---------------------

 

މަހުމޫދު ސުލްތާންއާއި އަންހެނުން އަމީރާ ނޫރިއާގެ ހަޔާތަށް އަލިކޮށްލި ދަންމަރުތަކެއް ފަދަ ބާރަދަރިން ބަލާބޮޑުކޮށް ފުރިހަމަ ތަރުބިއްޔަތު ދިނުމަށްފަހު އަމިއްލަ ދިރިއުޅުން ފަށައިގެން ދަރިންވަނީ އަމިއްލަ ގެދޮރު ހަދައިގެން ބަދަލުވެފައެވެ. ސުލްތާން ނިޔާވުމަށްފަހު އެކަނިމާ އެކަނި އުޅެނިކޮށް އެކަނިވެރިކަން ފިލުވައިދިނީ ފިރިހެން ދަރިފުޅު ފުރުގާންއެވެ. އެވެސް ދަރިން ބޮޑެތި ވި ފަހުންނެވެ. ފުރުގާންގެ އާއިލާ އެއްކޮށް އައުމުން ލިބުނު އުފާތައް ބަޔާންކުރަން ދަތިއެވެ. ހަގީގަތުގައި އެންމެ ގެންގުޅެން އުދަގޫވި ބަސްނާހާ އަދި ގެއިން ނިކުމެގެން އުޅުނު ފިރިހެންދަރިއަކީ އެއީއެވެ. އާއިލާ ތެރެއިން ކުރި ކައިވެންޏަކަށްފަހު އަންހެނުން ނިޔާވީމަ ދެން ކައިވެނިކުރީ އޭނަ އަމިއްލައަށް ބޭނުންވި އަންހެންކުއްޖަކާއެވެ. ބަލްސަމް ފަދަ އާދައިގެ އަންހެންކުއްޖަކާއި އިންނަން ނޫރިއާ ހިތާއި ފުރާނައިން ނުރުހުނަސް ދަރިފުޅުގެ އުފަލަށްޓަކާ އެންމެފަހުން ހަތިޔާރު ބެހެއްޓީއެވެ. ބަލްސަމްގެ އާއިލާއާއި ބެހޭގޮތުން މާ ގިނަ މައުލޫމާތެއް ނޭގެއެވެ. ފުރުގާންފަދަ ރީތި މުއްސަންޖަކަށް ނުލިބޭނީ ކޮން އަންހެންކުއްޖެއްހެއްޔެވެ؟ ނަމަވެސް ފުރުގާންއަށްވެސް ބަލްސަމް ފެނުމުން ކޮންމެގޮތެއް ހަދާފައިވެސް ހާސިލުކުރަން ބޭނުންވިއެވެ. އެހާ މައުސޫމްކޮށް ރީތިކޮށް ހުންނަ އަންހެންވަންތަ ކުއްޖެއްކަމުން ފުރުގާންގެ ހިތް އަތުލީއެވެ. ޚާއްސަކޮށް އެ އަޅި ދެލޮލާއި ހުންނަ ރީތި އަޑަކުން ފިރިހެނުންގެ ހިތްތައް ދީވާނާ ކޮށްލާނެއެވެ. ބަލްސަމް ގެ މާޒީއަށް ބެލުމެއް ނެތި ފުރުގާން އޭނައާއި ކައިވެނިކުރީއެވެ.

ބަލްސަމް އަމީރާ ނޫރިއާގެ ހިތް އަތުލަން އަމިއްލަ އަންހެންދަރިންނަށް ވުރެ ބޮޑަށް އޯގާތެރިވެ އަޅާލާ ހުރިހާކަމެއްގައި އެހީތެރިވާން ފެށިއެވެ. ބަލްސަމްގެ ޗާލާކުކަމުން ނޫރިއާގެ ހިތުން މަގާމެއް އަތުލިއެވެ. އެކަމާއި އެންމެ ބޮޑަށް ރުޅިއައީ އަމީރާ ނޫރިއާގެ އަންހެންދަރިފުޅު ޒުޚުރުފްއެވެ. ޒުޚުރުފް ނަފްރަތު ކުރާ މޫނަކަށް ބަލްސަމްވިއެވެ. ބަލްސަމް އޭނަގެ ކޮއްކޮއާއި އިނީ ހަމައެކަނި ރީތި ފިރިހެނަކަށް ވީމައެއް ނޫނެވެ. ފުރުގާން ޑޮކްޓަރަކަށްވެފައި ފައިސާގެ ދަހިވެތިކަމުގައެވެ. ޒުޚުރުފްގެ ދުޝްމިންކަމަށް ބަލްސަމްގެ ފަރުވާލެއް ނެތެވެ. މައިދައިތަގެ ހިތް އަތުލަން އޭނަ ނެގީ މަދު ދުވަސްކޮޅެކެވެ. އަމީރާގެ ނޫރިއާގެ އެންމެ ގާތް ރަހުމަތްތެރިޔާކަމުގައިވިއެވެ. ޒުޚުރުފްމެން ތަންކޮޅެއް ދުރުގައި އުޅޭތީ ހުރިހާ ވަގުތެއްގައި މަންމަގެ ހިތް ހަމަޖައްސަދޭން ގާތުގައި ނުހުރެވޭނެ ނޫންހެއްޔެވެ. އެކަމުގެ ފައިދާ ބަލްސަމް ނެގިއެވެ. އަމިއްލަ އަންހެންދަރިންނަށްވުރެ ޅީދަރި ހެޔޮކަމުގައި ދައްކަން އޭނަ ހުރީ އަތުކުރި އޮޅާފައެވެ.

ކުޑައިރުއްސުރެ ގަހަނާތަކާއި ޖަވާހިރުތަކަށް ލޯބިކުރާ ބަލްސަމްގެ އެންމެ ބޮޑު އުފަލަކީ މައިދައިތަ ޖަވާހިރު ވިޔަފާރިވެރިއަކަށް ވީމައެވެ. ޖަވާހިރު ގަހަނާތައް ފެންނަ ކޮންމެ ފަހަރަކު އޭނަގެ އަޅި ދެލޮލުގެ ވިދުވަރު ގަދަވެއެވެ. އަމީރާ ނޫރިއާގެ ޖަވާހިރު ވިޔަފާރިއާއި ބައިވެރިގެ އެހީތެރިވެދޭން ފެށީވެސް ދަހިވެތި ހިތެވެ.

ބަލްސަމް އޭނަގެ ފިރިމީހާ އަދި އާއިލާއަށް ފޮރުވާފައިވަނީ ބޮޑު ސިއްރެކެވެ.

އޭނަގެ އުމުރުން ސަތާރަ އަހަރުގައި ކައިވެންޏެއް ކުރިއެވެ. އޭނަގެ ފިރިމީހާވީ ހީ ނުކުރާފަދަ ސިއްރުވެރި މީހަކަށެވެ. ފިރިމީހާކަމުގައި ވީ ނަމެއްގައެވެ. އުޅުނީ ނުދަންނަ ބީރައްޓެއްސެއް ފަދައިންނެވެ. ކެހިވެރިކަމާއި އޮޅުވާލުމުގެ ދެވަނައެއް ނެތެވެ. ފިރިމީހާގެ "ބޭވަފާތެރި" ކަން ފެޅިއިރު ދަރިއަކުވެސް ލިބިއްޖެއެވެ. ޒުޚުރުފްގެ ހިތުގެ ކަނެއްގައި ފިރިމިހާއަށްޓަކާ ލޯބީގެ ކަންޏެއް ފިޔަޖެހިނަމަވެސް ނަފްރަތު އެކަމަށް ކުރި ހޯދިއެވެ. އިންތިހާއަށް ރުޅިވެރިކަމާއި ނަފްރަތު ސިކުނޑިއަށް ސަވާރުވިއެވެ. ދަރިފުޅު އާރިޒުއަށް ހަތަރުމަހުގައި އޭނަގެ މަންމަ ޝަކީރާ އާއި ދަރިފުޅު ހަވާލުކުރުމަށްފަހު ވަޒީފާ ހޯދައިގެން މާލެ ބަދަލުވީއެވެ. އޭނަގެ ހިތުގައި އެކުއްޖާއަށްޓަކާ ލޯބީގެ ޒައްރެއްވެސް ނުވާފަދައެވެ. ޗުއްޓީތަކުގެ ރަށަށް ދިޔަސް ދަރިފުޅާއިމެދު ކަންތައްކުރެވެނީ އެހާވެސް ނިކަމެތިކޮށެވެ. ބަލްސަމްގެ ފަރާތުން އާރިޒުއަށް އަޅި ލޮލެއް ލިބިފައިވާތީ އޭނަ އެކަމާއި ބިރުގަނެއެވެ. އެހެން މީހެއްގެ ދަރިއަކަށް ހަދައިގެންވެސް ފުރުގާންމެންގެ ގެއަށް ނުގެނެވޭނެ ސަބަބަކީ އެލޮލެވެ. ޝައްކުކޮށްފާނެތީއެވެ.

އާރިޒުގެ އުމުރުން ނަވާރަ އަހަރުވުމުން އިތުރަށް ތައުލީމް ހާސިލުކުރަން ބަލްސަމް ގާތަށް އާރިޒު ފޮނުވަން ޝަކީރާ ނިންމިއެވެ. ޝަކީރާ ބުނީ މުދަލަށްޓަކާ އެގޮތަށް އަމިއްލަ ދަރިފުޅު އެއްލާލާފައި ހުންނަން ވެއްޖެއްޔާ ހުރިހާ ނިއުމަތެއް އަނބުރާ ގެންދެވުމަށްވެސް ކުޅަދާނަ ފަރާތެއް ވާކަމަށާއި އެހާ ނުލަފާ މަންމައަކަށް ނުވުމަށެވެ. ދަރިފުޅުގެ ހުތުރު ސިފައާއިއެކުވެސް އެކުއްޖާ ބަލައިގަތުމަށެވެ. ބަލްސަމް އެކަމަށް އެއްބަސްވީ ބިރުންގޮހެވެ. މި ނިއުމަތް ފިލައިގެން ގޮއްސިއްޔާ އޭނަ މޮޔަވެދާނެއެވެ. އޭނަ އާރިޒުއަށް ޝަރުތެއް ކުރިމަތިކުރިއެވެ.

އާރިޒު ޖެހޭނީ ކަޅުކުލައިގެ ލެންސެއް ލައްވާށެވެ. އަދި އޭނައަކީ މަންމަކަން ދުނިޔެއަށް ސިއްރުކުރަންވާނެއެވެ. ނޫނީ އޭނަގެ އާއިލާ ރޫޅިދާނެއެވެ. ފިރިމީހާއަށް އާރިޒުއަކީ އޭނަގެ ދަރިއެއްކަން އެނގިގެން ނުވާނެއެވެ. ފިރިމީހާއަށް އޭނަ ކުރިން ކައިވެންޏެއްކުރިކަން އެނގިފައެއް ނުވާނެއެވެ.

އާރިޒުގެ މާމަ ޝަކީރާ ދޫކޮށްފައި ދާކަށް އާރިޒު ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އޭނަ ކުޑައިރުއްސުރެން މިވީހާތަނަށް ބަލާބޮޑުކުރި ޝަކީރާއަކީ އޭނަގެ މާމައަށްވުރެ ބޮޑަށް މަންމަގެ މަގާމު އަދާކޮށްފައިވާ މީހެކެވެ. އަމިއްލަ ފަސްގަނޑު ދޫކޮށް އެހެން ތާކަށް ދާކަށް މާމަވެސް ބޭނުމެއް ނުވިއެވެ.

"އާރިޒު.. މާމަ އެންމެ ހިތްހަމަޖެހެނީ އަޖަލު ޖެހެންދެން މި ގެ ގަނޑުގައި އޮތީމަ. ދަރިފުޅު ކިޔަވައިގެން މޮޅުމީހަކަށް ވީ ދުވަހަކުން މާމަ އިރާދަކުރެއްވިއްޔާ ދާނަން. ނޫނީ މަހުޝަރު ބިމުގައި މާމައާއި ދަރިން އެކުވުމަށް ދުޢާކުރައްޗޭ............." ޝަކީރާ އާރިޒުގެ ދެއަތުގައި ބޮސްދިންއިރު ލޯ ކަރުނުން ތެމިއްޖެއެވެ. އޭނަގެ އަމިއްލަ ދަރިފުޅު މުއްސަދި މަހުޖަނަކާއި އިނދެގެން އުޅޭއިރު އޭނަ މިއުޅޭ ހާލު ދެނެވޮޑިވެންވަނީ ހެއްދެވި ފަރާތެވެ. ބަލްސަމް ވަނީ ދަރިފުޅުގެ އިތުރުން މަންމައަށްވެސް އިހުމާލުވެފައެވެ.

"މާމަވެސް ހިނގާ. އެއީ މާމަގެ ދަރިއެއްނު. މާމަ ހުންނަން ޖެހޭނީ ބަލްސަމް ހުންނަ ތާކު............................." އާރިޒު ފެންކަޅިވިއެވެ. ހިތް ރޮނީ އޭނަގެ މާމައާއިމެދުވެސް މަންމަ ކަންތައްކުރާގޮތުންނެވެ.

"މާމަ ރަންކޮޅާ. ރަގަޅު ތައުލީމެއް ހޯދައިގެން މޮޅުކުއްޖަކަށްވެގެން އައިސް މާމަ ފަޚުރުވެރިކޮށްބަލަ. އޭރުން އެންމެނަށް މި މާމަގެ އާރިޒްއަކީ މޮޅުކުއްޖެއްކަން އެނގޭނެ. ރަގަޅަށް ކިޔަވައްޗޭ. ނަމާދު ދޫކޮށްނުލާތި.................." ޝަކީރާ ބުނެދިނެވެ. އަދި ދަރިފުޅު ގެނެސް މޭގައި ޖައްސާލާފައި ބޮނޑިކޮށްލިއެވެ. އެއްކޮށްފައި ހުރި ފައިސާކޮޅެއް ދިނުމުން އާރިޒު ނުހިފަން އުޅެފައިވެސް ހިފިއެވެ.

 

ނޫރިއާއާއި ސުލްތާންގެ ހަނދާންތައް އެގެއެއްގައި ފޮރުވިފައިވާ ގެއަކީ ތާރީޚީ ހިތްގައިމު ގެއެކެވެ. އެގެއަށް ހިމާޔަތްދީފައިވާ ހިޔާދޭ ބޮޑެތި ގަސްތަކުގެ ފެހިކަމާއި ގެ ހަދާފައިވާ ގަލުގެ ރަތްކުލަ އެކުވެ ރީތިކަން އެތައް ގުނަ އިތުރުކޮށްލާފައިވިއެވެ. އެއްވަރަކަށް ކޮށާލާފައިވާ މަޚުމަލް ފަދަ މަޑު މަޑު ވިނަގަނޑު އޮތީ ޒައިތޫން ކުލައިގައެވެ. މާމެލާމެއްޔާއި މޭވާތަކުން ބަރާވެފައިވާ ގަސްތައް ވަޔާއި ކިރިލާއިރު މުޅި ހިސާބުގައި ނަނާއެއް ފަތުރާ ހިތްތަކަށް ތަސައްލީ ގެނެސްދެއެވެ. ހިނގަން ހަދާފައިވާ ގާތައް ޖަހާފައިވާ މަގު ކަޑައްތުކޮށް ފަތްތަރުމަތިން އެރުނީ އެގޭގެ ޕޯޓިކޯއަށެވެ. އެތާގައިވެސް އިށީންނަން ސޯފާތައް ބަހައްޓާފައެވެ. މުށިތަކުގައި ކުލަކުލައިގެ މާ ފޮޅިފައިވާ ގަސްތަކެވެ. ތާޒާ ވައި ހޯދައިލަން ޖައްސާލަން އެންމެ އަރާމު އެއް މަކާނެވެ.

އާރިޒުގެ ދަބަސްތައް ގެންދަންވީ ކޮންތާކަށްތޯ ޚާދިމާ އެހީ އަދަބުވެރިކަމާއިއެކު ބޯ ތިރިކޮށްލަމުންނެވެ. ބަލްސަމް ޚާދިމަށް މަގު ދެއްކިއެވެ. އިސްލާމީ ރީތި ސަލާމުން ސަލާމް ގޮވާލާފައި އާރިޒު އެތެރެއަށް ވަނެވެ. ބޮޑުކޮޓަރީގައި ކްރީމް އަދި ރަނާއި މަޑު މުށިކުލަތަކުން ވާ ފަރުނީޗަރުތަކާއި ފަރުދާތަކެވެ. ފަޔާ ޕްލޭސްތަކެވެ. އެއްފަރާތުގައި ހުރި ތަޚުތެއްކަހަލަ ސޯފާއެއްގައި ހައިބަވަންތަ ފާޑު ހުރި އަންހެނަކު އިށީދެލައިގެން އިންތަން ފެނުނެވެ. އާރިޒު ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"މަންމާ. މިއީ އާރިޒު. އަޅުގަނޑުގެ އަވަށްޓެރިއެއްގެ ދަރި. ބައްޕަ ނެތް ޔަތީމަކަށްވީމަ ޒަކާތުގެ ފަންޑުން އެހީވިޔަސް ރަގަޅުވާނެކަމަށް އަޅުގަނޑު މިކުއްޖާ މިގެނައީ......" ބަލްސަމް ލުއި ހިނިތުންވުމެއްގައި ހުރިއިރު އާރިޒު ހައިރާންވިއެވެ. އޭނަގެ މަންމަ މިހާ ބޮޑެތި ދޮގުތައް ހަދާހެއްޔެވެ؟

ނޫރިއާ އާރިޒުގެ މޫނަށް ބަލައިލިއިރު ކުޑަކޮށް ސިހޭގޮތްވެފައި ވަގުތުން އިސްޖަހައިލިއެވެ. އޭނަގެ މޫނު ފެނިފާ އެގޮތަށް ސިއްސައިގެން ދިޔުންފަދަ ގޮތެއް ނުވާ މީހެއް މަދުވާނެއެވެ.

"ރަގަޅުވާނެ. އެކަމަކު މިގޭގައި ތިބީ އަންހެންކުދިން. އެހެންވީމަ ބަލްސަމް އެކަން ދަންނަންވާނެ........." ނޫރިއާ އަމުރުވެރިގޮތަކަށް އެބަސް ބުނެ ނިންމާފައި އަނެއްކާވެސް ނަޒަރު ހުއްޓުނީ އަތުގައި އޮތް ފޮތަކަށެވެ. އެ އަދާއިން ނޫރިއާ ހިތްހަމަނުޖެހިފައިވާ މިންވަރު އެނގި ބަލްސަމްގެ ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. ސިއްރު ބޭޒާރުނުވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.

މަންމައިން އެމީހުންގެ ދަރިންތައް މިގޮތަށް އާއިލާއަށް އޮޅުވާލާފައި އެކުދިންނަކީ އަޅުންކަމުގައިވެސް ހަދާފާނެއެވެ. ކުރާނެކަމެއްނެތެވެ. އޭނަގެ ތަގުދީރު ކުރާ ސަމާސާއެއް ދެކެން އޭނަ މަޑުން ހުރުން ނޫންގޮތެއް ނެތެވެ. އޭނަގެ މަންމައަކީ އަމިއްލަ މަންމަކަމުގައި އޭނައަށްވެސް އިހުސާސްވަނީއެއް ނޫނެވެ. ދުވަހަކު މަންމާއޭ ކިޔާފައި އަދި އޭނަ އެ މަންމައަށް ގޮވާލާފައެއް ނެތެވެ. ނަމަވެސް މަންމަ ވާނީ މަންމައަށް ނޫންހެއްޔެވެ؟ ކިތަންމެ ފޮރުވަން އުޅުނަސް އޭނަގެ ހަށިގަނޑުގައިވާނީ މި މަންމަގެ ލޭ ނޫންހެއްޔެވެ؟ މި މަންމަގެ އެ ލޯބިވާ ފިރިމީހާ ކޮބާހެއްޔެވެ؟ ދަރިންތައް ކޮބާހެއްޔެވެ؟ އެކުދިންނަށްވެސް އޭނަ އެނގިގެން ނުވަނީހެއްޔެވެ؟ މަންމަ އަންގާފައިވަނީ އޭނައަށް ދައްތަ ކިޔުމަށެވެ. ނޫނީ ބަލްސަމް ކިޔަސް އެންމެ ރަގަޅުކަމުގައެވެ.

މިގޭގައި އުޅޭ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭގިހުރެ މިވަދެވުނީ ސިއްރުވެރި ތަނަކަށެވެ. މިތަނުގެ ކޮންމެ ފަރުދެއްގެ ދިރިއުޅުމުގައި ފޮރުވިފައިވާ ސިއްރުތައް އޭނަގެ މަންމަ ބަލްސަމްގެ ސިއްރުތަކަށްވުރެ އެންމެ ތަންކޮޅެއްވެސް މަދެއްނުވާނެއޭ އޭނަގެ ހިތަށް އެރިއެވެ. މާމަގެ މޫނުމަތިން ފެނުނީ އެހާ ހަރުކަށިކަމެވެ. އޭނަގެ މާމަ ޝަކީރާއާއި ހާދަ ތަފާތެވެ. ޝާހީ މީހުންވީމަ ވާނީވެސް މިހެންތާއެވެ.

އާރިޒު ގޮވައިގެން ފުޅާ ކޮރިޑޯއަކުން ހިނގާފައި ގޮސް އަނބުރައިލީ ވައަތްފަރާތަށެވެ. އެންމެ އެކޮޅުގައިވާ ކޮޓަރި އާރިޒަށް ހުޅުވާލަ ދިނުމަށްފަހު ބަލްސަމް ތަޅުދަނޑި ހަވާލުކޮށްލައިފިއެވެ.

"މިރޭ ކާން ނަޔަސް އޯކޭވާނެ. ފްލޯރާ ކާން ގެނެސްދޭނެ. މާދަމާއިން ފެށިގެން ކާ ކޮޓަރިއަށް ކާން ދާނީ އެކަމަކު އެންމެން ކައި ނިމިގެން ދިޔައީމަ. އަހަރެންގެ މަންމަ މިގޭގައި އުޅެނީ އަންހެންކުދިންނޭ ބުނީ އާރިޒުގެ ހަގީގަތް ނޭގޭތީ. އާރިޒްއަކީ އެކުދިންގެ ދޮންބެކަން ނޭގޭތީ. އާރިޒު އެކުދިންނާއި ވާހަކަދެއްކިޔަސް އަސްލު މައްސަލައެއް ނޫން އެކަމަކު އިތުރު މީހެއްގެ ހާޟިރުގައި އަނގައިން ބުނެގެން ނުވާނެ. ސިއެނާ އާރްޔާ އަދި އާޔާ އަކީ އާރިޒުގެ ކޮއްކޮމެން. އެކަން ހަދާން ނައްތާނުލާތި. އެހެން ބަޔަކަށް މި ސިއްރު އެނގިގެންނުވާނެ. މިއީ އަހަރެމެން ދެމީހުން ދެމެދުގައި އޮތް ސިއްރަކަށް ހަދަމާ.........................................."

އާރިޒު ތަޅުދަނޑީގައި ފާޑަކަށް ހިފާލުމަށްފަހު ގޮސް އެނދުގައި އިށީދެފައި އުޅަބޮށީގައި އަތް ވިއްދާލައިގެން އިނީ ވިސްނުމެއްގައެވެ. އާރިޒު އުޅޭގޮތުން ބަލްސަމް ހަދާންވީ އާރިޒުގެ ބައްޕައެވެ. އާރިޒުގެ ބައްޕަދެކެ އައި ރުޅީގައި އޭނަ އާރިޒު ފެނުނަސް ވަނީ ފާޑެއްގެ ފޫއްސެކެވެ. އެހެންވާނެ ނޫންހެއްޔެވެ؟ އާރިޒުއަށް އެކުއްޖާގެ މައިންބަފައިންގެ ރީތިކަމުން ވާރުތަވެފައިވަނީ ހަމައެކަނި ބަލްސަމްގެ އަޅި ލޮލެވެ. ބަލްސަމް އެންމެ ލޯބިން ގެންގުޅެނީވެސް އޭނަގެ އަޅި ޖަވާހިރު ކުލައިގެ ދެލޮލެވެ. އެކަމަކު އާރިޒުއަށް އޭނަގެ ފަރާތުން ލިބުނު ދެލޮލަކީ އޭނަ ބޭޒާރުކޮށްފާނެ ހަތިޔާރެކެވެ. އާރިޒް ދުނިޔެއަށް އުފަންވިއިރު އިސްތަށިގަނޑާ ކަނައަތު ކޮލާއި ހަމަޔަށް ކަޅު ކަޅު ލައްގަނޑެއްފަދައިން އުފަން ލަފު އިނުމުން ހަނދުގައިވާ ލައްގަނޑެކޭ ތަފާތެއް ނެތެވެ. ބޮޑުވަމުން ދިޔަވަރަކަށް ލަފު ބޮޑުވަމުން އައިސް މިހާރު މޫނުގެ އެއް ފަޅި އެއްކޮށް ހަލާކުކޮށްލައިފިއެވެ. މޫނުމަތީގައިވާ މާސިންގާ ކަޅުކުލައިގެ ބޮޑު ލަފުގެ ސަބަބުން އާރިޒުގެ ރީތިކަމެއް ހުރިއްޔާ އެކަމެއް ފޮރުވިޔަސް ކަޅީގެ ރީތިކަމެއް އަދިވެސް ނުގެއްލެއެވެ.

"އާރިޒު ކިޔަވަންވާނީ ޕައިލެޓްކަން ނޫނީ ޑޮކްޓަރުކަން. އެހެންނޫނީ މަށަކަށް ފަންޑެއް ނުކުރެވޭނެ....." ބަލްސަމް ކުއްލިއަކަށް ނުރުހުމާއިއެކު އަމުރުވެރިގޮތަކަށް ވާހަކަދެއްކިއެވެ.

އާރިޒު އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނަ ކުރިއަށްދާނެ ރޮގެއް އެނގެނީ ބަލްސަމްއަށް ހެއްޔެވެ؟ ނޫނީ އޭނައަށް ހެއްޔެވެ؟ މީހަކު ހައިރާން ނުވާވަރެއް ނޫނެވެ. މި މީހުންގެ ބޮޑާކަމާއި ނުފޫޒުގަދަކަން ހިދުކޮޅެއްގެ ތެރޭ އޭނަގެ ސިކުނޑި ހައިޖާންގެ ތެރެއަށް ވައްޓާލައިފިއެވެ. މިތަނަށް އާދެވުނުކަމުގެ މޮޔަހީވެ މި ދިރިއުޅުމުން ދުރަށްދާން ހިތް ގޮވިއެވެ. ނަމަވެސް މަންމަގެ ލޯބި ލިބޭނީވެސް ބަސްއަހައިގެން ހުރީމައެވެ.

"އަޅުގަނޑު އަދި ޑިސައިޑެއް ނުކުރަން..." މާމަ ދެއްވި ނަސޭހަތް ހަދާންކޮށްލާފައި އޭނަ ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

މާމަ ބުނިގޮތުން އޭނައަށް ވިސްނުނީ އެންމެ އެއްޗެކެވެ. މަންމަ ކައިވެނިކުރީ މުއްސަންޖަކާއެވެ. ދުނިޔޭގެ ނިއުމަތް އެންމެ ފުރިހަމައަށް ލިބުމުން ބޮޑާވުމަކީ އުނިސިފައެކެވެ. ނަމަވެސް މާމަ ވިސްނައިދިނީ މަންމައަށްވީތީ ގަދަރުކުރުމަށެވެ. ދެރަބަހެއް ނުބުނުމަށެވެ. އެއާއިލާއަކީ ޝާހީ މީހުންނެވެ. މުއްސަދިންނެވެ. ވާހަކަދައްކަންވާނީ އަދަބުވެރިކޮށެވެ. އާރިޒުގާތު އެންމެ މާތް މީހަކީ އޭނަގެ މާމައެވެ. އޭނަ މާމައާއިވެސް ވާހަކަދެއްކީ އެންމެ ރީތި ބަހުރުވައިންނެވެ.

"ވިސްނާލާތި..." ބަލްސަމް ދޮރު ލައްޕާލުމުގެ ކުރިން އެއްޗެއް ހަދާންވިކަހަލައެވެ.

"މިގެއާއި ކައިރީ ހުންނާނެ މިސްކިތެއް. ނަމާދުކުރަންވާނެ. ނަމާދު ނުކުރާ މީހުންނަށް މިގެއިން ކެއުން މަނާކޮށްފައި މާމަ އިންނާނީ............." ބަލްސަމް އިތުރު ތަފްސީލު ދިނުމެއްނެތި ހިނގައިގަތެވެ.

އާރިޒު އެކަނިވުމުން އޭނަ ގެނައި ދަބަސް ހުޅުވާލާފައި ފެންވަރަން ބޭނުންވާ ސާމާނުނެގިއެވެ. ފެންވަރާ ހަދައިގެން ނިކުމެ ޖިންސަކާއި އަތްދިގު ޓީޝާޓެއްލުމަށްފަހު އިސްތަށިގަނޑުން މޫނުގެ ވައަތްފަޅި ކޮންމެވެސް ވަރަކަށް ފޮރުވޭގޮތަށް ނިތު މައްޗަށް ވައްޓައިލިއެވެ. ލޯގަނޑަށް ބަލަން ހުރެ އޭނަ ވިސްނީ ކޯންޗެއްކަމެއްވެސް ނޭގެއެވެ.

އާރިޒު މަގަށް ނުކުމެފައި މިސްކިތެއް ހޯދަން ތަންކޮޅެއް ގިނައިރު ހިގަން ޖެހުނެވެ. ފަނަރަވަރަކަށް މިނިޓް ދުރުން މިސްކިތެއް ފެނުނެވެ. އާރިޒު އެތަނަށްވަދެ އަވަހަށް ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރިއެވެ. ނަމާދުކޮށް ނިމުމަށްފަހު އޭނައާއި ކައިރީގައި އިން ޒުވާން ފިރިހެންކުއްޖާ ތައާރަފުވެލިއެވެ. އޭނަގެ ނަމަކީ ސެވިންއެވެ. ސެވިން ގުރުއާނުގެ އާޔަތެއް ކިޔެވިއެވެ. އަދި އެ އާޔަތުގެ މާނަ އާރިޒްއަށް އެނގޭހެއްޔޭ ކިޔާފައި އިނގިރޭސިން ތަރުޖަމާކޮށްދިނެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ މައްޗަށް ކުރީގެ މީހުންނަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަގުވާވެރިވޭތޯއެވެ" ބަގަރާ ސޫރަތުގެ ސަތޭކަ އަށްޑިހަ ތިންވަން އާޔަތުގައި ވަހީކުރައްވާފައިވެއެވެ. އެކުއްޖާ ބުނީ ރޯދަމަހު ރޯދަހިފަނީ ހަމައެކަނި ބަނޑުހައިކަން އިހުސާސްކުރަން ނޫންކަމަށެވެ. އެއީ ތަގުވާވެރިވުމަށްކަމުގައެވެ.

އަދިވެސް ގުރުއާނުގައި ވަހީ ކުރައްވާފައިވެއެވެ. "އަދި ތިމަން ރަސްކަލާގެ ރަސްކަންފުޅާމެދު ކަލޭގެފާނު އަރިހުން ސުވާލުކުރައްވައިފިނަމަ ފަހެ ތިމަން ސުވާމީންގެއީ ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިޔަބައިމީހުން ދުޢާކޮށްފިނަމަ ދުޢާކުރިމީހާގެ ދުޢާ ތިމަންރަސްކަލާގެ އިޖާބަކުރައްވަމެވެ. ފަހެ ތިމަން ސުވާމީންގެ އަޅުންވެސް ތިމަން ސުވާމީންގެ އެންގެވުމަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންސުވާމީންގެއަށް އީމާންވާ ހުށިކަމެވެ. އެބައިމީހުންނަށް އިރުޝާދު ލިބި ތެދުމަގު ފެނޭތޯއެވެ."

"އަހަރެން ކުޑަ އެއްޗެއް ބުނެލާނަން. އަހަރެންވެސް އަލަށް މި ދީނަށްވަނީ. ގުރުއާން ކިޔަވަންވާނީ އޭގެ މާނަ އެގި ދޭހަވާފަދަ ގޮތަކަށް ޚުޝޫއަތްތެރިކަމާއިއެކު. ހަމައެކަނި ދެލިގަނޑު ކިޔަވާލައިގެން އޭގައި އެހުރި ރީތި ލަފުޒުތަކަކީ ކޮބާކަމެއް ނޭގޭނެ. މާނަ އެނގެންޖެހޭނެ. ސަވާބު ލިބޭނީ ރީތިކޮށް ކިޔަވާ މާނަ އެނގި އަދި އޭގައިވާ ގޮތަށް އަމަލުކޮށްގެން. ކުރިއަށްމިއޮތީ މާތްވެގެންވާ ރަމަޟާންމަސް. ގުރުއާން ބާވައިލެއްވީ ރޯދަމަހު އެހެންވެ އެ މަހުގައި ގުރުއާން ގިނަގިނައިން ކިޔަވާންވާނެ. ރޯދަމަހު މި ތަރުޖަމާ އެއްކޮށް ކިޔަވާލައްޗޭ. މާނަ އެނގުނީމަ ވަކިން ބޮޑަށް ކިޔަވާހިތްވެ ތަފްސީރު ބަލައިލަން ބޭނުންވާނެ." ދެމީހުން މުޅިންވެސް ދެއްކީ ދީނީ ވާހަކަތަކެވެ. އާރިޒުގެ ހަޔާތުގައި މިފަދަ އިންސާނަކާއި ދިމާވީ އަލަށެވެ. ސެވިން އޭނައާއި ދިމާލަށް ތަފާތު ނަޒަރަކުން ބަލާ ނުލައެވެ. އޭނަގެ މޫނަށް ބަލާފައި ސިހިގެން ބިރުން ނޫޅެއެވެ. ހައިރާންވެ އާ ކަމަކަށްވެގެނެއް ނޫޅެއެވެ. އެކަމާއި ބެހޭގޮތުން ސުވާލެއްވެސް ނުކުރެއެވެ. އޭނަގެ މަންމައިން ފެށިގެން ސްކޫލް ކުދިންނާއި އަވަށްޓެރިންވެސް ބަލަނީ ތަފާތު ނަޒަރަކުންނެވެ. ހަންޑި ބީސްޓް އަދި ވޫލްފް ކަހަލަ ނަންނަމުން ގޮވާ ހަދައެވެ. އޭނަގެ މޭގައިވެސް އޮންނަނީ އިހުސާސްތަކެއް ލައްވާފައިވާ ހިތެއްކަމާއި އަސަރު ކުރާނެކަން ދަންނަނީ މަދު ބަޔެކެވެ. އެކި ވާހަކަދައްކަމުންގޮސް އާރިޒު ބުނީ ކިޔަވަން ނިންމާފައިވެސް ކުރިއަށްދާންވީ ރޮގެއް ނޭގިގެން އުޅޭކަމަށެވެ.

"ކޮންމެ ކަމަކަށް އިސްތިޚާރާއަކީ އެންމެ ރަގަޅުގޮތް. އޭރުން ކުރިއަށްދާންވީ މަގު އެސުވާމީންގެ ދައްކުވާނެ. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް އެކަން ދޫކޮށްލުމަކީ އެންމެ ފައިދާހުރިގޮތް...." ސެވިން ބުނެދިނެވެ.

އާރިޒު ގެއަށް ދިޔައީ އިސްތިޚާރާ ނަމާދުކޮށްފައެވެ. ނަމާދުކުރުމަށްފަހު ގެއަށް އައި މަގުމަތީގައި ވިލާތަކަށް ބަލަން ހުރެ ހިނިތުންވެލެވުނެވެ. ގުދުރަތީ ރީތިކަން އެންމެ ފުރިހަމަގޮތުގައި ދެކެން ވަޒީފާއަކަށް ޕައިލެޓްކަމަށްވުރެ ރަގަޅު އެހެން ކަމެއް ކޮބާހެއްޔެވެ؟ ކޮންމެ ދުވަހަކު ވިލާތަކުގެ ތެރޭގައި އުދުހެވޭނެއެވެ. ދުނިޔެ ބަލައިލެވޭނެއެވެ. މިނިވަންކަމާއިއެކުގައެވެ. އަދި އޭނަގެ ދޮންމަންމަފަދަ މަންމަގެ ފަރާތުންވެސް ސަލާމަތްވާނެއެވެ.

މީހަކު ޓަކިދިނުމުން ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ފްލޯރާ ހުރީ ޔުނިފޯމްގައެވެ. ކާ ތަބައް ހިފައިގެންނެވެ. ކުޑަޖަގަކާއި މަގެއްވެސް ގެނައެވެ. ޖަގުގައި ހުރީ ކޮފީކަމުގައި ފްލޯރާ ބުނެލިއެވެ. ފްލޯރާވެސް ހުރީ ކަންބޮޑުވެ ހާސްވެފައެވެ. އެތަނުން ސަލާމަތް ނުވެވިފައި ހުރިފަދައެވެ. އާރިޒު ދޮރުހުޅުވާފައި ވަންނަން ތަންދެއްކިއެވެ. ތަފާތުކޮށް ކައްކާފައި ހުރި ރަހަމީރު ކާނާތައް ކުރެހުން އަޅާފައިވާ ތަށިތަކުގައެވެ. އާރިޒު ކެއީ ކުޑަކޮށެވެ. ކައި ނިމެންދެން ބޭރުގައި މަޑުކޮށްލައިގެން ހުރި ފްލޯރާއަށް ތަބައް ދީފައި އާރިޒު ގަސްތުކުރީ ނިދާލާށެވެ. މާމަވަނީ އިޝާނަމާދުކޮށްގެން ލަސްނުވެ ނިދަން ހާނުވާފައެވެ. ފަތިހު ހޭލެވޭއިރު ތާޒާވެ ރޫހަށް ދިރުން ލިބެއެވެ.

ޓަކިދޭން ފެށުމުން އާރިޒު ކަންނެތްވެފައި އޮވެވެސް ދޮރު ހުޅުވައިލިއެވެ.

"ނިދާއިރު ލެންސް ބަދަލުކުރައްޗޭ. ލެންސްލައްވައިގެން ނިދައިފިއްޔާ އިންފެކްޝަނެއް ހެދިދާނެ. ފެންވަރާއިރުވެސް ބަދަލުކުރޭ. އަދިރޯދައަށް ބާބެކިއު އެއްޗެހި ހަދާއިރު އަލިފާނާއި މާ ކައިރިން ނޫޅެތި. ލެންސް ވިރިއްޖެއްޔާ ލޮލުގެ ދުވަސް ގޮސްދާނެ. ކޮންމެވެސް މީހަކަށް އެހެންވިޔޯ އެކަމަކު ފޭކް ސްޓޯރީއެކޭވެސް ކިޔާ. އެނީވޭސް ބަލައިގެން އުޅުން ގޯހެއްނޫން ދޯ...................." ބަލްސަމް ވަދެފައި މޭޒުމަތީގައި ލެންސް ސޮލިއުޝަން ފުޅިއެއް ބެހެއްޓިއެވެ. ހަދަންވީގޮތް ދަސްކޮށްދިނެވެ. "އަދި ނިދާއިރު ކޮންމެހެން ނަގަން ނުޖެހޭ ވައްތަރު ލެންސެއް ހުންނާނެ. އެވެސް ގެނެސްދޭނަން. އޭރުން ފަސޭހަވާނެއްނު ދޯ. ސޮފްޓް ލެންސް ލައްވައިގެން ނިދިދާނެ. އެކަމަކު އެއަށްވުރެ ސޭފްވާނެ ކޮންމެ ރެއަކު ނިދަންވީމަ ލެންސް ނަގައިފިއްޔާ. އެކަމަށް ދެ ސިކުންތު ނަގާނީއެއްވެސް ނޫން. ކަންނެތް ނުވެ ލެންސް ނެގުމަކީ އާރިޒްއަށް އެންމެ ފައިދާ ހުރިގޮތް. އެކަމަކު ލެންސް ނާޅާ ހުރެ އެހެން ބަޔަކަށް ފެނިގެން ނުވާނެ. ވަން މޯ ތިންގް. ޑޯންޓް ސްމައިލް. މީހުން ތިއްބާ...."

ބަލްސަމްގެ އެންމެ ފަހު ޖުމްލައިން އާރިޒު ހައިރާންވިއެވެ. އޭނަ ހީލައިގެންވެސް ނުވަނީހެއްޔެވެ. މަންމައަށް ވަންޏާ އޭނަ ގާތު ނޭވާ ނުލާންވެސް ބުނާނެއެވެ.

އޭގެ ސަބަބު އޮޅުން ފިލުވާކަށް އޭނަ ސުވާލެއް ނުކުރެއެވެ. އޭނަގެ މަންމަ ދައްކާނީ ތާކުންތާކު ނުޖެހޭ މޮޔަ އުޒުރެކެވެ. ނަމަވެސް ލޮލުގައި ޖަރާސީމު ހެދިދާނެތީ އެ ވާހަކަ ބުނުމުން މަންމަގެ ހިތުގައި އޭނައަށްޓަކާ ކުޑަ ކުޑަ ލޯތްބެއް ވަނީ ބާވައޭވެސް ހިތަށް އެރިއެވެ. ނޫނެކެވެ. އެއީ ލޯތްބަކުން ނޫނެވެ. އޭނަ މަރުވެއްޖެއްޔާ މަންމަގެ ބޮލަށް ފަސޭހަވާނީއެވެ. އޭނަގެ ސޫރަދެކެ އަމިއްލަ މަންމަވެސް ފޫހިވާކަން އެނގެއެވެ. ކޮންމެގޮތެއްވިޔަސް މިމީހުން ބުނަހާގޮތަށް ހަދައިގެން މިމުއްސަދިންނަށް ކުރުނީސްކޮށްގެން އުޅެން އެބަޖެހެއެވެ. ނޫނީ އޭނައަށް މަތީ ތައުލީމެއް ނުހޯދޭނެއެވެ. މާމަ އަތަކު އެތަނަވަސްކަމެއް ނެތެވެ. ޒަކާތުގެ ފަންޑުންކަމުގައިވިޔަސް ކިޔެވެންދެން ޣުލާމެއްހެން ހުންނާނީއެވެ. ކިޔެވުން ނިމުނުހާ އަވަހަކަށް އޭނަގެ ގައުމަށް އެނބުރިދާނީއެވެ. މިއަށް ވުރެ ރީތި ބޮޑު ގެއެއް މާމައަށް އަޅާދީފައި މާމަ ރާނީއެއްހެން ގެންގުޅޭނީއެވެ. އޭނަގެ ހުރިހާވެސް މީހަކީ ޝަކީރާއެވެ. އާރިޒު ހަށި ފުރާ ނޭވާއެއް ދޫކޮށްލިއެވެ.

މަޑުތަންމަތީގެ އަރާމަކުން އެރެއަކު އާރިޒުއަށް ގަޔާވެ ނިދިގަނޑެއް އަޅާނުލެވުނެވެ. މާމަމަތިން ހަދާންވަނީއެވެ. އެންމެފަހުން ތެދުވެގެންގޮސް މަގަށް ކޮފީ އެޅިއެވެ. ކޮފީގެ މަސްތީ ރާހަތުން ތާޒާވެ ސިކުނޑި ހުޅުވިލުމަށްފަހު އިތުރަށް ކޮފީއަކަށް ބޭނުންވިއެވެ. ދެވަނަ ކޮފީތަށި ހިފައިގެން ބޭރަށް ނުކުމެވުނީ ބަލްސަމްގެ އަމުރުތައް ހަދާނުން ކައްސުވާލާފައެވެ. އެންމެ ފުރިހަމަކަމާ އުޖާލާކަމާއިއެކު ދިއްލިފައިވާ ހަނދަށް ހިމާޔަތްދީފައިވާ އުދަރެސް އެހާ ސިއްރުވެރިއެވެ. ރަން ޒައްރާތަކާއި ބަޑިޔާތަކުން ރަތްކުލައިގެ ގެ ދިއްލާ އަޅާފައިވާއިރު ނިކަން ފުރިހަމައެވެ. މާމެލާމެލީގެ މީރުވަހާއި ސިކުނޑި ގުޅި ލާމެހުނެވެ. ދުނިޔެމަތީގެ ސުވަރުގެ ކަމުގައި އިހުސާސްކުރެވުނެވެ. ބޮޑުގަހެއްގައި އެލުވާފައިވާ ގޮދަޑިޖެހި އުދޯއްޔެއްގައި އޭނަ އިށީދެއްޖެއެވެ. ބޮލާއި ދިމާލުން އެލުވާފައި އޮތް ކަރަންޓު ބައްތީގެ އޮރެންޖް އަލި އޭނަގެ މޫނަށް އެޅިފައިވެއެވެ. އެވަގުތު ގޭގެ ފަހަތުބައިގެ ދޮރު ހުޅުވާލާފައި ދޮރުމައްޗަށް ނުކުތް އަންހެންކުއްޖާއަށް އޭނަ ފެނިފައި ވީގޮތް އާރިޒުއަށް މަޖާވިއެވެ. އެކުއްޖާގެ މޫނުގެ ކުލަ ހުދުވެ އަނބުރައިނުގަތީ ހަމަކިރިޔާއެވެ.

"މާމާ.........." ތަންކޮޅެއް ޅަ އަޑެއް ލިބިފައިވާ އަންހެންކުއްޖާ ކަންފަތު ތޫރި ހަލާކުވާފަދަ ބާރު އަޑަކުން ހަޅޭއްލަވައިގެންފާ ދުއްވައިގަތުމާއެކު އެކުއްޖާ ކަނޑައިލި ރުކެއްހެން ބިންމައްޗަށް ވެއްޓުނެވެ. އާރިޒުއަށް ދުއްވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. އެ ވާނީ އޭނަގެ އަންހެންކޮއްކޮއަކަށް ނޫންހެއްޔެވެ؟ އޭނަ އެހީތެރިވެ ހިމާޔަތްދޭން ޖެހޭނެއެވެ. އެކަމަކު އެކުއްޖާ އެހާ ބިރުގަތީވެސް އޭނަގެ ސިފަދެކެއެވެ. އެ ދެލިކޮޅެއްފަދަ ކަޅު ލަފުގެ ސަބަބުން އަވަށްޓެރިންނާއި ސްކޫލްކުދިންގެ ފަރާތުން އިންތިހާއަށް ބުލީކުރުމާއި ދިމާވިއެވެ. އެކަނިވެރިކަން މަތީ މުޅި ހަޔާތް ވޭތުކުރަން ޖެހުނީވެސް މި ލަފުގެ ސަބަބުންނެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުންވެސް އޭނައަށް ފަސޭހަކަމަކަށް ނުވެއެވެ. އެހާލަދުގަނެއެވެ. ނަފްސާނީ ބަލީގެ ޝިކާރައަކަށްވެފައިވާ ކަމުގައި އޭނަ އަމިއްލައަށް ގަބޫލުކުރެއެވެ. މިފަހަރު އެ އަންހެންކުއްޖާވެސް އޭނަ ފެނިފާ ހަމައެކަނި ބިރުގަތީއެއް ނޫނެވެ. އަނބުރައިގަތީއެވެ.

"ސިއެނާ. ސިއެނާ...ކީއްވެ ހަޅޭއްލަވަނީ؟" މަންމަ ބަލްސަމްގެ އަޑު އިވުމާއެކު އާރިޒު ހާސްކަމާއިއެކު އަވަހަށް ގަހުގެ ނިވަލަށް ވަދެ އެމީހުންގެ ނަޒަރުން ސަލާމަތްވިއެވެ.

 

ކޮމެންޓް 0