"ރޭގައިވެސް ކިހާ ވަރަކަށް ޖޫލް ރުއީ. ނެނީއެއް ނުހޯދާ ވާކަށް ނެތެއްނު......" މާކަސް މިފަހަރު ވާހަކަދެއްކީ ފްރެންޗްބަހުންނެވެ. އެހެން މީހުންނަށް އެނގޭނެތީ އިގިރޭސިން ވާހަކަ ނުދައްކަންވެގެންނެވެ. ނަޒަރު ދަތުރުކުރީ އެހިސާބުގައިވާ އަންހެންކުދިންނަށެވެ. ދިވެހި ކުދިންގެ ގައިގާ އަޅައިގަންނަގޮތް ހުރެއޭ ބުނާ އަޑު އޭނަ އަހައެވެ. އެއީ ދޮގެއްނޫނެވެ. ބާރު ހެދުންތައް އަޅައިގެން ތިބޭއިރު ހިތާއި ކުޅެލާވަރުގެ ކުދިން އެބަފެނެއެވެ.
"ނެނީއެއް...." ކައިޒާން ކިޔައިލިއެވެ.
"އަހަރެމެންނާއިއެކު ނެނީއެއް ގެންދިޔުމުގެ ބަދަލުގައި ޖޫލްއަށް ދޮންމަންމައެއް ހޯދަދޭންވީއެއްނު......" މާކަސް ލާނެތް ހިންޏަކާއިއެކު އަހައިލިއެވެ.
"ނޮޓް ޕޮސިބަލް މާކް. އެނގެއެއްނު އަހަންނާއިއެކު އަންހެންކުއްޖަކަށް ނޫޅެވޭނެކަން.........."
"ހޫމް. ބީސްޓަކަށްވީމަ އަންހެންކުދިން ބިރުގަންނާނެކަން އެނގޭ. އެކަމަކު އެގޮތަށް ވެއްޖެއްޔާ ކައިޒާންގެ ވާހަކަ ހާދަ ރީތިވާނެއޭ. ބިއުޓީ އެންޑް ދަ ބީސްޓް ކުޅެލެވިދާނެއްނު. އިޝްތިހާރެއްކުރަންތަ. ޒުވާން މިލިއަނަރަކު އިންނާނެ މީހަކު ބޭނުންވެއްޖެއޭ ބުނާއިރަށް ދިގު ކިޔޫއެއް އޮންނާނެ......." މާކަސް ޔަގީންކަމާއިއެކު ބުނެލިއެވެ.
"މިހިސާބުން ފެށިގެން ހަނދާއި ހަމަޔަށް ޖެހޭވަރުގެ ކިއޫ އެއްތަ...."
"އެހާވަރު ނުވާނެކަމެއް ހަމަ ނޭގޭ. ލައްކައިން ކުދިން ވާނެ. ކައިޒާން. އަމިއްލަ ނަފުސާއިމެދު ޔަގީންކަމެއް އޮންނަންވާނެ. އިނގޭތަ ސްކިޒޮފްރީނިއާ ޕޭޝަންޓުންވެސް އަމިއްލަ ނަފުސް ކޮންޓްރޯލްކުރަން ދަސްކުރީމަ އެބައްޔަށްވުރެ ގަދަވެވޭ. އައި ކިއު މަތީ މީހުންނަށްވެސް ސްކިޒޮފްރީނިއާ ބަލި ޖެހޭ. އެމީހުންގެ ކަންފަތަށް އަބަދު އިވޭ އަޑުތައް އިގްނޯކޮށްލާފައި އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދިޔައިމަ ދެވޭ. ކައިޒާންވެސް އެހެން ހަދާބަލަ. މައިންޑްގައި އުޅޭ މޮންސްޓާތައް އިގްނޯކޮށްލާ. އެމީހުންނަށްވުރެ ސްޓްރޯންގް ވާއިރަށް ދޭ ވިލް ޖަސްޓް ވެނިޝް................." މާކަސް އެތައް ދުވަހަކަށްފަހު ކައިޒާންގެ ބައްޔާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ކައިޒާންއަށް ހަޔާތުގެ ބައިވެރިޔަކު ހޯދަދޭން އުޅުނަސް އެހާ ވިސްނޭ އަޅާލާ ކުއްޖަކު ލިބިދާނެކަމާއިމެދު އޭނަވެސް ޝައްކެވެ. އެހާ ދުރަށް އެހެން ގައުމަކަށް އަންހެންދަރިއަކު ފޮނުވައިލަން ކެރޭނެ މީހެއް މަދުވާނެއެވެ. އޭނަ އަސްލު ބޭނުންވަނީ ކައިޒާންގެ ދަރިފުޅަށް އެކަށީގެންވާ މަންމައެއް ހޯދާދިނުމެވެ. އެހެން އިންސާނުންނެކޭ އެއްފަދައިން ކައިޒާންއަށްވެސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބެންޖެހޭނެކަމަށް އޭނަ ގަބޫލުކުރެއެވެ. އެފަދަ ދިރިއުޅުމެއް ލިބޭނީ ހަޔާތުގެ ބައިވެރިޔަކާއިއެކުގައެވެ.
ހުކުރު ދުވަހުގެ ރޭ ބެލްކަންޏަށް ނުކުމެވުނީ ކީއްވެކަމެއް ކެމީލާއަކަށް ނޭގުނެވެ. ކޮންމެވެސް ވަރަކަށް ތަރިތަކުގެ އަސަރު ފާޅުވާން ހުއްޓަސް ދިއްލާ އަޅާފައިވާ މާލެއަކުން އެހިތްގައިމު ތަރިތައް ފެންނަނީ ފަނޑުކޮށެވެ. ދުރުދުރަށްދާންދެން އިމާރާތްތަކުގެ އައްޔެވެ. ކުއްލިއަކަށް ކަމެއް ހަދާންވެފައި މަގުމައްޗަށް ބަލައިލެވުނުއިރު ހިތް ނެގިނެގިފައި ޖެހުނެވެ.
"އެ ސައިކޯ ޖޯން އަންނާނަމޭ ބުނި ގަޑި ކައިރިވަނީ. އެ ހަނދާންވިޔަސް ހިތަށް ބިރުވެރިކަން ވަދޭ. ފިލަންވީކަން ނޭގޭ. އެކަމަކު މަގޭ އައިޑީ. ކިހިނެއްބާ އައިޑީ ހޯދާނީ. ގުޅޭނެ ނަމްބަރެއްވެސް އެނގެނީއެއް ނޫން. އެއީ އަނެއްކާ ޖިންނިއެއް ނޫންކަމެއްވެސް ނެގޭ. އެކަހަލަ ނަމެއް އެކީ. ޖުއާން އެކޯ. ޖިންނިން ދުވާލު އެގޮތަށް ފެންނާނެތަ....." ކެމީލާ ބެލްކަނީގައި ދެކޮޅަށް ހިނގަންފެށިއެވެ. ފިނިވެގެން އުޅޭފަދަގޮތަކަށް ދެއަތުން ގައިގާ ބައްދައިލެވުނެވެ. އެރޭ ޖޯންއާއިމެދު ވިސްނޭވަރުން ނިދުމަށް ހުރަސްއެޅިއެވެ. އެކަމާއި ބެހޭގޮތުން ވާހަކަ ދައްކައިލެވޭނީ އެންމެ ގާތްކޮށް އުޅޭ އެކުވެރިޔާ ނޯޔާއާއެވެ. ނޯޔާއާއި ކޮލެޖުން ދިމާވީ ދާދި ފަހުންނެވެ. ނޯޔާގެ އާއިލާ ކުރިން ދިރިއުޅުނީ ޔޫކޭގައެވެ. އެމީހުން މާލެއަށް ބަދަލުވިތާ އަދި މިވީ އަހަރެއްހާ ދުވަހެވެ. މިދިޔަ އަހަރު ޗުއްޓީގައި ނާޔަލް މާލެ އައިސް އުޅުނުއިރު އެތައް ފަހަރެއްގެ މަތިން އޭނައާއި ރައްޓެހިވާން މަސައްކަތްކުރިއެވެ. ނާޔަލް ހުންނަ ފްލާޓީ ގޮތަކުން އެގެއަށް ދާން ކެމީލާއަކަށް ނުކެރެއެވެ. އެއާއިލާއިންވެސް އެކަމާއި ގަބޫލުހެން ހީވެއެވެ. ނޯޔާ މަންމަ ނަތާލީވެސް ކެމީލާއަށް އެހާ ހެޔޮވާނެއެވެ. އެގެއަށް ގިނަގިނައިން އައިސް އުޅުމަށް ބުނާނެއެވެ. ނަމަވެސް އަވަދިނެތި އުޅޭކަމުގެ ބަހަނާ ދައްކާފައި ކެމީލާ ދުރުން އުޅެނީއެވެ.
"މާދަން ހަވީރު ސަޔަށް މިގެއަށް އާދެބަލަ. ދޮންބެވެސް ކިޔެވުން އެއްކޮށް ނިންމާލާފައި އައިސް އެބައުޅޭ. އެހި ކެޓް ކޮބާހެއްޔޭ........." ކެމީލާއަށް ޖޯންގެ ވާހަކަ ނުދެއްކެނީސް ނޯޔާ ފެށީ އެހެން ވާހަކައެކެވެ.
"އަހަރެން ކްލިނިކް އެސިސްޓެންޓަކަށް އުޅޭ ވާހަކަ ނަންނި ބުނީތަ........." ކެމީލާ ގެ ހިތް އަވަސްވިއެވެ. އަހަރެއްވީއިރު ނާޔަލް އޭނަގެ މަތިން ހަދާން ނައްތާލާފައި އެހެން ބައިވެރިޔަކު ހޯދާނެކަމަށް އޭނަ އުއްމީދުކުރިޔަސް އަދިވެސް އޭނައާއިހެދި އުޅެނީހެއްޔެވެ. ނާޔަލްފަދަ މުއްސަދި ތައުލީމީ ޒުވާނަކު އޭނަފަދަ އާދައިގެ އަންހެންކުއްޖެއްގެ ފަހަތުން އުޅުމުގެ މާނައެއްނެތެވެ. އެއީ ސީރިޔަސްކަމަކަށް ނުވާނެއެވެ. ޔަގީނުންވެސް އޭނަގެ ހިތަކު ނާޔަލްއަށްޓަކާ އެއްވެސް ކަހަލަ އިހުސާސްތަކެއް އުފެދިފައެއްނުވެއެވެ. އެއަށްވުރެ މާ ބޮޑަށް އަލަށް ދިމާވި ޖޯންއާއިމެދު ވިސްނުނެވެ. ދެމީހުންގެ މިޒާޖުގައި އެއްގޮތެއް ހުރިކަން ފާހަގަވިއެވެ.
"ދެމީހުންވެސް އީވިލް. ނާޔަލް އުޅޭގޮތަކުން ނަފްސާނީ ޑޮކްޓަރެކޭ ބުނާނީވެސް ކާކު. އެގެއަށް ދާން އަހަރެން ބިރުވެސް ގަނޭ. ނާޔަލް ހާދަ ދިމާކުރާނެއޭ. އެނީވޭސް ނޯޔާ ހުންނަކަމީ ނަސީބެއް. ނާޔަލް ޑިއުޓީއަށް ދާންފެށުމަށްފަހު އޭނަގެ އެސިސްޓެންޓަކަށް ދާންޖެހިއްޖެނަމަ އޭނަގެ ކުރިމަތީގައި އިނދެވޭނެތަ. މީހަކު ލަދުން ހަލާކުވާވަރަށް ބަލާނެ............." ކެމީލާ ފޯނު ބާއްވާފައި ސީލިންއަށް ބަލަހައްޓައިގެން އޮތީ ހަދަންވީގޮތެއް ނުވިސްނިފައެވެ. ބަންދު ދުވަހަކަށްވީމަ ޑިއުޓީ ނެތްތާގައި ކޮލެޖަށް ދާކަށްވެސް ނުޖެހެއެވެ.
ކެމީލާ ފެންވަރާހަދާލައިގެން ގަޔަށް ދޫކޮށް އޮތް ވައިލެޓާއި ހުދު ހެދުމަކާއި ޖިންސެއްލައިގެން ޝޯލްއެޅިއެވެ. އެއްވެސް ވަރަކަށް މޭކަޕްނުކުރިޔަސް ކެމީލާގެ އޮމާން މޫނުވިދާވަރުން ބިއްލޫރިކޮޅެއްފަދައެވެ. ރޫބީއެއްފަދަ ތުންފަތް ތެތްވެފައި މަޑުކަމަށް ދައްކައެވެ. ބޮޑުދެލޮލުން ފާޅުވަނީ ވިސްނުންތެރިކަމެވެ. ލަދުވެތި ބަސްއަހާ ކުއްޖަކާއި ކިތަންމެހާވެސް ވައްތަރެވެ. ކެމީލާ އަބަދު އަޅާ ސްނީކާސް އަށް އަރާތަން ބަލަން ހުރެފައި ތަމަންނާ ގޮވައިލިއެވެ.
"ކޮންތާކަށް މިގަޑީގައި...."
"ނޯޔާމެންގެއަށް...." ކެމީލާ ކިޔައިލިއެވެ.
"ހޫމް. އެގެއަށް ކިތަންމެ ގިނައިން ދިޔަސް ހެޔޮ. ވަރަށް މުއްސަދި ފޯރާބަޔެއްނު. އެކަހަލަ ރަގަޅު އެކުވެރިން ގިނަގިނައިން ހޯދަބަލަ. އެއީ ދުނިޔޭގެ ފެންވަރުގައި ޖަވާހިރާއި ގަހަނާ ވިޔަފާރިކުރާ މަޝްހޫރު އާއިލާއެއްގެ ކުއްޖެއްނު. އެގެއަށް ކިޔާނަންވެސް ކޮންފަދަ ހިތްގައިމު. ދެރައީ މުއްސަދި ވާވަރަކަށް ދަހިވާނެތީ. ކިއްތަވާނީ އެކުއްޖާވެސް ހަދިޔާއަކަށް އަގުބޮޑު ގަހަނާއެއް ދޭނެނަމަ ކެމީލާގެ ހަތަރެސްފައި ފަޅަށް ތިހިރީ........." ތަމަންނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ. ތަމަންނާ ހުރީ ހަގީގަތުގައި ވަރަށް އުފަލުންނެވެ. އޭނަ ނޯޔާގެ އާއިލާއާއި ބެހޭގޮތުން ކިތަންމެ ކަމެއް ދެނެގެންފިއެވެ. ނަތާލީއާއި ނަތާޝާގެ ބައްޕައަކީ ޖަވާހިރު ވިޔަފާރިކޮށް މުއްސަދިވެފައިވާ މީހެކެވެ. ނަތާލީގެ ދަރިފުޅު ނާޔަލް ޑޮކްޓަރުކަން ކިޔެވިއިރު ދެންހުރި ފިރިހެން ކުއްޖާ ނާއީ ވީ ޕައިލެޓަކަށެވެ. ތަމަންނާގެ ހުވަފެނަކީ ނާޔަލްފަދަ ހަޔާތުގެ ބައިވެރިޔެއް ކެމީލާއަށް ލިބުމެވެ.
"މަންމާ......ޕްލީޒް ތިކަހަލަ ވާހަކަ ނުދައްކަބަލަ..." ކެމީލާ ހިތްހަމަ ނުޖެހުނެވެ. އޭނަ ނޯޔާގެ މުއްސަދިކަމުން ޒައްރެއްގެ މިންވަރުވެސް ބޭނުމެއްނޫނެވެ. އޭނަ އެގެއަށްދަނީ އެކަހަލަ ނިޔަތެއްގައެއްނޫނެވެ.
"ހެހެ......" ތަމަންނާ ހިނިގަނޑެއް ޖަހާލައިފިއެވެ.
ކެމީލާ ގެއިން ނުކުތީ ދުޢާ ކިޔާފައެވެ. ގިނަގިނައިން ދުޢާކުރުމުން ހިތަށް ހަމަޖެހުން ލިބި އަމިއްލަ ނަފުސަށް އޮންނަ އިތުބާރުބޮޑުވެ ހެއްދެވިފަރާތާއި ގުޅުން ރަގަޅުވާކަން ކެމީލާއަށް އެނގެއެވެ.
ކެމީލާ "ލެވެންޑާ އެމެތިސްޓް" ގޭގެ ބެލް އަޅައިލިއިރަށް ގޭގައި ގެންގުޅޭ އަންހެންކުއްޖަކު ދޮރު ހުޅުވާލައިފިއެވެ. އެގޭގެ އިންޓީރިއާ ޑިޒައިންކޮށްފައި ހުންނަ ގޮތުން ކެމީލާއަށް ބަލަން ހުރެވެއެވެ. ލެވެންޑާކުލައިގާ ހުންނަ ފަރުނީޗަރުތަކާއިއެކު ބޮޑެތި ޗާންދަލިޔާތަކާއި ބިތްތަކުގައި ހުންނަނީ އެކަހަލަ ޑިޒައިންތަކެވެ. ހިތްގައިމުކަމުގެ އިންތިހާއެވެ. ކެމީލާ އެތާހުރެ ނޯޔާއަށް ވައިބާ ކޮށްލިތަނާ ސިޑިން ތިރިއަށް ފައިބައިގެން އައި ނާޔަލް ފެނުނެވެ. ނާޔަލްވެސް އިސްކޮޅުން ދިގުވެފައި ބާމަތި ފުޅަލެވެ. ނޫޖިންސަކާއިއެކު އަޅި ޓީޝާޓެއްލައިގެން ހުރިއިރު ދެލޮލުގެ ކުލައާއި ކިތަންމެހާވެސް ގުޅެއެވެ.
"ހެލޯ ކެޓް...ހާލު ކިހިނެއް...." ނާޔަލް އެއްލޯ މަރައިލިއެވެ.
"ރަގަޅު. ނޯޔާ ކޮބާތަ.." ކެމީލާގެ ފިޔަވަޅުތައް ހުއްޓުނެވެ.
"ކޮއްކޮ ތައްޔާރުވާން ހުރީ. އަންހެންކުދިން މޭކަޕްކޮށް ނިމޭނީވެސް ގަޑި ދެގަޑިއެއްހާއިރުފަހުން. ކެޓް ކިތައްގަޑިއިރު މޭކަޕްކުރީ. ތުންފަތުގައި ކުލަ ޖައްސާލާފައި ހުރިވަރު ބަލާލަ......" ނާޔަލް ގަސްތުގައި ކެމީލާއާއި ދިމާކުރިޔަސް ކެމީލާ މޭކަޕްކޮށްފައި ނެތްކަން އެނގުނެވެ. ކެމީލާގެ އެހުންނަ ރީތި ސިފަތަކާއިއެކު އެންމެ ހިތާއި ކުޅެލަނީ އެލަދުވެތިކަމާއި އަންހެންވަންތަކަމެވެ. އޮމާންކަމުންނެވެ. އެވަގުތު ނާއީވެސް ސިޑިން ފައިބައިގެން އައީ ޕައިލެޓް ޔުނިފޯމްގައި ހުރެއެވެ. ނާޔަލްއަށް ދޫނުކުރާހާ ސްމާޓެވެ. ނާއީ ތަންކޮޅެއް ލަދުރަކި މަޑުމައިތިރިކުއްޖަކީ ކަންނޭގެއެވެ. ނާޔަލް ހެން އޭނަ ސަކަރާތެއް ނުޖަހައެވެ. ނާޔަލްއާއި އަރާ ހަމަވުމުން އަދި ކެމީލާ ތައާރަފުކޮށްދިނެވެ.
"ފަހަރި އާއި އަނގައިން ނުބުނާނަންތަ...."
"އޯ ......ހައި..އަދި ފަހުން ދިމާވާނެ ދޯ. މިހާރު ލަސްވެގެން މިދަނީ.........." ނާއީ ކުޑަކޮށް އަތް އުފުލައިލިއެވެ.
"އަހަރެމެންގެ ކެޕްޓަން. ބަލައިގެން ދުއްވައްޗޭ ލިޓްލް ބްރޯ...." ނާޔަލް ނާއީގެ ބުރަކަށީގައި ޖަހައިލީ ގާތްގޮތަކަށެވެ. ކެމީލާ ހުރީ ނޯޔާ އަވަހަށް އައުމަށް އެދި ހިތާހިތުން ދުޢާކޮށްކޮށެވެ. ނާޔަލް ނާއީއާއި ވާހަކަދައްކަމުން ބޭރަށް ނުކުތުމުން ކެމީލާ ހިނގައިގަތީ ނޯޔާގެ ކޮޓަރިއާއި ދިމާލަށެވެ. އެހިސާބާއި އަރާހަމަވީތަނާ ނާޔަލް ގޮވައިލުމުން އެނބުރި ބަލައިލުމާއިއެކު ދިއްކޮށްލީ ރަތްކުލައިގެ ފިނިފެންމަލެކެވެ.
"މި މާ އަބަދަށްޓަކާ ރައްކާކުރައްޗޭ....."
"އެކަމަކު......."
"ކެޓް. ތިހާ ފޮނިނުވެ މީގައި ހިފާ. ނޫނީ އަހަންނާއިއެކު ވޯކްކުރާކަށް ފަސޭހައެއްނުވާނެ. އެނގެއެއްނު ދެމީހުން އެއްތާކުކަން މަސައްކަތްކުރަން ޖެހޭނީ...." ނާޔަލް ލާނެތް ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ކެމީލާ އެމަލުގައި ހިފައިލިއިރު ވިސްނީ ނާޔަލްގެ އަތުގައި އެއްވެސް ވަރަކަށް ނުޖެހި މާ އަތުލުމަށެވެ. ނޯޔާއަށް ނުކުމެވުމާއިއެކު އެމަންޒަރު ފެނި އަދި އުފަލުން ދެއަތްތަޅައިގަތެވެ. ފަހަތުން އައިސް ކެމީލާގެ ގައިގާ ކުޑަކޮށް ބައްދާލައިފިއެވެ. ދުވަންފެށި ސެންޓްގެ މީރުވަހުން ކެމީލާގެ ހިތް ފުރުނެވެ. ނޯޔާ ހުރީ ނިކަން ރީތިވެލައިގެންނެވެ. ވައިލެޓްކުލައިގެ މިޑީއަކާއިއެކު އެކުލައިގެ ގަހަނާއިން ޒީނަތްތެރިވެގެން ހުރިއިރު ދެކޭ ކޮންމެމީހަކު ހައިރާންވާހާ ފުރިހަމައެވެ. އިސްކޮޅުން ދިގުވެފައި ލޫޅާފަތިކަމުން މޮޑެލްއެއްފަދައެވެ. ފެޝަން މަޖައްލާއެއްގެ ބޭރު ގަނޑުން ފުންމާލައިގެން އައި ތަސްވީރަކާއި ތަފާތެއްނެތެވެ. ދެކުދިން ކިތަންމެ ގާތް އެކުވެރިޔަސް ހެދުން އަޅާގޮތާއި ވިސްނުމުގައި ފަރަގު ހުއްޓެވެ. ނާޔަލްގެ މަންމައަށް ކެމީލާ ފެނުމުން ބައްދާލާފައި ތައުރީފުކުރިއެވެ.
ނާޔަލް އަށް އޭނަ ހިތްފުރޭވަރަށް ކެމީލާއަށް ބަލާނެ ފުރުސަތެއް ނުލިބުނެވެ. ނަމަވެސް ކެމީލާ އިނީ ކުރިމަތީގައެވެ. ސައިބުއީ އެކީގައެވެ. ނާޔަލްގެ ދެލޯ ބޭގަރާރުވެފައިވީ އެ ރީތި ސޫރަ އަބަދުކުރިމަތީގައި އިނުމަށެވެ. އަބަދު ކެމިލާއަށް ބަލަން އިނުމަށެވެ. އެވާހަކަ މަންމަކައިރި ދައްކަން ނުކެރުނަސް ހިތުގައިވަނީ ކެމީލާ އަމިއްލަ މިލްކަކަށް ހެދުމެވެ. އެކަމަށްޓަކާ އެޅޭނެ ކޮންމެ ހުރަހެއް އޭނަ ނައްތާލާނެއެވެ. މިވީހާތަނަށް އޭނަ ބޭނުންވި ކޮންމެ އެއްޗެއް އޭނަވަނީ އަތުލާފައެވެ. ކެމީލާ ނުލިބެންވީ ކީއްވެހެއްޔެވެ.
ކައިޒާންއާއި މާކަސް ޗުއްޓީ ހޭދަކުރަނީ އާއިލާ ގެއެއްގައެވެ. "ކޮޓެޖް"ގައި ދިރިއުޅުނު ޒުވާނުން އެމެރިކާއަށް ބަދަލުވުމުން އެގެ ހުންނަނީ އެގޮތަށް އަންނަ އާއިލާއާއި އެކުވެރިން ޗުއްޓީ ހޭދަކުރާ ގެއެއްގެ ގޮތުގައެވެ. ފިނިފެންމާގަސްތައް ގިނަކަމާއިއެކު މުޅި މާހައުލުގައި ސެންޓްލެވިފައިވަނީ މާތަކުގެ މީރުވަހުންނެވެ. ކައިޒާންގެ ހިތުގައި އެގެއަށް ލޯބި ޖެހުނެވެ. އެގެ ގަނެގެން ދިރިއުޅުން މާލެއަށް ބަދަލުކުރަން ހިތަށް އަރާފައިވެސް ބައްޕަގެ އަމުރު ހަދާންވެފައި ފަސްޖެހުނެވެ. މާލޭގައި ހޭދަކުރާ ތިރީސް ދުވަސް ވީހާވެސް ހިތުން ނުފިލާގޮތަކަށް ދުއްވާލަން މާކަސް ކިޔެއްކަމަކު އެބުނާ އެއްޗެއް ކައިޒާން އެނގޭކަމަކަށް ނަހަދައެވެ. އޭނަ ޝައުގުވެރިވާކަހަލަ އަންހެންކުއްޖެއް މާލެއަކުންވެސް ނުފެނުނެވެ.
ބޯކޮށް ވާރޭވެހޭ މަންޒަރު ބަލަން ކައިޒާންއާއި މާކަސް ތިބީ ފެންޑާގައި ކޮފީ ބޯށެވެ. ޖޫލް ވާރޭ ކޯޓެއް ލައްވާފައި ވާރެއަށް ނެރުމުން ހުރީ ހިތްހަމަޖެހިފައެވެ. ޖޫލް އެއްފަހަރު އައިސް ކައިޒާންގެ ކައިރީ ހުއްޓުނެވެ.
"ޑެޑީ ކާރެއް ބޭނުމީ....."
"ސޯ ކާރެއް ގަންނަން މިޖެހުނީ. ކޮންކަހަލަ ބްރޭންޑެއްގެ ކާރެއްތަ ގަންނަންވީ؟ ލަމްބާގިނީ ފެރާރީ........." މާކަސް އެއް ނޭވާއިން ކާރުގެ ލިސްޓެއް ކިޔައިލިއެވެ.
"ސީރިޔަސްކޮށްތަ؟ " ކައިޒާން އެއް ލޯ ކުޑަކޮށްލިއެވެ.
"ޔަޕް. ކުޑަޔަކަސް ކާރެއް ބޭނުންވީމަ ކައިޒާންއަށް އެކަން ވާނެ. މުއްސަދިންގެ ކުދިންނަށް ކުޑައިރުއްސުރެން ފެށިގެން ހަމަ އަގުބޮޑު ކާރުއެއްޗެހި ދޭންވާނީ" މާކަސް ބުނެލިއެވެ.
"މާކް........ޖޫލް އެބުނީ ޓޯއި ކާރެއްގެ ވާހަކައޭ...." ކައިޒާން ހީލާފައި ބުނެލިއެވެ.
"އޯވް........." އަބަދާ އަބަދު މުއްސަދިން އުޅޭގޮތާއި މުއްސަދިންނާއެކީ އުޅެމުންގޮސް އޭނަގެ ސިކުނޑިއަށް އަންނަނީވެސް އެކަހަލަ ޚިޔާލުތަކެވެ.
ކައިޒާންގެ ބޮލުގައި ރިއްސާވަރުން ދެތިން ބޭސްގުޅަ ކާލުމުންވެސް ލުޔެއް ނުލިބުނެވެ. އެންމެފަހުން މަޖުބޫރުވެގެން ގުޅައިލީ ގާތް އެކުވެރިޔަކަށެވެ.