އަދަދު 2
2

ޝިނާނާއި ޝިމްލާ އުޅެމުން އައީ ވަރަށް އަރާމާއި އުފަލުގަ އެވެ. އެހެނަސް މި އުފާވެރިކަން ދެމިގެން ދިޔައީ ދުވަސް ކޮޅަކަށެވެ. ޝިނާންގެ އާއިލާއަށް ކުރިމަތިލާން ޖެހުނީ ބަރުދާސްތު ކުރަން ދަތި ފުން ހިތާމައަކާ އެވެ. އެއްރެއެއްގެ އިރާކޮޅު ގޭތެރެއިން ފެނުނީ ފާޑެއްގެ ލިޔުމެކެވެ. އެ ލިޔުން ފުރަތަމަ ފެނުނީ އޭނާގެ މަންމަ އަށެވެ. ލިޔުން އެޑުރެސް ކޮށްފައިވަނީ ވެސް މަންމަ އަށެވެ. 

އެ ލިޔުމާމެދު އެއްވެސް ވަރަކަށް އޭނާ ސީރިޔަސްއެއް ނުވި އެވެ. އެކަން އެނގުނީ އެއްވެސް މީހެއްގާތު އެވާހަކަ ބުނެފައި ނުވާތީ އެވެ. ނަސީބު ދިމާކުރިގޮތުން އޭރު އޭނާގެ ބައްޕަވީ ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގަ އެވެ. އެއްޗެއް ބުނަންޏާ ބުނަން ހުރީ ޝިނާނެވެ. އެހެނަސް އެކަހަލަ ވާހަކައެއް ދައްކައިގެން ޝިނާންގެ ސިކުނޑި ހާސްކުރުވަން އޭނާ ބޭނުން ނުވީކަމަށް ވެދާނެ އެވެ. 

ކިތަންމެ އާދައިގެ ގޮތަކަށް އޭނާ އެކަން ސިފަ ކުރި ނަމަވެސް އެކަން ވެގެންދިޔައީ ބޮޑު ކަމަކަށެވެ. ޖެހިގެން އައިރޭ އޭނާއަށް ޖެހުނީ މަރާ ކުރިމަތިލާށެވެ. ރަހުމެއް ނެތް އަނިޔާވެރި އަތަކުން އޭނާ ވަނީ ކަތިލާލާފަ އެވެ. އެ ނުރައްކަލުން ސަލާމަތް ވުމަށް އޭނާ އެއްވެސް ކަމެއް ކޮށްފައިވާކަމެއް އެނގޭކަށް ނެތެވެ. އެހެންކަމުން މިކަމުން ދޭހަވަނީ އޭނާއަށް ހަމަލާ ދީފައި އެވަނީ ނިދާފައި އޮއްވާ ކަމެވެ. 

ސިފައިން މައްސަލަ ތަޙުޤީޤު ކުރި އެވެ. އެހެނަސް ތުހުމަތު ކުރެވޭ މީހަކުނެތެވެ. މައްސަލައައިގެން ކުރިއަށް ދިޔުމުގެ މަގެއް ތަނަވަހެއް ނުވި އެވެ. އެންމެ ފަހުން ޖެހުނީ މައްސަލަ ދޫކޮށްލާށެވެ. ވަގުތީގޮތުން ނަމަވެސް ފައިލް ލައްޕާލާށެވެ. 
ޝިނާންގެ އާއިލާއަށް ލިބުނު ހިތާމައަށް ލުޔެއް ލިބުމަށް ދުވަސްތަކެއް ނެގި އެވެ. މަންމަ ނެތުމުން ލިބުނު ފަޅުކަމާއި އެކަނިވެރިކަން ފޫބެދޭގޮތެއް ނުވި އެވެ. އެ ހިތާމައިގައި ޝިނާން މޮޔަނުވީ ޝިމްލާގެ ފަރާތުން ލިބުނު އަޅާލުމާއި ހިތްވަރުގެ ސަބަބުންނެވެ. ގާތްކަމާއި އޯގާވެރިކަމުގެ ބޮޑުކަމުންނެވެ. މިކަމުގެ ސަބަބުން، ޝިނާން ހަމައަކަށް އެޅެމުން އައި އިރު، އޭނާގެ ހިތުގައި ޝިމްލާއާމެދު އުފެދިފައިވާ ލޯބި އެތައް ގުނައަކަށް ވަނީ އިތުރު ވެފަ އެވެ.

ލިބުނު އެކަނިވެރިކަމާއި ފަޅުކަމުގެ ސަބަބުންނާއި ބައްޕަގެ އެދުމުގެ މަތިން ޝިނާން ގަސްދުކުރީ ވީ އެންމެ އަވަހަކަށް ޝިމްލާއާ ކައިވެނި ކުރާށެވެ. މަންމަ ނެތުމުން ލިބުނު އުނިކަން ފޫބައްދާކަށް ނޫނެވެ. ފޫބެއްދޭނެތީ އެއްވެސް ނޫނެވެ. ކޮންމެވެސް ވަރެއްގެ ހައްލަކަށް ވާނޭކަމަށް ފެންނާތީ އެވެ.

"ކައިވެންޏޭ؟ ހާދަ އަވަހަކަށް." ޝިމްލާ އަކަށް އެ ވާހަކަ ކަމަކު ނުދިޔަ އެވެ.
"ބައްޕަ ބޭނުންވަނީ ލަސްނުކޮށް ކައިވެނި ކުރަން." ޝިމްލާގެ ކޮނޑުމަތީގައި ޝިނާން އަތް ބާއްވާލި އެވެ.
"ކައިވެނި ކުރަންވާނީ އެކަމަށް ތައްޔާރުވެސް ވެގެން. ކުއްލިއަކަށް ކުރީމަ ކޮން މަޖަލެއް ވާނީ. އަދި މަޑުކޮށްލާނީ ދޯ!"
"އޯކޭ! އަހަރެން ބައްޕަގާތު ތިވާހަކަ ބުނާނަން. ބައްޕަވެސް އޯކޭ ވާނެ."
"ކައިވެނި ނުކުރިޔަސް ޝިނާންގެ އެއްވެސް ކަމަކަށް އިރާދަކުރެއްވިއްޔާ އުނިކަމެއް އަޔަކަ ނުދޭނަން. އޭރުން އޯކޭ އެއްނު." 

ވަގުތުގެ ދީލަތި އެހީއާއެކު ޝިނާނުގެ ހަޔާތްވެސް އާދައިގެ ހާލަތަކަށް އަތުވެއްޖެ އެވެ. ވަޒީފާއަށް ނިކުންނަން ފަށައިފި އެވެ. ކުރިއެކޭ އެއްގޮތަށް ޝިމްލާއާއެކު ބޭރަށް ގޮސްވެސް ހަދަން ފަށައިފި އެވެ. އެހެންނަމަވެސް މިހާރުވެސް މަންމަގެ ހަނދާންތަކުން އޭނާއަށް އުނދަގޫ ކުރެ އެވެ. ދެ ލޮލަށް ކަރުނަ ޖަމާކުރެ އެވެ. ހުއްޓުން އަރުވަ އެވެ. އެފަދަ ކޮންމެ ދަނޑިވަޅަކު އޭނާއަށް އެހީތެރިވަނީ ޝިމްލާ އެވެ. ޝިމްލާ އޭނާއަށް ހިތްވަރުދެ އެވެ. އެހެން ކޮންމެވެސް ވާހަކައެއް ފަށައިގެން މޫޑު ބަދަލުކުރެ އެވެ.
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. ފިހާރައިގައި އުޅެފައި ކުއްލިގޮތަކަށް ގެއަށް އަންނަން ޖެހިގެން އަބީރު ގެއަށް އައެވެ. ގެހުރީ ތަޅުލާފައި ކަމުން ތަޅަށް ތަޅުދަނޑި ޖަހައި ހުޅުވައިލި އެވެ. ގޭތެރޭގައި ރަސްކަން ކުރަމުން ދަނީ ފަޅުކަމެވެ. ދުވާލުގެ ގިނަވަގުތު އެ ގެ އޮންނާނީ ފަޅަށެވެ. މިފަދަ ގޮތަކަށް ގޭތެރެ އޮއްވާ ގެއަށް ވަދެވޭ ކޮންމެ ފަހަރަކު އަބީރުގެ ހިތް ރޮއްވާލަ އެވެ. ދެލޯ ފެންކަޅިވެ އެވެ. އަންހެނުންގެ ހަނދާން ތަކުންނެވެ. އެހެންވެ މި ގަޑީ ގެއަށް ނާންނަންވެސް އަބީރު އުޅެއެވެ. އެހެނަސް މިއަދު މުހިންމު ކަމެއް ޖެހިގެން އަންނަން މަޖުބޫރުވީ އެވެ. 

ގެއަށް ވަނުމަށްފަހު ކޮޓަރިއަށް ދިޔުމަށްޓަކައި އަބީރު ހިނގައިގަތެވެ. އެޅުނީ ދެތިން ފިޔަވަޅެވެ. ކުއްލިއަކަށް ހުއްޓުން އަރައިފި އެވެ. ތަޅުންގަނޑުގައި ދެފައި ތަތްވި ކަހަލަ އެވެ. ފައިކައިރީގައި އޮތް ކަރުދާސްގަނޑެއް ފެނިފަ އެވެ. ހިތަށް އެރި އެވެ. މި ކަރުދާސްގަނޑު މިގެއަށް އަނެއްކާ މި ގެނައީ ކާކުބާވަ އެވެ؟ މިއީ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ އެއްޗެކެވެ. 

ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ގުދުވެ ކަރުދާސްގަނޑު ނެގި އެވެ. ނިއުޅައިލި އެވެ. މިއީ އެކަރުދާސްގަނޑެއް ނޫނެވެ. އެކަމަކު އެއް ލިޔުމެކެވެ. އެއް ކުލައެކެވެ. ތަފާތީ އިބާރާތެވެ. އަބީރަށް އެ ލިޔުންކޮޅު ކިޔައިލެވުނެވެ. ތިން ހަތަރު ފަހަރު ތަކުރާރު ކޮށްލެވުނެވެ. އިބާރާތަކަށް ބަދަލެއް ނައެވެ. އޭގައި އެއޮތީ އިންޒާރެކެވެ. މީގެ ހަމަހެއްހާ ދުވަސްކުރިން އޭނާގެ އަންހެނުންނަށް އައި ކަހަލަ މަރުގެ އިންޒާރެކެވެ. އެކަމަކު މިފަހަރު އެއިންޒާރު އަމާޒުކުރެވިފައިވަނީ އޭނާއަށެވެ. އަބީރަށެވެ.

އޮފީސް ނިންމާލާފައި ޝިނާނަށް ގެއަށް އާދެވުނުއިރު ތިނެއް ޖަހައިފި އެވެ. ދޮރާށި ތަޅުނުލާ ހުރުމުން ޝިނާނަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ހިތަށް އެރި އެވެ. އަނެއްކާ މިއަދު އަވަސް އަރުވާލާފައި ތަޅުނުލާ ދެވުނީބާވަ އެވެ. ލިބުނު ހައިރާންކަމާއި ހާސްކަމަށް ހަމަޖެހުމެއް ގެނެސްދިނީ ފާރުކައިރީގައި ޕާކުކޮށްފައި ހުރި އަބީރުގެ ސައިކަލެވެ. ހިތަށް އެރި އެވެ. ބައްޕަ މިއަދު ގެއަށް އައިސް އެއުޅެނީ ހާދަ ނުގަޑިއެއްގަ އެވެ. އެހެންޏާ މިއީ މިއިން ދުވަހަކުވެސް ބައްޕަ ގެއަށް އައި ގަޑިއެއް ނޫނެވެ. 

މިކަހަލަ ޚިޔާލުތަކެއްގައި ހުރެ ޝިނާން ގެއަށް ވަނެވެ. ގޭތެރޭގައި ވަނީ ފަޅުކަމެވެ. ބައްޕަގެ ކޮޓަރިން ފަންކާ އެނބުރޭ އަޑު އިވެއެވެ. ދޮރު ލައްޕާފައި ހުރި ނަމަވެސް ބައްޕަ އުޅޭކަން ޔަގީނެވެ. 

ޝިނާން ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފަ އެވެ. އޮފީސް ނިންމާފައި ގެއަށް އަންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި މަންމަގެ ހަނދާންތައް އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. މަންމަ ދުނިޔޭގައި ހުރިނަމަ އޮފީސް ނިންމާފައި އައިސް މިގޮތަށް ބަނޑުހައިވެގެން ހުންނާކަށް ނުޖެހޭނެ އެވެ. ހުންނާނީ ކާން ހަދާފަ އެވެ. އެކަމަކު މިހާރު މިޖެހެނީ..........
ގޭގައި ގެންގުޅޭނެ ބޭރު މީހަކު ގެންނަން އަބީރު އުޅުނެވެ. ޝިނާނު އެކަމަށް އެއްބަސް ނުވީމާ ދޫކޮށްލީ އެވެ. ގޭތެރެ ސާފުކޮށް ބަލަހައްޓަނީ ޝިމްލާއެވެ. އެހެންކަމުން އެކަމަކަށް އިތުރު މީހަކު ބޭނުމެއް ނުވެއެވެ. ކިތަންމެ އެކަނިވެރިކަން އިހުސާސް ކުރެވުނަސް ގެއަށް ބިދޭސީ އަންހެނަކު ވައްދާކަށް އަދިވެސް ޝިނާނު ބޭނުމެއް ނުވެއެވެ. މައްސަލައަކީ ޝިމްލާ ކައިވެންޏަށް އެއްބަސްނުވާކަމެވެ. އެހެންނޫންނަމަ މިހާރު ވަރަށް ހަމަޖެހިލައިގެން އުޅެވިދާނެ އެވެ. 

މިކަހަލަ ފިކުރުތަކެއްގައި ހުރެ ޝިނާން އެއްޗެހި ބަދަލުކޮށްލައިގެން ވަނީ ފާޚާނާއަށެވެ. ފެންވަރާލާ ހަދާލައިގެން ނިކުމެ ޝިމްލާއަށް ގުޅި އެވެ. އެއްޗެއް ކައިލާން ދާންކަމަށެވެ. ތިން ހަތަރު ފަހަރު ގުޅިފަހުން ޝިމްލާ ފޯނު ނަގައިފި އެވެ. 
"ހާދަ ވަރަކަށް ގުޅައިފީމޭ. ކޮންތާކު ތިއުޅެނީ؟" 
"ފެން ވަރާލައިގެން މި ނިކުތީ. މިހާރު ކައިފީމުތަ؟"
"ތިކަމާ މިގުޅަނީ. މަވެސް މި ނިކުތީ ފެންވަރައިގެން. ތައްޔާރުވެލައިގެން މިދަނީ، އިނގޭ!"
ޝިނާން ފޯނުބައްވާފައި އަވަސް އަވަހަށް ތައްޔާރުވެލައިގެން ނިކުތެވެ. ބައްޕަގެ ކޮޓަރީ އަދިވެސް ހުރީ ފަންކާ ޖަހާފަ އެވެ. ހިތަށް އެރި އެވެ. ބައްޕަ ކޮޓަރީގައި އުޅޭތާ ހާދަ އިރެކެވެ. އަނެއްކާ ބަލިވެ އުޅެނީބާވަ އެވެ. 
ބައްޕަގެ ހާލު ބަލައިނުލައި ގެއިން ނިކުންނާކަށް ޝިނާނަކަށް ފަސޭހައެއް ނުވިއެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު ބައްގެ ކަންކަން ބަލަހައްޓާނޭ އިތުރު މީހަކު ނެތެވެ. ކަމެއް ވިޔަސް އަޅައިލަން ހުރި މީހަކީ އޭނާއެވެ. 
ބައްޕަގެ ކޮޓަރިއާ ދިމާއަށް ޝިނާން ހިނގައިގަތެވެ. ކޮޓަރީ ދޮރު ހުރީ ލައްޕާފަ އެވެ. އޭނާ ގޮސް މަޑުމަޑުން ޓަކި ޖަހައިލި އެވެ. އިރުކޮޅަކު މަޑުކޮށްލީ ބައްގެ ޚަބަރެއް ވޭތޯ އެވެ. ނުވި އެވެ. ފަހަރެއްގައި ނިދިފައި އޮވެދާނެއެވެ. އެހެންކަމުން ތަންކޮޅެއް ބާރަށް ޖަހާލައިފި އެވެ. ޚަބަރެއް ނުވި އެވެ. ތަޅުގައި ހިފައިލީ ކޮންމެހެން ހުޅުވާކަށް ނޫނެވެ. އެހެނަސް ހަމަ ހިފާލުމާއެކު ހުޅުވިއްޖެ އެވެ. ހުރީ ތަޅުލާފައެއް ނޫނެވެ. 
ކޮޓަރިތެރެއަށް ބަލައިލުމާއެކު ޝިނާނަށް ވީގޮތްވެސް ނޭނގުނެވެ. ފުރަތަމަ މީހާ ހުރިގޮތަށް ހުއްޓުން އަރާގޮތް ވީއެވެ. ފެނުނު މަންޒަރު ގަބޫލު ނުކުރެވުނީ ކަމަށްވެދާނެ އެވެ. އެހެނަސް އެގޮތުގައި ހޭދަވީ ހަމަ ދެތިން ސިކުންތެއްހައި އިރެވެ. "ބައްޕާއޭ" ކިޔައި ހަޅޭއްލަވައިގެންފައި ކޮޓަރިތެރެއަށް ދުއްވައިގެންފި އެވެ. އެދިޔަގޮތަށް ގޮސް އޮޅުލައިގަތީ ކޮޓަރީ ތަޅުންގަނޑު މަތީގައި ލެއިން ތަތްތެޅިފައި އޮތް އޭނާގެ ބައްޕަގެ ފުރާނަ ނެތް މަސްގަނޑުގަ އެވެ. 

ޝިނާނު މޮޔަވި ކަހަލަ އެވެ. ބައްޕަގެ ގައިގައި އޮޅުލަ އޮޅުލާފައި ރޮއި ހަޅޭއްލަވަމުން ގެންދާއިރު، އޭނާ އެ އިނީ ހަމަހެއަކު ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެ އެވެ. ކުއްލިއަކަށް އިވެން ފެށީ ފޯނެއްގެ ރިންގުގެ އަޑެވެ. ފޯނުގެ ރިންގުގެ އަޑާއެކު ޝިނާނުގެ އަޑު ކެނޑުނެވެ. އަބީރުގެ ޖީބުގައި އޮތް ފޯނު ރީންގުވަނީ އެވެ. އިރުކޮޅަކު އިނދެފައި ޝިނާން ފޯނު ނެގި އެވެ. 
"އަބީރު. ކިހާއިރަކުތޯ ފިހާރައަށް ދުރުވަނީ؟ " ފޯނު ކަންފަތުގައި ޖައްސައިލުމާއެކު ޝިނާނަށް އިވުނެވެ. 

ޝިނާނަކަށް އަނގައަކުން ނުބުނެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފި އެވެ. އެކޮޅުން ކިޔާ ނުކިޔާ އެއްޗެއް އޭނާއަކަށް ނޭނގެ އެވެ. ފޯނު ކަންފަތުގައި ޖައްސައިގެން އިނދެ، ބައްޕަގެ ލެއިން ތަތްތެޅިފައިވާ މޫނަށާއި މެރިފައިވާ ދެލޮލަށް ބަލައިލެވުނެވެ. އެއާއެކު އަނެއްކައިވެސް ބަޑި ފަޅައިގެން ހިނގައްޖެ އެވެ. ކިތަންމެ އަވަސް އަވަހަށް ފޯނު ކަނޑައިލެވޭތޯ ޝިނާން މަސައްކަތް ކުރިނަމަވެސް ފޯނު ކޮށްގެން ހުރި މީހާއަށް އޭނާ ރޮއިގަތް އަޑު އިވޭނެ އެވެ.

ކޮމެންޓް 0