މަޑު ދުވެއްޔެއްގައި ގެންގޮސް އޮޑި ފާލަމާ ކައިރިކޮށްފިއެވެ. ފާލަމުގައި ވާ އައްސާނިމުނުއިރު، އެތަނަށް އިތުރު ދެ މީހަކު އަތުވެއްޖެއެވެ. އެއީ ކުލައާއި އިސްކޮޅުގެ ގޮތުން ދިވެހިންނާ ދާދި އެއްކަހަލަ ބަޔެކެވެ. ބޮޑަށް ވައްތަރީ އިންޑިޔާ ބަޔަކާއެވެ.

އޮޑި އަޅައި ނިމުމާއެކު، އޮޑީގައި ތިބި މީހުންނަށް، އަތުގެ އިޝާރާތުން އެ މީހުން އެންގީ، ފާލަންމައްޗަށް ފޭބުމަށެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ ހިތްހެޔޮކަމެވެ. ގާތްކަމެވެ. މަކަރުވެރިކަމާއި އޮޅުވާލުމުގެ އެއްވެސް ސިފައެއް ނުފެނެއެވެ. އެހެންކަމުން އޮޑީގައި ތިބި އެންމެންނަށް ފެނުނީ، އެ މީހުންގެ އެ އެދުމަށް ކިޔަމަންވާށެވެ. ރަނގަޅު ގޮތެއް މެދުވެރި ވެދާނޭ ކަމަށް ބަލާފައެވެ.

އެ މީހުންގެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުމުގެ އަސަރު ފެނިފައި، އާދަނާއަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ފެނުނު ހުވަފެނާ ގުޅިގެން ހިތަށް ވެރިވި ނުތަވަސްކަމަށް، ލުޔެއް ލިބުނުކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އޭރު ހިތުގައި ހައިޖާނު އުފެއްދި ވަސްވާސްތަކަކީ، ޝައިޠާނާގެ ފުށުން ކުރިމަތިވި ތުރާލެއް ކަމުގައި އަމިއްލަ ނަފުސަށް ވިސްނައިދޭން ފަށައިފިއެވެ.

ފަހަރަކު މީހަކު ފާލަންމައްޗަށް ފައިބަމުން ގޮސް، އެންމެން އޮޑިން ފައިބައިފިއެވެ. ފާލަން މަތީގައި ތިބި ތިން މީހުން، އޮޑިން ފޭބި އެގާރަ މީހުންނަށް މަރުހަބާ ކީ، އުފާވެރިކަމާއި ހިތްހެޔޮކަމާ އެކުގައެވެ. އެންމެންނާ ސަލާންގަލާން ކުރުމަށްފަހު، އެ މީހުން ގޮވައިގެން އެއްގަމަށް އެރުމަށް ޓަކައި ހިނގައިގެންފިއެވެ. އޮޑިން ފޭބި މީހުން، އެ ތިން މީހުންގެ ފަހަތުން ކިޔަމަންތެރިކަމާއެކު ގޮސް ފާލަން ފަސްދީ އެއްމަށް އަރައިފިއެވެ.

ރަށުތެރެއަށް އަރައި، ހިނގައި ގަންނާން ޖެހުނީ އަޑިގުޑަން ގިނަ މަގަކުންނެވެ. އެ މަގުގެ އެކި ހިސާބުގައި، ބިންހިމަ ފާޑުގެ ވިނައެއް ހެދިފައި ހުއްޓެވެ. މަގުގެ ދެފަރާތުގައި ތަފާތު ވައްތަރުގެ ގަސްގަހާގެއްސާއި ވިނަގަސްތައް ހެދިފައި ހުއްޓެވެ. ކޮންމެވެސް ވަރަކަށް ރުއް ވެސް ހުއްޓެވެ. އެހެންނަމަވެސް ވާ، މާ ބޮލެއް ނޫނެވެ. ވަކި ހިސާބަކަށް ދިޔަތަނާ ގެއެއް ފެނިއްޖެއެވެ. އެ މީހުން ގޮވައިގެން، އެ ތިން މީހުން ދިޔައީ އެ ގެއަށެވެ.

އެއީ ބޮޑު ގެއެކެވެ. ހުދުކުލަ ލާފައި ހުރި ނަމަވެސް ފާރުތައް ހުރީ ކުލަފައިބާ ހަޑިވެފައެވެ. ފާރުގެ ބައެއް ދިމަދިމާގައި ރެނދުލާފައި ވެސް ހުއްޓެވެ. ހަތަރު ފުރާޅަށް ހިޔާކޮށްފައިވާ އެ ގޭގެ ފުރާޅުގައި ޖަހާފައި ހުރީ އީޓެވެ. ދުވަސްވުމުގެ ސަބަބުން އީޓުތަކުގައި ހުރީ ކޮންމެވެސް ވަރަކަށް ފެހިޖަހާފައެވެ. ގޯތީގައި އޮތް ހުސްތަނުގައި ތަފާތު ވައްތަރުގެ މާގަސްތައް އިންދާފައި ހުއްޓެވެ. އެހެންނަމަވެސް އެއިން އެއްވެސް ގަހެއްގެ ސިއްހަތު މާރަނގަޅެއް ނޫނެވެ. ހައްދަން މާ ބޮޑު މަސައްކަތެއް ކުރާކަމަކަށް ވެސް ނުފެނެއެވެ.

އެ ގޭގެ ބޮޑުކޮޓަރިން އޮފީހެއްގެ ސިފަ ފެނެއެވެ. ބާވެފައި ހުރި ލަކުޑި މޭޒަކާއި ދެތިން ގޮނޑި ހުއްޓެވެ. މޭޒުމަތީގައި ދެތިން ހަތަރު ފޮތަކާއި ފައިލެއް އޮތެވެ. އެ ތަނުގެ އެތެރެއިން ފެންނާން އޮތް ސަރައްކާލީގެ ދެ ފަރާތުގައި ހުރީ ކޮޓަރިބަރިއެވެ. ފަރާތެއްގައި ތިން ކޮޓަރި ހުރިކަމަށް ލަފާކުރެވެއެވެ.

އެ ގެއަށް ވަނުމާއެކު އިތުރު ހަ މީހަކާ ބައްދަލުވެއްޖެއެވެ. އެ މީހުން ވާހަކަ ދައްކަން ފެށީ ހިންދީ ބަހުންނެވެ. އޮޑިން ފޭބި އެއްވެސް މީހަކަށް ހިންދީ ބަހެއް ނޭނގެއެވެ. އެހެންކަމުން އަތުގެ ހަރަކާތުންނާއި އެހެނިހެން ގޮތް ގޮތުން، ތަފާތު ސުވާލުތައް އެ މީހުން ކުރަމުން ގެންދިޔައެވެ. ކޮން ގައުމެއްގެ ބައެއްތޯއާއި މި ރަށަށް އައީ ކީއްކުރަންތޯއާއި މި ކަހަލަ ސުވާލުތަކެވެ.

އަހުމަދުދީދީ އިސްވެ ހުރެ، އެ މީހުންގެ ސުވާލުތަކަށް އިޝާރާތާއި ހަރަކާތުން، ޖަވާބު ދެވޭތޯ މަސައްކަތް ކުރިއެވެ. އެއީ ދިވެހިރާއްޖޭގެ ބަޔަކުކަމާއި ބެހިގެން މިހައި ހިސާބަށް އާދެވުނީ ކަމަށް ބުނެދިނެވެ.

އެ މީހުންގެ ވާހަކަތަކުން އެނގުނީ، މިއީ ތިބެން މާ ރައްކާތެރި ސަރަހައްދެއް ނޫންކަމެވެ. މި ރަށާ މާ ދުރުނޫން ހިސާބެއްގައި، ޖަޕާނު ސިފައިންގެ ބާރުގެ ދަށުގައި އޮތް ރަށެއް އޮތްކަމެވެ. އެރަށަށް ދެވިއްޖެ ނަމަ، ސަލާމަތެއް ނުވާނޭކަމެވެ. އެއްވެސް ރަޙުމެއް ނެތި، އެންމެންގެ ގަޔަށް ބަޑިޖަހައި މަރައިލާނޭކަމެވެ. އެހެންކަމުން އެ ރަށަށް ނުދިޔުމަށް އެ މީހުން ވަރަށް ބޮޑަށް ބާރުއަޅައި ވާހަކަދެއްކިއެވެ.

އެ މީހުންގެ ވާހަކައިން އެނގުނު ގޮތުން، އެ މީހުންނަކީ އިންޑިޔާ ބަޔެކެވެ. މި ރަށަކީ ވަރަށް ގިނައިން ވެލާ އަރާ ރަށަކަށްވާތީ، އެ މީހުންގެ މަސައްކަތަކީ، މި ރަށަށް އަރާ ވެލާ ހިފައިގެން އޭގެ މަސް ވިއްކުމެވެ. ދެވަނަ ބޮނޑުހަނގުރާމައިގެ ކުރިން މި ރަށަކީ، އިންޑިޔާގެ ބެލުމުގެ ދަށުގައި އޮތް ރަށެކެވެ. އޭރުވެސް އެ މީހުން މި ރަށުގައި ކުރަނީ ހަމަ އެ މަސައްކަތެވެ. މިއަދު މި ރަށަކީ ވެސް ޖަޕާނުންގެ އަތްދަށުގައި އޮތް ރަށެކެވެ. އެހެންނަމަވެސް ޖަޕާނުން އެ މީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ. އެ މީހުންގެ މަސައްކަތުގައި އެ މީހުން ބޭތިއްބީއެވެ.

އެ މީހުންގެ ވާހަކަތަކުން އިތުރަށް އެނގުނީ، އެއީ އިއްތިހާދީންނާ އެއްކޮޅަށް ތިބި ބަޔެއް ކަމެވެ. ޖަޕާނު މީހުންނާ އެއްވެސް ގުޅުމެއް އޮތް ބަޔެއް ނޫންކަމެވެ. އެހެންކަމުން އެ މީހުންގެ ކިބައިން އެއްވެސް ކަހަލަ ނުރައްކަލެއް ނާންނާނޭކަން ޔަގީނެވެ. މި ޔަޤީންކަން ލިބުމުން، ދޯނީގެ އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެކި ކަންކަމާ ބެހޭގޮތުން، އެނގުނު ގޮތަކަށް ވާހަކަ ދެއްކުމަށްފަހު، އެ މީހުން އެދުނީ އެ މީހުންނާއެކު އޮޑިއަށް ދިޔުމަށެވެ. އެހެންކަމުން އެ ނުވަ މީހުންނާއެކު، އަނެއްކާވެސް ދިޔައީ އަތިރިމައްޗަށެވެ. އޭގެތެރެއިން ތިން މީހަކު އޮޑިއަށް އެރިއެވެ. އެ މީހުން އެދުނީ ސަމުގާ ދެއްކުމަށެވެ. އަހުމަދުދީދީ އެ މީހުންނަށް ސަމުގާ ދެއްކުމުން، އިންޑިޔާއަށް ދާނޭ މިސްރާބު އެ މީހުން ސަމުގާއިން ފާހަގަކޮށްދިނެވެ. އެހެން މިސްރާބަކަށް ދަތުރު ނުކުރުމަށް، ވަރަށް ބޮޑަށް އިލްތިމާސްކުރިއެވެ. އިންޑިޔާއަށް ދެވިއްޖެ ނަމަ، ސަލާމަތްވުމުގެ ފުރުޞަތު ބޮޑުކަމަށާއި އެހެންނޫނީ ޖަޕާނުންގެ އަތްދަށުވެ، އެ މީހުންގެ ގަދަފަދަ އަނިޔާއާ ކުރިމަތިލާން ޖެހިދާނޭ ކަމުގެ އިންޒާރު ވެސް ދިނެވެ.

އަނެއްކާވެސް އެންމެން ގޮވައިގެން، އެ މީހުން ދިޔައީ އެއްގަމަށެވެ. ބަނޑުހައިވެފައި ތިބުމުގެ ސަބަބުން ކާންދިނުމަށެވެ. އެގޭ ކާގެއަށް ވެއްދުމަށްފަހު، ކާތަކެތި ގެނެސް ކުރިމަތީގައި އަތުރާލައިފިއެވެ. ފެނުކައްކާފައި ހުރި ވެލާބިހާއި ހަނާކޮށްފައި ހުރި ފަރުމަސް ހުއްޓެވެ. ދެން ހުރީ ތަފާތު ވައްތަރު ވައްތަރުގެ ފަތްޕިލާވެއްޔެވެ. ހޫނުފެނާއި ގޫޑުހަކުރެވެ. އެންމެންވެސް ވަރަށް ރަނގަޅަށް ކެއެވެ. ކައި ނިމުނުއިރު، އިރު އޮއްސި އަނދިރިވާން ފަށައިފިއެވެ.

ދުވަސްތަކަކަށްފަހު، ރަނގަޅަށް ފެންވަރާލެވުމުން ކޮންމެ މީހަކަށް ވެސް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހައްޓަށް ލިބުނު ލުއި އެއަށްވުރެ ބޮޑުވިއެވެ. އެންމެން އެއް ޖަމާޢަތެއްގައި ނަމާދުކޮށް، ލެއްވި ރަޙުމަތަށް ﷲ އަށް ޙަމްދުކުރިއެވެ. އެއަށްފަހު ދެން އޮތީ ނިދުމެވެ. އެގޭގައި ހުރި ކޮޓަރިތަކުން ދެ ކޮޓަރި އެ މީހުންނަށް ލިބުނެވެ. އެއް ކޮޓަރި ޚާއްޞަކުރީ ޒުވާން ދެމަފިރީންނަށެވެ. ބާކީ ތިބި މީހުން އަނެއް ކޮޓަރީގައެވެ.

ކޮޓަރީގެ ހިލަ ތަޅުންގަނޑު މަތީގައި އަޅާފައިވާ ބާ ސާންތިގަނޑު، ފުއްކަފަ ގޮދަޑިއަކަށް ވުރެ ވެސް އަރާމުކަމުގައި މިރޭ އެމީހުންނަށް އިހުސާސް ކުރެވުނެވެ. ކަނޑުގެ ބިޔަ ރާޅުތަކާއި، ދެކޮޅަށް ދެމޭ ގަދަފަދަ އޮއިވަރާއި، ބާނިތަކުގެ ތެރޭގައި ހަލުވަމުން، ތަޅުވަމުން ދިޔަ ކުޑަ އޮޑިގަނޑެއްގައި، އެތައް ރެއަކާއި ދުވާލެއް ހޭދަކޮށްފައިވާ ބަޔަކަށް ވާނެ ގޮތް، އެ މީހުންނަށް އިސާހިތަކު ވެއްޖެއެވެ. ގަދަ ނިދީގެ ބާރުގެ ދަށުގައި އެންމެން މަޝްޣޫލުކުރުވައިފިއެވެ.

ޖެހިގެން އައި ދުވަހު އޮތީ ދަތުރަށް ތައްޔާރުވުމެވެ. އެ ރަށުގައި ހުރި ވިއްސަކަށް ރުކުން ކުރުނބާ އަޅައި، އޮޑިއަށް އެރުވިއެވެ. ފަސް ހާހެއްހައި ވެލާބިސް ވެސް އޮޑިއަށް ލިޔެވެ. ގޯނި ގޯންޏަށް އަޅައިގެންނެވެ. މީގެ އިތުރުން ބޯފެން ވެސް އެރުވިއެވެ. އިންޑިޔާއަށް ގޮސް، ފުރަތަމަ ބައްދަލުވާ ބަޔަކަށް ދައްކާށޭ ކިޔާފައި، ހިންދީ ބަހުން ލިޔެފައި އޮތް ލިޔުމެއް ވެސް އެމީހުންނާ ހަވާލުކުރިއެވެ. ކޮންމެއަކަސް އެއީ ވަރަށް ހިތްހެޔޮ، އެހައިމެ އިޚުލާސްތެރި ބަޔެކެވެ. ޢާއިލީ ބަޔަކު ވެސް ހެޔޮވެފައި، އޯގާވެރިވާނީ އެހައިކަންހައި ވަރަށެވެ.

އެ ނުވަ މީހުންގެ ހެޔޮދުޢާއާއެކު، އޮޑި އެ ރަށުން ފުރީ، ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. ދަމަކަށް އިރު އެރިފަހުންނެވެ. ދަތުރު ކުރަމުން ދިޔައީ، އެ މީހުން ދެއްކި މިޞްރާބަށެވެ. މިހާރު ކޮންމެ މީހެއްގެ ހިތަށް ވެސް ވަނީ، އިހުނާ އަޅައި ބަލާއިރު، ވަރަށް ބޮޑު ހަމަޖެހުމަކާއި ފިނިކަމެއް ލިބިފައެވެ. ދާންވީ މިޞްރާބު އެނގުމުންނެވެ. ގޮސް ކަންކުރާންވީ ގޮތް ކިޔައިދިނުމުންނެވެ. ސަލާމަތުން ރާއްޖެއަށް ދެވޭކަށް ދެނެއް މާ ގިނަ ދުވަހެއް ނެތްކަން ވިސްނުމުންނެވެ.

މެންދުރުން އަނބުރައިފިއެވެ. ނަލަ ވައިގައި ދޯނި ދުވަމުން ދަނީ ބޭނުންވާ މިޞްރާބަށެވެ. އެންމެންގެ މޫނުމަތީން ވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އާދަނާއާއި ހައްވާދިޔެ ތިބީ ދިރުނބާކޮޅު މަޅުމަތީގައެވެ. އާދަނާ އޮތީ ހައްވާދިޔެގެ އުނގުގައި ބޯ އަޅާލައިގެން، ދުނިޔަވީ ވާހަކަތަކާއި ސަމާސާކުރުންތަކުގެ ތެރޭގައެވެ. އަދަނާ ބުނެލާ ބައެއް ބަސްބަހުން، ހާއްވާދިޔެ ލަދުރަކި ގޮތަކަށް ހިނިތުންވެލާތަން ފެނެއެވެ. ހީލާފައި އާދަނާއާ ހަނގާކޮށްލާތަން ފެނެއެވެ. ލޯބިވާ ދެމަފިރިއެއްގެ، ލޯބިން ފުރިފައިވާ، އެހައިމެ ލޯބި މަންޒަރެކެވެ.

އަސުރުން އިރު ތިރިވެއްޖެއެވެ. ގިނަ އިރުތަކެއް ނުވެ، ހުޅަނގު ފަރާތުން ވިއްސާރަ ވިލާގަނޑެއްގެ އަސަރު ދައްކާލައިފިއެވެ. ބަސްބުނާ ހިނދުން ވިލާގަނޑު ނަގައި ބޯމަތި ކުރާން ފަށައިފިއެވެ. ހުޅަނގު ފަރާތް އަނދުން ފަތްގަނޑަކަށް ހަދަމުންނެވެ.

"މި ނަގަނީ ލާހިކު ގޮތަކަށް ދާނެ ވިލާގަނޑެއް ނޫން!" އަހުމަދުދީދީ އެ ދިމާއަށް ބަލަން ހުރެފައި، މަޑުމަޑުން ބުނެލިއެވެ.

ދޯނީގެ އެންމެންގެ ކަޅި ވެސް ހުއްޓިފައި ހުރީ އެ ދިމާއަށެވެ. އޭރު އެ މީހުންގެ މޫނުމަތީގައި މީގެ ކުރިން ދުވެ، ސަމާސާ ކުރަމުން ގެންދިޔަ އުފާވެރިކަން މަޑުމަޑުން އޮބެމުން، ނުތަނަވަސްކަމުގެ ބަނަކަން ހިލެމުން ދެއެވެ. ކުރިމަތީގައި މި އޮތީ ރޭގަނޑެވެ. ނަގަމުން އެ ދަނީ ކަޅު، ބޯ ވިއްސާރަ ވިލާތަކެވެ. ވިއްސާރައިގެ ދުއްޕާން އިންތިހާއަށް ފޯރާނޭ ރެއެއްކަމުގެ ގަދަފަދަ އިންޒާރު ދެމުންނެވެ.

އެކަކަށް އަނެކަކުގެ މޫނަށް ބަލައިލާން ނުކެރޭ ފަދަ ހާލަތެއްގައި، ޖަހާފައި ތިބި ބުދުތަކެއްހެން ތިއްބާ، ބޫން އަޑާއެކު، ކަނޑު ކައްކަމުން ގަދަފަދަ ވައިރޯޅީގެ ފައުޖު އޮޑިއާ ދިމާއަށް މިސްރާބު ޖަހައިއެވެ. އަހުމަދުދީދީ އަށް ހަޅޭއް ލަވައިގަނެވުނެވެ. ހުއްޓުން އަރާފައި ތިބި މީހުންނަށް، ހަރަކާތް އަތުވެއްޖެއެވެ. ރިޔާ ތިރިކުރާން ކުރި މަސައްކަތުން އެކަން ކޮށްލެވިއްޖެއެވެ. އިތުރު ކަމެއް ކުރާނެ ފުރުޞަތެއް ނުދިނެވެ. އައި ބާރު ވަޔާއެކު، ވާރޭގެ ލަޝްކަރު އޮޑިއަށް އަރައިފިއެވެ. ބޮޑު ތިކީގެ ހަމަލާ، އޮޑިއާށާއި އޮޑީގައި ތިބި މީހުންނަށް ދޭން ފެށީ ރަޙުމެއް ހަމަދަރުދީއެއް ނެތިއެވެ.

އެންމެން ތިބީ ތެމި ފޯވެފައެވެ. ޖެހޭ ވައިގެ ބާރުކަމާއި ވެހޭ ވާރޭގެ ބޯކަމުން، ހީކަރުވައިގެންފިއެވެ. މީގެ އިރުކޮޅެއް ކުރީން އުފާލުން ފޮޅިފައި އިން ހައްވާދިޔެ، މިހާރު އިން ހާލު ފެނިފައި، އާދަނާގެ ހިތަށް ކުރީ ވަރަށް ފުން އަސަރެކެވެ. އެ ފަކީރަށް ޖެހެމުން އަންނަ ނިކަމެތި ހާލަތު ވަޒަންކުރެވި އާދަނާއަށް ރޮވުނެވެ. ހިތުން ލޭކަރުނަ އޮހިގަތެވެ. ކިތަންމެ ހިޔެއް ކެރުވިޔަސް، ކޮށްދެވޭނެ ކަމެއް ނެތެވެ. ހިޔާ ވެލެވޭނޭ ފަދައެއް ނެތެވެ. އެފަދަ އެއްޗަކަށް ކިރިޔާވެސް އޮތީ، ކުދިކުދިވެ، ތެމިފޯވެފައި އޮތް ރިޔަލެވެ.

އާދަނާއަށް ގޮސް ހައްވާދިޔެ ގަޔާ ކައިރިކޮށްލެވުނެވެ. ހައްވާދިޔެއަށް ރޮވެނީއެވެ. ހީކަރުވައިގެން ރޫރޫ އަޅަނީއެވެ. އާދަނާއަށް ހިތްވަރުގެ ބަހެއް ވެސް ބުނެލެވޭވަރެއް ނުވިއެވެ. އެހެންކަމުން ހެޔޮ ދުޢާ ކޮށްލަ ކޮށްލައި އިނީއެވެ.

ވެހޭ ބޯ ވާރޭގަނޑަށް ކުޑަކުޑަ ދުލެއް ވެސް ޖެހިނުލައި އުޅެނިކޮށް، އިރު އޮއްސި، ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ. އިތުރު ބިރުވެރިކަމެއް އެބައިމީހުންގެ މައްޗަށް އާންމު ކުރުވައިފިއެވެ. ރޭގަނޑުގެ އަނދިރިކަމާއި ވިއްސާރައިގެ ކަޅުކަން، އެމީހުން ވަށާލައިފައި ވަނީ، ނާމާން ކަމާއި ބިރުވެރިކަން އިންތިހާއަށް ވެރިކުރުވަމުންނެވެ. ނަގާ ބިޔަ ރާޅުގެ ސަބަބުން، ދެންމެ ދެންމެ އޮޑި ކުދިކުދި ކޮށްލަފާނޭހެން ހީވާ އެތައް ފަހަރެއް އާދެއެވެ. އެއްވެސް މަންޒިލެއް، މިޞްރާބެއް ނެތި އޮޑި، އޮޔަށް ވަޔަށް ހޫރެމުން އޮވެދެއެވެ. މިވަގުތު އެ މީހުންގެ ނަޞީބުގައި އޮތް ދިމާއަށެވެ. ﷲ އަށް ވަކީލުކޮށްލައިގެން ތިބުން ނޫން ގޮތެއް ނެތެވެ.

އެ ރޭ ހަތަރުދަން އެމީހުންނަށް ހޭދަކުރަން ޖެހުނީ އެ ފަދަ ހާލެއްގައެވެ. ބޯ ވިއްސާރައިގެ ތެރޭގައެވެ. ކޮންމެ މީހަކު ވެސް ވަނީ، ހީކަރުވައި ގަނެގެން ގޮސް ރޫޅޭވަރުވެފައެވެ. ހަތަރެސް ފަޔާއި މުޅި ހަށިގަނޑު ވަނީ، އައްސިވެ ގަނޑުވާން ކައިރިވެފައެވެ.

އެ ދުއްޕާން ރެއަށް ވެސް ނިމުން އަތުވެއްޖެއެވެ. ދުވާލުގެ އަލިކަން، ދުނިޔެ މައްޗަށް ވެރިވާން ފަށައިފިއެވެ. އޭރުވެސް ވާރެއެއް ނުހުއްޓެއެވެ. މާ ބޯކޮށް ނޫންނަމަވެސް އާދައިގެ ވަރަކަށް ވެހެމުންދެއެވެ. ވައި ތަންކޮޅެއް މަޑުވެއްޖެއެވެ. ކޮޅިގަނޑު މައިތިރިވާން ޖަހައިފިއެވެ. އެހެންނަމަވެސް ރިޔާ ނެގޭ ވަރެއް ނުވެއެވެ. އެހެންކަމުން ހަމަ ކުރިއެކޭ ވެސް އެއްގޮތަށް، އޮޑި ދަނީ އޮޔަށް ވަޔަށް ކެހެމުން ބެހެމުންނެވެ.

އިރު އެރިއިރު އޮޑީގެ ވައި ދަށް ފަރާތުން ބޮޑު ރަށެއްގެ މަލަމަތި ދައްކާލައިފިއެވެ. އޮއިވަރާއެކު އޮޑި ގެންދަނީ، ހަމަ ސީދާ އެރަށާ ދިމާއަށެވެ. އޮޑީގެ މިޞްރާބު އެހެން ދިމާއަކަށް ބަދަލުކުރެވޭނޭ ހަމަ އެއްވެސް ގޮތެއް، އެ މީހުންގެ ކިބަޔަކު ނެތެވެ. ކުޑަ ރަށުން ދިމާވި މީހުން ދެއްކި ވާހަކަތައް ހަނދާން ވުމާއެކު، ކޮންމެ މީހެއްގެ ވެސް މޭތެޅިގަތެވެ. އެއީ އެ މީހުން ބުނި ޖަޕާނު ސިފައިން އުޅޭ ރަށަށް ވެއްޖެ ނަމަ ދުވަސް ދިޔައީއެވެ.

ކިތަންމެ ބިރުގަތަސް، ކުރެވޭނެކަމެއް ނެތެވެ. ރިޔާ ނެގޭވަރަށްވުރެ އަދިވެސް ވައި މާ ބާރެވެ. އަމިއްލަ ބާރުގެ ދަށަށް އޮޑި ގެނެވޭނެ ހަމަ އެއްވެސްގޮތެއް ނެތެވެ. އެހެންކަމުން ހެޔޮދުޢާކުރުން މަތީގައި ތިއްބާ، އޮޑި ގޮސް އެރަށު ފަރާ ކައިރިވެއްޖެއެވެ. އެންމެންގެ ބުރަ މަސައްކަތުން އޮޑި ފަޅަށް ވައްދައިފިއެވެ. ފަރަށް އަރައި އޮޑި ކުދިކުދިވެދާނެތީއެވެ.

ކޮމެންޓް 0