ހިމޭންވެފައި ހުރި އައްޔޫބުއަށް އޭނަގެ މުށަށް ބާރުކޮށްލެވުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު އޭނަ ރަމީޒުއަށް ބަލާލީ ރުޅިއައިސް ރަތްވެފައިވި ލޮލަކުންނެވެ. އޭރު އޭނަގެ ބުމަވެސް ގޮށްޖެހި ދަތްޕިލަ ޖައްސާ ބާރުކޮށްލާފައިވާ މިންވަރު ކަތުރުކަށިގަނޑަށް އަރައިގެން ދިޔަ ވާންކަމުން ހާމަކޮށްދިނެވެ.
މަންޒަރު ބަލަން ހުރި ރަމީޒުގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެހިނިތުންވުމުގެ މާނަ އައްޔޫބުއަށް ދޭހައެއް ނުކުރެވުނެވެ. އޭނަ ގާތަށް އިތުރަށް ރުޅިއަންނަ ގޮތްވުން ނޫންކަމެއް ނުވިއެވެ. ރަމީޒުގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލުމަށްފަހު އެތުންފަތުގައިވާ ހިނިތުންވުން ޖަހައިގަންނަން އޭނަ ބޭނުން ވިއެވެ. ދެވަނަ ފަހަރަށް ޒޯހާ އަދި މޫނިސާގެ ނަންވެސް ރަމީޒުގެ ދުލުން ބޭރުނުކުރެވޭވަރު ކުރަން ބޭނުން ވިއެވެ. ނަމަވެސް އޭނަގެ އަތުގައި ބިޑި އަޅުވައި ހައްޔަރުކޮށްފައިވުމުން އެކަންތައް ފުރިހަމަކުރަން އޭނައަށް ހުރަސްތަކެއް ކުރިމަތިވެފައި ވިއެވެ. ހަމައެއާއެކު ރަމީޒު ދިން އިންޒާރުތަކުން ހިތުގައި ބިރުވެރިކަމުގެ ވިންދުވެސް ޖަހަމުން ދިޔައެވެ. ނަމަވެސް ރަމީޒުގެ ހުށަހެޅުން ޤަބޫލުކުރަން އައްޔޫބުގެ ރަމީޒު ފުރުސަތެއް ނުދިނެވެ. ރަމީޒު ފަދަ ޖައްބާރު މީހަކާއެކު މަޝްވަރާގެ މޭޒަށް އަންނާކަށް އޭނަ ބޭނުމެއް ނުވިއެވެ. ރަމީޒު އެދޭ ފަދައިން އޭނަ ކަންތައް ކޮށްފި ނަމަވެސް ފުރަގަހުން އޭނައަށް ހަމަލާނުދޭނެކަމެއް ވެސް އެނގެނީކީ ނޫނެވެ. ރަމީޒުއަކީ އިތުބާރުކުރެވޭނެ ފެންވަރުގެ މީހެއް ނޫނެވެ. ހަމައެއާއެކު މި ހިތާމަވެރި ވަގުތުގައި އޭނަގެ ޢާއިލާއަށް އެހީ ފޯރުކޮށްދެމުން ދިޔަ އަފްލާކްއަށް ހިތްދަތިކަމެއް ދޭން އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެކަމުގެ ސަބަބުން އޭނަގެ ދަރިފުޅުގެ އުއްމީދުތައް ފުނޑުފުނޑުވެގެން ދާކަށްވެސް ބޭނުމެއް ނުވިއެވެ.
''ވިސްނަން ވަގުތު ދީފާނަން، އެކަމަކު އަހަރެން މިތަނުން ނިކުމެގެންދާ ފަހުން އިތުރު ފުރުސަތެއް އައްޔޫބުއަކަށް ނޯންނާނެ، މިހާރު އަހަންނަށް ޖަވާބު ދީ، އެހެންނޫންނަމަ އައްޔޫބުގެ މުޅި ޢާއިލާ ބަރުބާދުކޮށްލާނަން، މާ ބޮޑު ކަމަކަށް ނޫނެއްނު އަހަރެން މިއެދެނީ!، ހަމައެކަނި އަފްލާކްއާއި ޒޯހާ ދުރުކުރުވަންވީ... ބޭނުން ވަރަކަށް ފައިސާ ވެސް ދީފާނަން... ވިސްނާ... މިހާރުން ފެށިގެން ފަސް މިނެޓް މިދެނީ، ސިކުންތު ކަށި އެބަ ހިނގާ!...''
އަތުކުރީ އޮތް ގަޑިގައި ޝަހާދަތް އިނގިލި ޖައްސާލަމުން ރަމީޒު ބުނެލިއެވެ. އަދި އައްޔޫބުއަށް ގަޑީގެ މޫނުމަތި ދައްކާލީ ވަގުތު ހިނގާކަން އަންގާ ދިނުމަށެވެ. އޭނަ ބޭނުންވީ ހުރިހާ ދިމާއަކުން ވެސް ބިރުދައްކައިގެން އައްޔޫބު އެއްބަސް ކުރުވާށެވެ.
އައްޔޫބު ކަރުތާފެނަށް ވެއްޓި ގެނބެން ކައިރިވެފައިވުމުން އޭނަގެ ހުށަހެޅުން ޤަބޫލުކުރާނެ ކަމުގެ ޔަޤީންކަން ރަމީޒުއަށް އޮތްވެ. ހަތިޔާރަކަށް އޭނަ ޒޯހާ ނެގީވެސް އެހެންވެއެވެ. އައްޔޫބުގެ ބަލިފަޔަކީ ކޮބައިކަން ރަގަޅަށް އެނގޭތީއެވެ. އޭނަގެ ތުންފަތުގައި ކުޅެލަމުން ދިޔަ ފަތަހައިގެ ހިނިތުންވުމުން ހިތުގައި އޮތް އުއްމީދު ހާމަކޮށްދެމުން ދިޔައެވެ.
ރަމީޒުގެ މޫނަށް ނަޒަރު ހުއްޓާލުމަށްފަހު ސިކުންތު ކަށި ހިނގަމުން ދިޔަ ގަޑިއަށް ވެސް އައްޔޫބު ބަލާލިއެވެ. އެއަށްފަހު ނުރުހުންތެރިކަން އެކުލެވިގެންވި އައްޔޫބުގެ ނަޒަރު އަނެއްކާ ވެސް ރަމީޒުއަށް ހުއްޓުނެވެ. އެވަގުތު އައްޔޫބުގެ އަނގައިގައި ގިނަވެފައިވި ކުޅުތައް އޭނަ ޖެހީ ރަމީޒުގެ މޫނަށެވެ. އެފަދަ ކަމަކަށް ތައްޔާރުވެގެން ނެތް ރަމީޒުގެ މޫނުން ސިހުން ފެނުނެވެ.
''ތީ ކަލޭގެ ހައިސިއްޔަތަކީ!، ކަލޭ މަށަށް ބިރު ތިދައްކަނީ ކަލޭގެ ހުށަހެޅުން ޤަބޫލުކުރާނެ ކަމަށް ތަ؟!... ނުކުރާނަން، އަހަންނަށް ޔަޤީންކަން އެބައޮތް އަފްލާކްގެ ފަރާތުން އަހަރެންގެ ޢާއިލާއަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ، ކަލެއަށް ބިރުން އަހަރެން އެއްވެސް ކަމަކަށް އެއްބަހެއް ނުވާނަން!... އަޑު އިވިއްޖެ ތަ؟... ކަލޭ ތިހާ މުއްސަނދި ޤަދަރުވެރި މީހާ އައިސް އަހަރެން ކަހަލަ ފަގީރު ނިކަމެއްޗެއްގެ ގާތު ސަލާން ޖެހުމުން އަންގައިދެނީ ކަލޭގެ އެއްވެސް އާރެއްބާރެއް ހަޤީޤަތުގައި ނެތްކަން، ކަލޭ ތިހުރިހާކަމެއް ކުރަނީ ކަލޭ ގޮތް ހުސްވެފަ ހުރީމަ، އަހަންނަކަށް ނެގޭ ކާކަށް ބިރުން ކަމެއް ކެލޭ ތިހުރިހާކަމެއް ތިކުރަނީ!، އެކަމަކު އަހަރެން ކަލޭގެ ތި ބޭނުންތަކެއް ފުރިހަމަކޮށެއް ނުދޭނަން!...'' އައްޔޫބު ހަޅޭއްލަވައިގަތެވެ.
ކުޅުގެ އަސަރު މޫނަށް ކުރުމާއެކު ރަމީޒުގެ ތުންފަތުގައިވި ހިނިތުންވުން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލި މޫނުމައްޗަށް ސަވާރުވެގެން އައީ ނުރައްކާތެރި ވިދުވަރެކެވެ. ފަކުރުގެ އަސަރުވެސް އޭނަގެ ދެލޮލުން ފެނުނެވެ. މީހާ ހަމައަކަށް އަޅުވަން ދޫކޮށްލި ނޭވާއާއެކު ސޫޓުގެ ޖެކެޓުން ނެގި ހުދުކުލައިގެ ކުޑަ ރުމާލުން މޫނުގައި ހުރި ކުޅުތައް ފޮހެލިއެވެ. އެއަށްފަހު އަތުގައި އޮތް ރުމާ އޭނަ ޖެހީ މޭޒު މައްޗަށެވެ.
''މިހާރު ޖަވާބު ލިބިއްޖެ ކަމަށް ހީކުރަން!، އިތުރަށް ދެން ކަލޭ މިތާ ހުރުމުގެ ބޭނުމެއް ވެސް ނެތް، އެހެރީ ވަން ދޮރު! އެދޮރުން ކަލޭ ނިކުމެގެން ދޭ!...'' ރުޅި އައިސް ރަތްވެފައި ހުރި ރަމީޒު ފެނުނުކަމުގައި ވިޔަސް އައްޔޫބުގެ ހިތުގައި ޖެހިލުންވުމެއް ނެތެވެ. ރަމީޒުގެ ފަރާތުން ކުރިމަތިވަމުން އައި ދުއްތުރާތަކުން އެހެން އެއްވެސް ކަމަކަށް ވިސްނުން ހިންގާލެވޭ ވަރެއް ނުވިއެވެ. އައްޔޫބުއަށް އިސްކުރެވުނީ ރުޅިވެރިކަމެވެ. މިކުޅެވެނީ އަލިފާނާކަން އެނގޭ އިރުވެސް ފަހަތަށް އެންމެ ފިޔަވަޅެއް އަޅާކަަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ. އޭރުން ރަމީޒުގެ ނުބައި ރޭވުންތަކާއިގެން ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބޭނެތީ އެވެ. ރަމީޒުގެ އިންޒާރުތަކުން އޭނަ ސިހިފައިވާކަން ރަމީޒުއަށް އަންގަން އައްޔޫބު ބޭނުމެއް ނުވިއެވެ.
''****... ކަލޭ ތީ ކާކު މަށަށް އަމަރުކުރަން؟... ކަަލޭ ބަލަން ހުންނާތި ކަލެއާ މެދު ދެން ވާނެ ގޮތްތައް، ލާހިކެއް ނޫން މިތަނުން ސަލާމަތްވާކަށް... އަފްލާކްއަށް ވެސް ކަލޭ ސަލާމަތެއް ނުކުރެވޭނެ....... އޭނަ ޖެހިލުންވާނެ މަށާ ކުރިމަތިލާން، ކުޑައިރު އޭނައަށް ދިން އަނިޔާތަކުގެ ހަނދާން އަދިވެސް ސިކުނޑީގައި ހަރުލާފައި ހުންނާނެ، އެއިން އެއްވެސްކަމެއް އޭނަ ހަނދާން ނުނެތޭނެ!!!....'' ރަމީޒު ހަޅޭއްލަވައިގަތެވެ.
''ކަލޭގެ ބާރު އަފްލާކްގެ މައްޗަށް ފޯރާނަމަ އަފްލާކް ކަލޭ ބުނާ ގޮތަށް ކަންތައް ކުރީހެއްނު، ކަލޭ ދެކެ ބިރުގަންނަނަމަ ކަލެއާ ދެކޮޅުވާކަށް ނުކެރުނީހެއްނު، މިހާރު ކަލެއަށް އެކަން ވިސްނެން ވެއްޖެ ދޯ؟... އެއީ ކުރީގެ އަފްލާކްއެއް ނޫނޭ!، ކަލޭ ދެކެ ބިރުން ސިހިފައި ހުރި ޒަމާން މަޒީއާއެކު ގޮސްފި، ކަލޭ ވެއްޖެއެއްނު ދެލޯ ހުޅުވަން، އޭރުން ފެންނާނެ ހުރިހާ ކަމެއްވެސް... ޔަޤީނުން ވެސް އަފްލާކްއަކީ ކަލޭ ކަހަލަ ފިނޑިއެއް ނޫން...'' އައްޔޫބު ރައްދު ދިނެވެ.
''****...'' އައްޔޫބުގެ ގަމީހުގެ ގިރުވާނުގައި ހިފައި އޭނަގެ މޫނާއި ކައިރިކޮށްލަމުން ރަމީޒު ހަޅޭއްލަވައިގަތެވެ. ހޫނުވެފައިވި ލޭގެ ސަބަބުން އޭނަގެ ކަރުގެ ނާރުތައް ވަނީ ފުއްޕާލާފައެވެ. ހަމައެއާއެކު ލޮލުގައި ވަނީ ވެސް ރަތްކުލައެއް ވެރިވެފައެވެ. ދަތްދޮޅީގައިވި މަޑު ތުރުތުރުން އައިސްފައި ހުރި ގަދަ ރުޅި ކޮންޓްރޯލްކުރަން ދަތިވެފައިވާ މިންވަރު އަންގާދިނެވެ.
އެވަގުތު ރަމީޒުއާއި އައްޔޫބުގެ ދެމެދަށް ވަދެ ދުރުކުރީ އެތާ ހުރި ފުލުސް މީހާއެވެ. މާރާމާރީއެއް ހިނގައި ކަންތައްތައް އިތުރަށް ގޯސްވެދާނެތީ ރަމީޒުއަށް ވިސްނައިދޭން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް އައިސްފައި ހުރި ރުޅީގެ ސަބަބުން ރަމީޒުއަށް އޭނަގެ ނަފުސު ކޮންޓްރޯލްކުރުންވީ ދަތިކަމަކަށެވެ. އެންމެފަހުން އައިސްފައި ހުރި ރުޅި އޭނަ ބޭލީ ފުލުސް މީހާއަށެވެ. ގޮށްމުށުގެ އެތިފަހަރެއް މޫނުމައްޗަށް ވީއްލާލިއެވެ. ހަމަލާގެ ބާރުގަދަކަމާއެކު ފުލުސް މީހާގެ ފައި އަރިއަޅާލުމުން އުނޑުން ބިންމައްޗަށް ވެއްޓުނެވެ. ނޭފަތުގައި އޭނައަށް އަތް އަޅާލެވުނު ތަނާ ލޭ އޮހޮރެން ފަށައިފިއެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހިންދެމިލި ރަމީޒު، އޭނަގެ ސޫޓުގެ ޖެކެޓު ރަގަޅުކޮށްލަމުން އައްޔޫބުއަށް ބަލާލިއެވެ.
''ދެން އޮތީ ކަލޭގެ ފަހަރު!...'' އިންޒާރު ދިނުމަށްފަހު ރަމީޒު ނިކުންނަން ހިނގައިގަތެވެ. އެމަންޒަރު ބަލަން އިން އައްޔޫބުގެ މޫނުމަތީގައިވި ރުޅިވެރިކަން ހާސްކަމާއި ނުތަނަވަސްކަމަށް ބަދަލުވެގެން ދިޔައީ ރަމީޒު ދެއްކި ވާހަކަތައް ސިކުނޑީގައި ތަކުރާރުވާން ފެށުމުންނެވެ. ނޭވާލާން ވެސް އޭނައަށް ދަތިވި ހިނދު އައްޔޫބުއަށް އޭނަގެ މޫނުގައި ދެއަތް އަޅާބާރުކޮށްލެވުނެވެ.
''ޒޯހާ...''
އައްޔޫބުގެ ދުލުން ބޭރުވިއެވެ. ޒޯހާގެ ހަށިރައްކަލާ މެދު އޭނަ ބިރުގެންފައި ހުރި މިންވަރު އޭނަގެ އަޑުން އެކަނިވެސް ހާމަކޮށްދެއެވެ. ރަމީޒު ކުރަން އުޅޭ ކަންތަކުގެ އިންޒާރު ޒޯހާ އަދި އަފްލާކްއަށް ދޭން އައްޔޫބު ބޭނުން ވިއެވެ. ނަމަވެސް އެފަދައިން ކަންތައް ނުކުރެވޭނެހެން ރަމީޒު ހުރީ ދުރާލާ ފިޔަވަޅުއަޅާފައެވެ. އޭގެ ސަބަބުން އައްޔޫބުއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. ނޭވާލާން ވެސް އޭނައަށް ދަތިވިކަހަލައެވެ. ނަފުސުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ބޭރަށް ދިއުމަށް މާރިޔާ ގެއިން ނިކުތީ ރޭގަނޑު އަސްގަޑި ބައިވެ ބޮޑުވި ފަހުންނެވެ. އޭރު އަފްލާކްގެ ވެސް ހޮސްޕިޓަލުގައިވުމުން އަފްލާކްގެ ސުވާލުތަކުން ރެކިގަތުމުގެ ފުރުސަތު މާރިޔާއަށް އޮތީ ތަނަވަސްވެފައެވެ. ގޭގެ މައިދޮރު މައްޗަށް އޭނައަށް ނިކުމެވުނުތަނާ، އޭނަ ގުޅި ޓެކްސީ އައިސް ގޭގެ ދޮރުމައްޗަށް މަޑުކުރަނީއެވެ. އަވަސްއަވަހަށް ޓެެކްސީގެ ފަހަތު ސީޓަށް އަރައި ދާންވީ މަންޒިލް ޑްރައިވަރު ގާތު މާރިޔާ ބުނެލިއެވެ. އޭރު އޭނަގެ މޫނުމަތިން ނުތަނަވަސްކަން ފެނެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ނަފުސު ތައްޔާރުކޮށްލިއެވެ. ރަމީޒުގެ މޫނު ފެންނަ ހިސާބަކަށް ނުދާން އަމިއްލަ ނަފުސަށް އޭނަ އޮތީ ވަޢުދުވެފައެވެ. އެހެނަސް ހާލަތު އޭނައަށް މަޖުބޫރުކޮށްފައި އެވަނީ ރަމީޒުއާ ބައްދަލުކުރަން ދާށެވެ. އެއީ ރަގަޅު ޚިޔާލެއްކަމާ މެދު އޭނަގެ ހިތުގައި އޭރު ސުވާލު އުފެދިފައި ވިއެވެ. ރަމީޒުގެ ބޯހަރުކަމާ ހުރެ އޭނަގެ މަޤުސަދު ހާސިލު ނުވެދާނެކަމުގެ ބިރު އޭނަގެ ހިތުގައި ވިއެވެ.
މަންޒިލަށް އާދެވުމާއެކު ފެންނަން ހުރި ގަނޑުވަރެއް ފަދަ ގެޔަށް މާރިޔާ ބަލާލިއެވެ. އެއަށްފަހު ދަތުރުގެ ފައިސާ ޑްރައިވަރާ ހަވާލުކުރުމަށްފަހު އޭނަ ކާރުން ފޭބިއެވެ. ގޭގެ ބޭރު ފާރުގައި ހަރުކުރެވިފައިވި ޒަމާނީ ކުލަތަކުން ފަރުމާކުރެވިފައިވި ނަން ބޯޑަށް މާރިޔާގެ ނަޒަރު ދަތުރުކުރިއެވެ.
''މެހެފިލް'' އެނަމަށް ބަލަން ހުރި މާރިޔާގެ ހިތުގައި ރިހުމެއް އުފަންވެގެން ދިޔައެވެ. ކުރިމަތިން ފެންނަން ހުރި ގެއަށް ބަލާލި ހިނދު އޭނަގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. އޭނަގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކާއި ގުޅިފައިވާ މެހެފިލަކީ އައީއެވެ. ބަހާރުގެ ކުލަތަކުން އޭނަގެ ހަޔާތް ރަންގުކޮށްދިން އުފާވެރިކަމާ ގުޅިފައިވާ ތަނަކީ ވެސް އެއީއެވެ. އުފާވެރި އެތައް ހަނދާނެއްގެ ހިއްސާދާރަކީ އެއީއެވެ. އެހެނަސް، އެއުފާވެރިކަމާއި ހިތްހަމަޖެހުން ފަނާވެގެން ދިޔަ މަންޒިލަކީ ވެސް އެއީކަން ހަނދާންވުމާއެކު މާރިޔާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އޭނަގެ އުފާވެރިކަން ހިތި ޒަހަރަށް ބަދަލުވެ ބަހާރުގައި ފޮޅުނު މާތަށް މިލާމޯޅިވެ ހަނަފަސްކަން ވެރިވެގެން ދިޔައީވެސް ހަމަ އެތަނުގައެވެ. އޭނަގެ ދިރިއުޅުން ބަރުބާދުވެ އަނިޔާވެރިޔެއްގެ ވަކިތަކުގެ ދަށުގައި ޤައިދުވެގެން އައި ހިތި މާޒީއާ މެދު މާރިޔާއަށް ވިސްނުން ހިންގާލެވުނެވެ. އެއީ އޭނަގެ ހަޔާތުން ދުވަހަކު ފޮހެވިގެން ނުދާނެ ހިތްދަތި ދުވަސްތަކެވެ. ހިތުގައި ފަސޭހަވުމެއް ނެތް ޒަހަމްތަކެއް އުފެދި އެވޭނާއި ކެކުޅުންތަކުގައި މުޅި އުމުރުދުވަހު އުޅެން ޖެހިފައިވި ހިތި މާޒީއެވެ.
*************
މާރިޔާ ފުރަތަމަ ފަހަރަށް ''މެހެފިލް''އަށް އައީ އޭނަގެ އަލަތު ކައިވެންޏަށް ފަހުގައެވެ. އޭނައާއި ފިރިމީހާ ނައުފަލްއާއި ބައްދަލުވީ ވަޒީފާގެ މާހައުލުންނެވެ. އަހަރަކަށް ދެމިގެން ދިޔަ އެގުޅުން ކައިވެންޏާ ހަމައަށް ގެންދަން ފުރަތަމަ އިސްނެގީ ނައުފަލްއެވެ. އެއީ މާރިޔާގެ މުޅި އުމުރުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. އަދިވެސް އެދުވަހުގެ އުފާވެރިކަން ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. ހަޔާތުގެ ބައިވެރިޔެއްގެ ފަރާތުން މާރިޔާގެ ހިތް އެދުނު ހުރިހާ ސިފަތަކެއްގެ މިލްކު ވެރިޔަކީ ވެސް ހަމައެކަނި ނައުފަލްއެވެ.
ދެފަރާތުގެ ޢާއިލާގެ ރުހުމުގައި ކުރެވުނު ''ލަވް މެރިއޭޖް'' އަކަށް ވުމުން ކޮންމެ އަންހެންކުއްޖެގެ ހިތުގައިވާނެ ފޮނި އުއްމީދުތަކާއި ހުވަފެންތައް މާރިޔާގެ ހިތުގައި ވެސް ވިއެވެ. ފިރިމީހާގެ ފަރާތުންނާއި، ފިރިމީހާގެ ޢާއިލާގެ ފަރާތުން ލިބެމުން އައި އޯގާތެރިކަމާއި ލޯބިން ދުނިޔެ މަތީގެ ހުރިހާ އުފަލެއް އޭނައަށް މިލްކުވެފައިވާ ކަހަލަ އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. މުޅިން އެހެން އާލަމެއްގައި އުޅޭވޭ ކަހަލައެވެ. ނަމަވެސް އެހުރިހާ އުފާވެރިކަމަށް ހިޔަނިއެޅިގެން ދިޔައީ ނައުފަލްގެ ކޮއްކޮ ރަމީޒު ރާއްޖޭންބޭރުގައި ކިޔަވަން އުޅެފައި ރަށަށް އައި ހިސާބުންނެވެ. ކައިވެނީގެ ރަސްމިއްޔާތުން ވެސް ރަމީޒުއާއި ބައްދަލުވުމުގެ ފުރުސަތު މާރިޔާއަށް ނުލިބުނީ، ރަމީޒުގެ ކޯހުގެ އިމްތިހާނުގެ ދުވަސްވަރު ކަމަށްވުމުންނެވެ. އޭރު ދެބެއިންގެ ދެމެދުގައި އޮތްނަ ނުތަނަވަސްކަމުގެ ހިލަމެއް މާރިޔާއަކަށް ނުވިއެވެ. އޭގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެކަމެއް ވެސް ރޭކާނުލިއެވެ.
މައްސަލަތައް ކުރިމަތިވާން ފެށީ ރަމީޒުގެ ނަޒަރު މާރިޔާއަށް ހުއްޓުންފެށި ފަހުންނެވެ. މާރިޔާގެ ރީތިކަން ފެނި ރަމީޒުގެ ހިތުގައި ދަހިވެތިކަން އުފެދުނެވެ. ޒަމާނުއްސުރެން ބޭބެއާ މެދު ރަމީޒުގެ ހިތުގައި އޮތްނަ ހަސަދަވެރިކަމާއި ނަފުރަތުގެ ދިލަ ހޫނުގެ ސަބަބުން ބޭބެ އުޅެމުން އައި އުފާވެރިކަން ރަމީޒުއަށް ހަޖަމެއް ނުކުރެވުނެވެ. ހަމައެއާއެކު މާރިޔާ ފަދަ ރީތި އަންހެންކުއްޖަކު ބޭބެގެ ހަޔާތުގެ ބައިވެރިޔަކަށް އައުމުން އެކަންތައް ޤަބޫލުކުރަން ރަމީޒުއަށް ވީ ނުހަނު އުނދަގޫ ކަމަކަށެވެ. އޭނަގެ ނަޒަރުގައި އެނަސީބަކީ ބޭބެއަށް ހައްޤު އެއްޗެއް ނޫނެވެ.
މައިންބަފައިންގެ ފަރާތުން ބޭބެއަށް ލިބޭ އަހައްމިއްޔަތުކަމާއި، ލޯތްބާއި، ސަމާލުކަމާއިއެކު ހުރިހާކަންތައް މަސްހުނިވުމުން ރަމީޒުގެ ހިތުގައި އޮތް ހަސަދަވެރިކަމުގެ އަލިފާންގަނޑު ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ވިޔަފާރީގެ މައިދާނުގައި ވެސް އޭނައަށް ވުރެން ބޮޑަށް ބޭބެ އިސްކުރުމާއި ބައްޕަގެ ނަޒަރުގައި އޭނަ ނުފެންނަ މީހަކަށްވެގެން ދިޔުމުން ރަމީޒުގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. ނަމަވެސް ބޭރުފުށުން އެއިން އެއްވެސް ކަމެއްގެ ހިލަންވުމުގެ ފުރުސަތެއް އޭނަ ނުދިނެވެ. އަބަދު ހިނިތުންވެގެން ހުންނައިރު ބޭބެދެކެ ވާލޯބި އަންގަދޭން އޭނަ އަބަދުމެ މަސައްކަތްކުރިއެވެ.
ރަމީޒުގެ އުނދަގޫތައް މާރިޔާއަށް ކުރިމަތިވާން ފެށީ ވިޔަފާރި ދަތުރެއްގައި ނައުފަލް ރާއްޖެއިން ބޭރަށް ދިޔަ ފަހަރެއްގައެވެ. ހުއްދަ ހޯދުމެއް ނެތި ކޮޓަރިއަށް ވަދެގަތުމާއި، އޭނަގެ ފޫބުޑުގައި އަބަދަށް ވިއްދާލާފައި ހުރުމުގެ އިތުރުން، އެންމެފަހުން ހުއްދަ ހޯދުމަކާއި ނުލާ އޭނަގެ އަތުގައި ހިފަން ވެސް ފެށިއެވެ. ނޫންކަމަށް ހަދާފައި ބީހެން ވެސް ފެށިއެވެ. ސިހުން ލިބިފައި ހުރި މާރިޔާއަށް އެވާހަކަތައް އިތުރު މީހަކާއި ހިއްސާކުރާކަށް ނުކެރުނެވެ. އެފަދަ ހާދިސާއެއް އޭނަގެ އެކުވެރިޔަކަށް ވެސް ކުރިމަތިވެ އެކަންތައް ހާމަކުރުމުން އެކުވެރިޔާ ބަދުނާމުވެގެން ދިޔައީތީއެވެ. އެންމެފަހުން އެކަންތައް ބޮޑުވެ އެކުވެރިޔާގެ ކައިވެނި ވެސް ނިމުމަކަށް އައީއެވެ. އޭނައާ މެދު އެފަދައިން ކަންތައް ވެދާނެކަމުގެ ބިރަށްޓަކައި މާރިޔާއަށް ހިޔާރުކުރެވުނީ ހަމަހިމޭންކަމެވެ. ނޭގި ނަމަވެސް އެއީ ރަމީޒުއަށް ދެވުނު ދައުވަތެކެވެ. ހިތްވަރެކެވެ. ކަމާބެހޭ ފަރާތަށް ގޮސްގެން ވެސް ނުވަތަ ފިރިމީހާ ގާތު ބުނެގެން ވިޔަސް ހައްލު ހޯދަންވީ ވަގުތު މާރިޔާއަށް ހަނުހުރެވުނީއެވެ. އޭގެ އާހިރު ނަތީޖާ އޭނަގެ ހަޔާތް ބަނަކޮށްލި ތޫފާނުގެ ފުރަތަމަ ކޮޅިގަނޑަކަށް ބަދަލުވިއެވެ.
ރަމީޒުގެ ދުއްތުރާތަކާއި އުނދަގޫތަކުން މާރިޔާއަށް ދިރިއުޅެން އުނދަގޫވާވަރު ވިއެވެ. އެހުރިހާ އުނދަގޫތަކެއް ރަމީޒުގެ ފަރާތުން ކުރިމަތިވަނީ އިތުރު މީހަކު ނުހުންނަ ވަގުތުތަކުގައެވެ. އެންމެފަހުން ކުޅަދާނަ ނުވާ ހިސާބަށް ދިއުމުން ނައުފަލް އަންނަން ދެން މާރިޔާއަށް މަޖުބޫރުވީ މަންމަމެން ގެއަށް ދުވަސްކޮޅަކަށް ބަދަލުވާށެވެ. ކަންތައް ގޮސްފައި އޮތް ހިސާބުން އޭނަގެ އިއްފަތްތެރިކަމަށް ވެސް ރަމީޒު އަރައިގެންފާނެތީ މަންމަމެން މާބޮޑަށް ހަނދާންވަނީ ކަމުގެ ބަހަނާ ދައްކާފައި އޭނައަށް ޖެހުނީ ނައުފަލް ރަށަށް އަންނަންދެން މަންމަމެންގެއަށް ބަދަލުވާށެވެ. އޭގެ ސަބަބުން ރަމީޒު ރުޅިގަދަވިކަން މާރިޔާއަށް އެނގުނެވެ. އެހެނަސް ފަރުވާލެއް ނުބެހެއްޓިއެވެ.
ކަންތައްތައް ރަގަޅުވުމުގެ ބަދަލުގައި ބޮއްސުންލައިގެން ދިއުން ނޫންކަމެއް ނުވިއެވެ. ފުލުފުލުގައި ބޯމަތިކުރުވަން ފެށި ތޫފާންތަކުން މާރިޔާގެ މުޅި ދިރިއުޅުން ވިއްސިވިހާލިވާން ކައިރިވިއެވެ. ނައުފަލް ރަށަށް އައިތާ ގިނަ ދުވަހެއް ނުވެ ކުންފުނީގެ އިސް މަޤާމަށް ނައުފަލް އައްޔަންކުރުން ވެގެން ދިޔައީ ރަމީޒުގެ ރުޅި އޭގެ އިން ފަހަނައަޅައި ދިޔަ ސަބަބަކަށެވެ. ރަމީޒުގެ ހަމަހިމޭންކަމުން އޭރު މާރިޔާ ހުރީ ބިރުގެންފައެވެ. ނައުފަލްގެ ކާމިޔާބީއާ މެދު އުފާކުރަންވީކަމެއް ނުވަތަ ބިރުގަންނަންވީކަމެއް އޭނައަކަށް ނޭގުނެވެ. ރަމީޒު ނައުފަލް ދެކެ ގަޔާ ނުވާކަން ވެސް އޭރު މާރިޔާއަށް އޮތީ އެނގިފައެވެ. ރަމީޒުގެ ހަޤީޤަތް ހާމަކުރަން އުޅެފައި ވެސް ފަސްޖެހެވުނީ ރަމީޒު ދެކެ ނައުފަލް ވާލޯބީގެ ސަބަބުން އޭނަގެ ވާހަކަ ޤަބޫލުނުކޮށްފާނެތީއެވެ.
އެހުރިހާ އުދާސްކަމެއްގެ ތެރޭގައި ވަނިކޮށް މާރިޔައަށް އުފާވެރި ޚަބަރެއް ލިބުނެވެ. ނައުފަލްގެ ދަރިއަކަށް އޭނަ ބަލިވެ އިން ޚަބަރެވެ. އަލަތު ދަރިފުޅަށް ކުރެވެމުން އައި އުއްމީދުތަކުން ހިނދުކޮޅަކަށް ވިޔަސް އުދާސްތަކާއި ދުރުވުމުގެ ފުރުސަތު މާރިޔާއަށް ލިބުނެވެ. ނައުފަލްގެ ފަރާތުން ލިބުނު ލޯތްބާއި ޢާއިލާގެ ފަރާތުން ލިބުނު އޯގާތެރިކަމުން އޭނަގެ ހިތަށް ވަގުތީ ރާހަތެއް ލިބުނެވެ.
ނަމަވެސް ހުރިހާ އުފާވެރިކަމެއްގައި ނިމުމުގެ ސިއްކަ ޖެހިގެން ދިޔައީ މަރިޔާގެ ބަނޑަށް ހަމަހުގައި ހިނގި ހާދިސާއެއްގެ ސަބަބުންނެވެ. ނައުފަލް ދަތުރުކުރަމުން ދިޔަ ކާރު އެކްސިޑެންޓްވި ޚަބަރާއެކު މާރިޔާގެ ފައިތިލަ ދަށުގައި އޮތް ބިންގަނޑު ދިޔައީ ގުޑައިގެންނެވެ. ނަފުސަށް ސިހުން ގެނުވިއިރު ސިކުނޑިއަށް ހުއްޓުމެއް އަތުވި ކަހަލައެވެ. އެކަންތައް ޤަބޫލުކުރަން އޭނައަށް ނުހަނު ދަތިވިއެވެ. އެހެނަސް ނައުފަލްގެ ފުރާނަ ނެތް މަސްގަނޑު ހަމަލޮލަށް ފެނުމުން އޭނައަށް ހަޤީޤަތާ ކުރިމަތިލާން މަޖުބޫރުވިއެވެ. ހިތުގައި އުފެދުނު ގިލަންވެރިކަމާއި ތަދުތަކާއެކު ލޮލުން އޮހޮރިގަތް ކަރުނަތަކުން އޭނަގެ މުޅި ދިރިއުޅުން ހަފުސްވެގެން ދިޔައެވެ.
އެހުރިހާ ހިތާމަތަކެއްގެ ތެރޭގައި ވަނިކޮށް އިތުރު ހިތާމައަކާއި ކުރިމަތިލާން ޖެހުނެވެ. ނައުފަލްގެ މަރުގެ ޚަބަރާއެކު ބަފައިބެ ވެސް ދުނިޔެ ދޫކުރި ޚަބަރެވެ. ބަފައިބެއަކީ އަބަދުވެސް ހިތުގެ ބަލިމީހަކަށް ވުމުން ނައުފަލްގެ ކުއްލި މަރުން ލިބުނު ޝޮކު ބަރުދާސްތު ނުކުރެވުނީއެވެ. ނައުފަލްގެ މަރަށް އެއްދުވަސް ވެސް ނުވަނީސް ވެންޓިލޭޓަރުގައި އޮތް ބަފައިބެގެ މިފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައީ ޢާއިލާއަށް އިތުރު ހިތާމަތަކެއް ގެނެސްދީފައެވެ.
ކުރިމަތިވި ހިތާމަވެރި ހާދިސާއިން ރަމީޒުއަށް ލިބުނީ އުފާވެރިކަމެވެ. އޭނަގެ ހިތުގެ މުރާދުތައް ހާސިލުވީތީއެވެ. އޭނަގެ މޮޅު ރޭވުންތެރިކަމުން އޭނަގެ މުސްތަޤުބަލަށް އެޅިފައިވި ހުރިހާ ހުރަހެއް ނައްތާލެވުނީތީއެވެ. އެންމެ ދުނި ތީރަކުން ދެޝިކާރައަށް ހަމަލާދީ މަރާލެވުނީތީއެވެ.
ބަލިވެ އިންދާ ފިރިމީހާ މަރުވެ ހުވަފަތްވުމުގެ ހިތާމައިގައި ވަނިކޮށް އަނެއްކާ ވެސް ރަމީޒުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ހިތާމަޔާއި ހިތްދަތިކަމުގެ ތެރޭގައި ހަނާވަމުން ދަނިކޮށް ރަމީޒުގެ ނުބައި ރޭވުންތައް މާރިޔާއަށް ހާމަވެގެން ދިޔައެވެ. އެވެސް ޚުދު ރަމީޒުގެ ދުލުންނެވެ. ރަމީޒުގެ ބާރުވެރިކަމާއި ނުލަފާކަން މާރިޔާއަށް ހަނދުމަކޮށްދިނީއެވެ. އޭނަގެ އެދުންތަކާއި ދެކޮޅުހަދައިފިނަމަ މާރިޔާގެ ޢާއިލާއަށް ވެސް އޭނަގެ ފުށުން ރައްކަލެއް ނެތްކަމުގައި ބުނެ މާރިޔާއަށް ބިރުދައްކައި އިންޒާރު ދިނެވެ. މަކަރާއި ހީލަތުން ކުންފުނި މިލްކުކޮށް އޭނަގެ އަރާއި ބާރު ހުރިވަރު މާރިޔާއަށް ދެއްކީ މާރިޔާ ހާސިލުކުރާށެވެ. ރަމީޒުގެ ނަޒަރުގައި އޭނައަށް މާރިޔާ ދެކެ ވެވިފައި ހުރީ ތެދުވެރި ލޯތްބެކެވެ. ގަދަބާރުން ހާސިލުކުރަން އުޅުނީ ވެސް އެހެންވެއެވެ.
އަރާއި ބާރެއް ނެތްކަން އެނގުމުން ރަމީޒުގެ ކުރިމަތީގައި މާރިޔާ ނިކަމެތިވިއެވެ. ނަފުސާނީ ގޮތުން މީހާ ބަލިކަށިވިއެވެ. ރަމީޒު ޖެހިހާ ބެރަކަށް ނަށަން ޖެހުނީ އެހެންވެއެވެ. ހަމައެއާއެކު އޭނަގެ ވާހަކަތައް އެއްވެސް މީހަކު ޤަބޫލުނުކޮށްފާނެ ކަމުގެ ބިރާއެކު މާރިޔާއަށް ޖެހުނީ ހުރިހާކަމެއް ދިރުވާލާށެވެ.
ދަރިފުޅު ވިހެއުމަށްފަހު ގަދަވެ ސަލާމަތްވިތާ މަސްތަކެއް ނުވަނީސް ރަމީޒުއާއި ކައިވެނިކުރަން މާރިޔާއަށް މަޖުބޫރުވިއެވެ. އެހެން މީހުންގެ ނަޒަރުގައި ރަމީޒު ކުރަން އުޅުނީ ވަރަށް ރަގަޅު ކަމެކެވެ. ބޭބެ ނެތް ދުނިޔެއެއްގައި ހުވަފެއްވެފައިވި އަނބިމީހާއާއި ދަރިފުޅުގެ ޒިންމާތަކާ ރަމީޒު ހަވާލުވާން އިސްނެގީ ސާފު ހިތެއްގެ ވެރިޔަކަށް ވީތީއެވެ. ތެދު ހާމަކުރަން ފަސްޖެހެވުމުގެ ނަތީޖާއަކަށް ވީ މާރިޔާގެ މައިންބަފައިން ވެސް ރަމީޒުއާއި މާރިޔާ ގުޅުމަށް ބާރުއެޅުމެވެ.
ރަމީޒުއާ ކައިވެނި ކުރި ހިސާބުން މާރިޔާގެ މުޅި ދިރިއުޅުން ބަނަވެގެން ދިޔައެވެ. އުއްމީދުގެ ފަހުގެ ހުޅުކޮޅު ނިވި ކަނު އަނދިރިކަމަށް ހުށަހެޅިގެން ދިޔައެވެ. ވޭނާއި ހިތްދަތިކަމުގެ ދިގު ސިލްސިލާއެއްގައި އޭނަ ޤައިދުވެގެން ދިޔައީއެވެ. އުފަލާއި ރާހަތެއް ނެތް ހަޔާތެއްގައި ދިރިހުއްޓައި އޭނަ މައްޔިތަކަށް ބަދަލުވެގެން ދިޔައެވެ. ހަޔާތުގެ ސަމުގާ ފުނޑުފުނޑުވެ ދިރިއުޅުން އޮޅުންބޮޅުންގަނޑަކަށް ވެއްޖެއެވެ.
މާރިޔާ ހާސިލުވުމާއެކު ރަމީޒުގެ ހިތަށް ފޫހިކަން ވެރިވާން ފެށިއެވެ. އޭނަގެ މުށުތެރޭގައި ޤައިދުކޮށްލެވުމާއެކު ހިތުގައި އޮތް ޝައުޤުވެރިކަން ދުވަހެއްދުވަހަކަށް ދިޔައީ ގެއްލެމުންނެވެ. ކުރިން އޭނަގެ ހިތާއި ސިކުނޑީގައި މާރިޔާ ހާސިލުކުރުމުގެ އެދުންވެރިކަން ސަވާރުވެފައިވީ ބޭބެގެ އަންހެނުންގެ މަޤާމުގައި ހުރީތީއެވެ. ނައުފަލްގެ ހައްޤަކަށް ވެރިވެގަތުމުގެ ދަހިވެތިކަން ހިތުތެރޭގައި އޮތްވަރު ބޮޑުކަމުންނެވެ. މިހާރު އޭނަގެ އަންބެއްގެ މަޤާމުގައި މާރިޔާ ހުރުމުން އެހުރިހާ އިހުސާސެއް ބަދަލުވެގެން ހިނގައްޖެއެވެ. މަރިޔާ ދެކެ ވަނީ ހަޤީޤީ ލޯބިކަމަށް ކުރި ދައުވާތަށް ވެސް ބަދަލުވާން ނެގީ މަދު ދުވަސްކޮޅެކެވެ.
ނައުފަލްއަށް ރަމީޒުގެ ހިތުގައި އޮތް ހަސަދަވެރިކަމާއި ރުޅިވެރިކަން ދެން އަމާޒުވެގެން ދިޔައީ އަފްލާކްއަށެވެ. އަފްލާކްގެ މޫނުން ނައުފަލް ސިފަކުރެވޭ ކޮންމެ ފަހަރަކު ރަމީޒުގެ ލޭ ހޫނުވެގެން ދެއެވެ. އަފްލާކްއަށް އަނިޔާކުރެވެނީ ނައުފަލްގެ ސަބަބުން އޭނަގެ ދިރިއުޅުމަށް އައި ހީނަރުކަމުގެ ބަދަލެއްގެގޮތުންނެވެ.
އަފްލާކްގެ ދިފާއުގައި މާރިޔާ ތެދުވާ ފަހަރުތަކުގައި މާރިޔާއަށް ލިބޭ ވޭންތައް ވެސް މަދެއެއް ނޫނެވެ. އޭރު އެހީއަށް އެދިގެން މާރިޔާ ދާނެ ފަރާތެއްވެސް ދުނިޔޭގައި ނެތެވެ. މުސްކުޅި ބަލީގައި މައިންބަފައިން ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. މާރިޔާގެ އެއްބަނޑު އެއްބަފާ ބަޔަކު ނުތިބެއެވެ. މަންމައާއި ބައްޕަ ފަރާތު ޢާއިލާ މީހުން ތިބެނީ މާލޭގައެވެ. އެމީހުންނާ މާބޮޑު ޢާއިލީ ގުޅުމެއް ވެސް ނޯވެއެވެ. އެހުރިހާކަމެއްގެ ސަބަބުން ސަލާމަތްވާނެ ހުރިހާ ދޮރެއް މާރިޔާއަށް އޮތީ ބަންދުވެފައެވެ. ރަމީޒުގެ ފަރާތުން ލިބޭ ގެވެށި އަނިޔާތަކުގެ މައްސަލަ ކަމާބެހޭ ފަރާތަކަށް ހުށަހެޅައިގެން ލިބޭނެ ފައިދާއެއްވެސް ނެތެވެ. ފައިސާއާއި ބާރުގެ ސަބަބުން ރަމީޒު ހުރިހާކަމެއް ބަދަލުކޮށްފާނެތީއެވެ. ހަމައެއާއެކު ރަމީޒު އޭނަ ވަރިއެއްވެސް ނުކުރިއެވެ. ސަބަބެއް މިއަދާ ޖެހެންދެން ވެސް މާރިޔާއަކަށް ނޭގެއެވެ. އޭނަގެ ކުރިމަތީ ހިލޭ އަންހެނުންނާއި ގުޅުން ހިންގުމާއި ކިތަންމެ ފާހިޝުކަމެއް ކުރިއެވެ. ނަސޭހަތުގެ ބަހެއް ދިނަސް އޭނަ ހަނައަނބުރާލައެވެ.
އެހުރިހާ ކަމަކުން މާރިޔާއަށް މިނިވަންވުމުގެ ފުރުސަތު ލިބުނީ އަފްލާކްގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުނު ހިސާބުންނެވެ. އެންމެފުރަތަމަވެސް އަފްލާކް އަހައްމިއްޔަތުކަން ދިނީ ރަމީޒުގެ އަތްދަށުން އޭނަގެ މަންމަ މިނިވަންކޮށްދޭށެވެ. ގޮންޖެހުންތަކާއެކުގައި ވެސް އަފްލާކް އެކަން ހާސިލުކުރިއެވެ. އެއަށްފަހު ''މެހެފިލް'' ދޫކޮށް އެދެމައިން ބަދަލުވީ މާރިޔާގެ މައިންބަފައިންގެ މުސްކުޅި ގެއަށެވެ.
*****
ބެލްޖެހި އަޑަށް ކާމޭޒުދޮށުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިން ރަމީޒުއާއި އޭނަގެ އައު ލޯބިވެރިޔާ ރަނާއަށް ލިބުނީ ހައިރާންކަމެވެ. ކާމޭދު ކައިރީ އެމީހުންގެ ހިދުމަތުގައި ކޮޅަށް ހުރި ނޯކަރަށް ރަމީޒު ބަލާލީ ދޮރުހުޅުވަން ދިއުމަށް އަމުރުކުރާ ފަދައަކުންނެވެ. އެއާއެކު އަދަބުވެރިކަމާއެކު ބޯޖަހާލުމަށްފަހު ނޯކަރު އަވަސްވެގަތީ ދޮރުހުޅުވަން ދިއުމަށެވެ.
ދޮރުހުޅުވާލުމާއެކު ނޯކަރު މީހާއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ޤަބޫލުކުރަން ދަތިވެފައިވާ ހާލު ލޯބޮޑުކޮށްލުމަށްފަހު އޭނައަށް ބަލަން ހުރެވުނީ މަރިޔާ އަށެވެ. އެގޭގައި މަސައްކަތްކުރަތާ ޒަމާންތަކެއް ވެފައިވުމުން މާރިޔާއަކީ ކާކުކަން ނޯކަރު މީހާއަށް އެނގެއެވެ. މާރިޔާ އެގެއަށް އައުމުން ޤަބުލުކުރަން ދަތިވެފައިވާ ހާލު ބަލަން ހުރެވުނީ ވެސް އެހެންވެއެވެ.
''ރަމީޒު އެބައުޅޭތަ؟...'' ނޯކަރު މީހާއާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން މާރިޔާ އެހިއެވެ.
''އެބައުޅުއްވާ...'' ނޯކަރު ޖަވާބު ދިނެވެ.
''ގޮވާލަ ދެވިދާނެތަ؟...'' މާރިޔާ އެދުނެވެ. އެއާއެކު މާރިޔާއަށް އެތެރެއަށް ވަންނަން އިޝާރާތްކޮށްލަމުން ނޯކަރުމީހާ އަވަސްވެގަތީ ކާކޮޓަރިއަށް ދިއުމަށެވެ. އެމަންޒަރު ބަލަން ހުރި މާރިޔާގެ ގޭގެ މައިދޮރުން އެތެރެއަށް އެންމެ ފިޔަވަޅެއް ވެސް އަޅާނުލިއެވެ. އޭނަ ހުރީ ބޭރުގައެވެ. މައިގެއަށް ވަނުމުގެ ވިސްނުމެއް އޭނަގެ ނެތެވެ.
''ބޮސްއާ ބައްދަލުކޮށްލައްވަން މާރިޔާ މެޑަމް އައިސް އެބަ ހުންނެވި...'' ކާމޭޒު ކައިރިއަށް ހުއްޓިލަމުން ނޯކަރު މީހާ ބުނެލިއެވެ. އެއާއެކު ރަމީޒުއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން ރަމީޒު ބަލާލިއެވެ. އޭރު ރަނާ އިނީ ރަމީޒުއަށް ބަލަންށެވެ. ރަށުތެރެއަށް ފެތުރިފައިވާ އަޑުތަކުން މާރިޔާއާއި ރަމީޒުގެ ގުޅުން އޭނައަށް އޮންނަނީ އޮޅުންފިލާފައެވެ. ސުވާލުއުފެދިފައިވީ ރަމީޒުއާއި ބައްދަލުކުރަން މާރިޔާ އަންނަން ޖެހުނު ސަބަބެއް ނޭގުނީތީއެވެ.
ފެންތަށި ހުސްކޮށްލުމަށްފަހު ގޮނޑިން ތެދުވުނު ރަމީޒުއަށް ބަލަން އިން ރަނާ ތުންފަތް އަރިއަކަށް ދަމާލިއެވެ. މާރިޔާ އެގެއަށް އައުމުން އޭނަ އިނީ ހިތްހަމަނުޖެހިފައެވެ. އަނގަޔަށް ހަދާލި ގޮތުން އެކަން އަންގައިދެއެވެ.
''ޔަޤީނޭ ފައިސާއަށް ބޫތުކައިފަ ހުރިވަރުން ސަލާންޖަހަން އެއައީ، ބަލާއެއްކަހަލަ އަންހެނެއް، ވަރިވީމަ ވެސް ނޭގޭ ރަމީގެ ފޫބުޑުން ނެއްޓޭކަށް!...'' ރަމީޒު ދިއުމާއެކު ރަނާ ކުދި ކިޔާލިއެވެ.
*****
''ކީއްކުރަން މިގެއަށް އައިސްގެން ތިއުޅެނީ؟!...'' ގޭގެ ބަގީޗާއަށް ނަޒަރު ހިންގަމުން ދިޔަ މާރިޔާ ސިހުނީ ރަމީޒުގެ އަޑަށެވެ. ފަސްއެނބުރި ބަލާލެވުނު ހިނދު ރަމީޒު އައިސް އޭނަ ގާތަށް ހުއްޓެނީއެވެ. އެވަގުތު ބޭއިހްތިޔާރުގައި މާރިޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެކަން ފާހަގަވި ރަމީޒު ގާތަށް ނުލަފާ ހިންޏެއް އަންނަ ގޮތް ވިއެވެ. އެހެނަސް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ގެއްލި މޫނުން ނުރުހުންތެރިކަން ފާޅުވެއްޖެއެވެ.
''އާދޭސްކުރަންތަ ތިއައީ؟... އެހެންވެއްޖެއްޔާމު މާރިޔާގެ އާދޭސްތައް އަޑު އެހުމުގެ ޝައުޤުވެރިކަމެއް އަހަރެންގެ ނެތް، ކުރިން މާރިޔާގެ ވާހަކަތައް އަހަރެން އަޑު އެހިޔަސް މިހާރު އެދުވަސް މާޒީވެ ހިނގައްޖެ... މިހާރު މާރިޔާގެ އެއްވެސް ބޭނުމެއް އަހަންނަކަށް ނެތް... އެދުވަހު އަހަރެން ބުނި ވާހަކަތައް އަޑު ނޭހުމުގެ ނަތީޖާ މިއަދު ދުވަހު ތިލިބެނީ، ދެން އަހަރެން ގާތަށް ސަލާންޖަހަން އައުމުގެ ބޭނުމެއް ކޮބާ؟............................... ކަލޭމެން ދެމައިން ހީކުރަނީ ބޭނުންހާ ކަމެއް ކޮށްފަ މަގޭ ގާތަށް އައީމަ މަ ކަލޭމެން ބޭނުންހާ ގޮތަކަށް ކަންތައްކޮށްދޭނެކަމަށްތަ؟... ނުކޮށްދޭނަން، ކަލޭ މަށާ ވާހަކަދައްކަން އައިއްޔާ ބޭކާރުކަމެއް އެއީ، މަށެއް ކަލޭގެ ވާހަކަތަކެއް އަޑެއް ނާހާނަން... ކަލޭގެ ދަރި ކައިރީ ބުނާތި މީގެ ފަހުން ވާނެ ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އޭނަ ކަމަށް، ކޮންމެ ގޮތެއް ހަދާފައި ވިޔަސް އެދެމީހުން ދުރުކުރުވާނަން!... ކަލޭ މިއަދު އައިހެން މާދަން އޭނަ އަންނާނެ މަގޭ ގާތަށް ސަލާންޖަހަން، މަ އެދޭ ގޮތަށް ކަންތައް ކުރާނަމޭ ބުނެ ރޯން އަންނާނެ... އެދުވަހަކަށް އަހަރެން މިހިރީ އިންތިޒާރުކޮށްގެން...''
ރަމީޒުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ރަމީޒުގެ މޫޑު ޚަރާބުވެފައިވުމުން މާރިޔާ ފެނުމުން ވެސް އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
މާރިޔާއަށް އިތުރުއެއްެޗެއް ބުނުމުގެ ފުރުސަތު ނުދީ މާރިޔާގެ މޫނު މައްޗަށް ރަމީޒު ދޮރު ލައްޕާލިއެވެ. ލެއްޕިގެން ދިޔަ ދޮރާ ދިމާއަށް މަރިޔާއަށް ބަލަން ހުރެވުނީ ބިރުވެރިކަމާއެކުގައެވެ. ރަމީޒުގެ ޖުމްލަ އޭރު ރަނގަބީލެއްގެ ސިފައިގައި ކަންފަތުގައި ގުގުމަމުން ދިޔައެވެ.
*****
ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. އެކަނިމާއެކަނި ބޮޑުކޮޓަރީގެ ސޯފާގައި އިން ރަމީޒު އޭނަގެ ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލިއެވެ.
''ހަލޯ... މަ މިބުނާހެން ކަންތައް ކުރޭ، އެކަންތައް ފުރިހަމަކޮށް ނިންމާފަ ގުޅީމަ ބޭނުން އަދަދަކަށް ފައިސާ ލިބޭނެ... ހުރިހާކަމެއްވެސް ކުރާނީ ބޭރުފުށުން އަނިޔާއެއް ނުފެންނާނެހެން، އަމިއްލައަށް މަރުވީ ކަމަށް ހެކި ލިބޭހެން ހުރިހާކަމެއް ކުރާނީ، އެއަށްފަހު އަތުލައިގަތް މަސްތުވާތަކެއްޗަކީ އޭނަގެ އެއްޗެހި ކަމާއި އޭގެ ސަބަބުން އޭނަގެ ޢާއިލާއަށް ލިބުނު ބަދުނާމަށްފަހު ދުނިޔޭގައި ހުންނަން ބޭނުންނުވާކަމަށާއި އެހެންވެ މަރުވަނީކަމަށް ލިޔުމެއް ވެސް ލިޔާތި، ހުރިހާކަމެއް އޭނަ އަމިއްލައަށް ކުރިހެން ހުންނަން ޖެހޭނީ، އެއްވެސްކަމަކަށް ޝައްކުވެގެން ނުވާނެ...''
މިއަދު ހަތަރުދަމު އައިސްފައި ހުރި ރުޅީގެ މައްޗަށް ބުރަވެހުރެ ރަމީޒު ބޭނުންވީ އައްޔޫބުއަށް ހިތުން ނުފިލާނެވަރުގެ ބޮޑިއެއް ދޭށެވެ. އޭނަގެ މޫނަށް ކުޅު ޖެހުމާއި އަދަބުކުޑަކޮށްފައި އޭނަގެ ޝަހުސިއްޔަތު ކިލަނބުވާނެހެން ދެއްކި ވާހަކަތަކުގެ ބަދަލުހިފަން ރަމީޒު ހުރީ އަތުކުރި އޮޅާލާފައެވެ. ރުޅީގެ ސަބަބުން އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު ވެސް ވިސްނާލާކަށް އޭނަ ބޭނުމެއް ނުވިއެވެ. ފަހީމުއާ ވެސް މަޝްވަރާކުރުމެއް ނެތި އައްޔޫބު މަރާލަން އޭނަ ގަސްދުކުރީ އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުންނެވެ. އޭނަގެ ރޭވުމަށް އެކަމުން ކޮށްފާނެ ނޭދެވޭ އަސަރަކާ މެދު ވެސް ވިސްނާލާކަށް ރަމީޒު އެވަގުތު ބޭނުމެއް ނުވިއެވެ. އޭނަގެ ހިތުގައި އޮތީ ހަމައެކަނި ބަދަލުހިފުމެވެ. އައްޔޫބު މަރާލުމެވެ.