މީގެ ކުރިން އެއީ އޭނައަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. ލިބުނު ހައިރާންކަމާއެކު ޝާޢާ މިސްރާބުޖެހީ ގޭގެ މައިދޮރާއި ދިމާއަށެވެ. އަދި ބޯގަންވިލާގަސް ކައިރިއަށް ހުއްޓިލަމުން އެގަހަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ގަހުގެ ފަތްތަކާއި މާތައް މޯޅިވެ ބޮޑުބައެއް އޮތީ ބިންމައްޗަށް ފައިބާފައެވެ. އަނަރޫފަކަން ގަހަށް ލިބިފައިވާއިރު ވަނީ ދިރުން ގެއްލިފައެވެ. ގަހުގެ މައި މޫތަކާއި ދިމާލުން ވެސް ކަޅުކުލައެއް ފެންނަން ހުއްޓެވެ. ސުވާލު އުފެދިފައިވާ ހާލު ގަހަށް ބަލަން ހުއްޓާ ޝާޢާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނައަށް ގޮވާލި އަޑަށެވެ. ހަމަހިމޭން މާހައުލުގެ ތެރޭން ކުއްލިއަކަށް އަޑު އައުމުން އޭނަ ބިރު ވެސް ގަތެވެ.

''މި ހެނދުނާ ބޭރަށް ނިކުމެގެން ކީއްތަތިކުރަނީ؟...'' ފެންޑާއަށް ނިކުތް ޖާބިރު ސުވާލުކުރިއެވެ. އޭނަ ހުރީ ފެންވަރާ އިހުގެ މުންޑާއި ގަމީސް ބަދަލުކޮށްގެންނެވެ.

''މާމަ ނިކުންނަން ވާއިރަށް ކުނިކަހަން ވެގެން...'' ޖާބިރު އޭނަގެ ހަރަކާތްތައް ބަލަން ހުރީ ކިހާ އިރެއް ވަންދެންކަން ނޭގޭތީ ޝާޢާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އޭނައާއި ޖާބިރުގެ ނަޒަރު ބައްދަލުވިތަނާ އޭނަ ހިނިތުންވެލައިފިއެވެ.

''ކާފައަށް ސައިތައްޓެއް ހަދައިދެންތަ؟...'' ޖާބިރުގެ ދުވަސް އަބަދުވެސް ހޫނު ސައިތައްޓަކުން ފަށާތީ ޝާޢާ އަހާލިއެވެ. ޖާބިރާ މެދު ހިތުގައި ކިތަންމެ ގިނަ ސުވާލެއް އުފެދިފައިވިކަމުގައި ވިޔަސް ބޭރުފުށުން އެކަން ޝާޢާ ސިއްރުކުރިއެވެ. އަދި އޭނަގެ އަމަލުތައް ވެސް ބައްޓަންކުރަމުން ދިޔައީ އެފަދައިންނެވެ.

ޖާބިރަށް ވުރެ ކުރިން ޝާޢާ ގޮސް ބަދިގެއަށް ވަދެ ފެން ހޫނުކުރާ ޖަގަށް ފެން އަޅައި ކަރަންޓު ޖައްސާލިއެވެ. ފެން ކެކެންދެން ޝާޢާ އިރުއިރުކޮޅާ ޖާބިރަށް ބަލާލައެވެ. އެމޫނުމަތިން އޭނައަށް ކަމެއް ފާހަގަކުރެވޭތީއެވެ. ފާއިތުވެދިޔަ ދުވަސްތަކަށް ވުރެން ބޮޑަށް ފެންނަނީ ކަމަކާމެދު ހިތްހަމަޖެހިފައިވާ ތަނެވެ. އެބަދަލު އައިސްފައި އެވަނީ ވެސް ކުއްލިޔަކަށެވެ. ވިސްނޭވަރަކަށް އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް އިތުރަށް ވަދެވޭ ކަހަލައެވެ. ޚިޔާލުތަކުގެ ތެރެއަށް ޝާޢާ ގެއްލެމުން ދިޔަ ދަނޑިވަޅުގައި ޖާބިރު ގޮވާލި އަޑު އިވުނެވެ.

''ފެންޖަގު ކެކުނު އަޑެއްނު އެއިވުނީ؟...'' ޝާޢާއަށް ބަލަން ކާމޭޒު ދޮށުގައި އިން ޖާބިރު ވާހަކަދެއްކިއެވެ. ޝާޢާ ބަދަލުތަކެއް އައިސްފިކަން ޖާބިރަށް ނަގައިގަނެވުނީ ދެނެވެ. ''ދަރިފުޅު ކޮންކަމަކާތަ ތި ވިސްނަނީ؟...''

''ނުވިސްނަން...'' ނުތަނަވަސްކަމުގެ ހިނިތުންވުމެއް ރައްދުކުރަމުން ޝާޢާ ބުނެލިއެވެ. އަދި އަވަސް އަވަހަށް އޭނަ ގެނައި ޖޯޑަށް ފެންއަޅައި އޭގެ ތެރެއަށް ސައިފަތް ޕެކެޓެއް ލިއެވެ. ފެންގަނޑުގެ ތެރެއަށް ސައިފަތުގެ ކުލަ ފޭދިގެން ދިއުމާއެކު ރަގަޅަށް ގިރާލިއެވެ. އެއަށްފަހު ސައިޖޯޑު ގެންގޮސް ޖާބިރާއި ކުރިމައްޗަށް ވާހެން މޭޒު މަތީ ބެހެއްޓިއެވެ.

ޝުކުރުގެ ހިނިތުންވުމެއް ޝާޢާއަށް ދެމުން ޖާބިރު ހޫނުއަރައަރާ ހުރި ސައިޖޯޑަށް ފުމެލަމުން ކޯވަރެއް ބޯލިއެވެ.

ބަދިގެއިން ނިކުމެގެން ދިއުމުގެ ބަދަލުގައި ޝާޢާ ގޮނޑިއެއް ދަމާލަމުން އޭގައި އިށީނެވެ. ޖާބިރު ރަގަޅު މޫޑެއްގައި ވާތަން ފެނި ދުރުދުރުން އޭނަގެ ސުވާލުތަކަށް ޖަވާބެއް ލިބޭތޯ މަސައްކަތްކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނައަށް ވާހަކަދެއްކުމުގެ ފުރުސަތު ނުލިބެނީސް ޖާބިރު ސުވާލެއްކޮށްލިއެވެ.

''ކަމަކާމެދު ފިކުރު ބޮޑުވެފައި ހުރިހެން ހީވަނީ، ކާފައާއި ތިކަމެއް ހިއްސާނުކުރާނަންތަ؟...'' ޖާބިރު އެހިއެވެ. އޭނައަށް ޝާޢާގެ ނުތަނަވަސްކަން ދޭހަ ކުރެވުނީ ހަދީޖާ އޭނައާއި ހިއްސާކޮށްފައި އޮތް ވާހަކައިގެ މައްޗަށް ބުރަވުމުންނެވެ. އެއާއެކު ހަދީޖާ ބުނެފައި އޮތް ވާހަކަތައް މަތިން އޭނަ ހަނދާން ވިއެވެ. އެކަންތައް ޝާޢާ އާއި ހިއްސާކުރާނެ ގޮތަކާމެދު ޖާބިރަށް ވިސްނާލަން ޖެހުނެވެ. ޔޫނުސްއާއި ޝާޢާގެ ގުޅުން ބަދަހިވެގެން ދިއުން އެއީ ހުއްދަދެވޭނެކަމެއް ނޫނެވެ. އޭގެ އާޚިރު ނަތީޖާ ނިކުމެގެންދާނެ ގޮތް އޭނައަށް ކިތަންމެހާ ވެސް ރަގަޅަށް އެނގައެވެ. އަދުއްވުންގެ ކަންފަތާ ހަމައަށް އެޚަބަރު ދަތުރުކުރާ ހިސާބުން ޔޫނުސް ނުރައްކަލަށް ހުށަހެޅިގެން ދާނެއެވެ. ޔޫނުސްގެ ހަށިރައްކަލަށް އޭނައަށް ކުރެވޭނެ މާކަ ބޮޑު ކަމެއް ވެސް ނެތެވެ. އޭނަގެ ފުރިހަމަ ސަމާލުކަމާއި އަހައްމިޔަތު ދެވިފައި އޮތީ ޝާޢާއަށް ކަމުގައި ވީތީއެވެ. އެރާސްތާއިން އޭނަގެ ފައި ކުޑަކޮށް ވެސް ކައްސާލާކަށް އޭނަ ނޭދެއެވެ. އޭނައަށް މުހިންމީ ހަމައެކަނި ޝާޢާ އެވެ.

''ދަރިފުޅު މިހާރު އޮފީހަށް ދަނީ ކޮން ފިރިހެންކުއްޖަކާ އެކުތަ؟...'' އިރުކޮޅެއް ކުރިން ކުރިމަތިވި ސުވާލަށް ޝާޢާއަށް ޖަވާބު ނުދެވެނީސް އިތުރު ސުވާލެއް ކުރިމަތި ވިއެވެ. އެއާއެކު ޝާޢާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޖާބިރަށް އޭނައާއި ޔޫނުސްއާއި ދެމެދު އޮތް ގުޅުމާ މެދު ޝައްކު އުފެދުނީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެރިއެވެ. އެހާ އަވަހަށް ޔޫނުސްގެ ނަން ގެނެވިދާނެކަމަކަށް އޭނަ ހީކޮށްފައި ވެސް ނެތެވެ. އޭނަ ނިންމާފައި އޮތީ ދުވަސްކޮޅެއް ފަހުން ޔޫނުސްގެ ވާހަކަ ކާފައާއި މާމަ ގާތު ހިއްސާކުރާށެވެ. އެކަމަށް ތައްޔާރުނުވެވިގެން އުޅެނިކޮށް ކުއްލިޔަކަށް އެކަމާއި ކުރިމަތިލާން ޖެހުމުން ޝާޢާއަށް އިދެވުނީ ދޭނެ ޖަވާބެއް ނޭގި ހުއްޓުންއަރާފައެވެ.

ޝާޢާއަށް އައިސްފައިވި ބަދަލުން ހަދީޖާގެ ވާހަކައިގެ ތެދުކަން ޖާބިރަށް ޔަޤީން ކުރެވުނެވެ. ދުވަސްތަކަށް ފަހު އޭނަގެ ހިތަށް ލިބިފައި އޮތް ހަމަޖެހުމަށް ވެސް އެކަމުގެ ސަބަބުން ބުރޫ އެރިއެވެ. ޔޫނުސް ވެގެން ދިޔައީ ޖާބިރަށް އޮތް ބޮޑު ބޮލު ރިހުމަކަށެވެ. އެކަންތަކާ ހުރެ އޭނައާއި ޝާޢާގެ ގުޅުން ހީނަރުވާކަށް ޖާބިރު ބޭނުމެއް ނުވިއެވެ. ހަމައެއާއެކު ޝާޢާއަށް ހިތްދަތިކަމެއް ލިބޭކަށް ވެސް މެއެވެ. ނަމަވެސް އޭނައަށް އޮތީ ފަހުގެ ނިންމުން ނިންމަންޖެހިފައެވެ. އެއީ ހުރިހާ އެންމެންގެ ވެސް މަންފާއަށްޓަކައެވެ. މައްސަލަގަނޑުތައް ހިނދި އަމާންކަން ލިބުމާއެކު ޔޫނުސަށް ވުރެން ރަގަޅު ކުދިން ޝާޢާއަށް ލިބިދާނެއެވެ.

''ކާފާ އަހަންނާއި ޔޫނުސްގެ ދެމެދުގައި އޮންނަނީ ހަމައެކަނި އެކުވެރިކަމޭ... މިދުވަސްކޮޅު އައިޝާ ބަލިވެ އުޅޭތީ އަހަރެން ބަލާ ޔޫނުސް އަންނަނީ... ކާފަ ތިހީކުރާ ފަދަ ކަމެއް ނޯވެޔޭ...'' ޖާބިރުގެ މޫނުމަތިން ފެންނަމުން ދިޔަ ޝުޢޫރުތަކާއި ވާހަކަދެއްކުމުގެ ރާގުން ތެދު ހާމަކޮށްފިނަމަ ހިތްހަމަނުޖެހުން އަމަޒުވެދަނެތީ ޝާޢާއަށް ޖެހުނީ ދޮގު ހަދާށެވެ. އޭރު ވެސް އޭނަގެ ޒަމީރު ވިސްނައިދެމުން ދިޔައީ އަނެއްކާ ވެސް އެސުވާލުތަކާއި އޭނަ ކުރިމަތިލާންޖެހިދާނެ ކަމެވެ. ގިނަ ދުވަސްތަކެއް ވަންދެން އޭނައަށް އެކަން ސިއްރު ނުކުރެވިދާނެކަމެވެ. ޔޫނުސް އޭނަގެ ކާފައާއި މާމައާއި ބައްދަލުކުރަން ބޭނުން ވެއްޖެނަމަ އިތުރު ހާސްކަމެއް ލިބޭނެކަމެވެ.

ޝާޢާއަށް ވިސްނައިނުގަނެވުނު ކަމެއް ވިއެވެ. ޔޫނުސްއާ މެދު ކާފަ ހިތްހަމަނުޖެހެނީ ހެއްޔެވެ؟ ކާފަގެ ޝޫޢޫރުތަކުން ބުނެދެނީ އެވާހަކައެވެ. ނަމަވެސް އެއީ ކީއްވެގެން ހެއްޔެވެ؟ ޔޫނުސްއަކީ ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނެކެވެ. ޤަދަރުވެރި ޢާއިލާއަކުން އައިސްފައިވާ ރަގަޅު އަހުލާގެއްގެ ވެރިއެކެވެ. އެފަދަ ރަގަޅު ބައިވެރިޔަކު އޭނަގެ ނަސީބުގައި ލިޔެވިފައިވުމުން އެކަމާއި މެދު އުފާވާން ޖެހޭނެ ނޫން ހެއްޔެވެ؟ ނަމަވެސް ކާފަގެ އަމަލުތަކާއި ވާހަކަތަކުން ބުނެދެނީ މުޅިން އެހެން ވާހަކައެކެވެ.

ޝާޢާ އޭނަގެ މޫނުމަތީގައި ދޮގު ހެދުމުން ޖާބިރު ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ޔޫނުސްއާ ޖެހި ޝާޢާ ހަލާކުވަމުން އަންނަ ކަމުގެ ނިޝާނެއްކަމުގައި އޭނަ އެކަންތައް ނެގިއެވެ. އެއާއެކު އެކަމަށް ހައްލެއް ގެންނަން ޖާބިރު ގަސްދުކުރިއެވެ. އޭރުން ޢާއިލާ ތެރޭގައި މައްސަލަގަނޑެއް ހިލިގެން ވެސް ނުދާނެއެވެ. އޭނަގެ ބޮލުގެ ރިހުމަށް ފަސޭހަކަމާއެކު ހައްލެއް ވެސް ލިބޭނެއެވެ. ޖާބިރު އިތުރަށް އެމައުޟޫޢުއަށް ނުގޮސް ފަރުޖައްސާލީ އޭނަގެ ސިކުނޑީގައި ރޭވުނު ކަންތަކަށް އަމަލުކުރަން ހިތުލައިގެންނެވެ.

''ކޮބާތަ ރޭގަ ކާފަ ގެނައި ކުކުޅު؟... ފަތިހު ނިކުތް އިރު ނެތް ފެންނާކަށް...'' މައުޟޫޢު ބަދަލުކޮށްލަމުން ޝާޢާ ބުނެލިއެވެ. އެއާއެކު ސައިޖޯޑުން ކޯވަރެއް ބޯން އުޅުނު ޖާބިރު ކޮށިނޭރީ ވެސް ކިރިޔާއެވެ. ކުއްލިޔަކަށް ޝާޢާ އެވާހަކަ ގެނައުމުންނެވެ. ދޭނެ ޖަވަބަކާ މެދު އަވަސްއަވަހަށް ވިސްނާލަމުން އޭނަ މޫނުމައްޗަށް ހައިރާންކަން ގެނައެވެ.

''ނެތޭ؟... ފަތިސްނަމާދަށް ކާފަ ދިޔައިރު ކޮށީގައި އިން އެސޮރު...'' ޖޯޑު މޭޒުމަތީ ބަހައްޓަމުން ޖާބިރު ބުނެލިއެވެ. އަދި އަވަސްއަވަހަށް ގޮނޑިން ތެދުވަމުން ހިނގައިގަތީ ބަދިގެއިން ނިކުތުމަށެވެ. ޖާބިރުގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން އިން ޝާޢާއަށް ބުނާނެއެއްޗެއް ވެސް ނޭގުނެވެ. ޖާބިރުގެ ދޮގު ހެދުމުގެ ހުނަރަށް ތަޢުރީފު ހައްޤެވެ. އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު ޝާޢާ ބޭރަށް ނިކުތް އިރު ޖާބިރު ގޯތިތެރޭގައި އަތްފުނާއަޅަނީއެވެ. އޭނަގެ އަމަލުތަކުން ހީވަނީ ކުކުޅުކޮށި ގެއްލިގެން އުޅެނީ ހެންނެވެ.

''ޔަޤީނޭ ފަތިސްނަމާދަށް ދިޔަ ގަޑީގަ ހަނދާން ނެތިވެ ބޭރު ދޮރު ތަޅުނުލާ ދެވުމުން ފުރުސަތު ބަލާފަ މިތާ ކަންމަތީގަ މިއުޅޭ އާވާރާ ގުރޫފު މީހުން އޭތި ނެގީކަން... މިދެން ކިހާ ބޮޑު ބަލާއެއް!!!... މިހާރު ގޭގައި ހުންނަ އެއްޗެހި ވެސް ވަގަށް ނަގަން ފެށީއޭ!...'' ހައިރާންވެ އަންތަރީސްވެފައި ޝާޢާއަށް ހުރެވުނެވެ. ޖާބިރުގެ ހުނަރަށް އެވޯޑު ދިނުން ހައްގެވެ. އެހާވެސް ކުޅަދާނަ ވިއްޔާއެވެ. ޝާޢާގެ ލޮލުގައި ފޮތިކޮޅެއް ބަންނަން ޖާބިރުކުރަމުން ދިޔަ މަސައްކަތް ފެނަށްވަމުން ދިޔަކަމެއް އޭނައަށް ނޭގެއެވެ. އެހެނީ ޝާޢާ ވަނީ ހުރިހާ މަންޒަރެއް ލޮލުންދެކެއަތުންހިފާފަ އެވެ. ޖާބިރު ކަންތައްކުރަމުން ދިޔަ ގޮތުން އިތުރު ޝައްކުތަކެއް ޝާޢާގެ ހިތުގައި އުފަން ވިއެވެ. އޭނައަށް ނޭގޭ ކަޅު ސިއްރެއް ހުރިހާ ކަމެއްގެ ނިވަލުގައި ފޮރުވިފައިވާ ކަމެވެ.

*****

ދުވަހުގެ ހަތަރުދަން ބަތޫލް ހޭދަކުރީ ގޭގެ ހަތަރުފާރުތެރޭގައެވެ. އެހުރިހާ ވަގުތެއްގައި ވެސް އޭނަ ހުންނަނީ ގޭގެ މާހައުލަށް ދެކަންފަތް ހުޅުވާލައިގެންނެވެ. މާމައާއި ކާފައަށް އޭނަ ފާރަލަމުން ދިޔައީ ނުހަނު ސިއްރުންނެވެ. އޭރު އޭނަގެ ހިތުގައި އިންދާލެވުނު ޝައްކުގެ އޮށަށް މޫއެރި، މޫތަކުގެ ބާރު ދިޔައީ ގަދަވަމުންނެވެ.

އިރުއޮއްސި އަނދިރިކަން ފާޅުވަމުން އައި ވަގުތެވެ. ޝާޢާ އޮތީ ގޭގެ ބޭރު ޖޯލީގައެވެ. މިއަދު ވެދިޔަ ކަންތަކާ މެދު އޭނަ ވިސްނަން އޮތީ އަނބުގަހުގެ އޮފިތަކުގެ ތެރޭން ފުރޭނިގެން ގޮސް ފެންނަން އޮތް އުޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ގަދަ ރަތްކުލިން ރަންގުވެފައި އޮތް އުދަރެހުގެ ކުލަތަކަށް އޭރު ވަނީ ފަނޑުކަން ވެރިވާން ފަށައިފިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ސިކުނޑިއަށް ހަމަޖެހުމެއް ގެނެސްދޭން ޝާޢާ މަސައްކަތްކުރިއެވެ. އޭނަ އެންމެފަހުން ނިންމީ ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާށެވެ. އެސުވާލުތަކަށް އޭނަ ކިތަންމެ ވަރަކަށް ޖަވާބު ހޯދަން އުޅުނަސް ކާމިޔާބު ނުކުރެވޭނެތީއެވެ. އެސުވާލުތަކުގެ ޖަވާބު ލިބެން އޮތީ އެންމެ ފަރާތެއްގެ ފުށުންނެވެ. ނަމަވެސް ހެނދުނު ވެދިޔަ ކަންތަކަށް ފަހު އެއީ ވުން ނާދިރުކަމެކެވެ. ވިސްނާވިސްނާ އޭނަގެ ބޯގޮއްވުމުގެ ބަދަލުގައި ހުރިހާ ކަމެއް ނުވާކަމަކަށް ހަދައި ހަނދާން ނައްތާލުން މާ ބޮޑަށް ވެސް ބުއްދިވެރި ވާނެއެވެ.

މުޅި ގޯއްޗަށް އަނދިރިކަން ވެރިވެފައި އޮތް ވަގުތެވެ. މަޢުރިބު ނަމާދުކުރަން ކޮޓަރިއަށް ދާން އުޅުނު ޝާޢާއަށް ކުއްލިޔަކަށް އަދަޔާ ހިލާފަށް ހޫނުކަން އެކުލެވިގެންވި ރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހިލާފައި ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. އެވެސް ނުހަނު ގާތުންނެވެ. ސިހިފައި ޝާޢާއަށް ވަށައިގެން ހޯދާލެވުނެވެ. އެއީ ދުވަހަކު ވެސް ކުރިމަތިވި ކަމަކަށް ނުވާތީއެވެ. ވަށައިގެން އޮތް އަނދިރިކަން ސައިލެއްހެން އައިސް އޭނަ ވަށާލުމުން ފާޑުފާޑުގެ ވަސްވާސްތަކުން ހިތްފުރެން ފެށުމާއެކު ޝާޢާ ގަތީ ބިރެވެ. އޭނަ ފިޔަވަޅުތައް ބާރުކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. މައިގެއަށް ވަދެވުނުއިރު އޭނަ ހުރީ އުދާސްކަމެއްގެ ތެރޭގައެވެ. ހީވަނީ ނަފުސަށް ހަމަޖެހުމެއް ނުލިބިގެން އުޅޭހެންނެވެ.

ފާޚަނާއަށް ވަދެ ވުޟޫކުރަން އުޅުމުން ބޮލުގައި ރިއްސަން ފެށިއެވެ. އެކަމަށް ކެތްކޮށްލައިގެން ވުޟޫކޮށްގެން ފާޚަނާއިން ނިކުތެވެ. ނަމަވެސް އޭނައަށް ނަމާދެއް ނުކުރެވުނެވެ. ކުއްލިޔަކަށް ބޮލަށް އަރައިގެން އެދާ ތޫނު ތަދާއެކު މޫނު މައްޗަށް އެނބުރުން އަރައިގެން ދާތީއެވެ. އެއިން ކޮންމެ ފަހަރަކު އޭނައަށް ޖެހެނީ ހަށަން މޮހެލާށެވެ. އެންމެފަހުން އަނބުރައިގަނެގެން ވެއްޓިދާނެހެން ހީވާން ފެށުމުން ޝާޢާ ގޮސް އެނދުގައި އިށީނެވެ. ދެން ވާންފެށި ގޮތުން އޭނަ ބިރުގަންނަން ފެށިއެވެ. ހަށިގަނޑަށް ހޫނުކަމެއް ސަވާރުވާތީއެވެ. އޭރު ވެސް ބޮލުގެ ރިހުމަށް ލުޔެއް ނުލިބެއެވެ. ބަައެއްފަހަރު ހަމަހޭ ވެސް ނެތިގެން ދާހާ ވެއެވެ. އެވޭނެއްގައި ވަނިކޮށް ޝާޢާއަށް ބިރުވެރި މަންޒަރެއް ވެސް ފެންނަން ފެށިއެވެ. ބޮލުގެ ރިހުން ގަދަވެ އެއީ ހަގީގަތެއްކަމެއް ބިލާހެއްކަމެއް ވައްކެއް ނުކުރެވުނެވެ. ނަމަވެސް އޭނަގެ ހިތަށް ސިހުން ލިބުނެވެ.

އޭނަގެ ޖިސްމަށް މީހަކު އަތްގަދަކުރަން އުޅޭކަހަލައެވެ. ނަމަވެސް އެމީހަކު ކައިރިވާން ކުރާ ކޮންމެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ނުކުރެވި ބޭކާރުވެގެން ދެއެވެ. ޝާޢާއަށް ނުވިސްނުނުކަމުގައި ވިޔަސް އެއީ އޭނަ ވޫޟޫމަތީގައި ހުރުމުގެ ސަބަބުން އޭނައަށް ދެއްވާފައިވި ރަހުމަތެކެވެ. ނަމަވެސް އެހެނިހެން ގޮތްގޮތުން ޝާޢާއަށް ނުފޫޒު ފޯރުވުމުގައި ޝައިތާނާ ކާމިޔާބު ހޯދިއެވެ.

ވޭނީ ސަކަރާތެއްގައި އެތައް އިރެއްވަންދެން ޝާޢާ ހޭދަކުރީ އޭނަ ފަހު ނޭވާވަޅަށް އެޅިގެން ހިނގައިދާނެހެން ހީވެފައި ވަނިކޮށެވެ. އެފަދަ ރިހުމެއް އޭނަގެ މުޅި ހަޔާތުގައި ވެސް އިހުސާސްވެފައި ނެތެވެ. ޝާޢާއަށް ކިރިޔާ ވެސް ލުޔެއް ލިބުނީ އިޝާ ނަމާދަށް ގޮވި ފަހުންނެވެ. ނަމަވެސް ކޮޅަށް ތެދުވާނެހާ ހަކަތަ ނެތުމުން ޝާޢާއަށް އެނދުގައި އޮވެވުނީއެވެ. އޭރު ވާންވެފައިވި އޭނަގެ ސިކުނޑިއަށް ލުޔެއް ލިބެމުން ދިޔަ އެވެ. އެހެނަސް ހިތަށް އައިސްފައިވި ސިހުމަށް ލުޔެއް ނުލިބުނެވެ.

ކުއްލިޔަކަށް އިވިގެން ދިޔައީ ފޯނު ރިންގްވާން ފެށި އަޑެވެ. ހަށިގަނޑަށް ކޮޅަށް ތެދުވާނެ ހަކަތަ ލިބުމާއެކު ޝާޢާ އެނދުން ތެދުވުނެވެ. އޭރު އޭނަ ވުޟޫކުރަން ފާޚަނާއަށް ވަންނަމުން ރީތިވާމޭޒުމަތީ ބޭއްވި ގޮތަށް ފޯނު އޮތެވެ. ނަމަވެސް ފޯނު ނެގުމާއެކު އެއަށް އައިސްފައި ހުރި މިސްކޯލުތަކުގެ އަދަދު ފެނި ލޯބޮޑުކޮށްލެވުނެވެ. އޭނައަށް މީގެ ކުރިން ފޯނުގެ ރިންގުގެ އަޑު ނީވުނީ ކީއްވެގެން ހެއްޔެވެ؟

''ހަލޯ، ޝާ ބިޒީ ވަގުތެއްގަތަ މިގުޅުނީ ފޯނަށް ޖަވާބު ނުދިނީ؟...'' ޔޫނުސް އަހާލިއެވެ. ޔޫނުސްގެ ޢާއިލީ ފަރާތެއްގެ ކައިވެނި ހަފްލާއަށް ތައްޔާރުވުމުގައި ބުރަކޮށް އުޅުމުގެ ސަބަބުން، ޔޫނުސްއަށް ޝާޢާއަށް ގުޅާލަން ހުސް ވަގުތެއްވީ އަދިކިރިޔާއެވެ.

''ނޫނޭ ފޯނަށް ކުޑަ މައްސަލައެއް ދިމާވެގެން އުޅޭތީ...'' ޝާޢާ ބުނެލިއެވެ.

''މިރޭ އަންނާނަން ދޯ ޕާޓީއަށް؟... އަހަރެން ވަރަށް ބޭނުން ފެމިލީ މީހުންނަށް ޝާ ތަޢާރަފްކޮށްލަދޭން، އެކަމަކު ޝާ ބޭނުމިއްޔާ...'' ޔޫނުސް އުއްމީދީ ރާގެއްގައި ބުނެލިއެވެ. އެކަމަށް އާނ ބަސް ދިނުމާމެދު ޝާޢާއަށް ވިސްނާލަން ޖެހުނެވެ. މިއަދު ކާފައާއި ދެކެވުނު ވާހަކަތަކުގެ ސަބަބުންނެވެ. ހުރިހާ ކަމަކަށް ރިއާޔަތްކޮށްލަމުން އެކަމަށް ނޫނެކޭ ބުނަންވީ ސަބަބެއް ނުވިސްނުނެވެ. ނަމަވެސް ކަމެއް އުނިކުރުމަށްފަހުގައެވެ. އޭރުން އޭނަ ހަފްލާއަށް ދާނީ ހަމައެކަނި ޔޫނުސްގެ އެކުވެރިޔެއްގެ ހައިސިއްޔަތުންނެވެ. ރަށުތެރެއަށް ތަފާތު ވާހަކަތައް ވިހެއުމުގެ ފުރުސަތުތައް ވެސް ހަނިކުރެވިދާނެއެވެ.

''ޕާޓީއަށް ގޮސްދާނަން އެކަމަކު ޔޫނުސްގެ ފެމިލީ މީހުންނަށް ތަޢާރަފުކޮށްދޭނީ އަދި ތަންކޮޅެއް ފަހުން...'' ޝާޢާ ބުނެލިއެވެ. ޝާޢާގެ އެހެށަހެޅުމާއި މެދު ވެސް ޔޫނުސް ޤަބޫލުވިއެވެ. އޭނަ ޝާޢާއާއި ވަކިވެލީ ގަޑި ކިޔާލުމަށްފަހުގައެވެ. އޭގެ ކުރިން އޭނަ ޝާޢާ ދެކެ ވާ ލޯބި ފަށުވި ބަސްތަކުގެ ޒަރިއްޔާއިން އިއްވާލަ ދިނެވެ.

ފޯނުކޯލު ނިންމާލިއިރު ޝާޢާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބިފައި ވިއެވެ. ފޯނު ހިފައިގެން ގޮސް އޭނަ އެނދުގައި އިށީނެވެ. ޔޫނުސްގެ ހުރިހާ ކޯލްތަކެއް މިސްވެފައި އިނީ އޭނަގެ ބޮލުގެ ރިހުން ގަދަވި ގަޑީގައެވެ. ޝާޢާއަށް ނުވިސްނުނު ކަމަކީ އެފަދަ ވޭނެއް ތަހައްމަލުކުރަން ޖެހުނު ސަބަބެވެ. އޭނައަކީ މީގެ ކުރިން ބޮލުގައި ރިއްސައިގެން އުޅުނު މީހެއް ވެސް ނޫނެވެ. އެސުވާލަށް ޖަވާބު ހޯދަން ޝާޢާ ގަސްދުކުރީ ޑޮކްޓަރަށް ދައްކާށެވެ. އޭނަގެ ސަމާލުކަމަށް ނައިސް ވެސް ސިއްހީ މައްސަލައެއް ހުރެދާނެ އެވެ.

*****

ޕާޓީއަށް ދާ ގަޑި ކައިރިވުމުން ޝާޢާ ފެންވަރަން ފާޚަނާއަށް ވަނެވެ. ޝަވަރު ދޮށުގައި ހުއްޓިލަމުން ޝަވަރަށް ދޫކޮށްލުމާއެކު އޮހިގެން އައި ފިނި ފެނުން ސިކުނޑިއާއި ޖިސްމަށް ފިނިކަން ގެނެސްދިނެވެ. އެގޮތުގެ މަތިން އިރުކޮޅެއް ފާއިތުވިތަނާ ކުއްލިޔަކަށް އަނެއްކާ ވެސް ބޮލާއެކު ހަށިގަނޑުގެ ވާތްފަރާތަށް ތޫނު ތަދެއް އަރަން ފެށިއެވެ. މިފަހަރު ތަދު އިހުނަށްވުރެ ގަދައެވެ. ވެއްޓިދާނެހެން ހީވާން ފެށުމާއެކު ޝާޢާއަށް އަވަސްއަވަހަށް މަދަދަށް އެދި އަތްދިއްކޮށްލެވުނީ މޫނުދޮންނަތައްޓަށެވެ. އެއް އަތުން މޫނުދޮންނަ ތަށީގައި ހިފަހައްޓާލަމުން އަނެއް އަތުން ނިތްކުރީގައި ޝާޢާއަށް އަތް ހިންގާލެވުނެވެ. އެވަގުތު އޭނައަށް އިސްއުފުލާ ކުރިމަތީ ކުރި ލޯގަނޑަށް ބަލާލެވުމާއެކު މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.

އޭނަގެ ފުރަގަހުން ފެންނަމުން ދިޔައީ ހިޔަންޏެކެވެ. މޫނުބަލާ ލޯގަނޑުން ރީއްޗަށް އެމަންޒަރު ފެނެއެވެ. ހިތުގައި އުފެދިގެން އައި ނުތަނަވަސްކަމާއެކު ޝާޢާއަށް ނިކަން އަވަހަށް ފަސްއެނބުރި ބަލާލެވުނީ އޭނަގެ ހިތުގައި ސުވާލުތައް އުފެދުމުންނެވެ. ފަސްއެނބުރި ބަލާލެވުމާއެކު ޝާޢާއަށް ލިބުނީ އިތުރު ހާސްކަމާއި ހައިރާންކަމެކެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ލޯކުރިމަތިން ހިޔަނި ގެއްލުމުންނެވެ. ބިރުވެރިކަން އުފެދިގެން އައުމާއެކު ޝާޢާ އަވަސްވެގަތީ ފާޚަނާއިން ނިކުންނާށެވެ. އިތުރު މިނެޓަކަށް ވެސް އެތާނގައި ހުންނަން ބޭނުންނުވާތީއެވެ.

އަވަސްއަވަހަށް ފާޚަނާގެ ފާރުގައި ހަރުކުރެވިފައިވި ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލި ނަގައި ހަށިގަނޑުގައި އޮޅާލަމުން ދޮރުގެ ތަޅުގައި ހިފާލިއެވެ. ހަމަ އެވަގުތު ހޫނުކަމެއް އެކުލެވިގެންވި ރޯޅިއެއް އޭނަގެ ގައިގައި ބީހިލާފައި ދިޔައެވެ. އެފަދަ ކަމެއް އޭނައަށް ފުރަތަމަ އިހުސާސްކުރެވުނީ އިރާކޮޅުގެ ވަގުތުގައެވެ. ބޮލުގެ ރިހުން ވެސް ގަދަވެފައިވުމާއި ހިތުގައި އުފެދިފައިވި ބިރުވެރިކަމާއެކު ޝާޢާ އިހުނަށްވުރެ އޭނަގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ނަމަވެސް އޭނައަށް ފާޚަނާއިން ބޭރަށް ފިޔަވަޅެއް އެޅުނުތަނާ ހީވީ ހަށިގަނޑަށް ބާރެއް އަރައިގެން ދިޔަ ހެންނެވެ. ވޭނައި ތަދުގެ އިހުސާސްކުރެވުނު ހިނދު އޭނަގެ މޫނުމައްޗަށް އަނދިރިކަން ވެރިވެ އާރާއިބާރު ނެތިގެން ދިޔަ އޭނަގެ ހަށިގަނޑު ޓައިލްސްތަކުގެ މައްޗަށް ވެއްޓުނެވެ. ލޯ ވެސް މެރުނު ހިނދު ޝާޢާއަށް އޭނަގެ ކައިރީގައި ހަށިގަނޑުން ބިޔަ މީހަކު ހުރި ފަދަ އިހުސާސެއް ކުރެވުނެވެ.

*****

ޝާޢާ ބަލާ ގޭދޮށަށް އައިސްފައި ހުރި ޔޫނުސް އަނެއްކާ ވެސް ޝާޢާއަށް ގުޅަން މަސައްކަތްކުރިއެވެ. މިހާރު އޭނަ އެކަން ތަކުރާރުކުރަމުން ދާތާ ކިތަންމެ އިރެއް ވެއްޖެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ލިބެނީ އެއްޖަވާބެކެވެ. އޭރު ޝާޢާގެ ޚަބަރެއް ނުވުމުން އޭނަގެ ކެތެތްެރިކަން ކޮޅުންލައިފިއެވެ. ފޯނު ފަޓުލުނޫގެ ޖީބަށް ލަމުން ޔޫނުސް ބަލާލީ ފެންނަން ހުރި ދޮރާއްޓަށެވެ. އޭނަ އިނީ ދެފިކުރެއްގެ މަތީގައެވެ. ވިސްނަން ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ސައިކަލުގެ ހަރުޖައްސާލަމުން އޭނަ ސީޓު މަތިން ތެދުވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ކުރިއަށް ހިނގައިގަތެވެ. ޝާޢާއާ މެދު ހިތުގައި އުފެދިފައިވި ނުތަނަވަސްކަމަށް ނިމުމެއް ގެންނަން އޭނަ ހުރީ ބޭނުންވެފައެވެ. އެކަން ކުރެވެން އޮތީ އެންމެ ގޮތަކުންނެވެ.

*****

ޓީވީން ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލަން ތިބި ޖާބިރާއި ހަދީޖާއަށް އެކީއެއްފަހަރާ މައިދޮރާއި ދިމާއަށް ބަލާލެވުނީ ސަލާން ގޮވާލި އަޑަށެވެ. ސަލާމުގެ ޖަވާބު ބަލައިގަންނަމުން ހަދީޖާ އޭނަ އިން ސޯފާއިން ތެދުވެލަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭނައަށް ފެންޑާގައި ހުރި ޒުވާނަކު ފެނުމާއެކު ލިބުނީ ހައިރާންކަމެވެ. ފަރުވާތެރިކަމާއެކު ބަލާލުމުން ހަދީޖާއަށް އެޒުވާނާއަކީ ކާކުކަން ދެނެގަންނަން ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. އެހެނަސް ސުވާލު އުފެދުނީ އެގަޑީގައި ޔޫނުސް އެގެއަށް އައުމުންނެވެ.

އެހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބިގެން ދިޔައީ ޔޫނުސް އައި ބޭނުން އޭނައަށް ވިސްނައިގަނެވުމުންނެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވީ ވެސް އެސަބަބާ ހުރެއެވެ.

ހަދީޖާއަށް ބަލަން ހުރި ޔޫނުސްގެ މޫނުމަތިން ހާސްކަން ފާޅުވެއެވެ. އޭނަ ނަފުސު ހަމައަކަށް އަޅުވަން ހަށިފުރާނޭވާއެއް ދޫކޮށްލަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ގެންނަން މަސައްކަތްކުރިއެވެ. އޮޅުންފިލުވަން އުޅޭ މަޢުލޫމާތުގެ ޒާތުން ހާޖަރާ ހީކޮށްފާނެ އެއްޗަކާ މެދު އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެނަސް ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ ބުނާ ބީދައިން ޔޫނުސްއަށް ޖެހުނީ އެކަމާއި ކުރިމަތިލާށެވެ. ޝާޢާއަކީ އަބަދު ވެސް ފޯނު އަތަށް ލައިގެން އުޅޭ ކުއްޖެކެވެ. އޭނަ އެހާ ގިނައިން ގުޅުމުން ވެސް ޝާޢާ ފޯނަށް ޖަވާބު ނުދޭނީ ބޮޑުކަމެއް ދިމާވުމުންނެވެ. ޝާޢާގެ ހާލު ނޭގެނީސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

''ކީއްކުރާ ކުއްޖެއް؟...'' ހަދީޖާ އަހާލިއެވެ. އޭނަ ވާހަކަދެއްކީވެސް ރާގަކަށެވެ.

''ޝާޢާ...'' ޔޫނުސް އެންމެފަހުން ބުނެލިއެވެ. އޭނަގެ އަޑުގައި ޖެހިލުންވުން އެކުލެވިފައި ވިއެވެ.

''ކީއްކުރަން ޝާޢާ ހޯދަން ތިޔައީ؟...'' ޔޫނުސްއަށް ބަލަން ހުރެ ހަދީޖާ އެހި އެވެ. ހަދީޖާގެ ވާހަކަދެއްކުމުގެ ރާގުގައި އެކުލެވިގެންވި ހިތްހަމަނުޖެހުން ޔޫނުސްއަށް ފާހަގަކުރެވުނެވެ. އޭގެ ސަބަބުން އޭނަގެ ވާހަކައާއިގެން ކުރިއަށް ދާން އިތުރަށް އުނދަގޫވިއެވެ. އެމީހުންގެ ހިތުގައި އުފެދިގެންދާނެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަށް ޖެހުނީ ރޭވުންތެރިކަމާއެކު ފަރުމާ ކުރާށެވެ. އޭނައާއި ޝާޢާގެ ގުޅުމާމެދު ޝައްކު ނުއުފެދޭނެ ފަދައަކުންނެވެ.

''އޮފީހުން ބާއްވާ ހަފްލާއަކަށް ދާން ޖެހިފަ އޮތީމަ... ޝާ ބުނީ ބަލާ އައިސްދެއްޗޭ، މިހާރު ވަރަށް ގިނަ އިރު ވެއްޖެ ބޭރުގައި ހުންނަތާ ވެސް...... ގުޅީމަ ފޯނަށް ޖަވާބެއް ނުދޭ...'' ޔޫނުސް ބުނެލިއެވެ. ޔޫނުސްއަށް ސަމާލުކަން ދީގެން ހުރި ހަދީޖާއަށް ކުއްލިއަކަށް ޝާޢާ މަތިން ވިސްނާލެވުނެވެ. އިޝާ ނަމާދުގެ ވަގުތުގައި އޭނަ ކޮޓަރީގައި ވަނިކޮށް ޝާޢާ ވަނީ ހަފްލާއަކަށް ދާންޖެހޭ ވާހަކަ ބުނެފައެވެ. އޭގެ އިތުރު ތަފުސީލެއް ޝާޢާ ނުދެއެވެ. އޭގެ ފަހުން ގަޑިއިރުތަކެއް ފާއިތުވެގެން ދިޔަ އިރު ވެސް ޝާޢާގެ ޚަބަރެއް ވީކީ ނޫނެވެ. ސުވާލު އުފެދިގެން ދިއުމާއެކު ހަދީޖާ އަވަސްވެގަތީ ޝާޢާގެ ކޮޓަރިއަށް ދިއުމަށެވެ. ނަމަވެސް ދިއުމުގެ ކުރިން އޭނަ ޔޫނުސްއަށް ބަލާލިއެވެ.

''މަޑުކޮށްލާ...''

ޔޫނުސްއަށް އެތެރެއަށް ވަނުމުގެ ދަޢުވަތެއް ވެސް ހަދީޖާ ނުދިނެވެ. އޭނަ ބުނަންވާ އެއްޗެއް ބުނެލުމަށް ފަހު ހަދީޖާ އެތެރެއަށް ވަދެގެން ދިޔައީ އެވެ. ޔޫނުސް ވެސް މަޑުކޮށްލީ ފެންޑާގައެވެ. ފަނޑުއަލިކަމުގެ ތެރޭން ފެންނަމުން ދިޔަ ގަސްތަކަށް ސަމާލުކަން ދީގެން އޭނަ ހުއްޓުވެ.

*****

''ދަރިފުޅާ...''

ޝާޢާގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ހަދީޖާ ގޮވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. އޭނަ އަނެއްކާ ވެސް ގޮވާލިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. އަދިވެސް ދެތިން ފަހަރު ތަކުރާރުކޮށްލުމުން ވެސް ޝާޢާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެއާއެކު ހަދީޖާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނައަށް ޝާޢަގެ ފަރާތުން ފެނިފައިވާ ސިފައަކަށް ނުވީތީއެވެ. ހާސްކަން ހިތަށް ވެރިވީ ވެސް އެހެން ވެއެވެ.

އަވަސްއަވަހަށް ހަދީޖާ ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އަލަމާރިތެރޭން ގޭގެ ތަޅުދަނޑިފަތި ހޯދާލިއެވެ. އެއަށްފަހު ތަޅުދަނޑިފަތި ހިފައިގެން އޭނަ މިސްރާބުޖެހީ ޝާޢާގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު ވެސް ޖާބިރު އިނީ ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމުގެ އަވާގައި ޖެހިފައެވެ. އޭނައަށް ހަދީޖާގެ އަވަސް ހަރާކަތްތައް ވެސް ފާހަގަނުކުރެވުނީ އެސަބަބާ ހުރެއެވެ.

ތަޅުދަނޑި ފަތިން އޭނަ ފާހަގަކޮށްލި ތަޅުދަނޑިނަގައި ތަޅަށް ކޮއްޕާލިއެވެ. އަދި އަނބުރާލުމާއެކު ތަޅުހުޅުވިގެން ދިޔަ އަޑުއިވުނެވެ. އެއީ ހަދީޖާގެ ހިތަށް ކުޑަވިޔަސް ލުއިކަމެއް ގެނެސްދިން ކަމެކެވެ. އެހެނަސް އޭނަ ކޮޓަރިއަށް ވަދެވުމާއެކު ފެނުނު މަންޒަރުން ހުރިހާކަމެއް ބަދަލުވެގެން ދިޔަ އެވެ. މަގޭ ދަރިޔޭ ކިޔައި ހަދީޖާއަށް ރޮވިއްޖެއެވެ. އޭނައަށް ވެއްޓިފައި އޮތް ޝާޢާއާ ދިމާއަށް ދެވުނު ގޮތެއް ވެސް ނޭގުނެވެ.

މޭމަތިން ތުވާލިގަނޑު ސޮހިގެން ގޮސް ޝާޢާގެ އައުރަ ފެނެއެވެ. ހަދީޖާ ފުރަތަމަ ވެސް އުޅުނީ ޝާޢާގެ ހަށިގަނޑުގައި ތުވާލި އޮޅައި ނިވާކުރާށެވެ. އޭނައަށް ޝާޢާގެ ވާއަތު ހިކަނދިމަސްގަނޑުން ފެންނަން ހުރި ރަތްކުލައިގެ ނިޝާން ފެނުމާއެކު ދެލޯބޮޑުވެގެން ދިޔައެވެ. ފަރުވާތެރިކަމާއެކު ބަލާލުމުން އެއީ އަތުގެ އިނގިލިތަކުގެ ނިޝާންތަކެއްކަން އެނގެއެވެ. ބިރުވެރިކަމާއި ހާސްކަން އައިސް ބޯސައިލެއް ފަދައިން ހަދީޖާ ވަށާލީ ދެނެވެ. އޭނަ ބިރުން އުޅުނު ދުވަސް ކުލިމަތިލައިފިކަމުގެ އަލާމާތްތައް ހަދީޖާއަށް ފެނުނެވެ. އަވަސްއަވަހަށް ޖާބިރަށް ގޮވަން އުޅެފައި ވެސް އެޚިޔާލު ހިނދުކޮޅަކަށް ވިޔަސް މަޑުޖައްސާލަން ޖެހުނީ ޝާޢާ އޮތް ހާލަތުގެ ގޮތުންނެވެ.

އަލަމާރިން އޭނަ ގެނައި ޝާޢާގެ ހެދުންތައް ލައްވައި ނިމުމާއެކު ޖާބިރަށް ހަދީޖާ ގޮވާލީ ނުހަނު ބާާރަށެވެ. އޭރު ވެސް ހަދީޖާއަށް ރޮވެމުން ދިޔައެވެ.

ޓީވީއަށް ގެއްލިފައި އިން ޖާބިރަށް ހޭވެރިކަންވީ ދެނެވެ. ހަދީޖާގެ އަޑަށް އޭނައަށް ސޯފާއިން ވަގުތުން ތެދުވެވުނެވެ. އޭނައަށް އެފަދަ ގޮތަކަށް ހަދީޖާ ހަޅޭއްލެވި އަޑުއިވުނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެދުވަސްތަކުހެ ހަނދާންތައް އެހަޅޭކާއި ގުޅިގެން ދިއުމާއެކު ޖާބިރަށް އަވަހަށް ހިނގައިގަނެވުނެވެ.

ބޭރުގައި ހުރި ޔޫނުސްއަށް ވެސް އަޑުއިވުނެވެ. އޭނައަށް ކައިރިވެލެވުނީ މައިދޮރާއެވެ. އެވަގުތު ކޮޓަރިއަކަށް ގޮސް ވަން ޖާބިރު އޭނައަށް ފެނުނެވެ. އޭނައަށް ހަދީޖާގެ ރުއިމިގެ އަޑު ވެސް އިވުނެވެ. ހިތުގައި އުފެދިގެން ދިޔަ ސުވާލުތަކުގެ ސަމުގާ ގޮސް ޝާޢާއަށް ހުއްޓުމާއެކު ޔޫނުސްގެ ހިތް އަވަސްވެލިއެވެ. އެތެރެއަށް އޭނައަށް ވަދެވުނީ ވެސް އެހެންވެއެވެ. ހާސްކަން ލިބުނު ވަރުންނެވެ.

*****

''ޝާޢާ...'' ކޮޓަރިއަށް ވަން ޖާބިރު ފެނި ޝާޢާ ގާތަށް ތިރިވެ އިން ހަދީޖާ ރޮވިފައިވި އަޑަކުން ބުނެލިއެވެ. ހަދީޖާ އޭރު ދިޔައީ ޝާޢަގެ މޫނުގައި ފެންލަމުންނެވެ. އެކަމަކު ޝާޢާއަށް އެކަމުގެ އަސަރުކުރާ ހެނެއް ހިޔެއް ނުވެއެވެ. ހިމޭންކަމާއެކު ލޯމަރައިގެން އޮތް އިރު ނޭވާގެ ހިނގުން ނިކަން ލަހެވެ.

ޝާޢާ ފެނި ޖާބިރަށް ހުރެވުނު ތަންވެސް ހަނދާން ނެތުނު ކަހަލައެވެ. ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ އައިސް ހުރީ ޝާޢާ ގާތުގައެވެ. އޭނައަށް ވެސް ނުބައެއް އުޅޭކަމުގެ ހިލަން ވެއްޖެއެވެ.

''ޖާބިރު...'' ހަދީޖާ ވާހަކަދައްކަން އުޅުނެވެ. ރޮވުމުގެ ސަބަބުން އޭނައަށް އެކަން ފުރިހަމައެއް ނުކުރެވުނެވެ.

ހަދީޖާ ގާތަށް ކުޑަކަކޫ މައްޗަށް ޖާބިރު ތިރިވެލިއެވެ. އަދި ހަދީޖާގެ ކޮނޑުގައި އޭނަ އަތްބާއްވާލިއެވެ. އެއާއެކު ކަރުނަތަކާ ހަނގުރާމަކުރަމުން ދިޔަ ހަދީޖާގެ ނަޒަރު ގޮސް ޖާބިރަށް ހުއްޓުނެވެ. އެދެލޮލުން ހަދީޖާގެ އިހުސާސްތައް ޖާބިރަށް ނަގައިގަނެވުނެވެ. އޭނައާއި އަހަން އުޅުނު ސުވާލުތައް ވެސް މެއެވެ. އެހެނަސް ދޭނެ ޖަވާބެއް އޭނައަކަށް ނޭގުނެވެ. ޚުދު އޭނަ ވެސް އެހުރީ ސުވާލުމާކުތަކެއްގެ ތެރޭގައި ވިއްޔާއެވެ. އޭނައަށް ޝާޢާގެ ފުރިހަމަ ރައްކާތެރިކަން ޔަޤީންވެފައި ވަނިކޮށް މިވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭނަގެ އަދުއްވުން މާރިދުގެ މައްޗަށް ގަދަވެގަތީ ހެއްޔެވެ؟ އެހެން ކަންތައްވިކަމުގައި ވިޔަސް އެޖިންނީންތައް ޝާޢާގެ މައްޗަށް އަތްގަދަކުރީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ފަންޑިތައިގެ ބާރު ކެނޑިގެން ދިޔައީ ހެއްޔެވެ؟ އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިފައި އޮތް ދުވަހަށް އިރުއަރަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށީ ހެއްޔެވެ؟

''ކިހިނެއް؟...'' ހަދީޖާއަށް އަހަލެވުނެވެ. ''ބުނީމެއްނު ޝާޢާ ރައްކާތެރިކުރާނަމޭ، ދެން ކީއްވެ؟...'' ހިތްދަތިކަން ހަދީޖާގެ އަޑުގައި ވިއެވެ. އޭނަ ކޯތާފަތުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

''އިހަށް ތިސުވާލުތައް ނުކޮށްބަލަ، މި މަންޖެ އެނދަށް ލާންވީ...'' ޖާބިރު ބުނެލިއެވެ. އެއަށްފަހު އޭނަ ޝާޢާ އަތްދަނޑިމައްޗަށް އުފުލަން އުޅުނެވެ. އޭނަގެ ހަށިގަނޑުގައި މިހާރު އެކަމަށް ހަކަތަ ނެތްކަން ޖާބިރަށް ތަސައްވަރުކުރެވުނީ އެވަގުތުއެވެ.

ސުވާލު އުފެދިފައި ކޮޓަރީގެ ދޮރުމަތީ ހުރި ޔޫނުސް ހަދީޖާއަށް ފެނުނީ އެދަނޑިވަޅުގައެވެ. ނުރުހެވުނުކަމުގައި ވިޔަސް ޔޫނުސްގެ އެހީއަށް އެމީހުން އެތިބީ ބޭނުންވެފައެވެ. އޭނައަށް ގޮވާލެވުނީ ވެސް އެހެންވެއެވެ. އެއާއެކު ހަލުވި ފިޔަވަޅުތަކުގައި އައި ޔޫނުސް ލުއި ފަތެއް ހެން ޝާޢާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. އޭނަގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެނެއެވެ.

ލޯމަރަލާލައިގެން އޮތް ޝާޢާއަށް ޔޫނުސް ބަލާލިއެވެ. ނިއްކުރިން ތަންގަނޑެއް ދުޅަވެފައި ވާއިރު މޫނަށް ވަނީ ހުދުކަމެއް ސަވާރުވެފައެވެ. ލަސްކަން ވެރިވެފައިވި ޝާޢާގެ ނޭވާގެ ހިނގުން އިހުސާސްކުރެވި ޝާޢާ ވަގުތުން ހޮސްޕިޓަލަށް ގެންދަން ޔޫނުސް ބޭނުން ވިއެވެ. އޭރުން ޝާޢާއަށް ރަގަޅު ފަރުވާއެއް ލިބޭނެ ވިއްޔާ އެވެ. އެފަދަ ހާލަތެއް މެދުވެރިވާން ޖެހުނު ސަބަބު ވެސް ހޯދައިގަނެވޭނެ ވިއްޔާ އެވެ.

ޝާޢާ އެނދުގައި ބާއްވަމުން އިރުކޮޅެއް ވަންދެން އެމޫނަށް ޔޫނުސް ބަލާލިއެވެ. އެއަށްފަހު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ގާތުގައި ތިބި ހަދީޖާއާއި ޖާބިރަށެވެ.

''އެމްބިއުލާންސަށް މިގުޅާލަނީ...'' ޝާޢާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ޔޫނުސް ބުނެލިއެވެ. އަދި އޭނަގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގައި އެމްބިއުލާންސަށް ގުޅަން އުޅުނެވެ. އެކަމަކު އޭގެ ކުރިން ޔޫނުސްއަށް ޖާބިރު ހުރަސް އެޅި އެވެ.

''ގުޅާނެ ކަމެއް ނެތް... ހާދީޖާ، ދޭބަލަ ފިނިފެން ތަށްޓެއް ހިފައިގެން އަންނަން...'' ހަދީޖާއާއި ނަޒަރު ސީދާކޮށްލަމުން ޖާބިރު ވާހަކަދެއްކިއެވެ. ހައިރާންވެ އަންތަރީސްވެފައި ޔޫނުސްއަށް ހުރެވުނެވެ. ފަހުން އޭނަ ހިތްހަމަ ވެސް ނުޖެހުނެވެ. ޝާޢާގެ ހާލަތާ މެދު އެމީހުން ފިކުރުބޮޑުނުވަނީ ހެއްޔެވެ؟ ޝާޢާއަށް ބޭނުންވަނީ ސިއްހީފަރުވާކަން ނޭގެނީ ހެއްޔެވެ؟ ހާލަތުގެ ނާޒުކުކަން ހަނދާންކޮށްދޭން ޔޫނުސް މަސައްކަތްކުރިއެއްކަމަކު އެއަޑު ޖާބިރަށް ނީވޭ ކަހަލައެވެ. އޭނަ ޝާޢާގެ މަގަތުގައި އިށީދެ ހިމޭންކަމުގެ ދުލުން ކިޔަވަން ފެށިއެވެ. އަދި ޔޫނުސްއަށް ޝައްކެއް ނުވާނެހާ ސިއްރުން ޝާޢާގެ މޫނަށް ފުމެލިއެވެ.

ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އާދެވުމުން ޔޫނުސް ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އޭނަ ނަފުސު ކޮންޓްރޯލްކުރަން އުޅޭ ހާލު ޖާބިރުމެންގެ ނުރުހުމުގައި ވެސް އެމްބިއުލާންސަށް ގުޅަން އުޅުނެވެ. އޭނަ ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލަން އުޅުނު ތަނާ ޝާޢާގެ ހަށިގަނޑަށް ވަރުގަނޑެއް އަރައި ލޯހުޅުވާލިއެވެ. އެއީ ހަދީޖާ ވެސް ފިނިފެންތަށި ހިފައިގެންއައި ވަގުތެވެ.

''ފެންތަށި...'' ޖާބިރު ބުނެލިއެވެ. އެއާއެކު ހަދީޖާ ގޮސް ޖާބިރު އަތަށް ފެންތަށިދިނެވެ.

ޖާބިރު ފެންތައްޓަށް ފުމެލިއެވެ. އަދި ފުންނޭވާތަކެއް ދޫކުރަމުން ދިޔަ ޝާޢާ ގާތު ތަށިން ފެންބުއިމަށް އެދުނެވެ. ދެލޯބޮޑުކޮށްލައިގެން ކޮޓަރިތެރެ ހޯދަމުން ދިޔަ ޝާޢާއަށް އެއަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނަގެ ވަށައިގެން މީހުން ތިބި ކަމެއް ވެސް ޝާޢާއަށް ރޭކާއެއް ނުލައެވެ.

އަނެއްކާ ވެސް ޖާބިރު އޭނަގެ ޖުމްލަ ތަކުރާރުކޮށްލިއެވެ. ތިންވަނަ ފަހަރަށް އޭނަ ބުނެލީ ޝާޢާގެ އަތުގައި ހިފާލަމުންނެވެ.

ޖާބިރާއި ހަތަރިކަޅި ހަމަކޮށްލި ޝާޢާގެ ތުންފަތުގައި ޖާބިރު ފެންތަށިޖައްސާލިއެވެ. އެއާއެކު ދެ ކޯވަރު ޝާޢާ ބޯލިއެވެ. އޭނަގެ ހަށްޓަށް އަރާފައިވި ހޫނުކަން ފިލައި ފިނިކަމުގެ ރާހަތު ލިބުނީ ދެނެވެ. ލަސްލަހުން ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ހަށިގަނޑަށް ލުއިވެފައިވާ ހާލުގައެވެ.

މަންޒަރު ބަލަން ހުރި ޔޫނުސްއަށް ހައިރާންކަން ލިބިފައި ވިއެވެ. ޝާޢާ ހޭއެރުމުން އޭނަގެ ހިތަށް ކުޑަ ވިޔަސް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އޭގެ ފަހުން ވެދިޔަ ކަންތަކުން އޭނަގެ ސިކުނޑިވީ ސުވާލުމާކެއްގެ ތެރޭގައެވެ.

''އަޅުގަނޑަށް ފެންނަނީ ޝާޢާ ހޮސްޕިޓަލަށް ގެންދަން...'' މާހައުލު ހަމައަކަށް އެޅިފައިވުމުން ޔޫނުސް ބުނެލިއެވެ.

''ޝާޢާ ހޭއަރައިފިއެއްނު... ދެން ޔޫނުސް ވެސް ދިއުން ރަގަޅުވާނީ... ހިޔެއް ނުވޭ ޝާޢާއަށް ހަފުލާއަށް ދެވޭނެހެނެއް...'' ހާޖަރާ އުޅުނީ ޔޫނުސް އެތަނުން ފޮނުވާލާށެވެ. އެކަން ޔޫނުސްއަށް ނަގައިގަނެވުނެވެ. ދެކޮޅު ހަދަން ބޭނުންވިއެއް ކަމަކު އޭނައަށް އެބާރު ލިބިފައި ނުވާތީ ޖެހުނީ ހަދީޖާގެ ބަސް ޤަބޫލުކުރާށެވެ.

ކޮމެންޓް 0