"އަހަރެން ބޭނުންވަނީ ޒާރާ، ޒާރާގެ ތި ހިތް، ޒާރާގެ ލޯބި" އަހަރެންގެ ކަންފަތް ކައިރިއަށް ގުދުވެލާ އަމަން ބުނެލި ވާހަކައިން އަހަރެންނަށް ވަގުތުން ދެލޯ ހުޅުވާލެވުނެވެ. މުޅިގައިން ހީބިހިނަގައިގެން ދިޔައެވެ. އަހަރެން ހިންދިރުވާލީމެވެ. އަމަން ދުރުވެލާ ސީދާ އަހަރެންގެ ދެލޮލަށް ބަލާލިގޮތުން އަހަރެންގެ ދެފައިން ވާގިދޫވެގެން ދިޔައެވެ.

އަހަރެމެން ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން އެ ދިޔަ ވަގުތު ކޮޅުގެތެރޭގައި އަހަރެންގެ އެތެރެހަށީގައި ތޫފާނެއް އުފައްދައިފިއެވެ. މޫނުމަތިން ހާސްކަން ފެނުނުނަމަވެސް އަހަރެންގެ ހިތް އެވަގުތު އުފާވެރިގޮތަކަށް ތެޅިލިއެވެ. ހާސްވަނީ ކީއްވެކަމެއް ނޭނގެއެވެ. ޚުދު އަހަރެންގެ ހިތްވެސް އަމަންއަށް ދެވިއްޖެކަމުގެ ހެއްކަކަށް އެވަގުތު އަހަރެންގެ އެތެރެހަށީގައި ދައުރުކުރި އިޙްސާސްތަކާއި ފިނިކަން ފުދެއެވެ. އަމަންގެ ތުންފަތުގައިވި ލުއި ހިނިތުންވުން އެކަނިވެސް އަހަރެންގެ ހިތްފަހަތަކޮށްފިއެވެ. ހިނދުކޮޅަކަށްވިޔަސް އަހަރެންނަކީ ކާކުކަން ހަނދާނުން ކައްސާލައިފިއެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ މިއީ އިންސާނުންގެ ތަބީއަތެވެ. ތިމާ ހިތްއެދޭއެއްޗެއް ނުވަތަ މީހަކު ތިމާކައިރިއަށް އައިސްހުއްޓިއްޖެނަމަ ނޭނގިނަމަވެސް ތިމާގެ ހިތް އޭގެ މައްޗަށް ދީލައިގެންދެއެވެ. ކިތަންމެ ބޭނުންނުވިޔަސް މެހެވެ. އަހަރެންނަށްވެސް ވީ އެހެންނެވެ.

"އަހަރެންނަށް ޔަގީންވެއްޖެ ޒާރާގެ ހިތުގައިވެސް އަހަރެންނަށްޓަކާ އިޙްސާސްތަކެއް ވާކަން. ހުދު ޒާރާވެސް އަހަރެންނާ ގަޔާވާކަން" އަމަން ބުނެލިއެވެ. އެއާއެކު އަހަރެން ސިހިފައި އަމަންގެ އަތުގައި ހިފާ ކޮށްޕާލީމެވެ. ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވަން މަސައްކަތް ކުރަމުން ދިޔައީމެވެ. އެހެންނަމަވެސް އަމަން ހުރީ ދޫ ދޭގޮތަކަށް ނޫނެވެ. އަނެއްކާވެސް އައިސް އަހަރެން ގައިދުކޮށްލައިފިއެވެ.

"އަހަރެންގެ ހިތަށް ވަމުންދާގޮތް އެނގިހުރެ ޖަވާބެއްނުދީ މިއަދު އަހަރެން ޒާރާ ދޫކޮށްލާ ހިތެއް ނުވޭ. އެއްފަހަރުވެސް އަހަރެންގެ ފެންވަރާ އަހަރެންގެ މުއްސަނދިކަމާއި ޝާހީކަމަށް ނުބަލާ އާދައިގެ އިންސާނެއްކަމަށް ވިސްނާލާފަ ތިހިތުގެ އަޑު އަހާފަ، ޖަވާބެއްދީބަލަ" އަމަން ބުނެލިއެވެ. އޭނާ އަހަރެންގެ ކަނާތް ނަގާ އަހަރެންގެމެއާ ދިމާލުގައި އެ އަތްޖައްސާލިއެވެ.

"ލޯ މަރާލާފަ ދެން ތިހިތުގެ އަޑު އަހާފަ ޖަވާބެއް ދީބަލަ" އަމަން އެދުނެވެ. އަމަންގެ އެބަސްތަކުގެ ސަބަބުން އެގޮތަށް ކަންތައް ކުރުވުމަށް އަހަރެންގެ ހިތާއި ހަށިގަނޑު ބާރުއަޅަން ފަށައިފިއެވެ. ބޭއިޚްތިޔާރުގައި ދެލޯ މަރާލެވި އަހަރެންނަށް ވިސްނާލެވުނެވެ.

"ޒާރާ ޖަވާބުދީބަލަ. އަހަރެންގެ ހިތުގައި ވާފަދަ އިޙްސާސްތަކެއް ޒާރާގެ ހިތުގައިވެސް ވޭތަ؟"އަމަން ސުވާލުކޮށްލިއެވެ.

އަހަރެން ބޯޖަހާލީމެވެ. އެއްވެސް އިޚްތިޔާރެއްނެތިއެވެ. ލޯ ހުޅުވާލެވުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަމަންގެ ހިނިތުންވެފައިވާ ސޫރައެވެ. އެ އުޖާލާ މޫނެވެ. އަހަރެން ދާންވެއްޖެ ކަމުގައި އަމަން ގާތު ބުނީމެވެ. މިފަހަރު އިތުރު އެއްޗެއް ނުބުނެ އަމަން ދޮރު ތަންޑުނައްޓާލާފައި އަހަރެންދާން ތަންދެއްކިއެވެ. އަހަރެން ބާރުބާރަށް ނުކުމެގެން ދިޔައީމެވެ. ހަރުފިޔަވަޅުތަކެއްގައި ގޮސް އަމިއްލަ ކޮޓަރިއަށް ވަދެ އަހަރެން ފުންކޮން ނޭވާލާން ފެށީމެވެ. އެތެރެހަށީގައި އުފެދިގެން އުޅޭ ތޫފާން މައިތިރިކުރަން އުޅޭފަދައަކުން ދެފަރާތަށް ހިނގެން ފެށުނެވެ. ނިޔަފަތިގަނޑު ހަފަން ފެށުނެވެ. އެނދުގައި އިށީނދެވުނެވެ. އަމަންގެ ހިތުގައި އަހަރެންނާމެދު ވާއިޙްސާސްތަކަކީ ކޮބައިކަން އެހާ ފާޅުކަން ބޮޑުގޮތެއްގައި ބުނުމުން އަހަރެންނަށް ވަމުންދިޔަ ގޮތް ބަޔާންކުރަން ފަސޭހައެއްނޫނެވެ. އަނެއްކޮޅުން އަހަރެން މިއައީ އަހަރެންގެ ހިތުގައި ވި އެއްޗެއް އަމަންއަށް ބުނެދީފައެވެ.

"ޒާރާގެ ހިތުގައި އޮތް އެއްޗެއް އަހަރެންނަށް އެނގިއްޖެ. އަހަރެންގެ މީހަކަށް ހަދާފަނޫނީ އަހަރެންނަށް ދެން ހަމަޖެހުމުގެ ނޭވައެއް ނުލެވޭނެ" އަހަރެން ނުކުމެ ނުކުމެ ހުއްޓާ އަމަން ބުނި ޖުމްލަ ކަންފަތުގައި ގުގުމަން ފެށުމާއެކު އަހަރެންނަށް މޭގައި އަތް އަޅާލެވުނެވެ. އަމަންގެ އަމަލްތައް ދެން ހުންނާނީ ކިހިނަކުންހެއްޔެވެ؟.

އެދުވަހުގެފަހުން އަމަން އަހަރެންނަށް ކުރަމުންދިޔަ ޖެއްސުން ބޮޑުވަމުން ދިޔައެވެ. އެގޮތުން ކާންއިންނަ ވަގުތު ތަކުގައި އިތުރު މީހަކު ނުބަލަން އިންނަނަމަ އަހަރެން ފެންނަހިސާބުގައި ހުރެއްޖެނަމަ އެއްލޯ މެރުމާއި އެކި ވައްތަރުތައް ޖެއްސުން އާއްމުވެއްޖެއެވެ. އާއްމުކޮށް ފަތިސް ނަމާދުކޮށްގެން އަހަރެން ބަގީޗާއަށް ނުކުންނާތީ އަމަންވެސް އެގަޑީގައި އެތަނަށް އައުން އާދައަކަށް ހަދައިފިއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެންނާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނޭނގިނަމަވެސް އަމަންގެ އެފަދަ ކުދި ސަމާސާތަކާ އަހަރެންނަށްވެސް ގަޔާވެގެން ފަށައިފިއެވެ. އަމަން އަންނާނެކަން އެނގޭތީ އަހަރެންނަށް އިންތިޒާރުކުރެވެން ފަށައިފިއެވެ.

ދުވަހެއް ދުވަހަކަށް އަހަރެމެން ދެމީހުންގެ ގުޅުން ވެސް ބަދަހިވަމުން ދިޔައެވެ. އެކަކު އަނެކަކަށްޓަކައި ހޭދަކުރާ ވަގުތު އިތުރުވެއްޖެޔެވެ؟ އަދިއަދަށް ދާންދެންވެސް މިކަމެއް ހިނގަމުންދަނީ ފަރުދާގެ ފުރަގަހުގައެވެ. އެއީވެސް އެފަދަ ދުވަހެކެވެ. އަހަރެމެން ދެމީހުން ފަތިސްވަގުތު ބަގީޗާގައި މަޑުކޮށްލައިގެން ތިބީމެވެ. ލަވަކިޔަމުން ނަށަމުން މަތީގައި އުދެހެމުންދިޔަ ދޫނިތަކާ މާމެލާމެލީގެ މީރުވަސްފަތުރަމުން ބަގީޗާގައި ރަސްކަން ކުރަމުންދިޔަ މާތައް މާހައުލަށް ދިރުން ގެނުވަމުންދިޔައެވެ. އަހަރެމެންގެ އަމިއްލަ ދުނިޔޭގައި ހީސަމާސާ ކުރަމުންދިޔައިރު އެ ސަމާސާގައި އެތަނުގައި އުދުހެމުންދިޔަ ކޮކާތައްވެސް ބައިވެރިވަމުން ދިޔައެވެ. އެއްމަލުން ފޮނިބޮމުން އަނެއްމަލަށް ތިރިކުރަމުން ދިޔައީ މިނިވަންކަމާއެކުގައެވެ. ގުދުރަތުގެ މި ފުރިހަމަ މަންޒަރަށް ގެއްލިފައި އަހަރެން އިންދައި ސިހުން ގެނުވީ ލަކުނޑިގޮނޑީގައި ބައިންދާލެވިފައި އިން އަހަރެންގެ ވައަތް ތިލައިގައި މީހެއްގެ ބީހުން އިޙްސާސްކުރެވުމުންނެވެ. ބަލާލިއިރު ކުޑަކޮށް އަތްލުމަށްފަހު އަމަން އަތް ދުރަށް ޖައްސާލަނީއެވެ. އަހަރެން ބަލާލުމާއެކު އަމަން މާފަށް އެދުނެވެ. އަހަރެން ހިނިތުންވެލީމެވެ.

"ޒާރާ"އަމަން ގޮވާލުމާއެކު އަހަރެން ބަލާލީމެވެ.

"އަހަރެމެންގެ ގުޅުން މިހާ ހިސާބަށް ދިޔައިރު މި ގުޅުމަށް ދޭނެނަމެއް އަހަރެންނަކަށް ނޭނގުނު. ލޯބިކަމެއް ނޫނީ އެކުވެރިކަން ކަމެއް ނޭނގުނު. އެކަމަކު އެގޭހާވެސް އެއްޗަކީ މި ގުޅުމުގެ ނަމަށް ލޯބި ދޭން އަހަރެންގެ ހިތް ބާރު އަޅަމުންދާކަން." އަމަން ހިނިތުންވެލުމުން އެ ކޯތާފަތަށް އެޅުނު އަޑިކޮޅުގެ ސަބަބުން އެ ހިނިތުންވުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. އަމަން އޭނާގެ ތުނިކޮށް ފަޅާފައިވާ ތުނބުޅީގައި އަތް ހިންގާލިއެވެ. އަދި ލޮބުވެތި ބެލުމަކުން އަހަރެންނާދިމާލަށް ބަލަހައްޓައިގެން އިނެވެ. އަހަރެންވެސް އަމަންގެ ދެލޮލާ ނަޒަރު ވަކިކޮށްލަން ނޫޅި އިނީމެވެ.

އަމަންނުސީދާކޮށް އެބުނަނީ ކީކޭކަން ޚުދު އަހަރެންނަށްވެސް އެނގެއެވެ. ދުވަހަކުވެސް ސީދާ ބަހުން އަމަން އަހަރެންދެކެ ލޯބިވާހަކައެއް ނުބުނެއެވެ. އެހެންނަމަވެސް ތަފާތު އެކިބަސްތަކުން އެތަކެއް ގޮތަކަށް އަހަރެންދެކެ ލޯބިވާވާހަކަ އަމަން ބުނެދީފިއެވެ.

އަމަން ކުއްލިއަކަށް ތެދުވުމުން އަހަރެންނަށް ސިހުން ލިބުނެވެ. އަހަރެންނަށް ފުރަގަސްދީ ހިނގައިގަތުމުން އަމަން ހުއްޓުވަން ބޭނުންވިއެވެ. އެހެންނަމަވެސް އަހަރެންނަކަށް އެފަދަ ހިތްވަރެއް ނުލިބުނެވެ. އަމަން އެގޮތަށް ކަންތައް ކުރުމުން އަހަރެންގެ ހިތުގައި ޖެހުނެވެ.

އަމަން ކުރިއަށް ޖެހިލީ އެތަނުގައިހުރި ފިނިފެންމާ ގަސްތަކާ ދިމާލަށެވެ. އެތަނުން ރަތްކުލައިގެ މަލެއް ބިނދެލުމަށްފަހު އަހަރެންނާ ދިމާލަށް އަމަން ހިނގައިގަތެވެ. ހިނިތުންވެލައިގެން ހުރެ ހިނގަމުން އަންނަ އަމަންގެ ފިރިހެންވަންތަ ހިނގުމަށް އަހަރެންގެ ހިތް ލެނބުނެވެ. އަމަން އައިސް އެއްކަކޫ ޖައްސާލީ ލަކުޑިގޮނޑި ބަހައްޓާފައި ހުރި ވިނަގަނޑުގައެވެ. އަނެއްފައިމަތީގައި އަތުގެ އުޅަބޮށި އަޅުވާލަމުން އޭނާ އެމާ އަހަރެންނަށް ދިއްކޮށްލިއެވެ.

"އަހަރެންގެ ހުށަހެޅުން ގަބޫލުކުރާނަންތަ؟" އަމަން ނުހަނު މަޑުމައިތިރިކަމާއެކު އަހާލިއެވެ. އަހަރެން މިފަހަރު އިސްޖަހާލީ ލަދުންނެވެ. އަމަންގެ ހުށައެޅުމަށް އިޖާބަނުދޭން ބުނެ ވިސްނައިދޭން ސިކުނޑި ކުރަމުންދިޔަ މަސައްކަތަށް ހިތް ހުރަސްއަޅައިފިއެވެ. އަމަންގެ ލޯބިވެތި އާދަތަކަށް ދެވިހިފުމުގެ ނަތީޖާއަކަށްވީ އަހަރެންގެ ހިތުގެ އަޑު އަހާ އެއަޑަށް އިޖާބަދިނުމެވެ. އެހެނީ އަމަންގެ އެދުމަށް އަހަރެން އާއެކޭ ބުނެލީމެވެ. ސީދާ އެއްވެސް ބަހެއް އަހަރެމެންގެ ދެމެދު ބަދަލުނުކުރެވުނަސް އަމަލާއި ބުނެލާ ނުސީދާ ބަސްތަކުގެ ސަބަބުން އެތަކެއްކަމެއް އެކަކު އަނެކަކާ ހިއްސާކުރެވެއެވެ. އަމަންގެ ހިތްތިރިކަމާއި މަޑުމައިތިރިކަމާއި ސާދާކަމަކީ އަހަރެންގެ ހިތް އަމަންގެ މައްޗަށް ލެނބެން މެދުވެރިވި އެންމެބޮޑު ސަބަބެވެ. ބޮޑާކަމެއްނުވާ ސާފުހިތެއްގެ ވެރިއަކަށް އަމަންވުނީ އަމަންއާ ދިމާލަށް އަހަރެންގެ ހިތް ދީދައިލި އަނެއްސަބަބެވެ. އަމަންގެ މިޒާޖަކީ އަހަރެންނަށް އެންމެ ކަމުދާފަދަ މިޒާޖެކެވެ. މައިންބަފައިންނަށްއެހާ ކިޔަމަންތެރިކަން އަދާކުރެއެވެ. ބަރާބަރަށް ނަމާދުކުރެއެވެ.

އަހަރެން ކަނާއަތުން ފިނިފެންމަލުގައި ހިފީމެވެ. އަދި ހިނިތުންވެލީމެވެ.

"ތި ހިނިތުންވުމުގެ މާނައިން އަހަރެންނަގަންވީ ކީކޭތަ؟ އާއެކޭތަ؟ ނޫނީ ނޫނެކޭތަ؟" އަމަންގެގެ ލުއި ހީލުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެންނަށްވެސް ހިނިތުންވުން ފުޅާކޮށްލެވުނެވެ. އަހަރެންގެ ޖަވާބަކީ ކޮބައިކަން އެނގި އަމަން ޝުކުރުއަދާކުރިއެވެ.

"ވަރަށް ލޯބިވޭ!" ފުރަތަމަ ފަހަރަށް އެހާ ސީދާގޮތެއްގައި އަމަން ބުނުމުން އަހަރެން ލަދުން މޯޅިވާގޮތްވިއެވެ. އިސްޖަހާލެވުނީ އަމަންގެ ދެލޮލަށް ބަލަން ނުކެރުމުންނެވެ. އަހަރެންގެ އިސްއުފުލުވާލަން އަމަން ކިތަންމެ ބޭނުވިނަމަވެސް އަހަރެން ނުރުހޭނެކަން އެނގޭތީ އަމަންއަހަރެންގެ ގައިގައި އަތެއްނުލައެވެ. ވާރޭވެހިގަތީ އެއްވެސް އިންޒާރަކާ ނުލައެވެ. ހިޔާވާން އަހަރެން ދުއްވައިގަންނަން އުޅުމުން އަމަން އަހަރެންގެ ކުރިމައްޗަށް އަރާ ކުރިބެއްދިއެވެ. ވާރޭގެތެރޭގައި އެކަކު އަނެކަކުގެ ލޮލަށް ބަލަން އަހަރެމެން ދެމީހުންނަށްވެސް އެތައް އިރަކު ތިބެވުނެވެ. އަމަން ދެއަތް ފުޅާކޮށްލުމަށްފަހު އެނބުރިލިއެވެ. އެއާއެކު ފުރަތަމަ އަހަރެން އެހެން ހަދަނިކޮށް އަމަންއަށް ފެނުނު ދުވަސްމަތިން ހަނދާންވިއެވެ. ކޯތާފަތަށް ވެރިވި ޖަންބުކުލަ ވެހެމުންދިޔަ ވާރޭގެ ސަބަބުން ފަރުދާވެގެން ދިޔަނަމަވެސް މޫނުމަތީގައިވި ލަދުވެތިކަން އަމަންއަށް ފާހަގަކުރެވޭނެކަން ޔަގީނެވެ. އަމަންގެ ކޮންމެ ހަރަކާތަކުން އޭނާ އުފާވެފައި ހުރިވަރު ހާމަވެގެން ދެއެވެ.

މިއަދަށްފަހު އަހަރެމެން ދެމީހުންގެ ނަންވެސް ލޯބީގެ ގުލްޝަނުގައި ރަންއަކުރުން ލިޔެވިގެން ހިނގައްޖެއެވެ. ދުލުން ނުބުނި ކަމުގައި ވިނަމަވެސް އެތައް ވައުދެއް ދެމީހުންވެސްވީމެވެ. އެކަކު އަނެކަކަށްޓަކައި ހިތް ހުޅުވާލީމެވެ. ފުރަތަމަ ފަހަރަށް އަހަރެންވެސް އަމަންއަށް ފުރުސަތުދޭން ނިންމައިފީމެވެ. އަމަންއަށްޓަކައި އަހަރެންގެ ހިތް ލޯބިން ޤުރުބާންކޮށްފީމެވެ.

އަހަރެމެން ދެމީހުންގެ ގުލްޝަނުގައި ފޮޅެމުންދިޔަ ކޮންމެ މަލަކަށް އަހަރެމެން ދެމީހުން ވެގެން އާރޯކަން ގެނެސްދެމުންދިޔައީމެވެ. އެކަކު އަނެނަނަށްޓަކައި ބުނެލާ ލޯބިވެތި ބަސްތަކުންނެވެ. އަމަލުތަކުންނެވެ. އެކަކު އަނެކަކަށްކުރާ އިތުބާރުންނެވެ. އަމަންގެ ލޯބީގެ ޖާދޫގައި ޖެހި ހަމަރަނގަޅަށްވެސް އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު އޮޅިއްޖެއެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ބަރާބަރު އަށްގަޑިބަޔަށް ހުރިހާއެންމެން ހަމަވެއްޖެއެވެ. ކެއުން ފެށުމުން އަހަރެން އަހަރެމެންނަށް ހާއްސަކުރެވިފައިވާ ބަޔަށް ގޮސްލީމެވެ. އެއަށްފަހު އަހަރެން އައީ ނިމޭ ހާއިރުކޮށްފައެވެ. ގަޑިން ނުވައެއްޖަހާބޮޑުވިއިރުވެސް އެކަކުވެސް މޭޒުމަތި ދޫކޮށްލާފައި ފައިބާކަށް ނޫޅުނެވެ. މަޖްހޫދު ވާހަކަދައްކަމުން ދިޔައިރު ހުރިހާ އެންމެންވެސް ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. ކިޔާއެއްޗެއް މާ ރީތިކޮށް ސާފުނުވީ އަހަރެން ފުދޭވަރަކަށް ދުރުގައި މަޑުކޮށްލައިގެން ހުރީތީއެވެ. އެހެންނަމަވެސް ބައެއްފަހަރު އަމަންއޭ ކިޔާލާކަން އެނގެއެވެ. އެފަހަރުތަކުގައި މަޖްހޫދުގެ އަޑަށް އާދަޔާހިލާފް ބާރުވެރިކަމެއް އަންނަކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. އަނެއްކާ މިގޭ މީހުންނަށް އަހަރެމެން ދެމީހުންގެ ގުޅޫން އެނގުނީބާއޭވެސް ހިތަށް އެރިއެވެ. ދެފައިގައި މަޑުތުރުތުރުއެޅުމެއް އުފެދިގެން ދިޔައެވެ. އަހަރެންގެ ނަޒަރު އެ އެންމެންގެ ތެރެއިންވެސް އަމާޒު ކޮށްލެވުނީ އަމަންއަށެވެ. އިސްޖަހައިގެން އިނީ ކުށްވެރިއެއް ފަދައިންނެވެ. އަމަންގެ މި އަމަލު އަހަރެންގެ ހާސްކަން ދެގުނަ ކުރުވައިފިއެވެ.

ކޮމެންޓް 0