އަހަރެންގެ ނަޒަރު އެ އެންމެންގެ ތެރެއިންވެސް އަމާޒު ކޮށްލެވުނީ އަމަންއަށެވެ. އިސްޖަހައިގެން އިނީ ކުށްވެރިއެއް ފަދައިންނެވެ. އަމަންގެ މި އަމަލު އަހަރެންގެ ހާސްކަން ދެގުނަ ކުރުވައިފިއެވެ.

ޒުބައިދާދައްތައާއި އެގޭގައި އުޅޭ އެހެން ކުއްޖަކު އައިއިރުވެސް މޭޒުދޮށުން އެމީހުން ތެދުވާކަށް ނޫޅުނެވެ. ތަށިތައް ނަގަން އަހަރެމެންނަށް ދެވޭވަރުވީވެސް ނުވަގަޑި ބަޔަށް ވުރެ ބޮޑު ވިފަހުންނެވެ. އަމަންވެސް އަހަރެންނަށް ބަލާލުމެއްނެތި އެހެންމީހުންނާ އެކީގައި ހިނގައިގަތުމުން އަހަރެން ވަކިން ބޮޑަށް ކަންބޮޑުވިއެވެ. މައްސަލައެއް ޖެހުނީ އަމަންއާ ހެދިކަން އެނގުމުން އަހަރެންގެ ހިތަށް ނުބައި ގޮތެއްވިއެވެ.

އެރޭ ނިދަން ގޮސްވެސް އަހަރެންނަށް ނިދޭގޮތެއްނުވިއެވެ. ވިސްނެމުންދިޔަވަރަކަށް ހާސްކަން ދެގުނަވެގެން ދިޔައެވެ. ގަޑީގެ ކަށި އެނބުރެމުން ދެއެވެ. ގަޑިން މެންދަމު އެކެއްޖަހައިފިއެވެ. އަދިވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ވީ ކީއްކަން ނޭނގެނީސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނީވެސް ކިހިނަކުންހެއްޔެވެ؟.

އަހަރެން ފޯން ނެގީމެވެ. އަމަންއަށް ގުޅަން ތައްޔާރުވީމެވެ. އެކަމަކު އިރުކޮޅަކު ވިސްނަން އަހަރެންނަށް މަޑުކޮށްލެވުނެވެ. ދަންވަރުގެ ވަގުތެއްކަމުން ގުޅާކަށް ހިތެއް ނޭދުނެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައިވި ނުތަނަވަސްކަމަށް ކުޑަނަމަވެސް ލުޔެއްދެވޭނީ އަމަންގެ ފަރާތުންވީ ކީއްކަން އެނގުމުންކަން ވިސްނުމާއެކު އަމަންގެ ނަންބަރަށް ގުޅާލީމެވެ.

އަހަރެން ގުޅާލިތާ މާގިނަ އިރެއްނުވެ އަމަން ފޯނުނެގިއެވެ. އަމަން ވާހަކަދައްކަން ފެށުމާއެކު އޭނާވެސް އަދި މިރޭ ނުނިދާކަށް އަހަރެންނަށް ދެނެގަނެވުނެވެ. އަމަންގާތު އަހަރެންނާ ބައްދަލުކޮށްލަން އެދުނީމެވެ. އެއީ އަހަރެން އިސްވެހުރެ އަމަން ގާތު އެދުނު ފުރަތަމަ ފަހަރެވެ.

ފޯން ބާއްވަމުން އެނދުން ތެދުވެ އަހަރެން އަތްދިގު ހެދުމެއް، ލައިގެން ހުރި އަތްކުރު ޓީޝާޓް މަތިން ވައްޓައިލީމެވެ. އެއަށްފަހު ބުރުގާ އެޅީމެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި އަހަރެން މޫނުބަލާލީމެވެ. އެއަށްފަހު ކޮޓަރިން ނުކުންނަން މިސްރާބުޖެހީމެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އާއްމުކޮށް އަހަރެމެން ބައްދަލުކުރާ ބެންޗުގައި ގޮސް އިށީނީމެވެ. ކަޅުފޮއިރެއެކެވެ. ހަނދުވެސް ފެންނާކަށްނެތެވެ. އެހެންނަމަވެސް ގަސްތަކު ކައިރީގައި ދިއްލާފައިހުރި ބޮކިތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަލިކަމެއް އެތަނުގައި ހުއްޓެވެ. އަހަރެން އަމަން އަންނާނޭ އިރަކަށް އިންތިޒާރުކުރަން ފެށީމެވެ. ކެތްތެރިކަން ކުޑަވެފައިވާ އަހަރެންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ އަމަން އަންނަތަން ފެނުމުންނެވެ.

އަމަން އައިސް އަހަރެންގެ އެއްފަރާތުގައި އިށީނެވެ. އަދި އަހަރެންނަށް ބަލާލިއެވެ. ހިނިތުންވާން މަސައްކަތް ކުރިއެވެ. އަހަރެން އަމަންއަށް ފުންކޮށް ބަލާލީމެވެ. އެ ދަންވަރުގެ ވަގުތުގައިވެސް އެދެލޮލުގައި ވި މާޔޫސްކަން އަހަރެން ދުށީމެވެ.

"ކިހިނެތްވީތަ އަމަން. މިރޭ ވީކަމަކުން އަހަރެންގެ ދެލޮލަށް ނިޖެއްވެސް ނާދެ. އަމަންއަށް ކޮންކަމެއް ގޯސްކޮށް ކުރެވުނީ؟ އަނެއްކާ އަހަރެމެން ދެމީހުންގެ ކަންތައް އެނގުނީތަ؟ ދެން ވާނީ ކިހިނެތް؟" އަހަރެންނަށް ހާސްކަމާއެކު ވާހަކަ ދެކެވުނެވެ.

"ހާސްނުވޭ ޒާރާ. އެކަހަލަ ކަމެއްނޫން. މި ހަފްތާ ފެށުނީއްސުރެ އެންމެ ރެއަކުވެސް އަހަރެން ފަތިސް ނަމާދުން އައިސް ޓެރެސްމައްޗަކަށް ނުދަން. އެވަގުތަކީ އާއިލާގެ ހުރިހާ ފިރިހެންވެރިން ކޮފީ ބޮއި ކަންތައްތަކާ ވާހަކަދައްކާ ހަދާ ވަގުތަށް ވީތީ އަހަރެން ނުފެންނާތީ ކާފަ ނުރުހުނީ. އަނެއްކޮޅުން އަހަރެންނާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރަން އުޅޭއިރު އަހަރެން ވެސް ދާންޖެހޭނެތާދޯ. ކުންފުނީގެ ޒިންމާދާރު މަގާމެއް އަހަރެންނަށް ދޭން ކާފަމެން ރާވަމުން ދަނީ. އަހަރެންވެސް އަހަރެންގެ ކުށް ޤަބޫލުކުރަން" އަމަން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. ވީ ގޮތް އެނގުމުން އަހަރެންގެ ހިތަށް ތަސައްލީއެއް ލިބުނެވެ.

"އަދި އެހެން ވާހަކައެއް ވެސް ދައްކަން ކާފަ ބޭނުންވެލައްވާ ކަމުގައި ބުނުއްވި. އަހަރެންނަކަށް ނޭނގެ އެއީ ކޮންވާހައެއް ކަމެއް. އެކަމަކު އެވާހަކަ ދައްކަން ބޭނުންވަނީ އާއިލާ ހުރިހާ އެންމެންވެސް ތިއްބާ ކަމަށް ބުނުއްވީ. މާދަމާރޭ ހުރިހާއެންމެންވެސް ބަރާބަރު ދިހައެއްޖަހާއިރު ބޮޑުކޮޓަރިއަށް ޖަމާވާން އަންގާފައޮތީ" އަމަން އަނެއްކާވެސް ވާހަކަދެއްކިއެވެ. އަހަރެން ވެސް ބޯ ޖަހާލީމެވެ. އަހަރެމެން ދެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބެލާފައި ދާން ހިނގައިގަތީމެވެ. އޭރު ދުރުގައި ކޮންމެވެސް މީހަކު ހުރިހެން އަހަރެންނަށް ހީވިއެވެ. ރަނގަޅަށް ބަލާލުމުން ހަމަ ރަނގަޅަށްވެސް އެތަނުގައި މީހަކު ހުރިކަން އެނގުނެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް އަމަންގެ އަތުގައި ހިފާލެވުނެވެ. ބިރުން ކޮންމެވެސް ވަރަކަށް އަތް ރޫރޫ އަޅަމުން ދިޔައެވެ.

"ޒާރާ ކިހިނެތްވީ؟" އަމަން އަހަރެންނަށް ބަލާލަމުން ބުނެލިއެވެ.

"އަމަން. އެތަނުގައި މީހެއް... ބަލާ" އަހަރެންއެދިމާލަށް ބަލާލީމެވެ. އަމަން ވެސްމެއެވެ.

"ނެތެއްނު މީހެއް. ތި ވާނީ ޒާރާއަށް ހީވި ހީވުމެއްކަމަށް. ދެން އެކަމާ ނުވިސްނާ" އަމަން އެދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އާއެކެވެ. މިހާރަކު އެމީހަކު ނެތެވެ. އަހަރެން ބޯ ޖަހާލީމެވެ. އެހެންނަމަވެސް އެއްބަސް ވާކަށް ފަސޭހައެއްނުވިއެވެ. އެމީހާ އެތަނުގައި ހުއްޓާ ދުށީ އަހަރެންގެ ދެލޮލުން ވިއްޔާއެވެ.

ކޮޓަރިއަށް ވަދެ އަހަރެން ހަމަޖެހެން މަސައްކަތް ކުރީމެވެ. އެއީ އިންސާނެއްކަން އަހަރެންނަށް ޔަޤީނެވެ. އެ ފަދަ ޚިޔާލްތަކެއްގައި އަހަރެން އޮއްވާ ނިދި ސަވާރުވީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.

އާދައިގެ މަތިން ފަތިސްނަމާދަށް އަހަރެންނަށް ހޭލެވުނެވެ. ނަމާދުކޮށްލައިގެން ޒިކުރު ކޮށްލުމަށްފަހު އަހަރެން މިރޭ ކޮޓަރީގައި މަޑުކޮށްލީމެވެ. ބޭރަށް ނުކުންނަ ހިތެއް އެއްގޮތަކަށްވެސް ނުވިއެވެ. ކޮފީ ހެދުންމިރޭ ހަވާލުކޮށްފައިވަނީ އާލާ އާއި ކަމުން އަހަރެން ދާކަށްނުޖެހުނެވެ. ވަގުތުތައް ފާއިތުވަމުން ގޮސް އިރުއޮއްސިއްޖެއެވެ. ރޭގެ ފަހުން އަދި އަހަރެންނަކަށް އަމަން އެއްނުފެނެއެވެ. މާ ބުރަދުވަހެކޭ ހިތާ އަހަރެން ފޯންކޮށްގެން އުނދަގޫ ކުރާކަށްވެސް ބޭނުމެއްނުވިއެވެ. އަހަރެން އަމަންއަށް އިތުބާރު ކުރަމެވެ. އަމަން އަހަރެންނަށް ދެރައެއް ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އޮތެވެ.

ކެއުމަށްފަހު ހުރިހާ އެންމެންވެސް ގޮސް އަވަދިވެއްޖެއެވެ. އަހަރެންވެސް ރޭގަނޑުގެ ކެއުމަށް އިންސާފުކުރީމެވެ. އެއަށްފަހު ކޮޓަރީގައި މަޑުކޮށްލައިގެން އޮތީމެވެ. އެހެން އޮއްވާ އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. ބަލާލިއިރު އަމަންގެ މެސެޖެކެވެ. އޭގައި އޮތީ އޭނަ މިހާރު ކާފަ ބުނެގެން ދަނީކަމަށާއި ނިމުމުން ބައްދަލުކުރަން ދާނެކަމުގައެވެ. ނުނިދާ އިންތިޒާރުކުރުމަށް ބުންޏެވެ. އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔައީމެވެ. އެގާރަޖަހައިފިއެވެ. އެގާރަގަޑި ބައިވެއްޖެއެވެ. އަމަންގެ ހަބަރެއްނުވިއެވެ. އެންމެ ފަހުން ނިދިއަންނަން ފެށުމުން އަހަރެން އަމަންއަށް މެސެޖެއް ކޮށްލީމެވެ. ރައްދުގައި އަމަން ފޮނުވާލި މެސެޖުގައި އޮތީ މިރޭ ބައްދަލުކުރެވެން ނެތް ކަމަށް ބުނެ މާފަށް އެދިފައެވެ. އަމަން މިހާރު އޮތީ ނިދަން އޮށޯވެކަމަށް ބުނެފައެވެ. އަހަރެން ލައްވާ މިހުރިހާ އިރު އިންތިޒާރުކުރުވާފައި އެގޮތަށް ކަންތައް ކުރުމުން އަހަރެން ހިސާބަކަށް ހިންހަމަނުޖެހި ދެރަވާގޮތްވިއެވެ. އެހެންނަމަވެސް އަމިއްލަ ހިތަށް ވިސްނައިދެމުން އަހަރެން ހަމަޖެހެން މަސައްކަތް ކުރީމެވެ.

އެރޭގެފަހުން މިހާރު ހަފްތާއެއް ފާއިތުވެއްޖެއެވެ. އަމަންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާތަން އަހަރެންނަށް ފެނުނެވެ. އެގޮތުން އަހަރެމެން ބައްދަލުވާ ވަގުތު ތަކުގައި އަމަންގެ ސަކަރާތްޖެހުން އެކުއެކީހެން ހުއްޓިއްޖެއެވެ. އެ ހިނިތުންވުން ފަނޑުވެއްޖެއެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތަށް ތަދުވެ އުނދަގޫގޮތް ތަކެއްވެއްޖެއެވެ. އަމަންގެ މޫނުމަތިން ކަންތައްތައް ދެނެގަންނަން ފަސޭހަކަމަކަށްނުވިއެވެ. އޭނާގެ ދުލުން ތެދު ހަޤީގަތް ހާމަކުރުވުމަކީ އަހަރެންނަށް ފަސޭހަކަމެއްނޫންކަން އެނގިހުރެވެސް އަހަރެން ސުވާލުކުރީމެވެ. އެހެންނަމަވެސް އަމަންގެ ފަރާތުން އަހަރެންނަށް މާއެދެވޭ ޖަވާބެއްނުލިބުނެވެ. ވިސްނާ ވިސްނާ އަހަރެންގެ ވެސް ބޯ ގޮވައިފިއެވެ. އަމަންގެ ދުލުގައި ހިފާ ދަމަ ދަމާވެސް އަހަރެން ވަރުބަލިވެއްޖެއެވެ.

އަހަރެން ލޯގަނޑުކުރިމަތީ ހުރެ ރީތިވެލީމެވެ. އަމަންއާއި ބައްދަލުކުރަން ދިޔުމަށެވެ. އޭރުވެސް އަހަރެންނަށް ވެގެން އުޅޭ ގޮތަކާމެދު ވިސްނެމުން ދިޔައެވެ. ހިތް، ހަމަޖައްސުވަން އުޅުނަސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

ބަގީޗާ ގަސް ތަކުގެތެރެއަށް ގޮސް ވަތްއިރު އަމަން އަހަރެންގެ އިންތިޒާރުގައި އިނެވެ. މަޑުމަޑުން ގޮސް އަހަރެން އިށީނީމެވެ.

"ވެގެން އުޅޭގޮތެއް އަހަރެންނާ ހިއްސާކުރާނީ ކޮން ދުވަހަކުންތަ؟" އަހަރެން އަހާލީމެވެ. އަމަންގެ ފަރާތުން ޖަވާބެއް ނުލިބުމުން އަހަރެން އެ ސުވާލު ތަކުރާރު ކޮށްލީމެވެ. އެހެންނަމަވެސް މިފަހަރުވެސް އަމަން ހިޔާރުކުރީ ހަމަހިމޭންކަމެވެ. އެކަމުން އަހަރެންނަށް އުނދަގޫވިއެވެ. އަމަން އަޅާނުލާ އިންނަން ފެށުމުން އަހަރެން ތެދުވީމެވެ.

"އަމަން ކިއްވެތަ ތިހެން ތި ކަންތައް ކުރަނީ؟" އަހަރެންނަށް އަހާލެވުނު އިރު އަހަރެންގެ އަޑު ހިސާބަކަށް ކުރެހުނެވެ. ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް އިސާހިތަކު ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ހިނގައްޖެއެވެ. އަހަރެން ރޮނީކަން ޔަޤިންވެ އަމަން ތެދުވިކަން އެނގުނެވެ. ފަހަތުން އަހަރެންގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު ދޫކޮށްލިއެވެ.

"އަހަރެންނަށް މާފުކުރޭ ޒާރާ. ޒާރާ ދެރަކުރެވުނީތީ. ހިތުގައި ޖެއްސުނީތީ. އެއީ ފަހަރެއްގައިވެސް އަހަރެން ބޭނުންވިގޮތެއް ނޫން. އެކަމަކު މިއަދު ޒާރާ ތިރޮނީ އަހަރެންގެ ސަބަބުން ކަމަށްވީތީ އަހަރެން މާފަށް އެދެން. ޒާރާއެއް ނޫން އަހަރެން ފަހަތުން އުޅުނީ. އަހަރެން އުޅުނީ ޒާރާ ފަހަތުން. އަހަރެން ހީކުރީ ޒާރާ އުފަލުގައި ބެހެއްޓުމުގެ ހުރިހާ ޒިންމާއެއް އަހަރެންނަށް ނެގޭނެކަމަށް. އެކަމަކު މިއަދު ވަރަށް ދެރަވެއްޖެ. އަހަރެން އަމިއްލަ ނަފްސަށްވީ ވައުދު ފުއްދައި ނުދެވުނީމަ. އަހަރެންގެ ފިނޑިކަމަށް އަހަރެން ލަދުވެތިވަން" އަމަން ވާހަކަދެއްކިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.

"ޒާރާ، ހުއްޓާލާ. ޒާރާ ތިހެން ރޯތަން ބެލުމަކީ އަހަރެންނަށް ފަސޭހަކަމެއްނޫން" އަމަން ބުނެލިއެވެ. އޭނާ އަހަރެން ހުއްޓުވަން އެތަކެއް ވާހަކައެއް ދެއްކިއެވެ. ދުވަހަކު އަހަރެން ދެރަކޮށް ރޮއްވަން ބޭނުންނުވާކަމަށް ބުންޏެވެ. އެތައް ފަހަރަކު މާފަށް އެދުނެވެ.

އެރެއަށްފަހު ވަކިން ބޯ ފާރެއް އަހަރެމެން ދެމީހުންގެ ދެމެދުގައި ލެވިގެން ހިނގައްޖެއެވެ. އެފާރުގެ ބޯ މިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައީ އަހަރެމެން ދެމީހުންގެ ދެމެދު އޮތް ގުޅުން ހީނަރުކުރަމުންނެވެ.

ހުކުރުދުވަހުގެ ރެއެވެ. ރޭގަނޑުގެ ކެއުން ލަސްކުރުމަށް އަލްމަޢިއްޔާ އެންގުމުން އަހަރެމެން ލަސްކޮށްލީމެވެ. އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އަލްމަޢިއްޔާވަނީ އެރެއަށް ތައްޔާރުކުރަންވީ ހާއްސަތަކެތީގެ ލިސްޓެއް އަހަރެމެންގެ އަތަށް ދީފައެވެ. އަހަރެން ކައްކާބައިން ނުކުމެ އަހަރެމެން އުޅޭބަޔަށް ދާންވެގެން ހިނގައިގަތީ ކުޑަކަމަކުއެވެ. އޭރު ބޮޑުކޮޓަރިތެރޭގައި ޖުނާން އަހަރެންނަށް ބަލަން ހުރިތަން އަހަރެންނަށް ފެނުނެވެ. ކަޅިޖަހާނުލާ އޭނަ އަހަރެންނަށް ބަލަން ހުންނަން ފެށުމުން އަހަރެން ޖެހިލުންވާގޮތްވިއެވެ. ފިޔަވަޅުތަކަށް ބާރުކޮށްލަމުން އަހަރެން ދިޔައީމެވެ.

އެނބުރި އައިސް ކައްކާބަޔަށްވަދެ އަނެއްކާވެސް ކުރަންހުރި މަސައްކަތްތަކަށް އަހަރެން ސަމަލުވީމެވެ. އަށްގަޑި ސާލީސްފަހެއް ހިނގިއިރު އަހަރެމެން އެންމެންނަށް ސުރުރާމަތި ތައްޔާރުކޮށްލެވިއްޖެއެވެ. ނުވައެއް ޖަހަންގާތްވަމުން ދިޔައެވެ. ގޭގެ ސިޓިން ރޫމްގައި އެންމެން މަޑުކޮށްލައިގެން ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް އާދަޔާހިލާފް އުފާވެރިކަމެއް ފެންނަމުން ދިޔައެވެ. އެ އުފާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިތޯ ބަލަން އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ.

ކުއްލިއަކަށް ގޭތެރެއަށް ވަދެގެން އަންނަ ތިންމީހުންނަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. ފިރިހެނަކާއި އަންހެނަކާއެކު މެދުގައި ހުރެގެން އަންހެންކުއްޖަކު އަންނަމުންދިޔައެވެ. ލާފައިހުރީ ކަކުލުން ކިރިޔާ ތިރިއަށް އަންނަވަރުގެ ހެދުމެކެވެ. އަތްދިގު ހެދުމެއްނަމަވެސް އެ ހެދުން އަހަރެންނަށް އެހާކަމަކު ނުދިޔައެވެ. މޫނުމަތިން ލުއި މޭކަޕެއްގެ އަސަރު ފެނިލައެވެ. ފަންއިސްތަށިގަނޑެކެވެ.

"އިތުރުބައެއްވެސް އަންނާތީ ދޯ މިހާ ވަރަށް ތައްޔާރުވީ" އަހަރެންގެ ގާތަށް އައިސް ހުއްޓުނު ޒުބައިދާ ދައްތައަށް ބަލާލަމުން އަހަރެން ވާހަކަދެއްކީމެވެ.

"އާނ. އަމަންގެ ކައިވެނި ހަމަޖައްސަންވެގެން އުޅޭ ކުއްޖާގެ އާއިލާ އެއީ" ޒުބައިދާ ދައްތަ އަހަރެންގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. އެއާއެކު ހީވީ އަހަރެންގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލި ހެންނެވެ. ބޭއިޚްތިޔާރުގައި މޭގައި އަތް އަޅާލުމާއެކު ފަހަތަށް ފިޔަވަޅެއްވެސް އަޅާލެވިއްޖެއެވެ.

ކޮމެންޓް 0