''މިހާރު ކިހިނެއްތަ؟...''
އެހީތެރިޔާގެ ގޮނޑީގައި އިށީންނަމުން މާރިޔާ ވާހަކަދެއްކިއެވެ. މޫނިސާއަށް ބަލައިލަމުން މާރިޔާ ފަނޑު ހިނިތުންވުމެއް ރައްދުކުރިއެވެ. އެމޫނުން އޭނައަށް ފާހަގަ ކުރެވުނު މޮޅިވެރިކަމުގެ އަސަރުތަކުން މާރިޔާގެ މޭގައި އުދާސްކަން އުތުރިއަރައިގަތެވެ. ކުށްވެރިކަމުގެ އިހުސާސްތަކުގައި އަމިއްލަ ނަފުސު ބަނދެވިގެން ދިޔަ ހިނދު އެދެލޮލުން ފާޅުވެގެން އައީ މާޔޫސްކަމެވެ. ނިއުޅެމުން އެދާ ހުރިހާ ހިތްދަތި މަންޒަރެއް ބަދަލުވެގެން ދާން މަރީޔާ ބޭނުމެވެ. ޒޯހާގެ ޢާއިލާއަށް ކުރިމަތިވެފައިވާ ހިތާމަޔާއި ކަރުނައިގެ ދިގު ސިލްސިލާ ނިމި އުފާވެރިކަމުގެ ކުލަތަކުން ރަންގުވެގެންދާ މަންޒަރު ދެކެން ވެސް ބޭނުމެވެ. ޒޯހާ އަދި އަފްލާކްއަށް ފާގަތި މުސްތަގުބަލެއް ލިބިގެންދާ އުފާވެރި ދުވަސް ދެކެންވެސް ބޭނުމެވެ. އެހެނަސް، އެހުރިހާ އުއްމީދަކަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ރަމީޒުއެވެ. އޭނަގެ ހިތް ބޮޑަށް ބިރުގަންނަނީ ވެސް އެސަބަބާ ހުރެއެވެ. ރަމީޒުއާއި ކުރިމަތިލައިގެން އެމީހުނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެތީއެވެ.
ރަމީޒުއަކީ އަމިއްލަ އެދުމާއިގެން ފޯވެފައިވާ މީހެކެވެ. ރަމީޒުގެ ހިތުގެ މުރާދުތައް ހާސިލު ނުވަނީސް ހަމަނޭވާއެއް ވެސް ނުލާނެއެވެ. ލަނޑުދަނޑިތައް ހާސިލުކުރަން ކޮންމެ ފަދަ ކަމެއް ކުރަން ރަމީޒު ޖެހިލުމެއް ނުވާނެއެވެ. އެހެނިހެން މީހުންގެ ދިރިއުޅުމާ ކުޅެލައިގެން ވިޔަސް ނަތީޖާ ނެރެވެނިކޮށް އެނިމުނީއެވެ. އެހުރިހާ ކަމެއްގެ ނަތީޖާ ހަމަލޮލުން ފެނި އޭނަ ވަނީ އެކަމުގެ ހިތިކަން އެތައް ފަހަރެއްގެ މަތީން ތަޖުރިބާ ވެސް ކޮށްފައެވެ. ހިތްދަތިކަމާއި ވޭނުން ފުރިގެންވި އުދާސްކަމުގެ ދިގު ރާސްތާއެއްގައި ގިނިކަންޏާ ހިނގަން އޭނައަށް މަޖުބޫރުކުރިވި މީހަކީ ވެސް ރަމީޒުއެވެ. ރަމީޒު އެތުރި ދަންތުރަތަކުގެ މަޅި ކަރަށް މެހި އޭނަގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ދިޔައީއެވެ. އެފަދަ ކަމެއް ތަކުރާރުވާން މާރިޔާގެ ހިތެއް ނޭދެއެވެ. ހަމައެއާއެކު އެހިތްދަތިކަން އިތުރު މީހަކަށް ލިބޭކަށް ވެސް މެއެވެ.
''މިހާރު ރަގަޅު...''
މޫނިސާ ވެސް ހިނިތުންވެލިއެވެ. ދުލުން ހާމަނުކުރިކަމުގައި ވިޔަސް މާރިޔާގެ ދެލޮލުން ފެންނަމުން ދިޔަ ކުށްވެރިކަމުގެ އިހުސާސްތައް ފާހަގަ ކުރެވި މޫނިސާ މަސައްކަތްކުރީ އޭނަގެ ހިތާމަތައް ވަންހަނާ ކުރާށެވެ. ވެދިޔަ އެއްވެސް ކަމެއްގައި އަފްލާކް އަދި މާރިޔާ ވެސް ކުށްވެރިކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެހުރިހާ ކަމެއްގެ އިސް މޭސްތިރިޔަކީ ރަމީޒުއެވެ. ހުރިހާ ނުބައިކަމެއްގެ އަސްލާ ގުޅިފައި ވަނީވެސް ރަމީޒުއެވެ. ކުށެއްނެތް ފަރާތަކަށް ތުހުމަތުގެ އިނގިލ ދިއްކޮށް ހިތުގައިވާ ރުޅިވެރިކަން ބޭރުކޮށްލުން އެއީ އިންސާފެއް ނޫނެވެ. ހުދު މާރިޔާއާއި އަފްލާކް ވެސް މަސައްކަތް އެކުރަނީ ރަމީޒުގެ ޖައްބާރުކަމާއި ނުފޫޒުން ސަލާމަތްވާށެވެ. ކަންއެހެން އޮތް އިރު ރަމީޒުގެ ނުބައި ރޭވުންތަކާއި މާރިޔާގެ ދެމައިންނާއި ގުޅުވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނަ، އަބަދުމެ ފަޒީލާއާއި ދެބަސްވާން ޖެހެނީ އެހެންވެއެވެ.
''މޫނިސާމެންގެ ޢާއިލާ ދިމާވެފައިވާ ހިތާމަތަކަށް އަހަރެން މަޢާފަށް އެދެން...''
މޫނިސާއަށް ބަލާލަމުން މާރިޔާ ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައި ހިތާމަވެރިކަން އުކެލެވިގެން ވިޔެވެ. މޫނިސާއާއި ހަތަރުކަޅި ހަމަކުރަން ވެސް މާރިޔާއަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ރަމީޒުގެ ގޮތް ރަގަޅަށް އެނގި ހުރެ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުނުކަމުގެ ހިތާމަވެރިކަމާއި ދުނި އުމުރަށް އޭނަ ކުރިމަތިލާން ޖެހޭނެއެވެ.
''ތިހެން ނުބުނޭ!، ވެދިޔަ އެއްވެސް ކަމެއްގައި އަހަރެން މާރިޔާ އަދި އަފްލާކް ވެސް ކުށްވެރިކުރާކަށް ބޭނުމެއް ނޫން... މާރިޔާ އަހަންނަށް ކިޔައިދިން ވާހަކަތަކުން ރަމީޒުގެ ހަޤީޤަތް އަހަންނަށް ވެސް އޮތީ އެނގިފައި، އެކަމަކު އޭނަ މިފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަހަަރެން ވެސް ހިޔެއް ނުކުރަން...... މިއަދު އަހަންނަށް އެނގިއްޖެ ރަމީޒު އަކީ ކޮންފަދަ ނުބައި މީހެއްކަން، އޭނަގެ ފަރާތުން އަފްލާކް އަދި މާރިޔާއަށް ކުރިމަތިވި ހިތްދަތިކަމުގެ ކުޑަ މިންވަރެއް މިހާރު އަހަންނަށް ތަޖުރިބާ ކުރަން ޖެހިފައިމިވަނީ، ތިދެމައިން އުޅުނު ހިތްދަތިކަން އަހަންނަށް ދުވަހަކު ވެސް ތަސައްވަރެއް ނުކުރެވޭނެ، އެފަދަ މީހެއްގެ ނުފޫޒުން އަހަރުމެން އެންމެން ސަލާމަތްވާން އަހަރެން ބޭނުމީ......'' އެނދުން ބުރަކަށި ހިއްލާލުމަށްފަހު ހަށިގަނޑު ކުޑަކޮށް ސީދާކޮށްލަމުން މޫނިސާ ވާހަކަދެއްކިއެވެ. އުނދަގުލެއް ނެތި މޫނިސާއަށް އެނދުގައި އިދެވޭނެހެން މޫނިސާގެ ބުރަކަށީގެ ފަހަތަށް މާރިޔާ ބާލީސްތަކެއް ލައްވާލަ ދިނެވެ. އެނދުގައި ހަމަޖެހިލަމުން މޫނިސާ އޭނަގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.
''މިކަމުގައި ކުށްވެރިޔަކީ ހަމައެކަނި ރަމީޒު... އޭނަގެ ނުބައިކަމުން މިހެން މިދިމާވަނީ... އަހަންނަށް އެބަފެނޭ އައްޔޫބު މިނިވަންކުރަން އަފްލާކް ކުރަމުންދާ މަސައްކަތްތައް ވެސް، އޭގެ ސަބަބުން އައްޔޫބު މިނިވަންވާނެކަމުގެ އުއްމީދުވެސް އަހަންނަށް އެބަ ލިބޭ... މާާތްﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ރަގަޅުވެގެން ދާނެ، އެކަލާނގެއީ ހުރިހާކަމަކަށް ވެސް ކުޅަދުންވަންތަ ރަސްކަލާނގެ، އަހަރުމެން އިންސާނުންނަށް އޮތީ މަސައްކަތްކުރުން، ތައުފީޤު ދެއްވާނީ މާތްﷲ............... އަހަރެން މިކަންތަކަށް ކެތްކުރާނަން... މާރިޔާ ވެސް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓާލާ، އެއީ އެ ރަމީޒު ބޭނުންވާ ގޮތް، އޭނަގެ މަގުސަދު އަހަންނަށް އެބަ ފެނޭ، މިހުރިހާކަމަކުން އޭނަ ނެރެން ބޭނުންވާ ނަތީޖާއަކީ ދެޢާއިލާ ދެމެދުގައި މައްސަލަ ޖެހި އަފްލާކްއާއި ޒޯހާ ދުރުވުން، އޭނަގެ އެމަގުސަދު ހާސިލުވެއްޖެނަމަ ކާމިޔަބު ލިބިގެންދާނީ އޭނައަށް...''
މޫނިސާގެ ވާހަތަކުން މާރިޔާގެ ހިތަށް ފިނިކަން ލިބުނެވެ. އެހެނަސް ހަމަޖެހުމެއް ނުލިބުނެވެ. ރަމީޒުގެ އަނދިރި ފަރާތް ތަޖުރިބާކުރެވިފައިވުމުން އޭނަގެ ހިތުގެ ގިލަންވެރިކަމަށް ނިމުމެއް ނައެވެ. ހިނިތުންވެލިކަމުގައި ވިޔަސް ހިތުގައި ބިރުވެރިކަން ވިންދުޖަހަމުން ދިޔައެވެ. ރަމީޒުއާއި ކުރިމަތިލައިގެން އެދެވޭ ފަދަ ކުރިއެރުމެއް ނުލިބިދާނެތީ އެކަމުގެ ހާސްކަން އޭނަގެ ހިތުގައި ވިއެވެ.
*****
''އޭނަ އައީ ކީއްކުރަންތަ؟...'' ޒޯހާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އަފްލާކް ބުންޏެވެ. އަފްލާކްއާއި ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު، އެދެލޮލުން ފެނުނު ބިރުވެރިކަމުގެ އަސަރުތަކުން ޒޯހާގެ މެޔަށް ބާރުވެގެން ދިޔައެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއާއެކު މޭގެ ތެރޭގައި އުފެދިފައިވި ހައިޖާންގަނޑު އޮއްބާލަން ޒޯހާ މަސައްކަތްކުރިއެވެ. ތެދު ހާމަކޮށްފިނަމަ އަފްލާކްގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވާނެތީ ޒޯހާއަށް މަޖުބޫރުވީ ދޮގުތަކުން ހަޤީޤަތް ފޫބައްދާށެވެ.
''އެއްވެސް ކަމަކުއެއް ނޫން...'' ޒޯހާ ހިނިތުންވެލިއެވެ. ޒޯހާއަށް ފަރުވާތެރިކަމާއެކު ބަލަން ހުރި އަފްލާކް އެޖަވާބާ މެދު ނުރުހުނުކަން ހާމަކޮށް ދިނީ އޭނަގެ ބުމައަށް ގެނައި ހަރަކާތުންނެވެ. ހިމޭންކަމުގެ ސުކޫތަކަށް ފަހު އަނެއްކާ ވެސް އަފްލާކް އޭނަގެ ސުވާލު ތަކުރާރުކުރިއެވެ. ޒޯހާގެ ނުތަނަވަސްކަން އޭނަގެ ހުޝިޔާރު ދެލޮލުން ފަސޭހަކަމާއެކު ނަގައިގަތެވެ.
''ޒޯހާ، އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ، އަހަންނަށް އެނގޭ ސަހަލު ކަމަކާއިގެން އޭނަ ނާންނާނެކަން... ކީކޭތަ އައިސް އޭނަ ބުނީ... ޒޯހާއަށް ބިރުދައްކަންތަ އޭނަ އައީ؟... އޭނަ ނިކުމެގެން ދިޔަ އިރު ރުޅި އައިސްފައި ހުރީ ކީއްވެގެންތަ؟... އޭނަ އައީ ޒޯހާއަށް އިންޒާރު ދޭން ދޯ؟...''
ކުއްލިޔަކަށް އަފްލާކް ޒޯހާގެ މޫނުން ދޫކޮށްލެލިއެވެ. އަދި ފަހަތަށް އަޅާލި ފިޔަވަޅާއެކު ވާއަތުން މޫނުގައި ފިރުމާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. އަފްލާކް ނުތަނަވަސްވެފައި ހުރި މިންވަރު އޭނަގެ ހަރަކާތްތަކުން ޒޯހާއަށް ދޭހަކުރެވުނެވެ.
''އޭނަ ޒޯހާއަށް ބިރުދެއްކީތަ؟...'' އަފްލާކް ސުވާލުކުރިއެވެ.
އަފްލާކް ގާތަށް ދިއުމަށް އަޅާލި ފިޔަވަޅާއެކު ޒޯހާ ހިފީ އަފްލާކްގެ އަތުގައެވެ.
''އޭނަގެ ކަންތައް މާމައްޗަށް އެދަނީ......'' އަފްލާކްގެ އަޑުގައި ނުރުހުންތެރިކަން ވިއެވެ.
ޒޯހާއަށް އަފްލާކްގެ އަތަށް ބާރުކޮށްލެވުނެވެ.
''ޒޯހާ، ޕްލީޒް، އޭނަ ބުނީ ކީކޭތަ؟... އަހަންނަށް އެހީ ވެވޭނީވެސް އޭނަ އައި ބޭނުމެއް އެނގިގެން، އަހަރުމެން ދެމެދުގައި އެއްވެސްކަމެއް ސިއްރު ނުކުރާނަންކަމަށް ޒޯހާ ވަޢުދުވީމެއްނު؟، ސޯ ޕްލީޒް!، ޓެލް މީ!...'' ޒޯހާއަށް ބަލާލަމުން އަފްލާކް އެދުނެވެ.
ޒޯހާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަފްލާކްގެ ގާތުގައި ހުރިހާކަމެއް ހާމަކުރުން ނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. އޭރު އެވާހަކަތައް އަޑުއިވި އަފްލާކް ކަންތައްކޮށްފާނެ ގޮތަކާ މެދު ޒޯހާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ދުލުކުރިއަށް އެވާހަކަތައް ގެންނަން އޭނައަށް އުނދަގޫވެފައިވީ ވެސް އެސަބަބާ ހުރެއެވެ. ނަމަވެސް އަފްލާކްގެ ދެލޮލުން ފެންނަމުން އައި އާދޭސްތަކުން އެންމެ ފަހުން ޒޯހާއަށް މަޖުބޫރުވީ އަފްލާކްގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ. އަދި ހަޤީޤަތް ހާމަކުރާށެވެ. ރަމީޒު އޭނައާއި ބައްދަލުކުރަން އައި ސަބަބު ކިޔައިދެމުން ދިޔައިރު އަފްލާކްގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތައް ދެނެގަންނަން ޒޯހާ މަސައްކަތްކުރިއެވެ.
''އަފްލާކް، ޕްލީޒް ޑޯންޓް ޑޫ އެނީތިންގް ސްޓުޕިޑް... އޭނަ ބޭނުންވަނީ އަފްލާކް ލައްވާ މޮޔަކަމެއް ކުރުވަން... އޭނަ ހުރިހާ ކަމެއް އެކުރަނީ ވެސް އެހެންވެ... ހީޒް ޓްރައިންގް ޓު ޕްރޮވޯކް ޔޫ... އެހެންވީމާ، ރުޅިއިސްނުކޮށް ވިސްނުންތެރިކަމާއެކު ކުރިއަށް ދާން ވީ ވަގުތެއް މިއީ... ބައްޕައަށް އަހަރުމެންގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް މިއީ... އޭނަގެ ފަރާތުން ދިމާވާ ފިއްތުންތަކާ ކުރިމަތިލަމުން ކުރިއަށް ދިޔުން ނޫން އިތުރުގޮތެއް އަހަރުމެންނަކަށް ނެތް... އަފްލާކް... އެއްޗެއް ބުނެބަލަ، ތިހެން ހިމޭނުން ހުރީމަ އަހަރެންގެ ހިތް ބިރުގަނޭ، އަހަރެން ބޭނުމެއް ނޫން ރުޅި އައިސް އަފްލާކް އޭނައާއި ދިމާކުރަން ދާކަށް، އޭރުން އޭނަ ބޭނުންވާ ގޮތަށް ކަންތައް ވާނީ... އަހަރެން އަފްލާކްއާށް އިތުބާރުކުރަން... ހިތްވަރުދޭން ގާތުގައި ވެސް ހުންނާނަން، ސޯ ޕްލީޒް، ޑޯންޓް އެކްޓް އޮން ޔޯރ އެންގާރ!...''
ރަމީޒުގެ ވާހަތަކުން އޭނަގެ ހިތަށް ވެރިވެފައިވި ހާސްކަން ދިރުވާލަން މަސައްކަތްކުރާ ހާލު ޒޯހާ މަސައްކަތްކުރީ އަފްލާކްއަށް ވިސްނައިދޭށެވެ. ރުޅި އިސްކޮށްގެން އެމީހުންނަށް ލިބޭނެ ފައިދާއެއް ވެސް ނެތެވެ. ހަމައެއާއެކު ރަމީޒު އަތުރަމުން އެދާ މަކަރުވެރި ރޭވުންތަކަކީ އަފްލާކް ރުޅިއަރުވާލަން ކުރަމުންދާހާ ކަންތަކެވެ. ހުރިހާ ދިމާއަކުން ވެސް ހަމަލާދެމުން އެދަނީ ނަފުސާނީ ގޮތުން އަފްލާކްގެ މައްޗަށް ނުފޫޒު ފޯރުވުމަށެވެ. އެހުރިހާ ކަމެއްގެ ފަހަތުގައި ރަމީޒުގެ ނުބައި ރޭވުމެއް ފޮރުވިފައިވާނެކަން ގައިމެވެ. އޭނަގެ ހިތް ބިރުގަންނަނީ އެހެންވެއެވެ. ރަމީޒުގެ އަސްލު ބޭނުމަކީ ކޮބައިކަން ވިސްނައިނުގަނެވޭތީއެވެ.
އަފްލާކް ފުންނޭވާއެއް ދޫކޮށްލިއެވެ. ސިކުނޑީގެ ނާރުތަކަށް ވާންކުރުވަމުން ދިޔަ ޚިޔާލުތަކާ ހިނދުކޮޅަކަށް ވިޔަސް ދުރުވެލަން އޭނަ ހުރީ ނުހަނު ބޭނުންވެފައެވެ. ނަފުސުގެ މައްޗަށް ވެރިވެފައިވި ރުޅިވެރިކަން ޒޯހާއަށް ވަންހަނާކުރަން އަފްލާކް މަސައްކަތްކުރިއެވެ. އޭނަގެ ސަބަބުން އިތުރު ހާސްކަމެއް ޒޯހާއަށް ލިބެން ނޭދޭތީއެވެ. މިހާރުވެސް ޒޯހާ ވިސްނަން ޖެހިފައިވާ ކަންތައް މަދެއް ނޫން ވިއްޔާއެވެ.
''ރުޅީގެ މައްޗަށް ބުރަވެހުރެ އެއްވެސް ނިންމުމެއް އަހަރެން ނުނިންމާނަން، އަދި ޒޯހާ ތިހީކުރާ ކަހަލަ ކަމެއްވެސް ނުކުރާނަން... އެކަމަކު މީގެފަހުން އޭނަ ޒޯހާއާއި ބައްދަލުކުރަން އަޔަސް ނުވަތަ މީހަކު ފޮނުވިޔަސް އެމީހުންނާ މުޢާމަލާތްކުރުމުގެ ކުރިން އަހަންނަށް ގުޅާތި... އެކަނި އެއްވެސް ކަމަކަމާ ކުރިމަތި ނުލާތި... ޒޯހާ... އަހަރެން ބޭނުން ހުރިހާކަމެއް ބަދަލުކުރަން... އަހަރެން މައްސައްކަތްކުރާނަން...'' ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު އަފްލާކް ވާހަކަދެއްކިއެވެ. ޒޯހާއާއި ހަތަރުކަޅި ބައްދަލުވުމާއެކު ފަނޑު ހިނިތުންވުމެއް ދޭން އޭނަ މަސައްކަތްކުރިއެވެ. ނަފުސަށް އައިސްފައިވި ގަދަ ތޫފާނުގެ ސަބަބުން އެލަނޑުދަނޑި ހާސިލުކުރަން އުނދަގޫވިކަމުގައި ވިޔަސް ހިތުގެ އިހުސާސްތައް ޒޯހާއަށް އަފްލާކް ވަންހަނާ ކުރިއެވެ.
''އަހަރެން އަފްލާކްއަށް އިތުބާރުކުރާނަން.... ﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ރަގަޅުވާނެ...'' އަފްލާކްގެ އަތަށް ފިތާލަމުން ޒޯހާ ބުންޏެވެ. އެއަށްފަހު އަފްލާކްގެ ގައިގައި ޒޯހާ ބައްދާލިއެވެ. ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭނެ ހުރިހާ އަޑިގުޑަންގަނޑެއްގައި ވެސް އަފްލާކްއާއެކުގައި އޭނަ ވާނެކަން ސާބިތުކޮށްދޭން ޒޯހާ ހުރީ އަތުކުރިއޮޅާލައިގެންނެވެ. އެކަނިވެރިކަމުގެ އިހުސާސްތަކުގައި ނަފުސު ބަނދެވި އުދާސްކަމުގެ ހިލިހިލާތަކުގައި އަފްލާކް ހައްޔަރުވެގެންދާކަށް ޒޯހާ ބޭނުމެއް ނުވެއެވެ. އޭނަ އަފްލާކްއާ ވެފައިވާ ވަޢުދުތަކުގައި ސާބިތުކަމާއެކު ފައިތިލަ ސާބިތުކުރަން ޒޯހާ ބޭނުން ވެއެވެ. މިހިތާމަވެރި ވަގުތުގައި އަފްލާކްގެ ހިތްވަރެއްކަމުގައި ވާން ހުރި މީހަކީ ވެސް އޭނައެވެ.
ދެޒުވާނުންނަށް ވެސް ސިހުން ގެނުވީ ޒޯހާގެ ފޯނު ރިންގްވާން ފެށުމުންނެވެ. އަވަސްއަވަހަށް އަފްލާކްއާއި ދުރަށް ޖެހިލި ޒޯހާ އޭނަގެ ފޯނު ނެގިއެވެ. އޭރު ގުޅަނީ ފަޒީލާއެވެ. ކުރިމަތިވިކަންތަކުން ފަޒީލާ މަތިން ޒޯހާ ހުރީ ހަނދާން ނެތިފައެވެ. ނިކަން ބޮޑަށް ލަސްވެއްޖެކަން ވެެސް ރޭލާކީ ދެނެވެ.
އަވަސްއަވަހަށް ޒޯހާ ފޯނަށް ޖަވާބުދިނެވެ.
''ކޮންތާކު ތިހިރީ؟... ދިހަ މިނެޓް ތެރޭ އަންނާނަމޭ ބުނި މީހާ ނައިސް ބައިގަޑިއިރު ވެއްޖެ!، އަވަހަށް އަންނަން އުޅޭ!... މަށަށް ލަސްއެބަވ!ޭ...'' ކަންފަތުގައި ފޯނު ޖައްސާލުމާއެކު އިވިގެންދިޔައީ ފަޒީލާގެ ހަޅޭކުގެ އަޑެވެ. އަޑު އާދަޔާ ޚިލާފަށް ބާރުވުމުން ކަންފަތާއި ފޯނު ދުރުކޮށްލަން ޒޯހާއަށް ޖެހުނެވެ. އޭރު ފަޒީލާގެ ހަޅޭކުން ކަންފަތަށް ވެސް އުނދަގޫވެފައި ވެއެވެ.
''މިދަނީ...'' މަޢާފަށް އެދެމުން ޒޯހާ ބުނެލިއެވެ. އަދި ފޯނުކޯލު ކުރުކޮށްލިއެވެ. އެއަށްފަހު އޭނަ އަަވސްވެގަތީ ހޮސްޕިޓަލަށް ދާން ތައްޔާރުވާށެވެ.
ޒޯހާގެ ފަހަތުން މައިގެއަށް ވަންނަން ދިޔަ އަފްލާކް ހުރީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.
*****
ބޭރުން އަންނަ މެހުމާނުންނާ ބައްދަލުކުރާ ކޮޓަރީގައި އިން އައްޔޫބުގެ ނަޒަރު އިރުއިރުކޮޅާ ދޮރާދިމާއަށް ދަތުރުކުރެއެވެ. ހަމައެއާއެކު އެތާ ހުރި ފުލުސް މީހާއަށް ވެސް އޭނަގެ ނަޒަރު ހުއްޓެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޭނަ ހުންނަތާ ހަފްތާއެއްހާ ދުވަސްވާން ކައިރިވެފައިވާ އިރު ގޮޅީގެ ހަތަރުފާރުތެރޭން ބޭރަށް އޭނައަށް ނިކުމެވުނު އެއީ ދެވަނަ ފަހަރެވެ. ހަމައެއާއެކު އޭނަގެ ވަކީލު ނޫން އިތުރު މީހަކާއި ބައްދަލުކުރުމުގެ ފުރުސަތު އޭނައަށް ލިބުނު އެއީ ފުރަތަމަ ފަހަރެވެ.
ހިތުގެ ތެޅުން އަވަސްވެފައިވަނީ ޢާއިލާ މީހަކާއި ބައްދަލުވާނެކަމުގެ އުއްމީދު ހިތުގައި އޮތީތީއެވެ. އެޚިޔާލުން އެކަނިވެސް ތަޖުބާތުތައް ހިތުގައި އުތުރިއަރަން ފަށައެވެ. ޢާއިލާ މީހުންގެ ހާލު އޭނަގެ ކަންފަތާ ހަމައަށް އައިސްފައިވަނީ ވަކީލުގެ ފަރާތުންނެވެ. ޒޯހާއާއި މޫނިސާއާއި ބައްދަލުކުރުން އައްޔޫބު ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ކުރިމަތިވަމުން މިދާ ކަންތަކުން އެދެމައިން އޭނަގެ ރައްކާތެރިކަމަށް ބޭނުންވާނެ މިންވަރު ތަސައްވަރުކުރެވި ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. މުޖުތަމައުގެ ތެރޭން ކުރިމަތިވާނެ ފިއްތުންތައްވެސް ސިފަކުރެވި މޭގައި ރިއްސަން ފެށިއެވެ. ކުށެއްނެތި އޭނަގެ ޢާއިލާއަށް ލިބެމުން އެދާ ދެރައާއި ނިކަމެތިކަމުން އައްޔޫބުގެ ހިތުގައި ވަނީ ޝަކުވާތަކެވެ. ތަޤުދީރުގެ ނިޔާއާ މެދު އޭނައަށް ޝަކުވާކުރެވެމުން ދިޔައެވެ.
ކުއްލިޔަކަށް ހުޅުވިގެން ދިޔަ ދޮރާއެކު އައްޔޫބުގެ ހުރިހާ ސަމާލުކަމެއް ހުއްޓިގެން ދިޔައީ އެދިމާއަށެވެ. އުއްމީދުގެ އޮއެވަރެއް ވެސް އެދެލޮލުގައި ވިދަމުން ދިޔައެވެ. އެހެނަސް، ރަމީޒު ފެނުމާއެކު އައްޔޫބުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މޫނުމަތިން ފާޅުވެގެން ދިޔައީ ނުރުހުންތެރިކަމެވެ. ހައިރާންކަން ވެސް ފެނެއެވެ. ރަމީޒު އޭނައާއި ބައްދަލުކުރަން އައުމުން އައްޔޫބު އިނީ ސުވާލު އުފެދިފައެވެ. އޭނައާއި އޭނަގެ ޢާއިލާއަށް ދިން ލަނޑުތަކަށް ފަހު އޭނަގެ ހާލު ދެކިލަން އެއައީ މަލާމާތްކުރަން ހެއްޔެވެ؟
އައްޔޫބު އިން މޭޒު ކައިރިއަށް ހުއްޓިލަމުން ރަމީޒު ހިނިތުންވެލިއެވެ. އެއީ މަލާމާތުގެ ހިނިތުންވުމެކެވެ.
''ކިހިނެއްތަ ހާލު އަހުވާލު؟...'' ގޮނޑީގައި އިށީންނަމުން ރަމީޒު ބުންޏެވެ. އައްޔޫބުގެ މޫނުން ފެންނަމުން ދިޔަ ރުޅިވެރިކަމުން ރަމީޒު ގާތަށް އައީ ނުލަފާ ހިންޏެކެވެ. ''ހާދަ ވަރަކަށް ރުޅިއައިސްފަ ތީނީ؟... އަނެއްކާ ކިހިނެއް ވީތަ؟...''
''ކީއްކުރަން މިތަނަށް ތިއައީ؟...'' އައްޔޫބު ރުންކުރު ރާގަކަށް ބުނެލިއެވެ. ރުޅި ކޮންޓްރޯލްކުރުން އޭނައަށް ވަނީ ދަތިވެފައެވެ. ރަމީޒުގެ ސަބަބުން އޭނަގެ ޢާއިލާއަށް ލިބެމުންދާ ނިކަމެތިކަން ތަސައްވަރުކުރެވި އޭނަގެ ވިސްނުމަށް އަތްގަދަކުރަން މަސައްކަތްކުރަނީ ރުޅިވެރިކަމެވެ.
''އަހަރެން ވީމަ ބައްދަލުކުރަން ނާދެވޭތަ؟... އަހަންނަކީ ޢާއިލާ މީހެއް ނޫންތަ؟... އަފްލާކްއާއި ޒޯހާގެ ސަބަބުން އަހަރުމެން ވެސް ޢާއިލާ މީހުންނަށް ވަނީއެއްނު؟... ދެން ޢާއިލާ މީހަކަށް ހިތާމައެއް ލިބިގެން އުޅޭ ވަގުތެއްގައި ބައްދަލުކުރަން އަންނަ ޖެހޭނެތާ؟...'' އެއްފައިމައްޗަށް އަނެއްފައިލަމުން ރަމީޒު ހަމަޖެހިލިއެވެ. އޭނަގެ ތުންފަތުގައި ކުޅެލަމުން ދިޔައީ ވިހަ ހިނިތުންވުމެކެވެ. އައްޔޫބުއަށް ޖެއްސުންކުރަން އުޅޭ ކަހަލައެވެ.
''އަހަރެން އެހީ ކަލޭ މިތަނަށް އައީ ކީއްކުރަންހޭ!...'' ހިތްހަމަނުޖެހުމާއެކު އައްޔޫބުއަށް އަޑު އިސްކުރެވުނެވެ. އެއާއެކު ރަމީޒު ހިނިގަނޑެއް ޖަހާލިއެވެ.
''މީހާގެ ހައިސިއްޔަތު އޮޅިގެން މަށާ ދިމާއަށް އަޑު އިސްކުރަން ކަލެއަށް ކެރިއްޖެ ދޯ؟...'' ކުއްލިޔަކަށް ރަމީޒު ގޮށްމުށުން މޭޒުގައި ޖެހިއެވެ. އަދި ފުންމައިގެންފައި ގޮނޑިން ތެދުވުނެވެ. އެއާއެކު އައްޔޫބު ސިހޭގޮތްވިއެވެ. އޭނައަށް ބަލާލެވުނީ ދުރުގައި ހުރި ފުލުސް މީހާ އަށެވެ. ނަމަވެސް އޭނަގެ ދެލޯ ފެންނަ މަންޒަރުތަކަށް އަނދިރިވެފައިވާ ކަހަލައެވެ. އަދި އިވޭ އަޑުތަކަށް ކަންފަތް ބީީރުވެފައިވާ ކަހަލައެވެ.
އައްޔޫބުގެ ހަރަކާތްތައް ފާހަގަވުމާއެކު ރަމީޒު ފުންނޭވާއެއް ދޫކޮށްލަމުން ހިނިގަނޑެއް ޖަހާލިއެވެ.
''ކަލެއަށް އެބަ ފެނޭ ދޯ ފައިސާ ހުރީމަ ވާ ކަންތައް؟... ދެންފަހަރަކުން މަށާ ދިމާއަށް އަޑު އިސްކުރާއިރު ކަލޭގެ ހައިސިއްޔަތު ހަނދާން ކުރާތި، ކަލެއަށް ތިހާލު ޖެހުނީ ކާކުގެ ފަރާތުންކަން ވެސް ހަނދާން ކުރާތި.... އަދި ކަލެއަށް މަދަދުވެރިވެވޭނެ ހަމައެކަނި ފަރާތަކީ ކޮބައިކަން ވެސް ދަންނާތި...'' މޭޒުގައި ދެއަތް ވިއްދާލުމަށްފަހު އައްޔޫބުއަށް ބަލާލަމުން ރަމީޒު އިންޒާރު ދިނެވެ. އޭނަގެ ދެލޮލުގައި ނުރައްކާތެރި ވިދުވަރެއް ވިއެވެ.
''ކަލޭގެ އެހީތެރިކަމެއް އަހަަރެން ބޭނުމެއް ނޫން!...'' ރަމީޒުއަށް ބަލަން އިދެފައި އައްޔޫބު ރައްދު ޖަވާބު ދިނެވެ. އޭނަ ފުންނޭވާތަކެއް ދޫކުރަމުން ދިޔައީ އައިސްފައި ހުރި ރުޅި ކޮންޓްރޯލްކުރާށެވެ. އަތުގައި ބިޑި އަޅުވައި ހިފަަހައްޓާފައި ނުވާނަމަ އަމިއްލަ ނަފުސުގެ މައްޗަށް އޮތް ކޮންޓްރޯލް ދޫވެ ރަމީޒުގެ ގަޔަށް އަތްއިސްކުރެވުނީހެވެ.
''ހެހެހެ، ތިހާލުގައި އުޅޭ އިރު ވެސް ކަލޭގެ ގޮތް ދޫނުކުރުމުގެ މިޒާޖު ދޫކޮށްލާކަށް ނުވޭ ދޯ، ތެދަށް ބުނާނަމަ ތިބޮނޑި ލިބިިގަތީ ވެސް ކަލޭމެން އަމިއްލައަށް، މަ ކިތައްފަހަރު ބުނިން ޒޯހާއާއި އަފްލާކް ދުރުކުރާށޭ، އެކަމަކު މަށަށް ގޮންޖަހާލައި ކަލޭމެން އުޅުނީ އެދެމީހުންގެ ކައިވެނި ކުރުވާކަށްނު، އޭގެން ރަގަޅު ނަތީޖާއަށް ނިކުތްތަ؟... ކަލޭ ތިއޮތީ ޖަލުގައި، ކަލޭގެ ޢާއިލާ މުޅި ރަށަށް ބަދުނާމުވެއްޖެ... ގިނަ ދުވަހެއް ނުވެ އަފްލާކްއާއި ޒޯހާ ދުރުވާނެ... ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެން ބޭނުންވާ ގޮތަށް ކަންތައް ނިމޭނީ، އެދަވަހު މަ ބުނިހެން ކަންތައް ކުރިނަމަ މުޅި ރަށަށް އައްޔޫބުގެ ޢާއިލާ ފަޟީޙަތެއް ނުވާނެ، މީ އަމިއްލައަށް ހޯދައިގަތް ބޮނޑިއެއް، މިކަމުގައި ކުށްވެރިވާނީ ވެސް ކަލޭގެ އަމިއްލަ ނަފުސު، ކަލޭގެ ޢާއިލާއަށް ދިމާވި ކޮންމެކަމަކީ ކަލޭގެ ސަބަބުން ދިމާވި ކަންތައް...''
ރަމީޒު ބުނެލިއެވެ. އޭނަ މަސައްކަތްކުރީ ނަފުސާނީ ގޮތުން އައްޔޫބު ނިކަމެތިކޮށްލާށެވެ. އައްޔޫބު ހަމަހިމޭންވިތަން ފެނިފައި ރަމީޒުގެ ތުންފަތަށް ހިނިތުންވުން ވެރިވީ ވެސް އެހެންވެއެވެ. އޭނަގެ މަގުސަދު ހާސިލުވީތީއެވެ.
''މިހުރިހާ ކަމަކުން ސަލާމަތްވެވެން އެބައޮތް... އަފްލާކްއާއި ޒޯހާ ދުރުކުރޭ... އެނޫން އިތުރު ގޮތަކަށް ސަލާމަތެއް ނުވެވޭނެ... މަޖުބޫރު ކުރުވައިގެން ވިޔަސް ޒޯހާ ގާތު ބުނޭ އަފްލާކް ދޫކޮށް ދުރަށް ދާށޭ... އެހެންނޫންނަމަ ޒޯހާއަށް ކުރިމަތިވެދާނެ ގޮތަކާ މެދު ވެސް އައްޔޫބު ވިސްނާލާ، އަހަންނަށް އެއްވެސްކަމެއް ނޫން ޒޯހާއަށް އަނިޔާއެއް ދިނުމަކީ، ޚުދު އައްޔޫބުއަށް ވެސް އަހަންނަށް ކުރެވޭނެ ކަންތަކުގެ އަޖުމަ ފެނިފައެއްނު ތިހުރީ... ޒުވާން އަންހެންކުއްޖަކާ މެދު މިޒަމާނުގައި ވެދާނެ ގޮތްތައް އައްޔޫބު ވިސްނާލާ... ޒުވާން އުމުރުގައި ފަސްބައިގައި ޖެހޭނެ ލައްގަނޑަކީ ދުނިއުމުރު މަސައްކަތްކުރިޔަސް ފިލުވާލަން އުނދަގޫވާނެ އެއްޗެއް... މުޖުތަމައު ތެރޭގައި ވެދާ ބަދުނާމަކުން ވެސް ސަލާމަތެއް ނުވާނެ... ވަގުތު އޮތްވައި ވިސްނާ، އެހެން ނޫނީ ނަތީޖާ ހިތިވާނެ!!!...''
ރަމީޒު އިންޒާރެއް ދިނެވެ.
''ޒޯހާގެ ބޯހަރުކަމުން ދެމީހުން ދުރުކުރަން އުނދަގޫވާނަމަ އަހަރެން ޚިޔާލެއް ދީފާނަން، އޭރުން ޔަޤީނުން ވެސް ދެމީހުން ވަކިވާނެ، އޭރުން ހުރިހާ ހެވެއް ލިބެން އޮތީ ވެސް އައްޔޫބުއަށް، މިކަންތައް ނިމުމާއެކު އަހަރެން އައްޔޫބު މިނިވަންކޮށްދޭނަން... މިރަށުން ފުރައިގެން ދުރަށް ދާން ބޭނުން ވަރަކަށް ފައިސާ ވެސް ދޭނަން... މިކަމަށް އައްޔޫބު ބުނަނީ ކީކޭތަ؟....''
ރަމީޒު، އައްޔޫބުއަށް ބަލާލިއެވެ.