ފަޒީލާގެ ފަރާތުން އަފްލާކަށް އަމާޒުވަމުން ދިޔަ ބަހުގެ ހޫނު ހަމަލާތަކުން މުޅި މާހައުލަށް ވެރިވެފައި އޮތީ ނުތަނަވަސްކަމެވެ. ފަޒީލާ ހީވަނީ އަފްލާކްގެ ގަޔަށްބޮލަށް އަރާފާނެހެންނެވެ. މަސްރަހު އެހާ ހޫނުވެފައި އޮތް އިރުވެސް އަފްލާކް ޚިޔާރު ކުރީ ހަމަހިމޭންކަމެވެ.
ފަޒީލާގެ ވާހަކަތަކުގައި ހަޤީޤަތް އެކުލެވިގެން ވާތީ އަފްލާކަށް ލަސްލަހުން އިސްތިރިކޮށްލެވުނީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނު ވަރުންނެވެ. އައްޔޫބުއަށް ދިމާވި ހާދިސާއަށް ފަހު އެއީ އަފްލާކްގެ އަބަދުމެ އާދައެކެވެ. ޒޯހާގެ ޢާއިލާއަށް ކުރިމަތި ލާންޖެހިފައިވާ ހުރިހާ ހިތާމަތަކެއްގެ އަސްލަކާއި ގުޅިފައިވަނީ އޭނަ ކަމުގައި ވާތީ އެއުދާސްތަކާއި ދުރުވުން އޭނައަށް ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ. އޭނަގެ ސިކުނޑީގައި އަބަދުމެ ދައުރުވަނީ އެއް ޚިޔާލެކެވެ. އޭނަގެ ކުށެއް ނުވާކަން ބަޔާންކޮށްދޭން ޒޯހާ ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް ހަޤީޤަތަށް ފިލަން އޭނައަށް ދުވެވޭނީ ކިހިނެއް ހެއްޔެވެ؟ ނިއުޅެމުން އެދާ ހުރިހާ ކަމެއްގެ އަސްލާއި ގުޅިފައިވަނީ އޭނަގެ ބައްޕައެވެ. ހުޝިޔާރުވެ ހުރެ މަކަރުވެރި ރޭވުންތައް އަތުރަމުން އެދަނީ އޭނަގެ ފަރާތުން ބަދަލުހިފާށެވެ. އޭނައަށް ފިލާވަޅެއް ދޭށެވެ. ބައްޕަގެ އަމުރާއި ޚިލާފުވުމުން ކަންތައްވާނެ ގޮތް ހަނދުމަކޮށްދޭށެވެ. މިފަދަ ހަމަލާއެއް ކުރިމަތި ވެދާނެކަން ކުރިން ވިސްނާލެވުނުނަމަ، ދުރާލާ އެކަށީގެންވާ ފިޔަވަޅު އެޅުނީހެވެ. އެހެނަސް ހުރިހާކަމެއް ވެގެން ދިޔައީ ކުއްލިޔަކަށެވެ. ލޯބިވާ ފަރާތްތަކުގެ ދިފާއުގައި ނުތެދުވެވެނީސް ކުރިމަތިވި ހަމަލާއާއެކު އޭނަ އެވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ހަތަރެސްފައިގައި ކުށްވެރިކަމުގެ ކަސްތޮޅު އެޅި މާޔޫސްކަމުގެ ކިއްލާއެއްގައި ޤައިދުވެފައި ވާއިރު، އެހުރިހާ ހިތާމަތަކާއެކުވެ ޒޯހާގެ ލޮލުން ފެންނަ މޮޅިވެރިކަމުން އޭނަގެ ތަކުލީފުތައް ބަރުދާސްތުކުރަން އުނދަގޫވާ ހިސާބަށް ގޮސްފިއެވެ.
މޫނިސާގެ އެނދުކައިރީގައި ހުރި އެހީތެރިޔާގެ ގޮނޑީގައި އިން ޒޯހާއަށް ކުއްލިޔަކަށް ކޮޅަށް ތެދުވެވުނެވެ. އަފްލާކް ކުށްވެރިކޮށްފައި ބޮޑުދައިތަ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ޒޯހާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެވާހަތަކުގައި އެކުލެވިގެންވި މިޔައިގެ ތޫނުކަމުން އަފްލާކްގެ ހިތަށް ލިބެމުން ދިޔަ ވޭނާއި ތަދު ޒޯހާއަށް ތަސައްވަރުކުރެވުނެވެ. މޮޅިވެރިކަން އެކުލެވިގެންވި އެމޫނު ފެނި މޭގައި އޮތް ހިތަށް ބާރުވަމުން ދިޔަ ކަމުގެ އިހުސާސް ވެސް ކުރެވުނެވެ.
އަފްލާކް، އަމިއްލަ ނަފުސު ކުށްވެރިކުރަމުންދާ މިންވަރު ފެނި ޒޯހާގެ ދެލޮލުން ކަރުނަ ފާޅުވެގެން ދިޔައެވެ. މިހެން ކަންތައްވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އެހެން މީހެއްގެ ނުބައި ރޭވުންތެރިކަމުން ރުޅިވެރިކަމާއި ތުހުމަތުގެ އިނގިލި އަފްލާކްއަށް އަމާޒުވެގެން ދިއުން އެއީ ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. ހަޤީޤީ ކުށްވެރިޔަކީ ރަމީޒުއެވެ. އަފްލާކެއް ނޫނެވެ. އެހެންވުމުން ތުހުމަތުގެ އިނގިލި ދިއްކުރެވެން ޖެހޭނީ ވެސް ރަމީޒު އަށެވެ.
''ދައްތާ، ތިހެން އަފްލާކްއާއި ވާހަކަ ދައްކަނީ ކީއްވެގެންތަ؟، އައްޔޫބު މިނިވަންކުރަން އެންމެ ބޮޑަށް އެހީތެރިވެދެނީ ވެސް އަފްލާކް، އެކަމަށް އަހަރުމެން ޝުކުރުވެރިވާކަށް ނޫންތަވީ؟... މިކަމުގެ ތުހުމަތު އަފްލާކްގެ ބޮލުގައި އަޅުވަން ތިއުޅެނީ ކީއްވެގެންތަ؟...''
ޒޯހާގެ ކެތްތެރިކަން ކޮއްޅުންލި ހިނދު އެއްޗެއް ބުނަން އޭނަގެ ދޫ ހަރަކާތްކުރިއެވެ. ނަމަވެސް މިފަހަރު ޒޯހާއަށް ވުރެ ކުރިން އަފްލާކްގެ ދިފާއުގައި ވާހަކަދެއްކީ މޫނިސާއެވެ. ޒޯހާގެ އަތުގައި ހިފަހައްޓާލަމުން ދެފަރާތަށް ބޯހޫރާލީ ފަޒީލާއާއި ޒުވާބުނުކުރުމަށް އެދޭ ހާލުގައެވެ. އެވަގުތު މޫނިސާގެ ދެލޮލުގައި ފުރިބާރުވެފައިވި ކަރުނަތައް ލޮލުގެ ހިމަކޮޅުލާފައި ފައިބައިގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ޒޯހާގެ ހިތުގައި ރިއްސާލިއެވެ.
މޫނިސާގެ ޖުމްލައާއެކު ފަޒީލާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ މޫނު ބަނަވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.
''އަދިވެސް ކަލޭމެނަށް އެއްޗެއް ވިސްނޭކަމަކަށް ނުވޭ ދޯ؟... މިވަރުގެ ބޮޑު ލަނޑެއް ލިބުނީމަވެސް ކަލޭމެންގެ ސިކުނޑިއަށް ތެތްކަން ލިބުނުކަމަކަށް ނުވި ދޯ؟... މަ ހަމަ އަޖައިބު އަންތަރީސްވެއްޖެ!، ވެދިޔަ ކަންތަކަށްފަހު މިހިރަ ފިރިހެން މީހާގެ ބޮލުގައި ތުހުމަތު އަޅުވަނީ ކީއްވެގެންހޭ؟!، ސަބަބު ނޭގިގެންތަ މޫނިސާ އެސުވާލު ކުރީ؟.. ވެދިޔަ އެއްވެސްކަމެއް ހަމަ ނުފެންނަނީތަ؟... މީނަ ކޮންކަހަލަ ސިހުރެއް ހަދައިގެންތަ މިމީހުންގެ ނުބައިކަން މޫނިސާއަށް ނުފެންނަނީ؟... އޭނަ؟... އައްޔޫބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ ވެސް ހަމަ މީނަގެ ސަބަބުން، މޫނިސާމެން ކޮންމެ ގޮތަކަށް ދެކުނަސް ވަރިހަމަ... މިހުރިހާކަމެއްގެ ނުބަޔަކީ ހަމަ މީނަ، އެރަމީޒުއަށް މިކަމެއް ކުރަން މަޖުބޫރުކުރާ މީހަކީ ވެސް މީނަ... ހެޔޮނުވާނެ، ކަލޭގެ ބައްޕަ ބުނާހެން ކަލޭ ކަންތައް ކޮށްބަލަ، ޒޯހާ ދޫކޮށް ޒޯހާގެ ދިރިއުޅުމުން ކަލޭ ދުރަށްދޭ!، ކަލޭގެ ބައްޕަ ދައްކާ މީހަކާ ގޮސް އިނދެބަލަ!... ޒޯހާގެ ދިރިއުޅުމަށް ކަލޭ އައިފަހުން އޭނަގެ ދިރިއުޅުން މުޅިން ޚަރާބުވެއްޖެ!... މިހެން ދިމާވުމުން ވެސް ކަލެއަށް އެއްޗެއް ވިސްނެން ވެއްޖެ ދޯ؟... ކަލޭގެ ސުންޕާކަމުން ޒޯހާގެ ޢާއިލާއަށް ލިބެމުން މިދަނީ ކޮންފަދަ ބޮޑެތި ހިތާމަތަކެއްތަ!...... ކަލޭއަކާ ޖެހުނު ފަހުން ޒޯހާގެ ދިރިއުޅުން ބަރުބާދުވެއްޖެ!......''
ފަޒީލާ ހަޅޭއްލަވައިގަތެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އޭނަ އަފްލާކްގެ ގަޔަށް އަތް އިސްކުރަންވެސް ފަހެއް ނުޖެހުނެވެ. އަތަށް ލެވުނުހާ ބާރަކާއެކު އޭނަގެ އަތްތިލައިގެ ހަމަލާ އަމާޒުކޮށްލީ އަފްލާކްގެ ކޯތާފަތަށެވެ.
ދިލަ ހޫނުކަން ކޯތާފަތަށް ފެތުރިގެން ދިޔަ ހިނދުވެސް އަފްލާ ހަރަކާތެއްކޮށްނުލިއެވެ. އިސްތިރިކޮށްލި ގޮތަށް އޭނަ ހުރީ ހަމަހިމޭންވެފައެވެ. ފަޒީލާގެ ދެވަނަ ހަމަލާ އަމާޒުވި ހިނދުވެސް، އަމިއްލަ ދިފާއުގައި އަފްލާކް އެއްވެސްކަމެއް ނުކުރިއެވެ. އޭނަ ހުރީ ނެގިމަޑުވެފައެވެ. އެރުޅިވެރިކަން އޭނައަށް ޖާއިޒުވާކަމަށް ދެކެވުނީތީއެވެ. އޭނަގެ ބޮލުގައި އެޅުނު ތުހުމަތުތަކަކީ ހަޤީޤަތާ ހިލާފު ވާހަކަތަކަށް ނުވާތީއެވެ. ޒޯހާގެ އުފާވެރި ދިރިއުޅުމަށް އޭނަގެ ހިޔަނި އެޅުނުފަހުން، އެއުފާވެރި ދިރިއުޅުން އެދަނީ ހަނަފަސްކަމަށް ބަދަލުވަމުންނެވެ. ހިތާމަތަކާއި އުދާސްކަމުގެ ބަނަ ވިލާތަކުން އުއްމީދުގެ ދޯދިތަކަށް ހުރަސް އަޅައިފިއެވެ. ބަހާރުގެ މާތައް މިލާމޯޅިވެ، ޚަރީފުގެ ފަޅުކަން ވެރިވާން ފަށައިފިއެވެ.
''ކަލޭ މިތަނުން ނިކުމޭ!، މީގެ ފަހުން ކަލޭ މިތަނަށް އައިސްގެން ނުވާނެ...'' ފަޒީލާ ރުންކުރުވިއެވެ. އޭނަ ތިންވަނަ ހަމަލާ އަމާޒުކުރަން ތައްޔާރުވި ވަގުތު އަފްލާކްއާއި ފަޒީލާގެ ދެމެދަށް ވަދެ ހުރަސް އެޅީ ޒޯހާ އެވެ. އަފްލާކްގެ ދިފާއުގެ އައްޑަނައަކަށް ވާން ޒޯހާ ހުރީ ތައްޔާރަށެވެ. އޭރު އޭނަގެ ދެލޮލުން ފަޒީލާއާ މެދު ހިތްހަމަނުޖެހިފައި ހުރި މިންވަރު ހާމަކޮށްދެއެވެ. ހިތާމައިގެ އަސަރުވެސް ވިއެވެ.
''ތިހެން އަފްލާކް ކުށްވެރިކުރާނަމަ އަހަރެންވެސް ކުށްވެރިކުރޭ، އަފްލާކްއާއި އަހަރެން ރައްޓެހިވުމުން ނޫންތަ މިހެން ކަންތައް ދިމާވީ؟... ހުރިހާކަމެއް އެނގިހުރެ އަފްލާކްއާއެކު ދިރިއުޅުމެއް ފަށަން އުޅުނީވެސް އަހަންނެއްނު... އެހެންވީމާ އަހަރެން ވެސް ކުށްވެރިކުރޭ، ހަމައެކަނި އަފްލާކްއަށް ތުހުމަތުގެ އިނގިލި ދިއްނުކުރޭ... އެއްފަހަރު ވިޔަސް ހަޤީޤަތް ހޯދަން މަސައްކަތްކޮށްބަލަ، ބޮޑުދައިތަ ތިހީކުރާކަހަލަ މީހެއް ނޫނޭ އަފްލާކްއަކީ، އެއްފަހަރު ވިޔަސް ނަފްރަތުގެ ނަޒަރުން ނޫން ނަޒަރަކުން އަފްލާކްއަށް ބަލާލަބަލަ، އޭރުން ހުރިހާ ކަމެއްވެސް ރަގަޅަށް ފެންނާނެ... އަފްލާކްގެ ހިތާމަތައް ވެސް ފެންނާނެ، މިކަމުގެ ސަބަބުން އަފްލާކް އަމިއްލަ ނަފުސު ކުށްވެރިކުރާ މިންވަރު ވެސް ފެންނާނެ، އުފުލާ ހިތާމަތައް ވެސް ފެންނާނެ... ރަމީޒުގެ ނުބައިކަމުން އަފްލާކްއަށް ތުހުމަތުގެ އިނގިލި ދިއްކުރަންވީ ކީއްވެގެންތަ؟... މިކަމުގައި އަފްލާކްގެ އޮތީ ކޮން ކުށެއްތަ؟، އަހަންނާއި ރައްޓެހިވުންތަ؟ އެހެންވެއްޖެނަމަ ބޮޑުދައިތަގެ ތުހުމަތުގެ އިނގިލި އަހަންނަށް ވެސް ދިއްކުރޭ، ހަމައެކަނި އަފްލާކް ކުށްވެރިނުކުރޭ... ބައްޕަ މިނިވަންކުރަން އަފްލާކް ކުރަމުންދާ މަސައްކަތް ބޮޑުދައިތައަށް ނުފެންނަނީތަ؟...... ކީއްވެގެންތަ ހުރިހާ ކަމެއްގެ އަފްލާކް ކުށްވެރިކުރަނީ؟......''
ވާހަކަދައްކަމުން ގޮސް ޒޯހާއަށް ރޮވުނީއެވެ.
އިސްއުފުލާލަމުން ޒޯހާގެ މޫނަށް އަފްލާކް ބަލާލިއެވެ. އޭރު އަފްލާކްގެ ދެލޮލުން ވެސް ކަރުނައިގެ ދިލަކަން ފާޅުވެއްޖެއެވެ.
ޒޯހާގެ ވާހަކަތުން ފަޒީލާއަށް ބުމަގޮށްޖަހާލެވުނެވެ. އޭނައާއި ޒޯހާ ޖަދަލުކުރަން ފެށުމުން އެކަމުގެ ހިތްހަމަނުޖެހުން އޭނަގެ މޫނުން ފެނެއެވެ. އެނދުގައި އޮތް މޫނިސާއަށް ވެސް ފަޒީލާ ބަލާލީ ނުރުހުންވެފައި ހުރެއެވެ.
''ސާބަސް!، ހަމަ ސާބަސް!... ތިމާއަށް ވުރެން ބޮޑެތި މީހުންނާ ޒުވާބުކުރަން އެންމެފަހުން ދަސްކުރީ ދޯ...'' އަތްޖަހާލަމުން ފަޒީލާ ބުނެލީ މަލާމާތުގެ ރާގަކަށެވެ. ''ވަރެއްގެ ފިރިހެނަކާ ޖެހިފަ ތިހުރީ، މައިންބަފައިން ދިން ރަގަޅު ތަރުބިއްޔަތު ވެސް ހަނދާންނެތިފަ ވިއްޔާ ތިހުރީ...''
ޒޯހާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުލިބުނީ އަފްލާކް ޒޯހާގެ އަތުގައި ހިފަހައްޓާލަމުން އެކަން މަނާކުރުމުންނެވެ. ކަރުނުން ފުރިފައިވި ދެލޮލުން އަފްލާކްއަށް ބަލާލި ޒޯހާ އޭނަގެ ކޯތާފަތުން ހަލުވިކަމާއެކު ފިރިކެމުން އައި ކަރުނަތައް ފޮހެލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ.
''އަހަރެން ދިއުން ރަގަޅުވާނީ، އިތުރުކަމެއް ވެއްޖެނަމަ އަހަންނަށް ގުޅައްޗޭ...'' ޒޯހާއަށް ބަލާލަމުން އަފަލާކް ހިތި ހިނިތުންވުމެއް ދިނެވެ. މަންޒަރު ބަލަން ހުރި ޒޯހާގެ ހިތުގައި ރިއްސާލިއެވެ. އޭނަގެ އަތުން ދޫކޮށްލުމަށްފަހު ފަސްދީ ހިނގައިގަތް އަފްލާއަށް ބަލަން ޒޯހާއަށް ހުރެވުނެވެ. އޭރު ލޮލަށް ޖަމާވެފައިވި ކަރުނަތަކުން މަންޒަރުތައް އޭނައަށް ފެންނަމުން ދިޔަނީ ނިކަން ފުސްކޮށެވެ.
''ކީއްކުރަން އޭނަގެ ފަހަތުން ތިދަނީ؟...'' ވޯޑުން ނިކުންނަން ދިޔަ ޒޯހާއަށް ނުރުހުމާއެކު ފަޒީލާ ބުންޏެވެ. ނަމަވެސް އެއަޑު ޒޯހާއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ދުވެފައި ގޮސް ވޯޑުން ނިކުތެވެ. ދެންމެ ހިނގި ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު އަފްލާކްއަށް ކުރަން ޒޯހާ ބޭނުމެއް ނުވިއެވެ. ބޮޑުދައިތަގެ ވިހަ ބަސްތަކުން އަފްލާކްއަށް ނުހަނު ފުން އަސަރުތަކެއް ކޮށްފައިވަނިކޮށް އޭނައަށް ވަނީ ފެނިފައެވެ. ޒަހަމުގެ ހާލުގައި ވަނިކޮށް އަފްލާކް އެނަކި ކޮށްލަން ޒޯހާ ބޭނުމެއް ނުވިއެވެ.
*****
''ކޮބާ ހީވޭ ކަމެއް ހެން... ބަލި އެނދުގައި އޮތް މަންމައަށް ވުރެން ޒޯހާއަށް މުހިންމުވީ އެފިިރިހެން މީހާ، އަޅެފަހެ ކީއްވެގެންތަ މޫނިސާއަށް އެއްޗެއް ނުވިސްނިގެން ތިއުޅެނީ؟ި، އެފިިރހެން މީހާއާއި އޭނަގެ ޢާއިލާއަކީ ކެންސަރެއް، އެކެންސަރުގެ މޫގަނޑުގެ ބޮޑުބައެއް މިހާރުވެސް ފެތުރި ފޫނުބެދޭވަރުގެ ގެއްލުންތަކެއް ވަމުން މިދަނީ، ދެންވެސް ނުފެންނަ ކަމަށް ހަދައިގެން ތިއްބާ ވާނެ ގޮތެއް އަންދާޒާކޮށްލަން ދަތި ވާނެ... މޫނިސާގެ ލޮލުގައި އަނދުން އަޅުވަންވެގެން އައްޔޫބު މިނިވަންކުރަން މަސައްކަތްކުރާކަމަށް ހެދިގެން އެއުޅެނީ، އެމީހުންނާ ހެދި ހުރިހާކަމެއް މިވަނީ... އެރަމީޒުގެ ބަލާވެރިކަން ނުޖެހޭނެ މަ ކުރިންވެސް ދިން އިރުޝާދާ އެއްގޮތަށް ކަންތައް ކުރިނަމަ... އަދިވެސް ވަގުތު އެބައޮތް، މިކަމުން މޫނިސާގެ ޢާއިލާ ސަލާމަތްކުރަން މަސައްކަތްކުރޭ، އެފިރެހެން މީހާއާއި ޒޯހާ ދުރުކުރުވާ، އޭރުން ރަމީޒުގެ އުނދަގުލުން ސަލާމަތްވާނެ... އެނޫން އިތުރު ގޮތެއް ނެތް މިކަމުން ދާއިމީ ހައްލެއް ލިބެން!...''
ޒޯހާ ނިކުމެގެން ދިއުމާއެކު ފަޒީލާ ގޮސް އެހީތެރިޔާގެ ގޮނޑީގައި އިށީނެވެ. އަދި އޭނަގެ ބަނދިވަރު އަމުނަން ފެށިއެވެ. މަގުސަދެއްކަމުގައިވީ މޫނިސާގެ ވިސްނުމާ ކުޅެލުމެވެ. މޫނިސާގެ ނިކަމެތި ހާލުގެ ފައިދާ ނަގަން ފަޒީލާ ހުރީ އަތުކުރިއޮޅާލާފައެވެ. ޒޯހާއާއި އަފްލާކް ދުރުކުރަން އޭނައަށް ލިބިފައި އޮތީ ނިކަން ފަހި ފުރުސަތެކެވެ. ދިމާވި ހާދިސާއަށް ފަހު މޫނިސާގެ ވިސްނުން ފަސާދަކުރުމުގައި އޭނައަށް މިހާރު ކުރިއަށްވުރެން ފަސޭހަވާނެއެވެ. ނަފުސާނީގޮތުން ބަލިކަށިވެ، އުފުލަމުން ދިޔަ ހިތާމަޔާއި ވޭންތަކުން އޭނަގެ ވާހަތަކުން މޫނިސާގެ އިހުސާސްތަކާ ކުޅެވިދާނެކަމުގެ ޔަޤީންކަން އެބައޮތެވެ. ބޭނުންވަނީ ވިސްނުންތެރިކަމެވެ.
''މަގޭ ބަސް ނޭހިކަމުން މިހެން މިވީ، ކިތައް ފަހަރު މަަސައްކަތްކުރިން މޫނިސާއަށް ވިސްނައިދޭން... އަަހަރުމެން ބަރުބާދުކޮށްފަ ނޫނީ އެރަމީޒު ދުލެއް ނުކުރާނެ، ދެންވެސް އެއްޗެއް ވިސްނިގެން ޒޯހާ ހުއްޓުވަބަލަ، ފިރިހެނާއަށް ވުރެން ރަގަޅު މީހުން ޒޯހާއަށް ވާނެ، ދުނިޔެ ހުސްވުމުގެ ކޮޅުމަތި ނޫން ވިއްޔާ މިއީ......'' ހަށަން ބަނދެލަމުން ފަޒީލާ ތުންއަނބުރާލިއެވެ.
ހަމަހިމޭންކަމާއެކު މޫނިސާ އޮތީ ފަޒީލާގެ ވާހަކަތައް އަޑުއަހާށެވެ. ރައްދުގައި ބަހެއްވެސް ބުނެނުލިއެވެ. ދައްތަގެ ވާހަތަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލި ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ސިކުނޑިއަށް ލިބެމުން އައި ބުރަހެލިކަމުގެ ސަބަބުންނެވެ.
*****
ހޮސްޕިޓަލްގެ ބޭރުގައި އޮންނަ ޕާރކިން ޒޯނާއި އަރާހަމަކޮށްލި ޒޯހާއަށް، ސައިކަލަށް އަރައި ސްޓާޓްކޮށްލަން އުޅުނު އަފްލާކް ފެނި ބާރަށް ގޮވާލެވުނެވެ. އޭރު ޒޯހާއަށް މައިނޭވާލެވެމުން ދިޔައެވެ. ދުވެފައި އަންނަން ހަދައިގެން ހަށިގަނޑުގެ ހަކަތަ ހުސްވާން ކައިރިވެއްޖެއެވެ. ފުންނޭވާތަކެއްލަމުން މީހާ ހަމައަކަށް އަޅުވަން ޒޯހާ މަސައްކަތްކުރިއެވެ.
ޒޯހާގެ އަޑަށް ފަސްއެނބުރި އަފްލާކް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އަފްލާކްގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. އަރިއަޅާލަން އުޅުނު ޒޯހާ ފެނުމާއެކު އަވަސްއަވަހަށް ސައިކަލުގެ ހަރުޖައްސާލަމުން އަފްލާކްއަށް ދުއްވައިގަނެވުނީ ޒޯހާގެ ގާތަށެެވެ.
މޫނުމައްޗަށް އަނދިރިވެ އަރިއަޅާލަން އުޅުނު ޒޯހާއަށް ހިފަހައްޓާލެވުނީ އޭނަގެ ގާތަށް އައިސް ހުއްޓުނު އަފްލާކްގެ ގަމީހުގައެވެ. އޭނައަށް އަތްތިލައިގެ ތެރެއަށް އަފްލާކްގެ ގަމީސް ބޮނޑިކޮށްލެވުނީ ބާރަށެވެ. ކަންބޮޑުވެފައި ހުރި އަފްލާކްއަށް އޭނަގެ އަތް ޒޯހާގެ އުނަގަނޑުގައި ވަށާލެވުނެވެ. އަދި ކައިރިކޮށްލެވުނެވެ. އެއާއެކު ޒޯހާ ލައްވީ އަފްލާކްގެ މޭގައެވެ. އެކަމުން ރައްކާތެރިކަން ޒޯހާއަށް އިހުސާސްކުރެވުނެވެ.
އިރުކޮޅެއް އެގޮތުގެ މަތީން ފާއިތުވެގެން ދިޔައެވެ. ފުންނޭވާތަކެއް ލަމުން ދިޔަ ޒޯހާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ހެނދުނުއްސުރެން އޭނަގެ ސިކުނޑިއަށް ލިބިފައިވި އުދާސްކަމާއި ހާސްކަމުން ލިބިފައިވި ވަރުބަލިކަމުގެ ސަބަބުން އޭނަގެ ހެޔަށް ގޮތްތަކެއް ވީއެވެ.
ހަށިފުރާ ދޫކޮށްލި ނޭވާތަކާއެކު ހަމަޖެހިލަން ޒޯހާ މަސައްކަތްކުރިއެވެ.
އަފްލާކްއާއި ދުރަށް ޖެހިލަން ޒޯހާ ގެނައި ހަރަކާތާއެކު ޖެހިލުންވުން އަފްލާކްގެ ފަރާތުން ފެނުނެވެ. އަނެއްކާވެސް ޒޯހާ އަރިއަޅާފާނެތީ އެނުތަނަވަސްކަން އަފްލާކްގެ ދެލޮލުން ފެނެއެވެ. އަފްލާކްއަށް ބަލާލި ޒޯހާގެ ހިތުގައި ރިއްސާލިއެވެ. އެދެލޮލުން އޭނައަށް ފެނުނު ޝުޢޫރުތަކުން ހިތް ގެނބުނުކަހަލަ އިހުސާސެއް ކުރެވުނެވެ. ހުރިހާ ހިތާމަޔަކާއި އުދާހެއް އޮއްބާލަން އަފްލާކް އެދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ސަބަބުން ހުރިހާކަމެއް ބަރުދާސްތުކުރަން ދަތިވާ ހިސާބަށް ގޮސްފައިވާކަން ވެސް ޒޯހާއަށް ފާހަގަކުރެވުނެވެ. އޭނަ އިތުރަށް ދެރަވީ އެހެން ވެއެވެ. އަފްލާކްގެ އުދާސްތަކަށް ނިމުން ގެނެސްދިނުމުގައި އޭނަ ނުކުޅެދިފައިވާތީއެވެ. އެވަގުތު އަފްލާކްގެ އަތުގައި ޒޯހާއަށް ހިފަހައްޓާލެވުނެވެ. އަދި ފަނޑުހިނިތުންވުމެއް ދޭން މަސައްކަތްކުރިއެވެ. އެހެނަސް ޒޯހާގެ ހިތުގެ އުދާސްތައް އެކަމަށް ފުރިހަމަ އެއްބާރުލުމެއް ނުދިނެވެ.
''މިހާރު ރަގަޅޭ...'' ޒޯހާ ބުނެލިއެވެ. ދެންވެސް ކަންބޮޑުވުން އަފްލާކްގެ ފަރާތުން ފެނުނެވެ. އޭނަ ޒޯހާގެ ގައިން ދޫކޮށްލީ ކުރިމަތިވެދާނެ އިތުރުކަމަކަށް ހުޝިޔާރުވެގެން ހުރެއެވެ. ނޭގިނަމަވެސް އެއިން ކޮންމެ ކަމަކުން އަފްލާކްގެ ހިތުގައި ޒޯހާއަށް ޓަކައިވާ މަތިވެރި ލޯބި ބަޔާންކޮށްދެމުން ދިޔައެވެ. އެކަންތައް އިހުސާސް ކުރެވުނު ޒޯހާގެ ލޮލުން ކަރުނަތައް ނީރާލިއެވެ. މިއަނިޔާވެރި ދުނިޔޭގައި އޭނައާއި އަފްލާކްއަށް ހަމަޖެހުމެއް ލިބެން ހަމަ ނެތީ ހެއްޔެވެ؟ އާބާއްޖަވެރި ހަޔާތަކަށް ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހުމުގެ ފުރުސަތު ލިބެން ނެތީ ހެއްޔެވެ؟
ތަޤުދީރުގެ ނިޔާތަކާ މެދު ޒޯހާގެ ހިތުގައި ވަނީ ހުސް ޝަކުވާތަކެވެ.
*****
އެކަނިމާއެކަނި ޖޯލީގައި އޮށޯވެލައިގެން އޮތް މާރިޔާގެ ނަޒަރު ހުއްޓިފައިވަނީ ބަނބުކެޔޮ ގަހުގައި ހޭލަމޭލަވަމުން އައި ކަނދުވަލުދޫނިތަކެވެ. އެސޮރުމެން މިނިވަންކަމުގެ ރާހަތުގެ ތެރޭގައި އުދުހެމުން އުފާކުރަމުން ދިޔަ މަންޒަރު ފެނި މާރިޔާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެފަދަ މިނިވަންކަމެއް އޭނައާއި އަފްލާކްއަށް ވެސް ލިބިފައިވިނަމަ ކިހާ ރަގަޅު ހެއްޔޭ މަރިޔާގެ ހިތަށް އަރަމުން ދިޔައެވެ. ރަމީޒުގެ ނުފޫޒުން އެދަމައިންނަށް ސަލާމަތެއް ލިބިފައިވިނަމައޭ ވެސް ހިތަށް އަރަމުން ދިޔައެވެ.
ރަމީޒުގެ ނުބައިކަމުން އިތުރު ޢާއިލާއެއް ބަރުބާދުވެގެންދާ ތަން ދެކެން ހިމޭނުން ހުންނަން މާރިޔާ ބޭނުމެއް ނުވިއެވެ. މިއަދު މޫނިސާ އަނބުރައިގަތް ޚަބަރާއި، އެޢާއިލާ ބަދުނާމުވެފައިވާ މިންވަރާއި، އުފަލަމުން ދާ ހިތާމަތައް ފެނި މާރިޔާ ވަނީ ގޮތްހުސްވެފައެވެ. އަފްލާކްގެ އުދާސްތައް ފެނިވެސް މާރިޔާ ހުންނަނީ ފިކުރުބޮޑުވެފައެވެ.
ފުންވިސްނުމެއްގެ ތެރެއަށް މާރިޔާ ގެއްލުނެވެ. އަމިއްލަ ޒަމީރާއި އެތައް މަޝްވަރާއެއް ކުރުމަށްފަހު މާރިޔާ ނިންމީ ރަމީޒުއާ ބައްދަލުކުރަން ދާށެވެ. ރަމީޒުގެ ފައިބުޑަށް ވެއްޓި އާދޭސްކޮށްގެން ވިޔަސް އަފްލާކްގެ މިނިވަންކަމާއި އުފަލަށް އެދި ސަލާންޖަހަން އޭނަ ބޭނުމެވެ. ޒޯހާގެ ޢާއިލާއަށް ކުރިމަތިކުރަވަމުން ދިޔަ ފިއްތުންތަކާއި ދުއްތުރާތަކަށް ނިމުންގެނެސްދިނުމަށް އެދި އާދޭސް ކުރަން ވެސް މެއެވެ. އައްޔޫބުގެ ބޮލުގައި އެޅިފައިވި ދޮގު ތުހުމަތުތަކުން މިންޖުކޮށްދިނުމަށް އެދި އާދޭސްކުރަން ވެސް މެއެވެ. އެކަމަށް ކޮންމެ ފަދަ ޤުރުބާނީއެއް ވާން ވިޔަސް މާރިޔާއަށް ވަރިހަމައެވެ.
*****
ހޮސްޕިޓަލާއި ކައިރީގައި އޮންނަ ގޮނޑުދޮށް ކައިރީގައި ހުރި ހިލަ ގޮނޑިއެއްގައި ޒޯހާ އިށީންދެލައިގެން އިނެވެ. އޭރު އެހިސާބުގަނޑުގައި ހުންނަ ފިހާރަޔަކުން ފެންފުޅިއެއް ގަނެގެން އަންނަ އަފްލާކްއަށް ޒޯހާގެ ނަޒަރު ހުއްޓިފައިވިއެވެ.
އަފްލާކް އައިސް ޒޯހާގެ އަތަށް ފެންފުޅި ދިއްކޮށްލިއެވެ. އަދި ޒޯހާގެ ގާތުގައި އިށީނެވެ.
އަތުގައި އޮތް ފެންފުޅިން ޒޯހާ ކޯވަރެއް ބޯލިއެވެ. ފެނުގައިވި ފިނިކަމުގެ އަސަރު އަރުތެރެއަށާއި ޖިސްމަށް ފެތުރިގެން ދިއުމާއެކު ހަމަޖެހުން ގެނެސްދިނެވެ. އިތުރު ކޯވަރެއް ވެސް ޒޯހާ ބޯލިއެވެ.
އޭރު އަފްލާކްގެ ނަޒަރު ހުއްޓިފައިވަނީ ގަސްކަރައިގެ ތެރޭން ފުރޭނިގެން ގޮސް ފެންނަން އޮތް މޫދަށެވެ. ކަނޑުން އަންނަ ފިނި ރޯޅިތަކުން ފަޒާގައި ހަރުލާފައި ވަނީ އަރާމުކުރުވަނިވި ފިނިކަމެކެވެ. ރާޅުތަކުގެ ލުއިލުއި އަޑު ވެސް އިރުއިރުކޮޅާ އިވެމުން ދިޔައެވެ.
''އައެމް ސޮރީ...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު އަފްލާކް ބުންޏެވެ. އޭނައަށް ޒޯހާއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައިވާ މިންވަރު އަމަލުތަކުން ބަޔާންކޮށްދެއެވެ.
''މަޢާފަށް އެދޭވަރުގެ ކަމެއް ނުވޭ... ވެދިޔަ އެއްވެސް ކަމެއްގައި އަހަރެން އަދި މަންމަ ވެސް އަފްލާކް ކުށްވެރިއެއް ނުކުރޭ، ސޯ ޕްލީޒް، ސްޓޮޕް ބްލޭމިންގް ޔޯރ ސެލްފް... ބޮޑުދައިތަގެ ވާހަކަތަކާ މެދު ނުވިސްނާ...'' އަފްލާކްގެ އަތުގައި ޒޯހާ ހިފާލިއެވެ. ދެންވެސް އަފްލާކް ބަލާނުލިއެވެ. އެދެލޮލުގައި ވަނީ ރިހުމެވެ.
''ބައްޕަ އެހެން ކަންތައް އެކުރަނީ އަހަރެން ޒޯހާއާއި ވަކިނުވާނަންކަމަށް ބުނުމުން... ބޮޑުދައިތަ ބުނީ ދޮގު ވާހަކަތަކެއް ނޫން... ދިސް އިޒް ހެޕެނިންގް ބިކޯޒް އޮފް މީ...'' އަފްލާކް ބުންޏެވެ. އަހަރެން ޒޯހާގެ ދިރިއުޅުމަށް އައި ފަހުން އަބަދުވެސް ކުރިމަތިލާން ޖެހިފައިވަނީ ހިތާމަތަކާ، އަހަރެންގެ ފަރާތުން ޒޯހާއަށް އުފަލެއް ނުލިބޭ...''
''އަފްލާކް، އަހަންނަށް ބަލާބަލަ...'' ޒޯހާގެ އަޑުގައި ވަނީ އާދޭހެވެ. ''ޕްލީޒް...''
ފުންނޭވާއެއް ދޫކޮށްލަމުން އަފްލާކް ޒޯހާއަށް ބަލާލިއެވެ. އެވަގުތު ޒޯހާގެ ލޮލުގައިވި ކަރުނަތައް ފެނި އަފްލާކްގެ ހިތުގައި ރިއްސާލިއެވެ.
''ދެން ތިހެން ދުވަހަވެސް ބުނެގެން ނުވާނެ!... މިހެން ކަންތައް މިވަނީ އަފްލާކްގެ ސަބަބުންނެއް ނޫން... މީގެ ފަހުން އަމިއްލަ ނަފުސު ކުށްވެރިކޮށްގެން ނުވާނެ، ރަމީޒު ބޭނުންވާ ގޮތަކީ ވެސް އެއީ...'' އަފްލާކްއަށް ވިސްނައިދޭން ޒޯހާ މަސައްކަތްކުރިއެވެ. އަފްލާކްގެ ހިތާމަތަކަށް ލުޔެއް ހޯދައިދޭން ވެސް މެއެވެ. އެހިތުގައިވާ ޒަހަމްތަކުގެ ޝިފާއަކަށް ވާން ވެސް މެއެވެ.
''އަހަރެން އަފްލާކްއަށް އިތުބާރުކުރަން، މާތްﷲގެ އިރާދަފުޅާއެކު ބައްޕަގެ ކުށެއް ނެތްކަން ސާބިތުވާނެ... އަދި ބައްޕަ މިނިވަންވެސް ވާނެ، ނުބައި މީހުނަށް އަބަދު ކާމިޔާބެއް ނުލިބޭނެ، އަބަދުވެސް ހައްޤަށް ނަސްރު ލިބޭނީ...'' ޒޯހާ ބުންޏެވެ.
ޒޯހާގެ ވާހަތަކުން އަފްލާކްގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ރެސްޓޯރެންޓްގެ މޭޒުދޮށުގައި ރަމީޒުއާއި ފަހީމް މަޝްވަރާކުރަމުން ދިޔައީ އެމީހުންގެ ރޭވުމުގެ އިތުރު މަރުހަލާތައް ކާމިޔާބުކުރާނެ ގޮތަކާ މެދުގައެވެ. ހުރިހާ ދިމާއަކުން ވެސް އެމީހުންގެ މަޅިފަތިތަކުގައި އަފްލާކް ހައްޔަރުކުރަން އެމީހުން ނުހަނު ބޭނުމެވެ.
''ކޯޓުން ވެސް ކުރިއެރުން ލިބޭނީ އަހަރުމެންނަށް... ކޯޓުގައި ތިބޭނީ ހުސް އަހަރެން ދަންނަ މީހުން، ކަމަކު އެދެފިއްޔާ ނޫނެކޭ ބުނަން އެކަކަށް ވެސް ނުކެރޭނެ... އެހެންނޫނީ އެމީހުންގެ ސިއްރުތައް ބޭޒާރުކޮށްލާނެކަމުގެ ބިރު އޮންނާނެ ވިއްޔާ...'' ހިނިގަނޑެއް ޖަހާލަމުން ފަހީމް ބުންޏެވެ. ރަމީޒު ވެސް ހިނިތުންވެލިއެވެ. އޭނަގެ މޫނުމަތިން ހަމަޖެހުން ފެނެއެވެ.
''މާދަން ރަމީޒު ވާނެ އެއަންހެނާއާއި ބައްދަލުކުރަން... އޭނަގެ ބައްޕަ ޖަލުން މިނިވަން ކުރަން ބޭނުންވާނަމަ އަފްލާކްއާއި ދުރުވާން ބުނޭ، އަދި އަފްލާކް ނުފެންނަ ހިސާބަކަށް ދާން އެމީހުނަށް ފައިސާ ދީ، ބޮޑު އަަދަދެއް ދިނީމަ ތިބޭނެ ދުނިޔެއިން މޮޔަވެފަ!...'' އަތުގައި އޮތް ކޯކުތަށިން ކޯވަރެއް ބޯލަމުން ފަހީމް ބުނެލިއެވެ. އެއާއެކު ރަމީޒު އެއްބަސް ވިއެވެ.
''ފައިސާ ހުރުމުން ނުވާނީ ކޮންކަމެއް، އައްޔޫބު އެންމެ އިތުބާރުކުރި މީހާވެސް އެންމެ ފަހު ވަގުތު ފައިސާގެ ދަހިވެތިކަމުގައި އޭނައަށް ދިނީ ލަނޑު...'' ރަމީޒު ބުނެލިއެވެ.
''އަހާނ، މިއޮއް އައީނު މިކަން ކާމިޔާބުކޮށް ދިނުމުގައި އަހަރުމެންނަށް އެހީވެދިން މީހާ...'' ރަމީޒު ގޮނޑިން ތެދުވެލަމުން ސަލާމަތް އަތްދިއްކޮށްލިއެވެ. އެވަގުތު މޭޒު ކައިރިއަށް އައިސް ހުއްޓުނު މެދު އުމުރުގެ މީހާއަށް ފަހީމް ބަލާލީ ޝައުޤުވެރިކަމާއެކު އެވެ.
ވާފިރު އައިސް ރަމީޒުގެ އަތުގައި ހިފާ ސަލާންކޮށްލިއެވެ. އަދި ފަހީމްއަށް ވެސް ސަލާމަށް އަތްދިއްކޮށްލިއެވެ.