"އިޓްސް ވިންޑީ....ކޮބާތަ ނާއީ ކާރު؟ މިހާ ހާސްވާކަށް ނުވެސްވާނެ. ނިދާފައި އޮތީމަ ނާއީވެސް ބުރެއްޖަހާލަން ދިޔައީކަމަށްވާނީ..ޖަސްޓް ކާމް ޑައުން. އެމީހުން ދެން އެކަނިކޮށްލާފައި ނުދާނެއްނު. ނަންނިއަށް އިތުބާރުކުރަން. ދެރަގޮތެއް ނަހަދާނެ......." ކެމީލާ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ހަމަޖެހެން މަސައްކަތް ކުރަމުންގޮސް ފިނިވެ ގަނޑުފެންގަޑެހެން ހީވާ ދެއަތްތިލަ އުގުޅައިލިއެވެ. އޭނަ އަވަސްވެލާފައި ގަސްތަކުގެ ތެރެއިން ނިކުމެގެންގޮސް މާބްލް ފައްތަރުމަތީ އިށީނދެލިއެވެ. އެކިކުލަތަކުގެ ފަށަލައިން ވާ ފަތްތަކުގެ ތާޒާ ވަސް ނޭފަތުގައި ޖެހުނެވެ. ކަކުލުގައި ދަތްދޮޅި ޖައްސާލައިގެން ހާސްކަމާއިއެކު ނޯޔާމެންނަށް އިންތިޒާރުކުރަމުން ވަށައިގެން ފެންނަ ގުދުރަތީ ރީތިކަމަށް ހިތް އެކީ ދޫކޮށްލަމުން ހިނިތުންވެލިއެވެ. ކޮންމެވެސް މީހަކު ދޮރުހުޅުވާލިހެން ހީވެފާ ހަޅޭއްލަވައިގަނެވުމާއެކު ކެމީލާއަށް ތެދުވެ ބަލައިލެވިއްޖެއެވެ. މިޖެހުނީ ކޮންކަހަލަ ދަންތުރައެއްގައި ކަމުގެ ކިރިޔާވެސް ހިލަމެއްވީ ފެނުނު ސޫރައަކުންނެވެ.

"ހޭއި އިޒް ދެޓް ޔޫ ބޭބީ؟ އެތެރެއަށް ވަންނަންވީނު ނޫނީ ވަޔާއިއެކު އުދުހިގެން ގޮސް ރާއްޖެއަށް ލައްގަފާނެ. އެހާ ފިނިވެސް ގަދަ......" ނާޔަލް ކުޑަކޮށް ހީލިއެވެ. ކެމީލާ ފައްތަރު މަތިން ތެދުވުނެވެ. ނާޔަލްގެ ތޫނު ދެލޯ އޭނަގެ މޫނަށް ހުއްޓިފައިވުމުން ކަންބޮޑުވެ އުނދަގޫގޮތްތަކެއްވިއެވެ.

"އައި ކެން މެނޭޖް. ނޯޔާ ދިޔައީތަ؟" ކެމީލާ އާދައިގެ ގޮތަކަށް އަހައިލިއެވެ.

"ނޯޔާ ސިޑިމަތިން ވެއްޓި ކުޑަކޮށް ބޯ ފަޅައިގެން ދިޔައީމަ ނާއީ ކޮއްކޮ ގޮވައިގެން ދިޔައީ. އެނީވޭސް އެކަމާ ހާސްވެ ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތެއްނު. އަހަރެން މިހިރީ. ގާޑަކަށް އަދި ފްރެންޑަކަށްވެސް ފުދޭނެ. ކިހިނެއް ހަދާދޭންވީ. އާދެބަލަ މިތާ އިށީންނަން. މޫސުން ކިހާ ހިތްގައިމު. އެހާ ވައިރޯޅިތައް ބާރު. ފިނި. އަދި ކަލަފުލް. މިތާ ތިބެގެން ފޮލިއެޖް ބަލައިލެވުނަސް ހަމަ ރަނގަޅު. ފަހުން ދުވަހަކުން މެމޮރީއަކަށްވާނެ..." ނާޔަލް ފައްތަރުމަތީ އިށީނދެ ކެމީލާ އަންނަން ދައުވަތުދިނެވެ. ކެމީލާ ހުރީ ނާޔަލްއާއިއެކު އެއްވެސް ޚާއްސަ ވަގުތުކޮޅެއް ހޭދަކުރަން ތައްޔާރަކަށް ނޫނެވެ. އަމިއްލައަށް ވެއްޓިގަތް އަނދަވަޅެއްކަމުގައި އޭނައަށް ފެނުނެވެ. އަމިއްލަ ވަޒަނާއި ގައުމުދޫކޮށް ކިޔަވަން އައުމަށްފަހު ހޮސްޓެލްގައި މަޑުން ހުރިނަމަ މިހެނެއްނުވީހެވެ.

"އަޅުގަނޑު ބޭނުމީ ހޮސްޓެލްއަށް ދާން..."

"ހޮސްޓެލްއަށް އަދި ނުދެވިފަ ނެތެއްނު. ފުރަތަމަ ހިނގާބަލަ އެއްޗެއް ކާލަން. އޭގެފަހުން ބޭރަށްދާނީ..." ނާޔަލް ތެދުވެގެން އެތެރެއަށް އައުމަށް ލޮލުން ދައުވަތުދިނެވެ. އެ އަޅިދެލޮލުގެ ރީތިކަން ފުރަތަމަ ފަހަރަށް ކެމީލާއަށް ފާހަގަކުރެވުނެވެ. އަންހެންކުދިންގެ ހިތްތަކައި ކުޅެލާނެފަދަ ދެލޮލެވެ. ކައިޒާންއާއި ވައްތަރުގޮތެއްވެސް ހުރިނަމަވެސް ދެމީހުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތެވެ.

"ކާހިތެއްނެތް، އައިމް ނޮޓް ހަންގްރީ. ޕްލީޒް ޓޭކް މީ ބެކް ޓު ހޮސްޓެލް..." ދެވަނަފަހަރަށްވެސް ކެމީލާއަށް ބުނެވުނީ އެކަމަށް އޭނަ ބޭނުންވެފައި ހުރިވަރުންނެވެ. ކިރިޔާ ނުރޮވި ހުރިކަމެވެ. އެހެން ހުއްޓާ އައި ވައިރޯޅިއަކާއިއެކު ޝޯލްވެސް އުދުހިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ކެމީލާ ހާސްކަމާއިއެކު ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. ނާޔަލް ހޭންފެށީ އެކަމާއި މަޖާވެފައެވެ.

"ތިހާވަރުން އިސްތަށިގަނޑު ފޮރުވަން އުޅޭ ސަބަބެއް ބުނެދީފާނަންތަ؟ ނައު އައިމް ކިއުރިއަސް. ބޯ ތަލައީތަ؟ ސީރިޔަސްކޮށް އެންމެ އިސްތަށްޓެއްވެސް ނެތް؟ ދެން އެހެން ތަންތަން ފޮރުވިޔަސް އޯކޭ ބަޓް ހެއަރ......ތެދަށް ބުނަންޏާ ކުރީ ދުވަހަކު އަހަރެން ކެޓް ކުރަހަންފެށީ. އެކަމަކު އިސްތަށިގަނޑު އޮތްގޮތަކާއިމެދު ވިސްނާލާފައި ހިތަށް އެރީ ނަންނިގޮތަށް ކުދި ބުޅިތަކެއް ލާފައި ބާވައޭ. ނޫނީ ފަންކޮށް ބާވައޭ އޮންނާނީ. ކޮން ކުލައެއްހެއްޔޭ. ކުރަހާލަން ދައްކަފާނަންތަ. ޕްރޮފެޝަނަލް އާޓިސްޓުންގެ ކައިރީ އަންހެންކުދިން ހަށިގަނޑު ހާމަކުރިޔަސް މައްސަލައެއްނޫނޭ...." ނާޔަލް މަޑުމަޑުން ޝޯލްގައި ހިފަހައްޓާލުމުން އޭނަގެ ޚިޔާލު ފައުޅުކުރިއެވެ. ކަށްޓެއް ހެރުމުން ތެޅިގަންނާނެފަދަ ގޮތަކަށް ކެމީލާ ދުރަށް ދާން އުޅުނެވެ. ކޮންމެވެސް ގޮތަކުން އަތްނުލާ ދުރުގައި ހުންނަން މި ފިރިހެނާއަށް ހަމަ ނޭނގެނީހެއްޔެވެ. ޝޯލްގައި ހިފާ ދަމައިނުގަނެ އެހުންނަނީވެސް ހަމަ ކިރިޔާއެވެ.

"ސޮރީ އެކަމަކަށް އެއްބަހެއް ނުވެވޭނެ......"

"ކީއްވެގެންނޯ. ހަމަ އެހާ ހުތުރީތަ؟ މޫނު ކޮޅު އެކަނި ދޯ ރީތީ........"

"ދީނުގައި ހުއްދަކަމަކަށްނުވާތީ. މޫނާއި ދެއަތްތިލަ ނޫން އެހެން ތަނެއް މަހުރަމުން ނޫން މީހަކަށް ފެނިގެން ނުވާނެ. ހަމައެކަނި ހަޒްބެންޑަށް ބުރުގާ ނާޅާ ހުއްޓާ ފެންނާނީ. އެހެންނޫނަސް ކުރަހާކަށް މިއީ އޮބްޖެކްޓެއް ނޫން. ސޮރީ އޭ ބުނެވޭނީ......."ކެމީލާގެ ހިތުގައި ބިރުވެރިކަން ހިނގާލިޔަސް ނާޔަލްއަށް ކޮންމެވެސްކަހަލަ އިތުބާރެއްކުރެވުނެވެ. މާތް އާއިލާއެއެއްގެ ޒުވާނަކަށްވެފައި ނަފްސާނީ ޑޮކްޓަރަކަށްވީމައެވެ. އެންމެގާތް އެކުވެރިޔާގެ ބޭބެއަށްވީތީއެވެ. ދިމާކޮށް ޖެއްސުންކުރިޔަސް ހުއްދަނެތި ގަޔަށް އަތްލާކަށް ނުކެރޭނެއެވެ.

"އެހެންވީމަ ހިނގާ ސީރިޔަސްކޮށް ރައްޓެހިވާން. ކައިވެނިވެސް ކުރާނީ ކޮންމެވެސް ދުވަހަކުން. މިހިރީ މިވާހަކަ އަހާނެ ރަގަޅު ފުރުސަތެއްވެސް ނުލިބިފާ. ކެޓްއާއި ކައިޒާންގެ ކޮންކަހަލަ ގުޅުމެއް އޮންނަނީ. އެނގޭތަ ހީޒް މައި ކަޒިން ބްރަދާކަން. ދެފަރާތުންވެސް ގުޅިފައިވޭ. ސޯ ބުނެބަލަ. ޑޫ ޔޫ ލަވް ހިމް؟ އޭނައާއި އިންނަން ބޭނުންވޭތަ؟ " ނާޔަލް ތަނބަށް ލެނގިލައިގެން ހުއްޓުނެވެ. ކެމީލާވެސް ވައިރޯޅިތަކުން ސަލާމަތްވާން ފެންޑާއަށް އެރިއެވެ. ނާޔަލް ކުރި ސުވާލުގެ ސަބަބުން ހިތްތެޅިގަތްލެއް ބާރުކަމުން މެޔަށް ގޮތެއްވިއެވެ. ހަގީގަތް ބުނެގެން ނާޔަލް ހަދާފާނެ ގޮތެއް ނޭގެއެވެ. އޭނަގެ ހިތުގައި ކައިޒާންއަށްޓަކާ ޚާއްސަ މަގާމެއްވެއޭ ބުނާކަށް ނުކެރޭނެއެވެ. ނަމަވެސް ނުބުނެ ހުންނަން ހަދައިގެން މައްސަލައެއް ޖެހިއްޖެއްޔާ ހައްލުކުރާކަށް ފަސޭހަނުވާނެއޭ ޟަމީރު ބުނެދިނެވެ.

"ވަޓް އިފް އައި ސޭ ތީއޭ އަހަރެން އިންނަން ބޭނުންވާ އަންހެންކުއްޖަކީ..."

"އައި ކާންޓް ކުރިންވެސް ޖަވާބު ދީފައިވާނީ....." ކެމީލާ ވަގުތުން ދެކޮޅުހެދިއެވެ.

"ހިތް އަބަދު އެއްގޮތަކަށް އޮވެދާނެކަމަކަށް އަހަރެން ގަބޫލެއްނުކުރަން. އަހަރެން މިހިރީ ކެޓްއައި މެރީކޮށްގެން ދިރިއުޅުމެއްފަށަން ތައްޔާރަށް. އެހެންމީހުންނަށް ކޮންމެހެން އަންގަން ޖެހޭ ކަމެއް ނޫނެއްނު. ނޫނީ ކޮންމެހެން މެރީނުކުރިޔަސް އަހަންނާއިއެކު މިގޭގައި ދިރިއުޅެންފަށާ. ޔޫ ކެން މޫވް އިން. ވީކެން ސްލީޕް ޓުގެދާ. ވައިނޮޓް؟ އާފްޓާ އޯލް ވީ އާ އެޑަލްޓްސް......" ނާޔަލް އެހާ އާދައިގެ ގޮތަކަށް އެކަންތައް ނެގުމުން ކެމީލާގެ މޭގައި ގޮށްމުށުން މީހަކު ޖެހިހެން ހީވިއެވެ. ސިހޭގޮތްވިއެވެ.

"އައިމް ނޮޓް ޔޯ މިސްޓްރެސް..."ކެމިލާ ރުޅިއަންނަ ގޮތްވިޔަސް ވާހަކަދެއްކީ ރީތިކޮށެވެ. އެވަރުގެ އެއްޗެއް ބުނަންވުމުންވެސް ގަތް ލަދެއްގެ ބޮޑުކަމުން ކެމީލާގެ މޫނަށް ހޫނުވެ ރަތްކުލަވެރިވިއެވެ. ނާޔަލްއާއި ހަތަރުކަޅިހަމަކުރަންވެސް ޖެހިލުންވިއެވެ. ނާޔަލް ހުރީ މަޖާވެފައެވެ.

"އަހަރެން ބޮޑުވީ އެމެރިކާގެ މެންހޭޓްން އޭރިއާގައި. އެމީހުންނަށް އެކީ ނިދާލުމަކީ ލައިކް ޝޭކިން ހޭންޑްސް. އެހާ ސިމްޕަލް. ކޮކެއިން ބޭނުންކުރުންވެސް އެފަދަ. އެތާ ދިރިއުޅޭ މީހުންނަށް ހަމައެކަނި އެކަންތައް އަންޑަސްޓޭންޑްވާނީ. ކެޓްމެން ވިސްނާގޮތަކަށް ނޫން އަހަރެމެންގެ ވިސްނުން ހުންނަނީ. އެކަމަކު ކެޓްގެ މުޖުތަމައުގާ ބުރުގާ އެޅުން މަޖުބޫރުވެފަ އަދި މީހުންނާއި އިނދެގެން ނޫނީ ގުޅުމެއް ހިންގުން މަނާކަމުގައި ވަންޏާ ރެސްޕެކްޓްކުރާނަން. ސޯ ހަމަ ބުރުގާ ނުނަގާނީތަ؟ ޖަސްޓް ވަންސް. އޭރަށް އަހަރެންގެ ކުރެހުން ފުރިހަމަވާނެ......" ނާޔަލް އެއްބުމަ އަރުވައިލިއެވެ.

"ބުރުގާ ނެގޭނީ ހަމައެކަނި ވަކި ބަޔެއްގެ ކައިރީ. މުޖުތަމައުގައި މަޖުބޫރުކުރަނީއެއް ނޫނޭ. ދީނުގައި ވާޖިބަކަށްވެފައިވަނީ. ވަން މޯ ތިންގް. ކައިޒާންއާއި ބެހެގޮތުން ސުވާލުކޮށްލީމަ މިވަރަށް ބުނެވިދާނެ. ޔަޕް އިޓްސް ޓްރޫ އައި ހޭވް ފީލިންސް ފޯ ހިމް. އަދި ކައިޒާންގެ ހިތުގައިވެސް އިހުސާސްތަކެއްވާކަން ޔަގީން. އެކަމަކު ނޭނގޭ ކީއްވެކަމެއް އެހެން ވާންވީ. އެހާ ނައިސް ރަނގަޅު މީހަކާއި މިވީހާތަނަށް ދިމާވެފައި ނުވާތީކަމަށް ވެދާނެ. ޕްލީޒް ޑޯންޓް ފޯސް މީ. މިރަށަށް މިއައީ ކިޔަވަން މީހަކާއި އިންނާކަށް ނޫން......" ކެމީލާ ހިންދިރުވައިލިއެވެ.

"ކޯޒް އައި ލަވް ހިމް. އައި ލަވް ހިމް އެލޮޓް....." ކެމީލާގެ ހިތަށް ހަމައެކަނި އިވޭވަރަށް ބުނެލައިފިއެވެ.

"އެހެންވިއްޔާ އޭޒް އެ ފްރެންޑް ހިނގާ ދުއްވާލަން ދާން. އެއަށްފަހު ހޮސްޓެލްއަށް ގެންގޮސްދީފާނަން" ނާޔަލްގެ ހިތުގައި ހަސަދަވެރިކަން ހިނގައިލިނަމަވެސް ކެތްކުރިއެވެ. އޭނަ ކެތްކުރާނެއެވެ. އެންމެފަހު ވަގުތާއި ޖެހެންދެންވެސް މެއެވެ. ނަމަވެސް ކެމީލާއަކީ އޭނަގެ މިލްކެކެވެ. ހަމައެކަނި އޭނަގެއެވެ.

ނާޔަލްގެ ފެރާރީ ސްޕައިޑާގެ އޮފްގަދަކަމާއި ރަތްކުލައާއި ވަށައިގެންވި މާހައުލު ކިތަންމެހާވެސް ގުޅެއެވެ. ނިއުޔޯކްގެ ޚަރީފު މޫސުމް ހަގީގަތުގައި ވަރަށް ހިތްގައިމެވެ. ފަތްތައް ބްރޯންޒް ރަން އަދި ޔާގޫތު ރަތުގެ އެކި ކުލަ އަރަމުންދަނީ ލަސްލަހުންނެވެ. ހަފްތާތައް ކުރިއަށް ދާވަރަކަށް އެފަތްތައް މަގުގެ ދެފަރާތުގައާއި ލޯން އަދި ގަސްދޮށުގައި ފުނިޖެހެމުންގޮސް މިހާރު މިވަނީ މޫސުން ނިމުމަކަށް އައިސްފައެވެ. ބައެއް ގައުމުތަކުގައި ފަތްތަކަށް ރަންމުށިކުލައެއް ވެރިވެފާ ވަޔާއެކު އެހުރިހާ ފަތްތައް އުދުހި ފިނިމޫސުމް އަވަހަށް ފެށެނީއެވެ. ނިއުޔޯކްގެ ރީތިކަން އެންމެ އިތުރުވާ އެއް ސަބަބަކީ ޖާދޫއެއްފަދަ ޚަރީފުގެ ރީތި ކުލަތަކެވެ. އެކާރުގެ މަތި ހުޅުވާލާފައި އަރަން އެދުމުން ކެމީލާ ނާރަން ހުރެފައިވެސް އިށީނެވެ. ނާޔަލް ސީޓުބެލްޓް އަޅުވާލަދިނެވެ. އެކަމަކު އޭނަ އަމިއްލައަށް އަޅާކަށް ނޫޅުނެވެ. ހައިވޭއަށް އެރުމަށްފަހު ކާރުގެ ސްޕީޑް ބާރުކަމުން ކެމީލާގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. ވަށައިގެންވި ގަސްތައްވެސް އެމީހުންނާއި އެއްވަރަކަށް އުދުހިފައި އަންނަންފެށިއިރު ވައި ކަފާ އަޑު ކަންފަތުގައި ހަރުލައިފިއެވެ. ނޭވާވެސް ރަގަޅަށް ނުލެވޭހެން ހީވިއެވެ. ޕެނިކް އެޓޭކެއް ޖެހުމުގެ ހުރިހާ ނިޝާންތަކެއް ވަށައިލިއެވެ. ނާޔަލް މޮޔަވީހެއްޔެވެ. ނާޔަލްގެ ނުރައްކާތެރިކަން ދެވަނަފަހަރަށް ތަޖުރިބާކުރަން ޖެހުނީއެވެ. އެއާއިއެކު ޖޯންގެ މަތިންވެސް ހަނދާންވިއެވެ.

"ސްޓޮޕް ދަ ކާރ ނާޔަލް. މާ ބާރަށް ތިދުއްވަނީ. ކާރު އެކްސިޑެންޓްކުރަން ތިއުޅެނީ. ޕްލީޒް މަޑުކޮށްބަލަ. ބިރުގަނެއޭ............................" ކެމީލާ އާދޭސްކުރަމުން ނާޔަލްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާފައި ތަޅުވައިގަތެވެ. ނާޔަލް ދުވެލި އިތުރަށް ބާރުކުރިއެވެ. އުސްތަންތަނާއި ގުދުލާފައިވާ މަގުތަކެވެ. ނުރައްކާތެރި ކާވްސްތަކެވެ. ފެރާރީ ކޮންޓްރޯލްނުވެ ގަހަކާއި މުޑިއެރިޔަސް އެދެމީހުންގެ ދުވަސް ދިޔައީއެވެ.

"ޑޯންޓް ޑޫ ދިސް...ޕްލީޒް ނާޔަލް. އައި ބެގް ޔޫ..............." ކެމީލާ ރޮއިރޮއި އޭނަ ހަލާކުވާވަރުވިއެވެ. މިގޮތަށް މަރުވެގެންދާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ކާރުން ބޭލުމަށް އެދި އާދޭސްކުރިއެވެ.

"ސްޓޮޕް ސްޓޮޕް ޕްލީޒް ސްޓޮޕް......" ކެމީލާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ނާޔަލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ މަގުމައްޗަށެވެ. ނާޔަލް ގަސްތުގައި އެކްސިޑެންޓްކޮށް ދެމީހުން އެއްކޮށް މަރާލަން އުޅެނީކަން ނޭނގެއެވެ. ނާޔަލް ހުއްޓުވާނެ ގޮތެއް ވިސްނާލުމަށްފަހު ހަދާނެ ގޮތެއް ނިންމިއެވެ. ތޫނު ދަތްތަކުން ނާޔަލްގެ އަތުގައި ދަތްއަޅައިގަތުމާއެކު ލޭރަހަވެސް އަނގައިގާ ލިއެވެ. އެހެން އެއްވެސް ގޮތެއް އެވަގުތަކު ސިކުނޑިއަށް ނައީއެވެ. އެ ވީ ހަމަ ޖާދޫއަކަށެވެ. ނާޔަލް ވަގުތުން ކާރުގެ ސްޕީޑް ދަށްކޮށްލައިފިއެވެ.

"ވަރަށް ތަދުވެއްޖެ ކެމިލާ........." ނާޔަލް ތަދުވެގެން އުޅުނީ ހަމަ ކުޑަކުއްޖަކު އުޅޭނެގޮތަށެވެ. ޓީޝާޓުގެ އަތުކުރި އޮޅާލާފައި އަތަށް ބަލަންފެށީ ކަންބޮޑުވެފައި އިނދެއެވެ. ނާޔަލްއަށް ވީގޮތް ފެނިފާ ކެމީލާއަށް އޮޅިގެން ހީލެވުނެވެ. އޭނަ ފެނުމުންވެސް އެގޮތަށް ކެމީލާ އުފާވެ ހީލާނެ ނަމައޭ ނާޔަލް ހިތަށް އެރިއެވެ. އެންމެފަހުން ނާޔަލް ކާރުގެ ދުވެލި މަޑުކޮށްލާފައި ފޭބީ ކާނިވަލަކަށެވެ. އޭރު ކެމީލާ ހުރީ މޭނުބައިކޮށްފައެވެ. ހޮޑުލެވޭގޮތްވެފައެވެ. ނާޔަލްހުރީ އުފާވެރި މޫޑެއްގައެވެ. ކޮންމެވެސް ޑާޓްގޭމެއް ކުޅެ ފުއްޕާހަންތަކެއް ފަޅައިލާފައި އެއްފަހަރާ ބޮޑު ދެތިން ބަނީ ކެމީލާއަށް ދިއްކޮށްލިއެވެ. މީހުން ބަލަންތިބުމުން ހިފަން މަޖުބޫރުވިއެވެ. ކެމީލާ ހީކުރީ އެތަނުން ނިމިގެން ގެންދާނީ ހޮސްޓެލްއަށްކަމުގައެވެ. ނިއުޔޯކްގެ މަގުތައް ނެގޭތީ ލޭންޑްމާކްތައް އަދި އެހާވަރަށް ފާހަގަކުރާކަށް ނޭނގުނެވެ. ނާޔަލްގެ މަންޒިކަލަކަށްވީ އޭނަގެ ގެއެވެ.

"މިރޭ މިގޭގައި މަޑުކޮށްލާފައި މާދަން ހަވީރު ގެއަށްދާނީ......"

"އައި ކާންޓް ސްޓޭ...." ކެމީލާ ކާރުން ފައިބާކަށް ނުޅުނެވެ.

"އޯކޭ. ދެން އަމިއްލައަށް ދުއްވާފައި ދޭ. މިހާރު އެއޮތް އިރު އޮއްސެނީ. ގަސްތަކުގެ ތެރެއިން ޕައިތަންއެއް އަރާ ކާލަފާނެ އިނގޭ....." ނާޔަލް އެއްލޯ މަރައިލަމުން ދާން ހިނގައިގަތެވެ. ނާޔަލް ފަތްތަރުމަތިން ނޭރެނީސް ކެމީލާ ދުވަމުން އައިސް އޭނައާއި އަރާ ހަމަކޮށްފިއެވެ. އޭނަ ބިރުގަންނަވައިގެން ނާޔަލްއަށް ލިބެނީ ކޮން ހިތްހަމަޖެހުމެއް ބާވައޭ ހިތަށް އެރިއެވެ. ނާޔަލް ކާކޮޓަރިއަށްވަދެ ޕަމްޕްކިން ސްޕައިސް ލާޓޭ ތަށްޓެއް ބޯންފެށިއެވެ. އަރާމު ހޫނުކަމެއް ހަށިގަނޑުގައި ފެތުރުނެވެ. ރިމޯޓުން ލަވަ ޗެނެލެއް ޖައްސައިލިއިރު އަދި ލޯބީގެ ލަވައެކެވެ. ކެމީލާ އެއްވެސް އެއްޗެކޭ ނުބުނެ މޭޒުގައި ބޯ ޖައްސައިލިގޮތަށް ރޮނީކަން ނާޔަލް ދެނެގަތެވެ. ނަމަވެސް މިރޭ ކެމީލާއަށް ޖެހޭނީ އޭނަ ބުނާގޮތަށް ހަދާށެވެ. އެގޭގައި ނިދަން އޮންނާށެވެ.

"ކައިޒާންއާއި މާކަސްއާއި ދެފިރިހެނުންނާއިއެކު އެއް ގެއެއްގައި ނިދާއިރު ލިބޭ ރައްކާތެރިކަމެއް މިގެއިންވެސް ލިބޭނެ. ތިހެން ރޮއިގެން ސާބިތުކޮށްދިނީ އަހަންނަށްޓަކާ އެއްވެސް އިތުބާރެއް ނެތްކަން. އިޓްސް އޯލްރައިޓް ލަވް. އަހަރެން ނެތިން ދެރަގޮތެއް ހަދާކަށް. ބޭނުންގޮތަކަށް އުޅެންވީ. ބޭނުން ކޮންމެ ރޫމަކަށްވަދެ ނިދަންވީ. އެހެން އެއްވެސް ތަނަކުން ނުލިބޭނެ ސިކިއުރިޓީ މި ގެއިން ލިބޭނެ. ސޯ ސްޓޮޕް ކްރައިން ކްރައި ބޭބީ." ނާޔަލް އެދުނީ ކައިގެން ނިދުމަށެވެ. ހެނދުނު ހެނދުނާ އެމީހުން ގެއިން ނިކުންނަން ޖެހޭނެކަމުގައި ބުނެލާފައި ނާޔަލް ނުކުތީ ދޮރު ތަޅުލާށެވެ. އެ މަންޒަރު ދެކެން ހުރި ކެމީލާގެ ހިތް އެއްފުށުން އަނެއް ފުށަށް ނުޖެހުނީ ކިރިޔާއެވެ. ބިރުންގޮސް ގައިން ހީބިހި ހަލުވައިލިއެވެ. ނާޔަލް ބޭރަށް ނުކުތީ ކޯންޗެއް ފެނިފައިކަމެއް ނޭގެއެވެ. ކެމީލާއަކަށް ނިކުންނާކަށް ނުކެރުނެވެ. ނާޔަލްއަށް އިތުބާރުކުރެވޭކަށްވެސް ނެތެވެ. ތަޅުލާފައިވާ ބޮޑު މާސިންގާ ގެއެއްގައި ރޭގަނޑު ވޭތުކުރުމުގެ ބިރުވެރިކަން ސިކުނޑީގައި ވަކި ހިއްޕާލައިފިއެވެ. ނާޔަލް ނުކުމެފާ އައީ އޭނަ ކާނިވަލުން ގެނެސްދިން ބަނީތައް ހިފައިގެންނެވެ. ވަކި އެއްޗެކޭ ނުބުނެ އޭނަ ބަނީތައް ގެނެސް ކައުޗްމައްޗަށް ފަރުވާކުޑަގޮތަކަށް އެއްލާލާފައި ކެމީލާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެލޮލުގައިވާ ކުލަތައް ތަރުޖަމާނުކުރެވުނަސް ޔަގީނުންވެސް ސީރިޔަސްކަމެއްވިއެވެ. އޭނަދިން އެއްޗެއް ގަބޫލުނުކޮށް ކާރުތެރެއަށް ދޫކޮށްފައި އައުމުން ހިތްހަމަނުޖެހުނީކަމަށް ވެދާނެއެވެ. އެކަމާއިބެހޭގޮތުން އިތުރު ވާހަކައެއް ނުދައްކާ ނާޔަލް ސިޑިން މައްޗަށް އަރައިގެން ދާންފެށީ ކެމީލާ އެކަނިމާ އެކަނި އެތަނަށް ދޫކޮށްލާފައެވެ.

ކެމީލާ އޭނައާއި ނޯޔާ އުޅުނު ކޮޓަރިތެރެއަށް ދެމިގެންފިއެވެ. ކޮޓަރީ ތަޅުލިޔަސް ނިދާކަށް ނުކެރުނެވެ. ކޮންމެ ގަޑިއެއްގައިވެސް ނާޔަލް އުނދަގޫކުރަން އައިސްފާނެހެން ހީވެ ހިތް ބިރުވެރިކަމުގެ ތެރެއަށް ޣަރަގުވެފައިވިއެވެ. އެއްޗެއް ވިސްނާލަފައި ވުޟޫކޮށްލުމަށްފަހު އޭނަ ނަމާދުކޮށްގެން އެނދުގައި އޮށޯވެލިއެވެ. އެރޭ އެންމެ ފަހަރަކުވެސް ކެމީލާ ލޮލުފިޔަ ޖަހައިނުލައެވެ. އަބަދުހީވީ މީހަކު ތަޅުގައި ހިފާލާހެންނެވެ. ހިމޭންކަމުގެ ތެރެއިން ފިޔަވަޅުތަކުގެ އަޑު އިވޭހެންވެސް ހީވިއެވެ. މުޅިންވެސް ވަހުމެވެ. ޝައްކެވެ. އެހުރިހާކަމެއްގެ ސަބަބުން ނުނިދިފައި އޮއްވާ އިރުއެރިއެވެ. ނާޔަލް ޓަކިދިނެވެ. ކޮފީ ބޯން އަންނަން އެދުނެވެ.

"ސްކްރެމްބްލްޑް އެގް ޗީޒް. ބޭކަން. ޕޭންކޭކްސް. ފްރެޝް ފްރުޓްސް.......ހޫނު ކޮފީ. އެނީތިން އެލްސް؟ " ނާޔަލް އަހައިލިއެވެ.

"ކާހިތެއްނުވޭ....."

"އީޓް. ނޫނީ ނެތިން މިތަނުން ގޮވައިގެން އެއްވެސް ތަނަކަށް ގެންދާކަށް. އެހެންނޫނަސް މިއަދު ޕްލޭންކޮށްފައި މިއޮތީ ދެމީހުން ޑޭޓަކަށްދާން......" ނާޔަލްގެ ވާހަކަ އިވުމުން އިއްޔެގެ ހަދާންތައް އާވިއެވެ. ދެވަނަ ދުވަހު އެ ކާރުގައި އުދުހެންވެއްޖެއްޔާ އޭނަގެ ހިތް ފަޅައިގެން ގޮސްދާނެއެވެ. އިއްޔެކޮށްލިވަރު ކުޑައެއްނޫނެވެ. އެކަނިމާއެކަނި ހުރެގެން ނާޔަލްއާއި ހަނގުރާމަ ނުކުރެވޭނެކަން އެނގޭތީ އޭނަ ގަސްތުކުރީ ކުޑަކޮށް ކާލުމަށެވެ. ތަންކޮޅެއް ރީތިކޮށް ވާހަކަދައްކައިފިއްޔާ ފަހަރެއްގައި ނާޔަލް އޭނަ ބުނާގޮތަށް ކަންތައް ކޮށްދީފާނެއެވެ. ކެމީލާ އެދުނީ ކާރު މަޑު މަޑުން ދުއްވުމަށެވެ. ނާޔަލް ބުނީ ކާރު ބާރުދުއްވުމާއި ރާޅާ އެޅުންފަދަ ކަންތައްތަކުން ލިބޭ ހިތްހަމަޖެހުމާއި ކުރެވޭ އިހުސާސް ޑްރަގް ނެގުމަށްވުރެ ސިކުނޑި ރަންކުރުވާ ކަމަށެވެ. އެގޮތަށް މަޖާކުރަން ހަދައިގެން ތިމާއާއި އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭކަން މިފަދަ ޒުވާނުން ނުވިސްނަނީ ނޫންހެއްޔެވެ. ނާޔަލް ނަފްސާނީ ޑޮކްޓަރަކަށްވީ ކިހިނެއްބާވައޭވެސް ހިތަށް އެރިއެވެ. ކޮފީއަށްފަހު ދެމީހުން އެކީ ބޭރަށް ނުކުތުމާއިއެކު ޖެހިލި ފިނިވައިރޯޅިއާއިއެކު ކެމީލާއަށް އަމިއްލަ ގައިގާ ދެއަތުން ބައްދައިލެވުނެވެ.

"ވޯންޓް އެ ހަގް؟" ނާޔަލް ކެމީލާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ފަހަތުން އައިގޮތަށް އެބާރުގަދަ އަތުގެ ތެރޭގައި ހައްޔަރުކޮށްލިގޮތުން ކެމިލާއަކަށް ގަދައެއް ނުދެއްކުނެވެ. ގައިގާ ޖެހުނު ހަރު ދަގަނޑު އެއްޗަކީ އޭނަ ގެންގުޅުނު ފިސްތޯލަކަން އެނގި މެޔަށް ފިނިވިއެވެ. ނާޔަލް އަބަދު ޖިންސްގެ ޖީބުގައި ފިސްތޯލަ އެގެންގުޅެނީ ގޭންގު ލީޑަރެއްފަދައިންނެވެ. ނާޔަލް ކޮންމެހެން ކެމީލާ ލައްވާ އާދޭސްކުރުވާކަށް ނޫޅުނެވެ. އެންމެ ސިކުންތުކޮޅަކަށް ބާރަކަށް ބައްދާލާފައި ދެން ދުރުކޮށްލަމުން ހީލިއެވެ. ނާޔަލް އޭނަ ގޮވައިގެން ދިޔައީ ހިނގާލާށެވެ. ކައިރީގައި އޮތް ގަސްތަކުން ފުރިފައިވާ ކުޑަ ޖަންގަލިތެރޭގައެވެ. އެހެން އިންސާނެގެއް ހިލަމެއްވަނީއެއް ނޫނެވެ. ގިނައީ މުގޮށި މީދާފަދަ ކުދި ޖަނަވާރުތަކެވެ. ދޫނިތައްވެސް ހިޖުރަކޮށް ފަޅުވެފައިވާފަދައެވެ. ނާޔަލްއާއިއެކު ދިޔަ ނަމަވެސް އެހިސާބުގައި ހިނގާލަން ދެވުމުން ސިކުނޑި ތާޒާވެ ހިތްހަމަޖެހުމެއް ލިބުނެވެ.

ކެމީލާ ނޯޔާދެކެވެސް ރުޅިއައެވެ. ނޯޔާ ގަސްތުގައި ރާވައިގެން ކުރިކަމެއްހެން ހީވާންފެށިއެވެ. އޭނަގެ ފޯނުވެސް ގެންދިޔައީ ނޯޔާކަން ޔަގީންވިއެވެ. މަޖުބޫރުވެފައި ހުއްޓަސް ކެމީލާއަކަށް ނާޔަލްއާއި އަރައިރުންވެ ރުޅިއަރުވާލާކަށް ނުކެރުނެވެ. ނޫނީ މި ފިރިހެނާގެ ނިޔަތް ނުބައިވެދާނެއެވެ.

އެދުވަހު އޭނަ ގޮވައިގެން ހޭ ރައިޑަކަށްދާ ވާހަކަ ބުނުމުން ކެމީލާ ވަގުތުން ދެކޮޅު ހަދަންފެށިއެވެ. ނާޔަލް ބުނީ ހޮސްޓެލްއަށް ގެންގޮސް ދެވޭނީ ހަމައެކަނި އެ ޝަރުތު ފުރިހަމަކުރީމަ ކަމުގައެވެ. އޭނައާއިއެކު ހޭއި ރައިޑަށް ދިޔުމުން މިފަހަރަށް "ޑޭޓް " ނިމުނީކަމުގައި ބުނުމުން ކެމީލާ އެއްބަސްވިއެވެ. ޓްރެކްޓަރުގައި އިން ދުއްވާމީހާ ޒުވާނެވެ. ހިތްހެޔޮ ހިނިތުންވުމެއްގެ ވެރިއެކެވެ. ކައުބޯއިއެއްފަދައިން ބޮޑު ތޮތްޕެއް އަޅާލައިގެން ހުރި އެ ޒުވާނާގެ ނަމަކީ ނޭޓްއެވެ. ނޭޓް ޓްރެކްޓަރުގެ ފަހަތަށް ބޮޑެތި ހުއި ބެރިތަކެއް އެރުވިއެވެ. ހުއިން ތަންމައްޗަށް ހަދައިލިއެވެ. އަދި އެއްފަރާތުގައި އިށީދެގެން ތިބެވޭނެގޮތަކަށްވެސް ހުއިން ބެންޗެއް ހަދާލަދިނެވެ. ކެމީލާ ނާރަން ހުއްޓާ ނާޔަލް އޭނަގެ މެދުހަށީގައި ހިފާ އުފުލައިލިގޮތަށް ޓްރަކަށް ލުމުން ކެމީލާ ދެލޯ އަޅައިލިއެވެ. ނޭޓް ހުރީ ފާޑަކަށް ހިނިއައިސްފައެވެ. ނާޔަލް ރަތާއި ކަޅުކުލައިގެ ބޮޑު ރަޖާގަނޑެއް ކެމިލާއަށް ދިއްކޮށްލިއެވެ. ތެދެކެވެ. ފިނިގަދަކަމުން އޭނައިނީ އެފަދަ އެއްޗަކަށް ބޭނުންވެފައެވެ. ނާޔަލް ކައިރީގައި އިށީނުމާއިއެކު ނޭޓް ޓްރެކްޓަރު ދުއްވާލައިފިއެވެ. ކެމީލާ އިނީ ތުންފަތުގައި ބާރަށް ދަތްއަޅާލައިގެންނެވެ.

"ޔޫ ވިލް އެންޖޯއި.. ޓްރަސްޓްމީ.." ނާޔަލް މަޑުމަޑުން ބުނެލިއެވެ.

"އަހަންނަކަށް މަޖަލެއްނުވާނެ. މިއިން އެއްވެސްކަމަކުން ލިބޭ ހިތްހަމަޖެހުމެއްނެތް. ގަދަކަމުން ހުރިހާކަމެއް ކުރުވަނީ. ކިރިޔާވެސް ގޮތެއް އޮތްނަމަ ފިރިހެނަކާއިއެކު މިގޮތަށް ދުއްވާކަށް ނާންނާނަން. މަޖާކަމަށް ހީވިޔަސް މިއީ ފޫހިކަމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާ ވިސްނާނަން............" ކެމީލާ ކުދިކިޔާ ފާޑަކަށް އެއްޗެހި ކިއެވެ. މިދަތުރު ފޫހިވީ ނާޔަލްއާއިއެކު އަންނަންވުމުންނެވެ. އެހެންނޫންނަމަ މި ޓްރެކްޓަރު ދަތުރު މަޖަލެވެ. ދަނޑުތަކުގައި ދުއްވަން ހަދާފައި އޮންނަ ހަނި އަޑިގުޑަން މަގުތަކުން އެބޮޑު ފުރޮޅުތައް އަޑުކިޔާލާފައި ކުރިއަށްދިޔައެވެ. ވިއްސަކަށް ކިލޯ މީޓަރު ބާރުމިނުގައެވެ. އަޑިގުޑަންތަކުގެ ސަބަބުން ބައެއްފަހަރު ނާޔަލްގެ ގައިގާ ޖެހެން އުޅޭތީ އޭނަ ސަމާލުވި ނަމަވެސް ދޭތެރެއަކުން ނާޔަލްގެ ކޮނޑު އޭނަގެ ގައިގާ ޖެހިލައެވެ. ނާޔަލްގެ ކަތި ނަޒަރުތަކާއި ސަމާސާކުރުންތައް އެހާ ގިނައެވެ. މިއަދު ލައިގެން އިން އައިސްބްލޫ ޖިންސާއި އަޅިކުލައިގެ ސްވެޓަރާއި ކަނދުރާގައި އޮޅާފައިވާ ސްކާފް އޭނަގެ ސްމާޓްކަން އިތުރުކޮށްދެއެވެ. ކެމީލާ ރުޅިގަދަވެފައި އިންދާ ސެލްފީއެއްވެސް ނެގިއެވެ.

ވަށައިގެން ފެންނަ ގަސްތަކާއި ދަނޑުބިންތައް އަދި ކޯރުތަކުގެ ފުރިހަމަކަމުން ކެމީލާ ފޮޓޯނަގަންފެށިއެވެ.

"ހަނދާނަކަށް...." ނާޔަލް ބުނެލިއެވެ.

ކެމީލާ އެއްވެސް އެއްޗެކޭ ނުބުނެ ދުރަށް ބަލަންފެށިއެވެ.

"މިސާލަކަށް ކެޓް އެހެން މީހަކަށް ލިބުނަސް އަހަންނަށް ދޯ ފުރަތަމަ މިކަހަލަ ރައިޑެއް މިނެގުނީ. ހެހެ. ކައި ހާދަ ޖޭވާނެއޭ..........." ނާޔަލް ހީލިއެވެ. އެހެންމީހުން ހަސަދަވެރިވާނެކަމަށް ހީކުރަނީ ތިމާ ކައިޒާންއާއި ހަސަދަވެރިވެގެން އުޅޭވަރުން ނޫންހެއްޔެވެ. ކައިޒާން މީހަކާއި ޖައްސާލައިގެނެއް ނޫޅެއެވެ. ކިތަންމެވަރަކަށް ގޯނާކޮށް އުދަގޫކުރިޔަސް އޭނަގެ ހިތުން މަގާމެއްނުލިބޭނެއެވެ. ކިތަންމެ ގިނަ ހަދާންތައް އެއްކުރަން އުޅުނަސް މިއިން އެއްވެސް ކަމެއް ކެމީލާއަށް މުހިއްމެއްނޫނެވެ. ބައިގަޑިއެއްހާއިރުވާންދެން ދުއްވާލާފައި ދިޔައިރު ބައެއް ދިމާލުގައި ބޮޑެތި އަލިފާންގަނޑު ރޯކޮށްލާފައިވާތަން ފެނުނެވެ. "ޕަމްޕްކިން ޕެޗް"އަކަށް މަޑުކޮށްލާފައި ނާޔަލްއާއި ކެމީލާ ޓެރެކްޓަރުން ބާލަން އެހީތެރިވެދިނެވެ. އެތަނުން ބަރަބޯ އަރުވައިގެން ދުއްވާފައި ނާޔަލްމެން ގެއަށް އަންނާން ނައްޓައިލީ ރޭގަނޑުއެވެ. އޭރު އުޑުމަތީ ތަރިތައް ފާޅުވާން ހުއްޓެވެ. ކަޅު ސާލެއްގައި ހުދު ޖަވާހިރުތައް އުކާލާފައި ހުރުމެކޭ ތަފާތެއް ނެތެވެ.

"ފެންނަން އެހެރީ ދެ ތަރި. އެއީ އަހަންނާއި ކެޓް......" ނާޔަލް އުޑުމަތީގައި ވިދާ ބަބުޅާ ތަރިތަކުން އެންމެކައިރީގައި ހުރި އަލިގަދަ ތަރިތައް ދައްކާލައިފިއެވެ.

"އެއީ ނާޔަލް ވެއްޖެއްޔާ އަހަރެންގެ ތަރި އެހެރީ...." އެންމެ ދުރުން ފެންނާން ހުރި ފިޔަޖަހާ ނޫތަރި އާއި ދިމާލަށް އިނގިލިން އިޝާރާތްކޮށްލަމުން ކެމީލާ ބުނެލިއެވެ. ނާޔަލްއަށް މަޖާވިއެވެ. ކެމީލާ ދުރުވާން އުޅޭވަރަކަށް ކައިރިވުމުގެ އަޒުމް ވަރުގަދަވަނީއެވެ. ކެމީލާއަށް އެކަން އެނގޭނެނަމައެވެ.

"ދެން ކައިޒާން ކޮބާތަ؟ " ނާޔަލް އެއް ބުމަ އަރުވައިލުމުން ކެމީލާ ރަކިވިއެވެ. ކައިޒާންގެ ނަން ކިޔާލުމުންވެސް ކެމީލާ ހާދަ ލަދެއް އެބަގަނެއެވެ.

"އާދޭ އޮށޯވެލަން. މާ ގިނައިރު މިހެން ތަޅުވަން ތިބީމަ ވަރުބަލިވެސްވާނެ. ތަރިތައް ބަލައިލަން އުޑުމަތި ކިހާ ރީތި ރެއެއް..........." އުއި ތަންމަތީގައި ޖައްސާލަމުން ނާޔަލް އެދުނެވެ.

"ނޫން...އަހަރެން...." ކެމީލާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ކެމީލާގެ އަތުގާ ހިފާ ދަމައިގަތުމުން އިތުރަށް ގައިގޯޅިވެދާނެތީ ޖެހުނީ އޮށޯވެލާށެވެ. ދޭތެރޭގައި ދުރުމިނެއް ބަހައްޓަން އޭނަ ސަމާލުކަން ދިނެވެ. ނާޔަލް ރަޖާގެނެސް ދެމީހުން ގައިމަތީ އަޅާލައިފިއެވެ.

"މިރޭ ހަނދާން ނައްތާނުލާތި. މިރޭ ނޭޓް ނެތްނަމަ މަށަށް މިހެނެއް މަޑުން ނޯވެވޭނެ. ކެޓް. ވާހަކަދައްކަބަލަ. ނިދުނީތަ މިހާރު..........." ނާޔަލް ބޯ ދަށަށް އަތްލައްވަމުން ކުޑަކޮށް ތެދުވެ ކެމީލާގެ މޫނަށް ބަލައިލުމުން ކެމީލާ މޫނާއިއެކު ރަޖާ އަޅާލައިފިއެވެ. ނާޔަލް ދައްކާ ވާހަކަތަކުން ހިތް ބިރުގަންނަވާލައެވެ. އެއްފަހަރު ރީތިކޮށް ވާހަކަދެއްކިއްޔާ ދެން އިންޒާރެއް ދޭނެއެވެ. ރަނގަޅަށްވެސް ނާޔަލް އޭނަ ހާސްކުރުވައިފިއެވެ. ނޭޓް ދުއްވަން އިންކަމީ އޭނަގެ ނަސީބެވެ. އެހެން މީހުން އާއިލާއާއި އެކުވެރިންނާއިއެކު ހޭއި ރައިޑަށްދާއިރު ނާޔަލް ޚިޔާރުކުރީ ކެމީލާއާއިއެކު ދިޔުމަށެވެ.

ގެއަށް ދެވުނުއިރު ޖިސްމާނީއަދި ނަފްސާނީ ގޮތުންވެސް ވަރުބަލިވެ އޮށޯވެލަން ކެމީލާ ބޭނުންވިއެވެ. ނަމަވެސް ނާޔަލް އޮތީ އެހެން ޕްލޭނެއް ރާވާފައެވެ. އޭނަ ގަސްތަކުގެތެރޭ އަލިފާން އަންދައިގެން މާޝްމެލޯއާއި ހޮޓް ޑޯގް ފިހެން އުޅެގަތެވެ. ހިތާއިދެކޮޅަށް ނަމަވެސް ކެމީލާ ބައިވެރިވިއެވެ. ނާޔަލް ރުއްސައިގެން ނޫނީ އޭނައަށް ސަލާމަތްވެވެން ނެތްކަމަށް ހިތް ބުނަނީއެވެ.

އޭނަ ހޮސްޓެލްގައިކަމަށް ހީކޮށް ކައިޒާންވެސް އޭނަ ހޯދާކަށް ނޫޅޭނެއެވެ. ނޭނގިނަމަވެސް މިދެދުވަހު ކެމީލާއަށް ނާޔަލްއާއިއެކު ހިތުން ނުފިލާ ވަގުތުތަކެއް ހޭދަކުރެވިއްޖެއެވެ. ޔަގީނުންވެސް ފެރާރީ އަދި ޓްރެކްޓަރު ދުއްވާލުމާއި މިރޭ މާޝްމެލޯ ފިހެގެން ކެއުމުގެ މަތިން ހަދާނެއް ނުނެތޭނެއެވެ. ނާޔަލްގެ ލާނެތްކަމާއި ދިމާކުރުންތައް އޮތީ ހަމައެކަނި އަނގަބަހުންނެވެ. އެފިނި ރޭ އަލިފާން އަންދައިގެން ދެމީހުން އެތާ ތިބިއިރުވެސް ނާޔަލް އެއްވެސްގޮތަކަށް އެކަމުގެ ފައިދާ ނަގާކަށް ނޫޅުނެވެ. އެހެންވުމުން ނާޔަލްއާއިއެކު ހުއްޓަސް އެލިބޭ ނުތަނަވަސްކަމާއި ޖެހިލުންކަން ކުޑަވެ ހަމަޖެހިލައިގެން އުޅެވޭވަރުވިއެވެ.

ހަގީގަތުގައި ނާޔަލްގެ ނިޔަތް ކެމީލާއަށް އެއްވެސް ވަރަކަށް ނޭނގެއެވެ. އޭނަގެ ވަށާ ޖަހަމުންދަނީ ކޮންކަހަލަ ދަލެއްކަމެއް އެއްގޮތަކަށްވެސް ކެމީލާއަކަށް ރޭކާނުލިއެވެ. އިތުބާރުވެސް ކުރެވެންފެށިއެވެ. ކައިޒާންފަދައިންނެވެ. ކޮންމެ އިންސާނަކީވެސް ކައިޒާންފަދަ މީހެއްކަމަށް ހީކުރެވެންފެށިއެވެ. މާކަސްއާއި ނޭޓްވެސް އެހާ "މާތް"ކަމަށް ހީކުރެވުނެވެ. ކެމީލާދެކުނުގޮތުން ފިރިހެނުންގެ ދަހިވެތި ނަޒަރު ހުއްޓޭނީ އެކަމަށް ދައުވަތު ދޭމީހުންނަށެވެ. ރީތިކުދިންނަށެވެ. އޭނަ ފޮރުވިގެން ހުރުމާއިއެކު ސާދާ ވުމުން ފިރިހެނުން އެހާވަރުން ބޭނުމެއް ނުވާނެއެވެ. ކެމީލާއަށް ނޭނގުނީ ބައެއްފަހަރު ހާލަތުވެސް އެކަމަށް ތަންދޭކަމެވެ. ނާޔަލްގެ ހިތް އޮތްގޮތެއް ކެމީލާއަކަށް މުޅިން ޔަގީނެއްނުވިއެވެ.

ކެމީލާގެ ފޯނު ފެނުނީ ކޮޓަރީގެ ވަތްގަނޑަކުންނެވެ. އެފޯނު އެތަނަށް ލެވުނު ހަނދާންވީ މާފަހުންނެވެ. ނޯޔާއާއިމެދު ޝައްކުކުރެވުނީތީ ދެރަވިއެވެ.

ކެމީލާ ފެންޑާއަށް ނުކުމެފާ ފޯނަށް އައިސްފާ ހުރި މެސެޖްތައް ކިޔާލިއެވެ. ކައިޒާންގެ އެތައް މިސްކޯލެއް ހުއްޓެވެ. ގާތްގަނޑަކަށް ފަންސާހަކަށް ކޯލެވެ. އެތައް މެސެޖްތަކެވެ. ހަނދާންވާ ވާހަކައެވެ. ޖަވާބުނުދޭތީ އެކަމާއި ދެރަވެފައެވެ. ޝަކުވާތަކެވެ. އެކިކަހަލަ ލޯބިން ފުރިގެންވާ ކުރު ކުރު ޓެކްސްޓްތަކެވެ. އެކަނިއިނދެވެސް ހިނިތުންވެލެވުނެވެ. ލޯތްބަކީ މިއީއެވެ. ކައިޒާންއަކީ އޭނަ ދިރިއުޅުމެއް ފަށަން އެންމެ ހިތްއެދޭ އިންސާނާއެވެ. އެންމެ ބޭނުންވާ ސިފަތައް ހުރި ބައިވެރިޔާއެވެ. ލޯތްބަކީ އޭނަގެ ހިތުގައި މިވާ އިހުސާސްތައްކަމަށް ވާނަމަ އޭނައަށް ކައިޒާންދެކެ ލޯބިވެވިއްޖެއެވެ. ކުއްލިއަކަށް ފަހަތުން ނާޔަލް އައިގޮތަށް ފޯނުޖަހައިގަތެވެ. އޭގެ ސްކްރީންގައި ހުރީ ޖޫލްގެ ފޮޓޯއެކެވެ. ރީނދޫކުލައިގެ ލީފް ރޭކްއެއް ހިފާލައިގެން ހިނިތުންވެލައިގެން ހުރިއިރު ނިކަން ލޯތްބެވެ. ފިޔާތޮށިކުލައިގެ ޖިންސަކާއި ހުދު ސްވެޓަރެކެވެ.

"އެހެން މީހުންގެ ދަރިން ޕްރޮފައިލްއަށް ލައިގެން ގެންގުޅޭކަށް ނުޖެހޭ. ހިނގާ ދަރިއަކު ހޯދަން. އޭރުން މަންމައަކަށްވެދާނެ..............." ނާޔަލް އެއް މިޔަކަނުން ހީލިއެވެ.

"ބޭނުމެއްނޫނޭ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ" ކެމީލާ ކަޅި އަޅައިލިއެވެ.

"ތީ ކުޑަކުއްޖެއްނޫނެއްނު. ކިތައް އަހަރުވީ؟ " ނާޔަލް ފޯނު ދިއްކޮށްލިއެވެ. ކެމީލާ ފޯނު އަތުލަން އުޅުމުން ނާޔަލް އަތް ދުރަށް ގެންދިޔައެވެ. އެފަދަ ކުދިކުދި ގޯނާތަކާއި އުދަގޫތަކުން ސަލާމަތްނުވެވިގެން ދުޢާކޮށްކޮށް ހުއްޓާ ނަސީބު އެހީވިއެވެ. އެންމެފަހުން ހޮސްޓެލްއާއި ހަމަޔަށް ގެންގޮސްދިނުމުން ކެމީލާ އެތެރެއަށް ވަންއިރު އަޒުމް ކަނޑައެޅީ ނޯޔާއާއިއެކުވެސް އެއްވެސް ތާކަށް ނުދިޔުމަށެވެ. ނަމަވެސް އޭނަ ނޯޔާއަށް ގުޅިއެވެ. ނޯޔާގެ ހާލު އޮޅުން ފިލުވިއެވެ. ނޯޔާ ބޮލުގައި ބެންޑޭޖް އޮޅާލާފައި ހުރި ފޮޓޯއެއް ފޮނުވިއެވެ. ކޮލެޖްކުދިންނާއެކު ދާތާކަށް ދިޔުން އެއީ އެހެން ވާހަކައެކެވެ. ކޮލެޖްތެރޭ އޭރު އެންމެ ފޯރިއާއިއެކު އޮތީ ހެލޮވީނަށް ތައްޔާރުވުމެވެ. އެމެރިކާގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ ހެލޮވީން ފެސްޓިވަލްއަށްޓަކާ ތައްޔާރީތައް ވާއިރު ކެމީލާ އެހުރިހާކަމަކާއި ވަކިވެ ކިޔެވުމާއިގެން މަޝްޣޫލްވެ އުޅުނެވެ. ދޭތެރެއަކުން ކައިޒާން ގުޅާލުމުން ވާހަކަދައްކައެވެ. ޗެޓްކޮށްލެވެއެވެ. ނާޔަލް ފޮނުވާ މެސެޖްތަކަށް ޖަވާބުދޭހިތެއްވެސް ނުވެއެވެ.

އަށާވީސް އޮކްޓޫބަރު ދުވަހު ކައިޒާންމެން ގެއަށް ކެމީލާ ދިޔައީ ކޮލެޖް ބަންދުވުމުންނެވެ. އޭނަ ހުރީ ގެއަށް ދެވޭ ދުވަހަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކޮށްކޮށެވެ. ކައިޒާން ދެކޭހިތުންނެވެ. ހިތަށް ކެތްވީއެއް ނޫނެވެ. ކައިޒާންއާއިއެކު ނަގާފައި ހުރި ސެލްފީތައް ބެލުނު އަދަދެއްނޭނގެއެވެ. ހަމަ ލޮލުން ދެކެލާހިތްވީއެވެ. އެގުޅުން ކައިވެންޏަކާއި ހަމަޔަށް ނުގެންދެވެންވީ ސަބަބެއް ނެތެވެ. ޖޫލްގެ ދޮންމަންމައަކަށްވާން ޖެހުނަސް ފަރުވާލެއްނެތެވެ. މިހާ ވަރުގަދަ އިހުސާސްތައް ހިތުގައި އުފެދި ލޯބިވުމަށްފަހު ލޯބިވެރިޔާ ހާސިލުކުރަން މަސައްކަތްކުރުމަށް އަމިއްލަ އެދުން ބޮޑުމީހެކޭ ކިޔާނެހެއްޔެވެ. ޖޫލްގެ މަންމައާއި ކައިޒާންގެ ގުޅުމުގައި މައްސަލަތަކެއް ނެތްނަމަ ކައިޒާން އޭނައާއި އެގޮތަށް ވާހަކަދައްކަންވީ ސަބަބެއްނެތެވެ. ނާޔަލްއާއި ކައިޒާންވެސް ވަނީ އޭނައާއި ރުހޭކަން ހާމަކަން ހާމަކޮށްފައެވެ. ޔަގީނުންވެސް އޭނަގެ ހޮވުމަކީ ކައިޒާންއެވެ.

ކެމީލާ ޕަމްޕްކިން ސްޕައިސް ލާޓޭގެ ދެވަނަ ތަށި ހިފައިގެން އައިސް ގަސްތަކުގެ ތެރޭހުރި އުދޯއްޔެއްގައި ޖައްސާލައިފިއެވެ. ގުދުރަތީ ރީތި މަންޒަރުތަކުން ހިތް އުފާލިބިގަންނަމުން ދިޔައެވެ. ނިއުޔޯކްގެ ޚަރީފު މޫސުމަށް އޭނަވަނީ ދެވިހިފާފައެވެ. ބަލާ ބަލާ ފޫހިނުވެއެވެ. ފަތްތައް ގަހާއި ވަކިވެގެން ވައިގެ ތެރޭ މަޑުމަޑުން ހޫރެމުންގޮސް ބިންމަތީގައިވާ އެހެން ފަތްތަކާއިއެކުވާއިރު ބައެއްފަހަރު ދެރަވެސްވެއެވެ. ފަތްތަކުގެ އުމުރު ހާދަ ކުރޭ ހިތަށް އަރައެވެ. އެވެސް ދުނިޔޭގެ އުސޫލެވެ. މިގަސްތަކުން އާ ފަތްތައް ފަޅާ ބަހާރުވެސް އަންނާނެއެވެ. ނަމަވެސް ކޮންފަދަ ރީތި ކުލަތަކެއް ހެއްޔެވެ. ވިއްސާރަދުނީގެ ހުރިހާ ކުލައެއް ގަސްތަކުގެ ފަތްތަކަށްވެސް ޖަމާވެފައިވާ ފަދައެވެ. ފޯނު މެމޮރީ ކާޑު ފުރޭހާ ގިނައިން ފޮޓޯތައް ނެގިއްޖެއެވެ. އަދިވެސް ހިތެއް ނުފުރެއެވެ. ތަށި އެއްކޮށް ހުސްކޮށްލާފައި އޭނަ އުނދޯލި ހެއްލަންފެށިއެވެ. ފިނި ވައިރޯޅިތައް މޫނުގައި ބޮސްދިނުމުން ފިނީގެ އިހުސާސްބޮޑުވިއެވެ. ކެމީލާގެ ހަނދާނަށް އައީ ކައިޒާންއެވެ. ކައިޒާންގެ ރީތި ކަމެވެ. މަޑުމައިތިރި ކަމެވެ. އެ ރީތި ހިނިތުންވުމެވެ. އަޅި ފެހި ދެލޮލުގެ ޖާދޫއެވެ.

ޒުވާން އަންހެންކުއްޖަކަށްވުމުން ކައިވެނީގެ ހުވަފެންތައް މިހާރު ދެކެވެއެވެ. އިންތިޒާރުކުރެވެއެވެ. ހަމައެކަނި ކައިޒާންއާއެކުގައެވެ. ގަސްތަކުގެ ތެރޭ އަތު ގުޅުވާލައިގެން ހިނގާލަން ދިޔުމާއި ތަރިތަކަށް ބަލަން ޕޯޗުގައި ތިބުންވެސް ހުވަފެނީވާނެއެވެ. ޚަރީފުމޫސުމްގެ ފިނި ރޭތަކުގައި އަލިފާން އަންދާލައިގެން ވާހަކަދައްކާލަން ތިއްބަސް ކޮންފަދަ އުފާވެރިހެއްޔެވެ. ޚިޔާލުތަކުން ސިއްސުވައިލީ ފަހަތުން އައިގޮތަށް ކޮންމެވެސް މީހަކު ބާރަށް ޖޯލި ހެއްލާލުމުންނެވެ. ވައިގެ ތެރެއަށް ޖޯލި އަރައިގެން ދާނެ އެންމެ މައްޗަށް އެރުވިއެވެ. ކެމީލާ ބިރުން ވަލުގައި ބާރަށް ހިފަހައްޓާލައިގެން އިނދެ ކާކުހެއްޔޭ ކިޔާފައި ހަޅޭއްލެވިއެވެ. ފުންމާލަން ހިތަށް އަރާފައިވެސް އެކަމެއް ނުކުރެވުނެވެ. ޖޯލި މަޑުޖެހުނުއިރު ކެމީލާގެ ހިތުގެ ތެޅުންވެސް ހަމަޔަކަށް އެޅިއްޖެއެވެ. އެނބުރި ބަލައިލިއިރު ޖޯލީގެ ފުރަގަހުގައި ހަށަން ބަދެލައިގެން ހުރި ޒުވާނާ ފެނުމާއިއެކު ކެމީލާއަށް ބޭ އިޚުތިޔާރުގައި ހަޅޭއްލަވައިގަނެވިއްޖެއެވެ.

ކޮމެންޓް 0