އާރިޒްގެ ލޮލާއިއެކު މޫނުން ބޮޑުބައެއްގައި އުފަން ލައް ހުރުމުން މޫނުގެ ރީތިކަން އެއްކޮށް ފޮރުވާފައިވެއެވެ. ނަމަވެސް އެހެރަ ސްމާޓްކަމެކެވެ. އިސްތަށިގަނޑު ހޭވިފައި އޮތްއިރު ބައެއް ނިތުމައްޗަށް ވެއްޓިފައެވެ. އަންހެންކުދިން އަޅައިގަންނާނެފަދަ ރީތި ހަށިގަނޑެއް އާރިޒުގެ ހުރުމުން ފުރުގާންގެ ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. އޭނަގެ ފުރާވަރުގެ ކުދިންނަށް އެކުދިންގެ މަންމަ ކުރިމަތިކުރުވީ ކޮންފަދަ ބޮޑު ނުރައްކަލެއްހެއްޔެވެ؟ އަދި އެވަރުން ނުވެގެން ފިރިހެންކުއްޖެކެވެ. މިކަމާއި ބޯ ގޮވާވަރުއެބަވެއެވެ. ނުދަންނަ ބީރައްޓެއްސަކަށް އިތުބާރުކޮށްފައި ބަހައްޓަން ހަދައިގެން ނުބައި ލަނޑެއް ލިބުމަށްވުރެ ރައްކާތެރިކަން ބުއްދިވެރިކަމުގައި އޭނަގެ ޟަމީރު ބުނެދިނެވެ.

ފުރުގާން މި ޒުވާނާއާއި ވާހަކަދައްކާލުމުގެ ނިޔަތުގައި ކޮޓަރިން ނުކުމެ ދޮރު ލައްޕާލައިފިއެވެ.

ކޮޓަރިން ނިކުތް ހައިބަތު ހުރި ފިރިހެންމީހާގެ މޫނަށް ނަޒަރު ހުއްޓުމާއެކު މިއީ އޭނަގެ ދޮންބައްޕައަށް ވެދާނެކަން އެނގި އިހުތިރާމްކުރުމުގެ ގޮތުން ފިޔަވަޅުތައް ލަސްކޮށްލިއެވެ. ފުރުގާންގެ މޫނުމަތިން ފެނުނު ސީރިޔަސް ކަމަކުންވެސް މީހަކު ޖެހިލުން ނުވާވަރެއް ނޫނެވެ. ޒުވާން ތިންއަންހެން ދަރިންގެ ބައްޕައަކަށްވުރެ ޒުވާންކަމަށް ދައްކާ ފިރިހެނެކެވެ. ޝަޚުސިއްޔަތު ވަރުގަދަ ސްމާޓްމީހަކަށްވުމާއެކު ތިމާއަށް ތިމާ ފެނިފައި ހުރި ބޮޑާކަމެއް އާރިޒްއަށް ޔަގީނުންވެސް އެމޫނުމަތިން ފެނުނެވެ.

"ޑޮކްޓަރ ފުރުގާން. ތިއީ އާރިޒް ދޯ............" ފުރުގާން އަމިއްލަ ތައާރަފެއްދިނެވެ.

"ލައްބަ...." އާރިޒް ޖަވާބުދިނީ އާދަވެފައިވާ ފަދައިން އަދަބުވެރިކޮށެވެ.

"ވާހަކައެއް ދައްކާލަން އެބަ ޖެހޭ. އަހަންނާއެކު އާދޭ............." ފުރުގާންގެ އަޑުގައި އަމުރުވެރިގޮތެއް ހުއްޓެވެ. ހަރުކަށިކަން ސިއްރުކުރާކަށް ފުރުގާން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ފުރުގާންގެ ފަހަތުން ގޮސް ޕޯޓިކޯއަށް ނުކުމެވުނިއިރު އާރިޒްގެ ހިތް ބާރުބާރަށް ތެޅެއެވެ. ފުރުގާން ތަނބަށް ލެނގިލައިގެން ހުރެފައި އާރިޒްގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. އޭނަގެ ލޮލުން އެއްޗެއް އެނގެން ބޭނުންވާ ފަދައަކުންނެވެ. އޭނަ ފުރުގާންއާއި ހަތަރުކަޅި ހަމަނުކޮށް އިސްޖެހިއެވެ.

"އަހަންނަށް ތީ ކާކުކަމެއް ނޭގޭ. ބެކްގްރައުންޑް އާއިލާ އަދި މީހާގެ އުޅުމާއި ބެހޭގޮތުން އެކައްޗެއްވެސް ނޭގޭ. ތިން އަންހެންދަރިންގެ ބައްޕައަކަށް ގޭގައި ފިރިހެނަކު ގެންގުޅުމަކީ ކިހާވަރެއްގެ އުދަގޫކަމެއްކަން އަދި ފަހަރެއްގައި ނޭގިހިގައިދާނެ. އެކުދިން ހިމާޔަތްދިނުމަކީ ބައްޕައެއްގެ އެންމެ ބޮޑު ޒިންމާ. އާއިލާއާއި ގުޅުމެއްނެތް ގޮތްނޭގޭ މީހަކު މިގޭތެރޭގައި ވީއްލިގައި ތިގޮތަށް ހުރެގެން ޔަގީނުންވެސް އަހަންނަށް ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ނުލެވޭނެ. އަހަރެންގެ ދަރިފުޅު އާރިޒް ފެނުމުން ބިރުގަތީ.... މޫނުގައި ތިހިރަ އުފަންލަފުގެ ސަބަބުން. އެކަމަކު އަހަރެން ވިސްނަންޖެހޭ އެހެން ކަންތައްތައް ބައިވަރު. ހަމައެކަނި މީހާގެ ސިފައަކަށް ނޫން އަހަރެން ބަލާނީ. އާރިޒްއަށް މިގޭގައި އުޅެން ހުއްދައެއް ނުދެވޭނެ. އުޅޭނެ ތަނެއް ހޯދައިގެން މިގެއިން ދޭ. ބަލްސަމް ނުވިސްނާ ކުރިކަމެއް. އައިމް ސޮރީ." ފުރުގާން އަސަރެއް ނެތްގޮތަކަށް ބުނެލިއެވެ.

ފުރުގާންގެ އެ ނިންމުން އާރިޒްއަށް ގަބޫލުކުރެވުނެވެ.

އަންހެންކުދިން ހިމާޔަތްކުރުމާއިއެކު ފިރިހެނަކަށް އަންހެންކުދިންގެ ފަރާތުން ދިމާވެދާނެ ގޯނާތައް ފުރުގާން ތިލަކޮށް ބުނެދިނީއެވެ. ބައްޕައެއްގެ ވާޖިބު އަދާކުރުމުގައި އެދެއްކީ ހަމަ އެންމެ ރީތި މިސާލެކެވެ. އެކަމާއި އާރިޒްއަށް ދެކޮޅެއް ނެހެދޭނެއެވެ. ފުރުގާންގެ މަގާމުގައި އޭނަ ހުރިނަމަވެސް ކަންތައްކުރާނީ އެ އުސޫލުންނެވެ. ނަމަވެސް އެހެން އެވީ މަންމަގެ ސަބަބުންނެވެ. މަންމަގެ ދަރިއެއްކަން އޭނަވަނީ ދޮންބައްޕައަށް ސިއްރުކޮށްފައެވެ. ދޮންދަރިކަން އެނގޭނަމަ އެގޮތަށް ގެއިން ނެރެލާކަށް ފުރުގާންއަށް އެހާ ފަސޭހައެއް ނުވީހެވެ.

"އަހަރެން އަދި އިތުރު އެއްޗެއް އޮޅުން ފިލުވަން ބޭނުން. އޭރު ވާހަކަ ދެއްކީ ކާކާތަ؟ "

"އަލާން.........." އާރިޒް ވިސްނާނުލާ ހުރެ ބުނެލިއެވެ. ކުއްލިއަކަށް އޭނަގެ މޫނުގެ ކުލަވަރު ބަދަލުވެ ނިތުގައި ފިރުމައިލެވިއްޖެއެވެ. އަލާނިއަލްގެ ނަން ކިޔުނުކަމަށްޓަކާ ހިތާމަކުރިއެވެ. އޭނަ މީހަކާއި ވާހަކަދެއްކިކަން ފުރުގާންއަށް އެނގުނީ ފުރުގާންއަށްވެސް އަލާނިއަލް ފެނުނީބާވައެވެ. ނޫނީ އެކަނިމާއެކަނި ހުރެ ވާހަކަދެއްކިތަން ފެނި އޭނައަކީ މޮޔައެއްކަމަށް ނިންމީކަމަށް ވެދާނެއެވެ.

"އެކަނިމާ އެކަނި ހުރެ ވާހަކަދެއްކުމަކީ އާދައެއްތަ؟ "

އާރިޒްއަށް ދޭނެ ޖަވާބެއް ނޭގުނެވެ.

"ޕެކް ޔޯ ބޭގްސް އެންޑް ލީވް......." ފުރުގާން އެންމެފަހުގެ ނިންމުން އިއްވިއެވެ.

 

އާރިޒްއަށް އެރޭ ނިދުނީ ތަންކޮޅެއް ދަންވިފަހުންނެވެ. ތަފާތު ޚިޔާލުތަކުން ސިކުނޑި ފުރިފައިވުމުން ނިދުމުގެ ފޮނި ކަމުގެ ތެރެއަށް ގެނބޭކަށް ފަސޭހައެއްނުވިއެވެ. ހެނދުނު ހޭލިގޮތަށް ކޮޓަރިން ނިކުންނަ ހިތްނުވެފައި އޮތީ ރަޖާގެ ދަށުގައި ފޮރުވިގެންނެވެ. އޭނަގެ މަންމަ ބަލްސަމް ވަދެފައި ރަށަށް ދާން ތައްޔާރުވާން އަމުރުކުރީ މޫނު އަނދިރިކޮށްލައިގެން ހުރެއެވެ. އެ ކޯސް ފެށެންދެން ރާއްޖޭގައި ހުރެގެން އޮންލައިންކޮށް ޖަރުމަން ބަސް ދަސްކުރާނީކަމުގައި މާމަ ގާތުގައި ބުނެލަން އެންގިއެވެ. ބަލްސަމް ބުނީ ފުރުގާންއަކީ ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްކަމަށާއި ސްކިޒޮފްރީނިއާކަމަށް ޝައްކުވާ ކުއްޖަކަށް މިގޭގައި ހުރުމުގެ ފުރުސަތު އަމުދަކުން ނޯންނާނެކަމަށެވެ. އެފަދަ މީހުންނާއިއެކު ރައްކާތެރިކަމެއް އިހުސާސެއްނުވާނެއެވެ. އާރިޒްއާއިމެދު އެގޮތަށް ޝައްކުކުރެވުނީ އެކަނިމާއެކަނި ހުރެ މީހަކާއި ވާހަކަދެއްކުމުން ކަމަށާއި އާރިޒްގެ ހުރި މައްސަލައަކީ ކޮބާހެއްޔޭ ކިޔާފައި ސުވާލުކުރަން ފެށިއެވެ. އާރިޒްބުނީ އޭނައަށް ނިދީގައި ހިނގޭކަމަށެވެ. އެ ނޫން މައްސަލައެއް އޭނައަށް އެނގިފައި ނުވާ ކަމުގައެވެ.

"އާރިޒްއަކީ ދަރިއެއްކަން މިހާތަނަށް މިއާއިލާއާއި ދުނިޔެއަށް ސިއްރުވެފައި އޮތަސް އެކަން ދެނެހުރި އެކަކީ އާރިޒް. އެހެންވެ މި ހަގީގަތްވެސް މިއަދު އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރަން. އާޔާއަކީ އާރިޒްގެ ކޮއްކޮއެއް ނޫން. ފުރުގާންގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިއެއް. އާރިޒްގެ ޝަކުވާ އޭނަގެ ބައްޕަ ގާތުކޮށްގެން މިގެއިން އާރިޒް ފޮނުވައިލަން ބޭނުންވީ އާޔާ. މާމައަށްވެސް ވިސްނައިދީ. މިކަމުގެ ތެރެއަށް އަހަރެން ވައްދަން ނަހަދާތި. އަހަރެން ކުށްވެރިކޮށްގެން ދިރިއުޅުން ހަލާކުކޮށްގެން އަދި އާރިޒްއާއި މާމައަށް ވިއްޔާ ވާނީ ދެރަ. އެޓްލީސްޓް ސްވިޒަލޭންޑަށް އާދެވުނުކަމާއިމެދު ޝުކުރުކޮށްގެން ދޫ ހިމޭނުން ލައިގެން ހުންނާތި. އަހަރެން ޓިކެޓް ބުކްކުރުވާނަން......."

އާރިޒް ބޯ ޖަހައިލިއެވެ.

އޭނަ މަންމައާއި ވާހަކަދައްކަނީ ކޮންމެހެން ވާހަކަދައްކަން ޖެހިގެންނެވެ. ސުވާލުތަކަށް ޖަވާބުދެނީވެސް މަޖުބޫރުންނެވެ. ނޫނީ އޭނަ ޚިޔާރުކުރަނީ ހިމޭންކަމެވެ. މަންމައަކީ އޭނައަށްޓަކާ ބީރައްޓެއްސެކެވެ. ނޫނެކެވެ. އޭނައަކީ މަންމައަށްޓަކާ ހިލޭ މީހެކެވެ. މަންމަ އޭނަ އެއްލާލާ ދުރުކޮށްލާފައިވާއިރު އޭނަގެ ހިތުން މަންމައަށް މަގާމެއް ދިނުމުގެ މާނައެއްނެތެވެ. މަންމަގެ ހިތުގައި އޭނައަށްޓަކާ ކުލުނެއް ނެތްކަން އެނގުނީއްސުރެ އޭނަ މަސައްކަތްކުރަނީ އެ މަންމައާއި ދުރަށް ދާށެވެ.

ބަލްސަމް ނުކުތުމުން އޭނަ ރަޖާ އެއްލާލާފައި ތެދުވެގެންގޮސް ފާޚާނާއަށްވަދެ ދަތްއުނގުޅާ ފެންވަރާލުމުން ތާޒާވެއްޖެއެވެ. ލޯގަނޑުކުރިމަތީގައި ހުއްޓިހުރެ އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ. އެންމެ ކުރިން ގުޅީ މާމައަށެވެ. މާމަ ކައިފިތޯއާއި ބޭސްކެއިތޯ އެހިއެވެ. މާމަ ހިނގާއިރު ބަލައިގެން އުޅެން އާރިޒް އެދުނެވެ. މާމަ ފެންޑާގައި ހުންނަ އުނދޯލީގައި ގުރުއާން ކިޔަވަން މިގަޑީގައި އިންނަ މަންޒަރު އޭނަގެ ލޮލަށް ފެނުނުފަދައެވެ. މާމަގެ ދުވާލުގެ ތާވަލް އާރިޒްއަށް ދަހެވެ. ނޫނެކެވެ. ރާއްޖޭގަޑި ތަފާތުވާނެއެވެ. މިގަޑީގައި މާމަ އުޅޭނީ ކާއެއްޗެއް ތައްޔާރުކޮށްލަން ބަދިގޭގައެވެ.

"އޯ ގޯޑް މާމަމަތިން ހަދާންވާވަރު.........." އާރިޒްއަށް ބުނެވުނެވެ.

ކޯސްފެށުން ލަސްވީމަ މާމައާއެކު އުޅެލަން ދުވަސްކޮޅަކަށް ރާއްޖެދާނެކަމަށް ބުނެ ބައިގަޑިއެއްހާ އިރުވާންދެން ވާހަކަދެއްކިއެވެ. އެއަށްފަހު އާރިޒް ފޫހިވާގޮތްވިއެވެ. އެކަނިވެރިކަން ވަށާލައިފިއެވެ. އަލާން ނުފެނިގެން ކުޑަދޮރު ހުޅުވައިގެން ބޭރަށް ބެލިއެވެ. އަލާންގެ ނަމުން ގޮވިއެވެ. ޚަބަރެއްނުވިއެވެ. ފޫހިވެގެން ހަލާކުވާ ވަގުތުތަކުގައި އަންނަން އަލާންއަށްވެސް އެނގެނީއެއް ނޫނެވެ. ކޮން އަލާން އެއްހެއްޔެވެ. ސެވިންއާއި ބައްދަލުކޮށްލަން ދާންވީއެވެ. ސެވިންއާއި އޭނަގެ މިޒާޖުވެސް އެހާ ގުޅެނީއެއް ނޫނެވެ. މާ ދީނީވެ ހައްދުފަހަނަޅާފައިވާ ވައްތަރަށް ވާހަކަދައްކާތީ އޭނަގެ ބޮލަށް އުދަގޫވާފަހަރު އާދެއެވެ. ނަމަވެސް ސެވިންއަކީ ދޫކޮށްލާވަރުގެ އެކުވެރިއެއް ނޫނެވެ. އެއީ އިޚުލާސްތެރި ހިތެއްގެ ވެރި ޒުވާނެކެވެ. އާރިޒް ސެވިންއާއެކު ސިޓީތެރެ ބަލައިލަން ގޮސް ކެއީ ރެސްޓޯރެންޓަކުންނެވެ. އާއްމުކޮށް އެހެން މީހުންނަށް ބެލުމުގެ އާދަ އެމީހުންގެ ގައިގާ ހަރުލާފައި ނެތަސް އޭނައަށް ދެވަނަފަހަރަށް ބަލައިލަން މަޖުބޫރުވަނީ އޭނަގެ މޫނުގައި ހުންނަ ދެލިކުލައިގެ ބޯ ލަފެވެ. ނާދިރުކަމެވެ. ބައެއްކުދިން ބިރުން ހަޅޭއްލަވައިގަނެއެވެ. ރޮއިގަނެއެވެ. އެއްކުއްޖަކު ބެޓްމޭންއޭ ކިޔައިލިއިރު އަނެއްކުއްޖަކު އޭނަގެ މަންމައަށް ދައްކާފައި އެހެރީ ގޯސްޓެކޭ ބުނުމުން އާރިޒް ލަދުން ހަލާކުވާވަރުވިއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެން ފަސްޖެހޭވަރުވިއެވެ.

ބޭރުފުށުން އުފާވެރިކަން ދައްކައިގެން ހުއްޓަސް އާރިޒްގެ ހިތަށް ތަދުވަނީއެވެ. ފިރިހެނަކަށްވިޔަސް ފިނޑިވެވެނީއެވެ. މާޔޫސްކަމުގެ ހިތިކަން ދުނިޔެދެކެ ފޫހިކުރުވައިފިއެވެ. އިންސާނާ ބަލިކަށިވާހިނދު އެމީހެއްގެ ގައިތެރެއަށް ވަނުން ޝައިތާނާއަށް ފަސޭހަވެދެއެވެ. ކޮޓަރިއާއި ހަމަޔަށް ފޯރިއިރު ސިކުނޑިއަށް ޝައިތާނާ ސަވާރުވެ އޭނަގެ އަތުން ފައިން ގޯހެއް ހައްދަން އަތުކުރި އޮޅާލައިފިއެވެ. އަމިއްލައަށް މަރުވުން ނޫންގޮތެއް ނެތްކަމަށް ބުނެ ވަސްވާސްލައި ދޭން ޝައިތާނާ މަސައްކަތްކުރިއެވެ. އާރިޒް އަލަމާރި ހުޅުވާލާފައި ކަޓަރުނެގިއެވެ. އަތުގެ ލޭނާރުގައި ޖެއްސިއެވެ. ކުޑަކޮށް ވިސްނާލުމާއެކު ފަސްޖެހޭގޮތްވެ ދެލޯ މަރާލައިފިއެވެ. މިކުރެވެން އުޅެނީ އެންމެ ބޮޑު އެއް ފާފަކަން ވިސްނި އަތުގެ ހަރަކާތަށް މަޑުޖެހުމެއް އައެވެ. މަރުވުމުން އެހިސާބުން ފުރާނަ ނެތިގެން ދާނީއެއް ނޫނެވެ. ހެއްދެވި ފަރާތުގެ ހަޟުރަތަށް ގޮސް އޭނަ ދައްކާނީ ކޮން މޫނެއްހެއްޔެވެ؟

"ފިނޑި. ދެވަނަފަހަރަށް ތިހެން ހިތަށް ނާރުވާތީ...." އާރިޒްގެ ކަންފަތްބުޑުގައި އަލާނިއަލްގެ ބަރު އަޑު ޖެހުމުން ސިހިފައި އޭނަ ވަށައިގެން ހޯދައިލިއެވެ. ވީނުވީއެއް ނޭގި ކަޓަރު ވިއްސައިގެންގޮސްފާ މާދުރުގައި ޖެހުނެވެ. ތެދުވެގެންގޮސް ކަޓަރުނަގަން ގުދުވާއިރަށް ކުރިމަތިން އަލާނިއަލް ފައުޅުވިއިރު އެލޮލުން ފެންނަނީ ނުރުހުމުގެ ކުލަވަރެވެ. އަބަދު ފަނޑު ހިނިތުންވުމަކުން އުފާވެރިކަން ދައްކާ އަލާނިއަލް އެހެރީ ހިތްހަމަނުޖެހިފައެވެ.

"އަހަރެން ދުނިޔޭގައި ހުރުމުގެ ބޭނުމެއް އެބައޮތްތަ؟ އުފަން މަންމަ އަހަރެންދެކެ ނަފްރަތުކުރޭ. މިދުނިޔޭގައި އަހަރެންގެ ހުރީ ހަމައެކަނި މާމަ. މާމައަށްޓަކާ ކަމެއްކޮށްނުދެވި މާމަ މުސްކުޅި އަޖޫޒަކަށްވެއްޖެ. ބުރަކަށީގައި ގުދެއް ލައި އަސާގެ އެހީގައި ކިރިޔާ ހިނގޭކަން. މާދަންވެސް ލޯ މަރައިލަން ޖެހިދާނެ. އަހަންނަކަށް މިދުނިޔެއިން އެއްވެސް އުފަލެއް ނުލިބޭ. ދުނިޔެއަށް އައުމުގެ އެއްވެސް މަގުސަދެއްނެތް. ވީއިރު މިކަހަލަ މީހަކު ނެތީމަ އެހެން އިންސާނުންނަށް މާ ފަސޭހަވާނެ. ބުނެބަލަ. އަހަރެން ހުއްޓުވަން ކަލޭ ތީ ކާކު........." އާރިޒް ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ.

އަލާނިއަލް ހިނިގަނޑެއް ޖަހައިލުމުން އާރިޒް ކަޅިޖަހާނުލާ ބަލަން ހުރިއިރު އަލާންއާއިމެދު ވިސްނިއެވެ. މިއީ ހަގީގަތެއްހެއްޔެވެ. އަސްލުވެސް ދިރިއުޅޭ މަޚުލޫގެއްހެއްޔެވެ؟

"ތީ ރުޅިގަދަ މީހެއްނޫން. ބަސްމަދު މަޑުމައިތިރި ރުޅިއަންނަން ނުވެސް ދަންނަ ކުއްޖާ. ކިހިނެއްތިވަނީ. ކޮންމެ އިންސާނެއްގެ އަދި މަޚުލޫގެއްގެ އަނދިރި ފަރާތެއް ވޭ. އެހެންމީހުންނަށްވެސް ރުޅިއާއި ކެރޭކަން ދައްކަބަލަ. ފިނޑި ނިކަމެތިމީހެއްގެ ގޮތުގައި ނުހުރެ ފިރިހެނަކަށްވެގެން އެހެންމީހުންނާއި ކުރިމަތިލާން އާރިޒް ދަސްކުރަންވީނު. އާރިޒް މިގެއިން ގޮސްގެންނުވާނެ. މިއީ އާރިޒްގެވެސް ގެ. އާރިޒް ހުންނާނީ މަންމަ ކައިރީ. އެނގިއްޖެތަ؟ އާޔާކަހަލަ ބޮޑާ ކިބުރުވެރި ކުއްޖަކު އޭނަގެ ބައްޕަކައިރީ ބޮޑާ ހާކައިގެން އާރިޒް ނެރެލަން އުޅުނަސް އެކަން ވިޔަކަނުދޭނަން. އާޔާޖެހޭނީ މައިތިރިވާން........................" އަލާނިއަލް އާރިޒްއާއި މޫނާއި މޫނު ޖެހޭހާ ކައިރީގައި ހުއްޓިލިއެވެ. އަދި އާރިޒްގެ މޫނުގައި އެއް އަތް ޖައްސައިލިއެވެ. އެއަތްތިލަ ހޫނުކަމުން އަނގުރުކޮޅެއްފަދައެވެ.

"އަހަރެން ބޭނުމެއްނޫން....."

"ހެހެ..." އަލާނިއަލް ގެއްލުނެވެ.

އާރިޒް އެންމެ ރުޅިއަންނަނީ އަލާނިއަލް ފެނިފައި ގެއްލެން ކުޅަދާނަކަމުންނެވެ. އެއް މިނިޓްތެރޭ ކުރިމަތީގައި ހުރެފައި ދެން ގެއްލޭގޮތުން މީހަކު ރުޅިގަދަނުވާވަރެއް ނޫނެވެ. އޭނަ ކުޑަދޮރުގައި ދެއަތް އަޅުވާލައިގެން ބޭރަށް ބަލަން ހުރެފައި ފުންނޭވައެއް ދޫކޮށްލިއިރު ލޮލަށް ހިތާމައިގެ އަސަރުވެރިވެއްޖެއެވެ. އެ އިހުސާސްތައް ދެމިގެން ދިޔައީ އިރުގަނޑަކަށެވެ. މަޑުމަޑުންގޮސް އެހެން އިހުސާސްތަކެއް ހޭލަންފެށިއެވެ. ރުޅީގެ އަސަރުތައް ހަށިގަނޑުގައި ހިނގާލުމާއިއެކު އޭނަގެ ޝަޚުސް މުޅިން ބަދަލުވާން ނެގީ ދާދި ކުޑަ ވަގުތުކޮޅެކެވެ. ޖިސްމާއި ސިކުނޑިއަށް އާދަޔާ ޚިލާފު ބާރެއްލިބި ވަރުގަދަވެއްޖެއެވެ. ފުންމައިގެންގޮސް އެނދުގައިވާހާ ބާލީސްތަކާއި ކުއިލްޓްތައް ދަމައިގަނެވިއްޖެއެވެ. އަލާނިއަލް ފިލާ އޮތީ ކޮންތާކުހެއްޔޭ ކިޔާފައި އޭނަ ކޮޓަރިތެރޭ އެތަން މިތަނުގައި ފައިންޖެހިއެވެ. ބާރުބާރަށް ހޭންފެށުނެވެ.

"ދޮންބައްޕައަކީ ނަފްސާނީ ޑޮކްޓަރެއް. އަހަރެން މޮޔައެކޭ ކިޔާފައި ގެންގޮސް އެސައިލަމްއަކަށް ލާފާނެ. ހެވޭދެން. ބިރެއްނުގަނޭ. މިގެއަކުން ފޮނުވައިލާކަށް ލާހިކެއްނޫން. ..." އާރިޒް ކުޑަދޮރުގައި ޖެހިލެއް ބާރުކަމުން ދޮރު ފުނޑުފުނޑުވެގެން ފައިބައިގަތްއަޑު އެހިސާބުގެ ހިމޭންކަން މުގުރައިލިއެވެ.

ގަދަ އަނދިރިކަން ތޮރުފައިލާވަރުގެ ތަރިއަކުން ފަޒާ ދިއްލާލާފައިވާއިރު މުޅި ހިސާބުގައި މާމެލާމެލީގެ މީރުވަހެވެ. އާރިޒް ނޭފަތް އެތެރެއަށް ދަމާލިއެވެ.

"އާޔާ މައިތިރިކޮށްލާނަން. އަހަރެންނޭ ކިޔާފައިގޮސް އޭނަގެ ބައްޕަ ކައިރި ކުޓުވަން ދެން ލާހިކެއްނޫން. އެކުޑަ ކުޑަ ކުއްޖާ ހީކުރަނީ ކީކޭ؟ ފަސްފޫޓް ހަމަނުވާ އަންހެންކުއްޖަކު އަދި އަހަރެން ރުޅިއަރުވަން. މޮޔަ ކުޑަކުއްޖާ. ..." އާރިޒް މަލާމާތުގެ ފާޑަކަށް ހީލާފައި ކޮޓަރިން ނުކުތެވެ. ކޮރިޑޯއިން ހަރުކޮށް ހިނގާލާފައި ދިޔައިރު އެހެން ދުވަހު ނުހުންނަ ފަދަ ޔަގީންކަމެއް އޭނަގެ މޫނުމަތިން ފެންނާންހުއްޓެވެ. އިސްއުފުލާލައިގެން އަތްފުޅާކޮށްލައިގެން ހުރެ ހިނގާފައި ދިޔަލެއް އެހެން ދުވަހާއި ތަފާތެވެ. އޭނަ ކާކޮޓަރިއާއި އަރާ ހަމަވިއެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރެ ވަށައިގެން ސްކޭންކޮށްލާފަދަ ގޮތަކަށް ލޯ ހިންގައިލިއެވެ. ފްލޯރާ މޭޒުމަތިން ތަށިނަގަން ހުރެފައި އާރިޒްއަށް ބަލައިލުމާއެކު ލޯ ހަނިކޮށްލިއެވެ.

"ކޯންޗެއް ތި ބަލަނީ؟ " އާރިޒް ސީދާ ޖަރުމަން ބަހުން ސުވާލުކުރުމުން ފްލޯރާ ދެލޯ ބޮޑުވިއެވެ.

"ކޮފީއެއް ހަދާދީ..." އާރިޒް ހަށަން ބަދެލައިގެން ހުރިއިރު ބޮޑާކަމާއި ޖެހިލުންކުޑަކަން ފާޅުވާން ހުއްޓެވެ. ފްލޯރާ އެތެރެއަށްވަނީ ކޮފީ ހަދަން މަގެއް ނަގާށެވެ. މީހެއްގެ ފިޔަވަޅުގެ އަޑު ކައިރިވަމުން އައިސް ކާކޮޓަރިއާއި އަރާހަމަވީކަން އާރިޒްއަށް އެނގުނެވެ. އޭނަ އެނބުރި ބަލައިލީ ނިކަން ހަމަޖެހިލާފައި ހުރެއެވެ. އެއާއެކު ދެންވީ ޚުދު އޭނަވެސް ހިތަށް ނާރާފަދަ ގޮތެކެވެ.

 

ކޮމެންޓް 0