"ކަލޭ ވެސް އެކަމުގެ ބައިވެރި ވީމެއްނު... އަހަރެން އޭރުވެސް ބުނިން ކަލޭ އަހަންނަށް އިތުރުކަމެއް ސިއްރުކޮށްފިއްޔާ ކަލޭ މަރުވާނެޔޭ މަގޭ އަތުން... ނުބުނެވޭތަ؟" ނަވީން ވާހަކަދެއްކިއެވެ. އާހިލް އައިސް ނަވީން ދުރުކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ނަވީން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. އޭނާ ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ޝަކީބުގެ ކަރަށް ބާރުކުރަމުންނެވެ.

"އާހް... ނަ... ނަވީ... ނަވީން" ޝަކީބު ނޭވާ ނުލެވިގެން ތެޅިގަތެވެ. އާހިލް އައިސް ނަވީން ދުރުނުކުރިނަމަ އޭނާގެ އަތުން މިއަދު ޝަކީބު މަރުވީހެވެ.

"ނަވީން ގާތު ކާކު ދެއްކި ވާހަކައެއްތީ؟" ޝަކީބުގެ މޫނުމަތިން ހިނދުކޮޅަކަށް ޖެހިލުންވުމާއި ކަންބޮޑުވުމުގެ އަސަރު ފެނިލިއެވެ.

"އަހަރެން ކީކުރަން އެކަމުގެ ބައިވެރިވާންވީ؟" ޝަކީބު ދެފަރާތަށް ބޯ ހޫރާލިއެވެ. ނަވީން ޝަކީބުއާ ދިމާލަށް ދާން އުޅުނުނަމަވެސް އާހިލް އެކަމަށް ހުރަސް އަޅައިފިއެވެ.

"ނަވީން... ލެޓްސް ގޯ..." އާހިލް އެދުނެވެ. ނަވީން ދެފަރަށް ބޯ ހޫރާލުމަށްފަހުވެސް އާހިލްގެ އެދުމަށް ދެކޮޅު ހެދުމެއްނެތި ދާން ހިނގައިގަތެވެ. ނަވީން ނުކުތުމާއެކު ޝަކީބު ގޮނޑީގައި އިށީނެވެ. ކަރުގައި އަތް ޖައްސާލަމުން އޭނާ ފުންކޮށް ދެތިން ނޭވާ ލިޔެވެ.

"ނަވީންއަށް ކޮން ކަމެއް އެނގިގެން އުޅެނީ.... ކާކު ނަވީން ގާތު އަހަރެންގެ ވާހަކަ ބުނާނީ.... ހާދީ... އަހަންނާއެކު އެކަމުގައި ބައިވެރިވި ހާދީ ވެސް ވަނީ މަރުވެފަ... ދެން ކިހިނެތް؟ ނަވީންއަށް އެނގުނީ؟" ޝަކީބު ހާސްވިއެވެ.

*****

ޔާސިރު އިނީ އޮފީހުގައެވެ. ގަޑިން ތިނެއް ޖަހަން އުޅެނީއެވެ. ފޯނެއް އައުމާއެކު އޭނާ ބަލާލިއެވެ. ގުޅަނީ ރެޑްލީފް ކުންފުނީގެ އިސްމީހެކެވެ. އޭނާ ފޫހިވެ އިނދެފައިވެސް ފޯނު ނަގާ ހަލޯ އޭ ކިޔާލައިފިއެވެ. އެކޮޅުން ބުނެލި ވާހަކައިން އޭނާގެ ތަބީއަތަށް ބޮޑު ބަދަލެއް އައެވެ. ފޯނު ބާއްވަމުން ވަގުތުން އޭނާ ނަވީންއަށް ގުޅިއެވެ. މާގިނަ އިރެއްނުވެ ނަވީން އައުމާއެކު އޭނާ ކޮޅަށް ތެދުވިއެވެ. ނަވީން އާއި ދާދި ގާތަށް ފިޔަވަޅު އަޅާލާފައި އޭނާ ސުވާލުކުރިއެވެ.

"ނަވީން.... ކީކުރަން ރެޑް ލީފް ކުންފުނީގެ އޮފީހަށް ދިޔައީ؟" ޔާސިރު ސުވާލުކޮށްލިއެވެ.

"އެވެސް ޝަކީބުއާ ބައްދަލުކުރަން.... ނަވީން... އަޑެއް ނީވޭތަ؟ އަހަރެން ނަވީން އާ އޭ މި ސުވާލު ކުރަނީ... ޝަކީބުއާ ބައްދަލުކުރަން އެ އޮފީހަށް ދިޔުމުގެ ބޭނުމަކީ ކޮބާހޭ؟" އަޑަށް ބާރުލަމުން ޔާސިރު ސުވާލުކުރިއެވެ. ނަވީން އިސްޖަހާލިގޮތަށް ހުރީއެވެ. އެހެން ހުރިއިރު ޔާސިރު އާ މެދު ހިތުގައި އުފެދިފައި ވި ރުޅިގަނޑު ނަވީންއަށް ކޮންޓްރޯލް ކުރެވެނީ ކިރިއާއެވެ. މުށްކަވާލިއަތް ޖީބަށް ޖަހާލަމުން އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ.

"ނަވީން..." ޔާސިރު ހަޅޭއްލަވައިގަތެވެ. ނަވީން އިސްއުފުލާލިއެވެ.

"މާފުކުރައްވާ..." ނަވީން މަޑުމަޑުން ބުނެލިއެވެ. ޔާސިރުގެ ރުޅިގަނޑު މަޑުނުވާނެކަންވެސް ނަވީންއަށް އެނގެއެވެ. ހަމައެއާއެކު ހަޤީގަތް ކިޔައިދެވޭކަށްވެސް ނެތެވެ. ޔާސިރުއަށް ހަޤީގަތް އެނގޭ ހިސާބަކީ ހުރިހާކަމެއްގެ ނިމުން އަންނާނެ ހިސާބެވެ. އެއީ ނަވީން ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ޔާސިރުގެ ހަޤީގަތް ކޮންމެ ހާލެއްގައި ނަމަވެސް ދުނިޔޭގެ ލޯތަކުގެ ކުރިމައްޗަށް ފާޅު ކުރާށެވެ.

އެވަގުތު ޔާސިރުއަށް ފޯނެއް އައިކަމީ ނަސީބެކެވެ. އޭނާ ނަވީންއަށް ބަލާލަމުން ދެން ދާށޭ ބުނެލީ އަދި ފަހުން ނަވީން އާ ވާހަކަ ދައްކަން ހިތުލައިގެން ހުރެއެވެ.

ނަވީން ނުކުމެ ދޮރު ލައްޕާލާފައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އޭރު އާހިލް ސޯފާގައި މަޑުކޮށްލައިގެން އިނެވެ. ނަވީން ފެނުމާއެކު އޭނާ ތެދުވިއެވެ.

"ނަވީން... ވީ ގޮތެއް ކިޔައިދޭން ވެއްޖެއެއްނު..." އާހިލް ބުނެލިއެވެ.

ނަވީން އެއްޗެއް ނުބުނެއެވެ. ފަހުން ކިޔައިދޭނެކަމަށްބުނެ މިފަހަރުވެސް ނަވީން ދެކޮޅު ހެދިއެވެ. ގޮނޑީގައި އަޅުވާލާފައި އޮތް ކޯޓް ނަގަމުން އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ. އޮފީހުން ނުކުމެގެން ނަވީން އައީ ގެއަށެވެ. ފެންވަރާ ތާޒާ ވެލައިގެން ނުކުތްތަނާ ކުންފުނީގެ ކަމެއްގައި އަލޫކް އެހީތެރިކަމެއް ބޭނުންވެގެން ބުނުމުން ނަވީން ދިޔައީ ސްޓަޑީއަށެވެ. އަލޫކްއަށް ހަދަންވީ ގޮތް ކިޔައިދިނުމަށްފަހު ނަވީން އެނބުރި ކޮޓަރިއަށް އައިއިރު އޭނާގެ ބޮލުގައި ދިޔައީ ގަދަޔަށް ރިއްސަމުންނެވެ. ސައިޑް ކަބަޑު މަތީގައި ފޯނު ބާއްވާލާފައި އޭނާ ގަމީސް ބާލާފައި އެނދުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ގޮނޑީގައި އަޅުވާލާފައި އެނދުގައި ޖައްސާލިއެވެ. އިސާހިތަކު ނަވީންގެ ބޮލަށް ނިދި ސަވާރުވެއްޖެއެވެ.

އަލޫކްވެސް ނަވީން ކިޔައިދިން ގޮތަށް އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މަސައްކަތް ނިންމާލުމަށްފަހު އޭނާވެސް މޭޒުމަތީގައި އޮތް ފޯނު ނަގާ ޖީބަށް ލަމުން ދިޔައީ މަޣްރިބް ނަމާދަށް މިސްކިތަށެވެ. އިޝާނަމާދުވެސް ކޮށްލައިގެން މިސްކިތުން ނުކުމެގެން އޭނާ ދެން ދިޔައީ ރައްޓެހިންތަކަކާ އެކު ކޮފީއަކަށެވެ. ފޯނަށް މާބޮޑަށް ސަމާލުކަން ނުދެވޭތީ އޭނާގެ އަތުގައި އޭރު އޮތީ ނަވީންގެ ފޯނުކަމެއް އަލޫކްއަކަށް ރޭކާނުލައެވެ. އެކުވެރިންވެސް ދައްކަމުން ދިޔައީ މާ ފޯރިގަދަ ވާހަކައެކެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅަ ޓީމެއް ބޭރުގެ ގައުމަކާ އެކު ކުޅުނު އެކުވެރިކަމެއްގެ މެޗަކުން ބަލިވެގެން އެކަމުގެ ވާހަކައެވެ. ކޯޗުގެ ނިންމުންތައް ކަމުނުދާ ވާހަކައެކެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބާ އަލޫކްގެ ފޯނު ރިންގުވިއެވެ. ރިންގް ޓޯން ބަދަލުވެފައިވާތީ ކުޑަކޮށް ހައިރާންވިއެވެ. އޭނާ މިއިން ދުވަހަކު ރިންގް ޓޯން ބަދަލެއް ނުކުރެއެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަނީ ކޮންމެވެސް އިބާއެކެވެ. އަރާފައިވާ ފޮޓޯގައި ތިބީ ނަވީން އާއި ރީތި އަންހެން ކުއްޖެއްގެ އިތުރުން އަދި އެހެން އަންހެނެކެވެ. ނަވީން ނަގާފައިވާ ސެލްފީއެކެވެ. އެއީ ނަވީންގެ ފޯނުކަން ދެނެގަނެވުމާއެކު އޭނާ ނިތް ކުރީގައި ޖަހާލިއެވެ. ދެމީހުން ގެންގުޅެނީ އެއްކަލަހަ ފޯނެއްކަމުން ސްޓަޑީން ނުކުތްއިރު ނަވީންއަށް އަލޫކްގެ ފޯނު އޮޅުނީއެވެ. ތިން ފަހަރަކު އިބާ އޭ އެކިޔާ ކުއްޖަކު ގުޅިއެވެ. އޭނާ އެ ފޮޓޯއަށް ފުން ނަޒަރެއް ދިނެވެ.

"މީ އަނެއްކާ ދޮންބެގެ ގާރލް ފްރެންޑް ތަ؟ ޔަގީން... އެހެންވީމަތާ އެހެން އަންހެން ކުއްޖަކާ ދިމާލަށް ބަލާވެސް ނުލާނީ...އެކަމަކު މި އަންހެން މީހާ އަކީ ކާކު؟" އެކި ހިޔާލުތައް އަލޫކްގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. އެ އަންހެން މީހާއަށް ބެލެނީ ކޮންމެވެސް މީހަކާ ވައްތަރުގޮތެއް ހުރީތީއެވެ. އެކަމަކު ކާކުހެއްޔެވެ؟ ވިސްނިވަރަކަށް މޫނުމަތިން ކޮންމެވެސް ވަރަކަށް ނަވީންއާއި ވައްތަރު ގޮތެއް ހުރިހެން ވެސް ހީވިއެވެ. މޮޔަ ހިޔާލެކޭ ހިތާ އޭނާ ދެފަރާތަށް ބޯ ހޫރާލީ އެ ވާނީ އެ އަންހެން ކުއްޖާގެ މަންމައަށޭ ހިތާއެވެ. ފޯނު ކެނޑުމުން އަލޫކް ނަވީންއަށް ގުޅަން މަސައްކަތް ކުރިއެވެ. ގުޅޭ ގޮތެއް ނުވިއެވެ. ދެފަހަރަކު ގުޅާފައި އޭނާ މަޑުޖައްސާލިއެވެ. އަނެއްކާވެސް އެ އިބާއެއް ގުޅަން ފެށިއެވެ. ހަތްފަހަރަށް ވުރެ ގިނަ ފަހަރު އިބާ ގުޅިއެވެ. ގުޅާވަރުން އެންމެ ފަހުން ބޮލަށް އުނދަގޫވެގެން އަލޫކް ތަންކޮޅެއް ދުރަށް ޖެހިލާ ފޯނު ނެގިއެވެ.

"ނަވީން... ނަވީން.. ޕްލީޒް... އަހަރެން... އަހަރެން ސަލާމަތް ކުރޭ... އޭނަ އަހަރެން މަރާލަފާނެ.. ނަވީން..." ކަންފަތުގައި ފުރަތަމަވެސް ޖެހުނީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެ އަޑު އިވުމާއެކު އަލޫކްއަށް ދެ ބުމަ ކުޑަކޮށް ގާތް ކޮށްލެވުނެވެ.

"ހޭ...ކިހިނެތްވީ؟..." އަލޫކް މަޑުމަޑުން އަހާލިއެވެ.

"ނަވީން... ޕްލީޒް... އަވަހަށް އާދެބަލަ... ޕްލީޒް... ނަވީން... އޭނަ އަހަރެން.... ނަވީން..." ގިސްލެވޭ ވަރުން އެ ކުއްޖާއަށް އެއްވެސް ވަރަކަށް ވާހަކަ ދެކެވޭ ގޮތެއް ނުވިއެވެ.

"އާދެބަލަ!... ޕްލީޒް... އަވަސް.... ނަވީން...." ފަހަރަކަށް ވުރެ ފަހަރެއް އެ ކުއްޖާގެ އަޑު ބާރުވަމުން ދިޔައެވެ. އަލޫކްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް އަހާލެވުނު ހާވެސް އެއްޗަކީ ތިހުރީ ކޮންތާކުތޯއެވެ.

"ގޭގަ... އަވަސް ނަވީން...." އެ ކުއްޖާގެ އަޑު އިވުމާއެކު އަލޫކް ވާހަކަ ދެއްކިއެވެ.

"ކޮންތާކު... ކޮންތާކު ހުރި ގެއެއް...." އަލޫކް ސުވާލުކުރުމާއެކު އެ ކުއްޖާ ގެ ގިސްލުން އިތުރުވިހެން ހީވިއެވެ.

"ނަވީން... ސަކަރާތް ނުޖަހަބަލަ... އަހަރެން އުޅޭތަން އެންމެ ރަނގަޅަށް އެނގޭނީ ނަވީންއަށް.... ނަވީން... އަވަހަށް އާދެބަލަ..."

"ކޮންތާކަށް؟" އަލޫކް ވެސް ހާސްވެއްޖެއެވެ. އޭނާ ރައްޓެހިންނަށް އަތުން އިޝާރާތް ކޮށްފައި ދާންޖެހިއްޖެކަމުގައި ބުނެލިއެވެ. އަދި އަވަސް އަވަހަށް މަގުމައްޗަށް ނުކުތެވެ. ރޮމުން ރޮމުން އެކޮޅުން އެ ހުރިތަންވެސް ބުންޏެވެ. އަވަހަށް އަންނަން ބުނިތަނާ ފޯނު ކެނޑިއްޖެއެވެ. އަލޫކް އޭނާގެ ކާރާ ދިމާލަށް ދިޔައީ ދުވެލާފައެވެ. ކާރަށް އަރަން އުޅެފައިވެސް އެބުނާ ގެއެއް ނޭންގޭތީ ދާން ލަސްވާނެތީ މަގުމަތިން ޓެކްސީއެއް ހޯދާ އޭނާ އެއަށް އެރިއެވެ. އެއަށްފަހު އޭނާ އެ އަންހެން ކުއްޖާ އެބުނާ ތަނަކަށް ދިޔުމަށް ޑްރައިވަރަށް އެންގިއެވެ. އެ ފޯނުން އޭނާގެ ނަންބަރަށް އަލޫކް ގުޅަން މަސައްކަތް ކުރިއެވެ. ދޮންބެގެ ފޯނުގެ ކޯޑު ކުރިން ދުވަހު ޖަހަނިކޮށް ފެނުނު ކަމީވެސް ނަސީބެކެވެ.

"ދޮންބެ ފޯނު ނަގާބަލަ... ދޮންބޭ...." އަލޫކްއަށް ކިޔާލެވުނެވެ. އޭނާ އެގެއާ ހިސާބަށް ދެވެންދެންވެސް އިނީ ގުޅާލަ ގުޅާލައެވެ. ޑްރައިވަރަށް ލާރި ދީފައި އޭނާ ފޭބިއެވެ. އެޕާރޓްމެންޓުގެ މައްޗަށް ބަލާލުމާއެކު އެތަނުން އެ އަންހެން ކުއްޖާ އުޅޭ ބައި ހޯދާނީ ކިހިނެތްބާއޭ އަލޫކްގެ ހިތަށް އެރިއެވެ. އޭނާ އަވަސް އަވަހަށް ފޯނުން އެ ނަންބަރަށް ގުޅިއެވެ. ނަސީބަކުން ފޯނުވެސް ނަގައިފިއެވެ.

ފޯނު ކަންފަތުގައި ޖައްސާލުމާއެކު އިބާ އުޅޭ ފްލޯއަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.

"ނަވީން... ކީއްވެ... ތި ސުވާލު... އަވަސް... " އެ އަޑު އާދަޔާ ހިލާފަށް މަޑުކަން އަލޫކްއަށް ފާހަގަ ކުރެވުނެވެ.

"އަވަސް... އަހަރެންގާތު ތި އުޅޭ ފްލޯ ބުނެބަލަ... މިވަގުތު ދޮންބެ...." ފޯނު ކެނޑުމާއެކު އަލޫކް އެ ނަންބަރަކަށް ގުޅަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މިހާރު ފޯނު އޮތޯ ނިއްވާލާފައެވެ.

އޭނާ އަނެއްކާވެސް އޭނާގެ ނަންބަރަށް ގުޅަން މަސައްކަތް ކުރިއެވެ.

*****

ނަވީންއަށް ހޭލެވުމާއެކު އޭނާ ފުރަތަމަވެސް ހޯދާލީ ފޯނެވެ. ފޯނު ނެގިއިރުވެސް ފޯނަށް ކެނޑި ނޭޅި ގުޅަމުން ދިޔައެވެ. އޭނާ ފޯނަށް ރަނގަޅަށް ބަލާލިއެވެ. އަރާފައި އިނީ ދޮންބެ އެހެންނެވެ. އެއީ އަލޫކްގެ ފޯނެވެ. އަވަސް އަވަހަށް ފޯނު ނެގުމާއެކު އޭނާ ހަލޯ އޭ ކިޔާލިއެވެ.

"ދޮންބޭ... ދޮރުގެ ކޯޑް ކިޔާދީބަލަ ވަރަށް އަވަހަށް" ހާސްވެފައި ހުރިވަރުން އަލޫކްއަށް އަހާލެވުނީ ފުރަތަމަވެސް އެހެންނެވެ.

"ކޮން ދޮރެއް...؟" ނަވީން ސުވާލުކޮށްލިއެވެ. އަލޫކް އޭނާ ހުރިތަނާ، ވީގޮތް ކިޔައިދިނުމާއެކު ނަވީން ހާސްވިއެވެ. ރަޖާގަނޑު އެއްފަރާތް ކޮށްލާފައި އޭނާ އެނދުން ތެދުވިއެވެ. ދެ ފިކުރެއްގައި ހުރެގައި އޭނާ އަލޫކްއަށް ކޯޑްކިޔައިދިނެވެ.

"އަލޫކް... ގޭތެރޭގެ ހާލަތު ބަލާފަ އަހަންނަށް އަންގައްޗޭ...އަހަރެންގާތު ނާހާ އެއްވެސް ކަމެއް ނުކުރާތި!" ފޯނު ބޭއްވުމުގެ ކުރިން ނަވީން ބުނެލިއެވެ. އެއްޗެކޭ ނުބުނެ އަލޫކް ފޯނު ކަނޑާލިއެވެ. ދޮރުގެ ކޯޑް ޖަހާލާފައި ދޮރު ހުޅުވާލާފައި އޭނާ އެތެރެއަށް ވަނެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ހަރަކާތްތައް މަޑުޖެހިލިއެވެ.

ސޯފާތަކުގެ ކައިރިއަށް ވެއްޓިފައި އޮތް އަންހެން ކުއްޖާގެ ނިތްކުރިމަތި ފަޅައިގެން ގޮސްފައި ވެއެވެ. ތުންފަތް ކައިރީގައި ކޮންމެވެސް ވަރަކަށް ލޭ ހޭކިފައި ހުރިއިރު އިސްތަށިގަނޑު އޮތީ އެކީ ހޭވިފައެވެ. ފަޔާއި އަތުގައިވެސް ތަޅާ އަނިޔާ ކޮށްފައިވާ ފަދަ ނިޝާން ތަކެވެ. އެ އަންހެން ކުއްޖާއާ ދިމާލަށް ދެ ފިޔަވަޅު އަޅައިލިތަނާ ފާރާ ފިތިގެން ކަހަލަ ގޮތަކަށް ކަކުލުގައި ދެ އަތް އަޅުވާލައިގެން އިން އަންހެން މީހާވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަދާނެ ގޮތް ނޭނގުނު އަލޫކް އަވަސް އަވަހަށް ގޮސް ކައިރިވީ އެ އަންހެން ކުއްޖާގެ ގާތަށެވެ. ހާލަތުގެ ގޮތުން ކަންތައްތައް އެންމެ ފުރިހަމައަށް ވިސްނައިގަންނާކަށް އަލޫކްއަކަށް ނޭނގުނެވެ.

"ހޮސްޕިޓަލް...." ވައިއަޑުން އެ ބަސްތައް އަލޫކްގެ ދުލުން ބޭރުވިއެވެ. އެކަމަކު އޭގެ ކުރިން އޭނާ އެ އަންހެން ކުއްޖާ ނަގާ ސޯފާގައި ބޭއްވިއެވެ. އެއަށްފަހު އޭނާ އެ އަންހެން ކުއްޖާ ނޭވާ ލާތޯ ބެލިއެވެ. ނޭވާ ލާކަން ޔަގީންވުމުން ވިންދު ބަލާލާފައި އޭނާ ދެން މިސްރާބުޖެހީ އަނެއް އަންހެން މީހާއާ ދިމާލަށެވެ. އޭނާ ހަމަ ހުއްޓުމާއެކު އެ އަންހެން މީހާގެ ނޭވާ އަވަސްވެގެން ދިޔައެވެ. ހަމައެއާއެކު އެ މީހާގެ ނަޒަރު އޭނާ އަރައިގެން ހުރި ބޫޓަށް ހުއްޓުނުކަންވެސް އަލޫކް ދެނެގަތެވެ. އެއާއެކު ހަނދާންވިއެވެ. ގޭތެރެއަށް ވަންނަމުން އޭނާ ބޫޓު ބާލަން ހަނދާން ނެތުނީއެވެ. މަޑުމަޑުން އެމީހާއާއި ދިމާލަށް އަތްދިއްކޮށްލިނަމަވެސް އެމީހާ ތެޅިގަތް ގޮތުން އަލޫކް ފަހަތަށް ޖެހިލިއެވެ. އެ މޫނުމަތީގައި ވި ބިރުވެރިކަމުގެ ސަބަބުން އޭނާ ކަންބޮޑުވިއެވެ. ދެން ބަލާލެވުނީ ސޯފާގައި އޮތް އަންހެން ކުއްޖާއަށެވެ. އެ ކުއްޖާގެ ނަމަކީ އިބާ ހެއްޔެވެ؟ އިބާގެ ގާތަށް ހުއްޓިފައި ދެފަހަރަކު ކޮލުގައި ޖަހާލަމުން އަލޫކް ގޮވާލިއެވެ. އެވަގުތު ނަވީން ގުޅުމުން އޭނާ ހާލަތު ކިޔައިދިނެވެ.

"ގުޑް.... އަލޫކްއަށް ތި ސިޗުއޭޝަން ހޭންޑެލް ކުރެވޭނެ... އިތުރު މީހަކަށް ނުގުޅާތި... ހޮސްޕިޓަލަށްވެސް ނުގެންދާތި... އަހަރެން މިދަނީ..." ނަވީން ފޯނު ކަނޑާލިއެވެ.

"އޭތް...އޭތް" އަލޫކް އަނެއްކާވެސް އިބާއަށް ގޮވާލިއެވެ.

މަޑުމަޑުން އެސްފިޔަތައް ތަޅުވާލިތަން ފެނި އޭނާ ހަމަޖެހުމުގެ ނޭވާއެއް ލިޔެވެ. އެއަށްފަހު އަނެއްކާވެސް ފާރު ކައިރީގައި އިން އަންހެން މީހާއަށް ނަޒަރު ހުއްޓާލިއެވެ. އެމީހާ އިން ހާލު ފެނި ހަމްދަރުދީވި އަލޫކް އަނެއްކާވެސް އިބާއަށް ނަޒަރު ހުއްޓާލިއެވެ. ކޮންމެއަކަސް ފުރަތަމަ އެހީތެރިވާނީ ކާކަށްކަމެއް އަލޫކްއަކަށް ނޭނގުނެވެ. އަވަހަށް ދޮންބެ އަންނާނެނަމައެވެ. މިއީ ކޮންބައެއްހެއްޔެވެ؟ ދޮންބެއާ މި މީހުންނާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ހަމައެއާއެކު ދޮންބެ އައުމުގެ ކުރިން ގޭން ބޭރަށް އެކަކު ނުނެރެންވެސް އެބުނީ ކީއްވެހެއްޔެވެ؟ މިކަމުގެ އަޑީގައި ފޮރުވިފައިވާ ބޮޑު ސިއްރަކީ ކޮބައިހެއްޔެވެ؟

ކައްކާބަޔަށް ގޮސް ތައްޓަކަށް ފެން އަޅައިގެން ގެނެސް އިބާގެ މޫނަށް ދެފަހަރަކު އަލޫކް ފެންފޮދެއް ޖަހާލިއެވެ. އެއާއެކު އަނެއްކާވެސް އެސްފިޔަތައް ތަޅުވާލާފައި އިބާ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ.

"ނަވީން..." ނަވީންއަށް ގޮވާލުމާއެކު އިބާ ފުންމައިގެން ތެދުވިއެވެ. އިބާ ތެދުވި ގޮތުން އަލޫކްއަށްވެސް ފަހަތަށް ޖެހިލެވުނެވެ.

"ނޫން..." އިބާއަށް ބުނެވުނެވެ. އެއާއެކު އޭނާއަށް ވަށައިގެން ހޯދާލެވުނެވެ.

(ނުނިމޭ...)

ކޮމެންޓް 0