''ޖާބިރު ތިކުރަން އުޅޭކަމެއް ކުރޭ...'' ހަދީޖާ ބޭނުންވީ ވީހާ ވެސް އަވަހަކަށް ޖާބިރު އޭނަގެ މަސައްކަތް ފެށުމަށެވެ. ކޮންމެ ފަދަ ހާލަތަކަށް ދާން ޖެހުނުކަމުގައި ވިޔަސް އޭނަ އެދެނީ ޝާޢާގެ ރައްކާތެރިކަމަށެވެ. އޭރުން އޭނަގެ ހިތަށް ހަމަޖެހުން ލިބޭނެ އެވެ.
ހަދީޖާއަށް ބަލަން ހުރި ޖާބިރު ބޯޖަހާލީ ހަދީޖާގެ ބަހަށް ތާއީދުކޮށްފީމޭ ބުނުމުގެ ގޮތުންނެވެ. ފުންނޭވާއެއް ދޫކޮށްލި ހަދީޖާ ހުރީ ހަލަބޮލިކަން ވެރިވެފައިވި އޭނަގެ ސިކުނޑިއަށް ލުޔެއް ހޯދައިދޭން ބޭނުންވެފައެވެ. އޭނަ އަޅުކަމާއިގެން ކުރިއަށްދާން ތައްޔާރުވެލި ހިނދު ކުއްލިއަކަށް ކަމެއް މަތިން ހަނދާން ވިއެވެ.
''ޝާޢާ ކޮބާތަ؟، ގެއަކަށް ނާދޭތަ އަދި ވެސް؟...'' ކަންބޮޑުވުން އެކުލެވިފައިވި ރާގަކަށް ހަދީޖާއަށް ސުވާލުކޮށްލެވުނެވެ. ޝާޢާ ގޭގައި އުޅޭނަމަ މިހާ އިރު ވީއިރު އޭނަގެ ހާލުބަލައިލަން ނައިހެއް ނުހުންނާނެއެވެ. ޖާބިރު ދިން ނުބައި ޚަބަރެއްގެ ސަބަބުން އޭނަ ހުރީ ހިތު ބިރު ގަނެފައެވެ. ކޮންމެ ހިނދެއްގައި ވެސް ކަންތައް ގޯސްވެދާނެކަމުގެ ބިރާ ހުރެއެވެ.
''ރައްޓެއްސަކު ބަލިވެގެން ހޮސްޕިޓަލުގަޔޯ ބުނީ، އިރުކޮޅަކުން އެމަންޖެ އަންނާނެ... އަހަރެން ބުނިހެން ހުރިހާ ކަމަކާ މެދު ހާސްނުވެބަލަ... ހާދީޖާ ތިހެން އުޅެންޏާމު ޝާޢާއަށް ޝައްކުވާން ފަށާފާނެ، އޭނަގެ ހުރިހާ ސުވާލުތަކަށް އަހަރުމެންނަށް ޖަވާބެއް ނުދެވޭނެ... ޝާޢާގެ ރައްކާތެރިކަމަށް އަހަރެން އަބަދުވެސް އަހައްމިޔަތުކަން ދޭނަން...'' ޖާބިރުގެ ޖަވާބުން ހިތްހަމަޖައްސާލުން ނޫން އިތުރު ގޮތެއް ހަދީޖާއަކަށް ނެތެވެ. މިވަގުތު ޖާބިރަށް އިތުބާރުކުރުން ނޫން އިތުރު ގޮތެއް ވެސް މެއެވެ.
*****
''ދެންމެ ކާފަ ވެސް ގުޅައިފި، އިތުރަކަށް މަޑެއްނުކުރެވޭނެ، އަދި މަޣްރިބު ނަމާދު ވެސް ނުކޮށް މިހުރީ، އިރުކޮޅަކުން އިޝާއަށް ގޮވާފާނެ...'' އެހީތެރިން އިށީނުމަށް ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިން އައިޝާއާއި ޝާޢާ ވާހަކަދެއްކީ އޭނަގެ އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުންނެވެ. އެއަށްފަހު އޭނަ ބަލާލީ އެނދުގެ މަގަތު ކަނުގައި އިން ޔޫނުސް އަށެވެ. އޭނަ ދާންވެއްޖެކަން އަންގާލި ކަހަލައެވެ.
''އިރުކޮޅެއް ފަހުން ދިޔަޔަސް ކީއްތަވާނީ؟... ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު ވަކި ގަޑިތަކެއްގަ ބޭރަށް ނިކުމެ އުޅެން... އަދި ޔޫނުސްއާ ދެމީހުން ވާހަކައެއް ވެސް ނުދެކެވެއެއްނު...'' އައިޝާ އިނީ ކަމަކަށް ފައިވިއްދާލާފައެވެ. ޝާޢާ އާއި ޔޫނުސް އެކަހެރިކޮށް ބައްދަލުކުރެވޭނެ ފުރުސަތެއް ފަހިކޮށްދޭން އޭނަ ވަނީ އަޒުމެއްގެ މަތީގައެވެ.
''ތި ދެމީހުން ދާން ވީނު ބޭރަށް ނިކުމެލާފަ އަންނަން، ރިހާން ވެސް އެއޮތީ ނިދާފައެއްނު، އަހަރެން މިތާ ރިހާން ގާތު އިނދެފާނަމޭ...'' ވަކިވަކިން ޔޫނުސް އާއި ޝާޢާއަށް ބަލާލަމުން އައިޝާ ވާހަކަދެއްކީ އެނދުގައި ނިދިފައި އޮތް ރިހާނަށް އިޝާރާތްކޮށްލަމުންނެވެ. ޝާޢާ އާއި ވާހަކަދައްކާލަން ބޭނުންވެފައި ހުރި ޔޫނުސްއަށް އެޚިޔާލު ކަމު ދިޔަ އެވެ. އެއާއެކު އޭނަ ހިނިތުންވުމަކާއެކު ބަލާލީ ޝާޢާ އަށެވެ. އަދި އޭނަގެ ނިތް އަރުވާލީ ޝާޢާގެ ޚިޔާލަކީ ކޮބައިތޯ އަހާލާ އުސޫލުންނެވެ.
''ފައިން، އެކަމަކު އޭގެ ކުރިން އަހަރެން އެބަ އަންނަން ޕްރޭޔާރ ރޫމަށް ގޮސްފަ...'' ޝާޢާ ބުނެލިއެވެ. އަދި އޭނަގެ އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ގޮނޑިން ތެދުވެލިއެވެ.
''ފަސް މިނެޓް...'' ދާން ހިނގައިގަންނަމުން ޔޫނުސްއަށް ޝާޢާ ބުނެލިއެވެ. އެއަށްފަހު އޭނައަށް ހިނިތުންވެލުމަށްފަހު ބޯޖަހާލި ޔޫނުސްއަށް ފުރަގަސް ދެމުން އަވަސް ފިޔަވަޅުތަކެއްގައި ވޯދުން ނިކުންނަން ހިނގައިގަތީ ގަޑި ބަލާލަމުންނެވެ.
*****
ހޮސްޕިޓަލުގެ ގޯތި ތެރެއަށް ނިކުތް ޔޫނުސް އާއި ޝާޢާ އެއްއަހަމައެއްގައި ފައިތިލަ ސާބިތުކުރަމުން ހިނގަމުން ދިޔަ އިރު އެދެމެދުގައި ވާހަކައެއް ނުދެކެވެއެވެ. ދެމީހުން ކުރެން އެކަކު އިސްނަގާނެ ވަގުތަކަށް އިންތިޒާރު ކުރެވޭ ކަހަލައެވެ. ވަގުތު ދިގުލާދާން ފެށުމާއެކު އެންމެފަހުން ފުންނޭވާއެއް ދޫކޮށްލި ޔޫނުސް ވާހަކަދައްކަން ފެށިއެވެ.
''އޯކޭތަ އަހަރެން ޝާގެ އަތުގައި ހިފިޔަސް؟...'' ޔޫނުސް ހުއްދައަށް އެދުނެވެ. އޭނަގެ އަޑުގައި ހިސާބެއްގެ ޖެހިލުންވުން ހިމެނުނީ ޝާޢާގެ ޖަވާބު އައިސްދާނެ ގޮތެއް ނޭގުނީތީއެވެ.
ޝާޢާގެ ހިނިތުންވުން ޖަވާބަކަށް ފުދުމާއެކު ޝާޢާގެ މަޑު އަތްތިލައިގައި ޔޫނުސް ހިފާލިއެވެ. ޔޫނުސްގެ އެހަރަކާތުން ޝާޢާގެ ހިއްސުތަކަށް އިހުސާސް ކުރެވުނު ހޫނުކަމާއެކު އެހިށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ހިނގާލިއެވެ. އޭރު ޝާޢާގެ ސިއްރު ނަޒަރުތައް ގޮސް ޔޫނުސްގެ މޫނަށް ހުއްޓިފައި ވިއެވެ. ކިތަންމެ ފަހަރަކު އެސޫރަ ފެނުނުކަމުގައި ވިޔަސް އޭނަގެ ހިތް ނުފުރޭ ކަހަލައެވެ. އިތުރަށް ބެލެމުގެ ޝައުޤުވެރިކަން އުފެދެނީ ވެސް އެސަބަބާ ހުރެއެވެ. އޭނައަށް ސިހުރެއް ޖެހިފައިވާ ފަދައެވެ. ލަސްލަހުން އެސިހުރުގައި އޭނަ އެދަނީ ކަސްތޮޅު ލެވެމުންނެވެ.
ހޮސްޕިޓަލް ހުންނަނީ ފުއްޓަރާއި ކައިރި ހިސާބެއްގައި ކަމުން މަގަށް ނިކުތުމާއެކު ރާޅުގެ އަޑުފަށްގަނޑު އިވެއެވެ. ޖެހެމުން އައި ފިނި ރޯޅިތަކާއެކު ރާޅުފަށުގައިވި ގަސްކަރަތަކުގެ އޮފިތައް ހެލޭއަޑު ވެސް އިވެއެވެ. އަނދިރިކަން ވެރިވެފައި އޮތް އެހިސާބަށް ނަޒަރެއް ދިން ޝާޢާގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް އުފަން ވިއެވެ. އެއާއެކު އޭނައަށް ޔޫނުސްގެ އަތްތިލައަށް ބާރުކޮށްލެވުނެވެ.
''މިފަރާތަށް ދަމާ...'' ހޮސްޕިޓަލާ ކުރިމައްޗަށް ވާހެން ހުރި ބޭސްފިހާރަތަކާއި އިންވެގެން ހުރި ކުޑަ ޕާކުގައި ހުރި ހިލަ އަށިތަކަށް އިޝާރާތްކޮށްލަމުން ޝާޢާ ބުނެލިއެވެ. މުޅި އެހިސާބުން ވެސް އެންމެ ބޮޑު އަލިކަމެއް އޮތް ސަރަހައްދަކީ ވެސް އެއެވެ.
''އައިޝާ ބުނި ޝާއަށް ހުވަފެނެއް ފެނިގެން އުޅޭ ވާހަކަ، އެކަމާ އަދި ވެސް ބިރުންތަ ތިއުޅެނީ؟...'' ޝާޢާއަށް އައި ބަދަލުތައް ފާހަގަ ކުރެވުމާއެކު ޔޫނުސްއަށް އަހާލެވުނެވެ.
''އެވާހަކަ ވެސް ބުނީތަ؟... އަނެއްކާ އިތުރު އެއްޗެކޭ ނުބުނޭތަ؟...'' ޔޫނުސްގެ ސުވާލުން ޝާޢާގެ މެޔަށް ފިނިވެގެން ދިޔައީ އައިޝާ ޔޫނުސްއަށް ހުރިހާ ވާހަކައެއް ކިޔައިދީފައިވެދާނެކަމުގެ ނުތަނަވަސްކަމާ ހުރެއެވެ. ސިއްރު ހިފެހެއްޓުމަކީ އައިޝާއަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އެއާއެކު އޭނަގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ފަރުވާތެރިކަމާއެކު ޔޫސުންއަށް ބަލާލެވުނީ އެމޫނުން އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދަން ވެގެންނެވެ.
''ކިހިނެއްވީ؟، އަނެއްކާ ދެމީހުންގެ މެދުގައި ސިއްރެއް އޮތީތަ؟...'' ޔޫނުސް ބުމަ އަރުވާލަމުން އެއްމިޔަކަނިން ހިނިތުންވެލިއެވެ. އެއާއެކު ޝާޢާ ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނަމުންނެވެ.
ދެޒުވާނުން އެކުގައި ގޮސް ހިލަ އަށްޓެއްގައި އިށީނެވެ. ޖެހިލާ ރޯޅިތަކުން ޖިސްމަށް ފިނިކަމެއް ގެނެސްދީފައި ވިއެވެ.
''މިއަދު ޔޫނުސް ނެތީމަ ވަރަށް ފޫހިކޮށް ދިޔައީ...'' މިނިވަކަންކަމާއެކު ދޫކޮށްލެވިފައިވި އިސްތަށިގަނޑަށް ރޯޅިތަކުގެ ގޯނާތައް އަމާޒުވާން ފެށުމާއެކު ހުޅިއެއް ޖަހާލަމުން ޝާޢާ ބުންޏެވެ. އޭނަ ބަހުންބަހަށް ހާމަނުކުރި ކަމުގައި ވިޔަސް އޭނަގެ ހިތުގެ އަޑު ޔޫނުސްއަށް އިއްވާލަދިނެވެ.
''ތިބުނީ އަހަރެން މަތިން ހަނދާންވިއޭދޯ؟...'' ޔޫނުސްގެ ތޫނު ބެލުންތައް އަމާޒުވުމުން ޝާޢާގެ ހިތް އަވަސް ވިއެވެ. އެތޫނުފިލި ދެލޯ އޭނައަށް ހުއްޓޭ ކޮންމެ ފަހަރަކު މެޔަށް ސިހުރެއް ޖެހޭ ކަހަލައެވެ. ހިތާއި ޖިސްމަށް އެއަންނަ ކޮންމެ ބަދަލެއްގެ ފަހަތުގައިވަނީ ޔޫނޫސްއަށް ޓަކައި އުފެދިފައިވާ ޖަޒުބާތުތަކެވެ. އެކަން ޢިއުލާންކުރަންވީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެވަގުތު އެރިއެވެ. ޔޫނުސް އޭނައަށް ދީފައި އޮތް މުހުލަތު ވެސް އޮތީ ހަމަވެފައެވެ.
ދެޒުވާނުންގެ ދެމެދަށް ދެން ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ އިރު އެދެމެދުގައި ބެލުންތައް ބަދަލުކުރެވުނެވެ. ބަސްމޮށުންތެރިކަމެއް ނެތްކަމުގައި ވިޔަސް ދެހިތުގެ ހާލު އެކަކު އަނެއްކަކަށް އަންގައިދޭން އުޅޭ ކަހަލައެވެ. އެހިސާބުގަނޑުގައި ބަޔަކު ވެސް ނެތުމުން މުޅި މާހައުލު ދެޒުވާނުންނަށް އޮތީ ހިތަކަށް ލިބިފައެވެ. ނަމަވެސް އެދެމެދުގައި ކަނޑައެޅިފައި އޮތް އިން ފަހަނައަޅައިދާން އެކަކު ވެސް ބޭނުމެއް ނުވެއެވެ. އޭގެ ސަބަބުން އެދެމެދުގައިވި ޖަޒުބާތުތަކަށް ކިލަނބުކަމެއް އައިސްދާނެތީ އެވެ.
''އަދި ވެސް ޝާގެެ ޖަވާބު އަހަންނަށް ނުދެމެއްނު، ޝާއަށް އަހަރެން ކަމުދޭތަ؟...'' ޝާޢާ އިން ފަޅިއަށް ކުޑަކޮށް އެނބުރިލަމުން އެންމެފަހުން ޔޫނުސް އޭނަގެ މައުޟޫޢުއަށް ދިޔައެވެ. އޭރު އޭނަގެ ހިތުގެ ވިންދުތައް ވަނީ އަވަސްވެފައެވެ. ޝާޢާގެ ބެލުންތަކުގައި ތަފާތުކަމެއްވިކަމުގައި ވިޔަސް އެދުލުން އޭނަދެކެ ލޯބިވާކަމަށް އިޤުރާރުވާއަޑު އަހަން އޭނަގެ ހިތްވީ ބޭޤަރާރުވެފައެވެ. ޝާޢާގެ ޖަވާބަކަށް އޭނަގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ހެކިދެނީ އެދެލޮލުންނެވެ.
އިސްއުފުލާ ޔޫނުސްއަށް ޝާޢާ ބަލާލީ ހިތްވަރާއެކުގައެވެ. އޭރު އެމޫނުން ޔޫނުސްގެ ހިތް އެދެމުން ދިޔަ ސުވާލަށް ޖަވާބު ދެއެވެ. އިތުރަށް ޔޫނުސްއަށް ޔަޤީންކަން ދިނުމުގެ ގޮތުން ޝާޢާއަށް ބޯޖަހާލެވުނެވެ. ޔޫނުސްއަށް ހިނިތުންވެވުނު އިރު އޭނަގެ ތުންފަތް ފޫއަޅުވާލާފައި ލުއި ހުނުމުގެ އަޑު ވެސް ބޭރު ވިއެވެ. އޭނައަށް އެވަގުތު ލިބިފައިވި އުފާވެރިކަން އޭނަގެ ހަރަކާތްތަކުން ހާމަކޮށްދެއެވެ. ލިބުނު ހިތްހަމަޖެހުން ބަޔާންކުރަން އެއަތުގެ ތެރެއަށް ޝާޢާ ގެންނަން ބޭނުންވިކަމުގައި ވިޔަސް ޝާޢާ ހިތްހަމަނުޖެހިދާނެތީ ޔޫނުސްއަށް ޖެހުނީ އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރާށެވެ. ނަމަވެސް އޭނަގެ އަތުގެތެރޭގައި އޮތް ޝާޢާގެ އަތްތިލައަށް ޔޫނުސް ބޮސްދިނެވެ. އެހޫނުނޭވާތަކާއި އެކުވެ އެތުންފަތުގެ ބީހުން އިހުސާސްކުރެވުނު ހިނދު ޝާޢާގެ ހަށިގަނޑަށް ފިނިކަމެއް ސަވާރުވިއެވެ. ހަށިގަނޑުގެ ލޯލިތައް ވެސް އެފިނިކަމުގެ އަސަރުގައި ކޮޅަށް ޖެހުނެވެ.
*****
ރާޅުފަށުން މޫދަށް ނިކުމެވޭނެހެން އޮތް ހަނިމަގުގެ އަރިމައްޗަށް ވާހެން ހުރި އުސް ރުކުގެ ފަނެއްގެ މަތީގައި އިން ކާޅުގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޝާޢާ އަށެވެ. އިރުއިރުކޮޅާ އަނދިރިކަން ވެރިވެފައި އޮތް މާހައުލަށް ވެސް އެސޮރު ބަލައެވެ. ކަމަކަށް ވަރަށް ބޮޑަށް ހުޝިޔާރުވެގެން އިންކަން އޭގެ ހަރަކާތްތަކުން ހެކިދެއެވެ. އެގޮތުގެ މަތީގައި ވަގުތު ފާއިތުވެ އިޝާ ނަމާދުގެ ބަންގީގެ އަޑު ފަޒާގެ ތެރެއަށް ފެތުރުމާއެކު އެސޮރު ފަންގަނޑު ދޫކޮށް އުދުއްސައިގަތީ އަމާންކަން ލިބިއްޖެކަމުގެ ޔަޤީންކަމާއެކުގައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދުރުގައި ހުރި މަގޫގަސްތަކުގެ ތެރޭން ފާޅުވެގެން އައި ކަޅު ދުންގަނޑެއް ބޯވެ ސިފަޖެހިގެން އައެވެ. ހަތަރެސްފައި ޖަހައިގެން ބިންމަތީގައި އޮތް ބުޅާގަނޑެއް ފަދަ އެމަހުލޫޤުގެ އަނގުރު ދެލޮލުގެ ތެރޭން ފެންނަނީ ޝާޢާ އެކަންޏެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އޮވެފައި އެސޮރު ދުންގަނޑެއްހެން ފޭދުނީ ރުޅިވެރިކަން އެމޫނުގައިވާ ހާލުގައެވެ. މިރޭ އަނެއްކާ ވެސް އޭނައާއި ހަވާލުކުރެވުނު މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ.
*****
ހަތަރެސްފައި ޖަހައިގެން ހަލުވިކަމާއުގެ ޖަންގަލީގެ ބިޔަ ގަސްތަކުގެ ތެރޭން ދަތުރުކުރަމުން ދިޔަ މަހުލޫޤު ގޮސް ހުއްޓުނީ ނިކަ ގަސްތަކުން ވަށާލެވިފައި އޮތް ސަރަހައްދަކަށެވެ. އޭރު އޭތީގެ އިންތިޒާރުގައި ޢައިބުވެފައި ހުރި އިސްކޮޅުން ދިގު ހިޔަންޏެއް ކުއްލިޔަކަށް އަނދިރީގެ ތެރޭން ފާޅުވިއެވެ. އެއާއެކު މަހުލޫޤު އެހިޔަންޏަށް ކުރުނީސް ކުރިއެވެ. އޭތީގެ މޫނުގައި ޖެހިލުންވުމާއި ބިރުވެރިކަން އޭރު ވިއެވެ.
''ޚަބަރަކީ ކޮބާ؟...'' އަޑު އިވުނެވެ.
''އޭނަގެ ހަށިފާރަވެރިޔެއް އެބަހުރޭ...'' މަހުލޫޤު ޖަވާބުދާރީ ވިއެވެ. ''އަހަންނަށް އިތުރު މުހުލަތެއް ދީ...''
''އެންމެ ފަހުން ވެސް ކަލޭ ގާތު މަ ބުނީމެއްނު ތިޖަވާބު ހިފައިގެން ނާންނާށޭ!!!... ކަލެއަށް އިތުބާރުކުރެވުން އެއީ އަހަންނަށް ހެދުނު ގޯހެއް!!!، ކަލޭގެ ތިފަރުވާކުޑަކަމުން އަހަރެންގެ ބޮޑުންނަށް ޖަވާބުދާރީ ވަނީ ކިހިނެއް!!!...'' ބާރު ހަޅޭކެއްގެ އަޑާއެކު ކުއްލިޔަކަށް ފެނިގެން ދިޔައީ ވިދުވަރުގެ ހަލުވިމިނުގައި ދަތުރުކުރި ހިޔަނި ގޮސް މަހުލޫޤުގެ ކަރަށް ތޫނު ވަކިތައް ހަރާލަމުން މައްޗަށް އުފުއްލާލި ތަނެވެ. އެއާއެކު ފުރާނައަށްޓަކައި އޭތި ތެޅިފޮޅިގެން ފެށިއެވެ. ވަލުޖަނަވާރެއް ހޭރޭ އިރު އިވޭ ފަދަ އަޑެއް އޭރު ފަޒާގައި ހަރުލާފައި އޮތެވެ. ހަށިގަނޑުގައި ހުރި ބާރަކާއެކު ކަރަށް ބާރުވަމުން އައި ތޫނު ވަކިތަކުން މިންޖުވޭތޯ ބެލިއެވެ.
''ކަލޭތީ ބޭކާރު އެއްޗެއް!، ބާރެއް ނެތް އެއްޗެއް... މިހާ ދުވަހު ދުނިޔޭގައި ބެހެއްޓީ މަންފާއެއް ވެދާނެކަމަށްޓަކައި... އެކަމަކު ކަލޭގެ ސަބަބުން އަހަރެންގެ އިއްޒަތް ވެއްޓިއްޖެ، ބޮޑުންގެ ރުޅިވެރިކަން އަހަންނަށް އަމާޒުވެއްޖެ... އަހަރެން ތިކަމާ ހަވާލުވިނަމަ މިހާރު އެއިންސި ގެނައިތާ ކިތަންމެ ދުވަހެއް!!!...'' ހިޔަނީގައި ސިފަޖެހި ފާޅުވެގެން އައީ އިސްކޮޅުން ބިޔަ ހަށިގަނޑުގައި ގިނަ އަދަދެއްގެ ކެހެރި ފަޅާފައި ހުރި މާރިދެކެވެ. އޭގެ ސިފަ އެންމެ ވައްތަރީ ކުއްތާއަކާ އެވެ. ދެފައިގެ ބާރުގައި ކޮޅަށް ހުރިއިރު ހަތަރެސްފައިގެ ބައްޓަން ވެސް ކުއްތާއަކާ ތަފާތެއް ނެތެވެ. މާރިދުގެ މުށުތެރޭގައި ފިސްފިސްވަމުން ދިޔަ މަހުލޫޤު އުނދަގުލުން ވާހަކަދައްކަން މަސައްކަތްކުރިއެވެ. އޭރު އޭތީގެ އަނގައިންނާއި ނޭފަތުން ލެޔާއެކުވެ ދަވައެއް ވެސް ބޭރުވާން ފަށައިފިއެވެ.
''އޭނަ... އޭނަ... ހަދާފަ ހުރި... ސިހުރުގެ ބާރު ދަނީ... ކެނޑެމުން... ގިނަ ދުވަހެއް... ނުވާނެ... އަހަރުމެންގެ... ބާރު ގަދަވާނެ...'' އެޖުމްލައާއެކު ބަންލާފައި ބިންމައްޗަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އޭރު ނޭވާއަށް ކުކުރަމުން ދިޔަ މަހުލޫޤު ކުރުގެޅިގެން އޮތީ އިތުރު ހަމަލާއަކުން ވެސް އޭތީގެ ފުރާނެ ގޮސްދާނެކަމުގެ ބިރާއެކުގައެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރެއް ނުވެ މާރިދު ގެއްލުނީއެވެ.
*****
މެންދަމުން އަލިވެ އެކެއްޖެހި ވަގުތެވެ. ރަށް އޮތީ ފުން ހިމޭންކަމެއްގެ ތެރޭގައި ނިދާފައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. އޭގެ ސަބަބުން ބިރުވެރިކަން މާހައުލަށް ވެރިވެފައި އޮތެވެ. ގޭގެ ދޮރު ހުޅުވާލާފައި ފެންޑާއަށް ނިކުތް ޖާބިރު ގޯތި ތެރެއަށް ނަޒަރެއް ދިނެވެ. ހަނދުވަރު ދީފައި އޮތް ރެޔެއްކަމުން ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް ކޮކާހަނދުވަރު ދީފައި އޮތެވެ. ބޭރަށް ފިޔަވަޅުތައް އަޅާލަމުން ޖާބިރު ގޭގެ ދޮރު ލައްޕާލިއެވެ. އަދި އޭނަގެ އަތުގައި އޮތް ތަޅުދަނޑިން ދޮރު ތަޅުލީ އިތުރު މީހަކަށް ބޭރަށް ނިކުތުމުގެ ފުރުސަތު ނުދޭންވެގެންނެވެ.
މައިދޮރާށި ކައިރިއަށް ހުއްޓިލަމުން ޖާބިރު އޭނަގެ އަތުގައި އޮތް ފުޅިއެއްގައި ހުރި ދިޔާ އެއްޗެހި ބޯގަންވިލާ ގަހަށް އަޅަން ފެށީ މުޅިން އެހެން ބަހުރުވައަކުން ލަސްލަހުން އެއްޗެހި ތަކުރާރުކުރަމުންނެވެ. އެއީ އޭނަ މީގެ ކުޑައިރުކޮޅެއް ކުރިން އުނިމަލާއި ފެން އެއްކޮށް ކިޔަވައިގެން ތައްޔާރުކުރި އެއްޗެކެވެ. ޖާބިރު އެފަދައިން ކަންތައްކުރަން ފެށުމުން ގަހަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައެވެ. ނަމަވެސް އޭނައަށް ސިހުން ގެނައީ އޭނަގެ ފުރަގަހުން ކުއްލިޔަކަށް އިވުނު އަޑެއްގެ ސަބަބުންނެވެ.
''ވާޤިދު...'' ފަސްއެނބުރި ބަލާލުމާއެކު ފެނުނީ ހުދުހެދުމެއްގައި ހުރި އިސްކޮޅު ދިގު މީހެކެވެ. އޭނަގެ ސިފަ ރީތިވެފައި ޢައިބުކަމެއް ނުވެއެވެ.
''ކީކޭ؟...'' ލިބުނު ހައިރާންކަމާއެކު ޖާބިރަށް ބުނެވުނެވެ. އޭރު އޭނަގެ ދެލޯ ވެސް ބޮޑުވެފައި ވިއެވެ.
''އެމީހުނަށް ޚަބަރުވެއްޖެ... އެމީހުން އެބައާދޭ...'' އުޑަށް ބަލާލަމުން ވާޤިދު ބުންޏެވެ. ޥާޤިދަކީ ޖާބިރަށް މަދަދުވެރިވާ މުއުމިން ޖިންނިއެކެވެ. ރޫޚާނީ ދުނިޔޭގެ ޚަބަރުތައް ޖާބިރާ ހަމައަށް ގެނެސްދެނީ ވެސް ވާޤިދެވެ.
ވާޤީދުގެ ޖުމްލައިން ޖާބިރަށް ނުތަނަވަސްކަން ލިބުނެވެ. އޭނަ އިހުނަށްވުރެ އަތްމަތި އަވަސްކޮށްލަމުން ފުޅީގައި ބާކީހުރި ފެންތައް ގަސްދޮށަށް އަޅާލިއެވެ. އެއަށްފަހު އޭނަ ނުހަނު ހަލުވިކަމާއެކު ބިންމަތީގައި ނިޝާންތަކެއް ކުރަހާލިއެވެ. އަދި ވާޤިދަށް ބަލާލިއެވެ. އޭނަގެ މޫނުމަތިން ވާޤިދާ މެދު ހިތްހަމަނުޖެހިފައި ހުރިކަން ވެސް ފެނެއެވެ. ވާޤިދާއި އޭނަ ހަވާލުކުރި މަސައްކަތް އެދެވޭގޮތުގައި ފުރިހަމަ ނުކުރެވުނީތީއެވެ.
''ގޯއްޗަކަށް ނުވަދެވޭނެ، އެންމެން ވަނީ ރައްކާތެރިކަމުގައި...'' ވާޤިދު ބުނެލިއެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެނެއެވެ. އެއީ ޖާބިރުގެ ހިތްހަމަނުޖެހުމުގެ ސަބަބުން ލިބިދާނެ ސަޒާއަކާ މެދު ކަމެއް ނުވަތަ ކުރިމަތިލާންޖެހިފައިވާ ނުރައްކަލުގެ ސަބަބުންކަމެއް ނޭނގެއެވެ.
ކުއްލިޔަކަށް ފެނިގެން ދިޔައީ ޖައްވުން އަލިގުޅަތަކެއް ހުރަސްކަނޑާލިތަނެވެ. އޭގެ އިރުކޮޅެއް ފަހުން ބިންގަނޑަށް ވަރުގަދަ ލޮޅުމެއް ވެސް އައެވެ. އޭރު ޖާބިރު ހުރީ ސާބިތުކަމާއެކު ފައިތިލަ ސާބިތުކޮށްގެންނެވެ. ހިތަށް ބިރުވެރިކަން ފޭދުނަސް އެކަން އޭނަގެ މޫނުމައްޗަކުން ނުދައްކައެވެ. އޭނަގެ ދުޝްމިނުންނާއި ހަނގުރާމަކުރަން ޖެހުނަސް އެކަން ކުރެވޭނީ ހިތްވަރާއެކު ކުރިމަތިލައިގެންނެވެ.
''ކަލޭ ހީކުރީތަ ކަލެއަށް ހުރިހާ ދުވަހަކު އަހަރުމެންގެ ފުށުން ސަލާމަތްވެވިގެން އުޅެވޭނެ ކަމަށް، ކަލެއަށް ލިބިފަ ތިހުރި ހުނަރަކާ މެދު އެއްޒަމާނެއްގައި ކަލޭ ވަރަށް ފަހުރުވެރިވީމެއްނު، ކަލޭގެ ބާރު ދައްކަން ވެސް އުޅުނީމެއްނު، އެކަމަކު އެދުވަސްތައް މާޒީވެ ހިނގައްޖެ... ކަލޭގެ ބާރު ތިދަނީ ކެނޑެމުން... ގިނަ ދުވަހެއްނުވެ ކަލޭ ކުރި ކަންތަކުގެ އަޖުމަ ލިބޭނެ... އަހަރުމެންގެ އުސޫލަކީ ބަދަލަށް ބަދަލު...'' ހަރުކަށި އަޑެއް އިވުނެވެ.
ކުއްލިއަކަށް ފެނިގެން ދިޔައީ ގޭގެ އިންފާރާއި ދާދި ގާތުން އަލިފާންކަނިތަކެއް ބުރައިގެން ދިޔަ މަންޒަރެވެ. އެހިނދު ބާރު އަޑުފަށްގަނޑެއް ވެސް އިވި ބިންގަނޑަށް ލޮޅުންތަކެއް އައެވެ. ސިހުމުގެ އަސަރު ޖާބިރުގެ މޫނުމަތިން ފާޅުވިކަމުގައި ވިޔަސް އޭނަ ފައިތިލަ ސާބިތުކުރިއެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަން އުފެދި ނިތްކުރީގައި ފިނިދަލެއް ހިއްލާފައިވީ އޭނައަށް ދިން އިންޒާރުގެ ސަބަބުންނެވެ. ހަމަލޮލަށް ނުފެނުނު ކަމުގައި ވިޔަސް އޭނަގެ ދުޝްމަނުން ހަމަލާ ދޭން މަސައްކަތްކުރާކަން ޖާބިރަށް އެނގެއެވެ. ބޭރުން ފެނިގެން އެދާ އަލިފާން ކަނިތަކާއި އެކުވެ އިވެމުންދާ ބިރުވެރި ހަޅޭކުގެ އަޑުތަކަކީ އެކަމަށް އޮތް އެންމެ ވަރުގަދަ ހެއްކެވެ. މަހުލޫޤުންތައް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ނުލިބޭނެކަން ޔަޤީންވުމުން ބޭރުތެރޭގެ ހައިޖާންގަނޑު ހިނދިގެން ދިޔައެވެ. އެއާއެކު ޖާބިރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''ކަލޭގެ ބާރު ލަސްނުވެ ކެނޑިގެން ދާނެ، އޭރަށް ކަލެއަށް އަހަރެންވި ވަޢުދު ފުއްދާނަން، އޭރަށް ކަލޭގެ ގާތުން ބަދަލު ހިފޭނެ...'' އަނެއްކާ ވެސް އެހަރުކަށި އަޑު ތަކުރާރު ވިއެވެ.
''ތިދޭ އިންޒާރުތަކަށް އަހަރެން ބިރެއް ނުގަނޭ... އަހަރެންގެ ޢާއިލާއަށް ގެއްލުމެއް ދޭން އުޅެފިއްޔާ އެކަމުގެ ނަތީޖާ ރަގަޅެއް ނުވާނެ، އެއްފަހަރު އޮންނާނީ އެކަން ސާބިތުކޮށްދީފައި!...'' ޖާބިރު އެންމެފަހުން ބުނެލިއެވެ. ހަނުހުރުން ވެގެން ދާނީ އޭނަގެ ނިކަމެތިކަން ބަޔާންކޮށްދޭނެ ކަމަކަށެވެ. އެއާއެކު އޭނަގެ ހަރުކަށިކަމާއި ބާރު ދައްކާލަން ޖާބިރު އުޅުނެވެ. އަލިފާނާ ކުޅެންޏާމު އޭނަ ހުންނަން ޖެހޭނީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ގެއްލުމެއް ކުރިމަތިވެދާނެކަން ވިސްނައި ހުޝިޔާރު ވެގެންނެވެ. ކުރެވޭ އެންމެ އިހުމާލެއްގެ ސަބަބުން ވެސް ފޫނުބެދޭނެ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.
''އަދި ވެސް ކަލޭގެ ބޮޑާކަން ދައްކަންތަ ތިއުޅެނީ؟... ބަލަ ކަލެއަށް ތި ބާރު ލިބިފައިވަނީ ވެސް އަހަރުމެންގެ ތެރެއިން ނިކަމެތި ޖިންނީންތައް އަތްދަށުކޮށްގެން... ކަލޭގެ ޚާދިމަކަށް ތިއުޅޭ ޖިންނީގެ ބާރު ވެސް އަހަރުމެންގެ ކުރިމަތީގައި ލަހެއްނުވެ ފަނޑުވެގެންދާނެ... އޭރަށް ކަލޭ ރައްކާތެރިކޮށްދޭނީ ކާކު؟... ކަލޭގެ ކިބުރުވެރިކަމާއި ބޮޑާ ކަމުގެ ނަތީޖާ ގިނަ ދުވަހެއްނުވެ ކަލޭގެ ލޯކުރިމަތިން ފެނިގެންދާނެ، އެދުވަހަކުން ކަލެއަށް އެއްޗެއް ވިސްނޭނޭ!!!...'' މިފަހަރު ކުރިއަށް ވުރެ އަޑު ބާރެވެ. ޖާބިރު ދެކެ ކުރާ ނަފުރަތު އެއަޑުން ރީތިކޮށް ހާމަކޮށްދެއެވެ.
މާހައުލު އަމާންވުމުގެ ކުރިން ބޭރުތެރެއިން ބާރު އަޑުފަށްގަނޑެއް އިވުނެވެ. އެއާއެކު ގޭގެ އިން ފާރަށް ލޮޅުންތަކެއް އަރައިގެން ދިޔައެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ފާޅުވެގެން ދިޔައީ ގޭގެ މައިދޮރާއި ދިމާލުންނެވެ. އެވަގުތު ބޯގަންވިލާ ގަހުގެ މޫތައް ބިމުގެ ފަސްގަނޑާއި ގުޅިފައިވާ ހިސާބުން ބިންގަނޑު ކަނޑައިގެން ދިޔައެވެ. ސިހުން ލިބިފައިވި ޖާބިރަށް އޭނަގެ މުށުގެ ތެރޭން ބާޒީ ދޫވެގެން ހިނގައިދަނީކަން ރޭކާލިއެވެ. އޭނައަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. ކަންކުރަންވީ ގޮތަކާ މެދު އޭނަ ސިކުނޑިއަށް ބާރުލިއެވެ. އޭނަ ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެވަނީ މަޖުބޫރުވެފައެވެ. އެމީހުންގެ ބާރު އެހެން ނޫންނަމަ ދުވަހަކަސް ވުރެ ދުވަހަކަށް ދާނީ ގަދަވަމުންނެވެ.
''ކަލޭގެ ސަބަބުން މިހުރިހާކަމެއް މިވީ!، ކަލެއަށް ކަންތައް ބަލަހައްޓަން ޖެހޭ ވަރަށް ބެލެހެއްޓުނުނަމަ މިހާލަތަށް ނުދިޔައީސް...'' ވާޤިދާއި ކުރިމަތިލި ޖާބިރުގެ މޫނުން ހާސްކަން ފިލައި ރުޅިވެރިކަމުގެ ސަވާރު ވިއެވެ. އޭނަ ވާޤީދަށް ބަލަން ހުރީ އިންތިހާ ދަރަޖައިގެ ހިތްހަމަނުޖެހުމާއެކުގައެވެ. ވެދިޔަކަންތަކުގެ އިލްޒާމު ވާޤިދުގެ ބޮލުގައި އަޅުވައި ކުށްވެރިކުރާ ކަހަލައެވެ.
''ކަލޭގެ..... އޮތީ އެމީހުންނާއެކު ދޯ؟... އަހަރެން ހަނދާން ނެތުނިއްޔޭ ކަލޭ ތީ އެނަސްލުގެ މީހެއްކަން.... ކަލޭ ތިއުޅެނީ މަށަށް އޮޅުވާލައި ގެއްލުން ދޭންތަ؟... އެހެންވެއްޖެއްޔާމު ކަލޭގެ ވަސްވެސް މިދުނިޔެއިން ފޮހެލަން އަހަންނަށް ބޮޑުކަމަކަށް ނުވާނެ، މީގެ ފަހުން މަށަށް އޮޅުވާލަން ވިސްނުމުގެ ކުރިން އަހަރެންގެ މިވާހަކަތަކާ މެދު ވިސްނާލާތި......'' ޖާބިރު ހަޅޭއްލަވައިގަތެވެ. އެވަގުތު ވާޤިދުގެ މޫނުން ބިރުވެރިކަން ފާޅުވިއެވެ. ޖާބިރަކީ ކިހާ ރަހުމުކުޑަ މީހެއްކަން އޭނަގެ ހަމަލޮލުން ވަނީ ކިތަންމެ ފަހަރަކު ދެކެފައެވެ. ޖާބިރަކީ އެއްއިރެއްގައި ވެސް އޭނަ ގެންގުޅޭ ޚާދިމުންނާ މެދު އޯގާތެރިކަން ބަހައްޓާ މީހެއް ނޫނެވެ. އޭނަ ބޭނުންވާ ފަދައިން ކަންތައް ނުވެއްޖެނަމަ އެކަމުގެ އަގު ގިނަ ފަހަރު އަދާކުރަން ޖެހެނީ ފުރާނައަކުންނެވެ. އެވެސް ވޭންދެނިވި ގޮތަކަށެވެ. ދެން ތިބި ޚާދިމުންނަށް ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.
އަމިއްލަ ފުރާނައާ މެދު ބިރުގެންފައި ހުރި ވާޤިދަށް ޖެހުނީ ޖާބިރުގެ ގާތުން އާދޭސްކުރާށެވެ. ޖާބިރުގެ ކުރިމަތީގައި އޭނަގެ ބާރެއް ނެތީތީއެވެ. އޭނަ އެވަނީ ޖާބިރުގެ މުށުތެރޭގައި ހައްޔަރުވެފައެވެ. އޭނަގެ ފުށުން ޖާބިރަކަށް ގެއްލުމެއް ނެތެވެ. ހަމައެއާއެކު ގެއްލުމެއްދޭން މަސައްކަތްކޮށްފިނަމަ ހަށިރައްކަލަށް ޖާބިރު ހަދާފައިވާ ކަންތަކުގެ ސަބަބުން އޭނައަށް ޖެހޭނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. އާޚިިރުގައި ދެރަ ލިބޭނީ އޭނަ އަށެވެ.
''އެންމެ ފަހުގެ ފުރުސަތު މިދެނީ...'' ޖާބިރުގެ އަޑުގައި ވަނީ އިންޒާރެވެ. އޭނަ ދެން ވާޤިދަށް އަމުރުކުރީ ޝާޢާގެ ހަށިފާރަވެރިޔަކަށްވުމަށެވެ. އެކަމާއި ވާޤިދު އެއްބަސްވިއެވެ.
*****
ހެނދުނުގެ ވަގުތެވެ. އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ޝާޢާގެ ސަމާލުކަން އޭނަގެ ފޯނަށް ހުއްޓުނީ ވައިބްރޭޓް ވުމުންނެވެ. އަވަސްއަވަހަށް ފޯނު ނަގައި ބަލާލި އިރު ބާއްޖަވެރި ހެދުނަކަށް އެދި ޔޫނުސް މެޖެސްކޮށްފައި އޮތެވެ. އެއާއެކު ޝާޢާގެ ތުންފަތުގައި ފަރި ހިނިތުންވުމެއް ކުޅެލިއެވެ. އޭނަ މެސެޖަށް ރައްދުދޭން އުޅެނިކޮށް ޔޫނުސް ގުޅަން ފެށިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝާޢާ ފޯނަށް ޖަވާބު ދިނެވެ. ހެނދުނުހެނދުނާ ޔޫނުސްގެ އަޑު އިވުމުން ވެސް އޭނަގެ މުޅި ދުވަސް އުޖާލާވެގެން ދިޔައެވެ.
''މިއަދު ޝާ އަހަންނާއެކު އޮފީހަށް ދާންވީނު؟...'' ވާހަކައިގެ ތެރޭން ޔޫނުސް އަހާލިއެވެ. އޭނަގެ ރާގުން ވެސް އެކަމަށް ބޭނުންވެފައިވާ މިންވަރު ޝާޢާއަށް ދޭހަކުރެވުނެވެ. އެއާއެކު ވަގުތުން އެއްބަސް ވާން އޭނަ ބޭނުން ވިއެވެ.
''އަހަރެން އޮތީ ބުނެފަ އައިޝާ ގާތު މިއަދު ޝާ ބަލާ ނުދައްޗޭ...'' ޝާޢާގެ ހިތުގައި އޮތް ސުވާލަށް ޔޫނުސްގެ ޖަވާބު ލިބުނެވެ. ޔޫނުސްއަށް ކޮންމެ ފަހަރަކު އޭނަގެ ހިތުގައިވާ އެއްޗެއް ފަހުމުވާތީ ޝާޢާއަށް ހައިރާންކަން ވެސް ލިބެއެވެ. އެދެމެދުގައި އެވަނީ އާދަޔާ ޚިލާފު ގުޅުމެއްކަން ގައިމެވެ. ޔޫނުސްއަށް އޭނަގެ އިހުސާސްތައް އެހާމެ ރަގަޅަށް ދަސްވެފައިވާ ކަހަލައެވެ.
''އޯކޭ...'' ޝާޢާ އެއްބަސްވެލިއެވެ. ފަސްމިނެޓްތެރޭ އަންނާނެ ވާހަކަ ބުނެލަމުން ޔޫނުސް ފޯނުކޯލް ކުރުކޮށްލުމާއެކު ޝާޢާ އޭނަގެ އަތްމަތި އަވަސްކޮށްލިއެވެ. އަދި އަތްދަބަހަށް އޭނަ ބޭނުންވާނެ އެއްޗެހި އަޅައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތް އިރު ވެސް އޭނަގެ ހިނިތުންވުން ފަނޑުވެގެން ނުދެއެވެ.
*****
ގޭގެ ފެންޑާއަށް ޝާޢާ ނިކުތްތަނާ އޭނަގެ ސަމާލުކަން އަތުލީ މެދު ގޯތީގައި ވާހަކަދައްކަން ތިބި އޭނަގެ މާމައާއި ކާފަ ފެނުމުންނެވެ. އެމީހުންގެ މޫނުމަތީގައިވި ނުތަނަވަސްކަން ޝާޢާއަށް ފާހަގަ ކުރެވުނެވެ. އޭނައަށް އިތުރު ހައިރާންކަމެއް ލިބުނީ އޭނަ ފެނުމާއެކު ދެކެވެމުން ދިޔަ ވާހަކަތަކަށް ހުއްޓުމެއް އަތުވުމުންނެވެ. އެވަގުތު ނުތަނަވަސްކަމުގެ ތެރޭން ވެސް މާމަ އޭނައަށް ހިނިތުންވެލިއެވެ. ޝާޢާގެ ހިތް ސުވާލުތަކުގެ އޮއެވަރުގެ ތެރޭގައި ބެހެން ފެށިއެވެ. މާމައާއި ކާފައަށް ހާސްކަން ލިބިފައިވަނީ ކޮންކަމެއްގެ ސަބަބުން ހެއްޔެވެ؟ އޭނަ ފެނުމާއިއެކު ދެކެވެމުން ދިޔަ ވާހަކަތަކުގައި ނިމުމުގެ ސިއްކަޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެވާހަކަތަކާއި އޭނައާއި ގުޅުމެއް ވަނީ ހެއްޔެވެ؟
ސުވާލުކުރަން އުޅުނު ޝާޢާއަށް އެފުރުސަތު ނުލިބުނީ އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އަތްދަބަސް ތެރޭ އޮތް ފޯނު ނަގައި ޖަވާބު ދިނެވެ. އެއަށްފަހު އޭނަ ކުރިއަށް ހިނގައިގަތެވެ.
''ދަނީ...'' މާމައާއި އަރާހަމަވުމާއެކު ޝާޢާ ހިނިތުންވެލި އެވެ. މާމަ ވެސް ޝާޢާއަށް ހިނިތުންވެލީ ހުރިހާ އިހުސާސްތަކެއް ވަންހަނާކުރަން މަސައްކަތްކުރަމުންނެވެ. ބަދިގެއަށް ވަންނަން ދިޔަ ކާފައަށް ވެސް ޝާޢާ އެވަގުތު ގޮވާލިއެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ބޭރަށް ނިކުތުމަށެވެ.
ދޮރާށި ހުޅުވާލުމާއެކު އޭނައާއި ފުރަތަމަ ވެސް ބައްދަލުކުރީ ޝާޢާ ދެކެން ބޭނުންވެފައި ހުރި އެހިތުގެ ވެރިޔާއެވެ. އޭނަގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވެގެން އައީ ވެސް އެސަބަބާ ހުރެ އެވެ. ޝާޢާ އާއި ނަޒަރު ބައްދަލުވުމުން ޔޫނުސް ވެސް ހިނިތުންވެލިއެވެ. އެއަށްފަހު ޝާޢާގެ ރީތި ކަމަށް އޭނަ ތަޢުރީފުކޮށްލިއެވެ. އޭގެެ ސަބަބުން ޝާޢަގެ ތުންފަތުގައިވި ހިނިތުންވުން ރަކި ހުނުމަކަށް ބަދަލުވިއެވެ.
ޝާޢާ ސައިކަލުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއެކު ޔޫނުސް ސައިކަލު ދުއްވާލިއެވެ. އެހުރިހާ އިރު ވަންދެން އެދެޒުވާނުންނަށް ބަލަން ހުރި ހަދީޖާ ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. ޝާޢާއާއި ޔޫނުސްއާ ދެމެދު އޮތީ އާދައިގެ ގުޅުމެއް ނޫންކަން އޭނައަށް ވަގުތުން ނަގައި ގަނެވުނެވެ. ވިސްނެމުން ދިޔަ ވަރަކަށް ޝާޢާއަށް މިދުވަސްކޮޅު އައިސްފައިވާ ބަދަލުތަކާ މެދު އޭނައަށް ވިސްނާލެވުނެވެ. އޭރު އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައިވި ސުވާލުތަކަށް އެދެވޭ ޖަވާބެއް ލިބިފައިވި ވިއެވެ. އެކަމާ މެދު އޭނަ ދެކެންވީ ގޮތެއް ހަދީޖާއަކަށް ނޭނގުނެވެ. ކޮންމެވެސް އެއްދުވަހަކުން ޝާޢާ ވެސް ޒަވާޖީ ހަޔާތެއް ފަށާނެކަން އޭނައަށް އެނގެއެވެ. ނަމަވެސް އެކަމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި މެދު ވިސްނޭލެވުމުން ހަދީޖާގެ ހިތުގެ ތެޅުން އަވަސް ވާން ފެށިއެވެ. އެއާއެކު އޭނަ އަވަސްވެގަތީ ޖާބިރާއި މަޝްވަރާކުރުމަށެވެ. އެހެންނޫންނަމަ ނޭދެވޭ ނަތީޖާއެއް ނިކުތުން އޮތީ ނުހަނު ގާތުގައެވެ.
*****
''ޖާބިރު...'' ހެނދުނުގެ ސަޔަށް އިންސާފުކުރަން އިން ޖާބިރަށް ގޮވާލަމުން ހަދީޖާ ގޮސް ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީނެވެ. އަތުގައި އޮތް ސައިތަށިން ކޯވަރެއް ބޯލަމުން ހަދީޖާއަށް ޖާބިރު ބަލާލިއެވެ. އެއީ ވާހަކަ ކުރިއަށް ގެންދިއުމުގެ އިޝާރާތެއްކަމުގައި ހަދީޖާ ދެކުނެވެ.
''އަހަންނަށް ހީވަނީ ޝާޢާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ހެން، މިހާރު ޝާޢާގެ މިޒާޖަށް ހާދަ ބޮޑެތި ބަދަލުތަކެއް އައިސްފިޔޭ... ޖާބިރަށް އެކަންތައް ފާހަގަ ނުކުރެވޭތަ؟...'' ދުރުދުރުން ފެށުމުގެ ބަދަލުގައި ހަދީޖާ އޭނަގެ މައުޟޫޢުއިން ފެއްޓިއެވެ.
''ތިބުނީ؟...'' ހައިރާންކަން ވެރިވެފައިވާ އަޑަކުން ޖާބިރު ސުވާލުކުރިއެވެ.
''އަހަންނަށް ފާހަގަވީމަ ބުނެލީ...... ނޫހުގެ ދޮށީ ފިރިހެން ސޮރު ޔޫނުސް އެއީ، ރަގަޅު ޢާއިލާއަކުން އައިސްފައި ހުރި ކުއްޖެއް އެއީ... ޝާޢާ އާއި ކިތަންމެހާ ވެސް ގުޅޭ، އެކަމަކު ޖާބިރަށް އެނގެއްނު އެކަމުން ނިކުމެދާނެ ނަތީޖާ ރަގަޅުނުވާނެކަން... އަހަރެން ކަންބޮޑުވަނީ އެކަމާ... މިހާރު ވެސް ކަންތައް އޮތީ ބޮއްސުންލާފައި... އިތުރަށް ކަންތައް ގޯހުންގޯހަށްދާން އަހަރެން ބޭނުމެއް ނޫން...'' ހަދީޖާ އޭނަގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.
ޖާބިރަށް ވިސްނާލެވުނެވެ. ހަދީޖާ އެހާމަކުރީ ތެދެވެ. އެފަދަ ގުޅުމަކަށް ޝާޢާއަށް ފުރުސަތު ދެވޭކަށް ނެތެވެ. އެއީ ޚުދު ޔޫނުސްއަށް ވެސް އޮތް ނުރައްކަލަކަށް ވާތީއެވެ. އެކަމުގެ ސަބަބުން ޝާޢާއަށް އިތުރު މާޔޫސްކަމާއި ހިތްދަތިކަން ނޫން އެހެން އެއްޗެއް ނުލިބޭނެއެވެ.
''ޖާބިރު، އަހަރެން މިބުނާ އެއްޗެއް އަޑު އެބައިވޭތަ؟... ކިހިނެއްތަ ކަންތައް ކުރަންވީ؟... ޝާޢާ ވަރަށް ގަޔާވޭހެން ހިވަނީ އެސޮރު ދެކެ، އެކަމަކު އެކަން ހުއްޓުވަން ވެސް އަހަރުމެން އެބަޖެހޭ... އެކަމަކު އޭގެ ސަބަބުން އަހަރުމެންނާ ޝާޢާގެ ގުޅުމަށް ހީނަރުކަމެއް ވެސް އަތުވެދާނެ، ފަހަރެއްގައި ވެސް އެފަދައިން ކަންތައް ވާކަށް އަހަރެން ބޭނުމެއް ނޫން... އެކަމަކު ދެން ތިބި މީހުންގެ ސަލާމަތަށް ވެސް އަހަރުމެން ވިސްނަން ޖެހޭނެ ދޯ... އެއްފަހަރު އެކަމަށް އިހުމާލުވެވިއްޖެ، އެކަމުގެ ނަތީޖާ ކިތަންމެހާ ވެސް ހިތި....'' މާޒީގެ ތަޖުރިބާ ހަނދުމަކުރަމުން ހަދީޖާ ބުންޏެވެ.
''އަހަރެން ތިކަމާމެދު ފަހުން ވިސްނާނަން...'' ޖާބިރުގެ ސިކުނޑިއަށް ބަރުވުމުން އޭނަ ހުރީ ލުޔެއް ބޭނުންވެފައެވެ. ހަމަޖެހިލައިގެން ވިސްނާލެވޭނީ އޭރުންނެވެ. ނަމަވެސް އެގޮތް ހަދީޖާއަކަށް ކަމަކު ނުދިޔައެވެ.
''ފަހުންނޭ؟... ފަހަށް ބަހައްޓާކަށް އަހަރެން އެގޮތަކަށް ވެސް ބޭނުމެއް ނޫން... މިކަމުގައި ގުޅިފައިވިމަނީ މީހުންގެ ފުރާނަތަކަކޭ... ޖާބިރު އެކަމާ މެދު ވިސްނާލާކަށް ނޫޅެންތަ؟...'' ހިތްހަމަނުޖެހުމާއެކު ހަދީޖާއަށް ބުނެވުނެވެ. ''މާޒީގައި ވެސް ކަންތައް ވެދިޔައީ އެހެން، ޖާބިރު ދުރާލާ ވިސްނާލިނަމަ އެހިތްދަތިކަމާ އަހަރުމެން ކުރިމަތިލާކަށް އެދުވަހު ނުޖެހުނީސް، އަހަރުމެންގެ ދެ އަންހެންދަރީން މިދުނިޔެ ދޫކޮށް ދާކަށް ވެސް ނުޖެހުނީސް... އެހުރިހާ ކަމަކަށް ވެސް އަހަރެން ޖާބިރަށް މަޢާފުކުރިން، ހަމައެކަނި ޝާޢާއަށް ޓަކައި، އެކަމަކު ޝާޢާއަށް ދެރަގޮތެއް ވެއްޖެއްޔާމު ދެން އަހަރެންގެ މަޢާފެއް ޖާބިރަކަށް ނުލިބޭނެ...''
ނުރުހުންވުމާއެކު ހަދީޖާ އޭނަގެ ގޮނޑިން ތެދުވުނެވެ. އަދި އިތުރަށް މަޑުކުރުމެއް ނެތި ދާން ހިނގައިގަތީ އޭނަގެ އެސްފިޔަތައް ފޫއަޅުވާލާފައި އޮހެން ފެށި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. މިމަންޒަރު ބަލަން އިން ޖާބިރު ވާހަކަދައްކަން އުޅުނެވެ. ނަމަވެސް އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. ހަދީޖާ އެބުނީ އޭނައަށް ދޮގު ނުކުރެވޭނެ ހަޤީޤަތްތަކެވެ. އޭނައަށް އިހުމާލުނުވެވުނުނަމަ އޭނަގެ ޢާއިލާ ބަރުބާދުވެގެން ނުދިޔައީހެވެ. ހަމައެއާއެކު ބަދަލުހިފުމުގެ ހައިޖާންގަނޑެއް ވެސް އޭނައާއި ރޫހާނީ ބާރުތަކާ ދެމެދު އުފަން ނުވީހެވެ. އެހުރިހާ ކަމެއްގެ ތެރޭގައި ޝާޢާ ހައްޔަރުވެ ހަނާވުމުގެ ދޮރު ނުހުޅުވުނީހެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އޭނައަށް ވަނީ ކުށްކުރެވިފައެވެ. އެހެނަސް އެކުށް އިސްލާހުކުރަން އޭނަ ބޭނުމެވެ.
*****
އޮއްސެމުން ދިޔަ އިރުގެ ޖާދުވީ ކުލަތަކުން އުދަރެސް އޮތީ ރަންގުކޮށްލެވިފައެވެ. ދިޔަވަރު ހިކިފައި އޮތް ވަގުތަށް ވުމުން ނޫކަށިފުރައިގެ ޒުވާނުންތައް ބޯވަހިފުމަށްޓަކައި މޫދަށް އެރި އުޅެއެވެ. އެއްބަޔަކު ގޮނޑުދޮށަށް ފުރިހަމަކަން ގެނެސްދީފައި އޮތް ހުދު ދޮންވެލިގަނޑުމަތީ އިރުގެ ވަދާއީ ސަލާމުގެ މަންޒަރުތަކުން އުފާލިބިގަންނަމުން ދިޔައެވެ. އެމީހުންތަކުގެ ތެރޭގައި ޔޫނުސް އާއި ޝާޢާ ވެސް ހިމެނެއެވެ. އޮފީހުގެ ރަސްމީ ގަޑި ނިންމާލުމަށްފަހު އެދެޒުވާނުން އައިސް ތިބީ އިރުއޮއްސޭ މަންޒަރު ބަލާލުމަށްޓަކައެވެ.
''މިހާރު ވަރަށް ލަސްވެއްޖެ، އަނެއްކާ މާމަ ބުނެފަ އޮތީ އަވަހަށް ގެއަށް އަންނާށޭ ވެސް... ނުގޮސްފިއްޔާ ރުޅިއަންނާނެ...'' އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުން ޝާޢާ ބުންޏެވެ. އޭރު ޝާޢާއާއި ޖެހިގެން އިން ޔޫނުސްގެ ތޫނު ބެލުންތައް ޝާޢާއަށް ހުއްޓިފައިވިއެވެ. އިރުގެ ރަން ދަޅަތައް ޝާޢާގެ އޮމާން މޫނަށް އެޅިފައިވާއިރު ބަލާލަން ނިކަން ހިތްގައިމެވެ. އެދިގު އިސްތަށިގަނޑު މިނިވަން ވައިގެ ތެރެއަށް ދޫކޮށްލެވިފައި ވިއިރު އިރުއިރުކޮޅާ އެކޯތާފަތަށް އިސްތަށިކޮޅުތައް ފައިބައިގެން ދެއެވެ. ވާހަކަދައްކާ އިރު އެތުންފަތަށް އަންނަ ހަރަކާތްތައް ވެސް އެހާމެ ޗާލެވެ. ވަށައިގެންވި މާހައުލަށް ޔޫނުސްގެ ސަމާލުކަން ދެވިފައިނެތީ ޝާޢާގެ ޖާދޫގައި ޖެހިފައި ވީތީއެވެ.
''ޔޫނުސް...'' ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބުމުން ތަންކޮޅެއް ބާރަށް ޝާޢާ ގޮވާލިއެވެ. އެއާއެކު ޔޫނުސްއަށް ސިހުން ލިބުނެވެ. އޭނަގެ ލޮލާއި ހިއްސުއްތައް ވަށައިގެންވި މާހައުލަށް ހުޅުވުނީ ދެނެވެ.
''ކީކޭ؟...'' ޔޫނުސްއަށް އަހާލެވުނެވެ.
''ދެންމެ އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެން ދޯ؟... އަހަރެން ބުނީ މިތަނުން ދާން ހިނގާށޭ... މިހާރު އެއޮއް ހަޔެއް ޖެހީ... މަޣުރިބަށް ގޮވުމުގެ ކުރިން ގެއަށް ދާން ޖެހޭނެ...'' ޝާޢާ ބުނެލިއެވެ.
''އަދި ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަމާ، އަހަރެން ޝާ ރައްކާތެރިކަމާއެކު ގެއަށް ގެންގޮސް ދީފާނަމޭ...'' ޔޫނުސް ބުނެލިއެވެ.