ދާން ހިނގައިގެންފައި ވެސް ޔޫނުސްއަށް ހުއްޓެވުނެެވެ. އޭރު އޭނަގެ ނަޒަރު ގޮސް ހުއްޓިފައި ވަނީ ފުންނިންޖެއްގައި އޮތް ޝާޢާ އަށެވެ. ޝާޢާގެ މަގަތުގައި އިށީންދެލައިގެން ތިބި ހަދީޖާއާއި ޖާބިރަށް އެކަން ފާހަގަ ނުކުރެވުނީ އެމީހުންގެ ސަމާލުކަން ޝާޢާއަށް ދެވިފައިވުމުންނެވެ. ޝާޢާ ހޭއަރަންދެން މަޑުކުރަން ޔޫނުސްގެ ހިތް އެދުނެވެ. ޝާޢާ މެދު ކަންބޮޑުވެފައި ވީތީއެވެ. ނަމަވެސް އޭނަ މަޑުކުރާނީ ކޮން ހައިސިއްޔަތަކުން ބާވައޭ އޭނަގެ ޒަމީރު ސުވާލު އުފެއްދިއެވެ. އެއާއެކު މާޔޫސްވެފައިވާ ހާލު ޔޫސުން އަވަސްވެގަތީ އެތަނުން ދާށެވެ.

ގޯތި ތެރެއަށް ނިކުމެވުމާއެކު ޔޫނުސް އޭނަގެ ފޯނު ނަގައި އައިޝާއަށް ގުޅައިލިއެވެ. އޭނަގެ މަޤުސަދުކަމުގައިވީ އައިޝާގެ ފަރާތުން ޝާޢާގެ ހާލު އޮޅުންފިލުވުމެވެ. އައިޝާއަކީ ޝާޢާގެ ޒަމާންވީ އެކުވެރިޔާއަށް ވުމުން އެއީ އުނދަގޫ ކަމަކަށް ވެސް ނުވާނެއެވެ. ޔޫނުސް ފޯނުކޯލު ކަނޑާލިއިރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވީ އައިޝާ އޭނައަށް ދިން ޔަޤީންކަމުގެ ސަބަބުންނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ ސައިކަލަށް އަރައި ދުއްވާލީ އޭނަގެ މަންޒިލަށް ދިއުމަށެވެ.

*****

ޝާޢާގެ އަތްތިލައިގައި ފިރުމަމުން ދިޔަ ހަދީޖާ ޖާބިރަށް ބަލާލީ އޭނަ ކުރި ސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އޭނަ ޖާބިރުގެ މޫނަށް ބަލަމުން އަނެއްކާ ވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވި ޖާބިރަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭގޭކަން އޭނަގެ މޫނުމަތިން ހާމަކޮށްދެއެވެ.

''ޖާބިރު، ތިހެން ހިމޭނުން ނީދެ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ!، ތި ހިމޭންކަމުން އަަހަރެން ބިރުގަނޭ... ޝާޢާއަށް އެހެން ދިމާވާންވީ ކީއްވެތަ؟، އެމީހުންނަށް ޝާޢާއާ ހަމައަށް ވާސިލުނުވެވޭނެކަމުގެ ޔަޤީންކަން ޖާބިރު ދިނީމެއްނު، އެކަމަކު މިރޭ މިހެން މިދިމާވީ ކީއްވެ؟، އެއީ އެމީހުން ދިން އިންޒާރެއްތަ؟... ޖާބިރު... މި ސުވާލުތަކަށް ޖަވާބުދީބަލަ!...''

ހާސްކަންވެރިވެފައިވި އަޑަކުން ހަދީޖާ ބުންޏެވެ. އޭނަ ވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޖާބިރުގެ ހިމޭންކަމުން ހަދީޖާއަށް ރޮވެން ކައިރިވެފައި ވިއެވެ. މިހުރިހާ ދުވަހު ފިލަން އުޅުނު ހަޤީޤަތާއި ކުރިމަތިލާން ޖެހިދާނެތީއެވެ. ޝާޢާ އެމީހުންނާ ވަކިވެގެންދާކަށް ހަދީޖާގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. އެއީ އޭނަގެ ހިތުގެ ހަމަޖެހުމެވެ. ފިނިކަމެވެ.

''ޖާބިރު...'' ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައިވި ހަދީޖާއަށް މިފަހަރު ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި ޖާބިރު އެނދުން ތެދުވެލަމުން ގޮސް ހުއްޓުނީ ކުޑަދޮރު ގާތަށެވެ. އަދި ކުޑަދޮރުގެ ފޮތިގަނޑު ކަހާލުމަށްފަހު ގޯއްޗަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވަގުތު ކުޑަތަންވަމުންދާ ކަމުގެ ހިލަންތަކާ އެކުގައެވެ.

''ހެޔޮނުވާނެ ޖަވާބެއް ދީބަލަ، ޖާބިރު ދެރައެއް ނުވޭތަ ޝާޢާއަށް ކުރިމަތިވެދާނެ ގޮތަކާ މެދު؟... އެމީހުންގެ އަނިޔާތަކުގެ ތެރޭގައި ޝާޢާ ހަފުސްވާން ދޫކުރަންތަ ޖާބިރު ބޭނުމީ؟... އެއީތަ ޖާބިރު އެދޭ ގޮތަކީ؟... އެހެންވެތަ ކަމެއް ނުކޮށް ތިހުންނަނީ؟.... ޖާބިރު ކުރިކަންތަކުގެ ސަބަބުން މިއަދު މިދުވަސް ދެކެން މިޖެހުނީ!... އަހަރެންގެ ދެއަންހެން ދަރިން ވެސް ނިކަމެތި ގޮތުގައި މަރުވެގެން ދިޔައީ... މިއަދު ޝާޢާއަށް އެވަނީ އެކަމާ ކުރިމަތިލާން ޖެހިފައި... ބަދަލު ނުހިފެނީސް އެމީހުން ހުއްޓައެއް ނުލާނެ، ދީފައިވާ އިންޒާރުތަކުން އެކަން ސާބިތުވޭ... ޝާޢާއަށް ދެރަގޮތެއް ވެއްޖެނަމަ އަހަރެން ދުވަހަކު ވެސް ޖާބިރަށް މަޢާފެއް ނުކުރާނަން...''

ހަދީޖާ ގާތަށް ރުޅިއައެވެ. އޭނަގެ ހިތުގައި މިހުރިހާ ދުވަހު ވަންހަނާ ކުރެވިފައިވި އުދާސްތައް ކުއްލިއަކަށް ބޭރުކޮށްލެވުނެވެ. މާޒީގެ ހިތި ދުވަސްތައް އޭރު އޭނަގެ ލޯކުރިމަތީގައި އިއާދަ ވަމުން ދިޔައެވެ. ރޫހާނީ ބާރުތަކާ އެމީހުންނާ ދެމެދު ބަދަލުހިފުމުގެ ހަނގުރާމައެއް ފެށިގެން ދިޔަ ގޮތެވެ. އެކަމުގެ ތެރޭގައި އޭނަގެ ދެއަންހެން ދަރިންނާއި، ދަނބިދަރިފުޅު މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުނު ހިތްދަތި ވަގުތުކޮޅެވެ. ކުރިމަތިވި ގަދަ ތޫފާނުގެ ކެރީގެ ހަމަލާތަކުގެ ބާރުތައް ހިނދިގެން ދިޔަ ހިނދު ކުރިމަތިލާން ޖެހުނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާއެވެ. ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނަގެ ޢާއިލާ ބަރުބާދުވެގެން ދިޔައީ އެވެ. ހުރިހާ އުފަލަކުން މަހުރޫމުވީ އެވެ. ކުރިމަތިލާން ޖެހުނު އަނދިރިކަމާއި، ހިތްދަތިކަމާ ހަނގުރާމަކުރަން ބާރެއްކަމުގައިވީ ހަމައެކަނި ޝާޢާ އެވެ. މާމަދަރިފުޅަށް ރަގަޅު މުސްތަޤުބަލެއް ހޯދައިދޭން ބޭނުންވީތީއެވެ. މާޒީގެ އަނދިރިކަމުން އެދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭން ބޭނުންވީތީއެވެ. ނަމަވެސް އޭނަ ކުރިހާ މަސައްކަތެއް މިއަދު އެވަނީ ފެނުފުލުން ގޮސްފައެވެ. ޖާބިރު އޭނައަށް ދިން ބަހުގެ ޔަޤީންކަން ވެސް ގެއްލި ޖާބިރުގެ މައްޗަށް އޮތް އިތުބާރު ވެސް ނެތިގެން ދިޔައީއެވެ. އޭނަގެ ހިތުގައިވި އުދާސްތައް ވެސް ބޭރުކޮށްލެވުނު މައިގަނޑު ސަބަބަކީ އެއީއެވެ. ޖާބިރު އެދުވަހު އޭނައަށް ލިބިފައިވި ބާރުގެ ސަބަބުން ބޮޑާ ނުވިނަމަ މިއަދު އޭނަގެ ދިރިއުޅުން އެހާލަތަށް ނުދިޔައީހެވެ. އޭނަގެ ދަރިން ސައްހަސަލާމަތާއެކު ލެހެއްޓެވީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމު ނުވީހެވެ.

''އަހަރެން ހީކުރީ ޖާބިރަށް ކުރެވުނު ކުށުގެ އިހުސާސްކުރެވިއްޖެކަމަށް، އެކަމަށް ބަރޯސާވެ އަހަރެން ޖާބިރަށް މަޢާފުދިނީ ވެސް، އެއީ އަހަންނަށް ކުރަން ހާދަ އުނދަގޫވި ކަމެކޭ، ޖާބިރު ކުރި ކަންތައް ހަނދާންނައްތާލައި އިތުރު ފުރުސަތެއް ދިނީ އާދޭސްކުރިވަރުން... އެކަމަކު މިއަދު އެނގިއްޖެ އަހަންނަށް ހެދުނީ ގޯހެއްކަން، އަދިވެސް ތި ހިލަ ހިތަކަށް ބަދަލެއް ނާދޭ... ނުވެސް އަންނާނެ!...'' ކުރެހިފައިވާ އަޑަކުން ހަދީޖާއަށް ބުނެވުނެވެ. ހަދީޖާގެ ބަސްތަކުން އޭރު އަސަރުކޮށްފައިވި ޖާބިރު ވާހަކަދައްކަން ފެއްޓިއެވެ.

''ހަދީޖާ، ކޮންމެފަހަރަކު އަހަންނަށް އެކަންތައް ތަކުރާރުކޮށް ހަނދާންކޮށްނުދިނަސް އަހަރެންގެ ކުށް ޤަބޫލުކުރަމޭ... ނުވިސްނުނު ކަމުގައި ވިޔަސް އެދުވަހު އަހަރެން މަސައްކަތްކުރީ އަހަރެންގެ ދަރިފުޅު އެޖިންނީންގެ ނުފޫޒުގެ ދަށުން ސަލާމަތްކުރަން... އެދަރިފުޅަށް ހިމާޔަތްދޭން... އެނގިހުރެ އަހަރެންގެ ދަރިއަކަށް އަހަރެން ގެއްލުމެއްނުދޭނަން...''

ޖާބިރަށް އޭނަގެ ދިފާއުގައި ބުނެވުނެވެ. އެއަޑުގައި މޮޅިވެރިކަން ވިއެވެ.

''ދޮގު ހަދައިގެން ތިހިތަށް ތަސައްލީއެއް ހޯދަދޭން އުޅުނަސް ހަޤީޤަތެއް ބަދަލެއް ނުވާނެ... އަހަރުމެންގެ ދަރީންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ ޖާބިރު!... ޖާބިރު އެދުވަހު ކުރި ކަންތަކުގެ ސަޒާ މިއަދާ ޖެހެންދެން ވެސް ލިބެމުން މިދަނީ... ރޫޚާނީ ބާރުތަކާ ދެމެދު ހަނގުރާމައެއް ފެށުނީ ވެސް ހަމަ ޖާބިރުގެ ސަބަބުން!... ތިމާގެ ބާރު ދައްކަން ކުރި ކަންތަކުގެ އަޖުމަ މިލިބެނީ...'' ހަދީޖާ ގާތަށް މިފަހަރު އައީ ރުޅިއެވެ. ހަޤީޤަތް އޮޅުވާލަން ޖާބިރު މަސައްކަތްކުރީތީއެވެ.

ހިތްހަމަނުޖެހުމާއެކު ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ޖާބިރުގެ މޫނުން މާޔޫސްކަން ފެންނަން ހުއްޓެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލީ ނަފުސަށް ހަމަޖެހުމެއް ގެނެސްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނަގެ ނަޒަރު ގޮސް ޝާޢާ ބައްދަލުވުމާއެކު އަނެއްކާ ވެސް އޭނަގެ ސިކުނޑިއަށް ވެރިވެގެން އައީ ހާސްކަމެވެ. ޝާޢާއަށް ދިމާވި ހާލަތު މެދުވެރިވާން ޖެހުނު ސަބަބު އޭނައަށް ވިސްނައިނުގަނެވުނީތީއެވެ. މިހެން މިވީ ކީއްވެ ހެއްޔެވެ؟ އޭނައަށް ގޯހެއް ހެދުނީ ހެއްޔެވެ؟ ނަމަވެސް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ޖާބިރު ނިކުމެގެން ދިޔައީ އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އޭނައަށް ރައްކާތެރިކަމުގެ ވިޔަވަޅު ވެސް އެޅޭނީ އޭރުންތާއެވެ. ނިކުމެގެން ދިއުމުގެ ކުރިން އޭނަ ހަދީޖާ ވީތަނެއް ބަލާލިއެވެ. އެދެމެދުގައި އަރައިރުންވުންތައް އުފެދިފައިވިކަމުގައި ވިޔަސް ހަދީޖާގެ ހާލު އޮޅުން ފިލުވާލަން އޭނަ ބޭނުންވިއެވެ. ޖާބިރު ކޮޓަރިއަށް ވަން އިރު ހަދީޖާ އިނީ އެނދުގައެވެ. ދޮރަށް ފުރަގަސް ދީގެން އިން އިރު ހަދީޖާގެ އަތުގައި އޮތް ފޮޓޯ އަލަބަމް ޖާބިރުގެ ލޮލުގައި އަޅައިގަތީ ހަދީޖާ އޭނަގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަން ގެނައި ހަރަކާތާއެކު އަލްބަމް އެނދުމަތީ ބޭއްވުމުންނެވެ. އެތެރެއަށް ވަންނަން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލީ ހަދީޖާއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. މިވަގުތު އޭނަގެ މޫނު ވެސް ދެކެން ހަދީޖާ ބޭނުންނުވާނެކަން އެނގޭތީއެވެ.

*****

ގޯތިތެރެއަށް ޖާބިރަށް ނިކުމެވޭއިރަށް އޭނައަށް ވާޤިދުގެ ހިލަން ވިއެވެ. ހީވީ ޖާބިރުގެ އިންތިޒާރުގައި ހުރި ހެންނެވެ. އޭނަ ޖާބިރުގެ ކުރިމައްޗަށް ފާޅުވެގެން އައި ހިނދު ވާޤިދަށް އަނިޔާތަކެއް ލިބިފައިވިކަން ޖާބިރަށް ފާހަގަކުރެވުނެވެ. އެމޫނުގެ އެއްފަޅީގައި ފިހުމުގެ އަސަރުތަކެއްވިއިރު އެނިޝާންތައް ކަނދުރާއިން ފެށިގެން ގޮސް ނިވާވަނީ ކޮނޑުކަށިގަނޑާ ދިމާލުންނެވެ. އެދެލޮލުން ވޭނުގެ އަސަރުތައް ވެސް ވެއެވެ.

''ކަލޭގެ ބެލުމުގެ ދަށުގައި ވަނިކޮށް އެމީހުންގެ ނުފޫޒު ޝާޢާގެ މައްޗަށް ފޯރީ ކިހިނެއް؟... ކަލެއާއި އަހަރެން ހަވާލުކުރި ވަޒީފާ އަދާނުކުރެވުނީ ކީއްވެ؟... ކަލޭ ތިއުޅެނީ އަހަންނަށް މަކަރު ހަދަންތަ؟... ކަލޭގެ ވަފާތެރިކަން އޮތީ އެ ޙާތިބުއާއެކު ދޯ؟... އެހެންވެ ފަރުދާގެ ފުރަގަހުން އަހަންނަށް ހަމަލާދޭންތަ ތިވިންސަނީ؟... ބުނަން، ކަލޭ މަށަށް އޮޅުވާލަން އުޅެފިއްޔާ އެންމެ ފުރަތަމަ ވެސް އެކަމުގެ ސަޒާ ލިބޭނީ ކަލެއަށް، ކަލޭގެ ވަސްވެސް މިދުނިޔެ މަތިން ފޮހެލުމަކީ މަށަށް އުނދަގޫކަމެއް ނޫންކަން ހަނދާންކުރާތި!....'' ވާޤިދަށް ދިމާވިކަންތަކާ މެދު ސުވާލުއުފެދުނުކަމުގައި ވިޔަސް ޖާބިރު އިސްކުރީ ރުޅިވެރިކަމެވެ. އޭރު އޭނައަށް އިންޒާރުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފިއެވެ. ވަގުތު އެދަނީ ކުޑަތަންވަމުން ކަމެވެ. ވާޤިދަށް ލިބިފައިވި އަނިޔާ ތަކަކީ އެކަމުގެ ހެއްކެކެވެ. ނަމަވެސް ވާޤިދުގެ ވަފާތެރިކަމާ މެދު އޭނަ ސުވާލު އުފެއްދިއެވެ. ޖިންނީންނަކީ އަބަދު ވެސް ދޮގުހަދާ އޮޅުވާލާ ބަޔެކެވެ. އެމީހުން އަބަދުވެސް ހިފާނީ މޮޅުވާ ކޮޅެއްގައެވެ. ވަފާތެރިކަން އެއީ އެނަސްލުގެ މީހުން ދަންނަ އެއްޗެއް ނޫނެވެ.

''އަހަރެން ކުރިން ވެސް ބުނީމެއްނު ޝައިތާނުންގެ މަދަދަށް އެދުމަކީ އަލިފާނާ ކުޅުން ފަދަ ކަމެކޭ، އެމީހުން އަބަދުވެސް އިސްކަން ދޭނީ އަމިއްލަ އެދުމަށޭ...'' ވާޤިދު ބުންޏެވެ. ލިބިފައިވި ޒަހަމްތަކުގެ ފުންކަމުން އޭނައަށް ކޮޅަށް ހުރެވެނީ ވެސް އުނދަގުލުންނެވެ.

''ކަލޭ ތިބުނަން އުޅޭ އެއްޗެއް ނިކަން ސާފު އިބާރާތުން ބުނެބަލަ... ކަލެއަށް ތިވަރު ކުރީ ކޮންބައެއްތަ؟... ޙާތިބުގެ މީހުންތަ؟...'' ޖާބިރު އަމުރުކުރި އެވެ. ވާޤިދުގެ ވާހަކައިގެ މިސްރާބާ މެދު އޭނަ ނުރުހުނެވެ. އޭނަގެ ފުރިހަމަ އިތުބާރު އޭނަގެ އެކުވެރިންގެ މައްޗަށް އޮތީތީއެވެ. މާރިދުން ވަނީ އޭނައަށް އެހީވާނަނެކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ. އެދެމެދުގައި އުފެދުނު އިޤުރާރުނާމާއާ ހިލާފެއް ނުވާނެއެވެ.

''ޝާޢާއަށް ގޯނާ ކުރަނީ ޝައިތާނުން... އެމީހުންނާއެކު އުފެދުނު އެއްބަސްވުމުގެ ދަށުން ޝާޢާ ވަނީ އެމީހުނަށް ހިބައިން ދެވިފައި... އެމީހުންގެ ބާރު ދެން ޝާޢާގެ މައްޗަށް އޮންނާނީ... އަހަރެން ޝާޢާގެ ދިފާއުގައި ތެދުވަން އުޅުމުން ލިބުނު ޒަހަމްތައް މިއީ...'' ވާޤިދު ތެދު ހާމަކުރުމާއެކު ޖާބިރަށް ހުއްޓުމެއް އައެވެ. އޭނަ ވާޤިދަށް ބަލަން ހުރީ ޤަބޫލުކުރަަން ދަތިވެފައިވި ހާލުގައެވެ.

''ކަލޭ ދޮގު ހަދަން ވެސް ފެށީތަ؟... އަހަރެން މީ މޮޔައެއްތަ އަހަންނާ އެމީހުނާ ދެމެދު އުފެދުނު އެއްބަސްވުމުގައި ޝާޢާ ހިމަނަން؟....'' ޖާބިރު ހުރީ އެވާހަކަތައް ޤަބޫލުކުރާ ފަދަ ވިސްނުމެއްގައެއް ނޫނެވެ. އޭނައަށް ހީވީ ވާޤިދު އޭނަގެ ވިސްނުން ފަސާދަކުރަން މަސައްކަތްކުރަނީ ކަމަށެވެ. އޭނައާއި ޝައިތާނުންނާ ދެމެދު ދެބަސްވުމެއް އުފައްދަން ކަމަށެވެ. އެކަމަށް އެންމެ ބޭނުންވާ އުކުޅުތައް ބޭނުންކުރަން ވެސް ވާޤިދު ދަސްކޮށްފައިވާކަމަށް އޭނައަށް ޔަޤީން ކުރެވުނެވެ.

''ނޭގުމެއްގެ ތެރޭގައި ވިޔަސް އެކަން ވަނީ ކުރެވިފައި... ވިސްނާލަބަލަ... ޖާބިރުގެ ހުއްދައިގެ މަތިން އެމާރިދަށް ގޭގެ އޮޅިން އެތެރެއަށް ވެސް ވަދެވުނީ... ޝާޢާގެ މައްޗަށް ނުފޫޒު ފޯރުވުނީ ވެސް... މިއީ އަދި ފެށުން... ޙާތިބުމެންގެ ލަޝްކަރުގެ ބާރު ވެސް ވަނީ ގަދަވެފައި... އެމީހުން ވެސް އެބައާދޭ ބަދަލު ހިފަން... ޖާބިރު ހަށިރައްކަލަށް ހެދި ހުރިހާ ފަންޑިތައެއްގެ ބާރު މިރޭ މެންދަމަށް ކެނޑިގެންދާނެ... އެވަގުތަށް އެމީހުން އެދަނީ އިންތިޒާރުކުރަމުން...'' ވާޤިދު ތެދު ހާމަކުރިއެވެ. އަދި އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ އިންޒާރު ޖާބިރަށް ދިނެވެ.

''ކަލޭ ތިއުޅެނީ އަހަރެން ބިރުގަންނުވަންތަ؟... އެކަމެއް ނުވާނެ... އެޚާތިބަށް އެންމެ ތަންކޮޅެއް ވެސް އަހަރެން ދުލެއްނުދޭނަން، އެއްފަހަރު އަހަރެން ވަނީ އަހަރެންގެ ބާރު އޭނައަށް ސާބިތުކޮށްދީފައި... މިފަހަރު ވެސް އެކަން ސާބިތުކޮށްދޭނަން... އޭނައަށް އެއްވެސްކަމެއް ނުކުރެވޭނެ... ކަލޭ ތިހަދާ ދޮގުތައް ވެސް އަހަރެން ޤަބޫލެއްނުކުރާނަން، ކަލޭ ބަލަން ހުންނާތި، އެޙާތިބުގެ މައްޗަށް ގަދަވެގަތުމަށް ޝައިތާނުން އަހަންނަށް މަދަދުފޯރުކޮށްދޭނެ، އެމީހުން ވަނީ އެކަމަށް ވަޢުދުވެފައި...'' ޖާބިރު އޭނަގެ ނަފުސަށް ޔަޤީންކަން ދިނެވެ.

ޖާބިރު އޭނަގެ ވާހަތަކައް ޤަބޫލުނުކުރާނެކަން ވާޤިދަށް ޔަޤީންކުރެވުނީ ދެނެވެ. ޖާބިރު ވިސްނުން ޝައިތާނުން އެވަނީ ފަސާދަކޮށްލާފައެވެ. އެމީހުންގެ ނުފޫޒު ވަނީ ޖާބިރުގެ މައްޗަށް ގަދަވެފައެވެ. އޭގެ ސަބަބުން ލޯކުރިމަތިން ހަޤީޤަތް ފެންނަމުން ދިޔަ ކަމުގައި ވިޔަސް ޖާބިރަށް އެކަން ދޭހައެއް ނުކުރެވެެއެވެ. ޖާބިރުގެ ކަރަށް ދަންމަޅިއެއް މެހި އެދަނީ ބާރުވަމުންނެވެ. އެކަން ފަހުމުކުރެވޭ ހިނދު އޮންނާނީ ވަގުތު ފާއިތުވެ ނިމިފައެވެ.

*****

''ދަރިފުޅާ، މާމައަށް މަޢާފްކޮށްދީ...މާމަ މަސައްކަތްކޮށްފިން ދަރިފުޅު ރައްކާތެރިކުރަން، އެކަމަކު މިއަދު އެނގިއްޖެ އެކަމުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާކަން... ދަރިފުޅަށް ހަޤީޤަތް ވެސް ފޮރުވަން މަސައްކަތްކުރިން، އެކަމަކު އެކަން ދެން ކާމިޔާބުނުކުރެވޭނެކަން ވެސް އެނގިއްޖެ... ދަރިފުޅުގެ މުސްތަޤުބަލު ވަނީ އަނދިރިކަމެއްގެ ތެރޭގައި... އަބަދުވެސް ދަރިފުޅަށް ފެންނަ ހުވަފެންތަކުގެ ހަޤީޤަތާ ކުރިމަތިލާން ޖެހިދާނެ... އެއީ ދަރިފުޅަށް ލިބެމުން އައި އިންޒާރުތަކެއް... ކާފައަށް ކުރެވުނު ކުށްތަކަށް ދަރިފުޅު އަގު އަދާކުރާކަށް މާމަ ބޭނުމެއް ނޫން......'' ނިދީގައި އޮތް ޝާޢާގެ ބޮލުގައި ލޯތްބާއެކު ފިރުމަމުން ހަދީޖާ ވާހަކަދެއްކިއެވެ. ރުއިމުގެ ސަބަބުން އޭނަގެ އަޑު ވަނީ ކުރެހިގެން ގޮސްފައެވެ.

''ކޮންމެވެސް އެއްދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގެން ޖެހޭނެ... އެވަގުތު އައިސް ޖެހެނީ... މާމައަށް އެނގޭ ދަރިފުޅަށް އެހުރިހާކަމެއް ޤަބޫލުކުރަން ފަސޭހައެއް ނުވާނެކަން... އެކަމަކު ވެސް ޖެހޭނީ ހަޤީޤަތާ ކުރިމަތިލާން، އަހަރުމެންނެކޭ އެއްފަދައިން ޖިންނީންނަކީ ވެސް މާތްﷲ މިދުނިޔޭގައި ލައްވާފައިވާ މަހުލޫޤުންތަކެއް... ޖިންނީންގެ އުނދަގޫ ވެސް ބައެއްފަހަރު އިންސާނުންނަށް ފޯރާ، އޭގެ ސަބަބުން ބައެއްފަހަރު މޮޔަވެސް ވޭ... ޖިންނީންގެ ފުށުން ސަލާމަތްވުމަކީ ވެސް ފަސޭހަކަމެއް ނޫން، ގިނަ ފަހަރު އެޖިންނީންތައް އިންސާނުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވެދޭ، އިންސާނުންގެ ފުރާނަ ދުއްވާލުމަކީ ވެސް ޖިންނީންނަށް ނުހަނު ފަސޭހަކަމެއް... ދަރިފުޅާ... ދަރިފުޅުގެ މަންމައާއި ބައްޕަ ވެސް ނިމިދިޔައީ ޖިންނީންގެ އަނިޔާވެރި ހަމަލާތަކެއްގެ ސަބަބުން... މިއަދު ދަރިފުޅަށް ވެސް ތިވަނީ އެހާލަތު ކުރިމަތިވެފައި... އެމީހުނަށް ކުރިމަތިވި ކަންތަކުގެ ބަދަލު ހިފަން ބޭނުންވަނީ ދަރިފުޅުގެ ފުށުން... ދަރިފުޅުގެ ކާފައަށް އެމީހުން ދޭން ބޭނުންވާ ރައްދަކީ އެއީ....... ''

ނިދީގެ ސަބަބުން ޝާޢާއަށް އޭނަގެ ވާހަތައް ފަހުމުނުވިކަމުގައި ވިޔަސް ހިތަށް ލުއިކަމެއް ގެނެސްދޭން ހަދީޖާ މާޒީގެ ބައެއް ސަފުހާތަކަށް އަލިއަޅުވާލަމުން ދިޔައެވެ. އެއަށްފަހު އޭނަ ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

''ހަދީޖާ...'' ކޮޓަރީގެ ދޮރުކުރިމައްޗަށް ހުއްޓުނު ޖާބިރަށް ހަދީޖާގެ ވާހަކަތައް އަޑުއިވުމުން ގޮވާލެވުނީ ހިތްހަމަނުޖެހުމާއެކުގައެވެ. އެއީ ޝާޢާއަށް އެއްގޮތަކަށް ވެސް އެނގެން އޭނަ ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެއީ އާއިލާގެ އަނދިރި ސިއްރެވެ. އެކަމުން ޝާޢާ ރައްކާތެރިކުރަން އޭނަ ބޭނުން ވެއެވެ. ޝާޢާއަށް އެކަންތައް ބަރުދާސްތުނުކުރެވޭނެތީއެވެ. ބިރުވެރިކަމާ ކުރިމަތިލާން ޖެހިދާނެތީ އެވެ.

''ކޮންމެވެސް އެއްދުވަހަކުން ޝާޢާއަށް ވެސް ހަޤީޤަތް އެނގޭނެ... މިހާރު އެދުވަސް އައިސް މިވަނީ ޖެހިފައި... ތޭވީސް އަހަރު ވަންދެން ހަޤީޤަތަށް ފިލަން މަސައްކަތްކުރެވިއްޖެ....'' ޖާބިރާ ކުރިމަތިލަމުން ހަދީޖާ ބުންޏެވެ. އޭނަގެ އަޑުން ޖާބިރާ މެދު ނުރުހިފައިވި މިންވަރު ހާމަކޮށްދެއެވެ.

''ތިކޮންކަމެއްތަ މިހާރު ފަށައިގެން ތިއުޅެނީ؟... އެއްވެސްކަމެއް ޝާޢާއަށް އެނގޭކަށް ނުޖެހޭ... ހަދީޖާ ވެސް މާބޮޑަށް ކަންތަކާމެދު ވިސްނައި ހާސްވަނީ...'' ޖާބިރު ބޭނުންވީ ހަދީޖާގެ ހާސްކަމަށް ނިމުމެއް ގެންނާށެވެ. އޭނަ ހަދީޖާގެ ގާތަށް ހުއްޓިލަމުން ކޮނޑުގައި އަތްތިލަ ބާއްވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޖާބިރުގެ އަތް ހަދީޖާ ފޮޅުވާލިއެވެ. އޭނަ ހުރީ ޖާބިރު ދެކެ ނުހަނު ރުޅި އައިސްފައެވެ.

''އޮޅުވާލަން އުޅޭނެކަމެއް ނެތް...'' ހަދީޖާ އަޑަށް ބާރުލަމުން ބުނެލިއެވެ. ޖާބިރުގެ ކަށީގައި ހިފާފައި ހުރި ދޮގުހެދުމުގެ އާދައާ މެދު އޭނަ ނުރުހުނެވެ. ''ހުރިހާކަމެއް މިވަނީ ޖާބިރާ ހެދި... އަހަރެންގެ މުޅި ޢާއިލާ ބަރުބާދުކޮށްލީ މީހަކީތީ... ހަނދާން ނައްތާލަން އުޅުނު ބިރުވެރިކަމާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިފައި މިވަނީ ހަމަ ޖާބިރާ ހެދި!....''

''ކީއްތަވާނީ އަހަރެން މިދައްކާ ވާހަކަތައް އެއްފަހަރު ވިޔަސް އަޑު އެހިއްޔާ!، އަހަރެން ބުނެފީމެއްނު ޝާޢާއަށް ދެރަގޮތެއް ނުވާނެޔޭ... ދެން ކީއްވެ އެކަން ޤަބޫލުކުރަން ނޫޅެނީ... ކޮންމެކަމަކާ މެދު ވެސް އެންމެ ގޯސްކޮށްތަ ވިސްނަން ޖެހެނީ؟...'' ޖާބިރަށް ބުނެވުނީ އަޑު ހަރުކޮށެވެ. އޭނަގެ ކެތްތެރިކަން ވެސް ކޮޅުންލައިގެން ދާން ތައްޔާރުވީއެވެ.

''ކިހިނެއް އަހަރެން ޤަބޫލުކުރާނީ؟...'' ހަދީޖާ އެހި އެވެ.

ނިދަން އޮތްކަމަށް ހެދިގެން އޮތް ޝާޢާއަށް ހުރިހާ ވާހަކަތައް އަޑުއިވެމުން ދިޔައެވެ. ހާމަވަމުން ދިޔަ ހަޤީޤަތާއެކު އޭނަގެ ހިތުގެ ތެޅުން ވެސް އަވަސްވާން ފަށައިފިއެވެ. މުޅި މީހާއަށް ފިނިކަމެއް ވެރިވެފައި ވިއެވެ. މިހުރިހާ ދުވަހު ތަކުރާރުވަމުން އައި މަންޒަރުތަކުގެ ކޮޅުތައް ގުޅި އޭނައަށް ކަމެއް އަންގައިދޭން އުޅުނެވެ. އެކަނިވާ ވަގުތު އޭނައަށް ކުރެވޭ އިހުސާސްތަކެވެ. ރޭގަނޑު ފެންނަ ބިރުވެރި ހުވަފެންތަކެވެ. މިރޭ އިރާކޮޅު އޭނައަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ހޫނުކަމެވެ. ބޮލަށް އެރި ތޫނު ތަދެވެ. ފާޚަނާގައި ހުއްޓާ އޭނައަށް ފެނުނު ހިޔަންޏެވެ. އެކަމާ ހުރެ އުފެދުނު ބިރުވެރިކަމާއެކު ފާޚަނާއިން ނިކުންނަން އުޅުނު ހިނދު އޭނައަށް ކުރިމަތިވި ހާދިސާއެވެ. ބޮލަން އެނބުރުން އަރައި ވެއްޓެން ދިޔަ ހިނދު އޭނައަށް ފެނުނު އަނދިރި މީހާއެވެ. އޭނަގެ ހަށިގަނޑަށް އަރައިގެން ދިޔަ އާދަޔާ ޚިލާފު ބާރާއި ތަދެވެ. އެއާއެކު ޝާޢާއަށް އޭނަގެ ހަށިގަނޑުން ރިހުމެއްގެ އިހުސާސްކުރެވެން ފެށުނެވެ.

''ޝާޢާއަށް ހަޤީޤަތް އެނގުން ދެން ރަގަޅުވާނީ... ކިތައް އަހަރުވަންދެން އަހަރުމެން އެކަންތައް ސިއްރުކުރަން އުޅުނީ؟... ކިތައް ދޮގު ހެދުނީ؟... އެކުއްޖާއަށް މިއަދު ހުރިހާ ކަމެއް އެނގުމުގެ ހައްގު އެބައޮތް... އޭނަގެ މައިންބަފައިންގެ މަރުގެ ހަގީގަތް ވެސް.... ކުރިމަތިވާން އުޅޭ އަނދިރި ދުވަސްތަކުގެ ހިލަން ވާން ޖެހޭނެ.... ދެން އިތުރަށް މިކަންތައް ސިއްރުނުވާނެކަން ޖާބިރަށް ހަމަ ނޭގެނީތަ؟... މިއަދު ޖާބިރު ތިވަނީ އަހަރުމެންނަށް ރައްކާތެރިކަން ޔަޤީންކޮށްދިނުމުގައި ނާކާމިޔާބުވެފައި...''

ހަދީޖާ ބުނެލިއެވެ. އެއާއެކު ހިތްހަމަނުޖެހިފައިވި ޖާބިރު ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. ހަދީޖާއަށް އޭނަ ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވުނީތީއެވެ. އޭނަ ވަނީ ކުރެވުނު ކުށްތަކަށް ހަދީޖާ ގާތުން މަޢާފަށް އެދި އާދޭސްކޮށްފައެވެ. އޭނަ މިހުރިހާ ދުވަހު މަސައްކަތްކުރީ ވެސް ހަދީޖާ އެދުނު ފަދައިން ޝާޢާގެ ރައްކާތެރިކަން ޔަޤީންކޮށް ދިނުމަށެވެ. އެވެސް ހަދީޖާގެ މަޢާފް އޭނައަށް ލިބޭތޯ އެވެ. ނަމަވެސް ހުރިހާ އަހަރެއް ވަންދެން އޭނަވި ޤުރުބާނީތަކުގެ އަގެއް ވެސް އާހިރުގައި ނެތެވެ. އޭނައަށް ހާސްކަން ލިބިފައިވި ދުވަހު ތުހުމަތުގެ އިނގިލި ދިއްއެކުރެވެނީ އޭނަ އަށެވެ. ޝާޢާއަށް ދެރަގޮތެއް ވާން އޭނަ ދުވަހަކު ބޭނުންވާނެ ހެއްޔެވެ؟

''ހަދީޖާއަށް ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟... އަހަރެން ބުނެފީމެއްނު ޝާޢާއަށް އެއްވެސް ކަމެއް އެނގުން މުހިންމެއް ނޫނޭ!، ދެން ކީއްވެތަ އެޚިޔާލު ދޫކޮށްލަން ބޭނުންނުވެފައި ތިހުންނަނީ؟... ޝާޢާއަށް އަހަރެން ފުރިހަމަ ރައްކާތެރިކަން ދޭނަން!... މިވާހަކަ މިހާހިސާބުން ނިންމާލަން އުޅޭ...''

ޖާބިރަށް ބުނެވުނެވެ. އޭނަގެ އަޑު އިހުނަށްވުރެ ބާރެވެ. ހަދީޖާއަށް ކަމެއް ސާބިތުކޮށްދޭން އުޅޭ ކަހަލައެވެ. އޭނަ ފުންނޭވާތަކެއް ދޫކޮށްލީ ރުޅީގެ ބާރުވެރިކަން މުޅި ސިކުޑިއަށް ވެރިވެގަތުމުގެ ފުރުސަތު ނުދިނުމަށެވެ.

''ޖާބިރު ކިތަންމެ ރުޅި އަޔަސް ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެ، އެކަން މިހާރު ޖާބިރަށް ހާމަވެއްޖެހެން މަށަށް ހީވަނީ...'' އިތުރަށް ޒުވާބުގަނޑު ހޫނުވެދާނެތީ ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އޭނަ ރުޅިގަދަވެފައިވީ ގެންފައި ހުރި ބިރާއި ކުރިމަތިލާނެ ގޮތެއް ނޭގި ނަފުސު ބަލިކަށިވެފައި ވުމުންނެވެ. އޭނަގެ ދިލަ ހިތަށް ފަރުވާއެއްކަމުގައި ފެނުނީ ޖާބިރާ މެދު ހިތުގައި އުފެދިފައިވި އުދާސްތައް ބޭރުކޮށްލުމެވެ. ޖާބިރު އެދުވަހު މަސްލަހަތަށް ބެލިނަމަ މިއަދު މިހާލަތަށް ދާން ނުޖެހުނީހެވެ. އޭނަގެ ޢާއިލާއަށް އުފަލުގައި ދުވަސްތައް ވޭތުކޮށްލުމުގެ ނަސީބު ލިބުނީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމުނުވީހެވެ. ހަމައެއާއެކު ޖަައްބާރުންގެ އުނދަގޫތައް ވެސް ޝާޢާއަށް ކުރިމަތިނުވީހެވެ. ހަދީޖާ އެންމެ ބޮޑަށް ހާސްވެ ބިރުގަންނަނީ އެކަންތަކާއެވެ. ޝާޢާ އެބިރުވެރިކަމާ ކުރިމަތިލާނެ ގޮތެއް ނޭގޭތީއެވެ. އެފަކީރަށް އަންނަން އުޅޭ ބަނަ ދުވަސްތަކުގެ ހިލަމެއް ވެސް ނުވެއެވެ. ބިރުވެރިކަމާއި ނާމާންކަމުގެ ސިލްސިލާގެ ފެށުން ކައިރިވަމުން އަންނަ ކަން ވެސް މެއެވެ.

ހަދީޖާގެ ފަހަތުން ދާން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލިއެވެ. މިވަގުތަށް އެންމެ ރަގަޅު ވާނީ ހަދީޖާއަށް އޭނައާއި ކުރިމަތިލާން ނުޖެހުމުންނެވެ. ހަދީޖާގެ ރުޅިވެރިކަމުގެ ބަސްތައް އޭނައަށް އަމާޒުވާ ސަބަބު ވެސް ޖާބިރަށް އެނގުނެވެ. ކުއްލިއަކަށް ދިމާވި ކާރިސާއާ ކުރިމަތިލާން ހަދީޖާގެ ސިކުނޑި އިހުތިޔާރުކުރި މަގަކީ ރުޅިވެރިކަމެވެ. އެކަމުން ހިނދުކޮޅަކަށް ވިޔަސް ހާސްކަމަށް ފަރުވާއެއްލިބިދާނެތީއެވެ.

ހަށިފުރާ ނޭވާތަކެއް ދޫކޮށްލަމުން ސިކުނޑިއަށް ލުއިކަން އިހުސާސްކުރެވުނެވެ. ޖާބިރު އައިސް ޝާޢާގެ މަގަތުން އެނދުގައި އިށީންދެލުމަށްފަހު ލޯތްބާއެކު ޝާޢާގެ ބޮލުގައި ފިރުމާލިއެވެ. އެދެލޮލުން ޝާޢާދެކެ ވާލޯތްބާއި އޯގާތެރިކަން ފާޅުވެއެވެ.

''ދަރިފުޅާ، ކާފަ ވައުދުވަން ދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭނަން ކަމުގައި، ކާފަގެ ފަހު ނޭވާއާ ހަމައަށް ވެސް އެކަން ހާސިލުކުރަން މަސައްކަތްކުރާނަން... މިއީ ވައުދެއް....'' ޖާބިރު ބުނެލިއެވެ. އަދި އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ނިކުމެގެން ދިޔައެވެ.

*****

ކޮޓަރީގެ ދޮރު ލެއްޕި ހަމަހިމޭންކަން ވެރިވުމާއެކު ޝާޢާއަށް އަވަސްއަވަހަށް ލޯހުޅުވާލެވުނެވެ. އޭރު އޭނަ ހުރީ ނޭވާ އަވަސްވެފައެވެ. ނިއްކުރީގައި ދަލުގެ އަސަރުވިއިރު އަދިވެސް އޭނަގެ ސިކުނޑި ދިޔައީ އިވުނު ހަޤީޤަތް ދޭހަކުރުމުގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ. ހިތުގެ ތެޅުން ވެސް އަވަސްވެފައިވިއިރު އޭނަގެ ދެލޮލުން ބިރުވެރިކަން ރަމްޒުކޮށްދެއެވެ. ބިރާއި ހާސްކަމާއި ހުރެ އޭނައަށް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ އިހުސާސެއް ވެސް ނުކުރެވުނެވެ.

ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރި ފެނި ޝާޢާގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވާން ފެށިއެވެ. ކަންފަތުގައި ގުގުމަމުން އައި ޖުމްލަތަކުން އޭނަގެ ވިސްނުމަށް ސިފަވަމުން އައީ ބިރުވެރި ޚިޔާލުތަކެވެ. ވާނީވެސް އެހެންތާއެވެ. ނޭގި ހުއްޓާ ކުރިމަތިލާން ޖެހިފައިވަނީ ދިރިއުޅުމުގައި ވެސް ކުރިމަތިވެދާނެ ކަމަށް ހީވެސް ކޮށްލެވިފައިވިކަމެއް ނޫން ވިއްޔާއެވެ. އުޅެބޮޑުވަމުން އައި ދުވަސްވަރު އޭނަ ހީކުރީ ޖިންނި ވާހަކަތަކަކީ ބިލާހެއް ކަމަށެވެ. އެއީ މުސްކުޅިން ކުޑަކުދިން ބިރުގަންނަވާލަން ދައްކާ ފުލޯކުވާހަކައެއް ކަމަށެވެ. ޒަމާނީ ވިސްނުމުގެ ސަބަބުން އެކަން ޔަޤީން ވެސް ކުރެވުނެވެ. އެހެނަސް މިއަދު އެވިސްނުމަށް އެވަނީ އިންޤިލާބީ ބަދަލެއް އައިސްފައެވެ. ހަޤީޤަތަށް އޭނަގެ ލޯހުޅުވާލަން އެވަނީ މަޖުބޫރުވެފައެވެ. ޖިންނީންނަކީ އުޅޭ މަހުލޫޤުންތަކެއްކަން ޤަބޫލުކުރަން އެވަނީ ޖެހިފައެވެ. އޭނައަށް ކުރިމަތިވަމުން އަންނަ އާދަޔާ ޚިލާފު ކަންތަކުގެ ފަހަތުގައިވާ ސަބަބުތަކަށް އޮތް ހަމައެކަނި އެކަށޭނެ ޖަވާބަކީ ވެސް އެއީ ކަމުގައި ވާތީއެވެ. ނުވަތަ އޭނަގެ ނަފުސާނީ ބައްޔެއް ހުންނަނީއެވެ.

ނަފުސާނީ ބަލީގެ ގޮތުން އޭނައަށް ނުފެންނަ މަންޒަރުތައް ފެންނަނީއެވެ. އަމިއްލަ ސިކުނޑީގައި މީހުންދައްކާ ވާހަކަތައް އަތުރާލެވި އެއީ ތެދުކަމުގައި އޭނަގެ ކަންފަތަށް އިވެނީއެވެ.

''އޯހ ގޯޑް...'' އެނދުން ތެދުވުނު ޝާޢާއަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހީވަނީ އޭނަގެ ސިކުނޑީގެ ނާރުތައް ފިތިބާރުވަމުން އަންނަހެންނެވެ. އޭގެ ސަބަބުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ކުރިއަށް ހިނގައިގަންނަން އުޅުނު ތަނާ ކުއްލި ސިހުމާއެކު ހުއްޓެވުނީ ރީތިވާމޭޒުގެ ލޯގަނޑުން އޭނަގެ ލޮލުގައި އަޅަައިގަތް މަންޒަރެއްގެ ސަބަބުންނެވެ. އަވަސްއަވަހަށް ލޯގަނޑާއި ކައިރިވެލުމަށްފަހު ހެދުމުގެ ކުރުއަތްކޮޅު ހިއްލާލަމުން އޭނަގެ ހިކަނދިމަސްގަނޑަށް އަވަސް ނަޒަރެއް ދެވުނެވެ. އެއާއެކު އޭނަގެ ދެލޯބޮޑުވެގެން ދިޔައެވެ. އަތްތިލައެއްގެ ނިޝާނުގެ އަސަރު އެވަނީ ފެންނާށެވެ.

ކުއްލިއަކަށް ޝާޢާއަށް ފަހަތަށް ޖެހިލެވުނެވެ. އޭރު ބިރުވެރިކަމުގެ ތޫފާނެއް އޭނަގެ މޭގެތެރޭގައި އުފެދިފައި ވިއެވެ. ނޭވާލާން ވެސް އޭނައަށް ދަތިވެފައިވިއިރު މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ. އޭނަގެ ލޮލަށް އެފެންނަ މަންޒަރު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ މިރޭގެ އިރާކޮޅު އޭނައަށް ދިމާވި ހާދިސާގެ ތެދުކަން ބަޔާންކޮށްދޭ ވަރުގަދަ ހެއްކެކެވެ. ފަހަތަށް ޖެހެވެމުން ދިޔަ ޝާޢާއަށް ހުއްޓުމެއް އައީ އެނދުގެ ފައިލާކޮޅުގައި އޭނަގެ ފައި އަޅައިގަތުމުންނެވެ. އެކަމުން ވެސް އޭނަ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ފަސްއެނބުރި ބަލާލެވުނީ އޭނަގެ ފުރަގަހުގައި މީހަކު ހުރިހެން ހީވެގެންނެވެ. ނަމަވެސް އާދަޔާ ޚިލާފުކަމަކާ ކުރިމަތިލާން ނުޖެހުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނަގެ ހިތަށް ލިބުނެވެ. އެހެނަސް އެކަނި ކޮޓަރީގައި ހުންނަންވުމުން އޭނަ ބިރުގަންނަ ގޮތް ވިއެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުގައި މީހަކު އޭނައަށް ފާރަލައި ބަލަމުންދާހެން ވެސް ހީވާން ފެއްޓިއެވެ. އަދިވެސް އޭނަގެ ކަންފަތުގައި ރަނގަބީލެއްހެން ތަކުރާރުވަމުން އައި ޖުމްލަތަކުން އެކަންތައް އޭނައަށް ޔަޤީންކުރެވެއެވެ. ޖިންނީންނަކީ ޣައިބުވުމުގެ ބާރު ލިބިފައިވި މަހުލޫގުންތަކެކެވެ. އެޚިޔާލާއެކު ވެސް ޝާޢާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ފިޔަވަޅުތަކަށް ބާރުލަމުން ކޮޓަރިން ނިކުންނަން ދިޔައީ އޭނައަށް ރައްކާތެރިކަން ލިބޭނެކަމުގެ އުއްމީދުގައެވެ. އެކަނި ހުންނަން ވެއްޖެކަމުގައި ވަނީނަމަ އޭނައަށް މުސީބާތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އާދެވިފައިވި ހާލަތުގެ ގޮތުން އޭނައަށް ހުރިހާ ކަމަކާއިމެދުގައި ވެސް ވިސްނެނީ އެންމެ ނުބައި ގޮތުގައެވެ. ވާނީވެސް އެހެންނޫންތާއެވެ. އެއީ އިންސާނީ ޠަބީއަތުގައި ލައްވާފައިވާ ގޮތެވެ.

ކޮޓަރިން ނިކުތް ޝާޢާއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ފެންޑާއަށް ނިކުމެވޭ ދޮރުކުރިމަތީ މޭމަތީ އަތްހުރަސްކޮށްލައިގެން ބޭރު ބަލަން ހުރި ޖާބިރެވެ. ޖާބިރު ހުރި ގޮތުން އޭނަ ހުރީ ފުން ވިސްނުމަކަށް ގެއްލިފައިކަން އެނގުނެވެ. އޭނައަށް ޝާޢާގެ ކޮޓަރީގެ ދޮރު ހުޅުވުނުހެން ހީވެގެން ނިކަން އަވަހަށް ފަސްއެނބުރި ބަލާލައިފިއެވެ.

ޝާޢާއާއި ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރު ޖާބިރަށް ލިބިގެން ދިޔައީ އެދެލޮލުން އޭނައަށް ފެނުނު ނުތަނަވަސްކަމާއެކުގައެވެ. ސުވާލު އުފެދިގެން ދިއުމާއެކު ޖާބިރަށް ހިނގައިގަނެވުނީ ޝާޢާ ގާތަށް ދިއުމަށެވެ. ޝާޢާގެ ފުށުން ނޫނީ ޖަވާބު ނުލިބޭނެ ސުވާލުތަކެއް އޭރު އޭނައަށް އުނދަގޫކުރަމުން ދިޔައެވެ. ނަމަވެސް އެއީ އެކަމަށް ރަގަޅު ވަގުތެއް ބާވައޭ ވެސް އޭނަގެ ހިތް ސުވާލު އުފައްދާލިއެވެ. އެހިނދު އޭނަަގެ ސިކުނޑި ރަގަޅު ގޮތް ބުނެދިނެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތަކީ ނާޒުކު ވަގުތުކޮޅަކަށް ވުމުން އެންމެ މިނެޓެއް ވެސް ބޭކާރުކޮށްލުން އެއީ ބުއްދިވެރި ގޮތެއް ނޫނެވެ. އޭނަގެ ދުޝްމަނުން އެވަނީ އޭނައާއި ދެކޮޅަށް ވަރުގަދަ ހަނގުރާމަކަށް ނިކުމެފައެވެ. އެހަނގުރާމައިގައި އޭނައާއި ދެކޮޅަށް ބޭނުން ކުރެވެން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް ޝާޢާއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން މެނުވީ އޭނައަށް ކުރިއެރުމެއް ލިބޭކަށް ނެތެވެ.

''ދަރިފުޅާ، މިހާރު ރަގަޅުތަ؟... ދަރިފުޅު ނުކައި އުޅޭތީދޯ އަނބުރައިގަތީ؟... މިހާރު އެއްވެސްކަހަލަ އުނދަގުލެއްވޭތަ؟...'' ހިތުގައި އުފެދިފއިވި ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވެފައިވި ޖާބިރު ވާހަކަދެއްކީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ. ޝާޢާއަށް އޭނަގެ އަޑުން ކަމަކާ މެދު ޝައްކު ނުއުފެދޭނެހެންނެވެ. އެއްވެސްކަމެއް ގޯހުންގޯހަށް ގޮސްފައިވިކަމުގެ ހިލަން ޝާޢާއަށް ވުމުގެ ފުރުސަތު ޖާބިރު ނުދިނެވެ.

''ހަދީޖާ، ޝާޢާއަށް ދޭން ކާއެއްޗެއް ގެނެސްބަލަ...'' ކޮޓަރީގައި އުޅުނު ހަދީޖާއަށް ބާރަށް ގޮވާލަމުން ޖާބިރު ބުނެލިއެވެ. ޝާޢާއަށް ހައިކަމުގެ އިހުސާސްކުރެވިގެން އައީ ދެނެވެ. އޭނަގެ ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާހުރެ އޭނަގެ ހިއްސުތައް ވެސް ރަގަޅަކަށް މަސައްކަތެއް ނުކުރެއެވެ.

ޝާޢާ ޖަވާބެއް ނުދީ ބަލަހައްޓައިގެން ހުންނަން ފެށުމުން ޖާބިރަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެއީ ޝާޢާގެ ފުށުން އޭނައަށް އަލަށް ފެނިގެން ދިޔަ ކަމަކަށް ވީީތީއެވެ. ހީވަނީ ފިކުރުބޮޑުވެފައިވިހެންނެވެ.

''އަދިވެސް ބޮލުގައި ރިއްސަނީދޯ؟... އެހެންވެއްޖެއްޔާ ކޮޅަށް ނުހުރެ އާދެބަލަ ސޯފާގައި އިށީންނަން...'' ސޯފާއަށް އިޝާރާތްކުރަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނަ ހިނިތުންވެލިއެއްކަމަކު ޝާޢާއަށް އައިސްފައިވި ބަދަލުތަކުން އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ޖާބިރު އެދުނު ފަދައިން ޝާޢާ ގޮސް ސޯފާގައި އިށީނެވެ. އެއީ ހަދީޖާ ވެސް އަވަސްއަރުވާލައިގެން ކޮޓަރިން ނިކުތް ވަގުތެވެ. އޭނައަށް ޝާޢާ ފެނުމާއެކު އެމޫނުމަތިން ފާޅުވެގެން އައީ ހަމްދަރުދީއެވެ. ކުރިމަތިވެދާނެ ކަމަކާ މެދު އޭނަ ބިރުގެންފައި ހުރި މިންވަރު އެކަމުން ވެސް ރަމްޒުކޮށްދެއެވެ.

ހަދީޖާގެ މާޔޫސްކަން ފާހަގަކުރެވުނު ޖާބިރު ހަދީޖާއަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލީ ޝާޢާއަށް ކަންތައް ސިއްރުކުރަން ބޭނުންވީތީއެވެ. ޝާޢާއަށް ވަމުންދާ ކަންތަކާ މެދު ޝައްކުކުރެވި ސުވާލުއުފެދިގެން ދާކަށް އޭނަ ނޭދެއެވެ. އޭނައަށް އެސުވާލުތަކަށް ޖަވާބެއްދޭން ވެސް ނޭގޭނެއެވެ. ހަމައެއާއެކު ޝާޢާއަށް ލިބިގެންދާނެ ނުތަނަވަސްކަމާއި ބިރުވެރިކަން ވެސް ދެކެން އޭނަ ބޭނުމެއް ނޫނެވެ.

ޖާބިރަށް ނޭގުނުކަމީ ސިއްރުން ކަންތައް ބަލަމުން ދިޔަ ޝާޢާއަށް ހަޤީޤަތް ބޭޒާރު ވެއްޖެކަމެވެ. ޖާބިރުގެ ކޮންމެ އަމަލަކީ އެކަމަށް ބާރުދެމުން އައި ވަރުގަދަ ހެކިތަކެކެވެ. އޭގެ ސަބަބުން ޝާޢާއަށް ލިބިފައިވި އުދާސްކަން ވެސް އެމޫނުމަތިން ފެންނަން ފަށައިފިއެވެ.

''ހަދީޖާ ދޭބަލަ ޝާޢާއަށް ދޭން ކާއެއްޗެއް ހިފައިގެން އަންނަން...'' ހާދީޖާ އައިސް އެމީހުންނާއި އަރާހަމަކުރުމުން ޖާބިރު ބުނެލިއެވެ. ޖާބިރާއި މެދު ނުރުހިފައިވިއެއްކަމަކު، ހަދީޖާ އެހުށަހެޅުމާއިގެން ކުރިއަށް ދިޔައީ ޝާޢާގެ ހަށިގަނޑު ވަރުބަލިވެ، ހައިކަމުގެ އިހުސާސްކުރެވޭނެ މިންވަރު އޭނައަށް އަންދާޒާ ކޮށްލެވުމުންނެވެ. އޭނަ ބަދިގެއަށް ދިއުމަށް މިސްރާބުޖެހި ހިނދު ހުއްޓެވުނީ ޝާޢާ ކޮށްލި ސުވާލެއްގެ ސަބަބުންނެވެ.

''ކާފަ ބުނީމެއްނު އަހަންނަށް ހުވަފެންތަކެއް ފެންނަނަމަ ބުނައްޗޭ، ދުވަސްކޮޅަކަށް އެކަން ތަކުރާރުނުވެ އަނެއްކާ ވެސް ފެންނަން ފަށައިފި، އެކަމަކު ކުރިއަށް ވުރެ އަސްލާ އެއްގޮތްކަމަށް އިހުސާސްކުރެވެނީ... އެއީ ކީއްވެތަ؟... ނިދުމުގެ ކުރިން ކިޔަން ކާފަ ދިން ދުޢާތައް ވެސް އަހަރެން ކިޔަން، އެކަމަކު ވެސް ބިރުވެރި ހުވަފެންތައް ފެނޭ... ކޮންމެ ރެޔަކު ވެސް ހޭލެވެނީ ފަތިސްނަމާދު ވަގުތާއި ދިމާކޮށް... ކާފާ... ކީއްވެގެންތަ އަހަންނަށް އެފަދަ ބިރުވެރި ހުވަފެންތައް ފެންނަނީ؟...''

ޝާޢާ ބޭނުންވީ ތެދެވެ. އޭނައަށް އެކަންތައް ކުރިމަތިވާ ސަބަބު އެނގޭށެވެ. މީގެ އިރުކޮޅެއް ކުރިން ޖާބިރާއި ހަދީޖާއާ ދެމެދު ހިނގި ދެބަސްވުމުން އޭނައަށް އެނގުނުހާ ވެސް އެއްޗަކީ ޖިންނިއެއްގެ އުނދަގޫ ފޯރިކަމެވެ. އެކަމުގެ ތެރޭގައި ފުރާނަތައް ގެއްލިގެން ދިޔަ ކަމެވެ. އެހެނަސް، އެކަން ހިނގަން މެދުވެރިވި ސަބަބުބަތަކާއި، އެކަންތަކުގެ އާހިރު ނަތީޖާ އެފަދަ ހިތިގޮތަކަށް ނިކުތްނަން ޖެހުނު މައިގަނޑު ސަބަބެއް ނޭގުނެވެ. އެކަންތައް އަދިވެސް ވަނީ މާޒީގެ ތެރޭގައި ސިއްރުކުރެވިފައެވެ. މިހާރު ކަންތައް ގޮސްފައި އޮތް ހާލަތުން އެއީ އޭނައަށް އެނގުން ލާޒިމު ކަމެކެވެ. އޭނަގެ މަންމައާއި ބައްޕައަށް ކުރިމަތިލާންޖެހުނު ކަންތައް ވެސް އޭނައަށް އެނގެން ޖެހޭނެއެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަނދިރީގައި އޭނަ ބެހެއްޓިއްޖެއެވެ. ހަޤީޤަތް ހާމަވެފައިވި ހިނދު އޭނައަށް ހުރިހާކަމެއްގެ މައުލޫމާތު ލިބެންޖެހޭނެއެވެ.

ބަދަލުހިފުމުގެ ކޯޅުންގަނޑެއް ޖިންނީންނާ މެދު އުފެދިގެން އައީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ފަހަތުގައި އޮތް ސިއްރުތަކަކީ ކޮބައި ހެއްޔެވެ؟ އެކަމުގައި އޭނަގެ މައިންބަފައިން ޝިކާރައަކަށްވީ ކީއްވެގެން ހެއްޔެވެ؟ ޖިންނީންތަކެއްގެ އުނދަގޫ އޭނައަށް ފޯރަން ޖެހިފައިވީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ މާމަގެ ހިތުގައި ކާފައާ މެދު އުފެދިފައިވި ރުޅީގެ އަސްލަކީ ކޮބާ ހެއްޔެވެ؟

ހައްތާ ވެސް ސުވާލުތަކެވެ. ޝާޢާއަށް ޔަޤީންކުރެވުނުކަމަކީ ބޮޑު ކަންތައްގަނޑެއް ހިނގާފައި އޮތް ކަމެވެ. އެކަމުގެ ތެރޭގައި އޭނަގެ މައިންބަފައިން ވެސް މިފަނާވަނިވި ދުނިޔެ ދޫކޮށްދާން ޖެހުނީއެވެ. ޅައިރުގެ ދުވަސްތަކުގައި އޭނަ މައިންބަފައިންގެ ލޯބިން މަހުރޫމްކޮށްލާފައެވެ. ކިތަންމެހާ ވެސް ގިނަ ސަބަބުތަކާ ހުރެ އޭނައަށް ހަޤީޤަތް އެނގުން ލާޒިމެވެ. ނަމަވެސް ސުވާލަކީ އޭނައަށް އެކަމާއި ކުރިމަތިލެވިދާނެ ހެއްޔެވެ؟

ކުއްލިއަކަށް ކުރިމަތިވި ސުވާލަށް ދޭނެ ޖަވާބެއް ނޭގިފައި ޖާބިރަށް ހުރެވުނެވެ. ސޯފާގައި އިށީންނަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލުމަށްފަހު އޭނަ ފަރުވާތެރިކަމާއެކު ޝާޢާއަށް ބަލާލިއެވެ. ޝާޢާ ވެސް އިސްއުފުލާ ޖާބިރަށް ބަލާލިއެވެ. އެދެލޮލުގައި ވަނީ މުޅިން އެހެން ޝުއޫރުތަކެކެވެ. ހާސްކަން ޖާބިރުގެ ހިތަށް ވެރިވާންފެށީ ދެނެވެ. މިހުރިހާ ދުވަހު ޝާޢާގެ ފަރާތުން ކުރިމަތިލާން ނުޖެހުނު ސުވާލެއް އަމާޒުވީތީއެވެ.

''ކާފަ ކުރިން ވެސް ބުނީމެއްނު ހުވަފެނަކީ ބިލާހެކޭ... ދެން ކީއްވެތަ ދަރިފުޅު އެކަންތަކާ މެދު ވިސްނަނީ؟...'' ޖާބިރު އުޅުނީ ޝާޢާގެ ސުވާލު އޮއްބާލާށެވެ. އެގޮތް ޝާޢާއަކަށް ކަމަކު ނުދިޔައެވެ.

''ތިކަން އެނގެޔޭ... އެކަމަކު އެއް ހުވަފެނެއް ތަކުރާރުކޮށް ފެންނަނީ ކީއްވެތަ؟... ހުވަފެނުގައި އަހަންނަށް އިންޒާރުތައް ދެވެނީ ކީއްވެތަ؟... ސަލާމަތްވާން އުޅުނަސް އެކަން ކާމިޔާބުނުކުރެވެނީ ކީއްވެތަ؟... ހުވަފެން އަސްލާއި އެއްގޮތް ވަނީ ކީއްވެތަ؟...'' ޝާޢާ އެހި އެވެ.

ޖާބިރުގެ ހިތުގައި ޝައްކު އުފެދުނެވެ. ޝާޢާއަށް އެފަދަ ކުއްލި ބަދަލެއް އަންނަންޖެހޭނީ ގޯހެއް އުޅޭކަމުގެ ހިލަން ވުމުންނެވެ. އެއީ ޝާޢާއަށް ދިމާވި ހާދިސާގެ ސަބަބުން ކުރިމަތިވިކަންތައްތަކެއް ހެއްޔެވެ؟ ޝާޢާ އެއުޅެނީ އެހާދިސާގެ އަސްލު ހޯދަން ހެއްޔެވެ؟

''ދަރިފުޅު ބޮލުގައި ރިއްސާތީތަ ތިއުޅެނީ؟، ބަލާފަ ހީވަނީ އެހެން، ކާއެއްޗިއްސާއެކު މާމަ ބޭސް ގެނެސްދޭނަން، މަޑުކޮށްލައްޗޭ......'' ޖަވާބުދޭން ޖާބިރު ނުކުޅެދިފައިވިތަން ފެނި ހަދީޖާ މަޢުޞޫއު ބަދަލުކޮށްލިއެވެ. އޭނަ ވެސް އުޅުނީ ޝާޢާގެ ހިތަށް ދޮގު ތަސައްލީތަކެއް ހޯދައިދޭށެވެ. ކުއްލިއަކަށް މާމަގެ ވިސްނުން ބަދަލުވުމުން ޝާޢާއަށް ހައިރާންކަން ލިބުނެވެ. މާމައަށް އޭނައާއި ކުރިމަތިލާން ކެރެނީ އޭނަ ނިދާފައި އޮއްވާ އެކަނި ހެއްޔެވެ؟ އެއީ އެއްވެސްކަމެއް އޭނައަށް ދޭހަނުވާނެކަމުގެ ޔަޤީންކަމާއެކުގައި ކުރި ކަމެއް ހެއްޔެވެ؟

''އަހަރެން ނޫޅެމޭ ބޮލުގައި ރިއްސާތީއެއް... ކީއްވެތަ އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭން ނޫޅެނީ؟... އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟...'' ފުރަތަމަ ފަހަރަށް ޝާޢާއަށް އަޑު އިސްކުރެވުނެވެ. އޭރު އޭނަ އިނީ ރޮވެން ކައިރިވެފައެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ބޯފަޅައިގެން ދާން ވެސް ކައިރިވެފައެވެ.

''ދަރިފުޅަށް އެއްވެސްކަމެއް ސިއްރުކުރާކަށް އަހަރުމެން ނޫޅެން...'' ޖާބިރު ބުނެލިއެވެ.

''ދޮގު... ހުސް ދޮގު... އަހަންނަށް އަޑުއިވުނޭ ކާފައާއި މާމަ ދެއްކި ވާހަކަތައް... އަހަންނަށް މިރޭ އިރާކޮޅު ދިމާވި ހާދިސާއަށް އެކަމުން ޖަވާބުލިބޭ...'' ކެތްތެރިކަން ކޮޅުންލައިގެން ދިއުމާއެކު ޝާޢާއަށް ބުނެވުނެވެ. އޭރު އޭނަގެ އެސްފިޔަތައް ފޫއަޅުވާލާފައި ފުރަތަމަ ކަރުނަތިކި ފައިބައިގެން ދިޔަ އެވެ.

ސިހުން ލިބިފައިވި ހާލު ޖާބިރާއި ހަދީޖާއަށް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. ބޮޑު ކޮޓަރިއަށް ދެން ފެތުރިގެން ދިޔައީ ހަމަހިމޭންކަމެވެ.

*****

ދަންވަރަށް ފާޅުކަން ބޮޑު ކަމާއެކު ހަނދު ފެންނަމުން ދިޔައެވެ. އޭގެ ރިހި އަލި މުޅި ސަރަހައްދަށް ފެތުރިފައިވާއިރު ލަސް ހަރަކާތްތަކާއެކު ވިލާކޮޅުތައް އުޑުގައި ދަތުރުކުރަމުން ދިޔައެވެ. ބޮޑެތި ރާޅުތައް ފަރުމައްޗަށް ބިންދާލާ އަޑާއި ބާނީތައް ފޮނުތައް އުފައްދާލާފައި ގޮނޑުދޮށަށް ބީއްސާލާ އަޑު ފަޒާގައި އޮތީ ގުގުމާލާފައެވެ. ކަނޑުން އަންނަ ފިނިފިނި ރޯޅިތަކުން ހަށިގަނޑަށް އަރާމުކުރުވަނިވި ފިނިކަމެއް އިހުސާސްކޮށްދެއެވެ. ރަށުގެ ދެކުނު ތުނޑީގެ މަޑު ދޮންވެލިގަނޑު މަތީ އިށީންދެލައިގެން އިން ޒުވާނާގެ މަޑުއަޅިކުލައަށްދާ ކަޅި ގޮސް ހުއްޓިފައިވަނީ ފެންނަން އޮތް މޫދަށެވެ. ދޮންވެލިގަނޑުގައި އަތްވިއްދާލެވިފައިވިއިރު ކޮނޑާހަމައަށް ދިގުކޮށްލެވިފައި އޮތް ފަން އިސްތަށިގަނޑު ރޯޅިތަކާ އެއްހަމައެއްގައި ހަރަކާތްކުރަމުން ދިޔައެވެ. ހުސްގަޔާ އިންއިރު އެޒުވާނާއަށް ވައިރޯޅިތަކުގެ ފިނިކަން ވެސް އިހުސާސްނުކުރެވޭ ކަހަލައެވެ. އެތައް އިރެއް ފާއިތުވެދިޔަ ފަހުން އެޒުވާނާ އިސްއުފުލާ ބަލާލީ ހަނދަށެވެ. އޭރު ހަނދު ވަނީ މެދު އުޑުގައެވެ.

ކުއްލިއަކަށް ފަހަތުން ފެންނަން ހުރި ކުރެދި އަދި މަގޫގަސްތަކުގެ ތެރެއިން ހިލަމެއްވިކަމުގެ އިހުސާސާއެކު އެޒުވާނާގެ ނަޒަރު ހަނދާއި ވަކިވެގެން ގޮސް ގަސްކަރައާއި ދިމާއަށް ހުއްޓިއްޖެއެވެ.

ކޮމެންޓް 0