޒީފާގެ ސަބަބުންވެސް އޭނާއަށް ވިސްނާކަށް ނީނދެވޭނެއެވެ. މިހާވަރަށް އޭނާ ދަތުރުތަކުގަ ދާއިރުވެސް އަދިވެސް ރަޒީފާ އެކަމަށް ހޭނޭ ކަމަކަށް ނުވެއެވެ. ޔާސިރު އަންނަ ފުރަތަމަ ދުވަހު އެންމެ މީރު އެއްޗެހި ކާންދޭނެއެވެ. ކައިރީގައި އިނދެ އެތައް ވާހަކައެއް ދައްކާނެއެވެ. ހަނދާންވި ވާހަކަ ބުނާނެއެވެ.

އޮފީހަށް ގޮސް ކެބިންއަށް ވަދެ އޭނާ ގޮނޑީގައި ލެނގިލިއެވެ. އެކަކުވެސް އޭނާއަށް އުނދަގޫނުކުރުމަށް އެންގުމަށްފަހު އެކަނި މާއެކަނި އިނދެ އޭނާ ސިކުނޑިއަށް ވާންކުރަން ފެށިއެވެ. ކޮންމެވެސް ގޮތަކުން މާހިރާ ހޯދުމަށެވެ. އެހެންނޫނީ މާ ރަނގަޅެއްނުވާނެއެވެ. ދުވަހެއްގެ ކޮޅުންވެސް އެ އަނދިރި ހަޤީގަތް އެނގިއްޖެނަމަ އޭނާ ދާން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރެއަށެވެ. ޔާސިރު ކުރީ ދުވަހު އޭނާއަށް ލިބުނު ފްރޭމް މަތިން ހަނދާން ކުރިއެވެ. އެ ފްރޭމްގައި ވަނީ އޭނާއާއި މާހިރާއެވެ. އެ ދެމީހުންގެ ކައިވެންނަށްފަހު ނަގާފައިވާ ފޮޓޯއެކެވެ. އެ ފްރޭމްގައި ގަދަ ރަތް ކުލައިން ވަޅިއެއް ކުރަހާފައިވެއެވެ. އޭނާ ވިސްނިއެވެ. މާހިރާ ގެއްލުމާއި ކުއްލިއަކަށް އޭނާއަށް މި ލިބެން ފެށި އެއްޗެހިތަކާ އަނެއްކާ ގުޅުމެއް ވަނީހެއްޔެވެ؟ ހިނދުކޮޅަކަށް ޝަކީބުއަށްވުރެ ދުރަށް އޭނާގެ ވިސްނުން ދަތުރު ކުރިއެވެ.

*****

ގޮނޑީގައި މަޑުކޮށްލައިގެން އިން ޝަކީބުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ކެބިންގެ ދޮރު ތަޅުލައިގެން އިންއިރު އެ މޫނުވަނީ ދަލުން ފެންވެރިފައެވެ. ކުރިމަތީގައި ހުރި ފޮށިގަނޑު ހުރީ ހުޅުވާފައެވެ. މީހާގެ ނޭވާ ވަނީ އަވަސްވެފައެވެ. ދެލޯ ބޮޑުވެފައިވާއިރު ކޮންމެވެސް ވަރަކަށް އަތްވެސް ތުރު ތުރު އަޅަމުންދިޔައެވެ. މީހާ ހާސްވެގެން ގޮސް ހަދާނޭ ނުހަދާނޭ ގޮތެއް ނޭނގިފައިވާ ފަދައަކުން އޭނާ މޫނުމަތިން ދާތިކިތައް ފުހެލިއެވެ. އޭސީ އޭގެ އެންމެ ބާރުމިނުގައި ހުރިނަމަވެސް އެ ފިންޏަށްވެސް ޝަކީބުގެ ހާސްކަމާއި އުދާސްކަން ފިލުވައެއް ނުލެވުނެވެ. އަދިވެސް އެއްފަހަރު އޭނާ އެ ފޮށިގަނޑަށް ބަލާލިއެވެ. އެ ފޮށިގަނޑު އެތެރޭގައި ވަނީ އާތިކާ މަރާލަން އެމީހުން ބޭނުން ކުރި ހަތިޔާރެވެ. ކޮންމެ ގޮތެއް ވިނަމަވެސް އެއީ ބަދަލުކުރެވޭނޭ ހަޤީގަތެއް ނޫނެވެ. އޭނާ އަކީ ބަޔެއްގެ ގާތިލެވެ.

މިހާރަކަށް އައިސް އޭނާއަށް ލިބޭ ފާޑު ފާޑުގެ ލިޔުންތަކާހެދި ބިރުގަތް ނަމަވެސް މިއަދު ގަތްހާ ބިރެއް ނުގަނެއެވެ. އޭނާ ކަތިވަޅިން އާތިކާ މަރާލި މަންޒަރު ވާނީ ޔާސިރު ރިކޯޑް ކޮށްފައެވެ. އެކަން އިނގިގެން ވެސް މިހާ ހާހެއް ނުވެއެވެ. ޔާސިރުއާމެދު މާބޮޑަށް ޔަޤީންކަން އޮތީ ކަންނޭނގެއެވެ. ހިތުގެ ކަނަކުން މިކަމަކީ ޔާސިރު ކުރާކަމެއް ނޫންކަމަށް ބުނަމުން ދިޔައެވެ. އޭނާއަށް ލިބުނު އެންމެ ބޮޑު ނުތަނަވަސްކަމަކީ އެއީއެވެ. އެހެންމީހަކަށް ވެއްޖެނަމަ އޭނާ ބޭޒާރު ވެދާނެއެވެ.

ފޮށިގަނޑުތެރޭން އެ ކަތިވަޅި ނަގަން އުޅުނުނަމަވެސް ހިތުގައި އުފެދުނު ބިރުވެރިކަމުގެ ސަބަބުން އޭނާއަށް އެކަން ކުރާކަށް ނުކެރުނެވެ. އެ ލާފައިވާ ތަނުން އެ ނަގާނީ ކާކުކަން ނޭނގުނެއްކަމަކު އަދިވެސް އޭނާ ބޭނުންވީ އިތުރަށް ޔަޤީން ކުރާށެވެ. އެ އިމާރާތުގެ ތެރެއަށް ދިޔުމަށް އޭނާ ނިންމީ އެހެންވެއެވެ. ޝައްކު އުފެދުނީ ނަވީންއަށް ވެދާނެތީއެވެ. އެހެންނަމަވެސް ހިތުގައި އުފެދުނު ޝައްކުގެ މައްޗަށް އެހެން ކަމެއް ކުރިހޯދީ އެ ކަތިވަޅި އޮތްތަން ނަވީންއަށް އެނގޭނޭ އެއްވެސް ގޮތެއް ނޯންނާނެތީއެވެ. ހަޔާތުގައި އާދެވިފައި ހުރި ހިސާބެއް ޝަކީބުއަކަށް ވެސް ނޭނގެއެވެ. ޔާސިރު ގެ ކިބައިން ބަދަލު ހިފަންވެގެން އޭނާ ނަވީން ހަތިޔާރަކަށް ބޭނުން ކުރީއެވެ. އެ ކުރެވުނީ އަނެއްކާ ރަނގަޅުކަމެއްބާއޭ ވެސް ޝަކީބުގެ ހިތަށް އަރަމުން ދިޔައެވެ.

ނަވީން ގެއަށް ވަތްއިރު މާމަ ރަޒީފާގެ އިތުރުން ދޮންމަންމަ ލައިލާވެސް ތިއްބެވެ. ޚާއިބުވެސް ސޯފާގައި އިންތަން ފެނުނެވެ. އޭނާ މަޑުމަޑުން ގޮސް ސޯފާގައި އިށީނދެލީ ރަޒީފާ އަދި ޚާއިބުއާއެކުވެސް ވަގުތު ކޮޅެއް ހޭދަނުކުރެވޭތާ ވަރަށް ގިނަ ދުވަސްވީތީއެވެ.

"ކޮބާ އޮފީސް ކަންތައްތައް ކިހިނެތްތަ ދަނީ؟" ޚާއިބު ސުވާލުކޮށްލިއެވެ.

ހަބަ ވަރަށް ރަނގަޅު" ނަވީން ކުރު ޖަވާބެއް ދެމުން ހިނިތުންވެލިއެވެ. އޭނާ ލައިލާގެ މޫނަށް ބަލާލިއެވެ. އޭރުވެސް އެ މޫނުމައްޗަށް އަރާނެ ކުލަވަރު އޭނާއަށް އެނގެއެވެ. ތުންފަތް އަނބުރާލަމުން އެއްވެސް މީހަކަށް ނޭނގޭ ގޮތަށް ލައިލާ ނަވީންއަށް ލޯ އަޅާލިއެވެ. އެކަމުން ނަވީންގެ ގާތަށް ކުޑަކޮށް ހިނި އަންނަން އުޅުނެވެ. ބައެއްފަހަރު އޭނާއަށް ދޮންމަންމަ ރުޅި އައުމުން މަޖާވެއެވެ. ރަޒީފާވެސް ވަޒީފާއާ ބެހޭ ބައެއް ސުވާލުތައް ކުރިއެވެ.

"ދަރިފުޅު ހިންހަމަ ޖެހެންޏާ މާމަ ވެސް ވަރަށް އުފާވެއްޖެ" ރަޒީފާ ބުނެލިއެވެ. ނަވީން ހިނިތުންވެލިއެވެ. ރަޒީފާއާއި ޚާއިބު ދިޔުމާއެކު ބޮޑު ކޮޓަރީގައި ލައިލާއާއި ނަވީން އެކަނިވިއެވެ.

"ވަރަށް އުފާވޭދޯ ތި މަގާމު ލިބުނީމަ..." ލައިލާ ޖެއްސުމުގެ ގޮތުން ބުނެލިއެވެ. ނަވީން ފުންނޭވާއެއް ދޫކޮށްލަމުން ތެދުވިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ ލައިލާ އާ ޒުވާބުކުރަން ބޭނުންނުވާތީއެވެ.

"އަހަރެން ހިތަށް އަރަނީ އަލޫކް ކައިރީގަ ކަލޭ ތީ އޭނަގެ އެއްބަނޑު އެއްބަފާ ބޭބެ ނޫންކަން ބުނުމުން ދެން ވާނީ ކިހިނެތްބާއޭ؟" ލައިލާ ގެ ސުވާލާއެކު ނަވީން ހުއްޓި ފަހަތް ބަލާލައިފިއެވެ. ލައިލާގެ މޫނުމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މިހާރަކަށްއައިސް ލައިލާގެ ހިޔާލުގައި އެނބުރެމުން ދަނީ އަބަދުވެސް އެފަދަ ހިޔާލްތަކެކެވެ. އަލޫކްއާއި ނަވީންއާއި ދެމެދު ވާ ލޯބި ފެނި އޭނާ އެތައް ނަފްރަތެއް ކުރެއެވެ. އެ ލޯބި ނައްތާލެވޭނީ އެ ދެމެދުގައި ނަފްރަތު އުފައްދައިގެންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަލޫކްއަށް ނަވީން އަކީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެނޫން ކަން އެނގޭ ހިސާބުން އެ ދެމެދުގައި ނަފްރަތު އުފެދޭނެއެވެ. އެ ނަފްރަތު ވެގެން ދާނީ ނަވީންގެ އަތުން ކުންފުނީގެ ބާރު ދަމައިގަނެ އަލޫކްއާ ހަވާލުކުރަން ފަސޭހަވާނޭ ކަމަކަށެވެ.

"އައި ޑޯންޓް ތިންކް ދެޓްސް ގޮނަ ހެޕެން..." ދޮންމަންމަ މިހާރަކަށް އައިސް އެފަދަ ވާހަކަތައް ދައްކާތީ ނަވީން އެކަމަކާ މާބޮޑަށް އަޅައެއްނުލައެވެ. އޭނާ ލައިލާ އާއި ދިމާލަށް ބަލާލާފައި އެނބުރުނުއިރު އަލޫކް އެދިމާލަށް ބަލަން ހުރިތަން ފެނިގެން ހުއްޓުން އެރިއެވެ.

(ނުނިމޭ...)

ކޮމެންޓް 0