''އަހަރެން މާދަމާ ރޭ އަންނާނަން...'' ޒިޔަޒަން ބުނެލިއެވެ. އަދި ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދިއުމަށް ހިނގައިގަތެވެ. ޒިޔަޒަން ދިޔަ ދިމާއަށް ބަލަން ޝާޢާއަށް އިދެވުނީ ފެންކަޅި ވެފައެވެ. އެއީ އޭނަގެ ހަޔާތަށް ދާދި ކުޑަ ދުވަސްކޮޅަކަށް އައި މެހުމާނެކެވެ. އެހިތުގައި ޒިޔަޒަންއަށް ހާއްސަ މަގާމެއް ދެވުނީ ނޭގި ހުއްޓާ އެވެ. ނަމަވެސް މިހާރު އޭނައަށް އެވަނީ އެމެހުމާނާއަށް އަލްވަދާއު ކިޔަން ޖެހިފައެވެ. އެހިނދު ޝާޢާއަށް އޭނަގެ ހިތާއި ސުވާލުކުރެވުނެވެ. އޭނަގެ ހިތުގައި ޖަޒުބާތުތައް އުފެދުނީ ކީއްވެ ހެއްޔެވެ؟ ތަފާތު ނަޒަރަކުން ޒިޔަޒަންއަށް ބެލެން ފެށުނީ ކީއްވެ ހެއްޔެވެ؟ އޭނައަށް އެހާ ބޮޑު ބަދަލެއް އަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ ޔޫނުސްގެ ވަކިވެ ދިއުމުގެ ހިތާމަތައް ލުއިވެ ދެވަނަ ފަރާތަކަށް އެހިތް ހުޅުވާލެވުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް ލޯބީގެ މައިދާނުގައި އޭނައަށް ޖެހިފައި އެވަނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. އޭނައެއީ ބަދުނަސީބު ވެރިއެކެވެ.
*****
ހާމަފެންޑާއަށް ނިކުމެ ހުރި ބަރްކާއަށް ފެނުނު މަންޒަރާއެކު އޭނަގެ ދެލޯ ބޮޑުވެއްޖެއެވެ. ކުރިއަށް ޖެހިލަމުން ކުރިއަށް ވުރެ ބޮޑަށް އޭނަ ސަމާލުވެލިއެވެ. ގައިދީން ބަހައްޓާފައިވާ ތަނުން ނިކުތް ޒިޔަޒަންއަށް އޭނަ ބަލަން ހުރީ ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. އޭގެ މާނަ ނަގަންވީ ގޮތެއް ނޭގިފައެވެ.
************
ބޮޑުކޮޓަރިއަށް ވަދެގެން އައި ޒިޔަޒަން ސިހުނީ އޭނައަށް ބަރްކާ ގޮވާލި އަޑު އިވުމުންނެވެ. އޭނަ އަޑުއައި ދިމާއަށް އެނބުރިލުމާއެކު ފަނޑުއަލިކަމުގެ ތެރޭން ސޯފާގައި އިން ބަރްކާ ފެނިއްޖެއެވެ. އެގަޑީގައި މަންމަ ފެނުމުން ހިސާބެއްގެ ހައިރާންކަމެއް ވެސް ޒިޔަޒަންއަށް ލިބުނެވެ.
''މަންމަ ނުނިދަނީތަ؟...'' ޒިޔަޒަން ކުރިއަށް ހިނގައިގަންނަމުން ސުވާލުކުރިއެވެ.
''ޒިޔަޒަން ތިއައީ ކޮންތަނަކުން؟...'' ސޯފާއިން ތެދުވުނު ބަރްކާ ބުނެލިއެވެ. ހީވީ އޭނައަށް ފެނުނު ކަންތަކާއެކު ޒިޔަޒަންއާއި ކުރިމަތިލީ ހެންނެވެ. މަންމަގެ ސުވާލާއެކު ޒިޔަޒަންއަށް ހާސްކަމެއް ލިބުނެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރި ޝުޢޫރުތަކުން އޭނަގެ ހިތް ވެސް ތެޅިލައިފިއެވެ.
''ރަޒާންމެންނާއެކު އުޅެފައި މިއައީ...'' ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުން ޒިޔަޒަން ދޮގެއް ހަދާލިއެވެ. މަންމަ އޭނައަށް ބަލަން ހުރި ގޮތުން ޒިޔަޒަންއަށް ހިންދިރުވާލެވުނެވެ. އޭނަގެ ސިއްރު ބޭޒާރުވާން އުޅެނީ ހެއްޔެވެ؟
''މިހާރު މަންމަ ގާތު ދޮގު ވެސް ހަދަން ފެށީދޯ؟...'' ބަރްކާ ހިތްހަމަ ނުޖެހިފައިވާ އަޑަކުން ބުނެލިއެވެ. ''ޒިޔަޒަން ތިއައީ އޭނައާ ބައްދަލުކުރަން ގޮސްފައެއްނު؟... އެކީއްކުރަން؟... ކިހާ ދުވަހެއް ވެއްޖެ މިކަމެއް ހިނގާތާ؟...''
ބަރްކާގެ ވާހަކަތަކުން ޒިޔަޒަންއަށް ހުއްޓުން އަރާފައި ހުރެވުނެވެ. މަންމަ އޭނައާއި ކުރިމަތިލީ ހުރިހާކަމެއް އެނގި ހުރެއެވެ. އެއާއެކު އިތުރަށް އެއިން އެއްވެސް ކަމެއް ސިއްރުނުކުރެވޭނެކަން ޒިޔަޒަންއަށް އެނގުނެވެ. ނަމަވެސް އޭނަގެ ހިތް ބިރުގެންފައިވީ އެމީހުންގެ ރޭވުމަށް ހުރަސްއެޅިދާނެތީއެވެ. ބައްޕަގެ ނުފޫޒާ ހުރެ މަންމަގެ ފަރާތުން އެއްބާރުލުން ނުލިބިދާނެތީ އެވެ.
''ކޮންދުވަހަކުންތަ ބައްޕަ އެކުރާ ކަންތަކާ ދެކޮޅަށް މަންމަ އެއްޗެކޭ ބުނަނީ؟... ކޮންމެ ކަމެއްގައި ވެސް ހައްދެއް ކަނޑައެޅިފައިވޭ، ބައްޕަ އެވަނީ އެހުރިހާ ހައްދުތަކެއް ފަހަނައަޅައި ގޮސްފައި، ބައްޕަގެ ހިތުގައި ރަހުމެއް ނުވޭ، އެހިތުގައިވަނީ ހަމައެކަނި ނަފުރަތު، އޭގެ ސަބަބުން ހެޔޮމަގުން ބައްޕަ އެވަނީ އެއްކިބާ ވެފައި، ދެން އަނބުރާ އަލިކަމުގެ ތެރެއަށް ނާދޭވޭހާ ބޮޑަށް ފާފައިގެ ދުނިޔޭގައި ހައްޔަރުވެފައި އެހުރީ... ބައްޕަގެ ސިފައިގައި ހުރި މުޅިން އެހެން ފަރާތެއް އެއީ... މަންމައަށް ނުފެނޭތަ ބައްޕަ ޝާޢާއަށް ކުރާ އަނިޔާތަކެއް؟... ނުނީ ފެންނަ ހާލުގައި ވެސް ނުވާކަމަކަށް ހަދައިގެންތަ ތިހުންނަނީ؟... އެހެން ވެއްޖެއްޔާ މަންމަ ވެސް އެހުރިހާ ކަމެއްގައި ބައިވެރި އެބަ ވެޔެއްނު...'' ޒިޔަޒަން ރުންކުރު ރާގަކަށް ވާހަކަދައްކަމުން ދަނިކޮށް ކުއްލިޔަކަށް ބަރްކާގެ ހޫނު އަތްތިލައިގެ ހަމަލާއެއް ޒިޔަޒަންގެ ކޯތާފަތަށް އެރިއެވެ.
''ތިހެން އަޑުހަރުކޮށް މަންމައާއި ވާހަކަ ދައްކަން ޒިޔަޒަން ލަދެއްނުގަނޭތަ؟... ތީތަ ޒިޔަޒަންއަށް އަހަރެން ދިން ތަރުބިއްޔަތަކީ؟...'' ޒިޔަޒަން އޭނައާއި ވާހަކަދެއްކި ގޮތުން ބަރްކާގެ ހިތުގައި ޖެހުނެވެ.
''ޒިޔަޒަން ހީކުރަނީތަ އަހަރެން އެހުރިހާކަމެއް ވާން ދޫކޮށްލައިގެން ހުންނަނީކަމަށް؟، އެހެން ވެއްޖެއްޔާ އެއީ ކުށްހީއެއް، އަހަރެން ހާތިބަށް ވިސްނައިދޭން މަސައްކަތްކުރިން، އެކަމަކު ހާތިބު އަހަރެންގެ އަޑުއަހަން ހުރިއްޔާއެއް ނޫންތަ ވިސްނައިދެވޭނީ، އެސިކުނޑީގައި ވަނީ ޝައިތާނާގެ ވަސްވާސްތައް، އެހެންވެ އެކުރެވެނީ ކޮންކަހަލަކަމެއްކަން ނޭގެނީ...'' ބަރްކާ ބުނެލިއެވެ.
''ވިސްނައިދޭން މަސައްކަތްކުރުމަކުން ނުނިމޭނެ، ނަތީޖާ ވެސް ނެރެވެން ޖެހޭނެ...'' ޒިޔަޒަން ބުނެލިއެވެ. ބަރްކާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ލޯބިވާ ފިރިހެންދަރިފުޅުގެ މޫނަށް އޭނަގެ ނަޒަރު ހިންގާލި ހިނދު އެދެލޮލުން ފެނުނު ޝުޢޫރުތަކުން އޭނަ ހުރީ ބަސްހުއްޓިފައެވެ. އެތައް އިރެއްވަންދެން ޒިޔަޒަންގެ މޫނަށް ބަލަން އޭނަ ހުއްޓެވެ. އޭރު އޭނައަށް ކަމެއް ފަހުމުވަމުން ދިޔަ އެވެ. ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައީ ދެނެވެ.
''ޒިޔަޒަން ތިއުޅެނީ ކީއްކުރަންތަ؟...'' ބަރްކާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.
''އެކަކު ނުރުހުނަސް އަހަރެން ޝާޢާ ސަލާމަތްކުރާނަން...'' ޒިޔަޒަންގެ އަޒުމު ވަރުގަދައެވެ. އޭގެ ސަބަބުން ބަރްކާގެ ހިތުގައިވި ބިރުވެރިކަން އިތުރުވެގެން ދިޔަ އެވެ. އޭނައަށް ޒިޔަޒަންގެ އަތުގައި ހިލާލެވުނީ ކަންބޮޑުވެފައިވާ ހާލުގައެވެ.
''ދަރިފުޅު އެއިންސިއާ މެދު ތިހާ ބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވީ ކީއްވެތަ؟... ދަރިފުޅުގެ ހިތުގައި އޭނައަށް އިހުސާސްތަކެއް ވަނީތަ؟...'' ބަރްކާ ހުރީ ޒިޔަޒަންގެ ޖަވާބު އައިސްދާނެ ގޮތަކާމެދު ހިތްނުތަނަވަސްވެފައެވެ. ޒިޔަޒަންގެ ހިމޭންކަމުން އޭނަ ވަކިން ބޮޑަށް ބިރުގަންނަ ގޮތް ވިއެވެ.
''އާދެބަލަ މަންމައާއެކު...'' ޒިޔަޒަން ގޮވައިގެން ގޮސް ބަރްކާ އިށީނީ ސޯފާގައެވެ. ޒިޔަޒަންގެ ވިސްނުން ގޮސްފައި ވަނީ ގޯސް ހިސާބަކަށެވެ. ޒިޔަޒަންއަށް ރަގަޅު ގޮތް ވިސްނައިދޭން އެބަޖެހެއެވެ. އޭނަ ފުރަތަމަ ފަހަރަށް އެކަމުގައި ފެއިލް ވުމުގެ ސަބަބުން ވިލްދާން ވަނީ ގެއްލިގެން ގޮސްފައެވެ. އެފަދަ ހިތްދަތިކަމެއް ޒިޔަޒަންއަށް ކުރިމަތިވާކަށް ބަރްކާގެ ހިތެއް ނޭދެއެވެ. ޒިޔަޒަންދެކެ އިންތިހާއަށް އޭނަ ލޯބި ވެއެވެ. އެދަރިފުޅަށް ކުޑަވެސް ގެއްލުމެއް ވާތަން ދެކެން އޭނައަށް ކެތެއް ނުކުރެވޭނެއެވެ.
''ދަރިފުޅު އެއްޗެކޭ ބުނެބަލަ، މަންމަ ބިރުއެބަގަނޭ، ދަރިފުޅު އޭނަދެކެ ލޯބިވަނީތަ؟...'' ބަރްކާ ވާހަކަދެއްކިއެވެ.
''ދަރިފުޅުގެ ތިހިމޭންކަމުގެ މާނަ މަންމަ ނަގަންވީ ކިހިނެއްތަ؟ ދަރިފުޅަށް އެނގޭތަ ތިއީ ކިހާވަރެއްގެ ކަމެއްކަން؟...'' ޒިޔަޒަންގެ ހަމަހިމޭންކަމުން ބަރްކާއަށް ހާސްކަން ގެނުވިއެވެ. އޭނަ ޒިޔަޒަންގެ އަތްތިލައިގައި ހިފާލިއެވެ. ''ދަރިފުޅަށް ގެއްލުމެއްވާކަށް މަންމަ ނޭދެން، ތިއީ މަންމަގެ މުޅި ދުނިޔެ... ދަރިފުޅު ތިވިސްނަނީ ގޯސްކޮށް... އެއީ އިންސިއެއް، ތިދެމެދުގައި އެތައް ހާސް ފަރަގުތަކެއް ވޭ، ތީ މުޅިން ދެެދުނިޔެއަކުން އައިސްފައިވާ ދެ ނަސްލަކަށް ނިސްބަތްވާ ބައެއް، ތި އިހުސާސްތަކުގެ ނަތީޖާ ރަގަޅު ގޮތުގައި ނުނިކުންނާނެ... މަންމަ އާދޭސްކުރަން ޒިޔަޒަން ގާތު... އިތުރަށް ތިކަން ކުރިއަށް ނުގެންގޮސް ހުއްޓާލާ، ތިކަން ދަރިފުޅުގެ ބައްޕައަށް އެނގޭ ހިސާބުން ވާނީ ކިހިނެއް؟، އޭރުން އެއިންސިދެކެ އިހުނަށްވުރެ ބޮޑަށް ބައްޕަ ރުޅިއަންނާނެ...'' ބަރްކާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނައަށް ވާހަކަދައްކަން އުނދަގުވީ އޭނަގެ އަރުބެދުމުންނެވެ.
''އަހަންނަށް މަންމަ ތިދައްކާ ވާހަކަތައް އެބަ ވިސްނޭ، އިންސިއަކާއި ޖިންނިއަކަށް އެކުގައި ނޫޅެވޭނެ... އަހަންނަށް އެކަން އެނގޭ.... އަހަރެންގެ ހިތުގައި ވިމާ ޖަޒުބާތުތައް ޝާޢާއަށް ހާމަކުރާކަށް އަހަރެން ނޫޅެން، އަހަންނަށް އެނގޭ އެލޯބި އަހަންނަށް ހާސިލުނުކުރެވޭނެކަން...... އެކަމަކު ޝާޢާއަށް ރައްކާތެރިކަން ލިބޭ ކަމުގައިވާނަމަ އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބޭނެ، އަހަރެން ބޭނުމީ ޝާޢާއަށް އޭނަގެ އުފާވެރިކަން އަނބުރާ ލިބެން، އެކަން ހާސިލުކުރަން އަހަރެން ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނަން...'' ޒިޔަޒަންގެ ލޮލުން ފޭބި ކަރުނަތިކި ގޮސް ޖެހުނީ ބަރްކާގެ އަތްތިލައިގައެވެ. އެއާއެކު ޒިޔަޒަންގެ ހިތުގެ ހާލު އިތުރު ލަފުޒުތަކަކާ ނުލާ ބަރްކާއަށް އިހުސާސްވެގެން ދިޔަ އެވެ. އޭނަ އިންތިހާއަށް ދެރަވިއެވެ. ދަރިފުޅުގެ ހިތުގެ ހާލު އެނގި އެހީވެދެވެން ނެތުމުންނެވެ. އެހިތާމަތައް ލުއިކޮށްނުދެވޭނެތީއެވެ.
''ދޮންބެ ވެސް ލޯބީގެ ސަބަބުން ގޯސް ނިންމުންތަކެއް ނިންމީ، އޭގެ ސަބަބުން މުޅި ޢާއިލާއަށް ކުރިމަތިވީ ފުން ހިތާމަތަކެއް، އަހަރެން އެކަމެއް ތަކުރާރެއް ނުކުރާނަން...'' ޒިޔަޒަން ބުނެލިއެވެ.
''ދަރިފުޅާ... ލޯތްބަކީ ފާޑެއްގެ އެއްޗެއް، ލޯބިވެވުމުން ކިތަންމެ ބަލިކަށި މީހާއަށް ވެސް އޭނަގެ ބިރާއި ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދޭ، ބައެއްފަހަރު އެލޯބީގެ ސަބަބުން ހެވާއި ނުބައި ވަކިނުކުރެވޭ ހާލަތަށް ވެސް ދޭ... ދަރިފުޅުގެ ދޮންބެއަށް ވެސް ދިމާވީ އެހެން، ވެވުނު ލޯތްބެއްގެ ސަބަބުން ހުރިހާކަމެއް ހަނދާން ނައްތާލެވުނީ، އިންސިއަކާއެކު ނޫޅެވޭނެކަން އެގޭ އިރު ވެސް ބޭނުންވީ އެހެން އެކަންތައް ވާން، މަންމަމެނަށް އެނގުނުއިރު އޮތީ ވާނެއެއްޗެއްވެ ނިމިފައި... އެފަދަ ބަދުނަސީބެއް ޒިޔަޒަންއަށް ލިބެން މަންމަ ނޭދެން... ދަރިފުޅަށް ހުރިހާ އުފަލެއް ލިބެން މަންމަ ބޭނުން، އެކަމަކު އިންސާނުންގެ ދުނިޔޭގައި ޒިޔަޒަންއަށް އެއުފަލެއް ނުލިބޭނެ... އެމީހުންގެ އުމުރު އަހަރުމެނަށް ވުރެ ކުރުވާނެ، އެމީހުންގެ ހަށިގަނޑަކު އަހަރުމެންގެ ޖިސްމުގެ ހޫނުކަން ބަރުދާސްތުކުރެވޭހާ ބާރެއް ނުހުންނާނެ، މިފަދަ ކިތަންމެ ސަބަބުތަކެއް ހުރީމަ އިންސީންނާ ގުޅުން މަނާކުރެވިފައިވަނީ... މަންމަ އުއްމީދުކުރަން ޒިޔަޒަންގެ ތި ނިންމުން ބަދަލުނުކުރާނެ ކަމުގައި...'' ބަރްކާ ބުނެލިއެވެ. ޒިޔަޒަން އޭނަގެ މަންމަގެ އުނގުގައި ބޯއަޅާލިއެވެ. އޭނައަށް ހިތުގެ އުދާސްތައް ކޮންޓްރޯލްކުރުންވީ ދަތިކަމަށެވެ. އެހެންވެ އޭނައަށް ރޮވުނެވެ. މަންމަގެ ހުރިހާ ވާހަކަތައް އޭނަ ޤަބޫލުކުރެއެވެ. އޭނަގެ ހިތުގެ އިހުސާސްތައް ޝާޢާއަށް ފާޅުވިޔަ ނުދިނީ ވެސް އެހެންވެއެވެ. ހަމައެއާއެކު ރަޒާން ވެސް ވަނީ އޭނައަށް ވިސްނައިދޭން މަސައްކަތްކޮށްފައެވެ. ކިތަންމެ ކެތްކުރަން ދަތިވިޔަސް އޭނައަށް މަޖުބޫރުވެފައި އެވަނީ ޝާޢާއާއި ދުރަށް ދާށެވެ. އެއީ ދެމީހުންނަށް ވެސް އޮތް އެންމެ ރަގަޅު ގޮތެވެ. އެހަނދާންތައް ހިތުގައި ދުނިއުމުރަށް ރައްކާކުރުން ނޫން ގޮތެއް ނެތެވެ. އެވަގުތު އޭނަ އިންސާނަކަށް ވިނަމަ ހާދަ ރަގަޅު ވީސް ހެއްޔޭ ޒިޔަޒަންގެ ހިތަށް އެރިއެވެ. އޭރުން އޭނައަށް ޝާޢާއާއެކުގައި ވުމުގެ ފުރުސަތު ލިބުނީހެވެ. ނަމަވެސް އޭނަގެ ނަސީބު ހަމަ ދެރައީއެވެ.
''އަހަރެން ބޭނުމީ އެންމެ ކަމެއް، ޝާޢާ ސަލާމަތްކޮށްދިނުން...'' ޒިޔަޒަން ބުނެލިއެވެ. ޒިޔަޒަންގެ ބޮލުގައި ފިރުމާލި ބަރްކާ ވެސް އެކަމުގައި ޒިޔަޒަންއަށް އެހީތެރިވެދޭން ނިންމިއެވެ. ޒިޔަޒަންއަށް އޮތް އެންމެ ބޮޑު ބިރަކީ ހާތިބެވެ. ހާތިބަށް އެއިން ކަމެއްގެ ހިލަންވާއިރަށް ޒިޔަޒަން މަރާލާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. ރުޅީގެ ސަބަބުން ހާތިބަށް އެވަނީ ހެޔޮމަގު އޮޅިފައެވެ. ނަމަވެސް އޭނައަށް ވީ ގޮތަކުން ޒިޔަޒަންއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހާތިބުގެ ފުށުން ޒިޔަޒަންއަށް ކުޑަވެސް ގެއްލުމެއް ވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ނަމަވެސް އޭނައަށް ވިސްނާލަން ޖެހުނެވެ. އޭނައަށްވުރެ ބާރުގަދަ ހާތިބުގެ މައްޗަށް އޭނަ ގަދަވެގެންނަނީ ކިހިނެއް ހެއްޔެވެ؟
ފުންނޭވާތަކެއް ދޫކޮށްލި ބަރްކާގެ ހިތަށް ޚިޔާލެއް ވެރިވެގެން އައެވެ. އޭނަގެ އުނގުގައި އޮތް ޒިޔަޒަންއަށް ބަރްކާ ބަލާލިއެވެ. އަދި ލޯތްބާއެކު ފިރުމާލިއެވެ. ޒިޔަޒަންއަށް ރައްކާތެރިކަން ދެވެން އޮތް ހަމައެކަނި ގޮތަކީ އެއީ އެވެ. އެހިނދު ބަރްކާއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. ލޯބިވާ ފިރިމީހާއާއި އޭނައަށް ހަނގުރާމަ ކުރެވިދާނެ ހެއްޔެވެ؟
*****
ޖެހިގެން އައި ދުވަހެވެ. ޒިޔަޒަން ހުރީ ރަޒާންއާއެކު ރަޒާންގެ ބޮޑުބޭބެގެ ގޭގައެވެ. އެމީހުންނާއެކު އީވާ ވެސް ހުއްޓެވެ. ރަޒާންގެ ބޮޑު ބޭބެ ރަސަލްއަކީ ޖިންނީންގެ ތެރޭން ކަންވެރިކަމަށް އަރާހުރި ޖިންނިއެކެވެ. އޭނަދެކެ ޖިންނީން ޖެހިލުންވެ ބިރު ވެސް ގަނެއެވެ.
''މީތި އޭނަގެ އަތުގައި އަޅުވާ، އޭރަށް ނުބައި ޖިންނީންގެ ފަރާތުން އޭނައަށް ރައްކާތެރިކަން ލިބޭނެ...'' ހުދު ފޮތިކޮޅެއްގެ ތެރެއަށް ރަނުން ފަރުމާކުރެވިފައިވާ އުޅައެއް އަޅާލަމުން ރަސަލް ވާހަދެއްކިއެވެ. އަދި ޒިޔަޒަންގެ އަތަށް އުޅަ ދިއްކޮށްލިއެވެ.
''އަހަންނަކަށް ނޭގޭ ޝުކުރު އަދާކުރަންވީ ކިހިނެއްކަމެއް ވެސް... ނަންގަންނަ ކޮންމެ އެއްޗެއް ވެސް އަހަރެން މިހިރީ ދޭން ތައްޔާރަށް...'' ޝުކުރުވެރިވާ ހާލު ޒިޔަޒަން ބުނެލިއެވެ.
''ކަލޭމެން ކުދިންވެރިންގެ ފަރާތުން އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން، އުއްމީދަކީ ވީހާ ވެސް އަވަހަކަށް އެއިންސި މިތަނުން ގެންދިއުން...... އޭނައަށް ފާރަލަމުން އެބަދޭ ނުބައި އިފުރީތެއް، އޭތީގެ ފަރާތުން ގޯނާއެއް ކުރިމަތިވުމުގެ ކުރިން އޭނަ ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އެބަޖެހޭ...'' ރަސަލް ބުނެލިއެވެ. އެއާއެކު އެތާ ތިބި ތިން ޒުވާނުންގެ މޫނުމަތިން ވެސް ހައިރާންކަން ފެނުނެވެ.
''ތިބުނީ؟...'' ޒިޔަޒަން އެހިއެވެ. ޝާޢާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެފައިވާނަމަ އެކަމުގެ ތަފުސީލު އެނގެން ޒިޔަޒަން ބޭނުމެވެ. އޭނައަށް ޝާޢާއަށް ފުރިހަމަ ރައްކާތެރިކަން ދެވޭނީ އޭރުނެވެ.
''އޭނަގެ ކާފަ އެވަނީ ސިހުރުގެ ތެރޭން އޭނަ އެއިފުރީތަށް ހިބައިން ދީފައި، އޭތި އެހުރީ މިހާރު ވެސް އެއަންހެންކުއްޖާގެ ހަށިގަނޑަށް ބާރުފޯރުވޭނެ ފުރުސަތެއްގައި، މިތަނުން އޭނައަށް އެފުރުސަތު އަދި ނުލިބިގެން އުޅެނީ، އެކަމަކު ގިނަ ދުވަސް ވަންދެން އޭތި މަޑަކުން ނުހުންނާނެ...'' ރަސަލް ބުނެލިއެވެ.
''އެންމެ ފުރަތަމަ އެނުރައްކަލާއެއްނު ކުރިމަތިލާންވީ، އެފަދަ ޤުރުބާނީއެއް ކޮށްފައިވާނަމަ އޭތީގެ ނުފޫޒު ވެސް ގަދަވާނެ، އަބަދު ހުންނާނީ ޝާޢާއަށް ގޯނާއެއް ދޭން ފުރުސަތުބަލަބަލައި...'' ރަޒާން ބުނެލިއެވެ. އެއާއެކު އޭނަ ސުވާލުކޮށްލީ ރަސަލް ތައްޔާރުކުރި ހަށިރައްކަލުން ޝާޢާއަށް ފުރިހަމަ ހިމާޔަތްލިބޭނެތޯ އެވެ.
''އާނ، އެއުޅަ އޭނަގެ އަތުގައިވާހާ ހިނދަކު އެއްވެސް ކަހަލަ ގޯނާއެއް ނުފޯރާނެ، ނަމަވެސް އެއްމެ ރައްކާތެރި ގޮތަކީ އެކަލޭގެއާއި ކުރިމަތިލުން... އޭގެ ނުފޫޒުން އެއިންސި ސަލާމަތްކުރުން...'' ރަސަލް ބުނެލިއެވެ. ޒިޔަޒަން ވެސް ބޭނުންވީ އެގޮތެވެ. ޝާޢާއަށް އެއްވެސް ޖިންނިއެއްގެ އުނދަގޫ ފޯރާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެވަގުތު ރަޒާން އޭނަގެ ބޮޑު ބޭބެގެ އެހީއަށް އެދުނެވެ. ޒިޔަޒަން ވެސް އެކަމަށް އެދުމުން ރަސަލް އެކަމަށް އެއްބަސްވީ އިފުރީތުންނަށް އެނަގެ ހިތުގައިވާ ނަފުރަތެއްގެ ސަބަބުންނެވެ.
*****
ގަދަ ވަޔާއެކު ވެހެމުން ދިޔަ ބޯވާރޭގެ ތެރޭން އިފުރީތު މަޑުކޮށްލައިގެން އިނީ ބޮޑު ޅޮަސްގަހެއްގެ މަތީގައެވެ. އެސޮރުގެ ތޫނު ދެލޯ އޭރު އަމާޒުވެފައިވަނީ ޝާޢާ ހައްޔަރުކުރެވިފައިވާ ގޮޅި އަށެވެ. އޭނަ ޝާޢާއަށް ފާރަލަމުން ދާތާ ކިތަންމެ ދުވަހެކެވެ. އޭނަ ދެތިން ފަހަރެއްގެ މަތިން ޝާޢާއަށް ހަމަލާ ދޭން ވެސް އުޅެފިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ނުވީ އެއިން ކޮންމެ ފަހަރަކު އޭނައަށް ހުރަސް އެޅޭތީއެވެ. ނުވީތާކަށް ކޮންމެ ރެއަކު ޝާޢާއާއެކުގައި އެވާ ޖިންނި ފެނިފައި ހަމަލާއެއްދޭން އޭނަ ޖެހިލުން ވެއެވެ. ނަމަވެސް މިހާރު އޭނަގެ ކެތްތެރިކަން އެވަނީ ކޮޅުންލައިގެން ގޮސްފައެވެ. މިރޭ ޝާޢާ އެކަނިވެފައިވާތަން ފެނި އޭތީގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. މަގު މުޅިން އަމާން ވަަންދެން މަޑުކޮށްލުމަށްފަހު އުދުއްސައިގަންނަން ތައްޔާރު ވި ހިނދު ކުއްލިޔަކަށް އޭނަގެ ކުރިމަތިން ފާޅުވެގެން އައީ ހުދުކުލައިގެ އައްޔެކެވެ. އެއަލީގައި ސިފަ ޖެހުނު ހިނދު އިފުރީތުގެ އަރުތެރިން ނުރުހުންވަންތަ ހަޅޭކެއްގެ އަޑު ނިކުތެވެ. ކުއްލިޔަކަށް އޭތީގެ ދެލޮލުގެ ކުލަ ރަތް އަނގުރަށް ބަދަލު ވެއްޖެއެވެ. އޭނަ އިތުރަށް ރުޅިގަދަވީ އިތުރު ދެ ޖިންނީން އޭނައާއި ކުރިމަތިލުމުންނެވެ. އޭގެ ތެރެއިން އެކަކީ ޝާޢާއާއެކު އޭނައަށް ފެންނަ ޒުވާން ޖިންނިއެވެ. އައި ރުޅީގައި އިފުރީތު ހަޅޭއްލަވައިގަތެވެ.
''އަހަރެންގެ ހައްގަކަށް ކަލޭމެނަށް ބާރެއް ނުފޮރުވޭނެ...'' އިފުރީތު ރުޅިވެރިކަމާއެކު ވާހަކަަދެއްކިއެވެ. ''ހަމަމިހާރު މަގޭ ކުރިމަތިން ރައްކާވޭ...''
އިފުރީތާއި ވާހަކަދައްކަން ރަސަލް ނުހެދިއެވެ. އޭނަ އަމާޒު ކޮށްލި ފުރަތަމަ ހަމަލާއާއެކު އޭތީގެ ހަށިގަނޑު ޒަހަމްވެގެން ދިޔަ އެވެ. އެއާއެކު އޭތި ވަރު ހުޅުވާލުމަށްފަހު އުދުއްސައިގަތީ ރަސަލްއަށް ހަމަލާ ދޭށެވެ. ނަމަވެސް އެއަށްވުރެ ރަސަލް މާ ހުޝިޔާރެވެ. އެފަދަ ނުލަފާ ޖިންނީންނާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި އޭނަގެ ތަޖުރިބާ މާ މޮޅެވެ. އޭނަ ދެވަނައަށް ދިން ހަމަލާއާއެކު އިފުރީތުގެ ވަރާއި އެކުގައި މުޅި ގައިގައި އަލިފާން ރޯވެގެން ދިޔަ އެވެ. އެއާއެކު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔަ ހަޅޭކުގެ އަޑު ހީވީ ހޮނު ގުގުރީގެ އަޑުތަކެއް ހެންނެވެ. ވޭނީ ހަޅޭކުގެ އަޑުން ހޭރެމުން ދިޔަ އިފުރީތު ވައިކަފާލާފައި އައިސް ބިންމަތީގައި ޖެހުމުގެ ކުރިން އަނދާ އަޅިއަށްވެ ނިމިއްޖެއެވެ. އެއާއެކު ރަސަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
*****
އެނދުގައި އޮތް ބަރްކާގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. އޭނަ ހާތިބުއަށް ފުރަގަސް ދީގެން އެނދުގައި އޮތް އިރު ހުއްޓާލުމެއް ނެތި ވިސްނެމުން ދިޔައީ ހަމަ އެންމެ ކަމަކާއި މެދުގައެވެ. އެންމެފަހުން އެނދުގައި ނޯވިގެން އެނދުން ތެދުވެއްޖެއެވެ. އަދި ކޮޓަރީގައި ހުރި ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.
ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނާ އޭނަގެ ސިކުނޑީގައި އުފެދިފައިވި ތޫފާނާ އެއްވެސް ތަފާތުކަމެއް ނެތެވެ. ގަދަ ވަޔާއެކު ވާރޭ ވެހެމުން ދިޔަ މަންޒަރު ބަލަން އިން ބަރްކާ ފަސްއެނބުރި ހާތިބުއަށް ބަލާލިއެވެ. އޭނަ އެދަނީ އޭނަގެ ހިތާއި ސިކުނޑިއާއި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.
''އެއީ އަަހަރެން ލޯބިވި ހާތިބެއް ނޫން، އަހަރެންގެ ދަރިފުޅާއެކު އެހާތިބު ވެސް ވަނީ މަރުވެގެން ގޮސްފައި... ހަތިބުގެ ސިފައިގައި ހުއްޓަސް އެއީ އެހެން މީހެއް... ޒިޔަޒަން ކުރަން އުޅޭކަންތަކުން އޭނަ އެވަނީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައި، އެކަމުން އޭނައަށް ސަލާމަތާއި ރައްކާތެރިކަން ދެވެން އޮތް ހަމައެކަނި ގޮތަކީ އެއީ... ބަރްކާ، މި ފުރުސަތު ދެނެއް ނުލިބޭނެ، އެހެންނޫނަސް ބަރްކާ އޭނައަށް ތިކޮށްދެނީ ރަގަޅުކަމެއް، ޝައިތާނުންގެ ތެރޭގައިވެ މުޅި މީހާ ފަނާވެގެން ދިއުމަށްވަރު އެގޮތް މާރަގަޅު ވާނެ......'' ބަރްކާގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ. ލޮލުން އެވަގުތު ފޭބި ކަރުނަތިކި ފޮހެލުމަށްފަހު ބަރްކާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. ހާބިތުއަށް ވިސްނައިދީގެން ހެޔޮމަގަށް އެނބުރި ރުޖޫޢަ ނުވާނެހާ ދުރަށް އެވަނީ ދަތުރުކޮށްފައެވެ.
ބަރްކާ ގޮސް އޭނަގެ ބާލީހުގެ ދަށުން އެއްޗެއް ނެގި އެވެ. އަދި ކުދި ފިޔަވަޅުތަކެއްގައި ގޮސް ހާތިބުގެ ގާތަށް ބަރްކާ ހުއްޓުނެވެ. ފުންނިދީގައި އޮތް ހާތިބުއަށް އޭނަ ބަލާލިއެވެ. އޭރު އޭނަގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔަ އެވެ. ފުންނޭވާއެއް ބަރްކާ ދޫކޮށްލިއެވެ.
''އަހަންނަށް މަޢާފުކުރޭ...'' ބަރްކާ ބުނެލިއެވެ. އަދި އޭނަގެ އަތުގައި އޮތް ހަންޖަރު ހާތިބުއާއި ދިމާއަށް މަޅާލި އެވެ.
ޖެހި ބާރުގަދަ ގުގުރީގެ ސަބަބުން ސިހިފައި ހާތިބުއަށް ލޯހުޅުވާލެވުނެވެ. އެހިނދު އޭނައާއި ދިމާއަށް ހަންޖަރު ދިއްކޮށްލައިގެން ހުރި ބަރްކާ ފެނުމާއެކު ކުއްލިއަކަށް ހާތިބު ތެދުވާން އުޅުނެވެ. އަދި ބަރްކާގެ އަތުގައި އޮތް ހަންޖަރު ފޮޅުވާލަން އުޅުނެވެ. ނަމަވެސް ހުޝިޔާރުވެގެން ހުރި ބަރްކާ އޭނަގެ އަތުގައި އޮތް ހަންޖަރު ހާތިބުގެ އަތުގެ މުލައްދަނޑިއަށް ހަރާލިއެވެ. އެއާއެކު ހާތިބުގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ. އެންމެ ސިކުންތެއް ވެސް ނަގާލުނާ ދެވަނަ ހަމަލާ ދޭން ބަރްކާ އަވަސްވެގަތެވެ. އޭނަ ހީކުރިގޮތާއި ހިލާފަށް މިފަހަރު ކާމިޔާބެއް ނުކުރެވުނެވެ. އެހަމަލާއިން ރެކިގަތް ހާތިބު ދެލޮލުން އަލިފާން ކަނި ބުރާލި އެވެ. ރުޅި ގަދަވެފައި ހުރި ހާތިބު ބަރްކަގެ އަތުގައި ޖެހި ބާރުގަދަ އެތިފަހަރާއެކު ހަންޖަރު ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. އެއަށްފަހު ފުންމައިގެން ތެދުވުނު ގޮތަށް އޭނަ ހިފީ ބަރްކާގެ ކަރުގައެވެ.
''ގޮތްކުޑަ އަންހެނާ، މަމީ ކަލޭގެ ފިރިމީހާކަން ވެސް ހަނދާން ނެތުނީތަ؟...'' ބަރްކާގެ ފައިތިލަ ބިންމަތިން ހިއްލުވާލަމުން ހާތިބު ބުނެލިއެވެ. އޭރު އޭނަގެ އަތަށް ލިބުނު ޒަހަމުން ލޭފައިބަމުން ދިޔަ އެވެ. ނަމަވެސް އޭނަ އެކަމަށް ސަމާލުކަމެއް ނުދިނެވެ. އެއާ ޚިލާފަށް ބަރްކާގެ ފަރާތުން އޭނައަށް ފެނުނު ސިފައިން ޝޮކެއް ލިބިފައި ވިއެވެ. އޭނައަށް ހަމަލާދޭން ބަރްކާ އުޅެފާނެ ކަމަކަށް ހާތިބުއަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ނަމަވެސް ލޮލުން ފެނި އަތުން ހިފުމުން އެކަން އޭނައަށް އޮޅުވާލެވޭނީ ކިހިނެއް ހެއްޔެވެ؟
''ކަލޭ އުޅުނީ އަހަރެން މަރާކަށެއްނު، އެކަމަކު މިރޭ މަރުވާނީ ކަލޭ...'' ބަރްކާގެ ކަރަށް ބާރުކުރަމުން ހާތިބު ބުނެލިއެވެ. ރަތްވެފައިވި އޭނަގެ ލޮލުން ކަރުނަ ހިލުނެވެ.
ބަރްކާ ސަލާމަތްވާން ތެޅިފޮޅެން ފެށިއެވެ. އެންމެފަހުން އޭނައަށް ހާތިބުގެ މުލައްދަނޑީގައިވި ޒަހަމް ފެނުމާއެކު ހަށިގަނޑުގައިވި ފަހު ހަކަތަ ބޭނުން ކޮށްގެން އެތަނުގައި ހިފައިގަތެވެ. އެއާއެކު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ހާތިބާށް އެގުން ވިއެވެ. ކުއްލިއަކަށް ބަރްކާގެ ކަރުން އޭނައަށް ދޫކޮށްލެވުނީ ހަޅޭކެއްގެ އަޑާއެކުގަ އެވެ.
ބިންމަތީގައި ޖެހުނު ބަރްކާ ނޭވާލާން މައްސައްކަތް ކުރިއެވެ. އޭނަގެ ނޭވާ އުފުރެން ކައިރިވެފައި ވިއެވެ. މުޅި މޫނު ހުދުވެފައިވިއިރު ހާތިބުގެ އަތުގެ އިނގިލިތައް ޖެހުނު ހިސާބުން ދިލަ ނަގައި ރިއްސަމުން ދިޔަ އެވެ. ހަށިގަނޑުގައި ވި ބާރެއް ބޭނުންކޮށްގެން ބަރްކާ މަސައްކަތް ކުރީ ހާތިބާއި ދުރަށް ދާށެވެ. އޭނަ ހާތިބަށް ދޭން އުޅުނު ހަމަލާ އެއޮތީ ވިހަވެފައެވެ. އަމިއްލަ ފުރާނައާ މެދު ބަރްކާގެ ހިތުގައި ބިރުވެރިކަން ވިއެވެ. ރޮވެމުން ދިޔަ ހާލު ހާތިބާއި ދުރަށް ދާން ބަރްކާ އުޅުނެވެ. ކުކުރަމުން ކުރިއަށް ދާން އުޅުނު ބަރްކާގެ ލޮލުގައި ބިންމަތީގައި އޮތް ހަންޖަރު އަޅައިގަތެވެ. އޭނަ އަވަސްވެގަތީ ހަންޖަރު ނެގުމަށެވެ. ހާތިބާއި ހަނގުރާމަކުރެވެން އޮތް ހަމައެކަނި މަގަކީ އެއީ އެވެ.
''******...'' ހަށިގަނޑުގައި އެޅި ވޭނާއެކު ހާތިބުގެ ދުލުން ނުބައި އެއްޗެހި ކިޔަން ފެށިއެވެ. އޭނަ އަވަސްއަވަހަށް އެނދުގައި އަޅާފައި އޮތް ފޮތިގަނޑުން ބައެއް ވީދައިގަތުމަށްފަހު އަތުގެ މުލައްދަނޑީގައި އޮޅާލިއެވެ. އަދި ކުކުރަމުން ހަތަރެސްފައިގެ އެހީގައި އޭނައާއި ދުރަށްދާން މަސައްކަތްކުރަމުން ދިޔަ ބަރްކާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އެވަގުތު ހާތިބަށް ނޭގުނު ކަމީ ބަރްކާގެ އަތުގައި ހަންޖަރު އޮތް ކަމެވެ.
ބަރްކާގެ އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު ކޮޅަށް ނަގަން ހާތިބު އުޅުނެވެ. އޭނަގެ މޫނުމަތީގައި ހަމްދަރުދީއެއް ނުވެއެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު އެއްވެސް އިހުސާސެއް ނެތެވެ. އޭނަ ހުރީ ބަރްކާގެ ފުރާނައަށް ފެންބޮވައިގަނެފަ އެވެ.
''އާހް...'' އިސްތަށިތަކުގެ ބުޑަށް ވާންވި ހިނދު ބަރްކާއަށް ރޮއިގަނެވުނެވެ. އޭނަ ތެޅިގަންނަމުން އަނެއްކާ ވެސް ހާތިބަށް ހަންޖަރުން ހަމަލާ ދިނެވެ. މިފަހަރު އޭނަގެ ނަސީބު ރަގަޅުވުމުން ހާތިބުގެ ބަނޑަށް ހަންޖަރު ހަރާލެވުނެވެ. ދެވަނަ ސިކުންތުގައި އޭނަ އިތުރު ދެ ހަމަލާއެއް އަމާޒުކޮށްލިއެވެ. މިފަހަރު ހަމަލާ އަމާޒުވީ ހާތިބުގެ މެޔަށެވެ.
ވީތަދުން ބަރްކާގެ އިސްތަށިގަނޑުން ހާތިބާށް ދޫކޮށްލެވުނެވެ. ނޭވޭ ނުލެވުނު ހިނދު ވޭން އަޅަމުން ދިޔަ ހިސާބުގައި އޭނައަށް އަތްޖައްސާލެވުނެވެ. ހޯސްލާފައި ލޭފައިބަމުން ދިޔަ ހިނދު އޭނައަށް ކުޑަ ކަކޫ މައްޗަށް ތިރިވެވުނީ މޫނުމައްޗަށް އަނދިރިވާ ފަދަ ގޮތެއް ވުމުންނެވެ. ބަރްކާގެ ތިންވަނަ ހަމަލާއެކު އޭނަގެ މެޔަށް ހެރިފައި ހުރި ވަޅީގައި ހިފާ ހާތިބު ދަމައިގަތެވެ. އެއާއެކު ހޯސްލާފައި ލޭފައިބަން ފެށިއެވެ.
''ބަ...ރް...ކާ...'' ހާތިބުގެ މޫނުމައްޗަށް އަނދިރިވެ ވެއްޓެން ދިޔަ ވަގުތު އޭނަ ގޮވާލިއެވެ. ރޮވެމުން ދިޔަ ބަރްކާ ހާތިބާ ދުރަށް ދިޔަ އެވެ. ލެއިން ކަޅިވަމުން ދިޔަ ބިންމައްޗަށް އޭނަ ބަލަން އިނެވެ. އޭރު ހާތިބުގެ ހަށިގަނޑުގެ ހަރަކާތްތައް ކެނޑި މުޅި މީހާ ހަމަހިމޭން ވެއްޖެއެވެ. ބަރްކާގެ ވޭނީ ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދިޔަ އެވެ. އޭނައަށް މޫނުގައި އަތް އަޅާލެވުނެވެ. އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އޭނަގެ ދެއަތުން ލޯބިވާ ފިރިމީހާ މަރާލެވުނީއެވެ.
*****
ޝާޢާއައި ބައްދަލުކޮށްލުމަށްފަހު އައި ޒިޔަޒަން އޭނަގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހި ތަނާ ހައިރާންކަމާއެކު ހުއްޓެވުނީ މަންމަގެ ރުއިމުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުނުހެން ހީވެގެންނެވެ. ވާރޭގެ ސަބަބުން އެއަޑު އިވެނީ ފަނޑުކޮށްކަމަށް ވުމުން ޒިޔަޒަން އެއީ ކޮން އަޑެއްތޯ ޔަޤީންކޮށްލަން ހިނގައިގަތީ މަންމަގެ ކޮޓަރިއާއި ދިމާއަށެވެ. ކުރިއަށް ހިންގަމުން ދިޔަ ވަރަކަށް އަޑު ގަދަވާހެން އޭނައަށް ހީވިއެވެ. ޒިޔަޒަންއަށް ކުއްލި ހާސްކަމެއް ލިބުނެވެ. އަވަސްވެގަނެވުނީ މަންމަ ނުރައްކަލެއްގައިވީކަމާ ހިތާއެވެ.
ގިސްލާފައި ރޯން އިން ބަރްކާ ސިހިގެން ދިޔައީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިންއަޑަށެވެ. ހާސްވެ ކަންބޮޑުވެފައި ވަނިކޮށް ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ ޒިޔަޒަން އެވެ. ޒިޔަޒަން ފެނުމާއެކު އިތުރަށް ބަރްކާއަށް ރޮވުނީއެވެ.
*****
ކޮޓަރީގެ ތެރެއަށް ޒިޔަޒަން ހިންގާލި ފުރަތަމަ ނަޒަރާއެކު އޭނައަށް ފެނުނީ ބިންމައްޗަށް އުއްޑުން ވެއްޓިފައި އޮތް ހާތިބެވެ. މުޅި ހިސާބުގަނޑުގައި ވަނީ ލެޔެވެ. އެއަށްފަހު ދެން އޭނަގެ ނަޒަރު ހުއްޓުނީ ރޮމުން ދިޔަ މަންމަ އަށެވެ. އޭނައަށް ފެންނަމުން ދިޔަ މަންޒަރުތަކުގެ އަސްލު ނަގަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގުނެވެ. ޒިޔަޒަން އައިސް އޭނަގެ މަންމަގެ ގާތަށް ތިރިވެލިއެވެ. އޭރު ވެސް އޭނަގެ ނަޒަރު ހުއްޓިފައި ވަނީ މަރުވެފައި އޮތް ހާތިބަށެވެ.
''މަންމައަށް މަޢާފަކުރޭ...''
ރޮމުންރޮމުން ޒިޔަޒަން ގާތު ބަރްކާ ބުންޏެވެ. މަންމައަށް ފަރުވާތެރިކަމާއެކު ބަލާލުމުން ޒިޔަޒަންއަށް، އޭނަގެ މަންމައަށް ލިބިފައިވި އަނިޔާތަކުގެ ނިޝާންތައް ފެނުނެވެ. އެއާއެކު ކޮންމެވެސް ވަރަކަށް ވެދިޔަ ކަންތައް އޭނައަށް ސިފަކުރެވުނެވެ. އެއާއެކު މަންމަގެ ދިފާއުގައި ގޭގައި ނުހުރެވުމުން އަމިއްލަ ނަފުސު އޭނައަށް ކުށްވެރިކުރެވުނެވެ.
''ދަރިފުޅުގެ ބައްޕައަށް މިރޭ ވެފައި ހުރި ގޮތެއް މަންމައަކަށް ނެގޭ... ކުއްލިއަކަށް މަންމައަށް ހަމަލާދޭން އުޅުނީ... އެނެމްފަހުން މަންްމައަށް އެކަން ކުރަން މަޖުބޫރުވީ، އެހެންނޫންނަމަ ދަރިފުޅުގެ ބައްޕަ މަންމަ މަރާލީސް...'' ރޮމުންރޮމުން ބަރްކާ ކިޔައިދިނެވެ. އޭނަ ހުރިހާ ވާހަކައެއް ޒިޔަޒަންއާއި ހިއްސާއެއް ނުކުރި އެވެ. ޒިޔަޒަންގެ ހިތް އޭނަގެ މައްޗަށް ނުސާފުވާން ބޭނުން ނުވާތީއެވެ. އޭނަ އެކަމުގެ އަސްލު ހިތުގައި ވަންހަނާކޮށްލިއެވެ. އެއީ އެންމެ ރަގަޅު ހައްލުކަމުގައި ފެނުނީތީ އެވެ.
ބަރްކާ ހަމައަކަށް އެޅެން އެތައް އިރެއް ނެގިއެވެ. އޭނަ ކަރުނަތައް ފޮހެލަމުން ކޮޅަށް ތެދުވުނެވެ.
*****
ހެނދުނު އަރައިގެން އައި އިރާއެކު ހާތިބުގެ މަރުގެ ޚަބަރު ޖިންނީންގެ ތެރެއަށް ފެތުރުނެވެ. ދުޝްމަނުންގެ ހަމަލާއެއްގައި ހާތިބު މަރުވެގެން ދިޔައީ ކަމަށެވެ. އެކަމުގެ އިލްޒާމު އެޅުވުނީ ހާތިބުއާއި ޒަމާނުއްސުރެން ރުޅިވެރިކަން އޮންނަ އިފުރީތުންގެ ބަޔަކާއެވެ. ހާތިބުގެ މަރާ މެދު އެއްވެސް މީހަކު ދެރަވި ހެނެއް ހިޔެއް ނުވެއެވެ. އޭނަގެ ވަޒީރުން ވެސް މެއެވެ. އެއީ އެތައް އަހަރެއް ވިއިރު ވެސް އެމީހުން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވާން ހާތިބު މަސައްކަތްނުކުރުމުން ހާތިބުގެ ވެރިކަމާ އެމީހުން ހިތްހަމަނުޖެހުނުކަން ޔަޤީންކޮށްދިން ކަމެކެވެ. ހާތިބުގެ ވެރިކަމުގައި ބަދަލުހިފުން ނޫންކަމެއް ނެތް ވިއްޔާއެވެ. ސުވާލު އުފެދޭ ކަންތައްކެވިކަމުގައި ވިޔަސް އިތުރަށް ހާތިބުމުގެ މަރު ތަހުގީގު ނުކުރެވުނީ އެހެންވެއެވެ.
ހާތިބުގެ މަރަށް ހަފްތާއެއް ވީތަނާ ޒިޔަޒަން ވެގެން ދިޔައީ އަލަށް އައްޔަން ކުރެވުނު ޖިންނީންތަކުގެ އިސްވެރިޔާ އަށެވެ. އޭގެ ސަބަބުން ހަޅުތާލިގަނޑެއް ކުރިމަތި ނުވެ ޝާޢާއަށް މިނިވަންކަން ހޯދަދޭން ފަސޭހަ ވިއެވެ.
*****
ދެދުވަސް ފަސް...
ޝާޢާ ދިއުމުގެ ކުރީން އޭނައާއި ބައްދަލުކުރަން ބަރްކާ އައެވެ. އޭރު ރަޒާން، އީވާ އަދި ޒިޔަޒަން ތިބީ ޝާޢާ ބޭނުންވާ މަންޒިލަށް އޭނަ ގެންގޮސް ދޭން ތައްޔާރަށެވެ. އެއީ އައިޝާގެ ގާތަށެވެ. އޭރު ރަށުގައި ފެތުރިފައި އޮތް އަޑުތަކުގެ ޚަބަރު ޒިޔަޒަން ވަނީ ދީފައެވެ. ޝާޢާ ރަހީނުކުރެވިފައިވާކަމަށް ރަށުމީހުން ޤަބޫލުކުރާ ވާހަކަ އެވެ. އަދި ފުލުހުން ވެސް ޝާޢާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެއާއެކު އަނބުރާ މީހުންގެ ތެރެއަށް ދާންވާއިރަށް އުފެދޭނެ ސުވާލުތަކަށް ދޭނެ ޖަވާބު ވެސް ޝާޢާ ވަނީ ފަރުމާކޮށްފައެވެ.
ބަރްކާ ބޭނުންވީ ޝާޢާއާއި އެކަނި ބައްދަލުކޮށްލާށެވެ. އޭއާއެކު ބަރްކާއަށް ވަގުތު ދެމުން ޒިޔަޒަންމެން ދިޔަ އެވެ. ބަރްކާ ޝާޢާއަށް ހިނިތުންވެލިއެވެ. އަދި އެމީހުންގެ ފަރާތުން ކުރިމަތިވި ކަންތަކަށް މަޢާފަށް އެދެން ފެށިއެވެ.
''އަހަރުމެންގެ ފަރާތުން ޝާޢާއަށް ވަނީ ވަރަށް ބޮޑު ކެކުޅުންތަކެއް ތަހައްމަލުކުރަން ޖެހިފައި، އެކަމަށް އަހަރެން މަޢާފަށް އެދެން... ޝާޢާ ދިއުމުގެ ކުރިން އަހަރެން ބޭނުން ވާހަކައެއް ހިއްސާކޮށްލަން، ވެދިޔަ ހުރިހާކަމެއްގެ އަސްލު އެނގެން ޝާޢާ ބޭނުންވާނެކަން އަހަންނަށް އެނގޭ، އެހެންވެ މިކިޔައިދެނީ...'' ބަރްކާ ބުނެލިއެވެ. އަދި ހާތިބާއި ޖާބިރާ ދެމެދު ކުރިމަތިލުންތައް ހިނގަން މެދުވެރިވި ސަބަބު ކިޔައިދޭން ފެށި އެވެ.
''ފުރަތަމަ ވިލްދާނަށް ޝާޢާގެ ބޮޑުދައިތަ ހުސްނާ ފެނުނީ މިތާ ކައިރި އޮންނަ ފަޅުރަށަކަށް ދަތުރު އައިސް ތިއްބާ... ވިލްދާނަށް ހުސްނާ ފެނުމާއެކު ޝައުގުވެރިކަން އުފެދުނު، އޭނަ ބޭނުންވީ ހުސްނާއާއި އެކުވެރިކަން އުފައްދަން، އިންސީންގެ ދުނިޔެއަށް އޭނަ ދާން ފެށީ އެބޭނުމުގައި، ފުރަތަމަ އެދެމީހުން ބައްދަލުވީ ތިރަށުގެ ގޮނޑުދޮށުން، އޭގެ ފަހުން ގުޅުން ބަދަހިވާން ފެށީ... ވިލްދާން ހުސްނާއަށް ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިން... ހުސްނާއަށް ވިލްދާންގެ ހަޤީޤަތް އެނގުމުން ވެސް ބިރެއް ނުގަނޭ... އެއަށްވުރެ ބޮޑަށް އެހިތުގައި ލޯބިވީތީ، ހުރިހާ އުނިސިފައަކާއެކު ވެސް އޭނަ ވިލްދާން ޤަބޫލުކުރީ... ޒުވާންކަމުގެ ޖޯޝުގައި އެތައް އިމެއް ފަހަނައަޅާއި ދިޔަ، އަހަރުމެނަށް ވެސް ޝައްކުވިއިރު ހުސްނާ ހުރީ ބަލިވެ، އޭގެ ސަބަބުން މިޢާއިލާގެ ތެރޭގައި ހަމަނުޖެހުން އުފެދުނު، ހާތިބު އެގުޅުމާއި ނުރުހުން ފާޅުކުރި، އެންމެފަހުން ޢާއިލާދޫކޮށްފައިދާން ވިލްދާން ހުރީ ތައްޔާރަށް... ފުރަތަމަ ވިލްދާންއާއި ހުސްނާގެ ގުޅުމާމެދު ޝައްކު އުފެދުނީ ޝާޢާގެ ބައްޕައަށް، އޭރު ޝާޢާގެ ބައްޕަ ހުރީ ޖާބިރުގެ ގާތުން ފަންޑިތަ ހަދަން ދަސްކޮށްގެން، އޭނަ އެކަން ޖާބިރަށް އެންގި ފަހުން ކިޔެވެލިކިޔަވަން ފެށީ... އެހިސާބުން ހުރިހާކަމެއް ގޯހުންގޯހަށް ދިޔައީ... ހުސްނާ ބޭނުމެއް ނުވި ވިލްދާނާއި ދުރަށް ދާކަށް... ޖާބިރަށް ހުސްނާ ބަލިވެ އިންކަން އެނގުނު ހިސާބުން ވެސް އޭނައަށް އެނގުނު ފަންޑިތަ ހަދައިފިއްޔާ ދެމައިންގެ ފުރާނައަށް ނުރައްކާ ވާނެކަން، އެކަން އެނގުމުން ވިލްދާން ހުރީ ހުސްނާ ދޫކޮށްދާން ތައްޔާރަށް، އޭނަ ބޭނުންވީ އޭނައާއި ހުސްނާގެ ދަރިފުޅު ދުނިޔެއަށް އައުމުގެ ފުރުސަތު ދޭން، އެކަމަކު ޖާބިރު އެކަން ބޭނުންނުމެއް ނުވީ، އިންޒާރު ދިނުމަށްފަހު އޭނަ ފަންޑިތަ ހަދަން ފެށީ، އެކަމުގައި ޖާބިރަށް އެހީތެރިވީ ޝާޢާގެ ބައްޕަ... އޭނަ ކޮންމެހެން އެކަންތައް ކުރީ ހުސްނާ ސަލާމަތްކުރާކަށެއް ނޫން، އޭނަގެ ބާރު ދައްކަންވެގެން، އެންމެފަހުން ފަންޑިތަ ވިހަވެ ބޮޑު ހަނގުރާމައެއް ފެށުނީ... އެކަމުގެ ތެރޭަގައި ޝާޢާގެ މަންމައާއި ބައްޕަ ވެސް މަރުވެގެން ދިޔައީ....'' ބަރްކާ ކިޔައިދިނެވެ.
''އުއްމީދުކުރަން ޝާޢާ އަހަރުމެންނަށް މަޢާފުކޮށްދޭނަން ކަމުގައި... ހުރިހާ ހިތާމަތަކަކުން އަރައިގަނެވި ޝާޢާއަށް އުފާވެރި ހަޔާތެއް ދެއްވުން އެދި އަހަރެން ދުޢާކުރާނަން...'' ޝާޢާގެ ބޮލުގައި އޯގާތެރިކަމައެކު ބަރްކާ ފިރުމާލިއެވެ. ޝާޢާ ވެސް ފަނޑު ހިނިތުންވުމެއް ބަރްކާއަށް ހަދިޔާކޮށްލި އެވެ.
ޝާޢާގެ ދެލޮލަށް ބަލާލި ބަރްކާއަށް ކަމެއް ފާހަގަ ކުރެވުނުހެން ހީވިއެވެ. އޭރު ޝާޢާ ހުރީ ދުރުގައި ހުރި ޒިޔަޒަންއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއާއެކު ބަރްކާއަށް ޝާޢާގެ ހިތުގެ ހާލު އެނގުނު ކަހަލައެވެ. އޭނަ ދެރަ ވެސް ވިއެވެ. ނަމަވެސް އެލޯބި ހާސިލުވުމަށް ތަޤުދީރުގައި ލިޔެވިފައެއް ނެތެވެ.
''ޝާޢާ ޖެހޭނެ ތިއިހުސާސްތަކުގެ މައްޗަށް ގަދަވެގެންނަން، މިއީ އުނދަގޫ ވަގުތުކޮޅެއްކަން އެނގޭ، އެހެން ނަމަވެސް ކެތްތެރިވާން ޖެހޭނެ...'' ބަރްކާގެ ޖުމްލައިން ޝާޢާއަށް ސިހުން ލިބުނެވެ. އޭނަގެ ހިތުގެ އިހުސާސްތައް ބަރްކާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
''އަހަންނަށް އެނގޭ ޝާޢާގެ ހިތުގައި ޒިޔަޒަންއަށް އިހުސާސްތަކެއްވާކަން... އެކަމަކު އެންމެ ރަގަޅު ވާނީ ސިއްރުކުރިއްޔާ، އެހެންނޫންނަމަ އިތުރު ހިތާމަތަކެއް ދެހިތަށް ލިބިދާނެ...'' ބަރްކާގެ އަޑުގައި ހަމްދަރުދީ ވިއެވެ. ޒުވާން ދެހިތް އެކަކު އަނެކަކަށް އެދޭ ހާލުގައި ވެސް އެދެމެދުގައިވާ ފަރަގުގެ ސަބަބުން އެވަނީ ދުރަށް ދާން މަޖުބޫރުވެފައެވެ. ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ ކުށެއްނެތް ސާފު ދެހިތެވެ. އެހެނަސް މަޖުބޫރީ ހާލަތު އެލޯބި ފަރިވުމުގެ ފުރުސަތެއް ނުދިނެވެ.
ބަރްކާގެ ވާހަކަތައް ނިމުމާއެކު ޒިޔަޒަން ޝާޢާގެ ގާތަށް އައެވެ. އަދި ރަސަލް ތައްޔާރުކުރި އުޅަ ނަގާ ޝާޢާގެ އަތުގައި އަޅުވާލަދިނެވެ. އަދި ޝާޢާ ގާތު ދާންވީ ވަގުތު ޖެހިއްޖެކަމުގައި ބުނެލިއެވެ. ދިއުމުގެ ކުރިން ބަރްކާގެ ގައިގައި ޝާޢާ ބައްދަލިއެވެ. އަދި އީވާގެ ގައިގައި ވެސް ބައްދާލީއެވެ. ރޮވިފައިވި އީވާ ވަދާއުގެ ހިނިތުންވުން ޝާޢާއާއި ބަދަލުކޮށްލިއެވެ.
*****
އަލްވަދާއު ކިޔަންވީ ވަގުތު އައިސް ޖެހުނު އިރު ޝާޢާގެ ދެލޮލަށް ކަރުނަ ޖަމާވެފައި ވިއެވެ. ކުރިމަތިން ފެންނަން އެއޮތީ އޭނަގެ ދުނިޔެ އެވެ. އޭނަގެ މުސްތަޤުބަލެވެ. ނަމަވެސް ފަހަތުގައި މަޑުކޮށްލައިގެން އެހުރީ އޭނަގެ ހިތެވެ. އޭނަ ޚިޔާރު ކުރަންވީ ކޯޗެއް ހެއްޔެވެ؟ ޝާޢާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ފަސްއެނބުރި ބަލާލުމަށްފަހު ޒިޔަޒަން ގާތަށް ހިނގައިގަތެވެ.
ޒިޔަޒަންގެ ގައިގައި ޝާޢާ ފަހުފަހަރަށް ބައްދާލިއެވެ. ޒިޔަޒަންގެ އަތުގެ ތެރޭގައި މުޅިއުމުރު ދުވަހު ހުރެލަން ޝާޢާގެ ހިތް އެހިނދު އެދުނެވެ. ނަމަވެސް ޝާޢާއަށް ޖެހުނީ އެހިތުގެ އެދުންތަކަށް ފުރަގަސް ދޭށެވެ. ބަރްކާ ދެއްކީ ދޮގު ވާހަކަތަކެއް ނޫނެވެ. ކިތަންމެ ލޯބިވިޔަސް އޭނައާއި ޒިޔަޒަންއަށް އެކުގައި އުޅުމުގެ ފުރުސަތެއް ނެތެވެ. އޭނަ ޖެހޭނީ އެކަން ޤަބޫލުކުރާށެވެ.
ޒިޔަޒަން ޝާޢާގެ ހަށިގަނޑު ދެއަތުން ވަށާލިއެވެ. އޭނަ ކަރުނަތައް ދިރުވަން މަސައްކަތްކުރިއެވެ. ޝާޢާގެ ކުރިމަތީގައި ބަލިކަށިވާން އޭނަ ބޭނުމެއް ނޫނެވެ. އެހެންނޫންނަމަ އޭނަ އެތަނަށް އައި ބޭނުން ހަނދާން ނައްތާލެވިދާނެއެވެ. ޒިޔަޒަންގެ މޭގައި ވޭނީ ހައިޖާންގަނޑެއް އުފެދިފައި ވިއެވެ. ހަމައެފަދައިން ޝާޢާގެ ހިތް ވެސް ކަރުނަ އަޅަމުން ދިޔަ އެވެ.
ޒިޔަޒަންއަށް މަޖުބޫރުވީ ޝާޢާގެ ގައިން ދޫކޮށްލާށެވެ. ޝާޢާއަށް ދިއުމުގެ ފުރުސަތު ދޭށެވެ. ވަކިވުމުގެ ކުރިން ޒިޔަޒަންގެ ކޯތާފަތަށް ޝާޢާ ބޮސް ދިނެވެ. އެހިނދު އޭނަގެ ލޮލުން ކަރުނަ ފޭބިއެވެ. އަވަސް އަވަހަސް ކަރުނަތައް ފޮހެލަމުން ޝާޢާ ދުއްވައިގަތެވެ. އޭނައަށް އިތުރަށް ކެތްނުކުރެވުނީއެވެ. ޒިޔަޒަންއަށް ދުއްވައިގަތް ޝާޢާއާ ދިމާއަށް އެއް އަތް ދިއްކޮށްލެވެން އުޅުނެވެ. އެހެނަސް އޭނަ ނަފުސުގެ މައްޗަށް ކޮންޓްރޯލް ހޯދިއެވެ. ކުރިއަށް ދުވަމުން ދިޔަ ޝާޢާ ފެނި ޒިޔަޒަންގެ ހިތުގައި ލޭކޮށިގެން ދިޔަ އެވެ. އޭނަގެ ލޮލުން ކަރުނަ ފައިބައިގެން އައީ މޭގައި އުފެދުނު އުދާސްގަނޑުގެ ސަބަބުންނެވެ. އޭނަ އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު ތާއަބަދަށް ޝާޢާއަށް ގެއްލިއްޖެއެވެ. އެލޯބި ދުނިއުމުރަށް ހިތުގައި ފޮރުވާލަމުންނެވެ.
ވަކި ހިސާބަކަށް ދެވުމާއެކު ޝާޢާ ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އޭނައަށް ޒިޔަޒަންއެއް ނުފެނުނެވެ. ވަށައިގެން ފެންނަނީ ކާރުބާރުބޮޑު މަގުތަކެވެ. ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔަ މީހުންތަކެވެ. އެވަގުތު ހަޤީޤަތާ ކުރިމަތިލާން ޝާޢާއަށް ޖެހުނެވެ. އަތް ގެނެސް މޭގައި ޖައްސާލެވުމާއެކު އޭނައަށް ރޮވިއްޖެއެވެ. އެއީ ތަޤުދީރުގެ ނިޔާ އެވެ. އޭނައަށް ޖެހޭނީ އެގޮތާ މެދު ހަމްދުކުރާށެވެ. ދުނިޔޭގައި ތަފާތު އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެއިން ކޮންމެ އިމްތިހާނަކުން އިބުރަތް ވެސް ލިބިގަންނަން ޖެހޭނެއެވެ.
ޝާޢާއަށް ފާއިތުވެ ދިޔަ ދުވަސްތަކާ މެދު ވިސްނާލެވުނެވެ. އޭނަ ވޭތުކުރި ބިރުވެރި ދުވަސްތަކެވެ. އުފުލި ހިތާމަ އެވެ. އޭނައަށް ލިބުނު އަނިޔާ ތަކެވެ. ޖިސްމުގައި ލެވުނު ޒަހަމްތަކެވެ. ނަފުސާނީ ގޮތުން ލިބުނު ގެއްލުންތަކެވެ. އެހުރިހާ ކެކުޅުމެއްގެ ތެރޭގައި ވަނިކޮށް އޭނައަށް ޒިޔަޒަންގެ ފަރާތުން ލިބުނު އޯގާތެރިކަމެވެ. އޭނަގެ ހިތުގެ ޒަހަމްތަކުގެ ޝިފާއެއް ކަމުގައި ޒިޔަޒަން ވެގެން ދިޔަ ގޮތެވެ. އޭނައަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނީ ވެސް ޒިޔަޒަންއެވެ. އެހަނދާންތައް ދުނިއުމުރަށް އޭނަގެ ހިތުގައި އޭނަ ރައްކާކުރާނެއެވެ. އެލޯބި އެހިތުގައި ފޮރުވާނެއެވެ. ނޭވާލަމުންދާހާ ހިނދަކު ޒިޔަޒަންއަށް ޝުކުރެވެރިވާނެ އެވެ. އޭނަ ވެއްޓުނު އަނދަވަޅުން އަރައިގަނެވި މިހާރު އެވަނީ މުޅިން އާޚަޔާތަކާ ކުރިމަތިލާން ޖެހިފައެވެ. ހިތްވަރާއެކު ކުރިއަށް ދާން ޝާޢާ އަޒުމުކަނޑައަޅައި ކުރިއަށް ފިޔަވަޅުތަކެއް އަޅާލިއެވެ.
ނިމުނީ