ދުވަހަކީ އުޑުމަތިސާފު ރީތި ދުވަހެކެވެ. މަތިން ފެންނާން އޮތް ސާފު ނޫއުޑުން ހާފުސްކޮޅަކަށް ވެސް ޖާގައެއް ނެތެވެ. މެދުރިޔަލުގައި ފަސޭހަކަމާއެކު ދުއްވާލެވޭ ވަރަށް ޖެހެމުން އައި ވައިރޯޅި ހުރީ ދިމާ ދެކުނުގައެވެ. ފުންމިން އެނގުމެއް ނުވާ ނޫކަނޑުގައި، ބޮޑެތި ރާޅުތަކަކަށް ފުރުޞަތެއް ނެތެވެ. ކަނޑު ހިތަކަށް ލިބިފައިވާތީ، އެއް އަރިއަކަށް ކަހަލަ ގޮތަކަށް އޮވެ، އޮޑި ދުވަމުން ދިޔައީ، ކުދިކުދި ރާޅުތަކާ ސަމާސާކުރަމުންނެވެ. ދަތުރުގެ ބައިވެރީންނަށް ހިތްފަސޭހަ ދަތުރެއް ހަދިޔާ ކޮށްދިނުމުގެ ނިޔަތުގައެވެ.

ގުދުރަތުގެ ހިތްގައިމު މަންޒަރުތަކަށް ގެއްލިފައި އިން ހައްވާދިޔެގެ ގައިގައި، ޖެހި ފިތިގެން ކަހަލަގޮތަކަށް، އޭނާގެ ލޯބިވާ ފިރިމީހާ އާދަނާ އިނެވެ. އަލިފުތާއާއި އެޅެފުތާގެ މުހައްމަދާއާ ދެޒުވާނުން ކޮޅުފަސްކޮޅުގައި ނަނު ދޫކޮށްގެން، ރާގޮނޑިއެއް ނަމަވެސް، ޖެހޭނޭ ވަގުތެއްގެ އިންތިޒާރުގައި ތިއްބެވެ. މުޅިއެކު 13 މީހުން ތިބި މި ދޯނީގައި، ގިނަ މީހުން ތިބީ، އެކި ތަންތަނުގައި ޖައްސާލައިގެންނެވެ. ރަމަޟާން މަސް ކަމަށްވާތީ، ކެއުމެއް، ބުއިމެއް، ދުފުމެއް، ބިޑިބުއިމެއް ވެސް ނެތެވެ.

"އޮށޯވެލާންވީނު. ތިހެން އިންނާން ހަދައިގެން ބުރަކަށީގައި ރިއްސާން ފަށައިފާނެ" ހައްވާދިޔެގެ ބުރަކަށީގައި، އާދަނާ އަތްޖައްސާލިއެވެ.

"ރަށަށް ދެވުނީމަ އޮށޯންނާނީ. ދެން މާ ގިނައިރެއް ނުވާނެއެއްނު." ހައްވާދިޔެ ބޯއަޅައިލީ، އާދަނާގެ ކޮނޑުގައެވެ. އާދަނާ އިނީ ހައްވާދިޔެގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލައެވެ. ދެމަފިރީންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ފުވައްމުލަކުގައި ހޭދަކުރެވުނު ދުވަސްތަކުގެ ވާހަކަތަކެވެ. ރަށުގެ ވާހަކަތަކެވެ. އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި އެކިއެކި ވާހަކަތަކެވެ.

ފައްސިޔަ ވައިގައި ދޯނި ދުވަމުންދެއެވެ. މުލަކާ ދުރަށެވެ. އަތޮޅާ ކައިރިއަށެވެ. މުލަކުގެ ގަސްކަރަ މަޑުމަޑުން ފުސްވަމުން، ކަނިކަނިލަމުން ގޮސް އޮބައިފިއެވެ. ހުވަދުއަތޮޅު ފެންނާކަށް ދެނެއް ގިނައިރެއް ނުނަގާނެއެވެ. މި ވާހަކަ ހައްވާދިޔެގާތު އާދަނާ ބުނީ، ހައްވާދިޔެގެ ހިތަށް އިތުރު އުފާވެރިކަމެއް ގެނެސްދޭށެވެ. ކަންވީވެސް އެހެންނެވެ. އާދަނާ އެހެން ބުނުމާއެކު، ހައްވާދިޔެގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. މިހާރަކަށް އައިސް މަދު ފަހަރަކު ނޫނީ ނުފެންނަ ހިނިތުންވުމުން، ހައްވާދިޔެގެ ދޮން މޫނު އިތުރަށް އަލިވެގެންދިޔައެވެ.

ގަޑިން ދިހައެއް ޖެހިތާ މާގިނައިރެއް ނުވެއެވެ. ދުނިޔެމައްޗަށް ވެރިވެފައި އޮތް އަމާން އޮމާންކަމަށް ބަދަލެއް އަންނާން އުޅޭކަމުގެ ނިޝާންތައް، އުޑުމަތީން ފެންނާން ފަށައިފިއެވެ. ގަދަ ވިއްސާރައެއް ބޯމަތިވާން އުޅޭކަމުގެ ކުލަވަރު ހުޅަނގުފަރާތު އުދަރެހުން ދައްކާލައިފިއެވެ. މާލިމީއަކަށް ހުރި އަހުމަދުދީދީއަށް، މި މަންޒަރު ފެނުމުން، ފުރަތަމަ މާ ބޮޑުކަމަކަށް ނުހެދިއެވެ. އޮއިކަޅުކަމަށް ނިންމީކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް މަންޒަރު ފެންނަމުން ދިޔައީ، އެހެނެއްނޫނެވެ. ގިނައިރުތަކެއް ނުވެ، އުދަރެހުގެ ކުލަވަރު އެކީއެކަށް ބަދަލުވާން ފަށައިފިއެވެ.

"ވިއްސާރަވިލާ ދޯ އެހެރަ ނަގަނީ؟" ހައްވާދިޔެ އުދަރެހަށް ބަލައިލިއެވެ.

ހައްވާދިޔެ ކަންބޮޑުވެދާނެތީ، އާދަނާ އެއަކަށް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެ ނަގާ ވިލައިން ވާރޭގެ އަސަރު ނުކޮށް ނުދާނޭކަމަށް އާދަނާގެ ހިތް ބުނާން ފަށައިފިއެވެ.

"ވަރަށް ގަދަ ކޮޅިގަނޑެއް ކަންނޭނގެ އަންނާން މިއުޅެނީ. ތިޔަހެން ތިބެގެން ކަމަކުނުދާނެ!" ހުންގާނުގައި ހުރެފައި އަހުމަދުދީދީ ގޮވައިލިއެވެ. އެކި ދިމަދިމާގައި އޮށޯވެ ތިބި މީހުން، އެ އަޑަށް ތެދުވެއްޖެއެވެ. ކޮންމެ މީހަކަށް ވެސް އުދަރެހާ ދިމާއަށް ބަލައިލެވެނީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ.

"އަވަހަށް މުލަކާދިމާއަށް އަނބުރައިލަންވީނު." އަހުމަދުދީދީއާ ދިމާއަށް ބަލައިލަމުން ރެކިފުތާ ބުންޏެވެ.

"ކިހިނެއް އަނބުރައިލާނީ؟ އަދިވެސް ވައި އެހުރީ ދެކުނުގަ."

ހެދޭނެ އެއްވެސްގޮތެއް ނެތެވެ. އަނބުރައިލެވޭކަށް ނެތެވެ. ކުރިމަތީން އަންނަ ބިރުވެރި ކޮޅިގަނޑުގެ ތެރެއަށް ވަނުން ފިޔަވައި، ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ.

ވިސްނާކަށް، މަޝްވަރާކުރާކަށް ވަގުތެއް ނުލިބުނެވެ. ކޮޅިގަނޑުގެ ވައި، ބޫންއަޑާއެކު އައިސް ދޯންޏާ ދިމާކޮށްލައިފިއެވެ. އަހުމަދުދީދީ އަވަސްވެގަތީ ދޯނި ދީލައިލުމަށެވެ. ވައި ހުރިގޮތުން އެންމެ ރައްކާތެރިވާނޭކަމަށް ފެންނަ ދިމާއަށެވެ. އަރާމުރިނގަށެވެ.

ކޮޅިގަނޑުގެ ގަދަފަދަ ވަޔާއެކު، ކަނޑުގެ ލޮނުގަނޑު ކައްކާލައިފިއެވެ. ރާޅުތައް ބިޔަވެ، އުފުލިއްޖެއެވެ. ރާޅުތަކުގެ ތެރޭގައި، އެ ގޮތް މި ގޮތަށް ހަލުވައިގަތްވަގުތު، ހީވީ ދޯނި ކުދިކުދި ކޮށްލަފާނޭހެންނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ރޮއިގެންފިއެވެ. ދަންނަހާ ހެޔޮއެއްޗެއް ކިޔާން ފެށިއެވެ. ނަދުރު ގޮވާން ފެށިއެވެ. އެއްބަޔަކު އަވަސްވެގަތީ، ރިޔާ ތިރިކުރެވޭތޯއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުނުވެގެން އުޅެނިކޮށް، ރިޔާ ކުދިކުދި ވެއްޖެއެވެ. ގިނައިރެއްނުވެ، ވާރޭ އޮއްސާލައިފިއެވެ. ގަދަވަޔާއެކު ވާރޭގެ ފުށްބޮޑެތި ތިކިތައް އައިސް، ގައިގައި ތެޅޭން ފަށައިފިއެވެ. އޮށްގާތަކެއް ފަދައިންނެވެ. ޖެހޭ ކޮންމެ ތިއްކަކާއެކު، ގައިން ފިތް ނަގައިގަނެއެވެ.

ކުއްލިއަކަށް ވިދާލި ތޫނު ވިދުވަރަކުން، މުޅި ސަރަޙައްދު ނޫރުން ފެންވަރުވައިލި ކަހަލައެވެ. މުޅި ހަށިގަނޑަށް ހޫނު އަރައިގެން ދިޔައެވެ. ގިނަ އިރުތަކެއްނުވެ، އެހެރަ އިވުނު އަޑުފަށްގަނޑެކެވެ. ދިމާ ބޯމަތިން ބަޑިތަޅައިގަތް ވަގުތު، ކަންފަތްތައް ބައްވި ކަހަލައެވެ. އެންމެން ބިރުން ހޭ ކެނޑޭވަރު ވެއްޖެއެވެ. ތެމި ފޯވެފައި އިން ހައްވާދިޔެ އިނީ، އާދަނާގެ ގައިގައި އޮޅުލައިގަތްގޮތަށް، ދޫކޮށްލާން ނުކެރިފައެވެ. އޭނާގެ މުޅި ހަށިގަނޑު ރޫރޫއަޅައެވެ. އާދަނާ ވެސް އިނީ ބިރުން ކުރާނެ ކަމެއް ނެތިފައެވެ. ހައްވާދިޔެގެ ގައިގައި ބާރަށް ބައްދައިގެން، މި ތޫފާނުން އަވަހަށް ސަލާމަތްކޮށްދެއްވާތޯ ދުޢާ ކޮށްލަކޮށްލައެވެ.

ކަނޑުގައި އުފެދިފައިވާ ގަދަފަދަ އޮއިވަރާއި، ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ބާނިތަކުގެ ތެރޭގައި، ދޯނި ހަލުވަމުން ތަޅުވަމުން ގެންދާއިރު ހީވަނީ، ދެންމެދެންމެ ބަންޑުންޖަހައިލަފާނޭ ހެންނެވެ. ފުނޑުފުނޑުވެ، ކުދިކުދި ވެދާނޭ ހެންނެވެ. ކޮނޑުގައި ހުރި އަތް ނުފެންނަހައި ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި، ފުރާނަ ނަގައި އަތް މައްޗަށް ލައިގެން، އެންމެން ދުޢާކޮށްލަކޮށްލައި ތިބިއިރު، ހިކިފަސްތަނެއް އަތުޖެހިދާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ކަހަލައެވެ.

"އާދަނާ! ދެން އަހަންނަށް މަންމަ ވެސް ނުފެންނާނެ ދޯ!" އާދަނާގެ ގައިގައި ބާރަށް ބައްދައިގެން، ރޮވިފައި އިން ހައްވާދިޔެއަށް އަހައިލެވުނެވެ. އުއްމީދު ކެނޑިފައި އިނދެއެވެ.

"ތިކަހަލަ އެއްޗެހި ނުކިޔާ! އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ! މަންމައާ ވެސް ބައްދަލުވާނެ! ދެން މާ ގިނައިރެއްނުވެ، ވިއްސާރަ އަލިވެދާނެ!"

އާދަނާގެ އެ ވާހަކަތަކުން، ހައްވާދިޔެއަށް މި ފަހަރު ހިތްވަރެއް ނުލިބުނެވެ. ހިތަށް ކުޑަކުޑަ ފިނިކަމެއް ވިޔަސް ނުލިބުނެވެ. ވިއްސާރައިގެ ބިރުވެރިކަމާއި ނާމާންކަން އެއަށްވުރެ މާ ބޮޑެވެ. ވިދާ ވިދުވަރުގެ ތޫނުކަމާއި ޖަހާ ގުގުރީގެ ބާރުކަމާއި ވެހޭ ވާރޭގެ ބޯކަމާއި ނަގާރާޅުތަކުގެ ބިޔަކަން، ހައްވާދިޔެއާއި ދެން ތިބި މީހުންގެ ހިތްތައް ތަޅުވަމުން، ފިތްތައް ކަނޑުވަމުން ގެންދަނީ، ދިރި ދުނިޔޭގައި މާ ގިނަ އިރު ތިބެވިދާނޭ ކަމުގެ އުއްމީދެއް ކުރެވޭ ފަދަ ގޮތަކަށް ނޫނެވެ.

އެދުވަހުގެ ބާކީ ވަގުތުތަކާއި އެރޭގެ ހަތަރު ދަން ކަހަލަ ގޮތަކަށް ދިޔައީ، އެ ފަދަ ގޮތަކަށެވެ. ގަދަ ވިއްސާރައިގެ ބިރުވެރިކަމާއި ސުންޕާކަމުގެ ތެރޭގައެވެ. ދަތުރުގެ ބައިވެރީންނާއެކު ކަނޑަށް އޮޑި ޣަރަޤުނުވީ، އޮޑީގައި ތިބި ފަންވަރު ގަދަ ޒުވާން ކުދީންކޮޅު ކުރި ބުރަ މަސައްކަތުންނެވެ. ދިޔަވަތުގައި ތިބެ، މެދު ނުކެނޑި ކުރި ގަދަފަދަ ހިތްވަރުގެ ސަބަބުންނެވެ. އެހެންނޫން ނަމަ އިރު އެރި އިރު، އެ އޮޑީގެ ވަސްވެސް ކަނޑުމަތީން ނުފެންނާނެއެވެ.

އަނެއް ދުވަހަށް އިރު އެރި އިރު، ވިއްސާރަ މައިތިރި ވެލައިފިއެވެ. ދަތުރު ކޮށްލެވޭވަރު ވެއްޖެއެވެ. އޭރު އޮޑި އޮތީ، ރާއްޖޭގެ އިރުމަތީ ފަރާތުން، ރާއްޖޭގެ ސަރަޙައްދާ ގާތްގަނޑަކަށް ސަތޭކަ ވަރަކަށް މޭލު ބޭރުގައެވެ. އެހެންކަމުން ދޯނީގައި ތިބި މީހުންގެ ތެރެއިން، މަސައްކަތްކުރެވޭ ފަދަ ހާލަތެއްގައި ހުރި ކޮންމެ މީހަކު ވެސް، ގަދަ ހިތްވަރާއެކު މަސައްކަތްފެށީ، ރާއްޖެއާ ދިމާއަށް ދޯނި މިސްރާބު ކުރެވޭތޯއެވެ. ރާއްޖޭގެ ރަށެއް އަތުޖެހޭތޯއެވެ.

"ހިނގާ އަވަހަށް ރިޔާ ފެހޭތޯ އުޅެމާ!" އަހުމަދުދީދީގެ މި ޖުމުލައާއެކު، އެންމެން އަވަސްވެގަތީ، ރިޔާ ފެހުމުގެ މަސައްކަތައިގެންނެވެ. އެންމެ ހަރަކާތްތެރިކޮށް އުޅެގަތީ އާދަނާއެވެ. ވިއްސާރައިގެ ގަދަފަދަ ކޮޅިގަނޑަށް ލުއިކަމެއް ލިބިފައިވާތީ، އެންމެންގެ ހިތަށްވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް މަންމަގެ ހަނދާންތަކާއި ޖެހިފައިވާ ގިލަންވެރިކަން ހިތަށް އަރާފައި، ހައްވާދިޔެގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އާދަނާގެ ހިތްވަރުގެ ބަސްތަކުންނާއި އޯގާވެރި ފިރުމުންތަކުން ކޮންމެވެސް ވަރެއްގެ ލުޔެއް ނުލިބޭ ވާހަކައެއް ނޫނެވެ.

ހެދެން އޮތް ވަރަކަށް ރިޔާ ހަދާލައިގެން، ދަތުރަށް ފަށައިފިއެވެ. އެހެންނަމަވެސް އެކަށީގެންވާ ވަރާ ގާތަށްވެސް ދޯންޏެއް ނުދުވެއެވެ. މެންދުރު ވެއްޖެއެވެ. މެންދުރުން އަނބުރައި، އަސުރުން އިރު ތިރިވެއްޖެއެވެ. ހީއަކަށް ވެސް ރަށެއްގެ މަލަމަތި ފެނިނުލައެވެ. ދުއްވާ އެއްޗެއްގެ ހިލަމެއް ވެސް ނުވެއެވެ. އިރު އޮއްސެމުން ދިޔަވަރަކަށް އެންމެންގެ މޫނުމަތިން ފެންނަ ނުތަނަވަސްކަމާއި ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ.

މިއަދު ވެސް އެންމެން ތިބީ ރޯދައަށެވެ. އެހެންނަމަވެސް، ވާ ހޫނާއި ވަރުބަލިކަމާހުރެ، ކެތްނުވާވަރު ވުމުން، ފަހަރަކު މީހަކު ރޯދަ ދޫކުރަމުން ގޮސް، އެންމެވެސް ރޯދަ ދޫކޮށްލީއެވެ. މުލަކު ރައްޓެހިންގެ ފަރާތުން ލިބުނު އެކި ބާވަތް ބާވަތުގެ މޭވާއާއި ހަދިޔާތައް ދޯނީގައި ހުރުމުން، ކައިއެއްޗިއްސަކަށް ދަތިކަމެއް ނެތެވެ.

އެރެއާއި އަނެއްދުވަސް ވެސް ދިޔައީ މިފަދަ ގޮތަކަށެވެ. އުއްމީދުގެ ކުޑަވެސް އަލިކަމެއް ނުލިބިއެވެ. އެހެންނަމަވެސް ކޮންމެ މީހަކު ވެސް އައީ އުއްމީދު އައު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ﷲ އަށް ކުރާ ހެޔޮ ދުޢާ އިތުރު ކުރަމުންނެވެ.

ކަނޑުމަތީގައި ދެވޭ ނުދެވޭތަނެއް ނޭނގި، މިފަދަ ހާލެއްގައި އުޅޭތާ ތިން ވަނައަށްވީ ދުވަހެވެ. އަނެއްކާވެސް ހުޅަނގުފަރާތު އުދަރެސް ބަނަވާން ފަށައިފިއެވެ. އިސާހިތަކު ހަތަރު އުދަރެސް ބައްދާލައިފިއެވެ. ކުރީ ފަހަރަށްވުރެ މި ފަހަރުގެ ވިއްސާރަ މާ ވަރުގަދައެވެ. ނަގޫރޯޅިތައް އެކި ދިމަދިމާއިން ފެންނާންފެށިއެވެ. އޭގެ ބާރުގައި މުޅި ކަނޑު ވަނީ ކައްކާލައިފައެވެ. ކޮޅިގަނޑު ހުރީ ސީދާ އޮޑިއާ ދިމާއަށެވެ.

މި މަންޒަރު ފެނުމާއެކު، އެންމެންގެ މޫނުމަތީން ވެސް ފެނިގެން ދިޔައީ، ބިރުވެރިކަމާއި ހާސްކަމުގެ އަލާމާތްތަކެވެ. އޮޑީގައި ތިބި އެންމެން ކަހަލަ ގޮތަކަށް، އަވަސް އަވަހަށް މަސައްކަތްފެށީ، އޮޑިއަށް އަރުވާފައި ހުރި ރުއްގުޅިތައް، ކޮޅިގަނޑުގެ ބިރުވެރިކަން ފޯރުމުގެ ކުރިން، އޮޑިން ބޭރުކޮށްލެވޭތޯއެވެ. ފަހަރަކު ގުޅިއަކުން ގުޅިއަކުން ހުރިހައި ރުއްގުޅިތައް ކަނޑަށް ބޭރުކޮށްލައިފިއެވެ. މިއޮތް ހުރިހައި ދުވަހު ކުރި ބުރަ މަސައްކަތްތައް، ހަމަ އެ އަތްތަކުން ކަނޑުގެ އޮއިވަރާ ހަވާލުކޮށް ބޭކާރުކޮށްލީއެވެ. އެއަށްފަހު އަވަސް އަވަހަށް ރިޔާދޫކޮށް، އޮޔަށް ވަޔަށް އޮޑި ދޫކޮށްލައިފިއެވެ. އެހެން އެއްވެސް ގޮތެއް ނެތެވެ.

ކޮމެންޓް 0