''އަދި ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަމާ، އަހަރެން ޝާ ރައްކާތެރިކަމާއެކު ގެއަށް ގެންގޮސް ދީފާނަމޭ...'' ޔޫނުސް ބުނެލިއެވެ.
ޔޫނުސްގެ އެދުމަށް ނޫނެކޭ ބުނަން ޝާޢާގެ ހިތް ދެކޮޅު ހެދިއެވެ. އެއާއެކު ދެވަނަ ވިސްނުމަކަށް ދާން އޭނަ ބޭނުމެއް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހާލީ ޔޫނުސްގެ ހުށަހެޅުން ޤަބޫލުކޮށްފިކަން އަންގައިދިނުމަށެވެ. ޝާޢާގެ ޖަވާބުން ޔޫނުސްގެ ހިނިތުންވުން އިތުރަށް ފުން ވިއެވެ. ޝާޢާއަށް ބަލަން އިނދެފައި ޔޫނުސް އޭނަގެ ފުރިހަމަ އިސްކޮޅަށް ތެދުވުނެވެ. އަދި އޭނަ އަރައިގެން ހުރި ބޫޓު ފައިތިލައާއި ވަކިކޮށްލަމުން އިސްޓާކީނު ވެސް ބޭލިއެވެ. އެއަށްފަހު ބޫޓު މަތީގައި އިސްޓާކީނު ބާއްވާލަމުން އޭނަގެ ފަޓުލޫނުގެ ފައިކުރި ވެސް ތަނބިކަށިން މައްޗަށް އޮޅާލިއެވެ. ދެން އޭނަގެ އަތްތިލަ ޝާޢާއަށް ދިއްކޮށްލިއެވެ.
ޔޫނުސްގެ ކޮންމެ ހަރަކާތަކަށް ބަލަން އިން ޝާޢާއަށް އޭނަގެ ނިތް އަރުވާލެވުނީ ޔޫނުސްގެ ބޭނުން ނަގައިނުގަނެވުނީތީއެވެ.
''މިތާ ތިބެ ފޫހިވެއްޖެ... ރާޅުފަށުގައި ހިނގާލަން ދާން ހިނގާބަލަ....'' އަތުގައި ހިފުމަށް ޝާޢާއަށް އިޝާރާތްކުރަމުން ޔޫނުސް ވާހަކަދެއްކިއެވެ. ޝާޢާ ވެސް ހިނިތުންވުމަކާއެކު ޔޫނުސްގެ އަތުގައި ހިފުމާއެކު، ޝާޢާ ކޮޅަށް ތެދުވުމުގައި ޔޫނުސް އެހީތެރިވެ ދިނެވެ.
ދެލޯބިވެރިން ރާޅުފަށުގައި ހިނގަމުން ދިޔައީ ފައިތިލަތަކުގެ ނިޝާންތައް ރާޅުތަކާ ހަވާލުކުރަމުންނެވެ. ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އިރު އެދެމެދުގައި އޮތް ގުޅުމަށް އާރޯކަން ގެނުވަމުން ދިޔައެވެ.
އިރުގެ ވަދާއީ ސަލާމާއެކު މާހައުލު އޮތީ ހަމަހިމޭން ވެފައެވެ. ގޮނޑުދޮށަށް އެއްވެފައި ތިބި މީހުންތައް ވެސް މެހެފިލް ދޫކޮށް ދާން ފެށުމާއެކު ފަޅުކަން ވެރިވާން ފަށައިފިއެވެ. އެހިނދު މުޅި ފަޒާގެ ތެރޭގައި މަޣުރިބު ނަމާދުގެ ބަންގީގެ އަޑު ގުގުމާލައިގެން ދިޔައެވެ. ހުވަފެނީ ދުނިޔެއަކަށް ފީނެމުން ދިޔަ ޝާޢާއަށް ސިހުން ގެނުވީ އެދަނޑިވަޅުގައެވެ. ކަންފަތް ދޮށުގައި ސިއްރެއް ބުނެލާފައި ދިޔަ ރޯޅީގައި ފިރިހެނެއްގެ އަޑު އެކުލެވިފައިވި ކަހަލައެވެ. ވެރިވެގެން އައި ނުތަނަވަސްކަމާއެކު އޭނައަށް ފަސްއެނބުރި ބަލާ ލެވުނެވެ. ނަމަވެސް އޭނައަށް މީހަކު ނުފެނުނެވެ. ނުވީތާކަށް ވެރިވާން ފަށާފައި އޮތް އަނދިރިކަމުން އޭނަގެ ހިތަށް ބިރުވެރިކަން ވެސް ފޭދުނެވެ. އޭނައަށް ޔޫނުސްގެ އަތަށް ބާރުކޮށްލެވުނެވެ.
''ވަޓްސް ރޯންގް...'' ވަށައިގެންވި މާހައުލަށް ޝާޢާ ބަލާތީ ޔޫނުސްއަށް އަހާލެވުނެވެ. ޝާޢަގެ އަމަލުތަކުން އޭނަ މީހަކު ހޯދަން އުޅޭ ކަހަލައެވެ. ޔޫނުސްއަށް ހައިރާންކަން ލިބުނީ އެސަބަބާ ހުރެއެވެ. އެތާނގައި ތިބީ ހަމައެކަނި އެދެޒުވާނުންނެވެ.
''ހިނގާ ދަމާ... މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ...'' ނުތަނަވަސްކަން ވަންހަނާކުރަން އުޅޭ ހާލު ޝާޢާ ބުނެލިއެވެ. އޭރު ވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ކަމެކެވެ. އެއީ ވަހުމެއް ބާވައެވެ! ނޫނީ ހަޤީޤަތެއް ހެއްޔެވެ؟ ޔަޤީނުން ވެސް އޭނައަށް އެއަޑު އިހުސާސް ކުރެވުނެވެ. އެވެސް ނުހަނު ގާތުންނެވެ. ވިސްނެމުން ދިޔަ ވަރަކަށް ޝާޢާގެ ހިތުގެ ތެޅުން އަވަސް ވާން ފެށިއެވެ. އޭނަ ހުރީ ވީހާ ވެސް އަވަހަށް އެތަނުން ދާން ބޭނުން ވެފައެވެ. އިތުރަށް މަޑުކޮށްފިނަމަ ބިރުވެރިކަމަކާއި ލައިގެންފާނެކަމުގެ ހާސްކަން ކުއްލިއަކަށް އޭނަގެ ހިތަށް ސަވާރުވާން ފެށުމުންނެވެ.
''މިހާރު ވަރަށް ގިނަ އިރު މަޑު ކުރެވިއްޖެއެއްނު...'' އަނެއްކާ ވެސް ޝާޢާ އޭނަގެ އެދުން ތަކުރާރުކޮށްލިއެވެ. ޝާޢާއަށް ކަމެއް ވެއްޖެކަން ޔޫނުސްއަށް ފާހަގަކުރެވުނެވެ. ސުވާލުކުރުމުން ވެސް ޝާޢާ ތަކުރާރުކުރީ ހަމަ އެންމެ ޖަވާބެކެވެ. ލަސްވެއްޖެކަމަށާއި އޭނަ އަވަހަށް ގެއަށް ގެންގޮސް ދިނުމަށެވެ. އެންމެފަހުން ޔޫނުސް ޝާޢާ އެދުނު ފަދައިން ކަންތައް ކޮށްދިނެވެ. ޝާޢާގެ މިޒާޖަށް އައި ކުއްލި ބަދަލު އެނގެން އޭނަ ހުރީ ބޭނުންވެފައެވެ. އޭނަ އެސުވާލުތައް ކުރީ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.
''އޭރު ކިހިނެއްވީތަ ކުއްލިޔަަކަށް ބިރުން އުޅުނީ؟...'' ޔޫނުސް އަހާލިއެވެ. އަލިކަން ވެރިވެފައި އޮތް ތަނަކަށް އާދެވުމުން ޝާޢާއަށް ހަމަޖެހުމެއް ލިބިފައި ވިއެވެ.
''އަނދިރިކަން ވެރިވާން ފެށީމަ... އައެމް ސްކެއާރޑް އޮފް ޑާރކްނެސް...'' ހަޤީޤަތް ހާމަނުކުރިކަމުގައި ވިޔަސް އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވާ މައިގަނޑު އެއްސަބަބު ޔޫނުސާ ޝާޢާ ހިއްސާ ކުރިއެވެ. އޭރުން ޔޫނުސްގެ އިތުރު ސުވާލުތަކުން އޭނައަށް ރެކިގަނެވިދާނެއެވެ.
*****
އަންނަން ޖެހޭ ގަޑި ފަހަނައަޅައި ދިޔަ އިރު ވެސް ޝާޢާގެ ޚަބަރެއް ނުވާތީ ހަދީޖާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އޭނަ މިހާރު ޝާޢާއަށް ގުޅަން އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ. އަދި ވެސް އެއްފަހަރު ޝާޢާއަށް ގުޅާލަމުން ބޮޑުކޮޓަރިން އޭނަ ފެންޑާއަށް ނިކުމެލިއެވެ. ވަގުތަކީ ޖާބިރު ވެސް ގޭގައި އުޅޭ ގަޑިއެއް ނޫނެވެ. ހާޖާރާގެ ހިތް އެކަމާ ހުރެ ވެސް ވަނީ ނުތަނަވަސް ވެފައެވެ. މިހާރު އޭނަގެ ސިކުނޑިވަނީ ތާއަބަދު ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ކަމަކާއި މެދު ވެސް ވާނެ އެންމެ ނުބައި ގޮތަށް ހީކުރެވެނީ އެހެންނެވެ. އަމިއްލަ ޚިޔާލުތަކެއްގެ ތެރޭގައި ވަނިކޮށް ގެ ކައިރިއަށް ސައިކަލެއް މަޑުކޮށްލި އަޑު އިވުނެވެ. އޭގެ އިރުކޮޅެއް ފަހުން ދޮރާށި ހުޅުވާލާފައި ވަން ޝާޢާ ފެނި ހިތްހަމަޖެހުމުގެ ބަދަލުގައި ހަދީޖާގެ މޫނުމަތިން ފެނިގެން އައީ ނުރުހުމެވެ. އޭނަގެ ބަހަށް ޝާޢާ ބޯނުލެބުމުގެ ރުޅިވެރިކަން ރީއްޗަށް ފާޅުވާން ހުއްޓެވެ.
ގެއަށް ވަން ޝާޢާއަށް ފެންޑާގައި ހުރި ހަދީޖާ ފެނި ހުއްޓެވުނެވެ. ދުރުން ފެނުނުކަމުގައި ވިޔަސް އޭނައަށް މާމަގެ ނުރުހުންތެރިކަން ފާހަގަ ކުރެވުނެވެ.
''ކޮންތާކު ހުރެފަ ތިއައީ؟... ޝާޢާ ގާތު ބުނެފައެއްނު އޮތީ މަޣުރިބު ނަމާދު ގަޑިއަށް ގެއަށް އަންނާށޭ... ގުޅީމަ ފޯނަށް ޖަވާބެއް ދެނީކީ އެއް ނޫން...'' ޝާޢާ އައިސް އޭނައާއި އަރާހަމަވުމާއެކު ހަދީޖާ ބުނެލިއެވެ. އޭނަގެ އަޑުން ވެސް ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަކޮށްދެއެވެ. މިއިން ދުވަހެއްގައި ވެސް މާމަގެ އެސިފަ ފެނިފައި ނުވާތީ ޝާޢާއަށް ހުރެވުނީ އެވެ. އޭނަ ދެރަ ވެސް ވިއެވެ. އޭނަގެ ފުށުން މާމައަށް ހާސްކަން ލިބުނީތީ އެވެ. ނަމަވެސް ޝާޢާއަށް ވިސްނައިނުގަނެވުނީ އެބަދަލުތަކުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބެވެ. އޭނަ ހުށަހެޅެމުން އެދާ ނުރައްކަލެވެ. އެކަމާ ހުރެ މާމައަށް ލިބިފައިވާ ބިރުވެރިކަމެވެ.
''ފޯނު ޗާޖު ހުސްވެގެން ނިވުނީ...'' މޮޅިވެރިކަން ވެރިވެފައިވި ރާގަކަށް ޝާޢާ ބުނެލިއެވެ. އަދި މަޢާފަށް އެދުނެވެ. މާމަގެ ރުޅިވެރިކަމާއި ހަރުކަށިކަން ފެނި އޭނަ ހުރީ އަސަރުކޮށްފައެވެ.
ހަރު އަޑުން ވާހަކަދެކެވެމުން ދިޔަކަން ހަދީޖާއަށް ރޭކާލީ ދެނެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލީ ސިކުނޑިއަށް ހަމަޖެހުމެއް ގެނެސްދޭށެވެ. ސައްހަ ސަލާމަތުން ޝާޢާ ހުރީތީ އޭނަގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް އޭނަގެ ސިކުނޑީގެ ހައިޖާންގަނޑަށް ނިމުމެއް ނައެވެ. ޝާޢާ ނުބުނިކަމުގައި ވިޔަސް ޝާޢާ ހުރީ ޔޫނުސްއާއި އެކުގައި ކަން ހަދީޖާއަށް ނަގައިގަނެވުނެވެ. އެގުޅުން އިތުރަށް ބަދަހިވެގެން ދާން ފަށައިފިނަމަ ވެދާނެ ގޮތަކާ މެދު އޭނަ ކަންބޮޑުވެއެވެ. ޝާޢާގެ އުފަލަށް ހުރަސްއަޅަން ބޭނުންނުވިކަމުގައި ވިޔަސް އެގުޅުމަށް އާނ ބަސް ދެވޭކަށް ނެތެވެ. ހަދީޖާއަށް ވިސްނެނީ އެކަމާ މެދުގައެވެ. ޝާޢާ އާއި އެމީހުންގެ ގުޅުމުގައި ކުންޏެއް ޖެހޭކަށް އޭނަ ބޭނުމެއް ނޫނެވެ. ހަމައެއާއެކު ޝާޢާއަށް ހިތާމައެއް ލިބޭކަށް ވެސް މެއެވެ. ހަދާނެ ގޮތް ހުސްވެފައިވާހެން ހަދީޖާއަށް ހީވިއެވެ. ކޮންމެ ފަދައަކުން ކަންތައް ކުރިކަމުގައި ވިޔަސް ނޭދެވޭ ނަތީޖާއެއް ނިކުންނާނެއެވެ. އޭގެ ސަބަބުން ގުޅުންތަކަށް ލޮޅުންތަކެއް އައުން ވެސް އޮތީ ނުހަނު ގާތުގައެެވެ.
''ނަމާދުކޮށްލަން ދޭ...'' މަޑުމައިތިރިކަން އަޑަށް ގެންނަމުން ހަދީޖާ ބުނެލިއެވެ. އޭނަގެ މަގުސަދުކަމުގައި ވީ އޭނަ ޝާޢާ ދެކެ ރުޅިއައިސްފައި ނެތްކަން ހާމަކޮށްދޭށެވެ.
ދެކޮޅުހެދުމެއް ނެތި ޝާޢާ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ.
*****
ފެންވަރާ ތާޒާވެލުމަށްފަހު ޝާޢާ ނަމާދަށް އެރިއެވެ. އެއަށްފަހު ޛިކުރު ކުރުމަށް އޭނަ ކުޑަ ވަގުތުކޮޅެއް ހުސްކުރިއެވެ. އަޅުކަން ނިންމާލުމަށްފަހު މުސައްލަ އޮޅާލަމުން ގެންގޮސް ކޮޓަރީގައި ހުރި ކަބަޑު މަތީ ބޭއްވި އެވެ. އަދި އޭނަގެ އަތްދަބަސް ތެރޭން ފޯނު ނަގައިގެން ގޮސް ޗާޖަށް ޖަހާލިއެވެ.
މުޅި ދުވަހު ބުރަކޮށް އުޅުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަން ޝާޢާއަށް އިހުސާސްކުރެވިގެން ދިޔައީ ދާނުގައި އޮށޯތުމުންނެވެ. ސިކުނޑިއަށް ހަމަޖެހުމެއް ނުލިބެނީސް އެދަނޑިވަޅުގައި ޝާޢާގެ ޚިޔާލަށް ވެރިވެގެން އައީ މިއަދު ގޮނޑުދޮށުން އޭނައަށް ދިމާވި ހާދިސާ އެވެ. އެއާއެކު މުޅި ހަށިގަނޑަށް ފިނިކަމެއް ސަވާރު ވިއެވެ. އެއީ ހީއެއްކަމުގައި ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހަދައެވެ. އެހެންކަމުގައި ވިޔަސް އެއީ ހަޤީޤަތެއްކަން ވެސް އޭނައަށް ޔަޤީނެއް ނުވިއެވެ. ބުއްދިއަށް ޤަބޫލުނުކުރެވޭ ކަންތަކެއް އެކަމުގައި އެކުލެވިފައި ވީތީއެވެ. އިތުރު މީހެއްގެ ގާތުގައި ހާމަކުރިނަމަ އޭނައަށް ކުރާނީ މަލާމާތެވެ. ޝައްކުބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށް ވެސް ބުނާނެއެވެ. އެހެނަސް އެކަން އިހުސާސް ކުރެވުނީ އޭނަ އަށެވެ. އެއަޑު އިވުނީ ވެސް އޭނަ އަށެވެ. އެއީ އަނބުރާލާފައި ދިއުމަށް އޭނައަށް ދިން އިންޒާރެކެވެ. ހަމައެއާއެކު އޭނަގެ ހިތަށް ބިރުވެރިކަން ވެސް ސަވާރުވެގެން އައީ ކުއްލިޔަކަށެވެ. މީހަކު އޭނައަށް ކަމެއް އަންގައިދޭން އުޅުނު ކަހަލައެވެ. ކަން އެހެން އޮތްކަމުގައި ވިޔަސް އޭނަ އެކަންތައް ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭނަގެ ނަފުސާނީ ބައްޔެއް އުޅެނީ ހެއްޔެވެ؟ ނުފެންނަ ކަންތައް ފެނި އިހުސާސް ކުރެވެނީ އެސަބަބާ ހުރެ ހެއްޔެވެ؟
''އަނެއްކާ ކިހިނެއް ވާންތަ މިއުޅެނީ... އެއްވެސް ކަމެއް ޔަޤީނެއް ނުވޭ، ވަހުމުތަކެއްގެ ތެރޭގައި އުޅެވޭ ކަހަލަ، ބައެއްފަހަރު ހަޤީޤަތާ އެއްގޮތްކަން އިހުސާސްކުރެވޭ... އަނެއްކާ ދަންވަރު އަހަންނަށް ފެންނަ ހުވަފެންތައް، އެކަމުގެ ފަހަތުގައިވަނީ ކީކޭކަމެއް ވެސް ނޭނގޭ... ކޮންމެ ފަހަރަކު އާދެވެނީ އެއްތާކަށް، ތަކުރާރުވަނީ އެއްކަމެއް... ފެންނަނީ ހަމަ އެންމެ ބިރުވެރި މަންޒަރެއް... އޯހް ގޯޑް!... އަނެއްކާ އަހަރެންގެ ނަފުސާނީ ބައްޔެއް ހުންނަނީތަ؟، މިކަންތަކަށް ދެން އޮންނާނެތަ އިތުރު ޖަވާބެއް؟...''
ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޝާޢާއަށް އޭނަގެ ހިތާއި ސުވާލުކުރެވުނެވެ. ވާނުވާ ނޭގޭ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެވޭ ކަހަލައެވެ. ލޮލަށް ފެންނަ މަންޒަރުތައް ވެސް ބައެއްފަހަރު އޭނައަށް ކެހި ދެއެވެ. ބަރޯސާ ވާންވީ ކޮން ކަމަކަށްކަމެއް އޭނައަކަށް ނޭގެއެވެ.
''އަނެއްކޮޅުން މާމައާއި ކާފައަށް ވެސް ބަދަލުތަކެއް އައިސްފި، ކުރިން މާމާ އެހާ ހަރުކައްޓެއް ނުވާނެ، އެކަމަކު މިރޭ ފެނިގެން މިދިޔައީ މުޅިން އެހެން މަންޒަރެއް... ހެނދުނު ވެސް ކަމަކާ ކަންބޮޑުވެފަ ހުރީ، އެކަން އޮޅުންފިލުވަން ވެސް ވަގުތެއް ނުވީ...''
ވިސްނެމުން ދިޔަ ވަރަކަށް ހިތުގެ ހަމަޖެހުން ގެއްލިގެން ދިއުން ނޫންކަމެއް ނުވިއެވެ. އޭނަ ހަނދާން ހުންނަން ފެށީއްސުރެން ފެށިގެން ވަކި އިންތަކާއި ޝަރުތުތަކެއް އޭނައަށް އޮންނަނީ ކަނޑައެޅިފައެވެ. ފުރާވަރު އުމުރުގައި އޭނަ ހީކުރީ އެއީ ހުރިހާ ގެއެއްގައި ވެސް އޮންނަ އާދައެއް ކަމުގައެވެ. އަންހެންކުދިން އުޅެން ޖެހޭނީ ވަކި މިންގަނޑެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ސްކޫލުގެ މަތީ ސާނަވީ ދައުރު ނިމި އޭނަ ވަޒީފާއަށް ދާން ފެށިއިރު ވެސް އޭނަގެ ޝަރުތުތަކަށް އުނިއިތުރެއް ނާދެއެވެ. އޭނަ ނިންމީ އެއީ މާމައާއި ކާފަ އޭނަދެކެ ވާލޯތްބެއްގެ ސަބަބުން ކަމަށެވެ.
އެހެނަސް މިވީހާ ތަނަށް ވެސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އޭނަގެ ހިތުގައި ވެއެވެ. އޭނަގެ މައިންބަފައިންގެ ވަނަވަރާ މެދު ސުވާލުކުރާ ކޮންމެ ފަހަރަކު އެސުވާލުތައް އޮބިގެން ދަނީއެވެ. ދެވަނަ ފަހަރަށް ތަކުރާރުކުރަން ނުކެރެނީ ކާފަމެން ހިތްހަމަނުޖެހިދާނެކަމުގެ ލިސާންތައް އޭނައަށް ފާހަގަކުރެވޭތީ އެވެ.
އުމުރުން ތޭވީސް އަހަރު ވިއިރު ވެސް ޝާޢާއަށް އޭނަގެ މައިންބަފައިންނާ ބެހޭ ގޮތުން އޮޅުން ފިލާފައިވަނީ ވަރަށް ވެސް މަދު މިންވަރެކެވެ. އެވެސް އޭނައަށް ކިޔާދީފައިވާ ވާހަކަތަކުން އޭނަގެ ހަނދާނުގައި ކުލަ ޖައްސާފައިވާ މަންޒަރުތަކެވެ. އޭނައަށް ވަނީ މާމަ އަތުގައި އޮންނަ އެންމެ އިހުޒަމާނުގެ ފޮޓޯ އަލްބަމަކުން އޭނަގެ މަންމައާއި ބައްޕަ ފެނުމުގެ ނަސީބު ލިބިފައެވެ. މަންމައާއި ބައްޕައާއެކު އޭނަގެ އެންމެ ތުއްތު އިރުގެ ފޮޓޯއެއް ވެސް އޭގައި ވެއެވެ. ނަމަވެސް އެދުވަސްވަރުގެ އިތުރަށް އެންމެ ފޮޓޯއެއްގެ މިންވަރު ވެސް ނެތެވެ. މާމަ ބުނެފައިވާ ގޮތުން އޭނަގެ މައިންބަފައިން ޤުދުރަތީ މަރެއްގައި މިދުނިޔެ ދޫކޮށް ގޮސްފައިވަނީ އޭނަގެ އުމުރުން ދެމަސްވީތަނާ އެވެ.
*****
ޖާބިރު ބޭރުތެރޭގައި އުޅެފައި ގެއަށް އައީ ނުވައެއް ވެސް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ރޭގަނޑުގެ ކެއުމަށްފަހު ބޭރު ޖޯލިފަތީގައި ފޯނުން ޔޫނުސްއާ ވާހަކަދައްކަން އޮތް ޝާޢާއަށް ޖާބިރުގެ އަތުގައި ހުރި ތަފާތު ކޮތަޅުތައް ފެނި ހައިރާންކަން ލިބުނެވެ. ނުވީތާކަށް ޖާބިރާއެކު ގެއަށް ވަދެގެން އައި ދެބައިއުމުރުގެ ފިރިހެން މީހާ ދެއަތުން ހިފަހައްޓައިގެން ހުރި ކޮއްޓެއްގެ ތެރޭގައިވި ކަޅުކުކުޅު ޝާޢާ ފާހަގަކުރެވުނީ ބަދިގެ ކައިރީގައި ބެހެއްޓުމުންނެވެ.
''ކާފަ އިތުޅެނީ ކެއުމެއް ދޭންތަ؟...'' ކޮންމެ ޢީދެއްގައްޔާއި ހާއްސަ މުނާސަބަތުތަކުގައި ޖާބިރު ދިވެހި ކުކުޅު ކަތިލައިގެން ކެއުމެއް ދެއެވެ. ޝާޢާއަށް ހީކުރެވުނީ މިފަހަރު ވެސް އެފަދަ ގޮތަކަށެވެ. ޝާޢާއަށް ހިނިތުންވެލި ޖާބިރު ޝާޢާއަށް އަރާފައި ހުރި އޮޅުން ސާފުކޮށްދޭކަށް ނޫޅުނެވެ. އެއީ އެންމެ ރަގަޅު ގޮތްކަމުގައި އޭނައަށް ފެނުނީތީއެވެ. އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރީން ޖާބިރު ހިނގައިގަތީ އެތެރެއަށެވެ. މިރޭ އޭނަ ވަނީ ބޮޑު ކަންތައްގަނޑަކަށް އަމާޒު ހިފާފައެވެ. އެއީ އޭނައަށް މިހާރު އޮތް ހަމައެކަނި މަގެވެ. އޭނަގެ ހަތުރުންގެ މައްޗަށް ގަދަވެވެން އޮތް ހަމައެކަނި ރާސްތާ ވެސް މެއެވެ. ދަންވަރު އޭނަގެ ފަހުގެ އުކުޅު އޭނަ ބޭނުންކުރަން ފަށާނީ ޝައިތާނުންގެ މަދަދާއެކުގަ އެވެ.
*****
އިސްދަމުގެ ވަގުތެވެ. ނިދީގައި އޮތް ޝާޢާއަށް ސިހިފައި ހޭލެވުނެވެ. އޭނައަށް މިފަހަރު ހުރެވުނީ މުޅިން ވެސް އެހެން މާހައުލެއްގައެވެ. ވަށައިގެންވި އަނދިރިކަން ފޫއަޅުވާލާފައި ވަނީ ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ އަލިފާންކަނީގެ އަލިންނެވެ. ނާމާންކަން އައިސް އޭނަ ވަށާލައި ހާސްކުރަން ފެށުމުން ޝާޢާ ބޭނުންވީ އަލިފާނުގެ އައްޔާއި ހަމައަށް ވާސިލުވާށެވެ. ނަމަވެސް އޭނައަށް ގުޑި ވެސް ނުލެވުނީ ފައިގައި ހިލިހިލާ ޖަހާފައިވުމުންނެވެ. އޭނަ ދެން މަސައްކަތްކުރީ އެހިލިހިލާތަކުން މިންޖުވޭތޯއެވެ. މުޅި މީހާ ދަލުން ފޯވެ ހަށިގަނޑަކުން ހަކަތަ ހުސްވިއިރު ވެސް ކާމިޔާބެއް ނުލިބުނެވެ. ކުއްލިޔަކަށް ހިޔަންޏެއްގެ ހިލަން ވިހެން ހީވުމާއެކު ޝާޢާގެ ދެލޯ ކަމަކަށް ހުށިޔާރު ވެލިއެވެ. ބިރުން ގޮސް މުޅި މީހާ އޭރު ވަނީ ދަލުން ފޯވެފައެވެ. އޭނައަށް ނުފެނުނުކަމުގައި ވިޔަސް އިތުރު މީހަކު އުޅޭކަން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިތުރަށް އޭނަ ހާސްވީ ވެސް އެހެންވެއެވެ.
''ކާކު؟...'' ޖެހިލުންވުމުގެ ތެރޭން ޝާޢާ ބުންޏެވެ.
''ކަލޭގެ މަރު...'' ބިރުވެރި ހުނުމެއްގެ އަޑު އިވުނެވެ. އެއާއެކު ޝާޢާއަށް ރޮވުނެވެ. ކައިރިވަމުން އައި ހިޔަންޏާއި ދުރަށް ދާން އޭނަ މަސައްކަތްކުރި އެވެ. އެހެނަސް ފައިގައި ޖަހާފައިވާ ހިލިހިލާގެ ސަބަބުން ހުރިތަނުން ގުޑާ ވެސް ނުލެވުނެވެ. ޝާޢާއަށް ބާރަށް ގިސްލެވުނެވެ.
''ކަލޭ ތިރޮނީ ކާކުގެ ހަމްދަރުދީއެއް ހޯދަންތަ؟... މިތާ އެއްވެސް މީހެއްގެ ފަރާތުން ކަލެއަށް ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ނުލިބޭނެ، މިތާ އެންމެން އެތިބީ ކަލޭގެ ފުރާނައަށް ފެންބޮވައިގަނެފަ... ކަލޭގެ ނިކަމެތިކަމާއެކު މަރުވެގެންދާނީ އަހަރުމެންގެ އަތުން ސަޒާ ލިބޭ ހާލު، ރޮއި ހޭރި އާދޭސްކުރާ ހާލު... އެއީ ކަލޭމެންގެ ފުށުން އަހަރުމެންނަށް ކުރިމަތިވި ކަންތަކުގެ ބަދަލު...'' އިސްކޮޅުން ދިގު މީހަކު ކުރިމައްޗަށް ހުއްޓުނުކަން ޝާޢާއަށް އެނގުނެވެ. އަނދިރީގެ ތެރޭން ވެސް އެއީ ބިޔަ މީހެއްކަން ފާހަގަ ކުރެވެއެވެ. ބައެއްފަހަރު އިންސާނެއްގެ ސިފަތަކާ އެއްގޮތް ވާހެން ވެސް ހީވެއެވެ.
''މީ ފެށުން ކަމުގައި ދެކޭތި، ލަހެއް ނުވެ ކަލޭ ހުންނާނީ މިތާނގައި، އަހަރުމެންގެ މުށުގެ ތެރޭގައި ގައިދުވެފައި...'' ކުއްލިޔަކަށް އެމީހާ ޝާޢާގެ ކަރުގައި ހިފައި ބިންމަތިން އުފުއްލާލީ ލުއި ފަތެއްގެ އުސޫލުންނެވެ. ކަރަށް ބާރުވެގެން އައި މަޅިއާއެކު ނޭވާއަކަށް އެދި ޝާޢާއަށް ތެޅިފޮޅިގަނެވުނެވެ. އޭނަގެ ދެލޯބޮޑުވެފައިވިއިރު އަނގަވެސް ހުޅުވިފައިވިއެވެ. މޫނުގެ ކުލަ ފަނޑުވެ ދިރުން ގެއްލެން ވެސް ފަށައިފިއެވެ.
''އެހާ ފަސޭހައިން މަރުވުމުގެ ފުރުސަތެއް ނުލިބޭނެ، އަމިއްލައަށް ނެތިގެން ދިއުމަށް ބޭނުންވާއިރު ވެސް ކަލެއަށް އެފުރުސަތު ނުލިބޭނެ، އަހަރުމެންގެ ހިތް ފުރެންދެން ކަލެއަށް ސަޒާ ލިބޭނެ، ކަލޭ ވާނީ އަހަރުމެން މުނިފޫހިފިލުވުމުގެ އުކުޅެއް ކަމުގައި...'' ފަހުނޭވާވަޅަށް އެޅުނު ހިނދު އެމީހާ ޝާޢާގެ ކަރުން ދޫކޮށްލިއެވެ. އެއާއެކު ކަނޑާފަ ވައްޓާލި ރުކެއް ފަދައިން ޝާޢާ ގޮސް ބިންމަތީގައި ޖެހުނު އަޑުފަށްގަނޑު މުޅި ތަނުގައި ހިފާލިއެވެ.
*****
ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ.
ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ.
ކަރުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނުވެއެވެ. އެހެނަސް އަރުތެރޭގައި ރިހުމެއް އުފެދިފައިވާހެން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިރުކޮޅެއް ވަންދެން މޫނު ބަލާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލަން ޝާޢާ ހުއްޓެވެ. އެހެން ހުރެފައި އަނެއްކާ ވެސް އޭނަގެ މޫނު ލޯގަނޑާއި އިހުނަށްވުރެ ކައިރިކޮށްލުމަށްފަހު ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ބޭރުފުށުން އަނިޔާގެ ނިޝާނެއް ނެތެވެ. އެހެނަސް އޭނަގެ ސިކުނޑިއަށް ވަނީ ސިހުން ގެނުވާފައެވެ. މިރޭގެ ބަކީ އޮތް ވަގުތުތަކުގައި އޭނައަށް ނުނިދޭނެކަން ޝާޢާއަށް ޔަޤީން ވެއެވެ. އޭނަގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވެފައިވާތީއެވެ. ހުވަފެނުން ފެނުނު ކަންތައް އިހުސާސްކުރެވޭހެން އަދި ވެސް އޭނައަށް ހީވެއެވެ. އެމީހާގެ ބާރުގެ ދަށުގައި އޭނަ ހަފުސްވަމުން ދިޔަ މަންޒަރު ސިފަވާން ފެށުމުން އޭނަގެ މެޔަށް ފިނިވެގެން ދިޔަ އެވެ.
''ކިހިނެއްތަ އަހަންނަށް މިވަނީ؟، ނަތިންގް މޭކް ސެންސް... އެހުރިހާ ކަމަކީ ހުވަފެނެކޭ ބުނަން ހާދަ ދައްޗޭ...'' އެނދުގައި ގޮސް އިށީން ޝާޢާ އޭނަގެ އަމިއްލަ ނަފުސާއި ސުވާލުކުރަން ފެށިއެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރުލިކަމުގައި ވިޔަސް އޭނަގެ ސުވާލުތަކަށް ޖަވާބު ނުލިބޭނެކަން ޝާޢާއަށް އިނގެއެވެ. އެކަނިމާއެކަނި ވިސްނަން ފެށުމުން ގާތުގައި މީހަކުވާކަމުގެ އިހުސާސް ކުރެވެން ފެށުމުން ޝާޢާ ގަސްދުކުރީ ކޮޓަރިން ނިކުންނާށެވެ. އޭރުން ވެސް އޭނަގެ އެކަނިވެރިކަމަށް ނިމުމެއް ނާންނާނެކަން ޝާޢާއަށް އެނގުނީ މުޅި ގޭތެރެއަށް ވެރިވެފައި އޮތް މަރުގެ ހަމަހިމޭންކަމުންނެވެ. ނަމަވެސް އަނބުރާލާފައި ކޮޓަރިއަށް ވަންނަން އޭނަ ބޭނުމެއް ނުވިއެވެ. ކޮޓަރީގައި ހުންނައިރު މީހަކު އޭނައަށް ފާރަލާކަމުގެ އިހުސާސްކުރެވޭތީއެވެ. ސިހުން ލިބެނީ ވެސް އެހެންވެއެވެ.
ކޮޓަރީގެ ދޮރު ލައްޕާލަން އުޅުނު ޝާޢާ ސިއްސައިގެން ދިޔައީ މުޅި މާހައުލުގެ ތެރެއަށް ކުއްލިއަކަށް ވެރިވެގެން ދިޔަ އަޑާއެކުއެވެ. އޭނައަށް ހަޅޭއްލަވައިނުގަނެވުނީ ވެސް ކިރިޔާއެވެ. ހިތާއި ނޭވާގެ ހިނގުން ހަމައަކަށް އަޅުވަން ޝާޢާ މަސައްކަތްކުރިއެވެ. އޭރު އޭނައަށް ލިބިފައިވަނީ ހައިރާންކަމެވެ. އެއީ ކޮން އަޑެއްކަން ޝާޢާއަށް އެނގެއެވެ.
ބޮޑުކޮޓަރިއަށް ނިކުމެވެން ހުންނަ ހަނި ކޮރިޑޯން ސިއްރު ފިޔަވަޅުތަކެއްގައި ދިޔަ ޝާޢާގެ ހިއްސުތައް ވަނީ މާހައުލަށް ހުޝިޔާރުވެފައެވެ. އޭނަގެ ހިތް ވެސް އަވަސްވެފައިވަނީ ބިރުގަންނަ ވަރަށެވެ. ގެއަށް ވަގަކު ވަންނަނީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެރިއެވެ. ކޮރިޑޯގެ ކޮޅާއި ހަމައަށް ދެވުމާއެކު ހިތް ނުތަނަވަސްކަމުގައިވާ ހާލު އޭނަ މަންޒަރު ފެނޭތޯ ބެލިއެވެ. އެއާއެކު އޭނައަށް ލިބިފައިވި ހައިރާންކަން އިތުރުވެ ދެލޯބޮޑުވެއްޖެއެވެ. ދަންވަރުގެ ވަގުތުގައި ގެއިން ނިކުތް ޖާބިރު ފެނިފައެވެ.
ޝާޢާ އޭނައަށް ފާރަލާން ހުރިކަމެއް ޖާބިރަކަށް ނޭގެއެވެ. އެއަށްވުރެ އޭނަ ހުރީ ކަމަކަށް އަވަސްވެފައެވެ.
ޝާޢާގެ ހިތުގައި އިތުރު ސުވާލުތައް އުފެދުނީ ބޭރުން ދޮރު ތަޅުލި އަޑު ވެސް އިވިފައެވެ. ފެންޑާއިން ޖާބިރުގެ ފިޔަވަޅުތަކުގެ އަނޑު ހިނދިގެން ދަންދެން ފާރާނިވާވެގެން ހުރެފައި ޝާޢާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. އެކުޑަދޮރުން ގޭގެ ގޯތިތެރެ ރީއްޗަށް ފެންނާނެއެވެ.
ކުޑަކޮށް ފަރުދާ އެއްފަރާތް ކޮށްލަމުން ޝާޢާ ބޭރަށް އަވަސް ނަޒަރެއް ދިނެވެ. ގޯއްޗަށް އަލިކަން ފެތުރޭހެން ހުރި ހަމައެކަނި ބޮކި އޮތީ ނިއްވާލާފައެވެ. އެހެނަސް ދީފައި އޮތް ހަނދުވަރުގެ އަލިން ކޮންމެވެސް ވަރަކަށް މަންޒަރުތައް ވަކިކުރެވޭހާ ވެއެވެ. ޝާޢާ ބަލަން ހުއްޓާ ޖާބިރު ނެގީ ބަދިގެ ކައިރީގައި ބަހައްޓާފައި ހުރި ކުކުޅު ކޮއްޓެވެ. އެއަށްފަހު އޭނަ ހިނގައިގަތީ ގެއިން ބޭރަށް ނިކުތުމަށެވެ. ހައިރާންކަމެއްގެ ތެރޭގައިވި ޝާޢާއަށް ވާނުވާއެއް ނޭގުނެވެ. ދަންވަރުގެ އެގަޑީގައި ޖާބިރު ކުރަން އުޅޭ ކަމަކާ މެދު އޭނަގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
ޚިޔާލުތަކުން އެމުނެމުން އައި ސުވާލުތަކުގެ ތެރެއަށް ވިސްނުން ދޫކޮށްލެވިފައި ވަނިކޮށް މައި ދޮރާއި އަރާހަމަވި ޖާބިރު އޭނަގެ ފިޔަވަޅުތަަކަށް ހުއްޓުމެއް ގެނައިތަން ފެނުނެވެ. އެއާއެކު އޭނަ ބަލާލީ ސީދާ ކުޑަދޮރާ ދިމާއަށެވެ. ހީވީ ޝާޢާ ކުރަމުން ދިޔަ ކަންތަކުގެ ހިލަން އޭނައަށް ވިހެންނެވެ. ނަމަވެސް އެއްވެސް ކަމެއް ފާހަގަވެ ޖާބިރަށް ޝައްކުވުމުގެ ކުރިން ޝާޢާ ކުޑަދޮރުގެ ފޮތިގަނޑުން ދޫކޮށްލަމުން އެއްފަރާތަކަށް ޖެހިލިއެވެ.
*****
ހަމަހިމޭންކަމާއި އަނދިރިކަން ވެރިވެފައި އޮތް ގޯތިތެރެއަށް ބަލަން ހުރި ޖާބިރަށް އެތާނގައި ނުފެންނަ މަހުލޫޤަކު ހުރިކަން އިހުސާސްކުރެވުނެވެ. އެއީ ވާޤިދުކަން އޭނައަށް އެނގުނީ އިރުކޮޅެއް ފަހުން އޭނަގެ ލޯކުރިމައްޗަށް ފާޅުވުމުންނެވެ.
''ތީ ރަގަޅުކަމެއް ނޫން...'' ޖާބިރަށް ނަސޭހަތްތެރިވާ ފަދައަކުން ވާޤިދު ބުންޏެވެ. އެއާއެކު ޖާބިރު ގާތަށް އައީ ރުޅިއެވެ. ވާޤިދަށް އޭނައާ ދިމާއަށް ބަސްބުނުމުގެ ހުއްދަ ދިނީ ކާކު ހެއްޔެވެ؟ އޭނައަކީ ސާހިބު މީހާ އެވެ. ކޮންމެ ހާލަތެއްގައި ވެސް އޭނައަށް ޤަދަރުކުރަން ޖެހޭނެއެވެ.
''ކަލެއަށް ބަސްބުނުމުގެ ހުއްދަ ދިނީ ކާކު؟...'' ރުޅިވެރިކަމާއެކު ޖާބިރު އެހި އެވެ.
''ޝައިތާނުންގެ މަދަދު ހޯދުމަކީ ހައްލެއް ނޫން...'' ޖާބިރު ހިނގަމުން އެދަނީ ކިހާ އަނދިރިމަގަކުން ކަން އަންގައިދޭން ވާޤިދު ބޭނުން ވިއެވެ. އޭނަގެ ސާހިބު މީހާއަށް ހެވާއި ނުބައިގެ ފަރަޤު ވަކިކޮށްދޭން ވެސް މެއެވެ. އަނެއްކޮޅުން މުސްލިމަކަށްވުމުން އޭނައަށް އޮތް ޒިންމާއެއް ވެސް ވެއެވެ. ސިހުރުހާހޫރަކީ ކިހާ ނުބައި އެއްޗެއްކަން ޖާބިރަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ އެއީ ނަޖިސްކަމާއި މުޑުދާރުކަން އެކުލެވިފައިވާ ކަމެކެވެ. މީހާގެ ނަފުސު ނުތާހިރުކޮށްލާ ކަމެކެވެ. ޝައިތާނުންގެ ރުހުން ހޯދަން މުޅި ނަފުސު ކިލަނބުކޮށްލައެވެ. އެމީހުންގެ މަދަދަށް އެދެން ތިމާމީހާ ޤުރުބާން ވަނީއެވެ. ދެދުނިޔޭން ވެސް ގެއްލިގެންދާ ހާލުގައެވެ.
''ކަލޭ މަށާ ޖަދަލުކުރަން އުޅޭނެކަމެއް ނެތް، ކަލެއަށް ހަމައެކަނި ބަރޯސާވެވޭކަށް ނެތް... ކަލޭގެ ފިނޑިކަން އަހަންނަށް ވަނީ ފެނިފައި... އެމީހުންގެ ކުރިމަތީގައި ކަލޭ އެކައްޗަކަށް ވެސް ނުވޭ... ބުނަން، އިތުރަށް މަށަށް ހުރަސް އަޅަން ނޫޅޭތި... އަހަރެން މިދަނީ އަހަރެންގެ ޢާއިލާއަށް އޮތް މުސީބާތުން މިންޖުވާން، އެކަން ކުރަން ކޮންމެކަމެއް ވެސް އަހަރެން ކުރާނަން...'' ޖާބިރުގެ ބުނެލިއެވެ.
''ޝައިތާނުންނަކީ ދޮގަހަދާ މަކަރުވެރިންތަކެއް...'' ނުރައްކާތައް ހާމަކުރަން ވާޤިދު ބޭނުން ވިއެވެ. ބާރަށްޓަކައި ޖާބިރު އެހުރީ އަނދުވަޅަކަށް ވެއްޓެން ތައްޔާރަށެވެ. އެއީ ސަލާމަތްނުވެވޭނެކަމެކެވެ. ޝައިތާނުންގެ ބޭނުންތައް ފުދުމާއެކު ނިކަމެތި މީހާގެ މައްޗަށް ގަދަވެގެންދާނެއެވެ. އެއީ ޝައިތާނުންގެ ތެރޭގައި އޮންނަ އުސޫލެވެ. އިންސާނުންނާ މެދު އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކޮށްފާނެއެވެ. ހަމައެއާއެކު ޖާބިރު ޝައިތާނުންނާއި ހަދާ އިޤުރާރުނާމާއަށް ދުވަހަކު އެމީހުން ބޯނުލަނބާނައެވެ. އެކަމަށް ތަބާވާކަމުގެ ދަޅަ ދައްކާނެއެވެ. ނަމަވެސް ފުރުސަތު ލިބުމާއެކު ހުރިހާ މަންޒަރެއް ބަދަލުވާނެއެވެ.
''އެވެސް ހަމަ ކެލޭމެންގެ ތެރެއިން ބަޔެއް، ހަމަ ކެލޭމެންގެ މަކަރުވެރިކަން ހުންނާނެ ދޯ؟...'' މަލާމާތުގެ ރާގަކަށް ޖާބިރު ބުނެލިއެވެ. ''މިކަމުގައި ހަމަހަމަކަން އޮންނާނެ، ޝައިތާނުން ބޭނުންވާކަންތައް އަހަރެން ކޮށްދޭނީ އަހަރެން ބޭނުންވާކަންތައް ފުދުމުން...''
ޖާބިރު ހުރީ ބާރަށް ފެންބޮވައިގަނެފައެވެ. އެއީ އަބަދު ވެސް އޭނަގެ އާދައެކެވެ. ކަށީގައި ހިފާފައި ހުރި ކަމެކެވެ. ވާޤިދުގެ އިންޒާރުތައް އޭނަ އަޑު ނޭހީ އެހެންވެއެވެ. އޭގެ އިތުރުން އޭނަގެ ޢާއިލާ ރައްކާތެރިކުރަން ވެސް އޭނަ ބޭނުމެވެ. އޭނަގެ ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުން އެއީ އޭނަ ދުވަހަކު ދެކެން ބޭނުންވާ މަންޒަރެއް ނޫނެނެވެ.
''އެމީހުނަށް ވުރެން ވެސް ބާރުވެރި ބަޔެއްގެ މަދަދު އަހަންނަށް ލިބިދާނެކަން އަހަރެން ހާމަކުރާނަން...'' ޖާބިރު ބުންޏެވެ. މާޔޫސްވެފައިވާ ހާލު ވާޤިދަށް ހުރެވުނީއެވެ. ޖާބިރު ހުއްޓުވަން އޭނައަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އޭނަ އިތުރު ފިޔަވަޅެއް ވެސް ކުރިއަށް އަޅައިފިނަމަ އޭނަގެ މައްޗަށް އަނިޔާވެރިވާން ޖާބިރު ފަހެއް ވެސް ނުޖެހޭނެއެވެ. ހާލާކުގެ ތެރެއަށް ޖާބިރު ވެއްޓިގެންދާ މަންޒަރު ބަލަން ވާޤިދަށް ހުރެވުނެވެ.
*****
މުޅި ތަނުން ފެންނަނީ ވީރާނާ ކަމެވެ. ތަރުތީބުކަމެއް ނެތި ހެދިފައިވާ ވިނަތަކުން ސިފަވނީ ޖަންގެއްޔެކެވެ. ފެންނަން ހުރި ތެޅިގަލުން ރާނާފައިވި ގެތަކުގެ ފުރާޅު ވެސް ވަނީ ދަބަރަށް ވެފައެވެ. ބައެއް ގެތަކުގެ ފާރުތައް ސުންނާފަތިވެ ބިމާ ހަމަވެފައި ވެއެވެ. މިއިން ޒަމާނެއްގައި ވެސް އެތާނގައި ދިރުމެއް ނުވާކަން ބަލާލާ ކޮންމެ ދިމާއަކުން ވެސް ހާމަވެއެވެ. ނާމަންކަމާއި ބިރުވެރިކަމުގެ މިސާލެކެވެ. އެއީ މުޅި ރަށުން ވެސް ފަޅު ގޯތިތައް އެންމެ ގިނަ ސަރަހައްދެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް އެއިން ސަރަހައްދަކުން ނުވެއެވެ. ރަށުގެ ރައްޔިތުންގެ މެދުގައި އެސަރަހައްދާއި މެދު ބިރުވެރިކަން އުފެދިފައި ވާތީ އެވެ. އެއީ ރޫޚާނީ ހާއްޔެކޭ ވެސް ބުނެ އުޅެއެވެ. ސިހުރުވެރިންގެ މެހެފިލޭ ވެސް މެއެވެ. ފަޅުކަން ވެރިވެފައި އޮތް މަގުން ހިނގާފައި ދިޔަ ޖާބިރު ގޮސް ގެއެއްގެ އިމުގެ ތެރެއަށް ވަނެވެ. އެއަށްފަހު އޭނަ ބަލާލީ ޖައްވަށެވެ. އޭރު ހަނދުވަނީ މެދު އުޑުގައެވެ.
ވިރާނާވެފައި ހުރި ގެއަށް ވަދެވުމާއެކު ޖާބިރު އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް އޭނަގެ ހަށިގަނޑުގައިވި އަންނައުނުތައް ހަށިގަނޑާ ވަކިކުރިއެވެ. އެއަށްފަހު މުޑުދާރުކަން އެކުލެވިފައިވި ތަޅުންގަނޑުމަތީގައި ދެފައި ވަށްކޮށްލައިގެން އޭނަ އިށީނެވެ. އޭނައާއި ކުރިމައްޗަށް ވާހެން އަލިފާންރޯކުރަން ކުޑަ ބެރެއް ހުއްޓެވެ. އެބެރުގެ ވަށައިގެން ވަށްބުރަކަށް ވާހެން ކުރަހާފައިވާ ނިޝާންތައް ހާމަކޮށްދެނީ ދަޅު ފަޅާފައިވި މަހުލޫގެއްގެ ސޫރައާއެވެ. އެތަނަށް ޖާބިރު އާނޫންކަން އޭނަގެ ހަރަކާތްތަކުން އެނގެއެވެ. އޭނަގެ މަސައްކަތް ފެށުމުގެ ކުރިން ފުރަތަމަ ވެސް އޭނަ ގެނެސްފައި ހުރި ކޮތަޅުތަކުގެ ތެރޭން ފާޑުފަޑުގެ ''ހަންޑި'' މާތަކެއް ނެގިއެވެ. އޭގައި މީރުވަހެއް ނުވެއެވެ. މުޅި މާހައުލަށް ތައައްޔަރުކަން ގެނުވާ ފަދަ ނުބައި ވަހެއް އެމާތައް އެއްކޮށްލުމުން ވެރިވިއެވެ. އެމާތަކާ އެއްކޮށް ޖާބިރު އޭނަގެ ކުރިމަތީ ހުރި ބެރުގެ ތެރެއަށް އަޅާލީ މަހާއި ކައްޓާ ވަކިވާންކައިރިވެފައި ހުރި މުޅަ ޖަނަވާރެއްގެ ކަށިތަކެކެވެ. އޭގައި އެއްޗެހިތަކެއް ލިޔެފައި ވިއެވެ.
އަލިފާންގަނޑު ރޯކޮށްލުމާއެކު މުޅިތަނަށް އަލިކަން ވެރިވިއެވެ. އަނދަމުން ދިޔަ އަލިފާންގަނޑަށް ބަލަން ހުރި ޖާބިރު އޭނަ ގެނައި ކޮއްޓަށް ބަލާލިއެވެ. ތުންތަޅުވަމުން ކޮށި ހުޅުވާލުމަށްފަހު ހުޝިޔާރުކަމާއެކު އޭނަގެ އަތުގައި އޮތް ވަޅިން ކުކުޅުގެ ކަރު ބުރިކޮށްލިއެވެ. އެއާއެކު ޖާބިރުގެ މޫނާއި ގަޔަށް ލޭގެ ކަނިތައް ދިޔަ އެވެ.
މަރަށް ތެޅެމުން ދިޔަ ކުކުޅުގެ އަޑު މުޅި ތަނުގައި ހިފާލާފައި އޮތެވެ. އޭރު ގިނަ އަދަދެއްގެ ލޭވެސް ތަޅުގަނޑު މައްޗަށް ފައިބާފައި ހުއްޓެވެ. އެލޭ މުޅި މޫނާއި ގައިގައި އުނގުޅާލަމުން ޖާބިރު ކިޔެވެލި ކިޔަވަންފެށިއެވެ. އޭނަ ކުރިކަންތައް ކުރީ ނަފުސަށް އިތުރު ނުތާހިރުކަމެއް ގެންނާށެވެ. ޝައިތާނުންގެ ފުރިހަމަ ރުހުން އޭނައަށް ލިބޭނީ އޭރުންނެވެ. އަލިފާންގަނޑު ކުރިމަތީގައި އިނދެ ދެފަރާތަށް ހޫރެމުން ދިޔަ ޖާބިރުގެ ލޯވަނީ މެރިފައެވެ. އެގޮތުގައި ވަގުތު ފާއިތުވެގެން ދިޔަ ތަނާ ބޯވަމުން އައި ދުންގަނޑެއް ފާޅުވި އެވެ. އެދުންގަނޑުގައި ސޫރަޖެހެން ފެށީ ޖާބިރުގެ ކުރިމައްޗަށް ހުއްޓުމާއެކުގައެވެ. އެއީ އިސްކޮޅުން ދިގު، ހަށިގަނޑުން ބިޔަ މަހުލޫޤެކެވެ. އޭގެ ހަށިގަނޑުގެ ހަމުގައި އެކުލެވިފައިވަނީ ހަރުފައާއި ނަންނުގަތީގައި ހުންނަ ފަދަ ހަރު ހަންގަނޑެކެވެ. ބައެއް ތަންތަނުން ހުޅުނބުވެސް ފަޅާފައި ހުއްޓެވެ. މޫނުގެ ސިފަ ވަރަށް ވެސް ހުތުރެވެ. މޫނުގެ ހަންގަނޑު އަރިމަތިން ފައިބައިގެން ގޮސް ކޮނޑުކަށިގަނޑާހަމައަށް ފައިބާފައި ވެއެވެ. ލޯވެސް ވަނީ ހަމާއެކު ތިރިއަށް ސޮހިފައެވެ. ބޮލުގައި ދެދަޅުފަޅާފައިވިއިރު އެއްދަޅުވަނީ މެދާއި ހިސާބުން ބިންދައިގެން ގޮސްފައެވެ. މުޅި ތަން އެއްވަސްވެފައިވީ ކުނިވަހަކުންނެވެ. އެއާއެކު ޖާބިރު ލޯހުޅުވާލިއެވެ. އެއަށްފަހު ފެންނަން ހުރި މަހުލޫޤަށް ކުރިނީސް ކުރަމުން އެންމެފަހުން ސަޖިދަ ވެސް ކުރިއެވެ.
ޖާބިރުގެ އަމަލުތަކާމެދު ރުހިފައި ހުރިކަން އެމަހުލޫޤުގެ މޫނުން ހާމަވެފައެވެ.
''ކަލޭގެ ބޭނުމަކީ ކޮބާ؟...'' ބަރު އަޑަކެވެ. ޖާބިރު އަދަބުވެރިކަން ދައްކާހާލު ސަޖިދައިން ތެދުވެ އިށީނެވެ. އޮރިޔާން ހާލުގައިވިއެއްކަމަކު އޭނަ އެކަމާ މެދު ކުޑަކޮށް ވެސް ލަދުގަންނަހެނެއް ހިޔެއް ނުވެއެވެ.
''މިނިކަމެތި އަޅާގެ ޢާއިލާވަނީ ނުރައްކަލުގައި...'' ޖާބިރު ބުނެލިއެވެ. ދީނުން ބޭރުވަމުން ދިޔަ ކަން ވެސް ޖާބިރަށް ރޭކާނުލައެވެ. ނޫނީ އޭނަގެ ޖާހިލުކަމާއި ޝައިތާނީ ކަމުގެ ސަބަބުން ފަރުވާލެއް ނެތީއެވެ. ކުރިމަތީ ހުރި ޝައިތާނާއަށް ޖާބިރު އަޅުކަންކުރާ ކަހަލައެވެ.
''ކަލެއަށް އަހަރެން އެހީތެރިވެދިންނަމަ ލިބޭނެ މަންފާއަކީ ކޮބާ؟...'' ޖާބިރަށް ބަލާލަމުން މަހުލޫޤު ސުވާލުކުރިއެވެ. ބޮޑާކަމާއި ކިބުރުވެރިކަން އޭތީގެ އަޑުން ފާޅުވެއެވެ.
ދެވަނަ ވިސްނުމަކަށް ދިއުމެއް ނެތި ކޮންމެ ޝަރުތަކާ ޖާބިރު ރުހި ޤަބޫލުވިއެވެ. އެއީ ކަންވާންޖެހޭނެ ގޮތެވެ. ޝައިތާނާގެ ހުރިހާ އެދުމަކަށް އާނ ބަސް ދޭން ޖެހޭނެއެވެ. އެހެންނޫންނަމަ އެމީހެއްގެ ބޭނުން ފުރިހަމަނުވާނެއެވެ. ޝައިތާނާ ރުޅިއައިސް ގެއްލުން ދޭން ވެސް ފަހެއް ނުޖެހޭނެއެވެ.
''ކަލޭ ބޭނުންވަނީ އެ ޙާޠިބުގެ މައްޗަށް ގަދަވެގެންނަންތަ؟... އަހަރެން ކަލޭ ބޭނުން ކަންތައް ފުރިހަމަކޮށްދޭނަން... އެ ޙާޠިބު އެއީ އަހަރުމެންގެ ތެރެއިން ނަފްރަތު އަމާޒުވާ އެއްޗެއް، އޭނަ ރަސްދަރިފަސްކޮޅުން އައިސްފައި ހުރީމަ އެކަމާ ބޮޑާވެގަނެގެން އުޅެނީ... އެމީހުންގެ ސިފަތަކުގައި އައިބުކަމެއް ނެތީމައި އެކަމަށް ވެސް... އެކަމަކު އެއީ އަހަރުމެންގެ ހަޤީޤީ ނަސްލެއްކަމުގައި އަހަރުމެން ނުބަލަން، އެމީހުނަށް ވުރެ އަހަރުމެން މާ ބާރުގަދަވާނެ... އަހަރެން ކަލޭ އެދޭ ކަންތައް ފުރިހަމަކޮށްދޭނަން، ކަލޭގެ ޢާއިލާއަށް ރައްކާތެރިކަން ދޭނަން... އެކަމަކު އަހަރެން އެދޭ ކޮންމެ ކަމަކަށް ކަލޭ ޖެހޭނީ ރުހި ގަބޫލުވާން...''
ޝައިތާނާ އޭނަގެ ބޭނުން ފާޅުނުކުރަނީސް ޖާބިރު އެކަމަށް އެއްބަސް ވެއްޖެއެވެ. އޭނަގެ ދުޝްމަނުންގެ ފުށުން ސަލާމަތްވެދާނެކަމުގެ ފޮނި އުއްމީދުތަކާއެކުގައެވެ. އެހެނަސް އިތުރު ދަންމަޅިއެއް ކަރަށް މަހާލެވުނުކަމެއް ޖާބިރަކަށް ރޭކާނުލިއެވެ. ޝައިތާނަގެ ވިސްނުން ހުރި މިސްރާބެއް ވެސް މެއެވެ.
ޝައިތާނާގެ ތުންފަތަށް ވެރިވެގެން އައި ކާމިޔާބީގެ ހިނިތުންވުމާއެކު އެދެމެދުގައި ކުރެވުނު މުޢާމަލާތުގެ އިޤުރާރުގައި ސިއްކަ ޖެހުނެވެ. ހެދުނު ގޯސް އޭރު ވެސް ޖާބިރަކަށް ރޭކާ ނުލައެވެ. ޝައިތާނާގެ ނުފޫޒުގައި އޭނަ ހައްޔަރުވެފައި ވީތީއެވެ. ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ގޯހެއް އޭނައަށް ހެދިއްޖެކަމުގެ ކުޑަ ވެސް ހިލަމެއް ނުވިއެވެ. އެއަށްވުރެ އޭނައަށް ލިބުނު ކާމިޔާބީއާމެދު ހިތުގައި އުފެދިފައިވި އުފާވެރިކަން ބޮޑެވެ.
*****
ބޮޑުކޮޓަރީގައި އިން ޝާޢާގެ ސިކުނޑި ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ދިޔައެވެ. އޭނަގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. ދެގަޑިއިރަށް ވުރެ ގިނަ އިރު ވެގެން ދިޔަ އިރު ވެސް ޖާބިރުގެ ޚަބަރެއް ނުވެއެވެ. ދަންވަރުގަޑީގައި ޖާބިރު ބޭރަށް ދާން ޖެހުނު ސަބަބެއް ވިސްނާވިސްނާ ޝާޢާއަށް ނޭގުނެވެ.
''ކާފަ ކީއްވެތަ އެކުކުޅުކޮށި ހިފައިގެން ދިޔައީ؟... މި ދަންވަރު ގަޑީގައި ކާފަ ދާނީ ކޮންތަނަކަށްތަ؟...'' ޝާޢާ ހުރީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އޭނަގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން ހާސްކަން ލިބިފައި ވަނިކޮށް ކާފަގެ އާދަޔާ ޚިލާފު އަމަލުން އުފެދުނު ސުވާލުތައް އޭނަގެ ހަމަޖެހުން ނަގާލައިފިއެވެ.
ފަތިސް ނަމާދަށް ގޮވިއިރު ވެސް ޝާޢާ އިނީ ބޮޑުކޮޓަރީގައެވެ. އޭރު ވެސް ޖާބިރު ނާދެއެވެ. ޝާޢާ ނަމާދުކޮށްލައިގެން ނިކުތް އިރު ބޭރު ގޯތީގައި ހުންނަ ފެން އިސްކުރަށް ދޫކޮށްލެވިފައިވާ އަޑު އިވެއެވެ. އަވަސްއަވަހަށް ގޮސް ބަލާލި އިރު ގަސްތަކަށް ފެންދޭން ގެންގުޅޭ ހޮޅިގަނޑުން ކާފަ ހުރީ ގަޔަށް ފެންއަޅާށެވެ. ބަލާބެލުމަށް މޫދުން އައިސް ލޮނުގެ އަސަރު ފިލުވަަނީއެވެ. އަނެއްކާ ވެސް ޝާޢާއަށް ލިބުނީ ހައިރާންކަމެވެ. ކާފަ ދަންވަރު ބޭރުގައި އުޅެފައި އެއައީ މޫދަށް ގޮސްފައި ހެއްޔެވެ؟ މިއީ މީހުން މޫދަށް ދާގަޑި ހެއްޔެވެ؟ ގަޑި ބަލާލިއިރު ފަސްގަޑި ބައި ވީއެވެ.
ޖާބިރު ފެން އިސްކުރަށް ބާރުކޮށްލި މަންޒަރު ފެނި ޝާޢާ ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި އަވަސްއަވަހަށް ގޮސް ބޮޑުކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އެއަށްފަހު ޖާބިރުކޮށްފާނެ ސުވާލުތަކަށް ތައްޔާރުވެލިއެވެ.
ގޭގެ ދޮރުހުޅުވާލާފައި ވަން ޖާބިރަށް ޝާޢާ ފެނި ލިބުނީ ސިހުމެވެ. ނަމަވެސް އޭނަގެ މޫނުމަތިން އެކަން ހާމަވިޔަކަ ނުދިނެވެ. ޝާޢާއަށް އޭނަ ވަގުތުން ހިނިތުންވެލިއެވެ.
''ނަމާދުކޮށްފިންތަ؟...'' ޖާބިރު އަހާލިއެވެ. އެއާއެކު ޝާޢާ ބޯޖަހާލިއެވެ.
''ކާފަ ތިއައީ މޫދުންތަ؟...'' ނުބައްދަލު ގަޑިއާ މެދު އުފެދިފައިވި ސުވާލު ޝާޢާ ކޮށްލިއެވެ.
''އާނ... ފަތިސް ނަމާދަށް ހޭލެވުނުއިރު ގައިގަ ރިއްސާފަ ހުރީމަ ނަމާދުކޮށްލައިގެން މޫދަށް ގޮސްފަ މިއައީ...'' ޖާބިރު ހެދި ބުހުތާން ދޮގު ޝާޢާއަށް ބޭޒާރުވިކަމެއް ޖާބިރަކަށް ނޭނގެއެވެ. ރޭހަތަރުދަން ޝާޢާ ހޭދަކުރީ ޖާބިރުގެ އިންތިޒާރުގައިކަމެއް ވެސް މެއެވެ.
ކާފަ ދޮގު ހެދުމުން ޝާޢާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނައަށް އިތުރު ސުވާލެއް ވެސް ނުކުރެވެނީސް ކާފަ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅެއް ވަންދެން ސޯފާގައި އިދެފައި ޝާޢާ ތެދުވުނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބޭރަށް ނިކުމެލިއެވެ.
*****
ފަތިހުގެ ފިނިކަމުގެ ސައިލު ފަޒާގައި އޮޅާލެވިފައި ވިއެވެ. ގަސްގަހަށް ގޯނާކުރަމުން އައިސް ހަށިގަނޑުގައި ބީހިލި ފިނި ރޯޅިއާއެކު ޝާޢާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަގުތުން ދެއަތް ގެނެސް މެދުހަށީގައި ހުރަސްކޮށްލަމުން އޭނަ ކުރިއަށް ހިނގައިގެންފިއެވެ. އޭރު އާދުވަހަށް އަރައިގެން އައި އިރުގެ އަލިކަން ދުނިޔެއަށް ވާސިލުވާން ފަށައިފިއެވެ. ޝާޢާ ގޮސް ފުރަތަމަ ވެސް ހުއްޓުނީ ބަދިގެ ކައިރިއަށެވެ. އެތާނގައި ކުކުޅުކޮއްޓެއްކީއްކުރަން އޭތި ހުރިކަމުގެ ނިޝާނެއް ވެސް ނެތެވެ.
''ވަޓް ޑިޑް ހީ ޑޫ ވިތް އިޓް؟... މީހަކަށް ދޭން ގެނައި އެއްޗެއްތަ އެއީ؟... އެކަމަކު ދަންވަރު ގަޑީގައި ހިފައިގެން ދިޔައީ ކީއްވެތަ؟، އަނެއްކޮޅުން ކާފަގެ ރައްޓެހިންނެއް ވެސް ކައިރި ހިސާބެއްގައެއް ނޫޅޭނެ...'' ޝާޢާއަށް ވިސްނާލެވުނެވެ. އޭނަ މުޅި ގޯތި ވެސް ހޯދާ ބެލިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. އެއްމެފަހުން ބަލި ޤަބޫލުކުރަމުން އެތެރެއަށް ވަންނަން ދާން އުޅުނު ޝާޢާގެ ސަމާލުކަން ހުއްޓުނީ އޭނަގެ ލޮލުގައި އަޅައިގަތް ތަފާތު މަންޒަރަކުންނެވެ.