"ހަބަރުދާރު" އަމަންގެ ވާހަކަ މެދުކަނޑާކަމުން ފަހަތުން މީހަކު ވާހަކަ ދެއްކި އަޑު އިވިފައި އަހަރެމެން ދެމީހުންނަށްވެސް ސިހުން ލިބިގެން ދިޔައެވެ.

އެއީ އަލްމަޢިއްޔާގެ އަޑެވެ. އަހަރެންގެ ދެފައި ކޮޅަށް ވަގުތުން ކޮންމެވެސް ވަރެއްގެ ތުރު ތުރު އެޅުމެއް ވެރިވިއިރު އަމަންވެސް އަހަރެންގެ އަތުން ދޫކޮށްލައިފިއެވެ. އަހަރެންނަށް ފަހަތް ބަލާލެވުނު އިރު އަލްމަޢިއްޔާ އައިސް އަހަރެމެން ދެމީހުންގެ ކުރިމައްޗަށް ހުއްޓެނީއެވެ.

އަހަރެންނަށް ހިން ދިރުވާލެވުނެވެ. އަމަން ގެ ކޯތާފަތަށް އަލްމަޢިއްޔާގެ އަތުގެ ހޫނު ހަމަލާއެއް އަރައިގެން ދިޔަ ވަގުތު އަހަރެންނަށްވެސް ލޯ މަރާލެވުނެވެ. އެއަށްފަހު އެއްޗެއް ނުބުނި އަލްމަޢިއްޔާ އަހަރެންނާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.

"ހުރި ނުބައިކަން. ގޮތް ކުޑަ ލަދުކުޑަ އަންހެނާ. " އަލްމަޢިއްޔާގެ އަތުގެ ހޫނު ހަމަލާއެއް އަހަރެންގެ ކޯތާފަތަށް އަރައިގެން ދިޔުމާއެކު އެކީ ބާރަށް ހަޅޭއްވެސް ލަވައިގަތެވެ.

"ލަދެއް ހަޔާތެއް ނެތްތަ މީހެއްގެ ފިރިއަކާ ގުޅުމެއް ބާއްވާކަށް" އަލްމަޢިއްޔާ އަމަން އާ ދިމާލަށް އިތުރު އެއްޗެއް ނުބުނެ އަހަރެންނާ ދިމާލަށް ހުރިހާ އެއްޗެއްސެއް ކިޔަން ފެށުމުން މަދަދަށް އެދޭ ހާލު އަހަރެންނަށް އަމަންއަށް ބަލާލެވުނެވެ. އެހެންނަމަވެސް އަމަންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަން ޔަޤީންވެ އިތުރަށް ކުރެވޭނޭކަމެއް ނެތްކަން އަހަރެންނަށް އެނގުނެވެ.

އަލްމަޢިއްޔާ އަހަރެންނާ ދިމާލަށް ވަރަށް ވަރަށް އެއްޗެހި ކިޔެވެ. ކުށްވެރިކުރީ އަހަރެންނެވެ.

"ތީ ތިކަހަލަ އަންހެނުންގެ ގޮތް. މުއްސަނދި ފިރިހެން ކުއްޖަކު ފެނިއްޖެއްޔާ އެކުދިން ގެ ފަރާތުން އަވަހަށް މުއްސަނދިވާންވެގެން އުޅޭނެ. އަދި ހާއްސަކޮށް ރީތި ސިފައެއް ދެއްވާފައިވަންޏާ. އަހަރެންގެ ގެއިން ތިފަދަ އަންހެނަކަށް ޖާގައެއްނެތް. " އަލްމަޢިއްޔާ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަމަން ހުރިތާ ހުރުމުން މަދަދަށް އެދި އަނެއްކާވެސް އަމަންއަށް ބަލާލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އެއީ ބޭކާރުކަމެއްކަން އެނގި އަހަރެން ކުރިމައްޗަށް ބަލާލީމެވެ. އަލްމަޢިއްޔާ އަހަރެން ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ވެއްދީ ގޭގެ ބޮޑުކޮޓަރިއަށެވެ. އަހަރެންގެ އަތުގައި ހިފާ ގޭގެ މައިދޮރާ ދިމާލަށް ކޮށްޕާލިއިރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.

"މަންމާ ކިހިނެތް ވެގެންތޯ މިއުޅެނީ؟" އަމަންގެ ބައްޕަ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ސުވާލުކޮށްލިއެވެ. އޭރު މަޖްހޫދު ވެސް އައިސް މަޑުކޮށްލަނީއެވެ. ޖުނާންގެ މޫނުމަތިން ވީ ކީއްކަން އޭނާއަށް އެނގޭކަން އަހަރެންނަށް ދެނެގަނެވުނެވެ. އަލްމަޢިއްޔާ އަމަންއަށް ބަލާލުމާއެކު އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެންގެ ސަބަބުން އަމަންގެ އަގު ވެސް އެންމެންގެ ކުރިމަތީގައި ވެއްޓޭނެކަން އެނގުމުން ބުނެދޭން ނޭނގޭފަދަ އުނދަގުލެއް ވެގެން ދިޔައެވެ. ހަމަގައިމުވެސް އަހަރެންނަށް ވުރެ އަމަންއަށް ލިބޭ ފަޟީހަތް ބޮޑުވާނެވެ. ކަރުނައިގެ ސަބަބުން އަހަރެންނަށް އެ އެންމެން ފެންނަމުން ދިޔައީ ފުސްކޮށެވެ. އެހީތެރިވާނޭ، މަދަދަށް އެދޭނޭ މީހަކު ނެތުމާއެކު ވޭނީ އާހެއް އަހަރެންގެ އަނގައިން ބޭރުވެގެން ދިޔައެވެ. އަމަންގެ މަންމަ ފިޔަވަޅެއް އަހަރެންނާ ދިމާލަށް އަޅާލިތަން ފެނުނުނަމަވެސް އޭނާގެ އަތުގައި ފަހަތުން މީހަކު ހިފައްޓާލުމާއެކު އޭނާ އަނެއްކާވެސް ފަހަތަށް ޖެހިލީއެވެ.

"ކިހިނެތް ވެގެން މިއުޅެނީ؟" މަޖްހޫދު ވެސް އަހާލިއެވެ. އެއާއެކު އަލްމަޢިއްޔާ އަހަރެންނަށް ބަލާލަމުން ވީ ގޮތް ކިޔައިދޭށޭ ބުނެލިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. އޭރު އަމަންގެ އަންހެނުން އަނޫޝާވެސް ހުއްޓެވެ. އިސްޖަހާލައިގެން ހުރި އަމަން ގާތަށް އޭނަ ޖެހިލިތަން ފެނުމާއެކު އަހަރެން ލޯ މަރާލީމެވެ.

އަލްމަޢިއްޔާ ވާހަކަދެއްކީ އަހަރެން ފަޟީހަތް ވާނެގޮތަށެވެ. އޭނާ ދިޔައީ އަޑު އަހާމީހުންނަށް އަހަރެން މަތިން ބައިން ޖެހިގެން އަމަންގެ ފަހަތުން ދުވާކަން ދޭހަވާފަދަ ގޮތަކަށް ވާހަކަ ދައްކަމުންނެވެ. އެކަމުން އަހަރެންގެ ހިތުގައި ޝަކުވާއުފެދެމުން ދިޔައެވެ. އެ ޝަކުވާ އިތުރުވަމުން ދިޔައީ އަހަރެންގެ ދިފާއުގައި އަމަންއެއްވެސް އެއްޗެއް ނުބުނުމުންނެވެ. ޖުނާންވެސް އެތަނުގައި ހުރެފައި އަތްމުށްކަވާލުމަށްފަހު ދުރަށް ހިނގައިގަތްތަން ފެނުނެވެ. އެކަމަކު އެމޫނުމަތިން ފެނުނު އަސަރުތަކުން އޭނާ ހުރީ އަހަރެންނާ މެދު ހިންހަމަ ނުޖެހިފައި ނޫންކަން އެނގުނެވެ.

އެ އެންމެންގެ މޫނުމަތިން އަހަރެންނަށް ފެނުނީ މަލާމާތެވެ. ފުރައްސާރައެވެ. ތަންކޮޅެއް ދުރުގައި ހުރި ޒުބައިދާ ދައްތަ ލޮލުގައި އަޅައިގަތެވެ. އަހަރެން ބަލާލުމާއެކު ޒުބައިދާ ދައްތަވެސް ރުޅިވެރި މޫނެއް ދައްކާލުމަށްފަހު ދުރު ބަލާލީއެވެ. އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނައާއި އަމަންގެ ސަބަބުން ލިބިގެން ދިޔަ ފަޟީހަތުގެ ސަބަބުން ހިތް ހަލާކުވެއްޖެއެވެ.

އަލްމަޢިއްޔާ އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ދަމާފައި ގޭޓާ ދިމާލަށް ހިނގައިގަތެވެ. އަމަން ހުރިތާ ހުރިއިރު އެހެން އެންމެން އަހަރެންގެ ފަހަތުން ނުކުތެވެ. ގޭޓާ ހިސާބުން އަލްމަޢިއްޔާ އަހަރެންގެ އަތުގައި ހިފާ މަގުމައްޗަށް ކޮށްޕާލިއެވެ. ވަގުތުގެ ގޮތުން އެއްވެސް މީހަކު ވެސް މަގުމަތިން ފެންނާކަށް ނެތެވެ. ގޭޓު ލައްޕާލުމަށްފަހު އެންމެން އެތެރެއަށް ހިނގައިގަތެވެ. ވެއްޓުމާއެކު ކަކުލާއެކު ކުޑަހުޅު ޖެހުނު ގޮތުން ތަދެއް އެރުމާއެކު ތެދުވަން އަހަރެންނަށް އުނދަގޫވިއެވެ. ދެތުންފަތް ދޭތެރެއިން ނުކުންނަމުން ދިޔަ ވޭނީ އާހްތަކާއި އެކު މަޑު ތުރުތުރު އެޅުމެއް އަހަރެންގެ ހަށިގަނޑުގައިވިއެވެ.

ތެދުވަން މަސައްކަތް ކުރިނަމަވެސް ކާމިޔާބެއްނުވިއެވެ. އެހެން އިންދާ ފަހަތުން ގަދަ ހުދު އައްޔެއް އެޅުމުން ފަހަތަށް އެނބުރިލީމެވެ. އަހަރެންގެ ލޮލުގައި އެޅުނީ އެ ދިމާލަށް އަންނަމުން ދިޔަކާރެވެ.

ތިން އަހަރު ފަސް

ދަންވެ ދަންވަމުން ދިޔަހެން މާލޭގެ މަގުތައްމަތިން ކާރޫބާރު ކޮންމެވެސް ވަރަކަށް ފިލަމުން ދިޔައެވެ. ގޭގެއަށް މީހުން ނިދަންވަންނަމުން ދިޔަ ވަރަކަށް ކަންމަތީގައި ތިބޭ ކުދިންތަކަށް މިނިވަންކަން ލިބި އެމީހުންގެ ހާލިތަކުން ނުކުންނަން ފަށައިފިއެވެ. އެމީހުންގެ ފިޔަތައް ހުޅުވާލާ އުދުހެން ފަށައިފިއެވެ. އަހަރެންގެ ނަޒަރުހުރީ ކުޑަދޮރުން ބޭރަށް ހުއްޓިފައެވެ. ފަސްބުރީގެ އެ އިމާރާތުގެ ކުޑަދޮރުން މާލޭގެ މަގުމަތި ރީތިކޮށް ފެނެއެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގެ އުފާ ހާސިލްކުރަން މަސައްކަތް ކުރަމުން ދިޔައީމެވެ. މީގެ ތިން އަހަރުގެ ކުރީގެ ހަނދާންތައް އާވަމުން ދިޔަނަމަވެސް ސިކުނޑިން އެ ހަނދާންތައް ފުހެލަން މަސައްކަތް ކުރީމެވެ. ކާމިޔާބު ނުވާނެކަން އެނގި ހުރެއެވެ.

ބައެއްފަހަރު އެންމެ ރަނގަޅު ގޮތަކީ މާޒީ ދޫކޮށްލާފައި ކުރިއަށް ދިޔުންކަމަށްވުމާއެކު މާޒީގެ ހިޔަނި މުސްތަގްބަލަށް ނޭޅޭނޭ ގޮތަކަށް ހަޔާތުގެ ބާކީބައި އުޖާލާ ކުރުމަށް ބޭނުންވިނަމަވެސް ހިތާމައަކީ އަދި އަދަށް ދާންދެންވެސް އަމަންއަށްޓަކައި އަހަރެންގެ ހިތުގއި އޮތް ލޯބި އެ ގޮތުގައި އޮތީތީއެވެ. އަހަރެންގެ ހަޔާތުން އެހެންމީހަކަށް ޖާގައެއް ނުދެވެނީ އެހެންވެއެވެ. ނޫނީ އަހަރެން ބިރުގަންނަނީއެވެ.

"ޒާރާ" އެހެން ހުއްޓާ އަހަރެންގެ ކަންފަތުގައި ޖެހުނީ ބަރު އެހެނަސް ފިރިހެންވަންތަ އަޑެކެވެ. ކުޑަކޮށް ފަހަތަށް އެނބުރިލާ އަހަރެން ބަލާލީމެވެ. އެއަށްފަހު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީމެވެ. އަހަރެންގެ ކުރިމަތީގައި މަޑުކޮށްލައިގެން ހުރި ޒުވާނާގެ އަތުގައި ހުރި ދެ ކޮފީތަށިން ކޮފީތައްޓަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ.

އަތް ދިއްކޮއްލަމުން ކޮފީތަށި ދިނުމަށް އަހަރެން އެދުނީމެވެ. އެޒުވާނާ ލުއި ހިނިތުންވުމަކާއެކު އަހަރެންނާ ދިމާލަށް ކޮފީތަށި ދިއްކޮށްލިއެވެ. ކޮފީ ތަށީގައި ހިފަމުން އަނެއްކާވެސް މަގުމައްޗަށް ނަޒަރު ހުއްޓާލީމެވެ.

"ޒާރާ... އަދިވެސް ނިދި ނާންނަނީތަ؟"

"މިތަނުގައި ހުންނާނެކަން އެނގިނެއްނެއް ނޫންތޯ ތި ދުރުވީ؟" އަހަރެން ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީމެވެ. އެއާއެކު އަހަރެންގެ ކަންފަތުގައި ޖެހުނީ ލުއި ހުނުމެއްގެ އަޑެވެ.

"އަދިވެސް އެހާ މާތްކޮށް އަހަރެންނާ ވާހަކަދެއްކޭ ދޯ ހަމަ. ހެހެ. ކޮފީ މީރުތަ؟" އެ ސުވާލަށް އަހަރެން ބޯ ޖަހާލީމެވެ.

"ދެން ވިސާމްގެ މީރު ކޮފީ މީރުވާނެތާ؟" ކޮންމެވެސް ވަރަކަށް އުނދަގޫ ވިޔަސް އަހަރެން ވިސާމްއާއި އާދައިގެ ގޮތަކަށް ވާހަކަދެއްކޭތޯ މަސައްކަތް ކުރީމެވެ. އެންމެ ކުރިންސުރެ އަހަރެން ވިސާމްއާއި ވާހަކަދައްކާ އުޅުނީ މާތްކޮށްކަމަށް ވިނަމަވެސް މިހާރަކަށް އައިސް ވިސާމް ކިޔާވަރުން އާދައިގެ ބަހުރުވައިން ވެސް ވާހަކަ ދައްކަމެވެ. ވިސާމްއަކީ ހިތްތިރި މަޑުމައިތިރި އޯގާތެރި ހިތެއްގެ ވެރިއެކެވެ. ބޮޑާކަމެއް ކިބުރުވެރި ކަމެއްނެތް ސާފު ހިތެއްގެ ވެރިއެކެވެ. ވިސާމް އަހަރެންނަށް ބަލާލި ވަގުތު އަހަރެންނަށްވެސް ވިސާމްއަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔުމާއެކު ކަރު ކެހިލަމުން ވިސާމް ދުރު ބަލާލިއެވެ.

"މަންމާ... މަންމާ..." ސިހުނީ ތުއްތު އަންހެން ކުއްޖަކު ގޮވާލިއަޑަށެވެ. ވިސާމްއަށް ބަލާލަމުން އަހަރެން ގޭތެރެއަށް ވަނީމެވެ. އޭރު ތިންއަހަރުގެ އާލް ކުކުރަމުން ގޭގެ ސިޓިންރޫމަށް ނުކުންނަނީއެވެ. އަހަރެން ކޮފީތަށި މޭޒުމަތީ ބަހައްޓަމުން ގޮސް އާލް އުރާލީމެވެ.

"ކިހިނެތްވީ؟" އާލް ހަމައަކަށް އަޅުވަމުން އަހަރެން އަހާލީމެވެ. އެއާއެކު އާލް ބުނީ ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށެވެ. އާލް ހަމައަކަށް އަޅުވަމުން އަހަރެން ކޮޓަރިއާ ދިމާލަށް ހިނގައިގަތް އިރު ވިސާމްގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުރީތީ އަހަރެން ދެކުނީމެވެ. އެހެންނަމަވެސް އެކަމަށް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ.

އާލް ނިދުމުން އަނެއްކާވެސް އަހަރެން ސިޓިން ރޫމަށް ނުކުތީމެވެ. ކޮފީތަށި ހުރީ ހިހޫވެފައި ކަމުން އެ ޒިންކަށް އަޅާ ލާ ދޮވެލުމަށްފަހު ގޮސް ސޯފާގައި ޖައްސާލީމެވެ. ވިސާމްވެސް އެތަނުގައި އިނެވެ.

'ޝުކުރިއްޔާ" ވިސާމްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެންނަށް ވިސާމްއަށް ބަލާލެވުނެވެ. ބޯ ޖަހާލިއެއްކަމަކު އަހަރެން އިތުރު އެއްވެސް އެއްޗެއް ނުބުނަމެވެ.

އިތުރު އެއްޗެއް ވިސާމް ބުނަން އުޅުނުކަން އެނގުނެވެ. އެހެންނަމަވެސް އެވަގުތު އޭނާއަށް ފޯނެއް އައުމުން ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން އަހަރެންނަށް ނަޒަރު ހުއްޓާލިއެވެ. އެ ފޯނު ކޯލަށް ޖަވާބު ދެމުން އޭނާ ސޯފާއިން ތެދުވިއެވެ. އެއަށްފަހު އޭނާ ދާންވެއްޖެކަމަށް ބުނެ ކޮޓަރިއަށް ގޮސް ދެން ނުކުތް އިރު ހުރީ ރަސްމީ ކޮށެވެ. ނޫކުލައިގެ ގަމީހަކާ އެކު ކަޅު ކުލައިގެ ޖީންސް އެއްގައެވެ. އާލް ނިދާފައި އޮތް ކޮޓަރިއަށް ވަދެލާފައި އިރުކޮޅަކުން ނުކުމެ އާލްއަށް ބަލަން އަހަރެންގާތު ބުންޏެވެ. އެއަށްފަހު ބޫޓަށް އަރަމުން އޭނާ ނުކުމެގެން ދިޔައީއެވެ. އެއާއެކު އަހަރެން ސޯފާގައި އިށީނީމެވެ.

އެރޭ ބޭރަށް ދިޔަ ގޮތަށް ވިސާމް ގެއަށް އައީ އަނެއްދުވަހު ހެނދުނު ނުވައެއް ޖަހާ ބޮޑުވިފަހުންނެވެ.

ސޯފާގައި އިށީންނަމުން އަޅާފައިވާ ޓައީ ކަރަށް ދޫކޮށްލަމުން އާލް ކޮބައިތޯ ވިސާމް ސުވާލުކުރިއެވެ. އަހަރެން އާލް ސުކޫލު ގައޭ ބުނުމުން އިތުރު ސުވާލުނުކޮށް އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. އަހަރެން މޮޕް ލާ ނިންމާލުމަށްފަހު ހިންދެމިލި ވަގުތަކީ ގޭގެ ބެލް އަޅާލިވަގުތެވެ. މިގަޑީގައި އަންނާނީ ކާކުބާއޭ ހިތަށް އަރާ ހާލު ގޮސް ދޮރު ހުޅުވާލީމެވެ.

އޭރު ކޮޓަރިން ވިސާމްވެސް އެއްޗެހި ބަދަލުކޮށްލަމުން ނުކުންނަނީއެވެ. އަހަރެން ވިސާމްއަށް ބަލާލުމަށްފަހު ކުރިމައްޗަށް ބަލާލިވަގުތު ފެނުނު މީހެއްގެ ސަބަބުން އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަހަރެންނަށް ވީ ގޮތް ފެނި ސުވާލުކުރަމުން ވިސާމްވެސް އައިސް ދޮރާ ދާދި ގާތުގައި ހުއްޓުނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަރެންނަށް ބަލާލުމަށްފަހު އަވަސް އަވަހަށް ދޮރު ލައްޕާލާ ތަޅުލުމަށްފަހު އިތުރު އެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

ކޮމެންޓް 0