ގޭގެބޮޑުކަމާއި ހައިބަވަންތަކަމުގެ ސަބަބުން ދުރަށް ވެސް އެ ގެ ފެންނަނީ ގަނޑުވަރެއްފަދައިންނެވެ. ގެއަށް ވަންނަން ބޮޑުގޭޓެއް ހުރިއިރު ގޭޓުގެ ވަރުގަދަކަމާއި ބޮޑުކަމުން ހައިރާންވާހާވެއެވެ. އެގޭޓުގައިހުރި ކުރެހުންތަކާއި އެ ގޭގެ ޑިޒައިނަކީ އެކަމަށް މޮޅު ފަންނުވެރިއެއްގެ މަސައްކަތްކަން ޔަޤީނެވެ. ގޭޓުން އެތެރެއަށް ވަދެވުމާއެކު އަހަރެންނަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. މުޅި ގޯތިތެރޭގައިވެސް ވަނީ ގާޖަހާފައެވެ. ހިނގާފައިދާން ހަދާފައިވާ ހިސާބުގައި ރަތްކުލައިގެ ގާ ޖަހާ ޒީނަތްތެރިކޮށްފައިވާއިރު ދެން ހުރީ މުޅިންވެސް އަޅި ކުލައިގެ ގާޖަހާފައެވެ. ގެއަށްވަންނަ ދޮރުގެ ކަނާތްފަރާތުގައި ދެ ކާރު ބާއްވާފައި އޮތްއިރު ސައިކަލެއްވެސް ހުއްޓެވެ. ގޭޓުގެ ދެފަރާތުން ފެހިކުލައިގެ ރީތި ގަސްތަކުން ޒީނަތްތެރިކޮށްފައިވާއިރު ހިތްގައިމެވެ.

ގެއަކީ ދެބުރިއަށް ނަގާފައިހުރި ތަނަވަސް ބޮޑު ގެއެކެވެ. ޝާހީކަމާއި ހައިބަވަންތަކަމެވެ. ބަލާލިކޮންމެ ދިމާލަކުންވެސް މުއްސަނދިކަމާއި ޤަދަރުވެރިކަން ފެންނަމުން ދިޔައެވެ. އަހަރެންގެ މެއަށް ފިނިކަމެއް އިޙްސާސްކުރެވުނީ މިބޮޑު ގެ ފެނިގެން ކަމަށްވާއިރު އަދި އެގޭގެ މީހަކާ ބައްދަލުވުމުން އަހަރެންނަށް ވާނެގޮތެއް ނޭނގެއެވެ. އަތުގައި އޮތްދަބަސް މެއާއި ލާ ބާރުކޮށްލަމުން އަހަރެން ދޮރުވާނަކަށް ހުރި މީހާއަށް އަވަސް ނަޒަރެއްދިނީމެވެ. އެއަށްފަހު މަޑު ފިޔަވަޅުތަކެއްގައި އަހަރެން ގެއަށް ވަންނަން މިސްރާބުޖެހީމެވެ. އޭރުވެސް އަހަރެންގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެވެ. ދެފައިގައި މަޑު ތުރުތުރު އެޅުމެއް ވިއެވެ. އެކަމުގެ ސަބަބުން ހިނގުމަށް އުނދަގޫވެ ދެތިން ފަހަރު ހުއްޓާލަން އަހަރެންނަށް މަޖުބޫރުވިއެވެ. އެހެންނަމަވެސް ހިތްވަރު ކޮށްފައި އަނެއްކާވެސް ކުރިއަށް ފިޔަވަޅު އަޅަން ފެށީމެވެ. ގޭގެ ދޮރާ ހިސާބުން އަނެއްކާވެސް އަހަރެންނަށް މަޑުޖެހިލެވުނެވެ. ގޭގެ ދޮރަކީވެސް ބޮޑު ދޮރެކެވެ. ޔަޤީނުންވެސް އެ ދޮރު އެއްފަރާތް ކޮށްލެވޭނީ ޖާނުން ވަރުގަދަ ދެ ފިރިހެނުންނަށްކަން ޔަޤީނެވެ.

ހަދާނެގޮތެއް ނޭނގި ދޮރުމަތީގައި ހުއްޓާ އަހަރެންނާ ދިމާލަށް އެގޭގެ އަހުލުވެރިއަކު ހިނގާފައި އަންނަތަން ލޮލުގައި އަޅައިގަތެވެ. ލާފައި ހުރި ދެމޭފޮތީގެ ހެދުމުގެ ދެފަރާތަށް ދަމާލަމުން އަހަރެން ހަމަޖެހެން މަސައްކަތް ކުރީމެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވާ މީހާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރީމެވެ. އަހަރެންގެ ގާތަށް އައިސް ހުއްޓުނު އަންހެން މީހާ ލާފައިހުރީ އިންޑިއާމީހުން ލާއުޅޭފަދަ ފުއްޕި ހަރުވާޅަކާއި ހެދުމެކެވެ. އަޅާފައިވާ ދޯ ޕައްޓާގެ އެއްފަރާތް ގެންގޮސް ބޯ ނިވާއްކޮށްލާފައިވާއިރު ކަރު އޮތީ ހާމައަށެވެ. ބަލާބެލުމަށް ޖެހިލުންވާވައްތަރުގެ ސިފަތަކެއް މޫނުމަތިން ފާޅުވަމުންދިޔައެވެ. ހީވަނީ އުމުރުން ފަސްސާހުގެ އަހަރުތައް ގުނަމުންދާމީހެއްހެންނެވެ. މޫނުމަތިން ދުވަސްވީވައްތަރު ޖެހިނަމަވެސް ހިނގާބިނގާވެ އުޅުމުގައި އެއްވެސް މައްސަލައެއްހެން ހުރިހެނެއް ހިޔެއްނުވެއެވެ.

އެ އަންހެން މީހާ އަހަރެންނަށް އިޝާރާތް ކުރީ އެތެރެއަށް ވަނުމަށެވެ. އެތެރެއަށް ވަދެވުމާއެކު އަހަރެންގެ ދެލޯ ދިއްލުނެވެ. އަނގަ ކޮންމެވެސް ވަރަކަށް ހުޅުވުނެވެ. މިހާ ރީތިކޮށް ހަދާފައި ހުރި ގެއެއް އަހަރެން މި މާލެއަކުން ނުދެކެމެވެ. އެތެރޭގައި ހުރި އަގުބޮޑު ފަރުނީޗަރުތަކާއި ޝާހީ ދޮރުފޮތިތަކާއި ސޯފާތަކުގެ އިތުރުން ގޭތެރޭގެ ތަރުތީބުކަމާއި ސާފުތާހިރުކަމުގެ އިތުރުން ގޭތެރޭގައި ހިފާފައި ހުރި ލުއިލުއި މީރުވަހުން އަހަރެންނަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އެވަހުން އެކަނިވެސް ހަށިގަނޑުގައި ލޮޑުކަމާއި ވަރުބަލިކަން ފިލާ އާރޯކަމާއި ތާޒާކަން ހަށިގަނޑަށް އިޙްސާސްވިފަދައެވެ.

އެ އަންހެން މީހާގެ ނަމަކީ އަލްމަޢިއްޔާ ކަން އިނގުމުން ހާދަ ތަފާތުނަމެކޭ އަހަރެންގެ ހިތަށް އެރިއެވެ. އަޅާފައިވާ ކަޅުބުރުގާ ރީތިކޮށްލަމުން އަހަރެން އަލްމަޢިއްޔާގެ ފަހަތުން ހިނގައިގަތީމެވެ. މާގިނަ ވާހަކައެއް ނުދެކެވެއެވެ. އޭރު ގޭތެރޭގައި ނޯކަރުން ހަރަކާތްތެރިވާތަން ފެނެއެވެ. އެހިނދު އެގޭގެ ސާފުތާހިރުކަމުގެ އަސްލަކީ އެ ނޯކަރުންތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންނާ ހިލާފަށް ނޯކަރެކޭ ބުންޏަސް އެމީހުން ލާފައި ތިބީ ރީތި ހެދުންތަކެވެ. އަހަރެން އަޅާފައި ހުރި ކަޅު ބުރުގާ އޮތީ ގޮށްޖަހާލާފައެވެ. މޫނުމަތީގައި އަތް ޖައްސާލުމުން ހިސާބަކަށް ތެޔޮކަން އަހަރެންނަށް އިޙްސާސްވިއެވެ. ދާހިތްލާފައި ހުރުމުގެ ސަބަބުން އަހަރެންގެ ގައިވެސް ހިސާބަކަށް ހިރުވަމުން ދިޔައެވެ. އަލްމަޢިއްޔާ އަހަރެން ގޮވައިގެން ދިޔައީ ގޭގެ ވާތްފަރާތުން ތަންކޮޅެއް އެތެރޭގައި ހުރި ބޮޑު ދޮރެއް ކައިރިއަށެވެ. އެއަށްފަހު އޭނާ އެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަންނަމުން އަހަރެންނަށް ވެސް ވަނުމަށް އިޝާރާތް ކޮށްލިއެވެ. އަހަރެން ވެސް އަލްމަޢިއްޔާގެ ފަހަތުންވަނީމެވެ. އެތަނުގެ އެތެރޭގައި ވެސް އެކި ކޮޓަރިތައް ހުއްޓެވެ. އަލްމަޢިއްޔާ އަހަރެން ގޮވައިގެން ގޮސް ހުއްޓުނީ ވާއަތްފަރާތާވީ ދިމާލުން ދެވަނައަށް ހުރި ކޮޓަރިއާ ދިމާލުގައެވެ. އެއަށްފަހު ކޮޓަރީގެ ތަޅުގައި އަތުގައި އޮތް ބޮޑު ތަޅުދަނޑިފަތިން ތަޅުދަނޑިއެއް ހޯދާ ޖަހާލިއެވެ. އެދޮރުން އެތެރެއަށް ވަދެފައި އޭނާ އަނެއްކާވެސް އަހަރެންނަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. އަހަރެން ނިކަން ޖެހިލުންވެފައި ހުރެ އެތެރެއަށް ވަނީމެވެ. އެމީހުންގެ ދިރިއުޅުމާއި އަހަރެންގެ ދިރިއުޅުމާހުރި ތަފާތު އެ ހިނދުން އެކަނިވެސް އަހަރެންނަށް ދެނެގަނެވުނެވެ.

އަލްމަޢިއްޔާ އަހަރެންނަށް ފުންނަޒަރަކުން ބަލާލިއެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. ހިސާބަކަށް ޖެހިލުންވިއެވެ. އޭނާ އެދުނީ އިހަށް ފެންވަރާ ތާޒާވެލުމަށެވެ. އެހާއިރުކޮށްފައި އިތުރު މީހަކު ފޮނުވާނޭ ކަމުގައެވެ. އަހަރެން އަވަސް އަވަހަށް ބޯ ޖަހާލީމެވެ.

އަލްމަޢިއްޔާ ދިޔުމުން އަހަރެން އެނދުމަތީގައި އިށީނދެލީމެވެ. އެނދަކީ ބޮޑު އެނދެކެވެ. އަޅާފައިވާ ރަޖާ ވެސް ބޯ ވެފައި ކުރެހުމުގައި ހިސާބެއްގެ ޝާހީކަމެއް ހުއްޓެވެ. ވަށައިގެން ކޮޓަރިތެރެއަށް ބަލާލެވުނީ ދެނެވެ. ކޮޓަރި މާބޮޑުނޫނަސް މާލޭގައި އެހެންޏާ ހުންނަ ދިހަފޫޓްގެ ކޮޓަރިތަކަށްވުރެ މާ ހިތްގައިމެވެ. އެއްފަރާތުގައި ކުޑަދޮރެއް އިންތަން ފެނި އަހަރެން އެ ދޮރު ހުޅުވާލީމެވެ. އެހިނދު ޖެހިލި ތާޒާ ވައިރޯޅީގެ ސަބަބުން އަހަރެންގެ ހައްޓަށް އިތުރު ލުއި ފަސޭހަކަމެއް ގެނެސްދީފިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ ފުރިހަމައަށް ތައްޔާރުކޮށްފައިވާ ފަތާ ފެންގަނޑެކެވެ. ފެންގަނޑުގެ ވަށައިގެން ޖަހާފައިވާ މަޑު ޗޮކްލެޓް ކުލައިގެ މުށިތައް މަތީގައި ގޮނޑިތަކެއް ބަހައްޓާފައި ވާއިރު ހިޔާވާނޭ ގޮތަށް ކުޑަތަކެއް ވެސް ބެހެއްޓިފައިވެއެވެ. ދެން ވަށައިގެން އޮތީ ވިނަގަނޑެކެވެ. ވިގަނޑުގެ އެކި ހިސާބުތަކުގައި ހިޔާލިބޭގޮތަށް ބޮޑެތި ގަސްތައް ހައްދާފައި ހުރިއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. އެ މަންޒަރުން އެކަނިވެސް ގުދުރަތުގެ ފުރިހަމަކަމާމެދު އަހަރެންނަށް ވިސްނާލެވުނެވެ. ފެންނަމުންދާ އަޖާއިބު ކުރުވަނިވި މަންޒަރަށް ބަލަން އަހަރެންނަށް ހުރެވުނު އިރު ވަގުތު ދިޔަގޮތެއްވެސް ނޭނގެއެވެ.

ސިހުނީ ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށެވެ. އަދި މިހުރެވުނީ ފެންވެސް ނުވަރާކަން ހަނދާންވީ ދެނެވެ. ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އަހަރެންގެ ހިތަށް ވެރިވިއެވެ. ހިންދިރުވާލަމުން އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ މެދު އުމުރުގެ އަންހެނެކެވެ. މޫނުމަތީގައި ކޮންމެވެސް ވަރަކަށް މުސްކުޅިވެ އުމުރުން ދުވަސްވުމުގެ ސަބަބުން ހުރި ކުދި ރޫތައް ފިޔަވާ އިތުރު އުނިކަމެއް އަދި އައިބުކަމެއްވެސް ނުފެނެއެވެ.

"އަދިވެސް ފެންނުވަރަނީތަ؟ އަހަރެންނަކީ ޒުބައިދާ. މިގޭގެ ހުރިހާ ނޯކަރުންގެ ކަންތައްތައް ބަލަހައްޓާނީ އަހަރެން. ކުރަންވީ ކަންތައްތައް ކިޔައިދީ އުސޫލުތަކާ ޤަވައިދުތަކަށް ބޯ ލަނބާތޯ އަހަރެން ބަލާނަން. އެއީ ނޯކަރުންގެ އިސްމީހެއްގެ ހައިސިއްޔަތުން އަހަރެންނާ ހަވާލުކުރެވިފައިވާ އަމާނާތެއް. އަހަރެން އެތެރެއަށް ވަންނަންތަ؟" ކޮޓަރިތެރެއަށް ބަލާލަމުން ޒުބައިދާ އެއްސެވެ. އަހަރެން އަވަސް އަވަހަށް އެއްފަރާތަކަށް ޖެހިލީމެވެ. އުސޫލުތަކާ ޤަވައިދުތަކޭ ބުނުމުންވެސް އަހަރެންގެ މެއަށް ކޮންމެވެސް ވަރަކަށް ފިނިވިއެވެ. އެހެންނަމަވެސް ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން އަހަރެން ބޯ ޖަހާލީމެވެ.

"ހާސްނުވޭ. އަހަރެންމީ މާ ވެރިވެގެން އުޅޭ މީހެއްނޫން. ގޭގެ ޤަވައުދުތަކަކީ މިގޭގެ އަހުލުވެރިން ހަދާފައިވާ ޤަވަދުތަކެއް. އަހަރެން މިއައީ އެ އުސޫލުތައް އޮޅުން ފިލުވައިދޭން. ގޭތެރޭގެ ސާފުތާހިރުކަމާއި ކުރަންޖެހޭ ކަންތައް ކަންތައްތައް ގަޑިން ގަޑިއަށް ފަރުވާތެރިކަމާއެކު ކުރުމަކީ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައް. ފުރަތަމަ މި ފަދަ ޝާހީ އާއިލާއެއްގެ ތެރެއަށް ވަންނައިރު ތި ކުދިންގެ ޅަ ސިކުނޑިތަކަށް ނުވިސްނޭ އެތަކެއްކަމެއް ހިނގާފާނެ. އެ ޤަވައިދުތަކެއްގެ ސަބަބުން ފޫހިވެދާނެ. އެކަމަކު މިގޭގެ ވެރިންނަކީ ގޯސް ބައެއް ނޫން. އެމީހުންގެ ކާބަފައިންގެ ޒަމާނުއްސުރެ ގެންގުޅޭ ގޮތްތަކެއް މިއަދާ ހިސާބަށް ވެސް ވާރުތަވަމުން އައިސް މިވަނީ. ގޭތެރޭގަ ކަންތައްތައް ހުންނަގޮތް މިހެން ބުނެލާ ދެތިން ޖުމްލައަކުން ނަގައެއްނުގަނެވޭނެ. ހޭނޭނީ ކުޑަ ދުވަސްކޮޅަކު އުޅެލުމުން. އެކީގައި އުޅުމުން ހިންހަމަޖެހުން އިޙްސާސްވާނެ. އަހަރެން މިގޭގެ ނޯކަރެއްގެ ގޮތުގައި އުޅޭތާ މިހާރު ފަންސަވީސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އަދި އަދަށް ދާންދެންވެސް އެއްވެސް މީހެއްގެ ފަރާތުން އަހަރެންނަށް ބަދުބަހެއް ބުނެފައެއް ނުވޭ. ކަންބޮޑުނުވޭ" ޒުބައިދާއަށް އަހަރެންގެ މޫނުމަތިން ހާސްކަން ފެނުނީކަންނޭނގެއެވެ. އޭނާ އަހަރެން ހިންހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.

"ކޮން ކަމެއްތަ ކިޔަނީ؟" އަދި މިއުޅެނީ ނަންވެސް އަހާނުލެވި" ޒުބައިދާ އަހަރެންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"ޒާރާ" އަހަރެން މަޑުމަޑުން ބުނެލީމެވެ.

"ޒާރާ! ޒާރާ އެންމެ ފުރަތަމަ ހަފްތާގައި އަހަރެންނާއެކު މަސައްކަތް ކުރާނީ. ހުރިހާކަމެއް ވެސް އަހަރެން ކިޔައިދޭނީ މަސައްކަތް ކުރަމުންދާ ގަޑީގަ. ކިޔައިދީގެން ހުރިހާ ކަމެއްދަސްކުރުމަށްވުރެ ފަސޭހަވެފަ ލުއިވާނެ. އަވަހަށް ތައްޔާރުވޭ. އަހަރެން އަންނާނަން ތައްޔާރުވޭ އަވަހަށް" ޒުބައިދާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

އަހަރެން އަވަސްވެގަތީ ފެންވަރާ ތާޒާ ވެލުމަށެވެ. ފާޚާނާއަށް ވަދެފައިވެސް އަހަރެން ހުއްޓުންއަރާ ގޮތްވިއެވެ. ފާޚާނާ ވެސް ތަނަވަސްވެފައި ބޮޑެވެ. ނޯކަރުންގެ ފާޚާނާ މި ފެންވަރަށް ހުރިއިރު އަދި ވެރިން ބޭނުންކުރާ ތަންތަން ހުންނާނެފެންވަރެއް ނޭނގެއެވެ. ފާޚާނާގެ ފެންވަރާތަން ވަނީ ބިއްލޫރި ފަދަ އެއްޗަކުން ފޮރުވޭގޮތަށް ވަށްކޮން ހަދާލާފައެވެ. އޭގެ ބޭރުގައި ބިލިގާއެއް ހުއްޓެވެ. މޫނު ދޮންނަ ތައްޓާ މޫނުބަލާ ލޯގަނޑުގެ ފަރުމާވެސް ހިތްގައިމެވެ. ފެންވަރާ ހަދާލައިގެން ނުކުމެ އަހަރެން އަވަސް އަވަހަށް ޔައްޔާރުވެލީމެވެ. ބޮލަށް އަޅައިގެން ފެންވެރުމުގެ ސަބަބުން ހިސާބަކަށް ހީކަރުވާގޮތް ވިއެވެ. ތުވާލިން ބޯ ހިއްކާލަމުން އަހަރެން އެތަނުގައި ތުވާލި އަޅުވަން ބަހައްޓާފައި ހުރި ލަކުނޑި އެތީގައި އެޅުވާލީމެވެ. އެވެސް ވަނީ މޮޅަށް ފަރުމާ ކޮށްލާފައެވެ. ގަސްތަކެއްގެ އޮފިތަކެއް ގޮތަށް ހުރިއިރު އެންމެ ކަމުދާ ފަދަ ފަރުމާއެކެވެ.

އަހަރެން ތުވާލި ބަހައްޓާފައި އައިސް ދަބަހުން ބުރުގަލެއް ނެގީމެވެ. އަހަރެންގެ ފަންއިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އިސްތިރިކުރެވޭނެ ގޮތެއް ހުރިތޯ ބެލީމެވެ. އެއްފަރާތުގައި ބަހައްޓާފައި ހުރި އިސްތިރިކުރާ މޭޒު ނަގާ އިސްތިރިއެއް ހުރިތޯ ވަށައިގެން ހޯދާލީމެވެ. އެނދުގެ އެއްފަރާތުގައި ހުރި ކުޑަ ކަބަޑުގެ މަތީގައި އިސްތިރިއެއް ހުއްޓެވެ. އަހަރެން އެ ނަގައިގެން އައިސް އިސްތިރިކުރީމެވެ.

އެއަށްފަހު ބުރުގާ ބޮލުން ވައްޓާލީމެވެ. އެއްޗެހިތައް ތަރުތީބުކޮށް ނިމުނުތަނާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ. އަވަސް ކޮށްލަމުން ގޮސް ދޮރުހުޅުވާލީމެވެ. ޒުބައިދާ ފެނުމުން އަހަރެން ހިނިތުންވެލީމެވެ. ބަދަލުގައި ހިންހެޔޮ ހިނިތުންވުމެއް ޒުބައިދާވެސް ރައްދުކޮށްލިއެވެ. އަހަރެން ދެއަތް ދެއަތާ މޮޑެން ހުއްޓާ ޒުބައިދާ އެދުނީ އޭނާއާ އެކު އައުމަށެވެ. އަހަރެންނަށް އެ އާއިލާގެ އެންމެން ފެނުނީ އެރޭގެ ކެއުމުގެ ވަގުތެވެ. ޒުބައިދާ އާއެކު ކާއެއްޗެހި ތައްޔާރުކުރުމުގައި އަހަރެން އެހީތެރިވެދިނީމެވެ. ޒުބައިދާއާއި އަހަރެންނާ ދެމީހުން މަޑުކޮށްލައިގެން ތިބީ އެމީހުންނަށް ނުފެންނާނެ ގޮތަށް ނިވާވެލައިގެންނެވެ.

ގޭގެ މައިދޮރުން ވަންނަ އިރު ފުރަތަމަވެސް އަޅައިގަންނަނީ ރަން ކުލައާއި ހުދުކުލައިން ޖަރީކޮށްފައިވާ ބޮޑެތި ސޯފާތަކެވެ. ސޯފާތަކުގެ ފަހަތުގައި ދެފަރާތުންވެސް އެގޭގެ މަތީބަޔަށް އެރޭ ގޮތަށް ސިޑިއެއް އިން އިރު ސިޑިވެސް ފުޅައެވެ. ދެ ސިޑީގެ ވެސް ދެފަރާތުގައި ރަންކުލައަކާއި ހުދުކުލައިން ޒީނަތްތެރިކޮށްފައިވާ ހަތަރު ތަނބު ހުއްޓެވެ. ދެ ސިޑިންވެސް އެރެނީ ހަމަ އެއްދިމާލަކަށެވެ. ސޯފާތަކުގެ ކަނާތް ފަރާތުން ވަދެގެން ދާއިރު ކާކޮޓަރި އިނދެއެވެ. ވާތްފަރާތުން ދެވެނީ ގޭގެ ޚާދިމުންނަށް ޚާއްސަކޮށްފައިވާ ބަޔަށެވެ.

ދުރުގައި ހުރެގެން ޒުބައިދާ އަހަރެންނަށް އެގޭގެ މީހުން ތަޢާރަފް ކޮށްދިނެވެ.

އެގޭގެ އެންމެންގެ މައްޗަށް ފަހުބަސް އިއްވަނީ މަޖްހޫދު އާއި އަލްމަޢިއްޔާކަމަށް ޒުބައިދާ އަހަރެންނަށް ކިޔައިދިނެވެ. މަޖްހޫދުއަކީ އަލްމަޢިއްޔާގެ ފިރިމީހާއެވެ. އެތަނުގައި ދެން ތިބި މުހައިމިން އާއި އަނަޤު އަކީ އެ ދެމީހުންގެ ދެ ފިރިހެން ދަރިންކަމާއި ދެން އެތިބީ އެ ދެމީހުންގެ ވެސް އަންހެނުންކަމަށް ޒުބައިދާ އަހަރެންނަށް އޮޅުން ފިލުވައިދިނީ އެމީހުންނަށް އިޝާރާތް ކުރަމުންނެވެ. އަދި ވެސް އިތުރު ދެ ފިރިހެން ކުއްޖަކު އެގޭގައި ތިބޭ ކަމާއި އެ ދެކުދިންވެސް ވީ ރާއްޖޭން ބޭރުގައިކަން ބުނެދިނެވެ. އެމީހުން ނެތުމުން ޒުބައިދާ އެމީހުންގެ ނަމެއް ނުބުނެއެވެ. އެހެންކަމުން އެކަން އެނގުމުގެ މާބޮޑު ޝައުގުވެރިކަމެއް ވެސް އަހަރެންގެ ނެތެވެ.

ކަންތައްތައް ދަސްކުރުމުގައި ގިނަ ވަގުތު އަހަރެން ހޭދަކުރީ ޒުބައިދާ އާއެކުގައެވެ. ރޭގަނޑުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު އަހަރެންގެ ހަށިގަނޑަށް ވެސް ހިސާބެއްގެ ލޮޑުކަމެއް އިޙްސާސްކުރެވުނެވެ. އަހަރެމެންނަށް ޙާއްސަ ކުރެވިފައިވާ ބަޔަށް ދިޔައީ ޒުބައިދާއާ އެކުގައެވެ. ޒުބައިދާ އަހަރެން ކޮޓަރިއަށް ލާފައި ދިޔުމުން އަހަރެންވެސް ފުރަތަމަ ގޮސް އެނދުމަތީގައި ޖައްސާލީމެވެ. އެއަށްފަހު އަހަރެންގެ އެއްޗެހި އަޅާފައި ހުރި އަލަމާރި ކައިރިއަށް ގޮސް ހުޅުވާލީމެވެ. އަހަރެން ގެނައި ހަތަރު ހެދުން އަޅުވާފައި ހުއްޓެވެ. އެތަނުން އަހަރެން ނިދަން ހެދުމެއް ނެގީމެވެ. އަދި ފާޚާނާއަށް ވަނީ ނިދުމުގެ ކުރިން ތާޒާ ވެލުމަށެވެ.

ކޮމެންޓް 0