ފޯނުގެ އަނެއްކޮޅުން އިވުނު ޚަބަރާއެކު ޒޯހާގެ މޫނުމަތިން ފެނިގެން ދިޔައީ ސިހުމާއި ބިރުވެރިކަމެވެ. ހިއްސުތަކަށް އަރައިގެން ދިޔަ ލޮޅުމާއެކު ސިކުނޑީގެ މަސައްކަތަށް ވެސް ބުރޫއަރައިގެން ދިޔަ ކަހަލައެވެ. ހުއްޓުން އަރާފައި މީހާއަށް ހުރެވުނީ އިވުނު ވާހަކައިގެ ސައްހަކަމާ މެދު ހިތުގައި އުފެދިގެން އައި ސުވާލުތަކުންނެވެ. އޭރުވެސް އެބިރުވެރި ޚަބަރު ރަނގަބީލެއްގެ ސިފައިގައި ކަންފަތުގެ ތޫރީގެ ތެރޭގައި ގުގުމަމުން ދިޔައެވެ. ހިނދަށްހިނދަކަށް އެޖުމްލަތަކުގައިވި ވިހަކަން ހިތުގެ ތެރެއަށް ފޭދި ބިރުވެރިކަމާއި ވޭން އުފައްދާލައިފިއެވެ. އޭރުވެސް ޒޯހާއަށް ހަރަކާތެއްކޮށެއް ނުލެވުނެވެ. މީހާ ހުރީ ގަބުވެފައެވެ. ނޭވާ ހޮޅިތެރޭގައި ތާށިވެ މީހާގެ މޫނުގެ ދިރުން ވެސް ގެއްލިފައިވާ ކަހަލައެވެ. އޭނައަށް އެއްވެސްކަމެއް ރަގަޅަށް ދޭހައެއް ނުކުރެވެއެވެ. ސިކުނޑިއަށް ލިބުނު ޝޮކުގެ ސަބަބުން ވިސްނުމުގެ މައްޗަށް އޮތް އަމިއްލަ ބާރު ދޫވެފައިވާ ކަހަލައެވެ. މުޅި މީހާ ވަނީ ފުން ސިހުމެއްގެ ތެރޭގައެވެ. ކަންފަތުގެ ތޫރީގެ ތެރޭގައި ތަކުރާރުވަމުން ދިޔަ ޖުމްލަތައް ޤަބޫލުކުރަން ޒޯހާގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ. އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން އައީ ގަނޑުވެފައި ހުއްޓާއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި މޫނިސާއަށް ގޮވާލެވުނެވެ. ޒޯހާއަށް އައި ކުއްލި ބަދަލާއެކު އޭނަގެ މޫނުމަތިން ހައިރާންކަމާއި ނުތަނަވަސްކަން ފަނެއެވެ. އޭނަ ޒޯހާ ގާތަށް ދިއުމަށް އަވަސްވެގަތް ވަގުތަކީ، ޒޯހާގެ ކަންފަތުގައި ޖައްސައިގެން ހުރި ފޯނު، ޒޯހާގެ އަތުން ދޫވެ ޓައިލްސްތަކުގެ މަތީގައި ޖެހި ފުނޑުފުނޑުވެގެން ދިޔަ އަޑު ބޮޑުކޮޓަރި ތެރެއަށް ފެތުރިގެން ދިޔަ ވަގުތެވެ. އެއާއެކު ނުބައި ޚަބަރެއްގެ ހިލަން މޫނިސާގެ ހަވަނަ ހިއްސު ނަގައިގަތެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އަވަސްވެ ނޭވާ ފުންވެއްޖެއެވެ. ޒޯހާ ގާތަށް ހުއްޓިލަމުން ޒޯހާގެ އަތުގައި މޫނިސާ ހިފާލިއެވެ. އަދި ގޮވާލިއެވެ. އެހެނަސް، ޒޯހާއަށް އަޑު އިވުނުހެނެއް ހިޔެއްނުވިއެވެ. އޭގެ ސަބަބުން މޫނިސާގެ ހާސްކަން ފާއިތުވާން ފެށި ކޮންމެ ސިކުންތަކާއެކު ދިޔައީ އިތުރުވަމުންނެވެ. ހިތް މޭގެތެރޭގައި ނެގިނެގިފައި ޖެހެން ފަށައިފިއެވެ.

''ޒޯހާ...'' ޒޯހާގެ މުލައްދަނޑީގައި ހިފާ ތަޅުވައިގަންނަމުން މޫނިސާ ގޮވާލިއެވެ. އެވަގުތު މީހާއަށް ލިބުނު ސިހުމާއެކު ޒޯހާއަށް ހަމަހޭވެރިކަން ވިއެވެ. އެވަގުތު މަންމަގެ މޫނަށް ގޮސް ހުއްޓުނު ނަޒަރާއެކު ޒޯހާގެ ލޯ ފުރިބާރުވަމުން ދިޔަ ކަރުނަތައް ހަލުވިކަމާއެކު ފައިބައިގަތެވެ. ހަށިގަނޑުގެ ސެލްތަކަށް އައިސްފައިވި ކުއްލި ލޮޅުން ޒޯހާއަށް އިހުސާސްކުރެވިގެން ދިޔައީ ދެނެވެ. ހިތުގައި އުފެދިފައިވި ފުން ރިހުން މޭގެ ތެރެއަށް ހަލުވިކަމާއެކު ފެތުރެމުން ދިޔަކަން ވެސް އޭނައަށް އިހުސާސްކުރެވުނެވެ.

އެތަދުތަކުގެ ގިލަންވެރިކަމުގެ ތެރޭގައި ހަޤީޤަތާ ކުރިމަތިލާން ޒޯހާގެ ހިއްސުތައް ނުކުޅެދުނެވެ. އަދިވެސް އެވާހަކަތައް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅުހަދާތީއެވެ. މޭގެތެރޭގައި އުފެދިފައިވި އުދާސްތައް އާހުތަކުގެ ގޮތުގައި ބޭރުވެގެން ދިޔައީ އެދނަޑިވަޅުގައެވެ.

ޒޯހާއަށް އަންނަމުން ދިޔަ ބަދަލުތަކުން މޫނިސާ ވަރަށް ބޮޑަށް ބިރުގަތެވެ. ޒޯހާގެ މޫނުން ފެންނަމުން ދިޔަ ހިތްދަތިކަމުގެ ސަބަބުން މޫނިސާގެ މެޔަށް ފިނިވާ ގޮތް ވިއެވެ.

''ދަރިފުޅާ، ކިހިނެއް ވީތަ؟...'' މޫނިސާގެ އަޑުގައި ވަނީ ބިރުވެރިކަމެވެ. އެވަގުތު އައްޔޫބުގެ ނަން އޭނަގެ ހިތަށް ސަވާރުވެގެން އައީ ކުއްލިޔަކަށެވެ. އެއާއެކު މޫނިސާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ޒޯހާއަށް އައިސްފައިވި ބަދަލުތަކުން އޭނަ އިތުރަށް ހާސްކުރުވައި ނޭވާ ކުރުކޮށްފިއެވެ.

ޒޯހާއަށް ގިސްލެވުނީއެވެ. މަންމައާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތްކަހަލައެވެ. އިސްތިރިކޮށްލެވުނު ހިނދު އޭނަގެ އަރުތެރޭން ވޭނީ އާހުތަކެއް ބޭރުވެގެން ދިޔައެވެ. އޭރު ހޯސްލާފައި ޒޯހާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މޭގައި އުފެދިފައިވި ބަރުދާސްތުކުރަން ދަތި ތަދާއެކު ޒޯހާއަށް މޭގައި އަތްޖައްސާލެވުނެވެ. އޭނައަށް ނޭވާލާން ވެސް ވަނީ ދަތިވެފައެވެ. ކަކުލުހުޅުން ވާގި ދޫވިކަމުގެ އިހުސާސާއެކު ޒޯހާއަށް ބިންމައްޗަށް ތިރިވެވުނެވެ. ބިމުގައި ފައިތިލަ ސާބިތުކުރާނެހާ ހިތްވަރެއް އޭނައަކަށް އަލުން ނުލިބުނެވެ. ފައިތިލަ ދަށުގައި އޮތް ބިންގަނޑުންވެސް ގުޑައިގެން ގޮސްފައިވާ ކަހަލައެވެ.

ޒޯހާއަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. އިވުނު ބިރުވެރި ޚަބަރާއެކު އޭނަގެ މުޅި ނަފުސު ބަލިކަށިވެގެން ހިނގައްޖެއެވެ. މަންމައާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ވެސް ނުލިބުނެވެ. ނުވީތާކަށް ބައްޕަ ނިޔާވި ޚަބަރަރު މަންމަ ގާތު ހާމަކުރާނެ ގޮތެއް ވެސް ޒޯހާގެ ސިކުނޑިއަކަށް ވިސްނައިނުގަނެވުނެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާ ކަހަލައެވެ. ހަދާނެ ގޮތް ހުސްވެ މުޅި މީހާ ދިޔައީ ހިތާމައާއި ކަރުނައިގެ ފުން ކަނޑެއް ތެރޭގައި ޢަރަގުވަމުންނެވެ.

''ޒޯހާ... ތިހެން ނުރޮއި މަންމަ ގާތު ވެގެން އުޅޭ ގޮތެއް ބުނެބަލަ، ކިހިނެއް ވެގެންތަ ތި ރޮއިނީ؟، އަނެއްކާ!... އަނެއްކާ!... ދަރިފުޅުގެ ބައްޕައަށް ކަމެއް ވީތަ؟... ޒޯހާ!!!...'' ޒޯހާ ގާތަށް ތިރިވި މޫނިސާގެ ދެލޮލުން ވެސް ކަރުނަ ހިލިއްޖެއެވެ. ހިތުގައި ޖެހި ގިސްލަމުން ދިޔަ ޒޯހާ ބަރުދާސްތުކުރަމުންދާ ވޭން އޭނައަށް އިހުސާސްކުރެވެއެވެ. އެވޭންތަކުގެ ފަހަތުގައިވާ ސަބަބު އޮޅުންފިލުވަން މޫނިސާ ހުރީ ނުހަނު ބޭނުންވެފައެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ ނުހަނު އަވަސްވެފައެވެ.

ޒޯހާގެ ފަރާތަކުން ޖަވާބެއް ނުލިބުނެވެ. ރުއިން ނޫންކަމެއް ޒޯހާއަކަށް ނުކުރެވުނެވެ. އެންމެފަހުން މޫނިސާ ގައިގައި ބައްދާލަމުން ގަދަޔަށް ގިސްލާން ފެށިއެވެ. ޒޯހާގެ ބުރަކަށީގައި ފިރުމާލަމުން، ޒޯހާ މަސަލަސްކުރެވޭތޯ މޫނިސާ މަސައްކަތްކުރިއެވެ.

އެސަކަރާތެއްގެ ތެރޭގައި ވަނިކޮށް އެގެއަށް ވަދެގެން އައީ އަފްލާކްއެވެ. އޭނައަށް ޒޯހާ ފެންނައިރަށް ފިޔަވަޅުތައް އަވަސްވެއްޖެއެވެ. އެމޫނުމަތިން ވެސް ހާސްކަމާއި ކަންބޮޑުވުން ފެންނަމުން ދިޔައެވެ.

''އަފްލާކް...'' އަފްލާކް ފެންނައިރަށް މޫނިސާއަށް ގޮވާލެވުނެވެ. އޭނަ އަފްލާކްއަށް ބަލާލީ އެހިތުގައިވާ ސުވާލުތަކުގެ ޖަވާބު އަފްލާކްގެ ފަރާތުން ލިބިގެން ހިނގައިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް، އަފްލާކްގެ މޫނުމަތިން ވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. ޒޯހާގެ ހާލަތާ މެދު އުފެދިފައިވި ސުވާލުތަކެވެ. ކަންބޮޑުވުމެވެ. ބިރުވެރިކަމެވެ.

''ޒޯހާ...'' އަފްލާކް ގޮވާލިއެވެ. އެއާއެކު ތަގުޅިކޮށްލެވިފައިވި ދެލޯ ޒޯހާ ހުޅުވާލިއެވެ. ޒޯހާއާއި ހަތަރުކަޅި ބައްދަލުވި ހިނދު އަފްލާކްގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. އެދެލޮލުގައިވި ކަރުނައާއި އުދާސްތަކުން އޭނައާ ހިއްސާކުރަން ބޭނުންވާ ވާހަކަތަކުން އަފްލާކްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އެގޮތުގެ މަތީން ހިމޭންކަމުގެ ސުކޫތެއް ފާއިތުވިއެވެ.

އަފްލާކްއަށް ސިހުން ގެނުވީ އޭނަގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށި އަޑަށެވެ. ޒޯހާއާ ނަޒަރު ވަކިކުރުމެއް ނެތި އަފްލާކް ކޮޅަށް ތެދުވުނެވެ. އަދި ފޯނަށް ޖަވާބު ދިނެވެ. އޭރު މޫނިސާ ދިޔައީ ފަރުވާތެރިކަމާއެކު އަފްލާކްއަށް ބަލަމުންނެވެ. ޒޯހާއަށް އައި ކުއްލި ބަދަލުގެ ފަހަތުގައިވާ ސަބަބު އަފްލާކްއަށް އެއައި ފޯނުކޯލުން ލިބުދާނެކަމަށް އޭނަގެ ހިތް ބުނީތީއެވެ.

''ހަލޯ...'' އަފްލާކް ފޯނަށް ޖަވާބު ދިނެވެ. އޭނައަށް ގުޅަނީ ޕޮލިހުގައި އުޅޭ އޭނަގެ ރައްޓެހި އާޒިމެވެ. އެހާ ހެނދުނު ގަޑިއެއްގައި އާޒިމު ގުޅުމުން އަފްލާކްއަށް ހައިރާންކަން ލިބިފައި ވިއެވެ.

''އަފްލާކް، ވަރަށް ދެރަ ޚަބަރެއް ދޭންވެގެން މިގުޅީ، ޒޯހާގެ ބައްޕަ ގޮޅީގައި ދަންޖެހިފައި އިންދާ ދެންމެ ހޮސްޕިޓަލަށް ގެންގޮސްފި، މަޢުލޫމާތު ލިބޭ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވިންދެއް ނެތް... ނޭވާއެއް ނުލާ...'' އާޒިމްގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެން ވިއެވެ. އެޚަބަރު އަފްލާކްއާއި ހިއްސާކުރަން އޭނައަށް ދަތިވެފައިވާ މިންވަރު އަޑުން ހާމަކޮސްދެއެވެ.

''ވަޓް!!!...'' އަފްލާކްއަށް ލިބުނީ ސިހުމެވެ. އޭނައަށް ޤަބޫލެއް ނުކުރެވުނެވެ.

''ޑިއުޓީއަށް އައިތަނާ މި ޚަބަރެއް ލިބުނީ... މިއަދު ހެނދު ގޮޅިތައް އިންސްޕެކްޓްކުރަން ދިޔަ އޮފިސަރަކަށް ފެނުނީ ދަންޖެހިފައި އިންދާ، ބެލެވޭ ގޮތުގައި އަމިއްލައަށް މަރުވެފައި އިނީ، އެނދުގައި އަޅާ ބެޑު ޝީޓު ގޮޅީގައި ހުރި ކުޑަދޮރުގެ ތޭރިތަކުގައި އައްސައިގެން ދަންޖެހިފަ އިނީ... މިހާރު ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވިފައި ވަނީ، އިރުކޮޅަކުން ގުޅާނެ ޢާއިލާ މީހުންނަށް ޚަބަރުދޭން... އަހަރެން މިދަނީ މިހާރު ހޮސްޕިޓަލަށް ދާން، އިތުރު މަޢުލޫމާތެއް ލިބިއްޖެއްޔާމު އަހަރެން ވަގުތުން ގުޅާނަން...''

އާޒިމު ފޯނު ކަނޑާލިއެވެ. ކަންފަތާއި ފޯނު ވަކިކޮށްލަން ނޭގިފައި އަފްލާކްއަށް ހުރެވުނީ ގަނޑުވެފައެވެ. ނޭވާލާން ވެސް އޭނަ ހަނދާން ނެތިފައިވާ ކަހަލައެވެ. ކަންފަތަށް އިވުނު ބަސްތައް ހަޖަމުކުރަން އޭނައަށް އިންތިހާށް އުނދަގޫވެފައި ވިއެވެ.

ލަސްލަހުން ފަސްއެނބުރުނު އަފްލާކްއަށް ބަލާލެވުނީ ޒޯހާ އަށެވެ. ކަރުނައަޅާ ރޮމުން ދިޔަ ޒޯހާގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު އަފްލާކްއަށް އެނގުމާއެކު އޭނަގެ ހިތް މޭގެ ތެރޭގައި ފިތެމުންދާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ލޮލަށް ކަރުނަ ޖަމާވެގެން އައީ އައްޔޫބުގެ ކުއްލި ވަކިވެ ދިއުމާއެކު ލިބުނު ވޭނާއި ތަކުލީފުގެ ބޮޑުކަމުންނެވެ. މިހެން ވިމީ ކީއްވެގެން ހެއްޔެވެ؟

*****

''ރަމީޒު!...'' ހެނދުނުގެ ސަޔަށް އިންސާފުކުރަން އިން ރަމީޒު އާއި އޭނަގެ ލޯބިވެރިޔާ ރަނާއަށް ސިހުން ލިބުނީ ފަހީމްގެ ބާރު އަޑަށެވެ. އަތުގައި އޮތް ޕާން ފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުން ގޮނޑިން ތެދުވާން އުޅުނު ރަމީޒުއަށް ހުއްޓެވުނީ ކާކޮޓަރިއަށް ވަން ފަހީމް ފެނުމުންނެވެ. ރަމީޒު ހިނިތުންވެލިއެވެ. އެވަގުތު ފަހީމްގެ މޫނުން ރަމީޒުއަށް ހިތްހަމަނުޖެހުމުގެ އަސަރު ފާހަގަކުރެވުނެވެ. އައްޔޫބުގެ މަރުގެ ޚަބަރު ފަހީމްގެ ކަންފަތާ ހަމައަށް ފޯރައިފިކަން އޭނައަށް ނަގައިގަނެވުނެވެ.

ރުޅިއައިސްފައި ހުރި ފަހީމް ގޮސް ރަމީޒުގެ ގަމީހުގެ ގިރުވާނުގައި ހިފާލަމުން ޖެހި ބާރު ލުއްކިއާއެކު ގޮނޑިން ތެދުކުރުވިއެވެ. އެއާއެކު މަންޒަރު ބަލަން އިން ރަނާ ފުންމައިގެންފައި ގޮނޑިން ތެދުވެއްޖެއެވެ.

''ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ؟...'' ރަނާ ހަޅޭއްލަވައިގަތެވެ. އަދި ރަމީޒުގެ ގަމީހުގެ ގިރުވާނުން ދޫކޮށްލުމަށް ފަހީމު ގާތު ބުނެލީ ބުމަ ގޮށްޖަހާލައި މޫނަށް ވެސް ގޮތެއް ހަދާލަމުންނެވެ.

''ކަލޭއާ ބެހޭ ކަމެއް މިތާކު ނުހިނގާ......'' ފަހީމް ހިތްހަމަނުޖެހުމާއެކު ހަޅޭއްލަވައިގަތެވެ. އެއާއެކު ރަނާގެ އަނގަސަކަރާތް ވިއެވެ. ރައްދުގައި އެއްޗެއް ބުނަން އުޅެނިކޮށް އޭނަ ހުއްޓުވީ ރަމީޒުއެވެ.

''ސައިބޮވިއްޖެއެއްނު؟، ދެން، ކަލޭ މިތަނުން ނިކުމޭ!...'' ރަނާއަށް ބަލާލަމުން ރަމީޒު އަމުރުކުރިއެވެ. އިރުކޮޅެއް ވަންދެން ރަމީޒުއަށް ބަލަން ހުރި ރަނާ ކާމޭޒުމަތީ އޮތް އޭނަގެ ފޯނު ހިފައިގެން ކާކޮޓަރިން ނިކުންނަން ހިނގައިގަތީ މޫނު ކުނިކޮށްގެން ހުރެއެވެ. ރަމީޒު އޭނައާ މެދު ބަސްމަގު ބެެހެއްޓި ގޮތް ރަނާއަށް ކަމަކު ނުދިޔައެވެ. އޭނަ ކާކޮޓަރިން ނިކުންނަމުން ދިޔައީ ކުދިކިޔަމުންނެވެ.

''ކަލޭ ތީ ސިކުނޑި ހަމަނުޖެހޭ މީހެއްތަ؟...'' އިހުނަށްވުރެ ބޮޑަށް ގަމީހުގެ ގިރުވާނު އަތުތެރެއަށް ބޮޑިކުރަމުން ފަހީމް ބުނެލިއެވެ. ރަމީޒު ކަންތައް ކުރި ގޮތާ މެދު އޭނަ ހުރީ ރުޅިގަދެވެފައެވެ. މަސައްކަތުގެ މާހައުލުގައި އޭނަ ކަނޑައަޅާފައިވާ ވަކި އިންތަކެއް އޮވެއެވެ. އޭނައާ އެކު މަސައްކަތްކުރާ އެއްވެސް މީހަކު އެއިން ފަހަނައަޅާފައި ދިއުން އެއީ އޭނައަށް ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. ހައްލުނުކުރެވޭ ވަރުގެ ބޮޑު މައްސަލައެއް ދިމާވިކަމުގައި ވިޔަސް، ރަހުމެއް ނެތި އިންސާނެއްގެ ފުރާނައަށް އަރައިގަތުމަކީ ފަހީމްގެ ނަޒަރުގައި ބޮޑު ކުށެކެވެ. އިންސާނިއްޔަތާ ހިލާފު ދަށުދަރަޖައިގެ އަމަލެކެވެ. އެކުށަށް ކަނު ލޮލެއް އޭނައަށް ނުދެވުނީ އެހެން ވެއެވެ.

ރަމީޒު އެފާފައަށް އަރާފައި ވަނީ ކިތައް ފަހަރުކަމެއްވެސް ފަހީމް އަކަށް ރޭކާނުލައެވެ. އެނގުނުނަމަ އެއްވެސް ގޮތަކުން އޭނަ ރަމީޒުއަށް މަދަދުވެރިއެއް ނުވީހެވެ.

''ހެހެހެ... ފަހީމްއަށް ވެސް އަޑުއިވުނީ ދޯ؟... އަރުމެންގެ ރޭވުން ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ގޮތަކީ އެއީ، އެހެންވެ އެހެން ކަންތައް ކުރީ، އެމީހުން ފައިސާއެއް ބަލައިނުގަތް އަދި އަހަރުމެންގެ އިންޒާރުތަކަށް ވެސް ބިރެއް ނުގަތް، އެހެންވެ ބިރުގަންނާނެ ވަރުގެ ކަމެއް ކުރަން ޖެހުނީ، ދެން ލާހިކެއް ނޫން އަހަރުމެންނާ ދެކޮޅު ވާކަށް، މިހެން ކަންތައް ވީމަ ފަހީމް އުފާވާކަށްނު ޖެހޭނީ، ފަހީމްއަށް ވެސް މިކަމުން މަންފާ ލިބެން ވިއްޔާ އޮތީ...''

ކުރެވުނު ކަންތަކާ މެދު އެއްވެސް ވަރަކަށް ރަމީޒު ދެރަވިހެނެއް ހިޔެއް ނުވެއެވެ. އޭނަ އެއްމިޔަކަނިން ހިނިތުންވެލި ގޮތާއި އެހިނިތުންވުން އޭނަގެ ލޮލާ ހަމައަށް ފޯރި ގޮތުން ފަހީމްއަށް ހައިރާންކަން ލިބުނެވެ. ރަމީޒު އެފަދަ ސިފައެއް އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ރަމީޒު ބޭނުންވާ ސިފައެއް މެނުވީ އިތުރު މީހަކަށް ފާހަގަވުމުގެ ފުރުސަތު ރަމީޒު ނުދޭތީއެވެ. އެތައް އަހަރެއް ރަމީޒުއާއެކު ހޭދަކުރެވުނު އިރުވެސް ރަގަޅަށް ރަމީޒު ދަސްނުވާކަން ފަހީމްއަށް ރޭކާލީ އެދަނޑިވަޅުގައެވެ. އޭނަ ގާތަށް އައީ ރުޅިއެވެ.

ފަހީމް، ރަމީޒުގެ ގަމީހުން ދޫކޮށްލުމަށްފަހު، ރަމީޒުގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ރަމީޒު އޭނަގެ ގަމީސް ރަގަޅުކޮށްލަން އުޅުނު ވަގުތު މޫނުމަތިން ތަރިބުރައިގެން ދިޔައީ މޫނުމައްޗަށް އެރި ގޮށްމުށުގެ ބާރު އެތިފަހަރުންނެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތުމާއި، ހަމަލާގެ ބާރަގަދަކަމުން އޭނަގެ ފައި ބިމުން ކައްސާލައި ޓައިލްސްތަކުގެ މަތީގައި އިނދަޖެހުނެވެ. އެވަގުތު ނޭފަތުން އޮލައެއްޗެއް އޮހެޮރެން ފެށިކަމުގެ އިހުސާސާއެކު ރަމީޒުއަށް ނޭފަތުގައި އަތް ޖައްސާލައެވެ. ލޭގެ ވަހުގެ އިހުސާސް އޭނައަށް ކުރެވުނީ ދެނެވެ.

ބާރަ ގަދަ ހަމަލާއާއެކު ވަށަިއގެންވި މާހައުލަށް ރަމީޒުއަށް ސަމާލުކަން ނުދެވެނީސް އަނެއްކާ ވެސް ހަމަލާ ތަކުރާރުވިއެވެ. އެއާއެކު ރަމީޒު ބުރާންތި ވިއެވެ.

''ގަމާރު ކަލޭގެ، ކަލޭ ތިކުރިކަމެއްގެ ސަބަބުން އަހަރުމެންގެ ރޭވުމެއް ނޫން ކާމިޔާބު ވާނީ، އެހެން އެއްޗެއް ހާސިލުވާން އޮތީ، ކަލޭ ތިކުރިކަމެއްގެ ސަބަބުން ދެން އަފްލާކް އަހަރުމެން ބޭނުން ގޮތަކަށް ވެސް ކަންތަކެއް ނުކުރާނެ، އޭނަ ދެން އަންނާނީ ކަލޭ ފަހަތުން، އޭނަ ހުންނާނީ ބަދަލު ހިފަން ތައްޔާރަށް، ކަލޭގެ ތި އަބުއި ވިސްނުމުން ނިކުންނާނެ އިތުރު ނަތީޖާއެއް ދެނެއް ނޯންނާނެ، ކުރިން ވިއްޔާމު އަފްލާކްއަށް ބިރުދައްކައިގެން ވިޔަސް ނޫނީ އެއަންހެންކުއްޖާއަށް ބިރުދައްކައިގެން ވިޔަސް އެދެމީހުން ދުރުކުރުމުގެ ފުރުސަތު އޮތް، އަދި އަފްލާކްއާއި ކިޔާރާ ގުޅުވުމުގެ ފުރުސަތު ވެސް އޮތް... އެކަމަކު ކަލޭގެ ވިސްނުންކޮށިކަމުގެ ސަބަބުން ދެން އެއްވެސްކަމެއް ހާސިލުކުރަން އުނދަގޫވާނެ... އެއްފަހަރު ވިޔަސް ކަލޭގެ ޤަމާރު ޚިޔާލުތަކަށް އަމަލުކުރުމުގެ ކުރިން އެއިން ނިކުމެދަނެ ނަތީޖާއަކާ މެދު ވިސްނާބަލަ، ކަމެއް ކުރުމުގެ ކުރިން އޭގެ ނަތީޖާއާ މެދު ވިސްނަން ޖެހޭނެ، ބޮލަށް އުޑު ވެއްޓުނީމައެއް ނޫން ހައްލު ހޯދަންވީކީއެއް... އެންމެ ގަމާރު މީހާއަށްް ވެސް އެކަން އެނގޭނެ... ކަލޭ ތިކުރިކަމެއް ކުރީ ކަލޭގެ ހިތުގައި އޮތް ރުޅިވެރިކަމުން، އެކަމުގެ އާހިރު ނަތީޖާގައި އަނދާއަޅިއަށް ވާނީ ވެސް ކަލޭ، އަފްލާކްއާއި ކިޔާރާގެ ކައިވެނި ނުވެއްޖެއްޔާމު އަހަރެން ކަލޭ ބަރުބާދުކޮށްލާނަން، މިގެއާއި ކަލޭގެ ކުންފުންޏާއި ހުރިހާ ފައިސާއެއް ވެސް ކަލޭ އަތުން ފޭރޭނަން، ކަލޭ އިނދަޖައްސާފައި ނޫނީ އަހަރެން ދުލެއް ނުކުރާނަން، ފުރަތަމަ ވެސް އިންޒާރު ދިނީމެއް ނޫންތަ؟!... ކަލޭ ހިތުން ކަލޭ މޭފުއްޕާލާފައި ބޮޑާކަމާއެކު ހިނގުމުގެ ބާރު އެބައޮތް ދޯ؟، ހަގީގަތުގައި ކަލޭގެ އެހައިސިއްޔަތެއް ވެސް ނެތް، ކަލޭތީ އަހަރެންގެ ފައިތިލަދަށުގައިވާ ކުންޏަށް ވެސް ލިބެންޖެހޭ ގަދަރު ލިބެންޖެހޭ މީހެއް ނޫނޭ، މީހާ ބަނގުރޫޓުވާން އުޅެނިކޮށް މަ އެހީގެ އަތެއް ދިއްކޮށްނުލިނަމަ އޮންނާނީ ސަލާންޖަހަން މަގުމަތީގައި، ކަލޭ މަގޭ ގާތަށް ނާށިގަނޑު ހިފައިގެން ސަލާންޖަހަން ދިޔަ ދުވަސް ހަނދާން ނެތުނީތަ؟... މީގެފަހުން ކަލޭގެ ހައިސިއްޔަތު ދެނެގެން އުޅޭތި!...'' ފަހީމް ހަޅޭއްލަވައިގަތެވެ. އަފްލާކްއާއި ކިޔާރާ ގުޅުވުމަށް އޭނަ އަތުރަމުން ދިޔަ ރޭވުން ނާކާމިޔާބުވުމުން އެކަމުގެ ނުރުހުންތެރިކަން ފަހީމްގެ ފަރާތުން ފެނެއެެވެ.

''އެހެން އިންސާނެއްގެ ފުރާނަ ދުއްވާލި އިރު ކަލޭ ޖެހިލުމެއް ވެސް ނުވިތަ؟...'' ފަހީމް ދަތްތަކަށް ބާރުލަމުން ބުނެލިއެވެ.

''ކަލެއާ ހެދި އިތުރު ބޮލުގެ ރިހުމެއް މިލައްވާލީ... މިހާރު ހިތަށް އެބަ އަރާ ކަލޭ ކަހަލަ ފީކަޅާ އަދި ނަތީޖާ ނުނެރެވޭ މީހަކާ މިކަންތައް ހަވާލުނުކުރެވުނު ނަމައޭ، ކަލޭގެ ފީކަޅާކަމުން ރޭވުމާ އެއްގޮތަށް ކުރިއަށް ނުދިޔައީ، ތިމާއަށް ތިމާ ފެނި އެހެން މީހުން ތިމާ ދެކެ ބިރުގަންނާނެކަމަށް ހީކުރެވި ބިލާހެއްގެ ތެރޭގައި އުޅެވުމުން ކަލޭ ދެކެ އެމީހުން ބިރު ނުގަތީ، ކަލެއާ ހަވާލުކުރުމުގެ ބަދަލުގައި މިހާރު ހިތަށް އެބައަރާ އަހަރެން އަމިއްލައަށް އެމީހުން ގާތަށް ދިޔަނަމައޭ، ރަގަޅު ފުރުސަތެއް ލިބިފަ ގެއްލުނީ ހަމަ ކަލޭގެ މޮޔަކަމުން... ގަމާރު ކަލޭގެ!!!...'' ފަހީމް ރުންކުރުވިއެވެ. ރަމީޒު ހިސާބަކަށް ރުޅިއަންނަ ގޮތް ވިއެވެ. ނަމަވެސް ފަހީމް ކުރިމަތީގައި އަޑުއިސްކުރަން އޭނަ ޖެހިލުންވިއެވެ. ބުނެވޭ އެންމެ ލަފުޒަކުން ވިޔަސް ފަހީމް އޭނަ ސުންނާފަތިކޮށްލަފާނެތީއެވެ.

''ވަގުތު ކޮޅެއް ދީ... އަހަރެން މިކަން ރަގަޅުކުރާނަން، އަފްލާކް އަހަރެން ބުނާ ގޮތަށް ކަންތައް ކުރާނެ......'' ރަމީޒު އަޑުގައި ވަނީ އާދޭހެވެ. ފަހީމް ކުރިމަތީގައި އޭނަ ހުރީ ހިތްވަރު އެލިފައެވެ. ނުރުހުނުކަމުގައި ވިޔަސް ފަހީމްގެ ކުރިމަތީގައި ރަމީޒުއަށް ހުރެވުނީ ނިކަމެތިވެފައެވެ.

އެވަގުތު ފަހީމް ޖަހާލީ ހިނިގަނޑެކެވެ.

''ކަލެއަށް ބިރުން ކަމެއް ކުރަން ޖެހިލުންވާނެނަމަ މިގެ ދޫކޮށް ވެސް ދާން އަފްލާކްއަށް ނުކެރުނީސް، ކަލެއަށް ގޮންޖަހާލައި ކާމިޔާބު ވިޔަފާރިއެއް ވެސް ނުފެށުނީސް، މަށަށް ހީވަނީ ކަލޭ ދެން ޤަބޫލުކުރަންވެއްޖެހެން، މިހާރު ކަލޭގެ ބާރެއް އަފްލާކްގެ މައްޗަކަށް ނެތް، ކަލޭގެ މޮޔަކަމުން ކުރި ކަންތަކުން އަފްލާކް އިތުރަށް ރުޅިއަރުވާލެވުނީ... ކަލެއާ ހެދި ދިމާވާހާ ކަންތައް މިއީ... ގަމާރުންނާ ބޮޑެތި ކަންތައް ހަވާލުކުރެވުނީމަ ނިކުންނާނީ މިކަހަލަ ނަތީޖާތައް......'' ފަހީމް އަނެއްކާ ވެސް ރަމީޒުގެ މޫނު މައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. ކިޔާރާއަށް އޭނަ ވި ވަޢުދު ނުފުއްދިދާނެކަމުގެ ބިރާއެކު ފަހީމް ހުރި ރުޅި ގަދަވެފައެވެ. ފައިދަށަށް ލައި ރަމީޒު ފިސްފިސްކޮށްލަން އޭނަ ބޭނުންވެފައިވަނީ އެހެންވެއެވެ.

''މީ އެންމެ ފަހު ފުރުސަތު، އަހަރެން ފަހީމް ބޭނުން ގޮތަށް ކަންތައް ކޮށްދޭނަން، އަފްލާކް އިންނާނީ ހަމައެކަނި ކިޔާރާ އާ... އަހަރެން މިކަންތަކަށް އަވަސް ހައްލެއް ހޯދާނަން...'' ރަމީޒު އެދުނެވެ. ''އަހަންނަށް އިތުބާރުކުރޭ...''

*****

''ގާރލްސް!، އެބައޮތް ވަރަށް ހޫނު ޚަބަރެއް!... އެލީ އޮފީހުގަ އުޅެއެއްނު ޒާތެއްގެ ބަޑި އަންހެން ގޮލައެއް... މީ، ކިޔާގެ ބިޓު ވަގަށް ނަގައިގެން އުޅޭ ކާޅުގެ ވާހަކަ މިދައްކަނީ، ނަމެއް ހަނދާނެއް ނެތް، އޭނަގެ ބައްޕަ ވަރަށް ފަހުން އެރެސްޓް ކުރިއެއްނު ޑްރަގް މައްސަލައެއްގަ، މިއަދު އޭނަގެ ބައްޕަ ސުއިސައިޑްކޮށްފިޔޯ، އޮންލައިން ނޫހެއްގަ އުޅޭ ރައްޓެއްސެއްގެ ފަރާތުން ދެންމެ މަށަށް މިއަޑުއިވުނީ، ވަރަށް ގިނަ މީހުން ހޮސްޕިޓަލް ދޮށަށް އެއްވެގެން އެބައުޅޭ... އޭނަގެ ސުއިސައިޑް ނޯޓެއް ވެސް މީޑިޔާގައި ސާރކިއުލޭޓްއެބަވޭ... އޭގައި އޮންނަނީ އޭނަ ޑްރަގް ކަންތަކުގަ ބަސްޓް ވީމަ ގިލްޓީ ވެގެންނޯ ސުއިސައިޑްކުރަނީ... ވަރެއްގެ މިހާގަނޑެއް ދޯ، ކީއްކުރަންތަ ސެންޓެންސް ފޭސް ނުކުރެވެންޏާ ޑްރަގް ޑީލް ކުރަނީ... ޕެތެޓިކް ކްރިމިނަލްސް!!!...''

ކިޔާރާ އިނީ އޭނަގެ އެކުވެރިންނާއެކު ހެނދުނުގެ ސަޔަށް އިންސާފުކުރަން ރަށުގައި ނަން މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. އެމީހުންނާ އެންމެފަހުން ގުޅުނު ރައްޓެހި ކުއްޖާ ސައިމޭޒު ދޮށަށް ހޫނު ބޮމެއް ވައްޓާލިއެވެ. އެކަމަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ.

''އޯ.މައި.ގޯޑް!!!...'' އެންމެން އެކީ ކިޔާލައިފިއެވެ. ހިމޭންވެފައި އިން ކިޔާރާގެ ތުންފަތަށް ވެރިވީ ޒާތެއްގެ ހިނިތުންވުމެކެވެ.

''ވާންވީ ގޮތަށް އެވީ، ފުރަތަމަ މަގޭ އަފްލާކް ވާވައްދައިގެން ލާރިކާން އުޅުނީ، އެކަމުން ލިބޭ ވަރު ކުޑަވެގެން ކަންނޭގެ އޭނަގެ ބައްޕަ ޑްރަގްސް ވިއްކަން ފެށީ... އެންމެފަހުން އެއޮތީ ލިބެން ޖެހޭ ބޮޑި ލިބިފަ، މިހާރު އޮންނާނެ އެއްޗެއް ވިސްނިފައި، އޭނަގެ ޢާއިލާ ވެސް ރަގަޅު ބަދުނާމެއް ވެފައި އޮތީ، އެކަހަލަ ތާކުންތާކު ނުޖެހޭ ފީކަޅާ މީހުނަށް އާންމުކޮށް ދިމާވާން ޖެހޭނީ އެހެން، އެމީހުންނަށް އެމީހުންގެ ފެންވަރު ކޮންމެ ސިކުންތަކު ވެސް އެނގެން ޖެހޭނެ، އެހެން ނޫނީ ނިކަން އަވަހަށް މީހާގެ ފެންވަރު އޮޅޭނެ... ރަގަޅު ބޮޑިއެއް ލިބިގެން ނޫނީ އެމީހުން މައިތިރިއެއްވެސް ނުވާނެ... ހިތަށް އަރާ މިކަމަށް ފަހު އަފްލާކްއަށް އެއްޗެއް ވިސްނިގެން އެރަންޑިގަނޑާ ދުރުވާނެނަމައޭ، ހާދަ ރުޅިއެއް އާދެޔޭ އެއަންހެން ގޮލާ ދެކެ، އެއްވެސްކަހަލަ ވައްޓަފާޅިއެއް ނުހުންނަ އިރުވެސް ހިތުން ތިމާއަކީ ކިންގްޑަމްއެއްގެ ކުއީންކަމަށް ހެދިގެން އުޅެނީ... އަހަރުމެންގެ ފައިދަށުގަ ހުންނަންވީ މީހެކޭ މާފޮނިވެގެން އުޅެނީ، މިހާރު އޭއްޗަށް ރަގަޅު ފިލާވަޅެއް ލިބޭނެ... ރަށަށް ވެފައި އެއޮތް ބަދުނާމުން ސަލާމަތެއް ވެސް ނުވެވޭނެ...''

ކިޔާރާ އޭނަގެ އޮރެންޖް ޖޫސްތަށިން އެތިފޮދެއް ބޯލަމުން ބުނެލިއެވެ. އޭނަ ވަށައިގެން ތިބި އެކުވެރިން ވެސް ޒޯހާއަށް ބަދުބަސްބުނެ ވާހަކަދެއްކިއެވެ. މުއްސަނދި ޢާއިލާތަކަށް ނިސްބަތްވުމުން ފަޤީރު މީހާގެ އިހުސާސްތަކަށް ޤަދަރުކުރަން އެއްވެސް މީހަކަށް ނޭގުނެވެ. އެނެކާއަށް ލިބިފައިވާ ފުން ހިތާމަތައް ތަސައްވަރެއް ވެސް ނުކުރެވުނެވެ. ބޮޑަކަމާއި ކިބުރުވެރިކަމުން ލޯތައް ކަނުވެފައިވާ ކަހަލައެވެ.

ކޮމެންޓް 0