ކުރީރޭ ރަނގަޅަށް ނުނިދުމުގެ ސަބަބުން، މިރޭ ހައްވާދިޔެއަށް ވަރަށް ފަސޭހައިން ނިދިއްޖެއެވެ. އުޑުމަތީގައި ވިދާ ބަބުޅަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން، ރަށުގެ ހަނދާންތަކާއި މަންމަގެ ޚިޔާލުތަކުގެ ތެރޭގައި އޮއްވާ، ނިދުނީ ކިހައި އިރަކުކަމެއް ވެސް ނޭނގެއެވެ. ހޭލެވުނީ ފަތިހުއެވެ.
ހެނދު ނާސްތާ ކޮށްލައިގެން، އަނެއްކާވެސް ދަތުރަށް ފެށީއެވެ. އެހެންނަމަވެސް މި ފަހަރު ދަތުރަށް ފެށީ، އެހެން ރަށަކަށް ދާކަށް ނޫނެވެ. މި ރަށުން މީހަކު ފެނޭތޯ، ރަށް ވަށައި ދުއްވާށެވެ. އެހެންކަމުން ރަށުގެ ބަނޑުދޮށުގައި އޮޑި ބާއްވައިގެން، މަޑުމަޑުން ކުރިއަށް ދުއްވީއެވެ. ދުވަހަކީ ވައި މަޑު ދުވަހަކަށްވާތީ، އޮޑިއަކަށް ހަރު ދުވެއްޔެއް ނުލިބެއެވެ. ފިނިހަކަ ދުވެލީގައި އޮޑި ފިރުކެމުން ދިޔައިރު، ކޮންމެ މީހެއްގެ ވެސް ކަޅި ހުއްޓިފައި ހުންނަނީ، އެ މީހުންނާ ފަނަރަ ވަރަކަށް، ވިއްސަކަށް ފޫޓު ދުރުގައި އޮތް، ބިޔަ ރަށާ ދިމާއަށެވެ. މެންދުރުން އަނބުރައި، އަސުރުން އިރު ތިރިވިއިރު ވެސް، ބުރު ހަމައެއް ނުކުރެވުނެވެ. އެ ރަށުން މީހަކު ނުފެނުނު ތާނގައި، ދިރޭ ސޫތްޕެއްހައި ހިސާބު ވެސް ނުފެނުނެވެ.
އިރުއޮއްސެން ކައިރިވުމުން، އަނެއްކާވެސް އޮޑި އެއްގަމާ ކައިރިކޮށްފިއެވެ. މޫދަށް ލެނބިފައި އޮތް ގަހެއްގެ ގޮފިގަނޑެއްގައި ވާ އައްސައި، އޮޑި އަޅައިފިއެވެ. އޮޑިން ބޯފެން ހުސްވާތީ، އެ މީހުންނަށް ފެނުނީ އަނެއްކާވެސް އެ ރަށަށް ފައިބާށެވެ. ފެންފޮދެއް ލިބޭތޯ ރަށުތެރޭގައި ހިނގާލުމަށެވެ.
މިފަހަރުވެސް ފޭބީ އަހުމަދުދީދީއާއި އާދަނާއާ ދެ މީހުންނެވެ. އެ މީހުން އުޅުނީ ރަށުތެރެއަށް އެރޭތޯއެވެ. އެއްގަމަށް އެރެނިކޮށް، ފަހަރެއްގައި ބޯން ކަމުދާ ކަހަލަ ފެންކޯރެއް ވެސް ފެނިދާނެކަމަށް ބަލާފައެވެ. އެހެންނަމަވެސް އެއިން ދިމާއަކުން އެއްގަމަށް އެރޭގޮތެއް ނުވިއެވެ. މުޅި ހޭޅިފަށުގައި ހެދިފައި ވަނީ ރަނޑުލެވެ. މުޅި ސަރަޙައްދު އޮތީ، ކަކުލާ ހަމައަށް ނުވަތަ އެއަށްވުރެވެސް ފުނަށް ގަނބައިގަންނަ ފަދަ ގޮތަކަށް އޮތް ކިލާ ފެންގަނޑެކެވެ. އެހެންކަމުން އިރު އޮއްސޭން ކައިރިވާތީއާއެކު ޖެހުނީ އޮޑިއާ ދިމާއަށް މިސްރާބު ބަދަލުކޮށްލާށެވެ.
ކަންވީގޮތް އޮޑީގެ މީހުންނަށް ކިޔައިދިނުމަށްފަހު، އަހުމަދުދީދީ ޖައްސާލީ، ކޮޅުފަސްކޮޅު ފިލާގަނޑު މަތީގައެވެ. އޭނާ ވިސްނަމުން ގެންދިޔައީ، ދެން ހަދާނޭ ގޮތަކާމެދުގައެވެ. ފެން ހުސްވެއްޖިއްޔާ، ހަމަ ޔަގީނުންވެސް ކޮންމެވެސް އެއް ބަޔަކު ފެނަށް ބަލިވެ، މަރުވާތަން އަނެއް ބަޔަކު ދެކޭނެއެވެ. އެހެންކަމުން ހުރި ފެންފޮދު ހުސްނުވަނީސް ކޮންމެވެސް ގޮތަކުން އޮޑިއަށް ބޯފެން އަރުވާން އެބަޖެހެއެވެ.
މިކަހަލަ ފިކުރެއްގައި އަހުމަދުދީދީ އޮތްއިރު، ދިރުނބާކޮޅު މަޅުމަތީގައި އަދަނާއާއި ހައްވާދިޔެއާއި އާދަންފުތާއާއި މޫސާފުތާ ތިބީ، އެގޮތް މިގޮތުގެ ވާހަކައިގައެވެ. ދައްކާނެ މާ ޚާއްޞަ ވާހަކައެއް ވެސް މިހާރަކު ނުހުރެއެވެ. ކޫސަނި ވާހަކައިގައި އެހެން ތިއްބާ، ހައްވާދިޔެގެ ލޮލުގައި އަޅިގަތް މަންޒަރަކުން، އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެއާއެކު ޖެހިގެން އިން އާދަނާގެ ގައިގައި ބާރަށް ބައްދައިގަނެވުނެވެ. ލިބުނު ކުއްލި ސިހުމާއެކު، އާދަންފުތާއާއި މޫސާފުތާއާއި އާދަނާއަށް އެ ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އެ މީހުންނަށް ވެސް ތެޅިގަނެވުނެވެ. ފުންމައިގެން ތެދުވެވުނެވެ.
ފިކުރުގެ ފުން ދުނިޔެއަކަށް ވަދެ ހުސްވެފައި އޮތް އަހުމަދުދީދީއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހަޅޭއްލަވައިގަތް އަޑަށެވެ. ތެޅިފޮޅިގަތް އަޑަށެވެ. ރޮއިގަތް އަޑަށެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ވެގެން އުޅޭގޮތެއް ބެލުމަށް ޓަކައި، ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރިއެވެ. މޭ ތެޅިގަތީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އޮޑީގެ ފުށަތުވާ އައްސާފައި އޮތް ގޮފިގަނޑުމަތީން، ދޯންޏާ ދިމާއަށް ދެމެދުން މިހިރަ އަންނަނީ ބިޔަ ހަރުފައެކެވެ. ގޮފިގަނޑަށްވުރެ، އެ އެތިފަހަރު ފަލަކަމުން، އޮޑިއާ ހަމައަށް ނާދެވިގެން އުޅެނީއެވެ.
އަހުމަދުދީދީ ބަލާކަށް ނުހުރެ، ކުރިއަށް ޖެހިލުމަށްފަހު ނެގީ، ކައިރީގައި އޮތް މަސްވަޅިއެވެ. އޭނާ އެ އުޅެނީ ކީއްކުރާން ބާވައެވެ؟ އެ ވަޅީން ހަރުފައަށް ހަމަލާއެއް ދޭން ބާވައެވެ؟ އެކަމަކު އެ ކަހަލަ މޮޔަކަމެއް ކުރާން ވެދާނެބާވައެވެ؟ ކުޑަކުޑަ ވަޅިއެއް ހިފައިގެން، އެ ފަދަ ބިޔަ ނާގަހަރުފައަކާ ކުރިމަތިލާން ހެޔޮވެދާނެ ހެއްޔެވެ؟
ލިބުނު ކުއްލި ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުން، އެންމެން ކަހަލަ ގޮތަކަށް ހުއްޓުން އަރާފައި ތިއްބާ، އަހުމަދުދީދީ، ވަޅި ނަގައިގެން އެދިޔަ ބާރު މިނުގައި ގޮސް، ދޯނީގެ ފުށުވާ، މަތިކަނާ ހަމައިން ބުރިކޮށްލައިފިއެވެ. އެއަށްފަހު، ރިތެއް ނަގައި، އަވަސް އަވަހަށް ދޯނި ފުންކޮށްލައިފިއެވެ. އޭރު އެ ގަހާ ދިމާއަށް ހަމަ އެ ވަރުގެ ތިން ހަތަރު ހަރުފަ، ގުދުގުދުލަމުން ދުވެފައި އާދެއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އެންމެން އެ ބިރުވެރި މަންޒަރަށް ބަލާން ތިއްބެވެ. ހަރުފައަކީ ދިވެހީންނަށް ވަރަށް ބީރައްޓެހި އެއްޗެކެވެ. ހަމަ ލޮލުން ފެންނާނީ ވަރަށް މަދު މީހަކަށް މަދު ހާލަތެއްގައެވެ. މި އޮޑީގައި ތިބި އެއްވެސް މީހަކަށް މީގެކުރީން ހަރުފައެއް ފެނިފައެއް ނެތެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އެ ދިމާއަށް ބެލެނީ، ބިރުން ފިތްކެނޑިފައި ތިބި ހާލުގައެވެ.
ތަންކޮޅަކަށް ދިޔަތަނާ، އެ މީހުންގެ ލޮލުގައި އަޅައިގަތީ، އެ ރަށުގެ ދެކުނު ކޮޅުގައި ވަރަށް އުސްކޮށް އޮތް، ބޮޑު ފަރުބަދަގަނޑެއް ކަހަލަ ރަށެކެވެ. ދޯނި މިސްރާބުޖެހީ އެ ދިމާއަށެވެ. ކުރިމަތީގައި އޮތީގައި ރޭގަނޑު ކަމަށް ވާތީއާއި، އަނެއް ރަށުން ކުރިމަތިވި ބިރުވެރި ހާދިސާގެ ސަބަބުން، އެއްވެސް މީހަކަށް، އެރަށާ ކައިރިކުރާކަށް ނުފެނުނެވެ. އެހެންކަމުން ވަކި ހިސާބަކަށް ދިޔުމަށްފަހު، ތިލަ ހިސާބަކަށް ނަގިލިލައި އޮޑި އެޅީއެވެ.
އިރު އޮއްސި ޖައްވު އަނދިރި ވެއްޖެއެވެ. ފެނުނު ބޮޑެތި ހަރުފަތަކުގެ ސަބަބުން، ހިތަށް ވެރިވި ބިރުވެރިކަން އަދި ވެސް ފިލާގޮތެއް ނުވެއެވެ. ހިތަށް އަރަނީ ވަރަށް ނުބައި ކޮށެވެ. މޫދުތެރެއިން ވެސް އެއިން އެއްޗެއް އަތުވެދާނެއެވެ. އެ ފަދަ ބޮޑު ހަރުފައެއް އައިސް އޮޑިއަށް އަރައިފި ނަމަ، ހަމަ އެކަކު ވެސް ސަލާމަތްވާނެއެކޭ ހިއެއް ނުވެއެވެ.
މިކަހަލަ ބިރުވެރިކަމެއްގައި ތިބޭން ޖެހުމުން، މާ ރަނގަޅަކަށް އެކަކަށްވެސް އެރެއަކު ނިދޭގޮތެއް ނުވިއެވެ. ބައެއް މީހުން ދެ ގަޑިއެއްހާއިރު، އަނެއްބައި މީހުން ތިން ގަޑިއެއްހާއިރު ނިދާލުމަށްފަހު، އިރު އެރުމުން ދޯނީގައި ހުރި އެއްޗަކުން ނާސްތާކޮށްލައިގެން، ދޯނި ނެގީ، ކުރިމަތީގައި އޮތް ރަށާ ކައިރި ކުރުމަށެވެ. ކޮންމެގޮތެއް ހަދާފައި ވެސް، ބޯފެން ހޯދަން އެބަ ޖެހެއެވެ. ބައެއް މީހުންގެ ޚިޔާލު ތަފާތުވި ނަމަވެސް، މި ވަގުތުގެ ހާލަތަށް ބަލާއިރު، އެ ނޫން ގޮތެއް ނެތެވެ.
އެރަށުގެ ގޮނޑުދޮށަށް ދޯނި ބީއްސާލިއިރު، އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ، އެ ރަށާދިމާއަށެވެ. މީގެކުރީން ކައިރިކުރި ރަށްރަށާ ތަފާތު ކަމެއް މިރަށުން ފެނުނެވެ. މާ ބޯ ހޭޅިއެއް މި ރަށަކު ނެތެވެ. އެއްގަމަށް އެރޭގޮތަށް ގުންޑޮޅި ކެނޑިފައި ހުރި އެތައް ތަނެއް އެބަހުއްޓެވެ.
"މިރަށަށުގެ އެއްގަމަށް އެރޭނެ ކަންނޭނގެ." އަހުމަދުދީދީ ރަށާ ދިމާއަށް ބަލަން ހުރެފައި ބުންޏެވެ.
"މަށަށް ހީވަނީ ކެނޑިފައި ތިހިރީ، ވާރޭވެހޭއިރު ފަރުބަދަމަތީން ފެންފައިބާ މަގުތަކެއްހެން. ތިތަން ވަރަށް ކައްސާނެހެން ހީވަނީ." އާދަނާ ހުރީ އަހުމަދުދީދީ ގާތުގައެވެ.
"ތިހެން ވެއްޖިއްޔާ މި ރަށުން ފެން ކޯރެއް ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެއް." އެޅެފުތާގެ މުހައްމަދު، ލޯކުޑަކޮށްގެން ރަށާ ދިމާއަށް ބަލަން ހުއްޓެވެ. "ހިނގާ ފައިބަމާ! މި ފަހަރު މަވެސް ދާނަން!"
އަހުމަދުދީދީއާއި އާދަނާގެ އިތުރުން އަލިފުތާއާއި އެޅެފުތާގެ މުޙައްމަދު ފައިބައިފިއެވެ. ކޮންމެ މީހަކު ރުނބައެއް ހިފައިގެންނެވެ. ފަސްގަނޑު ހަރުކަމުން، ހިލަވެލީގެ ގޮނޑުދޮށުގައި ހިނގާކަށް ދައްޗެއް ނޫނެވެ.
"ތި އޮތް ފައިބަނީ ފެން." ވަކިހިސާބަކަށް ދިޔަތަނާ ވަރަށް ދުރުން، ފަރުބަދަގަނޑެއްގެ މަތީން ސައިލު ހެދިގެން ފައިބާ ފެންގަނޑެއް ފެނިފައި، އާދަނާއަށް ބާރަށް ބުނެވުނެވެ. އެ ވަގުތު އެންމެންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ފެނުނީ އުފާވެރި މަންޒަރެކެވެ.
"ހިނގާ އެއްގަމަށް އަރަން. މި ދިމާގައި ފެންގަނޑެއް އޮންނާނެ! ހަމަ ޔަޤީން!"
އަހުމަދުދީދީގެ ފަހަތުން އެންމެން އެއްގަމަށް އަރަން ހިނގައިގަތެވެ. ނަސީބު ރަނގަޅުކަމުން މާ ދުރަށް ހިނގާކަށް ނުޖެހުނެވެ. ބޮޑު ފެންގަނޑެއް ފެނިއްޖެއެވެ. އެންމެން ރުނބާތައް ހިފައިގެން، އެ ދިމާއަށް ޖެހިލިއެވެ. ފަހަރަކު ރުނބަޔަކަށް ފެންފުރާން ފެށިއެވެ. މިހެން އުޅުނު އުޅުމުގެ ތެރޭގައި، އަހުމަދުދިދީގެ ލޮލުގައި އަޅައިގަތް މަންޒަރެއްގެ ސަބަބުން، ކުޑަ ހިނދުކޮޅަކަށް އޭނާ ހުއްޓުން އަރައިފިއެވެ. ދެ ލޯ ބޮޑުވެއްޖެއެވެ. މޭތެޅިގެންފިއެވެ. ގައިން ހީބިހި ނަގައިގެންފިއެވެ. ވަށައިގެން އޮތް ޖަނގައްޔަށް ބަލާން ފެށުނެވެ.
"އާދަނާ!" އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް އިން އާދަނާއަށް އަހުމަދުދީދީ ގޮވައިލިއެވެ. އާދަނާ އިނީ ރުނބައަށް ފެންފުރާށެވެ.
"ކީކޭ؟" އަހުމަދުދީދީއާ ދިމާއަށް ބަލައިލުމެއްނެތި، އާދައިގެ ގޮތަކަށް އާދަނާ އަހައިލިއެވެ.
"ނިކަން މި ދިމާއަށް ބަލައިލަބަލަ!" އަހުމަދުދީދީގެ އަޑުގައި ހުރި ކަންބޮޑުވުމުގެ އަސަރު، މި ފަހަރު އާދަނާއަށް ފާހަގަކުރެވުނެވެ. އޭނާއަށް އަވަސް އަވަހަށް އަހުމަދުދީދީ އިޝާރާތްކުރި ދިމާއަށް ބަލައިލެވުނެވެ. ލޮލުގައި އަޅައިގަތީ، އާދައިގެ މަންޒަރެއް ނޫނެވެ. ބިޔަ ޖަނަވާރެއްގެ މޮށްގަނޑުގެ ނިޝާންތަކެވެ. މި މަންޒަރު ދެން ތިބި ދެ މީހުންނަށް ވެސް ފެނިއްޖެއެވެ.
"މިތަނުން އަވަހަށް ދަމާ ހިނގާ!"
ފެން ފުރުނު ދެ ރުނބާގެ ތެރެއިން، ކޮންމެ ރުނބައެއްގެ ދެ ފަރާތުގައި ދެ މީހުން ހިފައިގެން، ދޯންޏާ ދިމާއަށް ހަރުކޮށް ހިނގައިގަތެވެ. އަނެއް ދެ ރުނބާ އެތަނަށް ދޫކޮށްލާފައެވެ. އޭރު އެއިން ކޮންމެ މީހެއްގެ ހިތް ވެސް ހެސްކިޔާފައި ތެޅެމުންދެއެވެ.
"އަވަހަށްދޭ އަނެއް ދެ ރުނބާ ހިފައިގެން އަންނަން. ދެން ފެން އަޅަން އުޅޭނެކަމެއްނެތް."
އަހުމަދުދީދީއާއި އާދަނާ އުޅުނީ، ފެން އެޅި ދެ ރުނބާ ދޯންޏަށް އަރުވާށެވެ. ދޯނީގައި ދެން ތިބި މީހުންގެ އެހީތެރިކަމާ ވެސް އެކުގައެވެ. އަލިފުތާއާއި އެޅެފުތާގެ މުޙައްމަދު ހިނގައިގަތީ ރުނބާ ބަލައެވެ. އެހެންނަމަވެސް ކުރިއަށް އެޅުނީ ހައެއްކަ ފިޔަވަޅެވެ. ރަށުތެރެއިން ޖަނަވާރުތަކެއް ހޭރިގަތް އަޑު ކަންފަތުގައި ޖެހުނެވެ. ވަގުތުން އެ ދެ މީހުންގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ހިތް ތެޅިގަތެވެ. ދެ ފައިން ވާގި ދާން އުޅުނު ކަހަލައެވެ. ދެ ވަނަ ފަހަރަށް ހޭރިގަތުމާއެކު، އެނބުރި އޮޑިއާ ދިމާއަށް ދެ މީހުންނަށް ދުއްވައިގަނެވުނެވެ.