ރޮވެމުން ދިޔަ މޫނިސާގެ ގާތުގައި ސޯފާގައި އިން ޒޯހާ، އޭނަގެ މަންމައަށް ހިތްވަރުލައިދެމުން ދިޔައެވެ. ފާއިތުވެގެންދާ ކޮންމެ މިނެޓާކާއެކު އޭނަގެ ހިތަށް ވެރިވެގެންދާ އުދާސްކަމާއި މާޔޫސްކަމުގެ އިހުސާސްތައް ލޮލުން ފާޅުވިޔަ ނުދޭން ޒޯހާ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. ފުންނޭވާތަކެއް ދޫކުރަމުން ލޮލުގައިވި ދިލަކަން ކަނޑުވާލަން އެސްފިޔަތައް ހަލުވިކަމާއެކު ތަޅުވަމުން ދިޔައެވެ. މިނާޒުކު ވަގުތުގައި އޭނަގެ ހިތް ޖަޒުބާތުތަކުގެ ގަދަ އޮއިވަރުގެ ތެރޭގައި ދިލާލުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. މަންމައަށް ހިތްވަރުލައިދޭން ހުރި ހަމައެކަނި މީހަކީ އޭނައެވެ. ބަލިކަށިވެ ރޯންފަށައިިފިކަމުގައި ވަނީނަމަ އޭގެ ސަބަބުން މަންމަގެ ހިތަށް އިތުރު ތަކުލީފެއް މެނުވީ ނުލިބޭނެއެވެ. އުއްމީދުގެ ފަހުގެ ވާފަށްވެސް ބުރިވެގެން ހިނގައިދާނެއެވެ.
އިންތިޒާރުގައި ވަގުތައް ގުނެވެމުން ދިޔައެވެ. ވާފިރުގެ ފޯނުކޯލެއް އައިސްދާނެކަމަށްޓަކާ އިރުއިރުކޮޅާ ސޯފާއާއި ކުރިމައްޗަށް ވާހެން ހުރި ބިއްލޫރި މޭޒުމަތީގައި އޮތް ފޯނަށް ޒޯހާގެ ނަޒަރު ދަތުރުކުރެއެވެ. އަފްލާކް އައިސްދާނެ ކަމަށްޓަކައި ގޭގެ މައިދޮރާއި ދިމާއަށް ވެސް ބަލާލެވެއެވެ. ގޮތްހުސްވެފައިވާ މިންވަރު ޒޯހާގެ ދެލޮލުން ރީއްޗަށް ފާޅުވެފައެވެ. ނޭވާލާން ވެސް އުނދަގޫވެފައިވިއެވެ. ހިތާހިތުން ދުޢާކުރެވެމުން ދިޔައީ ބައްޕަ ހެޔޮހާލުގައި ވަނިކޮށް ބައްދަލުވުމަށެވެ. ހިތަށް ވެރިވެގެންނަ ބިރުވެރި ޚިޔާލުތަކުންވެސް ޒޯހާގެ ނަފުސުގެ ހަމަޖެހުން ވަނީ މުޅިންހެން ގެއްލިފައެވެ.
ކުއްލިޔަކަށް އިވިގެން ދިޔައީ ގޭގެ މައިދޮރުގައި ޓަކި ދިން އަޑެވެ. ޒޯހާއަށް އަވަސްއަވަހަށް ސޯފާއިން ތެދުވެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މައިދޮރު ހުޅުވާލަން އުޅުނެވެ. އޭރު ޒޯހާގެ ފަހަތުން މޫނިސާ ވެސް އާދެއެވެ.
ދޮރުހުޅުވާލުމާއެކު ފެނުނު މަންޒަރުން ޒޯހާގެ ދެލޯބޮޑުވެގެން ދިޔައެވެ. ހިތުގެ ތެޅުން ވެސް އިންތިހާއަށް އަވަސްވި ހިނދު ނަފުސަށް ސިހުން ގެނުވީ ބިރުވެރިކަމުންނެވެ. އޭނައަށް އަނގަމަތީގައި އަތްވެސް އަޅާލެވުނެވެ. ޒޯހާގެ ފަހަތުން އައި މޫނިސާއަށް ވެސް ބިރުން ރޮއިގަނެވުނެވެ.
''ބައްޕާ!.. .ކިހިނެއް...'' އައްޔޫބު ހުރި ހާލު ފެނިފައި ޒޯހާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އޭރު އޭނަގެ އަޑު ވެސް ކުރެހިގެން ގޮސްފިއެވެ. ދިގު އެސްފިޔަތަކަށް ބަރުވެގެން އައި ކަރުނަތައް ހަލުވިކަމާއެކު ފައިބައިގަތެވެ.
އައްޔޫބު ލައިގެން ހުރި ކުކުޅުބިސްކުލައިގެ ގަމީހުގައި ވަނީ ހުސް ލެޔެވެ. ފަޓުލޫނުގައި ހިރަފުހުގެ އަސަރުވީއިރު ދެއަތްތިލަ ކަޅިވެފައި ވަނީ ލެއިންނެވެ. ލޭތައް ހިކިފައިިވިކަމުގައި ވިޔަސް އެމަންޒަރުތަކުން ޒޯހާގެ ހިތުގައި ވިންދުޖަހާލީ ބިރުވެރިކަމެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުގެ މާނަ ނަގަންވީ ކިހިނެއްކަމެއް ޒޯހާއަކަށް ނޭގުނެވެ. ހުއްޓުން އަރާފައި ހުރެވުނީއެވެ.
ފެންނަމުންދާ ކަންތައްތައް ސިކުނޑިއަށް ނަގައިގަންނަން މަސައްކަތްކުރަމުން ދަނިކޮށް ހަމަހޭވެރިކަން ވެގެން ދިޔައީ ބައްޕަގެ އަޑަށެވެ. ވަށައިގެންވި މާހައުލަށް ޒޯހާގެ ލޯހުޅުވާލެވުނީ ދެނެވެ. އެވަގުތު ޚަބަރުހުސްވެގެން ވެއްޓެން ދިޔަ މަންމަ ފެނި ޒޯހާއަށް ހަޅޭއްލަވައިގަނެވުނެވެ.
ޓައިލްސްތަކުގެ މައްޗަށް ވެއްޓެން ދިޔަ މޫނިސާގެ ހަށިގަނޑުގައި އައްޔޫބުއަށް ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. އެވަގުތު ޒޯހާއަށް ވެސް މަންމާއޭ ކިޔައި ގާތަށް ޖެހިލެވުނެވެ. އައްޔޫބު، އޭނަގެ އަތުގެ ތެރެއަށް ދެމިފައި އޮތް މޫނިސާ އަތްދަނޑިމައްޗަށް އުފުއްލާލަމުން ގެންގޮސް ސޯފާގައި ބޭއްވިއެވެ. އެއަށްފަހު ޒޯހާއަށް ބަލާލަމުން އެދުނީ ފެންތައްޓެއް ގެނައުމަށެވެ. ބައްޕަ ހުރި ހާލަތާމެދު ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައިވިކަމުގައި ވިޔަސް ޒޯހާއަށް އެވަގުތު އަހައްމިއްޔަތުކަން ދެވުނީ އޭނަގެ މަންމައަށެވެ. އެފަދައިން ކަންތައް ވެދާނެކަމުގެ ބިރުވެރިކަން ކުރިން ވެސް އޭނަގެ ހިތުގައި އޮތެވެ.
އަވަސްއަވަހަށް ބަދިގެއަށް ވަން ޒޯހާ، އިރުކޮޅެއްފަހުން އައީ ފެންތައްޓެއް ހިފައިގެންނެވެ. މޫނިސާގެ މަގަތުގައި އިން އައްޔޫބުގެ އަތަށް ޒޯހާ ފެންތަށި ދިއްކޮށްލިއެވެ. މަންމައާ މެދު ފިކުރުބޮޑުވެފައި ހުރިވަރު ޒޯހާގެ ދެލޮލުން ބަޔާންކޮށްދެއެވެ. ޒޯހާއަށް ސޯފާ ކައިރީ ބިންމަތީގައި އިށީދެވުނެވެ. މަންމަގެ އަތްތިލައިގައި ހިފާލެވުނު ހިނދު ޒޯހާއަށް ހަމަ ރަގަޅަށްވެސް ރޮވިއްޖެއެވެ.
''މޫނިސާ!...''
ތަށީގައި ހުރި ފެނުން އަތްގޮށްޓެއް ފުރެންދެން ފެން އަޅާލަމުން މޫނިސާގެ މޫނުގައި އައްޔޫބު ފެންފޮދު ހާލާކިއެވެ. އެގޮތުގެ މަތީން ދެތިން ފަހަރަކު ކަންތައް ކުރިތަނާ މޫނިސާ އެސްފިޔަތައް ތަޅުވާލިއެވެ. އަދި ލަސްލަހުން އެސްފިޔަތައް ދުރުކުރަމުން ލޯހުޅުވާލަން މަސައްކަތްކުރިއެވެ.
އެމްބިއުލާންސަށް ގުޅަން ތައްޔާރުވެގެން ހުރި ޒޯހާއަށް މަންމަ ލޯހުޅުވާލި މަންޒަރު ފެނުމާއެކު ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުން އިތުރަށް ޖަޒުބާތީވެވުނީއެވެ. އޭނައަށް މަންމަގެ އަތްތިލައިގައި ހިފާބާރުކޮށްލެވުނެވެ. މީގެ އިރުކޮޅެއް ކުރިން އެމޫނުގައިވި މޮޅިވެރިކަމާއި އުދާސްކަމުގެ ލިސާންތައް ފަނޑުކޮށްލީ އުއްމީދުގެ ކުލަވަރުތަކުންނެވެ. ތުންފަތުގައި ހިނިތުންވުމެއް ވެސް ދުވެލިއެވެ.
''އައްޔޫބު!...''
ލޯހުޅުވާލުމާއެކު ބޮލަށް އެނބުރުން އަރާފައިވުމުގެ ސަބަބުން މޫނިސާއަށް މަންޒަރުތައް ފެނުނީ ފުސްކޮށްނެވެ. ނަމަވެސް އެސްފިޔަތައް ތަޅުވާލައި މާހައުލަށް ސަމާލުކަން ދޭން މަސައްކަތްކުރަން ފެށުމުން އޭނައަށް ވަށައިގެން ތިބި މީހުންގެ ސޫރަ ވަކިކުރެވޭވަރު ވިއެވެ. އެއާއެކު މޫނިސާއަށް ފުރަތަމަ ވެސް ގޮވާލެވުނީ އައްޔޫބު އަށެވެ. އަދި ސޯފާއިން ތެދުވާން އުޅުނީ ޚަބަރު ހުސްވުމުގެ ކުރިން އައްޔޫބު ހުރި ހާލަތު ލޮލަށް ސިފަކުރެވުމުންނެވެ. ނަމަވެސް މޫނިސާ ތެދުވުމުގެ ހުއްދައެއް އައްޔޫބު ނުދިނެވެ. މޫނިސާގެ ކޮނޑުގައި ހިފަހައްޓަލަމުން އޭނަ އެދުނީ އަރާމުކުރުމަށެވެ. އެދެލޮލުން އަނބިމީހާގެ ސިއްހީ ހާލަތާމެދު ފިކުރުބޮޑުވެފައިވާ މިންވަރު ފެނުނެވެ. ވެދިޔަ ކަންތަކުގައި އަމިއްލަ ނަފުސުވެސް ކުށްވެރިކުރެވުނެވެ. ދަންގަޑިއެއްގައި ގެއަށް އައުމާއި އޭނަ ހުރި ހާލަތުގެ ސަބަބުން މޫނިސާއަށް ޝޮކެއް ލިބުނީތީއެވެ. އޭނައަށް ޒޯހާގެ މޫނަށް ވެސް ބަލާލެވުނެވެ. ޒޯހާއާއި ހަތަރުކަޅި ބައްދަލުވުމުން އެދެލޮލުން ވެސް އައްޔޫބުއަށް ފެނުނީ ކަންބޮޑުވުމެވެ.
''ކޮންހާ ލެޔެއްތަ އައްޔޫބުގެ ހެދުމުގަޔާއި އަތުގައި ހުރީ؟... ކިހިނެއްވީތަ؟، ގުޅީމަ ފޯނަށް ޖަވާބު ނުދިނީ ކީއްވެގެންތަ؟، އައްޔޫބު ގެއަށް ނައިސް ލަސްވެގެން އަހަރުމެން ދެމައިން ކަންބޮޑުވާނެކަމެއް ނޭގޭތަ؟، އަބަދުވެސް އެގާރަޖަހާއިރު ގެއަށް އަންނަ މީހާ މިރޭ ބާރަޖަހައި ބޮޑުވެގެން ދިޔައިރު ވެސް ގެޔަކަށް ނާދޭ، ވީގޮތެއް ނޭގިގެން ވާފިރަށް ގުޅީމަ އޭނަ ބުނީ ގެއަށް ދާން އައްޔޫބު ގޮއްސިތާ ކިތަންމެ އިރެކޭ... އެތައް އިރެއް ވީފަހުން ލެއިން ކަޅިވެފައިވާ ގަމީހުގައި އައިސް ތިހުރީ، މީގެ މާނަ އަހަރުމެން ނަގަންވީ ކިހިނެއްތަ؟...'' ޒޯހާގެ ހިތުގައިވި ސުވާލުތަކާއި ޝަކުވާތައް ބޭރުވެގެން ދިޔައީ މޫނިސާގެ ދުލުންނެވެ. އޭރު މަންމައެކޭ އެއްފަދައިން ޒޯހާ ވެސް އިންތިޒާރުކުރަމުން ދިޔައީ ބައްޕަގެ ޖަވާބަކަށެވެ.
އަނބިމީހާއާއި ދަރިފުޅުގެ ހިތުގައި އުތުރިއަރަމުން ދިޔަ ސުވާލުތަކަށް ޖަވާބުދޭން އައްޔޫބު އަަވަސްވެގަތެވެ.
''އަހަންނަށް މަޢާފްކުރޭ، ފަހަރެއްގައިވެސް ތިދެމައިންގެ ހާސްކޮށްލުމުގެ ނިޔަތެއް އަހަރެންގެ ނެތް... ދޯނީގެ އިންޖީނު ކަންތައް ނިމުމާއެކު ގެއަށް ދިއުމަށް މިސްރާބު ޖެހީ... އެކަމަކު، ލިންކްރޯޑުން އަންނަނިކޮށް ގޯޅިއަކުން އައިސް ހައިވޭއަށް ނިކުތް ސައިކަލެއްގައި ވަރަށް ބާރަށް ދުއްވާފައި އައި ކާރެއް ޖެހުނީ، އެކްސިޑެންޓްވުމުން ވެސް މަޑުކޮށްނުލާ އެކާރު ދިޔައީ، ޒުވާން އުމުރުފުރައިގެ ކުއްޖެއް ސައިކަލު ދުއްވަން އިނީ، ކާރުން ޖެހުމާއެކު ވަރަށް ދުރަށް އެކުއްޖާ ވިއްސައިގެން ދިޔަ... އެވަގުތު މުޅި އެހިސާބުގަނޑުގައި ވެސް ހުރީ އަހަރެން އެކަނި، އެފަދަ ދަނޑިވަޅެއްގައި ކޮންމެ އިންސާނަކުވެސް ކަންތައް ކުރާނެ އުސޫލުން އަހަރެން އަވަސްވެގަތީ އެކުއްޖާއަށް އެހީވާން... މިހުރިހާ އިރު ހޮސްޕިޓަލުގައި ހުރީ ވެސް އޭނަގެ ޢާއިލާ މީހުން ހޮސްޕިޓަލަށް އަންނަން ދެން، އެމީހުން އައިސް ބަލިމީހާއާއި ހަވާލުވީމަ ފުލުހުންނަށް ވެސް ބަޔާން ދީފަ އަހަރެން މިއައީ، އައިއިރު ވެސް ހާލު ވަރަށް ސީރިޔަސް، ފަތިހު އޮންނަ ފްލައިޓުން މާލެ ފޮނުވާލާ ވާހަކަވެސް ދެކެވުނު...''
އައްޔޫބު، އޭނަ ގެއަށް އައުން ލަސްވުމުގެ ފަހަތުގައިވާ ހާދިސާގެ ތަފުސީލު ހާމަކޮށްދިޔައެވެ. ކަނުލާ އަޑައަހަން ތިބި މޫނިސާގެ އިތުރުން ޒޯހާއަށް ވެސް އެވާހަކަތަކުން އަސަރުކުރިއެވެ.
''މިހާރު މިއުޅޭ މީހުނަށް ކާރެއް ނުވަތަ ސައިކަލަކަށް އެރިއްޖެއްޔާ ހީވާނީ އެހެންފަދަ ކަމެއް ހެން، ބާރަށް ދުއްވާފަ ދަނިކޮށް ތިމާއާއި އެހެންމީހުންނަށް ލިބިދާނެ ގެއްލުމަކަށް ވެސް އެމީހުން ވިސްނާލާކަށް ބޭނުމެއް ނުވޭ... މީހެއްގެ ފަރުވާ ކުޑަކަމުން އެކުއްޖާއަށް އެލިބުނީ ކޮންފަދަ ބޮޑު އަނިޔާއެއް، އަދި ތިބުނީ އެކްސިޑެންޓްވުމުން އެހީވުމުގެ ބަދަލުގައި މަސައްކަތްކުރީ ފިލާށޭ... ކީކޭ ދެން ބުނާނީ... އިންސާނިއްޔަތުވަންތަކަމެއް ވެސް ނެތް...'' މޫނިސާ ބުނެލިއެވެ.
މޫނިސާއަށް ހިތާހިތުން މާތްﷲއަށް ހަމްދުކުރެވުނީ ހެޔޮހާލުގައި އައްޔޫބުއާއި ބައްދަލުވުމުގެ ފުރުސަތު އޭނައަށް ދެއްވީތީއެވެ. ހަމައެއާއެކު އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރެވުނެވެ.
''ފޯނަށް ޖަވާބު ދިންނަނަމަ އަހަރުމެން ހާސްވާކަށް ނުޖެހުނީހެއްނު، ގެއަށް އައުން ލަސްވުމުން އަހަރެން ހީކުރީ މިއުޅޭ ޕާޓޭ ގުރޫޕަކުން އައްޔޫބުއާ ދިމާކުރީއޭ، އިހަށް ރޭ މިއުޅޭ ހުސޭނަށް ވެސް ވަޅިން ހަމަލާދީ ފޭރިގެންފި ވިއްޔާ، ގެއަށް އައި އިރު ހުރި ހާލު ތިއީ، ދެން އަހަރުމެން ކިހާ ބިރެއް ގަންނާނެ...'' އަދިވެސް މޫނިސާގެ ހިތުގައި ވަނީ ޝަކުވާއެވެ. ލޯބިވާ ފިރިމީހާގެ ރައްކާތެރިކަމާ މެދު އޭނަގެ ހިތް ބިރުގެންފައިވި މިންވަރު އަދިވެސް ހިތުން ފިލުވާލަން އުނދަގޫވެފައިވާ ކަހަލައެވެ.
''ފޯނު!...''
މޫނިސާގެ ޖުމްލައިން އައްޔޫބަށް އޭނަގެ ފަޓުލޫނު ޖީބުގައި އަތްޖައްސާލެވުނެވެ. ފޯނު އޭނަގެ އަތުގައި ނެތްކަން ވެސް ހަނދާންވީ ދެނެވެ. އެވަގުތު ސިކުނޑީގެ ލޯގަނޑަށް މަންޒަރުތަކެއް ސިފަވެގެން އައެވެ. އެމްބިއުލާންސާއި ފުލުހަށް ގުޅުމަށްފަހު އޭނައަށް ފޯނު ބޭއްވުނީ އަނިޔާ ލިބުނު ކުއްޖާއާ އޮތް ހިސާބު ބިންމަތީގައެވެ. މަރަށްތެޅެމުން ދިޔަ ޒުވާނާއާ މެދު ނުތަނަވަސްވެފައި ހުރިވަރުން އެހެން އެއްވެސް ކަމަކަށް ސަމާލުކަންވެސް ނުދެވުނީއެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފޯނު ބާއްވާފައި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދެވުނީވެސް އެހެންވެއެވެ.
''ފޯނަށް ޖަވާބު ނުދެވުނީ ފޯނު އެކްސިޑެންޓް ހިނގި ތަނުގައި ބާއްވާފައި ދެވުމުން... ދިމާވި ކަންތަކުން އެހެން ކަމަކަށް ސަމާލުކަމެއް ނުދެވުނު، ސައިކަލުވެސް އެތަނުގައި ބަހައްޓާފައި މިއާދެވުނީ، ދެން މިރޭ ސައިކަލު ބަލާދާން މާބޮޑަށް ލަސްވެއްޖެހެން ހީވަނީ.. މާދަން ދެން އެކަމާ އުޅެވޭނީ، އިތުރު ބަޔާންތަކެއް ދޭން ހެނދުނާ ފުލުސް އޮފީހަށްވެސް ދާން އެބަޖެހޭ... މޫނިސާ، ދެން އިތުރަށް ހާސްވެކަންބޮޑުނުވެބަލަ، އަހަރެން މިހުރީ ސައްހަސަލާމަތުން އައިހެއްނު...'' މޫނިސާގެ އަތްތިލައިގައި ހިފާލަމުން އައްޔޫބު ހިނިތުންވެލިއެވެ. އެހިނިތުންވުމުން މޫނިސާގެ ހިތުގެ އުދާސްތަކަށް ލުޔެއް ލިބުނެވެ. އެދެމެދުގައި އޮތް ބަދަލުވުމެއް ނެތް ލޯބި އެކަކުއަނެކަކަށް ބަހައްޓާ ސަމާލުކަމާއި އަޅާލުންތަކުން ހާމަކޮށްދެއެވެ.
''ދެން ހިނގާ އަވަހަށް ނިދަން ދަމާ، މިހާރު އެއްއޮތް ދޭއް ޖަހަން ކައިރިވަނީ...'' ބޮޑުކޮޓަރީގެ ފާރުގައި ހަރުކުރެވިފައިވި ގަޑިއަށް ސަމާލުކަން ދެމުން އައްޔޫބު ބުނެލިއެވެ. ނިދީގެ ވަރުބަލިކަންވެސް މޫނިސާއާއި ޒޯހާއަށް އިހުސާސްކުރެވެން ފެށުނީ ދެނެވެ.
އައްޔޫބު ބުނިފަދައިން ކަންތައް ކުރަން އެންމެން އަވަސް ވެގަތެވެ.
ކުޑަކޮށް ބޮލަށް އެނބުރުން އަރާގޮތްވެފައިވި މޫނިސާ އަތުލިފައިކޮށްގެން ކޮޓަރިއަށް ދާން އައްޔޫބު ހިނގައިގަތެވެ.
މައިދޮރުގައި ޓަކިދިން އަޑަށް ހައިރާންކަމާއެކު އައްޔޫބުއަށް ފަސްއެނބުރި ދޮރާދިމާއަށް ބަލާލެވުނެވެ. އެވަގުތު ޒޯހާގެ ފޯނުގެ ރިންގްގެ އަޑު ބޮޑުކޮޓަރީގެ ހިމޭން މާހައުލަށް ފަތުރުނެވެ.
''އަފްލާކް!...'' ޒޯހާއަށް ބުނެލެވުނެވެ. ބައްޕަ ގެއަށް އައި ވާހަކަ އަފްލާކްއާއި ވާފިރުބެއަށް އަންގަން އޭނަ ހުރީ ހަންދާން ނެތިފައެވެ. ވާނީވެސް އެހެންތާއެވެ. ބައްޕަ ހުރި ހާލަތުގެ ސަބަބުން އިތުރު އެއްވެސް ކަމަކަށް ސަމާލުކަން ނުދެވުނީއެވެ.
ނިއްކުރީގައި އަތުގެ ފުށަތުން ޖަހާލަމުން ޒޯހާ އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ.
''ދަންވަރު ގަޑީގައި އެސޮރަށްވެސް ގުޅީތަ؟...'' ދޮރުހުޅުވަން ދިޔަ ޒޯހާއަށް ބަލަން ހުރި އައްޔޫބު ސުވާލުކުރީ މޫނިސާ އާއެވެ.
''އައްޔޫބުގެ ޚަބަަރެއް ނުވެގެން އަފްލާކްއަށް ގުޅަން ޖެހުނީ...'' މޫނިސާ ޖަވާބުދިނެވެ.
''ވެގެން އުޅޭގޮތެއް ނޭގިގެން އެސޮރުވެސް މިހާރު ހުންނަނީ ހާސްވެފައި...''
އައްޔޫބުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޒޯހާގެ ފަރާތުން އަފްލާކްއާއި އޭނަގެ މަންމަގެ ހިތްދަތި ދިރިއުޅުމުގެ ފަލްސަފާ އަޑުއިވިފައިވުމުން އަބަދުވެސް އަފްލާކްއާ މެދު އެހިތުގައި ހަމްދަރުދީއާއި ކުލުނުގެ އިހުސާސްތައް ވެއެވެ. ވެދިޔަ ހުރިހާ ކަންތަކަށްފަހުގައިވެސް އުފާވެރި ދިރިއުޅުމެއް ހާސިލުކުރަން އަފްލާކް ކުރަމުންދާ މަސައްކަތާ މެދު އޭނަ އުފާވެއެވެ. މިއަދު އަފްލާކްއަކީ މޮޅަށް ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނެކެވެ. ބުރަ މަސައްކަތުން ބިނާ ކުރި ކުންފުންޏެއްގެ އިސްވެރިޔާއެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުމާއެކު ފުރަތަމަވެސް އަހައްމިއްޔަތުކަން ދިނީ އަފްލާކްގެ މަންމަ އުޅެމުން ދިޔަ އުދާސީ ދިރިއުޅުމުން މިންޖުކޮށްދިނުމަށެވެ. އަފްލާކްއަކީ އެހެނިހެން މީހުންގެ އިހުސާސްތަކަށް ޤަދަރުކުރަންދަންނަ މަޑުމައިތިރި އަދި އޯގާތެރި ހިތެއްގެ ވެރިއެކެވެ. އެފަދަ ހެޔޮލަފާ ޒުވާނަކު ހަޔާތުގެ ބައިވެރިޔަކަށް ހޮވަން ޒޯހާ ގަސްދުކުރިކަމަށްޓަކާ އޭނަ އުފާވެއެވެ. އަފްލާކްއާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް ރުހުން ދެވުނީ އަފްލާކްގެ ފަރާތުން ފެނުނު ހިތްހެޔޮކަމުންނެވެ.
*****
އައްޔޫބު ހެޔޮހާލުގައިވާތަން ފެނި އަފްލާކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ސިކުނޑީގެ ނާރުތަކަށް ވެރިވެފައިވި ވާންކަން ކެނޑި ހަމަޖެހުން ވެރިވިއެވެ. ހިތުގައި ވިކަމުން ދިޔަ ބިރުވެރި ޚިޔާލުތަކުން އެއްވެސްކަމެއް ހަޤީޤަތަކަށް ނުވުމުން ހެއްދެވި ފަރާތަށް ޝުކުރުވެރިވެވުނެވެ.
އައްޔޫބުއާއި މޫނިސާ ކޮޓަރިއަށް ދިއުމުން ޒޯހާއާއި އަފްލާކް ބޮޑުކޮޓަރީގައި އެކަނިވިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު އެދެލޮލުން ޒޯހާއަށް ފެނުނު އުދާސްކަމުގެ އިހުސާސްތަކާއެކު ޒޯހާގެ ހިތުގައި ރިއްސާލިއެވެ. އަފްލާކްގެ ހިތުގައިވާ މޮޅިވެރިކަމުގެ އިހުސާސްތައް އެހެނިހެން މީހުންނަށް ސިއްރުކުރަން ކުޅާދާނަޔަސް، ހުޅުވާފައިވާ ފޮތެއްހެން އެހިތުގެ ކޮންމެ ސިއްރެއްގެ ހިލަން ޒޯހާއަށް ވެއެވެ. އެދެމެދުގައިވާ ހިތާހިތުގެ ގުޅުމުގެ ސަބަބުން އަފްލާކްގެ ކޮންމެ ޖަޒުބާތެއް ވެސް ޒޯހާއަށް އިހުސާސް ކުރެވެއެވެ. އެހިތުގައިވާ ފުން ޒަހަމްތަކުގެ މަލަނަކަށް ވާން އޭނަ ނުހަނު ބޭނުންވެއެވެ.
އަފްލާކްގެ ތޫނުފިލި ދެލޮލުން ފާޅުވަމުން ދާ އުދާސްކަމުގެ ފަހަތުގައިވާ ސަބަބު ވިސްނައިގަންނަން ޒޯހާއަށް އުނދަގުލެއްނުވިއެވެ.
''ވަރަށް ލަސްވެސް ވެއްޖެ ދޯ، ދެން އަހަރެން ދަނީ، ގުޑް ނައިޓް...'' ޒޯހާއަށް ފުރިހަމަ ހިނިތުންވުމެއް ދެމުން އަފްލާކް ބުންޏެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ ގެއަށް ދިއުމަށެވެ.
''އަފްލާކް...'' ޒޯހާ، އަފްލާކްގެ އަތުގައި ހިފާ ހުއްޓުވިއެވެ. ''ވާހަކައެއް ދައްކާލަން ބޭނުން...''
އަފްލާކްއާއެކު ޒޯހާ ނުކުތީ ގޭގެ ފެންޑާއަށެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދުވަރު ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް މުޅި ހިސާބަށް ދީފައި އޮތީ ކޮކާހަނދުވަރެކެވެ. ޖެހިލާ ފިނިފިނި ރޯޅިތަކުން ހަށިގަނޑުން ހީބިހި ނަގައިގެންދާހާވެއެވެ.
''ވަރަށް ސްޓެރެސްވެފަ ދޯ ތިހުރީ؟... ދެން އިތުރަށް އެކަމާ މެދު ވިސްނަން ނަހަދަމާ... ބައްޕައަށް އެއްވެސްކަމެއް ނުވެއެއްނު... އަހަރެން ބޭނުމެއް ނޫން އަބަދު އަހަރުމެންނަށް ކަމެއް ވެދާނެތީ އަފްލާކް ފިކުރުބޮޑުވެފައި ހުންނާކަށް، ޔުއާރ އިން އެ ލޮޓް އޮފް ޕެއިން، އިތުރު ބަޔަކަށް ނުދެއްކިޔަސް އަހަންނަށް އެހުރިހާ ވޭނެއް އިހުސާސްވޭ... އަފްލާކް، އަހަރެން އަބަދުވެސް އަފްލާކްއާއެކުގައި ވާނަން، ދިިރުއުޅުމުގައި ކޮންމެ ފަދަ އިމްތިހާނަކާއި ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް އަފްލާކްގެ އަތުން ދޫކޮށްނުލާނަން، އަހަަރެން ވަރަށް ބޮޑަށް ލޯބިވޭ އަފްލާކްދެކެ، ދުވަހަކުވެސް ވަކިވާކަށް ނޭދެން... އަހަންނަށް އެނގޭ އަފްލާކްގެ ބައްޕަގެ ސަބަބުން ވަރަށް ބޮޑަށް ފިކުރުބޮޑުވެފައިކަން ތިހުންނަނީ، އޭނަގެ ފަރާތުން ކަމެއް ދިމާވެދާނެތީ އަބަދުވެސް ހާސްވެފަކަން ތިހުންނަނީ... ދެން އިތުރަށް އެކަންތަކާ މެދު ވިސްނަން ނަހަދާ، އޭނަ އެމަސައްކަތްކުރަނީ އަފްލާކްއަށް ބިރުދައްކަން... އެކަމަކު އޭނައަށް އެއްވެސްކަމެއް ނުކުރެވޭނެ... އަހަރެން އަބަދުވެސް ސާބިތުކަމާއެކު އަފްލާއާއެކުގައި ވާނަން...''
އަފްލާކްގެ ކޯތާފަތުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ޒޯހާ ވާހަކަދެއްކިއެވެ. އަފްލާކްއަށް ވެސް ޒޯހާގެ އައްތިލައިގައި އަތް ޖައްސާލެވުނެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ސިކުންތުކޮޅެއްގެ ހިނިތުންވުމެއް އަފްލާކްގެ ތުންފަތާއި ކުޅެލިއެވެ. އެއީ މަދުން ނޫނީ ނުފެންނަ ސިފައެކެވެ. ކިތަންމެ މަދު ސިކުންތުކޮޅަކަށް ވިޔަސް އެރީތި ހިނިތުންވުން ފެނުމުގެ ނަސީބު ލިބުމުން ޒޯހާ ހިތްހަމަޖެހުނެވެ.
ޒޯހާގެ ވާހަކަތަކުން އަފްލާކްގެ ދިލަ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ.
''އައި ލަވް ޔޫ!...''
އަފްލާކްގެ ގައިގައި ބައްދާލަމުން ޒޯހާ ބުނެލިއެވެ. ދެޒުވާނުންގެ ދެމެދުގައި އިސްކޮޅުގެ ފަރަގު ހުރުމުން ކިރިޔާ އަފްލާކްގެ މެގާއި ޒޯހާއަށް ބޯޖައްސާލެވޭކަމެވެ. އަފްލާކް އޭނަގެ ދަތްދޮޅި ޒޯހާގެ ކޮނޑުގައި ޖައްސާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ޒޯހާގެ އުނަގަނޑުގައި ވަށާލި ދެއަތުން އެދެމެދުގައިވި ދާއިރާ އިތުރަށް ހަނިކޮށްލިއެވެ.
ޒޯހާގެ ގާތްކަމުން އަފްލާކްގެ ނަފުސަށް ހަމަޖެހުން ގެނެސްދިނެވެ. ކަސްތޮޅުއެޅިފައިވާ އުދާސްކަމުން ހިނދުކޮޅަކަށް ދުރުވެވުނެވެ.
*****
''ކީކޭ!...'' ފޯނުގެ އަނެއްކޮޅުން އިވުނު ވާހަކައާއެކު ރަމީޒުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކަތުރުކަށިގަނޑަށް ބާރުކޮށްލަމުން ބުމަ ގޮށްޖަހާލެވުނެވެ. އޭރު އޭނަގެ ދެލޮލުން އަލިފާންކަނި ބުރާހެންވެސް ހީވެއެވެ. އޭނަ ބޭނުންވި ފަދައިން ކަންތައް ކުރިއަށް ނުދިއުމުން އެކަމުގެ ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އޭނަގެ އަޑުންނާއި އަމަލުތަކުން އެނގޭހާވެއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި މީހާ ޖެހިލުންވާނެ ފަދަ ނުރައްކާތެރިކަމެއް އެކުލެވިފައިވި ރަމީޒުގެ ސޫރަ އެމީހާއަށް ނުފެނުނުކަމުގައި ވިޔަސް އަޑުގައިވި ރުޅިވެރިކަން ކިތަންމެހާ ވެސް ރީއްޗަށް އިހުސާސްކުރެވޭނެއެވެ.
''*****... ކަލެއާ ހަވާލުކުރާ އެއްވެސް ކަމެއް ދުވަހަކު ބޭނުންވާ ގޮތަކަށް ކުރިއަށް ނުދޭ!، ކަލޭ ކޯޗެއް ބޮއިގެން ހުރީމަތަ ނުބައި މީހެއްގެ ގައިގައި ކާރު ޖެއްސުނީ!، އޭނ!!!.... ސައިކަލުގެ ނަންބަރު ޕްލޭޓާ، އޭނަގެ ސޫރައަށް ދާންދެން ކަލެއަށް ދައްކާފަ ވާނީ، ނުވީތާކަށް ކަލޭ ދިޔައީ އޭނައަށް ފާރަވެސް ލަމުންނެއްނު، ދެން ކިހިނެއް އެހެން މީހެއްގެ ގައިގައި ކާރު ޖެހުނީ؟، ޖަވާބުދީ!!!...'' ރަމީޒު ދުލަށް އައިހާ ނުބައިއެއްޗެހި ގޮވަން ފެށިއެވެ. ހަޅޭއްލަވައިގަތީނުން އޭނަގެ ކަރުގެ ނާރުތައް ހޫނުވެފައިވި ލެއިން ފުފިފައިވިއެވެ.
''ކާރުގެ ދުވެލި ބާރުކޮށްލި ގަޑީގައި ކުއްލިޔަކަށް ގޯޅިއަކުން ނިކުތް ސައިކަލެއް އެއީ، ކާރު ކޮންޓްރޯލް ނުކުރެވެނީސް ގޮސް އެސައިކަލުގަ ޖެހުނީ... އެސައިކަލު ނުނިކުތްނަމަ ބޭނުންވި ފަދައިން ކަންތައް ނިންމާލެވުނީސް، އެކަމަކު އޭނަގެ ނަސީބު ރަގަޅުވުމުން މީގަ އަހަރެންގެ މައްސަލައަކީ ކޮބާ؟......'' އެކޮޅުން އިވުނު ވާހަކަތަކާއެކު އަނދައަނދާ ހުރި އަލިފާންގަނޑަކަށް ޕެޓްރޯލު އަޅާލި ކަލައެވެ.
''އޭނަގެ ނަސީބު ރަގަޅީތަ ނޫނީ ކަލެއަށް ކަލެއާ ހަވާލުކުރެވުނު މަސައްކަތް ފުރިހަމައަށް އަދާނުކުރެވުނީތަ!، *****، އަދި ކަލޭގެ މައްސަލައެއް ނެތޭ ބުނެ ވާހަކަދައްކަން އަނގަހުޅުވަން އެބަކެރެއެއްނު... މަށަކީއޭ ކަލޭގެ ބޮސް!... މަބުނާ އެއްޗަކަށް ބަސްބުނެ ޖަދަލުކުރުމުގެ ހައިސިއްޔަތެއް ކަލޭގެ ނުހުންނާނެ!!!......'' ރަމީޒު ހަޅޭއްލަވައިގަތެވެ، އެންމެފަހުން ރުޅިގަދަވެގެން ގޮސް އޭނަގެ ކަންފަތުން ދުންބޭރުވާހާވެއްޖެއެވެ. ފޯނުވެސް އަތުގެ ކޮޅަށް ހޫރާލެވުނެވެ. އެއްވެސްކަމެއް އޭނަ ބޭނުންވާ ފަދައިން ކުރިއަކަށް ނުދެއެވެ.
''މިހުރިހާ ކަމެއްގެ އަސްލަކީ މަށަށް ލިބިފަ ހުރި ކަމީނާ ދަރި... އެއަންހެނަކާއި ޖެހުނު ފަހުން އޭނަ އެހުންނަނީ ދުނިޔެއިން މޮޔަވެފަ، މަށަށް ރަގަޅަށް އެނގެޔޭ އެކަލޭގެ ހަމަ ބިމަށް ގެންނާނެ ގޮތް!...'' ރަމީޒުގެ ހިތުގައި އަފްލާކްއާ މެދު ވަނީ ސާފު ނަފުރަތެވެ. އޭނަގެ ލޮލުގައިވާ ނަފުރަތުގެ ދިލަ ހޫނުކަމުން އެކަން ރަމްޒުކޮށްދެއެވެ. އޭނަ އައްޔޫބު އެކްސިޑެންޓް ކުރުވަން އުޅުނީ އަފްލާކްއަށް ދޭން އުޅުނު އިންޒާރެއްގެ ގޮތުންނެވެ. އަފްލާކްއާއި ޒޯހާއާ ދެމެދުގައި އެވާ ގުޅުމަށް ނިމުން ނުގެެނެސްފިކަމުގައި ވަނީނަމަ އެކަމުގެ ނަތީޖާ ނިކުންނާނެ ގޮތުގެ ކުޑަކުޑަ މިސާލެއް ދައްކާލަން އޭނަ ހުރީ ބޭނުންވެފައެވެ. ލޯބިވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން އަފްލާކް ކަންތައްކޮށްފާނެ ގޮތެއްގެ އަޖުމަ ބަލާލަންވެސް އޭނަ ހުރީ ބޭނުންވެފައެެވެ. ނަމަވެސް އުއްމީދުކުރި ފަދައިން އެއްވެސްކަމެއް ނުވިއެވެ. އަނެއްކާ މިޖެހުނީ އިތުރު މަގެއް ޚިޔާރުކުރާށެވެ. ނަމަވެސް ހަމަލާދިނުމުގެ ކުރިން އަފްލާކްގެ ހިތުގައި އޭނައާ މެދު ޝައްކެއް އުފެދިދާނެތީ ވިސްނާލަން ޖެހުނެވެ. އެހެން ނޫނީ އޭނަގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާއަކަށް އަފްލާކް ހުންނާނީ ހުޝިޔާރުވެގެެންނެވެ.
*****
ދެދުވަސް ފަސް...
މެންދުރު ވަގުތެވެ. މެންދުރުގެ ކެއުން ތައްޔާރުކުރުމަށް ފަހު މެދުގޯތީގައި ހުރި ޖޯލީގައި މާރިޔާ އޮށޯވެލައިގެން އޮތީ އަފްލާކްގެ އިންތިޒާރުގައެވެ. ބިޒީ ދުވަހެއް ނޫންނަމަ ކޮންމެ ދުވަހެއްގެ މެންދުރު ކެއުމަށް އިންސާފުކުރަން އަފްލާކް އަންނާނީ ގެއަށެވެ. ބައެއް ދުވަސްދުވަހު މާރިޔާގެ އެދުމުގެ މަތިން ޒޯހާ ވެސް ގޮވައިގެން އަންނާނެއެވެ.
އުޑުމަތީގައި ވިލާތައް ގިނަ ދުވަހަކަށް ވުމުން އިރުގެ ރައްދަކަ އަވީގެ ހޫނުކަމުން ދުނިޔެ ދޮންކޮށްލުމުގައި އިރަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ޖެހެމުން ދިޔަ ފިނިރޯޅިތަކުން ވެސް ފަޒާގައި ވަނީ އަރާމުކުރުވަނިވި ފިނިކަމެއް ހަރުލާފައެވެ. ގޯތީގައި ހުރި ޏަމްޏަމް ގަހުގައި ފޮޅިފައިވި މާތަކާއި ސަމާސާކޮށްފައި ދާ ރޯޅިތަކުގެ ނުސިޔާނުކަމުގެ ސަބަބުން މަލުގެ ނަރުތައް ގަސްދޮށަށް ފައިބާފައި އޮތް އިރު ދަނބުކުލައިގެ ދޫލައެއް ފަތުރާލާފައި ވެއެވެ. ހެނދުނަށް ފޮޅުނު މާތަކުގެ އަސަރު ވެސް ފަޒާގައި ވެއެވެ.
ޖޯއްޔާއި ޖެހިގެން ހުރި ބަނބުކެޔޮ ގަހުގައި ހޭލަމޭލަވަމުން ދިޔަ ކަނދުވަލުދޫނިތަކަށް ނަޒަރު ހުއްޓާލައިގެން އޮތް މާރީޔާގެ ސަމާލުކަން ގޭގެ މައި ގޭޓާއި ދިމާއަށް ދަތުރުކުރީ ކާރެއް މަޑުކޮށްލި އަޑު އިވިގެންނެވެ. ހައިރާންކަމާއެކު ބަލަން އޮއްވާ ފެނުނީ، ގޭޓު ހުޅުވާލާފައި ވަދެގެން އައި ރަމީޒެވެ.
ފުންމައިގެންފައި މާރިޔާއަށް ޖޯލިން ތެދުވެވުނެވެ. މީގެ އިރުކޮޅެއްކުރިން އޭނަގެ މޫނުގައިވި ހަމަޖެހުމުގެ ކުލަވަރުތަކުގެ މައްޗަށް ސަވާރުވެގެން އައީ ބިރުވެރިކަމެވެ. ރަމީޒުގެ ސޫރަ ފެނުނަސް މުޅި ޖިސްމަށް ފޭދިގެން ދަނީ ގިލަންވެރިކަމެވެ. ރަމީޒުގެ ފަރާތުން އޭނައާއި އަފްލާކްއަށް ކުރިމަތިވި ވޭނާއި ކެކުޅުންތަކުގެ ދިގު ސިލްސިލާ ކޮންމެ ފަހަރަކު ލޯކުރިމަތިން ސިފަވެގެންދެއެވެ. ހިތްވަރާއެކު ރަމީޒުއާ ކުރިމަތިލާން ބޭނުންވިކަމުގައި ވިޔަސް ނަފްސަށް އަންނަ ލޮޅުންތަކާއެކު ކޮންމެ ފަހަރަކު ރަމީޒުގެ ކުރިމަތީގައި އޭނަ ބަލިކަށިވެގެން ދަނީއެވެ.
ބިރުގެންފައި ހުރިވަރުން މާރިޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މާރިޔާގެ ފަރާތުން ފެންނަމުން ދިޔަ ޖެހިލުންވުމުގެ ލިސާންތަކުން ރަމީޒު ގާތަށް އައީ ނުލަފާ ހިންޏެކެވެ. ފަޓުލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރެ އޭނަ ހިނގާފައި އައީ ބޮޑާކަމާއެކުގައެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރިއިރު އޭނަގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަކޮށްދެއެވެ. ބޮލުގެ އިސްތަށިތަކުގައި ކޮންމެވެސް ވަރަކަށް ނުރައިގެ އަސަރުވިކަމުގައި ވިޔަސް އެމޫނުމަތިން އުމުރުން ދުވަސްވަމުން އަންނަކަމުގެ އަސަރެއް ފާޅެއްނުވެއެވެ. އެމޫނުން ފެންނަނީ ތާޒާ ކަމެވެ. މީހާގެ ސްމާޓްކަމާއި ރީތިކަން ދުވަހަށްދުވަހަކަށް އިތުރުވަމުންދާ ކަހަލައެވެ. ބައިމަތިފުޅާ ހަށިގަނޑާއި ދިގު އިސްކޮޅުން މީހާގެ ހައިބަތު ހާމަކޮށްދެއެވެ. އެހުރިހާ ސިފަތަކަކީ އަމިއްލަ ނަފުސާ މެދު ރަމީޒުގެ ހިތުގައި އޮންނަ ކިބުރުވެރިކަން އިތުރުކޮށްދޭ ކަންތަކެވެ. އޭނަގެ ނަޒަރުގައި ހުރިހާ އެންމެން ތިބެން ޖެހޭނީ އޭނަގެ ފައިތިލަ ދަށުގައެވެ.
''ކީއްކުރަން ކަލޭ މިގެއަށް ތިއައީ؟...'' ހިތްވަރުކޮށްފައި މާރިޔާ ބުނެލިއެވެ.
''ކަލޭ؟...'' މާރިޔާގެ ބަސްމޮށުންތެރިކަމާމެދު ރަމީޒު ހިތްހަމައެއް ނުޖެހުނެވެ. ގޮށްޖަހާލެވުނު ބުމައިން އެކަން އަންގައިދިނެވެ.
*****
މީޓިންގް ނިމުމާއެކު އަތުކުރީ އޮތް ގަޑިއަށް އަފްލާކްއަށް އަވަސް ނަޒަރެއް ދެވުނެވެ. އޭރު ބާރަގަޑި ބައިވާން ކައިރިވަނީއެވެ. މޭޒުމަތީ ހުރި ފައިލްތައް ހިފައިގެން އަފްލާކް އަވަސްވެގަތީ މީޓިންގްރޫމުން ބޭރަށް ނިކުތުމަށެވެ. އެއަށްފަހު އޭނަ މިސްރާބު ޖެހީ އޭނަގެ ކެބިންއަށް ދިއުމަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އޭނަގެ ސެކްރެޓަރީ ފަލަކް އަންނަތަން ފެނެއެވެ. އަވަސް ހިނގުމެއްގައި އައިއިރު ހީވަނީ އަފްލާކް ހޯދަން އަންނަހެންނެވެ. ކަންބޮޑުވުންވެސް އެމޫނުން ފެނެއެވެ.
ފަލަކް ފެނި އަފްލާކްއަށް ލިބުނީ ހައިރާންކަމެވެ.
''ސާރ...''
ފަލަކްއަށް ގޮވާލެވުނެވެ. އޭނައަށް ހުރީ މައިނޭވާވެސް ލެވިފައެވެ. ދޮން މޫނުގައި ދަލުގެ އަސަރުވެސް އެކުލެވިފައިވެއެވެ. ފަލަކްގެ މޫނުން ފެނުނު ކުލަވަރުތައް ފަރުވާތެރިކަމާއެކު ދިރާސަކޮށްލި އަފްލާކްއަށް، ފަލަކްގެ ނުތަނަވަސްކަމުގެ ފަހަތުގައިވާ ސަބަބާ މެދު ވިސްނައިގަންނަން ގިނަ އިރެއް ބޭނުމެއް ނުވިއެވެ. އެއާއެކު ދިގު ފިޔަވަޅުތަކެއްގައި އޭނަ މިސްރާބުޖެހީ ކެބިންއާ ދިމާއަށެވެ. އޭރު އޭނަގެ އަތް ވަނީ މުށްކެވިފައެވެ. ބުމަވެސް ގޮސްޖެހި ރުޅިވެރިކަން މޫނުމައްޗަށް ވެރިވެއްޖެއެވެ.