އޮޑި ވަގުތުން އެ ރަށާދިމާއަށް ދީލައިލައިފިއެވެ. ފެންނާން އެ އޮތީ، ދިވެހިރާއްޖޭގެ ރަށެއް ބާވައެވެ؟ އެހެން ޤައުމެއްގެ ރަށަކަށް ވެސް ވެދާނެއެވެ. އެ ރަށާ ދިމާއަށް އޮޑި ދުވަމުން ދިޔައިރު، އެ އޮޑިއަށް އިތުރު ހިތްވަރަކާއި ފަންވަރެއް ލިބިފައިވާ ކަހަލެވެ. ކުރިއަށްވުރެ މާ ބާރަށް ދުވަމުން ދާހެން ވެސް ހީވެއެވެ. އޭގައި ތިބި މީހުން ވެސް ތިބީ، އެ ފަދަ ހާލަތެއްގައެވެ. ކޮންމެ މީހެއްގެ ހިތް ވެސް ވަނީ އަވަސްވެފައެވެ. ވިންދުގައި ކުޅެމުން ދަނީ އުފާވެރި ރާގެކެވެ. މޫނުމަތީން ފެންނަނީ އުފާވެރިކަމުގެ އަސަރެވެ. ތުންފަތްމަތީގައި ހިނިތުންވުމެވެ.

ރަށުގެ މަލަމަތި ރަނގަޅަށް ފެންނާން ފެށުމާއެކު، އެއީ ދިވެހިރާއްޖޭގެ ރަށެއް ނޫންކަން އެންމެންނަށް ވެސް އެނގިއްޖެއެވެ. އެހެންނަމަވެސް ހިކިފަސްތަނެއްގައި ފައި ޖެހިއްޖެއްޔާ، ރާއްޖެއަށް ވެސް އޮންނާނީ ދެވޭށެވެ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެއެވެ.

"އެއީ ކޮންރަށެއް؟" އާދަނާ އައިސް ހައްވާދިޔެގާތުގައި އިށީންނުމުން، ހައްވާދިޔެ އަހައިލިއެވެ.

"ނޭނގެ! އަހަރެމެންގެ ރާއްޖޭގެ ރަށެއްނޫން!!"

"ދެން ކޮން ރާއްޖެއެއްގެ ރަށެއް؟"

"އަދި ނޭނގެ!" ދުރުން ފެންނާން އޮތް ރަށަށް އާދަނާ ބަލައިލިއެވެ.

"ގޮތް ނޭނގޭ ރަށްރަށް ދާންވާނެތަ؟" އިރުކޮޅަކު އިނދެފައި، މަޑުމަޑުން ހައްވާދިޔެ އަހައިލިއެވެ.

ހައްވާދިޔެގެ އެ ޖުމުލައަށް އާދަނާ އެއްޗެއް ނުބުނެއެވެ. އަޑު އިވުނެވެ. އެހެންނަމަވެސް އަޑު ނީވޭ ކަމަށް ހަދައިގެން އިނީއެވެ. މި ކަހަލަ ދުވަސްވަރެއްގައި، ގޮތް ނޭނގޭ ރަށްރަށަށް އެރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އަންޑަމަން އައިލެންޑްސް އިން ފެށިގެން ސިންގަޕޫރާއި ޖާވާކަރައަށް ދާންދެން އޮތީ، ޖަޕާނު ސިފައިންގެ އަޅުވެތިކަމުގެ ދަށުގައެވެ. ފަހަރުގައި މިއީ ވެސް އެ ފަދަ ރަށަކަށް ވެދާނެއެވެ.

އެކަމަކު މިހެން ކަނޑުމަތީގައި ރާޅުތަކުގެ ތެރޭގައި އަބަދު އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މި ކަނޑުތަކަކީ ވެސް ރައްކާތެރި ތަނެއް ނޫނެވެ. ޖަޕާނުގެ ސަބުމެރީންތައް ކޯމަސްތަކެއްހެން، މި ކަނޑުތަކުގައި ފުމެއަރަމުން އަންނަ ދުވަސްވަރެއްގައި، މި ކަހަލަ ކުޑަކުޑަ އޮޑިގަނޑެއްގައި ތިބި ބަޔަކަށް، މި ކަނޑުތަކުގައި އޮތީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟ އެބައިމީހުންގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފުނޑުފުނޑުވެ، ފެތިގެން ދިޔައީ، ހަމައެކަނި އިއްތިހާދީންގެ އުޅަނދުތަކެއް ނޫނެވެ. ދިވެހީންގެ އެތައް އުޅަނދަކާއި އެތައް ބަޔަކު ވެސް ވަނީ ޣަރަޤުކޮށްފައެވެ.

އާދަނާގެ ހަނދާނުގެ ވާފަށަށް ދަމައިލީ، އައްޑުއަތޮޅުގެ އެކުވެރިއަކު އެއްދުވަހަކު ކިޔައިދިން ހާދިސާއެކެވެ. އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ހާދިސާއެކެވެ. އައްޑުއަތޮޅު ބަނދަރުގައި އޮތް ތެޔޮ ބޯޓަކަށް، ޖަޕާނު ސިފައިން، ޓްރޮޕިޑޯއަކުން ދިން ނުރައްކާތެރި ހަމަލާގެ ބިރުވެރި ހާދިސާއެވެ. އެ ވާހަކަތައް ހިތަށް އެރުމާއެކު އޭނާގެ ގައިން ހީބިހި ނަގައިގަތެވެ.

"އާދަނާ!" ހުއްޓުން އަރާފައި އިން އާދަނާއާ ދިމާއަށް ބަލަން އިނދެފައި، ހައްވާދިޔެ ގޮވައިލިއެވެ. "މަ ބުނީ، މި ގޮތަށް ފެންނަ، ގޮތް ނޭނގޭ ރަށްރަށަށް އަރަންވާނެހޭ؟" އާދަނާ ބަލައިލުމުން ހައްވާދިޔެ، އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

"އެހައި ކަންބޮޑުނުވޭ! އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ!"

"ﷲގެ ރަޙުމަތްފުޅުން، ދެން މި އުޅެނީ އަހަރެމެން ސަލާމަތްވާން ދޯ!" ހިތަށް އުފާވެރިކަން ގެންނާން، ހައްވާދިޔެ މަސައްކަތްކުރިއެވެ.

ހުޅަނގުފަރާތު އުދަރެސް، ތަފާތު ކުލަކުން ފެވެމުން އާދެއެވެ. އިރު އޮއްސުމުގެ ވަގުތު ކުޑަތަންވަމުން އައި ވަރަކަށް، ޖައްވަށް ވެރިވަމުން އައީ އަނދިރިކަމެވެ. ކުރިމަތީން ފެންނާން އޮތް ރަށް ވެސް ކައިރިވަމުން އާދެއެވެ. އެއީ ވަރަށް އުސްކޮށް އުފެދިފައި އޮތް، ގަސްބޯ، ބިޔަ ރަށެކެވެ. ފެންނަ ފެނުމަށް ހީވަނީ، ފަރުބަދަމަތީ ރަށެއް ހެންނެވެ. އިރުއޮއްސުނު އިރު ވެސް، ރަށުތެރެއިން އެއްވެސް ކަހަލަ އަލިކަމެއް ނުފެނެއެވެ. އަނދިރިވަމުން އައިއައިހެން، އެ ބިޔަ ރަށް، ކަޅު ހިޔަންޏެއްގެ ސިފައަށް ބަދަލުވަމުން އާދެއެވެ. އެހެންނަމަވެސް އޮޑީގެ މިސްރާބު ބަދަލުކޮށްލާކަށް، އެއްވެސް މީހަކަށް ނުފެނުނެވެ. އެތައް ދުވަހަކަށްފަހު، ހިކިފަސްތަނެއް ފެނުމުން، އެނބުރި ދާންކަށް ހިތެއް ނޭދުނެވެ.

އިރު އޮއްސި ހަތެއް ޖަހައިފިއެވެ. ފައްސިޔަ ވައިގައި އޮޑި ދުވަމުން ދެއެވެ. ކުރިމަތީގައި، ރަށެއްގެ ސިފައިގައި އޮތް، ބޮޑުސިންގާ ކަޅު ހިޔަނި ކައިރިވަމުން އާދެއެވެ. އޭރު ރަށް ވަށައިގެން އުފެދިފައި އޮތް ފަރުމައްޗަށް މުގުރާ ރާޅުގެ އަޑު ސާފުކޮށް އިވެމުން ދެއެވެ. ކަޅު ކަނޑުގެ ތެރެއިން، އެ ރާޅުތަކުގެ ހުދު ފޮނު ފެންނާން ވެސް ފަށައިފިއެވެ.

ރަށުގެ ފަރުމައްޗަށް މުގުރާ ރާޅުތަކުގެ އޮއިވަރު އަޅާހިސާބާ ކައިރިވިއިރު ވެސް، ރަށުގެ ފަޅަށް ވެދެވޭނެ ނެރެއް، ކަނޑިންމައެއް ނުފެނެއެވެ. އެހެންކަމުން ވިއްސަކަށް ބަމައަށް ކައިރިވުމުން، އޮޑީގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. ފަރުކައިރިން ދެކުނަށެވެ. ފަރާ މާ ބޮޑަށް ކައިރިކޮށްފި ނަމަ، ރާޅާއެކު އޮޑި ގެންގޮސް ފަރުމައްޗަށް ޖަހައި ފުނޑުފުނޑު ކޮށްލަފާނެއެވެ.

އޮޑީގެ މިސްރާބު ބަދަލުކޮށްލިއިރު، ހައްވާދިޔެ ފިޔަވައި، އެންމެން ކަހަލަ ގޮތަކަށް ތިބީ އޮޑީގައި ކޮޅަށެވެ. ރަށުގެ ފަޅަށް ވަދެވޭނެ ދިމާއެއް ފެނޭތޯ އެކި ދިމަދިމާއަށް ބަލަބަލައެވެ. ދިހަވަރަކަށް މިނެޓު ދުއްވިފަހުން، ތަންކޮޅެއް ދުރުން ރާޅު ނުމުގުރާ ދިމާއެއް ފެނިއްޖެއެވެ.

"މަށަށް ހީވަނީ، އެއޮތް ފެންނަ ދިމާއިން ވަދެވޭނެހެން. އެ ދިމާއިން ހުދު ފޮނެއް ނުފެނޭ." ރެކިފުތާ އިޝާރާތްކުރިއެވެ.

"އާނ! އެ ދިމާއިން ވަދެވޭނެ! ކިހިނެއް ހަދަންވީ؟ ވަންނަންވީތަ؟" އެ ދިމާއަށް ބަލަހައްޓައިގެންހުރެ ކެޔޮޅު އަހުމަދުދީދީ އެހެން މީހުންގެ ލަފައަކަށް އަހައިލިއެވެ.

"ވަންނަން ފެންނަނީ."

އެންމެންނަށް ވެސް އެއްބަސް ވެވުނީ، ފަޅަށް ވަނުމަށެވެ. އެހެންކަމުން އޮޑި އެ ދިމާއަށް ގެންގޮސް، ފަސޭހަކަމާއެކު ނެރުން ވައްދައިފިއެވެ. އެއީ މާ ބޮޑު ފަޅެއް ނޫނެވެ. ފުދޭވަރަކަށް ތިލަ ވެސް ފަޅެކެވެ. އެހެންކަމުން އަހުމަދުދީދީގެ އެދުމަށް، އެޅެފުތާގެ މުހައްމަދުކަލޯ ރިތެއް ނަގައިގެން، ކަނބާން ފެށިއެވެ. އިސާހިތަކު އޮޑި ގެންގޮސް ގޮނޑުކޮށްފިއެވެ. އެއަށްފަހު، ބޭރަށް ލޮތާލައި، އައްދޮށު ވާ އަޅައި، ރަނގަޅަށް އޮޑި އަޅައިފިއެވެ.

އެއީ ފަސްގަނޑު އުސް، ބިޔަ ރަށެކެވެ. ރަށުތެރެއިން އަލިކަމުގެ ކަންފުޅެއް ނުފެންނަ ތާނގައި، އެއްވެސް ކަހަލަ އަޑެއްބަޑެއް ވެސް ނީވެއެވެ. މުޅި ރަށް ނިދާ މަރުވެފައި އޮތް ކަހަލައެވެ. އެކަކު ވެސް އެ ރަށަށް ފައިބާކަށް ބޭނުމެއް ނުވިއެވެ. އެންމެންނަށް އެއްބަސްވެވުނީ، މާދަމާގެ އިރުއަރާންދެން، އޮޑީގައި ތިބުމަށެވެ. އެހެންކަމުން އެންމެން އަވަސްވެގަތީ، މި ރޭގެ އަޅުކަން ﷲ އަށް އަދާކުރުމަށެވެ. ޖަމާޢަތުގައި މަޣުރިބާއި ޢިޝާކޮށްލުމަށެވެ. އެއަށްފަހު، ކައިގެން، ރަނގަށް ނިދާލުމަށެވެ.

މުލަކުން ފުރިފަހުން، ކަނޑުމަތީގައި ވިއްސަކަށް ދުވަސް ހޭދަވެއްޖެއެވެ. މި ދުވަސްތަކުގައި، އެ މީހުންނަށް ރަނގަޅަށް ކާއެއްޗެއް ނުކެވެއެވެ. ކެއުމާ ވެގެން ކެވުނު ނަމަ، މިހާރު އޮޑިން ކާތަކެތި ހުސްވެއްޖައީހެވެ. ކޮންމެ މީހަކު ވެސް ބަނޑަށް އެއްޗެއް ލަނީ، ހައިވެގެން ގޮސް، ހާންތިވާވަރު ވުމުންނެވެ. އެވަރުންވެސް އަރަށް އެއްޗެއް ފޮނުވައިލެވެނީ ހިތްވަރަށެވެ. ދިމާވި ހިތްދަތި ހާލަތުގެ ސަބަބުން، ކާހިތް ނުވަނީއެވެ. ނުކެވެނީއެވެ.

ކާތަކެތި މަދުވަމުން ދިޔަ ނަމަވެސް، ސަލާމަތް ވުމުގެ އުއްމީދު އައުވެފައި ވާތީ، މި ވީހައި ތަނަށް ނުކެވޭހައި ރަނގަޅަށް، ކޮންމެ މީހަކު ވެސް މިރޭ ކައިފިއެވެ. ކައި ނިމުމާއެކު، ވަރުބަލިކަމާއި ނިދީގެ އަސަރު، ހަށިގަނޑުގެ މައްޗަށް ބާރުހިންގާން ފަށައިފިއެވެ. ރަނގަޅަށް ލޮލުފިޔައެއް ޖަހައިނުލެވޭތާ އެތައް ދުވަހެއް ވެފައިވާތީ، ނިދީގެ ލަޝްކަރު އެ ބައިމީހުންގެ މައްޗަށް ވެރިވެގަތީ ނުހަނު އަވަހަށެވެ.

އެންމެން ނިދާން އޮށޯވެއްޖެއެވެ. އާދަނާއާއި ހައްވާދިޔެ ފިޔަވައި، އެހެން އެންމެން ތިބީ ކޮޅުފަސްކޮޅުގައެވެ. އެ ދެމަފިރީން ތިބީ، ދޯނީގެ ދިރުނބާކޮޅު ތައްޓު މަތީގައެވެ. އެ ގޮތަށް އެ ކަންކުރީ، އެއީ ޒުވާން ދެމަފިރިން ކަމަށްވާތީ، އެ ދެމަފިރިންނަށް މިނިވަންކަމާއެކު ނިދާލުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ރެއަކީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެއެކެވެ. މާހައުލުގައި ރަސްކަންކުރަނީ ކަޅުފޮއި މޫސުމުގެ ކަނު އަނދިރިކަމެވެ. ހެޔޮވަރު ވަރަކަށް ވައިރޯޅިވަމުން ދާ ރެއެކެވެ. އުޑުމަތީގައި ތަރިތައް ފިޔަޖަހަނީއެވެ. ނަށަނީއެވެ. އޮޑީގައި ތިބި މީހުންނަށް، މި ރޭ ލިބިފައިވާ އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ތަރިތައް ވެސް ބައިވެރިވަމުން އަންނަ ކަހަލައެވެ.

ދިރުނބާކޮޅު ތައްޓުމަތީގައި އުޑުތިލަމަތީން ކަހަލަ ގޮތަކަށް އޮށޯވެލައިގެން ތިބި އާދަނާއާއި ހައްވާދިޔެގެ ނަޒަރު ހުއްޓިފައި ވަނީ، ކަޅު ސާލެއްގައި ހަރުކޮށްފައި ހުރި ޖަވާހިރުތަކެއްހެން، ވިދަވިދާ ހުރި ތަރިތަކާ ދިމާއަށެވެ. ދެމަފިރީންގެ މެދުގައި ދެކެވެމުން ދަނީ، އުއްމީދުން ފުރިފައިވާ ވާހަކަތަކެކެވެ. މިއީ ކުރީން އާދަނާ ހީކުރި ފަދަ ރަށެއް ކަމަކަށް މިހާރަކު އޭނާގެ ހިތެއް ނުބުނެއެވެ. އެ ފަދަ ރަށެއް ނަމަ، މި ހެން ފަޅުކޮށެއް ނޯންނާނެއެވެ. އަޑެއް ބަޑެއް ނީވިއެއް ނުދާނެއެވެ. އިރާދަކުރެއްވިއްޔާ މާދަމާ މިރަށުން ރަނގަޅު ބަޔަކާ ބައްދަލުވާނެއެވެ. ދިމާވެފައިވާ ހާލަތު އެބައިމީހުންނަށް ކިޔައިދިނުމުން، ލަހެއްނުވެ، ރާއްޖެއަށް ދިޔުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މަންމައާއި ޢާއިލާގެ މީހުންނާ ބައްދަލުވާކަން ދެނެއް ގިނަ ދުވަސްތަކެއް ނުނަގާނެއެވެ.

މި ކަހަލަ އުފާވެރި ވާހަކަތަކެއްގައި ދެމަފިރީން ތިބިއިރު، އެ ދެ ހަށިގަނޑަށް އައީ ފިނީގެ ގަދަ ބާރު ހިންގަމުންނެވެ. ޖައްވުގައި ހިފާފައިވާ ފިނިކަމާއި ޖެހޭ މަޑުމަޑު ވައިރޯޅީގައި އެކުލެވިފައިވާ ފިނިކަމެވެ. ހިތަށް ލިބިފައިވާ ހިތްހަމަޖެހުމާއި ޖައްވަށް ވެރިވެފައިވާ ފިނިކަން އެކުވުމުން އެ ދެހަށިގަނޑުގެ ޒުވާން ނާރުތަކުގައި ތަފާތު މިޔުޒިކެއް ކުޅޭން ފަށައިފިއެވެ. އާދަޔާޚިލާފު އޮއިވަރެއް ހިނގާން ފަށައިފިއެވެ. އެއް ހަށިގަނޑުގެ ހޫނުކަމަށް އަނެއް ހަށިގަނޑު އެދޭން ފެށީ އިންތިހާއަށެވެ. އާދަނާ ތެދުވެ ފޮށީން މުންޑެއް ނަގައި ގައިމަތީގައި އަޅައިލިއެވެ. އުޑުމަތީގައި ހިނިތުންވެފައި ތިބި ތަރިތަކަށް ފިލާން، ދެމަފިރީން މަސައްކަތް ފެށިކަހަލައެވެ. ދޯނީގެ ދިޔަވަތާ ދިމާއިން ހުރަހަށް ފަތުރާފައިވާ ރިޔަލަށް ބަލައިލަމުން، ހައްވާދިޔެގެ ހަށިގަނޑު އާދަނާގެ ހަށިގަނޑުގައި ޖައްސައި ފިއްތާ ބާރުކޮށްލިއެވެ.

ކޮމެންޓް 0