ހައްވާދިޔެއަށް ހޭލެވުނީ ސިހިފައެވެ. އޭނާގެ މޫނުމަތީގައި ފިނިފިނި އެއްޗެއް ޖެހުނުހެން ހީވެގެންނެވެ. ދެ ލޯ ހުޅުވައިލުމާއެކު، ދިޔައީ ސިއްސައިގެންނެވެ. މޭ ތެޅިގަތެވެ. އޭނާއާ ދިމާއަށް ގުދުވެ، ދެ ލޯ ދެ ކާށިކިބަހެން ހަދައިގެން އޮތް ކަޅު ބަބުރެއް ކަހަލަ މީހަކު ފެނިފައެވެ. އޭނާގެ އަތުގައި ދިގު ލޮންސިއެއް ކަހަލަ އެއްޗެއް އޮތެވެ. މޫނުމަތީގައި ޖެހުނީ، އެ ލޮންސި ކަންނޭނގެއެވެ.

އެ މީހާ ތެދުވެ ހިންދެމިލުމާއެކު، ހައްވާދިޔެއަށް ފުންމައިގެން ތެދުވެވުނެވެ. އެއާއެކު އޭނާގެ ހިތުގެ ބިރުވެރިކަން އަދި ވަކީން ބޮޑުވެއްޖެއެވެ. އެ އޮޑީގައި އެ ކަހަލަ ހުސްގަޔާ ތިބި ހައެއްކަ ފިރިހެނުން ތިއްބެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ވެސް އެ ކަހަލަ ލޮންސިއެއް އޮތެވެ. ގަތް ބިރެއްގެ ބޮޑުކަމުން ހައްވާދިޔެއަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑަށް، އޮޑީގައި ނިދާފައި ތިބި އެންމެންނަށް ހޭލެވިއްޖެއެވެ. އާދަނާ ވެސް ފުންމައިގެން ތެދުވެއްޖެއެވެ. އޭރު ފަތިސްވެ ޖައްވު އަލިވަމުންދަނީއެވެ.

ފެނުނު ބިރުވެރި މަންޒަރުގެ ސަބަބުން، އެންމެންނަށް ވެސް ލިބުނީ ސިހުމެވެ. މޫނުމަތީން ފެނުނީ ބިރުވެރިކަމެވެ. ކަންބޮޑުވުމާއި ހާސްކަމެވެ. އެޅެފުތާގެ އަލިފުތާއާއި މުހައްމަދާއާ ދެ މީހުން، ފުންމައިގެން ތެދުވެ، އެބައިމީހުންނާ ދިމާކޮށްލައިފިއެވެ. އެހެންނަމަވެސް އެ މީހުންގެ ކުރިމަތީގައި، އެ ދެ ޒުވާނުންނަކަށް ހަމަ އެއްކަމެއް ވެސް ނުކުރެވުނެވެ. އަލިފުތާގެ މެޔަށް، މުހައްމަދާގެ ބުރަކައްޓަށް ލޮންސި ގަންނާވާލައިފިއެވެ. އަނެއްފަރާތުން ނިކުންނަ ވަރަށެވެ. ލޭތައް ދުނިޖެހިއެވެ. އޮޑީގެ އެކި ދިމަދިމާއަށެވެ. ޖަހާފައި ހުރި ލޮންސި ދަމައިގަތުމާއެކު، އެ ދެ މީހުން، ހޭވަތުގެ ތެރެއަށް ގުޅައަކަށް ޖެހިއްޖެއެވެ. އެ ދެ ހަށިގަނޑު އޮތީ ލެއިން ކަޅިވެފައެވެ. މަރަށް ތެޅިތެޅި އޮއްވާ، ފަހަރަކު މީހަކު ނަގައި މޫދަށް އެއްލާލައިފިއެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތެވެ.

މި އަނިޔާވެރި މަންޒަރު ފެނިފައި، އޮޑީގައި ދެން ތިބި މީހުން، ބިރުން އަވަދިވެއްޖެއެވެ. ކޮޅުކޮޅަށް ދުވާން ފަށައިފިއެވެ. ސަލާމަތްވެވޭތޯ އުޅޭން ފަށައިފިއެވެ. އެހެންނަމަވެސް މި ކަހަލަ ކުޑަކުޑަ އޮޑިއެއްގެ ތެރޭގައި، ސަލާމަތްވާން ކުރާނީ ވެސް ވަކިން ކީއްހެއްޔެވެ؟

އާދަނާ އިނީ، ހައްވާދިޔެއަށް ކަމެއްވިޔަ ނުދިނުމަށް ޓަކައި، އައްޑަނައަކަށް ވެގެން، އޭނާގެ ގާތުގައެވެ. އެތަނުގައި އެންމެ ބިޔަކޮށް، ވަރުހެސަކޮށް ހުރި މީހާ، ކުރިއަށް ޖެހިލައި، ހައްވާދިޔެއާ ދިމާއަށް، ވަހުޝީ ނަޒަރަކުން ބަލައިލިއެވެ. ބިރުވެރި ފާޑަކަށެވެ. އެ ބަލައިލުމުގައި ހުރީ އިންތިހާ ދަރަޖައިގެ ދަހިވެތިކަމެވެ. އާދަނާއަށް ހައްވާދިޔެގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އޭރު ހައްވާދިޔެގެ ހަށިގަނޑު ރޫރޫއަޅައެވެ. އެ މީހާގެ އެ ދަހިވެތި ނަޒަރުން ރެކުމަށް ޓަކައި، ހައްވާދިޔެ އިސްދަށަށް ޖެހިއެވެ. އޭނާ ކުރުގެޅެލި ގޮތުން ހީވީ، އެ މީހާގެ ކިބައިން ސަލާމަތްވުމަށް ޓަކައި، އާދަނާގެ ހަށިގަނޑުގެ ތެރެއަށް ވަންނާން އުޅުނުހެންނެވެ.

އާދަނާގެ މޭ ވެސް ބާރުބާރަށް ތެޅެމުން ދެއެވެ. އޭނާ އިނީ ކަޅި ޖަހައިނުލައި، އެ ބިރުވެރި މޫނަށް ބަލަހައްޓައިގެންނެވެ. އެ މީހާ އިރުކޮޅަކު ބަލާން ހުރެފައި، އެ ދެމަފިރީންނާ ދިމާއަށް ގުދުވިއެވެ. ހައްވާދިޔެގެ މޫނުމަތީގައި، އޭނާގެ މުޑުދާރު އިނގިލިތަކުގެ ނުފުށުން ފިރުމައިލިއެވެ. މި މަންޒަރު ބަލާކަށް، އާދަނާއަކަށް ފަސޭހައެއް ނުވިއެވެ. ހައްވާދިޔެގެ ގައިގައި އެއްވެސް މީހަކު، ފުން އިނގިލިކުރި ވެސް ޖައްސާލުމަކީ، އޭނާގެ ހިތަށް ކުޅަދާނަވާވަރުގެ ކަމެއް ނޫނެވެ. އޭނާގެ ހަށިގަނޑުގެ ނާރުތަކުގައި ދައުރުވަމުން ދިޔަ ލޭ، ކުއްލިއަކަށް ހޫނުވެއްޖެއެވެ.

އައި ރުޅިއެއްގެ ބޮޑުކަމުން، އާދަނާގެ ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. ގައިގައި ހުރި ބާރެއްލައިފައި، އެ އަތްމަތީގައި ޖަހައިފިއެވެ. އެ މީހާ އަތް ދަމައިގެންފިއެވެ. ވީ ތަދެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެއްޖެއެވެ. އައި ރުޅިއެއްގެ ގަދަފަދަކަމުން، ދެ ލޯ ރަތްވެ، މީހާ ތުރުތުރުއަޅައިގަތެވެ. އާދަނާއަށާއި ހައްވާދިޔެއަށް ތިބެވުނީ، ނޭވާ ހިފަހައްޓާލައިގެންނެވެ. ދެމަފިރީންގެ ނަޒަރު ހުއްޓިފައި ހުރީ، އެ މީހާގެ ބޮޑުވެފައިވާ ދެ ލޮލަށެވެ. ތުރުތުރުއަޅަމުން ދިޔަ ހަށިގަނޑަށެވެ.

ރަންކަނި ބުރަބުރާ ހުރި ދެ ލޮލުން، އާދަނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި، އެ މީހާގެ އަތުގައި އޮތް ލޮންސި ރަނގަޅަށް އަތަށް ހެޔޮވަރުކޮށްލައިފިއެވެ. މައްޗަށް ދަމާލުމަށްފަހު، ހަމަ އެ ސިކުނތުގައި، އާދަނާގެ ބުރަކައްޓަށް ގަންނަވާލައިފިއެވެ. ވީ ތަދާއެކު އާދަނާއަށް ހަލޭއްލަވައިގަނެވުނެވެ. ހައްވާދިޔެގެ ގައިން އާދަނާގެ ދެ އަތް ދޫވެއްޖެއެވެ. ލިބުނު ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުން، ހައްވާދިޔެއަށް ރޮއިގަނެވުނެވެ. ހޭލެވުނީ އެވަގުތުއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ދެ ލޯ ބޮޑުކޮށްފައި ވަށައިގެން ބަލައިލެވުނެވެ. މުޅި މާޙައުލުގައި ވަނީ މެންދަމުގެ ހަމަހިމޭން ކަމެވެ. އެންމެން ތިބީ ނިދާ މަރުވެފައެވެ. އާދަނާ ވެސް ވަރަށް އަރާމުކޮށް ނިދާލާފައި އޮތެވެ.

ހައްވާދިޔެގެ ހިތް ބާރަށް ތެޅެމުންދެއެވެ. އޭނާއަށް ބެލެނީ ކައިރީގައި އޮތް ބިޔަ ރަށާދިމާއަށެވެ. ބިރުވެރި ނަޒަރަކުންނެވެ. މިއީ ކޮންފަދަ ރަށެއް ބާވައެވެ؟ މި ރަށުން އަހަރެމެންނަށް ކުރިމަތިވާނީ ކޮންފަދަ ކަންތައްގަނޑެއް ބާވައެވެ؟ ރަށުގެ މަލަމަތި މިހާރު ވެސް އޭނާއަށް ފެންނަނީ، ބިރުވެރިކަމާއި އަނިޔާވެރިކަމުން ފުރިފައިވާ ފަދަ ގޮތަކަށެވެ.

އާދަނާއަށް ގޮވާން ކިތަންމެ ފަހަރަކު ހައްވާދިޔެ މަސައްކަތް ކޮށްފިއެވެ. އެހެންނަމަވެސް ނިދިފައި އޮތްލެއް އަރާމުކަމުން، އުނދަގޫކުރާކަށް ނުކެރުނެވެ. އެއް ފަހަރު އާދަނާއާ ދިމާއަށް، އަނެއް ފަހަރު ރަށާދިމާއަށް، އަނެއް ފަހަރު ވަށައިގެން އޮތް މާހައުލަށް ބަލާން އިރުގަނޑަކު އިނދެފައި، އެންމެފަހުން އޭނާ އޮށޯތީއެވެ. މާތްކަލާނގެއާ ވަކީލުކޮށްލައިގެން އޮވެ، ނިދޭތޯއެވެ. އެހެންނަމަވެސް ނިދޭގޮތެއް ނުވެއެވެ. ބިރުގަންނަނީއެވެ. ހިތް ނުތަނަވަސްވަނީއެވެ. ލޯ މަރާލާއިރަށް ވެސް ހީވަނީ، އެ މީހުން ފެންނަހެންނެވެ. އެންމެފަހުން ހައްވާދިޔެއަށް ރޮވޭންފަށައިފިއެވެ. އާދަނާއަށް ހޭލެވިދާނެތީ، ނުރޮއި އޮވެވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ.

ހައްވާދިޔެ ކިތަންމެ ހިތްވަރެއް ކުރިޔަސް، އޭނާގެ ގިސްލުމުގެ އަޑު، އާދަނާގެ ކަންފަތުގެ ހިނދުރީތެރެއިން ސިކުނޑިއާ ހަމައަށް ފޯރައިފިއެވެ. ނިންޖަށް ހުރަސް އަޅައިފިއެވެ. އާދަނާއަށް ހޭލެވިއްޖެއެވެ. ހައްވާދިޔެގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު، އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.

"ކިހިނެއްވީ؟" އާދަނާގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ. އޭނާ ހީކުރީ، ހައްވާދިޔެއަށް ކަމެއްވީ ކަމަކަށެވެ.

"ބިރުގަންނަނީ."

"ކޮންކަމަކާ؟"

ތަރިތައް ވިދާ ބަބުޅަމުން ދިޔަ އުޑުމައްޗަށް އާދަނާ ބަލައިލިއެވެ. މިއީ އަދި މެންދަމުގެ ވަގުތުކަން އެނގުނެވެ.

"ގޯސް ގޮތްގޮތަށް ނުވިސްނާ! އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއް ވެސް ދެން އަންނާނީ ރަނގަޅުވަމުން." އާދަނާ އޮށޯވެ ހައްވާދިޔެގެ ގައިގައި ގައިގައި ބައްދާލިއެވެ. ހައްވާދިޔެގެ ހަށިގަނޑު ރޫރޫ އަޅަމުންދާކަން އެވަގުތު އާދަނާއަށް އިހުސާސްކުރެވުނެވެ.

އެރޭގެ ބާކީ ވަގުތުތަކުގައި ހައްވާދިޔެއަށް، އެންމެ ލޮލުފިޔައެއް ވެސް ނުޖެހުނެވެ. ފަތިސްވުމުން އޭނާ އާދަނާއަށް ގޮވިއެވެ. އާދަނާ ތެދުވެ، ދޯނީގެ އެހެން މީހުންނަށް ގޮވައި، އެންމެން އެއް ޖަމާޢަތެއްގައި ފަތިސްނަމާދުގެ އަޅުކަން އަދާކުރިއެވެ. އޭރުވެސް ހައްވާދިޔެގެ ހިތް އޮތީ ބިރުވެރިކަމުން ފޯވެފައެވެ. ފެނުނު ބިރުވެރި، ނުރައްކާތެރި ހުވަފެނުގެ ހަނދާން ސިކުނޑިގައި ވިކަމުން ގެންދެއެވެ. އޭނާގެ ހިތް ބުނަނީ، އިރު އަރައި އަލިވުމާއެކު، ކޮންމެވެސް ކަންތައްގަނޑަކާ ލައިގަންނާނޭ ކަމަށެވެ.

އިރުއަރައި ޖައްވު އަލިވެއްޖެއެވެ. ކުރިމަތީގައި އޮތް ރަށް ރީތިކޮށް ފެންނާން އޮތެވެ. ބޮޑު ރަށެކެވެ. ބިޔަ ގަސްތަކުން ފުރި، ބަރާވެފައި އޮތް މާރަށެކެވެ. ޖެހެމުން ދިޔަ ވައިރޯޅިއާ ބައިވެރިވެގެން ތިބެ، ގަސްތައް ނަށަމުން ގެންދެއެވެ. ގަސްތަކަށް އަންނަ ކޮންމެ ހަރަކާތަކާއެކު، ހައްވާދިޔެއަށް ސިހުން ލިބެއެވެ. އޭނާއަށް އިނދެވެނީ، ދެ ލޯ ބޮޑުކޮށްގެން، އެ ރަށާދިމާއަށް ބަލާށެވެ. ގަސްތަކުގެ އެ ހެލިފެލިވުމަކީ، ކުރިއަށް އޮތް ވަގުތުތަކަށް ދޭ އިންޒާރެއް ކަމަށް ހިތް ބުނަމުން ގެންދެއެވެ.

"މިރަށުގެ އެއްވެސް ދިމާއަކުން ރުކެއް ނުފެނޭ ދޯ!" ރަށާ ދިމާއަށް އިރުކޮޅަކު ބަލަން އިނދެފައި، އާދަނާ މަޑުމަޑުން ބުނެލިއެވެ. އެހެން މީހުންނަށް އެކަން ފާހަގަކުރެވުނީ، އާދަނާ އެހެން ބުނުމުންނެވެ. އޭރު އެންމެން ތިބީ ހެނދުނުގެ ނާސްތާ ކުރުމުގައެވެ.

"ހޭޅިފަށުން ރުކެއް ނުފެނުނަސް، ރަށުތެރޭގައި ރުއް ހުރެދާނެ!" އަހުމަދުދީދީ ވެސް އިނީ ރަށާދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

ދަމަކަށް އިރު އަރައިފިއެވެ. އެހައިއިރު ވީ އިރުވެސް، އެ ރަށުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެންމެ ކުޑަމިނުން އުދުހިލާފައިދާ ދޫންޏެއްގެ ހިސާބު ވެސް ނުފެނެއެވެ.

"ރަށަށް ފައިބަމާ!" އެހެން މީހުންގެ ޚިޔާލެއް ބަލައިލަން އަހުމަދުދިދީ ބުނެލިއެވެ.

"މީ އެކިޔާ އަންޒަމާނުކަރަ ކަންނޭނގެ! މަށަކަށް ނުފެނޭ ފައިބާކަށް."

އަލިބެއްޔާ ބުނި އެއްޗަކުން، އެރަށަށް ފޭބުމުގެ ފިކުރު އެންމެން ދޫކޮށްލައިފިއެވެ. އެއީ ވެސް ވެދާނެ ގޮތެކެވެ. އެހެންކަމުން އެންމެންނަށް ވެސް ފެނުނީ، ވަގުތު ބޭކާރުނުކޮށް އެރަށުން ފުރާށެވެ. މީހުން ދިރިއުޅޭ ރަށެއް އަތުޖެހޭތޯ މަސައްކަތް ފަށާށެވެ.

ހައްވާދިޔެގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެރަށު ފަޅުން އޮޑި ނެރުމުންނެވެ. މިސްރާބު ޖެހީ އުތުރަށެވެ. ޖެހެމުންދިޔަ ނަލަ ވައިގައި، ހެޔޮވަރު ދުވެއްޔެއް އޮޑިއަށް ވަނީ ލިބިފައެވެ. އެކި މީހުން އެކި ތަނުގައި، އުއްމީދު ގެއްލިފައި ތިބި ކަހަލަ ގޮތަކަށް ތިއްބެވެ. އެކަކުގެ މޫނުމަތީން ވެސް ދިރުމެއް ނުފެނެއެވެ.

މިހާރު އެންމެ ބޮޑު ހިތާމައަކީ އޮޑިން ފެންފޮދު ހުސްވަމުން އަންނަކަމެވެ. މުލަކުން ފުރިއިރު، އޮޑިއަށް ތިން ރުނބާ ފެން އެރުވިއެވެ. އެހެންނަމަވެސް އެއިން ދެ ރުނބާ ފެން ވަނީ، ލޮނުއެޅި ބޭނުން ނުކުރެވޭވަރު ވެފައެވެ. އަނެއް ރުނބާ އެހެރަދަނީ ހުސްވަމުންނެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށެއް ފެނޭތޯ ކޮންމެހެން ވެސް ވަނީ މަސައްކަތް ފަށާންޖެހިފައެވެ. އެންމެ ކުޑަމިނުން ބޯފެންފޮދެއް ލިބޭތޯއެވެ.

މެންދުރުން އެނބުރިތަނާ ކަހަލަ ގޮތަކަށް، ވަރަށް ކައިރި ކައިރީގައި އޮތް ދެ ރަށް ފެނިއްޖެއެވެ. ވަގުތުން އެ ތަނުން ރަށަކާ ދިމާއަށް ދޯނީގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. މިއީ ކުރިން ފެނުނު ރަށަށް ވުރެވެސް ބޮޑު ދެ ރަށެވެ. ރަށް ފެންނަގޮތުން ބޮޑަށް ލަފާކުރެވެނީ، ބިޔަ ރަށެއްގެ މެދުން، ބޮޑު ކޯރެއް ދެމިފައި އޮތީކަމަށެވެ. ކޮންމެއަކަސް ފެންނަނީ ކައިރިކައިރީގައި އޮތް ވަރަށް ބޮޑު ދެ ރަށުގެ ސިފައިގައެވެ.

މަޑުމަޑު ދުވެލީގައި އެ ދެ ރަށާ ދިމާއަށް އޮޑި ދުވަމުންދެއެވެ. އޮޑީގައި ތިބި އެންމެންގެ ނަޒަރު ވެސް މިހާރު ހުއްޓިފައި ވަނީ، އެ ދެ ރަށާ ދިމާއަށެވެ. އެއިން ރަށަކުން އާދަޔާޚިލާފު އެއްވެސް ކަމެއް ފެނޭތޯ ބަލާން ތިބި ކަހަލައެވެ.

"އަޅެ މިހެން އުޅެނިކޮށް، ރާއްޖޭގެ ރަށެއް ފެންނާނޭނަމަ ކިހާރަނގަޅު ދޯ!" އެރަށާ ދިމާއަށް އިރުގަނޑަކު ބަލާން އިނދެފައި، ހައްވާދިޔެ މަޑުމަޑުން އާދަނާގާތު ބުނެލިއެވެ.

"އިރާދަކުރެއްވިއްޔާ އަދި ފެންނާނެ! ﷲ އަށް ދުޢާ ކުރޭ!" ހައްވާދިޔެގެ އުއްމީދު ގެއްލިފައިވާ މޫނަށް އާދަނާ ބަލައިލިއެވެ. ހިތުގައި ފުނިޖެހިފައިވާ ކެކުޅުންތައް އެއްފަރާތަށް ކަހައިލަމުން ހިނިތުންވެލިއެވެ.

އޮޑި މިޞްރާބުޖެހީ ދެރަށް ދޭތެރޭގައި ކޯރެއްހެން އޮތް ކަނޑުއޮޅިއާ ދިމާއަށެވެ. އެ ކަނޑުއޮޅިއަށް ވަދެވުމާއެކު، އެ ތަނުގައި ހުރި ދަމާ އޮއިވަރެއްގައި، އޮޑި ޖެހިއްޖެއެވެ. އެއާއެކު އޮޑި އެތެރެއަށް ދަމައިގެންފިއެވެ. އޮޑީގައި ތިބި އެންމެންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެންމެން ހާސްވެގެން ތެޅިފޮޅިގަތެވެ. އެ އޮއިވަރުން އޮޑި ސަލާމަތް ކުރެވޭތޯ، ވަގުތުން މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ކުރެވޭނެ މާބޮޑުކަމެއް ވެސް ނެތީއެވެ. މިދާ ގޮތަށް ދާނަމަ އޮޑި ގޮސް އަރާނީ، ކޮންފަދަ ތަނަކަށް ކަމެއްވެސް ނޭނގެއެވެ. ފަރަކަށް އަރައި ކުދިކުދި ވެސް ވެދާނެއެވެ.

ކޮމެންޓް 0