އަދަދު 4
0

"އެކަމަކުވެސް ހަމަ ހިތް ބިރުގަންނަނީ. މީގެ ކުރިން ކޮންމެ ރެއަކުވެސް ފުލުހުންގެ ދެމީހުން ގޭގައި ތިބެއެއްނު. އެހެންވީމާ އެ ރޭތަކާ މިރެއާ ތަފާތުވާނެތާ." ޝިނާނަށް ވިސްނެމުންދިޔައީ ކަމުގައި އޮތް އެންމެ ގޯސް ގޮތަށެވެ. 
"ތިކަންވެސް އެނގޭ! އެކަމަކު ފުލުހުން މި ގޭގައި ތިބޭކަން އެނގޭ އެއްވެސް މީހަކު ނޫޅޭނެ. އެއީ މުޅިން ސިއްރުން ހިނގައިދިޔަ ކަމެއް. އެގޮތަށް ބަލާއިރު އެ ރޭތަކެކޭ މިރެއެކޭ އެއްވެސް ތަފާތެއް ނެތެއްނު. އިރާދަކުރެއްވިއްޔާ އެއްވެސްކަމެއް ދެރަގޮތަކަށް މެދުވެރިއެއް ނުވާނެ." 
ޝިމްލާ އެތައް ގޮތަކަށް ވާހަކަދައްކައިގެންވެސް ޝިނާނުގެ ހިތަކަށް ހަމަޖެހުމެއް ފިނިކަމެއް ނުލިބުނެވެ. އެންމެފަހުން އޭނާ ޝިމްލާގެ ކިބައިން އެދުނީ އެގެއަށް ނިދަން އައިސްދިނުމަށެވެ. 
"ކިހިނެއް ނިދަން އަންނާނީ؟ ދައްތަމެން ގަބޫލެއް ނުވާނެއެއްނު." ޝިމްލާވެސް ބޭނުންވަނީ ޝިނާނުގާތު މިރޭ އޮންނާށެވެ. އެހެންނަމަވެސް އެހެން އެކަން ވާކަށް ނޯންނާނެ އެވެ.
"އެހެންވީރު ހިނގާ މެރީކުރަން." ޝިނާނު ހުރީ ހަދާނޭގޮތް ހުސްވެ، ކޮޅުމަގަށް އަރާފަ އެވެ. 
"ދެން އޮތީ ތިޔަގޮތް. އެކަމަކު އެއީވެސް ވަގުތުން ވަގުތަށް ނިންމޭނެކަމެއް ނޫންތާ. މާދަމާ ފޯމުލާނީ، ދޯ!"
"ދެން މިރޭ؟ މިރޭ އަހަރެން އެކަނިތަ ހަމަ އޮންނަންވީ؟"
ޝިނާން އާދޭސްކުރިވަރުން ޝިމްލާ ގަސްދުކުރީ ދައްތަގާތު އެހުމަށެވެ. ދައްތަ ގަބޫލުނަމަ އަންނާނޭކަމަށް އޭނާ އެއްބަސްވިއެވެ. މިހިސާބުންވެސް ޝިނާނުގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. ދައްތަ ގަބޫލުވާނޭކަމެއް އަދި ނުވާނޭކަމެއްވެސް ނޭނގޭތީއެވެ. 
"ޝިނާން! ދައްތަ އޯކޭ، އިނގޭ." އިޝާނަމާދުން ފައިބައިގެން ފިހާރައަށް ދިޔަމަގުމަތީގައި ޝިމްލާ ގުޅާފައި ބުންޏެވެ. އެއަޑު އިވުމާއެކު ޝިނާނަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. ހިތަށް ވެރިވީ ވަރަށް ބޮޑު ހަމަޖެހުމެކެވެ. އެކަމަކު ހަމަ އެވަގުތުވެސް ހިތަށް އެރި އެވެ. ކަމެއް ދިމާވެއްޖެނަމަ ޝިމްލާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ގާތިލު އަތުވެއްޖެނަމަ އޭނާ ސަލާމަތް ކުރުމަށް ޝިމްލާއަށް އެޅޭނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ އެކަމަކުވެސް އެކަނިމާ އެކަނި ހުރުމަށްވުރެ، ދޮޅު އަހަރު ނުފުރޭ ކުޑަކުއްޖަކު ކައިރީގައި އޮތަސް ހިތަށް ލިބޭ ހަމަޖެހުން ބޮޑުވެއެވެ. ޝިނާނަށްވެސް އެވަނީ އެކަހަލަ ގޮތެކެވެ. 
ރޭގަނޑުގެ ފުރަ މެންދަމުގެ ވަގުތެވެ. ގޭތެރެއަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. ދެ ކޮޓަރީގައި އެނބުރި އެނބުރި ހުރި ދެ ފަންކާއިން އިވޭ ވައިކެފުމުގެ އަޑު ފިޔަވާ އިވޭ އެއްވެސް އަޑެއް ނެތެވެ. އެއްކޮޓަރީގައި ވަނީ ޝިނާނެވެ. އަނެއްކޮޓަރީގައި ޝިމްލާއެވެ. 
ޝިނާނަށް އޮތީ ނިދިފަ އެވެ. އެތައް އިރަކު ނުނިދި އޮތުމަށްފަހު އޭނާއަށް ލޮލުފިޔަ ޖެހުނީ އެކެއްވެސް ޖެހިފަހުންނެވެ. ނިދި އައިސް އޭނާގެ ސިކުނޑީގެ މައްޗަށް ވެރިވެގަނެ މުޅި ހަށިގަނޑަށް އޭގެ ބާރު ފޯރުވިއެއްކަމަކު އެ ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސްކަމާއި ކެކުޅުމަކަށް ލުޔެއް ނުލިބެ އެވެ. ވޭނީ ރިހުމަކަށް ހަމަޖެހުމެއް ނާދެ އެވެ. 
ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ކެނޑިއްޖެއެވެ. ކަނު އަނދިރިކަން ވެރިވެއްޖެ އެވެ. ވީ ކީއްކަމެއް ނޭނގެއެވެ. ކަރަންޓު ކެނޑުނުތާ މާގިނައިރެއް ނުވިއެވެ. މީހެއްގެ ފިޔަވަޅުގެ އަޑު ގޭތެރެއިން އިވެންފަށައިފި އެވެ. މާތްކަލާކޯ އެވެ. ލިބުނު ދަނޑިވަޅު ބަލާފައި ގާތިލު މަސައްކަތް ފެށީބާވަ އެވެ؟ އާއެކެވެ. ފިޔަވަޅުގެ އަޑު ކައިރިވަމުން އަންނަނީ ޝިނާނު އޮތް ކޮޓަރިއާ ދިމާއަށެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭނގުނު ނަމަވެސް އެ ފިޔަވަޅުގެ އަޑުގައި ނުރައްކާތެރިކަމާއި އަނިޔާވެރިކަން އެކުލެވިފައިވާ ކަހަލަ އެވެ. 
މިހާރު އެއަޑު އައިސް އެ މަޑުކޮށްލީ، ޝިނާނުގެ ކޮޓަރީ ދޮރާ ހަމައަށެވެ. ތަޅު ހުޅުވައިފި އެވެ. ދޮރުވެސް ހުޅުވައިފި އެވެ. ވަދެއްޖެ އެވެ. އެހެނަސް މަރު ނިދީގައި އޮތް ޝިނާނަށް މިއިން އެއްކަމެއްވެސް ނޭނގެ އެވެ. 
ކުއްލިއަކަށް އަޑުފަށްގަނޑެއް އިވިއްޖެ އެވެ. ގާތިލު ވެއްޓުނީކަންނޭނގެ އެވެ. އެއްޗެއްގައި އަޅައިގަތީކަމަށް ވެދާނެ އެވެ. ކޮންމެއަކަސް މި އަޑުފަށްގަނޑާއެކު ޝިނާނަށް ސިހިފައި ހޭލެވިއްޖެ އެވެ. މުޅި ތަނަށް ވެރިވެފައިވާ ކަނު އަނދިރިކަމުގެ ސަބަބުން ސިނާނަށް ލިބުނު ސިހުމާއި ބިރުވެރިކަން ވަކިން އިތުރުވިއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. 
"ކާކު؟ ކާކުހޭ؟" ޝިނާނަށް އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ. މީހަކު އުޅޭހެން ހީވެގެންނެވެ. އެހެނަސް ޖަވާބެއް ނައެވެ. 
މިހާރު ޝިނާނަށް ވެފައި އެވަނީ ކަނޑުވީމާ ވާކަހަލަ ގޮތެކެވެ. ބިރު ކެނޑިއްޖެ އެވެ. ސަލާމަތަށް މަސައްކަތް ފަށައިފި އެވެ. އެއްވެސް އެއްޗެއް ނުބުނެ ވަރަށް ސިއްރުން، މަޑުމަޑުން އެނދުން ފައިބައިފި އެވެ. ކަނުބަނދެފައި ދޫކޮށްލާފައި ހުރި މީހެއް ފަދައިން ކުރިއަށް ހިނގައިގެންފި އެވެ. އޭނާގެ މަގުސަދަކީ ކޮބައިކަމެއް ނޭނގެއެވެ. ގާތިލަށް ސިއްރުން ކޮޓަރިން ނިކުމެގެން ފިލުން ކަމަށް ވެސް ވެދާނެއެވެ. 
ކުއްލިއަކަށް އަޑުފަށްގަނޑެއް އިވިއްޖެ އެވެ. އެއާއެކު އިވުނީ ޝިނާނު ހަޅޭއްލަވައިގަތް އަޑެވެ. އެއަޑުގެ ތެރެއިން އެހެން މީހެއްގެ އަޑުވެސް އިވުނުހެން ހީވި އެވެ. އެއާއެކު ދެން އިވުނީ އެއްޗެއް ވެއްޓި ޖެހުނު އަޑެވެ. ވީ ނުވީއެއް ނޭނގެއެވެ. ޝިނާނުގެ ދުވަސް ދިޔައީ ކަންނޭނގެ އެވެ. 
ގިނައިރުތަކެއް ނުވި އެވެ. އަނެއްކައިވެސް އިވެންފެށީ ފިޔަވަޅެއްގެ އަޑެވެ. ކޮޓަރިން ނިކުމެއްޖެ އެވެ. ގާތިލު ބަޗަނީ ކަންނޭނގެ އެވެ. ޝިނާނުގެ ހަޔާތް ޚަތިމްކޮށްލުމަށްފަހު ސަލާމަތްވަނީ އެވެ. ޝިމްލާ ކޮބައިބާވައެވެ؟ މި ހުރިހާ ކަމެއް ގޭތެރޭގައި ހިނގާދިޔައިރު އޭނާ އެއޮތީ ހަމަ ގަދަ ނިދީގައި ބާވައެވެ؟ 
ކުއްލިއަކަށް މުޅި ގޭތެރެއަށް އަލިވެގެން ހިނގައްޖެއެވެ. ހޮޅިބުރިތައް ދިއްލިއްޖެ އެވެ. ފެނުނީ ޝިނާނެވެ. އޭނާ ހުރީ ކޮޓަރިން ބޭރުގަ އެވެ. ދާހިއްލާ ފޯވެފަ އެވެ. ހަތަރެސްފަޔާއެކު މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ.ގެއިން ކަރަންޓު ކަނޑާލާފައި ހުރުމުން ޝިނާން ގޮސް ކަރަންޓް ދިނީކަންނޭނގެ އެވެ.
ގޭތެރެއަށް އަލިވެގެން ދިޔުމާއެކު ފުރަތަމަވެސް ޝިނާނަށް ބަލައިލެވުނީ ކޮޓަރިއަށެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ތަޅުންގަނޑުމަތީގައި އޮތް ވަޅިއެކެވެ. ވެއްޓިފައި އޮތް މީހެއްގެ އަތެވެ. ޝިނާންގެ ވަރުގަދަ ހަމަލާއެއްގައި ގާތިލުގެ ދުވަސް ދުއްވައިލީ ކަންނޭނެގެ އެވެ. 
ކަޅި ޖަހައިނުލައި އެދިމާއަށް ބަލަން ޝިނާނަށް ހުރެވުނެވެ. އޭރުވެސް އޭނާގެ ހަތަރެސްފައިގެ ރޫރޫ އެޅުމަކަށް ނިމުމެއް ނާދެއެވެ. މޭގެ ތެޅުމަކަށް ބަދަލެއް ނާދެ އެވެ. މީހާ ހުރީ މައިނޭވާ ލެވިލެވި އެވެ. އެހެން ހުއްޓާ ކުއްލިއަކަށް ޝިނާންގެ ލޮލުގައި އަޅައިގަތީ ތަށިމުށި މަތީގައި ހަރަކާތް ހުސްވެފައި އޮތް އަތަށް ކުއްލި ޙަރަކާތެއް އައިތަނެވެ. ޝިނާނަށް ވީގޮތެއްވެސް ނޭނގުނެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގި ހުރެފައި ގޮސް ކުއްލިއަކަށް ކޮޓަރީ ދޮރު ލެއްޕުނީ އެވެ. އެއަށްފަހު އެތެރޭ ހުރި މީހާއަށް ނުހުޅުވޭގޮތަށް ބާރަށް ހިފަހައްޓައިފި އެވެ. 
ލިބުނު ސިހުމާއި ހާސްކަމުގެ ސަބަބުން ގެއިން ނިކުތުމުގެ ޚިޔާލެއް، ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި އޮތް ޝިމްލާއަށް ގޮވުމުގެ ޚިޔާލެއްވެސް ނަޔެވެ. އެއީ ބައެއްފަހަރު މާބޮޑަށް ހާސްވެ ބިރުގަތުމުން ވާގޮތެކެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭނގެނީ އެވެ. ދެން ކުރެވޭނީ ކުރަން އޮންނަ އެންމެ ކޮސް ކަންތަކެވެ. ޝިނާނަށް މިފަދަ ގޮތެއް ނުވިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ. 
މިފަހަރު ކަންތައްވީ އެހެނެއް ނޫނެވެ. ބިރުން ފިތްކެނޑޭ ހާލުގައި ހުރިނަމަވެސް، ރަނގަޅު ޚިޔާލެއް އޭނާގެ ސިކުނޑިއަށް ވެރިވެއްޖެ އެވެ. ފުލުހުންނަށް ގުޅުމުގެ ފިކުރު ސިކުނޑީގައި ކޮށައިލުމާއެކު އަވަސް އަވަހަށް އެކަމަށް އެނބުރުނެވެ. 
ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުހެދި އެވެ. ފުލުހުން ދީފައިހުރި ނަންބަރުތަކުން ނަންބަރަކަށް ގުޅައިފި އެވެ. އެއް އަތުން ތަޅުގައި ހިފަހައްޓައިގެން ހުރެ، އަނެއް އަތުންނެވެ. ގޭގައި ގާތިލު ހުރި ކަމުގެ ޚަބަރު ދިނުމަށްފަހު ޖީބަށް ފޯނު ލެވޭވަރެއް ނުވި އެވެ. އެތެރެއިން ދޮރު ހުޅުވަން ހިފާލައިފި އެވެ. ޝިނާނަށް އެވަރު ނުވިސްނާ ހުރެވުމުގެ ސަބަބުން ކަންނޭނގެއެވެ. ކުޑަކޮށް ދޮރު ހުޅުވިއްޖެއެވެ. ހަމައެއާއެކު އެދޭރެއިން ވަޅިވެސް ދިއްކޮށްފި އެވެ. ޝިނާނު އަވަސް އަވަހަށް ދެއަތުން ތަޅުގައި ހިފިއެވެ. އެވަގުތު އިވުނީ ތަޅުންގަނޑުމައްޗަށް ފޯނު ވެޓުނު އަޑެވެ. އެކަމަށް ސަމާލުކަމެއް ދިނުމެއް ނެތި، ޝިނާނު މަސައްކަތްކުރީ ދޮރުފަތް ލެއްޕޭތޯ އެވެ. އެހެނަސް އެކަމެއް ނުވި އެވެ. ދޮރާ ދޮރުފަތާދެމެދުގައި ވަޅި ހުރީ ތާށިވެފައެވެ. ތިލަ ހުރީ ބޭރަށް ނިކުމެފަ އެވެ. ޝިނާން އެއަށް ބަލައިލި އެވެ. ދިހަވަރަކަށް އިންޗީހުންނަ ވަރުގެ ކަޅުކުލައިގެ އެ ތިލައިން މިހާރުވެސް އޭނާގެ މަންނައާއި ބައްޕަގެ ލޭ އޮހޭ ކަހަލަ އެވެ. 
އިރުކޮޅަކު ވަޅިއަށް ބަލަން ޝިނާން ހުރެފައި ކުއްލިއަކަށް ދޮރުފަތަށް ކުޑަ ދުލެއް ދީފި އެވެ. އެއާއެކު ތަޅުންގަނޑު މައްޗަށް ވަޅި ވެއްޓިއްޖެ އެވެ. ޝިނާން ހުރީ ވަރަށް ހުޝިޔާރު ވެގެންނެވެ. ވަގުތުން ގުދުވެ ވަޅި ނަގައިފި އެވެ. އެއީ އޭނާ ހަދަން ބޭނުންވި ގޮތެވެ. އޭނާގެ މަންމައާއި ބައްޕަގެ ހަށިގަނޑު ކޮށައި ކުދި ކުދި ކޮށްލި ވަޅި މިހާރު އެ އޮތީ އޭނާގެ އަތުގަ އެވެ. އެހެނަސް އެކަމާގުޅިގެން ދެން ކަންތައް ހިނގީ ގޯހުން ގޯހަށެވެ. ލިބުނު ފުރުސަތުގައި ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ގާތިލު ނިކުމެއްޖެ އެވެ. 
ޝިނާން ސިހުނެވެ. އޭނާގެ ކުރިމަތީގައި އެހުރީ މުޅި ހަށިގަނޑު އެކީއެކައްޗަކަށް ނިވާވާވަރުގެ ބޮޑު ކަޅުކުލައިގެ ކޯޓެއް ލައިގެން ހުރި މީހެކެވެ. މޫނުވެސް ވަނީ ނިވާކޮށްފަ އެވެ. ކަޅު ފޮތިގަނޑަކުންނެވެ. އެއީ ޝިނާނުގެ މަންމައާއި ބައްޕަގެ ގާތިލެވެ. 
އޭނާ މަސައްކަތްކުރީ ދުއްވައިގަންނާށެވެ. ގެއިން ނިކުމެގެން ފިލައި ރައްކާވާށެވެ. އެހެނަސް އޭނާއަކަށް އެފުރުޞަތެއް ޝިނާން ނުދިނެވެ. ވަގުތުން އޭނާއާ ދިމާއަށް ފުންމައިގެންފި އެވެ. މެދުހަށީގައި ބައްދައިފި އެވެ. ބެއްދުނުހާ ބާރަކަށެވެ. އެއާއެކު ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެ އެވެ. 
ވެއްޓި ޖެހުނު ގޮތަކުން ޝިނާނަށް ތަދުވި އެވެ. އެހެންނަމަވެސް އެކަމަކަށް އޭނާ ނުވިސްނަ އެވެ. ސަމާލުކަމެއް ނުދެއެވެ. ނޭވާއެއް ލާނެ ފުރުޞަތުވެސް ދިނުމެއް ނެތި އޭނާ އަވަސްވެގަތީ އެ އަނިޔާވެރި ގާތިލަކީ ކާކުތޯ ބެލުމަށެވެ. އޭނާ މަސައްކަތް ކުރީ ގާތިލުގެ މޫނު ނިވާކޮށްފައިވާ ފޮތިގަނޑު ދަމައިގަންނާށެވެ. ގާތިލު މަސައްކަތް ކުރަމުން ގެންދިޔައީ ޝިނާނަށް އެކަން ކާމިޔާބުވިޔަ ނުދިނުމަށެވެ.

ކޮމެންޓް 0