"ޒާރާ... ޒާރާ.... ޖުނާން....މަންމާ! ބައްޕާ" ނޭވާ އުފުރިގެން ހިގައިދާނެހެން ހީވެ އެވަގުތު ކޮޅު އަހަރެންނަށް އަމަންގެ އަތުގައި މަޑުމަޑުން ހިފާލެވުނެވެ.

******

ހޭއެރިއިރު އަހަރެންނަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ލޯ ހުޅުވާލިނަމަވެސް ތަންތަން ފެނުނީ ފުސްކޮށެވެ. ސާފުކޮށް ގާތުގައި ތިބި މީހުންފެންނަން އިރުކޮޅެއް ނެގިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަމަންއެވެ. އަހަރެންގެ ބޮލުގައި ފިރުމާލަމުން އަމަން މާފަށް އެދުނެވެ. ޖުނާންވެސް އަހަރެންނާ ދާދި ގާތަށް ޖެހިލިއެވެ. ވިސާމްވެސް މެއެވެ.

"ކިހިނެތްވީ؟" ވީ ގޮތާ ބެހޭގޮތުން އަހަރެން ސުވާލުކޮށްލީމެވެ. މަޑުމަޑުން ތެދުވަން އުޅުމާއެކު އަހަރެންގެ ބަނޑަށް އެރި ތޫނު ތަދާއެކު އަނެއްކާވެސް އޮށޯވެވުނެވެ. އެއާއެކު ކަންތައްވީ ގޮތް އަހަރެންގެ ހަނދާނަށް އަންނަން ފެށިއެވެ. ޑަކުޓަރުގެ ކޯޓުގައި ވިސާމް ހުއްޓާ ފެނުނު ފުރަތަމަ ފަހަރު ކަމުން އަހަރެންނަށް ކަޅި ޖަހާނުލާ ވިސާމްއަށް ބެލެން ފެށުނެވެ.

"ޒާރާ! ވިސާމްއެއް ނޫނޭ ފިރިމީހާއަކީ" އަމަން ފާޑަކަށް އިނދެ ބުނެލުމާއެކު އަހަރެންނަށް ސިހިފައި އަމަންއަށް ބަލާލެވުނެވެ. އެއާއެކު ވިސާމްވެސް ލަދުން ހުރެ ހިނިގަނޑެއް ޖަހާލިއެވެ. އަހަރެން އަމަންގެ އަތުގައި ހިފާލީމެވެ. އަމަން އަހަރެންގެ އަތަށް ބާރުކޮށްލަމުން ވިސާމްއަށް ބަލާލާ ހިނިގަނޑެއް ޖަހާލިއެވެ. އުޅެވުނު ގޮތާ ދޭތެރޭ އަމަންވެސް އިނީ ލަދުގަނެފައިއިން ފަދަ ގޮތަކަށެވެ.

"އެބައޮތޭ ވާހަކައެއް ބުނަންވެފަ އަދި" އަހަރެންނަށް ބަލާލަމުން ވިސާމް ވާހަކަ ދެއްކިއެވެ.

"އާލް ބަލަން ގެއަށް ކުއްޖަކު ގެނެސްގެން މިއުޅެނީ. އެކަމަކު ހިލާ ހަމައެއް ނުޖެހުނު. ކިޔަނީ އަބަދު ޒާރާ މަންމި ކައިރިއަށް ދާށޭ. ވިސްނައިދޭން އުޅެއުޅެ އެއްބަހެއްނުވި. އަނެއްކޮޅުން އުފާވެރި ހަބަރެއް ވެސް ދޭންވެއްޖެ. ރިޝްފާ ފުރަތަމަ ފަހަރަށް މޫވް ކޮށްފި" ވިސާމްގެ އަޑުން އާދަޔާ ހިލާފް އުފާވެރިކަމެއް ފާޅުވަމުން ދިޔައެވެ. އަހަރެން އަނެއްކާވެސް ތެދުވަން މަސައްކަތް ކުރީމެވެ. އަތަށް އައިވީ ގުޅާ އަދިވެސް އޮތީ އޮކްސިޖަން ގުޅާފައެވެ. އަނެއްކޮޅުން ބަނޑަށް ވަމުންދިޔަ ތަދުން އެކަނިވެސް އެކަން ކުރަން އުނދަގޫވިއެވެ.

"ވަރަށް ފުންކޮށް ގޮސްފަ ހުރީ. އެހެންވެ އެހާ ތަދުވަނީ. ވަރަށް ބޮޑަށް ފަހަންވެސް ޖެހުނު. " ވިސާމް ކުޑަކޮށް އޮޅުން ފިލުވައިދިނެވެ. އަހަރެން އެހެންހޭ އަހާލަމުން އަމަންއަށް ބަލާލީމެވެ. ވިސާމްއާއި ޖުނާން އާއި ދެމީހުން ދިޔުމާއެކު އަމަންއާއި އަހަރެންނާ ދެމީހުން އަނެއްކާވެސް އެކަނިވިއެވެ. އަމަން އަހަރެންގެ މޫނުގައި އަތް ޖައްސާލިއެވެ. އެވަގުތު އަލްމަޢިއްޔާގެ ވާހަކަ އަހާލަން ހިތަށް އަރާފައިވެސް އަހަރެންނަށް ފަސްޖެހެވުނެވެ.

"މި ގަޑީގަ ދެން ނުވިސްނާ. ފަހުން ވާހަކަ ދައްކާނީދޯ" އަހަރެންގެ ހިތުގައި ތަފާތު ސުވާލު އުފެދޭނެކަން ޔަގީންވެ އަމަން އެދުނީ އަރާމުކޮށްލާށެވެ. އަހަރެން ބޯ ޖަހާލަމުން ދެލޯ ވެސް މަރާލީމެވެ.

"އެވަގުތު އަމަންއަށް ފޯނެއް އައުމާއެކު އޭނާ ފޯން ނެގިއެވެ.

"އާނ އެބަދަން" އަމަން ބުނެލި އަޑު އިވުނެވެ. އަހަރެން ލޯ ހުޅުވާލީ އަމަން އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލުމާއެކުގައެވެ.

"އަހަރެން އެބަ އަންނަން އިނގޭ ޒާރާ" އަމަން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. އާއެކޭ ބުނަމުން އަހަރެން ލޯ މަރާލީ އިންތިޒާރުކުރާނަމޭ ބުނަމުންނެވެ.

އަމަން ދާ ތަނަކާ ބެހޭގޮތުން ކިތަންމެ ސުވާލެއް ކުރާ ހިތްވިނަމަވެސް އަމަންއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ވަގުތު ޖެހުމުން އަމަން އެވާހަކަ ވެސް ބުނާނެ ކަމަށް ނިންމީމެވެ. އޭރު އަލްމަޢިއްޔާ އަދި އަނޫޝާއަށް ވީ ގޮތެއް އެނގެންވެސް އަހަރެންގެ ހިތް ތެޅިފޮޅެމުން ދިޔައެވެ.

ކެތްތެރިކަން އިސްކުރެވޭނޭ އެންމެ މައްޗަކަށް އިސްކުރަމުން އަހަރެން ދެލޯ މަރާލީމެވެ. ހަށިގަނޑުގައި ވަނީ ވަރުބަލިކަމެވެ. އިރުކޮޅަކުން ނަރުސްކުއްޖަކު އައިސް އިންޖެކްޝަން ޖެހުމަށްފަހު އައިވީ ހުސްވުމުން ޑޮކްޓަރު އަނެއްކާވެސް ބަލަން އަންނާނޭ ކަމަށް ބުންޏެވެ. އަހަރެން ބޯ ޖަހާލީމެވެ. އަދި ހިނިތުންވެލީމެވެ. ނަރުސް ކުއްޖާ ނުކުތުމާއެކު އަނެއްކާވެސް އިންތިޒާރު ކުރެވުނީ އަމަން އަންނާނޭ އިރަކަށެވެ. އިންތިޒާރަށް ނިމުމެއް އައީ ކޮޓަރީގެ ދޮރު ހުޅުވާލެވުނު އަޑާއެކުގައެވެ. އަވަސް އަވަހަށް ބަލާލީމެވެ. އެހެންނަމަވެސް އަނެއްކާވެސް މާޔޫސްކަން ވެރިވެގެން ދިޔައީ ކުރިމަތީގައި ހުރީ އަމަންއަށް ނުވީތީއެވެ. ޖުނާން އެއް ބުމަ ހިއްލާލަމުން އައިސް އަހަރެންނާ ދާދި ގާތުގައި ހުއްޓިފައި އަހަރެންގެ ހާލު އޮޅުން ފިލުވިއެވެ. އޭނަ ފެނިގެން އަހަރެންގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން ޖުނާންއަށް ފާހަގަ ވީ ކަންނޭގެއެވެ. އޭނާ އަހަރެންގެ ސުވާލަށް ޖަވާބު ދިނެވެ.

"ދޮންބެ އަދިވެސް ފުލުހުންނާއެކު ވީ. އިރުކޮޅަކުން އަންނާނެ ހެން ހީވަނީ" ޖުނާން ވާހަކަދެއްކުމާއެކު އަހަރެން އެހެންހޭ ބުނެލީމެވެ. ކަންތައްތައް ފަހުން ހިނގި ގޮތާ ބެހޭގޮތުން ކިތަންމެ ސުވާލުކުރަން ބޭނުންވިނަމަވެސް ސިކުނޑީގައި ތޮއްޖެހިފައި ހުރި ސުވާލުތައް ދުލާ ހިސާބަށް ގެންނާނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

"މާމަ ހައްޔަރުކޮށްފި. ބަޔާން ނަގަން ވެގެން ދޮންބެ ގެންދިޔައީ. މާމައާއެކު އަނޫޝާވެސް ހައްޔަރުކޮށްފި. މާމަ ހައްޔަރު ކުރެވުނީ ޒާރާ މަރާލަން އުޅުނު ކަމުގެ ތުހުމަތުގަ. އަދި ދޮންތަގެ އެއްވެސް ކަމެއް ނޭނގޭ. މާމަގެ މައްޗަށް އެ ތުހުމަތު ކުރެވިފައިވާ ވަގުތެއްގައި ވިސާމްގެ ފަރާތުން ދޮންތަގެ ވާހަކަ އެނގިއްޖެއްޔާ އަލްމަޢިއްޔާއަށް ސަލާމަތެއް ނުވެވޭނެ. ކާފަ ޝޮކެއްގައި. އައި ރުޅީގައި މާމަ ވަރިކޮށްލައިފި. ގޭތެރޭގައި ހަލަބޮލިކަން. އަނެއްކޮޅުން ދޮންބެ ނިންމާފައި ވަނީ ވިސާމްއާއި އާލް އެންމެންގެ ކުރިމައްޗަށް ގެނައުމަށް. އަދި ދޮންތަވެސް..... ޒާރާ ގާތު މިއިން އެއްވެސް ވާހަކައެއް ނުދެއްކީ ހީވަނީ ޒާރާ ކަންބޮޑުވެދާނެތީހެން. އެކަމަކު ކޮންމެވެސް ދުވަހަކުން އެނގެން ޖެހޭނެތާ ދޯ ހުރިހާ ހަޤީގަތެއްވެސް. މާމަ އެހާ ދަށްފެންވަރަކަށް ވެއްޓިދާނެޔެކޭ ކާކުތަ ހީކުރާނީ. އެއްވެސް މީހަކު ހީ ނުކުރާނެ. ކީ ކުރާނީ ދޯ. މީހެއްގެ އެތެރޭގައި ހުންނާނީ ކޮން ކޮން ސިފަތަކެއްކަމެއް އެކަމަށްވެސް ނޭނގޭނެ. ޒާރާ ދެން ރަނގަޅުވޭ. ކޯޓުގައި ބަޔާން ދޭން ޒާރާއަށްވެސް ޖެހޭނެ." އަމަންގެ ރޭވުމާ ބެހޭ ގިނަ އެއްޗެހިތަކެއް ޖުނާން އަހަރެންނަށް ކިޔައިދިނެވެ. އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ އަމަން ވަދެގެން އަންނަތަން ފެނުނެވެ. ޖުނާންފެނިގެން އައިސް ކޮނޑުގައި ޖަހާލާފައި ހުރިހާކަމެއްވެސް ދިޔައީ ބަރާބަރަށޭ ބުނެލިއެވެ.

އަމަން ބުނީ އާލްގެ ވާހަކައާއި ވިސާމްގެ ވާހަކަވެސް އޭނާ އާއިލާ މީހުންނަށް ހާމަކުރީ ކަމުގައެވެ. އަދި ރިޝްފާ އާ ދޭތެރޭ އަލްމަޢިއްޔާ ހިންގަން އުޅުނު ފިނޑިއަމަލުގެ ވާހަކަވެސް އާއިލާގެ އެންމެންނާ ހިއްސާކުރީކަމުގައެވެ. މިހާރު އެންމެން ވީ ރިޝްފާ ގާތަށް ގޮސްކަމުގައެވެ. ހަމަޖެހުމުގެ ނޭވާއެއް އަހަރެންނަށް ލެވުނެވެ. ދެން އެންމެ އުންމީދު ކުރެވެނީ ރިޝްފާ ހޭ އަރާނޭ ދުވަހަކަށެވެ. އަދި ޖަލުގެ ތޭރިތަކުގެ ތެރޭގައި އަލްމަޢިއްޔާއަށް އޭނާ ކުރި ކުށްތަކަކުގެ ސަޒާ ލިބޭނޭ އިރަކަށެވެ.

ކޮންމެއަކަސް ދެން އަލްމަޢިއްޔާއަށް ސަލާމަތެއް ނެތްތާއޭ ހިތަށް އެރިއެވެ. ޖުނާން ދިޔުމާއެކު އަމަން އައިސް އެނދުގައި އިށީނދެފައި އަހަރެންގެ އަތުގައި ހިފާލިއެވެ. އެއަތުގެ އިނގިލިތައް އަހަރެންގެ އަތުގެ އިނގިލިތަކާއި މަހާލަން ނެގީ މަދު ސިކުންތުކޮޅެކެވެ. އަހަރެންގެ އަތަށް ބާރުކޮށްލުމާއެކު އަމަން ވާހަކަ ދައްކަން ފެށިއެވެ.

"އަނޫޝާ. އަނޫޝާ ބުނީ އޭނަ އުޅުނީ ޒާރާއަށް ބިރުދައްކާލަން އެކަންޏޯ. އެދުވަހު ފަތާ ފެންގަނޑަށް ޒާރާ ވައްޓާލާފައި ސަލާމަތް ކުރީވެސް އަނޫޝާ ކަމަށް ވަނީ. ކުރިއްސުރެ އެކަމަށް އޭނަ ހުރީ މީހަކު ތައްޔާރުކޮށްފަ! އޭނަ ބޭނުންވަނީ ހަމައެކަނި އަހަރެންގެ ހަޔާތުން ޒާރާ ދުރަށް ދާން. އަލްމަޢިއްޔާ ކިތަންމެ ފަހަރަކު އަނޫޝާ ގާތުވެސް ބުނި ކަމަށްވަނީ ޒާރާ މަރާލަން. އަނޫޝާ އެކަމާ އެއްބަހެއް ނުވި. އެކަމަކު ބިރު ދައްކާލަން އެއްބަސްވީ ކަމަށްވަނީ. އަލްމަޢިއްޔާ ހުރީ އެ ފުރުސަތަށް ބަލަ ބަލާ... މާމަ އޭ ކިޔަންވެސް ލަދުގަނޭ." އަމަން ވާހަކަ ދެއްކިއެވެ. އަމަން ގެ އަތުގައި ހިފާލަމުން އެހަށް އެ ވާހަކަ ނުދެއްކުމަށާއި އެކަމާ ބޯ ގޮއްވާނީ ފަހުން ކަމަށް ބުނީމެވެ. މި ވަގުތު ބޭނުންވަނީ އަރާމުކޮށްލުމަށްކަމަށް ވެސް ބުނީމެވެ. އަމަންވެސް ބޯ ޖަހާލިއެވެ.އެއަށްފަހު އޭނާ އަހަރެންގެ ބޮލުގައި ފިރުމާލަމުން އެބަ އަންނަބޭ ބުނެ އަނެއްކާވެސް ދިޔައި ދޮރާ ދިމާލަށެވެ.

ޖެހިގެން އައި ހަފްތާގައި އަލްމަޢިއްޔާގެ މައްޗަށް ދައުވާ ކުރުން ކޯޓުގައި ކުރިއަށް ދިޔައެވެ. ނޫސްތަކުގެ ސުރުހީ ފަޅުފިލުވަމުން ދިޔައީ އަލްމަޢިއްޔާގެ ހަބަރުތަކުންނެވެ. ކޮންމެއަކަށް ވަރުގަދަ ބަހުސެއް މިކަމުގައި ފެށިގެން ދިޔައެވެ. އެއްބަޔަކު އަހަރެންނަށްވެސް އިނގިލި ދިއްކުރަމުން ދޔައެވެ.

ކޯޓުގައި އަލްމަޢިއްޔާއާ ދެކޮޅަށް ހެކިބަސްދިން މީހުންގެ ތެރޭގައި ވިސާމްވެސް ހިމެނުނެވެ. އަހަރެންގެ މައްސަލައިގެ އިތުރުން އެތަކެއް ކަހަލަ މައްސަލަތަކެއް ތިލަވެ އެންމެ ފަހުން އަލްމަޢިއްޔާއަށް ގުޑިނުލެވޭވަރަށް ގައިދުވެގެން ދިޔައެވެ. ދެވަނަ އަޑުއެހުންވެސް ބޭއްވުނެވެ. ތިންވަނައަޑުއެހުމަށްފަހު އަލްމަޢިއްޔާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިގެން ދިޔައެވެ. އަނޫޝާވެސް ފަސްއަހަރަށް ޖަލަށް ލާން ހުކުމް ކުރެވުނެވެ. އަހަރެން ގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

*****

ހެނދުނު އެރި އިރާއެކު އަހަރެންނަށް ދެލޯ ތަންމިނަށް ހުޅުވާލެވުނީ އިރުގެ އަލި އެއްވެސް ހުރަހެއްނެތި އަހަރެންގެ މޫނަށް އެޅިފައި ވުމުންނެވެ. އެއާއެކު މަޑުމަޑުން އަހަރެން ތެދުވީމެވެ. އަދިވެސް ފާރުގަނޑު އެކީ ފަސޭހަ ނުވާތީ އެހާ ބޮޑަށް ހޭލަމޭލިވެ އުޅެން އުނދަގޫވެއެވެ. އެނދުން ތެދުވަމުން ރަނގަޅަށް ބަލާލިއިރު ކުޑަދޮރު ކަރިރީގައި އަމަން ހުރީ ފޮތިގަނޑު ދަމާލައިގެން އަހަރެންނަށް ބަލަހައްޓައިގެން ހެވިފައެވެ. ރަޖާ ދުރަށް ލަމުން އަވަސް އަވަހަށް އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. އަމަން އައިސް އަހަރެންނަށް އެހީތެރިވެދިނުމާއެކު އަހަރެންވެސް ދެކޮޅު ހެދުމެއްނެތި އަމަންގެ އަތުގައި ހިފާލީމެވެ. އަލްމަޢިއްޔާ ޖަލަށް ލެވުނު ފަހުން ގޭތެރެއަށް ހަމަހިމޭންކަން ވެރިވެގެންދިޔަ ނަމަވެސް ގޭތެރޭގައި ގެންގުޅޭ އެއްވެސް އުސޫލަކަށް ބަދަލެއް ނުގެނެއެވެ. ހީވަނީ އެ އާއިލާގެ އުސޫލަށް އެއްވެސް ބަދަލެއް ގެންނަން އެމީހުން ބޭނުންނުވަނީ ހެންނެވެ. ހާއްސަކޮށް މަޖުހޫދު ފެންނަނީ ވަރަށް ބޮޑަށް ބަސް މަދުވެފައި ހުންނަތަނެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ އޭނާ ނުބުނެއެވެ. އޮފީސް ހުރިހާކަމަކުންވެސް ދުރަށް ޖެހިލާ ހުރިހާކަމެއް އަމަންގެ ބައްޕަ އަނަޤުއާ ހަމާލުކޮށްފައި އޭނާ ހުންނަނީ ދުރުގައެވެ. އަލްމަޢިއްޔާގެ އަމަލުތަކާމެދު ފުން ހިތާމައެއް މަޖްހޫދުއަށް ލިބިގެން ގޮސްފައިވެއެވެ. އަދިވެސް އެކަން ގަބޫލުކުރަން އޭނާއަށް އުނދަގޫވަނީއެވެ. އެހެންނަމަވެސް ރިޝްފާ އެ އޮތީ ފެންނާށެވެ. އެހެންކަމުން އެ ހިތި ހަޤީގަތް ވެސް ގަބޫލުކުރަން މަޖުހޫދުއަށް މަޖުބޫރުވީއެވެ. ކޮންމެއަކަސް ގޭތެރޭގެ މާހަލުލުގައިވި ނުތަނަވަސްކަން ދުރުކުރާކަށް އެއްވެސް މީހަކު މަސައްކަތެއްނުކުރެއެވެ. ވަގުތާއެކު ހައްލުވާނެކަމަށް ވިސްނައިގެން ފުރުސަތު ދީގެން ތިބީ ކަންނޭގެއެވެ.

އަލްމަޢިއްޔާގެ ފަރާތުން އަނިޔާ އާ ކުރިމަތިވެފައި ވަނީ ހަމައެކަނި އަހަރެންނަށް ނޫނީ ރިޝްފާއަކަށް ނޫނެވެ. ކުދި ބޮޑު އެތަކެއް ބަޔަކަށް އޭނާގެ އުނދަގޫ ފޯރާފައިވެއެވެ. ނުފޫޒުގެ ބޭނުންކޮށްގެން އެތައް ބަޔަކަށް ބިރު ދައްކާފައިވެއެވެ ރިޝްފާގެ އެކްސިޑެންޓުގައި ހެކިބަސް ދޭން އުޅުނު ހަތަރު މީހުންގެ ދުލުގައި ތަޅު އެޅުވީވެސް އަލްމަޢިއްޔާއެވެ. އަލްމަޢިއްޔާއަށް އޮތް އިޙްތިރާމް އެންމެންގެ ހިތުން އުނިވެ އެ އިޙްތިރާމާ ލޯބި ވެއްޔާ މޮޑެވެން ނެގީ މަދު ސިކުންތުކޮޅެކެވެ.

މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އަލްމަޢިއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނޭކަން އެންމެންވެސް ގަބޫކުކޮށްފިއެވެ. ނޫނެކެވެ. ގަބޫލުކުރަން މަޖުބޫރުވީއެވެ.

އަމަންއާއި އަހަރެންނާ ދެމީހުން ތިރިއަށްފޭބީ ޑޮކްޓަރަށް ދައްކަން ދިޔުމުގެ ބޭނުމުގައެވެ. އަހަރެންނާ އަމަންއާ ދެމީހުން ދޮރާ އަރާ ހަމަވީތަނާ ދޮރު ކުރިމައްޗަށް އެރި މީހާ ފެނި ވަގުތުން އަހަރެންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

ކޮމެންޓް 0