ލޫގާގެ ސަބަބުން ބޮލަށް އުދަގޫވެ ހާސްވާގޮތް ވިނަމަވެސް އާރިޒް އޭނަގެ ބައްޕައާއިމެދު ވިސްނާ އެއީ ކާކުކަން ހޯދުމުގެ ޝައުގު ހިތުގެ ކަނެއްގައި އާލާވިއެވެ.

އެއީ ކާކުހެއްޔެވެ؟

"އެމެރިކާގެ ޕްރެޒިޑެންޓަށްވެސް ވެދާނެޔޯ. ހުވާ މޮޔަ ކަމެއް ދެއްވާފައި ހުރި ދިރޭ އެއްޗެއް. މަގޭ ބޮލުގައި ޖަގަހަ ޖަހައިގެން އުޅުނަސް. ޑޮކްޓަރު ފުރުގާން އެހެން ބުނަންޏާ ގަބޫލު ނުކުރެވުނަސް ހިތަށް ކޮންވިންސްކޮށްދޭން އެބަޖެހޭ.................." އާރިޒް ތައްޔާރުވާން ހުރިއިރު ލޫގާ ދެއްކި ވާހަކަތައް ހިތުން ނުފިލިއެވެ. ބަލްސަމް ފެނުނީ ކާކޮޓަރިންނެވެ. އާރިޒް ސުވާލުކުރީ ލިބޭނެ ހަދިޔާ ރަގަޅަށް އެނގިހުރެއެވެ. މިފަހަރު ބަލްސަމްގެ އަތުގައި އޮތް ބުރުހުގެ ހަމަލާއިން އާރިޒްގެ ލޯ ސަލާމަތްވީ ހަމަކިރިޔާއެވެ. ބުމަ ކައިރިއަށް އެރި އެތިފަހަރު ބޮޑު ގޮބޮޅިއެއްހެން އުފުލެން ހިނދުކޮޅެއްވެސް ނުނެގިއެވެ.

"ކަލޭގެ ބައްޕަގެ ވާހަކަ ދެން އަހައިފިއްޔާ މިވަރެއް ނޫން ކުރާނީ. އެއީ ކެހިވެރިއެއް. މަކަރުވެރިއެއް......" ބަލްސަމް އިންޒާރުކުރިއެވެ.

"ވޯހް.....އެހާވެސް ބައްޕަދެކެ ރުޅި އަންނަނީތަ؟ އެރުޅިކަން ނޭގޭ މަށަށް ބަލްސަމް މި ބާލަނީ. އެހާ ރުޅި އަންނަން އޭނަ ކޮން މަކަރެއް ބާ ހެދީ......." އާރިޒް ހިތާހިތުން ކިޔާލިއެވެ. އެތަނުން ނުކުމެގެން އައީ އައިސްޕެކެއް ބުމަމަތީ ޖައްސާލައިގެން ހުރެއެވެ. ތަދު އިހުސާސްވުމުގެ ބައި ކުޑަކަމީ ނަސީބެކެވެ. ނަމަވެސް މޫނުމަތިން ބާކީ ހުރި ތަންކޮޅު މަންމަ ދުއްވައިލަން ބޭނުންވީއެވެ. ޔަގީނުންވެސް ކުރިން ހިތަށް އެވާކަހަލަ އުދަގުލެއް ނުވިއެވެ. އަނިޔާތައް ލިބެމުންގޮސް އެކަމަށް ހޭނި ހިތްވަރު ލިބުނީކަމުގައި އޭނަ ދެކުނެވެ. އަންހެންކުއްޖަކަށް އޭނަ ނުވިކަމީ ނަސީބެކެވެ. އަންހެންކުދިން މަލެއްފަދައިން ނާޒުކްވާނެއެވެ. އެހާ ފިނޑިއެވެ. އާޔާ ފަދައިންނެވެ.

އާޔާއާއިމެދު މިފަދަ އެއްޗެއް ހިތަށް އެރިކަން އެނގިއްޖެއްޔާ އާޔާގެ މޫނަށް ވެރިވާނެ ކުލަ އަންދާޒާކުރެވި އާރިޒް ހިނި އަންނަގޮތްވިއެވެ.

 

ނޫރިއާ ހޮސްޕިޓަލުން ދޫކުރުމަށްފަހު ފުރޮޅުލީ ގޮނޑިއެއްގައި އިންނަތާ ކިތަންމެ ދުވަހެކެވެ. މީހެއްގެ އެހީތެރިކަމާއި އެކު ނޫނީ ތެދުވެ ހިނގައިބިގާ އުޅެވޭވަރެއް ނުވެއެވެ. ގަވާއިދުން ފިޒިއޯތެރަޕީ ހަދަން މީހަކު ގެއަށް އާދެއެވެ. ޒުޚުރުފްއާއި ޒަމަރުދުގެ ބެލުމުގެ ދަށުން އެމީހުން މަންމަ ދުވަސްކޮޅަކަށް ގެންދަން ފުރުގާންގެ ހުއްދަ ހޯދިއެވެ. އެމީހުން ދިރިއުޅެނީ ޒިއުރިކްގައެވެ. ފުރުގާންމެންނާއި އެހާ ދުރެއް ނޫނެވެ. ފުރުގާން ބޭނުންއިރަކު މަންމައަށް ޒިޔާރަތްކުރެވޭނެއެވެ. ފުރުގާންއާއި ބަލްސަމްގެ ދޭތެރޭ ޖެހިފައިވާ މައްސަލައަށް ހައްލެއް ނައިސް ގިނަދުވަސް ވިޔަސް އެދެމީހުން އެކަން އެހެން ފަރާތަކަށް ނާންގައެވެ. ބަލްސަމް އެހާވަރުން ފޮރުވާފައި އޮތް ބޮޑު ސިއްރު އެނގިގެން ފުރުގާންވެސް ލަދުގަންނާނެތާއެވެ. އިތުބާރުކޮށް އެކީ އެތައް އަހަރެއްވާންދެން ލޯބިން އުޅުނު އޭނަގެ އަންހެނުންވަނީ ކުރިން އެހެން މީހަކަށް ދަރިއެއް ވިހާ އެކަން ފޮރުވާފައެވެ. މީހަކާއި އިންކަމެއްވެސް ފުރުގާންއަށް ޔަގީނެއް ނޫނެވެ. ސެޓްފިކެޓެއް ނުދެއްކުނެވެ. ފުރުގާން ދޭތެރެއަކުން ރާއްޖެއަށް ދަތުރު އަޅާލާއިރު ބަލްސަމްއަށް ޝައްކުވާފަދަ ކަންތައް އޭނަގެ ފަރާތުން ހިގައެވެ. އެހެން އަންބަކު ހޯދަން އުޅޭކަމުގެ ނިޝާންތައް ފެނި ހިތް ހަލާކުވާވަރުވިޔަސް ޝަކުވާކުރާކަށް ނުކެރެއެވެ. އަމިއްލަ ކުށުގެ އިހުސާސް ބޮޑީ ވަކިވަރަކަށް ނޫނެވެ.

އެދުވަސްކޮޅު އާރިޒްގެ މާމަ ވެއްޓި އަނިޔާވެގެން ހޮސްޕިޓަލުގައި ބޭއްވި ޚަބަރުލިބުނެވެ. މާމައަށް ގުޅާފައި ޚަބަރު އެހުމުން ބުނީ ވާރޭވެހި މަގުތައް ހަޑިވެފައި އޮތްވާ ކައިރީގައި ހުރި ފިހާރައަކަށް ދަނިކޮށް ކައްސާލީކަމަށެވެ. ބޮލަށް ކޮންމެވެސް ވަރަކަށް އަނިޔާވެ އަތަށް ތަދުވީއެވެ. އާރިޒް ރަށަށް ފޮނުވައިލާނެ ބަހަނާއެއް ނުފެނި ހުރި ބަލްސަމް ދަނޑިވަޅުގެ ބޭނުންކުރިއެވެ. އާރިޒްއަށް މިވަގުތު މާމަ އިންތިހާއަށް ބޭނުންވާނެކަމަށާއި މާމަ އެކަނި އުޅެވޭވަރުވުމުން އެނބުރި ކިޔަވަން އައުމަށް ބުނެފައި ޓިކެޓް ނަގައިދިނެވެ.

އާރިޒް ރަށަށްގޮސް މާމަ ފެނުމާއެކު އޭނަގެ ގައިގާ އޮޅުލައިގެންފާ ރުޔެވެ. ހުނެވެ. އުފަލުގެ ކަރުނައެވެ. މީހަކު އެގޮތަށް ހީފައި ރުއިތަނެއް އެނޫނީ އާރިޒް ނުދެކެއެވެ. މާމަ ވާ ލޯބީގެ މަތިވެރިކަން އިހުސާސްކުރެވި އާރިޒްގެ ލޯވެސް ކަރުނުން ފުރުނެވެ. އަވަށްޓެރިންނާއި ދަންނަ މީހުންގެ އުދަގޫ ނަޒަރުން ސަލާމަތްވާން އާރިޒްއަށް ފަސޭހައެއްނުވިއެވެ. އޭނަގެ މޫނު ކުރިއަށްވުރެ ހުތުރުވެ އައިބުވެފައިވުމުން އެމީހުން ކުރިމައްޗަށް ނިކުންނާން އާރިޒްއަށް އުދަގޫވިއެވެ. މޫނުގައިވާ ލަފުގެ އިތުރުން އަނދާފައިވާ ލަކުނުތައް ހުރުމުން ލައްޖަހާފައިވާ ކަހަލަ ގޮތަކަށް ފެނެއެވެ. އެއީ އާޔާ ދިން އެންމެ ބޮޑު އަނިޔާއެވެ. މީހުންގެ މަލާމާތުގެ ސިލްސިލާއަށް އިތުރުވި އާ ބޮޅަކަށްވިއެވެ. އަވަށްޓެރިއަކަށް އުޅޭ ދަލޭކަ އެގެއަށް ވަދެފާ އޭނައަށް ބަލައިލީ ދުނިޔެއިން ބޭރުން އައި އޭލިއަންއަކަށް ބަލާފަދައިންނެވެ.

"އަދިވެސް އާރިޒްގެ މޫނުން ތި ލަފު ފިލާނެ ގޮތެއް ނުވޭތަ؟ ނިކަން ބްލީޗް ޖަހައިބަލަ..." ދަލޭކަ އާރިޒްއަށް ބުންޏެވެ. ދަލޭކަ ބޮޑުކޮޓަރީގެ އެއްފަރާތުގައި ހުރި އުނދޯލީގައި ޖައްސާލާފައި މާމަގެ ދުފާ ދަޅު ނެގިއެވެ.

އާރިޒް އައުމުގެ އުފަލުގައި ކުކުޅު މަހާއި ފަރާޓާ ފިހެ ސައި ތައްޔާރުކޮށްލައިގެން މާމަ އިނީ ނިކަން އުފަލުންނެވެ. ދަލޭކައަށް ކާން ދައުވަތު ދިނުމުނުން ބުނީ ހަމަ ދެންމެ ކައިގެން ދުފާލަން އައީކަމަށެވެ. ޝަކީރާއާއި އާރިޒް މޭޒުދޮށުގައި ކާން ޖައްސައިލިއެވެ.

"ކޮބާ މާމަދަރި ފައިނާ. އަހަރެމެންގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްލަން އާރިޒްއާއި ފައިނާ ގުޅުވަމާ...." ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ޝަކީރާ އަހައިލިއެވެ. އެ ޖުމްލަ އިވުމުން ދަލޭކަގެ ލޮލުން ނުތަނަވަސްކަމެއް ފެނުނެވެ. ފައިނާއަކީ އަވަށްޓެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރީތި ކުއްޖާއެވެ. ދިގު އިސްކޮޅެއް ހުރެފައި ހަށިގަނޑުގެ ވަނާތައް ފުރިހަކަމުން ކިތަންމެ ފިރިހެންކުދިންނެއް އެދޭ އަންހެންކުއްޖެކެވެ. ދެރައީ ސިފަ ވަކިނުވާވަރަށް މޭކަޕް ކޮށްފައިވާތީއެވެ. ފައިނާ އާރިޒްއަށް މަލާމާތްކޮށް އުޅުނީ ސިއްރުންނެވެ. މާމައާއި ދަލޭކަ ނެތްތަންތާއެވެ.

"މީހަކާއި އިނދެވޭނީ އަށާރަ އަހަރު ފުރުނީމައެއްނު ޝަކީރާ. އަހަރެމެން ކައިވެނި ހަމަޖެއްސިޔަސް އެކުދިންގެ ޚިޔާލު ހުރިގޮތެއް ނޭގޭނެ....."

"އަހަރެންގެ އާރިޒް ގަބޫލުވާނެ..." ޝަކީރާ ޔަގީންކަމާއިއެކު ބުނެލިއެވެ.

"އިންނަން ހަމަ ތައްޔާރަށް މިހިރީ........." އާރިޒް އެހެން ބުނީ ފައިނާގެ ހިތް އެނގޭތީއެވެ. އޭނަ އިންކާރުކުރާނެ ކަމީ އިރު ފެންނަ ފަދައިން ހަގީގަތެކެވެ. އަދި އާރިޒް އިންނަން ހުރިކަން އެނގިއްޖެއްޔާ އޭނައާއި އެކުވެރި ގްރޫޕްވެގެން އޭނަ ރޮލާ ކާލާނެއެވެ. މިހާރުވެސް ލޮލަށް އެ މަންޒަރުތައް ފެންނަފަދައެވެ. ފައިނާގެ ބޭބެ ފަހުދަކީ މިހިސާބުގައި އުޅޭ ގޭންގުގެ ދާދާއެވެ. އިސްތަށިގަނޑު އުނަގަނޑާއި ހަމަޔަށް ދިގުކޮށްލާ އަތާއިފައި ފަށްތައް އަޅާފަ ނުވީތާކަށް ކަންފަތް ތޮރުފާފައެވެ. އޭނަގެ ފަރާތުން އާރިޒްއަށް ކުރިމަތިވި ގަނާތަކުން ސަލާމަތް ނުވެވިފައި ހުއްޓާ ސްވިޒަލޭންޑަށްދާނެ ނަސީބު މިންވަރުކުރެއްވީއެވެ.

"އަހަރެން ތިކަމާ އެބައުޅެން. ޝަކީރާގެ މަންޖެ ދިރިއުޅެނީ ވިލާތުގައި ދޯ....."

"ބަލްސަމް އެކޮޅުގައި އުޅުނަސް އާރިޒް ދިރިއުޅޭނީ ރާއްޖޭގައި. މި ކޮއިފުޅު އެރަށަށް ދިޔައީ ހަމައެކަނި ކިޔަވަން. ކައްޕިތާނަކަށްވެގެން އަހަރެންގެ ދަރިފުޅު އެނބުރިއައިސް ގައުމީ ޚިދުމަތުގައި ހުންނާނީ ދޯ. މަގޭ ދަރި ވަރަށް ވަތަނީ ވާނެ މިހެން ހުއްޓަސް.." ޝަކީރާ އާރިޒްގެ ބުރަކަށީގައި ފިރުމައިލީ ނިކަން ލޯބިންނެވެ. ކޮންމެގޮތެއްވިޔަސް އާރިޒްގެ މަންމަ މުއްސަންޖަކާއި ކައިވެނިކޮށްގެން ބޭރު ގައުމެއްގައި ދިރިއުޅެންޏާ ދަލޭކަމެންނަށް ފައިދާ ވާނެއެވެ. އޭނަގެ މާމަދަރިއަށް ވިސްނައިދޭނީއެވެ.

ދަލޭކަ ޚިޔާލީ ވާފަށް މާ ދުރަށް އެއްލާލުމަށްފަހު ޚިޔާލީ ފޮލާ ކައްކަން އިނދެފައި އާރިޒްމެންނަށް ބަލައިލިއެވެ. އާރިޒް އޭނަގެ މާމަގެ އަނގައިގާ ލައްވާފައި ކާންދޭތަން ފެނި ދަލޭކަގެ ހިތުގައި ހަސަދައިގެ އަލިފާންކޮޅެއް ރޯވިއެވެ. އޭނަގެ މާމަދަރިން އޭނައަށް މިހާ ހެޔޮކޮށް ހިތާނެނަމައެވެ. އަނގައިގާ ލަވާ ކާންދޭނެނަމައެވެ. އެއީ ހުވަފެނުގައިވެސް އެކަށީގެން ނުވާކަމެއްކަމަށް އޭނަ ދެކުނެވެ. އެހެން ވާނެ ނޫންހެއްޔެވެ. އޭނަގެ ދަރިންނަށް އޭނަވެފައިވަނީ ބުރައަކަށެވެ. ހިތުގައި ޖެހޭފަދަ އެއްޗެހި ބުނާލެއް ގިނަކަމުން ގެއަށް ވަންނަ ހިތެއް އޭނަ ނުވެއެވެ. ޝަކީރާގެ ގާތަށް އައިސް އަނގަ ތަޅައިލަން އިނުމުން ފޫހިފިލައެވެ. އާރިޒް އޭނަގެ މާމައަށް ހެޔޮކޮށް ހިތާތަން ފެނިފައި ލޮލުން ކަރުނަ ހިލުނީ އެހެންވެއެވެ.

ޝަކީރާ ދިރިއުޅޭގެ ކުޑަނަމަވެސް ގޯތި ބޮޑެވެ. އެކަނި ދިރިއުޅޭމީހަކަށް އުދަގުލެއްނެތި ހަމަޖެހިލައިގެން އުޅެވޭނެއެވެ. ނިކަމެތިވިޔަސް ޝަކީރާ ސާފުތާހިރުކަމަށް ލޯބިކުރެއެވެ. ބަލި ހާލުގައި އުޅެމުންވެސް އަދިވެސް އަމިއްލައަށް ފެންވަރާ ކައްކާ ހަދައެވެ. އެރޭ އާރިޒް ނިދަން އޮތީ އޭނަގެ މާމަގާތު އެ ކޮޓަރީގައި ހުރި އަނެއް އެނދުގައެވެ. ފަނޑު އަލީގައި ބޯދަށަށް އަތްލައްވައިގެން އޮތްއިރު ނަޒަރު ހުއްޓިފައިވީ ބޯމަތީ އެނބުރެމުންދިޔަ ބާ ފަންކާއަށެވެ. އަރާމާއި އިއްޒަތާއެކު މަންމަ ގާތު ދިރިއުޅެވުނަސް އާރިޒްއަށް މާމަގެ ގާތު މިހެން ވާހަކަދައްކައިލަން އޮތުމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން މާ ބޮޑެވެ. ރޭގަނޑުގެ ހިމޭންކަމުގެ ތެރެއިން އިވެނީ ރާޅު ޖަހާ އަޑާއި ކޮންމެވެސް ޒާތުގެ ސޫތްޕެއްގެ އަޑެވެ.

"މާމާ. އަޅުގަނޑު އެއްޗެކޭ އަހައިފިއްޔާ ސާފުކޮށް ޖަވާބުދީފާނަންތަ؟ " އާރިޒް މާމައާއި ދިމާލަށް އެނބުރުނެވެ. އެހެން އޮތްއިރުވެސް މާމަ އަތުގައި ތަސްބީހައެވެ.

"މާމައަށް އެނގުނުގޮތަކަށް ޖަވާބު ދޭނަން..." ޝަކީރާ ތުން ފިތާލަމުން ހީލިއެވެ.

"އަޅުގަނޑުގެ ބައްޕައަކީ ކާކު؟ ކޮންތާކު ދިރިއުޅެނީ؟ "

"މަންމަ ނުބުނޭތަ؟ މަންމަގާތުން ތި ސުވާލުތައް އެހިނަމަ. އެކަމަކު އާރިޒް އެހުމުން މާމަ ޖަވާބު ނުދީ ސިއްރުކޮށްފިއްޔާ މާމަވެސް ދަރިފުޅަށް އެނގެންޖެހޭ މައުލޫމާތުތަކަށް ހުރަސް އެޅި މީހަކަށްވާނީ. މާމަ ބުނެފާނަން ސިއްރެއް. ދަރިފުޅު މަންމައާއި މިކަމާއި ޝަކުވާނުކުރާތި. މަންމަ ކައިވެނިކުރި ޚާލިދުއަކީ އާރިޒްގެ ބައްޕައެއްނޫން. އޭގެ ކުރިން އެހެން ކުއްޖަކާއި ރައްޓެހިވެގެން ބުއި ބޮނޑިއެއްހެން މާމައަށް ހީވޭ. ކައިވެންޏަށް ހަތްމަހުން ދަރިފުޅު ލިބުނުއިރު ދުވަސްފުރޭ ވިހޭ ކުއްޖެއްހާ ބޮޑުކޮށް ނަލަކޮށް އޮތީ. އިސްތަށިގަނޑު އެހާ ވަރުގަދަ. ޚާލިދުގެ އެންމެ ސިފައެއްވެސް އާރިޒްގެ ނެތް. އާރިޒް ވިހެއުމުގެ ތެރޭ ދިމާވި ކަންތައްތައް މިއަދާއި ހަމަޔަށް ހަދާން އެބަހުރި. ހޮސްޕިޓަލަށް ގެންދާކަށް މާމައަށް ނުކެރުނު. ބޭޒާރުވެ އަވަށްޓެރިން ވާހަކަ ދައްކާ ދަރިފުޅާއިމެދު ޝައްކުކުރުވުމަކީ ހިތަށް ކެތްކުރެވޭވަރުގެ ކަމަކަށްނުވި. އެހެންވެ ދަންނަ ފޫޅު މަޔަކު ގެނައީ. އޭނައާއިއެކު ނުދަންނަ މީހެއް ވެސް އައި. އެއީ ދަންވަރުކަމުން މާމަވެސް ތަނެއްގައި ބުރަކަށި ޖައްސައިލިތަނާ ނިދުނީ. ފަތިސް ނަމާދު ބަންގީގެ އަޑަށް ހޭލެވިގެން ބަލައިލިއިރު މަންމަ ވިހާ ހުރިހާކަމެއް ނިމިއްޖެ......." ޝަކީރާ އެރެއާއި ބެހޭގޮތުން އާރިޒް ކުރި ކޮންމެ ސުވާލަކަށް އެނގޭވަރަކުން ޖަވާބުދިނެވެ.

އާރިޒް އޮތީ ފުން ވިސްނުމެއްގައެވެ.

އޭނަފަދަ ބަދުނަސީބު މީހެއް ދުނިޔެއަށް އަންނާނެހެއްޔެވެ؟ އާޚިރުގައި އޭނަ މިވީ ރަށްމެދަށް ވިހޭ ދަރިއަކަށެވެ. ޚާލިދުގެ ނަން އަޑު އިވުނަސް އެއީ ކިހިނެއް ހުންނަ ކާކުކަމެއް އާރިޒް ނުދަނެއެވެ. ޚާލިދު މަންމަ ދޫކޮށްފައި ދިޔަ ސަބަބު މިރޭ

ވިސްނިއްޖެއެވެ.

ހެނދުނު ސައިބޮއިގެން އާރިޒް ބޭރަށް ނުކުމެލީ ކައްކަން ބޭނުންވާ ސާމާނުކޮޅެއް ގަނެލުމަށެވެ. ދޮރާށި ހުޅުވައިލިއިރު އެ ހަނި ގޯޅިގަނޑުތެރޭ ފައިނާއާއި އެކުވެރި ދެތިން އަންހެންކުދިން ތިއްބެވެ. ހީވާގޮތުން އެތިބީ އޭނަ ނިކުންނާނެ އިރަކަށް ބަލަބަލައެވެ. އޭނަގެ އިންތިޒާރުގައެވެ. ރަތްކުލައާއި ކަޅުކުލައިގެ ކުރު ޓޮޕްކޮޅު ފިޓްކަމުން އޭނަގެ ހަމުގެ އިތުރު ފަށަލައެކޭ ތަފާތެއްނެތެވެ. ލާފައި ހުރި ކަޅު ޓައިޓުން ދިގުފައިގެ ރީތިކަން ހާމައަށެވެ. ރާޅުބާނި އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްކޮށް ވިހުރުވާލާފައެވެ. ރީތި އަންހެންކުއްޖެކެވެ. ނަމަވެސް އަޚުލާގުގެ ކަންފުޅެއް ނުހުރެއެވެ.

"ހައި ބީސްޓް. ސީރިޔަސްކޮށް މަށާ އިންނަން އެހީތަ؟ " ފައިނާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.

"ވީގޮތަކީ........" އާރިޒް އެއްޗެކޭ ބުނަން އުޅުނެވެ.

"އައި ޑޯންޓް ނީޑް ޔޯ އެކްސްޕްލެނޭޝަންސް. ހަމަ ދެން ދޮގު މައްޗަށް ދޮގު. ޔޫ ޓޯލްޑް މާމާ ކަލޭ ކިޔަވަނީ ލަންޑަންގައޭ. މާމަ މޮޔަ ހެއްދިޔަސް އަމް ނޮޓް ކްރޭޒީ ތިކަހަލަ ނަޓަކައި އިންނަން. އަހަރެންގެ ފެމިލީވެސް އުޅެނީ މާލެ ބަދަލުވާން. އަހަރެމެން ހުރިހާ ފްރެންޑުންވެސް ނާސިން ހަދަން ފުރަން މިއުޅެނީ. ބިއުޓީ އެންޑް ބީސްޓް ފިލްމުތަކުން ކުޅުނަސް އަހަރެން ރިއަލް ލައިފްގައި އެކްޓްނުކުރާނަން. މަ ބިއުޓީއަކަށް ވެއްޖެއްޔާ ތީ ބީސްޓެއްކަން މިރަށު އެންމެންދަނޭ. ޔޫ އާ ސޯ ފަނީ. މަށާއި އިންނަން އެހީ.......ހަހަ.." ފައިނާ ހޭންފެށިއެވެ.

އާރިޒް ވަރުގަދަ ޖަވާބެއްދޭން އުޅެފައިވެސް އަނގައިންބުނާ ހިތެއްނުވިއެވެ. އޭނަގެ ދިފާއުގައި ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނަގެ މާމަ އެދެކުދިން ގުޅުވަން ނިންމިޔަސް އޭނަ އެހެން ބުނެލީ ހަމަ މަޖަލަކަށްކަން ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ. ފައިނާ އަދި މިއިން އެއްވެސް އަންހެންކުއްޖަކަށް އޭނަގެ ޝައުގެއްނެތެވެ. އަންހެންކުދިންނާއި ހެދި މޮޔަވާ ފާޑު މީހެއް ނޫންކަން އޭނަ ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ސްވިޒަލޭންޑުން އޭނަވަނީ އާޔާ ކަންޒާފަދަ ރީތިކަން ހުސްކުރި ކުދިންވެސް ދެކެފައެވެ. އޭނަގެ ހިތަކަށް ގޮތްގޮތްވެ ލޯބިވެގެން ނުނިދިގެން އުޅޭކަށް ނުޖެހެއެވެ. ފައިނާ ހީކުރީ އޭނަ ފައިނާއާއިހެދި އުޅެނީކަމަށް ހެއްޔެވެ؟ އެހެން ހީކުރިޔަދޭށެވެ.

"އައިމް ސޮރީ އާރިޒް. އަހަރެންގެ ހުރޭ ބިޓެއް. ސަނީ....." ފައިނާ އިތުރަށް ބުނެދިނެވެ.

"ކޮންގްރާ.." އާރިޒް ހެޔޮހިތުން ބުނެލިއެވެ. ސަނީއާއި ފަހުދަކީ ގާތް އެކުވެރިންނެވެ. އާރިޒް ދާން އެނބުރުނުތަނާ ފިރިހެންކުއްޖަކު ގޮވައިލިއެވެ. ބަލައިލިއިރު އެއީ ޖަނާހުއެވެ. އެއީވެސް އޭނަފަދައިން އެންމެން ބާކީކޮށްފައިވާ ކުއްޖެކެވެ. ތަންކޮޅެއް ހިކިކޮށް ހުރެފައި އައިނެއް އަޅާތީ ނާޑުކިޔައިގެން ޖެއްސުންފަށެއް ކޮށްލާނެއެވެ. ޖަނާހު އަށް އާރިޒް ފެނުމުން އަތާއަތް ޖަހައިލިއެވެ. ޚަބަރު އޮޅުންފިލުވިއެވެ. މާލެ ދިޔަގޮތަށް ޚަބަރެއް ނުވީ ކީއްވެހެއްޔޭ އަހައިލިއެވެ. އެވަގުތު އެތަނަށް ނުކުތް ގްރޫޕް ފެނިފައި ޖަނާހު ހާސްކަމާއިއެކު ދުރަށް ބަލަންފެށިއެވެ. ފަހަދު ބާރުބާރަށް ހިނގާފައި އައިގޮތަށް ޖަނާހުގެ މޫނަށް އެތިފަހަރެއް ވީއްލައިލިއެވެ. ޖަނާހުގެ ބުމަ ފަޅައިގެންގޮސް ލޭގަނޑު އޮހިގަތްގޮތަށް ލައިގެން ހުރި ހުދު ޓީޝާޓު ފޯކޮށްލައިފިއެވެ. މި މީހުން އެހާ ރުޅިއަންނަންވީ ސަބަބެއް ނޭގި ސުވާލުގެ ނަޒަރަކުން ބަލައިލުމާއެކު ދެވަނަ އެތިފަހަރު މޫނަށް ވީއްލައިލިގޮތަށް އޭނަ ވިއްސައިގެންގޮސް މާދުރުގައި ޖެހުނެވެ.

"އޭތް. ކަލޭގެ ބައްޕަގޮސް ފުލުހުންނަށް އަހަރެމެން ރިޕޯޓްކުރީ. އަދި އޭނަވެސް ހޭއަރުވާލާނަން. މަށާއި އަޅައިގަނެގެން ރީއްޗަކަށް ނޫޅެވޭނެ...." ފަހަދު ބޫޓުން ޖަނާހުގެ ގައިގާ ތަޅަންފެށުމުން ތަދުވެގެން ޖަނާހު ތެޅިފޮޅުނެވެ. އެހީއަށް އެދި ހަޅޭއްލެވިއެވެ. އެހިސާބަށް ނިކުތް މީހުންވެސް އެ މަންޒަރު ނުފެންނަކަމަށް ހަދާފައި އެތަނުން ދުރަށް ދިޔައީ ފަހަދުގެ ނުބައި ނުލަފާކަން އެނގޭތީ ބިރުންނެވެ. އެމަންޒަރު ދެކެން ހުރި އާރިޒްގެ ނާރުތަކުގައި ހިނގާ ލޭ ހަލަބޮލިވިއެވެ. އެކުވެރިޔާއަށް އެގްރޫޕުން ހަމަލާދީ އެކުއްޖާ މަރާލާއިރު ދެއަތް އުރާލައިގެން އޭނަ ކުޅިބަލަން ހުންނަންވީހެއްޔެވެ؟ އޭނަ ފިރިހެނަކަށްވެސް ނުވަނީބާވައެވެ. އާރިޒްގެ އަތް މުށްކެވުނެވެ. ދަތްތައް ޖައްސާ ބާރުކޮށްލެވިއްޖެއެވެ.

"އިނަފް...." އާރިޒް އަތް އުފުލައިލިއެވެ.

"އައްދެ މީ އަދި ކާކުތަ. މަ ހީކުރީ އަރާ ކާ އެއްޗެއްކަމަށް. ސަފަރު ކައްދަގެ އަންހެން ވައްތަރުތަ. ނޫނީ އޭނަގެ ފިރިމަނިކުފާނުދޯ................ " ފަހަދު ނުބައިގޮތަކަށް ބަލައިލިއެވެ.

"އޭނަގެ ބައްޕަ ކުރި ކުށަކަށް އޭނައަށް އަނިޔާ ދިނުމަކީ އިންސާފެއް ނޫން. ލީވް ހިމް އެލޯން." ފަހަދުގެ މަލާމާތުގެ ޖުމްލަތައް އިވުނުކަމަށްވެސް ނަހަދާ އާރިޒް ދެއްކީ އެހެން ވާހަކައެކެވެ.

"ވަޓް؟ " އާރިޒްގެ ޖެހިލުންކުޑަކަމުން ފަހަދު ހައިރާންވިއެވެ.

"ސާފު ދިވެހި ބަހުން މިބުނަނީ. ކަލޭމެން މައިތިރިވެގެން މިތަނުން ރައްކާވާން އުޅޭ......" އާރިޒް ތަކުރާރުކޮށް ބުނެލުމުން ފަހަދުހުރި ގަބޫލުނުކުރެވިފައެވެ. އެހެން ހުރެފައި ކޮށްލި އިޝާރާތާއިއެކު އެންމެންވެގެން ޖަނާހުއާއި ދިމާކޮށްލިއެވެ. އާރިޒް ރުޅިވެރިކަމާއިއެކު ހަޅޭއްލަވައިގެންފާ އެމީހުންނާއި ދިމާލަށް ދުއްވައިގަތްގޮތަށް ފުންމައިގެންގޮސް ވައިގެ ތެރޭ އަޅައިލި ބުރާއެކު ދެތިން މީހެއްގެ މޫނުގައި ކޮޅުފައިން ޖެހިއެވެ. ފައިނާއާއި އެހެން އަންހެންކުދިންވެސް އާރިޒްގެ އެ އަމަލުން އަނގަ ހުޅުވުނެވެ. އެފަދަ ބާރުގަދަ މަޝްހޫރު ގޭންގަކާއި ހަގުރާމަކުރަން އާރިޒް ހިތަށް އެރީތީ ހަމަ ހައިރާންވެ އަންތަރީސްވެއްޖެއެވެ. ވައިގެތެރޭ އުދުހިލާފައި އައި މަންޒަރު މޮޅެވެ. ފިލްމީ މަންޒަރެއް ކުޅެލިފަދައެވެ. ފަހަދުއާއި އެކުވެރިން ޖަނާހުއާއި އާރިޒްގެ ގައިގާ ތަޅައިގަތީ އެއެއް މިޔެއް ބަލާފައެއްނޫނެވެ. އެންމެ ފޯރިގަދަވި ވަގުތު އެހެން ލާފައި އައި ކާރެއް އެތަނަށް މަޑުކޮށްލާފައި އެއިން ފޭބީ ޒުވާނެކެވެ. އާރިޒްމެންއާއި އެއް އުމުރުގެ ފިރިހެންކުއްޖެކެވެ. ކޯޓުފަޓުލޫނެއްގައި ހުރިއިރު އެހާ ޅައުމުރުގައިވެސް ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ. ފަން އިސްތަށިގަނޑު މައްޗަށް އޮމާންކޮށްފައިވާގޮތުން މާތްގޮތެއް ހުއްޓެވެ. ވަރުގަދަ ކަޅު ބުމައާއިއެކު ތޫނުފިލި ދެލޮލެވެ. އަޖައިބެއްފަދަ ރީތި ސިފަތަކެއް އޭނައަށް ލިބިފައިވިއެވެ. އޭނަ އަތުގެ އިޝާރާތުން ދެއްކީ ސުލްހައިގެ ނިޝާނެވެ. ފައިނާއާއި ދެންތިބި އަންހެންކުދިން ހުއްޓުންއަރާ އަނގަ ހުޅުވިފައެވެ. އެޒުވާނާއަށް އެކަން އިހުސާސްކުރެވުނުކަމެއް ނޭގެއެވެ. އެކުދިންނަށް ބަލައިލާވަރަށްވުރެ އޭނަ ފޮންޏެވެ. ފުލުހުންނަށްވެސް އާދެވުނީ އެންމެ އެކަށީގެންވި ދަނޑިވަޅުގައެވެ. އެ ޒުވާނާ ޒަޚަމްވެފައިވާ ދެ ކުދިން އޭނަގެ ކާރަށް އެރުވިއެވެ. އަދި ހޮސްޕިޓަލަށް ގެންގޮސްދިނެވެ.

"ތިއީ ކާކު؟ " ޖަނާހު އަހައިލިއެވެ.

"އާރިކް......"

"މިރަށު ކުއްޖެއްތަ..." ޖަނާހު ވާހަކަދެއްކީ އުދަގޫގޮތަކަށެވެ. ގައިގެ އެތަންމިތަނުގައި ބެންޑޭޖްކޮށްފައި އޮތްއިރު މަމީއެކޭ އޭނަ ތަފާތެއްނެތެވެ. އަނގަމަތިވެސް ދުޅަވެގެންގޮސް ފަޅައިގެންގޮސްދާނެފަދައެވެ.

"ނޫނޭ. އަހަރެން މިރަށަށް އައީ ޓޫރިސްޓެއްގެ ގޮތުގައި. މިރަށާއި ގުޅުމެއް އޮތީމަ އެހެންވެ ޖައްސައިލީ. އަހަރެން މިހާރު ދިރިއުޅެނީ އެމެރިކާގައި. އަނިޔާލިބޭ ޒުވާނުންނަށް އެހީވުމަކީ އަހަރެން އަބަދުވެސް ކުރަމުން އަންނަކަމެއް. ތި ކުދިން ބޭނުމިއްޔާ އަހަރެންގެ ޚަރަދުގައި އެމެރިކާއަށް ކިޔަވަން ދެވިދާނެ. ޓިކެޓާއި ވިސާ އަދި ކޮލެޖް ފީ ހަމަޖައްސައިދެވިދާނެ. މިއަދު ހޮސްޕިޓަލުން ދޫކޮށްލިކަމުގައިވިޔަސް އަދި އެމީހުން ބަދަލު ހިފަން އަންނާނެކަން އަހަންނަށް ޔަގީންކަމާއެކު ބުނަން އެނގޭ. ވީމަ ރަގަޅަށް ވިސްނާ. މިފަދަ ރަނުގެ ފުރުސަތެއް ނުލިބޭނެ. ހިނގާ ދުނިޔެ ބަލައިލަން ދާން.............." އާރިކް ދައުވަތު ދިނެވެ.

"އައިމް އިން....." އާރިޒް ވަގުތުން އެއްބަސްވިއެވެ.

"އަޅުގަނޑުވެސް...." ޖަނާހު އެޒުވާނާއަށް އިތުބާރުކުރިއެވެ. މިރަށުގައި މިއުޅޭ ގޭންގުގެ ނުރައްކަލުން ސަލާމަތްވެ އާ ދިރިއުޅުމެއް ފެށުމަކީ އޭނަގެވެސް އުއްމީދެވެ.

"އެކަމަކު އެމީހުންނަށް މިކަން އެނގިގެން ނުވާނެ. ނޫނީ ހުއްޓުވަންވެސް އުޅެފާނެ ދޯ. ހަސަދަވެރިކަމަށްވުރެ ނުބައި ސިފައެއް އިންސާނުންނަށް ލިބިފައިނުވެއޭ އަހަރެން ބުނާނީ..." އާރިކް ހީލިއެވެ.

އާރިޒްއާއި ޖަނާހުގެ ހަޔާތަށް އާރިކް އައީ ލެއްވި ރަހުމަތެއްގެ ގޮތުގައެވެ. އެންމެ ބޭނުންވި ދަނޑިވަޅުގައި އެ ޒުވާނާ އެދެކުދިންގެ ދިރިއުޅުމަށް އައިސް އެ ނުލަފާ ޖައްބާރުންގެ ވަކިތަކުން ސަލާމަތްކޮށްދީ އެކުދިންނަށް ދިރިއުޅުމެއް ހޯދަދޭން ވައުދުވެއްޖެއެވެ. ހޮސްޕިޓަލުގެ ބަލި އެނދުގައި އާރިޒްއާއި ޖަނާހު އޮތްވާ އެކުދިންގެ އާއިލާއިން އައިސް ރޮއި ހެދިއެވެ. ޝަކީރާގެ ހާލު ވަކިން ބޮޑެވެ. އާރިޒްއަށްވެފައި އޮތްވަރު ފެނިފާ ގައިން ވަރުހުސްވެ ގޮނޑިއަށް ތިރިވެވިއްޖެއެވެ. އާރިކް ޝަކީރާއަށް ހިތްވަރުދިނެވެ. ބޭރަށްގެންގޮސް ދެއްކި ވާހަކަތަކަށްފަހު ޝަކީރާ އެނބުރިއައިއިރު އުފަލުން ހުރިފަދައެވެ. ހަމަ ކުއްލިއަކަށް ހުރިހާ އުފާތަކެއް ފަސްބަޔަށް އެޅުނުފަދައެވެ.

އާރިޒްއާއި ޖަނާހު ރަށުން ފުރިކަން އެނގެނީ އެއާއިލާ މީހުންނަށެވެ. އާރިޒް ފުރަތަމަ ދާން ގަސްތުކުރީ ސްވިޒަލޭންޑަށެވެ. ދުވަސްކޮޅެއްފަހުން އެމެރިކާއަށް ދާނެކަމަށް އޭނަ އާރިކް ގާތު ވައުދުވިއެވެ.

ޚަރީފު މޫސުމް ފެށުމަށްފަހު ފިނިކަން އިންތިހާއަށް ގަދަވިއެވެ. ގަސްތަކުގެ ފަތްތަކުގެ ކުލަ ބަދަލުވެ ކުލަކުލައިގެ ފޭރާން ލެވުނެވެ. އާޔާމެން ސްކޫލަށް ދާންފެށުމުން އާރިޒްވެސް ކޮންމެވެސް ވަރަކަށް ފޫހިވިއެވެ. ރުޅިއަރުވާލާ ގޯނާކޮށްލަން އާޔާ ފެންނަ ވަގުތުތައް މަދުވެއްޖެއެވެ. އާރްޔާއާއި ސިއެނާއާއިއެކީ ތަންތަނަށްގޮސް ކުރިން އުޅުނުހެން ނޫޅެވެއެވެ. ނަމަވެސް އެކުދިންނަށް ނޭގޭ އެއްޗެއް ވިއްޔާ ބުނެދީ ސްކޫލް ފިލާވަޅުތައް ހަދަން އެހީތެރިވެއެވެ. ވީކެންޑްގައި ކޮންމެވެސް ތާކަށް ޖައްސައިލައެވެ.

އާރްޔާގެ ބޮޑުދައިތައަކު ފޮނުވި ފަށުވި ސްކާފެއް ރީތިކަމުން ލޯގަނޑުން ބަލަން ހުރެ އޭނަ ސްކާފް އަޅަން ދަސްކުރަނިކޮށް އާރިޒް އެކޮޓަރިއާއި އަރާ ހަމަވެފައި ވަނެވެ. ކޮއްކޮ ކަން އެނގިފައި އޮތުމުން ފުރުގާން އަދި ބަލްސަމްވެސް އެކަން ހުއްޓުވާކަށް ނޫޅެއެވެ. އާރިޒްއަށް ބޭބެއެއްގެ މަގާމު އަދާކުރަން ހުރަސް އަޅާނެ މީހެއް އެގެއަކު ނެތެވެ.

"ނޯ ސްވީޓްހާޓް. އަނގަޔަށް ޕިން ލައިގެން ނުހުންނައްޗޭ. އެއީ ކިހާވަރެއްގެ ގޯސްކަމެއްކަން އެނގޭތަ؟ " އާރިޒް އާރްޔާ ގާތު ކިޔައިދިނީ ޕިން އެގޮތަށް އަނގަޔަށް ލުމުގެ ނުރައްކަލުގެ ވާހަކައެވެ. އަނގައިން ޕިން ހިފަހައްޓައިގެން ހުއްޓާ ހެވުނަސް ވަރަށް ފަސޭހައިން ކަރުތެރެއަށް ދަމައިގަންނާނެއެވެ. އެދާގޮތަށް ފުއްޕާމެޔަށް ނޫނީ ގޮހޮރުތަނަކަށް ހެރުނަސް ބޮޑު އޮޕަރޭޝަނަކާއި ހަމަޔަށްގޮސް ފުރާނަ ނުރައްކަލަށް ހުށަހަޅާފާނެއެވެ.

"ޕްރޮމިސް މީ ދުވަހަކު އަނގަޔަށް ޕިން ނުލާން.." އާރިޒް ކޮއްކޮއާއިމެދު ބިރު ހީވިއެވެ.

އާރްޔާ އާރިޒްގެ ކަނދުރާއަށް އަތް ވައްޓާލާފައި ބައްދައިލިއެވެ. ދެބެންގެ ދޭތެރޭ އެއޮތް ގާތް ގުޅުން ބަދަހިވަމުން ގޮސް އާރްޔާއަކީ އާރިޒްގެ ކޮއްކޮކަން ބުނެދޭން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އޭނަގެ މަންމަގެ ރުންކުރުކަމާއި ރުޅިގަދަ މިޒާޖު ހަދާންވެފައި ފަސްޖެހެނީއެވެ.

"އާރިޒްބެ. އަހަންނަށް ޓްވެލް ވާނީ މި މަންތުގައި. ޕާޓީ ޕިކްނިކެއް ހަދައިލާނީ. ކޯރުކައިރީ........................." އާރްޔާ އާރިޒްގާތު އެވާހަކަ ބުނީ ވަރަށް ފޯރިއާއިއެކުއެވެ.

"މިފަހަރު ޕާޓީ ހިތުން ނުފޮހެވޭވަރު ކޮށްލަންވާނެ......." އާރިޒް އާރްޔާގެ އަތުގައި ހިފައިގެން ކޯރު ކައިރީ ހިނގާލަން ދިޔައިރު ދެބެންވެސް ލައިގެން ތިބީ ކަޅު އެއްޗިއްސެވެ. ފިނިން ސަލާމަތްވާން ކަރުގައި ސްކާފް އޮޅާފައެވެ. އާރްޔާ އާރިޒްއާއި އެކު ސެލްފީއެއްނެގިއެވެ. ތަންކޮޅެއް ދުރުގައި ހުރި އާޔާ ކަންޒާއަށްވެސް އެ މަންޒަރު ދެއްކިއެވެ.

"އާރްޔާ އާރިޒްއާއިހެދި މޮޔަވެފައިތަ. މަށަށް އެހެންގޮތަކަށް ހީވާން ފަށައިފި. ބޭބެ ކޮއްކޮ ގެ ނަމުގައި ރައްޓެހިވެގެން ކަން ނޭގޭ. އެކަމަކު އާރްޔާ އިޒް ޖަސްޓް ޓްވެލްވް. އަދި ހަމަ ކިޑެއް. ނަމާދު ޗުއްޓީ ނަގާކަށް ނުޖެހެންޏާ ދީނީ ގޮތުން ކުޑަކުދިންގެ ތެރޭ ހިމެނޭނީ. ދެމީހުން ދޭތެރޭ ހަތް އަހަރު ތަފާތު އެބަހުރި. އާރިޒްގެ ވާހަކަ ބައްޕަގާތު ދައްކާނަން. އާރްޔާ ހައްލާލައިގެން އެފުރޭތަ އުޅެނީ. އިތުބާރެއް ނުކުރެވޭ. އޭނަ ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ......" އާޔާގެ ވާހަކަތައް ކަންޒާއަށް މަޖާވިއެވެ. ކަންޒާ ބުނެދިނީ އާރްޔާގެ "ބޭބީ"ކަމުގެ ވާހަކައެވެ. މައުސޫމްކަމުގެ ވާހަކައެވެ. އާރްޔާ ގެ ހިތް ސާފުވެފައި ބިއްލޫރިކޮޅެއްފަދައެވެ. އެހިތުގައި އިޝްގީ ލޯބި ހޭލާނެ ގޮތެއްނެތެވެ. މީހަކާއި ރައްޓެހިވެގެން އުޅޭކަށްވެސް އާރްޔާއަކަށް ނޭގޭނެއެވެ. އާރްޔާ އާރިޒްއާއި ދޭތެރޭ ދެކެނީ ބޭބެއެއްގެ ނަޒަރުންނެވެ. އާރިޒްވެސް ކަންޒާ ސިފަކުރީ ވަރަށް މަޑުމައިތިރި ހިތްހެޔޮ ޒުވާނެއްކަމުގައެވެ. ނުބައި ނިޔަތަކުން ނުބަލާނެކަމުގައެވެ. އާރިޒްއާއިއެކު ރައްކާތެރިކަން އިހުސާސްކުރެވޭ ކަމުގައެވެ.

އިސްކޮޅުން ދިގުކަމުން އާޔާއާއި ސިއެނާއާއި އެއްވަރުވެ މިހާރުއްސުރެ ރީތި ކަސްރަތީ ހަށިގަނޑެއް އާރްޔާއަށް ލިބިއްޖެއެވެ. ޖާނަލިސްޓަކަށްވުމުގެ ފޯރިއާއެކު އާރްޔާ ގެނެސްދޭ ކްލިޕްކޮޅުތައް ޔޫ ޓިއުބްގައި ރަސްކަންކުރެއެވެ. އެންމެ ކުޑަވެގެން ވޯލްނަޓްގަސް ވެއްޓުނުދުވަހު އެގަސްކައިރީ ހުރެ އޭނަ ވީޑިއޯކޮށްލާފައި އެގަހާއި ބެހޭގޮތުން ކުޑަ ވާހަކަކޮޅެއް ދެއްކިއެވެ. ތާރީޚީ ގަހެއްކަމަށް ބުނެލިއެވެ. ނިންމައިލަމުން އޭނަގެ ނަމާއި އޭނަ ހުރި ސަރަހައްދުވެސް ބުނެލީ ޖާނަލިސްޓެއް ފަދައިންނެވެ.

އާރްޔާގެ ޕާޓީ ފާހަގަކުރަން އޭނަ ބޭނުންވީ އާއިލާއާއިއެކު ކޯރުގެ އައްސޭރިފަށުގައެވެ. ގޭގެ ބިއްދޮށުގައިހެން އޮންނަ އެ ހިތްގައިމު ކޯރުގެ ކައިރީގައި ހެދިފައިވާ ގަސްތައް ޚަރީފުމޫސުމްގެ ފޭރަން އަޅާފައިވާއިރު ގަސްތަކުގެ ދަށުގައިވާ ފެހި ވިނަތައްމައްޗަށް ވެރިފައިވާ ރަނާއި އޮރެންޖްފަދަ ކުލަތަކުގެ ފަތްތައް ފެހިވިނަތައް މަތީ ފެންނަލެއް ފުރިހަމަކަމުގެ ކޮޅެއްނެތެވެ. މި ހިތްގައިމު ސަރަހައްދުގައި ޕިކްނިކަށް ގެނައި ކުއިލްޓްތަކާއި ވަށިތައް ފަތުރާލައިގެން ކާންތިބިއިރު އެތައް ފޮޓޯތަކެއް ނެގުނެވެ. އެތައް ހަދާންތަނެއް ރައްކާކުރެވުނެވެ. އާރްޔާ އާރިޒްއާއި ސިއެނާއާއި އަދި އާއިލީ ދެތިން ކުއްޖަކާއިއެކު ސަމާސާކޮށް ވާހަކަދައްކަން ތިބިތަން ފެނި އެކަމާއި ހައިރާންވީ އާޔާއެވެ.

"ކެނީ...އެ ފިރިހެނާއަށް މިކުދިން މޮޔަވާވަރުގެ ކޮން ސިފައެއް ހުރީ. މަށަށް އެނގިއްޖެ. ރަނޑުކަމުން އަންހެނެއްކަމަށް ހީކޮށް އާރްޔާމެން އެއުޅެނީ...."

"އޯ ނޯ. އާޔާ ތިބުނީ އާރްޔާމެންނަކީ ގޭއި އޭތަ؟ " ކަންޒާ ހޭންފެށިއެވެ.

"މަށަކަށް ނޭގޭ. ފޫހި އާރިޒްއެއް..."

"ހޭޓް އިސް ދަ ބިގިނިން އޮފް ލަވް..."

"ސީރިޔަސްކޮށް؟ އޭނަދެކެ ލޯބިވުމަށްވުރެ އަންހެނަކާއި ހިތާވިޔަސް މާ ރަގަޅު...."

"އަގް...." ކަންޒާ އޯކާ ދަމައިގަތެވެ.

ދެން ފެނުނީ މާ ވަރުގަދަ މަންޒަރެކެވެ. އާރްޔާގެ ލޮލަށް އެއްޗެއް އެޅިގެން އާރިޒް ނަގައިދޭން އުޅުނުއިރު ބޮޑެތިމީހުންގެ ލޮލުގައި އެކަން އަޅައިގަތް ކަމަކަށް ނުވިއެވެ. އެކަންވެސް ފެންނާނީ ބަލަން އިން މީހަކަށެވެ. އާޔާއަށެވެ.

"ސީރިޔަސްލީ ހީޒް އެބިއުޒިންހާ....އެވެސް ގޯނާގެ ގިންތީ ތެރޭ ހިމެނޭ..."

"މަށަކަށް ނޭގޭ. އާޔާ ބޮޑުވަރު. ފެމިލީ އެތައްބަޔަކު އެބަތިބި އެކަކުވެސް އެކަމާއި ވޮރީއެއްނުކުރޭ. އާރްޔާގެ ލޮލަށް އެސްފިޔައެއް އެޅުނީމަ އާރިޒް ނަގައިދިނީ............" ކަންޒާ ވިސްނައިދިނެވެ. އާޔާއާއި އެހެންމީހުންނަށް ހިމޭންކަން ވެރިކުރުވީ އެ މުނާސަބާއާއި ގުޅުވައި ބަލްސަމް ކިޔަންފެށި ރީތިލަވައާއިއެކު އާރިޒްއާއި އާރްޔާވެސް ބައިވެރިވުމުންނެވެ. އާރިޒްގެ އަޑުގެ ޖާދޫގައި ނުޖެހޭ ހިތެއް އާޔާ ނޫނީ އެތާކު ނުވެއެވެ.

 

އެދުވަސް އެންމެނަށް ޚާއްސަ ހިތުން ނުފިލާނެ ދުވަހަކަށްވިއެވެ. ނަމަވެސް އުފަލާއި މަޖަލަކީ ކޮންމެ ދުވަހެއްގައި ލިބޭނެ ނަސީބެއްނޫނެވެ. ދުނިޔެއަކީ ވަގުތީ ހިޔާވައްސެކެވެ. އުފަލަކަށްފަހު ހިތާމައެއް ކުރިމަތިވެދާނެއެވެ.

ޖެހިގެން އައި ދުވަހު އެއާއިލާއަށް ލިބުނު ބޮޑު ހިތާމައަކީ އުމުރުދުވަހަށްވެސް އެންމެންގެ ހިތްތައް ޒަޚަމްކޮށް ލަކުނު ލައްވައިލި ހިތާމަވެރި ދުވަހެކެވެ. ޚާއްސަކޮށް އާޔާއަކީ އެ ބިރުވެރި މަންޒަރުގައި ހިމެނުނު އެކަކަށް ވުމުން އޭނަގެ ހިތް އެހެންމީހުންނަށްވުރެ ބޮޑަށް ހަލާކުވިއެވެ. ނަފްސާނީ މައްސަލައެއްގެ ތެރެއަށް އާޔާ ވައްޓައިލިއެވެ. ފުރަތަމަ ޝޮކެއްގައި ހުރެފައި ދެން އާޔާއަށް އަބަދުހެން ރޮވުނީއެވެ.

"ޔޫ އާ ގޯން.........އައި ކުޑްންޓް ސޭވް ޔޫ........." އާޔާ މޫނުގައި އަތް އަޅާފައި އަޑުކޮޅަށް ރޯންފެށުމުން ގޭގައި އެއަޑު ހިފައިލިއެވެ. އެހާ ވޭނީގޮތަކަށް އާޔާ ރޮމުން ދިޔައެވެ. ދުވަހަކު ކަރުނަތަކަށް ނިމުމަކަށް ނާންނާނެއެވެ. ނަމަވެސް އެ ކަރުނަތަކުން މަރުވެފައިވާ މީހެއް އަލުން ދިރުވޭނެހެއްޔެވެ؟ މަރައިލީ އޭނަގެ ކުރިމަތީގައެވެ. އަނިޔާވެރިކަމުގެ އިންތިހާއަށް އަނިޔާކޮށްފައެވެ. އޭނައަށް މާފުވެސް ނުލިބެނީހެވެ.

 

ކޮމެންޓް 0