"މާ ފިނިވީމަކަން ނޭގޭ ބިންމަތީ ހަރުނުލައިގެން ތިއުޅެނީ؟ ހީފިލުވާލަދީފާނަން. މިކަހަލަ ރެއެއް ބޭކާރުކޮށްލައިފިއްޔާ އަހަރެން ވާނީ ސައިކޯއަކަށް. ވަން މޯ ތިންގް. އެކްޓްނުކުރޭ. މައުސޫމް ބަސްއަހާ އަންހެންކުއްޖެއްގެ އިމޭޖް ދައްކަން އުޅުނަސް ގަބޫލުކުރާކަށް ފަސޭހައެއްނޫނޭ ކެމިލާ. ތިއީ އެހާ އިނޮސެންޓް ގާލްއެއްނޫން........" އަލިފާނުގެ ސަބަބުން ރަތްވެފައިވާ ކެމީލާގެ ދޮން ކޯތާފަތުގައި ނާޔަލް އަތް ބީއްސާލިއެވެ. ނާޔަލްގެ މޫނު ކުރިއަށްވުރެ ކައިރިވިއެވެ. ފިނިކަމުން ގަނޑުފެންކޮޅެއްހެން ވެފައިވާ ތުންފަތަށް ކުރެވުނު އިހުސާސުން ދެލޯ މަރައިލެވުނީ ބިރުންގޮހެވެ. ހިތް ތެޅޭވަރުން މޭ ފަޅާފައި ނުކުމެދާނެފަދައެވެ. ނާޔަލްގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލަންވެގެން އުޅުމުން ނާޔަލް ނުލަފާ ހީލުމަކާއިއެކު އަދިވެސް ކައިރިކޮށްލައިފިއެވެ. އެދޭތެރެއަށް ވައިރޯޅިއަކަށް ސިއްރުން ވަދެނުލެވޭހާ ކައިރިއަށެވެ. އެވަރުންވެސް ކެމީލާ މަސައްކަތްކުރީ ނާޔަލް ދުރުކުރާށެވެ. އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ކަނދުރާގައި ވިކައިގަތެވެ. އެއިން ތަދެއް ނާޔަލް އިހުސާސް ނުކުރާފަދައެވެ. ލިބުނު އެންމެ ސިކުންތުކޮޅުގެ ބޭނުން ހިފާ ކެމީލާ ނާޔަލްއާއި ދިމާލަށް ދެލޯ އަޅައިލިއެވެ.

"އަހަރެންގެ ހުއްދަނެތި އަތްނުލާނަމޭ ބުނި މީހާ.." ކެމީލާގެ ލޮލުގައިވިދަ ވިދާ ހުރި ކަރުނައިގެ އަސަރެވެ.

އެ ޖުމްލައިން ނާޔަލްއަށް އަސަރުތަކެއް ކުރުވިކަން ޔަގީނެވެ. ކުއްލިއަކަށް ކެމީލާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އިރުކޮޅެއްވާންދެން ކެމީލާގެ މޫނަށް ބަލަން ހުރީ ހަދާނެ ގޮތަކާއިމެދު ވިސްނަން ކަހަލަ ގޮތަކަށެވެ.

"ދެން ހުއްދަ ދޭންވީނު..." ނާޔަލް ފާޑަކަށް ހީލަމުން ކެމީލާގެ ކޯތާފަތުގައި އިނގިލިން ބީއްސާލައިފިއެވެ.

"އައި ކާންޓް........." ކެމީލާ ނާޔަލްގެ އިނގިލީގައި ހިފާ ދުރަށް ޖައްސާލުމުން ނާޔަލްގެ ހިތުގައި ޖެހި އެތިފަހަރެއްފަދައެވެ. ކުއްލިއަކަށް ކެމީލާ ދުރަށް ކޮށްޕާލާފައި ބާރު ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަނެވެ. ކޮޓަރީގެ އެނދަށް އުއްޑުން ވެއްޓިގަތްގޮތަށް ސީލިންއަށް ބަލަން އޮތްއިރު ކެމިލާއާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ. ކައިޒާން ވިއްޔާ ކެމީލާއަށް ހުއްދައަކަށް ބޭނުމެއްނުވާނެއެވެ. އަޖައިބެއްކަހަލަ އަންހެންކުއްޖެކެވެ. އޭނައަށް މިވަރަށް އުދަގޫކުރާއިރުވެސް އޭނަ އިހުސާސްތަކުގައި ގަނޑުފެން އަޅާލައިގެން މަޑުން މިހުންނަނީއެވެ. އެހެން މީހަކުނަމަ ބާރުގެ ބޭނުންކުރާނެއެވެ. ފުންވިސްނުމެއްގައި ނިތްކުރީގައި އަތް ޖައްސާލައިގެން އޮވެލާފައި ކެމީލާ ހެދިގޮތެއް ބަލައިލަން ދާން ނިންމިއެވެ. ދޮރު ހުޅުވައިލިއިރު އަލިފާންގަނޑު ކައިރީ ކަކޫ މޭގައި ޖައްސާލައިގެން ރޮއި ހަނާވާން ކެމީލާ އޮތްތަން ފެނުމުން ނާޔަލް ހުއްޓުންއެރިއެވެ. ކެމީލާއަށް ވެފައި އެއޮތީ ކިހިނެއްހެއްޔެވެ. ހާސްކަމާއިއެކު އެދިމާލަށް ދުއްވައިގަނެވުނެވެ. ކެމީލާއާއި ދިމާލަށް ގުދުވުމާއެކު ކެމީލާ ނުރުހުމާއިއެކު އަތް ދުރަށް ޖައްސާލިއެވެ. އެއާއިއެކު ފުންމައިގެން ތެދުވެ ތަންކޮޅެއް ދުރަށް ޖެހުނެވެ.

"ވަޓް ހެޕެންޑް...." ނާޔަލް ހައިރާންވިއެވެ.

"ކޮށްޕާ ވައްޓާލާފައި އަދި ކިހިނެއްވީހެއްޔޯ. އަނިޔާއެއް ނުވިޔަސް އެންމެ ރަގަޅޭ ފޫހިވޭ ތިހަދާގޮތުން. ރުޅިއައީމަވެސް މީހުން ރޮއިއުޅޭ........." ކެމީލާ އޮތީ ރުޅިގަދަވެފައެވެ.

"ތިހާ ބަސްއަހާ ކުއްޖަކާއި ނުގުޅޭ ތިގޮތަށް ވާހަކަދައްކާކަށް. އެއަށްވުރެ އަޚުލާގު ރަގަޅު ސްވީޓްކުއްޖެއްކަމަށް ހީކުރީ......." ނާޔަލް ހުރީ ސީރިޔަސްވެފައެވެ. އެދެލޮލުގައިވި ޝުއޫރުތައް ތަރުޖަމާކުރާކަށް ކެމިލާއަށް ނޭގުނެވެ. ދެރަވެފައި ރުޅިވެފައި ހިތުގައި ޖެހިފައި ނޫނީ ފޫހިވެފައިކަމެއްވެސް ނޭގުނެވެ. އޭނަ ބޭނުންވަނީވެސް ނާޔަލް ފޫހިކުރުވާށެވެ. ކޮންމެހެން ރަގަޅު އަންހެންކުއްޖަކަށްވެގެން ނާޔަލްއާއިއެކު އުޅޭކަށް އޭނަގެ ހިތަކު ނެތެވެ. ވީމަ އިހުތިރާމް ކުރާކަށްވެސް ނުޖެހޭނެ ނޫންހެއްޔެވެ.

"އެހެން އެންމެނަށް ސްވީޓްވިޔަސް ނާޔަލްއަކަށް ނުވާނެ. ޔޫ ޑިސްޓްރޯއިޑް މައި ލައިފް. އޮޅުވާލައިގެން މެރީ ކުރީ............" ކެމީލާ ނާޔަލް ކެމީލާ އެއްފަރާތަށް ޖައްސާލާފައި ދިޔަވަގުތު ކެމީލާ އަރި އަޅާލުމުން ވެއްޓުނުގޮތަށް ކެމީލާ ނުތެދުވެ ރޯން އޮތީ ނާޔަލްދެކެ ހިތްހަމަނުޖެހި ރުޅިގަދަވިވަރުންނެވެ. ނާޔަލްދެކެ ނަފްރަތުކުރާ ވަރަށް ދުވަހަކު ނިމުމެއް ނާންނާނެއެވެ. ނާޔަލް ފެނުމާއިއެކު ހަނދާންވަނީ ކައިޒާންއާއިމެދު ކަންތައްކޮށްލި ގޮތެވެ. ކައިޒާންއަށް އޭނަ ދޭ ނަފްސާނީ އަނިޔާތަކެވެ. ހަލާކުކޮށްލަނީ ހަމައެކަނި އޭނަގެ ހިތް ނަމަވެސް މާފުކޮށްދެވިދާނެއެވެ. ނަމަވެސް ނާޔަލް އަނިޔާދެނީ އޭނަ އެންމެ ލޯބިވާ ކައިޒާންއަށެވެ. ކައިޒާން އުޅޭ ހާލެއްވެސް އެނގެނީއެއްނޫނެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ހިތްކުދިވެގެން ފައިބާން އުޅޭފަދަ އިހުސާސްތައް ކުރެވެއެވެ. އެތައް ހާސްފަހަރު އޭނަގެ ހިތް ހަލާކުވެއެވެ. ކައިޒާންއަށް ދޭ އެއްވެސް އަނިޔާއަކަށް އޭނަދުވަހަކު ހިތް ހެޔޮ ނުކުރާނެއެވެ.

"ސޮރީ އިފް އައި ހާޓް ޔޫ....." ކެމީލާ ދުރުކޮށްލި އަތްތިލަ އަނދަ އަނދާ ހުރި އަލިފާންގަނޑާއި ކައިރިކޮށްލަމުން ނާޔަލް މަޑުމަޑުން ބުނެލިއެވެ.

"ޔޫ އާ ނޮޓް ސޮރީ..........." ކެމީލާ ބާރުބާރަށް ހިނގާފައިގޮސް ކެބިން ތެރެއަށް ވަނުމުން އަރާމު ހޫނުކަމެއް އިހުސާސްކުރެވުނެވެ. ޕައިންގެ މީރުވަހުން ބަރުވެފައިވާ ސިކުނޑިއަށް ތާޒާކަމެއް ލިބުނެވެ. އެތެރެއަށް ވަންގޮތަށް އެނދުގައި އޮށޯވެލީ ވެފައި ހުރި ވަރުބަލިކަން ފިލުވައިލުމަށެވެ. ދެލޯ މަރާ ތަގުޅިކޮށްލުމަށްފަހު ނިދުމުގެ ކުރިން ކިޔާ ދުޢާކިޔާލުމަށްފަހު ދެލޯ މަރާލައިގެން އޮތެވެ. ނިދުމުން ހުރިހާ ހިތާމައެއް ފިލާފާނެއެވެ. ނާޔަލް ކެބިންއަށް ނުވަދެ މިރޭ ބޭރުގައި އުޅެން ނިންމީކަމަށް ވެދާނެއެވެ. ފިލްމުތަކުން ފެންނަ ފަދައިން ބޮޑު ސާރިދޯޅެއް ނޫނީ ފަރުބަދަމަތީ ސިންގާއެއް އައިސް ނާޔަލް ކާލައިފިއްޔާ ވާނީ ކިހިނެއްހެއްޔެވެ. އެންމެ ރަގަޅެވެ. އޭރުންވެސް ނާޔަލްގެ އުދަގޫތަކުން މިންޖުވެދާނެއެވެ. ނާޔަލްއާއިމެދު ނަފްރަތު އޮތްވަރު އެރޭވެސް ކެމީލާއަށް ހާމަވިއެވެ. ސާރިދޯޅެއް ނާޔަލް ކާލިޔަސް އޭނައަށް ވަރިހަމަވާނީ ކިހާވަރަކަށް ރުޅިއަންނާތީހެއްޔެވެ. އޭނަ ނާޔަލްދެކެ ނަފްރަތުކުރާ ވަރު އަމިއްލައަށް އިހުސާސްކުރެވުމުން ކެމީލާއަށްވެސް ޝޮކެއް ލިބުނެވެ.

ހެނދުނު ހޭލެވިގެން ގަޑި ބަލައިލިއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ފަތިސް ނަމާދަށް ހޭނުލެވުނީތީ ކެމީލާ އިންތިހާއަށް ހިތާމަކުރިއެވެ. އޭނައަށް ދީނާއި މެދު ފަރުވާކުޑަކޮށްލެވޭކަން އިހުސާސްކުރެވުމުން ލޯ ފެންކަޅިވުމާއިއެކު އެންމެ ކުރިން އުޅުނީ ނަމާދު ގަޟާކޮށްލުމަށެވެ. ބޭރަށް ނުކުތްތަނާ ނާޔަލް ބުނީ މާމައާއި ބައްދަލުކުރަން ދާން ބޭނުންވަންޏާ ނާސްތާ ކޮށްލައިގެން ތައްޔާރުވުމަށެވެ. ކެމީލާ ގޮވައިގެން ނާޔަލް އެންމެ ކުރިން ދިޔައީ އޭނަގެ މަންމަގެ ގެއަށެވެ. އެގޭގެ އެއްފަރާތުގައި ނޯޔާ ހަދާފައި ހުރި ސްނޯމޭން ވިރިގެން ފައިބާފައި ހުއްޓެވެ. ނޯޔާ އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުނުއިރު ނާޔަލްއާއި ދެމީހުންގެ ގުޅުމާއި ބެހޭގޮތުން ނޯޔާ ސުވާލުކުރިއެވެ. ކެމީލާ ހުނުމަކުން ފުއްދާލީއެވެ. އާ އަހަރު އަންނާތީ ނޯޔާ ހުރީ ފޯރި އައިސްފައެވެ. ކޮންމެވެސް އާކަމެއް ކުރަން ބޭނުންވާކަމުގައި ބުނެލިއެވެ. ކެމީލާ ބުނީ ނާޔަލް ދާން އުޅެނީ ޓައިމްސް ސްކުއޭއަށް ކަމުގައެވެ. އޭނަ އެ ދުވަސް ފާހަގަކުރަން އެއްގޮތަކަށްވެސް ބޭނުން ނުވާކަމަށާއި ޝޯތަކަށް ދާން މުޅީން ދެކޮޅުކަމުގައި ބުނެވުނުއިރު ދެކުދިން ގެ އެ ވާހަކަ ދީނާއި ހިސާބަށް ދިޔައެވެ. ކެމީލާ ފުރަތަމަ ފަހަރަށް ނޯޔާއާއި ދީނީ ވާހަކަތައް ދެއްކިއެވެ. ކުރުހެދުން ލުމާއި ދެކޮޅަށްވެސް ވާހަކަދެއްކިއެވެ. އަންހެންކުދިން ތިބެން ޖެހޭނީ ފޮރުވިގެން ކަމުގައި ބުންޏެވެ.

ނޯޔާ އެހާ ބޮޑަށް އެ ވާހަކައަށް ސަމާލުކަމެއް ނުދިނެވެ. ކުޑައިރުއްސުރެ ހުޅަނގުގެ ސަގާފަތުގެ ތެރެއަށް ބޮޑުވެ މައިންބަފައިންގެ ފަރާތުންވެސް ދީނާއި ބެހޭ އެއްވެސް ކަމެއް އޮޅުން ފިލުވާ ނުދީ ހުރި ކުއްޖަކަށް އެހާ ފަސޭހައިން އެކަންތައްތައް ދުރެއް ނުވެވޭނެއެވެ.

އާ އަހަރު ފާހަގަކުރަން އާއްމުކޮށް އެއްވާތަނަކީ ޓައިމްސް ސްކުއޭއެވެ. މެންހޭޓްންގެ އެ ސަހަރައްދަކީ ވިޔަފާރިއާއި މުނިފޫހިފިލުވުގެ މަރުކަޒެއްގެ އިތުރުން ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއް ތަނެވެ. އެތައް ގިނަ ފިލްމުތަކާއި ވީޑިއޯ ގޭމްތަކުގައިވެސް ހިމަނާފައިވާ މަޝްހޫރު ތަނެކެވެ. އާ އަހަރު ފާހަގަކުރަން އެ ސަހަރައްދަށް އެއްވެފައިވާ މިލިއަނެއްހާ މީހުން ތަކުގެ ތެރޭގައި ނާޔަލްއާއި ކެމީލާ ހިމެނުނެވެ. ނިއޯން އަލިތަކާއި ސްކްރޯލިން ބިލް ބޯޑުތަކުގެ އަލިތަކުން ލޯ ތަރަތަރަޖަހައިގެން ދާވަރުވެއެވެ. އެއީ ކެމީލާ އެއްގޮތަކަށްވެސް ގަޔާވާ ތަނަކަށް ނުވިއެވެ. ވަގުތުން ކެމީލާ ބޭނުންވީ އެތަނުން ދުރަށް ދާށެވެ. ނާޔަލްގެ ކެބިންވެސް އެއަށްވުރެ މާ ރަގަޅެވެ. ކެމީލާ ކުރުނުކޮށް ކިޔަންފެށުމުން ގޮވައިގެން ދިޔައީ ޕެންޓްހައުސްއަށެވެ.

ޕެންޓްހައުސްގެ ސިޓިންރޫމްގައި ނާޔަލްއާއި ކެމީލާ ތިބިއިރު ނިއުޔޯކްގެ މަލަމަތި ރީތިކޮށް ފެންނާންއޮތެވެ. ލައިވްކޮށް ޓައިމް ސްކުއޭއިން ދައްކަމުން ދިޔަ އިރު އެމީހުންނަށްވެސް އެ މަންޒަރު ކޮންމެވެސް ވަރަކަށް ފެނެއެވެ. "ބޯލް ޑްރޮޕް" އިވެންޓާއިއެކު ވަގުތުން ކޮންފެޓީއާއި ހަވާ އެރުވުން އޮތެވެ. އެއާއިއެކު ނާޔަލް ކެމީލާގެ ގައިގާ ކުޑަކޮށް ބައްދާލާފައި ލުއިކޮށް ބޮސްދެމުން އުފާވެރި އާއަހަރަކަށް އެދުނެވެ. ކެމީލާ ޖަވާބެއް ނުދިނެވެ. އިހުސާސެއް ނުވާ ހިލައިގެ ބުދެކޭ އޭނައެކޭ އެއްގޮތެވެ.

"އެއްވެސް ފީލިންގްސް އެއް ނެތް ކުއްޖަކީތަ؟ " ނާޔަލް ކުޑަކޮށް އަރިވެލާފައި ކެމިލާގެ މޫނަށް ބަލައިލިއެވެ.

"ފޯ ޔޫ ނަތިން..." ކެމީލާ ހިތް ހަރުކޮށްލިއެވެ.

"އޯ....." ނާޔަލް ހީލިއެވެ.

ނާޔަލް ބޭރުފުށުން ހިނިތުންވެލަނީ ހިތުގައިވާ އިހުސާސްތައް ފޮރުވަންކަން ޔަގީންކޮށްލައި ކެމީލާ ހިތް ހަމަޖައްސައިލިއެވެ. ނާޔަލްއަށް ދެރައެއް ލިބުމުން އެހާ އުފާވާންވީ ކީއްވެހެއްޔެވެ. އެނޫން އެހެން އެއްވެސް އިންސާނަކަށްޓަކާ އޭނަގެ ހިތް އެހާ ހަރެއްނޫނެވެ. ދުޝްމިނުންނަށްޓަކާވެސް އޭނަގެ ހިތް ކަފަކޮޅެއްހާ މަޑެވެ. ނަމަވެސް ނާޔަލްދެކެ އޭނަ އެވަނީ ހާދަ ފޫއްސެކެވެ. ފޫހިވާވަރުން ނާޔަލް ދެރަކޮށްލުން އޭނަގެ އުފަލަކަށް އެބަވެއެވެ. އެންމެ އުފާވާނީ ނާޔަލްގެ ދެލޮލުން ކަރުނަ އަންނަތަން ފެނުނީމައެވެ. ނަމަވެސް އޭނަ އެންމެ ލޯބިންގެންގުޅޭ ކުރެހުންތައް ހަލާކުކޮށްލުމުންވެސް އެއްވެސް އިހުސާސްތަކެއް ހާމައެއްނުކޮށް އެކަން ފޮރުވީއެވެ. ރަލުގެ ތެރެއިން އޭނަ އެކަން އޮއްބާލީއެވެ.

"މިރޭ ނިދަނީ މިތާނގައިތަ؟ އެހެންވިއްޔާ އައިމް ގޮއިން ޓު ބެޑް...." ކެމީލާ ތެދުވެއްޖެއެވެ. އެއާއިއެކު ނާޔަލް ކޮށްލި ހަރަކާތަކުން އޭނަ އައިސް ޖެހުނީ ނާޔަލްގެ އުނގުގައެވެ. މިފަހަރު ނާޔަލް ކައިރިވުމާއިއެކު ކެމީލާ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. އެއްގޮތަކަށްވެސް ނާޔަލްއަށް އެއްވެސް ފުރުސަތެއްދޭން ބޭނުންނުވާފަދައެވެ. ނާޔަލް ބޭނުންނަމަ އެއަތްތިލަ ނައްޓުވާކަށް އުނދަގުލެއްނުވާނެއެވެ. އޭނަބޭނުންވާ ކޮންމެ ކަމެއް ދާދި ފަސޭހައިން ކުރެވިދާނެއެވެ. ނަމަވެސް އޭނަގެ ޝަޚުސިއްޔަތު އެކަމަށް ތަންނުދެނީކަން ނޭގެއެވެ.

"މިރޭ........ހަނދާން ނައްތާނުލާތި..." ނާޔަލް ބުނެލިއެވެ. އެ އަޅިކުލައިގެ ކަޅިން އެވަގުތު ކުޑަކޮށް ނަމަވެސް ތަފާތު އަސަރުތަކެއް ފެނިލިހެން ހީވިއެވެ. އެބުނީ ކޮން މާނައެއްގައިހެއްޔެވެ. މިރޭ އެދެމީހުންގެ ދޭތެރޭ ހަނދާން ނައްތާނުލެވޭވަރުގެ އެއްވެސް ކަމެއް ނުހިނގައެވެ. ދެމީހުން އެކީ އާއަހަރުގެ އިވެންޓްތައް ބަލައިލުން ފިޔަވައެވެ. އެވެސް ނިއުޔޯކްގެ އެންމެ ހިތްގައިމު އެއް މަންޒިލުގައި ތިބެއެވެ.

ނިއުޔޯކްއަކީ " ދަ ސިޓީ ދެޓް ނެވަ ސްލީޕްސް" އޭ ބުނަނީ ސަބަބެއްނެތިއެއް ނޫނެވެ. ހުރިހާގަޑިއެއްގައި ރެސްޓޯރެންޓު ބާ އަދި ސްޕާތައް ހުޅުވާފައެވެ. ސައުވީސްގަޑިއިރުގެ ސަބްވޭ ބަސް އަދި ކާރުގެ ޚިދުމަތެވެ. މަގުތައް ޕެޓްރޯލް ކުރާ ފުލުހުންނެވެ. ކޮންމެ ގަޑިއެއްގައި ވެސް ޑެލިވަރީކޮށްދެއެވެ. މަގުތައް މުޅިން ހުސްވެ ފަޅުވާއިރެއްނުދެއެވެ. ނިއުޔޯކާސްއިން ނޫނީ ފަތުރުވެރިންވެސް ހިގާލާފައި އުޅޭތަން ފެނުމުން ކޮންމެ ގަޑިއެއްގައިވެސް މަގުމަތީގައި އުޅެން ދަތްޗެއްނޫނެވެ. ނާޔަލް ކެމީލާ އެކަނި ޕެންޓްހައުސްގައި ބައިންދާފައި ބޭރަށް ދާން އުޅުމުން ކެމީލާ ބިރުގަންނަގޮތްވިއެވެ. ރޭގަނޑު މިއޮތް އުހުގައި އެކަނި އޮންނާންވުމަކީ ފަސޭހަކަމެއްނޫނެވެ. ނަމަވެސް ނާޔަލް ބޭރަށް ދިޔުމުން ގޯނާކުރާކަށް މީހަކު ނުހުންނާނެއެވެ. ނާޔަލްއަށްވުރެ ބިރާއި ހަގުރާމަކުރުން ފަސޭހަކަމަށް ނިންމާފައި އޭނަ ހަމަޖެހިލައިގެން ނިދާކޮޓަރިއަށް ވަނެވެ.

ނާޔަލް ގެއަށް އައީ ދަންވަރު ދޭއްޖެހިފަހުންނެވެ.

އެހުރިހާ އިރެއްވާންދެން ކެމިލާ އޮތީ ހޭލައެވެ. ނާޔަލް ކޮޓަރިއަށް ވަނުމާއިއެކު ދެލޯ މަރާލާއިގެން ނިދާކަމަށް ހެދުނެވެ. ނަސީބަކުން ނާޔަލް އިތުރު އުނދަގުލެއްނުކުރެއެވެ.

"އައި ހޭޓް ޔޫ...." ތަސްބީހައެއްހެން ހިތަށް ވައްދާދޭން ކެމީލާ ބޭނުންވީ އެ ޖުމްލައެވެ. ނާޔަލްދެކެ ނަފްރަތު ކުރުން އެންމެ ހިނދުކޮޅަކަށްވެސް ހިތް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ކައިޒާންއާއި ދޭތެރޭ އަމަލުކުރިގޮތް އޭނަ އަބަދުވެސް ސިކުނޑިއަށް ވައްދާދޭނެއެވެ.

އެރޭ އުލާވެސް ޓައިމްސް ސްކުއޭގައި އާއަހަރު ފާހަގަކުރުމުގައި ބައިވެރިވިއެވެ. ޑެއިޒީއާއި މާމަ ހަވާލުކޮށްފައި އެރޭ އުލާ އުޅުނީ އުފަލާއި މަޖަލުގައެވެ.

ނިއުޔޯކްގެ ވިލާތަކާއި ބީހިލާފަދަ އުސް ޕެންޓްހައުސްތަކުގެ ރީތިކަމާއި ފުރިހަމަކަން ނުދެކޭ މީހަކަށް އެތަންތަން ޚިޔާލަށް ގެންނާކަށް ފަސޭހައެއްނުވާނެއެވެ. އެފަދަ ފުރިހަމަ ތަންތާ ދިރިއުޅެވޭނީ ނާޔަލްމެން ހާ މުއްސަނދިވެ އެ ފެންވަރަށް އާދެވުމުންނެވެ. މިލިއަނަރުންނަށް ވެފައި ހުރިހާ އުފަލެއްގެ ތެރޭގައި އުޅޭއިރުވެސް ބައެއްފަހަރު ފައިސާއިން ގަނެނުލެވޭ އެއްޗެއް ވެދާނެއެވެ. ނާޔަލްއަށް ދުނިޔޭގެ ހުރިހާ ނިއުމަތެއް ލިބުނަސް އެންމެ ބޭނުންވާ އެއްޗެއް ލިބުމުން އޭނަ އެވަނީ މަހުރޫމްވެފައެވެ. އެއީ ކެމީލާއެވެ. ކެމީލާ އެންމެ ގާތުގައިވާއިރުވެސް އެންމެ ދުރުގައެވެ. އަނބިމީހާގެ މަގާމުގައި ހުރިއިރު އެކުއްޖާގެ ހަށިގަނޑުގައި ބީހިލުމުގެ ޝަރަފެއް ނުލިބެއެވެ. ނަމަވެސް ނާޔަލް ޔަގީންކުރީ އެދެމީހުންގެ ދޭތެރޭގައިވާ ގުޅުން ކެމީލާ އެހެން މީހަކާއި ހިއްސާނުކުރާނެކަމަށެވެ.

ކެމީލާ ހޫނުފެނުން ފެންވަރާލައިގެން ނުކުމެ ކެހެރި ސްވެޓަރެއްލައިގެން ދިގުކޯޓެއްލާފައި ކެހެރި ޝޯލެއް އޮޅާލައިފިއެވެ. މޫނުގައި މޮއިސްޗަރައިޒާއެއް ލާފައި ތުންފަތުގައި ލިޕްގްލޮސް ޖެއްސީ ފިނިގަދަކަމުން ތުންފަތް ހިކޭވަރުންނެވެ.

"ކޮންތާކު އުޅޭ ހިތްވަނީ؟ މިތާ ނޫނީ ގޭގައި ނޫނީ ކެބިންގައި؟ " ނާޔަލް އާވި އަރަ އަރާހުރި ކޮފީއެއްގައި ތުނބުޖެހިއެވެ. ނާޔަލް ހުރީ ކަޅުފެހި ޓީޝާޓަކާއި ޖިންސެއްގައެވެ. އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ހޭވިފައެވެ.

"ބޭނުމެއްނޫން އެއްވެސް ތާކު އުޅޭކަށް. ނާޔަލް ގަދަކަމުން ގެނެސް ވެއްދީމަ ހުންނަނީ. އައި ރިއަލީ ޑޯންޓް ލައިކް ދީޒް ފެންސީ ޕްލޭސެސް...." ކެމީލާ ތުން ފިތައިލިއެވެ.

"އޯކޭ ސޯ އަހަރެންގެ ޗޮއިސް ދޯ. ކެބިންގައި ހަފްތާއެއްވާންދެން އުޅޭނީ....." ނާޔަލް ހަރުގައި އަޅުވާފައި އޮތް ކޯޓުނެގިއެވެ. ސްކާފް ކަރުގައި އޮޅާލިއެވެ. "ލެޓްސް ގޯ....."

" ނުދާނަމޭ ބުނެފިއްޔާ...." ކެމީލާ ނާޔަލްގެ ހިތް އޮތްގޮތް ބަލައިލަން ބޭނުންވިއެވެ.

"ދެނެއް އެއްވެސް ޗޮއިސްއެއް ނުދޭނަން. ހިތަށް އަރާއިރަށް ކެމީލާ ބޭނުންވާގޮތެއް ނެހެދޭނެ. ފުރަތަމަ އަހަރެން އެހިން ދޯ. މިހާރު އަހަރެން ނިމްމައިފިން ދެން ބަދަލެއް ނުކުރެވޭނެ. ޔޫ އާ ކަމިން ވިތް މީ......" މިފަހަރު އޯޑަރެއް ފަދައިންނެވެ. ކެމިލާ ރުޅިންގޮސް ފަޅަފަޅައިގެން ދާވަރުވިއެވެ. ކެބިންދެކެ ބިރުގަންނަނީ މީހުން މަދު ސަރަހައްދެއްގައި ހުންނަ ތަނަކަށްވެފައި ނާޔަލްގެ ނިޔަތާއިމެދު ޝައްކު އުފެދޭވަރުންނެވެ. ނަމަވެސް ކެމީލާ ގަދަހެދިޔަސް ނާޔަލް ބުނާބަހުގައި ހިފަހައްޓާނެއެވެ.

ޖެނުއަރީ ދެވަނަ ދުވަހެވެ. ނާޔަލް ކެމީލާ ގޮވައިގެން ކެބިންއަށް ދިޔަ މަގުމަތީގައި ސްނޯ ވެހެންފެށިއެވެ. ނާޔަލްދެކެ ކިތަންމެ ރުޅިއަޔަސް ވަށައިގެންވާ މަންޒަރާއި ސްނޯއަށް ހިތް ދީވާނާވާވަރުވިއެވެ. ކުދިކުދި ޕަރީތަކެއްހެން ނަށާލަމުން ބިންމައްޗަށް ތިރިކޮށްލާ ސްނޯ ކިތަންމެ ގިނައިން ބެލިޔަސް ފޫއްސެއްނުވެއެވެ. އާޝޯޚުވާހާ ރީއްޗެވެ. ކެބިންއަށް ގޮސް ނާޔަލް އަލިފާން ގަނޑެއް ރޯކޮށްލިއެވެ. ފޯނު ހިފައިގެން ގޮސް އަލިފާންގަނޑު ކައިރީ ޖައްސައިލީ ދުނިޔޭގެ އެއްވެސް ފިކުރެއްނުވާ ފަދައިންނެވެ. ކެމީލާ އެތެރެއަށް ވަދެ ނަމާދުކުރިއެވެ. ސުންނަތްވެސް ކޮށްލިއެވެ. ޝުރައިމް ކިޔަވާ ރާގަށް ގުރުއާން ކިޔަވަން އިންދާ ނާޔަލް ދޮރުމައްޗަށް އެރިއެވެ. ނާޔަލް ހުއްޓަސް ފަރުވާލެއްނެތި ކެމީލާ ކިޔަވަންފެށިއެވެ.

އެރީތި އަޑާއި ރާގުން ގުރުއާން ކިޔަވާ އަޑު ކަންފަތުގައި ޖެހުމުން ކޮންމެ މީހަކަށްވެސް އަސަރުކުރާނެއެވެ. ނާޔަލްގެ ގައިން ހީބިހި ހެލުމުން ހައިރާންވިއެވެ.

"ވާއު....." ނާޔަލްއަށް ބުނެވުނެވެ.

ވަގުތުން ކެމީލާ މުސްހަފު ލައްޕާލައިފިއެވެ.

"ކީއްވެ ހުއްޓައިލީ؟ އަދި ކިޔަވަބަލަ. ގުރުއާން އަޑު އަހާ ހިތްވެއްޖެ..........." ނާޔަލް އަހައިލިއެވެ.

"ގުރުއާން އެޕްތައް ހުންނާނެ. ވައި ޑޯންޓް ޔޫ ޑައުން ލޯޑް؟ އެނީވޭސް ވައިފްގެ ޑިއުޓީއަކަށްވީމަ ބޭނުން ގަޑިން ކާންދޭން. އެއްޗެއް ކައްކަން މިދަނީ...." ކެމީލާ މުސައްލާ ފަށް ޖަހާފައި ތެދުވެގެން ނާޔަލްއާއި ކައިރިން ލާފައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

"ވައިފް އެހެން ޑިއުޓީއެއް އޮންނަކަން އެނގޭތަ؟ ވަޓް އެބައުޓް މައި ރައިޓްސް؟" ނާޔަލް ކެމިލާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ކެމީލާގެ ހިތް ރޫރޫ އަޅައިގަތެވެ. ކޮންމެ ފަހަރަކު ނާޔަލް އަތްލާއިރަށް ބިރުންގޮސް އޭނަ ޕެނިކްއެޓޭކެއް ކިރިޔާ ނުޖެހޭކަމެވެ. މީހަކު ހިތްވެސް ހުއްޓިދާނެއެވެ. އޭނަ އެ ނުލިބިގެން އުޅޭ ހައްގަކީ ކޮބާކަން އެނގޭއިރުވެސް ކެމީލާގެ ސިކުނޑި އެކަމަކާއި އެއްބަހެއްނުވެއެވެ. ދީނީގޮތުން އެކަން އޮންނަގޮތް ހިތަށް އެރުމާއިއެކު އަދި މާ ބޮޑަށް ބިރުގަނެ ދެލޮލަށް ކަރުނަ ޖަމާވާގޮތްވިއެވެ. ނާޔަލް ބުނީ ދޮގެއްނޫނެވެ. ފިރިމީހާގެ ހައްގުތައް އަދާނުކޮށްދެވެންޏާ އޭނަ ޖެހޭނީ ވަރިވާށެވެ. މިކައިވެނީގައި ދެމި ހުންނަ ކޮންމެ ދުވަހަކު ފާފަވެރިވާނެއެވެ.

"ނޭނގޭ ތިކިޔާ އެއްޗެއް. ކޯންޗެއް ކައްކަންވީ؟ " ކެމީލާ ނާޔަލްގެ އަތުގައި ހިފާ އިނގިލިތައް ނައްޓުވަން އުޅުނެވެ.

"ދިވެހި އެއްޗެއް ކައްކާލަންވީނު. ބިރިޔާނި ކަހަލަ އެއްޗެއް؟ އެނގޭނެ ހަދަން....." ނާޔަލް އަތުން ދޫކޮށްލައިފިއެވެ. ކެމީލާ ލިބުނު ފުރުސަތުގައި ހަރުކޮށް ހިނގާލާފައިގޮސް ކާބަޔަށްވަދެ ފޯނު ހުޅުވާލައިގެން ރެސިޕީތައް ބަލަންފެށިއެވެ. ބިރިޔާނި ހަދަން ބޭނުންވާހާ ސާމާނު ނެތިއްޔާ މީރު ބަތެއް ތައްޔާރުކޮށްލެވިދާނެއެވެ. ނަމަވެސް ނާޔަލްއަށް އެހާ މީރުކޮށް ކައްކާފައި ދިނުމަކީ އިންސާފެއްހެއްޔެވެ. ކޮންމެހެން މީރު އެއްޗެއް ހަދާކަށް ނުވެސް ޖެހޭނެއެވެ. އާދައިގެ އެއްޗެއް ހަދައިލާނީއެވެ. ނޯޔާ ބުނާގޮތުން ނާޔަލްއަށް ޕާސްތާ އެހާ މީރެއް ނޫނެވެ. ޕާސްތާއަށް ޗީޒްއަޅާފައި ރަހަ ތަފާތުކޮށްލަން ލެވެންޑާ ލާޓޭއެއް ތައްޔާރުކޮށްލައިފިއެވެ. ނާޔަލްއަށް ފޮނި އެއްޗެއްނެތި ކަމަކުނުދާނެއެވެ. ނަމަވެސް ނާޔަލްއަށްޓަކާ އެހާވަރުން ކައްކަން ޖެހޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

ނާޔަލް ޕާސްތާ ކާހިތް ނެތަސް ޝަކުވާނުކޮށް ކުޑަކޮށް ކައިލިއެވެ. ކެމީލާ ކައި ނިމުނުތަނާހެން މާކަސްގެ ފޯނެއް އައުމުން ނެގިއެވެ.

"ނާޔަލް. ނީޑް ޔޯ ހެލްޕް. ހީޒް ގެޓިން ވޯސް. ރޭ ގެއަކަށް ނާދޭ. ދިޔަތަނެއްވެސް ނޭނގުނު......." މާކަސްގެ ޖުމްލައާއިއެކު ނާޔަލް ހާސްކަމާއިއެކު ތެދުވެއްޖެއެވެ. މާކަސް އޭނަގެ ހަށިފާރަވެރިޔަކަށް ހުންނައިރު ދާހާ ތަނެއް އެނގެންވާނެ ނޫންހެއްޔެވެ. މާކަސްވެސް ފަރުވާކުޑައީ ވަކިވަރަކަށް ނޫނެވެ. ބޮޑު މުސާރަދީފައި ބެހެއްޓުމުގެ މާނައެއް ނުފެނެއެވެ. ނަމަވެސް އެހެން ބުނާއިރު މާކަސްއަކީ ހަމައެކަނި މުވައްޒަފެއްނޫނެވެ. އެއަށްވުރެ ކައިޒާންއާއި ގާތް މީހެކެވެ. އޭނަގެ އެއް އަތޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ކޮންމެގޮތެއް ވިޔަސް ކައިޒާންއަށް އަނިޔާއެއް ގެއްލުމެއްވާން ނާޔަލް ނޭދެއެވެ. އޭނައަކީ ކައިޒާންގެ ޑޮކްޓަރަށް ވެފައި ކޮއްކޮއަށްވީމައެވެ.

ކެބިންއަށް އައީ ރޮމެންޓިކް ރޭތަކެއް ފިނި މޫސުމްގައި ހޭދަކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް ކައިޒާންގެ ސަބަބުން އޭނަގެ ހަނީމޫން މެދުކަނޑާލަން ޖެހިއްޖެއެވެ. ކެމީލާގެ ގޮތްދޫނުކުރުމާއި ބޮޑާކަން ނާޔަލް މޮޔަކޮށްލާ ވަރެވެ. އަނެއްކޮޅުން ކައިޒާންއެވެ. ނާޔަލް އޭނަގެ ގެއަށް ކެމީލާ ލާފައި ކައިޒާން ހޯދަންވެގެން ނުކުތްތަނާހެން އެގެއަށް އަރަން އޮންނަ ގޯޅިން ހިނގާލާފައި ކައިޒާން އަންނަނިކޮށް ފެނުނެވެ. ކަޅުކުލައިގެ ކޯޓުން މުޅިން ނިވާވެގެންނެވެ. ނާޔަލް ފެނުމުން ކައިޒާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ތަންކޮޅެއް ދުރުގައި ހުއްޓިގެން ބަލަން ހުރީއެވެ. ނުރައްކާތެރިކަން ވައިގާ ހިފައިލިއެވެ. ނާޔަލް ކައިޒާންއަށް ގޮވާލުމާއެކު ބަލައިލި ރުޅިވެރި ނަޒަރުން ނާޔަލް ފިއްސާލަފާނެހެން ހީވިއެވެ. އެއީ ޖޯންކަން ނާޔަލްއަށް ޔަގީންވިއެވެ.

" އޯ ބޯއި ރޯންގް ޓައިމިން..." ނާޔަލް މަޑުމަޑުން ކިޔައިލިތަނާހެން އުދުހިފައި ކަހަލަގޮތަކަށް ޖޯން އައެވެ. ހަލުވި ވެމްޕަޔަރެއްފަދައެވެ. ނާޔަލްގެ ގަޔަށް އެތިފަހަރުތަކެއް ބޭލިއެވެ. އާދަޔާ ޚިލާފު ބާރެއް ޖޯންއަށް ލިބިފައިވާތީ އޭނަ މަތަކޮށްލާކަށް ނާޔަލްއަށް ފަސޭހައެއްނުވިއެވެ. އެފަދަ ވަގުތުތަކުގައި ޖޯންގެ އެހުންނަ ބާރަކާއިމެދު ނާޔަލްވެސް ހައިރާންވެ ސިހޭގޮތްވިއެވެ. ނާޔަލްގެ މޫނުމައްޗަށް ވީއްލައިލި އެތިފަހަރުން އެއްލޯ ދުޅަވެ ތުންފަތް ފަޅައިގެން ދިޔައެވެ. ނާޔަލްއަށް އަނިޔާކޮށްފައި ސްނޯގަނޑުމައްޗަށް ވައްޓާލާފައި ބޫޓުން ބުރަކަށްޓަށް އެރިއެވެ. ގައިގާ އެޅި ވޭނުން ނޭވާވެސް ނުލެވުނެވެ.

"އަޑުއަހާ. ކައިޒާންއަށް ކެމީލާ ލިބެން ނޭދޭއިރު ނާޔަލްއަށްވެސް ލިބެން ނުޖެހޭނެ. އަހަންނަށް އެނގެއޭ. ނާޔަލް ކައިރީ ހުއްޓަސް ކެމީލާ ބުނީ އަދި ދުވަހަކުވެސް ބީހިލުމުގެ ފުރުސަތެއްވެސް ނުދެމޭ އޭނައާއިއެކު ސްލީޕްނުކުރަމޭ. އިޓްސް އެ ރިލީފް ހަދާން ކުރާތި. ކެމިލާގެ ގައިގާ އަތް ލައިގެން ނުވާނެ. ނޫނީ ބުރަކަށި ބިންދާލާނީ. އައި ލަވް ހާ. ޝީ އިޒް މައި ޕާސަން....."ޖޯން ނާޔަލްގެ ބުރަކަށްޓައް ފިތައިލިއެވެ. ޖޯން އެގޮތަށް ވާހަކަދެއްކީ ލުއީ ކައިރީ ކެމީލާ ދެއްކި ވާހަކަތައް ލުއީ ޑައިރީގައި ލިޔެފައިވާތަން ފެނިފައެވެ.

ވާހަކަދައްކަ ދައްކާހުރެފައި ސްނޯގަނޑު ލެއިން ފޯވާން ފެށުމުން ޖޯންއަށް ކުއްލި އުދަގޫތަކެއްވިއެވެ. ކޮޅަށް ހުރެފައި ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ކުޑަކަކޫމައްޗަށް ތިރިވިއެވެ. ސްނޯމަތީ ބޯ ޖައްސާލައިގެން އިރުކޮޅެއްވާންދެން މޫނު ފޮރުވާލައިގެން އޮވެފައި ބޯ ހިއްލައިލިއެވެ. ލޮލުގައި ވި ނުރައްކާތެރި ވިދުވަރާއި ހަރުކަށިކަން ކެނޑި މޫނުމައްޗަށް މަޑުމައިތިރިކަން ވެރިވެއްޖެއެވެ.

"އޯ ނޯ ނާޔަލް..."

"ނާޔަލް ވަޓް ހެޕެންޑް ޓު ޔޫ......." ކައިޒާން ސުވާލުކުރިއެވެ. އެއާއިއެކު އަމިއްލަ އަތުގައި ހޭކިފައި ހުރި ލޭ ފެނުމުން ހުރިހާ އެއްޗެއް ވިސްނުނެވެ. " ޖޯން" އޭނަ މިތަނަށް ގެނެސް ނާޔަލްއަށް އަނިޔާކުރުވީއެވެ. އޭނަގެ މޫނުމަތިން ހިތާމައާއިއެކު ލިބިފައިވާ ޝޮކް ފާޅުވާން ހުއްޓެވެ.

"އަހަންނަށް އެނގިގެނެއްނޫން. ޖޯން ކުރުވިކަންތައްކަން ނާޔަލްއަށް ރަގަޅަށް އެނގޭނެ. އައި ނީޑް ހެލްޕް. ޔޫ ވާ ރައިޓް. އަހަންނަށް މިވާ ގޮތްގޮތުން ކެމީލާ ޑިޒާވްއެއްވެސް ނުވޭ. އައިމް ޖަސްޓް ސިކް. އައި ހޭވް ޓުބީ އައިސޮލޭޓެޑް............" ކައިޒާން ވާހަކަދެއްކީ ހިތާމައާއިއެކުގައެވެ. އޭނައަކީ އެހެންމީހުންނަށް ނުރައްކަލެއްކަމަށް އޭނަ ގަބޫލުކުރާންފެށިއެވެ. ކެމީލާއަށްވެސް އޭނައާއިއެކު އުޅެވޭނީ ކިހިނެއްހެއްޔެވެ. ޖޯންއާއި ލުއީ އަދި ޑާކްމެންފަދަ މީހުންނަށް އޭނަގެ އެއްވެސް ބާރެއް ނުފޯރައެވެ. ނާޔަލްއަށް ކޮށްފައިވާވަރު ފެނިފާ ކޮންމެ މީހަކަށްވެސް އަސަރުކުރާނެއެވެ. ޖޯންގެ ހަމަލާތަކުން ނާޔަލް މަރުނުވިކަމާއިމެދު އޭނަ އުފާކުރިއެވެ. ކައިޒާން ނާޔަލް އަތުލަފިކޮށްގެން ގެއަށް ވެއްދިއެވެ. ސިޓިންރޫމްގައި ބައިންދާފައި އައިސްޕެކް އަޅާލަދެނިކޮށް ކެމީލާ ސިއްރު ސިއްރުން އެމަންޒަރު ބެލިއެވެ. ނާޔަލްއަށް އަނިޔާވީ ކިހިނެއްބާވައެވެ. އެކްސިޑެންޓެއްވީބާވައެވެ. ކައިޒާންގެ ރީތި މޫނު ފެނުމުން ކެމީލާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެމޫނުގައި ފިރުމާލަން ހިތް އެދުނެވެ.

"ކެމީލާ މީހަކާއި އިނދެގެން ހުރެ ފާފަކުރާއިރު ހެއްދެވި ފަރާތަށް ބިރެއްނުގަނޭތަ؟ ބެލުން ތިރިކުރަންޖެހޭނެ...." ހީވީ ކޮންމެވެސް މީހަކު ކަންފަތްދޮށުގައި ސިއްރެއް ބުނެލިހެންނެވެ. ކެމީލާ އަވަހަށް ފަހަތަށް ދެމިގަތެވެ. އެންމެ ކުރިން ޖެހުނު ކޮޓަރިއަށް ވަންގޮތަށް ފާރުކައިރީގައި އިށީންގޮތަށް ކަކުލުގައި މޫނު ފޮރުވައިލިއެވެ. އަމިއްލަ ބަދުނަސީބާއިމެދު ކަރުނަ އޮއްސުން ނޫންކަމެއް އޭނައަށް ނެތީހެއްޔެވެ.

ދޮރުގައި ޓަކިދިންހެން ހީވެފައި ކެމީލާ ދޮރު ހުޅުވައިލުމާއިއެކު އަނގަމަތީ އަތް އަޅައިލެވުނެވެ. ކުރިމަތީގައި ހުރީ ކައިޒާން ފިޔަވާ ދެވަނަމީހެއްނޫނެވެ. ކައިޒާންގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. މޮޅިވެރިކަމުގެ ރީތި ތަސްވީރެކެވެ.

"ނާޔަލްއަށް ވަރަށް އަނިޔާވެފައިވަނީ އެކަމަކު ޑޮކްޓަރަށް ދައްކަންދާކަށް އޭނަ އެއްބަހެއްނުވި. ކީއްވެ ނާޔަލްއަށް ހެލްޕްވާން ނުގޮސްތިހިރީ؟ އަހަރެން ހުރީމަތަ؟" ކައިޒާން އަބަދުވެސް ވާހަކަދައްކަނީ އިނގިރޭސިން ކަމަށްވާތީ އެގޮތުންވެސް ޖޯން ނޫންކަން އެނގެއެވެ. ޖޯންއަށް ދިވެހި އެނގިފައި ކައިޒާންއަށް ނޭނގޭކަމީވެސް މަލްޓިޕްލް ޕަސަނެލިޓީ ޑިސްއޯޑާގެ ޚާއްސަ ސިފައެކެވެ.

"އަހަރެމެން ދެމީހުންގެ އެއްވެސް ގުޅުމެއްނެތް. އެހެންވެ..އައި ހޭޓް ނާޔަލް. ކައި ކީއްވެ އަހަރެން ސަލާމަތްކޮށްދޭށޭ ކިޔާފައި އެހާވަރަށް އާދޭސްކުރީމަ ދުރުން ތިއުޅެނީ؟ މި މެރިޖް ވޯކްއައުޓެއް ނުކުރާނެ. ނާޔަލްދެކެ ވަރަށް ފޫހިވޭ. ޕްލީޒް ސޭވް މީ ބިފޯ އިޓްސް ޓޫ ލޭޓް...." ކެމީލާ ގެ މައުސޫމްކަމާއި ރީތިކަން ކައިޒާންގެ ހިތަށް އަސަރުކުރުވިއެވެ. ނަމަވެސް ހަގީގަތާއި ކުރިމަތިލާން މިއަދު ކައިޒާން ބޭނުމެވެ. އޭނައާއިއެކު އުޅެން ކެމީލާއަށް ފަސޭހައެއްނުވާނެއެވެ. އޭނައަކީ މޮންސްޓާއެކެވެ. "ޖޯން" ކެމީލާއަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެއެވެ. އެންމެ ރަގަޅުގޮތަކީ ނާޔަލްއާއި ކެމީލާ ގުޅުވުމެވެ.

"ލިސެން ކެމީލާ. އަހަންނާއިހެދި ތިގޮތަށް އުޅުނީމަ މިހާރު ވަރަށް އުދަގޫވޭ. ނާޔަލް ބޭބެއަށްވެފައި އަހަރެންގެ ޑޮކްޓަރަށްވާތީ ވަރަށް އިހުތިރާމްކުރަން. ގަދަރުކުރަން. އަހަރެންގެ ސަބަބުން ނާޔަލްއަށް އެހާ ބޮޑު ދެރައެއް ދޭކަށް ނޭދެން. ނޯޔާ ބުނި ކެމީލާ ނާޔަލްގެ ހުރިހާ ކުރެހުންތައް އަންދާލީއޭ. އެހެންވެ އެކަމާއި ރާ ބޮއިގެން މައްސަލަޖެހުނު ވާހަކަވެސް ބުނި. އެ ކުރެހުންތަކަކީ އޭނަގެ ހުރިހާ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އާންޓްވެސް އެކަމާ ވަރަށް ހިތްހަމަނުޖެހިފައި އެވާހަކަދެއްކި. ޑޯންޓް އެވާ ޑޫ ސަޗް އެ ތިންގް. އަހަންނަށް ކަމެއްކޮށްދެންޏާ ނާޔަލްއަށް ރަގަޅަށް ޓްރީޓްކުރޭ. ނާޔަލް ފޫހިވެގެން ދޫކޮށްލި ދުވަހަކުން އައި ވިލް ބީ އެވެއިލަބްލް. އެއްގޮތަކަށްވެސް ބޭބެއެއްގެ އަންހެނުންނާއި ހިތާވެގެނެއް ނޫޅެވޭނެ. ސޯ ޕްލީޒް އަހަރެންދެކެ ކިރިޔާވެސް ލޯބިވަންޏާ ނާޔަލްއާއި ދޭތެރޭ އެގޮތަށް ކަންތައްނުކުރޭ. ވީހާވެސް ރަގަޅަށް ކަންތައްކުރޭ. ފަހުން ދެމީހުން ގުޅެން ޑެސްޓިނީގައި ހުރިކަމަށް ވަންޏާ އައި ވިލް ބީ ދެއާ ފޯ ޔޫ.......ޖަސްޓް ވެއިޓް ފޯ މީ. އެކަމަކު ޑޯންޓް ބްރޭކް ހިޒް ހާޓް.." ކައިޒާން އެހުރިހާ ވާހަކަތަކެއް ދެއްކީ ހިތްމަތީ ހިލަ އަޅައިގެން ހުރެއެވެ. އޭނަގެ ހިތްވެސް ރޮނީއެވެ. އެންމެ ލޯބިވާ އަންހެންކުއްޖާއަށްޓަކާ އެހިތުގައިވާ ލޯތްބާއި އޯގާތެރިކަމަކީ ދެވަނަ މީހަކަށްޓަކާ އޭނަގެ ހިތުގައި އުފެދޭނެ އިހުސާސެއް ނޫނެވެ. އެހިތުގެ ހުރިހާވެސް އުފަލަކީ ހިތްހަމަޖެހުމަކީ ކެމީލާއެވެ. ކެމިލާދެކެ އެހިތުގައިވާ ލޯބި ވަޅުލާން މަޖުބޫރުކުރުވީ އޭނަގެ ހާލަތެވެ. އެންމެ ލޯބިވާ އަންހެންކުއްޖާ އެންމެ ރައްކާތެރިކަމާއިއެކު ގެންގުޅެވޭނީ ނާޔަލްއަށްކަމުގައި ގަބޫލުކުރާން އޭނައަށް މިވަނީ ޖެހިފައެވެ. އޭނަގެ ނަފްސާނީ މައްސަލަތަކައް ރަގަޅުނުވެ ގޯސްވަމުންދާއިރު ކެމީލާއަށް އޭނައާއި އެކު އުޅޭކަށް ފަސޭހައެއްނުވާނެއެވެ. އެހެން ހުރެފައި ޖޯން ނޫނީ ޑާކް ވުޖޫދަށް އައިސް ކެމީލާގެ ހިތަށް ބިރުވެރިކަން ވައްދާނެއެވެ.

ކެމީލާގެ ފުރާނަވެސް އޭނަ ދޫކޮށް އުދުހިގެން ދިޔަހެން ހީވިއެވެ. ލޮލުގެ އެސްފިޔަތަކުގެ ފުރަގަހުގައި ހުރި ކަރުނަތައްވެސް ގަނޑުވިއެވެ. ކުރިމަތީގައި މިހިރީ ހަމަ އޭނަ ލޯބިވާ ކައިޒާންހެއްޔެވެ. ކައިޒާންގެ ވާހަކަތައް އޭނަގެ ހިތް މަރާލައިފިއެވެ. ކަރުގައި ހިފާ މަރާލިޔަސް މިއަށްވުރެ ރަގަޅުވާނެއެވެ. ލޯބިވަންޏާ އޭނަ މިހާލަށް ދޫކޮށްފައި ދުރަށް ދާކަށް ބޭނުމެއްނުވާނެއެވެ. އޭނައަށްވުރެ ކައިޒާންއަށް މުހިއްމުވީ ބޭބެގެ އުފާތަކެވެ. ނާޔަލްއަށްޓަކާ ތިމާގެ ލޯބި ގުރުބާންކޮށްލީއެވެ. ކެމީލާގެ ހިތަށްވާނެ ގޮތަކާއިމެދު ވިސްނައެއްނުލިއެވެ. އަތްނބެއްގެ ވާޖިބު އަދާކުރަން ފަސްޖެހިފައިވާ ކައިވެންޏެއްގައި އެންމެ ދުވަހަކު ހުންނާކަށްވެސް އޭނަ ނޭދެއެވެ. އޭނަ ނާޔަލްދެކެ ނަފްރަތުކުރާވަރު ކައިޒާންއަށް ނޭގެނީހެއްޔެވެ. ހިލަވެފައިވާ ބުދެއްހެން ގަނޑުވެފައި ހުއްޓާ ކައިޒާން ދާން އެނބުރުމުން ނުދާށޭ ބުނަން އަތް އުފުލައިލެވުނެވެ. ހިތް ރޮއިގަތެވެ. އެނދަށް ވެއްޓިގަތްގޮތަށް ބާލީހުން މޫނު ފޮރުވައިގެން އޮތް ރޮމުން ރޮމުންގޮސް ހަލާކުވާވަރުވިއެވެ.

އެރޭ ނާޔަލް ކެއިތޯ ބަލަންވެސް ކެމީލާ ނުތެދުވެ އެނދުގައިއޮތީ އެވެ. ތެދުވާނެ ވަރެއްވެސް ނެތީއެވެ. ދުވަހަކު މިހާ ބޮޑަށް ހިތުގައި ޖެހި އަސަރުކޮށްފައެއް ނެތެވެ. ނާޔަލް ކޮޓަރިއަށް ވަންކަން އެނގުމުންވެސް ނިދާކަމަށް ހެދިގެން އޮތީއެވެ. ފަތިސްނަމާދަށް ހޭލުމަށްފަހު ކާކޮޓަރިއަށްވަދެ ހޫނު ކޮކޯއަކާއިއެކު ކުކީޒްތަކެއް ކެއުމުން ބަނޑުހައިކަން ފިލިއެވެ. ނާޔަލް ތެދުވެ ތައްޔާރުވެލައިގެން ނުކުތުމުން ކެމީލާ ނާޔަލްއަށް ބަލައިލިއެވެ. ނާޔަލްގެ ނިތްކުރި ބެންޑޭޖްކޮށްލާފައިވާއިރު އަނގަމަތިވެސް ކުޑަކޮށް ދުޅަވެފައެވެ. ވައަތުގައިވެސް ބެންޑޭޖްއޮޅާފައި ހުއްޓެވެ. އެކްސިޑެންޓެއްވީކަން ނޭގެއެވެ. ހިތަށް ކުޑަ ކުޑަ އުފަލެއް ލިބުނެވެ. އެކްސިޑެންޓްވެފައި މަރުވިޔަސް އޭނަ ދެރައެއްނުވާނެއެވެ. ނާޔަލް ބުނީ މިއަދުންފެށިގެން އޭނަ ޑިއުޓީއަށް ދާންޖެހޭކަމުގައެވެ. ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި ބުނެލިއިރު ނާޔަލް ކެމިލާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ކެމީލާ ރޭވަރަށް ރޮއިފާ ހުރިކަން ނާޔަލްއަށް އެނގުނެވެ. ކައިޒާން ކެމިލާއާއި ބައްދަލުކުރިކަންވެސް އެނގުނެވެ. އެދެމީހުން ދޭތެރޭ ހިނގިކަމެއް ނާޔަލްއަށް ނޭގުނަސް އެކަމާއި ހިތްހަމަނުޖެހުނެވެ. ކެމީލާ ކައިޒާން ކައިރީ އެކަހަލަ ވާހަކައެއް ބުނީތީ އަދި ފޫހިވިއެވެ. ކޮޓަރީގެ ސިއްރުތައް އެހެންމީހުންނަށް ހާމަކޮށްގެން ވާނެކަމަށް ނާޔަލް ގަބޫލެއްނުކުރެއެވެ.

"އޯކޭ. އަހަރެންވެސް މާދަމާއިން ފެށިގެން ކޮލެޖަށްދާން ޖެހޭ..." ކެމީލާ ކުޑަކޮށް ބުމަ ގޮށްޖަހައިލިއެވެ. ނާޔަލް ފެނުމުންވެސް މިއަންނަނީ ހާދަ ރުޅިއެވެ. މިއަދު ކޮލެޖަށް ދާ ހިތްނުވީވެސް އޭނަގެ ތަބީއަތު ގޯސްކަމުންނެވެ. އިރުއިރުކޮޅާ ލޮލުން ކަރުނަ އަންނަން ވެއްޖެއްޔާ މީހުންގެ ތެރެއަށް ނުކުމެވޭހެއްޔެވެ. ހުރިހާވެސް ބަދުނަސީބަކީ ނާޔަލްކިޔާ ފިރިހެނާއެވެ. އެވަގުތުވެސް ހިތަށް ވިސްނައިދިނީ ނާޔަލްދެކެ ނަފްތަރުކުރުމަށެވެ. އެކަން ހަނދާން ނައްތާނުލުމަށެވެ. " އައި ހޭޓް ޔޫ. އައި ހޭޓް ޔޫ........."

ނާޔަލް ޖަވާބެއްނުދީ ކޯޓު ލައިގެން ބޭރަށް ނުކުތެވެ. ހަގީގަތުގައި އޭނައަށް އެހާ ބޮޑަށް އަނިޔާވެފައިވާއިރު ޑިއުޓީއަށް ނުކުންނާކަށް ބޭނުމެއްނޫނެވެ. އޭނަ ބޭނުންވަނީ ޕެންޓްހައުސްގައި އެކަނި ވަގުތުތަކެއް ހޭދަކޮށްލުމަށެވެ. އަރާމުކޮށްލާށެވެ. ތަދުކަނޑުވާ ބޭސްތަކެއް ކެއުމުން ގައިގާ އަޅާ ވޭން ކުޑަވިޔަސް ސިކުނޑީގައި ތޫފާނެއް އުފެދިފައިވެއެވެ. ކެމީލާ އާއި ކައިޒާންގެ ގުޅުމާއިމެދު ބޯ ހަލާކުވާވަރުވެއެވެ. ކެމީލާ ދޫކޮށްލަންވީ ބާވައޭވެސް ހިތަށް އެރިއެވެ. އެހާވަރުން އެދެމީހުން އުޅެންޏާ އޭނަ ގަދަކަމުން ކެމީލާ ހިފަހައްޓައިގެން ހުރުމުގެ މާނައެއްވެސް ނެތެވެ.

ކެމީލާ ރެސިޕީ ފޮތްތައް ކައުންޓަރު މަތީ ފަތުރާލައިގެން ކޮންމެވެސް މީރުއެއްޗެއް ހަދާލައިގެން ކާލާހިތްވިއެވެ. ކާކޮޓަރިއަށްވަދެ ސާމާނުތައް ތައްޔާރުކޮށްގެން މަސައްކަތަށް ފެށިތަނާ ނަތާލީ ގުޅާފައި އެދުނީ ދޮރު ހުޅުވުމަށެވެ. ކެމީލާ އަވަސްއަވަހަށްގޮސް ދޮރު ހުޅުވާލުމާއިއެކު ނަތާލީ ވަދެފައި ލައިގެން ހުރި ކެހެރި ކޯޓު ކެމީލާގެ އަތަށް ޖަހައިލިއެވެ. ކެމީލާގެ ފަރާތުން ނާޔަލް ޑިއުޓީއަށް ދިޔަކަން އެނގި ނަތާލީ މިއައީ ހިތުގައިވާ ހުރިހަ ހަސަދައެއް ފިލުވައިލުމަށެވެ. މިފަދަ ރަގަޅު ފުރުސަތެއް ދެން ލިބޭނެކަމެއްވެސް ނޭގެއެވެ.

"ކީއްކުރަނީ....." ނަތާލީ އަހައިލިއެވެ.

"އެއްޗެއް ހަދާލަންކަމަށް މިއުޅެނީ......" ކެމީލާ ކޯޓު ހަރުގައި އަޅުވާލާފައި އެތެރެއަށް ދާން ހިނގައިގަތުމުން ނަތާލީ ފަހަތުން އައެވެ. ކާކޮޓަރިއަށް ވަދެފާ ނަތާލީ ރުޅިވެރިކަމާއިއެކު ވާހަކަދައްކަންފެށިއެވެ.

"ބުނެބަލަ. އެދުވަހު ނާޔަލްގެ ކުރެހުންތައް އަންދާލީ ކީކޭހިތަށް އަރައިގެންތަ؟ އެދުވަހު އެޑްރިއާނާ ހުރުމުން އެއްޗެކޭ ނުބުނެ ހުއްޓަސް ކަލެއާއި އެސުވާލުކުރަން އަހަރެން މިހިރީ. އެނގޭ ހިތަށް ނޫންކަން އެތަނުގައި އަލިފާންހިފީ. ގަސްތުގައި ހުޅުޖެހީދޯ. ނޯޔާ ބުނެފިއޭ ބަލަ ކަލޭ ނާޔަލްއާއިހެދި ނޫޅެއޭ. ނާޔަލްއަށް ލަނޑުދޭންވެގެން މި ނުލަފާ އަންހެނާ ކުރިކަމެއްތަ؟ ހަމަ ހައިރާންހީވެއްޖެ. ރާއްޖޭ މީހުން ސިހުރު ހަދާ ވާހަކަ ބުނީމަވެސް ހިތަށް ނާރާ މިމީހުން މިހާ ކުރީގައި އުޅެފާނެއޭ. ބޮނޑިބަތާއި އެއްޗެހި ކައްކާފައިވެސް ސިހުރު ހަދަނީއޯ. ވެގެން އުޅޭގޮތް ރޭކާ ލީ އަދި ކިރިޔާ. ކައިޒާންއަށްވުރެ ނާޔަލް މުއްސަނދިވީމަ ފައިސާއާއިހެދި ނާޔަލްއަށް ސިހުރު ހަދައިގެން މި އަންހެނާ މިއުޅެނީ......" ނަތާލީ އެގޮތަށް ވާހަކަދައްކަން ފެށުމުން ކެމީލާ ކަންބޮޑުވެގެން ކައުންޓަރަށް ލެނގިލައިގެން މަޑުމަޑުން ހުއްޓެވެ.

"މައުސޫމްކަމަށް ހެދިގެން ހުރެ އަހަރެންގެ ނާޔަލްގެ ދިރިއުޅުން ހަލާކުކޮށްލައިފި..." ނަތާލީ ފުންމައިގެން އައިގޮތަށް ކެމީލާގެ ސްކާފްގައި ހިފާ ދަމައިގަތެވެ. ކެމީލާއަށް އެއްވެސް ބާރެއް ނުދެއްކުނެވެ. ނަތާލީ ފިރިހެނެކޭ އެއްފަދައެވެ. ކެމިލާގެ ބުރުގާ ދަމައިގަތްގޮތަށް އިސްތަށިގަނޑު އަތަށް އޮޅައިގަތެވެ. އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުން ތަދުވެގެންގޮސް ލޮލަށް ފެންއައިސް މޫނު ހުރިގޮތަށް ރަތްވިއިރު ކެމީލާ ނާޒުކް ދެއަތުން ނަތާލީގެ އަތްތިލަ ނައްޓުވަން މަސައްކަތްކުރަމުން ދިޔައެވެ. ނަތާލީ އަނެއް އަތުން އެކުއްޖާ ފަކީރު މޫނުގައި ގޮށްމުށުން ތަޅައިގަތެވެ.

"ޕްލީޒް ދޫކޮށްލާ.......ހެޔޮނުވާނެ..." ކެމިލާއަށް ރޮއިގަނެވުނެވެ.

"ބުނޭ. ތެދަށް ބުނީމަ ދޫކޮށްލާނީ. ނާޔަލްގެ ސްޓޫޑިއޯގައި ރޯކުރިންތަ؟ " ނަތާލީ ހަރުކަށިކަމާއިއެކު ސުވާލުކުރިއެވެ. މިއޮތް ޝާހީ އާއިލާގެ ބޭފުޅުންހެން އުޅޭ ތަހުޒީބު އަންހެނުންގެ މި އަނދިރި ފަރާތް ފެނި ކެމީލާ ހައިރާންވިއެވެ. އޭނަގެ މަންމައެކޭ ހުރީ ކޮންތަފާތެއްހެއްޔެވެ. ހާދަ ބިރުވެރިއެވެ. ކެމީލާ ހީކުރީ ހަގީގަތް އެނގުމުން އޭނަ ސަލާމަތްވާނެކަމަށެވެ. ކެމީލާ ކަންތައްވީގޮތް ކިޔައިދިނެވެ. އޭނަ ނާޔަލްއާއިހެދި އުޅުނީއެއް ނޫނެވެ. ލޯބިވީ އެއް ނޫނެވެ. ނާޔަލް އޮޅުވާލައިގެން ކައިވެނިކުރީއެވެ. ނާޔަލްއާއިއެކު ދިރިއުޅުމަކީ އޭނައަށްވެސް ފަސޭހަކަމެއްނޫނެވެ. އޭނަ ނާޔަލްއާއި ވަކިވާން ބޭނުންކަމަށާއި އެކަމަށް އެހީތެރިވެދިނުމަށް އެދުނެވެ. އޭނަގެ ގައުމަށް ފޮނުވަން އެދި އާދޭސްކުރިއެވެ.

"ހީކުރާގޮތް ދޯ. ކަލޭ ހުންނާނީ ނާޔަލްގެ މެއިޑަކަށް. މި އާއިލާގެ އެހެން އަންހެންކުއްޖަކާއި ނާޔަލް އިންނާނެ. އޭރުންވެސް ކަލޭ ހުންނާނީ އޭނަގެ ޚާދިމާއަކަށް. މިސްޓްރެސްއަކަށް. މުޅި އުމުރުވެސް ނާޔަލްގެ އަޅަކަށް ބަހައްޓާނީ. ކަލޭގެ ހުންނަ ނުބައިކަން މިހާރު އެނގިއްޖެ. ބަސްއަހާ ރަގަޅު ކުއްޖެއްކަމުގައި ހެދިގެން ހުރެ ނާޔަލް ކުރި ހުރިހާ މަސައްކަތެއް ހަލާކުކޮށްލާފައި އަދި އެބަބުނޭ ގައުމަށް ފޮނުވާށޭ. ދުވަހަކު ތިކަމެއްނުވާނެ........" ނަތާލީ މޭޒުމަތީގައި އޮތް ތޫނު ފިޔޮހި ނަގާ އަތަށް ހެޔޮވަރުކޮށްލައިފިއެވެ. އެދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ.

ކޮމެންޓް 0