"ސިހުމާއި ކެކުޅުން އިންތިހާގައެވެ. ރަޙުމެއް އަމުދުން ނެތެވެ."

ހުޅިލައި ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ގަދަފަދަކަމެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތަކުގެ ބޮޑެތިކަމެވެ. ވިދާލާ ވިދުވަރުގެ ތޫނުކަމެވެ. ޖަހާލާ ގުގުރީގެ ބަރުކަމެވެ. ވޭނީ ރުއިމާއި ގިސްލުމުގެ އަޑުގައި ހުރި ހިތްދަތިކަމެވެ. ނުރައްކާތެރި އިންޒާރުގެ އަޑުތަކުގެ ގަދަފަދަ ކަމެވެ. ހެދެމުން ދިޔަ ލޭގެ ކޯރުތަކުން ފެންނަ ރަޙުމު ކުޑަކަމެވެ. ނިކަމެތި އާދޭހުގެ އަޑުތަކުގެ ކެކުޅުންތަކެވެ. މަރަށް ދެމެމުންދާ ހަށިތަކުގެ ފަހު ނޭވާއާއެކު ނިކުންނަ އާހުގެ އަޑުތަކެވެ. އިވެމުން އައި އަޑުތައް މަޑުވާން ފަށައިފިއެވެ. ފެންނަމުން ދިޔަ މަންޒަރު ފުސްވެ ފަނޑުވާން ފަށައިފިއެވެ. އިސާހިތަކު މުޅި މާޙައުލު ހަމަހިމޭން ވެއްޖެއެވެ. ފުސްވެ އަނދިރި ވެއްޖެއެވެ.

******************************

އާ ދުވަހަކަށް އުދަރެސް ދޮންކުރާން ފަށައިފިއެވެ. ތަފާތު އެކި ކުލަތަކުން އުޑުމަތި ފެވެމުން، ކުލަ ޖެހެމުން އަންނަނީ، ވިސްނައިފި މީހަކަށް ﷲގެ ކުޅަނދުންވަންތަކަން ހަނދާންކޮށްދެމުންނެވެ. ޖައްވަށް ވެރިވެފައިވާ ފަތިހުގެ ފިނިކަމާއި ހަމަހިމޭންކަމުގެ ތެރޭގައި ގދ. މާތޮޑާގެ ހިތްވަރުގަދަ މަސްވެރިން، ފަތިހުގެ މީރު ނިދިކޮޅު ގުރުބާންކޮށްފައި، ފުރައިގެން އެ ދަނީ، އެބައި މީހުންނަށް މިއަދަށް ހަމަޖެހިފައިވާ ރޯދިބަރަކާތާ ދިމާއަށެވެ.

މާތޮޑާއިން މަހަށް ފުރި އޮޑިދޯނިފަހަރުގެ ތެރެއިން އެއް އޮޑީގައި، މާތޮޑާ ދޮންކަލޯބެއްޔާގެ އާދަނު (އެރަށު މީހުން ކިޔާގޮތަށް ނަމަ އާދަނާ) އިނެވެ. އާދަނާއަކީ އުމުރުން ވިއްސަކަށް އަހަރުގެ ނޫކަށި ޒުވާނެކެވެ. ހީވާގި މަސްވެރިއެކެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑެއްގެ ވެރިއެކެވެ. އެރަށު ޒުވާން ފުރައިގެ އެތައް އަންހެން ކުދިންނެއްގެ ހިތްތަކުގެ މިޙުރާބެވެ. ފިރިއެއްގެ ކިބައިގައި ހުންނަންވީ ހުރިހާ ރަނގަޅު ސިފަތަކެއް އެންމެ ފުރިހަމަގޮތުގައި ލިބިހުރި ފަސްމީރު ކުރި ރުކެކެވެ.

މިއަދު އާދަނާގެ ހިތަކީ، ހުސް ހިތެއް ނޫނެވެ. އެތައް ކުދިންނެއް އޭނާއަށް ޓަކައި ފިދާވާން ތައްޔާރަށް ތިއްބާ، އޭގެތެރެއިން ކުއްޖަކު އޭނާގެ ހިތުގެ ރާނީއަށް ހަދައިފިއެވެ. އެރަށު އާމިންދިޔަގެ ހައްވާދިޔެއެވެ. ހައްވާދިޔެގެ އުމުރަކީ ސޯޅަ އަހަރެވެ. އޭނާއަކީ އެ ރަށުގެ ނިސްބަތުން ރީތި ކުއްޖެކެވެ. ސިފަ އެކަންޏެއް ނޫނެވެ. އުޅުމެވެ. ވާހަކަދެއްކުމެވެ. އެޒަމާނާ އަޅައި ބަލާއިރު، ތަޢުލީމީ ކުއްޖެއް ވެސް މެއެވެ. އުފާވެރި ދިރިއުޅުމަކަށް ކިތަންމެހައި ވެސް ރަނގަޅަކަށް ދޮންވެ ފައްކާވެފައިވާ ކުއްޖެކެވެ.

އާދަނާގެ މިއަދުގެ އެންމެ ބޮޑު ހުވަފެނަކީ، ވީ އެންމެ އަވަހަކަށް ހައްވާދިޔެއާ ކައިވެނިކޮށް، އުފާވެރި ދިރިއުޅުމެއް ފެށުމެވެ. ދަރިންކޮޅެއް ހޯދައިގެން، ދުނިޔަވީ ހަޔާތް ފާގަތިކަމާއެކު ވޭތުކުރުމެވެ. އެހެންނަމަވެސް މިއަދު ދުނިޔެ ކުރިމަތިލާފައި މި ވަނީ، ވޭން ގަދަ، ހިތްދަތި ދުވަސްވަރަކާއެވެ. މިއީ ދުނިޔޭގެ އުޞޫލެވެ. އެއް ކަމެއް ވެސް ތާއަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެއެވެ. ފަހި ދުވަސްތަކާ ކުރިމަތިލާ އުޞޫލުން، ދަތި ދުވަސްތަކާ ވެސް ޖެހޭނީ ކުރިމަތިލާށެވެ. ކެތްތެރިކަމާއެކުގައެވެ. އަދި މިދުވަސް ފިއްލަވާނެއެވެ. އަމާން ދުވަސްތަކަކަށް އަލިވިލޭނެއެވެ. މިއީ އާދަނާ ގަބޫލުކުރާގޮތެވެ. ހައްވާދިޔެ ވެސް ދެކޭގޮތެވެ.

ދުވަސްވަރަކީ ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ ބިރުވެރި، ހިތްދަތި ދުވަސްވަރެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ނުރައްކާތެރިކަން މުޅި ހިންދު ކަނޑަށް ފެތުރި، ޢާންމުވެފައިވާ ދުވަސްވަރެވެ. ޖަޕާނުގެ ސަބުމެރީންތައް އިންޑިޔާ ކަނޑުގައި ފުމެ ނަގަނީ، ބަޔަކު ބިރުން ފިތްކަނޑައިގެންދާ ފަދަ ދަރަޖައަކަށެވެ. މި ކުޑަކުޑަ ފުށި ޤައުމަށް ވެސް އެ ކަމުގެ ނުރައްކާތެރިކަން ވެރިވެފައި އޮތީ އިންތިހާއަށެވެ. އެހެންކަމުން މަސްވެރިން ކަނޑުމައްޗަށް ނިކުމެ، ދުރަށް ދުއްވައި އުޅުމަކީ، ރައްކާތެރިކަމެއް ނޫނެވެ. އަނެއްކޮޅުން މި ހަނގުރާމައާ ގުޅިގެން، ދިވެހީންނަށް ކުރިމަތިލާން ޖެހިފައިވަނީ، މިއިން ޒަމާނަކު ކުރިމަތި ނުވާހައި ބޮޑު ތަދުމަޑުކަމަކާއެވެ.

އާދަނާ މަހަށް ދިޔަ ދޯނި މަހުން ލެފިއިރު، އަސުރުން އިރު ތިރިވެ، އޮއްސުމަކާ ދާދި ކައިރިވެއްޖެއެވެ. ކާޅުތައް ބައިބަޔަށް ރަށްމަތީން، ގޮނޑުދޮށުން، ކޮޅުކޮޅަށް އުދުހެމުން ދާތަން ފެނެއެވެ. މަސްވެރީން މަހުން ލަފާނޭ ވަގުތަކަށް އިންތިޒާރުކުރަމުން ގެންދާ ކަހަލައެވެ. ގޮނޑުދޮށުގައި ދޮށި އެއްލަން ދެތިން މީހަކު ތިއްބެވެ. ކުކުޅަށް ކާންދޭން އުޅުނު ދެ އަންހެނަކު ހޭޅިފަށުން ގޮސް ބޮޑުމަގަށް އަރާތަން ފެނެއެވެ. އަތިރިމަތީގައި ކުޅެން އުޅުނު ކުޑަ ކުދީން، ގެއާދިމާއަށް ހޭރިޔާކުރަން ފަށައިފިއެވެ.

ލިބުނު ހަ ރާގޮނޑި ކަރުއަޅައިލުމަށްފަހު، ރާޅުފަށަށް އެރި ދޮވެލައިގެން، އާދަނާ އެއްގަމަށް އެރުމަށް ޓަކައި ހިނގައިގެންފިއެވެ. އޭރު އަތިރިމަތީގައި ހުރި ރަތުރުކެއްގައި ލެނގިލައިގެން އެހެރީ، އޭނާގެ ހައްވާދިޔެއެވެ. ހައްވާދިޔެ އެހެރީ އާދަނާ މަހުން ލަފާތަނަށް އައިހެވެ. ދެކިލާ ހިތުންނެވެ. ހައްވާދިޔެ ފެނުމުން އާދަނާގެ ހިތަށް ފިނިކަން ލިބުނެވެ. އޭނާ ހައްވާދިޔެއާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. ހިނިތުންވެލަމުންނެވެ.

އާދަނާ އަންނަތަން ފެނުމާއެކު، ހައްވާދިޔެއަށް ގޮތްތަކެއް ވެގެންދިޔައެވެ. އެއީ އާދަނާ ފެނުމުން އޭނާއަށް އަބަދުވެސް ވާގޮތެކެވެ. ލަދުގަހެއް ފަދައިން ލެނބެނީއެވެ. ރަކިވެ، އިސްޖެހެނީއެވެ. ހަތަރެސްފައި ފިނިވެ، ދާހިތްލަނީއެވެ. އާދަނާއަށް ދެވުނީ ތަންކޮޅަކަށެވެ. ހައްވާދިޔެ އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ. ދެ އަތް ދެ އަތަށް ފިތަމުން، އޮޅެމުން ކަހަލަ ގޮތަކަށެވެ. ވަކި ހިސާބަކަށް ގޮސްފައި، ކަނޑިކި ކޮށިކޮށްލަމުން ދުއްވައިގެންފިއެވެ. އާދަނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

އާދަނާ ގެއަށް ދިޔަ މަގުމަތީގައި، ހައްވާދިޔެމެންގެއަށް ތިން ރާގޮނޑި ލާފައި، އަނެއް ތިން ރާގޮނޑި ހިފައިގެން ގެއަށް އައިސް ފެންވަރައި ނަމާދުކޮށްލައި ހަދައިގެން، އަނެއްކާވެސް ދިޔައީ ހައްވާދިޔެމެން ގެއަށެވެ. އޭރު ހައްވާދިޔެ ހުރީ އާދަނާގެ އިންތިޒާރުގައެވެ. އާދަނާ އައުމާއެކު ހައްވާދިޔެގެ މަންމަ އާމިންދިޔަ އުޅުނީ އާދަނާއަށް ކާންހަދާށެވެ. ހައްވާދިޔެ މަންމައާ ބައިވެރިވިއެވެ. އޮޅުއަލައާއި ހިކި ކާށީގެ ހުންޏާއި ރާގޮނޑި ގަރުދިޔަ ގެނެސް، ބޮޑުއަށިމަތީގައި އަތުރައިލިއެވެ. އާމިންދިޔަ ހައްދާ އޮޅުއަލަ ދަނޑެއް އޮންނާތީ، އެމީހުންނަށް ކޮންމެވެސް ވަރަކަށް އަލަ ލިބެއެވެ. މިހާރަށް ބަލާއިރު މިއީ ވެސް ވަރަށް ބޮޑުވަރެކެވެ. ބޮޑުއަށީގެ ހިތާނުވަޅުގައި، ދެ ފައި ވައްކޮށްލައިގެން އިނދެ އާދަނާ ވަރަށް ރަނގަޅަށް ކެއެވެ.

ކައިނިމިގެން، އާމިންދިޔަ ދިނީމާ ބިޑިއެއް ރޯކޮށްލައިގެން، އާދަނާ ނިކުތީ ބޭރަށެވެ. ގޭގައި އަނގައަށްލާނެ ފޯއްކޮޅެއް ނެތެވެ. ބޯލާނެ ބިޑިއެއް ވެސް ލިބެނީ މަދު މީހަކަށް، މަދު ފަހަރަކުއެވެ. ލިބޭ ކުޑަ ދުންފަތްކޮޅަށް، ނޫނީ ތަނޑުކޮޅަށް ބަލައިގެން ރައްކާކޮށްގެން އުޅޭ މީހަކަށެވެ. އާމިންދިޔަ ފޮރުވައިގެން އުޅޭ ދުންފަތްކޮޅު ވެސް، މިހާރު ހުސްވުމަކާ ދާދި ކައިރިވެއްޖެއެވެ. ދުންފަތްކޮޅު ހުސްވީމާ، ދެން ހަދާނޭ ގޮތަކާމެދު މިހާރު ވެސް އޭނާއަށް ފިކުރު ކުރެވެއެވެ.

އާދަނާ ނިކުމެ ގޭ ދޮރުމަތީގައި ހުރި، އޮށި އަށިގަނޑު މަތީގައި އުޑުތިލަމަތީން ކަހަލަ ގޮތަކަށް ޖައްސައިލިއެވެ. ސާދަ ފަނަރައިގެ ހަނދު، މެދު އުޑަށް މިސްރާބު ޖަހާފައިވާއިރު، މުޅި ދުނިޔެއަށް ޞަދަޤާތްކޮށްފައި ވަނީ، ތޫނު ރިހި ހަނދުވަރެކެވެ. އެއް ގަހުން އަނެއް ގަހަށް، ކާނާއަކަށް އެދި ފިޔަޖަހާ ވާލެއް ފިޔަވައި، ދިރޭ ފުރާނައެއްގެ ހިލަމެއް ނެތެވެ. އާދަނާ އިރުއިރުކޮޅުން ތުނބުގައި ބިޑި ޖަހައި ދަމާލައެވެ. އޭގެ ދިލަ ދުންތައް ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ޒަހަރުލާފައި، ނުކުމެ ޖައްވުގެ ތެރެއަށް ފޭދިގެންދެއެވެ. ހިންޗިއެއް ވަރުކޮށްލުމަށްފަހު، ބިޑިބުރި އެއްލައިލިތާ ގިނަ އިރެއް ނުވެ، ހައްވާދިޔެ ގެއިން ނިކުމެގެން، ލަދު ރަކި ހިނގުމެއްގައި އައިސް، އާދަނާގެ ގާތުގައި އިށީނދެއްޖެއެވެ. ރިހި ހަނދުވަރުގެ އަލިން އިތުރު އުޖާލާކަމެއް ލިބިފައިވާ، ހައްވާދިޔެގެ ދޮން މޫނަށް އާދަނާ ބަލައިލިއެވެ. ރޭގަނޑެއް ފަދަ ކަޅު އިސްތަށިގަނޑުގައި ދަހިވެތި ނަޒަރަކުން ފިރުމައިލިއެވެ.

"ހިނގާ ދެން އިންނަން އުޅެމާ!" އާދަނާ ތެދުވެ ހައްވާދިޔެގާތު އިށީނދެ، އޭނާގެ މޫނަށް ބަލައިލީ، އެ މޫނުގެ ރީތިކަމުގެ ޖާދޫގައި ވަރަށް ރަނގަޅަށް ޖެހިފައިވާ ކަހަލަ ގޮތަކަށެވެ. "ހައްވާދިޔެއާ ވަކީން އުޅޭން މިހާރު ވަރަށް އުނދަގޫ! ދެން އިންނަން ހިނގާ ދޯ!" ވައިއަޑުން ބޭރުވި، އާދަނާގެ ފަހު ޖުމުލައަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއިރު، ހައްވާދިޔެ އިންތަނަށް ވިރެމުންދާ ކަހަލައެވެ.

ޖެހިގެން އައި ހަފުތާގެ ހޯމަދުވަހުގެ ރަނގަޅު ސާޢަތެއްގައި، އާދަނާއާއި ހައްވާދިޔެގެ ކައިވެނި ކުރެވިއްޖެއެވެ. އެ ކައިވެނީގެ ޚަބަރު ލިބުމުން، ރަށުގެ ޒުވާން އަންހެން ކުދީންގެ ތެރެއިން އެތައް ކުއްޖަކު ކަރުނަ އެޅިއެވެ. ނުކައި ނުބޮއި އުޅުނު ކުދީން ވެސް ތިއްބޭ ކިޔާ އަޑުއިވުނެވެ. ހަސަދައިން އަނދަންފެށި ހިތްތައް ވެސް މަދެއް ނުވާނެއެވެ. އެހެންނަމަވެސް އެ ދެމަފިރީންގެ މޫނުމަތީން ފެންނާން ހުރީ، އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ދުނިޔެމަތީގެ ހުރިހައި އުފަލެއް އެކުއެކީގައި ލިބިފައިވާ ކަހަލައެވެ.

ޖެހިގެން އައި ދުވަހު އާދަނާ މަހަކަށް ނުދެއެވެ. އަލަތު ކައިވެނީގެ އުފަލުގައި، ހައްވާދިޔެއާއެކު ވަގުތު ހޭދަކޮށްލަން މަޑުކުރީއެވެ. އޭނާ ވަނީ ކައިވެނީގެ ކުރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. ރަނގަޅު އާމްދަނީއެއް އެއްކޮށްފައެވެ. ބޭނުމަކީ ކައިވެންޏަށްފަހު، މަހަށް ފަރަށް ނުގޮސް މަޑުކޮށްލުމެވެ. ހައްވާދިޔެއާއެކު އުފާވެރި ދުވަސްކޮޅެއް ހޭދަކޮށްލުމެވެ. ކައިވެނީގެ އުފަލާއި ލައްޒަތު އެންމެ އެދެވޭގޮތުގައި ފުރިހަމައަށް ލިބިގަތުމަށް ޓަކައެވެ.

"ކަތިއްބެއްޔާގެ ފުތާގެ މަސްދޯނި، ވަކަރު ކަނޑަން މާދަމާ މުލަކަށް ފުރަން އެބައުޅޭ. ހިނގާ އެ މީހުންނާއެކު މުލަކަށް ގޮސްލަން." ހަވީރު އޮޅުއަލަ ދަނޑުގައި އަލަކޮންނާން އާދަނާ އިންދާ، ހައްވާދިޔެ އައިސް އާދަނާ ގާތު އިށީނދެ، އާދަނާގެ ކޮނޑުމަތީގައި އަތްބާއްވައިލަމުން، ލޯބިގޮތަކަށް ހިނިތުންވެލިއެވެ.

"ކޮން އިރަކުން؟" ހައްވާދިޔެގެ ބަލައި ފޫހިވުމެއް ނެތް މޫނަށް އާދަނާ ބަލައިލިއެވެ.

"މާދަމާ ހެނދުނުހެން ހީވަނީ."

"ހައްވަ ދާހިތްވަންޏާ އަވަހަށް ތައްޔާރުވޭ! އަހަރެން ކެޔޮޅު އަހުމަދުދީދީއާ ވާހަކަ ދައްކައިގެން، ދެވޭގޮތް ހަމަޖައްސާނަން." އާދަނާ ތެދުވެ ހައްވާދިޔެގެ ކޮނޑަށް އަތް ވައްޓާލައި، ގަޔާ ކައިރިކޮށްލިއެވެ. އާމިންދިޔަ އެތަނަށް އައީ އެވަގުތުއެވެ.

"ކާކުގާތު ކޮންވާހަކައެއް ދައްކާން ތިޔަ އުޅެނީ؟"

"ފުތާގެ މަސްދޯނި މާދަމާ މުލަކަށް ވަކަރުކަނޑަން ދާތީ އެ މީހުންނާއެކު މުލަކަށް ގޮސްލަންކަމަށް. ދޯ ހައްވާ!" ވާހަކަދެއްކީ އާދަނާއެވެ.

މުލަކަށޭ؟" އާމިންދިޔައަށް އަވަސްއަވަހަށް އަހައިލެވުނެވެ.

"ކިހިނެއްވީ؟" މަންމަ އަހައިލިގޮތުން ހައްވާދިޔެއަށް ވެސް އަހައިލެވުނެވެ.

"ތީ ރަނގަޅުކަމެއް ނޫން!" އާމިންދިޔަގެ މޫނުމަތީން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔައެވެ.

"އެއީ ކީއްވެ މަންމާ؟ މުލަކަށޭ ދަނީ. އެއީ އެހައި ދުރެއް ނޫނެއްނު! އެންމެ އަވަހަށް އަންނަ އެއްޗަކުން އަންނާނަމޭ!" ހައްވާދިޔެ ގޮސް މަންމަގެ ގާތަށް ހުއްޓި ކުޑަކުއްޖަކު ފަދައިން ކުސްތަޅަންފެށިއެވެ. މަންމަގެ ކުރިމަތީގައި އޭނާ ހީވަނީ އަދިވެސް ތުއްތު ކުއްޖެއްހެންނެވެ. ބޮޑުވުމަކުން، މީހަކާ އިނުމަކުން، ބަދަލެއް ނާދެއެވެ. އެންމެ ދަރިއަކު އިނީތީ، އާމިންދިޔައަށް އޭނާ ގެންގުޅެވެނީ ވެސް މާ ލޯބިންނެވެ.

"މީހުން ދައްކާ ވާހަކައެއް ދަރިފުޅުމެންނަކަށް ނީވޭތަ؟" އާމިންދިޔަ ސުވާލުކުރީ، ފެށިގެން އުޅޭ ހަނގުރާމައާ ބެހޭގޮތުން އިވެމުންދާ އަޑުތަކާ ގުޅުވައިގެންނެވެ.

"ކޮން ވާހަކައެއް؟" އާމިންދިޔަގެ މޫނަށް ހައްވާދިޔެ ބަލައިލިއެވެ.

އާމިންދިޔަ އޮޅުންފިލުވައިދިނެވެ. ހަނގުރާމައިގެ ހޫނުކަން ފެތުރެމުން ގޮސް، ޖަޕާނުގެ ނުފޫޒާއި ބާރު މުޅި އިރުމައްޗަށް ފެތުރިގެން ދިޔަ ވާހަކައެވެ. އިންޑިޔާކަނޑުގެ ރައްކާތެރިކަމަށް ޓަކައި އޮޅުދޫކަރަ ދިފާޢީ މަރުކަޒަކަށް ހަދާފައި ވަނިކޮށް، ޖަޕާނުން އޮޅުދޫކަރައަށް އެތައް ގެއްލުންތަކެއް ދިން ވާހަކައާއި އައްޑުއަތޮޅަށް ވެސް ޖަޕާނު ސިފައިން ހަމަލާއެއް ދީފާނޭކަމުގެ ބިރު އޮތް ވާހަކައެވެ.

"ރަނގަޅު ވާހަކައެއް މަންމަ އެ ދައްކަނީ." އާދަނާ މަޑުމަޑުން ހައްވާދިޔެ ގާތު ބުނެލިއެވެ.

"މަންމާ! އެހައި ކަންބޮޑުނުވެބަލަ! އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ!"

ދުވަސްވަރުގެ ނުރައްކާތެރިކަން ހައްވާދިޔެގެ ސިކުނޑިއަށް ވިސްނޭހެނެއް ހިޔެއް ނުވެއެވެ. އޭނާ ދުލެއް ނުކުރިއެވެ. އެންމެފަހުން ގޮތް ދޫކުރަން ޖެހުނީ އާމިންދިޔައަށެވެ. ހައްވާދިޔެ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން، ހިތާ ދެކޮޅަށް ނަމަވެސް އެންމެފަހުން އޭނާ އާނބަސް ބުނެފިއެވެ. ހައްވާދިޔެ އުފަލުން ވަރެއް ނެތެވެ. ނަށައިގަންނަމުން، މަންމަގެ ގައިގައި އޮޅުލައިގަތެވެ. ދެ ޢީދު އެއްފަހަރާ ލައިގަތްކަހަލައެވެ. އާދަނާ ހިނިއައިސްފައި، އެ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ދެ މައިން އެކަކު އަނެކަކުދެކެ އެ ވަނީ ކޮން ފަދަ ބޮޑު ލޯތްބެއް ހެއްޔެވެ؟ އެކަމާ އާދަނާ ވަރަށް އުފާވެއެވެ. ބައެއް ފަހަރު ކަންބޮޑު ވެސް ވެއެވެ. އެހެން އުޅެނިކޮށް، އެކަކަށް ކަމެއް ވެއްޖިއްޔާ އަނެކަކަށް ވާނެ ގޮތް ހިތަށް އަރާފައެވެ.

ކޮމެންޓް 0