އާމިންދިޔަގެ ހިތަކަށް އެ ދުވަހަކު، އެ ރެއަކު ހަމަޖެހުމެއް ނުލިބެއެވެ. ފާޑަކަށް ހިތް ނުތަނަވަސް ވަނީއެވެ. ހިތް ބިރުގަންނަނީއެވެ. އުމުރުން ފަސް އަހަރުން ފެށިގެން ބައްޕައަކާ ނުލައި އޭނާ ހައްވާދިޔެ ގެންގުޅެ ބޮޑުކުރީ، އަތްގޮށީގައި އިންދައިގެން ހައްދަމުން ގެންދިޔަ ފިނިފެންމާ ކުރިއެއް ފަދައިންނެވެ. އަމިއްލަ ދެ ލޮލަށް ނުބަލާވަރަށް ބަލައިގެންނެވެ. ހިތުގައިޖެހޭ ފަދަ ކަމެއް، އަނިޔާއެއް ލިބިދާނެ ފަދަ ހާލަތެއް ކުރިމަތިވިޔަ ނުދީއެވެ. ވީއިރު، މި ކަހަލަ ދުވަސްވަރަކު، އޭނާއާ ވަކީން ހައްވާދިޔެ ކަނޑުމައްޗަށް އެރުން، އޭނާގެ ހިތަށް ކެތްވާވަރުގެ ކަމަކަށް ވާނޭ ހެއްޔެވެ؟

"ދަރިފުޅާ! ދަރިފުޅު ދިޔައިމަ މަންމަ ހާދަ އެކަނިވާނޭ! އެ ރަށުގައި މާ ގިނަ ދުވަހު މަޑު ނުކުރައްޗޭ!"

ހައްވާދިޔެ ފުރަން ދިޔުމަށް ޓަކައި، ގެއިން ނިކުންނަން ހިނގައިގަތުމުން، އާމިންދިޔަ އައިސް، ހައްވާދިޔެގެ ދެ އަތުގައި ހިފެހެއްޓިއެވެ. މަންމަގެ ދެ އަތް ފިނިވެފައިވާ މިންވަރު، އޭނާއަށް އިހުސާސްކުރެވުނެވެ. އެ ދެއަތުގައި ތުރުތުރެއް އެކުލެވިފައިވާކަން ވަޒަންކުރެވުނެވެ. ހައްވާދިޔެގެ މޫނަށް ބަލައިލުމާއެކު، އާމިންދިޔަގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް އޮހިގެންފިއެވެ. ރޮވިއްޖެއެވެ. އެއާއެކު ފެނުނީ ހައްވާދިޔެގެ ގައިގައި ބާރަށް ބައްދައިގަތްތަނެވެ. ހީވަނީ ލޯބިވާ ދަރިއަކު މުޅި އުމުރަށް ވަކިވެގެން ދާން އުޅޭތީ އުޅުނުހެންނެވެ.

މަންމައަށް އަސަރުކޮށްފައިވާ މިންވަރު ފެނުމާއެކު، ހައްވާދިޔެއަށް ވެސް ރޮވިއްޖެއެވެ. މަންމަ އޭނާދެކެ ލޯބިވާ މިންވަރާއި، އޭނާއަށް ދެރަގޮތެއް ވެދާނެތީ ކަންބޮޑުވާ މިންވަރު އިޙުސާސްކުރެވިފައެވެ. އޭނާއާ ނުލައި މަންމައަށް އުޅެން ދަތިވާނެވަރު ހިތަށް އަރާފައެވެ.

"މަންމަ ތިހާ ދެރަވަންޏާ އަހަރެން މި ދަތުރަކު ނުދާނަން!" މަންމަ ދޫކޮށްލާފައި ދާން ހައްވާދިޔެއަށް އުނދަގޫވެއްޖެއެވެ.

"ނޫނޭ ދަރިފުޅާ! ދަރިފުޅު އެހާ ދާހިތުން ރޭވި ދަތުރެއް ދޫކޮށްލާނެކަމެއް ނެތް!" އާމިންދިޔެގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. "އިރާދަކުރެއްވިއްޔާ މަންމަ ކެތްކުރާނަން! ދަރިފުޅުމެންނަށް ދެރަގޮތެއް ނުވުމަށް އެދި ދުޢާ ވެސް ކުރާނަން." އާމިންދިޔަ ދެ ލޯ ފޮހެލިއެވެ. "އާދަނާ! ވަރަށް ރަނގަޅަށް މި ދަރިފުޅު ބަލާތި އިނގޭ! އޭނަ އަދި ދުވަހަކުވެސް ކަނޑުމައްޗަކަށް ނާރާ. ފަހަރެއްގައި ކަނޑުމައްޗަށް ވަރަށް ބަލި ވެސް ވެދާނެ!" އާމިންދިޔަ ދެ ލޯ ފޮހެލުމާއެކު، އަނެއްކާވެސް ކަރުނަ އޮހިގެންފިއެވެ.

"އަހަރެންގެ އަމިއްލަ ނަފުސަށްވުރެ ވެސް ބޮޑަށް ހައްވާދިޔެއަށް ބަލާނަން! ޔަޤީންކުރޭ މަންމާ!"

އާމިންދިޔަ ކަރުނަ ފޮހެލަމުން ބޯ ޖަހައިލިއެވެ. އެއަށްފަހު، ހައްވާދިޔެގެ އަތުގައި ހިފައިގެން އަތިރިމައްޗަށް ދިޔުމަށް ޓަކައި ހިނގައިގަތެވެ. ހައްވާދިޔެ އަތުގައި އޮތް ބޮކުސާ އޭރު ހުރީ އާމިންދިޔަގެ ކިހިލީގައެވެ. އެ ދެ މައިންގެ ފަހަތުން އާދަނާ ވެސް ހިނގައިގަތެވެ. އޭނާގެ ބަނބުކެޔޮ ލަކުޑީގެ ފޮށި ކޮނޑުމަތީގައި ބަހައްޓާލައިގެންނެވެ.

ދުވަހަކީ ހިޖުރީ ސަނަތުން 1362 ވަނައަހަރު ޝަޢުބާން މަހުގެ 2 ވަނަ ދުވަހެވެ. މީލާދީން 1943 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 3 ވީ އަންގާރަ ދުވަހެވެ. ހެނދުނު ނުވައެއްޖަހައި އެހައިކަންހައި އިރު، ހައްވާދިޔަގެ ދެމައިންނާއި އާދަނާ އަތިރިމައްޗަށް ފޭބިއެވެ. ދުވަހަކީ، ހެޔޮވަރު ވަރަކަށް ވައިޖެހެމުން ދިޔަ އުޑުމަތި ސާފު ދުވަހެކެވެ. މުލަކަށް ދިޔުމަށް ހަމަޖެހިފައިވާ އޮޑި، މާތޮޑާ ފަޅުގައި ދަތުރަށް ވެފައި އޮތެވެ. އޭރު މުލަކަށް ދާ މީހުން ފޮށިވަށި ހިފައިގެން، އަތިރިމައްޗަށް ޖަމާވަމުން އާދެއެވެ.

ކެޔޮޅު އަހުމަދުދީދީ އައުމާއެކު އެންމެން އޮޑިއަށް އަރާން ފަށައިފިއެވެ. ހައްވާދިޔެ ވެސް މަންމައާ އެންމެ ފަހުގެ ސަލާންކޮށްލައި ބައްދާލުމަށްފަހު، އާދަނާގެ ފަހަތުން އޮޑިއާ ދިމާއަށް ހިނގައިގަތެވެ. އޭރު އާމިންދިޔަގެ ލޮލުން ކަރުނަ ހިލެމުން އާދެއެވެ. ވަރަށް ހިތްވަރުކޮށްގެން ހުއްޓާ ވެސް ރޮވޭގޮތް ވެއްޖެއެވެ. އެރެހައްޓާން އައިސް ތިބި މީހުންނަށް މި މަންޒަރު ނުދައްކާން، އޭނާ އެއްގަމަށް ހިނގައިގަތެވެ. ގޮސް މަޑުކޮށްލީ އެތަނުގައި ހުރި ރުކެއްގެ ދަށުގައެވެ.

އެންމެން އޮޑިއަށް އަރައި ނިމިއްޖެއެވެ. ހައްވާދިޔެއާއި އާދަނާގެ އިތުރުން، އެގާރަ މީހަކު އެ އޮޑީގައި ތިއްބެވެ. ފަސްދޮޅަސް ފަސް އަހަރުގެ އަލިބެއްޔާ ފިޔަވައި ހައްތާވެސް ތިބީ، އަށާރަ އަހަރާއި ތިރީސް ފަސް އަހަރާ ދެމެދުގެ ޒުވާނުންނެވެ. ހައްވާދިޔެ ފިޔަވައި އަންހެނަކު ނެތެވެ.

އޮޑީގެ އެއްގަމުވާ މޮހާލައިފިއެވެ. ވާ ދަމާ އޮޑިއަށް އަރުވަން، ދިރުނބާކޮޅުގައި އެކަކު ގުދަށް އޮތް އިރު، އަލިފުތާއާއި އެޅެފުތާގެ މުހައްމަދާ ހަންޖަލުގައި ހިފައިގެން، ހުންގާނުގައި ހުރި ކެޔޮޅު އަހުމަދުދީދީގެ އިޝާރާތަކަށް މަޑުކޮށްލައިގެން ތިއްބެވެ. ރިޔާ ނަގަން ތައްޔާރުވެގެންނެވެ. އޭރު ރިޔާ އޮތީ ނަގަން ތައްޔާރުކޮށް، ކަފިގަނޑުމަތީގައި ބާއްވާލައިފައެވެ.

"ވާ ނެގިއްޖެއްޔާ އޮޑި އަނބުރާލާ!"

އަހުމަދުދީދީގެ މި ޖުމުލައާއެކު، ރެކިފުތާ ރިތެއް ހިފައިގެން ކޮޅުފަސްކޮޅަށް ޖެހިލިއެވެ. އިސާހިތަކު ދިރުނބާކޮޅު ބޭރަށްވާ ގޮތަށް އޮޑި އަނބުރާލައިފިއެވެ. ހަންޖަލުގައި ތިބި ދެ މީހުން، އަހުމަދުދީދީގެ އިޝާރާތަށް ރިޔާނަގައި ކުނބުކުރީގައި ޖައްސައިފިއެވެ. ދަންމާނުގައި ހިފައިގެން ހުރި އާދަނާ އަވަސްއަވަހަށް ދަންމާނުބުޅީގައި ދަންމާނު އަޅުވާލުމަށްފަހު، އަހުމަދުދީދީ އަތަށް ވާގަނޑުގެ ކޮޅު ފޯރުކޮށްލައިފިއެވެ. ރިޔަލުގައި ވައި އަޅައިފިއެވެ. ދަންމާނަށް ދަމާ ވާންކޮށްލުމާއެކު ދޯނި ދުވެގެންފިއެވެ. މިސްރާބު ހުރީ ބޮޑުނެރާ ދިމާއަށެވެ.

މާތޮޑާގެ ބޮޑު ނެރުން ނިކުމެގެން، މުލަކަށް ހޭރިޔާކުރަމުން ދިޔަ އޮޑިއާ ދިމާއަށް ބަލަން، އަތިރިމަތީގައި ހުރި އާމިންދިޔަގެ ދެ ލޮލުން، ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުންދެއެވެ. އޭނާގެ ހިތް އޮތީ ނުތަނަވަސްކަމުގެ ފުން ކަނޑަކަށް ފެތިފައެވެ. އޭނާ ގެންދިޔައީ ހިތާހިތުން ދުޢާ ކުރަމުންނެވެ. ދަރިފުޅަށް ދެރަގޮތެއް ނުވުމަށް އެދިއެވެ. ވީ އެންމެ އަވަހަކަށް ސަލާމަތުން އައިސް އޭނާއާ ބައްދަލުވުމަށް އެދިއެވެ.

ދޯނީގެ މަޅުމަތީގައި، އާދަނާގެ ކޮނޑުގައި ބޯއަޅާލައިގެން އިން ހައްވާދިޔެ ވެސް އިނީ ރޮވިފައެވެ. އޭނާގެ ކަރުނައިން ފޯވެފައިވާ ދެ ލޯ ހުއްޓިފައިވަނީ، ގޮނޑުދޮށުގައި ހުއްޓުން އަރާފައި ހުރި މަންމައާ ދިމާއަށެވެ. ދޯނި ފައްސިޔަ ވައިގައި ދުވަމުން، ރަށާ ފެއަށް ޖެހެމުން ދިޔަ ވަރަކަށް، މަންމަގެ ސޫރަ ކުޑަވަމުން ފުސްވަމުން ދެއެވެ. އެންމެފަހުން އޭނާގެ ލޯ މަތީން މަންމަ ގެއްލިއްޖެއެވެ. ހައްވާދިޔެއަށް ލޯ މަރައިލެވުނެވެ. އެއާއެކު އެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް އޮހިގަތެވެ.

މޫސުން ރީތި އުޑުމަތި ސާފު ދުވަހެއްކަމުން، ނިޔާމަ ދަތުރަކަށްފަހު، އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، އެ މީހުންނަށް ފުވައްމުލަކަށް ދެވިއްޖެއެވެ. އެހެންނަމަވެސް އެ ރަށަށް ފޭބުން ފަސޭހަ ކަމަކަށް ނުވިއެވެ. ފުއްޓަރުން ނަގާ ބިޔަ ރާޅުތަކާ ހަނގުރާމަކުރާން ޖެހުމުންނެވެ. އަޅާފައި ހުރި ގަދަފަދަ އޮއިވަރާ ދެކޮޅަށް މަސައްކަތްކުރާން ޖެހުމުންނެވެ. ފުރާނަ ނަގައި އަތްމައްޗަށް ލައިގެން، ކުރެވުނު ގަދަ ހިތްވަރާއެކު، އެންމެންނަށް އެ ރަށަށް ފޭބިއްޖެއެވެ. އެކި ފަހަރުމަތީންނެވެ.

އެ ރަށަށް ފޭބުމަށްފަހު، ހައްވާދިޔެ ގޮވައިގެން އާދަނާ ދިޔައީ، އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ، މުހައްމައިދީގެ ގެއަށެވެ. ދަނޑިފަނުން ހަދާފައި ހުރި އެ ގެއަކީ، އާދައިގެ ކުޑަ ގެއެކެވެ. އެހެންނަމަވެސް އޭނާގެ ފެންވަރުން އާދަނާގެ ދެމަފިރިންނަށް ވަރަށް ހެޔޮކޮށްހިތައި ކަމޭ ހިތިއެވެ. ރަނގަޅަށް މެހެމާނުދާރީ އަދާކުރިއެވެ. ނިދޭނެގޮތާއި ފެންވެރޭނެ ގޮތް ހަމަޖައްސައިދިނެވެ.

ދޯނީގެ މީހުން ކޮންމެ ދުވަހަކު ވެސް، ދުވާލުގެ ވަގުތުތައް ހޭދަކުރަނީ، ފުވައްމުލަކުގެ ވަލުތެރޭގައެވެ. ރުއް ކަނޑައި، ބުރިކޮށް، ރުއްގުޅިތައް މަގަށް ނެރުމުގެ ބުރަ މަސައްކަތުގައެވެ. އާދަނާ ވެސް ބައެއް ދުވަސްދުވަހު އެމީހުންނާއެކު އެ މަސައްކަތުގައި ބައިވެރިވެލާން ދެއެވެ. ރޭގަނޑުގެ އިރާކޮޅުގެ ވަގުތުތައް ހޭދަކުރަނީ، ރައްޓެހީންނާ ބައްދަލުކޮށް، ދުފާ ދުންބޮއި ހެދުމުގައެވެ. ޢިޝާނަމާދަށްފަހު، ކައިގެން ނިދުމެވެ.

މިކަހަލަ ގޮތަކަށް ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް، ހަފުތާ ދެ ހަފުތާއަށް ވެއްޖެއެވެ. ދަތުރު މިހާ ދިގުލައިފާނޭކަމަކަށް، ހައްވާދިޔެ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ، އެންމެ ގިނަވެގެން ވެސް ހަފުތާއެއްގެ ތެރޭގައި އެނބުރި ރަށަށް ދެވޭނޭކަމަށެވެ. ދަތުރު މާ ބޮޑަށް ދިގުލާން ފެށުމުން، އޭނާގެ ހިތުގެ ނުތަނަވަސްކަން ވަރަށް ބޮޑުވެއްޖެއެވެ. މަންމަ އެކަނިވާނޭ މިންވަރާއި ކުރާނޭ ހިތާމަ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު، ލޮލުން ކަރުނަ ހިލެއެވެ.

ހައްވާދިޔެގެ ހިތަށް ދަތިކުރަމުން، މެޔަށް ތަދުކުރަމުން ގޮސް، ޝަޢުބާން މަސް ނިމިއްޖެއެވެ. ރަމަޟާން މަސް ފެށިއްޖެއެވެ. ހައްވާދިޔެއަށް މިކަން ވީ ކެތްކުރަން ދަތި ކަމަކަށެވެ. ރަމަޟާން މަހު މަންމަ އެކަނި އުޅެން ޖެހުމުން، ހާދަ އުނދަގޫވާނެއެވެ. ހާދަ އެކަނިވެރިވާނެއެވެ. ހާރު ކެއުމާއި ރޯދަ ވީއްލުން ފަދަ ކަންކަމުގައި ބައިވެރިވެލާނެ މީހަކު ނުހުންނާނެއެވެ. އޭނާ ނެތުމުގެ ހިތާމަ މަންމަ ވަރަށް ބޮޑަށް ކުރާނެއެވެ. އޭނާގެ މަތިން ހަނދާންކޮށްފައި ރޯނެއެވެ. މަންމަގެ ބަސް އަހައިގެން ރަށުގައި ހުރެވުނު ނަމައެވެ. މި ދަތުރުގައި ބައިވެރި ނުވެވުނު ނަމައެވެ.

"އަދިވެސް ވަރަށް ގިނަދުވަސްވާނެތަ؟" އެރޭ ހާރުކައިގެން ނިދާން އޮށޯވެފައި، އާދަނާގާތު ހައްވާދިޔެ އެހިއެވެ. ފިކުރުބޮޑުވެ ކަރުނަ ހިލިފައި އޮވެއެވެ.

"ދެން ދެ ދުވަހެއް ތިން ދުވަހެއްގެ ތެރޭގައި ފުރޭވަރުވާނެ. ކަންބޮޑުނުވޭ!" އާދަނާ އުޅުނީ ހައްވާދިޔެގެ ހިތަށް ލުޔެއް ހޯދައިދެވޭތޯއެވެ.

"މިހާދުވަސް ވީއިރުވެސް، ރަށުން ހަމަ އެންމެ އޮޑިއެއް ވެސް ނާންނަނީތަ؟"

"އާނ! ނާދޭ! ކޮންމެ ދުވަހަކު ވެސް ބަލަން އޮޑިއެއް އާދޭތޯ! މިހާރު މާ ގިނަ ދުވަސް ވެއްޖެވިއްޔަ ދޯ! ދެން އަވަހަށް ނިދާ! އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވާނެ!"

އާދަނާ އަބަދުވެސް ހުންނަނީ ހައްވާދިޔެއަށް ހިތްވަރު ދީދީއެވެ. މިހާދުވަހު އޭނާއަށް ކެތްކުރެވުނީ ވެސް އާދަނާގެ ހިތްވަރާއި އޯގާވެރި ބަސްތަކުގެ ސަބަބުންނެވެ.

"މަންމަ އުޅޭ ހާލެއް ނޭނގޭތީ އެންމެ ދެރަވަނީ. އިނީ ގަދަވެ ކަމެއް، އުޅެނީ ބަލިވެ ކަމެއް ވެސް ނޭނގޭ" ހައްވާދިޔެއަށް ރޮވިއްޖެއެވެ. އޭނާއަށް އެރޭ ނިދުނީ އެގޮތަށް ރޮއިރޮއި އޮއްވައެވެ. ނިދޭންދެން އާދަނާ އޮތީ، ހައްވާދިޔެގެ ގައިގައި ފިރުމައިލަ ފިރުމައިލައެވެ.

މިއަދަކީ ރަމަޟާންމަހުގެ ހަވަނަ ދުވަހެވެ. ހައްވާދިޔެގެ ދިގު އިންތިޒާރަށް ނިމުންއައި ދުވަހެވެ. އޭނާގެ މޫނުމަތިން މިއަދު ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. ރައްޓެހީންގެ ފަރާތުން ލިބިފައި ހުރި ހަދިޔާ ބަދިޔާ، އޮޑިއަށް އަރުވައިގެން، މާތޮޑާއަށް ދިޔުމަށް ޓަކައި، ހެނދުނު ހެނދުނާ ކަހަލަ ގޮތަކަށް މުލަކުން އޮޑި ފުރައިފިއެވެ.

އޮޑިއަށް އެރީއްސުރެ ހައްވާދިޔެ އިންތިޒާރުކުރަމުން އަންނަނީ، ރަށަށް ލެފޭނޭ އިރަކަށެވެ. އޭނާ އިނީ ވަގުތު ގުނާލަގުނާލައެވެ. މަންމަ ދެކޭހިތުން ކެތްމަދުވެފައެވެ. މަންމަގެ ގައިގައި ބައްދާލައި ވާހަކަ ދައްކާލަން އިންތިހާއަށް ބޭނުންވެފައެވެ.

ކޮމެންޓް 0