"ކޯޓު އަމުރެއްގެ ދަށުން މިސްޓަރ އާރިޒް ހައްޔަރުކުރަން އަޅުގަނޑުމެން މިއައީ....."ފުލުހުންގެ ޔުނިފޯމްގައި ތިބި ދެމީހުން ކޯޓުން ގެނައި ލިޔުން ދައްކައިލުމުން އާރިޒް ހަމަޖެހިލާފައި އަތް ދިއްކޮށްލިއެވެ. އެކަކު ކުރިއަށް ޖެހިލާފައި އޭނަގެ އަތުގައި ބިޑިއެޅުވިއެވެ. އެވަގުތު ކޮފީއެއް ބޮމުން ނުކުތް އާރިކްއަށް އެމަންޒަރު ފެނި އިރުކޮޅަކަށް އަޅި ދެލޯ އަލިފާން ކުލައިން ދިއްލިފައި ނިވުނީ ބޮއްކެއްފަދައިންނެވެ. އާރިޒްއަށް ކުޑަ ގެއްލުމެއްވިޔަސް އެތެރެހަށީގައި އަނދައިގަންނަ ރުޅިވެރި އަލިފާން މަތަކުރަން އޭނަ ނެތް ހިތްވަރެއް ކުރަން ޖެހެއެވެ. ސިކުންތުކޮޅެއް ފަހުން އޭނަގެ ރުޅީގެ މައްޗަށް ކުރި ހޯދައިލިއެވެ. ކުއްލިއަކަށް ފުލުސްމީހާވެސް ސިހިގެން ދިޔައީ އޭނަގެ ކޮނޑުގައި އާރިކް އަތް ބާއްވައިލީމައެވެ. އެތައް ރާތާ ބަރުދަން ކޮނޑަށް ވައްޓައިލިހެން ހީވުމާއެކު ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. އަދި އެއޮތް ވީ ހޫނެކެވެ.
"ބަޑީ.. މަގޭ ހުއްދަނެތި މަ ބަލަދު އަރާ ކުއްޖެއް ކޮންތާކަށް ގެންދަނީ" އާރިކް ގާތް އެކުވެރިއަކާ ވާހަކަދައްކާނެ ފަދައަކުން ބުނެލިއެވެ.
"މިއޮތީ ކޯޓު އަމުރު...."
"މަގޭ އަމުރަށްވުރެ މަތީ އެއްޗެއްތަ؟ " އާރިކް ނުލަފާ ހިންޏެއް ހީލިއެވެ.
"ތިއީ ކާކު؟ ފުލުސްމީހާ ރުޅި އަތުވެއްޖެއެވެ.
"ޑޮކްޓަރ އާރިކް......."
"ވީއިރު ތިބޭފުޅާއަށް ރާއްޖޭ ގާނޫނާއި ގަވާއިދު އަދި ނޭގޭކަމަށް ފެނޭ..." ދިވެއްސެއް ނޫނަސް މި ޑޮކްޓަރ ދިވެހިބަހުން ވާހަކަދައްކަން ފަރިތައޭ ހިތަށް އެރިއެވެ. ނަމަވެސް ރާގު ހަމަ އިނގިރޭސިއެއްފަދައެވެ. ރިހިކުލައިގެ އިސްތަށިގަނޑު ޑެވިލް މޭ ކްރައިގަ އުޅޭ ޑާންޓޭއެކޭ ތަފާތެއް ނެތެވެ. އެލޮލަށް ބަލަން އެމީހުންނަށް ފަސޭހައެއްނުވިއެވެ. ލޯ ފުންވެފައި ޖެހިލުންކުރުވާފަދަ ގޮތެއް ހުއްޓެވެ. ފުލުހުންނަށްވެސް ހަތަރުކަޅި ހަމަވުމުން ހީބިހި ނެގިއެވެ.
"މަ މީ ލޯޔަރެއްނޫން. ޑޮކްޓަރެއް.ވީމަ މަށަށް ތި ގަވައިދެއް ގާނޫނެއް ނޯންނާނެ. ބީތާވިޔަސް ބޮޑުވަރު. ސޮރީ ޑާލިން. އެހެން ބުނި އެއްޗެއް ނޫނޭ. އަހަންނަށްވެސް މިކުއްޖާއާއެކު ޖިޕަށް އެރޭނެތަ؟ " އާރިކް އެހިއެވެ.
"ލުކް މިސްޓަރ....... " ފުލުސްމީހާ އެއްޗެކޭ ބުނަން އުޅުނެވެ.
"މިސްޓަރ އެއް ނޫން. ޑޮކްޓަރ އާރިކް. ވަރަށް މަސައްކަތުންނޭ އެ ޓައިޓަލް ހޯދީ. ވީމަ އިހިތިރާމް ކުރަން ޖެހޭނެ. ކަލޭމެންނަށްވުރެ މޮޅަށް ކިޔަވައިގެން ގަދަރުވެރި ޖޮބެއްގައޭ މިއުޅެނީ...." އާރިކް ބޮޑާކަމާއެކު ހީލިއެވެ. މޮޅު ނަމާއި ލަގަބު މުހިއްމީއެއް ނޫނެވެ. އެމީހުންނަށް ޖެއްސުންކޮށް ރުޅިއަރުވާލާ ހިތްވީއެވެ.
"އެރިކް.......ޕްލީޒް ސްޓޮޕް ދިސް.." އާރިޒް ބުނެލިއެވެ.
ފުލުސްމީހާ ކޮނޑަށް ތަދުވެ ކެތްނުވާވަރުވުމުން އާރިކްގެ އަތް ފޮޅުވައިލަން އުޅުނެވެ. އެކަމަކު ރުއްގަނޑެއްހާ ބާރު އެއަތުގައި ހުއްޓެވެ. ފިނިހިފާފައިވި ކޮޓަރިތެރޭގައިވެސް އޭނަގެ މޫނުން ދާތިކިތައް ތަޅަންފެށިއެވެ.
ޖިޕް ދުއްވާލިތަނާހެން އައި ކެރިގަނޑުގައި ތަނެއް ދޮރެއް ނުފެންނަވަރުވިއެވެ. ގޯޅިން ނުކުތް މުދާ އުފުލާ ލޮރީއެއްގައި ޖިޕް ޖެހުނު އަޑުފަށްގަނޑު ބޯ ވާރޭތެރެއިންވެސް އެތައް ދުރަކަށް އިވުނެވެ. ލޮރީގައި ހުރި އެތައް ދަނގަޑެއް ފައިބައިގެން މަގު މައްޗަށް އެޅި މަގު ބަންދުވިއެވެ. ޖިޕް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ކައްސައިލިތަން ފެނުނު މީހުން ބިރުން ހަޅޭއްލަވައިގަތެވެ.
އާޔާ އީއާރުގައި މަސައްކަތްކުރަން ހުއްޓާ އެކްސިޑެންޓެއްވެ ގެނބިގެންނާއި ބޮޑެތި ޒަޚަމްތައް ލިބިގެން ގެނައި ބަލިމީހުންތައް އެނދުތައް ފުރައިލިއެވެ. މިއިން ޒަމާނެއްގައި އިމަޖެންސީ ނުވާހާ ބޮޑަށް އެތަން ހަލަބޮލިވިއެވެ. ވިއްސާރަ ތޫފާނީ ދުވަހެއްކަމުން މޫދަށް ވެއްޓުނު ޖިޕުން މީހުން ނަގަން ފުންމައިލި ހިތްވަރުގަދަ ބަތަލުންތައްވެސް ގެނބި ފުރާނައަށް ނުރައްކާވިއެވެ. އެތައް ޑޮކްޓަރުންނެއް އެމީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރިއިރު އާޔާގެ ހަރަކާތްތައް ލަސްވީ އެންމެ ސަބަބަކާހެދިއެވެ. ހަރަކާތެއްނެތި އެނދުގައި އޮތް އާރިޒް ފެނުމުން އާޔާގެ ހިތަށް ބުނަން ނޭގޭފަދަ ބިރުވެރިކަމެއް ލިބުނެވެ.
އާރިޒް އޮތީ މަރުވެފައިބާވައެވެ.
ނޭގޭ ބާރަކުން އެދިމާލަށް ހިނގައިގަނެވުނުއިރު އެހެން މީހަކު އާރިޒްއަށް ފަރުވާދޭން އުޅެގަތެވެ. އެމީހަކީ ޑޮކްޓަރ އާރިކްއެވެ. އޭނަވެސް ތެމިގެން ހުރުމުން ހިތުގައި ސުވާލު އުފެދުނެވެ.
ތެމިފޯވެފައިވާ އާރިޒް ލައިގެން ހުރި ޓީޝާޓް ގަޔަށް ހިފާފައިވާގޮތުން އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ހާމައަށް ފެނެއެވެ. މޫނުމަތީގައި ފެނުގެ އަސަރު ހުރުމުން ވަކިން ނަލައެވެ. އާރިކް އާރިޒްގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ.
"ލޫސިފާ. ލޯ ހުޅުވަބަލަ. އަދި މަރެއް ނުވެއޭ. ސުވަރުގޭގައި ކަމަށް ހީކޮށްދޯ ތިއޮތީ؟" އާރިކްގެ ޖުމްލައިވުނު ކަމަކަށްވެސް ނަހަދާ އާރިޒް ހިމޭނުން އޮތެވެ.
"އާޔާއަށް ނުބަލަން ވެގެން ދޯ..." އާރިކް ހިނި އައެވެ.
އެހުރިހާ ވާހަކަތައް އާޔާގެ ކަންފަތަށް ރީތިކޮށް އިވުނެވެ.
އާޔާއަށް ލިބުނު ޝޮކް ފިލާ ދިޔުމުން ގެނބުނު މީހަކަށް ފަރުވާދޭން އަވަސްވެގަތެވެ. އޭރުވެސް ސިކުނޑި ނުތަނަވަސްކުރުވަމުން ދިޔައީ އާރިޒްގެ ހާލެވެ. ޑޮކްޓަރ އާރިކްއަށް އިތުބާރުކުރެވުނަސް އާރިޒްއަށް ވީގޮތް އޮޅުން ނުފިލާތީ ހާސްވަނީއެވެ.
"ބޭރުފުށުން ބޮޑު އަނިޔާއެއް ނުވިޔަސް އިންޓާނަލް ބްލީޑިން ކަހަލަ ކަމެއް ހުރެދާނެ. އާރިކް އެހާ ކޫލްވެގެން ހުއްޓަސް ދެން އެކްސްރޭއާއި އިތުރު ޓެސްޓްތައް ހަދަންވެސް ވާނެއްނު...........ރުޅި އަންނަން އުޅުނަސް ކީއްވެ ހަމްދަރުދީ ވެވެނީ؟ ޑޮކްޓަރަކަށްވީމަތަ؟" އާޔާ އަމިއްލަ ނަފުސާއި ސުވާލުކުރިއެވެ.
އެ ހިނގި އެކްސިޑެންޓްގެ ތަފްސީލު އާޔާއަށް ލިބުނީ އިރުކޮޅެއްފަހުންނެވެ.
ކޯޓު އަމުރެއްގެ ދަށުން އާރިޒް ހައްޔަރުކޮށްގެން ދަނިކޮށް ޖިޕް ލޮރީއެއްގައި ޖެހި މަތަނުވެގޮސް މޫދަށް ގެނބުނީއެވެ.
"ޔޫ އާ ގިލްޓީ އާޔާ.." ހިތުގެ ކަނަކުން ބުނެލިހެން ހީވިއެވެ.
"ނެވާ. އާރިޒްފަދަ ބޮޑު ކުށްވެރިއަކަށްޓަކާ ހިތުން އެއްވެސް މަގާމެއް ދެވިގެން ނުވާނެ. ހީ ކިލްޑް މައި ލިޓްލް ސިސް." އާޔާ ލޯ ހަނިކޮށްލިއެވެ.
އެހުރިހާ އަސަރުތަކާއެކުވެސް އާރިޒްއަށް ވީގޮތް ބަލައިލާހިތުން އެކަކުވެސް ނެތް ދަނޑިވަޅެއްގައި އާޔާ އާރިޒްގެ ފައިލް ހުޅުވާލައިފިއެވެ. އޭރު ހަތަރެސްފައި ފިނިވެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ.
"ހޭއި އާޔާ......" އާރިކްގެ އަޑު އިވުނީ ދާދި ކައިރިންނެވެ.
ސިހުނު ބޮނޑީގައި އާޔާ އަތުން ފައިލް ދޫވެ ފައި ކައިރިއަށް އެ ސޮއްސާލައިފިއެވެ.
"ހާދަ ސިއްރުން ތިއުޅެނީ........މަގޭ ޕޭޝަންޓެއްނު މިއީ...." އާރިކް ގުދުވެ ފައިލް ނެގިއެވެ.
އާޔާގެ މޫނަށް ޖަންބުކުލަ ފާއްދައިލިއެވެ.
"ސޮރީ....އައި ވޯޒް ޖަސްޓް........"
"ހޫމް ފީލިންގްސް ހުންނައިރުވެސް ނޫންކަމަށް ހެގިގެން އެކްޓްކުރަނީކަން މިހާރު މަށަށް އެނގިއްޖެ. އާރިޒްއާއިހެދި ހަމަ އުޅެނީ ދޯ. މަ ބުނާނަން އާރިޒް ކައިރީ. އާރިޒްއަށް ވީގޮތެއް ނޭންގިގެން ކިއުރިއަސްވިވަރުން ފައިލް ހާވަން ހުރި ވާހަކަ....." އާރިކް މަޖާގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ.
"ޑޮކްޓަރ އާރިކް ޔޫ އާ ރޯންގް. ސޯ ރޯންގް. އަހަރެން...." އާޔާ ވިސްނައިލިއެވެ. ތުންފަތުގައި ދަތް އަޅާލައިގެން ދުރަށް ބަލަން އިރުކޮޅަކު ހުރެފައި ސިކުނޑިއަށް ޚިޔާލުތަކެއް އައެވެ. " އަހަންނަށް ޝައްކެއްވީ. އޭނަ ލޯ މަރާލައިގެން ބަލިކަމަށް ހެދުނަސް... އަނިޔާއެއްނުވޭ. ވަރަށް ނޯމަލްކޮށް އޮތީ. ސިންސް ޔޫ އާ ހިޒް ޓްވިން އޭނަ ޕްރޮޓެކްޓްކުރަން ކޮންމެ ފަދަ އެއްޗެއްވެސް ލިޔެފާނެ ދޯ. އެހެންވެ. ފައިލް ބަލައިލީމަ ވިސްނިއްޖެ ކޯޓުން ސަލާމަތްވާން ގޮތެއް ހެދީ......އަދި ބުނެފިއެއްނު އަހަރެން އޭނައަށް ފީލިންގްސް ހުރީއޭ. އަހަރެން އޭނަދެކެ ލޯބިވިޔަސް ވާނީ ހުވަފެނެއްގަ އެނގިއްޖެތަ ޑޮކްޓަރ އާރިކް."
އާޔާ މާޗްކޮށްލާފައި ދިޔަތަން ބަލަން ހުރެފައި އާރިކް ހީލިއެވެ.
***
އާރިޒް ހޮސްޕިޓަލުން ޑިސްޗާޖްކޮށްލުމުން ޖަނާހުއާއި އާރިކްއައެކު ގޮސް ކާރަށް އެރިއެވެ. ބެލްކަނީގައި ސިއްރުން ބަލަން ހުރި އާޔާއަށް އެމަންޒަރު ފެނުނެވެ. ކުއްލިއަކަށް އާރިޒް މައްޗަށް ބަލައިލުމާއެކު ނަޒަރު ހުއްޓުނީ ސީދާ އާޔާގެ މޫނަށެވެ. އާޔާ ވަގުތުން ފަހަތަށް ދެމިގަތެވެ.
"މީހުން ބުނެ އުޅޭ ބައެއްމީހުންނަށް ހަވަނަ ހިއްސެއް ދެއްވާފައިވެއޭ. އާރިޒް އަށް އަހަރެން މިތާ ހުރިކަން އެނގުނުކަމީ ހަމަ އަޖައިބެއް..." އާޔާގެ ހިތުން އާރިޒް ފިލާ ގޮތެއްނުވިއެވެ.
"އެއީ އާޔާގެ ގާތިލްކަން ހަނދާން ނައްތައި ނުލާތި. ޑޯންޓް ފޯލް ފޯ ހިޒް ޗާމްސް. މަޑުމައިތިރި ކަމަށް ހެދިގެން އެކްޓްކުރިޔަސް އަސްލު ޑޭންޖަރަސް މީހެއް....އެންމެން މޮޔަ ހެއްދިޔަސް މަގޭ ބޮލަކަށް ނޭރޭނެ.."
***
ނޫރިއާގެ ހަޅޭއްލެވުމުގައި ހާސްކަމާއި ބިރުގަތުން ހުއްޓެވެ. ބާރަށް ހަޅޭއްނުލެވުނަސް އެ އަޑު ސިޓިންރޫމްގެ ހިމޭންކަމުގެ ތެރޭގައި ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުން ދިޔަ ފުރުގާންގެ ކަންފަތުގައި ހަރުލުމާއެކު ވޫސްލާފައި ދުއްވައިގަތެވެ. އެކޮޓަރިއަށް ވަންއިރު ނޫރިއާ އިނީ ތެދުވެ އެނދުމަތީގައެވެ.
"މަންމާ. ކިހިނެއްވީ؟ " ފުރުގާންގެ އަތް އޭނަގެ މަންމަ ވަށައިލީ ހިމާޔަތްދޭފަދަ ގޮތަކަށެވެ. އޭނަ އާރެއް ބާރެއްނެތް ކުޑަކުއްޖެއްކަމުގައި ވީހިނދު މަންމަ އަޅާލިވަރު ހަނދާން ހުރެއެވެ.
"ދަރިފުޅާ. ޒަންދު މަންމަ ދެންމެއައި......" ނޫރިއާގެ ބޮޑު ދެލޮލުން ވަށައިގެން ހޯދަމުން ދިޔައީ އަދިވެސް އޭނަ އެތަނުގައި ހުރެދާނެކަމަށެވެ.
ފުރުގާން ރިމޯޓުން ޗާންދަލިއާތައް ދިއްލާލިއެވެ.
"އެކަކުވެސް ނެތޭ މަންމާ އެވާނީ ހުވަފެނެއް ފެނުނީކަމަށް. ކުޑަދޮރުތައްވެސް މިހިރީ ތަންޑު އަޅާފައި. މިގެއަކަށް އިންސިއެއް ކީއްކުރަން ޖިންނިއަކަށްވެސް ވައި ނޭޅޭނެ...."
"ނޫނޭ ދަރިފުޅާ. ޒަންދުގެ މަންމަ އައީ ބޮޑު ޚަބަރެއް ހިފައިގެން...." ނޫރިއާ ފުރުގާންގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އެލޮލުން އެތައް އަސަރެއް ފުރުގަންއަށް ފެނުނެވެ. ދެލޯ ބޮޑުކަމާއި ނޫރާނީކަން އެކުލެވިފައިވާ މޫނުން މުސްކުޅިކަމުގެ މައުސޫމްކަން ފެންނާން ހުންނަނީ ފެނުނު ކޮންމެ މީހެއްގެ ހިތް ލޯބިން ފުރޭވަރަށެވެ.
"ޒަންދުއަކީ ކާކު މަންމާ..."
"ޖާސިމް ކައިވެނި ކުރި ޖިންނި ކުއްޖާ.......ދަރިފުޅާ. ޒަންދުގެ މަންމަ ބުނީ އާރިޒްއާއި ދެން އެހުންނަ އިސްތަށިގަނޑު ދިގު ކުއްޖާއަކީ ޖާސިމްގެ ދަރިންނޯ. ފުރުގާން މަންމައަށް އެލޮލުން ފެނުނީ ތެދުވެރިކަން. އޭނަ ދޮގު ހެދިކަމަކަށް މަންމަ ހިތެއް ނުބުނޭ. އެއީކީ މަންމައަށް ފެނުނު ހުވަފެނެއްވެސް ނޫން. ޒަންދު މަންމަގެ ނަންވެސް ބުނި. ޚަލީސީ. ޚަލީސީ ބުނީ އާރިޒްގެ ދެބެންނަކީ އޭނަގެ މާމަ ދަރިންނޭ. އެކުދިންގެ ބައްޕަ ޖާސިމް ވީ އެމީހުުންގެ އަތްދަށު ހައްޔަރުކޮށްފައޯ. ޒަންދު ގެނެސް ދިނީމަ ޖާސިމް ލިބޭނެޔޯ................"
ވާހަކަ ދައްކަމުންގޮސް ނޫރިއާގެ ދެލޯ ފުރިގެން ކަރުނަ ބަންޑުންވެގަތެވެ. އެ ބަލިކަށި ހިތަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ އޭނަ މިހުރިހާ ދުވަސްވާންދެން ދުނިޔެއާއި ވަކިނުވެ މިހިރީ ދަރިފުޅު ދެކެފައި ފުރާނަ ވަކިވާންހެއްޔެވެ؟ ޖާސިމް ފެނުމަށް އެދި ނޫރިއާ ކޮންމެ ނަމާދެއްގައި ދުޢާކުރެއެވެ. އާދޭސް ދަންނަވައެވެ. އެދަރިފުޅަށް ޖިންނިންގެ ފަރާތުން ކުރިމަތިވެދާނެ އުގޫބާތެއް ހިތަށް އެރުމުން ހިތް ރޫރޫ އަޅައިގަތެވެ.
"މަންމާ ޖިންނިން ތެދެއް ނަހަދާނެ...."
"މަންމަ އޭނައަށް އިތުބާރުކުރަން. ޚަލީސީގެ ވާހަކަތަކުގައި ދޮގުވެރިކަމެއް ނެތް. މަންމަގެ ޟަމީރު އަބަދުވެސް ބުނަނީ ޖާސިމް މަރުނުވެ ދުނިޔޭގައި އެބަހުއްޓެ. މަންމަ ދެން ކިހިނެއް ޒަންދު ހޯދާނީ...... ޒަންދު ނައްތައިލި ސުލޭމާންބެ ދުނިޔެއަކު ނެތް. މަންމަ އޭނައަށް ފައިސާދީގެން އެކަން ކުރުވީ އެކަމާއި މަންމަ ވަރަށް ހިތާމަކޮށްފިން. މަންމަ އަޖަލު ހަމަވެ ފުރާނަ ދިޔުން މާ ލަސްވާނެހެން ހިޔެއްނުވޭ. އެންމެ ފަހު ނޭވާލުމުގެ ކުރިން އެންމެ ފަހަރަކުވެސް ޖާސިމް ގެ މޫނު ދެކެލަން މަންމަ އިންތިހާއަށް ބޭނުން....." ނޫރިއާގެ ކޯތާފަތުން ދެމެމުން ދިޔަ ސައިލާބު ފުރުގާންގެ އިނގިލިތަކުން ފޮހެލަދިނެވެ. އޯގާތެރިކަމާއެކު އޭނަ މަންމަގެ ނިތްކުރީގައި ބޮސްދިނެވެ.
ފުރުގާންއަށް މަންމަގެ ކަރުނަ ފެނި ހިތަށް އަސަރުކުރިއެވެ. އޭނަގެ ފުރާނަދީގެންވެސް ޖާސިމް ގެނެވޭނެނަމަ އޭނަ އެކަންވެސް ކުރީހެވެ. ނަމަވެސް ޖާސިމްވަނީ ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އެކަމުގެ ހިތާމައިގާ މަންމަގެ ބުއްދި ގޯސްވީއެވެ. ނަމަވެސް ސުވާލަކީ އޭނަގެ މަންމައާއި ޖާސިމްވެސް ޖިންނިންގެ ވަކި އާއިލާއެއްގެ މީހުންގެ ނަންތައް ކިޔަނީ ކީއްވެހެއްޔެވެ؟ ނަފްސާނީ އެތައް ކޭސްތަކެއް ތަޖުރިބާކުރެވިފައިވާއިރު އޭނަގެ އާއިލާއަށް ދިމާވެގެން އުޅޭ ބަލި ހޯދުމުގައި އޭނަ މިވަނީ ނުކުޅެދިފައެވެ.
***
އާޔާ ކުޑަދޮރެއްގެ ކައިރީ ހުރެ އާރިޒް އުޅޭގޮތަށް ފާރަލިއެވެ. ބަނޑުހައިވެފައި އޮތް ބުޅަލެއް ގަސްތަކުގެ ތެރޭ އޮތްވާ ކާން އެޅިއެވެ.
"މީހުން މަރާ މީހުން ހައިވާނުންނަށް ކުލުނު ހުރޭތަ؟" އާޔާ ހިތާހިތުން ކިޔައިލިއެވެ.
އާރިޒްދެކެ ރުޅިއައިސް ރަތްވެގެން އެދުވަހު ކުނިބުނި އެ ބެލްކަންޏަށް އެއްލާފައި އެހެން ކޮޓަރިއަކަށް ބަދަލުވުމަށްފަހު އާޔާއަށް ގޮތުގައި ހިފަހައްޓައިގެނެއް ނުހުރެވުނެވެ. އަމިއްލަ ކޮޓަރި ހަދާންވަނީއޭ ކިޔާފައި އަނެއްކާވެސް އޭނަގެ ކޮޓަރިއަށް ބަދަލުވީ ދެލޯ ބޭގަރާރުވާވަރުންނެވެ.
***
އާރިޒް ވައިފުޅި އަޅައިގެން ކަނޑު އަޑިއަށް ފީނައިގަތެވެ. މުރަކައިގެ ބަގީޗާތަކުގެ ރީތިކަމުން އެދާނުގައި އޮށޯވެލާހިތްވިއެވެ. މަސްތަކާއެކު ފަތާލާއިރު އެކުރެވޭ އިހުސާސްތައް ބުނެދޭކަށް ނޭގެއެވެ. މަޑުމަޑުންއަޑިއަށް ދަނިކޮށް ހޮހަޅައެއްފަދަ ތަނެއް ފެނުނެވެ. މިފަދަ ތަންތަނަށް ވަނުމުގެ ނުރައްކާ އޭނައަށް ނޭގެނީއެއް ނޫނެވެ. އެންމެ ކުޅަދާނަ ޑައިވަރުންނަށް ނޫނީ މިފަދަ ތަންތަން އެކްސްޕްލޯ ނުކުރެވޭނެއެވެ. އެތަންތާ ދިރިއުޅެނީ ކޮންކަހަލަ މަޚުލޫގުންނެއް ބާވައޭ ހިތަށް އެރިއެވެ.
ޕައިލެޓެއްކަމުގައި ވިޔަސް އާރިޒްގެ ހުވަފެނަކީ ޖޭމްސް ކެމެރަން ފަދައިން މެރިއާނާ ޓްރެންޗަށްވެސް ފީނާލުމެވެ. އެއީ ކަނޑުގެ އެންމެ ފުން ހިސާބެވެ. ތިރީސްހަ ހާސް ފޫޓު ހުންނަކަމަށް ބުނެވެއެވެ.
ގަޑި ހަމަވެ މައްޗަށް އަރާންއުޅެނިކޮށް ހޮހަޅައިގެ އެއްފަރާތުގައި ހުރި ގާގަނޑެއްގައި ހަރުލާފައިވާ ފުޅިއެއް ފެނުނެވެ. ރަނާއި މުށިކުލަ އެކުލެވޭ ފުޅިއެކެވެ.
އާރިޒް ސަފާރީއަށް އަރާފައި ފުޅި އެއްފަރާތަށް އެއްލާލުމަށްފަހު ސާފު ފެނުން ހަށިގަނޑު ތެންމައިލިއެވެ. ހޫނުގަދަ ދުވަހެއްކަމުން އަވީގެ ސަބަބުން ފިހޭގޮތްވިއެވެ.
ގެއަށް ދާންވެގެން ސަފާރީއިން ފުންމާލިތަނާ އެފުޅީގެ މަތިން އޭނަ ހަދާންވިއެވެ. ތާރީޚީ އެއްޗަކަށްވުމުން އޭނައަށް ޒޭބް ދިން ކުލަ ކުލައިގެ އެސްތަކާއިއެކު ފޮރުވާނީއެވެ. ގެއާއި އަރާ ހަމަވިތަނާ ޖަނާހުއަށް އެ ފުޅިފެނިގެން ސުވާލުކުރިއެވެ.
"ކޮންތާކުން ހޯދި އެއްޗެއް؟ އާސާރީ އެއްޗަކަށް ވިއްޔާ ބޮޑު އަގުގައި ވިއްކައިލެވޭނެ......................." ޖަނާހު ފުޅިގޮތްގޮތަށް ބަލާފައި މަތި ނައްޓަން މަސައްކަތްކުރިއެވެ. އެކަމަކު ފުޅީގެ މަތި ދަބަރު ޖަހާފައިވާތީ އެކަމެއްނުވިއެވެ.
"ކޮބާ އެރިކް...." އާރިޒް އަހައިލިއެވެ.
"ޑިއުޓީގައި..."
"އެބަ އަންނަން ފެންވަރާލައިގެން. ޑިއުޓީ ނިންމާލިގޮތަށް އޮފީސްކުދިންނާއެކު ސަފާރީއެއްގައި މަޖާކޮށްލަން ދިޔައީ. ތީ މޫދުން ހޮވި ފުޅިއެއް....." އާރިޒް އެ ފުޅި އަތުލައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
***
އާޔާ ސިއްސައިގެން ދިޔައީ މީހަކު ފަހަތުގައި ހުރިހެން ހީވެފައެވެ.