އެއީ ކުޑަވަރެއްގެ ހަނގުރާމަމަތީ މަތިންދާބޯޓެކެވެ. ބޯޓު ދުއްވާފައި އައީ ވަރަށް ތިރީންނެވެ. ހީވަނީ އެ ރަށުގައި އޮތް ވައިގެ ބަނދަރަކަށް ތިރިކުރާން އަންނަހެންނެވެ.
"މި ރަށަށް ޖައްސާން އަންނަ ބޯޓެއް ކަންނޭނގެ އެއީ. އެ މީހުންނަށް އަހަރެމެން ފެނިއްޖެއްޔާ ކިހިނެއްބާ ވާނީ؟" އަހުމަދުދީދީގެ ނަޒަރު ހުއްޓިފައި ހުރީ ބޯޓާދިމާއަށެވެ.
"އެހައި ރައްކާތެރި ކަމަކަށް ނުވާނެހެން ހީވަނީ!" އާދަނާ ޚިޔާލު ފާޅުކުރިއެވެ.
"އެހެންވިއްޔާ މިތާނގައި ތިބުން ބުއްދިވެރި ކަމަކަށް ނުވާނެ!"
އެންމެންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް، އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ. ފިލަން ވަދެވޭ ކަހަލަ ތަނެއް ފެނޭތޯއެވެ. އަހުމަދުދީދީ ދުއްވައިގަތުމާއެކު، އޭނާގެ ފަހަތުން ދެން ތިބި މީހުން ވެސް ދުއްވައިގެންފިއެވެ. އެދިޔަ ގޮތަށް ގޮސް ވަނީ، އެންމެ ކައިރިން ފެންނާން ހުރި ގޭގެ ގޯތިތެރޭގައި ހުރި، ފިޔަފާޅިގަނޑެއް ކަހަލަ ތަނަކަށެވެ. އެތަނުގެ ތެރޭގައި ބޮނދައި ތިބިއިރު، އެންމެން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. މޫނުމަތިން ދާތިކިތައް އުފުލޭން ފަށައިފިއެވެ.
ބޯޓުގެ އިންޖީނުގެ އަޑު އައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. އެ އައިގޮތަށް އައިސް، ރަށްމައްޗަށް އަރައިފިއެވެ. މިހާރު އަޑުހުރީ ދިމާ ބޯމަތީގައެވެ. ރަށުތެރެއަށް ބޯޓު ތިރިކުރަނީ ކަންނޭނގެއެވެ. ބިރުވެރިކަމާއެކު ތެޅިތެޅި ހުރި ހިތްތަކަށް ފިނިކަން ލިބެންފެށީ، ހީކުރިގޮތާ ޚިލާފަށް، ބޯޓުގެ އިންޖީނުގެ އަޑު ހިނދޭން ފެށުމުންނެވެ. ރަށް ފަހަނަޅައި ބޯޓު ދަނީކަން ކަށަވަރުވުމުންނެވެ. އަޑު މަޑުވަމުން މަޑުވަމުން ގޮސް ދެތިން މިނެޓުގެ ތެރޭގައި މުޅިން ކެނޑިއްޖެއެވެ. މާހައުލަށް ހަމަހިމޭންކަން ވެރިވުމުން، އެންމެން އެ ތަނުން ނިކުމެ، އަހުމަދުދީދީގެ އިރުޝާދުގެ ދަށުން އޮޑިއާ ދިމާއަށް ހިނގައިގެންފިއެވެ.
"އަހަރެމެން ނުފެނުނަސް، އަހަރެމެންގެ އޮޑި އެ މީހުންނަށް އޮންނާނީ ފެނިފަ. ދެން އެންމެ ބުއްދިވެރިވާނީ މިރަށުން ފުރުން." ތަންކޮޅަކަށް ގޮސްފައި އަހުމަދުދީދީގާތު، މަޑުމަޑުން އާދަނާ ބުނެލިއެވެ.
"ތި ކަމާ މަށަށް ވެސް މި ވިސްނެނީ."
އޮޑިއާ ހަމައަށް ދެވުނުއިރު، ކުރުނބާ އަޅަން ދިޔަ މީހުން ތިބީ، ކުރުނބާ އަޅައި، އޮޑިއަށް އަރުވައިގެން، އަހުމަދުދީދީމެންގެ އިންތިޒާރުގައެވެ. އަހުމަދުދީދީގެ އެންގުމާއެކު އެންމެން އަވަސްވެގަތީ އޮޑި ނެގުމަށެވެ. އެއްގަމުވާ މޮހާލަން އާދަނާ ފާލަންމައްޗަށް ފޭބިއެވެ. ރަނގަޅަށް ވާ މޮހާނުލެވިގެން އުޅެނިކޮށް، ދުރުން އެއްކަލަ ބޯޓު ދައްކާލައިފިއެވެ. ބޯޓު ފެނުމާއެކު، އެންމެންގެ މޫނުމަތިން ވެސް ކަންބޮޑުވުމުގެ އަސަރު، އިހުނަށްވުރެ ބޮޑަށް ފާޅުވެގެން ދިޔައެވެ. ބޯޓު އަންނަނީ ސީދާ އޮޑިއާ ދިމާއަށެވެ. ފުދޭވަރަކަށް ތިރިން، އެހައިމެ ބާރަށެވެ.
އޮޑި ފަޅުން ބޭރު ކުރެވޭވަރެއް ނުވިއެވެ. ބޯޓު އައިސް އޮޑިއާ ހަމަކޮށްފިއެވެ. އޭރު އެންމެންނަށް ތިބެވުނީ ހިތްނަގައި އަތްމައްޗަށް ލައިގެންނެވެ. ކުޑަކުޑަ އެންމެ ބޮމެއް އެ ދިމާއަށް ވައްޓާލިޔަސް، އޮޑިއާއި އޮޑީގައި ތިބި އެންމެންގެ ދުވަސް ދިޔައީއެވެ. ދުނިޔޭގެ ހާލަތު މިއަދު މި އޮތީ، އެފަދަ ކަމެއް ނުހިނގާނޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އިންސާނެއްގެ ފުރާނައަކީ މިއަދު އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިނުވެ، އޮޑި ހުރަސްކޮށް ބޯޓު ހިނގާއްޖެއެވެ. ﷲ އަށް ޝުކުރުހުއްޓެވެ.
ވަކި ހިސާބަކަށް ގޮސްފައި އަނެއްކާ ވެސް ބޯޓު އަނބުރާލައިފިއެވެ. މި ފަހަރު ވެސް، މިސްރާބު ހުރީ އޮޑިއާ ދިމާއަށެވެ. ދަތުރުކުރަމުން އަންނަނީ، ކުރީ ފަހަރަށްވުރެ ވެސް ތިރިންނެވެ. ދޯނީގައި ތިބި އެންމެންގެ ހިތް ވެސް ބުނާން ފެށީ، މި ފަހަރު އެ ބޯޓުން ކޮންމެވެސް ކަހަލަ ހަމަލާއެއް އޮޑިއަށް ދޭނޭކަމަށެވެ. ބަޑި ވެސް ޖަހައިފާނެއެވެ. ބޮން ވެސް އަޅައިފާނެއެވެ.
"އެ މީހުން ކީއްވެތަ އަބަދު އެހެން އެ ހަދަނީ؟" ހައްވާދިޔެ އިނީ ވަރަށް ކަންބޮޑުވެފައެވެ.
"ކީކޭ ބުނާނީ؟" ދޭނޭ ޖަވާބެއް އާދަނާއަކަށް ނޭނގުނެވެ.
"އެއްވެސް ކުއްޖަކު އެއްވެސް އަޑެއް ނީއްވާތި! ހަރަކާތެއް ވެސް ނުކޮށް މަޑުމަޑުން ތިބޭ!" ހުންގާނުގައި ހުރެފައި އަހުމަދުދީދީ އެންގިއެވެ.
ބޯޓު އަންނަނީ ހިނދެއް ހިނދަކަށް ކައިރިވަމުންނެވެ. އިންޖީނުގެ އަޑު އަންނަނީ ގަދަވަމުންނެވެ. އެ އަޑު ގަދަވަމުން އައި ވަރަކަށް، ދޯނީގައި ތިބި މީހުންގެ މޭގެ ތެޅުމުގެ އަޑު ވެސް އައީ ބާރުވަމުންނެވެ. ނޭވާ ހިފަހައްޓާލައިގެން ތިއްބާ، ބޯޓު އެއައި ގޮތަށް އައިސް، އޮޑީގެ ކުނބުކުރީގައި، ކިރިޔާ ޖެހޭ ނުޖެހޭ ފަށުން އޮޑި ހުރަސްކޮށް، މައްޗަށް އަރައިގެން އެހެރަ ދަނީއެވެ. ލޮލުކޮޅަށް އޮބާ ނުއޮބާ ހިސާބަށް ގޮސްފައި، އަނެއްކާވެސް އޮޑިއާ ދިމާއަށް އަނބުރާލައިފިއެވެ.
"މީ ދެން ކުޑަވަރެއްގެ މުޞީބާތެއްނު! ކޮން ބިރެއްތަ މި ގަންނުވަނީ!" އަހުމަދުދީދީ ގާތަށް ރުޅި އަންނަ ގޮތް ވެއްޖެއެވެ. އެހެން މީހަކު ބަހަކުން ބަހެއް ނުބުނެއެވެ.
އެ ބިރުވެރިކަންމަތީގައި އެ މީހުން ބައިތިއްބައިގެން، އެ ބޯޓު ހައެއްކަ ބުރު ޖެއްސެވެ. ކޮންމެ ފަހަރަކު ވެސް ދަނީ، ފިންދުނި ކާއްތައިލައިފައެވެ. އޮޑި ދޫކޮށްލާފައި ބޯޓު ދިޔައީ، އެރަށުން ފުރައިގެން ގާތްގަނޑަކަށް ބައި މޭލެއްހައި ހިސާބަށް ދުއްވިފަހުންނެވެ. އެހާތަނުން އެންމެން އަވަސްވެގަތީ، ހިތަށް ވެރިވެފައިވާ ބިރުވެރިކަން ފިލުވައިލުމަށް ޓަކައި، ކުރުނބާ ފެންފޮދަކުން ކަރުތެރެ ތެންމާލުމަށެވެ.
ބޯޓު ދިޔައެއްކަމަކު ފެންނާން ހުރި ރަށްރަށުން ރަށަކަށް ލަފާކަށް އެކަކަށް ވެސް ނުފެނުނެވެ. އެހެންކަމުން ރެއަށް އިރު އޮއްސުނީ ވެސް، އެ މީހުން ކަނޑުމަތީގައި ދުއްވަ ދުއްވާ ތިއްބައެވެ. ރޭގަނޑުގެ އަނދިރިކަމާއި ފިނިކަން އައިސް ވަށައިލީ، އެންމެންގެ މައްޗަށް ވަރުބަލިކަން އާންމު ކުރަމުންނެވެ. އެހެންނަމަވެސް އެކަކަށް ވެސް ލޮލުފިޔައެއް ޖަހައިލާކަށް ނުކެރުނެވެ. ހިތް ބިރުގަންނަނީއެވެ. ކޮންމެވެސް ނުބައެއް ހިނގައިފާނެއޭ ހީވަނީއެވެ.
އިޝާނަމާދުން ދަންވިއިރު ހައްވާދިޔެގެ ބޮލުގައި އާދަޔާޚިލާފަށް ގަދައަށް ރިހޭން ފަށައިފިއެވެ. އާދަނާ ވަރަށް ކަންބޮޑުވެއްޖެއެވެ. އޮޑީގައި ހުރި ކުރުނބާތަކުން ކުރުނބައެއް މަށާލައިގެން ގެނެސް، ހައްވާދިޔެއަށް ބޯންދީފައި، ދޯނީގެ މަޅުމަތީގައި ބާއްވައިގެން، ބޯ މޮޑެލައިދީދީ އިންދާ ހައްވާދިޔެއަށް ނިދިއްޖެއެވެ.
ހައްވާދިޔެއަށް ނިދުމުން އާދަނާ ވެސް ހައްވާދިޔެގެ ގާތުގައި، މަޅުމަތީގައި ޖައްސާލައިފިއެވެ. އުޑުމަތީގައި ވިދަވިދާ ހުރި ތަރިތަކަށް ބަލައިލުމާއެކު، އާދަނާގެ ހިތަށް ޒާތެއްގެ ނުތަނަވަސްކަމެއް ވެރިވެއްޖެއެވެ. އެ ޚިޔާލަކާ ދުރުހެލި ވެވޭތޯ އޭނާ ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ޚިޔާލާއި ފިކުރުތައް، ސިކުނޑީގައި ތޮއްޖެހި މީހާ އަވަދިކޮށްލައިފިއެވެ.
އާދަނާގެ ހިތް ތެޅެންފެށީ، ބިރުވެރި ތެޅުމަކުންނެވެ. މިއޮތް ފިނިރޭ ވެސް، ދަލުގެ އަސަރު ހަށިގަނޑުގައި ހިފައިލައިފިއެވެ. ދެ ލޮލަށް ކަރުނައިގެ އަސަރު ވެރިވެ، ހިތްވަރު މުޅިން އެލުވާލައިފިއެވެ. އާއެކެވެ. އެމީހުން އެ ތިބީ ދަތުރުއޮޅި، ދެވޭ ނުދެވޭ ދިމާއެއް ނޭނގި ބެހިފައެވެ. ރާއްޖެއާ އެތައް ސަތޭކަ މޭލެއްގެ ދުރަށް ދެވި، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ރަނގަޅަށް ހަފުސްވެފައެވެ. މާދަމާ އިރުއަރާނީ ކޮންފަދަ ބޮޑު މުޞީބާތެއްގެ އިންޒާރުގެ ރަނގަބީލާއެކުގައި ކަމެއްވެސް ނޭނގެއެވެ. ލޯބިން ކުރެވުނު ކައިވެނީގެ، އުފާވެރި ދުވަސްތައް ހޭދަކުރަން ޖެހިފައި މި ވަނީ، ކޮންފަދަ ހިތާމަވެރި ބިރުވެރި ގޮތަކަށް ހެއްޔެވެ؟
ހިތާމައާއި ހިތްދަތިކަމުގެ ކަނޑަކަށް ގެނބިފައި އާދަނާ އޮއްވައި، އޭނާއަށް މަޑުމަޑުން ގޮސް ނިދިއްޖެއެވެ. ހުވަފެނީ އާލަމުގެ ދަތުރަށް ފަށައިފިއެވެ. އޭނާގެ ދަތުރުގެ މަންޒިލަކީ ކޮބައިކަމެއް، ދަތުރުގެ ބައިވެރީންނަކީ ކޮން ބަޔެއްކަމެއް ނޭނގެއެވެ. ތަޖުރިބާ ކުރަމުން ގެންދަނީ ކޮން ކަހަލަ ކަންތައްތަކެއް ކަމެއް ވެސް ނޭނގެއެވެ. އެނގެނީ އޭނާއަށް އެބަ ގޮތްތަކެއް ވާކަމެވެ.
އާދަނާއަށް ހޭލެވުނީ ސިހިފައެވެ. އޭނާއަށް ވަގުތުން ފުންމައިގެން ތެދުވެވުނެވެ. އޭރު ފަތިސްވެ ދުނިޔެމަތި އަލިވާން ފަށައިފިއެވެ. ފަތިހުގެ ފިނިކަން ވަނީ މުޅި ޖައްވަށް ވެރިވެ އަތްގަދަކޮށްފައެވެ. މި ފިނި ފަތިހުގައި ވެސް، އާދަނާ އެ އިނީ ދާހިއްލާ ފޯވެފައެވެ. ތެދުވުނު ގޮތަށް ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ، ވަށައިގެން އޮތް އުދަރެހަށެވެ. މާސިންގާ ކަނޑަށެވެ. އެއަށްފަހު، އޭނާގެ ގައިގައި ޖެހި ފިތިގެން ކަހަލަ ގޮތަކަށް އޮތް، ހައްވާދިޔެއާ ދިމާއަށެވެ. ބޯދަށަށް އެއް އަތް ލައި ކުރުގެޅިލައިގެން، ގަދަ ނިދީގައި ހައްވާދިޔެ އޮތެވެ. އާދަނާއަށް ދެން ބަލައިލެވުނީ އޮޑި ތެރެއަށެވެ. އެންމެން ތިބީ ނިދާ މަރުވެފައެވެ. ހުންގާނުގައި އިން އަހުމަދުދީދީ ވެސް އިނީ ތާއްޔާޖެހިޖެހިއެވެ.
އާދަނާގެ ކަޅި އަނެއްކާވެސް ހުއްޓުނީ ހައްވާދިޔެއާ ދިމާއަށެވެ. އިރުކޮޅަކު ބަލާން އިނދެފައި، މަޑުމަޑުން ހައްވާދިޔެއާ ގާތްވެލިއެވެ. ލޯތްބާއެކު ބުރަކަށީގައި ފިރުމައިލިއެވެ. ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. ކޮލަށް ދޮނެއް ދިނެވެ. އަތްތިލާގައި ހިފައި ބާރުކޮށްލެވުނެވެ. ހައްވާދިޔެއަށް ހޭލެވުނީ އެ ވަގުތުއެވެ. އާދަނާގެ އަތް ފިނިވެފައިވާ މިންވަރު އޭނާއަށް އިޙުސާސްކުރެވުނެވެ. ލޯ ހުޅުވައިލިއިރު، އާދަނާ އިނީ އޭނާގެ ގާތުގައި އިށީނދެއެވެ.
"ކިހިނެއްވީ؟" އާދަނާ އިންގޮތުން ކޮންމެވެސްކަމެއް ގޯސްވެއްޖެއޭ ހައްވާދިޔެގެ ހިތް ބުނާންފެށިއެވެ.
އާދަނާއަކަށް އަނގަޔަކުން ނުބެނެވުނެވެ. ފާޑަކަށް ހައްވާދިޔެއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އާދަނާ އިން ގޮތުން ހައްވާދިޔެ މަޑުމަޑުން ތެދުވެއްޖެއެވެ.
"ކިހިނެއްވީ؟" އާދަނާގެ އަތްމަތީގައި އަތް ބާއްވައިލަމުން ހައްވާދިޔެ ލޯތްބާއެކު އަހައިލިއެވެ.
އާދަނާއަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް، ކުއްލިއަކަށް ހައްވާދިޔެގެ ގައިގައި ބައްދައިގަނެވުނެވެ. ހީވީ ހައްވާދިޔެ ގެއްލިދާނޭކަމުގެ ބިރުވެރިކަން އޭނާގެ ހިތަށް ވެރިވެގެން އުޅޭހެންނެވެ.
އާއެކެވެ! އާދަނާ އެ އުޅެނީ، އެހެން ވެގެންނެވެ. އެ ހިތްދަތި ވަސްވާސްތަކުން އޭނާގެ ހިތަށް އެބަ ޒަހަރުލައެވެ. ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. ފާޑެއްގެ ހުވަފެނެކެވެ. އެ ހުވަފެނުގައި ބަޔަކު މީހުން އައިސް، ހައްވާދިޔެ ފޭރިގަންނަނީއެވެ. އަނިޔާކުރަނީއެވެ. ސަލާމަތަށް އެދި ހައްވާދިޔެ ރޮއި އާދޭސްކުރެއެވެ. އެހެންނަމަވެސް އާދަނާއަށް އެއް ކަމެއް ވެސް ކޮށެއް ނުދެވެއެވެ. ހޭލެވުނު އިރު ވެސް ހައްވާދިޔެގެ ވޭނީ ގިސްލުމާއި އާދޭހުގެ އަޑު، އޭނާގެ ކަންފަތުގައި ގުގުމާފައި ހުއްޓެވެ.
ހައްވާދިޔެގެ ގައިގައި ބައްދައިލި ގޮތަށް އެތައް އިރަކު އާދަނާއަށް އިނދެވުނެވެ. އާދަނާގެ ހިތަށް ފިނިކަން ލިބޭހައި އިރެއް ވާންދެން، ހައްވާދިޔެ ވެސް އާދަނާގެ ގައިގައި ބައްދާލައިގެން އިނީއެވެ. އާދަނާ އެ އުޅެނީ ހުވަފެނެއް ފެނިގެންކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އެ ހުވަފެނާބެހޭގޮތުން އެއްވެސް ސުވާލެއް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިތުރު ބިރުވެރިކަމެއް ތަޖުރިބާކުރާން ބޭނުން ނުވާތީއެވެ.
"ފަތިސްވެއްޖެ. އަވަހަށް ތެދުވެ ނަމާދުކުރާން އުޅޭ!"
ފަތިސްވުމުން އަހުމަދުދީދީ އޮޑީގެ އެންމެނަށް ގޮވިއެވެ. ފަތިސް ނަމާދަށެވެ. މޫދުން ލޮނު ފަޔެއް ނަގައި، މޫނު ދޮވެ، ވުޟޫކޮށްލައި ހަދައިގެން، އެހެން މީހުންނެކޭ އެއް ފަދައިން އާދަނާ ވެސް އެރީ ނަމާދަށެވެ. އިރުއަރައި ޖައްވު އަލިވުމުން، ހެނދުނުގެ ނާސްތާއަކަށްފަހު، ﷲ އަށް ވަކީލު ކޮށްލައިގެން، ހަމަހިމޭންކަން މަތީގައި އެންމެން ތިބީއެވެ. ވަރުބަލި ދުވެއްޔެއްގައި އޮޑި ދުވަމުން ދެއެވެ. ކަނޑުމަތީގައި އަރާމެއް ނެތި، ތެޅިތެޅި އޮޑި ވެސް ލޮޑުވެފައިވާ ކަހަލައެވެ.
"އެއޮތް ފެންނަނީ ރަށެއް!" ކުނބުކައިރީގައި ކޮޅަށް ހުރި އަލިފުތާ އަށް ދުރުން ރަށެއް ފެނިއްޖެއެވެ.
އެންމެން އެ ދިމާއަށް ބަލައިލައިފިއެވެ. ދުރުން ރަށެއް އެބަފެނެއެވެ. މާބޮޑު ރަށެއް ނޫނެވެ. އާދައިގެ ކުޑަ ރަށެކެވެ. ފެންނަ ފެނުމަށް ހީވަނީ އެއީ ވެސް ފަރުބަދަމަތީ ރަށެއް ހެންނެވެ. އާދަނާ ފިޔަވައި، އެހެން އެންމެންގެ ލަފައާއެކު، އެރަށާ ދިމާއަށް އޮޑީގެ މިޞްރާބު ބަދަލު ކޮށްލައިފިއެވެ.
"މަށަކަށް ނުފެނޭ ގޮތް ނޭނގޭ އެއްވެސް ރަށަކަށް ލަފާކަށް." އާދަނާ ގޮސް އަހުމަދުދީދީ ގާތުގައި މަޑުމަޑުން ބުނެލިއެވެ.
"އެކަމަކު މިހެން ކަނޑުމަތީގައި ތިބެގެން، ކޮން މޮޅެއްވާނީ؟ ނިކަން ވިސްނައިލަބަލަ އާދަނާ! ދަތުރު ފެންނާނީ ފުރީމަ. ރަށަކަށް ގޮސްގެންތާ ރަނގަޅު ބަޔަކާ ދިމާވާނީ ވެސް. ރަނގަޅު ބަޔަކާ ދިމާވެގެންތާ ރަނގަޅު ގޮތެއް ވާނީ ވެސް." އާދަނާއަށް ވިސްނައިދިނުމުގެ ގޮތުން އަހުމަދުދީދީ ވާހަކަދެއްކިއެވެ.
"އެކަމަކު ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތް އެނގެއެއްނު. މުޅި ދުނިޔޭގައި މިއޮތީ ހަނގުރާމަ. ތިހެން ހުންނަ ކުދިކުދި ރަށްރަށް ގިނަ ފަހަރު ހުންނާނީ، ކޮންމެވެސް ބައެއްގެ މުށުތެރޭގަ. ޖަޕާނުން ހިފާފައި އޮތް ރަށަކަށް އަހަރެމެންނަށް އެރިއްޖެއްޔާ، އަހަރެމެންގެ ދުވަސް ދިޔައީ. އަހަރެމެންނަކީ ދިވެހީންކަން ވަރަށް ފަސޭހައިން އެ މީހުން ދެނެގަންނާނެ!"
އާދަނާގެ ހިތް ނުތަނަވަސްވަމުން އަންނަނީ މާ ބޮޑަކަށެވެ. އޭނާގެ ހިތުގައި އުފެދިގެން އެއުޅެނީ، އެ ހުވަފެނުގެ ބިރުވެރިކަމެވެ. އެ ފަދަ ނުރައްކަލެއް އެއްވެސް މީހަކަށް ކުރިމަތިވާކަށް، ތަޖުރިބާކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ފެނުނު ހުވަފެނާ ބެހޭގޮތުން، އެއްވެސް އެއްޗެއް އޭނާ ނުބުނެއެވެ.
އޮޑި މަޑުމަޑުން ދުވަމުން ގޮސް މެންދުރުން އެނބުރި އިރު، އެރަށާ ކައިރިކޮށްފިއެވެ. އޭރު ފާލަންމަތީގައި މީހަކު ހުއްޓެވެ. ކުރު ޝޯޓެއް ލައިގެން، ހުސްގަޔާ ހުރި މެދުމިނުގެ އިސްކޮޅެއް ލިބިފައިވާ މީހެކެވެ. އެ މީހަކު ހުރީ އޮޑިއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެތައް ދުވަހަކަށްފަހު، އިންސާނަކު ފެނުމުން ވެސް، އާދަނާ އުފަލެއް ނުވިއެވެ. ރަށާ ކައިރިވަމުން އައި ވަރަކަށް، އޭނާގެ ހިތުގެ ތެޅުން އައީ ބާރުވަމުންނެވެ. އޭނާއަށް ވަމުން ދިޔަ ގޮތް ފެނިފައި، ހައްވާދިޔެ ވެސް، އެ ފަދަ ކަނޑަކަށް ގެނބޭން ފަށައިފިއެވެ.