އެ ދޮރުގައި އެފަރާތުން ޓަކި ޖަހާނީ ކާކުހެއްޔެވެ؟ އަހަރެންގެ ހިތުގައި ސުވާލުއުފެދުނެވެ. މަޑުމަޑުން ގޮސް އަހަރެން ދޮރު ހުޅުވާލީމެވެ. އެއާއެކު ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ އަތުގައި ހުރި ހެދުން ތައް މުށިތައްމައްޗަށް ވެރުނެވެ. އަހަރެންނަށް ވަގުތުން އިސްޖަހާލެވުނެވެ.

"ތިހާ ނާޒުކު ކުއްޖެއްކަމަށް ނުދެނަހުރިން އަހަރެން. މި ބޭސް ބޭނުންކޮށްލާ! އޭރުން އިސާހިތަކު ތިކަމުން ސަލާމަތް ވެވިދާނެ" އަމަން ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ބޭސްކާޑެއް އަހަރެންނަށް ދިއްކޮށްލިއެވެ. އަހަރެން އޭގައި ނުހިފަން ހުރުމުން އަމަން ވާހަކަދެއްކިއެވެ.

"މީގައި ހިފާބަލަ. އަހަރެން އިންސާނިއްޔަތުކަމަށްޓަކާ ކޮށްދޭކަމެއްކަމުގައި ހީކޮށްލާ!" އަމަން އަހަރެންނަށް ބަލަން ހުރެ ބުނެލުމުން އަހަރެންއިތުރަށް ލަދުގަންނަގޮތްވިއެވެ. މަޑުމަޑުން އަހަރެން އޭގައި ހިފީމެވެ.

"ޝުކުރިއްޔާ" ޝުކުރުއަދާކުރުމަށްފަހު އަހަރެން އިސްއުފުލާލީމެވެ. އަމަން ހިނިތުންވެލުމުން އެ ކޮލަށް އެޅުނު އަޑިކޮޅުން އެ ހިނިތުންވުން އިތުރަށް ފުރިހަމަ ކޮށްދިނެވެ. އަނެއްކާވެސް އަހަރެންނަށް އިސްޖަހާލެވުނެވެ.

"މަރްޙަބާ" އަމަން އެހެން ބުނުމަށްފަހު ހިނގައިގަތެވެ. އަހަރެން އެ ކުޑަދޮރު ކައިރީގައި އެތައްއިރަކު ހުރީމެވެ. އެ ބޭސްކާޑަށް ބަލަންހުރިއިރު އެތައް ވިސްނުމެއް އަހަރެންގެ ސިކުނޑިއަށް ވަންނަމުން ދިޔައެވެ. އަމަން އަހަރެންނަށް ބޭސް ކާޑު ދޭން މިހިސާބަށް އަންނަން ޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟ ދެންމެ އަމަންގެ ލޮލުން ފެނުނު ކުލަވަރު މާނަ ކުރާނީ ކިހިނެތްހެއްޔެވެ؟

އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. އިންސާނިއްޔަތުކަމަށްޓަކާވިޔަސް އަމަން އެހެން އައުމަކީ ރަނގަޅުފާލެއް ނޫންކަމުގައި އަހަރެންގެ ސިކުނޑި ވިސްނައިދޭން މަސައްކަތްކުރާ ފަދައެވެ. މިއީ މުޅިން ގޯހެކެވެ. އަހަރެންނަކީ އަމަންއާ ބަލާފައި ކާކުހެއްޔެވެ؟ އަހަރެމެން ދެމީހުންގެ ދެމެދުގައި ހާދަފަރަގެއް އެބަހުއްޓެވެ. ބޭސްކާޑަށް ބަލާލުމަށްފަހު އަހަރެން އެ ގެންގޮސް ރީތިވާމޭޒު މަތީގައި ބޭއްވީމެވެ. އެއްގޮތަކަށްވެސް ބޭސް ކާހިތެއް އަހަރެން ނުވިއެވެ. ކިތަންމެ އަވަހަށް ރަނގަޅުވާން ބޭނުންވިޔަސް ހިތަށް ވެރިވި ހިޔާލުތަކުގެ ސަބަބުންނާއި އަމަން ގެނެސްދިން އެއްޗެއްކަމުން އެ ބޭނުންކުރާހިތެއް އަހަރެންނުވިއެވެ. އަހަރެންއައިސް އެނދުގައި އޮށޯވެ ޖައްސާލީ ނިދޭތޯއެވެ. އެފަދަ ޚިޔާލްތަކެއްގައި އޮއްވައި އިސާހިތަކު އަހަރެންގެ ދެލޮލަށް ނިދިސަވާރުވެއްޖެއެވެ.

ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. އަހަރެން ގެންގުޅޭ ބައްތި ފޯނު ނަގާ ގަޑި ބަލާލީމެވެ. އެއަށްފަހު މޯޅިއަކަށް ދެމިލަމުން އަހަރެން ތެދުވީމެވެ. ތާޒާ ވެލައިގެން ނިކުތުމަށްފަހު ފަތިސްނަމާދުކޮށްލީމެވެ. އަހަރެން ރޭގައި ބަލިވުމުގެ ސަބަބުން މިއަދު ހެނދުނު ބަދިގެއަށް ނުނިކުތަސް އެންމެރަނގަޅުކަމުގައި ޒުބައިދާ ދައްތަ ބުނެފައިއޮތުމުން އަހަރެން ބަގީޗާތެރެއަށް ނުކުމެލީމެވެ. އެތަނަކީ އަހަރެންގެ ހަމަޖެހުމާ ގުޅިފައިވާ ތަނެކެވެ. ފަތިހުގެ ތާޒާ ވައިރޯޅިތައް އައިސް އަހަރެންގެ ގައިގައި ބީހިލުމުން އާދަޔާޚިލާފަށް އަހަރެންގެ ހަށިގަނޑުގައި މަޑުމަޑު ފިނިކަމެއް ދައުރުކޮށްލިއެވެ. ކުޑަކޮށް ހީކަރުވާގޮތްވިޔަސް އަރާމްވިއެވެ. ދެއަތް މޭގައި ހުރަސްކޮށްލަމުން ގަހެއް ދޮށުގައި ހުރި ލަކުޑި ގޮނޑިއެއްގައި އަހަރެން އިށީނދެލީމެވެ. ކައިރީގައިހުރި ފިނިފެންމާ ގަސްތަކާއި ސައިމާގެ އިތުރުން މަލިކުރުވާ ގަސްތަކުގައި ފިނިފޭބުމުގެ ސަބަބުން ކުދި ކުދި ޝަބްނަމް ތިކިތައް ހަރުލާފައިވާއިރު ހިތްގައިމެވެ. އެ ހިތްގައިމުކަމާއެކު މާހައުލަށް އިތުރުދިރުމެއް ގެނެސްދެނީ އެ މާމެލާމެލީގެ މީރުވަހެވެ. އަހަރެންނަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

ލޯމަރާލީ އިތުރަށް އެމާހައުލުގެ އުފަލާއަރާމް ހޯދުމަށެވެ.

"ހާދަ ރީއްޗޭ" ދާދިގާތުން އަހަރެންގެ ކަންފަތުގައި ޖެހުނު ޒުވާން އަޑަކުން ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އަހަރެންގެ އެއްފަރާތުގައި ކުރމައްޗަށް ވާގޮތަށް މަޑުކޮށްލައިގެން ހުރި އަމަން ފެނި އަހަރެންނަށް އިސްޖަހާލެވުނެވެ. އަމަންއާއި ދިމާލަށް އެއްޗެއް ބުނާނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ.

"މިބުނީ މި ގަސްތައް ރީތި ވާހަކަ" އަހަރެން އެއްޗެއް ނުބުނެ އުޅެނިކޮށް އަމަން ބުނެލިއެވެ. އަހަރެންނަށް އިސް އުފުލާލާ އަމަންއަށް ބަލާލެވުނެވެ. އޭރު އަމަން ވެސް ހުރީ ކަޅިޖަހާނުލާ އަހަރެންނަށް ބަލާށެވެ. އަމަންގެ ހިތުގައި ވީ އެއްޗެއް ދެނެގަންނަން އަހަރެން ނުކުޅެދުނެވެ. މިވަގުތަކީ އެންމެން ޓެރެސްއަށް އަރަންޖެހޭ ވަގުތެއްނޫންހެއްޔެވެ؟ އަމަން މި ވަގުތު މިތަނުގައި ކީއްކުރަނީހެއްޔެވެ؟ އަހަރެން މިސުވާލުތައް އަމަންއާ ކިތަންމެ ކުރަން ބޭނުންވިޔަސް އަހަރެންގެ ދޫ ހަރަކާތްކުރާނީ ފަހެ ކިހިނަކުންހެއްޔެވެ؟

'ކޮން ނަމެއްތަ ކިޔަނީ؟" އެޚިޔާލްތަކުގައި އަހަރެން އިންދާ އަމަން ކުއްލިއަކަށް ސުވާލުކޮށްލިއެވެ. އަމަން އެގޮތަށް ސުވާލުކުރުމުން ވާހަކަނުދައްކާ އިންނާކަށްވެސް އަހަރެންނަކަށް ނުކެރުނެވެ.

"ޒާރާ" ނަންބުނެލުމަށްފަހު އަހަރެން ތުންފަތުގައި ދަތް އަޅާލީމެވެ. އަމަންގެ ދެލޮލަށް ބަލަންހުރެ ބުނަން ނުކެރުމާއެކު އަހަރެން ބުނެލީ އިސްޖަހާލަމުން މަޑުމަޑުންނެވެ.

"އަހަރެން ގޮސްލީ އޭ" ގަޑިއަށް ބަލާލަމުން އަމަން ބުނެލިއެވެ. އެއަށްފަހު ހިނގައިގަތެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިއީ ހާދަ ތަފާތު ފިރިހެނެކެވެ. އޭނާ ދައްކަންބޭނުންވާ ވާހަކައެއް ދެއްކުމުން އެ ނިމުނީހެއްޔެވެ؟ ހިތަށްވެރިވި މޮޔަ ހިޔާލުން އަމިއްލަ ބޮލުގައި އަތުގެ ދެ އިނގިލިން އަހަރެންނަށް ޖަހާލެވުނެވެ. އަމަން އިތުރަށް އެއްޗެއް ބުނާނީ އަހަރެން ވާހަކަ ދައްކައިގެނެއް ނޫންހެއްޔެވެ؟ އަމަންގެ އަމަލުތައް ހުންނަގޮތުން އަހަރެންނަށް އޭނާއާއި ގަޔާވެވުނެވެ. އެތަނުގައި އަހަރެން އިންދާ އަނެއްކާވެސް މާބޮޑަށް ފިނިވާން ފެށީކަންނޭނގެއެވެ. ކިބިއްސެއް އެޅުނު އިރަށް އަހަރެން ދުވަމުން ގޮސް ގޭތެރެއަށް ވަނީމެވެ. ކޮޓަރިތެރޭގައި ހުންނަން ފޫހިވެގެން އެންމެފަހުން އަހަރެން ކައްކާބަޔަށް ދާން ނުކުތީ ހެނދުނުގެ ސައި ތައްޔާރުކުރާ ވަގުތުގައެވެ. ރޭ ދަންވަރު ހުންގަދަވިނަމަވެސް މިހާރު އެކަހަލަ އެއްވެސް އަސަރެއް ނެތެވެ. އެހެންކަމުން އަހަރެން ހިންހަމަޖެހުނެވެ.

ކާންތައްޔާރުކުރުމުގައި ޒުބައިދާ ދައްތައަށް އެހީތެރިވުމަށްފަހު އަހަރެން ކޮޓަރިއަށް އައީ ވަރުބަލިވާތީއެވެ. އަނެއްކާވެސް ހުންވައްތަރުވެ ކިނބިހިއެޅެން ފެށުނެވެ. އެހެންކަމުން އަހަރެން ދެން އިތުރަށް އެއްވެސް ކަމެއްނުކުރަން ހިތު އަޅާ އެނދުގައި ޖައްސާލީމެވެ.

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެންއެކަނިވާ ވަގުތު ތަކުގައި އަމަން ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެންގާތަށް އައުން އާދަޔަކަށް ހަދައިފިއެވެ. ބަގީޗާތެރޭގައި އަހަރެން އެކަނިވާ ވަގުތުތަކުގައެވެ. ގޭތެރޭގައި އުޅޭއިރު ނުސީދާކޮށް އަހަރެންނަށް ބަސްތައް ރައްދުކުރަމުން ދިޔައެވެ. ފެންނަހިސާބުގައި ހުރުން އާދަވެއްޖެއެވެ. އަހަރެންގެ ހަރަކާތްތަކަށް ފާރަވެރިވެއްޖެއެވެ.

ފަރުދާގެ ފުރަގަހުގައި އަމަން އަހަރެންނާމެދު އަމަލްތައް ބަހައްޓަމުން ގެންދިޔަގޮތް ގޭގެ އެއްވެސް މީހަކަށް ނޭނގެއެވެ. ބައެއްފަހަރު އަހަރެންގެ ހިތަށް އުނދަގޫވެއެވެ. އަނެއްބައިފަހަރު އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލައެވެ. ކޮންމެއަކަސް އަހަރެންގެ ހިތުގެ ހާލު އަހަރެންނަށް އޮޅެން ފަށައިފިއެވެ. ދެފަރާތަށް ކިރެމުންދާ އަހަރެންގެ ހިތް ފަހަރަކު ކޮޅަކަށް ބުރަވަމުން ދާތީ ހަދާނެގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އަމަން ގާތު އެހެން ކަންތައް ނުކުރާށޭ ބުނާނެ ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ.

އަހަރެންފަހަރެއްގައިވެސް ހައިސިއްޔަތު އޮޅިގެނެއް ނޫޅެމެވެ. އަހަރެން އުޅޭނީ އަހަރެންގެ ފެންވަރު ދަނެގެންނެވެ. އެކަމަކު އަމަން މިއިން އެއްވެސް ކަމަކާމެދު އެބަ ވިސްނާހެއްޔެވެ؟ އަހަރެންގެ ދުނިޔެއާއި އަމަންގެ ދުނިޔެއާއި ހާސްބައި ތަފާތެވެ.

އަހަރެމެން ދެމީހުންނަކަށް ދުވަހަކުވެސް އެއް ދޯންޏަކު ދަތުރެއް ނުކުރެވޭނެއެވެ. އެއްފިޔަވަޅުމަތިން ދެމީހުންނަކަށް ނުހިނގޭނެއެވެ. އެކަކު އަނެކަކަށް އެކުގައި ދިރިއުޅުމެއް ނުލިބޭނެއެވެ. އަހަރެން ހަމަ ރަނގަޅަށްވެސް ހާސްވާން ފަށައިފިއެވެ. އެހެންނަމަވެސް އަމަންގެ މޫނުމަތިން މިއިން އެއްވެސް ކަމަކާ ވިސްނާކަމުގެ އަސަރެއްވެސް ނުފެނެއެވެ. އަހަރެންގެ ސިކުނޑީގައި ހިނގަމުން މިދާ ހައިޖާނުގަނޑުގެ ސަބަބުން އަމަންގެ ކުރިމައްޗަށް އަރަން އަހަރެން ޖެހިލުންވެސް ވެއްޖެއެވެ.

ވިއްސާރަ ރެއެކެވެ. އަހަރެން ކުޑަދޮރުކައިރީގައި މަޑުކޮށްލައިގެން ހުރީމެވެ. ވާރޭ ވެހެމުންދިޔައިރު ވާރޭގެ ތިކިތައް ފަތާފެންގަނޑަށް ހަމަލާދެމުންދިޔަ މަންޒަރަށް އަހަރެން ޝައުގުވެރިވިއެވެ. އެ ރީތި މަންޒަރަށް އަހަރެންގެ ވިސްނުން ދޫކޮށްލައިގެން ހުއްޓާ އަހަރެން ސިހުނީ އައި ބާރުމިނުގައި ކޮންމެވެސް މީހަކު އައިސް ފެންގަނޑަށް ފުންމާލުމުންނެވެ. ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން ކާކުކަން ވަކިވާގޮތެއްނުވިއެވެ. އެހެންނަމަވެސް މިއޮއްފަދަ ވާރޭގެ ތެރޭގައި އެތަނަށް އެރޭނީވެސް ވަކި ކާކުހެއްޔެވެ؟ އަހަރެންގެ ހިތުގައި ސުވާލުމާކުތައް އެނބުރިގަތެވެ. އެމީހަކު ފުންމާލިގޮތަށް ފަތަން ފެށުމުން އަހަރެންނަށް ކަޅި ޖަހާނުލާ ބަލަން ހުރެވުނީ އެއީ ކާކުތޯ ބަލަން އަހަރެންގެ ޒަމީރު މަޖުބޫރުކުރުވުމުންނެވެ. ފަރިތަކަމާއެކު އެމީހަކު ފަތަމުން ދިޔައެވެ. އަނެއްފަރާތުން އައިސް މައްޗަށް އެރުމުންވެސް އަހަރެން ބަލަން ހުރީމެވެ. ކޮޅަށް ތެދުވެ ހިންދެމިލުމުން އެމީހަކުގެ އެ ބައްޓަންރީތި ފިރިހެންވަންތަ ހަށިގަނޑު ފުރަތަމަ ފަހަރަށް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ބައިމަތި ފުޅާ ހަށިގަނޑަކާއި ހެޔޮވަރު އިސްކޮޅެކެވެ. ފަހަތުން އެ ޒުވާނާ ފެނުމުން އެކަނިވެސް އަހަރެންގެ ހިތަށް ގޮތެއްވެގެން ހިނގައްޖެއެވެ. އަނެއްކާ މިގޮތަށް ޒުވާން ފިރިހެން ކުއްޖަކު ދުވަހަކު ފެނިފައި ނުވުމުން ވީގޮތެއްބާއެވެ. އެ ޒުވާނާ މަޑުމަޑުން އަހަރެންނާ ދިމާލަށް އެނބުރިލިއެވެ. އެއާއެކު އަހަރެންގެ ދެފައިން ވާގި ނުދިޔައީ ކިރިއާއެވެ. ވަގުތުން ދުވެ ފިލަން ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެންގެ ފައިގައި ހީވީ ތެރަސް ގަނޑެއްލާ ތަތްކޮށްލާފައި ހުރިހެންނެވެ. ހުރިތަނުން ހިލާ އަހަރެންނަކަށް ގުޑައެއް ނުލެވުނެވެ.

އަމަން އަހަރެންނަށް ބަލަން ހުންނަންފެށުމުން އަހަރެން ލަދުގަންނަގޮތެއްވިއެވެ. އޭނާގެ ހަރަކާތްތަކަށް އަހަރެން ސިއްރުން ބަލަން ހުރީއޭ ހިތަށް އަރާނެތާއެވެ. އިރުކޮޅަކުން އަމަން އަނެއްކާވެސް ފަތާ ފެންގަނޑަށް ފުންމާލިއެވެ. އެ ފިރިހެންވަންތަ ހަރަކާތްތަކަށް ބަލަން އަހަރެންނަށް ހުރެވުނީ ބޭއިޚްތިޔާރުގައެވެ. ވެހެމުންދިޔަ ވާރޭ އެ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ދިޔަފަދައެވެ. އަހަރެންގެ ހިތަށް ވަމުންދިޔަގޮތް ހުދު އަހަރެންނަށްވެސް ބަޔާންކޮށްދޭކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހިތް އަހަރެންގެ އަތުގެ ތެރޭން ވީއްލިގެން ހިނގައްޖެކަމެވެ. އެރީތިކަމަށް އަހަރެންގެ ހިތްވެސް ލެނބެންފަށައިފިއެވެ. މިއީ ގޯހެއްކަމަށް ވިސްނައިދޭން އަހަރެންގެ ސިކުނޑި ކުރަމުންދިޔަ މަސައްކަތް ބޭކާރުވެގެން ދާހެން ހުދު އަހަރެންނަށްވެސް ހީވާން ފަށައިފިއެވެ. އަހަރެން ފަތާ ފެންގަނޑުން ދުރު ބަލާލީމެވެ. ބަގީޗާގަސްތަކާ ދިމާ ބަލަން އަހަރެންނަށް ހުރެވުނީ އަނެއްކާވެސް ވިސްނުމަކަށް ގެއްލިފައެވެ.

"ޒާރާ" އެހެން ހުއްޓާ އަހަރެންނާ ގާތުން އަމަން ގޮވާލި އަޑު އިވުނެވެ. އަހަރެންނަށް ސިހިފައި ބަލާލެވުނެވެ. އެހާ ގާތުން އަމަން ފެނުމުން ހަމަ ރަނގަޅަށްވެސް އަހަރެން ހާސްވިއެވެ. ފިނިވިއެވެ. ހުސްގަޔާ ހުރުމުގެ ސަބަބުން އަހަރެން ލާލާ ހުރި ނޭވާވެސް އަރުތެރޭގައި ތާށިވިއެވެ. އަހަރެން ހިން ދިރުވާލީ އުނދަގުލުންނެވެ. އަމަން އޭނާގެ އަތް މަޑުމަޑުން އުފުއްލާލިއެވެ. އަދި އަހަރެންގެ ކޯތާފަތާ ދިމާލަށް މަޑުމަޑުން ދިއްކޮށްލިއެވެ. އަމަންއަށް އެ ފުރުސަތު ނުދީ އަހަރެން އަވަސް އަވަހަށް ފަހަތަށް ޖެހިލީމެވެ.

"މާފުކުރޭ" އަމަން މަޑުމަޑުން ބުނެލި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެންގެ އިސް ވަގުތުން އުފުލުނެވެ. އެދެލޮލާ ހަތަރު ކަޅި ހަމަވުމުން އަމަންގެ ދެލޮލުން ފެނުނު ޝުއޫރުތަކާ އަސަރުތައް މާނަކުރާނެގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އަމަންގެ މޫނުމަތިން ފެންނަމުންދިޔައީ އޭނާ އަހަރެންނާ ވާހަކަދައްކައިލަން ބޭނުންވެފައިހުރި ފަދަ އަސަރުތަކެކެވެ.

"ޒާރާ. އަހަރެންނަށް މިއަދު ހަތަރުދަމު ފިލައިގެން ތިއުޅެނީ ކީއްވެ؟" އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު އަމަން ސުވާލުކޮށްލިއެވެ. އަހަރެންގެ ޖަވާބަކަށް ކެންމަދުވެފައި ހުރިފަދަގޮތަކަށް އަމަން ބުމަ އަރުވާލިއެވެ. ދޭނެ ޖަވާބެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. އަންނާނީވެސް ކިހިނަކުންހެއްޔެވެ؟ އަމަންގެ އަމަލްތައް ހުންނަގޮތުން އަމަން ފެންނަހިސާބަށް ދާން ޖެހިލުންވަނީ އޭ ބުނާނީ ކިހިނަކުންހެއްޔެވެ؟ އަހަރެންގެ ހިތަށް އުނދަގޫކުރަމުންދިޔަ ސުވާލުކަމުގައިވާ އަމަންގެ ހިތުގައި އަހަރެންނަށްޓަކައި އިޙްސާސްތަކެއް ވޭހެއްޔޭ އަހާނީ ކޮން ދުލަކުންހެއްޔެވެ؟ އަހަރެން ތުންފަތުގައި ދަތްއަޅާލީމެވެ.

އަމަންގެ ސަބަބުން އަހަރެންގެ ހިތުގައިވެސް ބުނެދޭން ނޭނގޭ އިޙްސާސްއެއްގެ ވިންދު ޖަހަން ފަށައިފިއޭ ބުނާނީ ކިހިނަކުންހެއްޔެވެ؟.

"ޒާރާ"އަހަރެންގެ ހިޔާލުގެ ވާފަށް ކަނޑާލާ އަހަރެން ހަމަބުމަށް ގެނުވީ އަމަންގެއަޑެވެ. އަހަރެން ބޯ ޖަހާލީމެވެ.

'ޒާރާ ކީއްވެގެންތަ އަހަރެންނަށް ފިލައިގެން އެބަދު އުޅެނީ؟" ދެވަނަ ފަހަރު އަމަން އެ ޖުމްލަ ތަކުރާރުކޮށްލުމުން އަހަރެންނަށް ދޭނެޖަވާބަކާ މެދު ވިސްނާލެވުނެވެ.

"އަޅުގަނޑު، އަޅުގަނޑު ނުފިލަން...." އަޅައަޅައިގަންނަމުން އަހަރެންނަށް ބުނެވުނެވެ.

"ދެން ކީއްވެ މި ތިންދުވަހު އަހަރެން ފެންނައިރަށް ފިލަނީ. އަހަރެންނަށް ފެނިދާނެތީ ބިރުން އުޅެނީ، އެކަން ފާހަގަވޭ ޒާރާގެ އުޅުމުން. " އަމަން އަހަރެންނާ ފަހަރަކު ސުވާލެއް ކުރިމަތި ކުރުވަމުން ދިޔައެވެ. އެސުވާލުތަކުގެ ތެރޭގައި އަހަރެން ފިއްތަމުން ދިޔައީ އޭނާ އެދެފަދަ ޖަވާބެއް އަހަރެންގެ ފަރާތުން ބޭނުންވާފަދަ ގޮތަކަށެވެ.

"މިގަޑީގައި މި ފަރާތުން އަލްމަޢިއްޔާ މެޑަމްއަށް ފެނިލައްވާފިއްޔާ ރުޅިދުރުވެދާނެ" ވާހަކައޮޅުވާލުމުގެ ނިޔަތުގައި އަހަރެން ބުނެލީމެވެ. އެހެންނަމަވެސް އަހަރެން ބުނި ވާހަކައަށް ސަމާލުކަންދޭކަށް އަމަން ނޫޅުނެވެ. ހުއްޓާނުލާ އަހަރެންނަށް ބަލަން ހުރިއިރު އަހަރެންގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރާފަދައެވެ. ދެންވެސް ކުރިން ބުނި ޖުމްލަ އަހަރެން ތަކުރާރުކޮށްލީމެވެ.

"މާމައަށް އެނގިލައްވާނެ އަހަރެންއަބަދުވެސް ވިއްސާރަރޭރޭ ވާރޭގެތެރޭގައި ފެތުމަށް ލޯބިކުރާކަން. އެހެންކަމުން އެކަމާ މާމަ ރުޅިދުރުވާނެ އެއްވެސް ގޮތެއް ނޯންނާނެ" އަމަންގެ ޖަވާބުން އަހަރެންގެ ދޫ ބަންދުވިއެވެ.

"އެކަމަކު މިވަގުތު މިތަނުގައި ހުރުމުން...." ޖުމްލަ ފުރިހަމަ ކުރާކަށް އަހަރެންނަކަށް ނުކެރުނެވެ. އެ އަމަލުން އަމަންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެންހިނގައްޖެއެވެ.

"ހާސްނުވޭ. އަހަރެން މިތާ ހުރިކަން އެކަކަށްވެސް ނޭނގޭނެ" އަމަން ޔަޤީން ކަމާއެކު ބުނެލިއެވެ.

އެކަމަކު..." އަހަރެން ވާހަކަދައްކަން އުޅުނީމެވެ.

"ޒާރާ. އަހަރެން މި ބުނީނު އެއްވެސް މީހަކަށް ނުފެންނާނޭ، ގަބޫލުކޮށްބަލަ." އަމަން މިފަހަރުވެސް އަހަރެންގެ ވާހަކަ ހުއްޓުވާ ބުނެލީ ޔަޤީންކަމާއެކުގައެވެ. އަހަރެންފަހަތަށް އެއްފިޔަވަޅު އަޅާލީ އަމަން ކުޑަކޮށް ކުޑަދޮރާ ކައިރިވީމައެވެ.

ކޮމެންޓް 0