"އާނ. އަމަންގެ ކައިވެނި ހަމަޖައްސަންވެގެން އުޅޭ ކުއްޖާގެ އާއިލާ އެއީ" ޒުބައިދާ ދައްތަ އަހަރެންގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. އެއާއެކު ހީވީ އަހަރެންގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލި ހެންނެވެ. ބޭއިޚްތިޔާރުގައި މޭގައި އަތް އަޅާލުމާއެކު ފަހަތަށް ފިޔަވަޅެއްވެސް އަޅާލެވިއްޖެއެވެ.

އެއްވެސް އިޚްތިޔާރެއްނެތި ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ޒުބައިދާ ދައްތައަށް ފެނުމުގެ ކުރިން އަހަރެން އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރިލީމެވެ. އަމަން އަހަރެންނާ ދުރުން އުޅުނީ މިސަބަބާ ހެދި ހެއްޔެވެ؟ އަމަންއަށް އަހަރެންނަށްވުރެ ކަމުދާ ކުއްޖެއް ފެނުނީހެއްޔެވެ؟ ސިކުނޑީގެ ތެރެއަށް އެތިކޮޅުތައް އައިސް ގުޅެމުން ދިޔަވަރަކަށް އަމަން އަހަރެންނާމެދު އެގޮތަށް އަމަލުތައް ބެހެއްޓީ ކީއްވެގެންކަން އަހަންނަށް އެނގިގެން ދިޔައެވެ. ހަމައެއާއެކު އަމަންގެ ހަޔާތަށް އެހެން އަންހެން ކުއްޖަކު އަންނަން އުޅޭކަމަށް ޒުބައިދާ ދައްތަ އެބުނި ބަހުގެ ތެދުކަން ވެސް އަހަންނަށް އެނގިގެން ދިޔައެވެ. އިތުރަށް އެތަނުގައި ހުންނަން ވެއްޖަނަމަ އަހަރެންނަށް ރޮވިދާނެތީ ޒުބައިދާދައްތަ ގާތުގައި ބަހަނާއެއް ދައްކާފައި އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. އަދި އެނދުމަތީގައި އިށީނދެލީމެވެ. ހިތުގައި އަމަން އާމެދު އެތަކެއް ޝަކުވާއެއް އުފެދިގެން ދިޔައެވެ. އަމަން އެކަންތައް އަހަރެންނަށް ސިއްރުކުރީތީއެވެ. އެ ހަޤީގަތް އެހެން މީހެއްގެ ފަރާތުން އެނގުނީތީއެވެ. އަހަރެންގެ ހިތް މިގޮތަށް ހަލާކުކޮށްލުމަށް އަމަން އަށް އޮތީ ކޮން ހައްގެއްހެއްޔެވެ؟ އެނދުމަތީގައި އިނދެ މޫނުގައި އަތް އަޅާލަމުން އަހަރެން ހިތް ފުރޭންދެން ރޯލީމެވެ. އަމަންދެކެ އަހަރެންވީ ލޯބީގެ ބަދަލު ދޭން އެނގުނު ގޮތަކީ މީހެއްޔެވެ؟ ދެރަވަމުން ދިޔަވަރަކަށް ކުށްކުރީ އަހަރެންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވެން ފެށުނެވެ. އެހެނީ އަހަރެންނަކީ މިފަދަ އާއިލާއަކަށް އެކަށޭނެ މީހެއްނޫންކަން މާކުރިންވެސް އެނގެއެވެ. އަމަންއާ ދުރުން އުޅުނީ އެހެންވެއެވެ. އަމަން އަހަރެންގެ އިޙްސާސްތަކާ ކުޅުނީތީ އަހަރެންނަށް ރުޅިއާދެވުނެވެ. އަމަން ހީކުރަނީ ކީކޭކަމައްހެއްޔެވެ؟ އަހަރެން ނިކަމެތި ވުމުން އަހަރެންގެ ހިތާ ބޭނުންގޮތަކަށް ކުޅެވިދާނެކަމަށްހެއްޔެވެ؟. އެހެނެއްނުވާނެއެވެ. ހިތްވަރުކުރަން މަސައްކަތް ކުރިނަމަވެސް އަހަރެންނަށް ހިތްވަރެއް ނުކުރެވުނެވެ.

ކަރުނަތައް ފޮހެލީމެވެ. އަހަންނަކީ މިގޭގައި މަސައްކަތް ކުރަން އައިސް ހުރި މީހެއްކަމަށް ވިސްނައިދިނީމެވެ. އެކަނިވުމުން މަންމައާއި ބައްޕަމަތިން އަހަރެން ހަނދާންވިއެވެ. އެކަމުން އިތުރަށް ރޮވޭގޮތްވިއެވެ.

ފާހާނާއަށް ވަދެ މޫނުދޮވެ ހަދާލުމުން މޫމަތިން ތާޒާކަން ފެނުނުނަމަވެސް ލޮލުގައި ހުރި ރަތްކަމަށް ބަދަލެއް ނާދެއެވެ. އިތުރަށް ނުރޯން އަމިއްލަ ނަފްސަށް ވައުދު ވަމުން އަހަރެން ކާބަޔަށް ދާން ނުކުތީމެވެ. އަހަރެން ގޮސް ވަތްއިރު ޖުނާން ގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުރީތީ ދުށީމެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަހަރެން ބަދިގެބަޔަށް ވަދެ ހަރަކާތްތެރިވާން ފެށީމެވެ.

ހިތުގައި އަޅަމުންދިޔަ ވޭނަކީ ނަފްރަތަށް ބަދަލުވާނޭ އެއްޗެއް ނަމަ ކިހާ ރަނގަޅުހޭ ހިތަށްއެރިއެވެ. އަމަންއަކީ އަހަރެންގެ ހިތުން ޚާއްސަ ދަރަޖައެއް ދެވިފައިވާ މީހަކަށް ވީ ހިނދު އަހަރެންގެ ހިތުގައި އަމަން އާ މެދު ވީ ލޯބި ނަފްރަތަށް ބަދަލުކުރެވިދާނެހެއްޔެވެ؟ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑާ ތޫފާނުގެ ސަބަބުން ތަފާތު އެކި ހިޔާލުތައް އަހަރެންގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ.

ކާންހަދާފައި އަހަރެން އަނެއްކާވެސް ކޮޓަރިއަށް ދިޔައީ އަމަން ފެންނަ ހިސާބުގައި ހުރުން އަހަންނަށް ދަތިކަމަކަށް ވީތީއެވެ. ނިމޭއިރުކޮށްފައި އަހަރެން ދިޔައީމެވެ. ކެއުމަށްފަހު އަހަރެން ކާބައިގައި ހަރަކާތްތެރި ވަމުންދިޔައީމެވެ. އެއްފަހަރަކު އަހަރެން ބޮޑުކޮޓަރި ފެންނަ ހިސާބަށް ދިޔައިރު އަމަންގެ ނަޒަރު އަހަންނަށް ހުއްޓިފައި ހުރީތީ ދުށީމެވެ. ހަމައެކާއެކު ޖުނާންގެ ނަޒަރުވެސް ހުރީ އަހަންނަށް ހުއްޓިފައެވެ. އެކަމުން ބުނެދޭން ނޭނގޭފަދަ އުނދަގުލެއް އަހަންނަށް ވިއެވެ. ބޭ އިޚްތިޔާރުގައި އަހަރެންނަށް އަޅައިގެން ހުރި ބުރުގާގެ ކަނަށް ދަމައިލެވުނެވެ. ހެދުން ރީތިކޮށްލެވުނެވެ. އަވަސް އަވަހަށް އެތެރެއަށް ދެމިގަންނަމުން އަހަރެން ދެލޯ މަރާލީމެވެ. އަމަންގެ އެނަޒަރު އަހަރެން މާނަ ކުރާނީ ކިހިނަކުންހެއްޔެވެ؟. ޖުނާންގެ އެ ނަޒަރުގެ މާނަ އަހަރެންނަގަންވީ ކިހިނަކުންހެއްޔެވެ؟ މަޑުމަޑުން އަހަންނަށް އަމަންގެ ނަން ދުލުން ބޭރުކޮށްލެވުނެވެ.

ހަވީރުގެ ވަގުތެއްގައި އަހަންނަށް އަމަންގެ މެސެޖެއް ލިބުނެވެ. އަހަރެން އެ މެސެޖް ހުޅުވާލީ ތެޅިތެޅިއޮތް ހިތަކާ އެކުގައެވެ. މިރޭ ފަތިހު އޭނާ އަހަންނާ ބައްދަލުކުރަން ބޭނުންކަމަށް ބުނެއެވެ. އެހިނދު އަމަން އަހަންނާ ބައްދަލުކުރަން ބޭނުންވެގެން ތިއުޅޭ ސަބަބު އެނގޭބުނެ އަހަރެން މެސެޖް ކުރަން ބޭނުންވިއެވެ. އަމަންއަކީ ވަރަށް ގޯސް މީހެއްކަމާއި އަމަންފަދަ މީހަކާ މެދު އަހަރެންގެ ހިތުގައި ނަފްރަތު އުފެދިއްޖެކަމަށް ބުނަން ބޭނުންވިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް އޮތްތޯ އަހަން ބޭނުންވިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަހަރެން ޖަވާބު ނުދިނުމުން ދެވަނަ ފަހަރުވެސް އަމަން މެސެޖް ކޮށްލިއެވެ. ފަތިސް ނަމާދަށްފަހު އަހަރެން ނުކުންނާނެ ކަމުގެ ޔަޤީންކަން އޭނައަށް އޮތްކަމުގައެވެ. އަމަންއަށް އެހާ ޔަޤީންކަން ލިބެނީ ކިހިނަކުންހެއްޔެވެ؟. އަހަރެން ނުނިކުންނާނަމެވެ. ނުކުމެއްޖެނަމަ ލިބޭނީ އިތުރަށް އަހަރެންގެ ހިތް ހަލާކުވާފަދަ ހަބަރެއްކަން ޔަގީނެވެ.

އެދުވަހުގެ ބާކީބައި އަހަރެން ހޭދަކުރީ ކޮޓަރިތެރޭގައެވެ. ކުރަންޖެހޭ މަސައްކަތްތައްވެސް އަހަރެން ނިންމާލައިފީމެވެ. ރޭގަނޑުގެ ކާންހެދުމާއި ހަވާލުވީ އެހެންކުދިންކޮޅެކެވެ. އިޝާނަމާދަށްފަހު ލަސްނުކޮށް އަހަރެންވެސް ނިދަން އޮށޯތީމެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އަމަންގެ ސަބަބުން އަހަރެން ނިދިން މަޙްރޫމްވެއްޖެއެވެ. އެތައް އިރަކު އަހަރެންނަށް އެނދުގައި ފުރޮޅި ފުރޮޅި އޮވެވުނެވެ. މަންދަމުން އަލިވެ ދޭއްޖަހަން އުޅެނިކޮށް ނިދިފައި ދެން ހޭލެވުނީ ފަތިސް ވީ ފަހުންނެވެ. ފަތިން ނަމާދުކޮށްގެން ޤުރުއާން ކިޔަވާލުމަށްފަހު އަހަރެން އެނދުމަތީގައި އިށީނދެލީމެވެ. ނުކުންނާނީ ތޯ ނޫނީ ނޫންތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލީމެވެ. ގޮތެއް ނިންމަން އަހަރެން ނުކުޅެދުނެވެ.

އެހެން އިންދާ ފޯނަށް މެސެޖެއް އައެވެ. އަހަރެން މެސެޖް ނަގާ ކިޔާލީމެވެ.

"ޒާރާ. އަހަރެންނާ ބައްދަލުކުރާކަށް ނުނިކުންނާނަންތަ؟ އަހަރެންނަށް މާފުކުރޭ" އަމަންގެ މެސެޖެކެވެ. އަހަރެން އެއަށް ޖަވާބެއް ނުދެމެވެ. ބަލަހައްޓައިގެން އިނދެވުނެވެ.

އަމަން އަހަންނަށް ގެއްލެނީއެވެ. މަންމައާއި ބައްޕަގޮތަކަށެވެ. އެއް ބަނޑު އެއްބަފާ ކޮއްކޮ ގޮތަށެވެ. އަހަރެންގެ ހިޔާލަށް މީގެ އަހަރެއްހާ ދުވަސްކުރީގެ ހަނދާންތަކެއް އައެވެ.

އަހަރެމެން ގެއަކީ އާދައިގެ ގެއެކެވެ. ބައްޕައަކީ ކަންނެލި މަސްވެރިއެކެވެ. އެހެންކަމުން އަހަރުގެ ބޮޑުބައި ބައްޕަ ހޭދަކުރާނީ އަހަރެމެންނާ ދުރުގައެވެ. އަހަރެންގެ އުމުރުން މިހާރު ބާވީސްއަހަރެވެ. އުމުރުން އަށާރަ އަހަރު ފުރި ނަވާރަ އަހަރު ފުރެން އުޅެނިކޮށް އަހަރެމެންގެ އާއިލާގެ އުފާވެރިކަން ދެގުނަ ކޮށްދިނީ އަހަރެމެންގެ އާއިލާއަށް އައި އައު މެހެމާނެވެ. އާއިލާއަކީ ނިކަމެތި އާއިލާއެކެވެ. ބައްޕަ މަހަށް ގޮސްގެން ލިބޭ ކުޑަ އާމްދަނީ އިން މަންމަ އަހަންނަށް ކިޔަވައިދެމުން ކުޑަ ކޮއްކޮއަށް ބޭނުންވާ އެއްޗެހި ހޯދައިދިނުން ދަތިވިއެވެ. އެހެންކަމުން ގޭގައި އިނދެގެން ކުރެވޭ ފަދަ މަސައްކަތެއް ކުރަން މަންމަ ނިންމިއެވެ. އެގޮތުން ހެދިކާހެދުމުގެ މަސައްކަތް ފެށިއެވެ. އަހަރެންވެސް އެކަމުގައި މަންމައަށް އެހީވީމެވެ. އަހަރެންގެ ބައްޕައަކީ މާލޭ މީހަކަށް ވިނަމަވެސް އަހަރެމެން ނަކީ ފުދިގެން އުޅޭ ބައެއްނޫނެވެ. އަތާ އަނގަޔާއި ދިމާވަނީ މަދުފަހަރަކުއެވެ. މިކަމުގެ ސަބަބުން އަހަރެންވެސް ހުންނަނީ ބޯ ގޮވާފައެވެ. ކުލި ނުދައްކާ ގޭގައި އުޅެވުނުކަމުގައި ވިނަމަވެސް ފެނާއި ކަރަންޓަށް ކުރަން ޖެހޭ ހޭދަ މަދެއްނޫނެވެ. ގޭތެރެއަށްބޭނުންވާ ސާމާނާއި ކޮއްކޮއަށް ބޭނުންވާ އަންނައުނާއި ނެޕީގެ އިތުރުން ގެއަށް ބޭނުންވާ ޒަރޫރީ އެހެނިހެން އެއްޗެހި ގަންނަން ވުމުގެ ސަބަބުން އަހަރެމެންގެ މާލީހާލަތު ވަރަށް ދައްޗެވެ. އެހެންނަމަވެސް އަހަރެމެންގެ އާއިލާ އަކީ ހަމަޖެހޭ އާއިލާ އެކެވެ. އުފާވެރި އާއިލާއެކެވެ. އާއިލާތެރޭގައި އެކަމާ ގުޅުވައިގެން މައްސަލައެއް ނުހިލެއެވެ. މަންމައާއި ބައްޕައާއި ޒުވާބު ކުރާ އަޑެއް ދުވަހަކުވެސް އަހަރެން ނާހަމެވެ.

ގޭގައި އެއްޗެއް ނެތުމުން ލިބެން ހުރި އެއްޗަކުން ފުއްދާލައިގެން ދުވަސްތައް ގުނަމުން ދިޔައީމެވެ.

ވިއްސާރަދުވަހެކެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުން ދިޔައެވެ. އިސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރުކަމުން ބައްޕަވެސް ހުރީ މާލޭގައެވެ. އަހަރެންގެ ކުޑަކޮއްކޮ ނަޔާ ގެ އުމުރުން އެންމެ ތިން އަހަރެވެ. މަންމަ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ވާރޭ ބޯކަމުން ފުރާޅުން ފެން، ގޭތެރެއަށް ފައިބަމުން ދިޔައެވެ. އެހެންކަމުން ބާއެއްޗެހި ލަމުން ބައްޕަ ފުރާޅުމައްޗަށް އެރިއެވެ. ކަރަންޓު ނަރުތަކާ ކުޅެމުން ފެނުން ނަރުތައް ރައްކާތެރިކުރިއެވެ.

މަންމަ އުނދުން ކައިރީގައި ހުރީ ކޮއްކޮ ހުން އައިސްގެން އުޅޭތީ ކޮއްކޮއަށް ދޭން އެއްޗެއް ތައްޔާރުކުރާށެވެ.

ނަސީބަކުން ބައްޕައަށް ފުރާޅު ރަނގަޅު ކުރޭވޭގޮތްވިއެވެ. ފެންވަރާ ހަދައިގެން ބައްޕައައުމުން މަންމަ ހޫނު ސައިތައްޓެއް ބައްޕައަށް ތައްޔާރުކޮށްލަދިނެވެ. ބައްޕަ އެތިފޮދަކުން ސައި ބޮމުން ދިޔައެވެ.

"ކޮބާ ހެދިކާހަދައިގެން ވިއްކުން ކިހިނެތް ކުރިއަށް ދަނީ؟ ވިޔަފާރި ރަނގަޅުތަ؟" ބައްޕަ މަންމައާއި ސުވާލުކޮށްލިއެވެ. މަންމަ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެ ރޭ އާއިލީ އުފާވެރި ވަގުތުކޮޅެއް އަހަރެމެން އެކުގައި ހޭދަކުރީމެވެ. އަހަރެން ވެސް ހުރީ ވަރަށް އުފަލުންނެވެ. އޭރު އެރެއަކީ އަހަރެމެންގެ އާއިލާއެގޮތަށް އުފާކޮށްލާނޭ ފަހު ރޭކަން އަހަރެންނަކަށް ނޭނގެއެވެ.

ރޭގަނޑު ދަންވަރު އަހަންނަށް ހޭލެވުނީ ގޭތެރެއިން ވަރަށް ބޮޑަށް ދުންއަރާތީއެވެ. އޭރު މަންމަގެ ހަޅޭކާއި ކޮއްކޮގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. އަހަރެން ކޮޓަރިން ނުކުތީމެވެ. ގޭތެރެ އޮތީ ދުމުން ފުރިފައެވެ. ވީ ކިހިނެއްކަމެއް ނޭނގެއެވެ. ތަންތަން ވަކި ވާވަރު ވުމުން އަހަރެން އަވަސް އަވަހަށް މަންމަ މެން ކޮޓަރިއާ ދިމާލަށް ދިޔައީމެވެ. އެއާއެކު ފެނުނު މަންޒަރުން އަހަރެންގެ ދެފައިން ވާގިދޫވިއެވެ. މަންމައާއި ބައްޕަ އެތެރޭގައި ބަންދުވެފައި ހުރިއިރު ގޭތެރޭގައިވެސް ވަނީ ހުޅުހިފާފައެވެ. އަހަރެން ހަޅޭއްލަވަން ފެށީމެވެ. ގޭދޮށު މީހުންވެސް އެއްވެއްޖެއެވެ. މަންމައާއި ބައްޕަ އަހަރެންނާ ދިމާލަށް ބަލަމުން ނުކުމެގެން ދިޔުމަށް ބުނެ ހަޅޭއްލަވަމުން ދިޔައެވެ. އަހަރެން ނުނިކުންނަން ހުރީމެވެ. އެވަގުތު ގޭދޮށު ދައްތައެއް އައިސް އަހަރެންގެ އަތުގައި ހިފާ ނުކުތުމަށް އެދުނެވެ. މީހުން ފެން ހޮޅިތަކާއި އެއްޗެހި ގެނެސް އަލިފާން ނިއްވަން މަސައްކަތް ކުރަމުން ދަނިކޮށް އަލިފާން ނިއްވާ މީހުންވެސް އަތުވެއްޖެއެވެ. އެކަމަކު އޭރު މާ ލަސްވެއްޖެއެވެ. މުޅި ގޭގައި ވަނީ ރޯވެފައެވެ. އެ ހާދިސާގައި އަހަރެންގެ މަންމައާއި ބައްޕަ އަދި ކުޑަކޮއްކޮ ދުނިޔެއާއި ވަކިވުމުގެ ސަބަބުން އަހަރެން މުޅީން އެކަނިވިއެވެ.

ހިޔާލުތަކުން އަހަރެންނަށް ނުކުމެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ބުރުގާ އަޅަމުން ގޮސް އަހަރެން ހަމަ ދޮރު ހުޅުވާލުމާއެކު އެމީހަކު ކޮޓަރީގެ އެތެރެއަށް ވަދެ ދޮރު ތަޅުލައިފިއެވެ. އަހަންނަށް ސިހިފައި ފަހަތަށް ޖެހެވުނެވެ.

ޖުނާން ފެނިގެން އަނެއްކާވެސް އަހަރެންނަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.

ކޮމެންޓް 0