އަދަދު 5
0

ޝިނާނު ދާހިއްލަން ފަށައިފި އެވެ. ވަރުބަލިވާން ފަށައިފި އެވެ. ހީކުރި ވަރަށްވުރެ ގާތިލުގެ ބާރު މާގަދަ އެވެ. އެހެންނަމަވެސް އޭނާ އެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ނަތީޖާއަކަށްވީ މަޑުމަޑުން ނަމަވެސް އޭނާގެ ބާރުގެ ދަށަށް ގާތިލު އަންނަން ފެށުމެވެ. 
މިހާރު ގާތިލުގެ ދެއަތް ޝިނާނުގެ ބާރުގެ ދަށަށް ގެނެވިއްޖެ އެވެ. ޝިނާނުގެ އެއް އަތުން ގާތިލުގެ ދެއަތުގައި ބާރަށް ހިފަހައްޓައިފި އެވެ. އަނެއް އަތް ހަރަކާތް ކުރަމުން ދިޔައީ އޭނާގެ މޫނާ ދިމާއަށެވެ. މޫނު ދުރަށް ލެވޭތޯ ގާތިލު ވަރަށް މަސައްކަތް ކުރި އެވެ. އެހެނަސް މިފަހަރަކު ގާތިލަކަށް ޝިނާނުގެ މައްޗަކަށް ކުރިއެއް ނުލިބުނެވެ. މޫނުގައި އައްސާފައި އޮތް ފޮތިގަނޑުގައި ޝިނާނުގެ އަތް ޖެހިއްޖެ އެވެ. ގާތިލު ތެޅިތެޅި އޮއްވަ އެވެ.
ޝިނާނު ބަލާކަށް ނުހަދަ އެވެ. ވަގުތުން ފޮތިގަނޑު ދަމައިގެންފި އެވެ. ޖެހި އެންމެ ލަތްކަކުންނެވެ. އެވަގުތު ޝިނާނުގެ މުޅި ހަށިގަނޑަށް ލިބުނީ ކުއްލި ސިހުމެކެވެ. ފެނުނު މަންޒަރަކުންނެވެ. ގަބޫލުކުރަން ދަތި މަންޒަރެކެވެ. 
"ޝި.... ޝި...... ޝިމްލާ......!" ޝިނާނަށް ވަގުތުން ޝިމްލާގެ ގައިން ދޫކޮށްލެވިއްޖެއެވެ. ބޭއިޚުތިޔާރުގަ އެވެ. ޝިމްލާ ފުންމައިގެން ތެދުވި އެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފަ އެވެ. ވަރުބަލިވެގެން ގޮސް ގުނބު ލެވިފަ އެވެ. 
ޝިމްލާގެ ކަޅި ޝިނާނާ ދިމާއަށް ހުއްޓިފައި ހުރިއިރު، އޭނާގެ މޭ އުފުލި ތިރިވަމުންދެއެވެ. މޫނުމަތިން އުފުލެމުން އަންނަ ދާތިކިތައް ބޮޑުވަމުން ގޮސް އަމިއްލަ ހާލައިގެން އިނދެވޭ ވަރު ނުމުވުން އެ މޫނާ އަލްވަދާޢު ކިޔުމަށްފަހު ފުންމާލަ އެވެ. ތަޅުންގަނޑު މައްޗަށެވެ. 
"ޝިމްލާ! ކަ...... ކަ..... ކަލޭ....؟" އެތައް އިރަކު ބަލަން އޮވެފައި ޝިނާނަށް އަހައިލެވުނެވެ. އެއާއެކު އޭނާ ފުންމައިގެން ތެދުވެއްޖެ އެވެ. 
"މަގޭ މަންމައާ ބައްޕަގެ ގާތިލަކީ ކަލޭތަ؟" ޝިނާނުގެ މޫނުމަތި ރުޅިވެރިކަމުގެ ރަތް ކުލައިން ފެވުނެވެ. 
ޝިމްލާ އަނގައަކުން ނުބުނެއެވެ. ފާޑަކަށް ބަލަހައްޓައިގެން ހުރީ އެވެ. މިގޮތުގައި ހޭދަވީ އިރުކޮޅެކެވެ. ކުއްލިއަކަށް ފުންމައިގަތީ ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ވަޅިއާ ދިމާއަށެވެ. ލިބުނު ކުއްލި ސިހުމާއެކު ޝިނާނަށް ބަލައިލެވުނު އިރު ޝިމްލާ ވަޅި ނަގައިފި އެވެ. 
"އަހަރެންގެ މަޤުޞަދު ޙާޞިލުވާނީ ކަލޭވެސް މަރާލައިގެން." ވަޅީގެ މުށްގަނޑުގައި ބާރަށް ހިފެހެއްޓުމަށްފަހު، އަތް މައްޗަށް އުފުލައިލައިފައި ހަރުކަށި ރާގަކަށް ޝިމްލާ ބުންޏެވެ. ޝިނާނަށް ފަހަތަށް ޖެހެވުނެވެ. އޭރު އޭނާގެ މޭ ތެޅޭވަރުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ކުރިމަތިން ފެނަންމުންދާ މަންޒަރު ގަބޫލު ކުރެވޭ ފަހަރަށް ވުރެ ނުކުރެވޭ ފަހަރު ގިނައެވެ. 
"ޝިމްލާ ތިޔައުޅެނީ މަށާ ސަމާސާއެއް ކުރަންތަ؟ އެހެންކަމަށްވާނަމަ، ތިޔަ ސަމާސާ ކުރުން ހުއްޓައިލަންވީނު" 
"މީ ސަމާސާއެއް ކަމަށް ހީވާނަމަ ތީ ކުރެވޭ ވަރަށް ބޮޑު ކުށް ހީއެއް. ފަހަރެއްގައިވެސް މީ ސަމާސާއެއް ނޫން!"
"ދެން.....؟ ކޮންކަމެއް ޙާޞިލުކުރަން ތި އުޅެނީ؟"
"މީ ތި ޢާއިލާގެ ކިބައިން އަހަރެން ހިފާ ބަދަލެއް. މިކަން އަހަންނަށް ފުރިހަމަވާނީ ކަލޭގެ ދުވަސްވެސް ދުއްވާލެވިގެން."
"އަހަރެންގެ އާއިލާގެ ކިބައިން ބަދަލު ހިފަން ޖެހޭފަދަ ކަމެއް ޝިމްލާއަކަށް ނޯންނާނެ. ކީއްވެގެން ތި އުޅެނީ؟" ޝިނާނަށް ހުރެވުނީ ސުވާލުމާކެއްގެ ތެރޭގަ އެވެ. ވާނުވާ ނޭނގިފަ އެވެ. މޫނުމަތިން ފާޅުވާން ހުރީ ހައިރާންކަމާއި އަންތަރީހުގެ ކުލަ އެވެ. 
"ޝިނާނަކަށް އެކައްޗެއްވެސް ނޭނގޭނެ." ޝިމްލާ ވަޅި ތިރިކޮށްލި އެވެ. "ބޭނުންތަ އަޑުއަހަން؟ އެހެންވިއްޔާ އަޑުއަހާ!" ޝިމްލާގެ އަޑާއި ރާގު ބަދަލުވެއްޖެ އެވެ.
"ކަލޭގެ ބައްޕަ އެއްކޮށްފައި ތިހިރަ މުދަލާއި ފައިސާއަކީ.... އެނގޭތަ އޭގެ ހައްގުވެރިއަކީ ކާކުކަން؟ ނޭނގޭނެ. އެކަމަކު އެއީ އޭނާގެ މިލްކެއް ނޫން! އޭގެ ހަގީގީ މިލްކުވެރިއަކީ އަހަރެންގެ މަންމަ. މަންމަގެ ޙައްގެއް އެއީ."
"ކީކޭ ޝިމްލާ ތި ކިޔަނީ؟ އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟"
"އާނ، އެނގޭ މިކިޔެނީ ކީކޭކަން. ގަބޫލުކުރިޔަސް ނުކުރިޔަސް، ވާ ނުވާ ނޭނގިފަ ހުރި މީހަކީ ޝިނާން. ޝިނާނަށް އެނގޭތަ ޝިނާނުގެ ބައްޕަ އަރުވާލިކަން؟"
"އާނ، އެނގޭ!"
"އޭނަ އަރުވާލީ އަހަރެމެން ރަށަށް. ހުރީ އަހަރެމެންގެ ގޭގަ. އެދުވަސްވަރު މަންމައަށް ހޮވުނު މާވަހަރަކުން ލިބުނު ފައިސާގަނޑު ފެނިފައި، އެ ފައިސާތަކުގެ ދަހިވެތި ކަމުގައި މަންމައާ ކައިވެނިކޮށް ފައިސާތަކުގެ މައްޗަށް ވެރިވެގަތީ. އޭނާދެކެ މަންމަވީ ތެދުވެރި ލޯބީގެ ނާޖާއިޒު ފައިދާ ނަގައިގެން މަންމަގެ ދުވަސް ދުއްވައިލީ. ބިކަހާލު ޖައްސާފައި ހުރިހާ އެއްޗެއް ހިފައިގެން ބެޗީ! މިހާރު ކަލޭމެން އުދުހެމުން ތިދަނީ އެފައިސާތަކުގެ މަތީގައި. އަހަރެންގެ މަންމަގެ ޙައްގެއް ފޭރިގަނެގެން މުޅި އުމުރު ތިޔަ ހުސްކޮށްލަނީ." 
ޝިމްލާގެ ވާހަކަ އަޑުއިވުމުން ޝިނާންގެ ހަނދާނަށް އައީ އެއްދުވަހަކު މަންމަ ބުނި އެއްޗެއްގެ ހަނދާނެކެވެ. ޝިމްލާ އެބުނީ ރަނބގަޅު ވާހަކައަކަށް ވެދާނެ އެވެ. ބައްޕަ ވަނީ އެހެން ކައިވެންޏެއް ކޮށްފަ އެވެ. މަންމައާ ކައިވެނި ކުރުމުގެ ކުރިންނެވެ. 
މިއިން ކަމަކާ މެދު އިތުރަށް ވިސްނައިލާނޭ ފުރުސަތެއް ޝިނާނަކަށް ނުލިބުނެވެ. ޝިނާނުގެ ހަށިގަނޑަށް އަމާޒުކޮށް ޝިމްލާ ވަޅި މަޅައިގެންފި އެވެ. ލިބުނު ކުއްލި ސިހުމާއެކު ތެޅެގަނެވުނު ގޮތަކުން ޝިނާނު އަރި އަޅައިލައިފި އެވެ. އެއް އަރިއަކަށް ކަހަލަ ގޮތަކަށް ވެއްޓިއްޖެ އެވެ. ޝިމްލާވެސް ބަނޑުވަތަށް ކަހަލަ ގޮތަކަށް ވަޅިއާއެކު ވެއްޓިއްޖެ އެވެ. ވަޅީގެ ކޮޅު ޖެހުނީ ޝިނާނު ފަޔާ އިންޗިއެއްހާ ކައިރިއަށް ތަޅުނގަނޑަށެވެ. ވަޅީގެ ތުނޑު ފަށްނުވިޔަސް ތަށިމުށިގަނޑުގައި ރެނދުލައިފި އެވެ. އޭރުވެސް ވަޅި އޮތީ ޝިމްލާގެ އަތުގައެވެ.
ލިބުނު ހަނި ހަނި ފުރުސަތުގައި ޝިނާނު އަވަސް އަވަހަށް ޝިމްލާގެ އަތުގައި ހިފަހައްޓައިފި އެވެ. އޭނާ އުޅުނީ ވަޅީގެ މުށްގަނޑުގައި ހިފޭތޯ އެވެ. އެހެނަސް ހިފުނީ އޭނާގެ އަތު މުލައްދަނޑީގަ އެވެ. އޭރު ދެމީހުންވެސް ތިބީ ވެއްޓިފަ އެވެ. ޝިމްލާ މަސައްކަތްކުރީ ޝިނާންގެ އަތުން އަތް ދަމައިގަތުމަށެވެ. ޝިނާން ހީކުރިވަރަށްވުރެ އޭނާ މާ ބާރުގަދަ އެވެ. އެހެންކަމުން ޝިމްލާގެ އަތުގެ މުލައްދަނޑިއަށް އޭނާގެ ނިޔަފަތި ވައްދައިލި އެވެ. އަތުން ބާރު ކަނޑުވައިލެވޭތޯ އެވެ. ޝިމްލާ ހަޅޭއްލަވައިގަތެވެ. އަތުގައި އޮތް ވަޅި ދޫވެގެން ތަޅުގަނޑުމައްޗަށް ވެއްޓިއްޖެ އެވެ. 
ޝިމްލާގެ ހަޅޭކުގެ އަޑުގެ ތެރެއިން ކުއްލިއަކަށް އިވުނީ ކޮންމެވެސް ބަޔަކު ދޮރުގައި ތަޅައިގަތް އަޑެވެ. މިއަޑު ކަންފަތުގައި ޖެހުމާއެކު ޝިމްލާ ސިހުނެވެ. އޭނާ ވަގުތުން މަސައްކަތް ފެށީ ޝިނާނުގެ ކިބައިން ސަލާމަތްވެގެން ބަޗާށެވެ. އެހެނަސް ހަމަހޭގައި ހުރެގެން އެފުރުސަތު ޝިނާން ދޭނޭހެއްޔެވެ؟ އެންމެފަހުން ޝިނާންގެ އަތުގައި ޝިމްލާ ދަތްވެސް އަޅައިފި އެވެ. ޝިނާނަށް ދެލޯ މަރައިލެވުނެވެ. ހަޅޭއްލަވައިގަނެވުނެވެ. ވީތަދެއްގެ ބޮޑުކަމުންނެވެ. އެވަގުތު ފެނުނީ ދޮރުފަތުގެ ތަޅު ވިއްސައިގެން ދިޔަތަނެވެ. ދޮރު ހުޅުވަނު ތަނެވެ. ފުލުހުންގެ ފައުޖެއް ގޭތެރެއަށް ވަދެއްޖެ އެވެ. ޝިމްލާ ބޯ އުފުލައިލީ އެވަގުތުއެވެ. އޭނާގެ އަނގައިން ލޭ އޮހެއެވެ. ޝިނާންގެ އަތުގެ މުލައްދަނޑިއަށް ޝިމްލާގެ ދަތްޕިލަ ވައްދާލިތަނުން ވެސް ލޭ އޮހެމުން ދެއެވެ. 
ފުލުހުން އައިސް ވަނުމާއެކު ޝިމްލާގެ ގައިން ޝިނާން ދޫކޮށްލައިފި އެވެ. ދޫކޮށްލީއެއް ނޫނެވެ. ހަކަތަހުސްވީ އެވެ. އޮތްތަނަށް ދެމުނީ އެވެ. ދެލޯ މެރެމުންދިޔައިރު އޭނާއަށް ފެންނަމުން ދިޔައީ ފުލުހުން އައިސް ޝިމްލާގެ އަތުގައި ބިޑި އަޅުވާތަނެވެ. 
ޝިނާން ހޭއެރިއިރު އޭނާ އޮތީ ހޮސްޕިޓަލުގަ އެވެ. އޭރު ގަޑިން ހެނދުނު ނުވައެއް ޖަހާފާނެ އެވެ. ލޯ ހުޅުވައިލެވުނު އިރު އޭނާގެ ގާތުގައި އިނީ ފިހާރައިގައި އުޅޭ ދެކުއްޖެކެވެ. އޭނާ އުޅުނީ ތެދުވާށެވެ. އެހެނަސް ނުތެދުވެވުނެވެ. މުޅި ގައިގައި ވޭން އަޅަމުންދެއެވެ. އަތް ވަނީ ބެންޑޭޖުކޮށްފަ އެވެ. ގުޅާފައި ހުރި އައިވީ ފުޅިން ފަހަރަކު ތިއްކެއް އޭނާގެ ހަށިގަނޑަށް ވަންނަމުން ދެއެވެ. 
"ކޮ.... ކޮބާ..... ޝިމް.... ލާ...!" ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ޝިނާނަށް އަހައިލެވުނެވެ. މަޑުމަޑުންނެވެ. އެވަގުތު އެތަނުން އެއްކުއްޖަކު ދައްކައިލީ އޭނާގެ އަތުގައި އޮތް ދުވަހު ނޫހުގެ ބޭރުގަނޑުގައި އޮތް ސުރުޚީ އެވެ. 
"ޢާއިލާއެއް ދުއްވާލަން މަސައްކަތްކުރި އަންހެން ގާތިލަކު ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފި" ޝިނާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، އޭނާ ދެލޯ ނޭދި އެދުނު، އޭނާ އެކުއްޖެއް ދެކެ އިންތިހާއަށް ލޯބިވާ ޝިމްލާގެ ފޮޓޯއެވެ. ޝިނާންގެ ދެލޮލުން ކަރުނަ އޮހިގަތެވެ. އެވަގުތު އެ ކޮޓަރިއަށް އައިސް ވަނީ ފުލުހުންގެ ތިން މީހުންނެވެ.

ނިމުނީ

ކޮމެންޓް 0