"ޝަކީބު...އަތުގައި ހޭކުނު ލޭތައް ސާފުކޮށްލުމަކުން ތި ދެ އަތުން ކުރި މުޑުދާރު އަމަލު ފުހެވިގެނެއް ނުދާނެ... ކޯޓު ލާފަ އިއްޒަތުގައި އެބަ އުޅެވޭދޯ ވަރަށް އަރާމުގަ..." ސައިކަލެއްގައި މަޑުކޮށްލައިގެން އިން އިރު މޫނު ނުފެންނަ ފަދަ ގޮތަކަށް އޭނާ އިނީ ތޮތްޕެއް އަޅާލައިގެންނެވެ. ސައިކަލުގެ ހުންގާނުގެ އަތްގަނޑަށް ބާރުކުރަމުން ދިޔައިރު އެ ޒުވާނާގެ ނަޒަރު ހުއްޓިފައި ހުރީ ޝަކީބުގެ ކާރާ ދިމާލަށެވެ. ހުސް ކަޅު އެއްޗެހީގައި ހުރި އިރު ކާކުކަން ދެނެގަންނާކަށް ނޭނގެއެވެ.

އިރުކޮޅަކު އެހެން އިނުމަށްފަހު އެ ޒުވާނާ ސައިކަލު ދުއްވާލިއިރު ކަތުރުކަށިގަނޑަށް ވެރިވި ހަރަކާތުން އޭނާ ރުޅި އައިވަރު ދެނެގަނެވުނެވެ. ސައިކަލުގެ ހުންގާނުގައި ހިފާ އަނބުރާލަމުން ސައިކަލުގެ ސްޕީޑް ބާރުކޮށްލުމާއެކު ޝަކީބުގެ ކާރާ ދިމާލަށް އެ ޒުވާނާ މިސްރާބުޖެހިއެވެ. ދުއްވާ އެއްޗެހިތަކުގެ ދޭތެރެއިން ވަންނަމުން ގޮސް އެ ކާރު ގެ ކުރިމައްޗަށް ކުއްލިއަކަށް އަރާ ބުރަކި ޖައްސާލިއެވެ.

ޝަކީބުގެ ކާރު ދުއްވަން އިން ޑްރައިވަރު ހުޝިއާރު ކަމާއެކު ބުރަކި ޖައްސާލިކަމީ ނަސީބެކެވެ. ޑްރައިވަރުވެސް ސިހިފައި ބަލާލިއިރު އޭނާއަށް ވެސް ފެނުނީ ކުރިމަތީގައި ސައިކަލުގައި އިން ޒުވާނާއެވެ. ޝަކީބުވެސް ފަހަތު ސީޓުގައި އިނދެފައި ކުޑަކޮށް ތެދުވެ ކުރިމަތި ބަލާލިއެވެ. އޭނާއަށްވެސް އެ ޒުވާނާ ފެނުނީ ފަހަތުންނެވެ. އެހެންކަމުން މާކަށް ރަނގަޅަކަށް އެއީ ކާކުކަން ބުނާކަށް އޭނާއަކަށް ނޭނގުނެވެ. އެހެން އިނދެފައި އެ ޒުވާނާ ސައިކަލު ދުއްވާލުމާއެކު ޝަކީބުވެސް ޑްރައިވަރު ގާތު އެކަމާ އަޅާނުލަން ބުނެފައި އަވަސް ކުރާށޭ ވެސް ބުނެލިއެވެ.

އިބާ އުޅުނީ ގޭތެރެ ފޮޅާ ސާފުކުރުމުގައެވެ. ޓީވީ އަޅުވާފައި ހުރިނަމަވެސް ސޯފާގައި އިން މާހިރާގެ ސަމާލުކަން ޓީވީއަށް ނެތްކަން އިބާ ދެނެގަތެވެ. އެހެންނަމަވެސް މަޑުމަޑުން މާހިރާ އިނީތީ އިބާވެސް އަޅާނުލާ މަޑުކޮށްލީ ސާފުކޮށްލުމަށްފަހު މާހިރާ ގާތަށް ދިޔުމަށެވެ. ގޭތެރޭގައި މޮޕް ލާ ނިންމާލުމަށްފަހު މެޝިނުގައި ދޮވެފައި ހުރިހެދުންތައް ނަގައިގެން ގޮސް ހިއްކަން އަޅުވާފައި ހިންދެމިލިއެވެ. އޭރު ކޮންމެވެސް ވަރަކަށް ދާ ތިކި މުތީތަކެއް ފަދައިން އޭނާގެ މޫނުމަތީގައި ވިދަމުން ދިޔައެވެ.

ހަވީރު ސައިބޯން އޭނާ ސޭންޑްވިޗް ހަދަން މަސްގަނޑު މޮޑެ ނިމުނުނަތާ ނަވީންގެ މެސެޖެއް އައެވެ. ނާދެވޭނެ ކަމަށް ބުނެފައެވެ. މަންމަކިހިނެތްތޯ އަހާފައެވެ. އިބާ އެއަށް ޖަވާބު ދީފައި ދެން އަވަސްވެގަތީ ސޭންޑްވިޗް ހަދާ އެ ޓޯސްޓް ކުރާށެވެ. އިރުއިރުކޮޅުން އޭނާގެ ނަޒަރު މާހިރާއަށްވެސް ހުއްޓެވެ. އެހެން ހުއްޓުނު ފަހަރެކެވެ.

މާހިރާ އޭނާގެ ބޮލުގައި ހިފައްޓާލަމުން ކުޑަކޮށް ގުދުވެލިއެވެ. އަވަސް އަވަސް އަވަހަށް އަތް ދޮވެލުމަށްފަހު އޭނާ މާހިރާ ގާތަށް ގޮސް ހުއްޓުނެވެ. މާހިރާގެ ކޮނޑުގައި އިބާ އަތް ޖައްސާލުމާއެކު އެ އަތް ފޮޅުވާލުމަށްފަހު މާހިރާ އިސް އުފުލާލިއެވެ. އެއަށްފަހު އޭނާ މަޑުމަޑުން ކޮންމެވެސް އެއްޗެއް ބުނެލިއެވެ. މާހިރާ ބުނި އެއްޗެއް ނޭނގިގެން އިބާ ކުޑަކޮށް ގުދުވެލާ ކަންފަތް ކައިރިކޮށްލިއެވެ.

"ބޫޓަކުން.... ބޫޓަކުން އޭނަ.... ޖަހަ... ނީ" ވާހަކަ ދައްކަން ކިތަންމެ އުނދަގުލަސް، އަޑު އެހާ މަޑަސް މާހިރާ އެ ބުނި އެއްޗެއް އިބާއަށް ފަހުމްވިއެވެ. އޭނާ މާހިރާ ގާތު އިށީނދެ މާހިރާގެ އަތުގައި ހިފައްޓާލިއެވެ. މާހިރާއަށް ކަމެއް ވެދާނެތީ އިބާ ހާސްވިއެވެ. ނަސީބަކުން އިރުކޮޅަކުން މާހިރާ ހަމައަކަށް އެޅިއްޖެއެވެ. ނަވީންއަށް ކިތަންމެ ކުޑަ މައުލޫމާތަކީވެސް މުހިންމު މައުލޫމާތަކަށް ވާނެއެވެ. އެހެންކަމުން އިބާ ވިސްނައިގެން ހުރީ ނަވީން އައުމުން ހުރިހާ މައުލޫމާތެއް ހިއްސާކުރާށެވެ. އަނެއްކޮޅުން މާހިރާގެ ހަރަކާތްތައް އާދަޔާހިލާފަށް މަދުވެފައި އަބަދުވެސް ބިރުވެރިކަމެއް މޫނުމަތިން ފެންނަމުން ދިޔައެވެ. އެއި ކީއްވެކަން ހުދު އިބާއަށް ވެސް އެނގެއެވެ.

ފެންވަރަން ވެގެން ދަމުން އިބާ ކޮޓަރިއަށް ދިޔައީ މާހިރާވެސް ގޮވައިގެންނެވެ. ފެންވަރައިގެން ނުކުމެ ރީތިވެގެން އިބާ ސައިބޯން ނުކުތީ އަނެއްކާވެސް މާހިރާ ގޮވައިގެންނެވެ.

ތައްޓައް އެއްޗެހި އަޅާފައި މޭޒު ދޮށުގައި ރަނގަޅަށް ނީށީނދެވި އުޅެނިކޮށް ކޮންމެވެސް ނޭނގޭ ނަންބަރަކުން ގުޅައިފިއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލަން އުޅެފައިވެސް އޭނާ މަޑުކޮށްލީ އެއީ ޒައިދުއަށް ވެދާނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާއަށް ޒައިދުގެ ކިބައިން ސަލާމަތް ވެވެންނެތީބާއޭ އިބާގެ ހިތަށް އެރިއެވެ. ޒައިދުގެ ސަބަބުން އޭނާގެ ދިރިއުޅުން ވެއްޓުނީ އަޑި ނޭނގޭ ވަޅުގަނޑަކަށެވެ. އެ ތަދުތަކާ ވޭނާ އުދާސްތައް އަދިވެސް އޭނާގެ ހަށިގަނޑު ކުދި ކުދި ކުރަމުން ގެންދެއެވެ. އެ އަނިޔާގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލިބުނު ޒަޚަމްތައް ފަސޭހަވެ ލަކުނަށް ވިނަމަވެސް އަދިވެސް ނަފްސާނީ ގޮތުން ލިބުނު ޒަހަމްތައް ހުރީ ހަމަ އެގޮތަށް ތާޒާކޮށެވެ. ހިތަށް ލިބުނު ޒަހަމްތައް އެހާ ފުނެވެ.

ފޯނު ރިންގްވެފައި ކެނޑުމާއެކު އިބާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައި ހިނގައިގަތީ ކުރީ ދުވަހުގެ ހާދިސާ ހިތަށް އަރާފައެވެ. އެހެންނަމަވެސް އިބާ ބޭނުންވީ ހިތްވަރު ގަދަ އަންހެނަކަށް ވާށެވެ. އަމިއްލަ މީހާގެ ހައްގުގައި ވެސް އެމީހަކާ ދެކޮޅަށް ތެދުވާށެވެ. ބިރުން އަނިޔާއަށް ކެތްކޮއްގެން ހުރުމަކީ ހައްލެއްނޫން ކަން އިބާ ދެނެގަތެވެ. އެހެންމީހެއްގެ އެހީތެރިކަމެއް ލިބޭނީ އޭނާ އެހެން މީހެއްގާތު އެހީތެރިކަމަށް އެދިގެންތާއެވެ. ތިމާގެ ހިތްވަރަކަށް އެހެންމީހަކު ވާނީ އަމިއްލަ މީހާގެ ހާލަތު އިތުރު މީހަކަށް ކިޔައިދީގެންނޫންހެއްޔެވެ؟

****

ރޭގަނޑުގެވަގުތެވެ. ހުޅުމާލޭގައި އޮތް އޮފީހުގެ ހަފްލާއެއްގައި ބައިވެރިވުމަށްފަހު އާހިލްއާއި ނަވީން އާއި ދެމީހުން މާލެ ދާންވެގެން ދަތުރު ފެށީ ނަވީންގެ ކާރުގައެވެ.

"މިހާރު ޑްރައިވަރަށް ވެސް ހާދަ އޮފް އެކޭ ދޯ ތި ދެނީ... ދެން ޑްރައިވަރެއް ނުގެންގުޅެ އަމިއްލައަށް ކާރު ދުއްވަން ވީނު" އާހިލް ނަވީންއަށް ބަލާލާ ލާނެތް ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިކޮށްލަމުން އަހާލިއެވެ.

"ހާދަ މޫޑީ ވެފަ... ؟" އާހިލް ސީރިއަށްވެލީ ނަވީންގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް އޭނާއަށް ނުނެނުނީތީއެވެ.

"ބިޒްނަސް ކިތަންމެ ކުރިއެރިއަކަސް އެކަމުން އަހަންނަކަށް މާބޮޑު އުފަލެއް ނުލިބޭ..." ނަވީން ބުނެލިއެވެ. އާހިލް އެއްޗެއް ނުބުނުމުން އާހިލްއަށް ބަލާލާފައި ނަވީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އާހިލް... އަހަރެން ގާތު އެހީމެއްނު އަހަރެން ޝަކީބުގެ އޮފީހަށް ދިޔައީ ކީކުރަންހޭ...؟" ނަވީންގެ ވާހަކައަށް އާހިލް ބޯ ޖަހާލިއެވެ.

"އޭނަ މަންމަގެ ބަދަލުގައި އެހެންމީހަކު މަރާލީ... އާހިލް... އަހަރެން އާހިލްއަށް އިތުބާރު ކުރާތީ އާހިލްގާތު މި ވާހަކަ މި ބުނަނީ.... އެ މަންޒަރު އިތުރު މީހަކަށް ފެނުނު... އެމީހުން ހެދި ހުރިހާ ގޮތެއް.... " ނަވީން ފުންނޭވާއެއް ލަމުން އާހިލްއާއި އޭނާގެ ހިތަށް އުނދަގޫވަމުންދިޔަ ކަންތައް ހިއްސާކުރިއެވެ. ވަރަށް ގިނަ ވާހަކަ ކިޔައިދިނެވެ. ޝަކީބުގެ ހަޤީގަތް އެނގުނު ގޮތާއި މަންމައަށް ބައްޕަ ހެދި ގޮތުގެ ތަފްސީލުގެ އިތުރުން އެ ކުންފުނި ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ކަންތައްތައް އޭނާ އާހިލްއަށް ކިޔައިދިނީ ތަފްސީލާ އެކީގައެވެ. ނަވީން ނުބުނެ ސިއްރުކުރީ އެންމެ ކަމެކެވެ. އެއީ އެ މަންޒަރު ފެނުނު މީހަކީ އިބާކަމުގައެވެ. އެ ވާހަކަ ބުނަން އަދި ވަގުތު ނުޖެހޭ ކަމުގައި ނަވީންއަށް ހީވަނީއެވެ. އާހިލްއަށް ކިތަންމެ އިތުބާރު ކުރިޔަސް އަދި އެ ވާހަކަ ބުނަން އޭނަ ތައްޔާރެއްނޫނެވެ. އާހިލް އެ ސުވާލުކުރުމުން ނަވީން ބުނިހާވެސް އެއްޗަކީ އަދި ވަގުތު ނުޖެހެނީ ކަމުގައެވެ.

އާހިލް ގެއަށް ލާފައި ނަވީން ގޮސް ގެއަތް ވަތް އިރު ސޯފާގައި ޔާސިރު އިނެވެ. މިފަހަރުވެސް ނަވީން އުޅުނީ ޔާސިރުގެ ކިބައިން ފިލަންކަމަށެވެ. އެހެންނަމަވެސް އޭނާއަށް އެކަން ނާކާމިޔާބު ނުވީ ޔާސިރު ގޮވާލުމާއެކުގައެވެ. މަޑުމަޑުން ގޮސް ސޯފާގައި އިށީނުމާއެކު ޔާސިރުގެ ތޫނު ނަޒަރު ނަވީންއަށް އަމާޒުވެގެން ދިޔައެވެ. އެއާއެކު އޭނާއާއި ކުރާނީ ކޮން ސުވާލެއްކަން ނަވީންއަށް އެނގި، އޭނާއަށް ދެ އަތް މުށްކަވާލެވުނެވެ. އެއަށްފަހު ޔާސިރުއަށް ބަލާލިއެވެ. ކިތަންމެ ވަރަކަށް އޭނާ ހަމަޖެހެން އުޅުނަސް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ.

"ނަވީން... ބައްޕައަށް ބުނެދޭން ޖެހޭނެއެއްނޫންތަ ޝަކީބުގެ ކައިރިއަށް ނަވީން ދާން ޖެހުނީ ކޮން ބޭނުމަކު ކަން... " ޔާސިރު ސުވާލުކޮށްލިއެވެ.

"ނަވީން" ނަވީން އެއްޗެއް ނުބުނުމުން ޔާސިރު ރުޅިއައެވެ. އަޑަށް ހަރުކަށިކަމާއި ބަރުކަން ގެންނަމުން އޭނާ ދެވަނަ ފަހަރުވެސް އެ ސުވާލު ތަކުރާރު ކުރިއެވެ.

"އޭނަ ގުޅައިގެން ދޮންބެ ދިޔައީ... އަޅުގަނޑު ގާތު ހުއްޓަ އޭނަ ދޮންބެއަށް ގުޅީ..." ފަހަތުން އިވުނީ އަލޫކްގެ އަޑެވެ. އެއާއެކު ދެމީހުންނަށް އެކު އެކީ ކަހަލަ ގޮތަކަށް އެ ދިމާލަށް ބަލާލެވުނެވެ. އަލޫކް ވާހަކަ ދެއްކުމުން ނަވީން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަލޫކްގެ ހިތުގައި ހިނގަމުންދިޔަ އެއްޗެއް ދެނެގަންނަން ނަވީން ނުކުޅެދުނެވެ.

"އަލޫކް... ނަވީން... އެއީ ތެދެއްތަ؟ އޭނަ ކީކޭ ކީ؟" ޔާސިރު އަލޫކްއަށް ބަލާލުމަށްފަހު ދެވަނަ ފަހަރު ނަޒަރު ހުއްޓާލީ ނަވީންއަށެވެ. ނަވީން ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. ނަވީން މަޑުން ހުންނަން ފެށުމުން އަލޫކް ދެންވެސް ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. އެހެންނަމަވެސް ޔާސިރު އަތް ދައްކާލާ ވާހަކަ ހުއްޓަން އެންގުމުން އަލޫކްގެ އަނގައިގައި ތަޅެއް އެޅުނު ފަދައެވެ.

"އަހަރެން މި ސުވާލު މި ކުރަނީ ނަވީންއާ..." ޔާސިރު ބުނެލިއެވެ. ނަވީންގެ ސިކުނޑިއަށް އެވަގުތު ބުނާނެ އެއްވެސް އެއްޗެއް ނަޔެވެ. އެހެންކަމުން އޭނާ ވެސް މަޑުމަޑުން ހުރީއެވެ. އެތެރެހަށީގައި ރުޅިވެރިކަން އަނދަމުން ދިޔަނަމަވެސް ކެތްކުރެވޭނޭ އެންމެ ބޮޑަކަށް އޭނާ ކެތްކުރިއެވެ. އެދާ ބާރުމިނުގައި ޔާސިރުގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް ދިނުމަށް އޭނާގެ ޒަމީރު ގޮވަމުން ދިޔަނަމަވެސް އެ އަޑަށް ނަވީން ބީރު ކަންފަތެއް ދިނީ މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ހަނު ހުރުންކަން ވިސްނުނީމައެވެ.

ޔާސިރު ގާތަށް އިތުރަށް ރުޅި އަންނަ ގޮތްވިއެވެ. ނަވީންއަށް ބަލާލުމަށްފަހު އިށީނދެފައި އޭނާ ބޮލުގައި ހިފައްޓާލިއެވެ. ނަވީން ގާތު ޝަކީބު އަނެއްކާ ވާހަކައެއް ދެއްކީހެއްޔެވެ؟ ނަވީންއަށް ގުޅައިގެން ގެއްދިޔުމުގެ ބޭނުމަކީ އެއީ ހެއްޔެވެ؟ ޔާސިރު އިތުރަށް އެއްޗެއް ނުބުނީ އެކަން އޭނަ ދެން އޮޅުން ފިލުވާނީ ޝަކީބު ގާތުންނޭ ހިތާއެވެ.

ނަވީންއައި އަލޫކްވެސް މައްޗަށް އެރީ ޔާސިރު އިތުރަށް އެއްޗެއް ނުބުނުމުންނެވެ.

"ލޫކް.... ކީއްވެ ވާހަކަ ދެއްކީ؟" ނަވީން އަލޫކްއާ ސުވާލުކޮށްލިއެވެ.

"ޝަކީބު އަކީ ބައްޕަގެ ދުޝްމަނެއްކަން އަހަންނަށްވެސް އެނގެޔޭ... އަދި އޭނަ ދެކެ ބައްޕަ ރުޅި އަންނަވަރާއި އެ ދެމެދުގައިވާ ނަފްރަތުގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް އަޑު އިވޭ... ދޮންބެ އޭނައާއި ބައްދަލުކުރިކަން ބައްޕައަށް އެނގިއްޖެއްޔާ ބައްޕަ ކިހާ ރުޅި އަންނާނެ..." އަލޫކް ބުނެލިއެވެ.

"ދޮންބެ ހުރި ގޮތުން އަހަންނަށް އެނގުނު ދޮންބެކަން ޝަކީބުގާތަށް ދިޔައީ... ކޮންމެހެން ޝަކީބު ގުޅައިގެނެއްނޫން... އެހެންވީމަ ދޮންބެ ސަލާމަތް ކޮށްދޭންވެގެން އަހަރެން ދޮގެއްހަދާލީ... އެނީވޭ... އަންނާނަން ފެންވަރައިގެން.... ވަރަށް ވަރުބަލި" އަލޫކް ނަވީންގެ ކޮނޑުގައި ޖަހާލާފާއި ހިނގައިގަތުމުން ނަވީންވެސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ނަވީންމެން ދިޔަފަހުން ވެސް އެތައް އިރަކު ޔާސިރު ސޯފާގައި އިނެވެ. އެހެން އިނދެފައި ގޭގެ ސްޓަޑީއަށް ގޮސް އޭނާ ޝަކީބުއަށް ގުޅާލިއެވެ. ޔާސިރު ގުޅިތާ މާގިނަ އިރެއްނުވެ ޝަކީބު ފޯނު ނަގައިފިއެވެ. އެކޮޅުން ހަލޯ އޭ ބުނެލި އަޑު އިވުމުން އެކަނިވެސް ޔާސިރުގެ ދަތް ކުނޑި ވިކިގެން ދިޔައެވެ.

"ކަލޭ ކީކޭ ހިތާތަ ނަވީންއަށް ގުޅައިގެން ގެންދިޔައީ... އަހަންނާ ދެކޮޅަށް އޭނަ ހައްލުވާލާނަމޭ ހިތާތަ؟" ޔާސިރު ރުޅިވެރިކަން އިސްކުރިއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ... ނުބައި ގާތިލު" އެތައް ވާހަކަ އެއްދެއްކުމަށްފަހު އެންމެ ފަހުން ޔާސިރު ބުނެލި ޖުމްލައާއެކު އެކޮޅުން ޝަކީބުގެ ރުޅިގަނޑުވެސް ފަޅައިގެންދިޔައެވެ.

"އާނ... ކަލެއަށް ކީކުރެވޭނީ.. އަހަރެން މާހިރާގެ ވާހަކައާއި އަދި އަހަރެމެން ކުރި ކަންތަކުގެ ވާހަކަ ދައްކައިފިއްޔާ ކަލޭގެ ދަރި ހީވޭތަ ކަލެއާ އެއްކޮޅަކު ހުންނާނެހެން... އަހަންނަކަށް ހިޔެއްނުވޭ..." ޝަކީބުވެސް އޭނާގެ ކޮޅަށް ބުރަ ވާނެހެން ވާހަކަ ބައްޓަން ކުރިއެވެ. އޭނާގެ ބޭނުމަކަށް ވީ ޔާސިރުއަށް ބިރުދެއްކުމެވެ. ޝަކީބު އެހެން ބުނުމުން ޔާސިރުއަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވިނަމަވެސް އޭނާ ފޯނުން ވާހަކަ ދެއްކިއިރު އެކަމެއް ނުދައްކައެވެ. ދެމީހުންގެ ހޫނު ޒުވާބަކަށްފަހު ފޯނު ކޯލު ނިންމާލީ އަނެއްކާވެސް އެ ދެމީހުންގެ ރުޅިގަނޑަށް އިތުރަށް ޕެޓްރޯލް އަޅާ ރޯ ކޮށްލާފައެވެ. ދުވަހަކު ނިމުމެއް ނުވާ ފަދައަކުންނެވެ. ކުރި ނުބައި އަމަލެއްގެ ސަބަބުންނާއި ހިންގި ނުބައި ޖަރީމާއެއްގެ ސަބަބުން ދެމީހުން ވެސް ތިބީ ނޭނގޭ ވާފަށަކުން ބަދެވި ހައްޔަރުވެފައެވެ. ދެމީހުންކޮށްފައިވާ އަމަލުތައް އެނގޭހާލު ދެމީހުންވެސް ބޭނުންނަވީ ބިރު ދައްކައިގެން ނޫނީ އިންޒާރު ދީގެން ނަމަވެސް ދެމީހުންކޮށްފައިވާ ކުށްތައް ދުނިޔޭގެ ލޯމައްޗަށް ފޮރުވާށެވެ. އެއީ ކޮންމެ ފަދަ އަގެއް ދައްކައިގެންވިޔަސް މެއެވެ. އެއްއިރެއްގައި މިތުރުންކަމުގައި ވި ދެމީހުން މިއަދު ވެފައިވަނީ އެކަކުގެ ކުށް އަނެކަކު ފޮރުވަމުން ގެންދާ ދެ ހަތުރުންނަށެވެ.

ޖެހިގެން އައި ހަފްތާގައި ޔާސިރު އުޅުނީ އޭނާގެ އަމިއްލަ ދަތުރަކު ރާއްޖޭން ބޭރަށް ފުރާތީ ނުހަނު ބިޒީކޮށެވެ. ގޭ މީހުންގާތު އޭނަ ދަނީ ސިންގަޕޫރުގައި އޮންނަ ބިޒްނަސް ބައްދަލުވުމަކަށޭ ބުނީ އޭނާގެ ބޮޑު ސިއްރު ފަޅާއަރާނޭ އެއްވެސް ފަދަކަމެއް ކުރަން ބޭނުންނުވާތީއެވެ. ޔާސިރު ފުރީ ހޯމަދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ޔާސިރު މީޓިންއަކަށް ދާ ވާހަކަ ބުނުމުން އެކަމާ ނަވީންއަށް ވެސް އެހާ އަޅާލެވޭ ގޮތެއް ނުވިއެވެ. އޮފީސް ވެސް ބުރަކަމުންނެވެ. ކުރަންޖެހޭ މަސައްކަތްތަކާއި ނިންމަންޖެހޭ ޕްރޮޖެކްޓްތައްވެސް ގިނަވީމައާއެކީގައެވެ.

ޕްލައިޓް ތެރޭގައި އިން ޔާސިރު އެއްބައިފަހަރު އިސްތަށިގަނޑުގެތެރެއަށް އަތް މަހާލަފާނެއެވެ. އަނެއްބައިފަހަރު އޭނާގެ ނިތުގައި އަތް ޖައްސާލާނެއެވެ. ކެތްތެރިކަން ކުޑަ ވެފައިވާ މީހަކު ފަދައިން ދެފައި ހަލުވާލަފާނެއެވެ. ދެފަރާތް ބަލާލަފާނެއެވެ. ޔާސިރުއަށް ވާގޮތެއް ނޭނގެއެވެ. ހިތްބިރުގަންނަނީއެވެ. އެދުވަހަށްފަހު އޭނާއަށް ޝައްކުވަނީއެވެ. މާހިރާ އެތަނުގައި ނެތްހެން ހީވަނީއެވެ. އެންމެނަށް ސިއްރުން އޭނާ ލަންކާއަށް އެދަނީ މާހިރާގެ ހަބަރެއް ބަލާށެވެ. ޝައްކެތް މަތީގައި ހުންނާކަށް ޔާސިރު ބޭނުމެއް ނުވެއެވެ. އެއްވެސް ރިސްކެއް ނަގަން އޭނާގެ ހިތް އެއްބަސްނުވަނީއެވެ. އޭނާއަށް ކަތިކޮށް އެޅޭ އެންމެ ފިޔަވަޅަކުން ހުރިހާކަމެއް ވެސް ބޮއްސުން ލައިގެން ހިނގާދާނޭ ހީވަނީއެވެ. މި ހުރިހާ އަހަރު އޭނާ ހާސްނު ވާވަރަށް ހާސްވަނީއެވެ. ކުރީގައިނަމަ އޭނާއާއެކު ހާދީ އާއި ޝަކީބު އަބަދުވެސް ހުންނާނެއެވެ. އޭނާ ކުށެއް ކޮށްފިއްޔާ އޭނާއާއި އެންމެ ގާތުގައި އެކުށުގައި ބައިވެރިވާން އެ ދެމީހުން ވެސް ތިބެއެވެ. އެހެންނަމަވެސް މިއަދު އޭނާ ހުރީ އެކަންޏެވެ. އަދި މިއަދު ޝަކީބު ވެފައިވަނީ އޭނާގެ ދުޝްމަނަކަށެވެ.

ލަންކާގެ އެއާރޕޯޓުން ޔާސިރުއަށް މަރުހަބާ ކީ އެކޮޅުގައި އޫޅޭ އޭނާގެ ވަރަށް ގާތް ލަންކާ ރައްޓެއްސެކެވެ. ދެމީހުން އެކަކު އަނެކަކާ ސަލާމްކޮށްލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތެވެ.

"ހާދަ ނުރަސްމީ ދަތުރެއް... އަނެއްކާ ކަމެއް ގޯސްވީތަ؟" އެކުވެރިޔާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. ޔާސިރު ދެފަރާތަށް ބޯ ހޫރާލިއެވެ.

"އަނެއްހެން މާ ބޮޑުކަމެއް ނުވޭ... ހަމަ ޖައްސައިލީ" ޔާސިރު ވެސް ވާހަކަ ދެއްކީ އިނގިރޭސިންނެވެ. ދެމީހުން އެކުގައި ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ޔާސިރު އެދުނީ މެންޓަލް އެސައިލަމްއަށް ދިޔުމަށެވެ. ޔާސިރުގެ އެކުވެރިޔާވެސް ޑްރައިވަރަށް އިރުޝާދު ދިނީ ޔާސިރު ބޭނުންވާ ގޮތަށް ކަންތައް ކުރުމަށެވެ. އާދައިގެ ވަރެއްގައި ދުއްވާފައި ދިޔަ ކާރުތެރޭގައި އިން ޔާސިރުގެ ހިތް އޭރުވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. މާހިރާ އެތަނުގައި ނެތޭ ހިތް ބުނާ ސަބަބެއް ނޭނގެއެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަމުގައި އޭނާގެ ސިކުނޑި ބުނެދެމުން ދިޔައެވެ. މާހިރާ އެތަނަށް ލީފަހުން މިއަދާ ހިސާބަށް ކަންތައްތައް ވަމުންދިޔަ ގޮތް ޔާސިރު އޭނާގެ ސިކުނޑިއަށް ބާރުލަމުން ވިސްނާލިއެވެ.

އެ ނުދަންނަ ނަންބަރުން ގުޅާފައި މާހިރާ ނެތޭ ބުނި ހިސާބުން ފަށައިގެން ޔާސިރުގެ ހަމަޖެހުން ގެއްލުނު ނަމަވެސް ފަހުން އެކަމާ އޭނާ އަޅައެއް ނުލައެވެ. އެހެންނަމަވެސް އާއްމުކޮށް ފައިސާގެ ދަހިވެތިކަމުގައި އޭނާއަށް ގުޅާ މީހުން މިހާރަކަށް އައިސް ނުގުޅާތީ އެ ޝައްކުވެސް އޭނާގެ ހިތުގައި ބޮޑުވީއެވެ. އެހެންވެ އޭނާ ބޭނުންވީ އެމީހުން ގާތުވެސް ނުބުނެ ކުއްލިއަކަށް ގޮސް ވާނުވާ ބަލާށެވެ. މާހިރާ އެތަނުގައި ހުރިތޯ ނޫނީ ނެތްތޯ ޔަޤީންކުރާށެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބެން އޮތް ހަމަ އެކަނި ގޮތަކީ އެއީއެވެ. އެ ހިތަށް ތަސައްލީއެއް ދޭން އޭނާ އެބަ ބޭނުންވެއެވެ.

އެތަނަށް އާދެވުމާއެކު އޭނާ ކާރުން ފައިބާ ވަށައިގެން ބަލާލިއެވެ. ލާފައިވާ ޖީންސްގެ ޖީބަސް އަތް ޖަހާލަމުން އޭނާ އެތެރެއަށް ވަންނަން ހިނގައިގަތީ އެކުވެރިޔާ ގާތު މަޑުކުރުމަށް އެދެމުންނެވެ. އެތަނުގެ އޮފީސްބަޔަށް ދިޔުމުގެ ބަދަލުގައި ޔާސިރުގެ މިސްރާބުހުރީ އެތަނުގެ އެތެރެއަށެވެ. އޭނާއާއި ދިމާވާ ކޮންމެ މީހަކު ޔާސިރުއަށް ބަލާލާފައި ހިނިތުންވެލައެވެ. އެމީހުންގެ އަމަލުތަކުން އެމީހުންނަށް ޔާސިރު އެނގޭކަން ދެނެގަނެވުނެވެ. ހަމައެއާއެކު އެމީހުންގެ އަމަލުތައް ހުރި ގޮތުން ޔާސިރުއަށް އިޙްތިރާމް ކުރާކަން ވެސް ދެނެގަނެވެއެވެ. ދެފަރާތުގައި އިމާރާތް ހުރެފައި ވަދެވެން ހުރި ހަނި ގޯޅިއެއްފަދަ ތަނަކުން ޔާސިރު ކުރިއަށް ދިޔައެވެ. ވަކި ހިސާބަކަށް ގޮސް އެ ގޯޅިގަނޑު ނިމޭ ހިސާބުން އޭނާ ވާތްފަރާތަށް ލަނބާލިއެވެ. އެއާއެކު ކުރިމަތީގައި ހުރި ދަގަނޑު ގޭޓް އޭނާގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން އޭނާ އެ ގޭޓްގައި އަތް ޖައްސާލިއެވެ. ދެވަނަ ސިކުންތުގައި އަތް ދަމައިގަތެވެ. ގޭޓުވެސް ވަނީ ފުދޭވަރަކަށް ބާވެ ދަބަރު ޖަހާފައެވެ. އެތަނުގައި އޭނަ މަޑުކޮށްލިތަނާ ސެކިއުރިޓީ އޮފިސަރެއް އައިސް ދޮރު ހުޅުވާލަދިނީ ހިނިތުންވެލާފައެވެ. ޔާސިރުވެސް ހިނިތުންވެލިގޮތުން އެއީ އޭނާ ދެކެފަރިތަ ޒުވާނެއްކަން އެނގެއެވެ. ކޮންމެ އަކަސް އޭނާ އެތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާގެ ލޮލުގައި ނޫ ކުލައިގެ ދޮރެއް އަޅައިގަތެވެ. މަޑުމަޑުން އެ ދޮރު ކައިރިއަށް ގޮސް ހުއްޓިފައި އޭނާ ތަޅުގައި ހިފާލިއެވެ. ތަޅު އަނބުރާލުމާއެކު ދާދި ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އޭނާ ވަށައިގެން ބަލާލީ ތަނުގައި ވި އަނދިރިކަމުގެ ސަބަބުންނެވެ. ލޯ ހޭނިލުމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ފޯނުގެ ލައިޓް ދިއްލާލަމުން އޭނާ ކުރިމަތީގައި ހުރި ތޭރިތަކުގެ ތެރެއަށް އަލި ކޮށްލިއެވެ.

(ނުނިމޭ...)

ކޮމެންޓް 0