ދަންވިދަންވިހެން ރަށަށް ވެރިވަމުން އައީ ހަމަހިމޭންކަމެވެ. މަގުތަކުގެ ކާރުބާރުކަން ކެނޑި ދިރޭ ފުރާނައެއްގެ ހިލަމަކަށް ފެންނަނީ ދަންވަރު ގަޑިއަށް ހޮރުތަކުން ނިކުމެ އުޅޭ ޒުވާން އުމުރުފުރައިގެ ކުދިންތަކެވެ. ހިސާބުގަނޑުގައި އެބައިގަނޑަކަށް ޚާއްސަކުރެވިފައިވާ ޖަގަހަތަކުގައި ތިބީ ދުންފަތުގެ މަސްތުކަމުގެ ތެރޭގައެވެ. އެމަސްތުކަމުގެ ތެރޭން ދެކެވެމުން ދިޔައީ ބޭއަދަބީ ވާހަކަތެކެވެ.
ވަގުތުތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް އެކެއް ޖެހީއެވެ. ބޮޑުކޮޓަރީގެ ފާރުގައި ހަރުކުރެވިފައިވި ގަޑީގެ ވަގުތު ކައްޓަށް ނަޒަރު ހިންގާލި ޒޯހާގެ މޫނުމަތިން ނުތަނަވަސްކަން ފެނެއެވެ. އިރުއިރުކޮޅާ ގޭގެ މައިދޮރާއްޓާ ދިމާއަށް ވެސް އޭނަގެ ނަޒަރު ދަތުރުކުރެއެވެ. އަތުގައި އޮތް ފޯނުގެ ޑިސްޕްލޭގައި ކަނާއަތުގެ އިނގިލިތަކުގެ ކުރި ހިންގާލަމުން ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އަދި މީހާ ހަމައަކަށް އަޅުވަން ދޫކޮށްލި ފުންނޭވާއާއެކު ފޯނު ކަންފަތުގައި ޖައްސާލިއެވެ.
އޭރު ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިން މޫނިސާގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ.
''ފޯނަށް ޖަވާބެއް ނުދޭ ދޯ؟...'' ޒޯހާއަށް ބަލާލި މޫނިސާއަށް އަހާލެވުނެވެ. އޭނަގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ފަސްއެނބުރި މަންމައަށް ބަލާލި ޒޯހާއަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަމަށް ނިމުން ގެންނާނެ ގޮތެއްވެސް އޭނައަކަށް ނޭނގުނެވެ.
ޒޯހާގެ ހަމަހިމޭންކަމުން މޫނިސާ އިތުރަށް ބިރުގަންނަ ގޮތް ވިއެވެ. އޭނައަށް ސޯފާއިން ވެސް ތެދުވެވުނެވެ.
''މަންމަ ވަރަށް ހާސްއެބަވޭ، ދުވަހަކު ވެސް މިހާ ލަސްވަންދެން ދަރިފުޅުގެ ބައްޕަ ގެއަށް ނައިހެއް ނުހުންނާނެ... ދަރިފުޅު ނިކަން ގުޅާބަލަ ވާފިރުބެއަށް...... ވާފިރާއެކު ދޯނީގެ ކަމެއްގައޭ ކިޔާފަ އޭރު ނިކުމެގެން ދިޔައީ ވެސް، މިހާރު އެކަމެއް ވެސް ނިންމާލާފަ އަންނަހާ އިރު ވެއްޖެ...... އަނެއްކާ ކަމެއް ދިމާވީތަ؟... ފޯނަށް ޖަވާބު ނުދީގެން އުޅެނީ އެހެންވެތަ؟......''
ހިތަށް ވެރިވެފައިވި ހާސްކަމުން މޫނިސާއަށް ވާހަކަވެސް ދެއްކެނީ އުނދަގުލުންނެވެ. މިއީ ދުވަހަކުވެސް ވީކަމެއް ނޫން ވިއްޔާއެވެ. ކައިވެނިކޮށްގެން ތިރީސް އަހަރު ވީއިރު ވެސް އައްޔޫބު އަކީ އެހާ ދަންވަންދެން ބޭރުތެރޭގައި އުޅުނު މީހެއް ނޫނެވެ. އެންމެ ލަސް ގަޑިއަކަށްވެސް އައްޔޫބު ބޭރުތެރޭގައި އުޅޭނީ އެގާރަ ޖަހަންދެކަށެވެ. ކަމެއް ދިމާވެގެން ލަސްވަންޏާމު ގަވައިދުން އޭނައަށް ގުޅާފައި ހުރިހާކަމެއް ވެސް އަންގާނެއެވެ. ސަބަބު ބުނެދޭނެއެވެ. ނަމަވެސް މިރޭ ހުރިހާކަމެއްވެސް ވަމުން މިދަނީ އައްޔޫބުގެ އަމަލުތަކާ ނުބައްދަލު ގޮތަކަށެވެ. އައްޔޫބުއާ މެދު އޭނަ ފިކުރުބޮޑުވަނީވެސް އެސަބަބާ ހުރެއެވެ. ތަފާތު އެކިއެކި ވަހުމުތަކުން ހިތަށް އިތުރު ނުތަވަސްކަމެއް ލިބެނީވެސް އެހެންވެއެވެ.
''މަންމާ، ހާސްނުވެބަލަ... ދޯނި ކަންތަކުގައި ބިޒީކޮށް އުޅުނީމަކަމަށްވެސް ވެދާނެއެއްނު ފޯނަށް ޖަވާބު ނުދެވެނީ... މިއަދު ދޯނީގެ އިންޖީނު ބަދަލުކުރަން އޮތް ދުވަހެއްނު، މާދަން މާލެ ދާން ފުރުން ވެސް އެބައޮތް... ކުރިން ވެސް އެކަހަލަ ރޭތަކުގައި ބައްޕަ އަންނަނީ ލަހުންނެއްނު...'' ޒޯހާގެ ހިތް ބިރުވެރިކަމުން ވަށާލަމުން ދިޔަ ކަމުގައި ވިޔަސް އޭނަ މަސައްކަތްކުރީ މަންމަގެ ހިތްހަމަޖައްސައިދޭވޭތޯއެވެ. ފިކުރުބޮޑުވާން ފެށިއްޔާ މަންމަގެ ސިއްހީ ހާލަތު އަޑިއަޅައިފާނެއެވެ. އޭރުން ނުތަވަސްކަމުގެ ސިލްސިލާއަށް އިތުރު ބޮޅުތަކެއް އިތުރުވެގެންދާނެއެވެ.
''އެކަމަކު ކުރީ ފަހަރު ތަކާ މިފަހަރު ތަފާތޭ، ލަސްވާނެ ވާހަކަ އަންގަން ނުވެސް ގުޅާ، އެހެންވެޔޭ މަންމަ ހާސްމިވަނީ، މިހެން ދިމާމިވީ ވެސް ފުރަތަމަ ފަހަރަށޭ... އަޅެ، ދަރިފުޅު ގުޅާބަލަ ވާފިރުބެއަށް...'' މޫނިސާއަށް ބުނެވުނެވެ. ޒޯހާ އޭނަގެ މަންމަގެ އަތުގައި ހިފާލިއެވެ. އަދި ހަމަޖެހިލުމަށް އެދުނެވެ. އިރާދަކުރެއްވިއްޔާ ބައްޕަ ހެޔޮހާލުގައި ގެއަށް އަންނާނެ ވާހަކަވެސް ބުންޏެވެ. މީގެ ކުރިންވެސް ބިޒީވުމުން ބައްޕައަށް ފޯނަށް ޖަވާބު ނުދެވިދާ ފަހަރުތަކުގެ ހަނދާންވެސް އާކޮށްދިނެވެ.
ކިތަންމެ ވަރަކަށް ފިކުރުބޮޑުވެފައި ވިޔަސް ޒޯހާ މަސައްކަތްކުރީ މަންމަގެ ހިތަށް ސަވާރުވަމުން އައި ވަސްވާހާއި، ޝައްކާއި ބިރުވެރިކަމުގެ މޫތަކަށް ދިރުންލިބުމުގެ ކުރިން އެމޫތައް މުލުންލުހެލާށެވެ. އޭނަ ޖުމްލަތައް އަތުރަމުން ދިޔައީވެސް އެމަޤުސަދު ހާސިލުވާނެހެންނެވެ.
މަންމަ ގޮވައިގެން ގޮސް ސޯފާގައި ބޭންދުމަށް ފަހު ޒޯހާ ދިޔައީ ބަދިގެއަށެވެ. އިރުކޮޅެއް ފަހުން އޭނަ އައީ ފިނިފެން ތައްޓެއް ހިފައިގެންނެވެ. އަދި މަންމަގެ މަގަތުން ސޯފާގައި އިށީންނަމުން ފެންތަށި ދިއްކޮށްލިއެވެ.
ޒޯހާގެ ވާހަކަތަކުން ކޮންމެވެސް ވަރަކަށް މޫނިސާ އިނީ ހަމައަކަށް އެޅިފައެވެ. ޒޯހާ ދިއްކޮށްލި ފެންތަށީގައި ހިފުމުގެ ކުރިން އަނެއްކާ ވެސް ވާފިރަށް ގުޅައި ޚަަބަރުދަބަރު އޮޅުން ފިލުވުމަށް މޫނިސާ އެދުނެވެ. އޭނަގެ ހިތަށް ހަމަޖެހުމެއް ދެން ލިބޭނީ އައްޔޫބުގެ ޚަބަރެއް ވުމުންނެވެ.
މޫނިސާ، އޭނަގެ އަތުގައި އޮތް ފެންތަށި ތުނބުގައި ޖައްސާލަމުން ކޯވަރެއް ބޯލިއެވެ. އަދި ވާފިރުގެ ނަބްރަށް ޑައިލްކުރަމުން ދިޔަ ޒޯހާއަށް ބަލާލިއެވެ.
''ހަލޯ، ވާފިރުބޭ!...''
ފުރަތަމަ ރިންގާއެކު ވާފިރު ފޯނު ނެގިއެވެ. އެކަމުން ޒޯހާއަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ވާފިރު ހުރި މާހައުލުން އިވެމުން ދިޔަ އަޑުތަކުގެ ސަބަބުން އެހުރީ އޮޑިހަރުގޭގައި ކަން ޒޯހާއަށް ނަގައިގަނެވުނެވެ. އެއާއެކު ބައްޕަ އެތަނުގައި ހުރެދާނެކަމުގެ އުއްމީދާއެކު ޒޯހާއަށް ސުވާލުކޮށްލެވުނެވެ. ނަމަވެސް އުއްމީދުކުރި ފަދަ ޖަވާބެއް ވާފިރުގެ ފަރާތަކުން ނުލިބުނެވެ. ހިތަށް އުދާސްކަންވެރިވުން ނޫންކަމެއް ނުވިއެވެ.
''އިންޖީނު ކަންތައް ނިމުމުން އައްޔޫބު ގެއަށް ދާން ދިޔަތާ މިހާރު ވަރަށް ގިނަ އިރު ވެދާނެ... ހުރިހާކަމެއް ނިންމާލާފައި ދެވޭއިރު ލަސްވެދާނެތީއާއި މާދަން ހެނދުނާ މާލެދާން ފުރަންޖެހޭތީއާއެކު ބޭބެ ބުނެގެން އަވަހަށް ދިޔައީވެސް... އަދިވެސް ގެއަށް ނާންނަނީތަ؟...'' މާނޫން ގަޑިއެއްގައި ޒޯހާ ގުޅުމުން ވާފިރުގެ އަޑުގައި ހައިރާންކަން އެކުލެވިފައިވިއެވެ. ދަންވަރު ގަޑީގައި ޒޯހާ ގުޅާނީ ބޮޑުކަމެއް ދިމާވެގެންކަން ވާފިރަށް ނަގައިގަނެވުނެވެ. އޭނަ ޒޯހާއާއި ސުވާލުކުރީ ވެގެންއުޅޭ ގޮތެއް އޮޅުންފިލުވުުމުގެ ބޭނުމުގައެވެ.
ވާފިރުގެ ޖުމްލައިން ޒޯހާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހިތުގެ ތެޅުން ވެސް އަވަސްވެއްޖެއެވެ. ސިކުނޑީގައި ފުނިޖެހިގެން އައި ސުވާލުތަކުގެ ހާއްޔާއެކު މީހާއަށް ލިބިފައިވި ހާސްކަން އިތުރުވެގެން ދިޔައެވެ. ބައްޕައަށް ކަމެއްވެއްޖެކަމުގެ ބިރާއެކު އޭނައަށް ސޯފާއިން ވެސް ތެދުވެވުނީ ކުއްލިޔަކަށެވެ.
ޒޯހާގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން އިން މޫނިސާގެ މޫނުމަތިން ވެސް ބިރުވެރިކަން ފާޅުވިއެވެ. އޭނައަށް ވެސް ކޮޅަށް ތެދުވެވިއްޖެއެވެ.
''ޒޯހާ!...''
ޒޯހާގެ ފަރާތުން ޖަވާބެއް ނުލިބި ގިނަ އިރުވުމުން ވާފިރަށް ގޮވާލެވުނެވެ. އޭނަގެ އަޑުން ވެސް މިހާރު ކަންބޮޑުވުން ފާޅުވެއެވެ. ގެއަށް ދިއުމަށް ސައިކަލުގައި މިސްރާބުޖެހި އައްޔޫބު ދިޔަތާ އެތައް އިރެއް ވީފަހުން ވެސް ގެއާ ހަމައަށް ނުދެވުމުން އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ. މަންޒިލަށް ދިޔަ ރާސްތާގައި އައްޔޫބުއަށް ކަމެއް ދިމާވީބާއޭ އޭނައަށް ހިތާ ސުވާލުކޮށްލެވުނެވެ. އެއާއެކު ދަންވަރުގަޑީގައި ޒޯހާ އޭނައަށް ގުޅަން ޖެހުނު ސަބަބުވެސް ވާފިރުއަށް ވިސްނައިގަނެވުނެވެ. އޭނަ ދެން އަވަސްވެގަތީ ޒޯހާއާއި މޫނިސާއަށް އެނުތަންވަޅު ގަޑީގައި އެހީގެ އަތެއް ފޯރުކޮށްދޭށެވެ. ޒަމާނުއްސުރެން އައްޔޫބުއާއި އޮންނަ އެކުވެރިކަމުގެ ސަބަބުން އައްޔޫބުއާއި އައްޔޫބުގެ ޢާއިލާއާ ދެމެދު ވާފިރުގެ ހިތުގައި އޮންނަނީ ޢާއިލީ ކުލުނު އުފެދިފައެވެ. އެހެންވުމުން ޒޯހާއަށް މަދަދުވެރިކަމުގެ އަތެއް ދިއްކޮށްލަން އަވަސްވެގަނެވުނީ އެޖަޒުބާތުތަކުގެ ބާރުގައެވެ.
''ޒޯހާ... ބޭބެ މިދަނީ ވީގޮތެއް ބަލަން ދާން، ހާސްނުވައްޗޭ، ވެދާނެ ދިޔަ މަގުމަތީގައި ރައްޓެއްސަކާ ދިމާވީކަމަށް ވެސް، ފޯނު ސައިލެންޓުގެ އޮތިއްޔާމު ނޭގޭނެ ލަސްވެގެން ގުޅާކަމެއް ވެސް... ބޭބެ އޮޅުންފިލުވާފަ ގުޅާނަން އިނގޭ، މާބޮޑަށް ވިސްނަން ނަހަދައްޗޭ، އަދި މަންމަ ގާތު ވެސް ބުނައްޗޭ ފިކުރުބޮޑުނުވާށޭ...'' ވާފިރު ބުންޏެވެ. އެއަށްފަހު އޭނަ ފޯނު ކަނޑާލިއެވެ. އޮޑިހަރުގޭގައި ހަރަކާތްތެރިވަމުން ދިޔަ މީހުން ގާތު އިރުކޮޅަކުން އެބަ އަންނަމޭ ބުނެ، ފަޓުލޫނުގެ ޖީބުގައި އޮތް ސައިކަލުގެ ތަޅުދަނޑި ނަގައިގެން އޭނަ މިސްރާބު ޖެހީ ނިކަގަސްތަކެއްގެ ކައިރީގައި ހުރި ސައިކަލާއި ދިމާއަށެވެ. ސައިކަލަށް އަރައި ދުއްވާލުމުގެ ކުރިން އޭނަ އައްޔޫބުގެ ފޯނަށް ގުޅަން ވެސް މަސައްކަތްކުރި އެވެ. އެހެނަސް އުއްމީދުކުރި ފަދަ ޖަވާބެއް ނުލިބުނެވެ.
*****
''ޒޯހާ!...''
ގަނޑުވެފައި ހުރި ޒޯހާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން މޫނިސާ ގޮވާލިއެވެ. އޭރު މޫނިސާގެ ދެލޮލުން ކަރުނަ ވެސް ނީރާލައިފިއެވެ. އިހުނަށްވުރެން ބޮޑަށް އޭނަގެ މޫނުގެ ކުލަވަރު ބަދަލުވެފައިވިއެވެ. ޖިސްމަށް ސަވާރުވެފައި ވަނީ ބިރުވެރިކަމެވެ. ޒޯހާއަށް އައި ބަދަލުތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު ކަންފަތުގެ ތޫރީގެ ތެރޭގައި ވަނީ ހަރުލާފައެވެ. ތަފާތު އެކި ވަހުމުތަކުން އޭނަގެ ވިސްނުން ކިލަނބުކުރަމުން ދިޔައެވެ. ހިތަށް ގޯނާކުރަމުން ދިޔައެވެ.
''ޒޯހާ!... މަންމަ ކުރާ ސުވާލަށް ޖަވާބު ދީބަލަ!، ވާފިރު ބުނީ ކީކޭތަ؟...'' ޒޯހާއަށް ހަމަހޭވެރިކަންވީ ތަންކޮޅެއް ބާރަށް މޫނިސާ ގޮވާލުމުންނެވެ. ނޭވާހޮޅީގައި ތާށިވެފައިވި ނޭވާ ފަޒާގެ ތެރެއަށް ދޫކުރަން މަސައްކަތްކުރާ ހާލު ޒޯހާ އޭނަގެ މަންމަގެ މޫނަށް ބަލާލިއެވެ. އެދަނޑިވަޅުގައި އަމަލުކުރަންވީ ކިހިނެއްކަމެއް ޒޯހާގެ ސިކުނޑިއަކަށް ނަގައެއްނުގަނެވުނެވެ. އެފަދަ ކަމަކަށް ސިކުނޑި ތައްޔާރުކުރަން ތަޖުރިބާ ލިބިފައި ނެތުމުންނެވެ. މިއީ މިކަހަލަ ހާދިސާއަކާއި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ވިއްޔާއެވެ.
''މަންމަ އޭރު ވެސް ބުނީމެއްނު ބައްޕައަށް ކަމެއް ވެގެންނޭ އެހާ ލަސްވަނީ، އަނެއްކާ ކިހިނެއްބާވީ؟، މިއުޅޭ ޕާޓޭ ގުރޫޕެއްގެ ހަމަނުޖެހުން ގަނޑަކާ ދިމާވީތަ؟... މިހާރު ސިލްސިލާކޮށް އެމީހުން ހަމަނުޖެހުން ހިންގާ ލޭއޮހޮރުވަމުން ދާ ދުވަސްކޮޅެއް މިއީ... މަންމަ ވަރަށް ބިރުއެބަގަނޭ... ދަރިފުޅާ... އަފްލާކަށް ގުޅަން ވީއެއްނު... ވާފިރުބެއަށް އެކަނިމާއެކަނި ބައްޕަ ހޯދަން ފަސޭހައެއް ވެސް ނުވާނެ...''
މޫނިސާއަށް ހަމަ ރަގަޅަށް ވެސް ރޮވިއްޖެއެވެ. ޒޯހާ އިންނަން އުޅޭ ފިރިހެންކުއްޖާގެ އެހީހޯދުމަށް ބުނެލެވުނީ ފިކުރުބޮޑުވެފައިވުމުންނެވެ.
ރަށުތެރެ ނާމާންވެފައި އޮތް ދުވަސްވަރެއްގައި އައްޔޫބު ގެއަށް ނައިސް ލަސްވުމުން މޫނިސާގެ ހިތުގައި ބިރުވެރިކަމުގެ ވަހުމުތައް ފުނިޖެހިގެން ދިޔައެވެ. ނަމަވެސް ފަހު ވަގުތާ ޖެހެންދެން ވެސް އެވަހުމުތަކާ ދުރުވުމަށް އޭނަ މަސައްކަތްކުރިއެވެ. އޭގެ ސަބަބުން ހިތަށް އިތުރު އުދާސްތަކެއް މެނުވީ ނުލިބޭނެތީއެވެ. އެހެނަސް މިހާރު ލޯކުރިމަތިން ނިއުޅެމުން އެދާ މަންޒަރުތަކުން އެވަހުމުތައް ހަޤީޤަތަކަށް ވެދާނެ ކަމުގެ ބިރާއެކު މޫނިސާގެ ހިތުގެ ހަމަޖެހުން މުޅިންހެން ގެއްލިގެން ދިޔައެވެ. ޖިސްމުގެ ތެރެއަށް ފޭދެމުން އައި ބިރުވެރިކަމާއި މާޔޫސްކަމުން އޭނަގެ އިހުސާސްތަކުގެ މައްޗަށް އަމިއްލަ ބާރުފޯރުވަން ކުރަމުން ދިޔަ މަސައްކަތުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.
''މަންމާ، އިރާދަކުރެއްވިއްޔާ ބައްޕަ ސައްހަސަލާމަތުން ގެއަށް އަންނާނެއޭ... ތިބުނާކަހަލަ ކަމެއް ކުރިމަތިވާން ބައްޕަ އެމީހުންނަށް ކުރީ ކޮން އަނިޔާއެއްތަ؟، ދެން މަންމަ އެހެން ނުވިސްނައްޗޭ...''
މަންމަގެ ކޯތާފަތުން ރޮނގުދަމަމުން އައި ކަރުނަތައް ފޮހެލަމުން ޒޯހާ ބުންޏެވެ. އެއަށްފަހު އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. މިނާޒުކު ވަގުތުގައި މަންމައަށް މަދަދުވެރިވާން ހުރި ހަމައެކަނި މީހަކީ އޭނަ ކަމަށްވުމުން އޭނަގެ ހިތުގައިވި އިހުސާސްތައް މަންމައަށް ސިއްރުކުރަން ޒޯހާ ބޭނުންވިއެވެ. ޒޯހާ އޭނަގެ މަންމަގެ އަތުގައި ހިފާލަމުން މަޑުމަޑުން ފިތާލިއެވެ. އަދި ހުރިހާކަމެއް ވެސް ރަގަޅުވެދާނެއޭ ބުނެލީ މަންމަގެ ބިރުވެރިކަމަށް ނިމުންގެނެސްދިނުމުގެ ގޮތުންނެވެ. ހިތްވަރުލައިދުނުމުގެ ބޭނުމުގައެވެ. ޚުދު އަމިއްލަ ނަފުސު ބިރުވެރިކަމާ ހަނގުރާމަކުރަމުން ދިޔަ ކަމުގައި ވިޔަސް އެހުރިހާ އިހުސާސެއް މަންމައަށް ސިއްރުކުރަން ޒޯހާ މަސައްކަތްކުރިއެވެ. އެހެންނޫންނަމަ މަންމަގެ ހާލަތު އަޑިއަޅާލަފާނެއެވެ. އޭރުން ކަންތައްވެދާނެ ގޮތެއް ހިތަށް ގެންނަންވެސް ދައްޗެވެ.
*****
ނިދީގައި އޮތް އަފްލާކްއަށް ކަންނެތްކަމާއެކު ލޯހުޅުވާލެވުނީ ތަކުރާރުކޮށް ފޯނު ރިންގުވާ އަޑުގެ ސަބަބުން އޭނަގެ ނިންޖަށް ބުރުއެރުމުންނެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރޭން ފޯނުގެ ގަދަ އަލި ލޮލަށް އެޅުމުން އޭނައަށް އުނދަގޫވިއެވެ. ވަގުތުން ދެލޯހަނިކޮށްލެވުނެވެ.
ސްކްރީނަށް އަރާފައި އިން ނަން ފެނުމާއެކު ލޮލުގައިވި ނިދިބަރުކަން ފިލައިގެން ހިނގައްޖެއެވެ. މަޑު ދާނުގެ މަތިން ބުރަކަށި ހިއްލާލަމުން ހަށިގަނޑު ސީދާކޮށްލެވުނެވެ. އަދި އަވަސް ހަރަކާތާއެކު ފޯނަށް ޖަވާބު ދިނެވެ.
އެކޮޅުން އިވުނު ވާހަކަތަކާއެކު އަފްލާކް އަވަސްވެގަތީ ޒޯހާ ގާތަށް ދިއުމަށެވެ. ފާޚަނާއަށް ވަދެ މޫނު ދޮވެލައިގެން އޭނަ ނިކުތީ މޫނުމަތިން ނިދީގެ އަސަރު ފިލުވާލުމުގެ ބޭނުމުގައެވެ. އަވަސް ހަރަކާތްތަކާއެކު އަލަމާރި ހުޅުވާލުމަށްފަހު ސޯޓުބުރިއެއް ނަގައިގެން ސޯޓު ލިއެވެ. އެއަށްފަހު ކޮނޑުގައި އަޅުވާފައި ހުރި ޓިޝާޓުތަކުގެ ތެރޭން އެންމެ އަވަހަށް އަތުގައި ޖެހުނު ޓީޝާޓު ނަގައި ބޮލަށް މަހާލިއެވެ. އަދި ރީތިވާމޭޒުމަތީގައި އޮތް އޭނަގެ ވޮލެޓާއި ސައިކަލުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުންނަން އަވަސްވެގަތެވެ.
*****
''އަފްލާކް!، މިގަޑީގަ ކޮންތާކަށް ދާންތަ ތިދަނީ؟...'' ނިދިން ހޭލެވުނު އިރު ކަރުހިއްކައިގަނެފައިވުމުން ފެންފުޅިއެއް ބަލާ ކޮޓަރިން ނިކުތް މާރިޔާއަށް، ގޭގެ މައިދޮރުގެ ތަޅުގައި ހިފާ އަނބުރާލަން އުޅުނު އަފްލާކް ފެނި ގޮވާލެވުނެވެ. އޭނަގެ އަޑުގައި ވަނީ ހައިރާންކަމެވެ. ދުވަހަކު ވެސް ދަންވަރު ގަޑީގައި އަފްލާކް ބޭރަށް ނުދާތީއެވެ.
މަންމަގެ އަޑަށް އަފްލާކް ސިހޭގޮތްވިއެވެ. އޭނަ ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ވެސް ނޫން ވިއްޔާއެވެ. ބޮޑުކޮޓަރިއަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ތެރޭން އަފްލާކްއަށް ފަސްއެނބުރި ބަލާލެވުނެވެ.
އަފްލާކްގެ މޫނުން ފެނުނު ހާސްކަމުގެ ސަބަބުން ކަމެއް ގޯސްވެއްޖެކަމުގެ ހިލަން މާރިޔާއަށް ވިއެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ އަފްލާކް ގާތަށް ދިއުމަށެވެ.
''ދަރިފުޅާ، ދޮގު ނަހަދާ ތެދުތެދަށް މަންމައަށް ކިޔައިދީ...'' އަފްލާކް ކުރިމައްޗަށް ހުއްޓިލަމުން މާރިޔާ އެދުނެވެ. އޭނައަށް ނުތަނަވަސްކަން ލިބިދާނެކަމަށްޓަކައި އަފްލާކް ދޮގުހަދާފާނެތީ މާރިޔާ ބޭނުންވީ އެދޮރުތައް ބަންދުކުރާށެވެ. އޭނަ ފަރުވާތެރިކަމާއެކު އަފްލާކްއަށް ބަލާލިއެވެ.
އަފްލާކްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީ މަންމަ ގާތު ދޮގު ހަދަން ފަސްޖެހެވުނީތީއެވެ. އިވުނު ޖުމްލަތަކުގެ ސަބަބުން މާރިޔާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެވާހަކަތައް ސިކުނޑިއަށް ނަގައިގަންނަން ވެސް ވަގުތު ނެގިއެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީތަކެއް ވެސް ދުވެލައިފިއެވެ.
''އަވަހަށް ދޭ!، ވާ ގޮތެއް އަންގަން މަންމައަށް ގުޅައްޗޭ!...''
އިތުރަށް އަފްލާކް މަޑުކުރުވާކަށް މާރިޔާ ބޭނުމެއް ނުވިއެވެ. މިވަގުތު ޒޯހާގެ ޢާއިލާއަށް އަފްލާކްގެ އެހީ ބޭނުންވެފައި ވީތީއެވެ.
އަފްލާކް ބޯޖަހާލަމުން މައިދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. ފެންޑާގައި ހުރި ސައިކަަލަށް އަރައި ސްޓާޓްކޮށްލިއެވެ. އަފްލާކް ގޮސް ގޭގެ ގޭޓުން ބޭރަށް ނިކުންނަންދެން ބަލަހައްޓައިގެން މާރިޔާއަށް ހުރެވުނެވެ. އޭރު އޭނަގެ ދެލޮލުގައި ވަނީ ބަޔާންކުރަން ދަތި ޝުޢޫރުތަކެކެވެ. މައިދޮރު ލައްޕާ ތަޅުލުމަށްފަހު އޭނަ ގޮސް ބަދިގެއަށް ވަނެވެ. އައިސްއަލަމާރިން ނެގި ފެންފުޅި ހިފައިގެން ގޮސް ކާމޭޒުދޮށުން ގޮނޑިއެއްގައި އިށީނެވެ. އަދި ތައްޓަކަށް ފެންއަޅާލަމުން ކޯވަރެއް ބޯލިއެވެ. އޭރު ތަފާތު ޚިޔާލުތައް މާރިޔާގެ ސިކުނޑީގައި ހަލުވިކަމާއެކު ބުރުޖަހަމުން ދިޔައެވެ. އޭގެ ސަބަބުން އޭނައަށް ހާސްކަން ލިބުނެވެ. ހިތަށް ވެރިވެގެން އައި ބިރުވެރިކަމާއެކު އަތުގައި މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔައެވެ. އަތުން ފެންތަށި ދޫވެދާނެކަމުގެ ބިރާއެކު އަަވަސްއަވަހަށް ކާމޭޒުމަތީގައި ފެންތަށި ބަހައްޓާލެވުނެވެ.
މާރިޔާގެ މޫނުގެ ކުލަވަރު ވަނީ އޮއްސިގެން ގޮސްފައެވެ. ދެލޮލުގައި ވަނީ ބިރުވެރިކަމެވެ. ހަށިގަނޑުގައި މަޑުތުރުލުމެއް ވެސް އުފެދިފައި ވިއެވެ.
''އަނެއްކާ... ނޫން!... ނޫން!... އަހެންވެގެން ނުވާނެ!...'' ސިކުނޑިއަށް ވެރިވެގެން އައި ބިރުވެރި ޚިޔާލާއެކު މާރިޔާއަށް ހަމަނޭވާލުން ވެސް އުނދަގޫކަމަށް ވިއެވެ. ގޮނޑިން ތެދުވަމުން ހަށިފުރާނޭވާއެއް ދޫކޮށްލަން އޭނަ މަސައްކަތްކުރަމުން ދިޔައެވެ. އޭރު ވެސް އޭނަގެ ކަނާތު އަތްތިލައިގައި އުފެދިފައިވި ތުރުލުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވަގުތާއެކު ވަމުން އައި އުނދަގޫތައް ދިޔައީ އިތުރުވަމުންނެވެ.
''ރަމީޒު!... އޭނަގެ ކަމެއްތަ އަނެއްކާ މިއީ؟!... ވެދިޔަ ކަންތަކުގެ ބަދަލު ހިފަން އޭނަ ކުރާ ކަމެއްތަ؟، މިހުރިހާ ދުވަހު ހިމޭނުން ހުރުމުގެ ފަހަތުގައިވާ ސަބަބަކީ އެއީތަ؟...'' ވިސްނެމުން ދިޔަ ވަރަކަށް ސިކުނޑީގެ ނާރުތަކަށް ވާންވަމުންދާކަމުގެ އިހުސާސް މާރިޔާއަށް ކުރެވެމުން ދިޔައެވެ. ބޮލުގެ ރިހުންގަނޑު ގަދަވެގެން ދިޔަ ހިނދު އޭނައަށް ބޮލުގައި ހިފަހައްޓާލެވުނެވެ.
ރަމީޒުއަކީ ކިހާވަރެއްގެ ކާކުކަން ރަމީޒުއާއެކު ހޭދަކުރެވުނު ފަންސަވީސް އަހަރުތެރޭގައި ކިތަންމެހާ ވެސް ރަގަޅަށް މާރިޔާއަށް ވަނީ ދަސްވެފައެވެ. އެއަނިޔާވެރިޔާގެ ވަކިތަކުން މިއަދު އޭނައާއި އޭނަގެ ލޯބިވާ ދަރިފުޅަށް މިނިވަންކަން ލިބިފައިވުމުން އެކަމާ މެދު އޭނަ ނުހަނު އުފާކުރެއެވެ. ނަމަވެސް އަފްލާކްއާއި ރަމީޒުއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ބޮޑު ހައިޖާންގަނޑެއް ހިނގަން އޭނަ ބޭނުމެއް ނޫނެވެ. ފުރަތަމަ ފަހަރަށް ރަމީޒުގެ ނިންމުމަކާ ދެކޮޅަކަށް ބަސްބުނެ ފާޅުގައި ދެކޮޅު ހެދި މީހަކީވެސް އަފްލާކް އެވެ. އޭގެ ސަބަބުން ރަމީޒުއަށް ފޫނުބެއްދޭވަރުގެ އެތަކެއް ގެއްލުމަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމުގެ ބަދަލު އަފްލާކްގެ ފަރާތުން ހިފަން ރަމީޒު މަސައްކަތްކޮށްފާނެކަމުގެ ބިރާއެކު މާރިޔާގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އަފްލާކްގެ ބަލިފަޔަކީ ކޮބައިކަން ރަމީޒުއަށް ނޭގިއެއް ނޯންނާނެއެވެ. އެކަމުގެ ނާޖާއިދު ފައިދާ ނަގަން ރަމީޒު ފަހެއްވެސް ނުޖެހޭނެއެވެ.
*****
''ކަންތައްތައް އިތުރަށް ގޯސްނުވެ ކުރިއަށް ދާން ބޭނުންވާނަމަ ރަމީޒުގެ ދަރިއަށް ވިސްނައިދޭން އުޅޭ!، އެހެންނޫނީ ދެން ކުރިމަތިވާނެކަންތައް މިއަށްވުރެން ބޮޑުވާނެ!، މިހާރު މިދައްކާލީ ރަމީޒުއަށް ވުރެން ބޮޑަށް އަހަރެންގެ އަތުގައި އާރާއި ބާރު އޮތްކަމުގެ ކުޑަކުޑަ މިސާލެއް!... މިއަދު ގެއްލިގެން ތިދިޔައީ އެންމެ ބިޒްނަސް ޑީލްއެއް، އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކިތަންމެ ޑީލްއެއް ގެއްލިގެންދާނެ އަހަރެން ބުނާ ގޮތަށް ކަންތައް ނުކޮށްފިއްޔާ!... ކީއްވެގެންތަ ދަރީގެ މައްޗަށް ރަމީޒުގެ ނުފޫޒު ނުފޯރުވެންވީ؟، އޭނ!... އެހާވެސް މީހާގެ އަގެއް ދަރީގެ ކުރިމަތީގައި ނެތީތަ؟...''
ރެސްޓޯރެންޓެއްގެ މޭޒުދޮށުގައި ތިބި ފަހީމްއާއި ރަމީޒުގެ ދެމެދުގައި އޮތީ ނުތަނަވަސްކަމެވެ. ފަހީމް ވާހަކަދެއްކުމުގެ ރާގުންވެސް އޭނަ ރަމީޒުއާ މެދު ހިތްހަމަނުޖެހި ރުޅިއައިސްފައިވާ މިންވަރު ހާމަކޮށްދެއެވެ.
ތުންފަތުގައިވި ސިނގިރޭޓު އެތެރެއަށް ދަމާލަމުން އޭގެ ވިހައިގެ ވަގުތީ ލައްޒަތު ލިބިގަތުމައްފަހު ދުންގަނޑު އޭނަ ފޮނުވާލީ ރަމީޒުގެ މޫނަށެވެ. ޖެއްސުމުގެ ގޮތުންނެވެ. މުށްކަވާލެވުނުކަމުގައި ވިޔަސް އަމިއްލަ ނަފުސު ކޮންޓްރޯލްކުރަން ރަމީޒު މަސައްކަތްކުރިއެވެ. ފަހީމްއާއި ޖަދަލުކުރަން ހަދައިގެން އާޚިރުގައި ހުރިހާ ދެރައެއް ލިބެން އޮތީ އޭނަ އަށެވެ. އޭނަގެ ހުރިހާ އަނދިރި ސިއްރުތަކެއްގެ އެއް ހިއްސާދާރަކީ ފަހީމްއެވެ. ފަހު ވަގުތު ފަހީމް އޭނައާ ދެކޮޅަށް ނިކުމެއްޖެ ނަމަ ލިބިދާނެ ގެއްލުންތައް އަންދާޒާކޮށްލަންވެސް ދައްޗެވެ. އޭނަގެ ޝަހުސިއްޔަތަށް ފަހީމް ދެމުން ދިޔަ މިޔަ ތޫނު ހަމަލާތަކުގެ ސަބަބުން އެތެރެއިން އަދަމުން ދިޔަކަމުގައި ވިޔަސް ފުންނޭވާތަކެއް ދޫކުރަމުން ދިޔައީ އެރުޅިވެރިކަމުގެ ހޫނުކަން ސިކުނޑިއަށް ފެތުރުމުގެ ފުރުސަތު ނުދިނުމަށެވެ.
''ދެހަފްތާ މިދެނީ!، ކޮންމެ ގޮތެއް ހަދާފަވެސް އަފްލާކްއަށް ވިސްނައިދީ!... މަ ބޭނުންވާ ގޮތަށް ކަންތައް ވާންޖެހޭނީ!... އެހެންނޫނީ ދެން ވާނެ ގޮތް ރަމީޒުއަށް ވެސް އެނގޭދޯ!...'' އަތުގައި އޮތް ސިނގިރޭޓު ހުސްވުމުން އިތުރަށް އެތާގައި މަޑުކުރުމުގެ ވިސްނުމެއް ފަހީމްގެ ނެތެވެ. އޭނަ ދައްކަން އައި ވާހަކަވެސް އޮތީ ނިމިފައެވެ.
ފަހީމް، ޖެހިގެން ހުރި މޭޒުގައި ތިބި ޒުވާނުންތަކަށް އަތުން އިޝާރާތްކޮށްލީ ގެއަށް ދިއުމަށް ކާރު ތައްޔާރުކުރުމުގެ އަމުރެއްގެ ގޮތުންނެވެ.
''ފަހުގެ އިންޒާރުކަމުގައި ބަލާތި!، ގަޑީގެ ވަގުތު ކަށި އަބަދުވެސް ހިނގާކަމުގައިވެސް ހަނދާންކުރާތި!، އަހަރެން ދިން މުހުލަތު ހަމަވުމާއެކު އިތުރު ފުރުސަތެއް ރަމީޒުއަކަށް ނުލިބޭނެ!!!... ކަލޭގެ ދަރި ހޭވި ހަޑިއެއް އިސްލާހުކުރަން ޖެހޭނީވެސް ކަލޭ!...'' ގޮނޑިން ތެދުވަމުން ފަހީމް އިންޒާރުދިނެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި އޭނައާއެކު އައިސްފައިތިބި ބައިގަނޑާއެކު ދާން ހިނގައިގަތެވެ.
ފަހީމް ނިކުމެެގެން ދިޔަ މަންޒަރު ބަލަން އިން ރަމީޒު ގާތަށް އައިސްފައި ހުރި ސިނގުރުޅިގަނޑު ބޭލީ މޭޒުމަތީ ހުރި ތައްޓާއި ކޮފީމަގަށެވެ. އެއެއްޗެހިތައް ހޫރާލުމަށްފަހު ވެސް މީހާއަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެފަހުން މޭޒުގައި ފައިންޖަހައި މޭޒުވެސް ދުރަށް ފޮނުވާލިއެވެ. އޭރު އަޑުފަށްގަނޑު ގަދަވެގެން އައި ވެއިޓާރއާ ދިމާއަށް ވެސް ރަމީޒު ބަލާލީ ރުޅިވެރިކަމާއެކުގައެވެ. ހަމަ ދެންމެދެންމެ ގޮސް އެމީހާގެ ގަޔަށްބޮލަށް ވެސް އަރައިގެންފާނެހެން ހީވާ ކަހަލައެވެ. ވެއިޓަރުމީހާ އެތަނުން ދާން ހިނގައިގަތީ ރަމީޒުގެ ދެލޮލުން ފެނުނު ނުރައްކަލުގެ އިންޒާރުތަކުން ޖެހިލުންވެހުރެއެވެ.
''މަ ބުނި ކަންތައް ވެއްޖެތަ؟...''
ރަމީޒު، ފުންނޭވާއެއް ދޫކޮށްލަމުން ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.