އަހަރެންނަށް ހަދާންގޮތް ނޭނގުމުން ހަރަކާތެއްނެތި ހުރެވުނީއެވެ. އަމަންގެ ރުޅިވެރި މޫނާއި އެ މޫނުމަތިން ފެނުނު ޖެހިލުން ކުޑަކަމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ކުޑަ ހިނދުކޮޅަކަށް ވިނަމަވެސް ރޫރޫ އަޅައިގެން ދިޔައެވެ. ޖެހި ބުދެއްހެން އަހަރެން ހުއްޓާ އަމަންގެ އަތުގެ ގޮށްމުށުގެ ހަމަލާއެއް ވިސާމްގެ މޫނުމައްޗަށް އަރައިގެން ދިޔުމާއެކު ވިސާމްގެ ތުންފަތް ފަޅައިގެން ގޮސް ލޭތައް އޮހޮރެން ފަށައިފިއެވެ.

އަދިވެސް ވާ ނުވާއެއް އަހަރެންނަކަށް ނޭނގެއެވެ. އެހެންކަމުން ހަދާނެ ގޮތެއް ނޭނގި އެ ކުޅިވަރު ބަލަން އަހަރެންނަށް ހުރެވުނީއެވެ.

ވިސާމްގެ މޫނުމައްޗަށް އަމަންގެ ދެވަނަ ހަމަލާ އަމާޒުވެގެން ދިޔުމާއެކު އަހަރެންނަށް އެ ދެމެދަށް ވަދެވުނެވެ.

"އަމަން ކިހިނެތް ވެގެންތަ ތިއުޅެނީ؟" ރުޅިވެރިކަމާއެކު އަހަރެން އަމަންގެ އަތް ފޮޅުވާލަމުން ބުނެލީމެވެ. އަމަންގެ ދެލޮލުން ހީވަނީ އޭނަ އަހަރެން ކައިލަފާނެހެންނެވެ. ވިސާމް އެއްއަތުން އޭނާގެ ފެޅިފައިވާ ތުންފަތުގައި ހުރި ލޭތައް ސާފުކޮށްލިއެވެ. އެއަށްފަހު ރުޅިވެރި ނަޒަރަކުން ބަލާލިއެވެ.

އަހަރެން އެ ދޭތެރެއަށް ވަނުމުން އަމަން އިތުރު އެއްޗެކޭ ނުބުނެ ދޮރާ ދިމާލަށް ހިނގައިގަތީ އިންޒާރުގެ އިނގިލި ވިސާމްއާ ދިމާލަށް ދިއްކޮށްލާއެވެ. އެހެންކަމުން އަހަރެންނަށް ހިންދިރުވާލެވުނެވެ. ހަމައެއާއެކު އަދި އަމަން އަންނާނޭކަންވެސް އެނގުނެވެ. އެހެންކަމުން އަހަރެން ޖެހޭނީ ކުރިއަށްވުރެ ހުޝިއާރުވެގެން ހުންނަންކަން ވިސްނުނެވެ. އަމަންގެ މައްސަލައަކީ ކޮބައިކަން ނޭނގި ހުދު އަހަރެންނަށްވެސް ވަނީ ނުތަނަވަސްކަމެއް ލިބިފައެވެ. އަނެއްކޮޅުން ވިސާމްއާއި އޭނާއާއި ދެމެދުގައި ވި ރުޅިވެރިކަމުގެ ސިއްރަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އެ ސިއްރު އެނގޭހިތުން ބޭގަރާރު ވިނަމަވެސް އަހަރެންނަށް އެއްވެސް ސުވާލެއް ކުރާކަށް ނުކެރެއެވެ. އަމަން ދިޔުމާއެކު ވިސާމް ވެސް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަނުމުން އަހަރެންނަށް ސޯފާގައި އިށީނދެވުނެވެ.

ޖެހިގެން އައި ހަފްތާގެ ހުކުރު ދުވަހެވެ. ހުކުރުން ފައިބައިގެން ވިސާމް ހޮސްޕިޓަލަށް ދިޔުމުން މެންދުރު އާލްއަށް ކާންދޭންވެގެން އަހަރެން އުޅުނީމެވެ. ކާމޭޒު ދޮށުގައި އާލް ބޭންދުމަށްފަހު ތަށި ހިފައިގެން އަނެއް ގޮނޑީގައި އަހަރެން އިނީމެވެ. ގޭގެ ބެލް އަޅާލި އަޑަށް އަހަރެން ގޮސް މިފަހަރަވެސް ދޮރު ހުޅުވާލީ އެއްވެސް ހާސްކަމެއް ނެތިއެވެ. ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި މީހާފެނި އަނެއްކާވެސް އަހަރެންނަށް ފަހަތަށް ޖެހިލެވުނެވެ. އަމަން އެތެރެއަށް ވަދެ ދޮރު ލައްޕާލި ވަގުތަކީ އާލް މަންމާއޭ ކިޔާފައި އަހަރެންނަށް ގޮވާލި ވަގުތެވެ. އެ އަޑު އަމަންގެ ކަންފަތުގައި ޖެހުމާއެކު އޭނާ ވެސް ހައިރާންކަމާއެކު އަހަރެންނަށް ބަލާލިކަން ދެނެހުރިނަމަވެސް އަޅާނުލާ އަހަރެން ކާ މޭޒު ދޮށަށް ދިޔައީމެވެ. އޭރު އާލް ގޮނޑީގައި އިނެވެ. އާލް ގޮނޑިން ނަގަމުން އަހަރެން އަމަން އާ ކުރިމަތިލީމެވެ. އެވަގުތު އާލް ފެނި އަމަން ހުއްޓުން އެރުމުން އަހަރެންނަށް ވެސް ބޭއިޚްތިޔާރުގައި އާލްއަށް ބަލާލެވުނެވެ. އާލް ގެ މޫނުމަތިން އަމަން އަށް ފެނުނީ ކޮން އެއްޗެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމައެހިނދު އަމަންގެ ދުލުން ކޮންމެވެސް ބަހެއް ވެސް ބޭރުވެގެންދިޔައެވެ. އެހެންނަމަވެސް އެ އަޑު އައިލެއް މަޑުކަމުން އެ ބުނި އެއްޗެއް ސާފު ވާގޮތެއް ނުވިއެވެ. އަމަންގެ މޫނުމަތީގައިވި ހައިރާންކަމުގެ ކުލަވަރުގެ ތެރެއިން ކޮންމެވެސް ކަހަލަ ރިހުމެއް ފެނުނުހެން ހީވެ އަހަރެންނަށް އިތުރު ހައިރާންކަމެއް ލިބުނުއިރު އަމަން އަހަރެންނާ ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އަމަންގެ ނަޒަރު ހުރީ އާލްއަށް ހުއްޓިފައެވެ. ހުރިތަނުން ގުޑިލަން ނޭނގިފައި އަހަރެންނަށް ހުރެވުނުއިރު ދެލޯ ވަނީ ބޮޑުވެފައެވެ. އަމަން އައިސް އާލްގެ މޫނަށް އެހާ ގާތުން ބަލާލުމާއެކު އަހަރެންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

"ކީކޭ އެ ބުނީ. މަންމައޭ؟" އަމަން ކުއްލިއަކަށް އަހަރެންގެ ދެލޮލަށް ބަލާލިއެވެ.

"ކިހިނެތް ވީ؟" އަމަންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންވެސް ސުވާލެއް ކޮއްލީމެވެ.

އިތުރު އެއްޗެއް ނުބުނެ އަމަން އެހެން ހުއްޓާ ގޭގެ ދޮރު ހުޅުވާލާފައި ވިސާމް ވަނެވެ. ހުއްޓުން އަރާފައި ހުރި އަމަން އަށް ބަލާލަމުން ވިސާމް ނިތުގައި އަތް ހާކާލިތަން އަހަރެންނަށް ފެނުނެވެ.

"އަމަން... ކީއްކުރަން މިތަނަށް ތިއައީ؟ އަމަން އާ އެއްވެސް ގުޅުމެއް ހުރި މީހަކު ނެތޭ މި ގެއަކު؟" ވިސާމް މިފަހަރު ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. އަމަން ސިހިފައި ފަހަތަށް ބަލާލާފައި ދެވަނަ ފަހަރު ނަޒަރު ހުއްޓާލީ އާލްއަށެވެ.

"ދެން އަހަރެންގެ ކުރިމަތިން މި ފެންނަނީ ހުވަފެނެއްތަ؟" އަމަން ގެ އަޑުވެސް އައީ މަޑުމަޑުންނެވެ.

"އެއީ އަމަން އާ ގުޅުމެއް ހުރި ކުއްޖެއް ނޫން. ތިއުޅެނީ އޮޅިގެން" ވިސާމް ދެންވެސް ބުނެލިއެވެ.

"ތި ބުނަނީ އަހަރެންގެ ދެލޯ އަހަރެންނަށް ކެހި ދެނީއޭތަ؟ ވިސާމް! " އަމަންގެ ދެލޮލުން އަނެއްކާވެސް ތަފާތު ވިދުވަރެއް ފެނިލިއެވެ.

"އެއީ އަމަންއާ އެއްވެސް ގުޅުމެއް ވާ ކުއްޖެއް ނޫނޭ..." ވިސާމްގެ އަޑުވެސް މަޑުވިއެވެ. އިސާހިތަކު އަމަން ކޮށްފާނެ ކަމަކާމެދު ބިރުގަނެފައި ހުރި ފަދަ އިޙްސާސެއް އެމޫނުމަތިން ފެނިލިއެވެ.

"އެންމެ ރަނގަޅު. އަހަރެން ގެ އާއިލާ ވެސް މިތަނަށް ގެނެސްފާނަން. އާލް ފެނުމުން އެންމެނަށްވެސް ހަޤީގަތް އެނގޭނެ." އަމަން ބުނެލިއެވެ. އޭނާގެ އަހަރެންނަށް ބަލާލަމުން އަނެއްކާވެސް ނަޒަރު ހުއްޓާލީ އާލްއަށެވެ.

އަމަން ހިނގައިގަތުމާއެކު ވިސާމް އަމަންގެ ކުރިމައްޗަށް އަރާ އަމަން ހުއްޓުވިއެވެ.

"އާލް ގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނެގެން ނުވާނެ..." ވިސާމްގެ އަޑުގައިވެސް މިފަހަރު ހުރީ ނުރައްކާތެރި އަސަރެކެވެ.

"ހެހެ. އެއީ އަހަރެމެންނާ އެއްވެސް ގުޅުމެއް ނެތް ކުއްޖަކަށް ވާއިރު ވިސާމް އެހާ ހާސްވީ ކީއްވެ؟ ވިސާމް އަތުން އެ ކުއްޖާ އަތުލަފާނެތީތަ؟" އަހަރެން މޫނުމަތީގައި އެތައް ހާސް ސުވާލު މާރކު ތަކެއް ޖެހިގެން ދިޔުމާއެކު އާލްއަށް ބަލާލެވުނެވެ. އާލް އާ ހެދި އަމަން އާއި ވިސާމް މިއުޅޭ ގޮތަކުން އަހަރެންގެ ބޯވެސް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

"އަހަރެން އާލްގެ ވާހަކަ ނުބުނަން އެދޭނީ ގައިމު ކޮންމެވެސް ކަމެއް ދިމާވީމަތާ! ވިސާމްއަށްވެސް އެނގޭނެ އާލް އަށް ބަލާލާފަ ވެސް އެކަން އެއްވެސް މީހަކަށް ސިރެއްނުކުރެވޭނެކަން..." އަމަން ވިސާމްއަށް ބަލާލިއެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ.

"ހަބަރުދާރު އަމަން. ކަލެއާ ކަލޭގެ އާއިލާއަށް އަހަރެން ނަފްރަތުކުރަން. ހަމަ މިހާރު ނުކުމޭ. އަދި ބުނަން އަހަރެންނާ އަހަރެންގެ ދަރިފުޅުގެ ވާހަކަ އެއްވެސް މީހެއް ގާތުގައި ބުނެފިނަމަ މަގޭ ހުރި ނުބައިކަން ދައްކާލާނަން" ވިސާމްގެ ރުޅިވެރި އަޑު މުޅި ގޭތެރޭގައި ގުގުމާލުމާއެކު އާލް އަހަރެންގެ ގައިގައި ބައްދައިގަތީ ބިރުންނެވެ.

"ދުނިޔެއަށްވެސް ބޭޒާރުކޮށްލާނަން. އާލް ލައްވާ ޒާރާއަށް މަންމަ ކިޔުއްވިޔަސް ޒާރާއެއްނޫން އާލްގެ މަންމައަކީ." އަމަން އަނެއްކާވެސް އެއްމިޔަކަށް ހީލިއެވެ.

"އިތުރަށް އެންމެ ބަހެއް ބުންޏަސް އަހަރެންގެ އަތުން ކަލޭ މަރުވެދާނެ... އަހަރެންގެ ދަރިފުޅު ފޮރުވައިގެން އެތަން މިތަނަށް ދުވަން ޖެހުނީ ކަލޭމެންގެ ސަބަބުން. ދަރިފުޅު ފޮރުވައިގެން އުޅެން ޖެހުނީ ކަލޭމެންގެ ސަބަބުން. ހަމަ މިހާރު ނުކުމޭ" ވިސާމް އަމަންގެ ގަމީހުގެ ގިރުވާނުގައި ހިފާފައި ބޭރަށް އަމަން ކޮށްޕާލިއެވެ. އެއާއެކު އަމަންގޮސް ފާރުގައި ޖެހިފައި މަތަވިއެވެ. ދޮރު ޖަހާފައި ވިސާމް ބަލާލީ އަހަރެންނަށެވެ. ދެން އާލްއަށެވެ. އަހަރެން ގާތަށް އައިސް އާލް އުރާލަމުން އޭނާ އާލް ގޮވައިގެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

ރޭގަނޑުގެ ވަގުތެވެ. ކާމޭޒު ދޮށުގައި އަހަރެންނާ ވިސާމްތިބީމެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެއްވެސް ދިރުމެއް ނެތް ފަދައެވެ.

"އަމަން ޒާރާ ދެކެ ލޯބިވަންޏާ ޒާރާ އެހާލަށް ދޫކޮށެއް ނުލާނެ. އެއީ ހަޤީޤީ ލޯތްބެއްނޫން. ޒާރާއަށް ދިރިއުޅުމުގަ ބޭނުން މީހެއް އިޚްތިޔާރު ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިހާރު އޮންނާނެ. އަމަން އަކީ މީހެއްގެ ފިރިއެއް. ޒާރާ އަކީ މިހާރުވެސް މިނިވަނެއް. ޒާރާ ބޭނުންނަމަ އަމަންއަށް ޒާރާގެ ފަހަތުން ދުވުން ހުއްޓެން ޖެހޭނެ. އަމަންގެ ލޯބި އެހާ ބާރުގަދަ ނަމަ ޒާރާ ދޫކޮށެއް ނުލާނެ. އަމަން މެން ކުޑަވީމަ ނޭނގެނީ ދުނިޔޭގެ ކަންތައްތައް ހިނގާ އުސޫލު. މީހަކަށް އިޙްތިރާމް ކުރިއަސް ވަކި ހުދޫދެއްގެ ތެރޭގަ ކުރަންޖެހެނީ. ތިމާގެ ލޮލުގައި ކަޅު ފޮތިގަނޑެއް އެއްސީމަ އެއްވެސް ތަނެއް ނުފެންނަ ގޮތަށް ބައެއްފަހަރު ތިމާއާއި ކިތަންމެ ގާތުގައި އުޅޭ މީހާ ކުރާ ބައެއް ކަންތައްތައް ފަރުދާވެފައި ހުރެދާނެ. ފޮތިގަނޑުގެ ސަބަބުން އެންމެ ގާތުގައި ހުންނަ މީހާ ވެސް ނުފެންނަ ގޮތަށް" ކުއްލިއަކަށް ވިސާމް ވާހަކަދައްކަން ފެށުމާއެކު އަހަރެންނަށް ވިސާމްއަށް ބަލާލެވުނެވެ.

ވިސާމްވެސް އޭރު އިނީ އަހަރެންނަށް ބަލާށެވެ. ޒާރާ އަހަރެންގެ ހަޔާތަށް އަންނަން ބޭނުންނުވެއްޖެނަމަ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ވިސްނާލުން ބުއްދިވެރި. މުޅީ އުމުރު އަމަންފަދަ ފިނޑި މީހަކަށް އިންތިޒާރު ކުރާނީތޯ ނޫނީ ޒާރާ އުފަލުގައި ގެންގުޅެވޭ ފަދަ މީހަކާ އެކީ އާ ހަޔާތެއް ފަށާނީތޯ؟" ވިސާމް އަހަރެންނާ ނަޒަރު އެންމެ ވަގުތު ކޮޅަކަށްވެސް ވަކިކޮށެއްނުލައެވެ. އެކަމުން އުނދަގޫވެ އަހަރެން އިސްޖަހާލީމެވެ.

"އާލް އާއި އަމަންގެ އާއިލާއާއި އޮތް ގުޅުން އަހަރެންނަށް ކިޔައެއް ނުދޭނަންތަ؟" އަހަރެން ހިތްވަރުކޮށްފައި ސުވާލުކޮށްލީމެވެ. އެއާއެކު ވިސާމް ފުންނޭވާއެއް ދޫކޮށްލިއެވެ.

"ވަގުތު ޖެހުމުން ހުރިހާ ވާހަކައެއްވެސް އަހަރެން ކިޔައިދޭނަން. ޒާރާ. ދެން އެހާ ލަހެއްނުވާނެ..... ވަރަށް އަވަހަށް އަހަރެން ޒާރާ އަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން" ވިސާމް ބުނެލިއެވެ.

"މާދަމާ ރޭ އަހަރެންނާ އެކު ޒާރާ އެބަޖެހޭ ތަނަކަށް ދާން" ވިސާމް ބުނެލީ އަހަރެންނަށް މަޖުބޫރުކުރާ އުސޫލުންނެވެ. އެގޮތަށް ބުނުމުން އަހަރެން އެހާ ގަޔާނުވިނަމަވެސް ވިސާމް އާ ދެކޮޅު ހަދާކަށް ނުކެރުނެވެ.

ޖެހިގެން އައި ރޭ އާލް ނިންދަވާފައި ނުކުތް އިރު ވިސާމް އިނީ ސޯފާގައެވެ.

އަހަރެން ވިސާމްއަށް ބަލާލީމެވެ. އާލް އެކަނި ބާއްވާފައި ނުދެވޭނޭ ކަމަށްބުނެ ބަހަނާ ދައްކަން ބޭނުންވިއެވެ. އެހެންނަމަވެސް ވިސާމް ހީވީ އަހަރެންގެ އެ ބަހަނާއަށް ދޭނޭ ޖަވާބުވެސް ހިފައިގެން ހުރިހެނެވެ. އަހަރެން ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން އޭނާ ދެއްކީ ސިޓިންރޫމުގައި އިން އަންހެން މީހާއެވެ. ވަގުތީ ގޮތުން އާލް ބެލުމާ ހަވާލުވެ ހުންނާނީ އޭނާ ކަމަށް ބުންޏެވެ. އަދި މިރޭގެ ވިވަގުތު އޭނާއަށް ހާއްސަކުރާށޭ ބުނެލިއެވެ. އަހަރެން ބުނީ ކޮންމެ ކޮންމެ މީހަކާ އާލް ހަވާލުކުރަން ނުކެރޭނޭ ކަމުގައެވެ. އެ ސުވާލަށްވެސް ވިސާމް ޖަވާބުދިނެވެ. ވިސާމް ބުނީ އެއީ ކޮންމެ ކޮންމެ މީހެއް ނޫންކަމަށާއި އެއީ ޑޮކްޓަރެއް ކަމުގައެވެ. ޔަގީން ކުރުމުގެ ގޮތުން އޭނާ ގެ ކާޑުވެސް ދެއްކިއެވެ. އަހަރެންނަށް ގޮތް ހުސްވިއެވެ.

އެންމެ ފަހުން ވިސާމްގެ ފަހަތުން ވިސާމްއާއެކު ދާން ހިނގައިގަތީމެވެ. ވިސާމްއާއެކު ލިފްޓް ތެރޭގައި އެކަނިވުމުން ތަނަށް ވެރިވެގެން ދިޔަ ހަމަހިމޭންކަމުގެ މާނަ ނަގަންވީ ކިހިނެއް ކަމެއްނޭނގުނެވެ. ވިސާމް އަހަރެން ގެންދާ ތަނަކާ ބެހޭގޮތުން ސުވާލު އުފެދުނެވެ. އެހެންނަމަވެސް ދުލާ ހިސާބަށް އެ ސުވާލުތައް ގެންނާނޭ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އެހެންކަމުން ކާރާ ހިސާބަށް ދެވެންދެންވެސް އަހަރެން ހިޔާރުކުރީ ހިމޭންކަމެވެ. އެންމެ ފަހުން ކެތް ނުވެގެން އަހަރެން ސުވާލުކޮށްލީމެވެ.

"ކޮންތާކަށް އަހަރެމެން މިދަނީ؟"

"ހުރިހާ ސުވާލުތަކެއްގެ ޖަވާބުވެސް އަހަރެން ޒާރާ ގޮވައިގެން މިދާ ތަނަކަށް ދިޔައިމަ ލިބޭނެއެއްނު. އެހަށް އެއްވެސް ސުވާލެއް އަހަރެންނާ ނުކޮށްފާނަންތަ؟ މިހެން ހުރެ ހުރިހާ ވާހަކައެއް އަހަރެން ކިޔައިދޭންވީތަ؟ ނޫނީ ދާންވީތަ؟" ވިސާމްގެ ތޫނު ނަޒަރު އަހަރެންނަށް ހުއްޓުމާއެކު ލަސްނުކޮށް އަހަރެން ކާރަށް އަރައިފީމެވެ. ވިސާމްވެސް އަރާ އިށިނެވެ. ކާރު ދުއްވާލަމުން ވެސް އަހަރެންނަށް ނަޒަރު ހުއްޓާލިއެވެ. އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. ވިސާމް އެ ދާ ތަނަކާ ބެހޭގޮތުން ކިތަންމެ އެނގެން ބޭނުންވިނަމަވެސް އިތުރަށް އެންމެ ސުވާލެއް ކުރާކަށްވެސް އަހަރެން ބޭނުމެއްނުވިއެވެ.

ހިސާބެއްގެ ނުތަނަވަސްކަމެއް އަހަރެންގެ ހިތުގައި ވިނަމަވެސް އެކަން ފޮރުވޭތޯ މަސައްކަތް ކުރީމެވެ. ވިސާމްގެ ހަޔާތުގެ ބައިވެރިއަކަށް އަހަރެން ވޭތޯ އަދި އެހީ އިހަށްދުވަހަކުއެވެ. އެހެންކަމުން މިފަހަރު އަހަރެން މި ގެންދަނީ އަނެއްކާ އެކަމާ ގުޅޭ ކަމެއްގައިބާއޭ ވެސް ހިތަށް އަރަމުންދިޔައެވެ.

ޓްރެފިކްގައި ޖެހި ކާރު މަޑުވާ ކޮންމެ ފަހަރަކު ވިސާމް އަހަރެންނަށް ބަލާލައެވެ. އެމޫނުމަތިން ކަމެއް ސިއްރުކުރާކަން ދެނެގަންނަން އުނދަގުލެއް ނުވިއެވެ. އޭނާގެ ދެލޮލުން ހީވަނީ އަހަރެން އޭނާއާ މެދު ގޯސްކޮށް އެއްޗެއް ހީކޮށްފާނެތީ އުޅޭހެންނެވެ. ބައެއްފަހަރު އެއްޗެއް ބުނަން އުޅޭހެން ހީވެއެވެ. އަނގަ ހުޅުވާލާފައިވެސް ދަތްތައް ފިއްތާލާ ކަތުރު ކަށިގަނޑަށް ވާންކޮށްލަފާނެއެވެ. ވިސާމްއެހާ ޖެހިލުންވެފައި ހުއްޓާ މީން ދުވަހަކު އަހަރެން ނުދެކެމެވެ. ވިސާމްގެ އެ ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ހުދު އަހަރެންގެ ހިތުގެ ތެޅުންވެސް ބާރުވެއްޖެއެވެ. ހިޔާލުތަކުގައި ބެހެމުންދިޔަ އަހަރެންގެ ނަފްސަށް ހޭވެރިކަންވީ ކާރު ހުއްޓާލަމުން ވިސާމް ގޮވާލުމުންނެވެ. އަހަރެން ވަށައިގެން ބަލާލަމުން ކާރުން ފޭބީމެވެ. ވިސާމް ކުރަން އުޅޭ ކަމަށް ނޭނގި އަހަރެންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެފަދަ ހިޔާލްތަކެއްގައި ހުއްޓާ ވިސާމް އަހަރެންގެ ކޮނޑުގައި ހިފެއްޓުމާއެކު ސިހިފައި ބަލާލެވުނެވެ.

ވިސާމްގެ އެދުމަށް ވިސާމްގެ ފަހަތުން ހިނގައިގަތް އިރު ދެންވާނެ ގޮތް ލަފާކޮށްލާކަށްވެސް އަހަރެންނަކަށް ނޭނގުނެވެ.

ކޮމެންޓް 0