ކޮޅިގަނޑުގެ ބާރު ވައި، ބޫން އަޑާއެކު އައިސް ލައިގެންފިއެވެ. މާތްކަލާކޯއެވެ! ކެކިކެކި އޮތް ކަޅު ކަނޑުގެ ތެރޭގައި، އެގޮތް މިގޮތަށް އޮޑި ތަޅުވައިގަތް އިރު ހީވީ، ކުޑަކުޑަ ބޮނބިއަރިއެއް، ރާޅުތަކުގެ ތެރޭގައި އެނބުރެމުންދާ ހެންނެވެ. "ﷲ އަކުބަރު"ގެ އަޑުންނާއި ބަންގީގެ މަތިވެރި ކަލިމަތަކުގެ އަޑުން، އޮޑީގައި އަޑު ބައްދާލައިފިއެވެ. ނަދުރު ގޮވާން ފަށައިފިއެވެ. ދުޢާކުރާން ފަށައިފިއެވެ. ރޮމުން ހޭރެމުންނެވެ.

ކޮޅިގަނޑުގެ ބާރު ވައި އައިސް، ދޯޏަށް ދޭންފެށި ގަދަފަދަ ހަމަލާތައް، ވާރޭގެ ބޮޑެތި ތިކިތަކާއެކު، އިހުނަށްވުރެ ވަރުގަދަ ކޮށްފިއެވެ. އިސާހިތަކު އޮޑީތެރޭގައި ދިޔަގަނޑު ހައްދާލައިފިއެވެ. ދިޔަވަތަށް ދެ މީހުން ފައިބާ ތިބެ، ހުއްޓާނުލައި ހިއްކަމުން ދިޔައިރު ވެސް، އަޑިވާގޮތެއް ނުވެއެވެ.

ކަނޑުމަތީގައި ރާޅުތައް އުފުލިފައި ހުރީ، ބޮޑެތި ފަރުބަދަތަކެއް ފަދައިންނެވެ. އެއިން ކޮންމެ ރާޅެއް ވެސް ހޮޅިލަމުން، ދުން ބުރުވަމުން، އޮޑިއާ ދިމާއަށް އަންނަނީ، ރުޅިއައިސް ފުފިފައި ތިބެއެވެ. ގަދަފަދަ ހަމަލާތަކާއެކު އޮޑި ކަނޑަށް ޣަރަޤުކޮށްލަން އަންނަ ފަދަ ގޮތަކަށެވެ. އެއިން ކޮންމެ ރާޅެއްގެ މައްޗަށް އެރުމަށްފަހުގައި ވެސް، އޮޑި ތިރިއަށް ފައިބައިގެން ދަނީ، ދެ ވަނަ ފަހަރަށް މައްޗަށް އެރޭނޭކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިއެވެ. އެހެންނަމަވެސް ހިތްވަރާއެކު އަނެއް ރާޅާ ކުރިމަތިލައެވެ. މި ފަދަ ހާލެއްގައި ދޯނި އުޅޭއިރު، އޭގައި ތިބޭ މީހުންގެ ހާލަތަކީ ކޮބައި ބާވައެވެ؟ އޮޑިގެ އެއް ތަނެއްގައި ހަރުލައި އިންނަ މީހަކު ނެތެވެ ކެކިކެކި އޮތް ކަނޑަށް ވިއްސައިގެން ހިނގައިދާނޭހެން ހީވާ ކިތަންމެ ދަނޑިވަޅެއް އާދެއެވެ.

ކުއްލިއަކަށް ނެގި ރާޅަކާއެކު، އޮޑި އުފުލާލައިފިއެވެ. އާދަނާގެ ގައިގައި ދެ އަތުން، ބާރަށް ބައްދައިގެން އިން ހައްވާދިޔެ، ތެމިފައިވާ މަޅުމަތީން ސޮއްލައިފިއެވެ. އާދަނާއާ އެކުގައެވެ. ރޮއިރޮއި އިން ހައްވާދިޔެއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ލިބުނު ކުއްލި ސިހުމާއެކު އާދަނާއަށް ހިފެހެއްޓުނީ ކަފިގަނޑުގައެވެ. އާދަނާއަކީ އޮޑިއަށާއި ކަނޑުމައްޗަށް ފަރިތަ މީހެއްކަން ނަސީބެވެ. އެހެންނޫން ނަމަ، އެ ބިޔަ ރާޅުތަކުގެ ދަށުވެ އެ ދެމަފިރީންގެ ދުވަސް އެ ހިސާބުން ޚަތިމްވީހެވެ.

"އާދަނާ! އަޅެ ކިހިނެއް މި ވަނީ؟ އަހަރެމެން މަރުވާންތަ މި އުޅެނީ؟" ލިބުނު ސިހުމެއްގެ ބޮޑުކަމުން އަނގައިން ނުބުނެވި އެތައް އިރަކު އިނދެފައި ހައްވާދިޔެއަށް އަހައިލެވުނެވެ.

އާދަނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އަނގައަކުން ނުބުނެވުނެވެ. ދެ ލޮލުގައި އުފެދެމުން އައި ކަރުނަތައް، ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތިކިތަކާއެކެ، އާދަނާ ދޫކޮށް ދާން ފަށައިފިއެވެ. އާދަނާ އިނީ ހިތްވަރުކޮށްގެންނެވެ. ހުއްޓުމެއް ނެތި ދުޢާ ކުރަމުން ގެންދެއެވެ. ކަންކަން ދިމާވަމުން މިހިރަ އަންނަނީ، ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މި ފަދަ ނާމާން ދަތުރަކަށް މި ދަތުރު ވާނޭކަން އެނގޭ ނަމަ، މި ދަތުރުގައި އޭނާ ބައިވެރިއެއް ނުވީހެވެ. އެހެންނަމަވެސް އެއްވެސް ކަމެއް ދެރަ ގޮތަކަށް މެދުވެރިއެއް ނުވާނެއެވެ. އާދަނާގެ ޢަޤީދާއަކީ އެއީއެވެ.

"އާދަނާ! އަހަރެން މަރުވެއްޖިއްޔާ މަންމަ ހާދަ އެކަނިވާނޭ! އަހަރެން ނެތީމަ..... އަހަންނަށް ވީ ގޮތެއް ނޭނގުނީމަ..... މަންމަ ހާދަ ވަރަކަށް ރޯނެއޭ! ހިތްދަތިވެގެން މަރުވެސް ވެދާނެ!" ހީކަރުވާވަރުން ވާހަކަދައްކަން ދަތިވެފައި އިން، ހައްވާދިޔެއަށް ވަނީ ގިސްލެވިފައެވެ.

"ތިކަހަލަ އެއްޗެހި މި ވަގުތު ނުކިޔާ!" އާދަނާގެ އަޑު ތުރުތުރު އަޅައިގަތެވެ. ހިތަށް އަރައި ފައިބާހައި އެއްޗެހިތަކެއް ބުނެދޭން ވެސް ނޭނގެއެވެ. އެކަމަކު ހައްވާދިޔެގެ ކުރިމަތީގައި، އެއިން ކަމެއް ނުދައްކާވޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއެވެ.

ވިއްސާރައިގެ ދުއްޕާނުގައި އެތައް ވަގުތެއް ހޭދަވުމަށްފަހު، އެ ދުވަހުގެ މެންދުރުން އެނބުރި ފަހުން، ވިއްސާރަ ކުޑަކޮށް ރަމަތަވެލައިފިއެވެ. ކަނޑުގައި އުފުލި، ރުޅިގަދަވެފައިވާ ބިޔަ ރާޅުތަކުގެ ސަބަބުން، ކަނޑަށް އައިސްފައިވާ ހަލަބޮލިކަމަށް ކޮންމެވެސް މިންވަރެއްގެ ލުއިކަމެއް ލިބިއްޖެއެވެ. ވެހެމުން ދިޔަ ބޯ ކެރިގަނޑު ތުނިވަމުން ގޮސް، ގާތްގަނޑަކަށް ހުއްޓުމަކަށް އަތުވެއްޖެއެވެ. ވައި ވެސް ކުރިއަށްވުރެ މަޑުވެ، އޮޑި އަނެއްކާވެސް ދުއްވާލެވޭވަރު ވެއްޖެއެވެ. އެހެންކަމުން ދަތުރުގެ ބައިވެރީންގެ ހިތަށް، ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. އުއްމީދު އައު ނުވިޔަސް، ހިތަށާއި ހައްޓަށް ލުއިވެއްޖެއެވެ.

"މިހާރު އޮޑި މި އޮތީ ރާއްޖެއާ ވަރަށް ބޮޑަށް ފޭގަ." އުޑުމައްޗަށާއި އުދަރެހަށް ބަލައިލުމަށްފަހު، އޮޑީގެ ކުދިންނާ ދިމާއަށް އަހުމަދުދީދީ ބުންޏެވެ.

"ދެން...؟" ރެކިފުތާއަށް ބަލައިލެވުނީ އަހުމަދުދީދީގެ މޫނަށެވެ.

"ދެން ހިނގާ އޮޅުދޫކަރަ ހިފޭތޯ ބަލަމާ!"

"އޮޅުދޫކަރައޭ؟" އާދަނާގެ މޫނުމަތީން ފެނުނީ ކަންބޮޑުވުމުގެ ނިޝާންތަކެވެ. އެކަން އެނގިއްޖެ ނަމަ، ހައްވާދިޔެގެ ހިތަށް ދަތިކަން ލިބޭނެ މިންވަރު ހިތަށް އަރާފައެވެ. ހައްވާދިޔެއަށް އެ ޖުމުލަ ނީވުނުކަން ނަސީބޭ އާދަނާގެ ހިތަށް އެރިއެވެ.

ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތުން، ބޭނުންހައި ދިމާއަކަށް އޮޑި ދުއްވޭގޮތެއް ނުވިއެވެ. އެހެންކަމުން ދެން ހަދަން ޖެހުނީ، މިހާރަށް ހެދެން އޮތް ހަމައެކަނި ގޮތެވެ. ފަސޭހައިން ދުއްވޭން އޮތް ދިމާއަކަށް އޮޑި ދުއްވުމެވެ. ﷲގެ ރަޙުމަތްފުޅާއެކު ހިކިފަސްތަނަކަށް ގެންދަވާތޯ، އެކަމަށް އެދި ދުޢާކުރަމުންނެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި، ދެ ފަރާތަށް ހަލުވަމުން، ދޯނި ފާޑަކަށް ދުވަމުންދެއެވެ. ފަޅައިގެން ގޮސް ކުދިކުދިވެފައިވާ ރިޔާގަނޑެއްގެ އެހީގައެވެ.

އަސުރުން އިރު ތިރިވެއްޖެއެވެ. ބަނަވެފައިވާ އުދަރެހުން، އިރު އޮއްސުމުގެ ކުލަވަރު ފެންނާން ފަށައިފިއެވެ. ޖައްވު ފިނިވާން ފަށައިފިއެވެ. ހިކިފަސްތަނެއްގެ ނިޝާނެއް ވެސް ނުފެނި ތިއްބާ، އާ ރެއަކާ ދުނިޔެ އަނެއްކާވެސް ކުރިމަތިލަނީއެވެ. މި ރޭގެ ހާލަތެއް އަދި ނޭނގެއެވެ. ހިތްދަތި ވޭންގަދަ ދުވަސްތަކެކެވެ. ދުވަހަކަށްފަހު ދުވަހެއް ވޭއަތުވަމުން ދަނީއެވެ. ކުރިމަތިވެފައިވާ ނިކަމެތި ހާލަތުން އަރައިގަނެވޭނެ އެއްވެސް ގޮތެއް ނުފެނެއެވެ.

އިރު އޮއްސި ޖައްވު އަނދިރިވާން ފަށައިފިއެވެ. ހިނދެއް ހިނދަކަށް މަޑުވަމުން ގޮސް، ވިއްސާރަ މުޅިން އަލިވެއްޖެއެވެ. އުޑުމަތީން ތަރިތަކުގެ ވިދުމާއި ބެބުޅުން ފެންނާން ފަށައިފިއެވެ. ކަނޑު މަޑުވެ އާއްމު ހާލަތަށް އަތުވެއްޖެއެވެ. އޮޑީގައި ހަމަޖެހިލައިގެން ތިބެލެވޭވަރު ވެއްޖެއެވެ. އެހެންނަމަވެސް އިރު އޮއްސިގެން ދިޔައީ، ރަށެއް ކީއްކުރަން ހެއްޔެވެ؟ ފިނޮޅުގަނޑެއްހައި މިންވަރު ވެސް ފެނުމުގެ ނަޞީބު ނުލިބި ތިއްބައެވެ.

މި ކަހަލަ ގޮތަކަށް ދުވަހަކަށްފަހު ދުވަހެއް މާޒީއާ އެކުވަމުން ދެއެވެ. ފަހުން ވިއްސާރައިގެ ދުއްޕާނަކާ ލައެއް ނުގަނެއެވެ. މުލަކު ރައްޓެހީންގެ ހެޔޮކަމުން، ބަނޑަކަށް ނުޖެހެއެވެ. އެހެންނަމަވެސް ފެން ނުވަރައި، ގައިން ތާހިރު ނުވެވި، ތިބޭން ޖެހުމުން ކުރިމަތިވާ ތުރާ ކުޑައެއް ނޫނެވެ. ބާރު އަތްވާއި ގަދަ ފިނީގައި، ރެއާއި ދުވާ ހޭދަކުރާން ޖެހުމުން، މޫނުމަތި އަނދައި، ސިފަ ގެއްލެމުން ދެއެވެ. ބޮލުގެ އިސްތަށިގަނޑު ރަތްވެ، ތުނބުޅި މަތިމަސް ދިގުވަމުން ދެއެވެ. އެ ފަދަ ހާލެއްގައި ކަނޑުމަތީގައި ތިބޭތާ މިއަދަށް މި ވީ، ބަރާބަރު އޮނަވިހި ދުވަހެވެ. މިހައި ދުވަސްވީއިރު އެ މީހުންނަށް ހިކިފަސްތަނެއް ނުފެންނަތާނގައި، ދުއްވާފައި ދާ އުޅަނދެއް ވެސް ނުފެނެއެވެ.

ކާތަކެތި ދޯނީގައި ހުރިނަމަވެސް، ކަނޑުމަތީގައި މިހައި ގިނަ ދުވަސްވާން ފެށުމުން، ނުވެ ނުދާނޭ ގޮތް އަންނަނީ އެންމެންނަށް ވެސް ވަމުންނެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ހިތްވަރު ކުރެއެވެ. ވީވަރަކުން ކައެވެ. އެންމެން އެންމެންނާ ވާހަކަ ދައްކައެވެ. އެކަކުގެ ހިތާމަ ލުއިކޮށްދެވޭތޯ، އަނެކަކު މަސައްކަތް ކުރެއެވެ. އާއިލީ ގޮތުން އެކަކު އަނެކަކާ މާ ބޮޑު ގުޅުމެއް ނެތްކަމަށް ވިޔަސް، އުޅެމުން އަންނަނީ އެއްބަނޑު އެއްބަފާ ބަޔަކު ފަދައިންނެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. އުޑުމަތި ސާފު ކަނޑު މަޑު ދުވަހެކެވެ. ހިތްފަސޭހަ ވަރަކަށް ވައިރޯޅިވަމުން ދެއެވެ. އެންމެން ކަހަލަ ގޮތަކަށް ތިބީ، ދޯނީގެ މަޅުމަތީގައި އިށީނދެލައިގެން، ތަފާތު އެކިއެކި ވާހަކައިގައެވެ. މިހާރު މިހެން އުޅެއުޅެ، މި ދިރިއުޅުމަށް އެންމެން ވެސް މަޑުމަޑުން އަންނަނީ ހޭނެމުންނެވެ. ހައްވާދިޔެ ވެސް ކުރީން އުޅުނުހެން، ރޮއިރޮއިފައި ވަރަށް ނޫޅެއެވެ. އިންސާނާއަކީ އެކަހަލަ މަޚުލޫޤެކެވެ. ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް، އެ ހާލަތަކަށް ވަރަށް ފަސޭހައިން ހޭނޭނެއެވެ. މުއްސަނދި މަހުޖަނަކު، ފަގީރު ނިކަމެތި ދިރިއުޅުމަކަށް ވެއްޓި، އިނދަޖެހުނަސް، ތެދުވެ ހިންދެމިލައި، ހިނިތުންވެ އުޅެވޭ ސަބަބަކީ އެއީއެވެ.

މަޅުމަތީގައި ވާހަކަ ދައްކާން އިނދެފައި، އަލިފުތާ ތެދުވީ ފެންފޮދެއް ބޮއިލާށެވެ. އޭނާ ހިންދެމިލައި، ވަށައިގެން ފެންނާން އޮތް އުދަރެހަށް ބަލައިލިއެވެ. މާބޮޑު ފިކުރެއް އޮވެގެނެއް ނޫނެވެ. ވަކި ޚާއްޞަ އުއްމީދެއް ވެސް އޮވެގެނެއް ނޫނެވެ. އެހެންނަމަވެސް ވަށައިގެން ހިންގާލި ކަޅި އޭނާއަށް ގެނެސްދިނީ، އުފާވެރި މަންޒަރެކެވެ. ލޮލަން ފިނިކަން ލިއްބައިދިން މަންޒަރެކެވެ. ފޯއްމުލަކުން ފުރިފަހުން، މި ހޭދަވި ދުވަސްތަކުގެ ތެރޭގައި، އެ ފަދަ އުފާވެރި މަންޒަރެއް އަދި ފެނިފައެއް ނެތެވެ.

"ރަށެއް! ކުދީންނޭ! އެ އޮތީ ރަށެއް! އަހަންމަދާ ދޫންޏާ އެއޮތީ ރަށެއް!" އިރުމަތީ ފަރާތަށް އިޝާރާތް ކުރަމުން އަލިފުތާ އަޑުގެ ކޮޅަށް ގޮވަންފެށިއެވެ. މަޅުމަތީގައި ދެ ފައި ތަޅަމުންނެވެ.

މަޅުމަތީގައި ތިބި އެންމެން، އެއް ފަހަރާ ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވެއްޖެއެވެ. އަލިފުތާ އިޝާރާތްކުރި ދިމާއަށް ބަލަންފެށިއެވެ. އެއީ ތެދެކެވެ. އެއީ ހީއެއް ނޫނެވެ. ވަރަށް ދުރުން ރަށެއްގެ މަލަމަތި އެބަ ކަނިކަނިލައެވެ. މި މަންޒަރު ފެނުމާއެކު، އެންމެންނަށް ވެސް ލިބުނީ، ވަރަށް ބޮޑު ހިތްހަމަޖެހުމެވެ. އެރަށާ ދިމާއަށް ބަލަން ފެށީ އުފަލުން ފޮޅިފައި ތިބެއެވެ. އުއްމީދު ގެއްލިފައިވާ މޫނުތައްމަތީން އުއްމީދުގެ އަލިކަން ފެންނާން ފެށިއެވެ. އަލިބެއްޔާ ވަގުތުން މަޅުމައްޗަށް ސަޖިދައަށް ތިރިވިއެވެ.

"ހަމަ އަސްލު ވެސް ރަށެއް އެބަ ފެނޭތަ؟" އާދަނާ އައުމުން ހައްވާދިޔެ އަވަސް އަވަހަށް އާދަނާގާތު އަހައިލިއެވެ.

"އާނ! ﷲގެ ރަޙުމަތްފުޅުން ރަށެއް ފެނުމުގެ ނަސީބު ދެއްވައިފި!" ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން އާދަނާ ފެންކަޅިވިއެވެ.

"އަލްޙަމްދު ލި ﷲ!" ހައްވާދިޔެ ތުންފަތް މައްޗަށް އެތައް ދުވަހަކަށްފަހު، ހިނިތުންވުމުގެ އަސަރު ވެރިވިއެވެ. ލިބުނު އުފަލާއެކު އޭނާއަށް އާދަނާގެ ގައިގައި ބައްދާލެވުނެވެ.

ކޮމެންޓް 0