އަދަދު 3
1

އަބީރުގެ މަރުގެ ޚަބަރު އިސާހިތަކު މުޅި މާލެއަށް ޢާންމުވެއްޖެ އެވެ. ކަމާބެހޭ ފަރާތް ތަކުން މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ވަގުތުން ފެށި އެވެ. އެހެނަސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ތުހުމަތު ކުރެވޭ މީހަކު ނެތް ތާނގައި، ހެއްކަކަށް ގަރީނާއަކަށް ފުދޭނެ އެއްޗެއް ވެސް ނެތެވެ. އެނގޭ ކަމަކީ އަބީރު އޮތީ ތޫނު އެއްޗަކުން ހަމަލާދީ މަރައިލާފައި ކަމެވެ. އެ ކޮޓަރިން ފެނުނު ލިޔުމުން އެނގުނީ އެ ދެމަފިރިންގެ ގާތިލަކީ އެކަކު ކަމެވެ. 
ލިބުނު ފުން ހިތާމައިގައި ޝިނާންގެ ސިކުނޑި ހަމައިން ނެއްޓުނެވެ. ބާރަ ވަރަކަށް ގަޑިއިރު ހޭނާރާ އޮވެފައި ހޭއެރިއިރު އޭނާކިޔަނީ ހަމަނުޖެހޭ އެއްޗިއްސެވެ. ޝިނާނަށް ވީގޮތް ފެނިފައި އެންމެ ބޮޑު އަސަރެއް ކުރީ ޝިމްލާއަށެވެ. އެފަކީރުގެ ދެލޯ ވަނީ ދުޅަވެފަ އެވެ. ފާރުވެފަ އެވެ. ޝިނާންގެ ސިކުނޑި ހަމައަކަށް އެޅުނީ ޢަބީރު ނިޔާވިތާ ފަސް ހަ ދުވަސް ފަހުންނެވެ. ޑޮކްޓަރުގެ ފަރުވާއާއެކުގަ އެވެ. ޝިމްލާގެ ލޯތްބާއި އަޅާލުމުގެ ސަބަބުންނެވެ. މި ހުރިހާ ކަމަކަށްވުރެ ބޮޑީ ﷲގެ ރަޙުމަތްފުޅެވެ. 

މިއަދު ޝިނާނަކީ ދިރިހުޢްޓަސް ރޫހު މަރުވެފައިހުރި މީހެކެވެ. ޝިމްލާފަދަ ބައިވެރިޔަކު ނުލިބުނު ނަމަ، މިއަދު އޭނާގެ މަންޒިލަކަށްވާނީ ކަށްވަޅެވެ. ނޫނީ މޮޔައިންގެ މަރުކަޒެކެވެ. އެހެނަސް އެފަދަ ދުވަހެއް ނުދައްކަވާ އޭނާ ސަލާމަތް ވެއްޖެ އެވެ. އެކަމުގެ މައްޗަށް ޝިމްލާ ކޮޅު ނެތްކޮޅަށް ޝުކުރުވެރިވި އެވެ. އުފާކުރި އެވެ. އޭނާ އަބަދުވެސް އެދެނީ ޝިނާނަށް ހެޔޮ ގޮތް މެދުވެރި ވުމަށެވެ. އުފާވެރި ދުވަސްތައް ދެއްކެވުމަށެވެ. 

ދުނިޔޭގެ އުސޫލުން ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ޝިނާނު ހަމައަކަށް އެޅިއްޖެ އެވެ. މުޅިން ހުރިހާ ކަމެއް ހަމައަށް ނޭޅުނު ނަމަވެސް އާދައިގެ ހާލަތަކަށް އަތުވެއްޖެ އެވެ. އޮފީހަށް ނިކުންނަން ފަށައިފި އެވެ. ފިހާރައިގެ ކަންކަމުގައިވެސް ވީވަރަކުން ހަރަކާތްތެރިވާން ފަށައިފި އެވެ. ބައްޕަ ދުނިޔޭގައި ވިޔަފާރީގެ ކަންކަމުގައި ޙަރަކާތްތެރި ނުވި ނަމަވެސް މިއަދު އޭނާއަށް ވަނީ އެކަމުގައި އުޅެން މަޖުބޫރުވެފަ އެވެ. 

ޝިނާނުގެ މިހާރުގެ ހުރިހާވެސް މީހަކީ ޝިމްލާ އެވެ. ޝިނާނުގެ ހުރިހާ ކަމެއް ކުރިއަށްވުރެ ވެސް ރަނގަޅަށް ޝިމްލާ ގެންދަނީ ބަލަހައްޓަމުންނެވެ. އެއްޗެހި ދޮވުމެވެ. އިސްތިރިކޮށްދިނުމެވެ. ބައެއް ޙާލަތްތަކުގައި ގޭގައި މީރު އެއްޗެހި ކައްކާ ޝިނާނަށް ކާންވެސް ދެއެވެ. އެހެންކަމުން ދެވަނަ ފަހަރަށް ޝިމްލާގެ ކައިވެންޏަށް ޝިނާނު އެދުނެވެ. މިގޮތަށް ދެމީހުން އެކަނި ވަގުތުތައް ހޭދަކުރުން ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ގަބޫލުކުރެވޭތީއާ ވެސް އެކުގަ އެވެ. 
ޝިނާނު ހީކުރީ މިފަހަރުވެސް ޝިމްލާ ދޭނީ ކުރީފަހަރުވެސް ދިންފަދަ ޖަވާބެއް ކަމަށެވެ. އެހެންނަމަވެސް މިފަހަރު ވީ އެހެންނެއް ނޫނެވެ. ހީވީ ޝިނާން ނާހައިގެން ހުރިހެންނެވެ. ވަރަށް ފަސޭހައިން އެއްބަސް ވެއްޖެ އެވެ. މިހާރު ޝިމްލާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޝިނާނާ ކައިވެނި ކުރާށެވެ. ޝިނާނުގެ މީހަކަށް ހުރިހާ ގޮތަކުންވެސް ވާށެވެ. ޝިނާނުގެ އެކަނިވެރިކަމާއި، އަންބެއްގެ ބޭނުން އޭނާއަށް ޖެހިފައިވާ މިންވަރު ވިސްނެނީ ކަމަށް ވެދާނެ އެވެ. 
ޝިނާނާއި ޝިމްލާ ތައްޔާރުވަމުން ދިޔައީ ކައިވެންޏަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން ދުރާލާ ރާވައިގެން، އިތުރު މީހަކަށް ނުޖައްސާ، އަމިއްލައަށް ކުރަމުން ގެންދިޔަ އެވެ. ދުވާލަކު ކަމެކެވެ. ދެކަމެވެ. މިފަދަ ކަންކަމުގައި އުޅޭއިރު މަންމައާއި ބައްޕަ މަތިން ޝިނާނު ވަރަށް ބޮޑަށް ހަނދާންވެއެވެ. ދުނިޔޭގައި ތިބިނަމަ ކޮންފަދަހޭ ހިތަށް އަރައެވެ. މަންމައާއި ބައްޕަގެ ގާތިލު އެނގޭނެ ނަމައޭ ހިތަށް އަރައެވެ. މިހާ ދުވަސްވީ އިރު ފުލުހުންނަށް ވެސް އޭނާ ނުހޯދުނުކަން އެއީ އަޖައިބެކެވެ.

ކައިވެނީގެ ތާރީޚު ކަނޑައެޅިއްޖެ އެވެ. ޝިނާނު މިހާރު އޮފީހުން ޗުއްޓީވެސް ނަގައިފި އެވެ. އޭނާ ގަސްދުކޮށްފައި ވަނީ ކައިވެންޏަށްފަހު، ޝިމްލާގެ ރަށަށް ގޮސްލުމަށެވެ. ކުޑަ ދުވަސްކޮޅަކު އެރަށުގައި މަޑުކޮށްލާފައި އެނބުރި އައިސް މަސައްކަތުގައި މަސްޣޫލުވާށެވެ. ޝިމްލާވެސް ބޭނުންވާ ގޮތަކީއެއީ އެވެ. މިހާރު ޝިމްލާގެ އާއިލާގެ މެންބަރުނަށްވެސް ވަނީ މާލެއައުމަށް އަންގާފައެވެ. ކައިވެންޏަށެވެ. އެބައި ހަމަޖެއްސީ ޝިމްލާއެވެ. 

ޝިނާނަށް ކުއްލި ސިހުމެއް ލިބުނީ ޖީބުގައި އޮތް މޮބައިލް ފޯނު ރީންގުވާން ފެށުމުންނެވެ. އޭނާގެ މަރުގެ އިންޒާރުގެ ނޯޓު އޭރުވެސް އޭނާގެ އަތުގައި އޮތެވެ. އެނޯޓުގައި އޮތް ކޮންމެ އަކުރެއް މިހާރު އޭނާއަށް ފެންނަމުންދަނީ ބޮޑުވަމުން ދާތަނެވެ. އެއިން ކޮންމެ އަކުރެއް، ކޮންމެ ލަފުޒެއް ބޮޑެތި ފަރުބަދަތަކަށް ވުރެވެސް ބޮޑުވެއްޖެ ކަމުގައި އޭނާއަށް އިޙުސާސް ކުރެވެން ފަށައިފި އެވެ. އެފަރުބަދަތައް އޭނާ ވަށާލައިފި އެވެ. ހަފަރާތުން ފިއްތާލައިފި އެވެ. ނޭވާލާން ދަތިވެއްޖެ އެވެ. ހާސްވެ ދެލޯ ބޮޑުވެއްޖެ އެވެ. 

"ޝިނާން! ކިހިނެއް ތިވަނީ؟ ކޮން އިރަކުން އަންނަނީ؟" ޝިނާނަށް ހަމަހޭވެރިކަން ލިބުނީ ޝިމްލާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. 
"ޝިމްލާ! އަހަރެން.......... އަހަރެން.........." ޝިނާނަކަށް ނުބުނެވުނެވެ. ހިތް ތެޅެނީ އެވެ. ދާ ހިތްލަނީ އެވެ. ބިރުގަންނަނީ އެވެ. އެހެނަސް އެވަރުންވެސް ޝިމްލާއަށް ދެނެގަނެވިއްޖެ ކަންނޭނގެ އެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ވިސްނިއްޖެ ކަންނޭނގެ އެވެ. އޭނާ ވަގުތުން ރެސްޓޯރަންޓުން ނިކުމެގެން ޝިނާންމެން ގެއާ ދިމާއަށް މިސްރާބު ޖަހައިފި އެވެ. 
ފުލުހުންނަށް ޚަބަރު ދެވިއްޖެ އެވެ. ފުލުހުން ވަރަށް ބޮޑަށް މުޅި އެސަރަޙައްދު ގާޑުކޮށްފި އެވެ. މިއީ އާދައިގެ ކަމެއް ނޫންކަން މިހާރު ފުލުހުންނަށް ވެސް ވަނީ ގަބޫލުކުރަން މަޖުބޫރުވެފަ އެވެ. އެހެންކަމުން ވަރަށް ސީރިޔަސް ކަމެއްގެ ގޮތުގައި އެމީހުން އެކަން ބަލަހައްޓަންފެށި އެވެ. 

ރެއަށް އިރު އޮއްސިއްޖެ އެވެ. ސިނާނުގެ ހިތް ތެޅެނީ އެވެ. ޝިމްލާގެ ދެލޮލަކުން ކަރުނައެއް ނުހިކެ އެވެ. އެހެނަސް ފުލުހުން އެމީހުންގެ ވާޖިބު ފުރިހަމައަށް އަދާކުރަމުން ގެންދާތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެ އެވެ. 

އެރޭ ނިމިގެން ދިޔައީ އެއްވެސް ކަހަލަ ނުރައްކަލެއް ނެތި އެވެ. އަމާންކަމާއެކުގަ އެވެ. އެހެނަސް ފުލުހުންގެ މަސައްކަތަކަށް ބަދަލެއް ނުގެނެ އެވެ. މިގޮތުގައި ފަހަރަކު ދުވަހެއް ފާއިތުވަމުން ގޮސް ދިހަވަރަކަށް ދުވަސް ވޭތިވެ ހިނގައްޖެ އެވެ. ބިރެއް ސިހުމެއް ނެތި އެވެ. ގާތިލުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންކަމުން ފުލުހުންނަށް މަޖުބޫރުވީ އެގޮތް ބަދަލުކޮށްލާށެވެ. ސިއްރިއްޔާތުގައި ފާރަލާންފަށާށެވެ. ފަހަރުގައި ގާތިލަށް އެކަން އެނގޭތީ، ދަނޑިވަލަކަށް ބަލަބަލާ ހުރީކަމަށް ވެދާނެ އެވެ. 

މިހާރު ފުލުހުން އެކަން ބަލަހައްޓަމުން ގެންދަނީ ވަރަށް ސިއްރުވެރި ގޮތެއްގަ އެވެ. އާންމު އެއްވެސް ފަރާތަކަށް ނޭނގޭފަދަ ގޮތަކަށެވެ. ޑިއުޓީ ބަހައިގެން އަބަދުވެސް އެގޭގައި ދެ ފުލުހުން ތިބެއެވެ. އާދައިގެ ހެދުމުގަ އެވެ. ޝިނާނު ދާ ކޮންމެ ތަނަކަށް ފުލުހުން ދެއެވެ. އެކަހަލަ ޝައްކެއް ވާކަހަލަ މީހަކުވެސް ފެނޭތޯ ހަފަރާތުން ބަލައެވެ. ކޮންމެ ރެއަކު ދެ ފުލުހުން އެގޭގައި ނިދައެވެ. މިގޮތުގައި މަހަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ގާތިލުގެ އެއްވެސް ހިލަމެއް ފުލުހުންނަކަށް އަދި އެހެން މީހަކަށްވެސް ނުވިއެވެ. ޝައްކެއްވާކަހަލަ މީހަކާވެސް ދިމައެއް ނުވިއެވެ. 
ޝިނާނު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން މަޑުމަޑުން ދޫކުރަމުން ގޮސް މުޅިން ހުއްޓާލައިފި އެވެ. ގާތިލު އެކަން ހުއްޓާލީކަމަށް ބަލާފައެއް ނޫނެވެ. އެއްވެސް ނަތީޖާއެއް ނެތް ކަމެއްގައި އެތައް ދުވަހެއް ހޭދަކުރުން ފަސޭހަކަމަކަށް ނުވާނެތީ އެވެ. އެހެނަސް ކަމަކީ ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ކުރިމަތި ވެދާނޭ ކަމެކެވެ. އެހެންކަމުން ކިތަންމެ ކުޑަކުޑަގޮތަކަށް ނިޝާނެއް ވެލިޔަސް ފުލުހުންނަށް ރިޕޯޓު ކުރުމަށްޓަކައި ސިއްރު ނަންބަރުތަކެއްވެސް ވަނީ ޝިނާނަށް ދީފައެވެ.

ޝިނާނުގެ ހިތަކުން ބިރުވެރިކަން ފިލައިގެނެއް ނުދެއެވެ. މިރެއަކީ އޭނާގެ ޙަޔާތުގައި ކުރިމަތިވާ ވަރަށް އާދަޔާޚިލާފު ރެއެކެވެ. މަރުގެ އިންޒާރު އޭނާއަށް އައިފަހުން އެކަނިމާ އެކަނި ގޭގައި ނިދަންޖެހުނު ފުރަތަމަ ރެއެވެ. އެހެންކަމުން އިރު އޮއްސުނީއްސުރެ ސިނާނުގެ ހިތުގެ ތެޅުމަކަށް ދުލެއް ނުޖެހެއެވެ. ހަމަ އެއްވާނަކަށް ހުރީ ތެޅިތެޅި އެވެ. 
"އެކަނި ގޭގައި ނިދަން އޮންނަން ހާދަ ބިރުގަނޭ." ރެއަށް އިރު އޮއްސުނުފަހުން ޝިމްލާގާތު ޝިނާނު ބުންޏެވެ. "ހަމަ ހިތަށް އަރަނީ މިރޭ އޭނާ މަށަށް ހަމަލާދޭން އަތުވެދާނޭ."

"ކަންބޮޑުނުވޭ! އިރާދަކުރެއްވިއްޔާ ދެން އެކަން އެދިޔައީ. މިހާރު އެ އިންޒާރު ދިންފަހުން ކިހާ ދުވަހެއް ވެއްޖެ. އޭނާގެ ޚަބަރެއް ނުވެއެއްނު." ޝިމްލާ މަސައްކަތްކުރީ ޝިނާނަށް ވިސްނައިދެވޭތޯ އެވެ.

ކޮމެންޓް 0