ކަނޑުގެ ސަތަހައާއި ފައިހަމަކުރަމުން ދިޔަ އިރުގެ ވަދާއީ ކުލަތަކުން އުދަރެސްމަތި ވަނީ ރަންގުކުރެވިފައެވެ. ފަރުމައްޗަށް ބިންދަމުން އައި ރާޅުތައް ބާނީތަކާއެކު އައިސް ގޮނޑުދޮށަށް ބީއްސަމުން ދާ އަޑު ވައިރޯޅިތަކާއެކުވެ މުޅި މާހައުލު ތެރޭގައި ގުގުމާލަމުން ދިޔައެވެ. ފައިގެ ތަނބިކައްޓާހަމައަށް ފަޓުލޫނުގެ ފައިކުރި އޮޅާލުމަށްފަހު އަފްލާކް ހިނގައިގަތީ ރާޅުފަށާއި ފައިިތިލައިގެ ނިޝާންތައް ހަވާލުކުރަމުން ދިޔަ ޒޯހާގެ ގާތަށް ދިއުމަށެވެ. އޭރު ތަންކޮޅެއް ދުރުން ގަސްކަރަ ކައިރީގައި އަފްލާކްގެ ބޫޓާއި ޒޯހާގެ ފައިވާން ބެހެއްޓިފައިވިއެވެ.
''ހާދަ ދުވަހެއް ކޮށްލާފައޭ ގޮނޑުދޮށަށް މިއާދެވެނީ، ވައިގައި މިހުރި ލޮނުކަމުން ވެސް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އެބަލިބޭ...'' ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު ޒޯހާ ފަސްއެނބުރި އަފްލާކްއަށް ބަލާލިއެވެ. އިރުގެ ރަން ދޯދިތައް ޒޯހާގެ ދޮން މޫނަށް އެޅިފައިވިއިރު އަޖައިބުކުރުވަނިވި ވިދުމެއް އެކުލެވިފައިވިއެވެ. ޒޯހާ އަޅައިގެން ހުރި ރަތްކުލައިގެ ބުރުގާގެ ހިޔަނިވެސް އިރުގެ ދަޅަތަކުގެ ތެރޭން މޫނަށް އެޅިފައި ވިއިރު ބަލާލަން ހިތްގައިމެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ކުޅެލަމުން ދިޔަ ރީތި ހިނިތުންވުމުން މުށިކުލައިގެ ދެލޮލާ ހަމައަށްވެސް ފޯރައެވެ. އެކަމުންވެސް ޒޯހާގެ ހިތަށް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދެއެވެ.
ޒޯހާގެ އުފާވެރިކަން ފެނި އަފްލާކްއަށްވެސް ހިނިތުންވެވުނެވެ. މިއަދު ހަތަރުދަމު ސިކުނޑީގެ ނާރުތަކަށް އަރާފައިވި ވާންކަމާއި ހާސްކަން ކެނޑި ނަފުސަށް ވެރިވެގެންއައީ ހިތްހަމަޖެހުމެވެ. ކިތަންމެ ބުރަހެލި ދުވަހެއްގައިވެސް ޒޯހާގެ ހިނިތުންވެފައިވާ އަލި މޫނު ފެނުމުގެ ނަސީބު ލިބުމާއެކު ދުވަހުގެ ހާސްކަމާއި ނުތަނަވަސްކަން ވަގުތުން ފިލައިގެން ދެއެވެ. ނަފުސަށް ވެރިވެގެން އަންނަ އާރޯކަމާއި ތާޒާކަމުން ހިތަށް ފިނިކަން ގެނެސްދެއެވެ. މަންމައަށް ފަހު އަފްލާކްގެ ހުރިހާވެސް އުފަލަކީ ޒޯހާއެވެ.
އަފްލާކް ގޮސް ޒޯހާ ގާތަށް ހުއްޓުމާއެކު އަފްލާކްގެ އަތުގައި ޒޯހާ ހިފާލިއެވެ. އަދި އަފްލާކްގެ ތޫނުފިލި ދެލޮލަށް ބަލާލަމުން، ދެޒުވާނުންގެ އަތުގެ އިނގިލިތައް މަހާލި ހިނދު އެތުންފަތުގައިވި ހިނިތުންވުން އިހުނަށްވުރެ ފުންވެގެން ދިޔައެވެ.
''ވަރަށް ދުވަސް ފަހުން ޖެނިއުން ސްމައިލްއެއް އަފްލާކްގެ ފަރާތުން މިފެނުނީ، އަހަރެން ވަރަށް އުފާވެއްޖެއް... އަބަދުވެސް ތިޔަހެން ހިނިތުންވެފައި ހުންނަތަން ދެކެން އަހަރެން ބޭނުންވަނީ، ތިދެލޮލުން ފެންނަ މޮޅިވެރިކަން ދެން އިތުރަށް ދެކެން އަހަރެން ބޭނުމެއް ނޫން، ވަރަށް ގިނަ ދުވަސް ވަންދެން އަފްލާކް ވޭނުގައި އުޅެފި، ދެން އޮތީ އުފާވެރި ދުވަސްތަކަށް މަރުޚަބާ ކިޔުން، އަފްލާކް ދެން ނަގާ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި ވެސް އަހަރެން ހުންނާނަން......'' ޒޯހާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އެއަޑުގައިވި ޖޯޝާއި އުންމީދުން އަފްލާކްގެ ހިތަށް ދިރުން ގެނެސްދިނެވެ. އުފާވެރި ދުވަސްތަކަކަށް ކުރެވޭ ދިގު އިންތިޒާރަށް ނިމުން އައިސްފާނެކަމުގެ ނިޝާންތައް ފާޅުވިއެވެ. ޤައިދުވެފައިވި އެކަނިވެރިކަމާއި އުދާސްކަމުގެ ކިއްލާގެ ތަނބުތަކަށް ލޮޅުންއަރައިގެން ދިޔައެވެ.
ޒޯހާއަށް ބަލާލަމުން އަފްލާކް ފުން ހިނިތުންވުމެއް ދިނެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ލޯބި އެދެލޮލުން ޒޯހާއަށް ހާމަކޮށްދިނެވެ.
ގޮނޑުދޮށަށް ބީއްސަމުން ދިޔަ ލުއިރާޅުތަކާއި ދެޒުވާނުންގެ ފިޔަވަޅުތައް ހަވާލުކުރަމުން ކުރިއަށް ހިނގަމުން ދިޔައެވެ. ޤުދުރަތުން ހަދިޔާކޮށްފައިވި އެހިތްގައިމު މާހައުލުގެ ތެރޭގައި ދެޒުވާނުންގެ ހިތްވެސް ހުޅުވާލެވިފައިވިއެވެ. މުސްތަޤުބަލަށް ކުރެވެމުން ދިޔަ އުއްމީދުތައް ހިއްސާކުރެވުނެވެ. އަލަތު ކައިވެންޏަށް ކުރެވެމުން އައި ދިގު އިންތިޒާރާއި އެހާއްސަ މުނާސަބަތަށް ވަގުތު ކުޑަތަންވެފައި އޮތުމުން ކައިވެންޏަށް ވެވެމުން ދިޔަ ތައްޔާރީތައްވެސް ހިއްސާކުރެވުނެވެ. އެވާހަކަތަކުގެ ތެރޭން އަފްލާކްގެ މޫނަށް ޒޯހާ ބަލާލުމާއެކު ނުތަނަވަސްކަމުގެ ލިސާންތައް އޭނައަށް ފާހަގަކުރެވުނުހެން ހީވިއެވެ. އެއާއެކު އެކަމުގެ ފަހަތުގައި ގުޅިފައިވާ ސަބަބާ މެދު ޒޯހާއަށް ވިސްނައިގަނެވުނެވެ.
''އަފްލާކް، ދެން އިތުރަށް އެކަންތަކާ މެދު ނުވިސްނާ، އޭނަ ދެމުން ގެންދާ އިންޒާރުތަކާ މެދު އިތުރަށް ވިސްނާނެކަމެއް ވެސް ނެތް، އޭނަގެ ބޭނުމަކީވެސް އަފްލާކް އެކަންތަކާ މެދު ވިސްނާ ފިކުރުބޮޑުވުން، އޭރުން އަފްލާކް ނުބައި ޑިޒިޝަންއެއް ނަގާތަން ދެކެން އޭނަ ބޭނުންވަނީ، އެކަމަކު އެހެން ކަންތައްވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން، ކުރިންވެސް އަފްލާކް ގާތު ބުނިހެން އަފްލާކް އަޅާ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި އަހަރެން ހުންނާނަން، ނުބައި މަގަކުން ދެވޭނަމަ ހެޔޮމަގުގައި ފައިތިލަ ސާބިތުކުރަން އަހަރެން އަބަދުމެ އެހީވެދޭނަން... ދުވަހަކުވެސް ދޫކޮށްފައި ނުދާނަން...... އަފްލާކް އަބަދު ތިހެން ފިކުރުބޮޑުވެފައި ހުންނަންޏާމު އަހަރެން ދެރަވާނެކަން އެނގޭ ދޯ؟... ސޯ ޕްލީޒް، ދެން އިތުރަށް އެކަންތަކާ މެދު ނުވިސްނާ، ﷲގެ އިރާދަފުޅާއެކު ހުރިހާކަމެއްވެސް ދާނީ ރަގަޅުވަމުން...'' ޒޯހާ ބުންޏެވެ.
''ނައު ސްމައިލް!...''
ޒޯހާ އޭނަގެ ތުންފަތާއި އަތްތިލަ ކައިރިކޮށްލަމުން އިނގިލިތަކުން ކޮށްލި އިޝާރާތުން އަފްލާކް ގާތު ހިނިތުންވެލުމަށް އެދުނެވެ. ޒޯހާއަށް ފުރިހަމަ ސަމާލުކަން ދީގެން ހުރި އަފްލާކް ޒޯހާގެ އެދުމަށް އިޖާބަދިނެވެ. އެތުންފަތަށް ވެރިވެގެން އައި ހިތްގައިމު ހިނިތުންވުމާއެކު އަފްލާކްގެ މޫނަށް ދިރުން ލިބުނު ކަހަލައެވެ. އެމަންޒަރު ބަލަން ހުރި ޒޯހާގެ ހިތަށް ފިނިކަމުގެ އިހުސާސްކުރެވުނެވެ. އެފަދައިން އަބަދުވެސް އަފްލާކް ހިނިތުންވެފައި ހުންނަތަން ދެކެން ޒޯހާ ނުހަނު ބޭނުންވެއެވެ. ހިތާއި ފުރާނައިން ޤުރުބާންވެގެން ވިޔަސް އަފްލާކް އުފަލުގައި ހުންނަތަން ދެކެން އޭނަ ބޭނުމެވެ. އޭނައަށް ހުރިހާ ގޮތަކުންވެސް އަފްލާކް ވަރަށް ބޮޑަށް ހާއްސަވެއެވެ. އަފްލާކް އެއީ އޭނަގެ ފުރަތަމަ ލޯތްބެވެ. އޭނަގެ ހިތް އެންމެ ފުރަތަމަ ފަތަހަކުރި ބެއިވެރިޔާއެވެ. ހަޔާތުގެ ހުރިހާ ކަމެއް ތަޖުރިބާކުރަންވެސް ބޭނުންވަނީ އަފްލާކްއާ އެކީގައެވެ.
އަފްލާކްގެ ހިތި މާޒީގެ ސަބަބުން، އަފްލާކްގެ މުސްތަޤުބަލަށް އެކަމުގެ ހިޔަނިއެޅިގެންދާ މަންޒަރު ދެކެން ޒޯހާ ބޭނުމެއް ނޫނެވެ. އޭނައާއި އަފްލާކް ފުރަތަމަ ބައްދަލުވި ހިނދު ހުރި ނާޒުކު ފަތްތަރަށް އެނބުރި ރުޖޫޢަ ވާކަށްވެސް އޭނަ ބޭނުމެއް ނޫނެވެ. މިއަދު ރަމީޒު މަސައްކަތްކުރަމުން އެދަނީ ޒަހަމްވެފައިވި އަފްލާކްގެ ހިތުގެ ފާރުތައް ފަސޭހަވިޔަނުދީ ހިފެހެއްޓުމަށެވެ. އިންސާނެއްގެ ސިފައިގައި ހުރި އެޝައިތާނާގެ ނުބައި މަޤުސަދު އޭނަ ދުވަހަކު ހާސިލުވިޔަކަ ނުދޭނެއެވެ. އޭނައާއި އަފްލާކް ދުރުކުރަން ކުރާ ކޮންމެ މަސައްކަތަކަށް ފަހު އަފްލާކްއާއެކުގައި ވާން އޭނަ ކުރިއަށް ދެ ފިޔަވަޅު އަޅާނެއެވެ. އެދެމެދުގައި އޮތް މަތިވެރި ގުޅުމަށް ރަމީޒުގެ ފަސާދަވެފައިވާ ވިސްނުމުގެ ސަބަބުން އަސަރުކުރުމުގެ ފުރުސަތެއް އޭނަ ހަމަހިލާ ނުދޭނެއެވެ. އެކަން ރަމީޒުއަށް އޭނަ ސާބިތުކޮށްދޭނެއެވެ.
''ދެން ހުރިހާ އެއްޗެއް ހަނދާން ނައްތާލާފައި ހިނިތުންވެބަލަ، އަބަދު މޫނު ހަދައިގެން ހުރީމަ އަފްލާކް ހީވަނީ ރުޅިގަދަ މީހެއްހެން...'' ޒޯހާ ސަމާސާ ރާގަކަށް ބުނެލިއެވެ. އެވަގުތު އޭނަ މޫދުގެ ލޮނުގަނޑު ކައިރިއަށް ގުދުވެލަމުން އަތްގޮށްޓެއް ފުރާ ނެގި ލޮނުފެން ބުރުވާލީ އަފްލާކްގެ މޫނާ ދިމާއަށެވެ. އެފަދަ ކަމަކަށް ވިސްނާނުލައި ހުރި އަފްލާކްގެ ގަމީހާއި މޫނަށް ފެނުގެ އަސަރުކުރިއެވެ. މޫނުގައި ޖެހުނު ފެންތަކުން ލޮނުގެ އަސަރު ލޮލަށް ސަވާރުވުމުން ކުޑަ ހިނދުކޮޅަކަށް އޭނައަށް ލޯވެސް މަރާލެވުނެވެ. އެވަގުތު ކަންފަތުގައި ޖެހުނު ޒޯހާގެ ލުއި ހުނުމުގެ އަޑުން އަފްލާކް ގާތަށްވެސް އައީ ހިންޏެވެ. އޭނަ ޒޯހާ ގާތަށް ދާން އަޅާލި ފިޔަވަޅާއެކު ޒޯހާ ދުއްވައިގަތީ އަފްލާކްއާ ދުރަށެވެ.
އުފާވެރިކަމުގެ މާހައުލެއްގައި އަފްލާކްއާއި ޒޯހާ ވަގުތު ހޭދަކުރިއެވެ. ދުނިޔޭގެ އެއްވެސް ހިތާމައެއް، އުދާސްކަމެއް އަދި މާޔޫސްކަމުގެ އަސަރެއް ވެސް އެވަގުތުކޮޅުގައި ދެޒުވާނުންގެ ހިތަކަށް ނުފޯރައެވެ. އެއީ ހަމައެކަނި އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. ޒޯހާއާއި އަފްލާކްގެ ލޯތްބަށް ހާއްސަކުރެވިފައިވި ސުކޫތެކެވެ.
ކަނޑުގެ ސަތަހައާ ނިވާވަމުން ދިޔަ އިރުގެ ޢަލްވަދާއުގެ މަންޒަރު ބަލަން އަފްލާކްއާއި ޒޯހާ އިށީންދެލައިގެން ތިބީ ދޮންވެލިގަނޑު މަތީގައެވެ. އަފްލާކްގެ ކޮނޑުގައި ބޯއަޅާލަމުން ޒޯހާ ފުންނޭވާއެއް ދޫކޮށްލިއެވެ.
''ދެން ގިނަ ދުވަހެއްވެސް ނެތް... ހަފްތާއެއްހާ ދުވަސް ދެން ބާކީ އޮތީ...'' ކައިވެންޏަށް ވަގުތު ކުޑަތަންވަމުން އަންނަކަން ހަނދުމަކޮށްދެމުން ޒޯހާ ބުނެލިއެވެ. އޭނަގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. ޒޯހާގެ އަތްތިލައިގައި ހިފާލުމަށްފަހު މަޑުމަޑުން ފިތާލި އަފްލާކްގެ ފަރާތުންވެސް އުފާވެރިކަން ފެނެއެވެ. ޒަވާޖީ ހަޔާތަކަށް ކުރެވެމުން އައި އުއްމީދުތައް ދެޒުވާނުންގެ ލޮލުގައިވި އުއްމީދުގެ ޝުޢޫރުތަކުން އަންގައިދެއެވެ.
*****
''އޭ!!!، ބަލާބަ އެތިބީ އަފްލާކްއާއި އެއްކަލަ ޒޯހާ ދޯ؟... މަ ހާދަހާވާ ފޫހިވާ އަންހެނެކޭ އެއީ، ކިޔާރާއަށް ވާނެ މިކަންތައް އަންގަން... ޕިސްޕިސް... ބަލާބަ ޒޯހާ ގަނޑު އުޅޭ ގޮތެއްވެސް، ކައިވެނި ކުރީކީވެސް ނޫނޭ އެކަމަކު ބަލާބަ އަފްލާކްގެ ގައިގައި ތަތްވެގެން އިން ގޮތް... ޗީޑި!، އުޅުމެއްވެސް ހުރި އަންހެނެއް ނޫނޭ، ރަގަޅަށްވެސް އަފްލާކް ވާވައްދާލައިގެން އޭނަ އެހެރީ، އޭނަގެ ބަލާވެރިކަމުން އަވަސް ރަހުމަތެއްގައި އަފްލާކް ސަލާމަތްވާނެކަމެއްވެސް ނޭގޭ!... އެއަންހެނާއާއި އަފްލާކް ނުވެސް ގުޅެއޭ!، ހަމައެކަނި ކިޔާރާއާއި ގުޅެނީ!...''
ހަވީރު ދަޅައަށް ބުރުސޫރަ ކުރަހައިގެން ބުރުޖަހަން ނިކުމުގެ އުޅުނު ކިޔާރާގެ އެކުވެރިޔަކަށް، ގޮނޑުދޮށުގައި އިށީންދެލައިގެން އިރުއޮއްސެމުން ދިޔަ މަންޒަރު ބަލަން ތިބި ޒޯހާއާއި އަފްލާކް ފެނި ބުނެލިއެވެ. އަދި އޭނަގެ ގާތުގައި ދެން ތިބި މީހުނަށްވެސް އެމަންޒަރު ދައްކާލިއެވެ. އަދި ސިކުންތެއްވެސް ބޭކާރުކޮށްލުމެއް ނެތި އޭނަގެ އަތްދަބަސްތެރޭން ނެގި އައިފޯނުން ފޮޓޯ ނެގީ ކިޔާރާއަށް ފޮނުވުމުގެ ބޭނުމުގައެވެ. މަޤުސަދެއްކަމުގައިވީ ކިޔާރާގެ ހިތުގައި ޒޯހާއަށް ޓަކައި ވާ ނަފުރަތުގެ ގިނި އަލިފާނަށް ދަރުއަޅައި އިތުރަށް އަލިފާންގަނޑު ބޮޑުކޮށްލުމެވެ.
*****
''ކިހިނެއް ވެގެންތަ މިއުޅެނީ؟...''
އިރުއޮއްސުނު ފަހުން ގެއަށް އައިސް ވަން ފަހީމްއަށް ގެއަށް އައިސްފައި އޮތް ހަލަބޮލިކަން ފާހަކުރެވުމާއެކު ސުވާލުކުރީ ތެޅިފޮޅެމުން ގޭގެ މައި ސިޑިއާ ދިމާއަށް ދިޔަ ނޯކަރަކާއެވެ. އޭރު ގޭގެ ފުރަތަމަ ފަންގިފިލާއިން ފަހީމްގެ އަންހެނުން ޤަމަރު ކިޔާރާއަށް ގޮވާ އާދޭސްކުރާ އަޑުވެސް އިވެއެވެ.
ފަހީމްއަށް ޖަވާބު ދޭން އަވަސްވެގަތް ނޯކަރު މީހާއަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތި ފަހީމް ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ ސިޑިއާ ދިމާއަށެވެ. ފަހީމްއަށް ސިޑިން އެރުމަށް މަގުފަހިކޮށްދޭން ނޯކަރު މީހާ އެއްފަރާތަކަށް ޖެހިލީ އަދަބުއިހުތިރާމު އަދާކުރުމަށްފަހުގައެވެ.
''ދަރިފުޅާ، މި ދޮރުހުޅުވަބަލަ...'' ޤަމަރު ކިޔާރާގެ ދޮރުގައި ޓަކި ދިނެވެ. އޭނަ އަތުގައި އޮތް ތަޅުދަނޑި އަދިވެސް އެއްފަހަރު ދޮރުގެ ތަޅަށް ޖަހާލަމުން ދޮރު ހުޅުވޭތޯ ބެލިއެވެ. ނަމަވެސް އެތެރެއިން ދޮރު ނުހުޅުވޭ ގޮތް ހަދާފައިވުމުން އޭނައަށް ކާމިޔާބު ލިބޭ ގޮތެއް ނުވިއެވެ.
''ޤަމަރު!...'' ހާސްވެ ނުތަނަވަސްވެފައި ހުރި ޤަމަރުއަށް ފަހީމްގެ އަޑު އިވުމުން ފަސްއެނބުރި ބަލާލެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް އަންނަމުން ދިޔަ ފަހީމް ފެނުމާއެކު ކަރުނުން ފުރިބަރާވަމުން އައި ދެލޯ ޤަމަރަށް ފޮހެލެވުނެވެ. ފަހީމް ފެނުމުން އޭނަގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ހުރިހާކަމެއް ހައްލުވެގެން ހިނގައިދާނެކަމުގެ އުއްމީދު ހިތުތެރޭގައި އޮތީމައެވެ.
''ފަހީމް، އަހަރެން ފަހީމްއަށް ގުޅަން އުޅެނިކޮށް ތިއައީވެސް... އަޅެ މި ދޮރު ހުޅުވަބަލަ... ކިޔާރާ ކޮޓަރިއަށް ވަދެ އެއްޗެހި ތަޅާ އަޑުގަދަކުރާ އަޑަށް އަހަންނަށްވެސް މިތަނަށް އާދެވުނީ... އަހާއަހާވެސް ވެގެން އުޅެ ގޮތެއް ނުބުނި، ކިޔާރާ ރޯއަޑު ނޫން އިތުރު އަޑެއްވެސް ނީވޭ، އެތެރެއިން ދޮރުވެސް ނުހުޅުވޭ ގޮތް ހަދާފަ އެހެރީ އަހަރުމެންނަށް ނުވަދެވޭނެހެން، އެތައް ފަހަރަކު އާދޭސްކޮށްފިން ދޮރުހުޅުވަން، އެކަމަކު ޖަވާބެއް ނުދޭ، ރުއިން ނޫންކަމެއް ނުކުރޭ... ފަހީމް، ކިޔާރާ މޮޔަކަމެއް ކޮއްފާނެތީ އަހަރެން ވަރަށް ބިރު އެބަގަނޭ، އިތުރަށް މަޑުކުރުމެއް ނެތި ދޮރު ވައްޓާލައިގެން ވިޔަސް އެތެރެއަށް ވަންނަން އަހަންނަށް ފެންނަނީ...''
ޖަޒުބާތުގައި ބަނދެވުމުގެ ސަބަބުން ޤަމަރަށް ވަނީ ރޮވިފައެވެ. ހުރި ހަމައެކަނި ދަރިފުޅާ މެދު އޭނަ ބިރުގެންފައިވާ މިންވަރު އެދެލޮލުން ހެކިދެއެވެ. ލޮލުގެ ނޫރު ފަދައިން ބަލާ ބޮޑުކުރި ހިތުގެ ޖާނު ފަދަ ދަރިފުޅަށް ދެރަ ގޮތެއް ވާން އެއްވެސް ހާލެއްގައި ޤަމަރު ބޭނުމެއް ނުވެއެވެ. މިވީހާ ދުވަހު ކިޔާރާގެ ވިސްނުން ހުންނަ ގޮތް އޭނައަށް އެނގި ފަހުމުވެފައިވުމުން ހިތުގައި އޮތް ބިރުވެރިކަން ހިނދަށްހިނދަކަށް ދިޔައީ ޖިސްމުގެ ތެރޭގައި ވަކިހިއްޕަމުންނެވެ. ނޭވާގެ ހިނގުމަށްވެސް އުނދަގޫވާ ހިސާބަށް ކަންތައް ގޮސްފިއެވެ.
''ދަރިފުޅާ، މި ދޮރުހުޅުވާލަބަ، ދަރިފުޅަށް ވެގެން އުޅޭ ގޮތެއްވެސް ބައްޕަމެންނާ ހިއްސާކުރުމުން ނޫންތަ ހައްލު ހޯދައިދެވޭނީ، ތިހެން އެކަނިވެރިވެ ކޮޓަރީގެ ތަކެއްޗަށް ގެއްލުން ދިނަކަސް ބައްޕަމެންނަށް އެއްވެސް އެއްޗެއް ސާފެއް ނުވާނެ، ދަރިފުޅު ބޭނުންވާ ހުރިހާ ކަމެއް ބައްޕަ ފުރިހަމަ ކޮށްދޭނަން، އިހަށް މިދޮރު ހުޅުވާލަބަ، ބައްޕަގެ ބަސް ކިޔާރާ ޤަބޫލުކުރަމެއްނު، އަވަހަށް މިދޮރު ހުޅުވާލަދީ، ދަރިފުޅު ބޭނުންވާ ހުރިހާ ކަމެއްވެސް ބޭނުންވާ ކޮންމެ ގޮތަކަށް ބައްޕަ ފުރިހަމަކޮށްދޭނަން...'' ފަހީމްއަށް ބުނެވުނެވެ. އޭނަގެ ވާހަކަތަކަށް ކިޔާރާ ބޯލަނބާނެކަމުގެ އުއްމީދު ފަހީމްގެ ހިތުގައި ވިއެވެ. ކިޔާރާ ބޭނުންވާނެހެން ހުރިހާކަމެއް ވެސް އޭނަ ފުރިހަމަކޮށްދޭތީއެވެ. އެއްވެސް ކަމެއް އުނިވުމުގެ ފުރުސަތު ނުދޭތީއެވެ. އެހެނަސް މިފަހަރު ފަހީމްގެ ވާހަކަތަކަށްވެސް ކިޔާރާ އިޖާބަ ނުދިނެވެ. ކަންތައް ގޯސްވެފައިވާ މިންވަރު ފަހީމްއަށް ރޭކާލީ ދެނެވެ. އެހުރިހާކަމެއްގެ އަސްލާ އަފްލާކާ ގުޅިގެން ދިޔައީ މިހާރަކަށް އައިސް ކިޔާރާގެ މިޒާޖަށް އަންނަ ކުއްލި ބަދަލުތަކާއި ގުޅިފައިވާ ހަމައެކަނި ފަރާތަކީ އަފްލާކް ކަމުގައި ވީތީއެވެ. އެއާއެކު ފަހީމްގެ ހިތުގައި އަފްލާކްއާ މެދު ނުރުހުންތެރިކަން އުފެދުނެވެ.
''ކިޔާރާ...'' ދޮރު ހަލާކުކޮށްފައި އެތެރެއަށް ވަނުމުގެ ކުރިން ފަހީމް ފަހުފަހަރަށް ކިޔާރާއަށް ގޮވާލިއެވެ. އިތުރު ފުރުސަތެއް ކިޔާރާއަށް ދިނުމުގެ ބޭނުމުގައެވެ. ޖަވާބެއް ނުލިބުމުން އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރުކޮށްލުމެއް ނެތި ދޮރު ހަލާލުކޮށްލާފައި ފަހީމް އެތެރެއަށް ވަނެވެ. ފާހިމްގެ ފަހަތުން ކަހަލަ ގޮތަކަށް ވަން ޤަމަރަށް ފެނުނު މަންޒަރަކުން އަނގަމަތީގައި އަތްއަޅާލެވުނެވެ.
ކޮޓަރިއަށް ވަނީ ކުޑަވަރެއްގެ ނަގޫރޯޅިއެއް އަރާފައެވެ. ތަރުތީބެއް ނެތި ހުރިހާ އެއްޗެއް ވަނީ ހޫރާލެވިފައެވެ. އެނދުގައި އޮތް ރަޖާގަނޑާއި ބާލީސްތައް ވަނީ ބިންމަތީގައެވެ. ކޮޓަރީގައި ހުންނަ ސޯފާގެ ކުޝަންތައް ވެސް އުކާލެވިފައި ވާއިރު ތޫނު އެއްޗަކުން ސޯފާގެ ލެދާރބައި ވަނީ ކަފާލާފައެވެ. ކޮޓަރީގައި ހުރި ފޮތްއަލަމާރީގައި ހުރި ފޮތްތައްވެސް ވަނީ ބިންމަތީގައެވެ. ހެދުންތައް ވެސް މުޅިތަނަށް އުކާލެވިފައެވެ. ރީތިވާމޭޒުމަތީ ހުރި ސެންޓުފުޅިތައް ތަޅާލެވިފައިވުމުން ކޮޓަރިތެރެ އެއްވަސްވެފައި ވަނީ ސެންޓުގެ ބާރުގަދަ ވަހުންނެވެ. އެވަސްގަނޑު އައިސް ނޭފަތުގައި ޖެހުމުން ޤަމަރުގެ އިތުރުން ފަހީމްއަށް ވެސް ނޭފަތުގައި އަތްއަޅާލެވުނެވެ. ބޮލަށްއެނބުރުން އެރިހެން ހީވިއެވެ.
''ކިޔާރާ...'' ރީތިވާމޭޒާއި އަލަމާރިއާ ދެމެދު ހުރި ހުސްޖާގައިގެ ދެމެދުގައި އިށީންދެލައިގެން އިން ކިޔާރާ ފެނި ފަހީމްއަށް ގޮވާލެވުނެވެ. ދެފައިގެނެސް މޭގައި ޖައްސާލައިގެން ރޮމުން ދިޔަ ކިޔާރާގެ ގިސްލުންތަކުގެ އަޑު އިރުއިރުކޮޅާ އިވެމުން ދިޔައެވެ.
''ނުކުމޭ މިތަނުން!...'' ފަހީމްގެ އަޑަށް ކިޔާރާ އިސްއުފުލާ ބަލާލިއެވެ. އަދި ހަޅޭއްލަވައިގަތެވެ.
ޓައިލްސްތަކުގެ މައްޗަށް އެޅިފައި ހުރި ބިއްލޫރިކޮޅުތަކަށް ފަރުވާތެރިވަމުން ކިޔާރާ ގާތަށް ދިއުމަށް ފަހީމް އަވަސްވެގަތެވެ. ފަހީމްގެ ފަހަތުން ޤަމަރު ވެސް އައެވެ.
''ދަރިފުޅާ، ވެގެން އުޅޭ ގޮތެއް ބައްޕަމެން ގާތު ބުނީމައެއްނު ހައްލު ހޯދައިދެވޭނީވެސް، ތަކެއްޗަށް ގެއްލުންދީ ތިހެން ރުއިމުން އެއްވެސްކަމެއް ހައްލު ވާނެތަ؟، ރުއިން ހުއްޓާލާފައި ވެގެން އުޅޭ ގޮތެއް ބައްޕަ ގާތު ބުނެބަލަ، ދަރިފުޅު ބެނުންވާ ގޮތަކަށް ހުރިހާކަމަކެއް ބައްޕަ ފުރިހަމަކޮށްދޭނަމޭ، މިއީ ދަރިފުޅަށް ބައްޕަ ވާ ވަޢުދެއް...'' ކިޔާރާ ގާތަށް ކުޑަކަކޫ މައްޗަށް ތިރިވަމުން އޯގާތެރިކަމާއެކު ފަހީމް ބުންޏެވެ. ކިޔާރާ އިން ހާލު ފެނި ފަހީމްގެ ދެލޮލުންވެސް އުދާސްކަން ފާޅުވިއެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅު އުފުލަމުންދާ ހިތާމަތައް ފެނި އޭނަގެ ހިތުގައި ރިއްސާލީއެވެ. މުށްބާރުކޮށްލެވުނީ ދަރިފުޅުގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު ވިސްނައިގަނެވުނީތީއެވެ. އެހިނދު އަމިއްލަ ނަފުސު ދެކެވެސް ރުޅިއާދެވުނެވެ. ދަރިފުޅުގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު އެނގިހުރެވެސް ހައްލު ހޯދައިދިނުމުގައި ނުކުޅެދިފައިވާތީއެވެ.
''ބައްޕަ އަބަދު ކިޔަނީ ތިހެން، އެކަމަކު ވީކަމެއް އެބައޮތްތަ؟...'' ކިޔާރާގެ އަޑުގައި ރިހުން އެކުލެވިފައިވިއެވެ. ރުޅިވެރިކަން ވެސް އެކުލެވިފައި ވެއެވެ. ''އަހަރެން ބޭނުމީ އަފްލާކް!، އަފްލާކް އަހަރެންގެ ގާތަށް ގެނެސްދީ!... ބައްޕައަށް އެކަން ވާނެތަ؟!... އަފްލާކް އަހަރެން ނޫން އެހެން މީހަކާއި ގުޅިގެން އުޅޭތަން ދެކެން އަހަރެންގެ ހިތަކަށް ކެތެއް ނުވާނެ، އެމަންޒަރު ފެންނަން ފަށައިފިއްޔާ އަހަރެެން އަމިއްލަ މަރުވެދާނަން...''
''ކިޔާރާ...'' ޤަމަރުއަށް ގޮވާލެވުނެވެ. ކިޔާރާގެ ދުލުން ނިކުތް ބަސްތަކުން އޭނަ ބިރުގަތީއެވެ. ދުލުން ބުނެފި އެއްޗެއްގެ އަސްލު ދެއްކުމުގައި ކިޔާރާއަކީ ލާމަސީލު ނަމޫނާއެކެވެ. އެފަދަ މޮޔަކަމެއް ލޯބީގެ ޖަޒުބާތުތަކުގެ ބާރުގައި ކުރަން ކިޔާރާ ފަހެއްވެސް ނުޖެހޭނެއެވެ. ދަރިފުޅުގެ ހަށިރައްކަލާ މެދު އޭނަ ބިރުގަތީ އެހެންވެއެވެ. ޤަމަރު އަވަސްވެގަތީ އޭނަގެ ދަރިފުޅަށް ވިސްނައިދޭށެވެ. އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ ކިހާ ބޮޑު ފާފައެއްކަން ހަނދުމަކޮށްދޭށެވެ. އެހެނަސް ކިޔާރާ ހުރީ އެފަދަ ނަސޭހަތްތަކުން ހެޔޮ މަގު ލިބޭނެ ހާލަތެއްގައެއް ނޫނެވެ. ޝައިތާނީ ވަސްވާހުން އޭނަގެ ސިކުނޑިވަނީ މުޅިންހެން ކިލަނބުވެފައެވެ. ދުލުން އެފަދަ ވާހަކަތަކެއް ބުނެވުނީވެސް އެހެންވެއެވެ.
''ދަރިފުޅާ، ބައްޕަ މި ބުނާ އެއްޗެއް އެއްފަހަރު ވިޔަސް އަޑު އަހާބަލަ، އަފްލާކްގެ ކައިވެނި ކުރެވިގެން ދާނީ ހަމައެކަނި ދަރިފުޅާ، އެހެން އިތުރު ގޮތަކަށް އެކަންތައް ވުމުގެ ފުރުސަތެއް ބައްޕަ ނުދޭނަން، ދަރިފުޅު ގާތު ބައްޕަ އެދެނީ ހަމަ އެންމެ ފަހަރަކު ވިޔަސް ބައްޕައަށް އިތުބާރުކުރަން... މިފަހަރުވެސް ދަރިފުޅު ބޭނުންވާ ހުރިހާކަމެއް ބައްޕަ ފުރިހަމަކޮށްދޭނަން... ބައްޕައަށް އިތުބާރުކުރޭ...'' ފަހީމް ޔަޤީންކަން ދިނެވެ.
އެތައް ވާހަކައެއް ދައްކައި ވިސްނައިދީގެން ފަހީމްގެ ވާހަކަތަކަށް ކިޔާރާ ބޯލެނބިއެވެ.
''ބައްޕައަށް އިތުބާރުކުރަން...'' ފަހީމްއަށް ބަލަން އިން ކިޔާރާ އޭނަގެ ބައްޕަގެ ގައިގައި އޮޅިލައިގަތެވެ. އަދި ރޮވުނެވެ. އެއީ ބައްޕަ އޭނައަށް ދިން ޔަޤީންކަމުގެ ސަބަބުން ހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުން ބޭރުވި ޖަޒުބާތުތަކެވެ.
''ދަރިފުޅު ދެން މިފަދަ ކަމެއް ކޮށްގެން ނުވާނެ، އަމިއްލަ ނަފުސަށް ހާނިކައެއް ކޮށްފާނެ ވާހަކަވެސް ބުނެގެން ނުވާނެ، ދަރިފުޅަށް ކުޑަމީސް ގެއްލުމެއް ވާން ބައްޕަ ބޭނުމެއް ނޫން، ދަރިފުޅުދެކެ ބައްޕަ ލޯބިވާވަރު އެނގޭ ދޯ...'' ފަހީމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ލޯތްބާއެކު ކިޔާރާގެ ބޮލުގައި ފިރުމާލިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޤަމަރަށް ވެސް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.
އިރުކޮޅެއް ވަންދެން ކިޔާރާ ގާތު ފަހީމް މަޑުކުރިއެވެ. އެއަށްފަހު އޭނަ ކޮޓަރިން ބޭރަށް ނިކުތީ ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމުގެ އަސަރު ސިނގިރޭޓަކުން ފިލުވާލުމަށެވެ. ފަހީމް ދިއުމުން ކިޔާރާ ގާތު މަޑުކުރީ ޤަމަރެވެ. އޭރު ކޮޓަރި ތަރުތީބުކުރަން ނޯކަރުންތައް ހޭލަމޭލަވަމުން ދިޔައެވެ.
''މަންމަ ދިޔަޔަސް ދެން އެންމެ ރަގަޅޭ، އެވަގުތު އިމޯޝަނަލް ވެގެން ސުއިސައިޑްކޮށްފާނަމޭ ބުންޏަސް އަހަރެން އެކަހަލަ ކަމެއް ނުކުރާނަމޭ...'' ކިޔާރާ އޭނަގެ މަންމަގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޤަމަރުއަށް ފަރުވާތެރިކަމާއެކު ކިޔާރާގެ މޫނަށް ބަލާލެވުނެވެ. އިރުކޮޅެއް ކުރިން ހިނގާ ދިޔަ ކަންތަކަށް ފަހު ކިޔާރާ އެކަނި ކޮށްލާފައި ދާކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ.
*****
ރޯކޮށްލެވިފައިވި ސިނގިރޭޓުން އެތެރެއަަށް ދަމާލި ދުންތައް ނޭފަތާއި އަނގައިން ބޭރުކޮށްލަމުން ފަހީމް އޭނަގެ ފޯނު ނަގައި ރަމީޒުއަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅާލެވުނެވެ. އެހެނަސް ރަމީޒު ފޯނަށް ޖަވާބެއް ނުދިނެވެ. އެކަމާ ހުރެ ފަހީމް ގާތަށް ރުޅިއައެވެ.
*****
އެތެރެއިންލާ އަންނައުނުތައް ލަމުން ދިޔަ ސަބާއަށް ރީތިވާމޭޒު މަތީ އޮތް ރަމީޒުގެ ފޯނު ވައިބްރޭޓްވަމުން ދިޔަ މަންޒަރު ފެނުނެވެ. އެއާއެކު ފަސްއެނބުރި އޭނަ ބަލާލީ އެނދުގައި ނިދިފައި އޮތް ރަމީޒުއަށެވެ. ބަނާތުގަނޑުން އައުރަ ނިވާވެފައި އޮތްއިރު ގުގުރިދަމަމުންދާ އަޑު އިވެއެވެ.
ހެދުންލުމަށްފަހު ސަބާ ގޮސް ހުއްޓުނީ ރީތިވާމޭޒު ކުރިމައްޗަށެވެ. އަދި ރަމީޒުގެ ފޯނަށް އަވަސް ނަޒަރެއް ދިނެވެ.
''ފަހީމް؟...'' ސަބާއަށް ބުނެވުނެވެ. އެއްފަހަރު ފޯނަށް އަދި އަނެއްފަހަރު ނިދީގައި އޮތް ރަމީޒުއަށް ސަބާ ބަލާލިއެވެ. މުހިންމު ފޯނުކޯލެއްކަން އެނގޭތީ އޭނަ އަވަސްވެގަތީ ރަމީޒުއަށް ގޮވުމަށެވެ. އެހެން ނޫނީ މަސްލަހަތު ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. އާހިރުގައި ރަމީޒު ރުޅިއަންނާނީ އޭނަ ދެކެއެވެ.
''ބޭބް ހޭލަބަލަ، ފަހީމް އެބަގުޅާ...'' ރަމީޒުގެ އަތުގައި ކޮއްޓާލަމުން ސަބާ ބުނެލިއެވެ. ރަމީޒުގެ ފަރާތުން އިޝާރާތެއް ނުލިބުމުން އަނެއްކާ ވެސް ގޮވިއެވެ. މިފަހަރު ރަމީޒު ލޯހުޅުވާލިއެވެ. ހިތްހަމަނުޖެހިފައެވެ.
''ކިހިނެއްވީ؟...'' ނިދިބަރުއަޑަކުން ރަމީޒު ބުނެލިއެވެ.
''ފަހީމް...'' ފޯނު ދިއްކޮށްލަމުން ސަބާ ބުނެލިއެވެ. އެއާއެކު ރަމީޒުގެ ދެލޮލުން ނިދިފިލައި ހިނގައްޖެއެވެ. ފުންމައިގެންފައި ތެދުވެ ފޯނުކޯލަށް ޖަވާބު ދިނެވެ. ރަމީޒުއަށް ބަލަން ހުރި ސަބާގެ މޫނުގައި ވަނީ ހައިރާންކަމެވެ. ރަމީޒު ހާސްވެ ނުތަނަވަސްވެފައި ހުއްޓާ އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ހިތުގައި އެތައް ސުވާލެއްވެސް އުފެދުނެވެ.
ސަބާ ބަލަން ހުއްޓާ ފޯނުކޯލަށް ފަހު ރަމީޒު ގޮސް ވަނީ ފާޚަނާ އަށެވެ. އިރުކޮޅެއް ވަންދެން ފާޚަނާއާ ދިމާއަށް ބަލަހައްޓައިގެން ސަބާއަށް ހުރެވުނެވެ. އެއަށްފަހު ރަމީޒުގެ އިންތިޒާރުގައި ގޮސް އިށީނީ ސޯފާގައެވެ. ތަރުތީބު ގެއްލިފައިވި ކޮޓަރިތެރެ ސާފުކުރުމުގެ ވިސްނުމެއް ސަބާގެ ނެތެވެ. އެންމެ ކުޑަމިނުން ޓައިލްސްތަކުގެ މައްޗަށް އުކާލެވިފައި ހުރި ރަމީޒުގެ އަންނައުނުތައް ދާވަށިގަނޑަށް ލުމުގެ ވިސްނުމެއް ވެސް ސަބާގެ ނެތެވެ. އޭނަގެ ނަޒަރުގައި އެކަންތައްތަކަކީ ގޭގެ ނޯކަރުން ކުރަންޖެހޭ ކަންތަކެވެ. އޭނަ ހުންނަންޖެހޭނީ އިއްޒަތާއި ޝަރަފުގައެވެ.
ސަބާ ފޯނާއި ކުޅެން އިންދާ ރަމީޒު ފާޚަނާއައިން ނިކުތެވެ. އަވަސްއަރުވާލައިގެން ތައްޔާރުވާންވެސް ފެށިއެވެ. ރަމީޒުއަށް ބަލަން އިދެފައި ސަބާ އޭނަ ދައްކަން ގަސްދުކޮށްގެން ހުރި ވާހަކައާއިގެން ކުރިއަށް ދިއުމަށް ނިންމިއެވެ. އޭނަ ކުރިން މަޑުކޮށްލައިގެން ހުރީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު އައިސްދާނެކަމަށްޓަކައެވެ. ނަމަވެސް އިންތިޒާރު ދިގުލައިގެން ދިއުން ނޫންކަމެއް ނުވާނެތީ މިހާރު އޭނަގެ މައުޟޫޢުއަށް ވާހަކަދައްކަން ސަބާ ގަސްދުކުރިއެވެ. މިއަދު އެކުވެރިޔެއްގެ ފަރާތުން އޭނަގެ ކަންފަތާ ހަމައަށް އައި ވާހަކައިން ސަބާގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. އޭނައަށް ވުރެން ޒުވާން އަންހެންކުއްޖެއްގެ ގާތަށް ރަމީޒު ދާ ވާހަކައެވެ. ނުވީތާކަށް މިއަދު މާރިޔާއާ ބައްދަލުކުރަން ރަމީޒު ދިޔަ ޚަބަރުވެސް ސަބާގެ ކަންފަތާ ހަމައަށް ކޮންމެވެސް ގޮތަކުން ވަނީ ފޯރާފައެވެ.
''ބޭބް، ކޮންދުވަހަކުތަ އަހަރުމެންގެ ކައިވެނީގެ ކަންތައް ހަމަޖެހޭނީ؟... މިހާރުވެސް ހަމަސް މިވަނީ ބޭބްގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭތާ... މީހުން ފާޑުފަޑުގެ ވާހަކަވެސް އެބަދައްކާ...'' ސަބާ އޭނަގެ ނަޒަރު ފޯނާއި ވަކިކޮށްލަމުން ބުންޏެވެ.
ރަމީޒުގެ ފަރާތުން ސަބާއަށް ސަމާލުކަމެއް ނުލިބުނެވެ. އަލަމާރިން ނެގި ގަމީސް ހަށިގަނޑަށް މަހާލަމުން އޭގެ ގޮށްތައް އަޅުވާލުމަށްފަހު ގަޔަށް ސެންޓު ބުރުވާލިއެވެ. އެއަށްފަހު ރަމީޒު އަަވަސްވެގަތީ ކޮޓަރިން ނިކުތުމަށެވެ.
''ބޭބް!...'' ސަބާއަށް ގޮވާލެވުނެވެ.
''މަގޭ ބޮލަށް މިހާރު އުނދަގޫކުރަން އުޅޭނެކަމެއް ނެތް... ފަހުންވެސް ތި ވާހަކަ ދެއްކިދާނެ!... ލަސްވެގެން މިއުޅެނީ!...'' އިތުރަށް ކޮޓަރީގައި މަޑުކުރުުމެއްނެތި ރަމީޒު ކޮޓަރިން ނިކުތީ ސަބާ ގޮވަގޮވާ ހުއްޓާއެވެ. ރަމީޒުގެ ފަހަތުން ކޮޓަރީގެ ދޮރާ ހަމައަށް ސަބާ ދިޔައެވެ. ސިޑިން ފައިބަން ދިޔަ ރަމީޒުއަށް ބަލަން ހުރެފައި އޭނަ ތުންއަނބުރާލިއެވެ.
''އާރގްގްގް... ކިހިނެއްތަ މިވަނީ، ރަމީޒު އަހަރެން މަތިން ފޫހިވަނީތަ؟... ނޫން!، އެހެންވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން، ކޮންމެ ގޮތެއް ހަދާފައިވެސް ރަމީޒުއާ އަހަރެން ކައިވެނި ކުރާނަން، އަތުންފައިން މަސައްކަތެއް ނުކޮށް މުއްސަނދިކަމުގައި ހުންނަން އަހަންނަށް އޮތް ހަމައެކަނި މަގަކީ އެއީ... އެ މާރިޔާ ކިޔާ އެތި ދިޔަ ފަހުން އަހަރެން ހީކުރީ ހުރިހާކަމެއް ފަސޭހަވާނެކަމަށް، އެކަމަކު އެހެނެއް ނުވި...'' ސަބާއަށް ކުސްތަޅާލެވުނެވެ.
އުމުރުން އެންމެ ފަންސަވީސް އަހަރުގެ ސަބާއަކީ ބުރުސޫރަ ރީތި ކުއްޖެކެވެ. ލިބިފައިވަނީވެސް އެހާމެ ފުރިހަމަ ވަނާތަކެކެވެ. ޤުދުރަތުގެ އެރީތިކަމުގެ މަންފާ އޭނަ ހާސިލުކުރަނީ މުއްސަނދި ފިރިހެނުންގެ ދާން ފަޅުފިލުވައިދީގެންނެވެ. އެގޮތުގެ މަތީން އެތައް ބަޔެއްގެ ހަށިގަނޑުގައި އުނގުޅުނުފަހުން އޭނައާއި ރަމީޒުއާއި ބައްދަލުވީ އިއްތިފާޤަކުންނެވެ. އޭގެ ފަހުން ރަމީޒުގެ ފަރާތުން އޭނައަށް ލިބުނު ޝައުޤުވެރިކަމަށް ފަހު ރަމީޒުގެ ފޫބުޑުން ސަބާ ދުރަކަށް ނުދިޔައެވެ. މުއްސަނދިކަން ހާސިލުކުރެވެން އޮތް މަގެއް އޭނައަށް ފެނުނީތީއެވެ. ހަމައެއާއެކު ރަމީޒުގެ ރީތިކަމުން އޭނަގެ ހިތަށްވެސް އަސަރުކުރީއެވެ.
ރަމީޒުގެ މުދާގަނޑު ހަޖަމުކުރުމަށް ކުރިމަތިވާން އޮތް ކޮންމެ ހުރަހެއްވެސް މަގުން އެއްފަރާތްކުރަން ސަބާގެ އަޒުމު ވަރުގަދައެވެ.
*****
''ވެލް ދެޓް ވޯޒް އީޒީ... ބައްޕަ މެނިޕިއުލޭޓްކޮށްލުމަކީ ހާދަ ފަސޭހަކަމެކޭ، މިހާރު އަހަންނަށް އެއޮތީ ޔަޤީންކަންވެސް ލިބިފައި، ޒޯހާ!!!... ކަލޭ ބަލަން ހުންނާތި!... އަފްލާކްއާ ކައިވެނި ކުރާނީ އަހަރެން... ކަލޭ ހުންނަން ޖެހޭނީ ދުރުގައި އެމަންޒަރު ބަލަން، އަފްލާކްއެއީ ހަމައެކަނި އަހަރެންގެ މީހެއް...''
ކޮޓަރީގައި އެކަނިވުމާއެކު ކިޔާރާގެ ތުންފަތުގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. އެކުވެރިން ފޮނުވި ފޮޓޯތަކުން ނަފުސަށް ލިބުނު ނުތަނަވަސްކަން މުޅިންހެން ފިލައި ހިތުގައި ވަނީ އުއްމީދެވެ. އަފްލާކް ހާސިލުވާނެކަމުގެ ޔަޤީންކަމެވެ.
ކިޔާރާ ހިނިތުންވެލިއެވެ. އަދި އޭނަގެ ފޯނުގެ ވޯލްޕޭޕާރއަކަށް ލާފައި އިން އަފްލާކްގެ ފޮޓޯގައި ތުންފަތް ޖައްސާލިއެވެ.
*****
''ރަމީޒު ކަލޭ ކުރާކަމެއް ވިހާވެސް އަވަހަކަށް ކުރަން އުޅޭ، ކަލެއަށް އިތުރަށް މުހުލަތު ދެވޭކަށް ނެތް، އެންމެ ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އަފްލާކްގެ ނިންމުން ބަދަލުކުރޭ، އޭނަ ކުރަން އެއުޅޭ ކައިވެނި ހުއްޓުވާ، ކަލޭގެ އާޢިލީ ކަމަކަށް ވާތީ މިކަމުގެ ތެރެއަށް ވަންނަން އަދި އަހަރެން ބޭނުމެއް ނޫން، އެކަމަކު ކަލެއަށް ހައްލު ނުކުރެވެންޏާ އަހަރެން ވަންނާނަން، އޭގެ ފަހުން މަސްރަހު ވަރަށް ބޮޑަށް ގޯސްވެގެން ދާނެކަން ހަނދާންކުރާތި!، ކަލޭ ސިއްރުން ކުރާ ވިޔަފާރިތައް ފަޅާއަރުވާލުމަކީ މަށަށް އުނދަގޫކަމެއް ނޫން، އޭރުން ކަލޭ ބަނގުރޫޓުވާކަށްވެސް ލަހެއް ނުވާނެކަން ދަންނާތީ... އަފްލާކްއަކީ ކަލޭ ދަރިއެއްނު!، އެދަރީގެ މައްޗަށް ކަލޭގެ ބާރު ފޯރުވެން ޖެހޭނެ......''
ރަމީޒުއާއި ފަހީމް ތިބީ އާދައިގެ މަތިން އެމީހުން ގޮސް އުޅޭ ރެސްޓޯރެންޓުގައެވެ. އެއީ ޒަމާންތަކެއް ވަންދެން އެދެމެދުގައި ބަދަލުކުރެވޭ ސިއްރު ވިޔަފާރިތަކުގެ މައި މަރުކަޒެވެ. ފަހީމް ހިންގާ ރެސްޓޯރެެންޓެއް ކަމުން އެމީހުން ދައްކާ ހުރިހާ ވާހަކައެއްގެ ސިއްރު ހިފެހެއްޓިގެންދެއެވެ.
''އައްޔޫބު މިހާރު ގޮސްފަ އެހުރި މާލެ ދަތުރު ނިންމާލާފައި އައުމާއެކު އަހަރުމެން ބޭނުންވާނެހެން ހުރިހާކަމެއް ފުރިހަމަވެގެންދާނެ، އަހަރެން ވާނީ ހުރިހާކަމެއް ރާވާފައި، ކުޑަ ދުވަސްކޮޅެއް ބޭނުންވަނީ، އޭރުން އަފްލާކް ކަންތައް ކުރާނީވެސް އަހަރުމެން ބޭނުންވާނެހެން... އޭރުން އެޒޯހާއާއި އަފްލާކްގެ ގުޅުމަށް ނިމުން އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެން ދެން...'' ރަމީޒު އޭނަގެ މޮޅު ރޭވުން ފަހީމްއާއި ހިއްސާކުރިއެވެ. ފަހީމް އަޑުއަހަން އިދެފައި އޭނަގެ ޚިޔާލެއްވެސް ރަމީޒުއާއި ހިއްސާކުރިއެވެ. ފަހީމް އެރޭވުމާއި ގަޔާވިކަން އެނގި ރަމީޒުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހަމަޖެހުމުގެ ނޭވާއެއްވެސް ދޫކޮށްލެވުނެވެ.
''މިއީ އަހަރުމެންގެ ފަހަރު، ޔަޤީނުންވެސް ކާމިޔާބުވާނެ، ބާރުގެ ބޭނުން ހިފިދާނެ ގޮތްތައް މިފަހަރު ދައްކާލާނަން...'' ރަމީޒު ސަޅިބައިސާ ކަނޑާލިއެވެ.