މަޝްވަރާތައް ކުރުމަށްފަހު ފޯނު ކަންފަތާ ދުރުކޮށްލި ރަމީޒުގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފާޅުވެއެވެ. އޭނަ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަން އުޖާލާވެފައިވި މޫނުން ހާމަކޮށްދެއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ސޯފާ ގޮނޑީގެ ތެރެއަށް އޭނަ ހަށިގަނޑު ދޫކޮށްލިއެވެ. އޭނަގެ ހިތުގެ މުރާދުތައް ހާސިލުވާން ގިނައިރެއް ނެތްކަން ހިތަށް ވެރިވުމާއެކު އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އޭރު ކުރެވެން މިއުޅެނީ ކިހާ ބޮޑު ފާފައެއް ކަމާމެދު ރަމީޒުއަކަށް ވިސްނައިނުގަނެވުނެވެ. އިންސާނާގެ ފުރާނައަކީ މާތްﷲ ޙުރުމަތްކުރައްވާފައިވާ އެއްޗެއްކަން ވެސް އޭނައަށް ރޭކާނުލައެވެ. ނޫނީ ހިތުގައިވާ ބަދަލުހިފުމުގެ ރޫހާއި އެކުވެފައިވި ޖާހިލުކަމުގެ ސަބަބުން އެއިން ކަމަކަށް ވިސްނުން ހިންގާލަން އޭނަ ބޭނުންނުވެއެވެ. ޝައިތާނާގެ ވަސްވާސް އޭނަގެ ސިކުނޑީގައި ވަކިހިއްޕާލައި ވަނީ ހެޔޮ ރަގަޅު ތަސައްވަރު ނުކުރެވޭނެ ދަރަޖައަކަށް ގެންދިއުމަށް ފަހުގައެވެ. އިންސާނެއްގެ ފުރާނައިގެ އަގު ރަމީޒުގެ ކުރިމަތީގައި ނުވަނީ އެހެންވެއެވެ. ތިމާގެ އަހާގެ ފުރާނަ ދުއްވާލުމަކީ އޭނައަށް ފެންތަށްޓެއް ބޯލުންހާ ފަސޭހަކަމަކެވެ. ޖައްބާރު އާދަތަކުގެ ސަބަބުން އޭނަގެ ދެލޯ އަނދިރިވެ އަލިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނުފޯރައެވެ. އޭނައަށް ރަގަޅު ގޮތް ނޭގެނީ އެހެން ވެއެވެ.
''ރަގަޅު ގޮތުގަ ބުނީމަ ތިމާގެ ނެތް ފެންވަރު ދައްކަން އުޅުނީމަ ވާނެ ގޮތް ރަގަޅަށް ފެންނާނެ މިރޭ، އޭނަގެ ޢާއިލާއަށް ވެސް ރަގަޅު ބޮޑުއެއް ދޭނަން... އަދި އެއަފްލާކް، އެއެއްޗަށް ރަގަޅު ފިލާވަޅެއް ދޭނަން، މަގޭ ހުރި ނުބައިކަން އެކަލޭގެއަށް މިފަހަރު ދައްކާނަން... ހުވާ މިބުނީ އެއިން އެއްވެސް އެއްޗަކަށް ދެން ހަމަޖެހުމުގެ ނޭވާއެއް ލެވުނަކަ ނުދޭނަން، އެއަފްލާކް އަހަރެންގެ އަތުގެ ތެރެއަށް ލާފައި ފިސްފިސްކޮސްލާނަން، ފައިބުޑަށް ވެއްޓި އާދޭސްކުރާ ވަރު ކުރާނަން... ދެން އެ ޒޯހާ... އެންމެ ވޭންދެނިވި ގޮތަށް އޭނައަށް ސަޒާ ދެނީ، އެންމެ މީހަކަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނަކަ ނުދޭނަން...'' ރަމީޒު ހިތާހިތުން ބުނެލިއެވެ.
އޭރު އޭނަގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ ހިނިތުންވުން ފަނޑުވެ ނުރުހުންތެރިކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. މުށުތެރޭގައި އޮތް ފޯނަށް އެވަގުތު އޭނަ ބާރުކޮށްލިއެވެ. ފޯނުވެސް އަތުގެ ތެރޭގައި ފިސްފިސްކޮށްލަން އުޅޭ ކަހަލައެވެ. އޭނަގެ ދުޝްމަނުންނާ މެދު ކަންތައް ކުރާނެ ގޮތް ސިކުނޑީގައި އޭނަ ރާވަމުން ދިޔައެވެ.
*****
ދަންވިދަންވިހެން ރަށުތެރެއަށް ފެތުރެން ފެށީ ހަމަހިމޭންކަމެވެ. އެހަމަހިމޭންކަމާއެކު ރަށުގެ މަގުތަކަށް ނާމާންކަން ސައިލެއްހެން ފެތުރިގެން ދިޔައީ ދަންވަރަށް ހޮރުތަކުން ނުކުންނަ ޒުވާން އުމުރުފުރައިގެ ކުދިންތަކެވެ. އެމީހުންގެ ޖަގަހަތަކުގައި މަސްތުގެ ދުނިޔެއެއްގައި އުފާ ހާސިލުކުރަމުން ދިޔައީ ހަމައެއްލަމައެއް ނެތިއެވެ. މަގުން ފެންނަ މަދު މީހުންގެ ގަޔަށްބޮލަށް އަރައިގަންނަނީ މަޖާކަމެއްކަމުގައި ދެކިގެންނެވެ. އެއްބަޔަކު އެމީހުން މުހުތާދުތައް ފުއްދަން ލޫޓުވާލާނެ ހަޒާނާއެއް ފެނޭތޯ ރަށުތެރޭގައި އަތްފުނާއަޅަމުން ދިޔައެވެ. ބައިގަނޑުގަނޑަށް މަގަށް ގިނަވެގެން އުޅޭއިރު ފޭރިގަންނާނެ މީހަކު ފެނޭތޯ ވެސް ލޯތައް އުކައެވެ. ދަންވަރުގެ ވަގުތާއެކު ކުށުގެ ވެއްޓަކަށް ދޮރުތައް އޮތީ ހުޅުވިފައެވެ. ދަންވަރަށް މަގުތަކުގައި ހިނގަނީ އެމީހުންގެ ޤާނޫނަށް ވާތީއެވެ.
ގަޑިން މެންދަމުން އެކެއް ޖެހީއެވެ. ކޯޓުގެ މަރުހަލާ ނިމެންދެން ވަގުތީ ގޮތުން ގައިދީން ބެހެއްޓިފައިވާ މަރުކަޒު ވެސް ހަމަހިމޭންވެއްޖެއެވެ. މުޅި މާހައުލު ފުން ނިންޖެއްގެ ތެރޭގައިވާ ކަހަލައެވެ.
ގޮޅީގެ ހޫނުކަމުގެ ސަބަބަބުންނާއި ސިކުނޑީގެ ނާރުތަކަށް ވާންކުރުވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން އައްޔޫބު އޮތީ ނިދަން އުނދަގޫވެފައެވެ. ގޮޅީގެ ކުޑަކަމާއި މާހައުލުގައި އޮތް ފަނޑުއަލިކަމުން އައްޔޫބުގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އޭނަގެ ބޮލުގައި ވެސް ފުން ރިހުމެއް އުފެދިފައި ވިއެވެ. ރަމީޒުގެ އިންޒާރުތައް ހިނދުކޮޅަކަށް ވެސް އޭނަގެ ޚިޔާލުތަކާއި ވައްކެއް ނުވެއެވެ. ވިސްނެމުން ދިޔަ ވަރަކަށް އައްޔޫބުގެ ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. މީހާގެ ހާސްކަން އިތުރުވެ ދާހިތްލައި ދަލުން ފެންވެރެން ފެށިއެވެ. އެސަކަރާތެއްގެ ތެރޭގައި ދެއަތަށް ފުރޮޅެމުން ގޮސް އޭނަގެ ލޮލަށް ނިދި ސަވާރުވީ ކިހިނެއް ކޮންއިރަކުކަމެއް އައްޔޫބުއަކަށް ނޭގެއެވެ. އެވަގުތުކޮޅުގައި މީހާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
ނިދީގައި އޮތް އައްޔޫބުއަށް ސިހިފައި ދެލޯ ހުޅުވާލުވުނީ އޭނަގެ ކަރަށް އެއްޗެއް ބާރުވެ ނޭވާހާސްވާކަމުގެ އިހުސާސާއެކުއެވެ. ދެލޮހުޅުވާލުމާއެކު އޭނައަށް ވަށައިގެންވި މާހައުލު ނަގައިގަންނަން ވެސް ދަތިވިއެވެ. ބޮލަށް އަރާފައިވި އެނބުރުމާއި ނޭވާހޮޅިން ހުސްވަމުން ދިޔަ ނޭވާގެ ސަބަބުން އޭނައަށް ތަންދޮރު ވަކިވާވަރެއް ނުވެއެވެ. މަންޒަރު ވަނީ ފުސްވެފައެވެ. ހަށިގަނޑުގެ މަސްތަކުން ވާގިދޫވެފައިވާ ކަހަލައެވެ. އޭނައަކަށް ހަރަކާތެއް ނުކުރެވުނެވެ. ހަށިގަނޑަށް އަމިއްލަ ބާރެއް ނުފޯރުވުނެވެ. އެހުރިހާ ސަކަރާތެއްގެ ތެރޭގައި ވަނިކޮށް ކަރަށް އެއްޗެއް ބާރުވެ ނޭވާހުސްވަމުން ދާކަން ވެސް އިހުސާސް ކުރެވުނެވެ. ވަމުންދާ ގޮތް ނޭގި ހިތަށް ވެރިވެގެން އައި ބިރުވެރިކަމާއި ސިހުމާއެކު ސަލާމަތްވުމަށް މަސައްކަތްކުރަން އައްޔޫބު މަސައްކަތްކުރިއެވެ. ނަމަވެސް އެކަމެއް އޭނައަކަށް ކާމިޔާބެއް ނުކުރެވުނެވެ. ސަލާމަތަށް އެދި ހަޅޭއްލަވަން އުޅުނުކަމުގައި ވިޔަސް އެކަންވެސް ނުކުރެވުނެވެ. ދުލުން ވާގިދޫވެފައިވާ ކަހަލައެވެ. އަޑެއްވެސް ލައްވާނުލެވުނެވެ.
ކަރަށް ބާރުވެފައިވި ދަންމަޅީގެ ގަދަހިފައިގަތުމާއެކު އައްޔޫބުގެ ދެލޯ މުދުނަށް އެރިއެވެ. އަނގަހުޅުވި ދޫ ބޭރުވެއްޖެއެވެ. އޭރު ނޭވާ ނުލެވިގެން މީހާއަށް ލިބިފައިވި ހާސްކަމާއެކު ރޯމަހެއް ފެނުން ނެގުމުން ތޮޅެވޭ އުސޫލުން އެންމެ ނޭވާއަކަށް ވިޔަސް އޭނަގެ ހިތާއި ސިކުނޑި ތެޅިފޮޅެން ފެށިއެވެ. ނަމަވެސް އެނަސީބެއް އޭނައަކަށް ނުލިބުނެވެ. މިކަމުން ދެން ސަލާމަތެއް ނެތްކަން އެނގުނު ހިނދު އައްޔޫބުގެ ދެލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. އޭނަގެ ފަހު ވަގުތު އައިސް ޖެހިއްޖެކަން އޭނައަށް އެވަގުތު ތަސައްވަރުކުރެވެމުން ދިޔައެވެ. ޢާއިލާއާއި ބައްދަލުކުރުމުގެ ނަސީބެއް ވެސް ނުލިބި މިފަނާވަނިވި ދުނިޔެއަށް ޢަލްވަދާއު ކިޔަން ޖެހޭ ވަގުތު ގާތްވެއްޖެކަން ވެސް ހުސްވަމުން ދިޔަ ނޭވާތަކުން އޭނައަށް އަންގައިދިނެވެ. އަނިޔާވެރިޔެއްގެ ޝިކާރައަކަށްވެ ފުރާނައިން އަތްދޮވެލަން ޖެހޭ ވަގުތު ގާތްވެއްޖެކަން ވެސް ނަގައިގަނެވުނެވެ. އެހިނދު ޒޯހާއާއި މޫނިސާގެ ނަން އައްޔޫބުގެ ހިތަށް ސަވާރުވެގެން ދިޔައެވެ. ހިތަށް ގިލަންވެރިކަން ގެނުވާފައެވެ.
ސަލާމަތްވުމަށް ހަށިގަނޑަށް ގެންނަމުން ދިޔަ ބާރު ކެނޑި ލަސްލަހުން ހަށިގަނޑުގެ ވަރު ދޫވާން ފެށިއެވެ. ނޭވާގެ ހިނގުން ހުއްޓި ހިތުގެ ތެޅުން މަޑު ޖެހުމަކަށް އަތުވެއްޖެއެވެ. އޮކްސިޖަން ނުލިބުމުގެ ސަބަބުން ސިކުނޑި ވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ. އޭރު އައްޔޫބުގެ އަނގައިންނާއި ނޭފަތުން ހުދުކުލައިގެ ދަވައެއް ބޭރުވަމުން ދިޔައެވެ. ވަރުދޫވެގެން ދިޔަ އައްޔޫބުގެ ހަށިގަނޑު ތާއަބަދަށް ހަމަހިމޭންވެގެން ދިޔައެވެ. މިއަނިޔާވެރި ދުނިޔެއަށް ތާއަބަދަށް ދެލޯ މަރާލިއެވެ. ހިތުގައި އެތައް ޝަކުވާއަކާއި ބިރުވެރިކަމެއް ފުނިޖެހިފައި ވަނިކޮށެވެ.
ހަމަހިމޭންވެގެން ދިޔަ އައްޔޫބުގެ ހަށިގަނޑު ފެނުމާއެކު އައްޔޫބުގެ ކަރަށް ބާރުކޮށްލެވިފައިވި ބެޑުޝީޓުން ގޮޅީގައި ހުރި މީހާ ހަށިގަނޑުން ބިޔަ މީހާ ދޫކޮށްލިއެވެ. އޭނަގެ މޫނުމަތިން ބިރުވެރިކަމެއް އަދި ޖެހިލުންވުމެއް ވެސް ނުފެނެއެވެ. ކުށެއް ނެތް އިންސާނެއްގެ ފުރާނަ ރަހުމުކުޑަ ގޮތެއްގައި ދުއްވާލެވިއްޖެކަމުގެ ހިތާމައިގެ ޒައްރެއްގެ މިންވަރު ވެސް ނުފެނެއެވެ.
އެމީހާ، ހަރަކާތްކެނޑިފައި އޮތް އައްޔޫބުގެ މަސްގަނޑާއި ކައިރިވެލަމުން ނޭވާ ހިނގާތޯ ޔަޤީންކޮށްލަން ނޭފަތުގެ ކުރީގައި އިނގިލި ތަކުގެ ކުރި ކައިރިކޮށްލިއެވެ. ހޫނުކަމުގެ އަސަރު އަތަށް ނުކުރުމުން ހަމަޖެހުމުގެ އަސަރު އޭނަގެ މޫނުމަތިން ފެނުނެވެ. ދެވަނަ ފަހަރަށް ޔަޤީންކޮށްލަން އައްޔޫބުގެ ކަރުން ވިންދު ލިބޭތޯ ވެސް އޭނަ ބެލިއެވެ. އެއަށްފަހު އައްޔޫބުގެ ހަށިގަނޑު އެނދުން ނަގައިން ބިންމައްޗަށް ވައްޓާލަމުން ކަރަށް މަހާލި ބެޑްޝީޓުގައި ހިފައި ދަމަމުން ގޮސް ގޮޅީގައި ތޭރި ޖަހާފައި ހުރި ކުޑަދޮރު ކައިރިއަށް އޭނަ ހުއްޓުނެވެ. އެއަށްފަހު ތޭރިތަކުގައި ބެޑްޝީޓް ބަނދެލުމަށްފަހު ޝައްކު ނުވާނެހެން ހުރިހާ ގޮތަކަށް ކަންތައްކޮށް ނިންމާލިއެވެ. ފަޅާއަރާފާނެކަމުގެ ހުރިހާ ނިޝާނެއް ވެސް ކުށުގެ މާހައުލުން ފޮހެލިއެވެ. އަދި އެތާ ހުރި އެނދުމަތީގައި ގަނޑެއް ބާއްވާލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. ކުރެވުނު މަސައްކަތާ މެދު ހަމަޖެހިފައިވާކަމުގެ އަސަރު އޭނަގެ މޫނުން ފެނެއެވެ. ގޮޅިން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު މުޅިތަނަށް އޭނަ ސަމާލުކަން ދިނެވެ. އެއަށްފަހު ކުޑަދޮރުގައި ދަންޖެހިފައި ހުރި އައްޔޫބުއަށް ބަލާލަމުން ނިކުންނަން ހިނގައިގަތެވެ. އޭރު ވެސް އައްޔޫބުގެ އަނގައިންނާއި ނޭފަތުން ދަވަ ބޭރުވަމުން ދިޔައެވެ. ކަނދުރާ އަރިއަކަށް ވެއްޓިފައިވީ އިރު ލައިގެން ހުރި ޓީޝާޓުގެ ކޮނޑުން ފެށިގެން ގޮސް މެޔާއި ހަމައަށް ދަވަތަކުން ތެދިމައިފި ވިއެވެ.
*****
އައުދުވަހަކަށް ފެނުން ތޮޅެލި އިރުގެ ރަންދޯދިތަކުން އުދަރެސް މަތި ރަންގުވަމުން ދިޔައެވެ. ދުވަހުގެ މަރުހަބާ ކިޔުމާއިގެން ހޭލަމޭލަވަމުން ދިޔަ ދޫނިސޫފާސޫފީގެ އަޑުތަކާއި އެކުވެ ކާޅުގެ އަޑުތައް ވެސް އިވެމުން ދިޔައެވެ. ފަތިހުގެ ފިނިކަން ކެނޑި އިރުގެ ހޫނުކަން އޭރު ދުނިޔެއަށް ވާސިލުވާން ފަށައިފިއެވެ. އެއާއެކު އަރާމު ތަންމަތި ދޫކޮށް ދުވަހުގެ މަސްޢޫލިއްޔަތާއިގެން ކުރިއަށް ދާން ރަށުގެ ރަށްވެހިން މަސައްކަތް ފަށައިފިއެވެ. ސްކޫލްތަކުގެ ދަރިވަރުން ފޮތްދަބަސް ތައްޔާރުކޮށް ގަޑިޖެހުމުގެ ކުރިން ސްކޫލަށް ދިއުމަށް ދަތުރު ފަށައިފިއެވެ. އޮފީހަށްދާ މީހުން ވެސް ގަޑި ނުޖެހި އޮފީހަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ޗުއްޓީގެ ދުވަސްކޮޅު ނިމި އޮފީހަށް ނިކުންނަން ޖެހޭ ދުވަސްކަމުން އެހެނިހެން ދުވަސްތަކާ ޚިލާފަށް މާބޮޑަށް ވެސް ޒޯހާގެ ފަރާތުން ކަންނެތްކަން ފެންނަމުން ދިޔައެވެ. އޭނަ ބޭނުންވީ މަޑު ތަންމަައްޗާއި ބާލީސްތަކުގެ ތެރޭގައި އިތުރު ވަގުތުކޮޅެއް ހޭދަކުރާށެވެ. އިތުރަށް ނިދާލާށެވެ. އެހެންވެ، ފޯނުގެ އެލާރމް ކަންފަތުގައި ޖެހޭއިރަށް އެލާރމް ވެސް ނިއްވާލައެވެ. ނަމަވެސް އޭގެ މަދު މިނެޓްތަކެއް ފަހުން އަނެއްކާ ވެސް އެލާރމްގެ އަޑު އިވެއެވެ. ކަންނެތްވެފައި އޮތް ވަރުން އެލާރމްގެ އަޑާއެކު ވެސް ލޯހުޅުވާލާކަށް ޒޯހާ ބޭނުމެއް ނުވިއެވެ. އެހެން އޮތްވާ އިވުނީ ކޮޓަރީގެ ދޮރުގައި މަންމަ ޓަކިދޭން ފެށި އަޑެވެ. އޭގެ އިރުކޮޅެއްފަހުން ދޮރުހުޅުވާލި އަޑު ވެސް އިވުނެވެ.
''ޒޯހާ، އަވަހަށް ތެދުވާން އުޅޭ، މިހާރު ހަތެއް ޖަހަން ކައިރި ވަނީ... ތިހެން ކަންނެތް އަޅާފައި ވަނިކޮށް އޮފީހުގެ ގަޑި ޖެހިދާނެ، އަނެއްކޮޅުން މިއަދު މީ ޗުއްޓީ ހަމަވެ ވަޒީފާއަށް ނިކުންނަން ޖެހޭ ދުވަސް، ގަޑިޖެހިގެން ދިއުން އެއްގޮަތަކަށް ވެސް ކަމަކު ނުދާނެ.. އަވަހަށް ތެދުވޭ!...''
ޒޯހާގެ މޫނުގައި އަޅައިގެން އޮތް ބާލީސް ޖަހައިގަންނަމުން މޫނިސާ ބުނެލިއެވެ. އެއަށްފަހު ބަނާތު ވެސް ދަމައިގަތެވެ. އޭރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް މޫނިސާގެ މޫނުމަތިން ފެނެއެވެ. ނަމަވެސް ގިނަ ދުވަސްތަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލިކަމުގެ ހިތްހަމަޖެހުން އޭނަގެ ފަރާތުން ފެނެއެވެ.
އިތުރަށް ދާނުގެ އަރާމުކަމުގެ ތެރޭގައި އޮތްނާކަށް ޒޯހާއަކަށް ފުރުސަތެއް ނުލިބުނެވެ. ކަންނެތްކަމާއެކު ލޯހުޅުވާލުމަށްފަހު ހަނިކޮށްލެވުނު ދެލޮލުން އޭނައަށް ފުުރަތަމަ ބަލާލެވުނީ ފޯނުން ގަޑިއެވެ. އެއާއެކު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ނިދިފިލައި ހިނގައްޖެއެވެ. އަވަސްއަވަހަށް އޭނަ އެނދުން ތެދުވުނެވެ. އަދި ފާޚަނާއަށް ވަންނަން ދިއުމުގެ ކުރިން މަންމަ ގައިގައި ބައްދާލިއެވެ.
*****
ޒޯހާ ކޮޓަރިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރި މޫނިސާއަށް، އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް ޒޯހާ ފެނުމާއެކު ގޮވާލެވުނެވެ. އަދި ހެނދުނުގެ ނާސްތާގައި ބައިވެރިވުމަށް ބުނެލިއެވެ. އަތުކުރީ އޮތް ހިމަ ގަޑިއަށް ދިން އަވަސް ނަޒަރާއެކު ވަގުތު ކުޑަތަންވެފައިވާ މިންވަރު ޒޯހާ ފެނުނެވެ. އެއާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވުމުން އޭނަ މަނާވެގަތެވެ.
''މަންމާ، ދެން އޮފީހަށް ގޮސްފަ ސައިބޯނީ، މަންމަ ކީއްވެތަ ހެނދުނާ ބަދިގެއަށް ތިވަނީ؟... މަންމަ އަދި މުޅިން ރަގަޅެއް ވެސް ނުވެއެއްނު، އަހަރެން ހުރީ ކަންމަތީ ފިހާރައިން އެއްޗެހި ގަނެގެން ހެނދުނު ސައިތައްޔާރުކުރަންށޭ... ދެން މެންދުރު ބަދިގެއަށް ވަންނަން ނަހަދައްޗޭ... އަހަރެން އަންނާނަން މެންދުރަށް، މިއަދު އޮންނާނީ ހާފްޑޭއި ޑިއުޓީ، ހަވީރު ބައްޕައާއި ބައްދަލުކުރަން ދާން ޖެހޭތީ...'' މައިދޮރު ކައިރީ ހުރި ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓިލަމުން ޒޯހާ ވާހަކަދެއްކިއެވެ. އަދި ހަރުގަނޑުން ނެގި އުސްކަށީގެ ބޫޓަށް އަރަމުން ފަސްއެނބުރި މަންމައަށް ބަލާލިއެވެ.
''މަންމަ މިހާރު ރަގަޅޭ، ރަގަޅު ނުވާނަމަ ގެއަކަށް ނުފޮނުވާނެތާ، އަނެއްކޮޅުން ރަގަޅެއްނު މަންމައަށް ބަދިގެއަށް ވަދެވުނުކަން ވެސް، ދަރިފުޅު ހޭލީވެސް އެހާލަހުން، ދެން އަވަހަށް ދޭ، ގަޑި ނުޖެހި ދެވޭނީ އޭރުން، މިއަދު އަފްލާކް ނާންނަނީތަ ބަލާ؟...'' މޫނިސާ އޭނަގެ ދަރިފުޅަށް ފަނޑު ހިނިތުންވުމެއް ދިނެވެ. އެދަރިފުޅު އުޅެމުން އެދާ ނުތަނަވަސްކަން އޭނައަށް ސިއްރުކުރަން މަސައްކަތްކުރާތަން އޭނައަށް ފެނެއެވެ. ކުރިމަތިވަމުން އެދާ އިމްތިހާނުތަކުގެ ނޭދެވޭ އަސަރު ކުރަމުންދާ ތަން ވެސް މެއެވެ. އެކަމާ ހުރެ މޫނިސާ ހުންނަނީ މާޔޫސް ވެފައެވެ.
''ދެންމެ ގުޅި ބަލާ އަންނަ ވާހަކަ ބުނަން...'' ޒޯހާ ބުންޏެވެ.
''ދަރިފުޅު މީހުން ކިޔާ އެއްޗިއްސަށް ރައްދު ޖަވާބު ދޭން ނަހަދައްޗޭ، މިރަށު މީހުން ވަރަށް ގަޔާވާނެ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައްދައްކަން، އެއިން އެއްވެސް ކަމަކަށް ޒޯހާ ސަމާލުކަން ނުދެއްޗޭ...'' ދޮރުން ނިކުންނަން އުޅުނު ޒޯހާއަށް މޫނިސާ ބުނެލިއެވެ. އެއާއެކު ހުއްޓެވުނު ޒޯހާއަށް މަންމަގެ ޖުމްލައިގެ މާނަ ނަގައިގަނެވުނެވެ. މަންމަ އެވާހަކަދެއްކީ ރަށުތެރެއަށް ބައްޕައާ ގުޅުވައިގެން ފެތުރިފައި އޮތް ދޮގު ވާހަކަތަކަށް އަލިއަޅުވާލަމުންނެވެ. އެކަމުގެ ނޭދެވޭ އަސަރު އޭނައަށް ކުރަން ބޭނުން ނުވާތީއެވެ. އެކަންތަކަށް ސަމާލުކަން ދޭން ޒޯހާ ވެސް ބޭނުމެއް ނުވެއެވެ. އެއްވެސް މީހަކު އަނގަޔަކުން ނާރާނެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. ހަޤީޤަތެއް ބެލުމެއް ނެތި ފިތުނަވެރި ވާހަކަ ފެތުރުން އެއީ މީހުންގެ ކަށީގައި ހިފާފައި ހުންނަ ޒަމާންވީ ނުބައި އާދައެކެވެ. ވިސްނައިދީގެން ނުވަތަ ތެދު ހާމަކުރުމަކުން ވިޔަސް އެއިން މީހެއްގެ ކުރިމަތީގައި ކާމިޔާބެއް ނުލިބޭނެއެވެ. މިޒަމާނުގައި މީހުންގެ ކުރިމަތީގައި ވިކެނީ ބުހުތާނު ދޮގުތަކަށްވާތީއެވެ.
ދެމައިން ދައްކަމުން ދިޔަ ވާހަކަތަކަށް ހުއްޓުމެއް އައީ ޒޯހާގެ ފޯނު ރިންގްވާން ފެށުމުންނެވެ.
''އެއައީ ކަންނޭގެ، އަވަހަށް ދޭ...''
''މަންމާ، ގޭގެ އެއްވެސް މަސައްކަތެއް ނުކުރައްޗޭ، ގެއަށް ފޮނުވާލިޔަސް އަދި މަންމަ މުޅިއަކުން ރަގަޅެއް ނުވޭ އިނގޭ...'' ޒޯހާ އޭނަގެ ފޯނަށް ސަމާލުކަން ދިނުމުގެ ކުރިން މަންމައަށް ބަލާލަމުން ބުންޏެވެ. އެއަށްފަހު އޭނަގެ ނަޒަރު ފޯނަށް އަމާޒުކޮށްލިއެވެ. އެއާއެކު އޭނައަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނަށް ބަލަން ހުރެފައި ޒޯހާ ޖަވާބުދިނެވެ. އޭރު ފޯނުގެ އަނެއްކޮޅުން އިވޭ ޚަބަރެއްގެ ސަބަބުން އޭނަގެ ދިރިއުޅުން އަނެއްފުށަށް ޖެހިދާނެކަމަކަށް ޒޯހާއަށް ވިސްނާވެސްނުލެވުނެވެ.