"ޒައިދު..." ޔާސިރު ކުއްލިއަކަށް ބުނެލުމާއެކު އެކި ދިމަ ދިމާލުން މީހުން ނުކުންނަން ފަށައިފިއެވެ. ގައިގަނޑަކަށް ފަސް މީހުން ތިއްބެވެ. މުޅިންވެސް ބޯ އެކި ޒާތް ޒައިތަށް ދިގު ކޮށްފައި ތިބި ޒުވާނުންތަކެކެވެ. އެތަނުންވެސް އެންމެ ބޮޑަށް ނަވީންއަށް އަޅައިގަތީ ޒައިދުއެވެ. އެއީ އިބާގެ ކުރީގެ ފިރިމީހާއެވެ. އޭނާ މިތަނުގައި ކީ ކުރަނީހެއްޔެވެ؟.

އެ ފަސްމީހުންނާއި އެ ދެމީހުން ކުރިމަތި ލާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ހަމަ ގައިމުވެސް އެމީހުން ދެމީހުނގެ ކުރިމަތީގައި އެ ފަސް މީހުން މާ ބޮޑަށްވެސް ބާރުގަދަ ވާނެއެވެ. ނަވީން ރާފިހްއަށް ބަލާލިއެވެ.

"ކަލޭ..." ޒައިދު ނަވީންއަށް ބަލާލިއެވެ. އޭނާ ގެ ކިބައިން އިބާ ސަލާމަތްކޮށްގެން އިބާއަށް ރައްކާތެރިކަން ދީގެން އުޅޭ މީހަކީ ނަވީންކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާއަށްވެސް ލިބުނީ ނަވީންގެ ކިބައިން ބަދަލު ހިފާނޭ އިތުރު ސަބަބެކެވެ.

"އަހަންނަށް އެނގޭ މަންމަ ވީ މި ތަނުގެ އެތެރޭގަކަން.. އަހަންނާ މަންމަ ހަވާލުކުރޭ... އޭރުން އަހަރެން މި މައްސަލަ ފުލުހުންނާ ހިސާބަށް ނުގެންގޮސް ނިންމާލާނަން... އެކަމަކު މަންމަ އަހަންނާ ހަވާލުނުކޮށްފިނަމަ އަހަރެން ކަލޭމެންގެ މައްޗަށް ދައުވާ އުފުލާނަން" ނަވީން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"މަންމައޭ... ކަލޭ އެންމެ ވާހަކަ އެއް ބުނަން އަނގަހުޅުވާލިނަމަވެސް ހުރިހާ ގެއްލުމެއް ވާނީ މާހިރާއަށްކަން ހަނދާން ކުރައްޗޭ" ޔާސިރު ވާހަކަ ދެއްކިއެވެ. ރާފިހް ތަންކޮޅެއް ދުރަށް ޖެހިލާ އާހިލްއަށް މެސެޖެއް ކޮށްލިއެވެ. މާގިނަ އިރެއްނުވެ އެބަދަމޭ ކިޔާފައި އެކޮޅުން ޖަވާބު ދިނެވެ.

އެގޮތުން އެމީހުން އެތަނުގައ ތިއްބާ ފުލުހުންގެ ޖިޕުއައިސް އެ އިމާރާތުގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ބޯ ތަންކޮޅެއް ދިގުކޮށްލާފައި ހުރި ޒުވާން ކުއްޖަކު ދުވަމުން އައިސް އެވާހަކަ ބުނުމާއެކު އެންމެންވެސް އަވަސް ވެގަތީ ދުވެ ފިލާށެވެ. ފުރުސަތުގެ ބޭނުން ހިފާ ޔާސިރުވެސް ފަހަތ ދޮރުން ނުކުމެއްޖެއެވެ. އޭނާއަށް ނުވިސްނާލެވުނީ ނަވީންމެން އެފަދަ ފިޔަވަޅެއް އަޅާފާނެކަމުގައެވެ. އޭނާ ހީކުރީ މާހިރާ އޭނާގެ ދަށުގައި ހައްޔަރުކޮށްފައި ހުރުމުން އޭނާ ބޭނުން ގޮތަކަށް އެ ކުޅިވަރު ކުޅެވޭނޭ ކަމަށެވެ. އެހެންނަމަވެސް މިފަހަރު މިވީ އެހެންނެއްނޫންތާއެވެ. ފުލުހުންނަށް ހައްޔަރު ކުރެވުނީ އެތަނުން ދެމީހެކެވެ. އެކަކަށް ޒައިދުވެސް ހުއްޓެވެ.

"މަންމަ" ނަވީންގެ ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު އޭނާ ވަށައިގެން ހޯދަން ފެށިއެވެ. ރާފިހްއާއި އާހިލްގެ އިތުރުން އަލޫކްވެސް ތަންތަން ހޯދަން ފެށިއެވެ. ފުލުހުންވެސް މަސައްކަތް ފެށިއެވެ.

އެމީހުންނަށް މާހިރާ ފެނުނީ ތަންކޮޅެއް އެތެރޭންނެވެ. އޭރު މާހިރާގެ އެއްވެސް ހަރަކާތެއް ނެތެވެ.

"މަންމާ..." ނަވީން ބާރު ބާރަށް ގޮސް ތަޅުންގަނޑުގައި ކަކޫ ޖައްސާލާފައި އިށީނދެ އިނދެ މާހިރާއަށް ގޮވަން ފެށިއެވެ. އެހެންނަމަވެސް މާހިރާގެ އެއްވެސް ހަބަރެއް ނުވިއެވެ. ހަރަކާތްވަނީ އެކީ ހުއްޓިފައެވެ. ވިންދު ބެލިއިރު ނަސީބަކުން ވިންދު ހުއްޓެވެ. ނޭވާލައެވެ. އެހެންކަމުން ދެން އެމީހުން އަވަސްވީ ހޮސްޕިޓަލަށް މަންމަ ގެންދިޔުމަށެވެ. ކޮންމެ މީހަކަށް އިނގުނަސް ހެޔި ކަމަށް ނިންމާފައެވެ.

ހޮސްޕިޓަލަށް ގެންދެވުނު މާހިރާގެ ހާލު ވަރަށް ދެރައެވެ. ވަގުތުން އައި.ސީ.ޔޫއަށް ވައްދާ އަވަސް ފަރުވާ ދޭން ފެށުނެވެ. އޭރު ރޭގަނޑު ދިހައެއް ޖަހަނީއެވެ.

*****

ގެއަށް ވަތް ޔާސިރު އަށް މާނޭވާ ލެވެމުން ދިޔައެވެ. މީހާ ހުރީ ދާ ހިއްލާ ފޯވެފައެވެ. އަނެއްކާވެސް އޭނާއަށް ލިބުނީ ނާކާމިޔާބެވެ.

ސޯފާގައި އިށީދެ މޫނުގައި އަތް އަޅާލަމުން އޭނާ ދެތިން ފުންނޭވާ ދޫކޮށްލިއެވެ. ކުއްލިއަކަށް ގޭގެ ދޮރު ހުޅުވާލާފައި ބަޔަކު އެތެރެއަށް ވަތް އަޑަށް އޭނާއަށް ސިހިފައި ތެދުވެވުނެވެ. ކުރިމަތީގައި ތިބި މީހުން ފެނި ވަކިން ހާސްވުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. ދާތިކިތައް ފުހެލަމުން އޭނާ ހިނިތުންވާން މަސައްކަތް ކުރިއެވެ.

ހާއިބުއާއި ރަޒީފާގެ އިތުރުން އާއިލާގެ އެހެން މެންބަރުންނާއި ޝާނީއާއި މަހިހާވެސް ތިއްބެވެ.

"ދަރިފުޅާ... އެކަނި ކީކުރަނީ؟ ކޮބާ އަލޫކްއާއި ނަވީން..." ރަޒީފާ އަހާލިއެވެ. އެއާއެކު ޔާސިރުގެ ހިތް އާދަޔާ ހިލާފް ބާރަށް ތެޅިގަތެވެ.

"މަންމަ... ހާދަ އަވަހަކަށް އައީ... ބުނީމެއްނު..." ޔާސިރު ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ލިބިފައިވި ހާސްކަން އޭނާއަށް ހުރަސް އެޅިއެވެ.

"އާނ... ޝާނީއާއި މައިހާ އަންނަން ބޭނުންވުމުން އަވަސްކޮށްލީ... ދެން އެ ކުދިން ބޭނުންވެގެން އެއްވެސް މީހެއް ކައިރީ ނުބުނެ މި އައީ..." ރަޒީފާ ވާހަކަ ދެއްކިއެވެ.

"ދޮންބެ ވެސް ގޭގަ ނެތީތަ؟" މަހިރާ އަހާލިއެވެ. ޝާނީވެސް އަލޫކްގެ ވާހަކަ އަހާލިއެވެ. އެ ދެމީހުން މަތީގައި އުޅޭތޯ ބަލަން އެ ދެކުދިން މައްޗަށް އެރުމުން އެންމެން އައިސް ޖައްސާލީ ސޯފާގައެވެ. ޔާސިރުވެސް އިށީނެވެ.

"ދަރިފުޅު ބޭރުންތަ ތިއައީ؟ ހާދަ ވަރަކަށް ދާ ހިއްލާފަ ތިއިނީ؟" ހާއިބު ސުވާލުކޮށްލިއެވެ.

"ލަ... ލައްބަ... ކުޑަ ކަމަކު..." ޔާސިރު ބުނެލިއެވެ. އޭނާގެ ހާސްކަން ވަނީ ދެ ގުނަ ވެފައެވެ.

*****

އައި.ސީ.ޔޫގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ނަވީން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ކައިރީގައި އަލޫކްގެ އިތުރުން ރާފިހް އާއި އާހިލްވެސް ތިއްބެވެ. ޑޮކްޓަރުގެ ހަބަރެއްގެ އިންތިޒާރުގައި ތި ބިއިރު ކޮންމެ މީހަކުވެސް ތިބީ ކެތްތެރިކަން ކުޑަވެފައެވެ. އިރުކޮޅަކުން ޑޮކްޓަރު ނުކުމެ ދިން ހަބަރަކުން ނަވީންގެ މުޅި ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ.

އައި.ސީ.ޔޫ ތެރެއަށް ވަންނަން ހުއްދަ ލިބުމާއެކު އެންމެ ފުރަތަމަ ވަނީ ނަވީންއެވެ. ގައިގަނޑަކަށް ފަސްމިނިޓް ފަހުން ނުކުމެގެން އޭނާ ދުރަށް ހިނގައިގަތުމުން އަލޫކް ނަވީން ގެ ފަހަތުން ދަމުން ގޮވާލިއެވެ. އެހެންނަމަވެސް އެކަމަށް ނަވީން ސަމާލުކަމެއް ނުދިނެވެ. އޭރު އޭނާގެ ދެ ބުމަ ވަނީ ގޮށް ޖެހިފައެވެ. އަތް މުށްކެވިފައެވެ.

"ދޮންބެ ކޮންތާކަށް... އިހަށް މަޑުކޮށްބަލަ" ކުޑަކޮށް ދުވެލާފައި ގޮސް ނަވީންގެ ކޮނޑުގައި އަލޫކް ހިފެއްޓިއެވެ. އަލޫކްގެ އަތް ފޮޅުވާލަމުން ނަވީން ފިޔަވަޅުތައް ބާރުކޮށްލިއެވެ.

"ދޮންބޭ... މި ވަގުތަކީ ތިހެން ކަންތައް ކުރަންވީ ވަގުތެއްނޫން..." އަލޫކް އެހެން ކިޔަ ކިޔާ ހުއްޓާ ނަވީން ހޮސްޕިޓަލުން ނުކުމެގެން ގޮސް ކާރަށް އަރާ ދުއްވާލައިފިއެވެ. ދެފަރާތަށް ބޯހޫރާލަމުން އަލޫކްވެސް މަގުމަތިން ދިޔަ ޓެކްސީއަކަށް އެރިއެވެ.

"އާދައިގެ ވަރަށް ވުރެ ބާރަށް ކާރު ދުއްވަމުން ދިޔަ ނަވީން ގެ ދެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެފައިވާއިރު އޭނާގެ މުޅި ހަށިގަނޑުގައި މަޑު ތުރުތުރު އެޅުމެއް ވެއެވެ. ރުޅިއާއި ހިތާމައިގެ އިޙްސާސްގެ ސަބަބުން ހަށިގަނޑަށް އައި ބަދަލަކީ ކަންނޭގެއެވެ.

ގެއަސް ގޮސް ކާރު ޕާރކުކޮށްލުމަށްފަހު އެތެރެއަށް ވަދެފައި ޔާސިރުއޭ ކިޔާފައި ނަވީން ހަޅޭއްލަވައިގަތެވެ. އެއަޑު ގޭގެ ބޮޑު ކޮޓަރީގެ ތެރޭގައި ގުގުމާލިއިރު ސޯފާގައި ތިބި އެންމެންނަށްވެސް ސިހުން ލިބިގެން ދިޔައެވެ. ހާއްސަކޮށް ޔާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝާނީއާއި މައިހާވެސް އޭރު ތިރިއަށް ފައިބަނީއެވެ. ނަވީން ހަޅޭއްލަވައިގަނެފައި އެ ދިމާލަށް އައި އިރު އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. ހުދު ނަވީންއަށް ވެސް އޭނާ ހުރި ހާލަތާ މެދު ވިސްނައެއް ނުލެވުނެވެ. އައިސްފައި ހުރި ރުޅީގައި އޭނާ ގޮސް ޔާސިރުގެ ގަމީހުގެ ގިރުވާނުގައި ހިފާ ސޯފާއިން ނެގިއެވެ.

"ނަވީން... ކިހިނެތް ތިއުޅެނީ... އަމިއްލަ ބައްޕައަށް ތިހާ އިހްތިރާމް ކުޑަކޮށް ކަންތައް ކުރަން ޖެހޭތަ؟" ޚާއިބު ގާތަށް ރުޅި އަތުވެއްޖެއެވެ. ސޯފާއިން ތެދުވަމުން އޭނާ ހަރުއަޑުން ބުނެލިއެވެ. އެ އަޑުވެސް ނަވީންއަށް ނީވޭފަދައެވެ.

"ނަވީން... ބައްޕަގެ ގައިން ހަމަ މިހާރު ދޫކޮށްލާ... ކިހިނެތް ވެގެން ތިޔަ އުޅެނީ... ހަމަހޭގަތަ ތި ހުރީ؟" ރަޒީފާވެސް ތެދުވެއްޖެއެވެ. އޭނާވެސް ބާރަށް ބުނެލިއެވެ.

އަލޫކް ގެއަށް ވަތް އިރު އޭނާ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ފޯނު ބާއްވާފައި އޭނާ ނަވީންއަށް ބަލާލަމުން ދެފަރާތަށް ބޯ ހޫރާލަމުން ގޮސް ނަވީން ގާތަށް ހުއްޓުނެވެ. އޭރު ރަޒީފާއާއި ލައިލާ އާއި ދެމީހުން ވެގެން ނަވީން ދުރުކުރަން އުޅެއެވެ. އޭނާ އެ ދޭތެރެއަށް ވަދެ ނަވީން ދުރުކުރިއެވެ. ރަޒީފާ ކުރިއަށް ޖެހިލާފައި ނަވީންގެ ކޯތާފަތް މަތީގައި އޭނާގެ އަތުގެ ހޫނުހަމަލާއެއް ދިނެވެ. އެއާއެކު ނަވީންއަށްވެސް ހަމަބިމަށް އާދެވުނު ފަދައެވެ. އިރުކޮޅަކު އިސްޖަހާލައިގެން ހުރެފައި އޭނާ އިސް އުފުލާލާ ޔާސިރުއަށް ބަލާލިއެވެ.

"ނަވީން ކިހިނެތް ވެގެން ތިއުޅެނީ... ކޮންމެ ފަދަ ކަމެއް ވިޔަސް މީހެއް ގަޔަށް އަރާކަށް ނުޖެހޭނެ... އެއީ އަމިއްލަ ބައްޕައޭ..." ޚާއިބު ބުނެލިއެވެ. އޭނާ ކުރިއަށް ޖެހިލާ ދެވަނަ ފަހަރުވެސް ނަވީންއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އެންމެންގެ ނުރުހުމުގެ ބަސްތައް ނަވީންއަށް އަމާޒުވަމުން ދިޔަނަމަވެސް އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ.

އަލޫކް ހޯދާލީ ޓީވީ ރިމޯޓެވެ. ދެންމެ އަންނަނިކޮށް އާހިލް ގުޅާފައި ނޫސްވެރިންއެއްވެއްޖެ ކަމުގައި ބުންޏެވެ. އެހެންކަމުން މިހާރު ހަބަރުތައް ޓީވީތަކުން ކިޔާނެއެވެ. އޭނާ ޓީވީ ހުޅުވާލިއެވެ.

"ދޮންބެއަށް ވީ ގޮތް މި ބަލާލުމުން އެންމެނަށް ވެސް އެނގޭނެ..." އަލޫކް ގެ ވާހަކައަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ޓީވީ ހުޅުވާލުމާއެކު ފުރަތަމަވެސް އެންމެންގެ ސަމާލުކަން ހުއްޓުނީ ގެނެސްދެމުން ދިޔަ އަވަސް ހަބަރަށެވެ.

"މީގެ އަހަރުތަކެއް ކުރިން މަރާލާފައިވާ މާހިރާ ދިރިހުއްޓާ ފެނިއްޖެ" ހަބަރުގެ ސުރުހީގައި ވަނީ އެހެންނެވެ.

"އެއީ ކިހިނެތްވާނެ ކަމެއް" ފައިން ވާގި ދޫވުމާއެކު ރަޒީފާ އަރި އަޅާލިއެވެ. އަލޫކް ނުހިފެއްޓިނަމަ ވެއްޓުނީހެވެ.

"މާހިރާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާކަމާއި މިހާރު މާހިރާގެ ހާލަތު ވަރަށް ނާޒުކު ކަމުގައި ހަބަރުން ކިޔަމުން ދިޔައެވެ. ގިނަ އަދަދެއްގެ އާއްމުންނާއި ފުލުހުންވެސް ހޮސްޕިޓަލް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް އޮތެވެ.

"ނަވީން... " ޚާއިބު ގޮވާލިއެވެ. އޭނާ ޔާސިރުގެ ގަޔަށް އަރައިގަންނަން ޖެހުނު ސަބަބެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

"ފެނިއްޖެތަ؟ ފެނިއްޖެތަ؟ އަހަރެންގެ މަންމަ މަރެއްނުވޭ... އެނތޭތަ ކާކުކަން އެކަމުގެ ފަހަތުގަ ހުރީ... ކާފަގެ ދަރި ހުރީ.. މިހިރަ ޔާސިރު ހުރީ..." ނަވީންއަށް މަޑުން ހުންނަން އުނދަގޫވިއެވެ. އެހެން ކިޔާފައި ލަސްނުކޮށް ނަވީން ގޭން ނުކުންނަން ހިނގައިގަތުމުން ރަޒީފާ ބަލާލީ އަލޫކް އަށެވެ.

"މާމަ މެން އިތުރު ކަމެއް އޮޅުން ފިލުވަން ބޭނުންވަންޏާ ބައްޕަ ކައިރީ އަހާ... އެއީ ހުރިހާ ކަމެއްގެ އަސްލަކީ" އަލޫކް ވެސް ހިނގައިގަތެވެ. ދެމީހުން ގޮސް ނުކުތްތަން ބަލަން ހުރެފައި ޚާއިބު ބަލާލީ ޔާސިރު އަށެވެ.

"ޔާސިރު... އެ ކުދިން އެ ކިޔަނީ ކީކޭ؟" މާހިރާ ދުނިޔޭގަ ކިހިނެތް؟"

"ނޭނގެ ބައްޕާ... މާހިރާގެ ނިޔާވެފައިވާ ހަށިގަނޑު އެންމެނަށްވެސް ފެނުނު... ދެން ނޭގެ... ނަވީން މެން ހީ ކުރަނީ ކަންނޭގެ އަޅުގަނޑުގެ ސަބަބުންނޭ ހުރިހާ ކަމެއް ވީ؟ ނޫނީ އަޅުގަނޑު އެހެންމީހަކާ އިނީމަ ކަންނޭނގެ" ޔާސިރު ވާހަކަދެއްކިއެވެ. އަދި ހަޤީގަތް ޚާއިބު މެންނަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ރާއްޖެ ދޫކޮށް ދާށެވެ. ވީ ގޮތް ބަލަން އޭނާވެސް ދާން ބޭނުން ކަމަށް ބުނެ އަވަސް އަވަހަށް ބޭރަށް ނުކުންނަން ދާން ފެށުމުން އެންމެންވެސް ޔާސިރުގެ ފަހަތުން ނުކުތެވެ.

"ފަހަރަކު ބަޔަކު ކާރަށް އަރާ ނައްޓާލިއެވެ.

"މަންމާ... އަޅުގަނޑު ދާނަން އެއްޗެއް ހިފައިގެން.... ނައްޓާލާ" ޔާސިރު ކާރަށް އަރަ އަރާފައި ކުއްލިއަކަށް ބުނެލިއެވެ. އެހެންކަމުން އެ އެންމެން ކާރުގައި ނައްޓާލީ ޔާސިރު ނުލައެވެ. އޭނާ ގެއަށް ވަދެފައި ދެން ނުކުތީ ކުޑަވަރެއްގެ ދަބަހެއް ހިފައިގެންނެވެ. ނުކުމެ ގޭޓުން ނުކުމެގެން އޭނާ ދެން އަތް ނެގީ ޓެކްސީއެކެވެ. އެހެންނަމަވެސް ހުއްޓާ ގޮތެއް ނުވިއެވެ.

"ހުރިހާ ކަމެއް ގޯސްވީ... މާހިރާ ކިޑްނެޕް ކޮށްގެން ގެންގުޅުނު ތަނުގަ ބައިތިއްބަން ގެންގުޅުނު ޒައިދު ވެސް ހައްޔަރުކޮށްފި... ކިހިނެތްހަދާނީ..،އަހަރެން ޖެހޭނީ ފިލަން... އެހެންނޫނީ މަ ހައްޔަރު ކުރާނެ..." ޔާސިރު ފޯނުން ވާހަކަ ދެއްކިއެވެ.

ޓެކްސީއެއް އަތު ނުޖެހުމުން އޭނާ ދެން ޚިޔާރުކުރީ ހިނގާފައި ދާށެވެ.

*****

ހޮސްޕިޓަލް އެތެރެވެސް ފުދޭވަރަކަށް ހަލަބޮއްޔެވެ. ނޫސްވެރިންނާއި ފުލުހުންވެސް ހަރަކާތްތްތެރިވަމުން ދިޔައެވެ. ޚާއިބުމެންނަށް ދެވުނު އިރު ނަވީންވެސް ހުއްޓެވެ. ފުލުހުންއައިސް ތަހުޤީގަށް ބޭނުންވާ ސުވާލުކުރަން ފެށިއެވެ. ނަވީން އާ ސުވާލުކުރެވުނެވެ. ޒައިދުމެންގެ ފަރާތުން ލިބުނު މައުލޫމާތާއި ނަވީން ގެ ފަރާތުން ލިބުނު މައުލޫމާތު ތަކުގެ އަލީގައި ޔާސިރު ހޯދުމުގެ މަސައްކަތް ފެށުނެވެ. ގެ ބަލާ ޗެކް ކުރެވުނު އިރު ވެސް އޭނާގެ ހަބަރެއް ނުވިއެވެ.

*****

އަހަރެން މި ހުރީ ވަރަށް ކައިރީގަ... ކިހާއިރަކު ފުރަނީ... އާނ އޯކޭ" އެކޮޅުން ވާހަކަ ދެއްކި މީހާ އާއި ވާހަކަ ދައްކާ ނިންމާލާފައި ޔާސިރު ފޯނު ބޭއްވިއެވެ. އޭނާ ބަނދަރުގައި އޮތް ރާއްޖޭން ބޭރަށް މުދާ އުފުލާ ދޯންޏަކަށް އެރިއެވެ.

ރަޒީފާމެންނަށް އަޑު އިވުނު ވާހަކަތަކުން އެމީހުން އެންމެނަށްވެސް ތިބީ ޝޮކެއް ލިބިފައެވެ. ޝަކީބުވެސް ހައްޔަރުކުރެވުނެވެ. ޗަކީބުގެ ވާހަކަތައްވެސް ހުރީ ޔާސިރުއާ ދެކޮޅަށެވެ.

"ޔާސިރު އެހެނެއްނުހަދާނެ" ރަޒީފާއަށް އެ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. އޭނާ ޚާއިބުއަށް ބަލާލިއެވެ. އެހެންނަމަވެސް ހަޤީގަތް ކުރިމަތީގައި ހާމަވަމުން ދިޔަ ގޮތުން އެ ހުރިހާ އެއްޗެއް ޤަބޫލުކުރަން މަޖުބޫރުވީއެވެ. މާހިރާ ކޯމާއަކަށް ދިޔުމާއެކު ނަވީންއަށް ލިބިފައިވަނީ އާދަޔާ ހިލާފް ހިތްދަތިކަމެކެވެ. މުޅި އެ ޢާއިލާއަށްވެސް މެއެވެ. ދަންވަރުގެ ވަގުތެއްގައި ރަޒީފާގެ ހާލަތު ދަށްވެ އެޑްމިޓް ކުރެވުނެވެ.

ޔާސިރު ފިލައިގެން ދިޔަ ހަބަރު ފުލހުންނަށް ލިބުމާއެކު އެމީހުން ކަނޑުމަތީގައި ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. ޔާސިރު ހައްޔަރު ކުރެވުނީ އެ އޮޕަރޭޝަން ތެރެއިންނެވެ. ހައްޔަރުކޮށްގެން މާލެ ގެނައިއިރު މާލޭގެ ރައްޔިތުން ކަހަލަ ގޮތަކަށް އެތަނަށް އެއްވެފައި ވެއެވެ. މުޅިންވެސް އެތަނުން އިވެމުން ދިޔައީ ޔާސިރުއަށްޓަކާ ބަދު ބަސްތަކެވެ. އެކަމުން އޭނާއަށް އަސަރުނުކުރާ ފަދައެވެ.

އެ ހަބަރު ލިބުމާއެކު އިބާވެސް ހޮސްޕިޓަލަށް އައިސްފިއެވެ. ނަވީންއެކޭ އެއްގޮތަށް އިބާއަށްވެސް ހޮތާމަވެރިކަން ލިބިފައިވެއެވެ، ވާނީވެސް އެހެންތާއެވެ. މިހުރިހާ ދުވަހު އޭނާ ކައިރީގައި މާހިރާ ހުރުމުން މާހިރާ އާ މެދު އޭނާގެ ހިތުގައިވެސް ވަނީ ފުން ލޯތްބެއް އުފެދިފައެވެ. އިބާ އާއި ނަވީންއާއި އޮތް ގުޅުން އެރޭ އެ އާއިލާއަށް އެނގުނެވެ.

"ދަރިފުޅާ... ވަރަށް އުފާވެއްޖެ... މާހިރާ އަށް އެހާ އޯގާތެރިވީތީ" ރަޒީފާ ބުނެލިއެވެ. މާހިރާ އަކީ އޭނާގެ ހިތުންވެސް ހާއްސަ ލޯތްބެއް ލިބިފައިވާ މީހެކެވެ. މީގެ ކުރިން ނަވީންދެކެ އެހާ ރުޅި އަންނަ ލައިލާގެ ފަރާތުންވެސް މިރޭ ފެނުނީ މޮޅިވެރިކަމެވެ. މުދާތައް ދޫކޮށްލާފައި އޭނާ އެގޭން ނުކުންނަން ޖެހިދާނެޔޭ ހީވާތީކަމަށްވެސް ވެދާނެއެވެ. ނޫނީ ހަމަ ހަޤީގަތުގައި ވެސް އޭނާގެ ހިތަށް ކޮންމެވެސް ކަހަލަ އަސަރެއް ކުރީއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ދެ ދުވަސްފާއިތު ވެގެން ދިޔައިރުވެސް މާހިރާ އާ މެދު އެފަދައިން ކަންތައް ކުރަންވީ ސަބަބެއް ޔާސިރުގެ ފަރާތުން އެނގޭ ގޮތެއް ނުވިއެވެ. އެހެނެއްކަމަކު ޝަކީބު ވަނީ ހުރިހާ ކަމަކަށް އެއްބަސްވެފައެވެ. އަދި އެކަމުގައި އޭނާއާއި އެއްވަރަށް ޔާސިރުގެ އަތް ވާކަމަށް ވެސް ބުންޏެވެ. އެހެންކަމުން ހުރިހާ ހެއްކެތް ކަހަލަ ގޮތަކަށް ހުރީވެސް ޔާސިރު އާ ދެކޮޅަށެވެ. ކޯލު ރިކޯޑިންތައްވެސް ރާފިހް ފުލުހުންނާއި ހަވާލުކުރިއެވެ.

ރަޒީފާއާއި ޚާއިބުއަށް ލިބިފައިވި ހިތާމަތައް ލުއި ވާގޮތެއް ނުވިއެވެ. ރުޝްދާ އާއި ނަވީން ގާތުގައި ނެތް ނަމަ އޭނަ މަރުވީސްކަން ޔަޤީނެވެ. ކޮންމެ އަކަސް ޔާސިރުގެ ހަޤީގަތް މުޅި އެ އާއިލާތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފައްދައިފިއެވެ. މުޅި ދިވެހި ރައްޔިތުންގެ އިނގިލި އެ އާއިލާއަށް ދިއްކުރަން ފަށައިފިއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ކުންފުންޏަށެވެ. ކުންފުނީގެ ގިނަ މުއައްޒިފުން ތަކެއް ވަޒީފާއިން ވަކިވިއެވެ. ނަވީންއަށްވެސް ބައެއް މީހުން އިނގިލި ދިއްކުރަން ފެށިއެވެ. އެހާ ދުވަސް ވަންދެން އެކަން ފުލުހުންނަށް ނޭންގުމުން ނަވީން ދެކެ ހިންހަމެ ނުޖެހޭ މީހުންވެސް ބައިވަރެވެ. އެކަމަކު އެކަމުގެ ފަހަތުގައި ސަބުބުތަކެއް ވާނޭކަމަށް ޤަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. ކުންފުނި ނަގާ ކޮޅަށް ޖެހުމަށް އެހީވާން ތައްޔާރަށް ތިބި ކަމަށް އާހިލްއާއި ރާފިހް ބުނުމުން އެ ހިންހަމަޖެހުން ނަވީންމެންނަށް ލިބުނެވެ.

އެންމެ ފުރަތަމަ ކޯޓުގައި އޮތް އަޑު އެހުމުގައި ޔާސިރުގެ ފަރާތުން މާބޮޑު އެއްޗެއް އެނގޭ ގޮތެއް ނުވިއެވެ. މާހިރާއަށް އެފަދަ ހާލެއް ޖައްސަން ޖެހުނު ސަބަބެއް އޭނާ ނުބުންޏެވެ. ހާދީ މަރާލުމުގައި ޔާސިރު ވެސް ޝަކީބުއާއެކު ބައިވެރިވިކަމަށް ޝަކީބު އެއްބަސްވެފައިވާތީ ޔާސިރުއަށް އެހާ ފަސޭހައިން އެކަމުންވެސް ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. މާހިރާގެ އެކުވެރިޔާ މަރާލުމުގައި ޝަކީބުއާއެކު ހާދީ ބައިވެރިވީކަމަށް ޝަރީއަތުގެ މަޖިލީހުގައި ޝަކީބު ބުންޏެވެ.

އެމީހުން ކަންތައްކުރި ގޮތުގެ ތަފްސީލް ކިޔައިދިނެވެ. އެއީ ކާކުކަން ފޮރުވުމަށް އެމީހުން ބޭނުންކުރި ހުރިހާ އުކުޅެއްވެސް ކިޔައިދިނެވެ. އަދި މާހިރާ ރާއްޖޭން ކަނޑު ބޯޓަކަށް ލާފައޮ ފޮނުވާލި ގޮތްވެސް ކިޔައިދިނެވެ. ރާއްޖޭގެ ފުލުހުންނާއި ލަންކާގެ ފުލުހުނ ގުޅިގެން މާހިރާ ހައްޔަރުކޮށްފައި ހުރި ތަނުގެ ތަހްގީގެއްވެސް ހިންގުނެވެ.

އާދައިގެ މަތިން ނަވީން މަންމަ ކައިރިގައި އިންދާ އަލޫކްއައިސް ވަނެވެ. އެންމެން ވީ ގެއަށް ގޮހެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު އަލި ވަނީ ވަރަސް މަޑުކޮށްލެވިފައެވެ.

"ދޮންބެ ގެއަށް ގޮސްލަން ވީނު ނިދާލަން... މިރޭ އަހަރެން މަޑުކޮށްލާނަން" އަލޫކް ބުނެލިއެވެ. ވަރުބަލިވެފައި ހުރިވަރުން ނަވީންވެސް ދާން އެއްބަސްވިއެވެ. ނަވީން އަލޫކް ގެ ކޮނޑުގައި ޖަހާލާފައި ގޮސް ކޮޓަރިން ނުކުތެވެ. ދެލޯ އުނގުޅާލީ ނިދިއައިސްފައި ހުރިވަރުން ނިދި ފިލުވާލެވޭތޯއެވެ. ނުކުމެ ނުކުމެ ހުއްޓާ ކުއްލިއަކަށް އަލޫކް ނުކުމެ ނަރުސްކުދިންތިބޭ ތަނަށް ގޮސް ވާހަކަދެއްކި އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

އެނބުރި ފަހަތް ބަލާލިއިރު ދެ ކުއްޖަކު ދުވެފައި އޭނާ މަންމަ ބާއްވާފައި އޮތް ބަޔަށް ދުއްވައިގަތެވެ. އޭނާވެސް އެނބުރި އައި ދިމާލަށް ފިޔަވަޅުތައް ބާރުކޮށްލިއެވެ. ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އަލޫކް އާ އަރާ ހަމަކޮށްލިއެވެ. ވީ ގޮތް އޮޅުން ފިލުވާލިއެވެ.

"ނޭނގެ ކުއްލިއަކަށް މެޝިންތަކުގެ އަޑު ގަދަވާންފެށީ..." އަލޫކް ބުނެލިއެވެ. ދެމީހުންނަށް ދޮރާ ހިސާބުގައި ހުއްޓެވުނީ ކިރިއާއެވެ. އެއްކުއްޖަކު ދުވެފައި ނުކުތެވެ. ނަވީންމެން އެތެރެއަށް ވަނެވެ. މަންމަ ތެޅެމުން ދިޔަ ގޮތން ނަވީން އެ ދިމާލަށް ކައިރިވާން އުޅުމުން ނަރުސްކުއްޖާއަށް ފުރުސަތު ދިނުމުގެ ގޮތުން އަލޫކް ނަވީން ހިފެއްޓިއެވެ. އިރުކޮޅަކުން އަނެއް ކުއްޖާ އައީ ދެ ޑޮކްޓަރުން ގޮވައިގެންނެވެ. ނަވީންމެންގާތު ބޭރުގައި މަޑުކޮށްލަން ބުނަމުން ނަރުސްކުއްޖާ ފޮތިގަނޑު ދަމާލިއެވެ. މަޑުކުރަން ބޭނުންވިނަމަވެސް ނަވީންއަށް މަޑުނުކުރެވުނީ އަލޫކްގެ ސަބަބުންނެވެ. ތަކުރާރު ކޮށް ނުކުތުމަށް އެދެމުން ދިޔުމުގެ ސަބަބުންނާއި ނަރުސްކުއްޖާ އެހެން ބުނެފައި އޮތުމުން އޭނާއަށް މަޑުކުރަން ނުކެރުނީއެވެ. އާއިލާގެ މީހުންނަށް ގުޅަން ހިތަށް އަރާފައިވެސް ޑޮކްޓަރުގެ ފަރާތުން ވަކި އެއްޗެއް ނޭނގެނީސް އޭނާ ގުޅަން ބޭނުމެއްނުވިއެވެ. އެހެންނޫނީ އަނެއްކާ އެންމެން ހާސްވާނީއެވެ.

ގޮނޑީގައި އިށިދެލާ ނަވީން އޭނާގެ ތުނި ތުނބުޅީގައި އަތް ޖައްސާލިއެވެ. ދެން ބަލާލީ އަލޫކްއަށެވެ. އަލޫކް ބޯ ޖަހާލީ ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ބުނަމުންނެވެ. ނަވީން ވެސް ހިންހަމަޖައްސާލީއެވެ. އޭނާ ހުރިހާ ކަމެއް ﷲ އާ ވަކީލް ކޮށްލީއެވެ.

އެހެން ތިއްބާ ޑޮކްޓަރު ނުކުތުމާއެކު ނަވީން ތެދުވިއެވެ. ޑޮކްޓަރު ގާތަށް ހުއްޓި ވީ ގޮތަކާ ބެހޭގޮތުން ނަވީން ސުވާލުކުރިއެވެ. އެއާއެކު ޑޮކްޓަރު އިސްދަށަށް ޖަހާލިއެވެ.

"ކިހިނެތްވީތޯ ޑޮކްޓަރ" ނަވީން ސުވާލުކޮށްލިއެވެ.

"އައި އެމް ސޮރީ... މާހިރާ މިދުނިޔެ ދޫކޮށްފި" އެ ޑޮކްޓަރަކީ އެ އާއިލާގެ ގާތް ޑޮކްޓަރަކަށް ވުމުން އޭނާއަށް މާހިރާ ވެސް އެނގޭނެއެވެ. އެންމެ ކުރީއްސުރެ އެ އާއިލާ އާއި ނައިފްއާއި ގުޅުން އޮވެއެވެ.

"ނުވާނެ އެހެނެއް" ދެލޮލަށް ކަރުނަތައް ޖަމާވެފައިވާ ހާލު ނަވީން ބުނެލިއެވެ.

"ދޮންބޭ" އަލޫކް ނަވީންގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އެއާއެކު ނަވީން އިސްދަށްޖަހާލިއެވެ. ޑޮކްޓަރުވެސް ނަވީންގެ ކޮނޑުގައި ޖަހާލާފައި ދިޔައެވެ. ނަވީން ގޮސް ގޮނޑީގައި އިށީނުމާއެކު އަލޫކް ގުޅާލީ ޚާއިބުއަށެވެ.

"ކާފާ... ދޮންބެ މަންމަ ނިޔާވެއްޖެ.... އެންމެން ގޮވައިގެން އަންނަން ވީނުންތޯ؟ އެހަށް އެއްވެސް މީހަކު ގާތު ނުބުނެ މިކޮޅަށް އައުން ކަންނޭގެ ރަނގަޅުވާނީ" އަލޫކް އޭނާގެ ހިޔާލެއް ފާޅުކޮށްލިއެވެ.

ހާއިބު އޭނާ އެކޮޅުން ހަމައަކަށް އަޅުވާނަމޭ ބުނެ ފޯނު ބޭއްވުމާއެކު އަލޫކް ދެން ގުޅާލީ އިބާއަށެވެ.

(ނުނިމޭ)

(ނުނިމޭ...)

ކޮމެންޓް 0