ކުރިއަށް ހިނގަމުން ދިޔަ ޔޫނުސަށް ހުއްޓެވުނީ ކުއްލިޔަކަށް އޭނަގެ ކުރިމަތިން ހުރަސް ކަނޑާލި ކަޅު ބުޅަލެއްގެ ސަބަބުންނެވެ. އެބުޅާ ފެނި އޭނައަށް ސިހުން ލިބުނެވެ. އެއީ އާންމުކޮށް ފެންނަ ބުޅާ ތަކާއި ޚިލާފަށް ހަށިގަނޑުން ބޮޑު އެއްޗެވެ. އެސޮރު ވަކި ހިސާބަކަށް ގޮސް މަޑުކޮށްލަމުން ޔޫނުސްއަށް ބަލަން އޮވެ އަޑުލައްވާލިއެވެ. މިމަންޒަރު ބަލަން ހުރި ޔޫނުސް އޭނަގެ ސަމާލުކަން އެ އާދަޔާ ޚިލާފު ބުޅަލާ ވަކިކޮށްލަމުން ކުރިއަށް ހިނގައިގަތެވެ.
ޔޫނުސް ދިޔަ ދިމާއަށް ބަލަން އޮތް ބުޅާ ކުއްލިޔަކަށް ގެއްލުނެވެ.
ސައިކަލަށް އަރައި ސްޓާޓްކޮށްލަން އުޅުނު ޔޫނުސްއަށް ޖެހިލި ވައިރޯޅިތަކާއެކު އަޑެއް އިވުނުހެން ހީވިއެވެ. އެއަޑު ބޮޑަށް ވައްތަަރުވީ އަންހެނަކާއެވެ. އޭނަ ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ހީވި ގޮތެއް ކަމަށް ނިންމަމުން ޔޫނުސް ސައިކަލު ދުއްވާލަން އުޅުނު ހިނދު އަނެއްކާ ވެސް އެއަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް މިފަހަރު ވަރަށް ވެސް ގާތުންނެވެ. ސިއްސައިގެން ދިޔަ ޔޫނުސްއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭނަގެ ވަށައިގެން އޮތް ހަމަހިމޭންކަން ދެކެ އޭނަ ބިރުގަތީ ދެނެވެ. އަވަސްއަވަހަށް ސައިކަލު ދުއްވާލީ ހިތަށް ވަން ބިރުވެރިކަމެއްގެ ސަބަބުންނެވެ. އޭރު ވެސް އޭނައަށް ވިސްނެމުން ދިޔައީ އެއަޑާއި މެދުގައެވެ. އެއީ އޭނައަށް ހީވި ހީވުމެއް ހެއްޔެވެ؟ ސިކުނޑި ބުރަހެލިވެފައިވިކަމުގެ ނިޝާނެއް ހެއްޔެވެ؟
ސައިކަލު ދުއްވަމުން ދިޔަ ޔޫނުސްއަށް ކުއްލިޔަކަށް ބުރަކި ޖައްސާލެވުނީ ސައިކަލުގެ ކުރިމައްޗަށް އެރި ބުޅަލުގެ ސަބަބުންނެވެ. ކުއްލިޔަކަށް ބުރަކިޖައްސަން ޖެހުމުން އޭނަ ވިިއްސައިގެން ނުދިޔައީ ވެސް ކިރިޔާއެވެ. ލިބުނު ހައިރާންކަމާއި ނުތަނަވަސްކަމާއެކު ޔޫނުސް ބުޅަލަށް ބަލާލިއެވެ. އެއީ އޭނައަށް މީގެ އިރުކޮޅެއް ކުރިން ފެނުނު ބުޅަލާ ދާދި އެއްގޮތް ބުޅަލެކެވެ. އެސޮރު އޮތީ މަގު މެދުގައެވެ. ޔޫނުސްއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ޔޫނުސް އަޑެއް ލައްވާލުމުން ވެސް އެސޮރު ބިރެއް ނުގަތްތާ އޮތްތަކުން ގުޑާ ވެސް ނުލިއެވެ. އެއާއީ ހިލާފަށް ބިރުވެރިކަން ސަވާރުވެގެން ދިޔައީ ޔޫނުސްގެ ހިތަށެވެ. އެބުޅާ އޭނައާ ދިމާއަށް ބަލަން އޮތީ މީހަކު ބިރުނުގަންނަ ގޮތަކަށް ނޫން ވިއްޔާއެވެ. ޔޫނުސް އަނެއްކާ ވެސް އަޑެއް ގޮއްވާލިއެވެ. މިފަހަރު ވެސް ހަރަކާތެއް ނުކުރިއެވެ. އެއީ މާކަ ބޮޑު މައްސަލައަކަށް ނުހަދާ ޔޫނުސް ސައިކަލު ދުއްވާލަން އުޅުނެވެ. އެއާއެކު އޭނަގެ ކަންފަތާ ނުހަނު ގާތުން ހީލުމެއްގެ އަޑު އިވުނެވެ. އެއަޑު ވައްތަރީ ޝާޢާގެ އަޑާއެވެ. ލިބުނު ސިހުމާއެކު ޔޫނުސްއަށް ވަށައިގެން ހޯދާލެވުނެވެ. މިފަހަރު ވެސް ޔޫނުސްއަކަށް އެއްވެސް މީހަކު ނުފެނުނެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނަ މަގަށް ބަލާލިއިރު ކުރިން ފެނުނު ބުޅަލެއް ވެސް މިހާރަކު ނެތެވެ.
ކުރިމަތިވެގެން މިއުޅެނީ ރަގަޅު ކަމަކާ ނޫންކަން ޔޫނުސްއަށް ރޭކާލީ ދެނެވެ. ތަފާތު މީހުންގެ ތުންތުންމަތިން އޭނައަށް އިވިފައިވާ އަޑުތަކުންނެވެ. މީހަކު ގޮވާހެން އިހުސާސްކުރެވުމާއި ބުޅާތައް ފެނުމެވެ. އެއީ ޖިންނީންގެ އުނދަގުލުގެ ސަބަބުން ފޯރާ އުނދަގޫތަކެވެ. ޔޫނުސް އަވަސް އަވަހަށް ސައިކަލު ދުއްވާލަން އަވަސްވެގަތެވެ. ހާސްވެ ކަންބޮޑުވެ ބިރުގަތުމުގެ ސަބަބުން ކުރަން އެންމެ މުހިންމު ކަންތައް އޭނަގެ ސިކުނޑިން ކައްސާލިއެވެ. ޖިންނީންގެ އުނދަގުލުން ސަލާމަތްވުމަށް މާތް ރަސްކަލާނގެ ވާގިއާއި މަދަދަށް އެދި ކީރިތި ޤުރުއާނުގެ އެހީގައި ރައްކާތެރިކަން ހޯދުމަށެވެ. ނަމަވެސް ޔޫނުސްއަށް ހެދުނު ގޯސް ވެގެން ދިޔައީ ޖިންނީންނަށް އޭނަގެ ފަހަތުން އައުމަށް ދެވުނު ދައުވަތަކެވެ. އެއާއެކު ޔޫނުސްއަށް ފާރަލަމުން ދިޔަ ޖިންނީންގެ ބައިގަނޑު އޭނަގެ ފަހަތުން ދުއްވައިގަނެފިއެވެ.
އެއްވެސް ދިރޭ ފުރާނައެއް، އަލިކަމެއް ނުވާ ތާރުމަގުން ދުއްވަމުން ދިޔަ ޔޫނުސްގެ މޫނުން ބިރުވެރިކަން ފެނެއެވެ. އިހުނަށްވުރެ ބާރަށް ސައިކަލު ދުއްވާލީ ހުށަހެޅިފައިވާ ނުރައްކަލުން ސަލާމަތްވުމަށެވެ. އޭރު ވެސް އޭނައަށް ވިސްނެމުން ދިޔައީ އެފަދަ ކަމަކާ ކުރިމަތިލާން އޭނައަށް ޖެހުނު ސަބަބެވެ. ނޭގުމެއްގެ ތެރޭން ޖިންނިއަކަށް ގޯނާއެއް ކުރެވުނީ ބާވައެވެ!
ކުއްލިޔަކަށް ކަންފަތުގެ ތޫރީގެ ތެރޭގައި ހަރުލައިގެން ދިޔައީ ބުޅާތަކެއް ހޭރިގަތްއަޑެވެ. އެއަޑާއެކު ކުރިމަތިން ހިޔަންޏެއް ވެސް ހުރަސް ކަނޑާލިހެން ހީވިއެވެ. ލިބުނު ސިހުމާއެކު ޔޫނުސްގެ އަތުން ސައިކަލުގެ ކޮންޓްރޯލް ދޫވެގެން ގޮސް ބާރު ސްޕީޑްގައި އޭނަ ތާރުގަނޑުގެ މައްޗަށް ވެއްޓުނެވެ. ހުރިހާ ކަމެއް ވެސް ހިނގީ ދާދި ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށް ވުމުން ޔޫނުސްއަށް ކުރެވުނު ކަމެއް ނެތެވެ.
ޔޫނުސް ދުއްވަން އިން ސައިކަލު ގޮސް މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހުމާއެކު އެތައް ފޫޓަކަށް ވިއްސައިގެން ދިޔަ ޔޫނުސް ގޮސް ޖެހުނީ ތާރުގަނޑު މަތީގައެވެ. އެހިނދު ޔޫނުސްގެ ވޭނީ ހަޅޭކުގެ އަޑުން ފަޒާގެ ހަމަހިމޭންކަން މުގުރާލައިފިއެވެ. ޔޫނުސް އަޅައިގެން ހުރި ހެލްމެޓުގެ ސަބަބުން ބޮލަށް އަނިޔާއެއް ނުވިކަމުގައި ވިޔަސް ބާރު ސްޕީޑުގައި ތާރުގަނޑުމަތީ ޖެހުމުން ހަށިގަނޑުގެ އެތަން މިތަނުން މަށައިގެން ދިޔައެވެ. ނުވީތާކަށް ތާރުގަނޑުގައި އޭނަގެ އަތް ޖެހުނު ގޮތަކުން އަތަށް ވެސް ތޫނު ތަދެއް އެރިއެވެ. ހަށިގަނޑަށް ލިބުނު ކުއްލި ލޮޅުމާއެކު ޔޫނުސް އޮތީ ހިރިލަން ވެސް ނޭގިފައެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގައި އޭނަ ވަނިކޮށް ކައިރިއަށް މީހަކު ހުއްޓުނު ހެން ވެސް ހީވިއެވެ. ނަމަވެސް އޭނަ އޮތީ ތަންދޮރު ވަކިކުރޭ ފަދަ ހާލެތައެއްގައެއް ނޫނެނެވެ. އޭނަގެ ގައިގިއި މީހަކު އަތްލިކަމުގެ އިހުސާސް ކުރެވުނު ހެން ވެސް ހީވިއެވެ. އެއާއެކު އޭނަގެ ލޯމެރުނީ ކޮންއިރަކު ކިހިނެއްކަމެއް ޔޫނުސް އަކަށް ނޭގުނެވެ.
*****
ޔޫނުސް އަންނާނެ އިރެއްގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި އިން ޝާހިދާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެއެވެ. ފާރުގައި ހުރި ގަޑިއަށް އޭނަގެ ނަޒަރު ސީދާވެގެން ދިޔައެވެ. ދިހައެއް ޖަހަން ކައިރިވަނީއެވެ. އޭނަ ފިކުރުބޮޑުވެފައިވާ ހާލު ޔޫނުސްގެ ފޯނަށް ގުޅަން މަސައްކަތްކުރިއެވެ.
''ތިޔަ ގުޅުއްވި ފޯނު މިވަގުތު ވަނީ ނިއްވާލާފައި، ފަހުން ގުޅުއްވުން އެދެން...''
ޔޫނުސްގެ ފޯނަށް ޝާހިދާ ގުޅާ ކޮންމެ ފަހަރަކު އިވެނީ އެންމެ ޖުމްލައެކެވެ. އެއާއެކު އޭނަ ހާސްވާން ފެށިއެވެ. އެއީ ޔޫނުސްގެ ފަރާތުން މިއިން ދުވަހަކު އޭނައަށް ފެނިފައިވާ ކަމެއް ނޫނެވެ. ޔޫނުސް ގެއަށް އަންނާނަމޭ ބުނިތާ ވެސް ދެގަޑިއިރު ފާއިތުވެގެން ދިޔައީއެވެ. ނުވީތާކަށް ޔޫނުސްގެ ފޯނު ވެސް އޮތީ ނިއްވާލާފައެވެ. ޝާހިދާގެ ހިތް ބިރުގަންނަން ފެށީ ޔޫނުސްއަށް ކަމެއްވީ ހިތާއެވެ. އޭނަ ކޮޓަރީގައިވި ހުސޭނަށް ގޮވަން އަވަސްވެގަތެވެ.
*****
ކާމޭޒުދޮށުގައި މިރޭ ހިނގާދިޔަ ކަންތަކަށް ފަހު ސިކުނޑި ހަމަޖައްސާލަން ޒިޔަޒަން އައިސް ހުރީ ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ކުޅި އަށެވެ. އޭނަ އެތާނގައި އެކަނިވެފައި އިން އިރު ތަފާތު ނަސްލުތަކުގެ ޖިންނިންތައް ދުރުދުރުން ހޭލަމޭލަވަމުންދާތަން ފެނެއެވެ. އެވެސް ޖިންނީން ގެދޮރުވެރިވެފައިވާ ތަނެކެވެ. ގެތަކާއި މުނިފޫހިފިލުވުމުގެ މައިދާންތައް އެތާނގައި ވެއެވެ. އެއީ އިންސީންގެ ލޯތަކަށް ފޮރުވިފައިވާ މުޅިން ތަފާތު ދުނިޔެއެވެ.
ޒިޔަޒަން އެތާނގައި އިންދާ ކުއްލިޔަކަށް އުދަރެހުން އަލިތަކެއް ފާޅުވުވިތަން ފެނުނެވެ. އޭގެ މާނަ ނަގައިގަންނަން ޒިޔަޒަންއަށް ގިނަ އިރެއް ބޭނުމެއް ނުވިއެވެ. އޭނަގެ ވަށައިގެން ވާހާ ޖިންނީންތައް އެމީހުން ކުރަން ތިބިކަމެއް ދޫކޮށްލުމަށްފަހު އަވަސްވެގަތީ ކަންބެލުމަށެވެ. މުޅި ހިސާބުގަނޑު ފަޅުވިއިރު ވެސް ޒިޔަޒަން އެތާނގައި އިނެވެ. އޭނައަށް ސަބަބު އެނގޭތީއެވެ. ނަމަވެސް ގިނައިރަކު އޭނައަށް ނުހުރެވުނެވެ.
*****
ޚަބަރު ހުސްވެފައި އޮތް ޔޫނުސްގެ ބޮލުގެ ފުއްކިބައިގައި ހިފައި ބިންމަތީ ދަމަމުން އައި ހާތިބުގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނެއެވެ. ވަށައިގެން ތިބި އެއްވެސް ޖިންނިއަކަށް ސަމާލުކަން ދިނުމެއް ނެތި ހާތިބު މިސްރާބުޖެހީ ގައިދީން ތިބުމަށް ހަމަޖެހިފައިވާ ބަޔަށެވެ. ބައިގަނޑުގެ ތެރޭން ހާތިބަށް ބަލަން ހުރި ޒިޔަޒަން ކުއްލިޔަކަށް ގެއްލުނެވެ.
*****
''މަންމާ... ތިހެން ކޮޓަރީގައި ހުއްޓަކަސް ބައްޕަ ކުރަން އެއުޅޭ ކަންތަކެއް ނުހުއްޓުވޭނެ، ބައްޕަ އައިއްސި ކޮންމެވެސް އިންސިއަކު ގޮވައިގެން... އަހަރުމެން އެއްޗެކޭ ނުބުނާކަމުގައި ވާނަމަ ބައްޕަ އޭނައާ މެދު ކަންތައްކުރާނެ ގޮތް މަންމައަށް ރަގަޅަށް އެނގެއެއްނު... އޭރުން އޭނަގެ މަރުގެ ޒިންމާ އަހަރުމެންގެ ބޮލުގައި ވެސް އެޅޭނެ. އެމަރާލާ މީހާގެ ލޭ އަހަރުމެންގެ އަތުގައި ވެސް ހޭކޭނެ، ބައްޕައަށް ވިސްނައިދޭން ތިބި ބަޔަކީ އަހަރުމެން، އެއްޗެއް ނުބުނެ ތިބެން ވެއްޖެއްޔާ ލަސްވެދާނެ، އެއީ އިންސާނުން ކަމުގައި ވިޔަސް އެމީހުންގެ ވެސް ކޮންމެވެސް ވަރެއްގެ އަގެއް ހުންނަަން ޖެހޭނެ، އެމީހުންގެ ވެސް ދިރިއުޅުމެއް ވޭ، އެއީ ހަމަ ކޮންމެވެސް ބައެއްގެ ދަރިއެއް، އެދަރީގެ ކުއްލި މަރުން އެމައިންބަފައިންނަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްކަން އެންމެ ރަގަޅަށް އެނގޭނެ އެކަކު މަންމައަކީ...'' އެނދުގައި އިށީންދެލައިގެން އިން ބަރްކާގެ އަތުގައި ހިފާލަމުން ބިންމަތީގައި އިށީން ޒިޔަޒަން ބުނެލިއެވެ.
''މަންމައަށް އެނގޭ، އެކަމަކު އަހަރުމެންނަށް ހާތިބު ނުހުއްޓުވޭނެ... ދަރިފުޅު ހީކުރަނީތަ ބަދަލު ހިފުން އެއީ މަންމަ ވެސް ބޭނުންވާ ގޮތް ކަމުގައި؟، އެހެން ވެއްޖެއްޔާ އެއީ ކުށްހީއެއް، މަންމަގެ ދަރިފުޅާއި މެދު ކަންތައްވީ ބޭއިންސާފުން، އެކަމުގައި ޝާމިލުވި މީހުނަށް އަދަބުލިބެން މަންމަ ނުހަނު ބޭނުންވި، ލިބުނު ހިތާމައާއި ވޭނުގެ ބަދަލު ބޭނުންވި... އެއީ ރުޅީގެ ސަބަބުން މީހާއަށް އަންނަ ބަދަލުތައް، އެރުޅި ކޮންޓްރޯލް ނުކުރެވިއްޖެ ކަމުގައި ވާނަމަ މީހާ ހަލާކުވެގެންދާނެ... އެއްއިރެއްގައި މަންމަ ވެސް ބޭނުންވި އެރުޅީގެ މައްޗަށް އަމަލުކުރަން، އެކަމަކު މަންމައަށް ފަހުން ވިސްނުނު ބަދަލުހިފައި ލޭއޮހޮރުވިޔަސް މަންމަގެ ދަރިފުޅު އަނބުރާ ނާންނާނެކަން، އިތުރު ހައިޖާންގަނޑެއް ހިނގައި ބޮޑު ހަނގުރާމައެއް ފެށުން ނޫންކަމެއް ނުވާނެކަން... އެހެންވެ މަންމަ އިސްކުރީ ސުލްހަ... އެކަމަކު ހާތިބުއަށް އެކަން ކަމަކު ނުދިޔަ، އޭނަ ބޭނުންވީ މަރަށް މަރު... ކޮންމެ ފަދަ ހާލަތެއްގައި ވެސް އޭނަ އެކަން ހާސިލުކުރާނެ... އެއިންސީންގެ މައްޗަށް މިހާރު ވަނީ އޭނަގެ ބާރު...''
ބަރްކާގެ ލޮލުން ފޭބި ކަރުނަ ތިކި ގޮސް ވެއްޓުނީ ޒިޔަޒަންގެ އަތްތިލައިގައެވެ. އެހިނދު ޒިޔަޒަންއަށް އޭނަގެ މަންމަގެ މޫނަށް ބަލާލެވުނެވެ. ދެލޮލުން އޭނައަށް ފެނުނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. އެއީ ބައްޕައާ މެދު މަންމަގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ލިސާންތަކެކެވެ.
''ތިބުނީ އެމީހުން މަރުވާން ދޫކޮށްލަން ވީއޭތަ؟...'' ޒިޔަޒަން އަހާލިއެވެ. އެސުވާލަށް ބަރްކާ ޖަވާބެއް ނުދިނެވެ.
*****
އެއްޗެއް ބިންމަތީގައި ޖެހުނު އަޑަށް ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. އޭނައަށް ފުރަތަމަ ވެސް ފެނުނީ ހާތިބެވެ. އެއަށްފަހު އޭނަގެ ދެފަރާތަށް ވާގޮތަށް މަޑުކޮށްލައިގެން ތިބި ދެ މާރިދުންނެވެ. އެއިން ކޮންމެ މާރިދެއްގެ އަތުގައި އަލިފާން ރޯކުރެވިފައިވާ ދަނޑިކޮޅުތަކެއް ވެއެވެ. އޭގެ އެހީގައި މުޅިތަނަށް އަލިކަން ފެތުރިފައި އޮތެވެ.
ޝާޢާގެ ނަޒަރު ބިންމައްޗަށް ދަތުރުކުރުމާއެކު އޭނަގެ މޭގަނޑު އަނގަޔަށް އައެވެ. ލެއިން ކަޅިވެފައި އޮތް ޔޫނުސް އާއި ދިމާއަށް އޭނައަށް ދުއްވައިގަނެވުނީ ބޭއިހުތިޔާރުގައެވެ. ނަމަވެސް އޭނައަށް ޔޫނުސްއާއި ހަމައަށް ދެވޭ ގޮތެއް ނުވިއެވެ. ފައިގައި ހަރުކުރެވިފައިވި ހިލިހިލާއަށް ބާރުވުމާއެކު އޭނަ ބިންމައްޗަށް ވެއްޓިއްޖެއެވެ.
''ޔޫނުސް...''
ރޮވިފައިވި އަޑަކުން ޝާޢާއަށް ގޮވާލެވުނެވެ. ބަލިޤަބޫލުކުރަން ބޭނުންނުވާ ހާލު ޝާޢާ އޭނަގެ ބަނޑު ބިންމަތީގައި އަޅަމުން، ޔޫނުސްއާ ދިމާއަށް އޭނަގެ އަތް ދިއްކޮށްލުމުން ކިރިޔާ އޭނަގެ އިނގިލިތަކުގެ ކުރި ޔޫނުސްގެ އަތުގައި ޖެހުނުކަމެވެ. އޭރު ޝާޢާއަށް ރޮވެމުން ދިޔައެވެ. އޭނަ އިތުރަށް ޔޫނުސްއާއި ކައިރިވާން އުޅުމުން ހިލިހިލާގެ ސަބަބުން ފައިތިއަށް ވާންވެ ތަދުވާން ފެށިއެވެ. ނަމަވެސް އެވޭނަށް ޝާޢާ ސަމާލުކަން ދޭކަށް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ ޔޫނުސް ގާތަށް ދިއުމަށެވެ.
ޝާޢާ ކުރަމުން ދިޔަ މަސައްކަތް ފެނި ހާތިބުގެ ގާތަށް އައީ ނުލަފާ ހިންޏެވެ. އޭނަ ޔޫނުސްގެ ގައިގައި އަތްލާން އުޅުމާއެކު ޝާޢާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
''ހެޔޮނުވާނެ ތިހެން ނަހަދާ... އާދޭސްކުރަން... ޔޫނުސް...'' ޝާޢާގެ އަރުބެދި އޭނައަށް ވާހަކައެއް ވެސް ނުދެކެވުނެވެ. ކަރުނުން ފުރިބާރުވެފައިވާ ދެލޮލުން ޝާޢާ ހާތިބަށް ބަލާލިއެވެ.
ޝާޢާގެ އަތްތިލަ ޔޫނުސްގެ ގައިގައި ޖައްސާލުމާއެކު ހާތިބުގެ ބާރުގެ ދަށުން ޔޫނުސްގެ ހަށިގަނޑު މިންޖުވެގެން ދިޔައެވެ. އަދި ފުންނޭވާއަކާއެކު އޭނަ ލޯހުޅުވާން މަސައްކަތް ކުރިއެވެ. އޭރު އޭނަގެ ހަށިގަނޑުގައި އުފެދިފައިވާ ރިހުމާއި ތަދުތައް އިހުސާސްކުރެވެން ވެސް ފަށައިފިއެވެ. ޔޫނުސް ލޯހުޅުވާލުމުން އޭނައަށް މަންޒަރު ފެނުނީ ވަރަށް ވެސް ފުސްކޮށެވެ. ލޯ ބޮޑަށް ހުޅުވައި ސަމާލުވެލުމުން ވެސް ފެނުމަށް ކުރިއެރުމެއް ނައެވެ. އޭނައަށް މިހާރު ހީވަނީ ކޮންމެ މަންޒަރެއްގެ ދެގުނަ ފެންނަ ހެންނެވެ. އޭނައަށް ރަގަޅަށް އެއްވެސް ކަމެއް ވެސް ނަގައެއް ނުގަނެވުނެވެ. ގިނަފަހަރަށް ލޯކުރިމަތިން އިފުރީތުތަކެއް ވެސް ފެންނަހެން އޭނައަށް ހީވެއެވެ. ނަމަވެސް އެއީ އޭނަގެ ފެނުމަށް އައިސްފައި ހުރި ބަދަލުގެ ސަބަބުންކަމެއް ނުވަތަ ހަޤީޤަތެއް ކަން ވަކިކުރާކަށް ޔޫނުސްއަކަށް ނޭގުނެވެ. ނުވީތާކަށް ހަށިގަނޑުގައި އަޅާވޭނުން ފަރާތަކަށް ހިރިނުލެވެއެވެ. އޭނައަށް ހީވަނީ އޭނަ މަރުވަނީ ހެންނެވެ.
''ޔޫނުސް...''
ވޭނުގައި ވަނިކޮށް ޝާޢާގެ އަޑު ކަންފަތުގައި ޖެހުނުހެން ޔޫނުސްއަށް ހީވިއެވެ. އޭނަ އެއަޑަށް ސަމާލުވާން އުޅުނަސް ހަށިގަނޑުގައި އުފެދިފައިވާ ރިހުމާއި ކެކުޅުން ބަރުދާސްތުކުރަން ދަތިވެފައި ވެއެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ހިނދު ޔޫނުސްގެ އަހަރުތެރޭން ވޭނީ އާހްތަކެއް ނުކުތެވެ.
މަންޒަރު ބަލަން އޮތް ޝާޢާގެ ހިތަށް އިތުރަށް އަސަރުކުރިއެވެ. ޔޫނުސްއަށް އަނިޔާ ލިބިފައިވާ ދަރަޖަ ފެނިފައެވެ. ހިތުގެ ކޮންމެ ވެސް ހިސާބަކުން އަމިއްލަ ނަފުސު އެކަމުގައި ކުށްވެރިކުރެވުނެވެ. އޭނައާއި ޔޫނުސްއާ ދެމެދު ގުޅުމެއް ނުވިނަމަ މިއަދު ޔޫނުސްއަށް އެހާލު ނުޖެހުނީހެވެ. އޭނަގެ ބަދުނަސީބުގެ ކަޅު ވިލާގަނޑުން މިއަދު ޔޫނުސްގެ ދިރިއުޅުން އެވަނީ ބަނަވެ އަލިކަން ނެތިގެން ގޮސްފައެވެ.
''ޔޫނުސް...'' ރުއިމުގެ ތެރޭން ޝާޢާ ގޮވާލިއެވެ. އަދި އިތުރަށް ޔޫނުސްއާއި ގާތްވާން މަސައްކަތްކުރިއެވެ. އެހެނަސް އޭނައަށް ކާމިޔާބު ނުލިބުނީ ހާތިބު ކުއްލިޔަކަށް ޔޫނުސްގެ ބޮލުގެ ފުއްކިބައިގައި ހިފާ މައްޗަށް އުފުއްލާލުމުންނެވެ. އެވަގުތު ހަށިގަނޑަށް އައި ކުއްލި ލޮޅުމާއެކު ޔޫނުސް ވޭނުން ފުރިގެންވި އަޑަކުން ހަޅޭއްލަވައިގަތެވެ.
''ޔޫނުސް...'' ވޭން ބަރުދާސްތުކުރަމުން ދިޔަ ހާލު ޔޫނުސްއަށް ޝާޢާގެ އަޑު އިވުނުހެން ހީވިއެވެ. އޭނަ އެއަޑަށް ސަމާލުވާން އުޅުނު ހިނދު ފުރަގަހުން ތޫނު އެއްޗެއް ހަރާލި ފަދަ އިހުސާސަކާއެކު މުޅި ހަށިގަނޑުގައި ވޭނުގެ ހައިޖާންގަނޑެއް އުފައްދާލި އެވެ. ޔޫނުސްގެ ކަރުން ވެސް ލޭ ފައިބައިގެން ދިޔަ ހިނދު، ޔޫނުސްއަށް ހަމަލާދޭން ބޭނުންކުރި ދިގު ހަންޖަރު ނެގުމަށްފަހު ޔޫނުސްގެ ހަށިގަނޑުން ހާތިބު ދޫކޮށްލިއެވެ.
ދެލޯބޮޑުވެފައިވި ޝާޢާ ރޮމުންރޮމުން ތެޅިގަތީ ޔޫނުސްގެ ގާތަށް ދިއުމަށެވެ. އެކަމަކު އޭނައަށް ކާމިޔާބެއް ނުވިއެވެ. އަތް ދިއްކޮށްލި ކަމުގައި ވިޔަސް ޔޫނުސްއާ ހަމައަށް ނުފޯރި އެވެ.
މަރަށް ތެޅެމުން ދިޔަ ޔޫނުސް ފެނި ޝާޢާގެ ހިތް ފަޅައިގެން ދާހާ ވިއެވެ. އެމަންޒަރު ނުބަލަން ވެގެން ދެލޯމަރާ މޫނު އެއްފަރާތަކަށް އަނބުރާލި އިރު އޭނަގެ ބަޑިފަޅައިގެން ގޮސް ފިއެވެ. ގިސްލަގިސްލާފައި ރޮވުން ނޫންކަމެއް ނުކުރެވުނެވެ.
އެތައް އިރެއް ވަންދެން މަރަށް ތެޅުމަށްފަހު އެންމެފަހުން މިކެހިވެރި، އަނިޔާވެރި ދުނިޔެއަށް ޔޫނުސް އަލްވަދާއު ކިޔައިފިއެވެ. އެތައް އަނިޔާއަކާއި ވޭނެއް ތަހައްމަލު ކުރުމަށްފަހު އެފުރާނަ އޭގެ ވެރިފަރާތާ ބައްދަލުކުރީއެވެ. ޔޫނުސްގެ ހަށިގަނޑުގެ ހަރަކާތް ކެނޑުނު ހިނދު، އެހަށިގަނޑުން ފޭބި ލެއިން މުޅި ހިސާބުގަނޑު ކަޅިވެފައި ވިއެވެ.
ހިތްވަރުކުރަމުން ޔޫނުސްއާ ދިމާއަށް ބަލާލި ޝާޢާއަށް ހަރަކާތްކެނޑިފައި އޮތް ޔޫނުސް ފެނި ހަޅޭއްލަވައިގަނެވުނެވެ. އޭރު ޔޫނުސްގެ ގައިން ފޭބި ލެއިން ދެމެމުން އައި ކޯރު ޝާޢާ ހަމައަށް ފޯރައިފި އެވެ. ޤަބޫލުކުރަން ދަތިވެފައިވި ހާލު ޝާޢާއަށް ޔޫނުސްއަށް ގޮވާލެވުނެވެ. އެހެނަސް ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެވަގުތު ޝާޢާގެ ހިތަށް ކުރި އަސަރާއި އެޅި ވޭން ބަޔާންކޮށްދެވޭނެހެނެއް ހިޔެއް ނުވެއެވެ.
ދިރުން ގޮސްފައިވި ޔޫނުސްއަށް ޝާޢާ ބަލަން ހުއްޓާ، ހާތިބު ޔޫނުސްގެ ފުރާނަ ނެތް މަސްގަނޑުގައި ކޮޅު ފައިން ޖަހާ ކޮއްޕާލި އެވެ. އާރެއް ބާރެއް ނެތް ޔޫނުސްގެ މަސްގަނޑު ފުރޮޅިލާފައި ކުރިއަށް ދިޔައެވެ.
ހިތާމައާއި ކެކުޅުމުގެ ތެރޭން ހާތިބަށް ބަލާލި ޝާޢާގެ ދެލޮލުގެ ތެރޭގައި ރުޅިވެރިކަން ފަރުދާވެފައި ވިއެވެ. އޭނަގެ ހިތް ރޮމުން ދިޔަ ހާލު ހާތިބަށް ލަޢުނަތްލެއްވުމަށް އެދި ދުޢާކުރެވުނެވެ.
''އޭނަ ގެންދޭ...'' ހާތިބު އަމުރުކޮށްލުމާއެކު އެތަނަށް އައީ ހިމަތޮޅި ހަށިގަނޑެއްލިބިފައިވި މަހުލޫޤެކެވެ. އޭތީގެ ބުރަކަށިން ދެވަރު ފަޅާފައި ވިއިރު ވަރުތައް ވައްތަރީ ވާލުގެ ފިޔައާއެވެ. އޭތީގެ ހަތެރެސްފައިގެ ނިޔަފަތިތައް ނުހަނު ދިގެވެ. މޫނު ވަނީ ދިގު ބައްޓަމަކަށެވެ. އަނގައިގައި ހުރި ތޫނު ދަތްތައް ބޭރަށް ނިކުމެފައި ވެއެވެ.
''ނޫން...''
އޭތީގެ ނަޖިސް އަތުން ޔޫނުސްގެ ހަށިގަނޑުގައި ހިފެހެއްޓުމާއެކު ޝާޢާ ހަޅޭއްލަވައިގަތެވެ. ޝާޢާ އެގޮތުގެ މަތީން ހަޅޭއްލަވަމުން ދަނިކޮށް އެމަހުލޫޤު މައްޗަށް އުދުއްސައިގެންފި އެވެ.
ހިތްފަޅައިގެންދާ ޖަޒުބާތުތަކާއެކު ރޮމުން ދިޔަ ޝާޢާގެ ކުރިމައްޗަށް ހާތިބު ހުއްޓުނެވެ. ޝާޢާގެ ގިސްލުމާއި ލޮލުން ފައިބަމުންދާ ކަރުނަތަކުން އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވި ކަހަލައެވެ. އޭނަގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއިރު ކުރެވުނު ކަންތަކާ މެދު އެހިތުގައި ކުޑަވެސް ޖަޒުބާތެއް ނުވާ ކަހަލައެވެ. އެއްވެސް ކުށެއް ނެތް އިންސާނެއްގެ ފުރާނަ ދުއްވާލެވުމުން އެކަމާ މެދު ދެރަ ވެސް ނުވެއެވެ. އެއާ ޚިލާފަށް ޝާޢާއަށް ލިބިފައިވާ ފުން ހިތާމަތަކުން އޭނަގެ ހިތަށް ފިނިކަން ލިބިފައި ވިއެވެ. އޭނަ ޝާޢާގެ ހާލަތައް މަލާމާތްކޮށް ވާހަކަދެއްކިއެވެ.
''މިއީ ކަލެއަށް އޮތް ނިމުމެއް ނުވާ ހިތާމަޔާއި ކެކުޅުންތަކުގެ ފެށުން...'' ހާތިބު ބުނެލިއެވެ. އަދި އޭނަ ނިކުންނަން ހިނގައިގަތެވެ. ހާތިބުގެ ފަހަތުން އޭނައާއެކު އައިސް ތިބި ބައިގަނޑު ވެސް ހިނގައިގެން ފިއެވެ. އެމަންޒަރު ބަލަމުން ދިޔަ ޝާޢާގެ ލޮލުން ހޯސްލާފައި ކަރުނަ ފޭބިއެވެ. މުޅިތަން ހަމަހިމޭންވެ އަނދިރިވުމާއެކު ޝާޢާއަށް ގަދަޔަށް ގިސްލެވުނެވެ. ވޭން އަޅަމުން އައި ހިތުގައި އޭނައަށް އަތް ޖައްސާލެވުނެވެ. އޭރު ހުއްޓުމެއް ނެތި އޭނަގެ ލޯކުރިމަތިން ތަމްސީލުވަމުން އައީ ޔޫނުސްގެ މަރު އޭނައާއި ބައްދަލު ކުރި ހިތް ދަތި މަންޒަރެވެ. އެއިން ކޮންމެ ފަހަރަކު ތުރުތުރުއަޅަމުން އައި ޝާޢާގެ ތުންފަތް ފޫއަޅުވާލާފައި ގިސްލުމުގެ އަޑު ބޭރު ވެއެވެ. ތަޤުދީރުންގެ ނިންމުންތަކާ މެދު އޭނައަށް ޝަކުވާކުރެވުނު އަދަދެއް ނޭނގެއެވެ. އެފަދައިން ވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ލޯތްބަށް އެފަދަ ކުއްލި ނިމުމެއް އަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ސަބަބުން ޔޫނުސްއަށް ކުރިމަތިއެވީ ކޮންފަދަ ނިކަމެތި ހާލަތަކާ ހެއްޔެވެ؟ ދުވަހަކު އަމިއްލަ ނަފުސަށް މަޢާފުކުރެވޭނެ ހެެނެއް ހިޔެއް ނުވެއެވެ.
ޝާޢާގެ ހިތްދަތިކަމަށް އިތުރު ބޮޅުތަކެއް އިތުރުވެގެން އައީ ޔޫނުސްގެ މަރާއެކު ޔޫނުސްގެ ޢާއިލާއަށް ލިބޭނެ ހިތާމަތަކާ މެދު ވިސްނާލެވުމުންނެވެ. ހަމައެއާއެކު އެނުބައި އިފުރީތު ޔޫނުސްގެ ފުރާނަ ނެތް މަސްގަނޑު ގެންދިޔަތަނެއް، ކުރިކަމެއް ވެސް ނޭގޭތީ އެވެ. އޭނައަށް އާދެވިފައި މިވަނީ ބިރުވެރި ކިއްލާއަކަށެވެ. މިނިކާ ޖަނަވާރުތަކަކުން ވަށާލެވިފައިވާ ކަހަލައެވެ. އެއެއްޗެހީގެ ހަމަލާއެއް އަންނާނީ ކޮންއިރަކު ކިހިނެއް ކަމެއް ނޭގެއެވެ. އޮތީ އެކަމަށް ހުށިޔާރު ވުމެވެ. އެހެނަސް އޭނައަށް ވުރެ ބާރުގަދަ ބައެއްގެ އަތްދަށުން އޭނަ ސަލާމަތްވާނީ ކިހިނަކުން ހެއްޔެވެ؟ ފާއިތުވާ ކޮންމެ ސިކުންތަކާއެކު އޭނަގެ ނިކަމެތިކަމާއި އާރެއްބާރެއް ނެތްކަން ހާމަވެގެން އެބަދެއެވެ. އާދެވިފައިމިވާ ތަނުން ސަލާމަތުގެ އައްސޭރިއަކަށް ދާނެ ގޮތެއް ވެސް ޝާޢާއަކަށް ނޭނގުނެވެ. ގޮތްހުސްވެ މުޅި މީހާ ހައިޖާނުގަނޑެއްގެ ތެރޭގައި ހަފުސްވާން ފެށިއެވެ. ރުއިން ނޫންކަމެއް އޭނައަށް ނުކުރެވުނެވެ. އޭރު ޝާޢާގެ ހިތުގައި ހާތިބާއި މެދު ނަފްރަތުގެ ހުޅުގަނޑު ރޯވެ ގަދަޔަށް އަނދަމުން ދިޔައެވެ.
*****
ވައިކަފާލާފައި އުދުހެމުން ދިޔަ މަހުލޫގު އޭނަގެ މަންޒިލަށް އާދެވުމައެކު އަތުގައި އޮތް ޔޫނުސްގެ މަސްގަނޑުން ދޫކޮށްލިއެވެ. އެއާއެކު ބާރު ސްޕީޑުގައި ވެއްޓުނު ޔޫނުސްގެ ހަށިގަނޑު ގޮސް ޖެހުނީ ތާރުގަނޑު މަތީގައެވެ. އެއީ ޔޫނުސްގެ އެކްސިޑެންޓް ހިނގި ސަރަހެއްދެވެ.
*****
ރޭގަނޑު އެގާރަ ޖަހާކަންހާ އިރެވެ. ބޮޑުކޮޓަރީގައި ޝާހިދާ އިނީ ޔޫނުސްގެ ރަހުމަތްތެރިންނަށް ގުޅަމުން އެމީހުނާއެކު ޔޫނުސް ވިތޯ އޮޅުން ފިލުވުމުގެ މަސައްކަތުގައެވެ. އޭރު ހުސޭންވީ ރަށުތެރެއަށް ނިކުމެއެވެ. ބޮޑުކޮޓަރީގެ ސޯފާގައި އިން ޝާހިދާގެ މޫނުމަތިން މާޔޫސްކަން ފެނެއެވެ. އޭނަ ޔޫނުސްގެ ހުރިހާ އެކުވެރިންނަށް ގުޅި އިރުގައި ވެސް އޭނަ އުއްމީދުކުރި ފަދަ ޖަވާބެއް ނުލިބުނެވެ. އަތުގެ ތެރޭގައި ފޯނު ބޮޑިކޮށްލައިގެން އިން ޝާހިދާއަށް ބޭރުން ސައިކަލެއްގެ އިންޖީނުގެ އަޑުއިވުނުހެން ހީވުމާއެކު އަވަސްއަވަހަށް ބޭރަށް ނިކުމެލީ ޔޫނުސްއޭ ހިތާ އެވެ. ނަމަވެސް އޭނަގެ ހިތަށް އިތުރު މާޔޫސްކަމެއް ވެރިވުން ނޫންކަމެއް ނުވި އެވެ. ސައިކަލުން ފޭބި ހުސޭނަށް ބަލަން ޝާހިދާ ހުއްޓެވެ.
ހުސޭންގެ މޫނުމަތިން ޝާހިދާއަށް ފެނުނީ އޭނަގެ ހިތް ބިރުގަންނަވާލާ ފަދަ ޖަޒުބާތުތަކެވެ. އެއާއެކު ބިރުވެރި ޚަބަރެއް ލިބެން އުޅޭކަމުގެ އިންޒާރު އޭނަގެ ހަވަނަ ހިއްސު ދޭން ފެށި އެވެ. ދޮރު ކަނީގައި އޭނައަށް ހިފަހައްޓާލެވުނީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ.
''ކޮބާ ޔޫނުސް؟...'' އަވަސްވެފައިވި ހިތަކާއެކު ޝާހިދާ ސުވާލުކުރިއެވެ. އޭނައާއި ހުސޭނުގެ ނަޒަރު ބައްދަލުވި ހިނދު އެލޮލުގައިވި ރަތްކަމުން ޝާހިދާގެ މެޔަށް ފިނި ވިއެވެ.
''ޝާހިދާ ހިނގާބަލަ އަހަންނާއެކު ހޮސްޕިޓަލަށް ދާން...'' ޝާހިދާއާއި އަރާހަމަކުރަމުން ހުސޭން ބުނެލިއެވެ.
''އެކީއްކުރަން؟... ކޮބާތަ ޔޫނުސް، އޭނަ ނުފެނުނީތަ؟...'' ޝާހިދާ ސުވާލުކުރިއެވެ. ޔޫނުސްގެ ހާލު އެނގެން އޭނަގެ ބޭނުންވެފައިވި މިންވަރު ފެނި ހުސޭންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ ތެދު ހާމަކުރާނީ ކޮން ދުލަކުން ހެއްޔެވެ؟
''ހުސޭން، އަހަރެން ބިރު އެބަގަނޭ...'' ހުސޭން ކަރުނަ ފޮހެލިތަން ފެނި ޝާހިދާއަށް ބުނެލެވުނެވެ.
''އަހަންނާއެކު ހޮސްޕިޓަލަށް ދާން ހިނގާބަލަ...'' ހުސޭން ބުނެލިއެވެ. ހުސޭނުގެ އަމަލުތަކުން ޝާހިދާ އިތުރަށް ބިރު ގަންނަވާލިއެވެ.
''ޔޫނުސްވީ ހޮސްޕިޓަލުގަތަ... އޭނައަށް ކަމެއް ވީތަ؟...'' ހުސޭންގެ އަތުގައި ހިފާލަމުން ޝާހިދާ އެހި އެވެ. ހުސޭން ޖަވާބެއް ނުދިނެވެ. ޔޫނުސްގެ ވާހަކަ ޝާހިދާގެ ކުރިމަތީގައި ނަންގަންނާނެ ގޮތެއް އޭނައަކަށް ނޭގެއެވެ. ޔޫނުސްގެ މަރު ޚަބަރު ލިބުމުން ވާނެ ގޮތެއް ވެސް މެއެވެ. ޚުދު އޭނަ ވެސް އެހެރީ ޝޮކެއްގަ އެވެ. އެހެނަސް އެކަން ސިއްރުކުރެވޭކަށް ނެތެވެ. އެއީ ދޮގު ނުކުރެވޭނެ ހަޤީޤަތަކަށް ވާތީ އެވެ. އެމީހުންނަށް މަޖުބޫރުވެފައި އެވަނީ ޒުވާން ފިރިހެން ދަރިފުޅުގެ ކުއްލި މަރާ ކުރިމަތިލާށެވެ.
*****
ތެޅިތެޅި އޮތް ހިތަކާއެކު ޝާހިދާ ހޮސްޕިޓަލުގެ ގޭޓުން ވަން އިރު އެތަނަށް އެއްވެފައި ތިބި މީހުންތައް ފެނި އޭނަގެ ހިތުގެ ތެޅުން ކުއްލިޔަކަށް އަވަސް ވިއެވެ. ގާތުގައި ހުރި ހުސޭނަށް އޭނަ ބަލާލީ ޖަވާބު ބޭނުންވެފައިވި ހާލުގައެވެ. އެއާއެކު އޭނައަށް ހުސޭނުގެ އަތުގައި ހިފާލެވުނެވެ. ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟
*****
އެކްސިޑެންޓެއްގައި ޔޫނުސް މިދުނިޔެ ދޫކޮށް ދިޔަ ޚަބަރު ލިބުމާއެކު ޝާާހިދާ އަނބުރައިގަނެގެން ވެއްޓުނެވެ. އެފަދަ ކަމަކަށް ސަމާލުވެލައިގެން ހުރި ހުސޭނަށް ވެއްޓެން ދިޔަ ޝާހިދާގެ ހަށިގަނޑުގައި ކިރިޔާ ހިފަހައްޓާލެވުނީ އެވެ. އޭނަގެ ލޮލުން އޭރު ކަރުނަ އޮހޮރެމުން ދިޔައެވެ.
*****
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ވަށައިގެންވި ހުރިހާ ދިރުންތަކެއް ފުން ނިންޖެއްގެ ތެރެއަށް ގެނބިފައި ވިއިރު ޒިޔަޒަންއަށް އޮތީ ނުނިދިފައެވެ. އޭނަ ދެއަތަށް ފުރޮޅެމުން ދިޔަ އިރު ބުރަހަލިކަމެއް ނެތި ސިކުނޑި މަސައްކަތްކުރަމުން ދިޔައެވެ. އެކަމުގެ ނަތީޖާއަކަށް ވީ އޭނައަށް ނުނިދުމެވެ. އެންމެފަހުން ޒިޔަޒަން އެނދުން ތެދުވުނެވެ. އޭނަގެ ހިތުގައި ޝާޢާގެ ހާލު ބަލާލުމުގެ ޝައުގުވެރިކަން އުފެދިގެން އައެވެ. ނަމަވެސް އެއީ ރަގަޅު ޚިޔާލެއްތޯ ޒިޔަޒަންއަށް އޭނަގެ ހިތާއި ސިކުނޑިއާއި ސުވާލުކޮށްލެވުނެވެ. އެންމެފަހުން ފުން ނޭވާއެއް ދޫކޮށްލި ޒިޔަޒަން އޭނަގެ ނިތުގައި ފިރުމާލިއެވެ. އޭނަގެ ބޮލަށް އިންތިހާއަށް ވަނީ ބަރުވެފައެވެ. ވިސްނާލުމަށްފަހު އެންމެފަހުން ޒިޔަޒަން އޭނަގެ ހިތުގެ ގޮވުމަށް އިޖާބަ ދިނެވެ.
*****
ފާރުގައި ބުރަކަށިޖައްސާލައިގެން އިން ޝާޢާގެ ދެލޮލުން ކަރުނަ ހިކިފައި ވިއެވެ. އެރީތި މޫނުގެ ކުލަ އޮއްސިފައި ވިއިރު ހިތާމައިގެ ތަސްވީރެއް ކަހަލައެވެ. މުޅި މީހާއަށް ހިމޭންކަން ވެރިވެފައިވީ ރޫހު ގެއްލިފައިވީތީ އެވެ. އެހެން އޭނަ އިންދާ ކުއްލިޔަކަށް ހިޔަންޏެއް ފާޅު ވިހެން ހީވިއެވެ. އެއާއެކު ޝާޢާގެ ހިއްސުތަކަށް އެނގުން ވިއެވެ. އޭނައަށް ހީވީ ނުރައްކަލެއް ކުރިމަތިވާން އުޅެނީ ހެންނެވެ.
''އަަހަރެންގެ ފަރާތުން ބިރުވެރިކަމެއް ކުރިމައްޗެއް ނުވާނެ...''
ޝާޢާއަށް ހީވީ އޭނައަށް މީގެ ކުރިން ވެސް އެއަޑު އިވިފައި ވިހެންނެވެ. އެއާއެކު ޝާޢާގެ ނަފުސު އޭނައަށް ކަމެއް އަންގާލަދިނެވެ. އެއީ އެރޭ އޭނައަށް އެހީވެދިން އަޑުގެ ވެރިޔާއެވެ. އަނިޔާވެރި ދުނިޔެއަކުން އޭނައަށް އޯގާތެރިކަން ލިބުނު ފަރާތެވެ. ނަމަވެސް އޭނައަށް އެމީހަކަށް އިތުބާރުކުރެވިދާނެތޯ ހިތާ ސުވާލުކޮށްލެވުނެވެ. ޖިންނީންނަކީ ކެހިވެރި މަކަރުވެރި ބެޔެކެވެ. އަމިއްލަ އެދުމެއް އޮވެގެން މެނުވީ މަދުދުވެރިއެއް ނުވާނެއެވެ. އެޚިޔާލުތަކުން ޝާޢާއަށް ކަންތައް ކުރަންވީ ކިހިނެއް ކަމެއް ނޭގުނެވެ. އެނުދަންނަ ފަރާތަށް އިތުބާރުކުރަންވީ ހެއްޔެވެ؟ ނޫނީ ހުޝިޔާރުވެ ސަމާލުވާންވީ ހެއްޔެވެ؟
ޒިޔަޒަން ކުރިއަށް އަޅަމުން އައި ފިޔަވަޅުތައް ހުއްޓުނީ ބިންމަތީގައި ހިކިފައިވި ލޭގެ ނިޝާންތައް ފެނުމުންނެވެ. އެއާއެކު އޭނަގެ ނަޒަރު ސީދާ ވެގެން ދިޔައީ ޝާޢާ އާއެވެ. އޭނަގެ އަތުގައި އޮތް ފާނޫޒުގެ އަލިން ޝާޢާގެ މޫނުގައިވި ހިތާމައިގެ ކުލަވަރުތައް ނިކަން ރީއްޗަށް ބަޔާންކޮށްދިނެވެ. ކީއްވެގެންކަމެއް ނޭގުނެވެ. ޒިޔަޒަންގެ ހިތަށް ގޮތެއް ވިއެވެ. ޝާޢާގެ ދެލޮލުން އޭނައަށް ދިރުމެއް ނުފެނުނެވެ. އެލޮލުގައި އެއްވެސް ޖަޒުބާތެއް ނުވާ ކަހަލައެވެ.
ކަޅިޖަހާލުމެއްނެތި ޒިޔަޒަންއަށް ބަލަން އިން ޝާޢާއަށް އެމޫނުން ސިފައެއް ފާހަގަ ކުރެވެން ފެށުނެވެ. އެހިނދު އޭނަގެ ހިތަށް ހާތިބުގެ ނަން ވަދެގެން ދިޔައެވެ. ކުރިމަތިން ފެންނަން ހުރި ޒުވާނާއާއި ހާތިބާއި އެއްގޮތް ސިފަތަކެއް އޭނައަށް ފާހަގަކުރެވުނެވެ. އެއާއެކު އޭނަގެ ހިތަށް ބިރުވެރިކަން ވެރިވެއްޖެއެވެ.
''ކައިރިނުވާތި!...'' ޒިޔަޒަން ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ޝާޢާ ބުނެލިއެވެ. ޝާޢާގެ ޖުމްލައާއެކު ޒިޔަޒަންގެ ފިޔަވަޅުތައް މަޑު ޖައްސާލި އެވެ. ޝާޢާގެ ފަރާތުން އެސިފަ ފެންނާނެކަމަށް އޭނައަށް ކުރިން ވެސް ހީކުރެވުނެވެ. ވެދިޔަ ކަންތަކަށް ފަހު ނުދަންނަ މީހަކަށް އިތުބާރުކުރުން އެއީ އުނދަގޫވާނެ ކަމެކެވެ.
''ބިރުނުގަނޭ... އަހަރެން ނާންނަން ޝާޢާއަށް ގެއްލުމެއްދޭކަށް...'' ޒިޔަޒަން އޭނައަށް އިތުބާރުކުރަން ޝާޢާ ގާތު ބުނެލިއެވެ. ނަމަވެސް ޝާޢާއަށް އެކަމެއް ނުކުރެވުނެވެ.
''ކަލޭ ތިއައީ އޭނަ ފޮނުވައިގެނެއްނު... ދުރަށްދޭ...'' ޝާޢާގެ އަޑުގައި ތުރުތުރުލުމެއް ވިއެވެ.
''އެއްވެސް މީހަކު ފޮނުވައިގެނެއް ނޫން އަހަރެން މިއައީ... އަހަރެން އައީ އަމިއްލައަށް ބޭނުން ވެގެން...'' ޒިޔަޒަން ބުނެލިއެވެ. އޭނަ ހުރީ ހުރި ފިޔަވަޅު މަތީގައެވެ.
''ކީއްކުރަން؟...'' ޒިޔަޒަންގެ ޖުމްލައިން ޝާޢާއަށް ލިބުނީ ހައިރާންކަމެވެ. ޝާޢާގެ ސުވާލަށް ދޭންވީ ޖަވާބެއް ޒިޔަޒަންއަކަށް ނޭނގުނެވެ. ދުލުން ބަސްހުސްވެފައިވީ އެހެންވެ އެވެ. ދެން އެދެމެދަށް ވެރިވެގެން އައީ މަރުގެ ހަމަހިމޭންކަމެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. އެކަކު އަނެކަކަށް ބަލަމުން ދިޔަ އިރު ތަފާތު އެކި ޚިޔާލުތައް ދެ ޒުވާނުންގެ ހިތަށް އަރާފޭބި އެވެ.
''ކަލެއާއި އޭނައާ އޮތް ގުޅުމަކީ ކޮބާ؟...'' ވެރިވެފައި އޮތް ހަމަހިމޭންކަން ފޫދުއްވާލަމުން ޝާޢާ އޭނަގެ ހިތުގައިވި ސުވާލު ކޮށްލިއެވެ. އޭރު ވެސް އޭނައަށް އެސުވާލުގެ ޖަވާބު އެނގޭ ކަހަލައެވެ. އެހެނަސް އޭނަ ބޭނުންވީ ޔަޤީން ކުރާށެވެ.
''ކީއްވެ ޖަވާބު ނުދީ ތިހުރީ؟... އަހަންނަށް ކަލޭއަކީ ވެސް ޖައްބާރެއްކަން އެނގިދާނެތީ ދޯ؟...'' ޝާޢާ ބުންޏެވެ. ޒިޔަޒަންގެ ހިމޭންކަމުން އޭނައަށް ޖަވާބު ލިބުނެވެ.
''އެއީ އަހަރެންގެ ބައްޕަ...'' ޒިޔަޒަން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބުންޏެވެ. ''އަހަންނަކީ ތިޔަ ހީކުރާ ކަހަލަ މީހެއްނޫން...''
''ދެން ކޮންކަހަލަ މީހެއްތަ ތީ؟... އަހަރެން ކަލެއާ މެދު ދެކެންވީ ކިހިނެއް؟... ކަލޭމެން ޖިންނީންނަށް ބާރެއް ލިބިފައިވުމުން ނިކަމެތީންގެ މައްޗަށް އަނިޔާވެރިވަނީ... ކަލޭމެންގެ ހިތެއް ވެސް ނޯވޭ، ވާނަމަ އެފަދަ ރަހުމުކުޑަ އަމަލުތައް ހިންގަން ނުކެރުނީސް...'' ޝާޢާ ވާހަކަދެއްކިއެވެ. އޭނަގެ ހިތުގައި ޖިންނިންނާ މެދު އުފެދިފައިވާ ރުޅިވެރިކަން އޭނަގެ އަޑުން ހާމަކޮށްދެއެވެ. ކީއްވެގެންކަމެއް ނޭނގުނެވެ. ޒިޔަޒަންއަށް އޭގެ ސަބަބުން އުނދަގޫ ވިއެވެ.
''އަހަންނަކީ އަހަރެންގެ ބައްޕައެއް ނޫން... ކުށެއްނެތް ބަޔެއްގެ މައްޗަށް އަހަރެން އަނިޔާވެރިއެއް ނުވަން، ނުވެސް ވާނަން...'' ޒިޔަޒަން ބުންޏެވެ. އެއާއެކު ޝާޢާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. އޭނަގެ ދޫ ވެސް ހިނދުކޮޅަކަށް ހިމޭން ވިއެވެ.
''އެނގޭ އަހަރެން ވާހަކަތައް ޤަބޫލުކުރަން އުނދަގޫވާނެކަން، އަހަރުމެންގެ ތެރޭން ވެސް ތެދުމަގު ލިބިފައިވާ މީހުންވޭ، ހުރިހާ ޖިންނީންނަކީ ނުބައި ބަޔެއް ނޫން، އަހަރެމެންގެ ހިތުގައި ވެސް ހަމްދަރުދީވޭ... ރަހުމުކުރަން އެނގޭ... އިންސާނުންގެ ތެރޭގައި ވެސް ރަގަޅު މީހުންނާއި ނުބައި މީހުންވޭ، ހަމަ އެއުސޫލު އަހަރުމެންގެ ތެރޭގައި ވެސް ވޭ...''
ޒިޔަޒަން ވާހަކަދެއްކިއެވެ. ޝާޢާ އިނީ ވަކި އެއްޗެއް ނުބުނެ ހިމޭންވެފައެވެ. އޭގެ މާނަ ނަގަންވީ ކިހިނެއް ކަމެއް ޒިޔަޒަންއަކަށް ނޭނގުނެވެ. އަނެއްކާ ވެސް އެދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ. ޝާޢާއަށް ބަލަން ހުރި ޒިޔަޒަންއަށް އިތުރަށް ދައްކަންވީ ވާހަކައެއް ނޭނގުނެވެ. އޭނައަށް ޝާޢާގެ ފަރާތުން ޝައުގުވެރިކަމެއް ވެސް ނުފެނުނެވެ.
''ކަލޭ ބޭނުންވަނީ ކޮންކަމެއް؟...'' ޝާޢާ އެހި އެވެ. ޒިޔަޒަންގެ ނިޔަތާ މެދު އޭނަގެ ހިތުގައި ޝައްކު ވެއެވެ. ޒިޔަޒަންގެ މޫނުމަތިން ހިތްހެޔޮކަން ފެނުނުކަމުގައި ވިޔަސް އެއީ ހިންތާއަކަށް ވެދާނެ އެވެ. އެއްވެސް ފަރާތަކަށް އިތުބާރުކުރުން އޭނައަށް ވެފައިވަނީ އުނދަގޫ ކަމަކަށެވެ.
''އެހީވާން...'' ޒިޔަޒަން ހާމަކޮށްލި އެވެ.
''ކީއްވެ؟...'' ޝާޢާއަށް ޤަބޫލުކުރަން ދަތި ވިއެވެ.
''ކުށެއް ނެތް މީހަކަށް އަނިޔާލިބެން ބޭނުން ނުވާތީ...'' ޒިޔަޒަން ހާމަކުރިއެވެ. ''ބައްޕަގެ ވިސްނުން މުޅިން ގޯސް، ދިމާވި ކަމެއްގެ ސަބަބުން ބައްޕައަށް އެވަނީ ހެވާއި ނުބައި ވަކިކުރަން ނޭނގިފައި، އިންސީންނާ މެދު ނަފުރަތު އުފެދިފައިވަނީ އެހެންވެ. ކޮންމެ ފަދަ ދަރަޖައަކަށް ވެސް އަނިޔާވެރިވާން ހިތްވަރު ލިބެނީ އެހެންވެ...''
''އަހަރެންގެ ޢާޢިލާ ބަރުބާދުކޮށްލީ ކަލޭމެން... އަހަރެންގެ ބޮޑުދައިތައާއި އަޅާއިގަތީ ވެސް ހަމަ ކަލޭމެން، އެކަމުގެ ސަބަބުން އަހަރެންގެ މުޅި ޢާއިލާ ބަރުބާދު ވެގެން ދިޔައީ!، ބަދަލު ހިފަން ބޭނުންވާނަމަ ހިފަންވީ އަހަރުމެންނެއްނު، ރުޅި އަންނަންވީ ވެސް އަހަރުމެންނެއްނު، ބޮޑުދައިތަގެ ކޮން ކުށެއް އޮވެގެންތަ ކަލޭމެން އެފަދައިން ކަންތައް ކުރީ؟... ބާރެއް ލިބިފައިވީތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ބޭނުންވީ ދޯ؟... ކަލޭމެން ހީކުރަނީތަ ހިތުހުރިހާ ގޮތެއް ހަދާލެވޭނެކަމަށް؟... ފަހުން ދުވަހެއް އޮތްކަން ކަލޭމެން ހަނދާނެއް ނުވޭ ދޯ؟... އެދުވަހު އިންސާފު ލިބޭނެކަމެއް ވެސް ނޭގޭ ދޯ؟... ކަލޭމެން ތީ އަނިޔާވެރިން... ކަލޭމެން ތީ މަރުވާން ޖެހޭ ބަޔެއް، މުޅި ދުނިޔެ ފަސާދަކުރަނީ ކަލޭމެން...'' ޝާޢާގެ އަޑުގައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ވިއެވެ.
''ހަޤީޤަތް އެނގިގެންތަ ވާހަކަ ތިދައްކަނީ؟... ހިނގިކަމެއް ހިނގީ ދެފަރާތުގެ ވެސް އިއުތިރާފާއެކު، އަހަރެންގެ ދޮންބެ ޝާޢާގެ ބޮޑުދައިތަގެ މައްޗަކަށް އަނިޔާވެރިއެއް ނުވޭ. މޮޔައެއް ވެސް ނުކުރޭ، ބާރެއް ވެސް ބޭނުމެއް ނުކުރޭ... އެދެމީހުންގެ މެދުގައި ގުޅުން އުފެދުނީ ދެމީހުން ރުހި ޤަބޫލުވެގެން... އެދެމެދުގައި އޮތީ ސާފު ލޯތްބެއް... އެލޯބި ހާސިލު ނުކުރެވުނީ ޖާބިރުގެ ސަބަބުން... އޭނައަށް އެކަން އެނގުނުފަހުން ފަންޑިތައިގެ ބާރު ބޭނުންކުރަން އުޅުނީ... އެކަމަކު ޝާޢާގެ ބޮޑުދައިތަ ބޭނުމެއް ނުވި އަހަރެންގެ ދޮންބެއާއި ދުރުވާކަށް، އޭނަ ބޭނުންވީ ދޮންބެއާއެކު އަހަރުމެންގެ ދުނިޔެއަށް ދާން... އެހިސާބުން ޖާބިރު އޭނަގެ ފަންޑިތަ ވަރުގަދަ ކުރީ... އޭރު ޝާޢާގެ ބޮޑުދައިތަ ހުރީ އަހަރެންގެ ދޮންބެގެ ދަރިއަކަށް ބަލިވެ... ފަންޑިތައިގެ ސަބަބުން ޝާޢާގެ ބޮޑުދައިތައަށް ވޭންލިބޭތަން ފެނުމުން ދޮންބެ ބޭނުންވީ ސުލްހަވެރިކަމާއެކު އެކަމަށް ނިމުން ގެންނަން، ދޮންބެ އާދޭސްކޮށް ވަޢުދުވި އެކަންތައް ހުއްޓާލައިފިނަމަ ދުނިޔެއުމުރަށް ޝާޢާގެ ބޮޑުދައިތަ ދޫކޮށް ދާނަން ކަމުގައި، އެހެނަސް އެގޮތެއް ޝާޢާގެ ބޮޑުދައިތަ ބޭނުމެއް ނުވި، އެކަމުގެ ސަބަބުން އައި ރުޅީގައި ޖާބިރު ހެދި ފަންޑިތަ ގޯސްވެ ޝާޢާގެ ބޮޑުދައިތަ މަރުވީ... ޖިންނީންނާއި އިންސާނުންނާ ހަނގުރާމައެއް އުފެދުނީ ޖާބިރާ ހެދި...... ދަރިފުޅު މަރުވުމުގެ އިލްޒާމު ޖާބިރު އެޅުވީ ދޮންބެ ބޮލުގައި އަދި އޭނައަށް ލިބިފައިވި ފަންޑިތައިގެ ބާރުން ދޮންބެއަށް ހަމަލާދިނީ... އޭގެފަހުން މިހުރިހާ މައްސަލަތަކެއް ހިލުނީ، ޝާޢާގެ މައިންބަފައިންގެ ނިމުން ވެސް އައީ... އަހަރެން ޤަބޫލުކުރަން އަހަރެންގެ ޢާއިލާގެ ފަރާތުން ޝާޢާގެ ޢާއިލާއަށް ހިތާމަތަކެއް ލިބުނުކަން، އެކަމަކު އެހުރިހާކަމެއްގެ އިސް މޭސްތިރިއަކީ ޖާބިރު، ދޮންބެ އަމާންކަން ދިނުމުން އެކަންތައް ހުއްޓާލިނަމަ މިއަދު މިހެން ކަންތައް ނުވީސް، ޖާބިރަށް ނަތީޖާ ނިކުންނާނެ ގޮތް ރަގަޅަށް އެނގިހުރެ ޝާޢާގެ ބޮޑުދައިތަގެ ބަނޑުގައިވި ދަރިފުޅު މަރާލަން އުޅުނީ، އޭގެ ސަބަބުން ދެމައިން ވެސް މަރުވެގެން ދިޔައީ... ޝާޢާ ތިހީކުރާހާ މާތް އިންސާނެއް ނޫން އެއީ، އޭނަގެ އަތްދަށުވެ ނިމިގެން ދިޔައީ ކިތައް ޖިންނީންކަން އެނގޭތަ؟... ޝައިތާނާއަށް އަމިއްލަ ނަފުސު ޤުރުބާންކޮށްގެން ހުރި މީހެއް އެއީ، ޝާޢާއަށް ކެތްކުރެވޭނެތަ ޝާޢާގެ ކާފަގެ ހުރިހާ ހަޤީޤަތެއް އަހަރެން ކިޔައިދޭ އަޑު އަހަން؟، އޭރުން ވެސް ކުށްވެރި ކުރާނީ އަހަރުމެންތަ؟...'' ޒިޔަޒަންގެ ވާހަަކަތަކުން ޝާޢާ އިނީ ބަސްހުއްޓިފައެވެ. އޭނަގެ ދެލޯ ބޮޑުވެފައި ވިއެވެ. އެއީ ތެދު ހެއްޔެވެ؟ އޭނަގެ ކާފައަކީ އެހާ ގޯސް މީހެއް ހެއްޔެވެ؟ މާމަ އޭނައަށް ހާމަކުރީ ދޮގުތަކެއް ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ އިތުރަށް އޭނަ އަނދިރީގައި ބަހައްޓަން މަސައްކަތްކުރީ ކީއްވެ ހެއްޔެވެ؟
''ޝާޢާއަށް ނޭނގޭ ވަރަށް ގިނަ ކަންތަކެއް އެބަހުރި...'' ޒިޔަޒަން ބުނެލިއެވެ. ''އަހަރެން ބޭނުމެއް ނޫން ބައްޕަގެ ނަފުރަތުގެ ޝިކާރައައިގެ އަމާޒަކަށް ކުށެއް ނެތް އިންސާނަކު ވާކަށް، ކުރިކަމެއް ކުރީ ޖާބިރު، އަހަންނަށް އެކަން އެނގޭ...''
''އަހަރެންގެ މަދަދު ޝާޢާ ބޭނުންވެއްޖެނަމަ އަހަރެން މަދަދު ފޯރުކޮށްދޭނަން... އުއްމީދުކުރަން ލަސްތަކެއް ނުވެ ޝާޢާގެ ނިންމުން އަހަންނަށް އަންގާނަން ކަމުގައި، ލަސްވެއްޖެ ނަމަ އަހަންނަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ...'' ޒިޔަޒަން ދާން ހިނގައިގަންނަމުން ބުނެލިއެވެ. ''ޝާޢާގެ ނިންމުން އަހަންނަށް އަންގަން ބޭނުންވެއްޖެކަމުގައި ވަނީނަމަ ތިންފަހަރު އަހަރެންގެ ނަމުން ގޮވާލާ، ޒިޔަޒަން...''
ޝާޢާ އިތުރު އެއްޗެއް ނުބުނެވެނީސް ވައިގެ ތެރެއަށް ފެތުރިގެން ދިޔަ ދުންގަނޑެއް ފަދައިން ޒިޔަޒަން ގެއްލިއްޖެއެވެ. ފުންނޭވާތަކެއްލަމުން ދިޔަ ޝާޢާއަށް ވިސްނެނީ ޒިޔަޒަން ދެއްކި ވާހަކައާއި މެދުގައެވެ.