ވަގުތު އައިސް ޖެހިއްޖެކަން އެޒުވާނާއަށް ވަގުތުން ނަގައިގަނެވުނެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އެޒުވާނާ އޭނަގެ ފުރިހަމަ އިސްކޮޅުގެ މައްޗަށް ތެދުވެލިއެވެ. އަދި ހަށިގަނޑުގައި ހަރުލާފައި ހުރި ވެލިތައް އަވަސްއަވަހަށް ފޮޅާލިއެވެ. އޭރު ލުއި ފިޔަވަޅުތަކެއްގައި އައި މެދު އުމުރުގެ އަންހެންމިހާ އެޒުވާނާއި އަރާހަމަކުރަނީ އެވެ.
''ދަރިފުޅު ވާނީ މިތާނގައިކަން އެނގޭތީވެ މަންމަ މިއައީ... ވަގުތު އައިސް ޖެހިއްޖެކަން އެބައިނގޭ ދޯ؟...'' ބަރްކާ އޭނަގެ ފިރިހެންދަރިފުޅުގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އޭނަގެ ދެލޮލުން ފެންނަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދެނީ ހުރި ހަމައެކަނި ފިރިހެންދަރިފުޅާއި މެދު ކަންބޮޑުވެފައިވާ މިންވަރެވެ.
''ޒިޔަޒަން...'' ވެރިވެފައި އޮތް ހިމޭންކަން ފޫދުއްވާލަމުން ބަރްކާ ގޮވާލިއެވެ. އަދި އޭނައާއި ދާދި އެއް އިސްކޮޅެއް ލިބިފައިވާ ޒިޔަޒަންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއާއެކު މެދުއުޑުން ފާޅުވަމުން އައި ހަނދާއި ވަކިވެގެން އައި ޒިޔަޒަންގެ ނަޒަރު ހުއްޓުނީ އޭނަގެ މަންމަ އަށެވެ.
''ދަރިފުޅު ނެތިގެން ބައްޕަ މިހާރު ހޯދާނެ... އެމީހުންނާއެކު ދަރިފުޅު ދާން ބައްޕަ ބޭނުންވޭ... ތިހެން މިތަނަށް އައިސް ހުރީމަ ކަމަކުނުދާނެެ، ބައްޕަ ދަރިފުޅު ދެކެ ހިތްހަމަނުޖެހެންތަ ބޭނުންވަނީ؟...'' ބަރްކާ ބޭނުންވީ އޭނަގެ ދަރިފުޅަށް ވިސްނައިދޭށެވެ. ޒިޔަޒަންގެ އަމަލުތަކުން ނިކުމެދާނެ ނަތީޖާއަކާ މެދު އޭނަގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. މިހާރު ވެސް ޒިޔަޒަން އެދަނީ ފާޅުގައި ޚާތިބުގެ ނިންމުމާއި ދެކޮޅުހަދަމުންކަން އެނގޭތީވެއެވެ.
''އަނެއްކާ އެމީހުންގެ ތެރެއަށް ދާން ބައްޕަ ބޭނުންވާއިރު މަންމަ އެކަމަށް އެއްބާރުލުން ތިދެނީ ކީއްވެތަ؟... ކުރިން ކަންތައް ވެދިޔަ ގޮތް މަތިން އެހާ އަވަހަށް ހަނދާން ނެތުނީތަ؟، އެހާދިސާ ހިނގިއިރު އަހަރެން ކުޑަކަމުގައި ވިޔަސް ކަންތައް ވެދިޔަ ގޮތް ހަނދާން އެބަހުރި. އެދުވަހު އަހަރެންގެ ދޮންބެއާއި ކޮއްކޮ މިދުނިޔެ ދޫކޮށް ދިޔައީ... އަނެއްކާ ވެސް އިންސީންގެ ތެރެއަށް ދިއުމުގެ ބޭނުމަކީ ކޮބާތަ؟... އެމީހުންނަށް ވެސް އަހަރުމެނަށް ގެއްލުން ދިނުމުގެ ޤާބިލުކަން ލިބިފައިވެއެއްނު؟... ދެން ވެސް އެކަމަށް މަންމަ އެއްބާރުލުން ތިދެނީ ކީއްވެ؟...'' ޒިޔަޒަން އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކުރަމުން ވާހަކަދެއްކިއެވެ. ބަދަލުހިފުމުގެ ރޫހުގައި ބައްޕަ އަޅާފާނެ ކަތި ފިޔަވަޅަކާ މެދު އޭނަ ކަންބޮޑު ވެއެވެ. އޭނަގެ ޢާއިލާގެ އިތުރު މެންބަރަކަށް ގެއްލުމެއް ވާތަން ދެކޭކަށް އޭނަގެ ހިތެއް ނޭދެއެވެ. ހަމައެއާއެކު މަންމަ ހިތާމަކުރާތަން އަލުން ދުށުމަށް ވެސް އޭނަ ބޭނުމެއް ނުވެއެވެ.
''ދަރިފުޅު ބޭނުމެއް ނުވޭތަ ބަދަލު ހިފާކަށް؟... އެމީހުން ކުރި ކަންތަކުގެ އަޖުމަ އެމީހުނަށް ލިބެންޖެހޭނެ! އިންސާފު ހޯދައިދެވޭނީ އޭރުން...'' ބަރްކާގެ ވާހަކަދެއްކުމުގެ ރާގު ކުއްލިޔަކަށް ބަދަލުވެގެން ދިޔަ އެވެ. އޭނަގެ އަޑުގައި ހަކުރަށިކަމާއި ހިތާމަވެރިކަން ވެސް އެކުލެވިފައި ވިއެވެ.
ޒިޔަޒަން އޭނަގެ މަންމައަށް ބަލާލީ އެޖުމްލަ އޭނަގެ މަންމަގެ ދުލުން ނިކުތްކަމުގައި ވިޔަސް އެއީ އޭނަގެ ބައްޕަގެ ލަފުޒުތަކެއްކަން އެނގޭތީއެވެ. އިންސީންގެ ދުނިޔެއަށް އަނބުރާދިއުމާމެދު އޭނަގެ މަންމަގެ ވިސްނުން ހުރީ މުޅިން ތަފާތު ގޮތަކަށެވެ. އެކަމުގެ ސަބަބުން އަނެއްކާ ވެސް ނުރައްކާތެރި ކުޅިގަނޑެއް ފެށިގެން ހިނގައިދާނެތީއެވެ. އޭގެ އަގު މައުސޫމް ފުރާނަތަކަކުން އަދާކުރަން ޖެހިދާނެތީއެވެ.
''މަންމާ...'' ބަރްކާގެ އެސްފިޔަތައް ފޫދުއްވާލާފައި ފައިބައިގެން އައި ކަރުނަތައް ފެނި ޒިޔަޒަންއަށް ގޮވާލެވުނެވެ. އެހިނދު ކަރުނައިން ފުސްވެފައިވާ ދެލޮލުން ބަރްކާ ބަލާލިއެވެ.
''މަންމައަށް ކަމެއްކޮށްދޭން ބޭނުން ކަމުގައިވަނީނަމަ ދަރިފުޅުގެ ބައްޕަގެ އެދުން ފުރިހަމަކޮށްދީ...'' ޒިޔަޒަންގެ އަތްތިލައިގައި ހިފާލަމުން ބަރްކާ ބުނެލިއެވެ. ''ދަރިފުޅު އެކަމާއި ދެކޮޅު ހަދައިފިނަމަ ބައްޕަ ރުޅިއަންނާނެވަރު ރަގަޅަށް އެނގޭނެ... މަންމަ ބޭނުމެއް ނޫން ތި ދެބަފައިންގެ ދެމެދުގައި ރުޅިވެރިކަން އުފެދޭކަށް...''
މަންމަގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާކަށް ޒިޔަޒަންއަކަށް ނުކެރުނެވެ. އޭއާއެކު ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ޒިޔަޒަން ބޯޖަހާލިއެވެ. ނުތަނަވަސްކަން ވެރިވެފައިވި ބަރްކާގެ ހިތަށް ޒިޔަޒަން ދިން ޔަޤީންކަމާއެކު ހަމަޖެހުން ލިބިގެން ދިޔަ އެވެ. އެހެނަސް އޭނަގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. އެހެނީ ޒިޔަޒަން ދިން އިންޒާރުތަކަކީ ހަނދާންނައްތާލެވޭނެ ކަމަކަށް ނުވާތީއެވެ. އިންސީންގެ ދުނިޔެއަށް އަނބުރާ ދިއުމުގެ ނަތީޖާ އަބަދުވެސް ގޯސްވާތީއެވެ.
*****
ކުޑަދޮރުގެ ދާރައަށް ލެނގިލައިގެން ހުރި ޝާޢާ އޭނަގެ ލޮލުން ފައިބައިގެންދާ ކަރުނަތައް އިރުއިރުކޮޅާ ފޮހެލައެވެ. ހާމަވެގެން ދިޔަ ހަޤީޤަތާއެކު އޭނަގެ މޫނުމަތިން ސިހުމާއި ބިރުވެރިކަމުގެ ލިސާންތައް ވެސް ފާޅުވަމުން ދިޔަ އެވެ. ޝާޢާގެ ހަރަކާތްތަކަށް ބަލަން ސޯފާގައި އިން ހަދީޖާ ތެދުވެލިއެވެ. އޭރު ވެސް ޖައުފަރު އިނީ އިސްތިރިކޮށްލައިގެންނެވެ. އޭނަގެ ސިކުނޑިވަނީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. ޝާޢާއަށް ރައްކާތެރިކަން ދޭން ކުރި ކަންތަކުގެ ނަތީޖާ ނުފެންނާތީއެވެ. މިއަދު ޝާޢާއަށް ދިވާމި ހާދިސާތަކުން އެކަމަށް ހެކިދޭތީއެވެ. އެވަގުތު ވާޤިދު ދެއްކި ވާހަކަތައް ވެސް ޖާބިރު ސިކުނޑީގައި ތަކުރާރުވާން ފެއްޓިއެވެ. ޝައިތާނާއަށް އިތުބާރުކުރެވުން އެއީ އޭނައަށް އެޅުނު ޅައެއްޗެއް ބާވައެވެ.
''ޝާޢާ...'' އޯގާތެރިކަމާއެކު ޝާޢާގެ ބުރަކަށީގައި ފިރުމާލަމުން ހަދީޖާ ބުނެލިއެވެ. ޖާބިރާއި ދެކޮޅަށް ޝާޢާއަށް ހަޤީޤަތް ހާމަކުރީ ހަދީޖާއެވެ. އިތުރަށް ޝާޢާއަށް ކަންތައްތައް ސިއްރުކުރުމުގެ ނަތީޖާ ރަގަޅު ނުވާނެކަން އޭނައަށް އެނގޭތީއެވެ. ކިތަންމެ ބޮޑު ސިހުމެއް ލިބުނުކަމުގައި ވިޔަސް ކޮންމެވެސް އެއްދުވަހަކުން އެހަޤީޤަތާއި ކުރިމަތިލާން ޖެހޭނެކަން އޭނައަށް އެގެއެވެ. ދުނިއުމުރަށް އެއްވެސް ކަމެއް ސިއްރުނުކުރެވޭނެތީއެވެ.
ޝާޢާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނައަށް ހަދީޖާގެ ވާހަކަތައް ވެސް އަޑު ނީވޭ ކަހަލައެވެ. އިތުރު އެއްވެސް ކަމަކަށް ސަމާލުކަން ދެވޭވަރަށް ވުރެ އޭނަގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑު ބޮޑެވެ. ބޮލުގެ ނާރުތަކަށް ވާންވެފައިވާއިރު ތޫނު ރިހުމެއް ވެސް އުފެދިފައި ވެއެވެ. އޭނައަށް ދިމާވެފައިވާ ހާދިސާތަކާއި، ފެންނަ ބިރުވެރި ހުވަފެންތަކުގެ ފަހަތުގައި އެފަދަ ބިރުވެރިކަމެއް ފޮރުވިފައި އޮވެދާނެކަމަކަށް އޭނައަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ހަމައެއާއެކު އޭނަގެ މައިންބަފައިންގެ ނިމުން އައި ހިތްދަތި މަންޒަރު ސިފަވެގެންދާ ކޮންމެ ފަހަރަކު އޭނަގެ މޭގައި އިތުރު ވޭނެއް އުފަންވެގެން ދެއެވެ. ނާމާންކަމާއި ބިރުވެރިކަން ވެސް އޭނަގެ ހިއްސުތަކުގެ މައްޗަށް ބާރުފޯރުވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
''ދަރިފުޅާ...'' ހަދީޖާގެ އަޑަށް މިފަހަރު ޝާޢާ ދިޔައީ ސިއްސައިގެންނެވެ. އޭނަގެ ޖިސްމަށް އޭރު ފާޑެއްގެ ބިރުވެރިކަމެއް ވެރިވަމުން ދިޔަ އެވެ. އޭގެ ސަބަބުން ހިތުގެ ވިންދު ވެސް ނުހަނު އަވަސްވެފައި ވިއެވެ. ކުއްލިއަކަށް އޭނަގެ މޫނުމައްޗަށް އަނދިރިވެގެން ދިއުމާއެކު ޝާޢާ އަރިއަޅާލިއެވެ.
ޖާބިރަށް ގޮވާލަމުން ވެއްޓެން ދިޔަ ޝާޢާގެ ހަށިގަނޑު ކޮންޓްރޯލް ކުރެވޭތޯ ހަދީޖާ މަސައްކަތް ކުރިއެވެ. ނަމަވެސް މުސްކުޅިވެ ހަށިގަނޑު ބަލިކަށިވެފައި ވުމުގެ ސަބަބުން އޭނައަށް ކާމިޔާބެއް ނުލިބުނެވެ.
*****
ހާތިބު އޭނަގެ ލަޝްކަރަށް އިރުޝާދުދީ ދިންމާލުމަށްފަހު އެނބުރިލިވަގުތު ބަރްކާ އާއެކުގައި ހުރި ޒިޔަޒަން ފެނި ހިނިތުންވެލެވުނެވެ. ޒިޔަޒަންއަށް ވިސްނަދޭން ބަރްކާ ފޮނުވުނުވުން އެއީ ރަގަޅު ޚިޔާލެއްކަން ކުރިން ވެސް އޭަނައަށް އެނގެއެވެ. ބަރްކާގެ ވާހަކަތަކަށް ޒިޔަޒަން ކިޔަމަންތެރިވާތީ އެވެ.
''ވަގުތު އައިސް ޖެހޭއިރަށް ހުރިހާކަމެއް ނިންމާތި...'' ހާތިބުގެ އެންމެ ގާތް ރަހުމަތްތެރިޔާ ސަލްމާންއަށް ބަލާލަމުން ހާތިބު ވާހަކަދެއްކިއެވެ. އަދި އޭނަ އަވަސްވެގަތީ ޒިޔަޒަން ގާތަށް ދިއުމަށެވެ. އޭރު ވަށައިގެންވި މާހައުލުގެ ތެރޭން ފެންނަނީ ޢީދެއް އައިސްފއިވާ ކަމުގެ ލިސާންތަކެވެ. އަހަރުދުވަހުގެ އިންތިޒާރަށް ފަހު އިންސާފު ލިބޭތީ އެކަމުގެ އުފާފާޅުކުރަމަށް ތައްޔާރުވަމުންދާ ތަނެވެ.
ހާތިބު އެއީ ޖިންނީންގެ ތެރެއިން ޝާޙީ ޢާއިލާއަކުން އައިސްފައިވާ ރަސްދަރިކަލެކެވެ. އޭނަގެ ބައްޕަ ނިޔާވުމަށްފަހު ރަސްކަމުގެ ތަހުތު ލިބިފައިވަނީ އޭނަ އަށެވެ. އޭނައަށްފަހު އޭނަގެ ތަހުތު ލިބެން އޭނަ އެންމެ ބޭނުންވީ ދެލޮލުގެ ނޫރު ފަދައިން ބަލާ ބޮޑުކުރި އޭނަގެ ދަރިފުޅު ވިލްދާނަށެވެ. ނަމަވެސް އެދަރިފުޅުގެ ނިމުން އައި ކުއްލިޔަކަށެވެ. އޭނައަށް ސިހުން ގެނުވާފައެވެ. އަދިވެސް އެކަމުގެ ހިތި ރަހަ އޭނަގެ އަރުތެރެއިން ފިލައިގެން ނުދެއެވެ. ނަމަވެސް އެކަމުގައި ޝާމިލުވި އެންމެންގެ ފަރާތުން މިރޭ އޭނަ ބަދަލު ހިފާނެއެވެ.
''ދަރިފުޅުގެ އިންތިޒާރުގައި ބައްޕަ ހުންނަތާ ކޮން އިރެއް...'' ޒިޔަޒަން އާއި އަރާހަމަކުރަމުން ހާތިބު ބުނެލިއެވެ. ޒިޔަޒަން އޭނަގެ ބައްޕައަށް ބަލާލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.
ބަރްކާއާއި ހާތިބު ބަދަލުކޮށްލި ނަޒަރާއެކު އޭނަ އަވަސްވެގަތީ ދެބަފައިންނަށް ވަގުތުދީފައި ބޮޑު ހަފުލާއަށް ތައްޔާރުވަމުން އައި އަންހެންވެރިންނަށް އިރުޝާދު ދިނުމަށެވެ. ބަރްކާ ދިއުމާއެކު ހާތިބު އިޝާރާތް ކޮށްލީ ނިކަ ގަހެއްގެ ދަށުގައި ހުރި އަށްޓަކަށެވެ. މުޅި އެހިސާބުގަނޑަށް ބަލާލިކަމުގައި ވިޔަސް ފެންނަމުން ދިޔައީ ތަފާތު ދުނިޔެއެކެވެ. އިންސީންގެ ދުނިޔެއާއި އެތައް ގުނައަކަށް ތަފާތުވިކަމުގައި ވިޔަސް އެއްގޮތް ކަންތަކެއް ހުއްޓެވެ. ގެދޮރުތަކަށް އެމީހުން ބޭނުންކުރަނީ ބިޔަ ގަސްތަކެވެ. އެބައިގަނޑުގެ މެދުގައި ވެސް އެއްބައިވަންތަކަން ވެއެވެ. ތަފާތު ނަސްލުތަކުން އައިސްފައިވިކަމުގައި ވިޔަސް މެއެވެ.
ހާތިބުއާއި ޒިޔަޒަން ގޮސް އަށީގައި އިށީނުމާއެކު ކަންވާރުތަކެއްގައި ހުރި ލުއި ބުއިންތަކެއް އެމީހުނަށް ގެނެސްދެވުނެވެ. ހާތިބު ދެތިން ކޯވަރު ބޯލިއިރުގައި ވެސް ޒިޔަޒަން އިނީ ފުން ވިސްނުމެއްގައެވެ.
''ދަރިފުޅުގެ ވިސްނުން ވެސް ތިހުންނަނީ މަންމަ ފަދައިން... ތިހެން ވިސްނަންޏާ މިމީހުންގެ ތެރޭން ޒިޔަޒަންއަށް ލިބެންޖެހޭ ޤަދަރާއި އިއްޒަތެއް ނުލިބޭނެ، ތިއީ ފުރާ ފުރިހަމަވެފައި ހުރި ފިރިހެނެއް، އުޅުމާއި ވިސްނުމުން ވެސް އެކަން ދައްކަންވީ... ބައްޕަ ބޭނުމެއް ނޫން އެހެން މީހުންގެ ނަޒަރުގައި ޒިޔަޒަން ފިނޑިއަކަށް ވާކަށް، ތީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެންދަރި، ޒިޔަޒަންއާ އަހަރެންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ... އުއްމީދަކީ ޒިޔަޒަން ބައްޕަ ބުނާ ފަދަ ދަރިއަކަށް ވުން...'' ހާތިބު ވާހަކަދެއްކިއެވެ. އޭނައަށް އެއްގޮތަކަށް ވެސް ޒިޔަޒަންގެ ވިސްނުން ކަމަކު ނުދެއެވެ.
''ދަރިފުޅު ބޭނުމެއް ނުވޭތަ ބަދަލު ހިފާކަށް؟... އެދުވަހު ޒިޔަޒަންގެ ބޭބެއާއި ކޮއްކޮ ނިޔާވީ އެއިންސީންގެ ސަބަބުން... އެކަމަކުގެ އަގު އެމީހުން އަދާކުރަން ޖެހޭނެ، ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަހަރެން އިންތިޒާރުކޮށްފިން، ތަންކޮޅެއް ކުރިން ވެސް އެމީހުނަށް ހަމަލާދޭން އުޅުނިން އެކަމަކު އެޖާބިރުގެ ބާރުގަދަކަމުން ކާމިޔާބު ނުކުރެވުނީ... އެކަމަކު މިހާރު އޭނަގެ ބާރު އެވަނީ ކެނޑިފައި... މީ އަހަރުމެންގެ ފަހަރު.. އަހަރުމެންނާ އެކު ޒިޔަޒަން ދާން ބައްޕަ ބޭނުން!...''
''އިންސާނުންނަކީ މަކަރުވެރިބައެއް... އެމީހުން އަބަދުވެސް އިސްކުރާނީ އަމިއްލަ އެދުން... އެމީހުން ކުރާ ކަންތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެދުން ހާސިލުވަނިކޮށް އެނިމުނީ... އެފަދަ ބަޔަކާ މެދު އަހަރުމެން ހަމްދަރުދީ ވާކަށް ނުޖެހޭނެ...''
ޒިޔަޒަންއަށް އޭނަގެ މަންމަގެ ވިސްނުމުގެ ނުބައި ނުފޫޒު ފޯރާފައިވާކަން ހާތިބުއަށް ފާހަގަކުރެވިފައިވާތާ ކިތަންމެ ދުވަހެކެވެ. ބަރްކާ އަކީ ވެސް ސުލްހައަށް އިސްކަންދޭ މީހެކެވެ. ލޭއޮހޮރުވުމާއި ބަދަލުހިފުން އެއީ ބަރްކާ ވެސް ބޭނުންވާކަމެއް ނޫނެވެ. ބަރްކާގެ އެފިޔަވަޅުތަކުގެ މަތިން އެއްގޮތަކަށް ވެސް ޒިޔަޒަން ހިނގުމުގެ ފުރުސަތު ދޭކަށް ހާތިބު ބޭނުމެއް ނޫނެވެ. އަނިޔާވެރި ދުނިޔެއެއްގައި އޯގާތެރި ހިތެއްގެ ވެރިޔަކަށް ދިރިއެއް ނޫޅެވޭނެއެވެ. ހަމައެއާއެކު އިސްވެރިން ހޮވުމުގައި ޖިންނީންނަކީ ބާރުވެރިކަމާއި ހައިބަތަށް އަހައްމިއްޔަތުކަން ދޭ ބައެވެ. ކަންމިހެން އޮތް އިރު އުޅުމާއި އަމަލުން ޒިޔަޒަން އެކަން ދައްކަން އެބަޖެހެއެވެ. އޭނަ އަބަދުވެސް ޒިޔަޒަން ދެކެ ހިތްހަމަނުޖެހެނީ އޭނަ ޒިޔަޒަންއާ މެދު ދެކެމުން އަންނަ އުއްމީދުތަކާއި ހިލާފުވެގެންދާތީއެވެ.
*****
ބާރުވާންފެށި ރޯޅިތަކާއެކު އިސާހިތަކު އުޑުމަތި ހިސާރުކޮށްލި ބަނަ ވިލާތަކަކުންނެވެ. ފަޒާގެ ތެރޭގައި އުފެދިފައި އޮތް ބޫން އަޑުފަށްގަނޑާއެކު އަންނަން އުޅޭ ތޫފާނުގެ އިންޒާރުދެމުން ދިޔަ އެވެ. އެތައް އިރެއް ވަަންދެން ދެމުން ދިޔަ އިންޒާރުތަކަށް ނިމުން ގެންނަމުން އައި ކެރީގެ ހަމަލާއާއެކު ޖައްވުގެ ތެރެއަށް ފެތުރެން ފެށީ ހޮނު ގުގުރީގެ އަޑުފަށްގަނޑެވެ. ބިޔަ ގަސްތައް ވެސް ރޯޅިތަކުގެ ހަމަލާތަކުގެ ޝިކާރައަށް ވަމުން ދިޔަ އިރު ކެރީގެ ހަމަލާތައް ވެސް ބާރުވަމުން ދިޔަ އެވެ.
*****
ޝާޢާ ބާއްވާފައި އޮތް އެނދުގެ އަރިމަތީގައި އިށީންދެލައިގެން ތިބި ޖައުފަރާއި ހަދީޖާއަށް ކުއްލި ސިހުމެއް ގެނުވީ އިވުނު ބާރު ގުގުރީގެ އަޑުން ކޮޓަރީގެ ކުޑަދޮރަށް އައި ލޮޅުމާއެކު ތަޅައިގެން ދިޔަ އަޑުފަށްގަނޑަށެވެ. ސިހުން ލިބިފައި އިން ހަަދީޖާއަށް ބަލާލެވުނީ ޖައުފަރަށެވެ. ޖައުފަރު ވެސް އެމަންޒަރު ބަލަން އިނދެފައި ކޮޅަށް ތެދުވުނެވެ. އަދި ތަޅުންގަނޑު މައްޗަށް އެޅިފައި ހުރި ބިއްލޫރިކޮޅުތަކަށް ސަމާލުވަމުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. ބޭރުގައި އުފެދިފައި އޮތް ތޫފާނުގެ ބިރުވެރިކަން އޭނައަށް ތަސައްވަރު ކުރެވުނީ ދެނެވެ. ގަސްތަކުގެ ތެރޭން ފުރީނެގެން ގޮސް ފެންނަން އޮތް އުޑަށް އޭނަ ސަމާލުކަން ދިނެވެ. އޭރު ވިދުންތަކުން އިރުއިރުކޮޅާ އުޑުމަތި އަލިކޮށްލައެވެ. އެއީ އާދައިގެ ތޫފާނެއް ނޫންކަން އޭނައަށް ވަގުތުން ދޭހަވިއެވެ. އޭނައަށް ވާޤިދުގެ އަޑު ވެސް އިވުނީ އެދަނޑިވަޅުގައެވެ.
''އެމީހުން އެއަންނަނީ!...'' ވާޤިދުގެ އަޑު އައީ ޖައުފަރާ ނުހަނު ގާތުންނެވެ. އަޑު އައި ދިމާއަށް ސަމާލުވެލުމާއެކު އޭނަގެ ނުހަނު ގާތުން ވާޤިދު ފާޅުވެގެން ދިޔަ އެވެ. އެމޫނުން އޭނައަށް އިންޒާރުގެ ކުލަވަރުތައް ފެނުނެވެ.
''ޖާބިރު!!!...'' ކުއްލިއަކަށް އިވިގެން ދިޔައީ ހަދީޖާގެ އަޑެވެ. ފަސްއެނބުރި ބަލާލުމާއެކު ޖާބިރަށް ފެނުނު މަންޒަރާއެކު އޭނަގެ މޭގަނޑަށް ފިނިވެގެން ދިޔަ އެވެ. އެނދުގައި އޮތް ޝާޢާ ގަދަ ވޭނެއް ތަހައްމަލު ކުރާ އުސޫލުން ތެޅިފޮޅެނީ އެވެ.
''ކިހިނެއްތަ މިވަނީ؟...'' ބިރުވެރިކަން ވެރިވެފައިވި އަޑަކުން ހަދީޖާ ސުވާލުކުރިއެވެ. ޝާޢާއަށް ވަމުން އައި ގޮތްތައް ފެނި ހަދީޖާ ހުރީ ބިރުގަނެފައެވެ. ހަމައެއާއެކު އޭނަގެ ލޮލުން ކަރުނަ ވެސް ފާޅުވަމުން ދިޔައެވެ.
ތެޅިފޮޅެމުން ދިޔަ ޝާޢާގެ ގާތަށް ޖެހިލުމަށްފަހު ޝާޢާގެ ނިއްކުރީގައި އަތުގެ ފުށަށް ޖައްސާލަމުން ޖާބިރު އެއްޗެހިތަކެއް ކިޔަން ފެށިއެވެ. ނަމަވެސް އޭގެ އަސަރެއް ޝާޢާއަށް ކުރާހެނެއް ހިޔެއް ނުވެއެވެ. އެއާ ޚިލާފަށް ޝާޢާގެ އަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު ނިކުންނަން ފެށިއެވެ. އެހަޅޭކުގެ އަޑު ބޮޑަށް ވައްތަރުވެގެން ދިޔައީ ފިރިހެނަކާއެވެ. ލިބުނު ކުއްލި ސިހުމާއެކު ޖާބިރަށް ބަލާލެވުނީ ޝާޢާގެ މޫނަށެވެ. އޭނައަށް ލިބިފައިވި ނުތަނަވަސްކަން ރީއްޗަށް ޖާބިރުގެ މޫނުން ފާޅުވާން ހުއްޓެވެ.
ގޯތިތެރޭން އިވިގެން ދިޔަ ބާރުއަޑުފަށްގަނޑާއެކު މެދު ގޯތީގައި ހުރި އަނބުގަހަށް ހޮނު އެޅި މަންޒަރު ކުޑަދޮރުން ފެނިގެން ދިޔަ އައެވެ. އެއާއެކު މުޅި ތަނަށް ލޮޅުން އަރައިގެން ދިޔަ ހެން ވެސް ހީވިއެވެ.
''ޖާބިރު ކިހިނެއްތަ މިވަނީ؟...'' ހާދީޖާއަށް އަހާލެވުނެވެ.
ތެޅިފޮޅެމުން ދިޔަ ޝާޢާ އަށާއި ބޭރުން އިވެމުން އައި އަޑުފަށްގަނޑާއެކު ޖާބިރު ހުރީ ސިކުނޑި ސުމަކަށް ދާން ކައިރިވެފައެވެ. ހަދަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގުނެވެ. ކުރިމަތިވެފައި އޮތް ދެނުރައްކަލާ އޭނައަށް އެއްފަހަރާ ކުރިމައްޗެއް ނުލެވޭނެއެވެ. ވާޤިދުގެ މައްޗަށް އަނިޔާވެރިވެފައިވާ މިންވަރާ ހުރެ އޭނައަށް މަކަރުހަދާފާނެކަމުގެ ބިރު ވެސް އެބަ އޮތެވެ. ވާޤިދު އޭނަގެ ނަސްލާ ކުރިމަތިލައި އިންސާނަކަށް އަމިއްލަ ފުރާނަ ޤުރުބާން ކޮށްފާނެކަމާމެދު އޭނައަށް ޝައްކެވެ. ކުރިމަތިލާން ޖެހިފައިވިމަނީ ކާމިޔާބު ނުކުރެވޭނެ ހަނގުރާމައެއްކަން ޖާބިރަށް ރޭކާލީ ދެނެވެ. ނަމަވެސް އޭނަގެ ފުރާނައިން އަތްދޮވެލަން ޖެހުނުކަމުގައި ވިޔަސް ޝާޢާއަށް ސަލާމަތާއި ރައްކާތެރިކަން ދޭން މަސައްކަތްކުރާނެއެވެ. ނުބައި މާރިދުންގެ ވަކިތަކުގެ ތެރޭގައި ޝާޢާ ހައްޔަރުވެގެންދާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެއާއެކު އޭނަގެ ފަހު ކިޔެވެލިކިޔަވަން ފެށީ ޝާޢާއަށް ރައްކާތެރިކަން ދޭން ވެގެންނެވެ.
ބާރުވައިރޯޅިއާއެކު ހީވީ ކޮޓަރި ތެރެއަށް ނަގޫރޯޅިއެއް އަރައިގެން ދިޔަ ހެންނެވެ. މާޒީގެ ބިރުވެރި ހަނދާންތައް ތަކުރާރުވަމުންދާހެން ހަދީޖާއަށް ހީވެއެވެ. އެވެސް މިފަދަ ތޫފާނީ ރެއެކެވެ. ތޫފާނާއެކު އައި ބިރުވެރިކަން މިއަދާ ޖެހެންދެން ވެސް އޭނަގެ ހިތުގެ ތެރޭގައި ބިންވަޅު ނެގިފައި ވެއެވެ. އެބިރުވެރިކަން އަނެއްކާ ވެސް ތަކުރާރުވާން އުޅޭ ފަދައެވެ. ހަދީޖާގެ ދެލޯ ފުރިގެން ދިޔައީ ވޭނީ ކަރުނަތަކުންނެވެ. އޭނަގެ ޢާއިލާގެ ނިމުން އައިސް ޖެހުނީ ބާވައެވެ!
''ކަލޭ ކިތަންމެވަރަކަށް މަސައްކަތްކުރިޔަސް ކާމިޔާބެއް ނުވާނެ!...'' އިވުނު ބާރު އަޑާއެކު ފަސްއެނބުރި ބަލާލީ ޖާބިރަށް ހާބިތުއާއެކު އައިސްފައި އޮތް ބޮޑު ލަޝްކަރު ފެނުނެވެ. ތަފާތު ސިފަތަކުގައި ތިބި ބިރުވެރި މަހުލޫޤުންތަކަކެވެ. އާދައިގެ އިންސާނަކަށް އެމަންޒަރު ފެނުނުނަމަ ކުއްލި ސިހުމާއެކު މީހާ ހުއްޓުމަކަށް އަންނާނެއެވެ.
ލަޝްކަރުގެ ފުރަތަމަ ހަމަލާ އަމާޒުވީ ވެސް ވާޤިދަށެވެ. ވާޤިދު ވެސް އަމިއްލަ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރިއެވެ. އެހެނަސް ބޮޑު ހަޅުތާޅުގަނޑަކަށް ފަހު ވޭނީ ހަޅޭކެއްގެ އަޑާއެކު، ހަށިގަނޑާއި ބޯ ވަކިވެގެން ދިޔަ ވާޤިދުގެ ފުރާނަ ނެތް މަސްގަނޑު ބިންމައްޗަށް ވެއްޓުނެވެ. މުޅި ތަނަށް ލޭގެ ކޯރެއް ފެތުރިގެން ދިޔަ އެވެ. އެމަންޒަރު ފެނުނީ ހަމައެކަނި ޖާބިރަށެވެ. ހަދީޖާއަށް ފެނުނީ އަލިފާންކަނިތަކެއް ބުރައިގެން ދިޔަ މަންޒަރާއި ބާރު ހަޅޭކެއްގެ އަޑު އެކަންޏެވެ.
ދެވަނަ ހަމަލާ އަމާޒުވެގެން ދިޔައީ ހަދީޖާާ އަށެވެ. އެހިނދު ޖާބިރަށް ހަޅޭއްލަވައިގަނެވުނެވެ. ފަންޑިތައިގެ ބާރުން ޖިންނީންނަށް ގެއްލުންދޭން މަސައްކަތްކުރިއެވެ. އެއާއެކު ހަދީޖާއަށް ގެއްލުން ދޭން މަސައްކަތްކުރި ޖިންނީގެ ގައިގައި ހުޅުރޯވެގެން ދިޔައެވެ. ބިރުވެރި ހަޅޭކެއްގެ އަޑާއެކު އޭތި ބިންމައްޗަށް ވެއްޓި މަރަށް ތެޅެން ފެށިއެވެ. މިމަންޒަރު ފެނި ޖިންނިތައް ލައްވަން ފެށީ ވަލުޖަނަވާރުތައް ރުޅިއައުމުން އަރުތެރިން ނެރޭ ފަދަ އަޑުތަކެކެވެ. އެސޮރުމެންގެ ތެރޭގައި ޖާބިރާ މެދު ރުޅިވެރިކަން އުފެދިގެން ދިޔަ އެވެ.
ބިންމައްޗަށް ވެއްޓިފައި އޮތް ހަދީޖާގެ ގާތަށް ދިއުމަށް ޖާބިރު އަވަސްވެގަތެވެ. އޭރު ޝާޢާ އެކަނިކޮށްލެވިއްޖެކަމެއް ޖާބިރަށް ރޭކާ ނުލިއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ސަމާލުކަން ދެވިފައިވީ ހަދީޖާއަށް ވިއްޔާއެވެ. އެދަނޑިވަޅުގެ ބޭނުން ހިފަން ހާތިބު އިޝާރާތް ކޮށްލީ އޭނަގެ ދަރިފުޅު ޒިޔަޒަން އަށެވެ. އަދި ޒިޔަޒަންގެ ހަށިރައްކަލަށްޓަކައި އޭނަގެ އެންމެ ބާރުގަދަ ދެ ހަށިފާރަވެރިންނަށް އިޝާރާތް ކޮށްލިއެވެ. އެއަށްފަހު ޖާބިރާއި ކުރިމަތިލާން ނިކުތީ ހުދު ހާތިބެވެ. އޭނަގެ ދެލޮލުން ބަދަލު ހިފުމުގެ ރޫހު ފާޅުވަމުން ދިޔަ އެވެ.
ޝާޢާ އޮތް އެނދާއި އަރާހަމަކޮށްލި ޒިޔަޒަން ފުން ނަޒަރަކުން ޝާޢާއަށް ބަލާލިއެވެ. އޭރު އޭނަ ކަންފަތުގައި ތަކުރާރުވަމުން ދިޔައީ އިންސީންގެ ދުނިޔެއަށް އައުމުގެ ކުރިން އޭނަގެ ބައްޕަ ދެއްކި ވާހަކަތަކާ މެދުގައެވެ. އެއީ އޭނަގެ ވިސްނުން ހުރި ގޮތާ މެދު ބައްޕަ ހިތްހަމަނުޖެހިގެން ދެއްކި ވާހަކަތަކެއްކަން ޒިޔަޒަންއަށް އިނގެއެވެ. އިންސީންނާ މެދު ރަގަޅު ނަޒަރިއްޔާތަކުން ދެކެން އޭނަގެ ބައްޕަ ބޭނުމެއް ނުވެއެވެ. އެހެނީ އެމީހުންގެ ފުށުން ކުރިމަތިލާން ޖެހުނު ފޫނުބެދޭ ވަރުގެ ގެއްލުންތަކުގެ ސަބަބުންނެވެ. އިންސީންނަކީ ހަމްދަރުދީ ލިބެންޖެހޭ ބަޔެއް ނޫންކަމެވެ. އެމީހުންގެ ސަބަބުން ޒިޔަޒަންގެ ޢާއިލާއަށް ލިބުނު ދެރައާއި ހިތާމަތަކެވެ. ފައިތިލަ ސާބިތުކުރަން ޒިޔަޒަން އެވާހަކަތާމެދު ވިސްނާލިއެވެ.
''ކަލޭ ފަހު ވަގުތު މިއީ... ކަލޭ އާއި ކަލޭގެ އަންހެނުން މަރުވެގެންދާނެ އިހާނެތި ގޮތް ކަލޭގެ ކާފަ ދަރިއަށް މިރޭ ފެންނާނެ...'' ޝާޢާއަށް އިޝާރާތްކޮށްލަމުން ހާތިބު ބުނެލިއެވެ. އެއަށްފަހު އޭނަ ގެނައި ހަރަކާތާއެކު ވޭނީ ހަޅޭކެއްގެ އަޑާއެކު ޝާޢާ ދެލޯ ހުޅުވާލިއެވެ. އޭނަގެ ބޮލަށް ބަރުވެފައިވާވަރުން ފުރަތަމަ ވަށައިގެންވި މާހައުލު ދެނެގަންނަން އިރުކޮޅެއް ނެގިއެވެ. އެއާއެކު އޭނައަށް ގޮވާލެވުނީ ޖާބިރަށެވެ. ބިންމައްޗަށް ވެއްޓިފައި އޮތް މާމަ ފެނުމުން މާމަގެ ގާތަށް ވެސް ދާން ޝާޢާ ބޭނުން ވިއެވެ. ނަމަވެސް އޭނަ އެނދުން ތެދުވާން އުޅުނެއްކަމަކު އޭނަގެ ހަށިގަނޑަށް އަމިއްލަ ބާރެއް ނުފޯރުވުނެވެ. ހީވަނީ ނުފެންނަ ބާރަކުން އޭނަ ހިފަހައްޓަން މަސައްކަތްކުރާހެންނެވެ.
ކޮޓަރިއަށް އައިސްފައިވާ ލޮޅުންތަކާއި ކާފަގެ މޫނުން ފެންނަމުން އައި ބިރުވެރިކަމުގެ އަސަރުތަކުން ޝާޢާއަށް ކޮޓަރިތެރޭގައި ތަމްސީލުވަމުން އަންނަ ކަންތައްތައް ދެނެގަންނަން އިރުކޮޅެއް ނެގި އެވެ. އެއާއެކު އޭނަގެ ހިއްސުތަކުގެ މައްޗަށް ވެރިވެގެން ދިޔައީ ބިރުވެރިކަމާއި ސިހުމެވެ. ހިތުގެ ވިންދު އަވަސްވެ ނޭވާވެސް ފުންވެގެން ދިޔަ އެވެ.
''ދަރިފުޅާ... ކާފައަށް މަޢާފުކުރޭ...'' ޖާބިރުގެ އަޑު ޝާޢާގެ ކަންފަތާ ހަމައަށް ފޯރިއެވެ. ޝާޢާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަންފެށިއެވެ. އޭނަ އިހުނަށްވުރެ ބޮޑަށް ތެދުވާން މަސައްކަތްކުރިއެވެ. އެހެނަސް ހަށިގަނޑުން ހަކަތަ ހުސްވާން ކައިރިވިއިރުވެސް އޭނައަށް ކާމިޔާބެއް ނުލިބުނެވެ.
މުސްކުޅިވެ ގައިގެބާރު ދެރަވެ ބަލިކަށިވެފައިވުމުގެ ސަބަބުން ޖާބިރަށް އޭނަގެ ދިފާއުގައި ކުރެވުނު މާކަ ބޮޑު ކަމެއް ނެތެވެ. ނުވީތާކަށް އޭނަ ހަށިރައްކަލަށް ހަދާފައި ހުރި ކަންތަކުގެ ބާރު ކެނޑި އޭނަ ވީ ނުރައްކަލަށް ހުށަހެޅިފައެވެ. ޝައިތާނުންގެ މަދަދަށް އެދެވުނުކަމުގައި ވިޔަސް އާހިރުގައި އެޖައްބާރުންތައް އޭނައަށް ދިނީ ކެއްސެވެ. ގޮތް ހުސްވެ ބަލިކަށިވެފައިވުމުން ޖާބިރު ބޭނުންނުވިކަމުގައި ވިޔަސް އޭނައަށް އާދޭސްކުރެވުނެވެ. އެއީ އިންސާނީ ތަބީއަތެވެ. އާރާއި ބާރު ލިބިފައިވާ ދަނޑިވަޅުގައި ތިމާގެ ބާރާއި މެދު ފަހުރުވެރިވާނެވެ. ނަމަވެސް ބާރު ގެއްލި ބިކަވާ ދަނޑިވަޅުގައި ތިމާގެ ނަފުސުގެ ނިކަމެތިކަން ތަސައްވަރުކުރެވޭނެއެވެ. އަނެކުންގެ މަދަދަށް އެދި އާދޭސް ކުރެވޭނެއެވެ. އަނިޔާވެރިވެވުނު މީހުންގެ ގާތުން ވެސް މެއެވެ.
''ކަލޭ އާދޭސް ތިކުރަނީ އަހަރެންގެ ހަމްދަރުދީ ލިބޭނެ ކަމަށްތަ؟...'' ހާތިބު މަލާމަތުގެ ހުނުމުގެ އަޑަކާއެކު ބުނެލިއެވެ. ''ކަލޭ ނިކަން ދެކިބަލަ، މަގޭ ފިރިހެންދަރި ކަލޭ ގާތު އާދޭސްކުރި ފަދައިން މިއަދު ކަލޭ ވެސް ތިދަނީ އާދޭސްކުރަމުން... އެދުވަހު ކަލޭ އޭނަގެ އާދޭސްތަކުގެ އަޑު އެހިންތަ؟... ނާހަމެއްނު... މިއަދު ކަލެއަށް ތިކުރިމަތިވާ ކަންތަކަކީ ކަލެއަށް ހައްގު ކަންތަކެއް!...'' ހާތިބު އިއްވާލިއެވެ. ހާތިބު އަތުން ކޮށްލި އިޝާރާތާއެކު ހަތަރެސްފައި ޖަހައިގެން ތިބި ޖިންނީންތަކެއް ނުހަނު ހަލުވި މިނުގައި މިސްރާބު ޖެހީ ހަދީޖާއާ ދިމާއަށެވެ. އެސޮރުމެންގެ ގައިގައި ވަނީ މުޅިން ކެހެރި ފަޅާފައެވެ. ބޮލުން ދަޅުތަކެއް ނިކުމެފައިވާއިރު ނިގުލެއް ވެސް ވިއެވެ. އަނގައިގައިވާ ތޫނު ދަތްތަކުގެ ތެރޭން ދަވަތަކެއް ވެސް ފައިބައެވެ. ޝިކާރައަކަށް ތައްޔާރުވެތިބި އުސޫލުން، ހަދީޖާ ވަށާލައިގެން ތިބީ ހާތިބުގެ އިތުރު އިރުޝާދަކަށް ސަމާލުވެއެވެ. މިމަންޒަރު ފެނުނު ޖާާބިރު ކުރިއަށް ދާން މަސައްކަތްކުރިކަމުގައި ވިޔަސް ކާމިޔާބެއް ނުލިބުނެވެ. އެއާއެކު އޭނައަށް އަނެއްކާ ވެސް އާދޭސްކޮށްލެވުނެވެ. ރަހުމުކުރުމަށް އެދި ބުނެލެވުނެވެ.
ޝާޢާއަށް ވެސް ހާތިބުގެ އިޒުނައާއެކު ޖަނަވާރުތަކެއްގެ ވަކިތަކުގެ ދަށުވެ މިފަނާވަނިވި ދުނިޔެ ދޫކޮށް ދިޔަ ހަދީޖާގެ ބިރުވެރި މަރު ސިފަވެގެން ދިޔަ އެވެ. ފެނުނު މަންޒަރާއެކު މުޅި މީހާއަށް ލިބުނު ޝޮކާއެކު ޝާޢާގެ މުޅި ހަށިގަނޑު ހުއްޓުމަކަށް އައެވެ. އޭނަގެ ދެލޮލުން ފައިބައިގެން އައި ހޫނު ކަރުނައައާއެކު މުޅި ތަން ފުސްވެގެން ދިޔަ އިރު ވެސް އޭނަގެ ސިކުނޑި ދިޔައީ އެކަންތައް ތެދު ކުރަން މަސައްކަތްކުރަމުންނެވެ. ޖިންނީންގެ ނުބައި ކުޅިވަރުގަނޑެއްގެ ތެރޭގައި އޭނަ ބަނދެވިފައިވާކަމާއި އެކަމުގައި ހުރި ބިރުވެރިކަން ރަގަޅަށް ތަސައްވަރު ކުރެވުނީ ވެސް ދެނެވެ. ދެލޯ މަރާލި ޝާޢާގެ ދުލުން ވޭނީ އާހަކާއެކު ގިސްލުމުގެ އަޑު ބޭރުވެގެން ދިޔަ އެވެ. އޭނަގެ ހިތުގައި އެޅި ވޭނާއެކު މޭގެ ތެރޭގައި ހައިޖާންގަނޑެއް އުފެދުނެވެ.
ޝާޢާގެ ކައިރީގައި ސަމާލުވެލައިގެން ހުރި ޒިޔަޒަންއަށް ޝާޢާގެ ވޭނީ ގިސްލުމުގެ އަޑާއެކު ބަލާލެވުނެވެ. ބާރަށް ރޮމުން ދިޔަ ޝާޢާ ހީވަނީ ގަދަ ވޭނެއް ތަހައްމަލުކުރަމުންދާ ހެންނެވެ. ހިލަހިތެއްގެ ވެރިއަކަށް ވެސް އެކަރުނަތަކާއި އުދާސްތަކުން އަސަރުނުކޮށް ނުދާނެއެވެ. އިރުކޮޅަކަށް ވިޔަސް ޒިޔަޒަންގެ ހިތަށް ވެސް އެރުއިމުގެ ސަބަބުން އަސަރުކުރިއެވެ. ނަމަވެސް ހިތުގައި އުފެދުނު ހަމްދަރުދީގެ މައްޗަށް އޭނަ ބާރުފޯރުވިއެވެ. އެހެންނޫންނަމަ ހަޤީޤީ މަޤްޞަދުން އޭނަގެ ހިތް ދީލައިލާނެތީ އެވެ. ފާޅު ނުކުރިކަމުގައި ވިޔަސް ބައްޕަގެ ރަހުމުކުޑަކަށް ފެނި ޒިޔަޒަންއަށް ޝޮކެއް ލިބިފައި ވިއެވެ.
މުޅި ތަނަށް ލޭގެ ކޯރެއް ފެތުރިފައި އޮތެވެ. އޭރުވެސް މިނިކާ ޖަނަވާރުތަކެއްގެ ސިފައިގައި ތިބި ޖިންނީންގެގެ ހަމަލާތައް ހަދީޖާގެ ފުރާނަނެތް މަސްގަނޑަށް އަމާޒުވެފައި ވެއެވެ. ވާރެއާއެކުވެ އިވެމުން ދިޔަ ޝާޢާގެ ރުއިމުގެ އަޑު ނޫން އަޑެއް ކޮޓަރީގައި ނުވެއެވެ. ޖާބިރު ވެސް ހަށިގަނޑުގެ ވަރު ދޫވެ ދެކަކޫ މައްޗަށް ތިރިވެވުނު ގޮތަށް އިނީ މުޅި މީހާ ހިމޭންވެފައެވެ. އޭނަގެ ދެލޮލުގައި ކަރުނައިގެ އަސަރު ވިއެވެ.
ޖާބިރު ނިކަަމެތިވެފައިވާތަން ފެނި ހާބިތަށް ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން އޭނަގެ ތުންފަތަށް ވެރިވި މަލާމާތުގެ ހިނިތުންވުމުން ފާޅުކޮށްދެއެވެ. ހާތިބު، އިސްޖެހިފައި އިން ޖާބިރުގެ ބޮލުގެ ފުއްކިބައިގައި ހިފައި އިސްއުފުލުވާލިއެވެ. ޖާބިރާއި ހަތަރުކަޅި ބައްދަލުވި ހިނދު އޭނައަށް އެދެލޮލުން ބިރުވެރިކަން ފެނުނެވެ. ހަމައެއާއެކު އެބިރުވެރިކަމުގެ ފަހަތުގައި ފޮރުވިފައިވި ހަޤީޤީ ސަބަބު ވެސް މެއެވެ. އެއާއެކު އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފުން ވިއެވެ. އޭނަ ދެން ބަލާލީ ޝާޢާ އަށެވެ.
''މިއަދު ކަލެއަށް ތިލިބެނި ހައްގު ސަޒާތަކެއް، ކަލޭ ވަރަށް މަސައްކަތް ކުރީމެއްނު އަހަރުމެންގެ ފަރަތުން ކަލޭގެ ކާފަ ދަރި ސަލާމަތްކުރަން، އެކަމަކު ދެން ކަލެއަށް އެކަމެއް ހާސިލެއް ނުކުރެވޭނެ، އޭނަގެ ނިމުން އަންނާނީ އަހަރުމެންގެ ފަރާތުން އަނިޔާ ލިބޭ ހާލުގައި ތެޅިތެޅި އޮވެ...'' ޖާބިރުގެ ކަރުގައި ހިފާ ބާރުކޮށްލަމުން ހާބިތު ރުޅިވެރިކަމާއެކު ވާހަކަދެއްކިއެވެ. އަދި ލުއި ފަތެއް ބިންމަތިން އުފުއްލާލާ ބީދައިން ޖާބިރުގެ ހަށިގަނޑު މައްޗަށް އުފުއްލާލިއެވެ. ކަރަށް ބާރުވަމުން ދިޔަ އިނގިލިތަކާއެކު ނޭވޭނުލެވިގެން ޖާބިރު ތެޅިފޮޅެން ފެށިއެވެ.
ޖާބިރުގެ ފުރާނަ ހުސްވެދާނެހެން ހީވެ މޫނުމައްޗަށް އަނދިރިވިތަނާ ހާތިބު ލުއެއް ދިނެވެ. އެއަށްފަހު ދެލޯމަރާލައިގެން އޮވެ ރޮމުން ދިޔަ ޝާޢާގެ މައްޗަށް ބާރުގެ ބޭނުންކޮށްގެން ޖާބިރު އޭނަގެ ނިމުމާއި ކުރިމަތިލިތަން ދައްކާލިއެވެ.
ކުއްލިޔަކަށް ބާރުވި އިނގިލިތަކާއެކު ނޭވާ ހާސްވެ ޖާބިރު ތެޅިފޮޅެން ފެށިއެވެ. ނޭވާ ހޮޅިން ހުސްވި ހިނދު އޭނަގެ އަނގަ ހުޅިވި ދޫވެސް ބޭރު ވެފައި ވި އެވެ. ދެލޮލުގެ ކަޅި އަރާފައިވިއިރު އޭނަގެ މޫނުގެ ކުލަވަރު ހުދުވެފައި ވި އެވެ. ހަރަކާތްތައް ހުއްޓި މުޅި މީހާއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެއާއެކު ޖާބިރުގެ ހަށިގަނޑުން ހާތިބު ދޫކޮށްލިއެވެ.
ރޮވެމުން ދިޔަ ޝާޢާގެ މޫނަށް އަނދިރިވަމުން ދިޔަ އެވެ. އޭނަގެ ލޯ މެރެމުން ދިޔަ ހިނދު ގާތަށް މީހަކު ހުއްޓުނު ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާއެކު އެސްފިޔަތަކަށް ބަރުވެފައިވުމުން އޭނައަށް އެއްވެސް ކަމެއް ރަގަޅަށް ފަހުމެއް ނުވިއެވެ.
*****
ކަންވެ ނިމެންދެން ސިއްރުން ހުރިހާކަމެއް ބަލަން އިފުރީތު ހުރީ ގޭގެ މެދުގޯތީގައި ހުރި އަނބުގަހުން ގޮފިގަނޑެއްގައެވެ. އެސޮރުގެ މޫނުމަތިން ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ފެނިގެން ދިޔައީ ހާތިބުއާއެކު އައިސް ތިބި ބައިގަނޑު ޝާޢާއާއެކު ގެއްލުމުންނެވެ. އިރުކޮޅެއް ވަންދެން އެމަންޒަރު ބަލަން ހުރެފައި އޭނަ ވައިގެ ތެރެއަށް ގެއްލުނީ އަޒުމެއްގެ މަތީގައި ހުރެއެވެ.
*****
ކުރިމަތިވެފައިވި ގަދަ ތޫފާން ހަމަހިމޭން ވެގެން ދިޔައީ ފަތިސް ވީ ފަހުންނެވެ. ވެހުނު ބޯ ވާރޭގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ވަނީ ފެން ބޮޑުވެފައެވެ. ހަމައެއާއެކު ގަދަ ވައިގެ ސަބަބުން ގެތަކަށް އެކިވަރުގެ ގެއްލުންތައް ވެފައި ވެއެވެ. އިރު ފެނުން ތޮޅެލުމާއެކު ރަށުގެ ރަށްވެހިންތައް އަވަސްވެގަތީ ތޫފާނުން ލިބުނު ގެއްލުންތަކުގެ ތަފާސްތައް އެއްކުރާށެވެ.
ހެނދުނުހެނދުނާ ހޭލައިގެން ހައްވާފުޅު ނުކުތީ ގޯއްޗަށް ލިބިފައިވާ ގެއްލުންތައް ދިރާސާ ކުރުމަށެވެ. އޭނަ ހައްދާފައި އޮތް ބަގީޗާ ބިމާ ހަމަވެފައިވާތަން ފެނި އިރުކޮޅެއް ވަންދެން އެދިމާއަށް ބަލަހައްޓައިގެން ހުރެވުނީ މާޔޫސް ކަމާއެކުގައެވެ. މަރުވެފައި ހުރި ބަގީޗާ ގަސްތަކާއި އޭނަގެ ނަޒަރު ވަކިވެގެން ގޮސް ހުއްޓުނީ ކުރިމައްޗަށް ހުރި ''މަރިޔާދު'' ގެއަށެވެ. އެގެއަށް އާދަޔާ ޚިލާފަށް ތޫފާނުގެ ގެއްލުން ލިބިފައިވާ ފަދައެވެ. ގޯތީގައިވާ އަނބުގަހަށް ހޮނުއަޅާފައިވިއިރު މައިދޮރާށިި މައްޗަށް އަރުވާފައި އޮތް ބޯގަންވިލާ ގަސް އޮތީ ބިމާ ހަމަވެފައެވެ. އެގޭގެ މައިދޮރާށި ވެސް އޮތީ ވެއްޓިފައެވެ. ހަދީޖާއަކީ ހައްވާފުޅުގެ ގާތް ރަހުމަތްްތެރިޔަކަށް ވާތީ ޚަބަރުދަބަރު އޮޅުން ފިލުވަން އޭނަ އަވަސްވެގަތެވެ.
ގޯތި ތެރެއަށް ނަޒަރު ހިންގަމުން ކުރިއަށް ދިޔަ ހައްވާފުޅުގެ ހިތުގައި ސުވާލުތައް އުފެދިފައި ވިއެވެ. ހަދީޖާއާއި ޖާބިރު ކޮބާ ބާވައެވެ. އެދެމަފިރިންނަކީ ކޮންމެ ދުވަހަކު ފަތިހާ ހޭލާ ދެމަފިރިންނެވެ. ނަމަވެސް މިއަދު ކަންތައް މިވަނީ ދިމާ އޭގެ އިދިކޮޅަށެވެ. ހަމައެއާއެކު ހެނދުނު އޮފީހަށް ދާން ތެދުވާ ޝާޢާގެ ހިލަމެއް ވެސް ނުވެއެވެ. ހައްވާފުޅަށް ލިބިފައިވި ހައިރާންކަމާއެކު އަމިއްލަ ހިތާ ސުވާލުކުރަމުން ގޮސް ގޭގެ މައިދޮރުގައި ޓަކިދޭން އަތް ހިއްލާލިއެވެ. ޓަކިދޭން އޭނަ ދޮރުގައި އަތް ޖައްސާލުމާއެކު ކުއްލިޔަކަށް ހުޅުވިގެން ދިޔަ ދޮރާއެކު އޭނައަށް ލިބިފައިވި ހައިރާންކަން އިތުރުވެގެން ދިޔަ އެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ގޭތެރެއިން ވާހެނެއް ހިޔެއް ނުވެއެވެ. އޭގެ ސަބަބުން ހިސާބަކަށް ހައްވާފުޅު ބިރުވެސް ގަތެވެ. އެއީ ދުވަހަކު ވީ ކަމަކަށް ނުވާތީއެވެ.
''ހަދީޖާ؟... ޖާބިރު؟...'' އެތެރެއަށް ވަންނަމުން ހައްވާފުޅު ގޮވާލިއެވެ. އޭނަ ދެތިން ފަހަރު ގޮވާލިކަމުގައި ވިޔަސް ޖަވާބެއް ނުލިބުނެވެ. މުޅި ގެއަށް ނަޒަރު ހިންގާލުމާއެކު އޭނައަށް ހާސްކަމެއް ލިބުނެވެ. މުޅިތަނުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ހީވަނީ ކުޑަވަރެއްގެ ނަގޫރޯޅިއެއް އަރާފައިވާހެންނެވެ.
''ސުބުހާނައްﷲ... ކިހިނެއް ވެފަތަ މިއޮތީ؟...'' ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ދެމުން ހައްވާފުޅު އޭނަގެ ހިތާއި ސުވާލުކޮށްލިއެވެ. އޭރު އޭނަ ހުރީ ރަގަޅަށް ވެސް ބިރުގެންފައެވެ. ފެންނަމުން ދިޔަ މަންޒަރުތަކުގެ އަސްލު ނަގަންވީ ކިހިނެއްކަން ނޭގޭތީއެވެ. ރޭ ވަގުންތަކެއްގެ ހަމަލާއެއް ޖާބިރުމެނަށް އަމާޒުވީ ހެއްޔެވެ؟
''ހާދީޖާ...''
ކަންބޮޑުވެފައި ހުރި އަޑަކުން ހައްވާފުޅު ގޮވާލިއެވެ. އަދި ބިންމައްޗަށް އެޅިފައި ހުރި ބިއްލޫރި ކޮޅުތަކަށް ސަމާލުވަމުން ހިނގައިގަތީ ހަދީޖާގެ ކޮޓަރިއާއި ދިމާއަށެވެ. ނަމަވެސް އޭނަގެ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލަން ޖެހުނީ ޝާޢާގެ ކޮޓަރިއާއި ހަރާހަމަވި ހިސާބުންނެވެ. އެކޮޓަރީގެ ދޮރުފަތުގެ ދަށުން ދެމިގެން ގޮސްފައިވާ ލޭގެ ކޯރު ފެނި އޭނައަށް އަނގަމަތީ އަތްއަޅާ ލެވުނީ ބޭއިހްތިޔާރުގައެވެ. ހުރިފިޔަވަޅުމަތީ ގަނޑުވެފައި އޭނައަށް ހުރެވުނެވެ. އޭނަގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދި އިހުނަށްވުރެ ބޮޑަށް ބިރުގަތެވެ. ތެޅިތެޅި އޮތް ހިތުގެ މައްޗަށް ބާރުފޯރުވާ ހާލުގައި އޭނަ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާ އަނބުރާލުމަށްފަހު އެތެރެއަށް ކޮއްޕާލި އެވެ. އެހިނދު އޭނައަށް ފެނުނު މަންޒަރާއެކު އޭނައަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަދީޖާ އޮތް ހާލު ފެނި އޭނައަށް ވިސްނަން ގިނައިރަކު ކޮޅަކަށް ވެސް ނުހުރެވުނެވެ. މޫނުމައްޗަށް އަނދިރިވެ އޭނަ ހޭނެތިގެން ވެއްޓިއްޖެ އެވެ.
*****
ފަތުއަޑު ކިޔާފައި ރަށުތެރެއަށް ފެތިރުގެން ގޮސްފައި ވަނީ ހަދީޖާ އާއި ޖާބިރުގެ ގަތުލުގެ ވާހަކައެވެ. ހައިރާންކުރުވަނިވި ސުވާލުތަކުގެ ފުންޏެއް އުފައްދާލާފަ އެވެ. ރާއްޖޭގެ މީޑިއާ ތަކުގެ ފަލަ ސުރުހީތަކަށް ވެސް ލަސްތަކެއް ނުވެ އެޚަބަރު އެރިއިރު ރަށަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. ހަދީޖާއާއި ޖާބިރު މަރުން ރަށުގެ ގިނަ ބަޔަކަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމައެއާއެކު ހަދީޖާއަށް ލިބިފައިވި ޒަހަމްތަކާމެދު ވިސްނަންވީ ކިހިނެއްކަމާމެދު ސިކުނޑިތަކަށް ނުކުޅެފިދައިވާ ކަހަލަ އެވެ. މަންޒަރު ފެނުނު މީހުން ވެސް ތިބީ ޝޮކެއްގައެވެ. އެފަދަ ރަހުމުކުޑަ ގޮތަކަށް އިންސާނަކު މަރާލަން އަނެއް އިންސާނަކަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ރުޅިވެރިއަމަލެއް ހިންގަން އެދެމަފިރިން ކުރީ ކޮންކުށެއް ހެއްޔެވެ؟ ހަމައެއާއެކު ވާނުވާ ނޭގި ޝާޢާ ގެއްލުނު ޚަބަރުން ވެސް މުޅި ރަށް ބިރުގަންނަވާލައިފި އެވެ.
*****
ރަށުގައި ހިނގައިގެން އުޅޭ ކަންތަކުގެ ހިލަން ޔޫނުސްއަށް ވީ އައިޝާގެ ފޯނުކޯލުންނެވެ. އޭރު ޔޫނުސް އުޅުނީ ގޭގެ ބަދިގޭގެ ފުރާޅަށް ލިބިފައިވި ގެއްލުމެއް މަންމަގެ އުދުމުގެ މަތިން މަރާމާތު ކުރާށެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު އޭނަ ކުރަން ހުރި މަސައްކަތް މަޑުޖައްސާލުމަށްފަހު ފޯނުނަގައި ހަލޯއޭ ބުނެލި އެވެ. ބިރުވެރި ޚަބަރެއް ލިބެން އުޅޭ ކަމުގެ ހިލަން އޭނައަށް ވީ އައިޝާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ރޮމުން ގިސްލަމުން އައިޝާ ކަންތައް ވެގެން އުޅޭ ގޮތް ސާފުކޮށްދިނުމާއެކު ޔޫނުސްގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެ އެވެ. އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވި ކަހަލައެވެ. މޭގެ ތެރޭގައި އޮތް ހިތުގެ ތެޅުން އަވަސްވި ހިނދު ބިރުވެރިކަން އޭނަގެ މުޅި ޖިސްމަށް ފޭދި ނިމިއްޖެ އެވެ. ނިކަން ހަލުވިމިނުގައި ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު އޭނަ ދުއްވައިގަތީ ސައިކަލުގެ ތަޅުދަނޑި ނަގަން ކޮޓަރިއަށެވެ. ދިޔަތާ އިރުކޮޅެއް ވެސް ނުވަނީސް ދެން ފެނުނީ ސައިކަލަށް އަރައި ސްޓާޓްކޮށްލުމަށް ފަހު ދުއްވާލިތަނެވެ.
ދަރިފުޅުގެ ހަރަކާތްތަކަށް ބަލަން ހުރި ޝާހިދާއަށް ލިބިފައިވީ ހައިރާންކަމެވެ. އޭނަ ގޮވާލުމުން ވެސް ޔޫނުސް މަޑުނުކޮށް ދިއުމާއެކު އޭނަ ހުރީ ސުވާލުމާކުތަކެއްގެ ތެރެއަށް ގެއްލިފަ އެވެ. އެހެން ހުންނަތާ އިރުކޮޅެއްވީ ފަހުން ގޭގެ ގޭޓު ލައްޕާލެވުނު އަޑަށް ޝާހިދާގެ ނަޒަރު އެދިމާއަށް ދަތުރުކޮށްފި އެވެ.
''ވަރުގަދަ އަޑެއް އަރައިގެން އެބައުޅޭ...'' ޝާހިދާ ފެންނައިރަށް އޭނަގެ ފިރިމީހާ ހުސޭން ވާހަކަދެއްކިއެވެ. ''ޔޫނުސް އޮފީހުގަ އުޅޭ އަންހެންކުއްޖެއްގެ ކާފައާއި މާމާ ރޭ މަރާލައިގެން މުޅި ރަށް ހަލަބޮލިވެފައި އޮތީ، މިހާރު ފުލުހުން ވެސް އައިސް މުޅި ހިސާބުގަނޑު ބަންދުކޮށްގެން އެމީހުންގެ ތަހުގީގު ފަށައިގެން އެބައުޅޭ...''
ހުސޭން މައުލޫމާތު ސާފުކޮށް ދިނެވެ. އަދި އޭނައަށް ތުންތުން މަތިން އިވިފައިވާ ހާދިސާގެ މައުލޫމާތު ވެސް ދޭން ފެށިއެވެ.
''އަންހެން ކުއްޖާ ވެސް ގެއްލިގެން އުޅެނީ... މީހުންް އެބަކިޔާ އޭނަ ރަހީނުކުރީ އޭ ވެސް... އޭނަގެ މާމަގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތައް ވެސް ލިބިފައިވޭ، މަންޒަރު ދުށް މީހަކު ބުނީ ބޮޑަށް ވައްތަރީ ކަތިވަޅިއެއް ފަދަ އެއްޗަކުން ހަމަލާދީފައިވާކަމަށް، ދެން އޭނަގެ ކާފާ ކަރު ބިންދާލާފަޔޯ އޮތީ........'' ހުސޭން ވާހަކަ ދައްކަމުން ގޮސް އަސްކަނީގައި ހުރި އުނދޯލީގައި އިށީނެވެ.
''ކީކޭ ދެން ބުނާނީ، މިހާރު މިއުޅޭ ގުރޫޕުތަކުގެ މީހުންގެ އިންސާނިއްޔަތުކަމެއް ވެސް ނުހުރޭ... ވައްކަންކުރަން ވަދެ ކޮންމެ ފަދަ ޖަރީމާއެއް ވެސް ހިންގަން އެމީހުން ފަސްނުޖެހޭނެކަން އަންގަދީފި...'' ހުސޭން ދެފަރާތަށް ބޯހޫރާލަމުން ވާހަކަދެއްކި އެވެ.
*****
ޔޫނުސް އޭނަގެ ސައިކަލު މަޑުކޮށްލީ މީހުން އެއްވެފައި ތިބި ހިސާބައި ތަންކޮޅެއް ދުރަށެވެ. ސައިކަލުގެ ހަރުޖައްސާލަމުން އަވަސްއަވަހަށް ތަޅުދަނޑި ނަގައިގެން އޭނަ މިސްރާބު ޖެހީ އެއްވެފައި ތިބި މީހުންތަކާ ދިމާއަށެވެ. އެބައިގަނޑުގެ ތެރޭން ފުރޭނިގެން ގޮސް އޭނަގެ ނަޒަރު ހުއްޓުނީ މީހުނާ އެއްފަރާތްވެލައިގެން ހުރި އައިޝާއާ އެވެ. އޭރު އައިޝާގެ ގާތުގައި އޭނަގެ ގާތް ރަހުމަތްތެރިންނާއެކު އޭނަގެ މައިންބަފައިން ވެސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ސިހުމެވެ.
''ވަޓް ހެޕެންޑް؟...'' ފިޔަވަޅުތަކުގެ މިސްރާބު އައިޝާމެން ތިބި ދިމާއަށް ބަދަލުކޮށްލަމުން ޔޫނުސް ސުވާލުކުރީ އައިޝާއާ އެވެ. އޭރު ވެސް އައިޝާ ދިޔައީ ރޮމުންނެވެ. ޔޫނުސް ފެންނައިރަށް އޭނަ ޔޫނުސްގެ ގައިގައި ބައްދާލަމުން ގިސްލާން ފެށިއެވެ. ޝާޢާއަށް ވީނުވީއެއް ނޭގުނުތާ އިހާނެތިކޮށް މަރާލެވިފައިވާ ޝާޢާގެ ކާފާއާއި މާމަގެ ވާހަކަ އައިޝާ ކިޔައިދިނީ ގިސްލަމުންނެވެ. ހާދިސާގެ ފުންމިން އެނގުނު ވަރަކަށް ޔޫނުސްގެ މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔަ އެވެ. ދެލޯ މަރާބާރުކޮށްލެވުނު ހިނދު އޭނަގެ ހިތުގެ ދުލުން ޝާޢާއަށް ގޮވާލެވުނެވެ. ހިތުގައި ގަދަ ވޭނެއް އުފެދިގެން އައީ އެދަނޑިވަޅުގައެވެ. ޝާޢާއަށް ޓަކައި އޭނަގެ ހިތް ރޯލިއެވެ. ޝާޢާ ވާނީ ކޮން ހާލެއްގައިކަމެއް ވެސް އެނގެނީކީ ނޫން ވިއްޔާއެވެ. އެމައުސޫމް އަންހެންކުއްޖާއާ މެދުގައި ޔޫނުސްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޝާޢާއަށް ގެއްލުމެއް ވާކަށް އޭނަގެ ހިތެއް ނޭދެއެވެ.
''މީހުން ބުނަނީ ޝާ ރަހީނުކުރީއޯ...'' ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އައިޝާ ބުނެލިއެވެ. އޭނަ ހުރީ އޭނަގެ އެންމެ ގާތް އެކުވެރިޔާއަށް ދިމާވި ހިތްދަތި ހާދިސާ ޤަބޫލުކުރަން ނުހަނު އުނދަގޫ ވެފައެވެ. އެހެނަސް ހަމަ ލޮލަށް ފެންނަން ހުރި ހަޤީޤަތްތައް ދޮގުކުރާނީ ފަހެ ކިހިނެއް ހެއްޔެވެެ؟
''ތިހެން ވިސްނާކަށް ނުވާނު، އެމީހުންގެ އަތްދަށުން ޝާ ފިލާ ވެސް ފާނެއެއްނު...'' ޔޫނުސް ބޭނުންވީ އެގޮތް ޤަބޫލުކުރާށެވެ. ފަހަރެއްގައި ވެސް ރަހުމުކުޑަ ބައެއްގެ އަތްދަށުވެ ޝާޢާ ހަފުސްވާކަށް އޭނަ ބޭނުމެއް ނޫނެވެ. އުއްމީދުގެ ފަހުގެ ވާފަށުގައި އޭނަ ހިފަހައްޓާލައިގެން ހުރީ ދޫކުރަން ނޭދޭ ހާލުގައެވެ. ތަކުރާރުކޮށް އޭނަގެ ހިތަށް ވިސްނައިދިނީ ޝާޢާ ހެޔޮހާލުގައިވަނިކޮށް އޭނައާއި ބައްދަލުކުރާނެކަމަށެވެ. އެއަތުގެ ހިމާޔަތާއި ރައްކާތެރިކަން ޝާޢާއަށް ދިނުމަށެވެ. ހުރިހާ އުދާސްތަކެއް ދިރުވާލަން ޔޫނުސް މަސައްކަތްކުރި އެވެ.
''އަހަރެން ވެސް ބޭނުންވަނީ ތިހެން ވާން... އެކަމަކު... އެކަމަކު އެފަދަ ބައެއްގެ އަތްދަށުން ސަލާމަތްވެވިދާނެތަ... އެއީ އިންސާނުންގެ ދަރަޖައަށް ފެތޭނެ ބައެއް ނޫން، ކީއްވެތަ މި ފަދަ ދެރަ ގޮތެއް ވާންވީ؟؟؟...'' އައިޝާއަށް ބުނެލެވުނެވެ.