ކައިޒާންގެ ބޮލުގައި ރިއްސާވަރުން ދެތިން ބޭސްގުޅަ ކާލުމުންވެސް ލުޔެއް ނުލިބުނެވެ. އެންމެފަހުން މަޖުބޫރުވެގެން ގުޅައިލީ ގާތް އެކުވެރިޔަކަށެވެ. ގާތްތިމާގެ ކަމުގެ ގުޅުމަށްވުރެވެސް ދެމީހުންގެ ދޭތެރޭގައި އޮންނަނީ އެކުވެރިކަމެވެ. ޑޮކްޓަރ ނާޔަލްއާއި ބައްދަލުނުވާތާ ދެތިން އަހަރުވެދާނެއެވެ. ނާޔަލް ނަފްސާނީ ޑޮކްޓަރަކަށް ވުމުން އޭނަގެ ބައްޔަށް އިތުރު ފަރުވާއެއް ދެވޭނެކަމަށް ކައިޒާން އުއްމީދުކުރިއެވެ. ނާޔަލް އައުމުން ދެމީހުން ކޮފީ ތައްޔާރުކޮށްލައިގެން ގޮސް ޖައްސައިލީ ގަސްތަކުގެ ތެރޭގައިވާ ހުދު ބެންޗެއްގައެވެ. ރީދޫ މަލުން ބަރާވެފައިވާ ގަހެއްގެ ހިޔަނި ކޮންމެވެސް ވަރަކަށް އެޅިފައި އޮތުމުން އަރާމު ވައިރޯޅިތަކުގެ ބީހިލުމުން ފިނިކޮށްލަދިނެވެ. ތަންކޮޅެއް ދުރުގައި ތަފާތު ވައްތަރުގެ ފިނިފެންމާ ބޮނޑިވެލައިގެން ތިބިއިރު އަޖައިބުވާހާ ގިނައިން މާ ފޮޅިފައިވެއެވެ.

"މި ބަގީޗާ ފެނުނީމަ ގައިން ހީބިހި ނަގާވަރުވޭ ދޯ.." ނާޔަލް ކޮފީތަށިން ކޯވަރެއް ދަމާލައިފިއެވެ. ކޮފީތަށި ހަދާލާފައި މައްޗަށް ކޮފީކޮޅެއް ވިއްސާލާފައި ހުރުމުން ރަހަ ގަދަވެ އިތުރު މީރުރަހައެއް ހިފާލާފައިވިއެވެ.

"ހޫމް.." ކައިޒާން އިނީ ވިސްނުމެއްގެ ތެރެގައެވެ. ނާޔަލް ދެން އެހީ މާކަސްއާއި ބެހޭގޮތުންނެވެ. ކައިޒާން ބުނީ މޫދަށް މޮޔަވެފައިވާ މީހެއްވީމަ އިރުއޮއްސޭ މަންޒަރާއިއެކު ސެލްފީ ނަގަން ދިޔައީކަމުގައެވެ. ނާޔަލްއަށް ޖޫލް ފެނިދާނެތީ އެކުއްޖާވެސް މާކަސްއާއިއެކު ފޮނުވައިލީއެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރާވަރަށް އޭނަ މާކަސްއަށް އިތުބާރުކުރެއެވެ. އޭނަ ހިމާޔަތްކޮށްދޭން ފުރާނަ ގުރުބާންކުރަން ތައްޔާރަށް ހުރި މާކަސް ދަރިފުޅަށްޓަކާ ވެސް އެވަރުވާނެކަން އޭނަ ދަނެއެވެ.

"ކައި އަހަރެން ގެންނާނީ ވަރަށް ޚާއްސަ އޮކޭޝަނެއް އޮތީމަކަން ޔަގީން. ޓެލް މީ. އެނީތިން އިންޓެރެސްޓިން. ނޫނީ އާ ވައްތަރެއްގެ ބިޒިނަސްއެއް ފަށަންވީތަ؟ ދެމީހުން ކުރިއަށް ދިޔައީ ދެ ދާއިރާއަކުންވީމަ ދެރަ. ފެމިލީގައި ގިނައީ ޑޮކްޓަރުންނާއި ވިޔަފާރިވެރިންދޯ. ސޯ ތަޅައިނުގަންނަނީސް ސްޕިލް އިޓް އައުޓް ބްރޯ............." ނާޔަލްއާއި ކައިޒާން ވާހަކަދައްކަމުން ދިޔައީ އިނގިރޭސިބަހުންނެވެ. ދިވެހިބަހަށް ފަރިތަނޫނަސް ނާޔަލް ކޮންމެވެސް ވަރަކަށް ދިވެހި ވާހަކަދަނެއެވެ. ނަމަވެސް އޭނަވެސް އާއިލާއާއި އެކުވެރިންނާއި ވާހަކަދައްކައި އުޅެނީ އިނގިރޭސިންނެވެ.

"ނާޔަލް އަހަރެންގެ ޑޮކްޓަރަކަށް ވެދީފާނަންތަ..." ކައިޒާން އިނީ ދުރަށް ބަލަހައްޓައިގެންނެވެ.

"ވެވިދާނެ........."ނާޔަލްގެ ހުރިހާ ސަމާލުކަމެއް ކައިޒާންގެ މައްޗަށް ހުއްޓުނެވެ.

"އަހަރެންގެ އެބަހުރި މައްސަލައެއް. މިހާރު ފަސްވަރަކަށް އަހަރުވެއްޖެ މިކަމަށް ޓްރީޓްމެންޓަ ނަގާތާ. ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައި ހުރީ. މިހާރު އެއުދަގޫތައް ބޮޑުވުން ފަށައިފި. ނައިޓްމެއާ ފެންނާތީ ނުނިދޭ. ކޮންމެރެއަކުހެން ހަމަ އެއްގޮތް ހުވަފެނެއް ފެންނަނީ...." ކައިޒާން ކިޔައިދޭން ފެށިއެވެ.

"ފެންނަނީ އަނދިރިކަންވެސް ހަލާކުކޮށްލާފަދަ ގަދަ ރެއެއް. އެއްވެސް ތަނެއް ނުފެނޭ. އިށީދެ އިންނަނީ ކަނޑުމެދުގައި އޮންނަ ޑިންގީއެއްގައިކަން އެނގޭ. ކޮންމެވެސް މީހަކު ކަންފަތްދޮށުގައި ގޮވާލާ ހެން ހީވޭ. ދެން ބާރުބާރަށް ސްކްރީމް ކުރަނީ ގެނބޭތީ އެހީވާށޭ ކިޔާފައި. ދެލޯބޮޑުކޮށް ބަލައިލާއިރުވެސް ކަނު އަނދިރިކަން ސާލެއް ފަދައިން ވަށާލާފައިވުން ފިޔަވާ އެހެން އެއްޗެއް ނުފެނޭ. ކަނޑުގެ ރާޅުތަކުގެ އަޑު ކަންފަތުގައި ޖެހޭ. ސިއްސައިގެންގޮސް ހޭލެވޭއިރު ފިނި ދަލެއް ހިއްލާލާފައި އޮންނަނީ. ނުނިދުމާއި އަމިއްލައަށް މަރުވާ ޚިޔާލު އައުމާއި ދުނިޔެއިން ފޫހިވާފަހަރުވެސް އާދޭ. އަދި............" ކައިޒާން ހުރިހާ އެއްޗެއް ކިޔައިދޭން އުޅެފައިވެސް އޭނަގެ ބަލި ސިއްރުކުރިއެވެ.

"ކީކޭ ޑޮކްޓަރ ބުނީ..." ނާޔަލް އަހައިލިއެވެ.

"ނާޔަލް އަމިއްލައަށް ޑައިގްނޯސް ކުރާނީ. މިވަގުތު އިތުރަށް ކިޔާދެވޭކަށްނެތް. އެކަމަކު ހީވާގޮތުން ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުންވޭ. މިބުނީ އަހަރެންގެ ކައިރީ ޑޮކްޓަރަކު އަބަދު ހުންނަން އެދޭ. މާކް އިޒް ވަން އިން އޯލް އެކަމަކު ދެރައީ އޭނައަށް ނަފްސާނީ ކަންތައްތައް ނޭގޭތީ........." ކައިޒާން ކޮފީތަށި ހުސްކޮށްލާފައި ބިއްލޫރި މޭޒުމައްޗަށް ދޫކޮށްލާފައި ބެންޗުގެ އަތްގަނޑުގައި ލެނގިލިއެވެ. އޭރު އެ ޓޭންމޫނު މަތިން ފެންނަނީ ވަރުބަލިކަމެވެ. ކުޑަކޮށް ތުނބުޅި މަތިމަސް ފަޅާލާފައިވީއިރު އިސްތަށިގަނޑުއޮތީ ހޭވިފައެވެ. އަމިއްލަ ނަފުސާއި އަޅާނުލަނީބާވައެވެ. ފެންނުވެރިޔަސް ކައިޒާންގެ ގައިގާ ހަރުލާފައިވަނީ އަގުބޮޑު ސެންޓެއްކަމަށްވާ އެޓާނިޓީގެ މީރުވަހެވެ.

"ކައި މިރަށުގައި ހުރިއްޔާ ވެވުނު ކޮންމެ އެހީއެއް ވާނަން.." ނާޔަލް ކައިޒާންގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"ލެޓް މީ ސީ ޔޯ ފައިލްސް އިގޭ...."

ކައިޒާންއަށް އެނގެއެވެ. އޭނައަށް ދިމާވާގޮތްތައް ކުޑަކުއްޖަކަށް ކިޔައިދިނަސް ވަގުތުން ބަލި ދެނެގެނެވިދާނެއެވެ. ވީއިރު ނާޔަލް ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރަކަށް ވީ ހިނދު އެނގޭނެކަން ގައިމެވެ. ކައިޒާންގެ ހާސްކަން ގުޅިފައިވަނީ އޭނަގެ ނާޒުކްހާލަތު އިތުރު އެއްވެސް މީހަކަށް އަންގަން ބޭނުންނުވުމާއެވެ. އޭނަގެ ޚާއްސަ ޑޮކްޓަރުގެ އަނގަ ބަންދުކުރަން އޭނަ އެތައް ޚަރަދެއްކުރިއެވެ. ނާޔަލްމެންނަށް ފައިސާ މުހިއްމެއް ނުވާނެއެވެ. ނަމަވެސް ނާޔަލްފަދަ ޑޮކްޓަރުން ބަލިމީހުންގެ ސިއްރުތައް ހިފަހައްޓާނެ ނޫންހެއްޔެވެ. އޭނަގެ މައިންބަފައިންނާއި ހަމަޔަށް އޭނަގެ ބަލީގެ ޚަބަރު ގޮސްގެންނުވާނެއެވެ. އެފަދަ ވައުދެއް ކުރުވާފައި ނޫނީ ނާޔަލްއަށްވެސް އޭނަ ބަލި ނާންގާނީއެވެ.

ނާޔަލް އޭނަގެ މަންމަ ކައިރީ މީހަކާއި އިންނަވާހަކަ ބުނުމުން ނަތާލީގެ ހިތުގައި ބިރުވެރިކަން ހިނގައިލިއެވެ. ނާޔަލްގެ ހިތުގައި އަޅައިގެންފައިވާ އަންހެންކުއްޖަކީ ކެމީލާކަމަށް ނުވުމަށް ހިތާހިތުން އެދެވުނެވެ. ކެމީލާ އަޚުލާގު ރަގަޅު މަޑުމައިތިރިކުއްޖަކަށްވިޔަސް އޭނަގެ ފިރިހެންދަރިފުޅު ހިނގައިލި މަގަކުން ހިނގޭނެކުއްޖެއް ނޫނެވެ. އެދެމީހުންގެ ފަރަގު އެހާ ބޮޑެވެ. ނާޔަލް އުޑުގައި ބަބުޅާ ތަރިއަކަށްވާނަމަ ކެމީލާއަކީ ބަލައިލަން ރީތި ހިލަކޮޅެކެވެ. މިލިއަނުން އަގުކުރެވޭފަދަ ޖަވާހިރަކާއި އާދައިގެ އެހެއްގެ ތަފާތުހުރި ދެމީހުންނަށް އެހާ ފަސޭހައިން ކައިވެންޏާއި ހަމަޔަށް ދެވޭހެއްޔެވެ. އެހިސާބަށް އަންނަން ކެމީލާ ބޭނުންވާނަމަ ކިޔަވައިގެން ނާޔަލް ހުރި ފެންވަރަށް ދެވެންޖެހޭނެއެވެ.

"ސްވީޓްހާޓް. މަންމައަށް ހެޔޮ ކިތަންމެ ނިކަމެތި ކުއްޖަކާއިނަސް. އެކަމަކު މަންމަގެ ޝަރުތު ގަބޫލުކުރަން ވައުދުވޭ..." ނަތާލީގެ އުނގުގައި ބޯ އަޅާލައިގެން އޮތް ނާޔަލްގެ އަތުގައި އޭނަ ހިފާލިއެވެ. ނާޔަލް މަންމައަށް ވައުދުވިއެވެ.

"އެކުއްޖާ ވާންޖެހޭނީ ގަދަރުހުރި ޑޮކްޓަރަކަށް. ސްޕެޝަލައިޒްވެގެން އައުމަށްފަހު އެއްވެސް ހުރަހެއްނެތް..." ނަތާލީގެ އަޑުގައި އެއްވެސް ސަމާސާއެއްނެތެވެ. ނަތާލީ ދުރަށް ވިސްނާފައި އެފަދަ ޝަރުތެއްކުރީ ކެމީލާގެ ވަޒީފާ އެނގިފައިވާތީއެވެ. އެކުއްޖާ ކޮލެޖަށް ގޮސް ހަދަނީ ޖާނިލަޒަމް ކޯހެކެވެ. އަލުން ބަލުން ކިޔަވަންފެށިޔަސް އަދި އަށެއްކަ އަހަރުން ނޫނީ ޑޮކްޓަރަކަށް ނުވެވޭނެއެވެ. އެދެމީހުންނަށް ކައިވެންޏަކާއި ހަމަޔަކަށް ނާދެވޭނެއެވެ. އެހާތަނަށް އޭނަ ކެމީލާއަށްވުރެ ހާސްބައި ރީތި ރަގަޅު އަންހެންކުއްޖެއް ހޯދާނެއެވެ. ކެމީލާ މަޑުމަޑުން ހުއްޓަސް އެކުއްޖާގެ ޚަސީލަތެއް ނޭގެއެވެ. ބައެއްފަހަރު މަޑުން އޮންނަ ސޫފި ބާރަށް ދަތްއަޅާނެއޭ ބުނެއުޅޭ ނޫންހެއްޔެވެ. ނޯޔާގެ އެކުވެރިއެއްގެ ގޮތުން ބަލައިގަތަސް ކެމީލާއަކީ އެމީހުންގެ ފެންވަރެއްނޫނެވެ. ނަތާލީއަށް ނުފެނުނީ ނާޔަލްގެ ހިތުގައި ކެމިލާއަށްޓަކާ ރޯވެފައިވާ ހުޅުގަނޑުގެ ބޮޑުމިނެވެ. ނާޔަލްއަށް ނޭގި ކެމީލާ އޭނަގެ ހިތަށް ވެރިވެފައިވާ ވަރެވެ. ނުލިބޭ އެއްޗެއް ކޮންމެހެން ހަދައިގެންވެސް ބޭނުންވާ ނާޔަލްގެ ހިތުގައި އެނޫންކަމެއް ނެތެވެ. ހުރިހާ އަންހެންކުދިން ނާޔަލްއާއިހެދި މޮޔަވާއިރު އޭނަ ބޭނުމީ ކެމީލާ އަމިއްލަ ހައްގަކަށް ހަދާށެވެ. ކޮންމެގޮތެއްވިޔަސް ކެމީލާ އަމިއްލަ ކުރުމަށް އޭނަގެ ޟަމީރު ބާރުއެޅިއެވެ. އެކަންތައް ދީވާނާކަމަކަށް ވަނީ ބާވައޭވެސް ހިތަށްއެރިއެވެ. ނަފްސާނީ ޑޮކްޓަރަކަށް ވެ ހުރެ އެހެންމީހުންގެ ސިކުނޑިއަށް ޝިފާ ލިބުމުގައި މެދުވެރިއަކަށްވާއިރު އޭނައަށް އަމިއްލަ ސިކުނޑިއަކަށް ބާރެއް ނުފޯރުވެއެވެ. އެކަމާއި ރުންކުރުވެ ރުޅިގަދަވާ ފަހަރުވެސް އާދެއެވެ.

ކެމީލާ ނަމާދުކޮށްގެން ފޭބިއިރު އެ ދޮންމޫނުމަތީގައި ކޮންމެވެސް ވަރަކަށް ދާތިކިތައް ފާޅުވާން ހުއްޓެވެ. ދޮޅި ބާލާފައި ފަށްޖަހާލުމަށްފަހު އިރުކޮޅެއްވާންދެން ކަކުލުގައި މޫނު ޖައްސާލައިގެން ފޯނަށް ބަލަން އިނދެވުނެވެ. ނާޔަލް އެހާ ގިނަގިނައިން މެސެޖްފޮނުވާ ސަބަބެއް އޭނައަށް އެއްގޮތަކަށްވެސް ނޭގެއެވެ. ކޮންމެގަޑިއެއްގައި ވިޝްކޮށްލާފައެވެ. އެކިކަހަލަ ގިފްއާއި އިމޯތަކެވެ. ނާޔަލް މޮޔަކަމާއިމެދު އެކަނި އިނދެ ހޭންފެށުނެވެ.

"ނާޔަލްއަށް ނޭގޭތަ އަހަރެން ބޭނުމީ ހަމަ އެކަނި ހަލާލު ލޯތްބެއްކަން. ހަލާލު ޑޭޓްކަން. އެއްގޮތަކަށްވެސް ފިރިހެންކުއްޖަކާއި އެކުވެރިކަންވެސް ބާއްވާކަށް ހިތެއް ނޭދޭ. ތިއީ ނޯޔާގެ ދޮންބެއަށްވިޔަސް ހެޔޮ........." ކެމީލާ ތެދުވުނު ތަނާހެން ނޯޔާ ގުޅާލައިފިއެވެ. އޭނައާއިއެކު ސެލޫނަށް ދާން އެދުނެވެ. ކެމީލާ ގަޑި ބަލައިލިއިރު އަށެއްޖަހަނީއެވެ. ރޭގަނޑު ތަންތަނަށް ދާން މަންމަ ހުއްދައެއް ނުދޭނެއެވެ. އުޒުރެއް ދެއްކުމުން ނޯޔާ ގޮތް ދޫނުކުރިއެވެ. ކެމީލާ އޭނައާއިއެކު ނުގޮސްފިއްޔާ ރުޅިކަމުގައި ބުނެ ރޯވައްތަރު ދައްކާލައިފިއެވެ. ކަންތައްވީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. އޭނަ ހުއްދައަށް އެދޭއިރަށް މަންމަ ބުނީ އެންމެރަގަޅު ކަމުގައެވެ. މަންމަގެ ފަރުވާކުޑަކަމާއި އަޅާލުމެއްނެތް ވަރު ފެނި ކެމީލާ އަޖައިބުވިއެވެ. މަންމަ އެގޮތަށް އުލާއަށް ހުއްދަދޭން ވެއްޖެއްޔާ އުލާވަރަށް ފަސޭހައިން މަގު އޮޅިދާނެއެވެ. އޭނަ އަދި ދަރުސްތަކާއި އެއްޗެހި ބަލައިގެން ރަގަޅު އަންހެންކުއްޖަކަށްވާން މަސައްކަތްކުރިޔަސް އެންމެންގެ ޚިޔާލު އެއްގޮތެއް ނުވެދާނެއެވެ.

ނޯޔާއާއިއެކު ސެލޫނަށްގޮސް ނިމިގެން ލެވެންޑާ އެމެތިސްޓަށް ދެކުދިންއައީ ކާރުގައެވެ. ނޯޔާ އަމިއްލައަށް ކާރު ދުއްވަން އެނގޭތީ ދެކުދިންނަށް ވާރޭތެރޭ ކާރު ދުއްވުމުން މަޖާކަމަކަށް ވިއެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތި ހީހީފައި ސަކަރާތްޖެހިއެވެ. ދެކުދިން އެކަނިވުމުން ކެމީލާގެ ތަބީއަތަށް އަންނަ ބަދަލުން ނޯޔާވެސް ހައިރާންވެއެވެ. ކެމީލާގެ އެހެން ފަރާތެއް ފެންނާނީ އެންމެ ގާތް މީހުންނާއިއެކުގައެވެ. ނޯޔާ ބުނީ ކެމީލާ ގެއަށް ގެންގޮސްދޭނީ އޭނައާއިއެކު ގެއަށްގޮސް އެކީ ފިލްމެއް ބަލާފައިކަމުގައެވެ. އެފަދަ ކަންތައްތަކަށް ބޭކާރު ވަގުތު ހޭދަނުކުރަން ނިންމައިގެން ހުއްޓަސް ނޯޔާ ދެރަވެދާނެތީ އެރޭ ދެކޮޅު ނަހަދާ އެގެއަށް ވަންއިރު އަތްފައި ފިނިވެއްޖެއެވެ. މިގޭ "މިސްޓަރ އެރަގަންޓް" އާއި ދިމާ ނުވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ.

ނަތާލީ ފޯނެއްގައި ހުރެފައި މިރޭ ކެމީލާއަށް ބަލައިލި ނަޒަރު ތަފާތުހެން ހީވިއެވެ. ކެމީލާ އަލަށް ފެނިގެން ދަސްކުރަން ބަލައިލިހެން ފައިންފެށިގެން ބޮލާއި ހަމަޔަށް އެ ނަޒަރު ދަތުރުކުރިއެވެ. ނަތާލީ ޖިންސަކާއި އަތްދިގު ޓީޝާޓެއްގައި ހުރިއިރު ތިންކުދިންގެ މަންމައަކަށްވުރެ ދޮށީ ދައްތައެއްކަމަށް ބުނެވޭހާ ޒުވާނެވެ. އެހާ ރީއްޗެވެ. ކުލަ ޖައްސާލާފައިވާ އިސްތަށިގަނޑު މައްޗަށް ކަހާ އައްސާލާފައިވާއިރު އަގު ބޮޑު މޭކަޕްގެ ސަބަބުން ގުދުރަތީކަމަށް ދައްކާ މޫނެކެވެ.

"ވިއްސާރަ ރެއެއް. ލަސްނުކޮށް ކެމީލާ ގެއަށް ގެންގޮސްދެއްޗޭ ދަރިފުޅާ..." ނަތާލީ އެހެން ބުނެފައި އަނެއް ފަރާތަށް އެނބުރުނެވެ.

ދެކުދިން އެކީ ކާކޮޓަރިއަށްގޮސް އާވިއަރަ އަރާހުރި ކޮފީ ތައްޔާރުކޮށްލިއެވެ. ކެމީލާއަށްވުރެ ކުރިން ނޯޔާ ހިނގައިގަތީ ފޯނެއް އައުމުން ކަންފަތުގައި ޖަހައިގެންނެވެ. ކެމީލާ ކޮފީމަގު މޭޒުމަތިން ނަގަން އުޅެނިކޮށް މީހެއްގެ ހިލަންވެފައި ބަލައިލިއިރު ދޮރުން ވަދެގެން އައި ނާޔަލް ފެނުނެވެ. ހަފޫޓް ހަތަރު އިންޗީގެ އިސްކޮޅާއިއެކު ލިބިފައިވާ ކަސްރަތީ ހަށިގަނޑުގެ ރީތިކަން ފާޅުވަނީ ކަޅުކުލައިގެ އަތްކުރު ޓީޝާޓާއި ޖިންސެއްގައި ހުރުމުންނެވެ. ކަރުގައި އޮންނަ ރިހިކުލައިގެ ފަށް ޑިއުޓީއަށް ދާއިރަކު ނޯވެއެވެ. ކައިލީ ޖެނާގެ ބޮޑީގާޑު ޓިމް ޗަންގުއަށް ދޫނުކުރާ "ހޮޓް" ޑޮކްޓަރެކޭ ކިޔައިގެން ހޮސްޕިޓަލްކުދިން މޮޔަވަނީ ސަބަބެއްނެތިއެއް ނޫނެވެ. ޚާއްސަކޮށް ވަރުގަދަ ބުމައާއިއެކު ލިބިފައިވާ އަޅިދެލޮލަށް ފިދާ ނުވާ ހިތެއް ކެމީލާ ނޫނީ ނުވެއެވެ. އޭނަ ފެނިފާ ނަފްސާނީ މައްސަލައެއް ޖެހި ދައްކަން ދާން ބޭނުންކަމަށްވެސް އަންހެންކުދިން ކިޔައެވެ.

ކެމީލާ މޭޒުމަތިން މަގު ނަގަން އުޅެނިކޮށް އަތުންދޫވެގެން ހޫނުކޮފީ ބަންޑުންވީ އަތަށެވެ. ދެވަނަސިކުންތުކޮޅުގައި ނާޔަލް އޭނަގެ އަތުގައި ހިފެހެއްޓިގޮތަށް ގެންދިޔައީ ސިންކުކައިރިއަށެވެ. ފެން އިސްކުރު ދޫކޮށްލަމުން އޮހެމުންދިޔަ ފެންތިކިތަކުގެ ދަށަށް ކެމީލާގެ އަތް ލީގޮތަށް އޭނަ ބަލައިލީ ކެމީލާގެ މޫނަށެވެ. ކެމީލާ ހުރީ ދެލޯ ބޮޑުވެފައެވެ. ނާޔަލްގެ އެ ގާތްކަމުން އެކުއްޖާ ބިރުން ހަލާކުވާވަރުވިއެވެ.

"ފެއިންޓް ނުވައްޗޭ. އަހަރެން ފެނުނީމަ ކެޓްއަށްވާ ވަރު މިރޭ މިއެނގުނީ. އެހެން އަންހެންކުދިންނަށްވެސް ގޮތްގޮތްވޭ. އެކަމަކު ކެޓްއަށް މިއޮތްވާވަރު. ކިހިނެއްވަނީ އަހަރެން ފެނުނީމަ. އެހާވެސް ފިނިވޭތަ. އަތުގައި އެއްޗެއްވެސް ހަރުނުލާ. އެކްސިޑެންޓްވެސް ވަނީ. އަދި މި ނާޒުކް އަތްކޮޅު ކިރިޔާ ލަކުނުނުލީ. ދެން އެހެން ނަހަދައްޗޭ. އެވަރުނުވިޔަސް އަހަންނާއިގެން އަންހެންކުދިން އުޅޭވަރު އަހަންނަށް އެނގޭ.." ނާޔަލް ފޮނިގޮތަކަށް ހީލިއެވެ.

ނާޔަލް ހަށިގަނޑުގެ ހޫނުކަން ފޯރާކައިރީގައި ހުރެ އަދިވެސް ގަޔާއި ކައިރިކޮށްލުމުން ކެމީލާގެ ނޭފަތުގައި ހަރުލީ އޭނަ ޖަހައިގެން ހުރި ސެންޓްގެ ފިރިހެން އަދި މަސްތީ ވަހެވެ. ޔަގީނުންވެސް ސިކުނޑިއާއި ކުޅެލާފަދަ ވަހެކެވެ. ކުއްލިއަކަށް ބާރަށް ގުގުރައިލިއަޑަށް ކެމީލާގެ ހިތަށް ބިރުވެރިކަންވަނެވެ. ކުރިއަށްވުރެ ބޮޑަށް ދެލޯ ބޮޑުކޮށްލަމުން އަތްދަމައިގަންނަން އުޅުނެވެ.

"ކޮބާ އަނގަގަނޑު. ގޭ ފްރިޖަށް ލާފައި ތަ ކެޓް ތިއައީ.........................." ނާޔަލްގެ ބޭނުމަކީ ކެމީލާ ލައްވާ ވާހަކަދެއްކުވުމެވެ.

"ޑޮކްޓަރ ނާޔަލް....." ކެމީލާ އެއްޗެކޭ ބުނަން އުޅުނެވެ.

"އާނ އެހެން ކިޔަނީ. ކިހިނެއް ހަދާދޭންވީ......."

"އަތުން ދޫކޮށްލަފާނަންތަ. ޕްލީޒް. މީހަކަށް ފެނިއްޖެއްޔާ.........."

"މިއީ ލިބުނު ޝަރަފެއްނު. މިކަހަލަ އެންމެ ބީހިލުމަކަށްޓަކާ އަންހެންކުދިން މަރުދަންޖެހޭކަން ކެޓްއަށް އެނގޭތަ. ކެޓްވެސް ބޭރުފުށުން ނުރުހުން ފާޅުކުރިޔަސް ހިތުގައިވާހާ އެއްޗެއް އެނގޭ. ޔޫ ލައިކް އިޓް. އެކަމަކު ރުހޭވާހަކަ ބުނާކަށް ނުކެރޭނެދޯ. އެއީ މައްސަލައެއްނޫނޭ. ހަމަ ބުނަންވީ.." ނާޔަލް އެއްލޯ މަރައިލިއެވެ. ކެމީލާ ކުޑަކޮށް ބުމަ ކައިރިކޮށްލުމުން ނާޔަލް ހޭންފެށިއެވެ.

"އަދި އެއް ވާހަކަ. ބޭރު ގައުމަކަށް ކިޔަވަން ދާން ބޭނުމެއްނުވޭތަ. ހޯދަދޭނަން ކޯހެއް. ކެޓް ޖެހޭނީ މެޑިސިންހަދަން. ތިކަހަލަ ބަސް އަހާ ކުއްޖަކަށް ޖާނަލިސްޓަކަށް ނުވެވޭނެ. އެއީ ހިތްވަރުގަދަ ފިރިހެނުން ކުރާކަހަލަ ކަމެއް. އަންހެންވަންތަ ޖޮބެއްނޫން. ތިހާ އަންހެން ވަންތަ ކުއްޖެއް ވާންޖެހޭނީ ޑޮކްޓަރަކަށް..............." ނާޔަލް ހީލާފައި މަޑުމަޑުން ބުނެލިއެވެ. އޭރުވެސް އޭނަގެ އަތް އޮތީ ނާޔަލްގެ އަތުތެރޭގައި ހައްޔަރުވެފައެވެ. އޮހެމުންދާ ފެނުގެ ސަބަބުން ޔަގީނުންވެސް އަތުގައި އަޅަމުންދިޔަ ދިލަނެގުން ހުއްޓި ފިނިކަމެއް އިހުސާސްކުރެވުނެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވިއެވެ. ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނުއިރު ނަތާލީ އެތަނަށްވަނީއެވެ. ވަރަށް ހައިރާންކަމާއިއެކު ނާޔަލްއަށް ބަލައިލުމުން ނާޔަލް ކެމީލާގެ އަތުންދޫކޮށްލާކަށް ނޫޅުނެވެ. ކެމީލާގެ އަތަށް ހޫނު ކޮފީ އެޅުމުން ފަރުވާދެނީކަމަށް ބުނީ ނިކަން ހަމަޖެހިލާފައެވެ. މަންމަގެ ކުރިމަތީގައިވެސް ނާޔަލް މިއުޅެނީ ކޮންވައްތަރަކަށް ހެއްޔެވެ. ލަދެއްވެސް ނުގަނެއެވެ.

ނާޔަލް އޭނައަށް ކުރާ ޖެއްސުމަކީހެއްޔެވެ. އޭނަ ހަދާގޮތެއް ބަލަން ތަޅުވަނީކަމަށް ވެދާނެއެވެ. އެބުނަނީ ކޮން ގުޅުމެއްގެ ވާހަކަހެއްޔެވެ. އޭނަގެ ހިތުގައި އަދި އެފަދަ އިހުސާސްތަކެއް ނުވެއޭ ރީއްޗަށް ބުނަންވީއެވެ. ފިރިހެނަކާއި ވާހަކަދައްކަން އެއްވެސް ޝައުގެއް އަދި ނެތެވެ. އެހެން ހިތަށް އަރާއިރަށް ޖޯންގެ ސޫރަ ލޮލުގެ ކުރިމަތީގައި ފްލޭޝްވެގެން ދިޔުމާއިއެކު އާހެއްގެ އަޑު ލައްވައިލެވުނެވެ. އޭނަގެ އައިޑީއާއި ފޮތްވެސް ވީ ޖޯންގެ އަތުގައިކަން ހަދާންވިއެވެ.

"މި ފިރިހެނުންނާއިހެދި ހަމަޖެހިލައިގެން އުޅެވޭކަށް ނެތް" ހިތާހިތުން ކެމީލާ ވާހަކަދެއްކިއެވެ. އޭރު ނަތާލީ ނޯކަރަކަށް ގޮވާގެނެސް އެތަން ސާފުކުރުވައިފިއެވެ. ފަސްޓްއެއިޑް ބޮކްސް ގެނެސް ނާޔަލް ކައިރީ އެތަނުން ލާންވީ ކޮންބޭހެއްތޯ އަހާފައި ނަތާލީ އަމިއްލައަށް އެކަމާއި ހަވާލުވިއެވެ. ނާޔަލް ނިދަންދާން މަންމަ އެދުނުއިރު މަންމަގެ ދެލޮލުން ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރު ފެނިލިކަން ނާޔަލްއަށް އެނގުނެވެ. ނަތާލީ ނާޔަލްގެ ނިތްކުރީގައި ބޮސްދެމުން "ގުޑްނައިޓް ލަވްޔޫ ސަން" އޭ ބުނެލިގޮތުން އެމީހުންގެ ހުންނަ ޔޫރަޕިއަން ވައްޓަފާޅިގަނޑު ކެމީލާ ފާހަގަކުރިއެވެ. ޔޫރަޕްގައި އުޅެބޮޑުވުމުން ދިވެހިވަންތަކަމާއިއެކު ދީނާއިވެސް ދުރުވެވެނީއެވެ.

ކައިޒާން މޭޒުދޮށުގައި އިށީނެވެ. މާކަސް ޕޭންކޭކުގައި މޭޕްލްސިރަޕް ޖަހާފައި ތައްޔާރުކޮށްލަދިނެވެ. ޖޫހާއިއެކު ބިސްގަނޑެއްވެސް އަޅާލަދިނެވެ. ޖޫލް ނުކާން ބޮޑާހާކާފައި ޕޭންކޭކެއްގެ ރަހަބަލާލާފައި މީރުވެގެން ޕޭންކޭކެއް ހުސްކޮށްލުމުން ކައިޒާންގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. މިތުއްތު ކުއްޖާ "އެންޖެލް" އެއްފަދައިން ހަޔާތަށް އައިއިރު އަދި އޭނައަކަށް މިއީ އޭނަގެ ދަރިފުޅުކަން ޔަގީންވަނީއެއްނޫނެވެ. ނަމަވެސް އޭނަގެ މާޒީގެ ކަޅު ސަފުހާތަކުން އެންމެ ވަގުތުކޮޅެއް އޭނަ ބޭޒާރުކޮށްލަން ހަތިޔާރަކަށްވެގެން ވުޖޫދަށް އައިސްދާނެކަމަކަށް ހިޔެއްނުކުރެއެވެ. ފަސްއަޅާ ފޮރުވައިލި ސަފުހާތައް އަލުން ކޮނެގެން ނެގުމަށް ހިތަކަށް ނާރައެވެ. އޭނައާއި ޖޫލް ވައްތަރުކަމުގައި ލީސާ ބުންޏަސް އެކުއްޖާއާއި ވައްތަރު ސިފައެއް ކައިޒާންއަކަށް ނުފެނުނެވެ. ނަމަވެސް ޝައްކުވަނީ އޭނަގެ ހުރި މައްސަލައިގެ ސަބަބުންނެވެ. އޭނަގެ ހާލަތެވެ. މާކަސްކައިރީ ކައިޒާން އެދުނީ މިއަދުވެސް ބީޗަށްދާއިރު ޖޫލް ގެންދިއުމަށެވެ. ނާޔަލް އޭނައާއި ބައްދަލުކުރަން އިރުކޮޅަކުން އަންނާނެކަމަށް ބުނެ ވައިބާކޮށްފައިވެއެވެ.

މިއަދުވެސް ކައިޒާންއާއި ނާޔަލް ޖައްސައިލީ ކޮޓެޖްގެ ހިތްގައިމު ބަގީޗާގައެވެ. ރޭ ވިއްސާރަވުމަށްފަހު މިއަދު އުޑުމަތި ބަނަކޮށް އޮތަސް މޫސުމް ރީއްޗެވެ. ގަސްތަކުގެ ފަތްތައް ދޮވެވި ފެހިކަން ގަދެވަފައިވާއިރު މާތަކުގައި ޖަވާހިރުފަދައިން ފެންތިކިތައް ވިދާ ބަބުޅާއިރު އާޝޯޚުވާވަރުވެއެވެ. ވާރޭގެ ސަބަބުން ހުރިހާ ހަޑިއެއް ދޮވެވި ފަޒާވެސް ތާޒާވެލައިފި ފަދައެވެ.

"ނާޔަލް ސީރިޔަސްލީ އަހަރެން ހެލްޕްބޭނުން. ބައްޕަ ބޭނުންވޭ ބިޒިނަސްގައި ބައިވެރިކުރަން. އޭގެ ކުރިން އެބަޖެހޭ މިކަންތައް އަމިއްލަ ނަފުސްގެ ބާރުދަށަށް ގެނައުން. އަހަރެންގެ ސިކުނޑީގައި މޮންސްޓާއެއް ދިރިއުޅޭ. އޭނަގެ ނަމަކީ ޖޯން. ޖޯން އަހަރެންގެ ހަށިގަނޑާއި ވަގުތުވެސް އަހަންނަށް ނޭގި ގެންދޭ. ހުރިހާ ޕާސެނެލެޓީންގެ ތެރެއިން އެންމެގިނަގިނައިން އަހަރެންގެ ހަށިގަނޑު ހައިޖެކްކުރަނީ ޖޯން. އަހަރެން ރުޅިއަންނަކަމެއް ވިއްޔާ ނޫނީ ކުރަން ނުކެރޭވަރުގެ ކަމަކާއި ދިމާވެއްޖެއްޔާ ޖޯން އަހަރެންގެ ބަދަލުގައި ވުޖޭދަށް އާދޭ. އަދިވެސް އުޅޭ ދިހަމީހުން. އެހެން މީހުން އަންނަނީ މަދު ހާލަތެއްގާ. ލުއީ....ޑާކް މިއީވެސް އެތަނުން ބަޔެއްމީހުން. އެމީހުންނަށް އަހަރެން ވާ ވަގުތު ކުރާކަމެއް ހަނދާނެއްނުހުރޭ ނަމަވެސް އަހަރެން ބައެއްފަހަރު ހަމަހޭވެރިކަންވާއިރު ނުދަންނަ ތަނެއްގައި ހުރެދާނެ. ނޫނީ ކުއްލިއަކަށް ކޮންމެވެސް މީހަކު އައިސް ވާހަކަދައްކަންފެށީމަ ހައިރާންވޭ. އަހަންނަށް ނޭގި ސިކުނޑީގައި ދިރިއުޅޭ މީހުން އަހަރެންގެ ވަގުތާއި ހަށިގަނޑު ބޭނުންކޮށްގެން އަހަރެން ނުރުހޭ ކަންތައްވެސް ކުރުވާ. އެހެންވެ ދިރިއުޅުން މިވަނީ ނަރަކައަކަށްވެފައި. އަހަންނަށް ބޭނުންވާގޮތަށް ދިރިއުޅުން ކުރިއަށް ގެންދިޔަނުދޭން އެމީހުން ފައިޓްކުރަނީ.........." ކައިޒާން މޭޒުގައި އުޅަބޮށިޖައްސާލައިގެން ދަތްދޮޅީގައި އަތްއަޅުވާލައިގެން އިންއިރު ދެލޮލުން ރިހުމެއްގެ އަސަރު ފާޅުވާން ހުއްޓެވެ.

"އޯ ގޯޑް. ޔޫ ހޭވް ޑީ އައި ޑީ..............." ނާޔަލް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

ކައިޒާން އެހެންމީހުންނާއި ވަކިން ދިރިއުޅުމުގެ ސިއްރު އަދި މިއެނގުނީއެވެ.

"ބައްޕަ ބޭނުންވޭ އަހަރެން ބިޒިނަސްގައި ބައިވެރިވާން. އެހެން މީހުންފަދައިން ހަޔާތެއް ފަށަން. ކިހިނެއް މިކަހަލަ ބައްޔަކާއި ހަގުރާމަކުރަމުން އެހާ ޒިންމާދާރު ވަޒީފާއެއް އަދާކުރާނީ. ކިހިނެއް ހަޔާތަށް އަންހެންކުއްޖެއް ގެންނާނީ. އަހަރެން މިއީ ނުރައްކާތެރި މީހެއް. ވަރަށް ނުރައްކާތެރި މީހެއް. ޖޯން އައުމާއިއެކު އަހަރެން މޮންސްޓާއަކަށް ބަދަލުވޭ. ކިހިނެއް އަހަރެން ހަދާނީ. އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސަށް ބާރު ނުފޯރުވޭ. ދެޓް މޮންސްޓާ..........." ކައިޒާން ނިތްކުރީގައި އިނގިލިތައް ހިންގައިލިއެވެ. ޖޫލް ގޮވައިގެން އޭނަގެ މަންމަ ލިސާ އައުމުން ކައިޒާންއަށް އިންކާރުނުކުރެވުނު ސަބަބަކީއެއީއެވެ. އޭނަގެ ހަށިގަނޑަށް އެ މޮންސްޓާ "ޖޯން" ބާރުފޯރުވާ އޭނަ ބޭނުންނުވާކަމެއް ގަދަކަމުން ކުރުވަފާނެއެވެ. އެހެންނޫންނަމަ އޭނައަކީ ލިސާއާއި ގަޔާވިޔަސް ފަހަރެއްގައިވެސް އޭނަގެ ގަޔަށް އަރައިގަންނާނެ މިހެއްނޫނެވެ. އެންމެ ރެއެއްގައި ގުޅުން ހިންގިކަމަށް ލީސާބުންޏަސް އޭނަ އެއްގޮތަކަށްވެސް ލީސާއާއިއެކު ގުޅުމެއް ނުބާއްވާކަން އޭނައަށް ޔަގީނެވެ. ނަމަވެސް ޖޯން ކުރާ ކަމެއް އޭނަ ހަނދާނެއްނުހުރެއެވެ. އޭނައަކީ ސިގްރެޓްވެސް ބޯމީހެއް ނޫނެވެ. ނަމަވެސް ބައެއް ދުވަހު އޭނަގެ ކޮޓަރިން ސިގްރެޓްބޮއިފާ ހުންނަ ގުލުފެނިފައިވެއެވެ. އެވެސް ޖޯންގެ ކަންތަކެވެ. ވީއިރު އޭނަފަދަ އިންސާނަކަށް ދިރިއުޅުން ފަސޭހަވާނީ ކިހިނެއްހެއްޔެވެ. ޖޯން ކުރާ ފާފަތަކާއި ކުށްތައް ބޮލުގައި އަޅައިގެން ހުންނަން ޖެހެނީ ހަމަ އޭނައެވެ.

"ޔޫ ކެން. އައި ވިލް ހެލްޕް ޔޫ ކައި....." ނާޔަލް ހިތްވަރުދިނެވެ. ނާޔަލް އެތައް ނަފްސާނީ ބަލިމީހުންނާއި ކުރިމަތިލީއިރު މިފަދަ ކޭސްއަކާއި ދިމާވީ އަލަށެވެ. މަލްޓިޕްލް ޕާސެނެލިޓީ ޑިސްއޯޑާ ނޫނީ ޑިސޯސިއެޓިވް އައިޑެންޓިޓީ ޑިސްއޯޑާއަކީ ނަފްސާނީ މައްސަލަތަކުގެ ތެރެއިން ނިސްބަތުން މަދު ބައްޔެކެވެ. މިހެން ދިމާވާ ބަލިމީހުންނަށް އެމީހާގެ ޝަޚުސު އެންމެމަދުވެގެން ދޭއް ނުވަތަ އެއަށްވުރެ ގިނަމީހުންނަށް ބެހިގެން ދެއެވެ. އެއިން ކޮންމެ ޝަޚުސަކަށް ވަކި މިޒާޖެއްލިބިގެންވާއިރު އެ މީހާ ކުރާކަންތަކާއި ރުހޭކަންތައް ތަފާތުވެދެއެވެ. އެފަދަ މައްސަލަތައް ދިމާވާމީހުންނަކީ ތަފާތު ބަޔެކެވެ. ނާދިރު އަދި ޚާއްސަ ހާލަތެކެވެ. ފުދޭވަރަކަށް ޝައުގުވެރިކުރުވަނިވި ހާލަތެކެވެ. ކައިޒާންގެ ސިފައިގާ އެބުނާ ނަންތައް ކިޔާ މީހުން ފެނި އެމީހުން ކުރާ އެއްވެސް ކަމެއް ކައިޒާން ހަދާން ހުންނާނީއެއް ނުނެވެ. ނާޔަލް ނިންމީ އޭނައަށް ވެވުނުވަރަކުން ކައިޒާންއަށް އެހީތެރިވުމަށެވެ. ކައިޒާން މުޅިން ރަގަޅުކުރަން އަމިއްލަ ނަފުސާއި ޗެލެންޖުކުރިއެވެ.

ކެމީލާގެ ފޯނަށް އިރުއިރުކޮޅާ ނާޔަލް މެސެޖްކޮށްލައެވެ. އަތް މުޅިން ރަގަޅުވެއްޖެހެއްޔޭ އަހައިލިއެވެ. ދެން ދެއްކީ ކިޔެވުމުގެ ވާހަކައެވެ. ކޮންމެ ޔުނިވާސިޓީއަކުން ޖާގަ ހޯދިޔަސް އޭނަ ހުރިހާ ޚަރަދެއްކުރާނެކަމަށާއި ކެމީލާއަށް ކިޔަވާދޭނެކަމަށް ބުނެ އެހާވަރުން އުޅެނީ ކޮން ނިޔަތެއްގައިބާވައެވެ. ކޮންމެގޮތެއްވިޔަސް ރަގަޅު ފުރުސަތެކެވެ. ކިޔަވަން ލިބޭނެ ފުރުސަތެކެވެ. އަމިއްލަ ގޭތެރެއިން އޭނައަށް ހިތްހަމަޖެހުމެއްނުލިބެއެވެ. ތާއަބަދު ފެންނަނީ މަންމައާއި ބައްޕަ އަރައިރުންވާ މަންޒަރެވެ. ކެމީލާގެ ހުވަފެނަކީ މާމަ ގޮވައިގެން މިގެއިން އެހެންތާކަށް ބަދަލުވުމެވެ. އެހެންމީހުންގެ އުފަލާއި މަޖަލުގައި ބައިވެރިވާން މާމަ އެދުނަސް މާމަ އަށް އެ ފުރުސަތުތައް ލިބެނީ މަދުންނެވެ. އެހެންކުދިންނާއިއެކު މޫދަށްގޮސް ހަނދުވަރުގެ ރީތިކަން ދެކޭހިތުންވެސް މާމައަށް ބައެއްފަހަރު ހިތާހިތުން ޝަކުވާކޮށްލެވެއެވެ. ޅީދަރި ތަމަންނާދެކެ ގަންނަ ބިރަކުން އެފަކީރު އިންނަނީ ހުރިހާ އިހުސާސްތަކެއް ފޮރުވާލައިގެންނެވެ. ސްޓްރޯކް ޖެހުމުން އެއްފަޅީގައި ކޮންމެވެސް ވަރަކަށް ވާގިނެތުނަސް ފިޒިއޯ ހެދުމުން ބޮޑުތަން ލުއިވެ ހިނގާ އުޅެވޭވަރުވިއެވެ. ނަމަވެސް އެފަހުން ހުރަގެއެއްގައި ހައްޔަރުވިފަދައެވެ. އެއް ގެއެއްގައި އުޅޭއިރު ހުރި އެންމެ ފިރިހެންދަރި ޔާސިރު ނުފެނިގެން ކަރުނަ ނާޅާ ދުވަހެއް މިހާރަކަށް އައިސް ނާދެއެވެ. ތަމަންނާ އޮންނަނީ މާމަ ކާމޭޒުދޮށަށް އައުން މަނާކޮށްފައެވެ. މާމަ ބަލިކަމަށް ލޭބަލް ކޮށްފައި އޮތުމުން ކެމީލާ ޖެހެނީ ކާތަށި ހިފައިގެން ގޮސް މާމައަށް ދޭށެވެ. މާމަގެ ލޮލަށް އުދަގޫވާނެއޭ ކިޔާފައި ޓީވީ ބެލިޔަކަވެސް ނުދެއެވެ. އަމިއްލަ ގޭގައި ރަހީންވެފައިވާ މީހެކޭ މާމަ ތަފާތެއްނެތެވެ.

ޔެލޯ އެލާޓްނެރެފައިވާ ދުވަހެކެވެ. ވައިގަދަވުމާއި ބޯކޮށްވާރޭވެހުން އަދި އުދަ އެރުން އެކަށީގެންވެ އެކަމަށް ސަމާލުވާންޖެހޭނެއެވެ. ކެމީލާ ކޮލެޖް ނިންމާލާފައި ނުކުތްއިރު އަނދިރިކަމުން ހީވީ އެހެންކަމެއް ހެންނެވެ. އުޑުމަތިވަނީ ބޮޑެތި އަޅިވިލާތަކުން ބައްދާލާފައެވެ. ޖެހެމުންދާ ބާރު ވައިރޯޅިތަކުން ގަސްގަހުގެ ފަތްތައް ވައިގެ ތެރޭގައި ފަރާތްފަރާތަށް އުދުއްސާލާއިރު ދުރުދުރުން ގުގުރާލާއަޑުއިވުމުން ބިރުން ފިތްކަނޑައިގެންދާހާ ވެއެވެ. ކެމީލާ ފިޔަވަޅުތައް އަވަސްކޮށްލީ ވާރޭގެ ހަމަލާއައުމުގެ ކުރިން ގެއާއި ހަމަޔަށް ފޯރޭތޯއެވެ. ކޮލެޖާއި ދިމާލުން އޮތް ގޯޅިއަކުން ލަނބައިލިތަނާހެން ވާރޭގެ ތިކިތައް މޫނުގައި ބޮސްދޭންފެށިއެވެ. ދަބަހާއި ފޮތްތައް ނުތެމި ސަލާމަތްކުރަންވެގެން ދުވެލާފައިގޮސް ވަދެވުނީ ގެއެއްގެ އަސްކަނި ދޮށަށެވެ. މޭގައި ފޮތްތައް ޖައްސާ ބާރުކޮށްލައިގެން ހުރިއިރު އެހިތްތެޅެނީ ބިރުންގޮހެވެ. މިއޮތް ވިއްސާރަދުވަހު ގެއިން ނުކުމެވުނުކަމުގެ މޮޔަހީވިއެވެ. ކަޅުކުލައިގެ ސޫޓެއްފަދައިން ފަހާފައިވާ ބޯ ހެދުމަކާއިއެކު ސްކިނީއެއްލާފައި އަޅި ޝިފޮން ޝޯލެއް އަޅާފައިވާއިރު އެދޮންމޫނު ފެންނަނީ އަޅިވިލާތަކުގެ ތެރެއިން ސާދަ ވިލޭރޭގެ ހަނދު ފާއްދާލާހާ ފުރިހަމަކަމާއިއެކުގައެވެ. ވާރޭގެ ތިކިތައް މޫނުގައި ހަރުލާފައިވީ ކުދި މުތީތަކެއްހެންނެވެ.

"މިވަދެވުނީ ނުވެސް ދަންނަ ގެއަކަށް. މިގެއިން ކޮންމެފަދަ މީހަކުވެސް ނުކުމެދާނެ. މާލެއިން މިކަހަލަ ގެއެއްނުވެސް ފެނޭ. ބިރުވެސް އެބަގަނޭ. އެކަމަކު ހާދަ ބިޔަގަސްތަކޭ އެހާ ރީތި ފިނިފެންމާ ގަސްތަކެއްވެސް އެބަހުރި. ހާދަހާ ރީއްޗޭ. ވާރޭވެހޭ މަންޒަރު ބަލާލަން އެންމެ ރީތީ މިކަހަލަ ތަނެއްގައި ހުރީމަ. މިހާ ރީތިކޮށް ގަސްތައް އިންދާނީ މިގޭ މަންމަކަން ނޭގޭ. އަންހެންކުދިން ނޫޅޭނަމަ މިހާ ރީތިކޮށް ގަސް އިންދާފައެއް ނުހުންނާނެ........." ކެމީލާ ތަބުގައި ހުރި އޯކިޑްތަކަށް ބަލައިލިއެވެ. ނޫކުލައިގެ އެ ރީތިމާ ފެނިފައި އާޝޯޚުވެގެން މަޑުމަޑުން އަތްލީ އަސްލު މަލެއްތޯ ބަލައިލަންވެގެންނެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. ކެމީލާ ބަލާނުލާ ދުއްވައިގަންނަން އުޅުނުނަމަވެސް ދެފައި ބިންމަތީގައި ތެރަސްޖަހާ ތަތްކޮށްލާފައި ހުރިފަދައެވެ. އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ.

ކޮމެންޓް 0