"ކޯންޗެއް ތި ބަލަނީ؟ " އާރިޒް ސީދާ ޖަރުމަން ބަހުން ސުވާލުކުރުމުން ފްލޯރާ ދެލޯ ބޮޑުވިއެވެ.

"ކޮފީއެއް ހަދާދީ..." އާރިޒް ހަށަން ބަދެލައިގެން ހުރިއިރު ބޮޑާކަމާއި ޖެހިލުންކުޑަކަން ފާޅުވާން ހުއްޓެވެ. ފްލޯރާ އެތެރެއަށްވަނީ ކޮފީ ހަދަން މަގެއް ނަގާށެވެ. މީހެއްގެ ފިޔަވަޅުގެ އަޑު ކައިރިވަމުން އައިސް ކާކޮޓަރިއާއި އަރާހަމަވީކަން އާރިޒްއަށް އެނގުނެވެ. އޭނަ އެނބުރި ބަލައިލީ ނިކަން ހަމަޖެހިލާފައި ހުރެއެވެ. އެއާއެކު ދެންވީ ޚުދު އޭނަވެސް ހިތަށް ނާރާފަދަ ގޮތެކެވެ.

އޭނައާއި ކުރިމަތިލާން އައީ އިސްކޮޅުން ފަސްފޫޓް ހަމަނުވާ ކުޑަކުއްޖެކެވެ. ސްޕޯޓްސް ހުދު ހެދުމެއްގައި ފަން އިސްތަށިކޮޅު މައްޗަށް އޮމާންކޮށް އައްސާލާފައިވާއިރު ހަށިގަނޑުގެ ބައްޓަން ރީތިކަމުން ކަސްރަތުކުރާ ކުއްޖެއްކަން ފެންނަ ކޮންމެ މީހަކަށް އެނގޭނެއެވެ. އެކުއްޖާ ބަލާކަށް ނުހުރެ އޭނަގެ ބޮލުގައި ޓެނިސް ރެކެޓަކުން ދެތިން އެތިފަހަރު ޖެހީ އަތަށް ލެވުނުހާ ބާރެއްލާފައެވެ. އަދި އަޑުކޮޅަށް ވަގެކޭ ކިޔާފައި ހަޅޭއްލަވައިގެންފާ އާރިޒްގެ މެދުހަށީގައި ބައްދައިގެންފިއެވެ. ކުޑައެއް ކަމަކު ޖެހިލުންވުމެއް ނެތެވެ.

ސިއެނާގެ ހަޅޭކުގެ އަޑަށް ފްލޯރާ ދުވެފައި ނުކުތެވެ. ބަލްސަމްއާއި އާޔާވެސް ދުވަމުން އެތަނަށް އައިއިރު އަދި ސިއެނާ އޮޅުލައިގެން މިއުޅެނީ އާރިޒްއާއެވެ.

"ސިއެނާ. ހަމަޖެހިބަލަ. މަންމައަށް އަދި އާރިޒްގެ ވާހަކަ ނުބުނެވި އޮތީއޭ. މިއީ ވަގެއްނޫނޭ. ޕައިލެޓްކަން ކިޔަވަން މިކޮޅަށް އައިސްގެން އުޅޭ ކުއްޖެއް......"ބަލްސަމް ސިއެނާ އާރިޒް ގަޔާއި ވަކިކުރުވިއެވެ. ސިއެނާ ފަރުވާތެރިކަމާއެކު މި ޒުވާނާގެ މޫނަށް ބަލައިލިއެވެ. މި ފިރިހެންކުއްޖާގެ މޫނަށް ވެފައި މިހިރީ ކީއްބާވައޭ ހިތަށް އަރާފައިވެސް ހިތުގައި ޖެހިދާނެތީ އެ ސުވާލެއް ނުކުރިއެވެ. މާމަ ބުނަނީ އެކި އިންސާނުން އެކި ކުލައިގާ އެކި ސޫރައިގާ ފޮނުއްވުމުގެ ހިކުމަތެއްވާނެ ކަމުގައެވެ.

"އޯ...........އަހަންނަށް ވަރަށް ބާރަށޭ ރެކެޓުން ޖެހެވުނީ. ތަދެއްނުވޭތަ. ހާދަ ބާރަކަށޭ ޖެހުނީ. ސޮރީ..........................." ސިއެނާ ކޮންމެވެސް ވަރަކަށް ހަމްދަރުދީވިކަހަލައެވެ.

"ތަދެއްނުވޭ.." އާރިޒް ބުނެލިއެވެ.

"އެކަމަކު............" ސިއެނާގެ ލޯ ބޮޑުކޮށްލައިފިއެވެ. އާރިޒް އަވަހަށް އެތަނުން ދާން ބޭނުންވެފައިވާ ކަހަލައެވެ. އާޔާއާއި އަރާ ހަމަވެފައި ކަޅިއަޅައިލިތަން ފެނުމުން އާޔާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ގެންގުޅޭ ޚާދިމެއްގެ މިހިރަ ހިތްވަރެކެވެ. ފަހަތުން ދާންފެށީ އާރިޒްއާއި އެކަނި ހުރެ ކުރިމަތިލުމަށެވެ. އޭނަގެ ފެންވަރު އަންގާދިނުމަށެވެ. ނަސީބަކުން ބަލްސަމްއާއި ސިއެނާ ވާހަކައެއް ދައްކަމުން ސިޑިން އަރައިގެން މައްޗަށް ގޮސް ލޯމަތިން ގެއްލުނެވެ. ސިއެނާ ޝަކުވާކުރަމުން ދިޔައީ ގޭގައި މެހުމާނެއް ހުރިއިރު މަންމަ ނުބުނެ ހުރީމައެވެ.

"ކީއްވެ އެގޮތަށް ލޯ އެޅީ. ކީއްވެހޭ........." އާޔާ ފަހަތުންގޮސް އާރިޒް ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމައިގަތެވެ. އާރިޒް އެނބުރުމާއިއެކު އަދި މޭގައި އަތްއަޅާ ކޮށްޕާލީ ލޯ އަޅައިލަމުންނެވެ.

"އަދި މަށަށް ކަޅި އަޅާފައި އެކަމުގެ އަދަބު ނުލިބޭނެކަމަށް ހީކުރީ. ޑެވިލް........ " އާޔާ ދަތްތަކަށް ބާރުލާފައި ކިޔައިލިއެވެ.

"ކިހިނެއް އަދަބު ދޭނީ. ކީއްކުރާނީ........... " އާރިޒްގެ ލޮލުގެ ކަޅިން އަލިފާން ބުރައިލިހެން ހީވުމާއިއެކު އޭނައާއި ދިމާލަށް އަންނާން ފެށުމުން އާޔާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ޓެނިސް ރެކެޓުން ބޮލުގައި ވިހެލީމަ މި އާރިޒްއަށް ކަމެއްނުވިކަމަށް ސިއެނާ ބުނިކަން ހަދާންވިއެވެ.

" ތި ކުޑަކުއްޖާއަށް މަށަށް ކުރެވޭނެ ކަމެއް ކޮށްފައި ދައްކަބަލަ. އެއްކަމެއްވެސް ނުކުރެވޭނެ އިނގޭ. ތިހެން ބޮޑާ ހާކަން ދަތްތައް ގޭނުން ނޫންކަމެއް ނުކުރެވޭނެ. މިގެއިން ނުވެސް ދާނަން. މިގޭގައި އަހަރެން ހުންނާނީ. ބުނެފާނަން ހަގީގަތް. އާޔަ. އަޑުއަހާ. އަހަންނަކީ އަލާން. އާރިޒްއެއް ނޫން. އާޔާ ބުނާގޮތަށް ހަދަންޏާ އަހަރެން ގެއްލުމެއް ނުދޭނަން. އެކަމަކު އާޔާ ކިރިޔާ ކަތި ފިޔަވަޅެއް އެޅިޔަސް އާޔާ ލޯބިވާ އެންމެން ނައްތާލާ މޮޔަކޮށްލުމުގެ ބާރުވެސް އެބަހުރި....." އާރިޒްގެ އަޑުގައި ހުރި ބަރުކަން އެތާ ގުގުމައިގެންދާ ގޮތާއި ހިނގާގޮތް އަދި ކަޅުދެލިކޮޅެއްފަދަ މޫނުން ކަޅިވިދާގޮތުން އޭނަ އެދެއްކި ވާހަކައިގާ ވި ތެދު ސާބިތުކޮށްދިނެވެ.

ގަދަކޮށްލާފައި އާރިޒްގެ ފަހަތުން އައި އާޔާއަށް އެބަސްތައް އިވުމުން ބިރުން ފިތްކަނޑައިގެންވާ ވަރުވިއެވެ. އޭނަ ރޫރޫއަޅަން ފެށިއެވެ. ހަތަރެސްފައި ފިނިވެ ގަނޑުފެންގަނޑެއް ފަދައެވެ. ހަމައެއް ލަމައެއް ނެތި ހިތް ތެޅެނީއެވެ. މޫނަށް އަނދިރިވާން އުޅެފައިވެސް ހަމަޔަކަށް އެޅުނެވެ. އެއާއިއެކު ދެލޮލުގައި ކަރުނަ ބޮނޑިވެއްޖެއެވެ.

"ގޮސް ބުނޭ އާރިޒް ފޮނުވާލައިގެން ނުވާނެއޭ." އޭނަ އިންޒާރެއްދިނެވެ.

އާޔާ ބިރުން ހުރެވެސް ވިސްނައިލިއެވެ. ކޮން އަލާންއެއް ހެއްޔެވެ. އަލާންއޭ ކިޔައިގެން ވާހަކަދެއްކުމުން އޭނައަށް ވިސްނުނީ އާރިޒްގެ ހަށިގަނޑަށް އެހެން ޖިންނިއެއް ބާރު ފޯރުވާފައިވާކަމެވެ. ޖިންނި އަވަލާފައޭ ބުނަނީ މިގޮތަށް ވީމަކަމަށް ވެދާނެއެވެ.

އާޔާ ދާންވެގެން ފައި ނެގިއެވެ. ފައި އައްސިވެ ޖެލީކޮޅެއްފަދަ ވެފައި ވުމުން ފިޔަވަޅެއް އެޅުމަށްވެސް ނުކުޅެދުނެވެ. ބިރުންގޮސް ހިތް ފަޅައިގެންދާވަރުވިއެވެ. ހަމައެއް ލަމައެއްނެތި ތެޅެމުންދިޔަ ހިތް ހަމަޔަކަށް އެޅުވުމަށްޓަކާ ފުންނޭވާއެއްވެސް ލިއެވެ. ނަސީބަކުން އާރިޒް ފަހަތަކުން ނައެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސްވަނީ މާމަގެ ކޮޓަރިއަށެވެ. މާމަ ތަސްބީހަ ގުނަން އެނދުގައި އިންތަން ފެނިގެންގޮސް އުނގުގައި ބޯއަޅައިލެވިއްޖެއެވެ.

"ކިހިނެއްވީ އާޔާ؟ "

"ނޭގޭ. ހިތް ބިރުގަންނަނީ ހަމަ. މާމަ ދުއާއެއް ދަސްކޮށް ދެއްވަފާނަންތަ؟ ޖިންނިންގެ ފަރާތުން ރައްކާތެރިވާނެފަދަ ދުޢާއެއް........" އާޔާގެ ބޮލުގައި މާމަގެ އޯގާތެރި އަތުން ފިރުމަމުން ދާއިރު ލިބޭ އަރާމަކުން ލޯ މަރާލެވޭގޮތްވިއެވެ. އެހެންއޮތްއިރުވެސް ލޯ މައްޗަށް ފެންނަނީ އާރިޒްގެ ބިރުވެރި ސޫރައެވެ. ދިއްލިގެން ދިޔަ ލޮލެވެ. އެކަން މިގޭގައި އުޅޭ އެހެންމީހަކަށް އެނގެނީއެއް ނޫނެވެ. އެހެން މީހެއްގެ ކައިރީ މި ބިރުވެރި ސިއްރު ބުނެފިއްޔާ އާރިޒްއާއި އަވަލާފައި ހުރި ޖިންނި ރުޅިގަދަވެގެން ކޮށްފާނެ ކަމަކާއިމެދު ބިރުނުގަންނަހާ އާޔާ ކުޑައެއް ނޫނެވެ. ނަމަވެސް މިއީ ސިއްރުކުރަންވީ ވަރުގެ އާދައިގެ ހާދިސާއެއް ނޫނެވެ. ގާތިލަކަށް ނޫނީ ޓެރަރިސްޓަކަށް އާރިޒްވި ނަމަވެސް މިއަށްވުރެ ރަގަޅެވެ. ނުރައްކާތެރިވިޔަސް އިންސާނުންތާއެވެ. ނަމަވެސް ޖިންނި އަވަލުމުން މާ ބޮޑަށް ނުރައްކާތެރިއެވެ. އެހެން ހިތަށް އެރުމުން ގައިން ހީބިހި ނަގައިފިއެވެ.

 

އާޔާ ގަތްބިރުން އުޅުނީ ސިއެނާގެ ހިޔަނިހެން ފަހަތުގައެވެ. އެންމެ ސިކުންތުކޮޅަކަށްވެސް އެކަނި ހުރުމަށް އޭނަ އުޒުރުވެރިވިއެވެ. ނިދަންވެސް އެރޭ އޮތީ ސިއެނާގެ ކޮޓަރީގައެވެ. ނަސީބަކުން އާރިޒްއަށް ފިލައިގެން ސައުވީސްގަޑިއިރު ހޭދަކުރެވުނެވެ. އާޔާ އެހާ ވިސްނައިގެން އުޅުމުން އާރިޒްގެ ކުރިމައްޗަށް ދާން ނުޖެހުނީއެވެ. އެރޭ ނިދަން އަރާފައި ސިއެނާ ކޮންމެވެސް ވަރަކަށް އާރިޒްގެ ވާހަކަދެއްކިއެވެ. އޭނަ ވަގެއްކަމަށް ހީކޮށް ތަޅައިގަތީ ވަގެއް ނޫންކަން އެނގުމުން އެކަން ސިއެނާއަށް މަޖާ ތަޖުރިބާއަކަށްވިއެވެ.

އާޔާ ފުރަތަމަ ފަހަރަށް ގުރުއާން އެޕެއް ފޯނަށް އެޅިއެވެ. އިރުއޮއްސުމާއިއެކު އޭނަގެ ހިތުގައި ބިރުވެރިކަން އިތުރުވެ ފޯނުން ގުރުއާން ޖެއްސިއެވެ. ސިއެނާ އެނދުގައި ބަންޑުން އޮށޯވެލައިގެން ދެފައި ހަލުވާލަ ހަލުވާލާއޮތްއިރު އެކުއްޖާގެ އެއްވެސް ފިކުރެއް ޚިޔާލެއްނެތްފަދައެވެ.

"އާޔާ. ތިއީ ކޮންކަމެއް؟ " ސިއެނާ ސުވާލުކުރިއެވެ.

"ގުރުއާން އަޑު އަހަނީނު...." އަޔާ އިނީ އިށީދެލައިގެންނެވެ.

"އެނގޭ. އެކަމަކު ހެޑްފޯނު ޔޫޒް ނުކުރަނީ ކީއްވެ؟ މަންމަ ކުރިން ވަރަށް ކިޔާނެ. ކޮންމެވެސް ގެއަކަށް ވަދެފައި ގުރުއާން ޖަހާފައި ހުރީމަ މަންމަ ބިރުގަތީޔޯ. ހީވީ މީހަކު މަރުވެގެން އުޅެނީހެންނޭ. ސީރިޔަސްކޮށް މަންމަ އެހެން ކިޔާތީ ބައެއް ގާރީން ކިޔަވާގޮތުން އެކަހަލަ ފީލް އެއްވޭ." ސިއެނާގެ ވާހަކައާއި އާޔާ ވަގުތުން ދެކޮޅުހެދިއެވެ.

"ގުރުއާން އަޑުއެހީމަ އެލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ލަވައެއް އަހާލައިގެނެއްވެސް ނުލިބޭނެކަމަށްވަނީ. އެކަމަކު ގުރުއާން ޖެހީމަ ބިރުން ފިލަން ދުވާނީ ވަރަށް ބަދުނަސީބު ބަޔެއް. އީމާންތެރިކަން ވަރުގަދަވީމަ ގުރުއާނުން ލިބޭނީ ހަމައެކަނި ހިތްހަމަޖެހުން. މަންމަ އަދި އެ ލެވެލްއަށް ނުދަނީ ކަމަށްވާނީ. ސިންއަށް އެނގޭތަ؟ އައިމް ތިންކިން އޮފް ލާނިން އެރެބިކް. އޭގެފަހުން އިސްލާމިކް ސްޓަޑީޒްއިން ޑިގްރީހަދާނީ...." އާޔާގެ ޖުމްލައިން ސިއެނާ ހޭންފެށިއެވެ.

"ކުރިން ބުނަމެއްނު ޑޮކްޓަރަކަށޭ ވާނީ......." ސިއެނާ އެއް ބުމަ އަރުވައިލިއެވެ.

ކުޑަދޮރަށް ހިޔަންޏެއް އެޅުނުހެން ހީވެފައި އާޔާ ސިއްސައިގެންގޮސްފާ ސިއެނާގެ ގައިގާ ހިފައިގަތްގޮތަށް ސިއެނާ ނޭވާހާސްވެގެން ތެޅިގަތެވެ.

"އާޔާ އަހަރެންގެ ކަރުގައޭ ތި ހިފަނީ...." ސިއެނާ އާޔާގެ އަތް ނައްޓުވަން އުޅެގަތެވެ.

"ކީއްވެ ތިހާ ބިރުން އުޅެނީ؟ ކޯންޗެއް އެތަނުން ފެނުނީ؟ "ސިއެނާވެސް ކުޑަދޮރަށް ނަޒަރު ހުއްޓާލިއިރު ބިއްލޫރިދޮރުތަކުން ފެންނަން ހުރީ ގަސްތަކުގެ ގޮފިތަކުގެ ހިޔަންޏެވެ.

"މީހަކު އެހެން ދިޔަހެން ހީވީ..."

"ފްލޯރާކަމަށް ވެދާނެއްނު.. އާޔާ އުޅޭގޮތުން އައިމް ފްރީކިން އައުޓް........." ސިއެނާ އޮތީ ލޯ ބޮޑުކޮށްލައިގެންނެވެ. އާޔާ އުޅޭގޮތުން މީހަކު ބިރުން ހަލާކުނުވާ ވަރެއް ނޫނެވެ. އާޔާ ކުރިން މިހެނެއް ނޫޅެއެވެ.

"ނައިޓްމެއާސް ފެންނަވަރުން ހިތް ވިރޭވަރު ވޭވިއްޔަ. އޭ އަދި އެއެއް ނޫނޭ ޒިއުރިކްގަ ސްވީޓް ފެސްޓިވަލް އެއް އެބައޮތެއްނު. މީރު މީރު ފޮނިކާ އެއްޗެހި ހުންނާނެ. ދާންވާނެ ދޯ........." އާޔާ މައުޟޫ ބަދަލުކޮށްލައިފިއެވެ. ސިއެނާ އަނގަގަދަކަމުން ގޮސް އޭނަގެ މަންމަ ކައިރީ ބުނާ އެއްޗަކުން ބޮޑު މައްސަލަގަނޑެއް ހިލިދާނެއެވެ. ވީއިރު ޖިންނީންނާއި ހަގުރާމަކުރަން ސިއެނާ ބައިވެރިއަކަށް ހެދުމަކީ ކުރެވޭނެ މޮޔަކަމަކަށް ނޫނީ ނުވާނެއެވެ.

ފެންޖަގު ހުސްވެފައި ހުރުމުން އާރިޒް ކާކޮޓަރިއަށް ދާން ނުކުތެވެ. އާޔާ އާއި ސިއެނާ ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. އޭނައާއި އާޔާގެ ހަތަރުކަޅި ހަމަވިވަގުތު އާޔާގެ ލޮލަށް ވެރިވެގެން ދިޔަ ސިހުން އާރިޒްއަށް ރީތިކޮށް ފެނުނެވެ. އެއާއިއެކު ތެޅިފޮޅިގެންފާ ސިއެނާގެ އަތުގައި ހިފާ ދަމާ ކޫއްތަމުން އައިކޮޅަށް މައްޗަށް އަރަންފެށުމުން ސިއެނާވެސް ކިހިނެއްވީ ހެއްޔޭ ކިޔާފައި ސުވާލުފަތްޗެއް އަމުނައިލި އަޑު އިވުނެވެ.

އަޖައިބެކެވެ. އާޔާ އޭނަދެކެ ބިރުން އުޅެނީ ކޮންކަމަކާ ހެއްޔެވެ؟

ފުރުގާންއާއި ބަލްސަމް ކާކޮޓަރިތެރެއަށް ވަދެފައި އާރިޒް ފެނުމުން ދެމީހުން ދައްކަމުން އައި ވާހަކަ މެދުކަނޑައިލިކަން ފާހަގަކުރެވުނެވެ.

"ޓިކެޓް ލިބިއްޖެތޯ؟ " އާރިޒް އަހައިލިއެވެ.

"އާޔާ ބޭނުމެއްނުވޭ އަދި އާރިޒް ފޮނުވާލާކަށް.."

"އާޔާގެ އިންސާނިއްޔަތުކަން ހުރޭ. މޫނުގައި ހުރި ލަފުގެ ސަބަބުން ކުޑައިރު ބުލީ ކޮށްފައި ހުރީމަ މެންޓަލް ކަމެއް ހުރީކަމަށް އާޔާވެސް ގަބޫލުކުރޭ. އަދި އާޔާ ބުނީ އެކުއްޖާއަށް ބައްޕަ ޓްރީޓްކޮށްދެއްވާށޭ. ސިއެނާ ބުނީ އާރިޒްގެ ބޮލުގައި ޓެނިސް ރެކެޓަކުން ޖެހީމަވެސް އަނިޔާއެއް ނުވިކަމަށް. އާޔާއަށްވެސް އެނގޭނެ މެންޓަލް މައްސަލަ ހުރީމަ އެމީހަކު ބައެއްފަހަރު އާދައިގެ އިންސާނުންނަށްވުރެ އެތައް ގުނަ ބާރުގަދަވެ ކަރުބުޑުން އަޑުލައްވާ ހަދާކަން. އެގޮތަށްވީމަ އިހު މީހުން ކިޔާނެ ޖިންނި އަވަލީއޭ. އެހެނެއްނޫން. އެއީ ނަފްސާނީ ބައްޔެއް. އެކަމަށް ބޭސްކެއީމަ ކޮންޓްރޯލްވާނެ. ޑޮކްޓަރ ފުރުގާން ލައްވާ ޓްރީޓްކުރުވަންވީނު. އޭގެފަހުން ރަށަށް ދާނީ އެކަމަކު އާޔާމެންނާއި ދުރުން އުޅޭތި................................." ބަލްސަމް މެޝިނުން ކޮފީތަށްޓެއް އަޅާފައި ފުރުގާންއަށް ދިއްކޮށްލިއެވެ.

އާރިޒް ކުޑަކޮށް ބޯ ޖަހައިލިއެވެ.

ބަލްސަމް ލޮލުގެ އިޝާރާތުން އެންގީ އެތަނުން ނުކުތުމަށެވެ.

ޒިއުރިކް ފެސްޓިވަލްތައް ކިތަންމެހާވެސް ޝައުގުވެރިއެވެ. މިއުޒިކް ފެސްޓިވަލް ސްޓްރީޓް ޕެރޭޑްފަދަ ފެސްޓިވަލް ތަކުގެ ތެރެއިން މިފަހަރު އޮތީ ސްވީޓް ފެސްޓިވަލްއެވެ. މިއުޒިކްފަދަ މުނިފޫހިފިލުވާ ޕްރޮގްރާމްތައް އޮވެފައި ގުނާ އަދަދުނުކުރެވޭވަރަށް އެކިބާވަތްބާވަތުގެ ޗޮކްލެޓާއި ފޮނި ކާއެއްޗެހިތަކުން ސްޓޭންޑްތައް ފުރިފައެވެ. ގެއަށް ގެނައި ފޮނި އެއްޗެހިން ސިއެނާ އާރިޒްއަށް ގެންގޮސްދިނެވެ. ޗޮކްލެޓްތަކާއި ކެންޑީ އެޕްލްވެސް ދިނެވެ. އާރިޒް ފެނުނީއްސުރެ ސިއެނާގެ ހިތުގައި އާރިޒްއަށްޓަކާ ކޮންމެވެސް ކަހަލަ ހަމްދަރުދީއެއް އުފެދުނެވެ. އެއްބަނޑު ބޭބެކަން ނޭގިވެސް ސިއެނާގެ ހިތުން މަގާމެއްދެވިއްޖެއެވެ.

ބަރަކާތްތެރި ރަމަޟާންމަހާއި މުސްލިމުން ކުރިމަތިލީ މި މަހުގެ ބޭނުން އެންމެ ރަގަޅަށް ހިފަން ނިންމައިގެންނެވެ. ސްވިޒަލެންޑް މުސްލިމް ގައުމަކަށްނުވިޔަސް ނޫރިއާގެ ގޭތެރޭގައި އިސްލާމްދީނުގެ ނޫރު އޭގެ ފުރިހަމަގޮތުގައި ދިއްލާފައި ބަހައްޓަން ނޫރިއާ އެންމެ ކުރީއްސުރެ ސަމާލުކަމެއް ދެއެވެ. އެގެއަށް ޒިޔާރަތްކުރި ކޮންމެ މީހަކަށް ދީނީ ތަސައްވަރު ކުރެވޭހާ ގިނައިން ދީނީ ފްރޭމްތަކާއި ޕޯސްޓަރުތަކުން ފާރު ފަޅުފިލުވުމުގެ އިތުރުން ރަމަޟާންމަހަށް ވަކިން ބޮޑަށް އެގޭގެ ދިރުން އިތުރުކުރުވާފައިވަނީ ގިނައިރު އިވޭ މާތް ﷲގެ ކަލާމްފުޅުގެ އަޑެވެ. ނޫނީ ހަރަމްފުޅުގައި ނަމާދުކުރާ އަޑެވެ. އެއަޑުތަކުން ދީނާއި ބީރައްޓެހި ބަލްސަމްފަދަ މީހުންނަށް އުދަގޫވިޔަސް އާޔާއަށް ލިބޭ ހިތްހަމަޖެހުން އިތުރުވިއެވެ. އިރުއޮއްސި އަނދިރިވުމަށްފަހު އާޔާގެ ވަޒީފާއަކަށްވެފައި އޮންނަނީ ގުރުއާންގެ އަޑު އެގެއިން ނުކެނޑި ގުރުއާން ޖެހުމެވެ. އެންމެ ބޮޑު މަގުސަދަކީ އެ ސަރަހައްދުން ޖިންނިން ފައްސާލުމެވެ.

ގޭގެ އެއްފަރާތުގައި ހެދިފައިވާ ސަތޭކަވަރަކަށް ފޫޓް އުސް ވޯލްނަޓް ގަހަކީ ދުވަސްވެފައިވާ ގަހެކެވެ. ހޫނު މޫސުންފެށުނުއިރު އެގަހުގައި މާ އަޅާ ބަރާވެއްޖެއެވެ. ނޫރިއާ ބުނާގޮތުން އެމީހުން އެގޭގައި ދިރިއުޅެން ފެށިއިރުވެސް އެގަސް އެންމެ ފުރިހަމަ ހައިބަތާއެކު ބަގީޗާގައި ރަސްކަންކުރެއެވެ. ހޫނުމޫސުމްގެ ހޫނުން ސަލާމަތްކޮށްދޭ ހިޔާވައްސެކެވެ. ފުރުގާންމެން ކުޑައިރު ހެއްލަން އޭގެ ގޮތްޕެއްގައި އަޅުވާފައިވާ ޓަޔަރު އަދިވެސް އެގޮތުގައެވެ.

އެދުވަހު ރޯދަ ވީއްލުން އޮތީ ބަގީޗާތެރޭގައެވެ. ވޯލްނަޓް ގަހުގެ ހިޔަލުގައި ފެތުރިފައިވާ ފެހިކަން ގަދަ ވިނަގަނޑުމަތީ އެންމެނަށް އިށީދެވޭވަރުގެ މޭޒެއް ބަހައްޓާފައި އުއްބައްތިތައް ދިއްލާލާފައިވިއެވެ. މޭޒުވަށައިގެން އެންމެން އިށީދެލައިގެން ތިބިއިރު ކުރިމަތީގައި އެތުރިފައިވާ ކުޅުދިޔާވާފަދަ ކާއެއްޗެއްސާއި މީރު ބުއިންތަކެވެ. ރޯދަވީއްލުން ލަސްވެގެން ސިއެނާއާއި އާޔާއަށް ކެތްކުރެވެނީއެއް ނޫނެވެ. އާރްޔާ މަތިން ހަދާންވެގެން އެވާހަކަވެސް ދެއްކިއެވެ. ހޫނު މޫސުމްގެ ކޭމްޕްގައި ބައިވެރިވި އާރްޔާ އަދި ދެތިން ދުވަސްތެރޭ އެނބުރި އަންނާނެއެވެ.

އިރުއޮއްސުނީ ނުވައެއް ޖަހާ ބޮޑުވީފަހުންނެވެ. މާމަ އެންގީ ހުރިހާކުދިންވެސް ރޯދަވީއްލާ ދުޢާކިޔުމަށްފަހު ބިސްމި ކިޔާފައި ކަދުރުން ރޯދަ ވީއްލުމަށެވެ. އާޔާވެސް ދެއަތްއުފުލީ ދުޢާކުރުމަށެވެ. އެއާއިއެކު ގަސްތަކުގެ ތެރެއިން އާރިޒް ވަދެގެން އަންނަތަން ފެނުމާއެކު ގައިން ހީބިހި ނެގިއެވެ. ލައިގެން ހުރީ ރަތްކުލައާއި ކަޅުކުލައިން ޑިޒައިންކޮށްފައިވާ ޓީޝާޓަކާއި ނޫ ޖިންސެކެވެ. އޭނައިނީ ކަޅިވެސްޖަހާނުލާ ބަލާށެވެ. އާރިޒް ކައިރިވިވަރަކަށް އާޔާ ލޯ ބޮޑުވެ ހިތްތެޅުން އަވަސްވިއެވެ. އާރިޒް އެހެރީ ރަގަޅު މޫޑެއްގައި ހެއްޔެވެ؟ އަލާން އޭ ކިޔައިގެން އޭނަ ގާތު ވާހަކަދެއްކީ އަނެއްކާ މިކުއްޖާއަކީވެސް މަލްޓިޕްލް ޕާސަނެލިޓީ ޑިސްއޯޑާއެއް ހުރިކުއްޖެއްހެއްޔެވެ؟ ބައްޕައާއި އޭނަ ވާހަކަދެއްކުމުން ބައްޕަވެސް ބުނުއްވީ އެހެންވެސް ވެދާނެކަމުގައެވެ.

ނޫރިއާ އާރިޒްއަށް ދައުވަތު ދިންކަމެއް އެހެންމީހަކަށް އެނގިފައެއް ނެތެވެ.

"އާރިޒް އިށީދޭ..." މާމަ އެދުނެވެ. ކަންދިމާވިގޮތުން އާރިޒް އިށީންނަން ހުސް ތަނަކަށް ހުރީ މޭޒުގެ ކޮޅުގައެވެ. އާޔާއާއި ޖެހިގެންނެވެ. އާޔާގެ އަރުތެރެ ހިކުމުން ތެންމާލަން ޖޫސްތަށްޓެއް ބޯލަން އުޅުނުވަގުތު އަތް ތުރުތުރުލާފައި އެތަށި ބަންޑުންވީ އުނގަށެވެ. އެންމެންގެ ނަޒަރު އާޔާއަށް ހުއްޓުނުއިރު އާޔާގެ މޫނެކޭ ބީޓްރޫޓެއްފަދައެވެ. ހާސްވެގެންނާއި ލަދުންގޮސް އާޔާ ފަކީރުހަލާކުވާ ވަރުވިއެވެ.

"އާޔާ ކްލަމްޒީ ކަމުން އަތުގައި އެއްޗެއް ހަރުނުލާނެ.." ސިއެނާ އެއް ލޯ މަރައިލިއެވެ.

"އާޔާ މާ ބޮޑަށް ރޯދަބަލިވީ ކަމަށްވާނީ..." ބަލްސަމް މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ގެނައެވެ. އާޔާގެ ހާލަތު އެންމެ ރަގަޅަށް އެނގުނު އެކަކީ ބަލްސަމްއެވެ. އާރިޒްދެކެ އާޔާ އެގަންނަ ބިރާއި ކުރާ ނަފްރަތު ބަލްސަމްއަށް ވަންހަނާވެފައެއް ނެތެވެ. ތަށިތައް ވަކިކުރީ އާރިޒްދެކެ ފަކުރުންނެވެ. ދޮންދަރިއަށްވީމަ އަބަދުވެސް ހިތުގައި އާޔާއަށްޓަކާ ހަސަދަވެރިކަމެއް އޮވެއެވެ. ފުރުގާން ދަރިންނަށް ތަފާތުނުކުރާއިރުވެސް އޭނަ ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. ފުރުގާން އާޔާދެކެ މާ ބޮޑަށް ލޯބިވާކަމުގައި ހީކުރެއެވެ. އާރިޒް މިގޭގައި ހުރުމުގެ ބޭނުންތެރިކަން މިހާރު ބަލްސަމްއަށް ފެންނާން ފަށައިފިއެވެ. އާޔާގެ ފޮނިކަމާއި ގޮތްދޫނުކުރުން މަޑުވާއަތަށް އަޅައިފިއެވެ. އަދި ނަފްސާނީގޮތުން ބަލިކަށިކޮށްލަން ހަތިޔާރަކީ ހަމަ އާރިޒްއެވެ.

"އާރިޒް އަންނަން ބުނީ ފްލޯރާތަ؟ " ބަލްސަމް އެހިއެވެ.

"ނޫން އަހަރެން ދައުވަތުދިނީ...." ނޫރިއާ ތަފްސީލުދޭކަށް ނޫޅުނެވެ.

ނޫރިއާ އާދައިގެ މަތިން ދަރުސެއްދިނެވެ. ރޯދަމަހު ނަހީކުރެއްވި ހުރިހާ ކަމަކުން ދުރުވުމަށްފަހު ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކޮށް ވީހާވެސް ގިނައިން އަޅުކަމާއިގެން އުޅުމަށް ނަސޭހަތްދިނެވެ. މަލާމާތްކުރުމާއި ފުރައްސާރަކުރުން ދޮގުހެދުން މީހުންނެތް ތަންތާ އެމީހާގެ ވާހަކަ ދެއްކުންފަދަ ހުރިހާ ހަރާމްކަންތަކުން ދުރުވާންއެދުނެވެ. މާތްﷲ ގެ ރުހިވޮޑިގަތުން ހޯދަން އެންމެ ރޯދައެއްވެސް ދޫކޮށްނުލާ ތަގުވާވެރިވެ މިއީ އެމީހެއްގެ އެންމެ ފަހު ރަމަޟާންކަމަށް ބަލައިގެން އުޅެން އެދުނެވެ. ނޫރިއާގެ ނަސޭހަތް އެންމެ ބޮޑަށް އަމާޒްކުރީ ދީނާއި ދުރުން އުޅޭ ލޯބިވާ ދަރިފުޅު ފުރުގާންއަށެވެ. ނަސޭހަތްދީފައި ދުޢާކުރުން ނޫންގޮތެއް ނޫރިއާއަކަށް ނެތެވެ. ތަރުބިއްޔަތުކުރުމުގައި ފުރުގާންއާއިމެދު ވެވުނީ ކޮން އިހުމާލެއްބާވައޭ އަބަދުވެސް އޭނަ އަމިއްލަ ނަފުސާއި ސުވާލުކުރެއެވެ.

އާޔާ ސިޓިންރޫމްގައި ގުރުއާން ޖަހައިގެން އިނަސް ސަމާލުކަން ހުރީ އަތުގައިވާ ފޯނަށެވެ. އިންސްޓަގްރާމަށް ލީ ފޮޓޯއަކަށް އަންނަ ކޮމެންޓުތައް މަޖާކަމުން އާޔާ އުފަލުން ހެވުނެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވިހެން ހީވެ އިސްއުފުލާ ބަލާލާއިރަށް އޭނަގެ ހިތުގެ ވިންދު ރޭސްވިއެވެ. އާރިޒް ފެނުމުން އޭނަގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުން ހަމަ އާދައަކަށްވިއެވެ. ވަގުތުން ރިމޯޓަށް ފިތާލާފައި ޓީވީގެ އަޑު އެންމެ މަތިކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ.

އާރިޒް އާޔާ ގާތު އެއްޗެކޭ ބުނުމުން އެތާ އަޑުގަދަކަމުން އާރިޒްއަށް އަމިއްލައަށްވެސް އެކީ އެއްޗެއް ސާފެއްނުވިއެވެ. އާރިޒް ވިސްނާލާފައި އާޔާގެ އަތުގައި އޮތް ރިމޯޓް އަތުލިއެވެ. ވޮލިއުމް ތިރިކޮށްލިއެވެ.

"ގެ ވައްޓާހާ ބާރަށް ގުރުއާން ނުޖެހިޔަސް ސަވާބު ލިބޭނެ. ބަރަކާތް ލައްވާނެ..." އާރިޒް އާޔާއަށް ރިމޯޓް ދިއްކޮށްލިއެވެ.

 

ކޮމެންޓް 0