ހަލުވި ފިޔަވަޅުތަކެއްގައި ދިޔަ އަފްލާކް، އޭނަގެ އަތުގައި ހުރި ބާރަކާއެކު ކެބިންގެ ދޮރު ކޮއްޕާލަމުން އެތެރެއަށް ވަނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަފްލާކްގެ ފަހަތުން ދޮރު ލެއްޕުނު އަޑު މާހައުލުގައި ގުގުމާލިއެވެ. އޭރު އޮފީހުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންގެ ސަމާލުކަން ހުއްޓިފައިވީ އަފްލާކްއަށެވެ. ކުރަމުން ދިޔަ މަސައްކަތްތައް މަޑުޖައްސާލަމުން ކޮންމެ މީހަކުވެސް ކެބިންގެ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

އަފްލާކްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައި ފަލަކް ވެސް ކެބިންގެ ދޮރާ ދިމާއަށް ބަލަން ހުރީ ހާސްކަމާއެކުގައެވެ. ޝާހާދަތް އިނގިލީގެ ނިޔަފަތީގައި އޭނައަށް ދަތްއަޅާލެވުނެވެ. ކަންތައް މިހެން ވެދާނެކަން ކުރިންވެސް އޭނައަށް ލަފާކޮށްލެވުނެވެ.

ފަލަކް ހުރީ ހިސާބަކަށް ބިރުވެސް ގެންފައެވެ. އަފްލާކް އެހާ ބޮޑަށް ރުޅިއައިސްފައި ހުއްޓާ ފެނުމުންނެވެ.

*****

''ނިކުމޭ މިތަނުން!...'' ހިތްހަމަނުޖެހުމާއެކު އަފްލާކް ބުންޏެވެ. އެއަޑަށް ކެބިންގައި ހުރި ސޯފާގައި އެއް ފައި މައްޗަށް އަނެއް ފައި ލައިގެން، އަތުގައި އޮތް ފޯނާ ކުޅެން އިން ކިޔާރާއަށް އިސްއުފުލާ ބަލާލެވުނެވެ. އަފްލާކްގެ މޫނުން އޭނައަށް ފެންނަމުން އައި ސާފު ނަފުރަތުން ހިތުގައިވެސް ރިއްސާލިއެވެ. ނަމަވެސް މޫނުން އެއިން ލިސާނެއް ފާޅުވިޔަކަ ނުދިނެވެ. އޭގެ ބަދަލުގައި އޭނަ ހިނިތުންވެލީއެވެ.

ޕަރުވާނާއެއް ހުޅުކޮޅުގެ ދަހިވެތިކަމުގައި އަނދާއަޅިއަށް ވެގެންދިޔަކަމުގައި ވިޔަސް ހުޅުކޮޅާ ހަމައަށް ވާސިލުވާން މަސައްކަތްކުރާ ބީދައިން، އަފްލާކްގެ ފަރާތުން އޭނައަށް އަމާޒުވެފައިވާ ރުޅިވެރިކަމާއެކުގައި ވެސް އެހިތާއި ހަމައަށް ވާސިލުވެވޭތޯ ކިޔާރާ ނުކުރާކަށް މަސައްކަތެއް ނެތެވެ. ނަމަވެސް އަފްލާކްގެ ހިތުން ޒޯހާއަށް ދެވިފައިވި މާގާމަށް ކުޑަމީސް ބަދަލެއް ނައެވެ. އޭގެ ސަބަބުން ކިޔާރާގެ ހިތަށް ލިބުނު ތަކުލީފާއި ތުރާތައް ވަނީ އިތުރުވެފައެވެ. އަފްލާކްގެ ހިތުން ޒޯހާ ނޫން ފަރާތަކަށް ޖާގައެއް ނެތްކަމުގެ ހިތި ހަޤީޤަތާ ކުރިމަތިލާން ޖެހިފައި ވާތީއެވެ. އެހެނަސް ބަލި ޤަބޫލުކުރުމުގެ ވިސްނުމެއް ކިޔާރާގެ ނެތެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް އަފްލާކް އޭނަގެ މިލްކަކަށް ހަދަން ކިޔާރާ ހުންނަނީ ފައިިވިއްދާލާފައެވެ. އަފްލާކްގެ އެހެން މީހެއްގެ ހައްޤަކަށް ވެގެންދާތަން ދުށުން އެއީ އޭނަގެ ހިތަށް ކެތްވާނެކަމަކަށް ނުވާނެތީއެވެ.

ކިޔާރާ ދެކޭ ގޮތުގައި އަފްލާކްގެ ހިޔަންޏާއި ގާތުގައި ހުރުމުގެ ހައިސިއްޔަތެއްވެސް ޒޯހާގެ ނެތެވެ. ޒޯހާއަކީ ރަށުގައި ކަމުވޮށި ނުވާ ޢާއިލާއަކުން އައިސްފައިވާ ފަޤީރު އަންހެނެކެވެ. އަފްލާކްގެ ސިކުނޑި ފަސާދަކޮށްލުމުގައި ކާމިޔާބު ހޯދައިގެން އެއުޅެނީ ފައިސާގެ ދަހިވެތިކަމުގައެވެ. ހިތުގައިވާ ނަފުރަތުގެ ގިނި އަލިފާނުގެ ސަބަބުން ޒޯހާއާ މެދު ކިޔާރާއަށް ދެކެވެނީ ވަރަށްވެސް ނުބައިކޮށްނެވެ. އެނޫން އިތުރު ގޮތަކަށް ޒޯހާގެ ޝަހުސިއްޔަތު ސިފަކުރުމުގެ ފުރުސަތު ދޭން އޭނަގެ ޒަމީރު އެއްބަހެއް ނުވެއެވެ. ޒޯހާއަކީ އޭނަގެ ދުޝްމިނަކަށް ވާތީއެވެ.

ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންނަ ރަތްކުލައިގެ މިޑީގައި ހުރި ކިޔާރާ، ސޯފާއިން ތެދުވަމުން ހެދުމުގެ ތިރީގައި އަތް ހިންގާލީ ރޫތައް ފިލުވާލުމުގެ ބޭނުމުގައެވެ. އަތުގައި އޮތް ފޯނު އަތްދަބަސް ތެރެއަށް ލުމަށްފަހު ބްލޮންޑް ކުރެވިފައިވި ފަން އިސްތަށިގަނޑުން މޫނަށް ފައިބާފައި ހުރި އިސްތަށިކޮޅުތައް ކަންފަތުގައި އަޅުވާލިއެވެ. އަރައިގެން ހުރި އުސްކަށީގެ ފައިވާނުގެ އަޑުން ކެބިންތެރެއަށް ވެރިވެފައި އޮތް ހަމަހިމޭންކަން މުގުރަމުން ފަރި ހިނގުމެއްގައި އޭނަ މިސްރާބުޖެހީ އަފްލާކް ގާތަށެވެ.

އަފްލާކްގެ މޫނުން ފެންނަމުން ދިޔަ ރުޅިވެރިކަމަށް ކިޔާރާގެ އެއްވެސް ފަރުވާލެއް ނެތެވެ. އަބަދު އެއްކަމަށް ފެނި ތަކުރާރުވަންޏާ އިންސާނާ އެކަމަކަށް ހޭނިދާނެއެވެ. ނަމަވެސް އަފްލާކްގެ ނުރުހުންތެރިކަމުން އެހިތަށް އަސަރުނުކުރެއޭ ބުނާނަމަ އެއީ ދޮގަކަށް ވާނެކަން ގައިމެވެ.

''ނިކުމޭ!!!...'' ކެބިންގެ ދޮރަށް އިޝާރާތްކުރަމުން އަފްލާކް އަމުރުކުރިއެވެ. އޭނަ ދޫކުރަމުން ދިޔަ ފުންނޭވާތަކުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުންދާކަން ހާމަކޮށްދެއެވެ.

''އެއްފަހަރުވެސް އަހަރެން ފެނުުމުން ހިނިތުންވެބަލަ، ހިތްހެޔޮކަމާއެކު ވާހަކަދައްކަބަލަ... ކީއްވެތަ އަބަދު ހިތްހަމަނުޖެހިފައި ތިހުންނަނީ؟، އަފްލާކްގެ ރުޅިވެރިކަން އަމާޒުވާން އަހަންނަށް ކުރެވުނީ ކޮންކަމެއްތަ؟...'' އަފްލާކްއާއި އޭނައާ ދެމެދުވި ދުރުމިން ގާތްކަމަށް ބަދަލުކުރަން ކިޔާރާ މަސައްކަތްކުރިއެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅާލަމުން އަފްލާގެ މޭގައި ފިރުމަން އޭނަ އަތް އުފުއްލާލިއެވެ. ނަމަވެސް އޭގެ ކުރިން އަފްލާކް ކިޔާރާގެ އަތް ފޮޅުވާލިއެވެ.

''ގިނަ ފަހަރު ބުނަން ނަހަދާ މިތަނުން ނިކުމޭ!، އަމިއްލައަށް ނިކުންނަން ބޭނުންނުވާނަމަ އަތުގަ ހިފާ ދަމާފަ ބޭރުކުރަން ވީތަ؟... އޭރުން ކިޔާރާގެ އަގު އޮފީހުގެ ހުރިހާ މުވައްޒިފުންގެ ކުރިމަތީގައި އަނެއްކާ ވެސް ވެއްޓިގެން ދާނެ... އެފަދައިން ކަންތައް ވާންތަ ބޭނުމީ؟... އަނެއްކާވެސް ރޮމުންރޮމުން ގޮސް ކިޔާރާގެ ބައްޕަ ގާތު ކުޓުވަންތަ ބޭނުމީ؟... މިއީ ކިޔާރާގެ ބައްޕަގެ މުދާގަނޑެއް ނޫނޭ ބޭނުންހާ އިރަކު އައިސް ވަދެނިކުމެ ހަދަން!، މީ އަހަރެންގެ ބުރަ މަސައްކަތުން ބިނާކޮށްފައި ހުރި ތަނެއް، މިތަނަށް އަދި އަހަންނަށްވެސް ކިޔާރާގެ ބައްޕަގެ ނުފޫޒެއް ނުފޯރާނެ...''

ނުސީދާ ގޮތެއްގައި އެދެމެދުގައި އުފެދިފައި އޮތް ރުޅިވެރިކަމުގެ މައްޗަށް އަފްލާކް އަލިއަޅުވާލިއެވެ.

ކިޔާރާ ތުންއަނބުރާލިއެވެ. މިހުރިހާ ކަމެއްގެ ނުބަޔަކީ ޒޯހާއެވެ. އެސުންޕާ އަންހެނާގެ ސަބަބުން އޭނަގެ އަލަތު ލޯބި އަތުން ބީވުމުގެ ބިރު އެވަނީ ހީވެފައެވެ.

''އަދިވެސް އެކަންތަކާ ހިތްހަމަނުޖެހިފަތަ ތިހުންނަނީ؟... އަހަރެން ކުރިކަމެއް ވިއްޔާ ކުރީ އަފްލާކްއަށް ހެޔޮ ވިސްނުން ހޯދައި ދިނުމަށް، އެ ޒޯހާ އެއީ އަފްލާކް ހީކުރާ ކަހަލަ އަންހެންކުއްޖެއް ނޫނޭ، އޭނަ އެއުޅެނީ ހަމައެކަނި އަފްލާކްގެ މުދާގަނޑު ލިބޭތޯ، ވައި ކާންޓް ޔޫ ސީ ހާރ ޓްރޫ ފޭސް؟... އަހަންނާއި އަފްލާކްގެ ކައިވެނީގެ ވާހަކަތައް ރަމީޒުބެއާ ހަމައަށް ގެންދަން ޖެހުނީވެސް ސަބަބުތަކެއް ނެތިއެއް ނޫން، ޑޫ ޔޫ ހޭވް އެނީ އައިޑިޔާރ ވަޓް ޔޫ ޑިޑް ވެން ޔޫ ބްރޯކް ދި ޕްރޮޕޯޒަލް؟، ޒަމާންތަކެއް ވަންދެން އޮތް ދެއެކުވެރިންގެ ގުޅުން ހީނަރުކޮށްލީވެސް އަފްލާކް، ހަމައެއާއެކު އަހަންނާ އަފްލާކްއާ ދެމެދު އޮތް ގާތްކަން ވެސް ނެތިކޮށްލީ ޚުދު އަފްލާކް... އޯލް ދެޓް ފޯރ ދެޓް ޗީޕް ގާރލް، އޭނަގެ ފުށުން ކޯޗެއް ފެނިގެންތަ އަފްލާކް މޮޔަވެގެން ތިއުޅެނީ؟، އަފްލާކްގެ ބައްޕައާ ދެކޮޅަށް އޭނައާ ކައިވެނިކުރަން ތިއުޅެނީ ކީއްވެގެންތަ؟... އަހަރެންގެ ހުރީ ކޮން އުނިކަމެއްތަ؟، އަފްލާކް ތިހުރީ އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ޖައްސާފައި... އިހަށް ދުވަހު ފެނުނު އަންހެނަކަށްޓަކާ އަހަންނާ އަފްލާކްއާ ދެމެދުވީ އެކުވެރިން ހަނދާން ނައްތާލަންވެސް ތިހުރީ ތައްޔާރަށް!...''

ވާހަކަދައްކަމުން ގޮސް ކިޔާރާއަށް ރޮވިއްޖެއެވެ. އޭނަ ހިތުގައި ޖެހިފައިވާ މިންވަރު ދެލޮލުން ވިދާބަބުޅާލި ކަރުނަތަކުން ހެކިދެއެވެ. ނަމަވެސް އެކަރުނަތަކުން އަފްލާކްގެ ހިތަށް އަސަރެއް ނުކުރިއެވެ. އެއާ ޚިލާފަށް ޒޯހާއަށް އަމާޒުކޮށް ކިޔާރާ ބުނި ބަސްތަކުން އޭނަ ގާތަށް އައީ ރުޅިއެވެ.

''ޚަބަރުދާރު!!!، ތި މުޑުދާރު ދުލުން ޒޯހާގެ ނަންވެސް ނުކިޔާތި، ތިމާ މީހާގެ ވިސްނުމުގެ ހުރި އުނިކަމެއްގެ ސަބަބުން ހަޤީޤަތް ނުފެނުނުކަމުގައި ވިޔަސް ޒޯހާއާއި ކިޔާރާއާ ދެމެދު އުޑާއި ބިމުގެ ފަރަގު އެބަހުރި، ކިޔާރާގެ ތިހުންނަ ދެއްކުންތެރިކަމުގެ އެސްވެސް ސިފައެއް ޒޯހާގެ ކިބައިގައި ނުހުންނާނެ، ތީ ދެ މޫނުގެ ވެރިޔެއް!، ތިމާގެ އަސްލު ސިފަ މީހުންނަށް ފޮރުވަން މޫނުމަތީގައި ހިނިތުންވުން ކުރަހާލައިގެން ހުންނަ އިރު ތި ހިތުގައިވާ އަނދިރިކަމާ މެދު އެއްފަހަރު ވެސް ވިސްނާލާބަ، ކިޔާރާ ތީ އެއްއިރެއްގައި ވެސް އަހަންނާ މެދު ރަހުމު ބެހެއްޓި މީހެއް ނޫން...'' އަފްލާކް ހަޅޭއްލަވައިގަތެވެ.

''އެއްއިރެއްގައި ވެސް ކިޔާރާ އަހަރެންދެކެ ގަޔާ ނުވާކަން އަހަންނަށް އިނގޭ، ސްކޫލުގައި އުޅުނު ދުވަސްވަރުވެސް ކިޔާރާ އަހަންނާ ގާތްކަމެއް ބެހެއްޓީ އަހަންނަށް ލިބިފައި ހުރި ރީތިކަމެއްގެ ސަބަބުން އެހެެނިހެން މީހުންގެ ކުރިމަތީގައި ތިމާގެ މަޝްހޫރުކަން އިތުރުކުރަން، އަހަރެންގެ މޮޔަކަމުން އޭރު އެކަން ނުވިސްނުނީ، އުޅެމުން ދިޔަ އެކަނިވެރިކަމުން ކިޔާރާގެ ގާތްކަމުގެ މާނަ އަހަންނަށް މުޅިން އެހެން މާނައެއްގައި ނެގުނީ، ކޯހަށް ކިޔެވުމަށް ބޭރަށް ފުރައިގެން ދިޔައިރު އަހަރެން ހުށަހެޅި ލޯބީގައި ވެސް ކޮޅުފައިން ޖަހައި އެހެން މީހަކާ ރައްޓެހިވި މީހަކީވެސް ޚުދު ކިޔާރާ... ދެން ކީއްވެތަ މިއަދު އަހަރެންގެ ފަހަތުން ތިއުޅެނީ؟... މިހާރު އަހަރެންގެ ލޯ މިވަނީ ރަގަޅަށް ހުޅުވިފައި، ދެން އެފަދަ ކަމެއް ތަކުރާރުވިޔަކަ އަހަރެން ނުދޭނަން، މާތް ރަސްކަލާގެ ރަހުމަތުން އަހަރެންގެ އަތުގައި ވެސް މިއަދު މުދަލާއި ފައިސާގެ އިތުރުން ބާރު އެބަ އޮތް، އިތުރު މީހަކަށް ދެން ތަންފުކެއް ވެސް ދުލެއް ނުދޭނަން!...''

އަފްލާކްގެ އަޑުގައި ރިހުމެއް ވިއެވެ. އޭނަ ޤަބޫލުކުރަން ބޭނުން ނުވިޔަސް ކިޔާރާއެއީ އޭނަގެ ފުރަތަމަ ލޯތްބެވެ. އެލޯބީގެ ޒަހަރުގެ ހިތިކަން މިއަދާ ޖެހެންދެން ވެސް އޭނަގެ އަރުތެރޭގައި ތާށިވެފައި ވެއެވެ. އޭރު އޭނަ ދެކެ ނުވެވުނު ލޯތްބެއްގެ ވާހަކަ މިހާރު އައިސް އޭނަ ގާތުގައި ދެއްކުމުން އެކަންތައް އަފްލާކްއަށް ވެފައިވަނީ ބޮޑު ޖޯކަކަށެވެ. އޭނަ ކިޔާރާދެކެ ރުޅި އަންނަނީވެސް އެހެން ވެއެވެ.

އަފްލާކްގެ ވާހަކައިން ކިޔާރާގެ އަނގަ ސަކަރާތްވިއެވެ. އަފްލާކް އެހާމަކުރީ ތެދުކަމުގައި ވީތީއެވެ. އޭނަ މީގެ ކުރިން އަފްލާކްއާއި އެކުވެރިކަން ބޭއްވީ އެހިތުން އަފްލާކްއަށް ހާއްސަކަމެއް ދެވިގެނެއް ނޫނެވެ. ހަމައެކަނި އޭނަގެ އަމިއްލަ އެދުމެއް އޮތީމައެވެ. އަފްލާކް ފަދަ ރީތި ފިރިހެންކުއްޖަކާ އޭނަ ގުޅުމުން ސްކޫލުގައި އުޅޭ ހުރިހާ އެންމެންގެ ސަމާލުކަން އޭނައަށް ލިބުމުގެ އިތުރުން އެންމެންގެ ތެރޭގައި އޭނަ މަޝްހޫރުވާނެތީއެވެ. ކިޔާރާ އަބަދުމެ ބޭނުންވަނީ މީހުންގެ ސަމާލުކަން އޭނައަށް ލިބޭށެވެ. ސްކޫލް ދައުރު ނިމުމާއެކު އޭނަގެ ދިރިއުޅުމުން އަފްލާކް ބާކީވެގެން ދިޔައީވެސް އަފްލާކްގެ އިތުރު ބޭނުމެއް އޭނައަށް ނުފެނުނީތީއެވެ. އެލޯތްބަށްވެސް ފުރަގަސް ދިނީ އޭރު އޭނަގެ ހިތުގައި އަފްލާކްއަށް ޝައުޤުވެރިކަން ވެސް ނެތީމައެވެ. ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން އޭނައަށް އަފްލާކް ފެނި އޭނަގެ ހިތް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔަ ގޮތާ މެދުވެސް އޭނަ ޙައިރާން ވިއެވެ. ފަހަރެއްގައި އޭނަގެ ހިތުގައި އަފްލާކްއަށް ޝައުޤުވެރިކަން އުފެދުނީ އަހަރުތަކެއް ފަހުން އަފްލާކް ފެނުނުއިރު އައިސްފައި ހުރި ބަދަލުތަކުންނެވެ. އެއީ ކުރީގެ އަފްލާކްއެއް ނޫން ވިއްޔާއެވެ. ޒުވާން އުމުރުގައި އެތަކެއް ކާމިޔާބީއެއް ހޯދައިފިއެވެ. އޭރު ހިކިއަނަރޫފަވެފައިވާ ހަށިގަނޑުގައި މިހާރު ވަނީ މަސްތައް ޖަހައި ވަރުގަދަވެފައެވެ. ގަވައިދުން ޖިމަށް ގޮސް ހަދާކަން ވެސް އެބައިމަތިފުޅާ ހަށިގަނޑަށް ބަލާލުމުން އެނގޭނެއެވެ. އިސްކޮޅުން ދިގުވެފައި އެހާމެ ފިރިހެންވަންތައެވެ. އެތޫނުފިލި ދެލޮލުގެ ވާހަކަ ހެވީ ނުދެއްކިޔާއެވެ. އެންމެ ބަލާލުމަކުންވެސް ސިހުރެއްގެ ތެރޭގައި ބަނދެވޭކަހަލައެވެ.

ކިޔާރާއަށް ތުންފިއްތާ ލެވުނެވެ. އެދުވަހު އަފްލާކްގެ ލޯބި އޭނައަށް ޤަބޫލުކުރެވުނުނަމައޭ އޭނަގެ ހިތަށް އެރިއެވެ. ފާޑެއްގެ ފިރިހެނެއްގެ އަވާގައި ޖެހި ހަމަ މަގުން ފައިކައްސާލުމުން އާޚިރުގައި އެފިރިހެންމީހާގެ ފަރާތުންވެސް ލިބުނީ ކެއްސެވެ.

ކުރީގައި އަފްލާކްގެ ހިތުގައި އޭނައަށްޓަކައިވި އިހުސާސްތަކުގެ މައްޗަށް ބުރަވެ ކިޔާރާ ހުންނަނީ ބިލާހެއްގެ ތެރޭގައެވެ. އޭނައަށް އަދިވެސް އަފްލާކްގެ ހިތަށް ވާސިލުވެވިދާނެކަމުގެ އުއްމީދު ހިތުތެރޭގައި ވީތީއެވެ. އަލަތު ލޯބީގެ ޖަޒުބާތުތަކަކީ ކަފުންކޮށްވަޅުލަން ފަސޭހަ އިހުސާސްތަކަކަށް ނުވާނެތީއެވެ. އޭގައި ދަމާބާރެއް ވޭނެކަން ގައިމެވެ. އެހެނަސް، ކިޔާރާއަށް ނޭގުނު ހަޤީޤަތަކީ އިންސާނާގެ ހިތް ބަދަލުވެގެން ހިނގައިދާނެކަމެވެ. ކުރީގެ އިހުސާސްތައް ހަނދާނުން ފަނޑުވެ ފޮހެވިގެން ހިނގައިދާނެކަމެވެ. އޭނައަށް ބަރޯސާވެވިފައި އޮތީ ޚިޔާލީ ވާހަކަ ތަކުންނާއި ފިލްމު ތަކުން ދައްކުވަައިދޭ މަސްދަރުތަކެއްގެ މައްޗަށެވެ. އެއީ ހަޤީޤަތެއް ނެތް ބިލާހެއްކަމެއް އޭނައަށް ރޭކާ ނުލައެވެ. ނޫނީ އެނގިހުރެ ހިތުގައިވާ އެދުމާއި ޒީލަގަދަކަމުން އެހެން ގޮތަކަށް ވިސްނަން ބޭނުން ނުވަނީއެވެ. އަފްލާކް ހާސިލުކުރަން ހިތުގައިވާ މުރާދުގެ ސަބަބުންނެވެ.

ކިޔާރާ ކެބިންއިން ނުނިކުމެ ގޮތް ދައްކަން ފެށުމުން، އަފްލާއަށް ޖެހުނީ ގަދަކަމުން ބޭރުކުރާށެވެ. އެންމެންގެ ތެރެއަށް ދަމާފައި ނެރުމުން ކިޔާރާ ލަދުވެސް ގަތެވެ. އޭރު އަފްލާކްގެ ޚަބަރެއް ނުވެގެން ފިކުރުބޮޑުވެފައި ހުރި ފަލަކްއަށް ކިޔާރާ ބޭރު ކުރިތަން ފެނި އަނގަމަތީގައި އަތް އަޅާލެވުނެވެ.

''މީގެފަހުން މީނަ މިތަނަށް ވަނުމުގެ ހުއްދަ ދީގެން ނުވާނެ، ސެކިއުރިޓީންނަށްވެސް އެކަން އަންގާތި...'' ފަލަކްއަށް ބަލާލަމުން އަފްލާކް އަމުރުކުރިއެވެ. އިތުރަށް ބޭރުގައި މަޑުކުރުމެއް ނެތި އަފްލާކް ވަނީ ކެބިން އަށެވެ. އޭނަ ދޮރު ލައްޕާލި އަޑު މުޅި ހިސާބުގައި ގުގުމާލިއެވެ.

ލަދުގެންފައި ހުރި ކިޔާރާ މޫނު ކުނިކޮށްލަމުން އެތަނުން ދާން ހިނގައިގަތެވެ. އޭނަގެ ލޮލުގައި ކަރުނައިގެ ތެތްކަންވެސް އެކުލެވިފައި ވިއެވެ. އޮފީހުގެ އިމާރާތް ކުރިމަތީ އޮތް ކަޅުކުލައިގެ ބީ.އެމް.ޑަބްލިއު ކާރަށް އަރައި ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލެވުނެވެ.

''އަހަރެން ބަލި ޤަބޫލެއް ނުކުރާނަން!، ކޮންމެ ގޮތެއް ހަދާފައި ވިޔަސް އަފްލާކް ވާނީ އަހަރެންގެ މީހަކަށް، ވަރިހަމަ ކޮންމެކަމެއް ކުރަން ޖެހުނަސް!...'' ކިޔާރާއަށް ހަޅޭއްލަވައިގަނެވުނެވެ. ރުޅިގަދަވެގެން ގޮސް ކާރުގެ ހުންގާނަށް ވެސް ގޮށްމުށުގެ ހަމަލާތައް އަމާޒުކުރިއެވެ. ދެރައާއި، ހިތާމަޔާއި، އުދާސްކަމާއި، ރުޅިވެރިކަމުގެ ހައިޖާންގަނޑަކުން ސިކުނޑި ހަލަބޮލިކޮށްލައިފިއެވެ.

''އަފްލާކްގެ ކައިވެނި އެ ރަންޑިގަނޑާ ކުރުމުގެ ފުރުސަތެއް ދުވަހަކު އަހަރެން ނުދޭނަން، އަފްލާކް!... ތީ ހަމަ އެކަނި އަހަރެންގެ މީހެއް!، އޭރު ހެދުނު ފަދަ މޮޔަ އެއްޗެއް ދެނެއް އަހަރެން ނަހަދާނަން!... އޭރު ނުވިސްނުނަސް މިހާރު އަހަންނަށް ވިސްނޭ!...''

ލޮލުން ފޭބި ކަރުނަތައް ކިޔާރާ ފޮހެލިއެވެ. ހިތުގައި އޮތް އަޒުމު އޭނަ ވަރުގަދަ ކުރިއެވެ. އަފްލާކް އޭނަގެ މުށު ތެރޭގައި ޤައިދުކުރަން އޭނަ އެތައް މަޅިފައްޗެއް ޖަހައިފިއެވެ. ނަސީބުދެރަކަމުން އެއިން އެންމެ މަޅިފައްޗެއްގައި ވެސް އަފްލާކް ހައްޔަރެއްނުވިއެވެ. އޭނައާއި އަފްލާކްއާ ދެމެދު މިހާރު އެއޮތް ނުތަނަވަސްކަން ވެސް އުފެދިގެން އައީ އޭނައާއި ކައިވެނިކުރަން އަފްލާކްއަށް މަޖުބޫރުކުރަން ހަދައިގެންނެވެ. ނުފޫޒުގެ ބޭނުން ކުރަން ހަދައިގެންނެވެ. އޭރު ކިޔާރާއަށް ނުވިސްނުނުކަމީ ގަދަ މަޖުބޫރުން ލޯތްބެއް ހާސިލެއް ނުކުރެވޭނެކަމެވެ. އަނެކާގެ އުފާވެރިކަން ފޭރިގަނެގެން އޭނައަށް ވެސް އުފަލުގައި ނޫޅެވޭނެކަމެވެ.

*****

ކެބިންގައި ހުރި ސޯފާގައި އިށީންނަމުން އަފްލާކްއަށް އޭނަގެ ނިއްކުރީގައި އަތުގެ ބޮޑުވާ އިނގިލި ހިންގާލެވުނެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލީ މީހާ ހަމައަކަށް އަޅުވާލުމުގެ ބޭނުމުގައެވެ. ކަރުގައި އޮތް ޓައީއަށް ދޫކޮށްލަމުން ސޯފާގެ ލެނގޭބައިގައި ކަނދުރާ ބާއްވަމުން ސީލިންގްއަށް ނަޒަރު ހިންގާލިއެވެ. ކިޔާރާގެ ސަބަބުން މިހާރަކަށް އައިސް އަފްލާކް ހުންނަނީ އަބަދުމެ ރުޅިގަދަވެފައެވެ. ކިޔާރާގެ އަމަލުތަކުން އެރުޅި ކޮންޓްރޯލްކުރަން ވެސް އޭނައަށް ދަތިވާ ހިސާބަށް ގޮސްފިއެވެ.

ކުއްލިޔަކަށް ރިންގްވާން ފެށި ފޯނުގެ ސަބަބުން އަފްލާކް ސިހޭގޮތްވިއެވެ. މެންދުރުގެ ކެއުން މަތިން ވެސް އޭނަ ހަނދާންވީ ދެނެވެ. އަތުކުރީ އޮތް ގަޑިއަށް ދިން ނަޒަރާއެކު ގުޅަނީ މަންމަކަން އޭނައަށް ލަފާކޮށްލެވުނެވެ.

''އާޒިމް...''

ފަޓުލޫނުގެ ޖީބުގައި އޮތް ފޯނުނަގައި އޭގެ ސްކްރީނަށް ބަލާލި އަފްލާކް އަވަސްއަވަހަށް ފޯނަށް ޖަވާބު ދިނެވެ. އެގުޅަނީ ފުލުހުގައި އުޅޭ އޭނަގެ އެކުވެރިޔެކެވެ. ޒޯހާގެ ބައްޕައަށް ދިމާވި ހާދިސާގެ ހުރިހާ މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާތީ އެކުވެރިޔާގެ މަދަދަށް އޭނަ އެދުނީއެވެ. އެހާދިސާގައި ޝައްކުކުރެވޭ ކަންތަކެއް ހުރުމުން އެކަމުގެ ފަހަތުގައި އޭނަގެ ބައްޕަގެ އަތެއް ވޭތޯ ބަލަން އަފްލާކް ހުރީ ބޭނުންވެފައެވެ. އޭނައަށް ހަމަޖެހުމެއް ލިބެން އޮތީ ކަމުގެ ހަޤީޤަތް އެނގިގެންނެވެ. ބައްޕަގެ ފަރާތުން ކުރިމަތިވެދާނެ އިތުރު ހަމަލާއަކަށް ދުރާލާ ތައްޔާރުވެވޭނީވެސް އޭރުންނެވެ.

''އަފްލާކްގެ ބައްޕަގެ އަތެއް އެއެކްސިޑެންޓްގެ ފަަހަތުގައި ނުވޭ، ކާރު ދުއްވަން އިން މީހާއަކީވެސް އެއްވެސް ގޮތަކުން އަފްލާކްގެ ބައްޕައާ ގުޅިފައި އޮތް މީހެއް ނޫން... އެއީ އެހެން ރަށަކުން ޗުއްޓީއަށް މިކޮޅަށް އައިސް އުޅުނު ޒުވާނެއް، ބާރަށް ކާރު ދުއްވަން ހަދައިގެން ކާރުގެ ކޮންޓްރޯލް އޭނަގެ އަތުން ދޫވެގެން ހިނގި އެކްސިޑެންޓްއަކަށް ވަނީ، އިންޓެންޝަނަލީ ކުރިކަމެއް ނޫން އެއީ...'' އާޒިމް ބުނެދިނެވެ. އެޖުމްލައިން އަފްލާކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

''ޔަޤީންތަ؟...'' އަފްލާކް ހިތުގައިވާ ހުރިހާ ވަހުމެއް ފިލުވާލަން އިތުރަށް ސުވާލުކުރިއެވެ.

''އާނ، ތަހުޤީޤުން އެކަމާއި އަފްލާކްގެ ބައްޕައާ ގުޅުން އޮތްކަމަކަށް ނުދައްކާ... އެއީ ހަމަ ހިޓް އެންޑް ރަން ކޭސްއެއް، ސްޕީޑް ކޮންޓްރޯލް ނުކުރެވި ހިނގިކަމެއް، ގަސްދުގަ ވެފައި އޮތް ކަމެއް ނޫން...'' އާޒިމް ބުނެދިނެވެ.

*****

''ކަލޭ މިގެއަށް ވަދެގެން ތިއުޅެނީ ކޮން ހައިސިއްޔަތަކުން؟... ހަމަ މިހާރު މިގެއިން ނިކުމޭ!، ކަލޭގެ ނުފޫޒު ފޯރާ ބަޔެއް މިގެއަކު ނުތިބޭނެ...'' ރަމީޒުގެ ތުންފަތުގައިވި މަލާމާތާއި ފުރައްސާރައިގެ ހިނިތުންވުން ފެނި އެމޫނުމަތީގައި ޖަހަންވެސް މާރިޔާ ބޭނުންވިއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން ފޯވެފައިވާ އިންސާނާއަށް ރަގަޅު ފިލާވަޅެއް ދޭން ބޭނުންވިއެވެ. ނަމަވެސް އޭނަގެ ހިތުގައި ވިކަމުން އައި ބިރުވެރިކަމުން މިފަހަރުވެސް އޭނަގެ ނަފުސު ބަލިކަށިވީއެވެ. ރަމީޒު ޖެހިހާ ބެރަކަށް ނެށުމުގެ ފުރުސަތުވެސް ދެވުނެވެ.

''އަފްލާކް ކޮބާތަ؟...'' މާރިޔާ އޭނައާއި މުހާތަބުކުރަމުން ދިޔަ ގޮތުން ރުޅިއައިކަމުގައި ވިޔަސް ނަފުސު ހަމަޖައްސާލަން ރަމީޒު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ހަމަލާއެއް އަމާޒުވެގެން މާރިޔާ ހަޅޭއްލަވަން ފަށައިފިއްޔާމު އަވައްޓެރިންތައް ގޭދޮށަށް ޖަމާވެދާނެއެވެ. ވަރިވާންވެގެން މާރިޔާ ކޯޓަށް މައްސަލަ ހުށަހެޅުމުން އެކަމުގެ ރުޅިވެރިކަމުގައި މާރިޔާއާއި ދިމާކޮށްލަން އައި ދުވަހުގެ މަތީން އޭނަ ހަނދާން ނުނެތެއެވެ. އެދުވަހު ރަށު މީހުންގެ ތެރޭގައިވެސް އޭނަ ވީ ބަދުނާމެވެ. މަޖިލީހުގެ ގޮނޑިއަށް ވާދަކުރަން ތައްޔާރުވަމުން ދަނިކޮށް އެހިނގި ހާދިސާއެއްގެ ސަބަބުން އޭނައަށް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ. އޭގެ އިލްޒާމު އޭނަ އެޅުވީ މާރިޔާ އަދި އަފްލާކްގެ ބޮލުގައެވެ. އޭނަގެ ރުޅިވެރިކަމުގެ އިމަކީ ކޮބައިކަން އިމްތިހާނު ކުރީ އެދެމައިން ކަމުގައި ވީތީއެވެ.

''ކަލޭ ނުޖެހޭނެ މިގެއަށް އަފްލާކް ހޯދަން އަންނާކަށް...'' ދުވަސްތަކަކަށްފަހު އަފްލާކް ހޯދަން ރަމީޒު އައުމުން މާރިޔާގެ ހިތުގައި ސުވާލު އުފެދުނެވެ. ސަހަލުކަމަކާއިގެން ރަމީޒު ނާންނާނެކަން އޭނައަށް އެނގެއެވެ. ޒޯހާއާއި އަފްލާކްގެ ކައިވެނީގެ ތާރީޚު ކައިރިވަމުން އަންނާތީ ކޮންމެވެސް ނުބައެއް ހަދަން ރަމީޒު މަސައްކަތްކުރާނެއެވެ. ނަމަވެސް އެފަދައިން ކަންތައްވުމުގެ ފުރުސަތު ދޭން މާރިޔާ ބޭނުމެއް ނޫނެވެ. އޭނަގެ ލޯބިވާ ދަރިފުޅުގެ ހަޔާތަށް އުފާވެރިކަމުގެ ބަހާރު އަންނަން ތައްޔާރުވަމުން އެދަނީ އެކަމަށް އެދި ދުޢާކުރަމުން އަންނަތާ އެތައް އަހަރެއް ފާއިތުވެ ދިޔަ ފަހުންނެވެ. ރަމީޒުގެ ނުބައި ވިސްނުމުގެ ސަބަބުން އެއުފާވެރިކަން ވިއްސިވިހާލިވެގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ.

''ރަމީޒުގެ މައްސަލައަކީ ކޮބާތަ؟... އަހަރުމެން އަމިއްލަ ހާލައިގެން އުޅުމަށް ދޫކޮށްލާ، މިއިން ޒަމާނެއްގައިވެސް އިރާދަކުރެއްވިއްޔާ އަހަރުމެންގެ ފަރާތުން ރަމީޒުއަށް އުނދަގުލެއް ނުފޯރާނެ، އަހަރުމެންނަށް ލިބިފައި މިވާ މިނިވަންކަން މަތީގައި އުޅުމަށް ދޫކޮށްލާ، ރަމީޒުވެސް އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންވާނެހެން ކުރިއަށް ގެންދޭ، އެކަމާއި ފާޑުކިޔާނެ މީހަކު ނުވާނެ، އެކަމަކު ތިމާއަށް އުފަލެއް ނުލިބޭ ތަނުގައި އެހެން މީހުންނަށް ވެސް އުފަލެއް ލިބުމަށް ނޭދޭ ވިޔާނުދާ ވިސްނުން ދޫކޮށްލާ، އަހަންނާއި އަހަރެންގެ ދަރިފުޅު އެކަނި ހާލައިގެން ދޫކޮށްލާ، އާދޭސްކޮށްފަ މިބުނަނީ!...''

މާރިޔާގެ އަޑު ކުރެހުނެވެ. އޭނަ ބޭނުންވަނީ ތާއަބަދަށް އެމީހުންގެ ދިރިއުޅުމުން ރަމީޒު ދުރަށް ދާށެވެ. ޒޯހާއާއި އަފްލާކްގެ ކައިވެންޏަށް ފަހު ރަށުގައި މަޑުކުރުމުގެ އިތުރު ވިސްނުމެއް އޭނަގެ ނެތެވެ. ރަމީޒުއާ އެއްފުރާޅެއްގެ ދަށުން ދުރަށް ދެވުމުން އޭނަ ހީކުރީ އުފާވެރި ދިރިއުޅުމެއް އޭނައާއި އަފްލާކްއަށް ލިބޭނެކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. އޭނަ މިހާރު ބޭނުންވަނީ އޭނަގެ ލޯބިވާ ޢާއިލާ ރަމީޒުގެ ނުފޫޒު ނުފޯރާހާ ދުރަށް ގެންދާށެވެ. އުފަން ފަސްގަނޑު ދޫކޮށްފައި ދާން ވިޔަސް ހެވެވެ.

''ކަލޭމެން ދެމައިން މަގޭ ދިރިއުޅުން ޚަރާބުކޮށްލާފަ އުފަލުގައި އުޅެވޭނެކަމަށްތަ ހީކުރަނީ؟، ކޮންމެ ތާކަށް ދިޔަޔަސް ހަމަޖެހުމުގެ ފުރުސަތެއް ނުދޭނަން... އަފްލާކް ކިޔާ ދަރިއަކާ ހެދި އަހަރެން ކުރިމަތިލާން ޖެހިފައިވާ ކަންތަކުގެ ކުޑަވެސް ހިލަމެއް ކަލެއަށް ވޭތަ؟، އެކަހަލަ ދަރިއަކު ނުލިބުނުނަމައޭ އަހަރެންގެ ހިތަށް އަރާ...'' ރަމީޒު ހަޅޭއްލަވައިގަތެވެ. އޭނައަށް މާރިޔާގެ ގަޔަށް އަތްއިސްނުކޮށް ހުރުންވީ ބޮޑު ވޭނަކަށެވެ. ކަށީގައި ހިފާފައި ހުރި އެއާދައަށް އިޖާބަ ދޭން އޭނަގެ އަތްމުނިމުނިކަވަމުން ދިޔައެވެ.

''އަފްލާކް އެއީ ރަމީޒުގެ ދަރިއެއް ނޫން!...'' މާރިޔާ ބުނެލިއެވެ. ރަމީޒު ފަދަ ނުލަފާ މީހެއްގެ ދަރިއެއްގެ ލަޤަބު އަފްލާކްއަށް ލިބެން މާރިޔާގެ ޒަމީރު ދެކޮޅު ހަދައެވެ.

''ތެދެއް ތިބުނީ!، އަމިއްލަ ދަރިޔަކަށް ނުވިޔަސް މަށަކަށްނު ބައްޕައޭ ކިޔަނީ!...''

ރަމީޒުގެ ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި މާނަ ދޭހަ ކުރެވުނީ ހަމައެކަނި މާރިޔާ އަށެވެ. އެހިނދު މާޒީގެ ސަފުހާތަކުގެ ތެރޭން ހަނާ އަޅާލި ހަނދާނަކާއެކު މާރިޔާގެ ހިތުގައި ގިލަންވެރިކަން އުފެދުނެވެ. މޭގައިވެސް ރިއްސާލިއެވެ. އިންސާނެއްގެ ސިފައިގައި ހުރި ޝައިތާނާއަށް ހަމަލާދޭންވެސް ބޭނުންވިއެވެ. އޭނަގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލިކަމުގެ ބަދަލުހިފަން ވެސް ބޭނުންވިއެވެ. އެހެނަސް، އެހުރިހާ އިހުސާސެއްވީ މާރިޔާގެ ހިތުގައެވެ. އަމަލުތަކުން އެއިހުސާސްތަކެއް ނުދެއްކުނެވެ.

ހޫނު ޒުވާބަކަށް ބަދަލުވަމުން އައި ދެބަސްވުން މެދުކެނޑިގެން ދިޔައީ ރަމީޒުގެ ފޯނު ރިންގްވުމުންނެވެ. ޝަރާދަތް އިނގިލި މާރިޔާއާ ދިމާއަށް ދިއްކޮށްލަމުން އޭނަ އަމުރުކޮށްލީ ދެން އެންމެ ބަހެއްވެސް އެދުލުން ބޭރުނުކުރުމުގެ އިންޒާރެއްގެ ގޮތުންނެވެ. އެއީ ރަމީޒުއަށް ކިހާ މުހިންމު ފޯންކޯލެއްކަން އޭނަގެ އަމަލުތަކުން އަންގާދިނެވެ. ހިތްހަމަނުޖެހިފައި ހުރި މާރިޔާއަށް ހަމަހިމޭންކަން ޚިޔާރުކުރެވުނީ ކީއްވެގެންކަމެއް ނޭގުނެވެ. ރަމީޒުގެ އިންޒާރުތަކަށް އަބަދުމެ ހޭނިފައިވުމުން އެކަންތައް މުޅިންހެން ހަނދާނުން ފިލުވައިލަން އުނދަގޫވެފައިވަނީ ކަމަށްވެސް ވެދާނެއެވެ.

ރަމީޒު ފޯނުން ވާހަކަދައްކަމުން ހިނގައިގަތީ ގޭގެ ގޭޓާ ދިމާލަށެވެ. ގޭޓުން އޭނަ ނިކުތްތާ އިރުކޮޅެއް ފަހުން ކާރު ދުއްވާލި އަޑުވެސް އިވުނެވެ. ރަމީޒު ދިޔައީކަން މާރިޔާއަށް އެނގުނީ ދެނެވެ.

ރަމީޒު ދިއުމުންވެސް މާރިޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެތައް ދުވަހެއް ފަހުން އެހާ ކުއްލި ގޮތަކަށް އަފްލާކް ހޯދަން ރަމީޒު އަންނަން ޖެހުނު ސަބަބާމެދު މާރިޔާއަށް ވިސްނެމުން ދިޔައެވެ.

*****

''ކޮބާ، ކަލޭއާ ހަވާލު ކުރެވުނު ކަންތައް ރަގަޅަށް ނިންމާލެވުނުތަ؟، އެންމެފަހުން އެކަންތައް ހަވާލުކުރުމުންވެސް ކަލެއަށް އެކަމެއް ފުރިހަމައެއް ނުކުރެވުނު، މިފަހަރު މަބުނިހެން ވިތަ؟، ނޫނީ އަމާ ބުނީތާ ފަރަށްދާ އުސޫލުންތަ ކަންތައް ކުރީ؟...'' ކަންފަތުގައިވި ފޯނު ތިރިކޮށްލަމުން ރަމީޒު ވާހަކަދެއްކީ ކާރުގެ ކުރީ ސީޓުގައި އިން އޭނަގެ ސެކްރެޓަރީ އީތަން އާއެވެ. އީތަން ވަގުތުން ރަމީޒުގެ ސުވާލަށް ޖަވާބު ދޭން އަވަސްވެގަތެވެ. ރަމީޒު އޭނަގެ ދެކެ ހިތްހަމަނުޖެހިފައި ހުރުމުން އެކަމުގެ ކަންބޮޑުވުން އޭނަގެ މޫނުމަތިން ފެނެއެވެ.

''އެފަހަރު މަސައްކަތް ހަވާލުކުރެވުނު މީހުންގެ ފީކަޅާކަމުން އެހެން ކަންތައް ދިމާވީ... އެކަމުގެ ޒިންމާ އަހަރެން ނަގަން، އަދި މަޢާފަށްވެސް އެދެން، މިފަހަރު އަހަރެން އަމިއްލައަށް ހުރިހާކަމެއް ނިންމާލީ... ތަހުޤީޤުން އަފްލާކްއަށް އެކްސިޑެންޓްގެ ހަޤީޤަތެއް ނޭނގޭނެ، ބޮސްގެ އަތެއް ވާކަމެއް ވެސް ނޭނގޭނެ... އަހަރެން އޮންނާނީ ހުރިހާ މަންޒަރެއް އޮޅުވާލާފައި، ފައިސާ ދިނުމުން ނުވާނީ ކޮންކަމެއްތޯ، އަނެއްކޮޅުން ހައްޔަރުކުރެވުނު މީހާވެސް ދުވަސްކޮޅަކުން ދޫކޮށްލާނެތާ............ އެކަމަކު އަހަރެން ބޭނުން ސުވާލެއް ކޮށްލަން، ކީއްވެގެންތަ އަފްލާކްއަށް އެކަންތައް ސިއްރުކުރަން ބޭނުންވަނީ؟... ބޮސް ބޭނުންވީ އަފްލާކްއަށް އިންޒާރެއް ދޭން ނޫންތަ، ދެން ކީއްވެގެންތަ އެކްސިޑެންޓްގެ ހަޤީޤަތް ސިއްރުކުރަން ތިއުޅެނީ؟...''

އީތަން ޖެހިލުންވެފައި ވެސް އޭނަގެ ހިތުގައިވާ ސުވާލުތައް ރަމީޒުއަށް އަމާޒުކުރިއެވެ. ރަމީޒުގެ އަމަލުތައް އެހާ އަވަހަށް ބަދަލުވުމުން އޭނައަށް ހީވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅޭވޭ ހެންނެވެ.

''އެއްފަހަރު ވެސް ކަލޭގެ ތި ސިކުނޑި ބޭނުންކޮށްބަލަ، އަފްލާކްއަށް ޝައްކެއް ވެއްޖެއްޔާމު އޭނަ ހުންނާނީ އިތުރުކަމެއް ވެދާނެތީ ސަމާލުވެގެން، އޭރުން އިތުރު ހަމަލާއެއް ދޭން އަހަންނަށް އުނދަގޫވާނެ، އަހަރެން ރޭވި ގޮތަށް ޒޯހާގެ ބައްޕަ އެކްސިޑެންޓް ވިނަމަ އެއީ އަހަރެންގެ ކަމެއްކަން އަފްލާކްއަށް އެންގީމުސް، ޒޯހާއާއި ދުރުވުމަށް އޭނައަށް އިންޒާރެއްގެ ގޮތުން... އެކަމަކު އެހެނެއް ނުވިއެއްނު، އެހެންވެ އެހެން ގޮތަކަށް ބާޒީ އަނބުރާލަން ޖެހިފައި މިވަނީ!...'' ރަމީޒު ރުންކުރު ވިއެވެ. އޭނަ ރޭވި ރޭވުން ނާކާމިޔާބުވުމުން އަދިވެސް އެކަމާ މެދު ހިތްހަމަނުޖެހިފައިވާ ކަހަލައެވެ.

''ކުރިއަށް އޮތް ދުވަސްކޮޅުގައި ހިމޭންވެލުން ރަގަޅުވާނީވެސް، އޭރުން އަފްލާކްއަށް ޝައްކެއް ނުވާނީ...'' ރަމީޒު ވިސްނާލަމުން ބުނެލިއެވެ. ކޮންމެހެން ހަދާފައިވެސް ޒޯހާއާއި އަފްލާކްގެ ކައިވެނި ހުއްޓުވަން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

''ދެން ފަހަރަކުން އައްޔޫބުއަށް ސަލާމަތްވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން، ދެން އަހަރެން އަމިއްލައަށް ހުރިހާކަމެއް ނިންމާލާނީ...'' ރަމީޒު ބުނެލިއެވެ.

ކޮމެންޓް 0